ހިޔަނިހެން 9
އިސްލާމީ އަޤީދާއާއި ޤުރުއާނުގައިވާ ގޮތުން، ޖިންނީންނަކީ އަލިފާނުން ހައްދަވާފައިވާ އިންސާނުންގެ ލޮލަށް ނުފެނުނު ނަމަވެސް އިންސާނުން ފަދައިން އެވެރިންނަށް ވެސް ވިސްނުމާ އިހުތިޔާރު ލިބިގެންވާ ބައެކެވެ. އިންސާނުންގެ ފަރާތުން ކުރިމަތިވާ ކިތަންމެ ކުޑަކުޑަ ގޯނާއަކުންވެސް އެވެރިން އިންސިއަކާ އަވަލަވާފާނެއެވެ. އެއީ ދޮގުހަދާ އޮޅުވާލާ މަކަރު ގަދަ ބައެކެވެ.
މިފަދަ އެންމެހާ ކަންތައްތަކަކުން ސަލާމަތްވެ ރައްކާތެރިކަން ހޯދުމަށް ދީނުގައި ދެއްވާފައިވާ އެންމެހާ ނަސޭހަތްތަކާއި އިރުޝާދުތަކުގައި ހިފާ ސާބިތުވުމަށް ހަނދާންކޮށްދެމެވެ.
****
ނުވަ ވަނަ ބައި
“ސޮރީ އޭ ރަހްމަތްތެރިޔާ. މިއައީ މާމަ އާއެކު މިތާ ކައިރީގަ އޮތް ރަށަކަށް ފާތިހާއަކަށް ކައްކައިގެން ގޮސްފަ. މިއަދު އައީ. މަންމަ ބުނީމަ އެނގުނީވެސް މިއާ ބަލިވިކަން. ހަމަ އެނގޭއިރަށް މިއައީނު” ހަސްނާ ބުންޏެވެ.
މިއާ ގަބޫލުކުރިއެވެ. ހަސްނާ ގެ މާމައަކީ އުމުރުން ދުވަސްވެފައި ހުއްޓެއްކަމަކު މޮޅު ކެއްކުންތެރިއެކެވެ. ހަސްނާގެ ގޯތީގަ ހުޅުވާފައި ހުންނަ ސައި ހޮޓަލުގަ ކައްކަނީވެސް މާމަ ރުގިއްޔާ އެވެ.
“ބަލާބަ” އެނދުމަތީގައި އޮތް ފޯނު ހަސްނާ އަށް މިއާ ދައްކާލިއެވެ.
“ވާއު. ސަޅި. ކޮންނަންބަރެއްތަ؟” ހަސްނާ އަހާލިއެވެ.
“ބުނެގެން ކޮން ފައިދާއެއް ވާނީ. ހަސް މަންމަ ކައިރީގަ ބުނެބަލަ ފޯނެއް ހޯދައިދޭށޭ. އޭރުންނެއްނު ދުރުގަ ތިއްބަސް ގުޅާލެވޭނީ” މިއާ ބުންޏެވެ.
ހަސްނާ ހަމައެކަނި ހީލުމަކުން ފުއްދާލިއެވެ. މިއާ އަލުން ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. އިސްތަށިގަނޑު އޮމާންކުރަން ފެށިއެވެ. އެނދުގައި އިށީނދެގެން އިން ހަސްނާ މިއާ ގެ ހަރަކާތްތަކަށް ބަލަން އިނެވެ.
“ވައްލަ އަށް ނުދާނަންތަ؟” ހަސްނާ އަހަލިއެވެ.
މިއާ އަތުން ފުނާ ވެއްޓުނެވެ. އެ ނަން މީހަކު ކިޔާ އަޑު އިވުނަސް އޭނާ ޖެހިލުންވެއެވެ. ވައްލަ އަކީ މިހާރު އޭނާ އަށް ބިރުވެރި ތަނެކެވެ.
“ނުދާނަން. އެއީ ނާމާން ތަނެއް” މިއާ ބުންޏެވެ.
ހަސްނާ އައިސް މިއާ ކައިރީގައި ހުއްޓުނެވެ. މިއާ އަށް ރަނގަޅަށް ބަލައިލިއެވެ.
“ޖިންނިއެއް ހިތާވީތަ؟” ހަސްނާ އަހާލިއެވެ.
މިއާ ދެލޯ ބޮޑުކޮށްގެން ހަސްނާ އަށް ބަލަން ފެށިއެވެ. ހުރިހާ ވާހަކައެއް ހަސްނާ އަށް ކިޔައިދޭހިއްވިއެވެ.
“ޔަގީނޭ ހަންޑި އެއް ދިމާކުރީކަން. ކިޔައިދީބަލަ. މިގޭ މީހުންނަށް އެނގޭތަ؟” ހަސްނާ ޝައުގުވެރިކަން ފާޅުކުރިއެވެ.
“މިއުޅެނީ ވަރަށް ބިރުވެރިކަމަކާ ދިމާވެގެން. މިހާރު ހަފްތާއެއް މިވަނީ. ގެއިން އެއްވެސް ތަނަކަށް ނުދަން. މިއީ ސިއްރެއް އެނގޭ. މިވާހަކަ އެކަކަށްވެސް އަދި ކިޔައެއްނުދެން. ބިރުނުގަންނައްޗޭ” މިއާ ވާހަކަދެއްކީ އެކަނި ހަސްނާ އަށް އިވޭ ވަރަށެވެ.
މިއާ ގެ ވާހަކަތައް އަހާފައި ހަސްނާގެ މޫނުމަތިން ބިރުވެރިކަމެއްވެސް ހައިރާންކަމެއްވެސް ނުފެނެއެވެ.
“ތިއީ މި ރާއްޖޭގަ މަދުން ނަމަވެސް ހިނގާ ކަމެއް” ހަސްނާ ބުންޏެވެ.
“ހަސް އަށް ކިހިނެއް ހީވަނީ؟ އޭތި އަހަރެން މޮޔަކުރާނެތަ؟ ތަވީދު އަޅަންޖެހޭނެތަ؟ އެކަމަކު އެދުވަހުގެ ފަހުން އަހަންނަކަށް އުނދަގުލެއް ނުކުރޭ. ނިޝާނެއްވެސް ނުވޭ. އަހަރެން ހުންނަންޖެހެނީ އަބަދު ބިރުން ފެނިދާނެތީ” މިއާ ވާހަކަދެއްކިއެވެ.
“އަހަންނަށް ފެންނަނީ ތިވާހަކަ އެކަކު ކައިރީގަ ވެސް ނުދައްކަ ހުންނަން. ޖިންނި އަވަލަވާފަ ތިބޭ މީހުން އަހަރެން ދުށިން. މިއާ މޮޔައެއް ނުވެއެއްނު. އެއީ ނުލަފާ ޖިންނިއެއް ނަމަ ހީވޭތަ އެރޭ އޭނާގެ އަތްދަށުން މިއާ އަށް ސަލާމަތްވެވިދާނެހެން. މިއާ އަށް ގެއަށް ސަލާމަތުން ތިއާދެވުނީ އެފުރުސަތު އޭނަ ދިނީމަ. ޖިންނީންގެ ތެރޭގަވެސް ނުބައި ނުލަފާ މާރިދުން އުޅޭ. އެކަމަކު އޭނަ ހިއެއްނުވޭ” ހަސްނާ ވާހަކަދެއްކިއެވެ.
“ތީގެ މާނައަކީ ހަމަ އަސްލަށް ވެސް ޝެހެރޯޒް އަހަރެންދެކެ ލޯބިވެއޭތަ؟ އޭނަ އަހަންނަށް ގެއްލުމެއް ނުދޭނެތަ؟ އާއިލާ އަށް ގެއްލުމެއް ނުދޭނެތަ؟” ހިޔާލީގޮތަކަށް ފާރާ ދިމާލަށް ބަލަން އިނދެ މިއާ ބުންޏެވެ.
“ޖިނިއަކަސް އިންސިއަކަސް ލޯބިވުމުގެ ހައްގު އޮންނަންވާނެ. އަސްލު ޖިންނީން އިންސިންދެކެ ލޯބިވިޔަސް ދުވަހަކުވެސް ކައިވެންޏެއްކޮށްގެން ނޫޅެވޭނެ. އެއީ މިއާ ގެ ދީނުގަ ސައްހަ ވެސް ކަމެއްނޫން. އެކަމަކު… ދެން މިއާ ކިހިނެއްހަދަން ތި ވިސްނަނީ؟ ހަސްނާ ވާހަކަދެއްކިއެވެ.
“ތެދަށް ބުނަންތަ؟ އަހަރެން …. އަހަރެން ވަރަށް ލޯބިވޭ ޝެހެރޯޒްދެކެ. އޭނަ ޖިންނިއެކޭ ބުނީމަ އަހަރެން ވަރަށް ބިރުގަތް. ބިރުގަންނާނެއްނު ޖިންނިދެކެ. އެކަމު އުޅެވުނީވެސް ހާދަ ގާތްކޮށޭ. އޭނަ ބުނި އިނދެގެންނޭ. އިނދެގެން އުޅެންޏާ ކަންކަންވެސް… ނޭނގެ… އަހަރެން ސީދާ ހަނދާނެއްނުވޭ އެކަމު އިހުސާސްވޭ ކޮންމެސްކަމެއް ކުރެވިއްޖޭ. ޝެހެރޯޒް ގޯހެއް ނޫން. ވަރަށް ލޯބިން ވާހަކަދައްކަނީ. އެކަމުވެސް މިބުނާހެން ޖިންނިއެއް ވީމަ އަހަރެން ކާލާނީ ކޮންއިރަކު ކަމެއްވެސް ނޭނގޭ”
ހަސްނާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. މިއާ ބަލައިލާފައި ދެލޯ އަޅާލިއެވެ.
“މިއާ ވަރަށް ލޯބި ވާހަކަދައްކާނެ. ސީރިޔަސްކޮށް ދެން ނުދާތި. ކާލާފާނެ. އާ އެހެންޏަ….. ” ހަސްނާ އަނެއްކާވެސް ހޭން ފެށިއެވެ.
****
ހަވީރު ރީތިވެގެން މިއާ ކޮޓަރިން ނިކުމެ އައިސް އިނީ ބަދިގެ ކައިރީގައި ހުރި ޖޯއްޔެއްގައެވެ. ބޭރަށް ދިޔުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. ފެން ކުރައެއް ހިފައިގެން އައި އަސްމާ މިއާ އަށް ބަލައިލާފައި ބަދިގެއަށް ވަނެވެ. މިއާ ގޮވާލިއެވެ.
“މަންމަ ކޮންތާކުން ތިއައީ؟”
އަސްމާ ބޭރަށް ނިކުތެވެ. އަތުގައި މުށި ކުލައެއްގެ ފެންތައްޓެއް ހުއްޓެވެ. މިއާ އަށް ފެންތަށި ދިއްކޮށްލިއެވެ. މިއާ ނޭފަތުގައި ޖެހުނީ އޯބަތް ވަހެވެ. މިއާ އޯކަށްދެމެން ފެށިއެވެ.
“ކޮންކަހަލަ ނުބައި ވަހެއް. ތިއީ ކޯޗެއް” މިއާ ބުންޏެވެ.
“މިއީ ހަފްސާއްތަ އަށް އަގު ދީގެން ކައްކައިގެ ގެނައި ފެންކުރައެއް. ފަނަރައެއް ވަންދެން މި ފެން ދެއިރު ބުއީމަ މިއާ އަށް ފެންވޭރޭގޮތް ވާނެ. ތިގޮތަށް ދަރިފުޅު ފެންނުވެރިގެން އުޅޭތީ މަންމަ ވަރަށް ކަންބޮޑުވޭ” އަސްމާ ބުންޏެވެ.
“ކީއްކުރަން ބޯ އެއްޗެއް. ބައްޕަ ބުންޏެއްނު ޑޮކްޓަރަކަށް ދައްކާ ވާހަކަ” މިއާ ބުންޏެވެ.
“ދަތުރުގެ ލާރި އާ ޑޮކްޓަރަށް ދައްކަން ދާނެ ލާރި މިދިޔަ ހަފްތާގަ ބައްޕަ އަށް ހަމަނުޖެހުނު. އަދި ކޮބާ ޓެސްޓެއް ހަދަން ޖެހުނަސް ސްކޭނު ކުރަން ޖެހުނަސް އަތުން ދާނީ ހަމަ ފައިސާއެއްނު. އެކަމަކު ބައްޕަ ބުނި އިތުރު މަސައްކަތްކޮށްގެންވެސް ލާރި ހޯދާނެ ވާހަކަ. އިހަށް ދެން މި ފެންކުރާ ހުސްކުރާނީ ދޯ. އަވަހަށް ބޯލާ” އަސްމާ ވާހަކަދެއްކީ ލޯބިންނެވެ.
މިއާ ތަށި ހިފައިގެން އިންނަނީއެވެ. ތަށީގައި އަނގަ ޖަހާކަށް ނުކެރުނެވެ. އޭގެއިން ދުވަނީ އެހާ ނުބައި ވަސް ވިއްޔާ އެވެ.
“ތިއީ އަދި ފުރަތަމަ ފެންކުރާ. މިފަހަރު އޯބަތު ފެން. އަދި އެބަހުރި ތިން ބާވަތެއްގެ ފެން. ހަފްސާއްތަ ބުނި ފަނަރައަކުން ބަލާފައޭ އެނގޭނީ” އަސްމާ ބުންޏެވެ.
ލަސްލަހުން ފެން ތަށި މިއާ ހުސްކުރިއެވެ. ނަސީބަކުން ހޮޑެއް ނުލެވެއެވެ. ފެންވެރޭގޮތް ވުމުން ނަމާދުކޮށް ގުރުއާން ކިޔަވަން އޭނާ ހުރީ ބޭނުންވެފައެވެ. އަދިވެސް އޭނާ ޝެހެރޯޒް މަތިން ހަނދާންހުއްޓެވެ. އެކަމަކު ޝެހެރޯޒް އާއެކު ދުވަހަކުވެސް ދިރިއުޅުމެއް ނުލިބޭނެކަން ހަނދންވާ ކޮންމެފަހަރަކު އޭނާގެ ހިތް ރޮއެގަނެއެވެ. ކުއްލިއަކަށް މިއާ ގެ މޫނުގައި ފިނިފިނި ރޯޅި އެއް ބީހިލިއެވެ. ދާދި ކައިރީގައި އިނީ ޝެހެރޯޒް އެވެ.
“ޝެހެރޯޒް…” މިއާ ގެ ދެތުންފަތް ދޭތެރެއިން ޝެހެރޯޒް ގެ ނަން ކިޔާލިއެވެ. އޭނާގެ ކައިރީގައި ޝެހެރޯޒް ހުރިކަމުގެ އިހުސާސް އޭނާ އަށް ކުރެވިއްޖެއެވެ. ގޯތީގެ ހުރިހާ ދިމާލަކަށް އޭނާ ކަޅި ހަރަކާތްކޮށްލިއެވެ. އަސްމާ އަތަށް ތަށި ދީފައި މިއާ ހިނގައިގަތެވެ.
“ކޮންތާކަށް؟”
“ހަސްމެން ގެއަށް” މިއާ ގެ ހަރަކާތްތައް ވަރަށް އަވަހެވެ.
މަގުމަތިން ހިނގާފައި ދިޔައިރު ވެސް މިއާ އަށް ކުރެވެމުން ދިޔައީ ޝެހެރޯޒް ގެ ހިޔާލުތަކެވެ. ޝެހެރޯޒް އަކީ އިންސާނެއް ނޫންކަން އެނގުނުފަހުން މިއަދު ނޫނީ އޭނާ މިހާވަރަށް ޝެހެރޯޒް މަތިން ހަނދާންވާ ދުވަހެއް ނުދެއެވެ. ކައިރީގައި ޝެހެރޯޒް ހުރިކަމުގެ އިހުސާސް އޭނާ އަށް ކުރެވެމުން ދިޔައެވެ. ހިޔާލުތަކުގައި ހުރެފައި އޭނާ އަށް ހަސްނާމެން ގެއަށް ދެވުނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. އެގޭ ދޮރާށި ކައިރިން އޭނާ އާ ދިމާވީ ހަސްނާގެ މަންމަ އާއެވެ. ކުނި ބަރޯ ހިފައިގެން ނިކުމެ ހުރެފައި މިއާ ފެނުމުން އޭނާ ހުއްޓުނެވެ.
“އަސްތާ! ދައްތަ ހީކުރީ މިގޭ މީހުން މަތިން މިހާރު ހަނދާންނެތުނީ ކަމަށް. އާދޭ އަވަހަށް އެތެރެއަށް”
މިއާ އެތެރެއަށް ވަނެވެ. ހާމަކަން ބޮޑު ގޯތީގެ މެދެއްހާ ހިސާބުގައި ހެދިފައި ހުރި ވަރުގަދަ ބަނބުކެޔޮ ގަހުގައި އެލުވާފައި ހުރި ޖޯއްޔެއްގައި މިއާ އިށީނެވެ.
“މިހާރު ކިހިނެއްތަ؟ ދިޔައިން ގޮވާލަން. ދިމާނުވާނެއްނު. ނިދިފަ ވިއްޔާ އޮތީ”
“މިހާރު އަލްހަމްދުލިއްލާހް. ވަރަށް ބޮޑުތަން ރަނގަޅު. ކޮބާތަ ހަސް؟ ހަބަރެއްނުވާތީ މިއައީ”
“ނޭނގޭތަ ހަސްނާ މާމައާއެކު އިންޑިއާ އަށް ގޮސްވީ. ނުގުޅޭތީ އަންނާނެ ދުވަހެއް ސީދާ ބުނާކަށް ދައްތައަކަށް ނޭނގޭ”
“އިންޑިއާ އަށޭ. ކުއްލިއަކަށް؟ ނުވެސްބުނޭ. މިއަދު ކިހާއިރަކު ފުރީ؟” މިއާ ބުންޏެވެ.
“މިހާރު ދެ ހަފްތާ މިވަނީ. އެވީގޮތަކީ ހަސްނާގެ މާމަގެ ލޮލަށް އެއްޗެއް ވެއްޓިގެން ވަގުތުން ހަދަންޖެހުނު ސްކޭނެއް މާލެއިން ނެހެދުނީމަ ދިޔައީ. ދައްތައަށް ގުޅިއްޖިއްޔާ އަހާލާނަން އާދެވޭނެ ދުވަހެއް”
މިއާ ފުންމައިގެން ތެދުވިއެވެ. ދޮރާ ދިމާލަށް ހިނގައިގަތެވެ. މަގުގެ އެއްކައިރިން ހިނގާފައި އޭނާ ދިޔައީ ގެއާ ދިމާލަށެވެ. ބައެއްފަހަރު ހިނގުން ބާރުކޮށްލައެވެ. ބައެއްފަހަރު ފިޔަވަޅުތަކަށް ލަސްކަމެއް އާދެއެވެ. އޭނާ އަށް ޔަގީންވެއްޖެއެވެ. އޭނާ އާ ބައްދަލުކުރީ ހަސްނާ އެއް ނޫނެވެ. އެއީ ޝެހެރޯޒް އެވެ. ޝެހެރޯޒް ބުނީ ތެދެކެވެ. އޭނާ އެހުންނަނީ ބުނި ބަހުގައި ހިފަހައްޓައިގެންނެވެ. މިއާ ގެ ހިތުގައި ކުރެހިފައިވާ ޒުވާނާގެ ސިފައިގައި ޝެހެރޯޒް ނައެވެ. އެކުވެރިޔާގެ ސިފައިގައި އައިސް މިއާ ވިސްނާގޮތް ވެސް ބަލައިފިއެވެ. މިއާގެ އުންމީދު ގެއްލޭފަދަ އެއްވެސް ވާހަކައެއް ނުދައްކައެވެ. ބިރެއް ނުދައްކައެވެ. ކާލާކަށް ވެސް ނޫޅެއެވެ. މޮޔައެއްވެސް ނުކުރެއެވެ. ގަދަކަމުން ލޯބި ހޯދާކަށް ވެސް މަސައްކަތެއް ނުކުރެއެވެ. މިއާ އަށް ރޮވިއްޖެއެވެ. އޭނާ އަށް ނުވެސް އެނގި ދެލޮލުން ކަރުނަތައް އޮހިގަތެވެ. ޝެހެރޯޒް ލޯބިވާވަރު އޭނާ އަށް ހާމަވެއްޖެއެވެ. ކުރިމައްޗަށް ނާންނަން އުޅެނީކަން އޭނާ އަށް ވިސްނިއްޖެއެވެ. ޝެހެރޯޒް އަކީ ނުލަފާ ޖިންނިއެއް ނަމަ ކަންތައްކުރާނީ އެގޮތަކަށް ނޫނެވެ. މޮޔަވެސް ކުރާނެއެވެ. ބިރުވެސްދައްކާނެއެވެ. ދިރިއުޅުމަށް ދަތިވެސް ކުރާނެއެވެ. އާއިލާ އަށް ގޯނާ ވެސް ކުރާނެއެވެ. ދެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ދެއަތުގެ ނުފުށުން މިއާ ފޮހެލިއެވެ. އޭނާ ގޯޅި ބަދަލުކޮށްލިއެވެ. އޭނާގެ މިސްރާބު މިހާރު ހުރީ ގެއާ ދިމާލަކަށް ނޫނެވެ. އޭނާ ބޭނުންވީ ޝެހެރޯޒް ދެކޭށެވެ. ބައްދަލުކުރާށެވެ. ޝަކުވާ ކުރާށެވެ. އޭނާގެ ހިތުން ބިރުވެރިކަން ފިލައިފިއެވެ. ބިރުވެރިކަމަށް ވުރެ ޝެހެރޯޒް ގެ ލޯބި ކުރި ހޯދައިފިއެވެ. ބާރަށް ހިނގަމުން ގޮސް މިއާ ހުއްޓުނީ ވައްލަ އަށް އޭނާ އާންމުކޮށް ވަންނަ ދިމާލުގައެވެ. އޭނާ ހުއްޓިފައި ކުރިމައްޗަށް ރަނގަޅަށް ބަލައިލިއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ވައްލައިގެ އެތެރެއިން ގަސްގަހުގެ ފަތްތަކާއި ރުއްތަކުގެ ފަންތައް އުފަލުން ނަށާ ކަހަލައެވެ. މިއާ އަށް މަރުހަބާ ކިޔާ ކަހަލައެވެ.
ޝެހެރޯޒް ކޮބާ ހެއްޔެވެ؟ އަދިވެސް އުޅޭ ހެއްޔެވެ؟ ދިޔައީ ހެއްޔެވެ؟ ބައްދަލުކުރަން އައީ ވެސް ސިފަ ބަދަލުކޮށްގެންނެވެ. ލޯބިވާއިރު ދުރުގައި ހުރެވޭ ހެއްޔެވެ؟ މިއާ ގެ ދެލޮލުން ކަރުނައެއް ފައިބައިގެން ދިޔައެވެ. މިއާ އިސްޖަހާލިއެވެ. ޝެހެރޯޒް އާ ދުރުގައި ނުހުރެވޭނެކަމަށް އޭނާގެ ހިތާއި ސިކުނޑި އިއުތިރާފުވި ވަގުތުކޮޅެކެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަން އަތް އުފުލާލިއެވެ. އޭނާގެ އިނގިލިތައް ކޯތާފަތުގައި ޖެހުމުގެ ކުރިން ނުފެންނަ މަހުލޫގެއްގެ އިނގިތަކުން ކަރުނަތައް ފޮހެދީފިއެވެ. މިއާ އަށް އެކަން ފާހަގަވީ އޭނާގެ އިނގިލިތަކުގައި ތެތްކަމެއް ނުޖެހުމުންނެވެ.
“ޝެހެރޯޒް…” މިއާ ޝެހެރޯޒް އަށް ގޮވާލިއެވެ. މިއާ އެތެރެއަށް ފިޔަވަޅެއް އެޅިއެވެ.
މިއާ ގެ ދެއަތުގެ އިނގިލިތަކަށް ހަރަކާތެއް އައެވެ. އޭނާގެ އަތްތިލައިގެ އިނގިލިތަކުގެ ތެރެއަށް އެހެން މީހެއްގެ އިނގިލިތައް މެހިގެން ދިޔަ ކަހަލަގެ އިހުސާސެކެވެ. އަތްތިލައަށް މިއާ ބަލައިލިއެވެ. ޝެހެރޯޒް ފެންނަން ނެތް ނަމަވެސް ކައިރީގައި އެބަހުއްޓޭ ހިތް ބުންޏެވެ.
“ޝެހެރޯޒް….” މިއާ ޝެހެރޯޒް އަށް ގޮވާލިއެވެ. އެހެންނަމަވެސް ހަބަރެއް ނުވިއެވެ.
****
ޝެހެރޯޒް ފާޅުވީ ވައްލައިގެ ގެ ގަނޑު ކައިރިންނެވެ. އޭނާ އޮތީ އޮށޯވެގެންނެވެ. އެއީ އެންމެފަހުން މިއާ އާއެކު ލޯބިވެތި އެތައް ހަނދާނެއް ދޫކޮށްލެވުނު މައިދާނެވެ. މިއާ އާ ނުލާ އޭނާ ހުރިހާ ވަގުތެއް ހޭދަކުރާ ތަނަކީ އެއީ އެވެ. ބައެއްފަހަރު ކެތްނުވެގެގެން މިއާ ދެކިލާހއްވުމުން މެއްސެއް އެނބުރޭހެން މިއާ ގެ ވަށައިގެން އެނބުރެއެވެ. އުމުރު ދުވަހު އެހެން އުޅެންޖެހުނަސް އޭނާ ހުރީ އަޒުމެއްގައެވެ. މިއާ ބޭނުންނުވަނީސް މިއާ ގެ ކުރިމައްޗަށް އޭނާ ޝެހެރޯޒް ގެ ސިފައިގައި ނާރާނެއެވެ. އެއްވެސް މަހުލޫގެއްގެ ފަރާތުން މިއާ އަށް ގެއްލުމެއް ލިބުނަ ނުދޭނެއެވެ. ހުރިހާ ކަމަކުން އޭނާ މިއާ ރައްކާތެރިކުރާނެއެވެ. މިއާ ގެ ކޮންމެ ނިންމުމަކަށް އޭނާ އިހުތިރާމު ކުރާނެއެވެ. މިއާ ގެ އުފާތަކަށް އެޅޭ ހުރަހަކަށް އޭނާ ނުވާނެއެވެ. ދާދި ދެންމެއަކު އޭނާ މިއާ ގެ ކައިރީގައި ހުރިކަން މިއާ އަށް އިހުސާސްވިކަން އޭނާ އަށް އެނގެއެވެ. އިހުސާސްތައް ނުހިފެހެއްޓި މިއާ ގެ އަތުގައި ހިފާލެވިއްޖެއެވެ. އޭނާ މިއާ އާ ދުރަށް ޖެހުނީ އޭނާގެ މައްޗަށް މިއާ ގެ ހިތުގައިވާ އިތުބާރުގެ ވާފަށް ކެނޑުމަށް ނޭދޭތީއެވެ. އެތަނުން އެނާ ގެއްލުނީ އަމިއްލަ ނަފްސަށް ކޮންޓްރޯލް ގެއްލިދާނެހެން ހީވުމުންނެވެ. މިއާ އަކަށް އެއްވެސް މަޖުބޫރުކަމެއް ނެތެވެ. މިއާ އޭނާ އަށް މާފުކޮށް ބައްދަލުކުރަން ބޭނުންވާނަމަ އޭނާ ހޯދަން އަންނާނެއެވެ. އެ ލޯބީގެ އެ މައިދާނަށް މިއާ އަންނާނެއެވެ. އެއީ އޭނާއަށް ޔަގީންވާ ކަމެކެވެ.
ކުއްލިއަކަށް ޝެހެރޯޒް ތެދުވިއެވެ. އޭނާ އަށް އިހުސާސެއް ވެއްޖެއެވެ. މިއާ އޭނާ އާ ދާދި ގާތުގައި އަދިވެސް އެބަ އުޅެއެވެ. މިއާ އަނބުރާ ނުގޮސް ހުންނާނީ ބައްދަލުކުރަން ބޭނުންވެގެންނެވެ. ޝެހެރޯޒް ދެލޯ މަރާލިއެވެ. މިއާ ހުރިތަން ޔަގީންކޮށްލިއެވެ. ރޮވިފައި އަދިވެސް ހުރި ތަނުގައި އެބަހުއްޓެވެ. ޝެހެރޯޒް އެދެނީ މިއާ ބުނާށެވެ. ދުލުން އިގުރާރުވާށެވެ. އެސްފިޔަޖަހާލާ ހިނދުކޮޅެއްގެ ތެރޭގައި އޭނާ ހުއްޓުނީ މިއާ ކުރިމަތީގައެވެ. މިއާ އެހުރީ އެތަނަށް އައިހެވެ. ދެތިން ފިޔަވަޅު ކުރިއަށް އެޅުމަށްފަހު މިއާ އެވަނީ ގެ ގަނޑަށެވެ.
“ޝެހެރޯޒް…” މިއާ ގޮވާލިއެވެ.
މިއާ ގެ ގަނޑުން ނިކުތެވެ. އެތަނުން އޭނާ އަށް ޝެހެރޯޒް ނުފެނުނެވެ. މިއާ ދުވަމުން ގޮސް ނިކުތީ އޭނާ އަށް ޝެހެރޯޒް އެންމެ ފުރަތަމަ ބައްދަލުވި ތަނަށެވެ. އެ ފާރު ބުރިމަތީގައި ވެސް ޝެހެރޯޒް ނެތެވެ. ޝެހެރޯޒް އަށް އިތުރަށް ކެތެއްނުވިއެވެ. މިއާ އިތުރަށް ތަޅުވާކަށް އޭނާ ނެތެވެ.
“މިއާ އަހަންނަށް މައާފްކުރީތަ؟” އަޑު އައީ މިއާ ގެ ކަންފަތް ކައިރިންނެވެ. ފަހަތުންނެވެ. މިއާ ބަލައިލިއެވެ. ޝެހެރޯޒް ނެތެވެ.
“ޝެހެރޯޒް…” މިއާ ކުރިއަށް ކުޑަކޮށް ދުވެލިއެވެ. އެނބުރި ހުރިހާ ދިމާލެއް ބަލައިލިއެވެ. “އަހަރެން ބިރުއެބަގަނޭ. ޕްލީޒް އަހަންނަށް ފެނިބަލަ” މިއާ ބުންޏެވެ. ޝެހެރޯޒް ހުރީ ކޮންދިމާލެއްގަ ނޭނގޭތީ މިއާ އެކި ދިމާ ބަލަމުން ދިޔައެވެ.
“މިއާ ދެލޯ މަރާލާފަ ހުޅުވާލަބަލަ” ޝެހެރޯޒް ގެ އަޑު އިވުނެވެ.
މިއާ ދެލޯ މަރާލާފަ ހުޅުވާލިއެވެ. ކުރިމަތީގައި ޝެހެރޯޒް ހުއްޓެވެ. މިއާ ޝެހެރޯޒް ގެ ގައިގައި ބައްދައިގަތެވެ. އޭނާ މައާފަށްއެދެމުން ދިޔައެވެ. ޝަކުވާކުރަމުން ދިޔައެވެ. ޝެހެރޯޒް ގެ ލޮލުންވެސް ލޭ ކުލައިން ވާ ކަރުނައެއް ފައިބައިގެން ދިޔައެވެ. އޭނާ މިއާ ދުރުކޮށްލަން ބޭނުން ނުވިއެވެ. ހީވީ މިއާ ގެ އެތެރެހަށީގެ ކަށިތައް މުގުރާލައިފާނެހެންނެވެ. އޭނާ މިއާ ގެ ގައިގައި ބައްދައިގެން ހުރި އެހާ ބާރަށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.




