ޖިންނިއަކާ އިންސި އަކާ ދެމެދު އޮންނަ ގުޅުމަކީ ނުވަތަ ހިންގާ ގުޅުމަކީ އިސްލާމްދީން ހުއްދަކުރާ ގުޅުމެއް ނޫނެވެ. ޖިންނީންގެ އެންމެހާ ބަލާ އާއި މުސީބާތްތަކަކީ އިންސާނުންނަށްވާ ނުރައްކަލެކެވެ.
މިފަދަ އެންމެހާ ކަންތައްތަކަކުން ސަލާމަތްވެ ރައްކާތެރިކަން ހޯދުމަށް ދީނުގައި ދެއްވާފައިވާ އެންމެހާ ނަސޭހަތްތަކާއި އިރުޝާދުތަކުގައި ހިފާ ސާބިތުވުމަށް ހަނދާންކޮށްދެމެވެ.
****
އަށް ވަނަ ބައި
“މިއާ… އަހަރެންދެކެ ބިރުނުގަނޭ. އަހަރެމެން މިއީ ދެމަފިރިން. މިއާ… ތިފެނުނީ އަހަރެންގެ ހަގީގަތް” ޝެހެރޯޒް މިއާ ގެ ކޮނޑުގެ ދެފަރާތުން ހިފަހައްޓާލިއެވެ. ކަޅިޖަހާވެސްނުލާ މިއާ ހުރީ ޝެހެރޯޒް އަށް ބަލަހައްޓައިގެންނެވެ.
މިއާގެ ތަފާތު އެ ނަޒަރުން ޝެހެރޯޒް ހިތުގައި ޖެހިއްޖެއެވެ. މިއާ އަނގައިގައި ބަސް ހުސްވެފައި ހުރި ކަހަލައެވެ. މިއާ އަމަލުކުރާނެ ގޮތެއް ނޭނގޭތީ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ޝެހެރޯޒް ޖެހިލުންވިއެވެ. އެހެނީ އެ ލޯތްބަކީ ގެއްލެން އޭނާ އެދޭ ލޯތްބެއް ނޫނެވެ.
“މިއާ… ތިއީ އަހަރެންގެ ފުރާނަ. މިއާ އަހަރެން ދޫކޮށްލިޔަސް އަހަރެން މިއާ ދޫކޮށެއްނުލާނަން. މުޅި އުމުރަށް ވެސް މިއާ ވާނީ އަހަރެންގެ ހިތުގެތެރޭގަ. މިއަކަށް ދެނެއް ބަދަލެއް ނާންނާނެ. މިއާ އަހަރެން މޮޔަވެއްޖެ” ޝެހެރޯޒް ވާހަކަދެއްކިއެވެ.
“ކީކޭ ކިޔަން ތިއުޅެނީ؟ ޝެހެރޯޒް… އަހަރެން ވަރަށް ބިރުގަނޭ އެބަ. ހީވަނީ…. ހީވަނީ މިތަން ވަރަށް ނާމާން ވެއްޖެހެން…. ބަޔަކު އަހަންނަށް ފާރަލާހެން ހީވަނީ…” މިއާ ބުންޏެވެ. ޝެހެރޯޒްގެ ދެއަތުގައި މިއާ އަށް ހިފާލެވުނީ ބިރުން ހުރި ވަރުންނެވެ. ޖެހިލުންވެ ހުރެ ދެފަރާތް ހޯދައި ބަލަމުން ދިޔަ މިއާ ގެ ދެލޮލުން ޝެހެރޯޒް އަށް ސިހުން ފެންނަމުން ދިޔައެވެ.
“ތި ހީވީ ރަނގަޅަށް. މިއާ އަށް ބަޔަކު ފާރަ އެބަލާ. އެކަމަކު އެކަކަށް ވެސް ތި ހަށިގަނޑުގަ އިނގިލި ކުރި ޖައްސާލާކަށްވެސް ލާހިކެއްނޫން” ޝެހެރޯޒް ބުންޏެވެ.
“ކް..ކީކޭ… ކިހިނެއް ޝެހެރޯޒް އަށް އެނގުނީ” މިއާ ކަންބޮޑުވިއެވެ.
“މިއާ… !” ޝެހެރޯޒް ފަސްޖެހުނެވެ. އުނދަގޫ ވަގުތެކެވެ. ޝެހެރޯޒް ހިމޭންވެލިއެވެ. މިވަގުތު ހަގީގަތް ނުބުނެވުނިއްޔާ އަނެއްކާވެސް ހިތަށް ވާނީ އުނދަގުލެވެ. ހަގީގަތް ފޮރުވައިގެން މިއާ އަށް އޮޅުވާލަން އޭނާ ބޭނުމެއްނުވެއެވެ.
“މިއާ… އަހަންނަކީ އިންސާނެއް ނޫން”
މިއާ ދެލޯ ބޮޑުވިއެވެ. ނޭވާ އަވަސްވިއެވެ. އަތް ފައި ރޫރު އަޅަން ފެށިއެވެ. ދެތިން ފިޔަވަޅު ފަހަތަށް ޖެހުނެވެ. އެންމެފަހުން މިއާ އަށް ރޮވިއްޖެއެވެ. ކުރިމަތީގައި ހުރީ އިންސާނެއް ނޫންކަން އެނގުމުން މިއާ ހުރީ ބިރުން ފިއްކެނޑިފައެވެ.
“މިއާ…”
ޝެހެރޯޒް ގޮވާލީ ކިތަންމެ ލޯބިން ނަމަވެސް އެ އަޑު މިއާ އަށް އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. އެންމެ ފިރިހެންވަންތަ ހިތްކަތިލާ ޒުވާނެއްގެ ސިފައިގައި ޝެހެރޯޒް ހުއްޓަސް މިވަގުތު މިއާ ގެ ދެލޮލަށް ޝެހެރޯޒް ފެންނަމުން ދިޔައި ނުބައި އެއްޗެއްގެ ސިފައިގައެވެ. މިއާ ދުއްވައިގަތެވެ. ދެވޭނުދެވޭ ތަނެއް އޭނާ އަށް ނޭނގެއެވެ. ބައެއްފަހަރު ދެފައި އޮޅި ވެއްޓެއެވެ. އަނެއްކާވެސް ތެދުވެގެން ދުއްވައިގަނެއެވެ. ދަނޑިބުރިތަކާއި ކުނިތަކުގެ ތެރެއިން މިއާ ގެ ދެފައިގެ އެކި ހިސާބުތައް ޒަހަމްވަމުންދާ ކަމެއް މިއާ އަށް ނޭނގެއެވެ. ދެފަޔަށް ވަމުންދާ ތަދު އިހުސާސުވާ ވަރަށް ވުރެ އޭނާގެ ހިތް ވަނީ ބިރުގެންފައެވެ. ވަކި ހިސާބަކުން ހުއްޓުން އެރީ ކުރިމަތީގައި ހުރި ޝެހެރޯޒް ފެނިފައެވެ.
“މިއާ.. ތިހެން ނޫޅޭ. އަހަރެން މިއާ އަކަށް ދެރައެއް ނުދެމެއްނު. އަން. މިއަތުގަ ހިފާބަލަ. މިއާގެ ދެފައިން ވަރަށް ލޭ އެބަ އާދޭ” ޝެހެރޯޒް ދެރަވެއްޖެއެވެ. އޭނާގެ ދެލޮލުން ލޭ ކަރުނައެއް ފައިބައިގެން ދިޔައެވެ. މި މަންޒަރު ފެނުމުން މިއާ އިތުރަށް ގަތީ ބިރެވެ.
އަނެއްކާވެސް މިއާ ދުއްވައިގަތެވެ. ދުލުން ހެޔޮ އެއްޗެއް ކިޔަންވެސް އޭނާ ހަނދާނުގަ ނެތެވެ. މިއާ ދުވަމުން ދިޔަގޮތުން ޝެހެރޯޒް ގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ވެއްޓެމުން ތެޅެމުން މިއާ ދިޔައިރު އެ އަންހެންކުއްޖާ ބިރުގެންފައި ހުރިވަރު ޝެހެރޯޒް އަށް އަންދާޒާކޮށްލެވުނެވެ. އެންމެފަހުން މިއާ ގެ ރާސްތާ ސާފުކޮށްދިނީ ޝެހެރޯޒް އެވެ. ވައްލަ އިން މިއާ ނެރުނީ ޝެހެރޯޒް އެވެ. ދުވަމުން މިއާ ގެއަށް ވަންނަންދެން ޝެހެރޯޒް ހުއްޓެވެ. ހިތް ހަލާކުވެފައިވާ ހާލު މިއާ ދާ މަންޒަރު ބަލާށެވެ.
****
ދުވެފައި ގެއަށް މިއާ ގެއަށް ވަތް މަންޒަރު ދޮރާށި ކައިރީގައި އަވައްޓެރިއަކާ ވާހަކަދައްކަން ހުރި އަސްމާ އަށް ފެނުނެވެ. މިއާ ގެ މޫނުމަތިން އަސްމާ އަށް ފެނުނީ ހާސްކަމެވެ. އަސްމާ ގެއަށް ވަނެވެ. މިއާ ފެންނާކަށް ނެތެވެ. އިރުކޮޅެއް ނުވަނީސް މިއާ ނިކުތީ ގިފިލިންނެވެ. އަސްމާ މިއާ އަށް ބަލައިލިއެވެ. އޭނާގެ މޫނުމަތިން އަސްމާ ކަމެއް ދެނެގަންނަން އުޅޭ ކަހަލައެވެ.
“ކިހިނެއްވެގެން ތިއުޅެނީ؟” އަސްމާ އަހާލިއެވެ.
“ކަމެއްނުވޭ”
ކޮރެއްޖަހަމުން އެތެރެއަށް ވަންނަން ދިޔަ މިއާ ހުއްޓެންޖެހުނީ އަސްމާ އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ.
“ފަޔަށް ކިހިނެއް ހަދައިގެން ތިއުޅެނީ؟ ވެއްޓުނީތަ؟” އަސްމާ އަހާލިއެވެ.
މިއާ ބޯޖަހާލިއެވެ. މިއާ ގޮވައިގެން އަސްމާ ކޮޓަރިއަށް ވަނެވެ. މިއާގެ ހަރުވާޅު ހިއްލާލުމަށްފަހު އަސްމާ ބަލައިލިއެވެ. ދެފައިގެ އެކި ތަންތަން ވަނީ ލޭ އޮހޮރިފައެވެ. އަސްމާ އަނގަމަތީގައި އަތް އެޅިއެވެ.
“ޔާރައްބީ. ކޮންތާކުން ވެއްޓުނީ؟ ގައިމުން އެކްސިޑެންޓެއްވެފައެއް ނޫން މިއީ” އަސްމާ ބުންޏެވެ.
“މިބުނީނު ވެއްޓުނީ އޭ. މަންމަ ދޭބަލަ. އެހާ ތަދެއްނުވޭ”
މިއާ ބޭނުންވީ އަސްމާ ފޮނުވާލާށެވެ. އޭނާ ބޭނުންވަނީ ހިނދުކޮޅަކަށް އެކަނި ވެލާށެވެ. ހިނގާދިޔަ ކަންކަމާ ވިސްނާލާށެވެ. އޭނާގެ ސިކުނޑީގައި އަދިވެސް ވަނީ ޝެހެރޯޒް ދެއްކި ވާހަކަތަކެވެ.
“ބިރުވެރިކަމެއް ފެނުނީތަ؟” އަސްމާ ބުންޏެވެ. މިއާ ސިހިފައި އަސްމާ އަށް ބަލައިލިއެވެ.
“ނާ އެހެންޏާ. ޔަގީނޭ މަދުގަހަށް އެރީކަން. އެގަހުން ވެއްޓިފަ މިއީ. އެއްފަހަރުއެއްނޫން ވެއްޓިފަ މީކީ. މަންމަ ނުބުނަންތަ މިއާ ކައިރީގަ ގަހަށް ނާރާށޭ. މިއާ ތިއީ އަންހެންކުއްޖެކޭ. މައިމީހާގެ ބަސް ގަބޫލުނުކުރީމަ ލިބުނު އަނިޔާ ފެނިއްޖެއްނު. ތިހެން އިނދޭ. މިއަންނަނީ”
މިއާ އަށް ނުވިސްނުނެވެ. އޭނާ ބުނާނީ ވެސް ކީކޭ ހެއްޔެވެ؟ އަދިވެސް އޭނާގެ ނަފްސު ހަމަޔަކަށް ނޭޅެއެވެ. ރޯންވެސް އޭނާ ބޭނުންވެއެވެ. ޝެހެރޯޒް ކޮންމެ ބަހެއް ހުރީ އޭނާގެ ކަންފަތުގެ ހިނދުރީގައި ހިފާލާފައެވެ. އެނދުގައި އިން މިއާ ދެއަތްތިލަ އުނގުޅަން ފެށިއެވެ. އަތް ފައި ފިނިވާން ފެށިއެވެ. ހަށިގަނޑަށް ފިނީގެ އަސަރުކުރާން ފަށައިފިއެވެ. ނޭފަތުން ފެން ފައިބަން ފެށިއެވެ. އިސާހިތަކު މިއާ ގެ ދެލޮލުން ފެން ފައިބާން ފެށިއެވެ.
“ކިހިނެއްތިވަނީ؟ ޔާރައްބީ” އަސްމާ ބުންޏެވެ. އަސްމާ އައީ ޒައިތޫނި ތެޔޮ ފުޅިއަކާއި ބެންޑޭޖު ހިފައިގެންނެވެ.
“ކަމެއްނުވޭ… ރޯގާ ޖެހުނީ ކަންނޭނގެ. ކަރުގަ ވެސް އެބަރިއްސާ” މިއާ އަށް ވާހަކަދެއްކުނީ ހިތްވަރުންނެވެ.
“ހުރިހާ ކަމެއްވެސް މިއާ އަށް ވާނެ. މިއާ އަށް މި މަންމަ ބުނާ އެއްވެސް އެއްޗެއް އެއްޗަކަށް ނުވާނެ” އެންމެފަހުން އަސްމާގެ ދެލޮލުން ކަރުނަ ނީރާލިއެވެ.
“ސޮރީ މަންމާ. ބަދިގޭގަ އެއްޗެއްގެ ތެރޭގަ ހުންނާނެ ބޭސްމަލަމް. އޭތި ގެބެސްދީބަލަ މަންމާ. ތިއަށް ވުރެ ރަނގަޅުވާނެ” މިއާ ބުންޏެވެ. އަސްމާ ހިނގައިގަތެވެ.
މިއާ އަށް ރޮވެން ފެށުނެވެ. އޭނާ މޫނުމަތީގައި ދެއަތް އެޅިއެވެ. ބިރުގަންނަން ފެށިއެވެ. ކޮޓަރީގެ އެތަންމިތަން ހޯދަން ފެށިއެވެ. ކައިރީގައި އިން މީހަކު ފޮޅުވާލަން އުޅޭހެން ވައިގެ ތެރޭގައި ދެއަތް ހޫރުވާން ފެށިއެވެ.
“ދޭ މިތަނުން. ދޭ… ޖިން… ޖިންނި ދެކެ ބިރުގަނޭ… މަންމާ…” މިއާ ކިޔަން ފެށިއެވެ.
ޖިންނީންނަކީ އިންސާނުންނަށް ލިބިފައިނުވާފަދަ އާދަޔާ ހިލާފު ބާރުތަކެއް ލިބިފައިވާ ބައެއްކަން އޭނާ އަށް އެނގެއެވެ. އޭނާގެ ހިތް ކިޔައިމުން ދިޔައީ ކައިރީގައި ނުފެނި ޝެހެރޯޒް އިންނާނެ ކަމަށެވެ. ހަގީގަތަކީ ޝެހެރޯޒް ހުއްޓެވެ. އެކަމަކު މިއާ ގާތުގައެއް ނޫނެވެ. ދުރުގައެވެ. ފެންކަޅިވެފައި ހުރި ހާލު މިއާ އަށް ބަލާށެވެ. ތާފަނާ ފެންތައްޓަކާއި މަލަމް އަޅާފައި ހުރި ތަށި ހިފައިގެން އަސްމާ ވަތްއިރު ދެ ކަކުލުގައި ބޯ އަޅައިގެން މިއާ އިނެވެ. މުޅި ހަށިގަނޑު ނިވާކޮށްލާފައި ވަނީ ގައި މަތީގައި އަޅަން ގެންގުޅޭ ރަޖައިންނެވެ. މިއާ އާ މެދު އަސްމާ ކަންބޮޑުވިއެވެ. ހުމުގެ ޝިކާރައަކަށް ދެވަނަ ފަހަރަށް މިއާ ވެދާނެތީ ހިތްބިރުގަތެވެ.
“ރޯގާ އަކީ އާދައިގެ ކަމެކޭ. މިއާ އަކީ ރޯގާ ޖެހުނަސް ތިހާ ފިނޑިވާ ކުއްޖެއް ނޫނެއްނު” މިއާ ގެ އިސްތަށިގަނޑުގައި އަސްމާ ފިރުމާލިއެވެ.
“ނިދި އަންނަނީ” މިއާ ބޯ އުފުލާލަމުން ބުންޏެވެ. ލޯތްބާއެކު މިއާ ގެ ދެފައިގެ ޒަހަމްތަކުގައި އަސްމާ ބޭސްއަޅައިދިނެވެ. ތަކުރާރުކޮށް މަދުގަހަށް ނޭރުމަށް މިއާ އަށް ނަސޭހަތްދިނެވެ.
އަސްމާ ދިއްކޮށްލި ފެންތަށި މިއާ ބޯލިއެވެ. ކުޑައިރުކޮޅަކުން މިއާ ހަމަޔަކަށް އެޅުނެވެ. ދެނަމާދު ދޭތެރެއަށް ވާތީ ނިދާކަށް މިއާ އަށް ހުއްދައެއް ނުލިބުނެވެ. އެނދުގައި އޭނާ އޮތީ އެއް އަރިއަކަށެވެ. ރަޖާގެ ބޮޑު ބައެއް އޮތީ އޭނާގެ ދެއަތުގެ ތެރޭގައި ބޮނޑިވެފައެވެ. އޭނާ ގެ ކަޅި ވަނީ އެއް ދިމާލަކަށް ހުއްޓިފައެވެ. އަދިވެސް އޭނާގެ ހިތާއި ސިކުނޑިން އެކަންކަން ފިލާ ނުދެއެވެ. އެއްވެސް ފޫހިކަމެއްނެތި މިއާ ބަލަން ޝެހެރޯޒް ހުއްޓެވެ. އޭނާ މިއާ ކުރިމައްޗަށް ދެން އޭނާ ނުދާނެއެވެ. މިއާ ބޭނުންވެގެން ނޫނީ ނުދާނެއެވެ. އެހެންނަމަވެސް އަބަދުވެސް މިއާ އާ އެންމެ ގާތުގައި އޭނާ ހުންނާނެއެވެ.
****
ރޭގަނޑުގެ ކެއުމަށް ވެސް މިއާ ނުނިކުމެއެވެ. އަސްމާ ޖެހުނީ ކާއެއްޗެހި ތަށި ހިފައިގެން ކޮޓަރިއަށް ދާށެވެ. އޭނާ ކެއީ ކުޑަކޮށެވެ. ކާއެއްޗެހި ދިރުވަން ވެސް އޭނާ އަށް ދައްޗެވެ.
“ދެން ދަރިފުޅު ބޭނުމިއްޔާ ނިދާލާ. ހެނދުނަށް އިތުރަށް ގޯސްވިއްޔާ ސެންޓަރަށް ދާނީ” އަސްމާ ބުންޏެވެ.
ކޮޓަރީގައި އެކަނިވުމުން މިއާ ހަމަޔަކަށް އެޅުނެވެ. ތެދުވެ ހެޑުބޯޑުގައި ލެގިލިއެވެ. ޝެހެރޯޒް ގެ ހަނދާންތައް އޭނާގެ ހަފަރާތުން ވަށާލިއެވެ. ދެރަވާން ފެށިއެވެ. އަމިއްލަ ނަފްސާ އޭނާ ކުރީ ސުވާލެވެ. ޝެހެރޯޒް އަކީ ކާކުތޯ ނުބަލާ ލޯބިވީ ކީއްވެގެން ހެއްޔެވެ؟ ޖިންނީންނަކީ ދުވަހަކުވެސް އިންސާނަކަށް ހެވެއް އެދޭނެ ބައެއް ނޫނެވެ. އެއީ ބިރުވެރި މީހުންނެވެ. ޝެހެރޯޒް މީހަކު ކައިވެސްލާފާނެއެވެ. އޭނާގެ އެ ރީތި ސިފައަކީ އޭނާގެ ހަގީގީ ސިފައެއް ނޫނެވެ. އެކަމަކު ޝެހެރޯޒް ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟ ވައްލަ އިން ޝެހެރޯޒް އަށް ހަސް ނުފެނުނީ ކީއްވެގެން ހެއްޔެވެ؟ މަންމަ ބުނީ ތެދެކެވެ. ވައްލަ އަކީ ނަމާން ތަނެކެވެ. މަންމަ ގެ ބަސް ގަބޫލުނުކުރެވުނީތީ މިއޮތީ ވާނެ އެއްޗެއް ވެފައެވެ. އެކަމަކު ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ޝެހެރޯޒް އެހާ ފަސޭހައިން އޭނާ ދޫކޮށްނުލާނެއެވެ. އަވަލަވާނެއެވެ. މުޅި ދުނިޔެއިން މޮޔަކޮށްލާނެއެވެ. މިވާހަކަތައް މީހެއް ކައިރީ ނުބުނެ ހުންނާކަށްވެސް ނުވާނެއެވެ. މަންމަ ކައިރީގަ ބުނަންވީ ހެއްޔެވެ؟ ނޫނެކެވެ. އޭރުން މަންމަ މާބޮޑަށް ކަންބޮޑުވާނެއެވެ. މިވާހަކަ ދައްކާނީ ހަސް ކައިރީގައެވެ. ހަސް އަކީ ރަނގަޅު ހިޔާލު ދޭ އެކުވެރިއެކެވެ.
****
ދިހައެއް ޖަހައި ބޮޑުވެއްޖެއެވެ. މިއާ އަދިވެސް އޮތީ ނުނިދިފައެވެ. މިރޭ އަސްމާ އޮތީ މިއާ ކައިރީގައި އެނދުގައެވެ. މިއާ ކިޔާވަރުންނެވެ. އަސްމާ އޮތީ ނިދުމުގެ ކުރިން ކިޔަންޖެހޭ ޒިކުރުތައް ކިޔާށެވެ. މިއާ ބަލައިލިއެވެ.
“މަންމާ! ” މިއާ ގޮވާލިއެވެ.
އަސްމާ ޖަވާބުދިނީ ހުރިހާ ޒިކުރެއް ކިޔައި ނިންމާފައެވެ.
“މަންމަ ހީކުރީ މިހުރިހާއިރު ހަރަކާތެއްވެސް ކޮށްނުލާ އޮތީމަ ނިދިފަ ކަމަށް” އަސްމާ ބުންޏެވެ. އޭނާ މިއާ އޮތް ދިމާލަށް އެނބުރުނެވެ.
“މަންމަ ދުވަހަކުވެސް ޖިންނި އެއް ދުށިންތަ؟” މިއާ ބުންޏެވެ.
އަސްމާ ތެޅިގަތެވެ. ކުއްލިއަކަށް މިއާ ކޮށްލި ސުވާލާއެކު އަސްމާ ސިހިއްޖެއެވެ. ދުވަހަކުވެސް ޖިންނީންނާ ބެހޭގޮތުން މިއާ ސުވާލެއް ނުކުރެއެވެ.
“ކީއްވެ ތިކަހަލަ ސުވާލެއް ތިކުރީ؟” އަސްމާ ތެދަށް ޖަވާބެއް ނުދެވުނެވެ.
“ބުނެބަލަ ދުށިންތަ؟ ނޫނީ ބައްޕަ އަށް ފެނުނުތަ؟” މިއާ އަހާލިއެވެ.
އަސްމާ ހިތްދިރުވާލިއެވެ. ޖިންނީންގެ ވާހަކަތައް މިއާ ކައިރީގައި ދެއްކުމަކީ އޭނާ އަށް ފަސޭހަކަމެއް ނޫނެވެ.
“އެވެސް އުޅޭ އެއްޗެހި. އެކަން މުސްލިމުން ގަބޫލުކުރަންޖެހޭނެ. ކޮންމެހެން ލޮލަށް ފެންނާކަށް ނުޖެހޭ. ގުރުއާނުގަ ޖިންނީންގެ ވާހަކަތައް ވަނީ ބަޔާންކޮށްފަ” އަސްމާ ބުންޏެވެ.
“މަންމާ! މިސާލަކަށް މީހަކަށް ޖިންނިއެއް ފެނިގެން އެއީ ޖިންނިއެއްކަން ނޭނގި ވާހަކަދެއްކުނީ އޯ. ޖިންނިން ގޯނާ ކުރާނެތަ؟ އެކުވެރިވާނެތަ؟ އިންސާނުންނަށް ހެޔޮއެދޭނެތަ؟ ” މިއާ ގެ ސުވާލުތައް އެއްފައްޗަކަށް އަމުނާލިއެވެ.
އަސްމާ އަށް އުނދަގުވިއެވެ. އޭނާއަށް ބަދަލެއް އަންނަކަން މިއާ އަންގަން ބޭނުންނުވާތީ ހަމަޖެހެން މަސައްކަތްކުރިއެވެ.
“މިކަހަލަ ވަގުތެއްގަ ތިނޫނީ ތިވާހަކަ ނުދެއްކޭނެތަ؟ މިއާ ނިދިނަޔަކަސް މަންމަ ނިދި އެބައާދޭ. ނިދަން އުޅޭ” އަސްމާ އެނބުރުނީ އަނެއް ފަރާތަށެވެ.
އޭނާ ވިސްނަން ފެށިއެވެ. އެހެންޏާ ނުދައްކާ ޒާތުގެ ވާހަކައެއް މިއާ ދައްކަންޖެހޭ ސަބަބެއް ނޯންނާނެއެވެ. ކަމަކާ ނުލާ ކުއްލިއަކަށް ޖިންނީންގެ ވާހަކަތައް މިއާ ނުދައްކާނެއެވެ. ޔަގީނެވެ. ކޮންމެސްކަމެއް މިއާ އަށް އެނގިއްޖެއެވެ.
****
ދުވަހަކީ ހުކުރު ދުވަހެވެ. މުރާދު މިސްކިތުން ގެއަށް އައިރު ކާން ހުރީ ތައްޔަރުވެފައެވެ. މޭޒު ކައިރީގައި އިށީނުމުގެ ކުރިން އާދައިގެމަތިން އޭނާ މިއާ ކޮބައިތޯ ބެލިއެވެ. ގަހުން ވެއްޓި މިއާ އަށް އަނިޔާވި ވާހަކަ އަސްމާ ކިޔައިދިނުމުން މުރާދު ވެސް މިއާ އަށް ވިސްނައިދިނެވެ. ހަރުކަށިކަމާއެކު މުރާދު މިއާ އަށް ބުނެދިނެވެ. ހުއްދަ ދިނީ ވައްލަ އަށް ދާށެވެ. ގަސްތަކަށް އަރާ ފުންމާކަށް ނޫނެވެ.
“ފެންވަރަން ވަދެއްޖެ” އަސްމާ ބުންޏެވެ.
މުރާދު ކެއުން ލަސްކޮށްލިއެވެ. މިއާ އައި އިރަކުން ނޫނީ އޭނަ ކާއެއްޗެއްގައި އަތެއް ނުލާނެއެވެ.
“މާދަމާ އެއްކަލަ ނޫމާން އެބަދުރުވޭ މިރަށަށް. މުލާޒު އަލަށް ހެދި ގޯތީގަ އެ އާއިލާ ތިބެނީ. މަ ބުނިން މުލާޒު ކައިރީގަ ނޫމާނާ ވާހަކަދައްކައިގެން ފިހާރައިން ވަޒީފާ މިއާ އަށް ހޯދައިދޭށޭ. އާއެނކޭ ބުނި. ވާނެގޮތެއް ނޭނގޭ. ރަށުގެ ފޯރާއެއް ބައެއްވީމަ ބައެއްފަހަރު އަހަރެމެން ކަހަލަ ނިކަމެތިން އެދޭ އެދުންތައް އެވެރިން ހަނދާންވެސްނެތިދާނެ. ދެން އެނގިދާނެތާ ވާގޮތެއް” އެއްފަރާތުގައި އޮތް ނޫސް ބަލަން އިނދެ މުރާދު ވާހަކަދެއްކިއެވެ.
“ތިކަން ﷲ އިރާދަކުރެއްވިއްޔާ ވާނެ. މިހާރު މި ވިސްނަނީ ރޭގަ މިއާ ދެއްކި ވާހަކަތަކާމެދު”
ނޫސް ބާއްވާފައި މުރާދު އަސްމާ އަށް ބަލައިލިއެވެ. މިއާ ދެއްކި ވާހަކަތައް އަސްމާ ކިޔައިދިނެވެ. މުރާދު ވިސްނުންތެރިކަމާއެކު އަޑުއަހަން އިނެވެ.
“އަނެއްކާ ކިހިނެއްވީބާ؟” މުރާދު ހައިރާންވިއެވެ.
“ދުރުދުރުން ނަމަވެސް ވީގޮތެއް އެމަންޖެ ކައިރީގަ އަހާލާތި. އަސްމާ ތިހެން ޒާތަކަށް އުޅެންހެދީމަ ކަމަކުނުދާނެ. ކޮންމެކަމަކާވެސް ކުރިމަތިލާންވާނެ. ހަގީގަތުގަ އެންމެރަނގަޅު ގޮތަކީ އެވާހަކަތައް އެމަންޖެއަށް ވެސް އެނގިފަ އޮތުން. ކޮންމެހެން ސިއްރުކުރުމުގެ ބޭނުމަކީ ކޮބާ؟” މުރާދު ވާހަކަދެއްކިއެވެ.
“ނޭނގި އޮތުމަކުން ވެސް ކަމެއް ގޯހެއް ނުވެއެއްނު. އެހެންނޫނަސް އެއީ މަގޭ މާޒީ. ބިރުވެރި ދުވަސްތަކެއް. އިންސާނުން ހަފައި ކެއި ކާފަރު މަހުލޫގުންތަކެއްގެ ވާހަކަ އިވިގެން މަގޭ ކުއްޖާގެ ޒަމާން ހިނގައިދާނެ” އަސްމާ ބުންޏެވެ.
****
އިސްތަށިގަނޑުގައި ފުނާ އަޅަން ހުއްޓާ ފަހަތުން އަޑެއް އިވިގެން މިއާ ސިހުނެވެ. ފަހަކަށް އައިސް ކުރިމަތިން ޝެހެރޯޒް ފާޅުވެދާނެތީ މިއާ ހުންނނަނީ ސިހިސިހިއެވެ. އެތެރެއަށް ވަތް ހަސްނާ ފެނުމުން މިއާ ހަމަޖެހުނެވެ. މޭގައި އަތް އަޅާލުމަށްފަހު ފުން ނޭވައެއް ދޫކޮށްލިއެވެ.
“މަ މީ އަރާ ކާއެއްޗެއް ނޫނޭ” ހަސްނާ ބުންޏެވެ.
މޭޒުމަތީގައި ފުނާ ބާއްވާފައި އިސްތަށިގަނޑު އެއްފަރާތުން ކުރިމައްޗަށް ގެންނަމުން މިއާ އައިސް އިށީނީ ހަސްނާ ކައިރީގައެވެ.
“އަހަރެން ހަމަ ހައިރާންވޭ. ތިއީ މަގޭ ބެސްޓްފްރެންޑުތަ؟ މިއީކީ އިންޑިޔާފަދަ ބޮޑު ގައުމެއްވެސް ނޫނެއްނު ނުފެނި އުޅޭކަށް. އަހަރެން ބަލިވެގެން އެޑްމިޓްކުރިކަން އެނގޭތަ؟ ކުރީ ދުވަހުވެސް ތިގެއަށް ދާން ދިޔައިން. ވާރޭގަ ޖެހުނީމަ އައީ ގެއަށް” މިއާ ޝަކުވާ އޮށްސާލިއެވެ.
“ސޮރީ އޭ ރަހްމަތްތެރިޔާ. މިއައީ މާމަ އާއެކު މިތާ ކައިރީގަ އޮތް ރަށަކަށް ފާތިހާއަކަށް ކައްކައިގެން ގޮސްފަ. މިއަދު އައީ. މަންމަ ބުނީމަ އެނގުނީވެސް މިއާ ބަލިވިކަން. ހަމަ އެނގޭއިރަށް މިއައީނު” ހަސްނާ ބުންޏެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.





Wow!
Genuinely impressed mi story kuriah dhaa gothun! Js ma fav genre!!
Ey hama huvaa thr? Humans and ghosts can’t be together thr? Never knew that👀
Anyways waiting for next part ingey!!
Ly
Vrh reethi mi part vx MA!