Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާ… 45

Anaq Level 210 Stories
August 10, 2026 5 Mins Read
0 Comments

މުޅި ތަނަށް މަރު ފަދަ ހަމަހިމޭން ކަމެއް ވެރިވެގެން ދިޔައެވެ. އިސްޖެހިފައިވީ އަހަރެންގެ ދަތް ދޮޅީގައި ފިނިފިނި އިނގިލި ތަކެއް ޖެހިލިއެވެ. އަދި އެ އިނގިލި ތަކުގެ ބާރުގައި އަހަރެންގެ އިސް އުފުލުވައިލިއެވެ. ޔޫސުފް ޖަލީލްއާއި އަހަރެންގެ ހަތަރުކަޅި ބައްދަލު ވިއެވެ.

*********

އެ މޫނުމަތީގައި މަޑުމޮޅިކަން ނޫން އެހެން ކުލައެއް ނުވެއެވެ. މާނަފުން ގޮތަކަށް ބަލަހައްޓައިގެން ހުރި ގޮތުންނާއި އެ ނަޒަރުގައި ހުރި ޚާއްސަ ގޮތުން އަހަރެންގެ ހިތް ސުވާލު އުފައްދަން ފެށިއެވެ. ޔޫސުފް ޖަލީލްފަދަ ބޭފުޅަކަށް އަހަރެންފަދަ އާދައިގެ އަންހެން ކުއްޖެއް ޚާއްސަ ވާންވީ ކީއްވެ ހެއްޔެވެ؟

ނަމަވެސް އެ ބެލުމުގައި ނުނިޔަތެއް ނުވެއެވެ. ވީ ކުލުނާއި ލޯތްބެވެ. އިޙުތިރާމެވެ. އެކަމަށް އަހަރެންގެ ދެލޯ ހެކިވިއެވެ. އަދި އެހެން ކަމެއްވެސް އަހަރެންގެ ދެލޯ އެވަގުތު ދެނެގަތެވެ.  އަހަރެންގެ މޫނުން ޔޫސުފް ޖަލީލް އެހެން ސޫރައެއް ހޯދަން އުޅެނީހެން އަހަރެންނަށް ހީވީ ކީއްވެގެން ހެއްޔެވެ؟

” ހަމަ މައުރާ……” ޔޫސުފް ޖަލީލް އަހަރެންގެ މޫނަށް ގެއްލިފައި ހުރެ މަޑުމަޑުން ބުނެލިއެވެ. އަހަރެންގެ ހިތުގައި އުފެދުނު ސުވާލުތަކަށް އިތުރު ބޮޅެއް އިތުރު ވިއެވެ. އަހަރެންނަށް ދެ ބުމަ ކައިރިކޮށްލެވުނީ އެ ބުނި ބަހުން ނަގަންވީ މާނައެއް ނުވިސްނުމުންނެވެ.

” މިހާރު އެނގިއްޖެ ނަވީންއަށް ހަނދައިން ނައްތައި ނުލެވުނީވެސް، ދުރުގަ ނުހުރެވުނީވެސް ކީއްވެކަން……” ލުއި ހިނިތުންވުމެއް ޔޫސުފް ޖަލީލްގެ ތުންފަތުގައި ދުވެލިއެވެ. އެއީ ހިތުގެ ކަނެއްގައިވި ހަނދާންތަކެއް އާކޮށްލި ފަދަ ހިނިތުންވުމެކެވެ. އަދި ދަރިފުޅުގެ ހޮވުމާއި މެދު ފަޙުރުވެރިކަން އެ ހިނިތުންވުމުގައި ވިއެވެ. އަނެއްކައިވެސް ފުން ބެލުމަކުން ޔޫސުފް ޖަލީލް އަހަރެންގެ މޫނަށް ބަލައިލިއެވެ. ނުނިޔަތެއް ނެތް ކަމުގައި ވިޔަސް ނަވީންގެ ބައްޕަ އަހަރެންގެ މޫނަށް އެހައި ފާޅުކަން ބޮޑު ގޮތެއްގައި ކަޅި ޖަހައި ނުލައި ބަލާތީ އަހަރެން ލަދު ގަންނަންވެސް ފެށިއެވެ.

” އަހަރެންނަށް ވެސް ވީ އެވަރު…..” މާނައިން ފުރިގެންވީ ގޮތަކަށް ޔޫސުފް ޖަލީލް އަނެއްކައިވެސް ބުނެލިއެވެ. ހިތާމަވެރި ހިނިތުންވުމެއް އެ މޫނުމަތިން ފާޅުވުމާއިއެކު ޔޫސުފް ޖަލީލް އަހަރެންގެ ދަތްދޮޅިން ދޫކޮށްލިއެވެ. މާޒީގެ ފޮތުން ޞަފްހާއެއް އައިސް ލޮލުގެ ކުރިމަތީގައި ފިޔަ ޖަހާލާފައި ދިޔުމުން ވާފަދަ ހިނިތުންވުމެކެވެ.

ނަވީން އަހަރެންގެ ގާތުގައި އަހަރެންގެ އަތުގައި ހިފަހައްޓާއިލައިގެން ހުއްޓެވެ. އެއްވެސް ބަހެއް ނުބުނެ ހުރި ގޮތުން ޔޫސުފް ޖަލީލްއަށް ވާހަކަ ދައްކަން ފުރުސަތު ދީގެން ހުރިކަހަލަ އެވެ. މައުރާގެ ނަން އަޑު އިވުމުން ނަވީން އިސްދަށަށް ޖަހައިލި ގޮތް އަހަރެންގެ ހިތުގައި ވިކައިލިއެވެ. މައުރާއަކީ ކާކު ހެއްޔެވެ؟ ޔޫސުފް ޖަލީލްއަށް މައުރާ ޚާއްސަ ވާންވީ ކީއްވެ ހެއްޔެވެ. ؟ އަހަރެންގެ މޫނުން ޔޫސުފް ޖަލީލް ހޯދަން އެއުޅުނީ މައުރާގެ ސޫރަ ހެއްޔެވެ؟ އަހަރެންނާއި މައުރާއާއި އެއްގޮތް ކަމެއް ހުރީ ހެއްޔެވެ؟ ނުވަތަ މައުރާއަކީ ނަވީންއާއި ގާތް ގުޅުމެއް އޮތް މީހެއް ހެއްޔެވެ؟

” ޒާނާ ގެއަށް ގެންދަން ވީނުން…..” ނަވީންއަށް ބަލައިލަމުން ޔޫސުފް ޖަލީލް ބުނެލިއެވެ. ކިޔަމަންތެރިކަމާއިއެކު ބޯ ޖަހައިލަމުން ނަވީން އަހަރެންގެ އަތަށް ނަވީން ދަމައިލިއެވެ. ލޯ ނުނެއްޓިގެން އުޅޭފަދަ ގޮތަކަށް އަނެއްކައިވެސް ޔޫސުފް ޖަލީލް އަހަރެންގެ މޫނަށް ބަލައިލިއެވެ. ހީވީ އެންމެ ފަހުފަހަރަށް ބަލައިލި ހެނެވެ. މިފަދަ ދުވަހެއް ދެން ނުލިބިދާނެތީ އަލްވަދާޢުގެ ބެލުމަކުން އަހަރެންގެ މޫނަށް ބަލައިލި ހެނެވެ.  ދެން ނަވީންގެ ކޮނޑުގައި މަޑުމަޑުން ޖަހައިލަމުން ނަވީންގެ ކަންފަތް ބުޑުގައި ސިއްރެއް ބުނެލިއެވެ. ޔޫސުފް ޖަލީލް ބުނީ ކީކޭ ކަމެއް ނޭނގެއެވެ. އެހެން ނަމަވެސް މާނަފުން ހިނިތުންވުމެއް ދެބަފައިންގެ ދެމެދުގައި ދަތުރުކޮށްލިއެވެ.

އެންމެންގެ ކުރިމަތީގައި އަދި ރުހާމްގެ ވެސް ކުރިމަތީގައި ނަވީން އަހަރެން މިނިވަންކަމާއިއެކު ގެނެސް ކާރަށް އެރުވިއެވެ. މައްސަލަ، މައްސަލަ އަކަށް ނުވުމުން ލިބިފައިވީ ހިތްހަމަ ޖެހުމާއިއެކުވެސް މިރޭ އެނގިގެން ދިޔަ ކަންކަމުން އަހަރެންގެ ހިތުގައި އުފެދިފައިވީ ތޫފާން މަޑުވާ ގޮތެއް ނުވިއެވެ. ވިސްނަން ބޭނުން ނޫން ކަމުގައި ވިޔަސް އެ ކަންކަމާއި ކުރެވޭ ފިކުރުތައް ވަކި މަދެއް ނުވިއެވެ. ލިބިފައިވީ ޝޮކު އަދިވެސް ހިތުން ފިލައިގެން ނުދެއެވެ. އެކަންކަމާއި އަހަރެން ކުރިމަތިލާނީ ކިހިނެތް ހެއްޔެވެ؟ އެ ހަޤީޤަތްތަކުގެ ސަބަބުން އަހަރެންގެ ދިރިއުޅުމަށް އިންޤިލާބެއް އައިސްދާނެ ހެއްޔެވެ؟ އެ ކަންކަމުގެ ސަބަބުން އަހަރެންގެ ދިރިއުޅުމަށް އަންނާނީ ކޮންކަހަލަ ބަދަލު ތަކެއް ހެއްޔެވެ؟

އެޕާޓުމަންޓުގެ ދޮރުން ވަނުމާއިއެކު ސޯފާގައި އިސްޖެހިފައި އިން މަންމަ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ކައިރީގައި ޖަނާ އިންއިރު މަންމަގެ ރޮމުންދާތީ މަސަލަސް ކުރުމަށްޓަކައި، ހިތްވަރު ދިނުމަށްޓަކައި ޖަނާ އިނީ މަންމަގެ ބުރަކަށީގައި ފިރުމާލަ ފިރުމާލައެވެ. ރޮއެ ރޮއެ މަންމަގެ ރަތްވެފައިވީ ދެލޯ ފެނުމުން އަހަރެންގެ ހިތް ރޯލިއެވެ. ހިތުގައި ނުހަނު ޖެހުނެވެ.

” މަންމާ……” އަހަރެންގެ އަޑު އިވުމާއިއެކު ފުންމައިގެން މަންމަ ތެދުވެ އަހަރެންނާއި ދިމާއަށް ދުއްވައިގަތެވެ. ބަލަބަލައި ހުއްޓާއި އައިސް އަހަރެންގެ ގައިގާ އޮޅުލައިގަންނަމުން އަނެއްކައިވެސް އިތުރަށް ރޮއެ ގަނެއްޖެ އެވެ.

” ދަރިފުޅާ….. މަގޭ ދަރިފުޅާ……” މަންމަ ރޮމުން ރޮމުން އަހަރެންގެ ގައިގާ ބައްދައިގެން ހުރެ ބުނަމުން ދިޔައެވެ. ޖަނާވެސް އައިސް އަހަރެންގެ ފުރަގަހުގައި ހުއްޓިލިއެވެ. އަހަރެން ސަލާމަތުން ހެޔޮ ހާލުގައި ހުއްޓާއި ފެނުމުން ޖަނާގެ މޫނުމަތިންވެސް ފެންނަން ހުރީ ހިތްހަމަ ޖެހުމުގެ ކުލަވަރު ތަކެވެ. އެތައް އިރަކު އެ ގޮތުގައި ހުރެ މަންމަ ރުޔެވެ. އަހަރެންގެ ފެނުމުން އެހިތަށް ލިބިފައިވީ ބަޔާން ކުރަން ނޭނގޭ ފަދަ ފިނިކަމެވެ. ދަރިއަކު އެފަދަ ގޮތަކަށް ނުކުރާކަމެއް ބޮލުގައި އަޅުވާފައި ގެންދިޔަތަން ފެނުމުން އެ މައިމީހާގެ ހިތަށް ލިބިފފައިވީ ބަޔާންކުރަން ނޭނގޭފަދަ ހިތްދަތި ކަމެކެވެ. ސަލާމަތުން އެނބުރި ގެއަށް މިހައި އަވަހަށް އަންނާނެ ކަމަށް އުއްމީދުވެސް ކަނޑާލައިގެން މަންމަ ހުރީކަން މަންމަ ރޮމުން ދިޔަ ގޮތުން އަހަރެންނަށް ދޭހަވާހާވިއެވެ.

އަހަރެން ގަޔާއި ދުރުކޮށްލަމުން މަންމަ އަހަރެގެ މޫނަށް ބަލައިލިއެވެ.

” ދަރިފުޅާ…. ކިހިނެތް ވީ…..؟ ކީއްވެ ދޫކޮށްލީ….؟ ކިހިނެތް ތި އައީ…؟ ” މަންމަގެ ސުވާލުތަކާއި އަހަރެން ކުރިމަތިލާން ޖެހުނެވެ. ބުނާނެ އެއްޗެއް އަދި އަމުދުން ވާހަކަ ފަށަންވީ ހިސާބެއްވެސް އަހަރެންގެ ދުލަކަށް ނައެވެ. މަންމަގެ ގާތުގައި، މަންމަ އެހާ ބޮޑު ޝޮކެއްގައި ހުއްޓައި އަނެއްކައި ޔޫސުފް ޖަލީލްގެ ވާހަކަ ދައްކައިގެން އިތުރު ސިހުމެއް މަންމައަށް ދޭންވީ ހެއްޔެވެ؟ އެކަންކަން އެނގުމަށްފަހު މަންމަ ނަވީންއާއި ރުހިދާނެ ބާއޭވެސް އަހަރެންގެ ހިތަށް އެރިއެވެ. އެ ބިރުވެރިކަންވެސް ހިތުގެ ކަނެއްގައި ދުވެލިއެވެ. ދުލުން ބަހެއް ނުބުނެ އަހަރެންނަށް ކުރެވުނުހާވެސް ކަމަކީ ދޮރުމަތީގައި ހުރި ނަވީންއަށް ބަލައިލުމެވެ. އެވަރުން މަންމައަށް މަންމަގެ ހިތުގައި ހުރި ހުރިހާ ސުވާލަކަށް ޖަވާބު ލިބުނު ފަދައެވެ. އަހަރެންގެ އަތުން ދޫކޮށްލަމުން މަންމަ ނަވީންއާއި ގާތަށް ފިޔަވަޅު ނަގަން ފެށިއެވެ.

ނަވީންގެ ކުރިމަތީގައި ހުއްޓިލަމުން މަންމަ ނަވީންގެ އަތުގައި ހިފައިލިއެވެ. އިސް އުފުލައި ނަވީންގެ މޫނަށް މަންމަ ބަލައިލީ ޝުކުރުން ފުރިގެންވީ ބެލުމަކުންނެވެ.

” ކާކު ހީކުރާނީ އެދުވަހު ގަދަބާރުން އަހަރެންގެ ދަރިފުޅު އެމީހަކާއި ދުރުކުރި މީހާ މިއަދު އަހަރެންގެ ދަރިފުޅަށް ރަޙުމަތެއްގެ ގޮތުގައި ފޮނުއްވަވާނެ ކަމަށް….؟” މަންމަ ނަވީންއާއި ދިމާއަށް ބަލައިލަމުން ބުނެލިއެވެ. އެ ބަހުގައިވީ ޝުކުރުވެރިކަމާއި އެކުވެސް ވެދިޔަ ކަންކަމަށް ދެރަވެ ހިތާމަ ކުރާ ކަމެވެ. ނަވީން އެއްފަހަރު އަހަރެންނަށް އަނެއްފަހަރު މަންމައަށް ބަލައިލިއެވެ.

” މި މަންމައަށް މަޢާފް ކުރާނަންތަ….؟ ލަދުވެސް ގަނޭ މަޢާފަށް އެދެންވެސް.. އެކަމަކު ރަނގަޅު ގޮތް އެނގުނީމަ ފަސްޖެހުމުގެ ބޭނުމެއްވެސް ނުފެނުނު…. މިއަދު ޤަބޫލު ކޮށްފިން ޒާނާއަށް ހަމަ އެންމެ ހެޔޮއެދޭ މީހަކީ ހަމަ ތިއީކަން… އެކަން ސާބިތު ކޮށްދިނުމުގަ ނަވީން ދެމިހުރީތީ ހައިރާންވެސް ވޭ….” މަންމަ ނަވީންގެ އަތުގައި ހިފައިގެން ހުރެ ވާހަކަ ދެއްކިއެވެ.

” ޒާނާ މަންމާ…. ދެން އެކަމާ ނުވިސްނާ… އެއީ އެދުވަހު ކަންކަން ވާން ރާއްވަވާފަ އޮތް ގޮތް.. ވެދިޔަތަން އަނބުރައެއް ނުގެނެވޭނެ. އަހަރެންގެ ހިތަކު އެއްވެސް ބުރަކަމެއް ނެތް….” ނަވީން ބުނެލިއެވެ. ކަރުނައިގެ ތެރެއިން މަންމަ ހިނިތުންވެލީ ނަވީންގެ ބަސްތައް އަޑު އިވުމުންނެވެ.

” ތިއީ ހަމަ ޖަވާހިރެއް…ނަވީންއަކަށް ނޭނގޭނެ ތި ކޮށްދެވުނީ ކިހާ ބޮޑު ކަމެއް ކަމެއް… މިރޭ އަހަރެންގެ ދަރިފުޅު އަހަރެންގެ ކައިރީގައި އެހުރީ ނަވީންގެ ސަބަބުން…. ޝުކުރު އަދާ ކުރާނެ ގޮތެއްވެސް ނޭނގޭ…. ” މަންމަ ބުނެލިއެވެ.

” ދަރިފުޅާ… ނަވީންއަށް ކޮންމެވެސް އެއްޗެއް ދޭން ވީނުން…ހީވަނީ ބަނޑުހައިވެފަ ހެން ހުރީ… މިގެއަށް އައި ދުވަހު އެއްޗެއް ނުދީ ފޮނުވައި ނުލާތި އިނގޭ… މަންމަ މައްސަލައެއް ނެތް އެއްޗަކަށް އޯޑަރ ކުރިޔަސް…. މަންމަ މިދަނީ ނަމާދުކޮށްލަން އިނގޭ…..” އަހަރެންނާއި ދިމާއަށް އެނބުރިލަމުން މަންމަ ބުނެލިއެވެ. އަދި ހިނިތުން ވެލަމުން ނަވީންގެ ކޮނޑުގައި ފިރުމައިލަމުން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. މަންމަ އަހަރެންނާއި ނަވީންއަށް އެކަނި ވަގުތުކޮޅެއް ދޭން ބޭނުން ވީކަން އެ އަމަލުން އަހަރެންނަށް ފަހުމް ވިއެވެ. މަންމަ ކޮޓަރިއަށް ވަނުމުން ނަވީން ވަށައިގެން ނަޒަރު ހިނގައިލަމުން އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓުލިއެވެ.

” ޒާނާ….؟ އޯކޭތަ…؟” ނަވީން އަހައިލިއެވެ. މޫނު ފޮހެލަމުން އަހަރެން ބޯޖަހައިލީމެވެ.

“ވާހަކަ ދައްކާލަން ބޭނުން…..” ނަވީން އަހަރެންނާއި ހަތަރުކަޅީ ހަމަކޮށްލަމުން އެދުނެވެ.

” އަހަރެންވެސް……” އަހަރެންވެސް އެކަމަށް އެދޭކަން ހާމަ ކުރީމެވެ. ހިތުގައި އުފެދިފައި ހުރި ސުވާލުތަކުގެ ޖަވާބު ބޭނުން ވާތީއެވެ.

” އަހަރެން އެއްޗަކަށް އޯޑާރ ކޮށްލާނަން އިނގޭ… އައީމަ ގޮވާލާނަން އިނގޭ….” ތަނަށް ވެރިވި ފަޅު ހަމަހިމޭންކަން ފޫއަޅުވައި ލަމުން ޖަނާ ބުނެލިއެވެ.

އަހަރެން ބޯޖަހައިލަމުން ބެލްކަންޏާއި ދިމާއަށް ހިނގައިގަތީމެވެ. އެއާއިއެކު ނަވީންވެސް އަހަރެންގެ ތަންކޮޅެއް ފަހަތުގައި ހުރެ އަހަރެންގެ ފަހަތުން ހިނގައިގަތެވެ.

ބެލްކަންޏަށް ނިކުމެވެން އިން ދޮރުން ބޭރަށް ނިކުތުމާއިއެކު ނަވީން ދޮރު ކަހައިލިއެވެ. އެތަނުގައި ދެކެވޭ ވާހަކަ އެހެން އެއްވެސް މީހަކަށް އެނގެން ނަވީން ބޭނުން ނުވީކަން އެއަމަލުން ހެކި ދިނެވެ.

އެއްފަރާތުގައި ހުރި އުނދޯލީގައި އިށީނދެލަމުން އަހަރެންގެ ވައަތް ފަރާތަށް އިޝާރާތް ކުރަމުން އަހަރެންގެ ގާތުގައި އިށީނުމަށް ނަވީންއަށް ދަޢުވަތު ދިނީމެވެ. ނަވީން އައިސް އަހަރެންގެ ގާތުގައި  އުނދޯލީގައި އިށީނދެލިއެވެ. ދެމީހުންގެ ދެމެދުގައި މިހާރުވީ މަދު އިންޗިކޮޅެއްގެ ދުރުމިނެވެ. ނަމަވެސް އެ ގާތް ކަމުން އަހަރެންގެ ހިތަށް ތަސައްލީއެއް ލިބުނެވެ. މިތަނަށް އައީ އެތަކެއް ވާހަކަތަކެއް ދައްކަން ކަމުގައި ވިޔަސް އަހަރެންނަށް  ފަސް ޖެހެވޭ ގޮތެ ވިއެވެ. ނޫނީ ވާހަކަ ފަށާނެ ކޮޅެއް ސިކުނޑިއަށް ނައީ ހެއްޔެވެ؟

ރޭގަނޑުގެ ހިތްގައިމުކަމާއި މަޑުމޮޅިކަމުން އަދި އެކަކު އަނެކަކުގެ ގާތުގައި ވުމުން ދެހިތަށްވެސް އޭގެ ހަމަ ޖެހުން ލިބި ޝިފާއެއް ލިބެމުން ދިޔައެވެ. މެންދަންވާން ގާތްވަމުން އައި ވަގުތަށް ވުމުން މާހައުލަށް އަރާމު ހަމަހިމޭން ކަމެއްވެސް ވެރިވަމުން އައެވެ. އުޑުގައި ރަނިކަން ކުރަމުން ދިޔަ ތަރިތަކުގެ ފައުޖުން މާހައުލަށް އުޖާލާ ކަމެއް ލިބިފައި ވީ ކަމުގައި ވިޔަސް ދެހިތުގައި އުފެދިފައިވީ އުދާސްކަން އެގޮތުގައި ދެމިއޮތެވެ.

ނަވީންއާއި އިތުރަށް ގާތް ވެލަމުން ނަވީންގެ އަތުގައި ބައްދައިލަމުން އެ ކޮނޑުގައި އަހަރެން  ބޯއަޅައިލީމެވެ. މިރޭގެ ހަނދާންތަކުން އުނދަގުވެ އިނދެއެވެ. މި ބިރުވެރި ރޭ ރަޙުމަތެއް ފަދައިން ނަވީން އަހަރެންނާއި އެކުގައި ވުމުން އަހަރެންގެ ހިތް ޝުކުރުން ފުރެނެވެ. ނަވީންއަށް އަހަރެންގެ ހިތުން ދެވިފައިވީ ދަރަޖަ މަތިވިއެވެ. ނަމަވެސް އޭގެ ފަހުގައި އެނގިގެން ދިޔަ ކަންކަމުން އަހަރެންނަށް ލިބިފައިވީ ޝޮކު ބޮޑެވެ. އަދިވެސް ޔޫސުފް ޖަލީލްގެ އެންމެފަހު ބަސްތައް އަހަރެންގެ ހިތުގައި ހަރުލާފައި ވިއެވެ.

“ހަމަ މައުރާ… ”

“މިހާރު އެނގިއްޖެ ނަވީންއަށް ހަނދައިން ނައްތައި ނުލެވުނީވެސް، ދުރުގަ ނުހުރެވުނީވެސް ކީއްވެކަން….”

ނަވީން އަހަރެންދެކެ ވީ ލޯބި އެ ބައްޕަގެ ދުލުން ފާޅުކޮށްލި ކަމުގައި ވިޔަސް ޔޫސުފް ޖަލީލްގެ އެ މާނަފުން ބަސްތައް އަހަރެންގެ ކަންފަތުން ފިލައިގެން ނުދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anaq

Level 210 Stories

Other Articles

Previous

އާއެކޭ ލޯބިވޭ… ފަންސާސްހަތްވަނަބައި (ކިޔާދެން ހިތްދަތި ވަކިވުން )

Next

ތަޤުދީރު-17

Next
August 10, 2026

ތަޤުދީރު-17

Previews
August 10, 2026

އާއެކޭ ލޯބިވޭ… ފަންސާސްހަތްވަނަބައި (ކިޔާދެން ހިތްދަތި ވަކިވުން )



All Right Reserved!