ގާތުގާ… 46
ނަވީން އަހަރެންދެކެ ވީ ލޯބި އެ ބައްޕަގެ ދުލުން ފާޅުކޮށްލި ކަމުގައި ވިޔަސް ޔޫސުފް ޖަލީލްގެ އެ މާނަފުން ބަސްތައް އަހަރެންގެ ކަންފަތުން ފިލައިގެން ނުދިޔައެވެ.
*******
” ޒާނާ….. އަހަރެން އެއްވެސް ހާލެއްގައި ޒާނާއަށް ކަންކަން ސިއްރު ކުރުމުގެ ނިޔަތަކު ނޫން ނުބުނެ ހުރީއެއް… ރަނގަޅު ވަގުތެއް ބަލާފަ ބުނަން ހުރީ….” ނަވީން މަޑުމަޑުން ބުނެލިއެވެ. ނަވީން ވާހަކަ ދައްކަމުން ދިޔައިރު އަހަރެން ހަމަ އެ އިން ގޮތަށް ނަވީންގެ ކޮނޑުގައި ބޯ އަޅާއިލައިގެން އަޑުއަހަން އިނީމެވެ.
” ސޮރީ… ވަރަށް ބޮޑަށް ސޮރީ… އަހަރެންގެ ބައްޕައަކީ ކާކުކަން ބުނަން ފަސްޖެހެވުނީ ޒާނާ އަހަރެން ދޫކޮށްލާފަ ގޮސްދާނެ ކަމުގެ ބިރު އޮތް ވަރުން… އެއްވެސް ވަރަކަށް ސިއްރުކުރަން ބޭނުން ވެގެންނެއް ނޫން… ޒާނާއަށް އޮޅުވައިލާކަށް ވެސް ނޫން… އުނދަގޫވެސް ވި ހިތުގަ ކަންތައްތަކެއް ފޮރުވައިގެން ހުންނަން ޖެހުނީމަ….” ނަވީންގެ އަޑުގައި ކަންބޮޑުވުމުގެ އަސަރު ވިއެވެ.
” އަހަރެން ޒާނާދެކެ ވަރަށް ލޯބިވޭ… އަބަދުވެސް ހިތުގެ އެންމެ ފުނުން ލޯބިވިން… ކަންކަން އަހަރެމެންގެ ދެމެދުގައި ކޮންމެ ގޮތަކަށް ވެފައި އޮތަސް އަހަރެންގެ ހިތުގައި ޒާނާއަށް އޮތް ލޯތްބަކަށް އެއްވެސް ފަނޑުކަމެއް ނާދޭ… އެތައް ބަޔަކު ގެނެވޭތޯވެސް އުޅުނު… އެކަމަކު އުމުރުން ފާއިތުވާން ފެށި ކޮންމެ ދުވަހަކާއި އެކު ވާ ލޯބި ދިޔައީ އިތުރު ވަމުން… ވަރުގަދަ ވަމުން….” ނަވީން ބުނެލިއެވެ. ނަވީންގެ ވާހަކަތައް އަޑު އިވުމުން އަހަރެންނަށް ނަވީންގެ މޫނަށް ބަލައިލެވުނެވެ. އަހަރެން ނަވީންގެ ހަޔާތުން ދުރަށް ދިޔުމަށްފަހު ކަންކަން ވީ ގޮތް އެނގެމުން ދިޔުމުން އަހަރެންނަށް ޝައުގުވެރި ވެވުނެވެ.
” އާން ޒާނާ… ޒާނާ ދިޔުމުން އަހަރެން ހަމަ ފުން ވަޅުގަނޑަކަށް ވެއްޓުނު ކަހަލަ. ހަމަ ދުނިޔެއިން މޮޔަވި ކަހަލަ… ވަރަށް އުނދަގުވި… ހަނދާނެ ގޮތް ހުސްވި…ދުވަހަކުވެސް ހުންނާކަށް ނުޖެހޭ ކަމުގެ ހައްލެއް ނުލިބިފައެއް… އެކަމަކު ޒާނާ ދިޔުމުން އަހަރެންނަށް ދުވާލާއި ރޭގަނޑުވެސް އޮޅެން ފެށި…. ސިކުނޑި ހަމަ ހުސްވި… ރެޔާ ދުވާލު ތި ނޫން ސޫރައެއް ހަނދާނެއް ނުވޭ…. ހަނދާން ވާވަރުން ނުނިދިގެން ތެޅިފޮޅެވުނު ރޭތައް މަދެއް ނުވާނެ…. ” ނަވީން ބުނެލިއެވެ.
” އެހާ ގާތްކޮށް އުޅެވިފަ ހުރީމަ ކަންނޭނގެ އެހާ އުނދަގޫ އެވީ… އެތައް މަސައްކަތަކުން އަހަރެންނަށް މިހައި ހިސާބަށް އާދެވިފައި މިހުރީ…. ތެދަށް ބުނަންޔާ އަހަރެންގެ ބައްޕަގެ އެހީތެރިކަން އަހަރެން ހީ ނުކުރާ ވަރަށް ލިބުނު… ބައްޕަގެ ހިތުގައި ހިތެއް ވާކަންވެސް އަހަރެންނަށް އެނގުނި ވެސް އެ ދުވަސްކޮޅު..، ބައްޕަ އަހަރެން ދެކެ ކިހައި ލޯބިވާކަން އަހަރެންނަށްޓަކައި ކިހާ ފޮނި އުއްމީދުތަކެއް ކުރާކަންވެސް….ތެދަށް ބުނަންޔާ ބައްޕަގެ ހިތްވަރުން އަހަރެންނަށް އަލުން ދިރިއުޅެން ފެށީފައި މިހުރީ…….އަހަރެންނަށް ހެޔޮ އެދެނީ ކޮން ކޮން ބައެއްކަން އަހަރެންނަށް އެނގުނު ހާދިސާއެއް އެއީ… ހުސް އިބުރަތުން ފުރިގެންވީ….. މިވާހަކަތައް މި ދައްކަނީ ޒާނާ ދެރަ ކުރާކަށް ނޫން… އެހެން ހީ ނުކުރައްޗޭ…. އެކަމަކު ދެން ކަންކަން ސިއްރު ނުކުރަން ވެގެން…” ނަވީން އަހަރެންގެ މޫނަށް ބަލައިލިއެވެ. އަހަރެންގެ ހިތުގައި ޖެހުނެވެ. ކުށްވެރިކަމުގެ އިހުސާސްތައް އައިސް ވަށައިލިއެވެ. އަހަރެންނާއި ހެދި ނަވީން ބަރުދާސްތު ކުރަން އެ ޖެހުނީ ކިހާބޮޑު ހިތާމައެއް ހެއްޔެވެ؟ އަހަރެންނަށް ނަވީންއަށް ދެވުނީ ކިހައި ބޮޑު އަނިޔާއެއް ހެއްޔެވެ؟
” އެތައް މަސައްކަތަކުން އަހަރެން ދެފައިމައްޗަށް ކޮޅަށް ތެދުވީ… ވަރަށް ހިތްވަރުން… ބައްޕަގެ ހިތްވަރުން… ތެދަށް ބުނަންޔާ އަހަރެން ދިރިހުރީ ޒާނާއަށްޓަކައި. ޒާނާއަށްފަހު އަހަރެން އަންހެނުން މަތިން ހަނދައިން ނައްތައިލިން… ހަމައެކަނި ކުރިމަގަށް ބައްޕަގެ ބިޒްނަސްއަށް އެކަނި ސަމާލުކަން ދިނީ… އެހެން އެއްވެސް ކަމެއް ނުބަހައްޓަން ބޮލަކު… އެކަމަކު އަހަރެންނަށް ވާނުވާ އެނގެން ފެށުމުން ދުރުގަ ހުރެގެންވެސް އަހަރެން ދިޔައީ ޒަނާގެ ދިރިއުޅުން ވަރަށް ގާތުން ބަލަމުން… އެކަމަކު ޒާނާ ވަރަށް އުފަލުން ހުންނަތަން ފެނުނީ… އެހެންވެ ދެން ޒާނާ އުފަލުން ހުރިއްޔާ އަހަރެންވެސް ހުރީ އުފަލުން… އެ އުފާތައް އަލުން ލިބެން ނެތްކަން އެނގުމުންވެސް، ހިތްދަތި ވިޔަސް ހިތްހަމަ ޖައްސައިލިން….އެކަމަކު ހިތުގެ އެއް ކަނަކު އަބަދުވެސް ގޮވި ޒާނާ އޯކޭއެއް ނޫނޭ.. އެކަމަކު އަހަރެންގެ ލޮލަށް ފެނުނީ އެހެން މަންޒަރެއް…އެހެން އުޅެނިކޮށް ޖަނާ ފަރާތުން އެނގުނީ ޒާނާ އުޅެމުން ދިޔަ ހާލު… ދެން އަހަރެންގެ ހިތަކަށް ކެތެއް ނުވި… އެންމެ ސިކުންތަކުވެސް ދުރަކު ނުހުރެވުނު… އެނގޭތަ ޒާނާ ހޮސްޕިޓަލުގައި އޮއްވައި އެއްރޭ ދިޔައީމޭ ދެކިލާ ހިތުން ނުނިދިގެން… ހިތަށް ކެތް ނުވެގެން…. ކަޕްކޭކާއި ޒާނާ އެންމެ ބޭނުންވާ ކަހަލަ ޑޯނަޓްސްވެސް ގެންގޮސް ދިނިން….. ފޮރުވިގެން ހުރެ ކުޑަކުޑަ އުފަލެއް ދެވޭތޯ ބެލިން… ކޮންމެވެސް ވަރަކަށް އެކަން ކާމިޔާބުވި ކަންނޭނގެ…. އެއީ އަހަރު ތަކަކަށްފަހު އެންމެ ފުރަތަމަ ޒާނާ ފެނުނު ދުވަސް… އެރޭ އަހަރެން ގެއަށްއައީ އަންނަ ހިތަކުން ނޫން… އެކަމަކުވެސް ޒަމާންގަނޑަކަށްފަހު ހިތަށް އަރާމެއް ލިބުނީ އެރޭ…ތިޔަ ރީތި މޫނު ފެނުމުން… ހީވީ ހިތުގަ އޮތް ގާގަނޑެއް ނެގުނުހެން ހަމަ…” ނަވީންގެ ވާހަކައިން އަހަރެންގެ ސިކުނޑީގެ ކަނަކުން އެހަނދާންތައް ކޮށްޓައިލިއެވެ. ނަވީންގެ ވާހަކައިން އެތައް ކަންކަމެއް އޮޅުން ފިލަމުން ދިޔަދިޔަހެން އަހަރެންގެ ހައިރާންކަން އިތުރުވަމުން ދިޔައެވެ. ނަމަވެސް ބުނެދޭން ނޭނގޭ ލުއިކަމެއްވެސް ހިތަށް ލިބެމުން ދިޔައީ ހިތުގައި އުފެދިފައިވީ ސުވާލުތަކަށް އަހަރެން އެދުމަކާއި ނުލައި ނަވީން ޖަވާބު ދެމުން ދިޔައީތީއެވެ.
” އޭގެ ފަހުން ޒާނާއަށް ދިމާވި ކޮންމެ ކަމެއްގަ ޒާނާ ހިމާޔަތް ކުރުމުގަ އަހަރެން ހުރިން ޒާނާގެ ކައިރީގަ… ޖަނާގެ ވެޑިން އިން ދިމާވުންވެސް އެއީ އަހަރެން ބޭނުންވި ގޮތް.. މީހެއްގެ ހައްޤަކަށް އަހަރެން ދުވަހަކުވެސް އަރައެއް ނުގަންނާނަން… އެހެންވެ ޒާނާ މިނިވަންވި ދުވަހު އަހަރެން ޒާނާގެ ކުރިމައްޗަށް އައީ… ހާދަ ދިގު އިންތިޒާރެކޭ އެއީ… ހިތް އޮބި ނޯވެގެން ކިހާވަރަކަށް ތެޅި ފޮޅުނު…. ” އަހަރެންގެ މޫނުގައި ނަވީން ހިފައިލަމުން އިޝްޤީ ގޮތަކަށް ބުނެލިއެވެ. އެ ހުރިހާ ދުވަހު ވީ ކޮޅުނެތް ކޮޅުގެ ކެތްތެރިކަމުގެ ފޮނިކަން އެދެލޮލުން ފެންނަން ހުއްޓެވެ.
” މިހުރިހާ ކަމެއް ޖަނާއަށް އެނގޭނެ… އެކަމަކު އެކަމުގަ ޖަނާ ކުށްވެރި ނުކުރައްޗޭ އިނގޭ…. އެއީ ވަރަށް ރަނގަޅު ރަހުމަތްތެރިއެއް ޒާނާއަށް…. ޖަނާ ނުބުނި ނަމަ އަދިވެސް އަހަރެންނަށް ނޭނގުނީސް ޒާނާ އުޅުނު ހާލެއް…” ނަވީން ބުނެލިއެވެ. އަހަރެންނަށް ބޯޖަހައިލެވުނެވެ. ޖަނާ އެކޮށްދިނީ ވަރަށް ބޮޑު ހެޔޮކަމެކެވެ. ޖަނާގެ ފަރާތުން ހިތްވަރު ލިބިގެން ވިޔަސް އަހަރެންނަށް ރުހާމްގެ ފަރާތުން މިނިވަން ވެވުނީތީ އަހަރެން މިއަދު އުފާވެއެވެ.
” ޒާނާ… އަހަރެންނަށް އެނގޭ ޒާނާގެ ހަޔާތުގަ ވޭތުވެ މިދިޔަ ހަތް އަހަރު ވަރަށް ގިނަ ކަންކަން ހިނގާފަ ހުންނާނެކަން ނާއިންސާފުން…. އެކަންކަން އަހަރެން އެނގެންވެސް ބޭނުން… އެކަމަކު އަހަރެން ޒާނާއަށް މަޖުބޫރެއް ނުކުރާނަން…. ޒާނާ ހަމަ ބޭނުން އިރަކުން ކިޔައިދޭންވީ… އެކަމަކު އަހަރެން ބުނެލަން ބޭނުންވަނީ އަހަރެން އެނގެން ބޭނުމޭ…..” ނަވީން ބުނެލިއެވެ. އަހަރެން ބޯޖަހައިލީމެވެ.
” އެނގޭ ނަވީން އެކަންކަން އެނގެން ތި ބޭނުން ވަނީ ކީއްވެކަން… އަހަރެންނަށް ވުރެން ބޮޑަށް ނަވީން އެނގޭނެ އެހެން މީހެއް ނުހުންނާނެ…. އަހަރެން ބޭނުމެއް ނޫން ނަވީން އެއްވެސް މީހަކަށް އަނިޔާވެރި ވާކަށް….” އަހަރެން އެދޭ ގޮތް ބުނެލީމެވެ. ނަވީން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަން އަހަރެންނަށް މާޒީގައިވެސް އޮތީ އެނގި ހާމަވެފައެވެ. އެހެން ވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންގެ އެދޭގޮތް ހާމަކޮށްދިނުމުން ނަވީން އިސް ޖަހައިލިއެވެ. ނަވީންގެ އެ އިސްޖަހައިލުމުން އެކަން އެގޮތަށް ވާކަށް ނެތޭ ބުނެލި ފަދައެވެ.
” ސޮރީ… އެކަމަކު ޒާނާއަށް އަނިޔާވެރިވި މީހާ އަހަރެންނަކަށް ދޫކޮށެއް ނުލެވޭނެ…. އެއީ އަހަރެންގެ އުސޫލުތައް ތަންދޭ ގޮތެއް ނޫން…” ނަވީން މާޔޫސްކަމާއިއެކު ބުނެލިއެވެ. އަހަރެންނަށް ދުރު ބަލައިލެވުނެވެ. އެކަން ވާނީވެސް އެހެންކަން އެނގެއެވެ. ނަވީންއަކީ އަހަރެން ނުދަންނަ މީހެއް ނޫނެވެ.
” އަހަރެންނަށްޓަކައި ނަވީން ކިހާ އުސޫލުތަކެއް މުގުރައިލިން ކުރިންވެސް…. މިފަހަރު ކީއްވެ އުނދަގުވާންވީ….” އަހަރެންނަށް ހިތުގައި ޖެހިފައި މަޑުމަޑުން ބުނެވުނެވެ.
” ކުރިން އެއްވެސް މީހެއް ނެތް ޒާނާއަށް އަނިޔާވެރި ވެފައެއް….” ނަވީން ބުނެލިއެވެ. ހަޤީޤަތަށެވެ.
” އެކަމަކު މީހަކަށް އަނިޔާވެރި ވެގެން ކޮން ހިތްހަމަ ޖެހުމެއް އަހަރެމެންނަށް ލިބޭނީ…؟ ކޮންމެ މީހަކަށްވެސް އެމީޙަކު ކުރި ކަމެއްގެ ސަޒާ ދެއްވާނެ… ” އަހަރެންނަށް އިސްދަށަށް ޖަހައިލެވުނެވެ. އަހަރެންނަށް ރުހާމް ކިތަންމެ ވޭނަކާއި ހިތްދަތިކަމެއް ދީފައި ވިޔަސް ރުހާމްއަށް ނަވީންގެ ދެއަތުން އަނިޔާ ވާކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންނަށް އިންސާފު ހޯދައިދޭން އެފަދަ އަމަލެއް ކޮށް ނަވީންގެ ދެއަތް މުޑުދާރު ކުރާކަށް ބޭނުމެއް ނޫނެވެ.
” މައްސަލައެއް ނެތް… އަހަރެން މަސައްކަތް ކުރާނަން ޤާނޫނުގެ ތެރެއިން ކަންކަން ގެންދެވޭތޯ…….” އަހަރެން ހިތްހަމަ ނުޖެހުނުހެން ހީވެގެން ނަވީން އެންމެ ފަހުން ބުނެލިއެވެ. އަހަރެން އެދުނު އެދުމެއް މިވީހާ ތަނަކަށް ނަވީން ބޮލާލައި ޖަހާފައެއް ނެތެވެ. މަޑުމަޑުން އަހަރެން ބޯ ޖަހައިލީ އެވަރުން މިވަގުތަށް އަހަރެންނަށް ފުދުމުންނެވެ.
“އެ ކަންކަން… އެ ދުވަސްތައް….. އަހަރެން ބުނެދޭނަން… އެކަމް ފަހުން….” އަހަރެންނަށް އަޅައިގަންނަމުން ކަހަލަ ގޮތަކަށް ބުނެވުނެވެ. ނަވީން އެ ގޮތާއި އެއްބަސް ވަމުން ބޯ ޖަހައިލިއެވެ.
” ނަވީން…. އަހަރެން ވާހަކަ އެއް އަހައިލަންތަ….؟” އަހަރެން ނުކެރިފައި އިނދެ އަހައިލީމެވެ..
” އަހާ… ޒާނާއަށް އަހަރެންނާއި ކޮންމެ ވާޙަކައެއްވެސް ދެއްކޭނެ ….” ނަވީން ބުނެލިއެވެ.
“ނަވީންގެ ބައްޕަގެ ނުފޫޒެއް ފޯރަފާނެތަ އަހަރެމެން ދެމީހުންގެ ގުޅުމަށް… އެހެން މިބުނީ އެއީ ޔޫސުފް ޖަލީލް ވީމަ….” އަހަރެންގެ ހިތުގައި އޮތް ބިރުވެރިކަން އަހަރެން ހާމަ ކުރީމެވެ.
” ހޭއި ދޫނީ…. އެކަމާ ތަ ބިރުން ތީނީ….؟” ނަވީން އަހަރެންގެ މޫނަށް ބަލައިލަމުން އަހައިލިއެވެ. އަދި އަހަރެން ގާތް ކޮށްލައި އަހަރެންގެ ކޮނޑުގައި އަތް އަޅުވައިލިއެވެ.
” ބައްޕަގެ އެއްވެސް ނުފޫޒެއް ނުފޯރާނެ…. ބައްޕަ ހަމަ އޯކޭއޭ އަހަރެންނާއި ޒާނާ ގުޅެން….” ނަވީން ބުނެލިއެވެ.
” އެކަމަކު އަހަރެން ކަހަލަ އާދައިގެ އަންހެން ކުއްޖަކާއި ގުޅެން އޯކޭތަ ހަމަ؟ އަދި ކަންކަން ވެފަ އޮތް ގޮތުންވެސް ކުރީގަ…..؟” އަހަރެން އަނެއްކައިވެސް އަހައިލީމެވެ.
” އަހަރެން ލޯބިވާ ކުއްޖާ ވާނީ ބައްޕައަށްވެސް ވަރަށް ހާއްސަ ކުއްޖަކަށް… އެހެން ނޫނަސް ބައްޕައަށް އެނގޭނެ ބައްޕަ ނުޤަބޫލަސް އަހަރެން ކުރަން ބޭނުން ކަމެއް އަހަރެން ކުރާނެކަން….” ނަވީން ވަރަށް ހަމަ ޖެހިލާފައި ބުނެލިއެވެ.
” ވަޓް…. ނަވީން އަށް ކެރޭތަ…؟” އައި މީން އެއީ ޔޫސުފް ޖަލީލް… އާދައިގެ މީހެއް ނޫން….” އަހަރެންނަށް ދެލޯ ބޮޑުކޮށްލަމުން ހައިރާން ވެފައި އަހައިލެވުނެވެ.
” ޔެސް… އަހަރެންނަށް ކެރެއޭ… އަހަރެން މިއީ ޔޫސުފް ޖަލީލްގެ ދަރިއެއް.. އަހަރެންނަށް ނުކެރި ދެން ކާކަށް ކެރޭނީ…. އެނގޭތަ ދެން އެންމެ ޝޮކިން ތަންކޮޅު…. ބައްޕަ ވަރަށް ފަޙުރުވެރިވޭ އެހެންވެ…” ނަވީން ބުނެލިއެވެ. ޤަބޫލު ކުރަން ދަތިވެފައި އަހަރެންނަށް އިނދެވުނެވެ.
” ޒާނާ ދުވަހަކުވެސް ފެންވަރުގެ ތަފާތު އަހަރެމެން ދެމިހުންގެ ދެމެދަށް އަޔަ ނުދެއްޗޭ އިނގޭ… އަހަރެން ލޯބިވީ ޒާނާ ދެކެ. ޒާނާ ތިއީ ކޮން ފެންވަރެއްގެ ކާކުތޯ ބަލާފައެއް ނޫން… އަހަރެން ޒާނާ ދޫކޮށެއް ނުލާނަން… ” ނަވީން އަހަރެންގެ މޫނުގައި ދެއަތުން ހިފައިލަމުން ވާހަކަ ދެއްކިއެވެ. ތަރިއިރު ހަނދު ހެކި ނުކުރި ކަމުގައި ވިޔަސް އެއީ ވަޢުދެކެވެ. ނަވީންގެ ދެލޮލުން އެކަމަށް ހެކިވިއެވެ. އެބަހުގެ ތަދުކަމާއި އެއީ ހިތުގެ ކިހާ ފުނަކުން ބުނި ބަހެއްކަން އެ ދެލޯ އަންގައި ދިނެވެ.
” އެހެން ނޫނަސް ޒާނާ ތިއީ އާދައިގެ އަންހެން ކުއްޖަކަށް ވެގެން ބައްޕަ މައްސަލައެއް ނުޖައްސާނެ… ބައްޕަ އެއީ އެކަންކަމަށް ބަލާ މީހެއް ނޫން….” ނަވީންގެ ވާހަކަތަކުން އަހަރެންގެ ތެޅިފޮޅެމުން ދިޔަ ހިތް ހަމަ ޖެހިލިއެވެ.
” ދޫނި ހާސްނުވޭ… އަހަރެން މިހުރީނުން…” ނަވީން އަހަރެންގެ ބޯ ގެންގޮސް ނަވީންގެ މޭގައި ޖައްސައިލަމުން ބުނެލިއެވެ. ނަވީންގެ މޭގައި ބޯ އަޅާއިލަމުން ފިކުރުތަކާއި ދުރަށް އަހަރެން ފީނައި ގަތީމެވެ. ނަވީންގެ ބަސްތަކުންނާއި އެ ދިން ޔަޤީން ކަމުން އަހަރެންގެ ހިތް ހަމަ ޖެހުނެވެ.
ޖެހެމުން ދިޔަ ވައިރޯޅިތަކުން ހިތް އުފާ ކުރުމުގައި ދެމީހުން އެކަކު އަނެކަކުގެ އަތުގެ ތެރޭގައި ތިބީމެވެ. އެ ގޮތުގައި ވަގުތުތަކެއް ފާއިތުވެގެން ދިޔައެވެ. ބަސް ބުނުމަކާއި ނުލައި އެތަކެއް ވަގުތު ތަކެއް ދެމީހުންގެ އަތުތެރޭގައި ހިތްހަމަޖެހި ތިބެ ހޭދަކުރީމެވެ. ނަމަވެސް އަހަރެންގެ ބޮލަށް އުނދަގު ކުރަމުން ދިޔަ އެއްސުވާލު އަދިވެސް ވިއެވެ.
” ނަވީން….” އަހަރެން ހަމަ އެ އޮތް ގޮތަށް ނަވީންގެ މޭގައި ބޯ އަޅައިލައިގެން އޮވެ ގޮވައިލީމެވެ.
” ހޫމް….” ނަވީން ޖަވާބު ދިނެވެ.
” މައުރާއަކީ ކާކު…..؟” އަހަރެން އަހައިލީމެވެ. ކުޑަ ހިނދުކޮޅަކަށް ނަވީން ހިމޭން ވިއެވެ. ނަވީންގެ ހިތާއި ދިމާގައި ޖައްސައިލެވިފައިވީ އަހަރެންގެ ކަންފަތަށް ނަވީންގެ ހިތުގެ ތެޅުން އަވަސްވެލިކަން އިހުސާސް ވިއެވެ. އެހިނދު އަހަރެންގެ ހިތްވެސް އަވަސް ވެލީ ނަވީންގެ ޖަވާބަކަށް އެދިއެވެ.
” މަންމަ…..” ނަވީންގެ ޖަވާބުން ހައިރާންވެފައި އަހަރެންނަށް ނަވީންގެ މޫނަށް ބަލައިލެވުނެވެ. ވީ ގޮތް އަހަރެންނަށް ވިސްނުނީ ދެނެވެ. ނަވީންގެ މަންމަވަނީ ނިޔާވެފައި ކަން އަހަރެންނަށް އޮތީ އެނގިފައެވެ. އެކަމަކު އެއި ކީއްވެ ކަމެއްވެސް އަދި ނަވީންގެ މަންމައަށް ކިޔަނީ ކޮން ނަމެއް ކަމެއްވެސް އަހަރެންނަށް އެނގިފައެއް ނެތެވެ. ސުވާލު އުފެދުނީ އެހެންވެއެވެ.
” ސޮރީ…..” އަހަރެން ބުނީމެވެ.
” އެ އޯކޭ ވާނެ…..” ނަވީން ބުނެލިއެވެ. އިތުރަށް ސުވާލެއް އަހައިލަން ވެސް ނުކެރިފައި އަހަރެން އިނީމެވެ.
” ބައްޕަ ވަރަށް ލޯބިވި މަންމަ ދެކެ…” ނަވީން އަހަރެންގެ ހިތުގައިވީ ސުވާލު އެނގިގެން ބުނެލިއެވެ.
” ބައްޕަ ހަމައެކަނި ލޯބިވީ މަންމަދެކެ….” ނަވީން ބުނެލިއެވެ. ޔޫސުފް ޖަލީލް ފަދަ ވަރުގަދަ ޝަހުސިއްޔަތަކަށްވެސް ހަޔާތުގައި ލޯބި މި ވެވުނީ އެންމެ މީހެއް ދެކެ އެންމެ ފަހަރަކުތާއެވެ. ލޯތްބަކީ އެހައިވެސް ނުކިޔަމަންތެރި އެއްޗަކީ ހެއްޔެވެ؟
” އަދިވެސް ބައްޕަ މަންމަ ހަނދާން ކުރޭ…..” ނަވީން ބުނެލިއެވެ.
” މަންމަ ހުންނަ ކަހަލަ ގޮތެއް ޒާނާގެ ގައިގަ ހުރީމަ ބައްޕަ އެހާ ބޮޑަށް އެ ސިހުނީ މިރޭ…” ނަވީން ބުނެލިއެވެ. ޔޫސުފް ޖަލީލްގެ އަމަލުތަށް އަހަރެންނަށް ތަރުޖަމާ ކުރެވުނީ ނަވީންގެ ވާހަކައިންނެވެ.
“އެއީ ކޮން ގޮތެއް….؟” އަހަރެން ދެބުމަ ކައިރިކޮށްލަމުން ސުވާލު އުފެދިފައި އަހައިލީމެވެ. ޔޫސުފް ޖަލީލްފަދަ ބޭފުޅެއްގެ ހިތުގައި ލޯބީގެ ހުޅުކޮޅު ރޯކޮށްލެވުނު ހަމައެކަނި އަންހެންކުއްޖާއާއި ބެހޭ ގޮތުން އަހަރެން ނޫން ކޮންމެ މީހެއްވެސް އެނގެން ބޭނުންވާނެއެވެ. އަދި އަމުދުން އަހަރެންނާއި އެ އަންހެން ކުއްޖާގެ އެއްގޮތް ކަމެއް ހުރިކަން އެނގުނީމައި އިތުރަށް އަހަރެންގެ ޝައުގުވެރިކަން ދަމައިގަތެވެ. ނަވީން ކުޑަކޮށް ހީލަމުން އަހަރެންގެ މޫނަށް ގޯނާ ކުރަމުން ދިޔަ އިސްތަށިކޮޅެއް ކަންފަތް ކައިރިއަށް ލައްވައިލަ ދިނެވެ….
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

