Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާ… 44

Anaq Level 210 Stories
August 7, 2026 5 Mins Read
0 Comments

އެނގިގެން ދިޔަ މުޅިން އާ ހަޤީޤަތް ތަކުގެ ސަބަބުން އަހަރެން ހުރީ ވާންވީ އުފާ ކަމެއް ނުވަތަ ވާންވީ ދެރަ ކަމެއްވެސް ނޭނގިފައެވެ. ނުވަތަ ވާންވީ ކަންބޮޑުކަމެއް ނުވަތަ ހިތްހަމަ ޖައްސާލަން ވީ ކަމެއް ކަންވެސް އަހަރެންނަކަށް ނުނިންމުނެވެ. އަހަރެންގެ ފުރަގަހުގައި ހުރެ ނަވީން އަހަރެން ކިތައް ކަންތައްތަކުން ސަލާމަތްކޮށް ހިމާޔަތް ދީފައި ވޭ ހެއްޔެވެ؟ އިންސާނެއްގެ ހިތް އެހާ ސާފުސީދާ ވެފައި އޯގާތެރި ވެދާނެ ހެއްޔެވެ؟ އެއީ އިންސާނެއް ހެއްޔެވެ؟ ނުވަތަ އިންސާނެއްގެ ސިފައިގައި ހުރި މަލާއިކަތެއް ހެއްޔެވެ؟ ނަމަވެސް އަހަރެންނަށް ނޭނގުނި ދެން އެނގެން އޮތް ޙަޤީޤަތް އަދި މާ ބޮޑުވެފައި ޤަބޫލު ކުރަން ދަތިވާނެ ކަމެވެ..

*******

 

ނަވީން އަހަރެންނާއި ދިމާއަށް އެނބުރިލިއެވެ. އަހަރެންގެ ކޯތާފަތުގައި ނަވީންގެ އެއްއަތްތިލަ ޖައްސައިލަމުން ވާހަކައެއް ބުނެދޭން އުޅުނުހެން ހީވިއެވެ. އެ ދެލޮލުން ކަމަކާއި ކަންބޮޑުވުމުގެ އަސަރެއް ފެނިލިހެން އަހަރެންނަށް ހީވީ ކީއްވެ ހެއްޔެވެ؟ އަނެއްކާ ކޮންފަދަ ކަންތައް ގަނޑެއް ހިނގަން އުޅެނީ ހެއްޔެވެ؟ ނަވީން އަހަރެންނާއި އެކުގައި ވާނެ ކަމުގެ ޔަޤީންކަން އޮތް ކަމުގައި ވިޔަސް އަހަރެންގެ ހިތް އިތުރަށް ބިރުގަތެވެ.

” ޒާނާ …. އަހަރެން…..” ނަވީންއަށް ބުނެވުނި އެހާ ހިސާބަށެވެ.

” ނަވީން…………!!!! ”  ދޮރުމައްޗަށް އެރި ހަރު އުމުރުގެ މީހާ ހިތްހަމަ ނުޖެހިފައިވީ އަޑަކުން ނުހަނު ބާރަށް ގޮވައިލިއެވެ. އެއަޑު ހަތަރު ފާރު ތެރޭގައި ގުގުމައި ގަތެވެ. އެވަގުތު އެތަނުގައި ތިބި އެންމެންގެ ނަޒަރު އެމީހާއަށް ހުއްޓުނެވެ. ދެބުމަ ގާތް ކޮށްލައިގެން ހުރި ގޮތުން ނަވީން ދެކެ ހިތްހަމަ ނުޖެހިފައި ހުރިހެން ހިވިއެވެ.

ތުނބުޅިއާއި ބޮލުގައި އެންމެ ކަޅު އިސްތައްޓެއް ނެތް ކަމުގައި ވިޔަސް ބަލާ ބެލުމަށް އުމުރަށް ވުރެން ޒުވާންކޮށް ދެއްކި ކަމުގައި ވިޔަސް އެމީހާގެ އުމުރުން އެންމެ މަދުވެގެން ވެސް ފަންސާހުން މައްޗަށް ގޮސްދާނެ ކަމަށް އަހަރެންނަށް ޔަޤީން ކުރެވުނެވެ. އޮޅަލި ކުލައިގެ ހަންގަނޑާއި މޫނުމަތީގައި ކޮންމެވެސް ވަރަކަށް ކުދި ރޫ ހުރި ކަމުގައި ވިޔަސް ފެންނަ ފެނުމަށް އެމީހާ ނުހަނު ފިރިހެންވަންތައެވެ.  މޫނުމަތީގައި ހުރި މީހުން ޖެހިލުންވާ ކަހަލަ ގޮތުގެ ސަބަބުން އެ މީހާގެ މޫނުން ނަޒަރު ވަކިކޮށްލަން މަޖުބޫރު ވާހާ ވިއެވެ.

އެމީހާގެ ނަވީންއާއި ދިމާއަށް ހުއްޓިފައިވީ ކަޅި އަހަރެންނާއި ދިމާއަށް އަމާޒުވިއެވެ. ބޮޑުވެފައިވީ ދެލޮލާއިއެކު ހުއްޓުން އަރާފައި ހުރި ގޮތުން ހީވީ ބިރެއް ކުރިމަތިން ފެނިގެން ހުރި ހެނެވެ. އަހަރެންނަށް ޖެހިލުން ވެވުނެވެ. ނަވީންގެ އަތަށް ބާރު ކޮށްލަމުން އަހަރެންނަށް އިތުރަށް ނަވީންއާއި ގާތަށް ޖެހިލެވުނެވެ.   އެހިނދު ކުޑަ ސިކުންތު ކޮޅެއްގެ ތެރޭގައި އެމީހާގެ މޫނުމަތީގައިވީ ހިތްހަމަ ނުޖެހުމުގެ ކުލަވަރު ފަރުދާވެ އިސާހިތަކު ކުލުނުން އެ ދެލޯ ފުރުނުތަން އަހަރެންނަށް ފެނުނެވެ. ހައިރާން ކަމުގައި އެ މީހާ އަހަރެންނަށް ބަލަހައްޓައިގެން ހުއްޓެވެ. ނުވަތަ އެއީ އަހަރެންނަށް ހީވި ހީވުމެއް ހެއްޔެވެ؟ ނަމަވެސް ނުހަނު އަވަހަށް އެމީހާ އެ އަސަރުތައްވެސް ފޮރުވާލައި މީހާ ހަމައަކަށް އަޅުވައި ލައިފިއެވެ.

” ޔޫސުފް ޖަލީލް…..؟” އެވަގުތު އެ ކޮޓަރީގައި ތިބި އެންމެން ސިހިފައި  ތުންތުން މަތިން ބުނި އަޑު އަހަރެންނަށް އިވުނެވެ. އެ މީހާގެ ސަބަބުން ނުސިހޭ އެންމެ މީހެއްވެސް އެތާ އެ ހަތަރު ފާރު އެތެރެއަކު ނުވެއެވެ. ޚުދު އަހަރެންނަށްވެސް ވީ އެވަރެވެ. ހިތްވެސް އޭގެ މަޤާމުން ފުންމާލަފާނެހެން ހީވި ވަގުތު ކޮޅެކެވެ.

އެ ނަން އަޑު އިވުމުން އަހަރެންނަށް ތެޅިގަނެވުނެވެ. އެއީ ޔޫސުފް ޖަލީލް ހެއްޔެވެ؟ ޙަޤީޤަތުގައިވެސް އެއީ ޔޫސުފް ޖަލީލް ހެއްޔެވެ؟ އެމީހަކު ޖަހާލާ އެންމެ ފުށްޓަތްކަކުންވެސް އެންމެން ސިހޭފަދަ ބާރާއި ނުފޫޒާއި ތަނަވަސްކަން ލިބިފައިވީ މަޝްހޫރު ޔޫސުފް ޖަލީލް ހެއްޔެވެ؟ އެ މީހަކު ބުނެފި ބަހަކަށް ދެކޮޅަށް އުފްވެސް، މީހަކަށް ބުނެލަން ހިތަށް އަރުވާލަންވެސް ނުކެރޭ ބާރުވެރި ނުފޫޒު ގަދަ  ޔޫސުފް ޖަލީލްއަކީ އެއީ ހެއްޔެވެ؟

ދެލޯ ބޮޑުވެ އާގަމަ ވެފައި އަހަރެންނަށް ހުރެވުނީ އެއީ ދުވަހަކުވެސް ފެނިދާނެ ކަމަށް އަދި ފެނުމަށް އުއްމީދު ކުރެވުނު މީހަކަށް ވެސް ނުވީމައެވެ. އަދި އަމުދުން މިފަދަ ދަނޑިވަޅެއްގައި އެފަދަ ޤަދަރުވެރި ބޭފުޅަކާއި ކުރިމަތިލާން އަހަރެންނަށް މިޖެހުނީ ކީއްވެ ހެއްޔެވެ؟. އަހަރެންނަށް ކީއް ކުރެވުނީ ހެއްޔެވެ؟

ޔޫސުފް ޖަލީލްގެ ނަމަކީ އެންމެ ކުޑަކުއްޖާއަށްވެސް އެނގޭނެ ނަމެކެވެ. އޭނާގެ ބާރާއި ނުފޫޒާއި މުއްސަނދި ކަމަކީ އެންމެންވެސް ދަންނަ ޙަޤީޤަތެކެވެ. އެއީ އެންމެން އިޙުތިރާމް ކުރާ ޤަދަރުވެރި އެހެން ނަމަވެސް ބާރުގެ ބޭނުންވެސް ކުރަން ޖެހިއްޖެ ޙާލަތުގައި ކުރާ މީހެކެވެ. ޔޫސުފް ޖަލީލް އެއީ ކިހިނެތް ހުންނަ ކާކުކަން އެނގޭ މީހެއް މަދެވެ. އަހަރެންނަށްވެސް ޔޫސުފް ޖަލީލް މިފެނުނީ މުޅިން އަލަށެވެ. ނަމަވެސް އަހަރެންގެ ހިތުގައި އުފެދުނީ އެހެން ސުވާލެކެވެ. ޔޫސުފް ޖަލީލްއާއި ނަވީންއާއި އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ޔޫސުފް ޖަލީލް ނަވީން ދަންނަނީ ކިހިނެތް ހެއްޔެވެ؟  ޔޫސުފް ޖަލީލް މިތަނަށް އަންނަން ޖެހުނީ ކީއްވެ ހެއްޔެވެ؟ ހުރިތާކު ހުރެގެންވެސް ކަންކަން ނިންމެން އޮއްވައި މިތަނަށް އަންނަން ޖެހުނީ ކީއްވެ ހެއްޔެވެ.؟ ހަމަ ޔަޤީނުންވެސް އެއީ ވަރަށް މިހުންމު ކަމަކަށް ނޫނީ ނުވާނެ އެވެ.

ސުވާލުތަކުގެ ރާސްތާއެއްގައި އަހަރެން ތާށިވަމުން ދަނިކޮށް އަހަރެންގެ ރޫޙު ސިކުނޑީގެ ކަނަކުން ކޮށްޓައިލިއެވެ. ނަވީންގެ ނަމުގެ ފަހަތުގައި ވަނީ ޔޫސުފް ޖަލީލްއެވެ. ނަވީން ޔޫސުފް ޖަލީލްއަކީ ނަވީން ގެ ފުރިހަމަ ނަމެވެ. އަހަރެންގެ ނަފްސު ސިހިގެން ދާވަރުގެ ހަޤީޤަތެއް އަހަރެންގެ ހިތް ބުނެދިނެވެ. ލިބުނު ޝޮކުގައި އަހަރެންގެ ސިކުނޑީގެ ހިގުންވެސް ހުއްޓުނުހެން ހީވިއެވެ. މެޔަށް ފިނިފެން އެއްޗެއް އޮއްސައިލިހެން ހީވިއެވެ. ނަވީންއަކީ ޔޫސުފް ޖަލީލްގެ ދަރިއެއް ހެއްޔެވެ؟ ނަވީންގެ ގައިގާ ހިނގަނީ ޔޫސުފް ޖަލީލްގެ ލޭ ހެއްޔެވެ؟

ސަހަރޯއެވެ. ނަވީންއާއިއެކު ހޭދަ ކުރެވުނު ހަތް އަހަރުވެސް އެއްވެސް ވަރަކަށް އަހަރެންނަށް އެކަން ވިސްނައި ލެވިފައެއް ނެތެވެ. ޚިޔާލަށް ވެސް ގެނެވިފައި ނެތެވެ.  ޔޫސުފް ޖަލީލްއަކީ ނަވީންގެ ބައްޕައަށް ވެދާނެ ކަމަކަށް އެއްގޮތަކަށް ވެސް ވިސްނައިލެވިފައެއް ނެތެވެ. އެކުގައި ހޭދަ ކުރެވުނު އަހަރު ތަކުގައިވެސް ނަވީންގެ ލޯބީގައި ދީވާނަވެ އެ މަސްތުގައި ބަނދެވިފައިވީ ވަރުން ނަވީންގެ ހަސަބާއި ނަސަބަކީ ކޮބައިތޯ ބަލާލުމަކަށް އަހަރެންގެ ހޭވެރިކަން ވެފައެއް ނެތެވެ. އެއަށް ވުރެން ބޮޑަށް އަހަރެންވީ ނަވީންގެ ލޯބީގެ ކަނޑުގައި ޣަރަގު ވެފައެވެ. ދެމީހުން ދިމާ ވެއްޖެއްޔާ ކުރަން އަބަދުވެސް އުޅެވިފައިވީ އެހެން ކަމެކެވެ. ހިތް އޮންނަނީ ދިމާވުމުގެ މާ ކުރިންވެސް އޮޔާލައި ވާނެ ހަ އެއްޗެއް ވެ ނިމިފައެވެ. ނަވީންއަށް އަހަރެންގެ ހުރިހާ ކަމެއް އަލިފުން ޔާ އަށް އެނގިފައިވިޔަސް އަހަރެންނަށް އެނގިފައިވީ ނަވީންގެ ވަރަށް ކުޑަމިން ވަރެކެވެ. އަހާލަން ހަނދައިންވެސް ނުހުންނަނީ ކުރެވުނު އިތުބާރެއްގެ ބޮޑު ކަމުން ކަންނޭނގެއެވެ. ނޫނީ ލޯތްބަކީ ހަމަ އެހައިވެސް ކަނު އެއްޗަކީ ހެއްޔެވެ؟

ހުރިހާ އެއްޗެއް އެއްފަހަރާއި ސިކުނޑިއަށް ވަނުމުން އަހަރެންގެ ބޯ ހާސްވެ އަނބުރައިގަތްހެން ހީވިވެ. އަހަރެންނަށް ނަވީނަގެ މުލައްދަނޑީގައި ހިފަހައްޓާއިލެވުނެވެ. ސަހަރޯ އެވެ. އަހަރެން އެންމެ ލޯބިވާ މީހާގެއަކީ ޔޫސުފް ޖަލޭލްގެ ދަރިއެއް ހެއްޔެވެ؟ އެ ޙަޤީޤަތް އަހަރެންނަށް ހަޖަމް ކުރެވިދާނެ ހެއްޔެވެ؟ ޤަބޫލް ކުރެވިދާނެ ހެއްޔެވެ؟  އަދި އެއީވެސް ޔޫސުފް ޖަލިލްގެ ދޮށީ ދަރިއެވެ. ޖަލީލްއަށް ފަހު އެ ހުރިހާ ބާރަކާއި ނުފޫޒާއި އެ ތަނަވަސް ކަމުގެ ވާރުތަ ވެރިއެކެވެ. އުފާ ވުމުގެ ބަދަލުގައި އަހަރެން ގަތީ ބިރެވެ. އެފަދަ ބާރަކާއި ނުފޫޒަކުން އަހަރެންގެ ހިތް ކަޅުވެދާނެތީއެވެ. އޭގެ އަޅަކަށް އަހަރެން ވެދާނެތީއެވެ.

“ޝައުކަތު…..” ޔޫސުފް ޖަލީލްގެ ހަރު އަޑު އެކޮޓަރީގައި ގުގުމައިލިއެވެ.

” ކީއްވެ ލަސްވާ ގޮތް ވަނީ…..؟ ކޮބާ މައްސަލައަކީ….؟” ދޮރުމަތީގައި ހަމަ އެހުރި ގޮތަށް ހުރެ ޔުސުފް ޖަލީލް އަހައިލިއެވެ. އެހިނދު ޝައުކަތު ބަލައިލީ ރުހާމްގެ މޫނަށެވެ.  އަސްލު މައްސަލަ އަކީ އެއީއޭ ބުނާ ފަދައިންނެވެ. ޝައުކަތު ބަލައިލި ދިމާއަށް ޔޫސުފް ޖަލީލްގެ ނަޒަރު ދަތުރުކޮށްލިއެވެ. ރުހާމްއަށް ބީރައްޓެހި ގޮތަކަށް ބަލައިލިއެވެ.

” ޝައުކަތު….. މިތާ މިވީ ކަންކަން ނުވާ ކަމަކަށް ހަދައިލާ… ހަނދާންވެސް ނައްތާލާ ކަމެއް ވީ ކަންވެސް…. މިކަމަށް ހުރަސް އަޅާ ބަޔަކަށް ހަދަންވާ ގޮތް ޝައުކަތުއަށް ސާފުވެފަ އޮންނާނީ….” ޔޫސުފް ޖަލީލް އޭނާގެ އެންމެ ފަހުބަސް ފާޅުކަން ބޮޑު ގޮތެއްގައި އެތަނުގެ ތެރޭގައި އެންމެންގެ ކުރިމަތީގައި އިއްވިއެވެ.

” ރުހާމް މައްސަލަ އަކަށް ވަންޔާ……” ޔޫސުފް ޖަލީލްއަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް ނަވީން ވާހަކަ ދައްކަން ފެށިއެވެ…

 

” ބައްޕާ…. ރުހާމް އަހަރެންނަށް ދޫކޮށްލާ…. ” ނަވީން ރުހާމްއަށް ބަލައިލަމުން ބުނެލިއެވެ. ނަވީންގެ އެ ބަހުން ޝޮކެއް ލިބުނީ އަހަރެންނަށް އެކަންޏެއް ނޫނެވެ. އެތާ ތިބި އެންމެންހެން ލޯ ބޮޑު ކޮށްފައި ނަވީން އަށް ބަލައިލިއެވެ. ދަރިއަކަށް ވިޔަސް ޔޫސުފް ޖަލީލްގެ ކުރިމަތީގައި ބަސް ބުނަން ކެރިދާނެ ކަމަށް ހީވެސް ކޮށް ލެވިފައި ނެތީއެވެ. މާނަފުން ބެލުމަކުން ނަވީންއަށް ޔޫސުފް ޖަލީލް ބަލައިލިއެވެ. ނަވީންގެ އެދުމާއި ދޭތެރޭގައި ވިސްނައިލީ ކަހަލައެވެ.  ބަސްބުނުމަކާއި ނުލައި ދެބަފައިން އެތަކެއް ވާހަކަ ތަކެއް ދެލޮލުން ދެއްކިއެވެ. އެންމެ ފަހުން ނަވީންގެ އެދުމާއި އެއްބަސް ވުމުގެ ގޮތުން ޔޫސުފް ޖަލީލް ބޯ ޖަހައިލިއެވެ.

“އެންމެ ރަނގަޅު… ނަވީން ބޭނުން ގޮތެއް….” ޔޫސުފް ޖަލީލް އެހައި ފަސޭހައިން އެއްބަސްވުންވެސް އެއީ މުޅި މާހައުލަށްވެސް ލިބުނު ސިހުމެކެވެ. ބުނެފި ބަހެއްގައި ސާބިތުވެ ހުންނަ ޔޫސުފް ޖަލީލްގެ އުސޫލްތަކާއިވެސް ނުބައްދަލު ކަމަކަށެވެ. ނަމަވެސް އެ ނިންމުމުން އަހަރެންނަށް ފެނުނީ އެހެން މަންޒަރެކެވެ. އެއީ ޔޫސުފް ޖަލީލްގެ ހިތުގައި ނަވީންއަށް އޮތް ލޯތްބެވެ. ނަވީން އަށް އޮތް ފުން ވަރުގަދަ ލޯތްބެވެ.

” ޝައުކަތު…. ލާރި ބޭނުން ވާ ބަޔަކަށް ލާރިވެސް ދީ ނިއްމާލާ… އެކަމަކު އެ އަންހެން ކުއްޖާގެ ފަސްބައިގަ އެންމެ ލައްގަނޑެއްވެސް ޖެހިގެން ނުވާނެ…. އެ ކުއްޖާ މިނިވަންކޮށް ގެއަށް ފޮނުވައިލާ…..މިކަމުގަ އޭނަގެ އެއްވެސް ކުށެއް ނެތް….” އަހަރެންނަށް އިނގިލި ދިއްކޮށްލަމުން ޔޫސުފް ޖަލީލް ހަރު އަޑުން އަމުރު ކުރިއެވެ. އަހަރެންގެ މެޔަށް ފިނިވެގެން އައީ އެބަހުގައި ހުރި ބުރަދަނާއި އެކުވެސް އަހަރެންގެ މައްޗަށް އޮތް ޤަދަރު ސިއްރު ވުމެއް ނެތި ފާޅުވާން ހުރީތީއެވެ. އެތާނގައި އެވަގުތު ތިބި އެންމެންގެ ނަޒަރު އަހަރެންނަށް ހުއްޓުނެވެ. ލަދުން ވިރިގެން ފައިބާނެ ނަމައޭ އަހަރެންގެ ހިތަށް އެރިއެވެ. ރުހާމްގެ ނަޒަރު އަހަރެންނަށް ސީދާ ވިއެވެ. ޤަބޫލު ނުކުރެވިފައި ހުރި ފަދަ ގޮތަކަށް އޭނާ އަހަރެންނަށް ބަލަހައްޓައިގެން ހުއްޓެވެ. ނުވަތަ ބެހެވުނު މީހުންގެ ނުރައްކާކަން ހާމަވީމަ ހެއްޔެވެ؟ ނުވަތަ އެހިތުގައި އޮތް ގިނި އަދިވެސް ނުނިވެނީ ހެއްޔެވެ؟ އަހަރެންގެ ހިމާޔަތުގައި ޔޫސުފް ޖަލީލް ފަދަ ޤަދަރުވެރި ބޭފުޅެއް ނިކުތުމުން ހަމަ ޔަޤީނުންވެސް ހަސަދަ ވެރިކަން އެހިތުގައި ވަކި ހިއްޕާލާނެއެވެ. އެ ޙަޤީޤަތް ގަބޫލު ކުރަން ދަތިވާނެ އެވެ.

ޝައުކަތުގެ އެދުމަށް އެވަގުތު އެތާނގައި ތިބި އެންމެންވެސް އެ ކޮޓަރިން ނިކުތެވެ. ރުހާމްވެސް އިތުރު ޖަދަލު ކުރުމަކާއި ނުލައި ނިކުތެވެ. ހަމައެކަނި ނަވީންއާއި އަހަރެންނާއި ޝައުކަތު ފިޔަވައި އެހެން އެންމެން ހެން  ނިކުމެ އެ ކޮޓަރި ހުސްވިއެވެ.

ޔޫސުފް ޖަލީލް އެތެރެއަށް ވަދެ ދޮރު ލައްޕައިލިއެވެ. އަދި ފަސް އެނބުރި އަހަރެންނަށް ބަލައިލަމުން އަހަރެންނާއި ހަތަރުކަޅި ހަމަ ކޮށްލިއެވެ. ސީދާ އަހަރެންގެ ދެލޮލަށް ބަލަން ހުރެ އަހަރެންނާއި ދިމާއަށް ފިޔަވަޅު ނަގަން ފެށިއެވެ. ނަވީންގެ އަތަށް ބާރުކޮށްލެވުމާއި އެކު އިސްޖަހައިލަން އަހަރެންނަށް މަޖުބޫރުވީ ޔޫސުފް ޖަލީލްގެ ނަޒަރުގައި ހުރި ތޫނު ކަމުންނާއި ޖެހިލުން ކުރުވާފަދަ ބާރުންނެވެ. ޔޫސުފް ޖަލީލް އައިސް ސީދާ އަހަރެންގެ ކުރިމަތީގައި ހުއްޓިލިއެވެ.  އަދިވެސް އަހަރެންނަށް އެ ނަޒަރު އަމާޒު ވެފައި ހުރިކަން އިސްދަށަށް ޖަހައިގެން ހުރިއިރުވެސް އަހަރެންނަށް އެނގުނެވެ.

މުޅި ތަނަށް މަރު ފަދަ ހަމަހިމޭން ކަމެއް ވެރިވެގެން ދިޔައެވެ. އިސްޖެހިފައިވީ އަހަރެންގެ ދަތް ދޮޅީގައި ފިނިފިނި އިނގިލި ތަކެއް ޖެހިލިއެވެ. އަދި އެ އިނގިލި ތަކުގެ ބާރުގައި އަހަރެންގެ އިސް އުފުލުވައިލިއެވެ. ޔޫސުފް ޖަލީލްއާއި އަހަރެންގެ ހަތަރުކަޅި ބައްދަލު ވިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anaq

Level 210 Stories

Other Articles

Previous

ހިޔަނި – 9

Next

އެރޭގެފަސް

Next
August 7, 2026

އެރޭގެފަސް

Previews
August 7, 2026

ހިޔަނި – 9



All Right Reserved!