ހިޔަނި – 6
ފަރިތަކޮށް ގުރުއާން ކިޔަވަން އެނގޭ 4 މީހުން ހޯދަން މޫސަ ރަށުތެރެއަށް ނިކުތެވެ. ހަސީނާވެސް ދުވެފައި ގޮސް ޖެހިގެން ހުރިގޭގެ ކުންނާރުގަހުން 21 ފަތް ލިބޭތޯބެލިއެވެ. ކުޑަ ހިނދުކޮޅެއް ތެރޭގައި އެވާހަކަ ރަށުތެރެއަށް ފެތުރި މޫސަގެ ގެކައިރިއަށް ވަރަށް ގިނަ މީހުން އެއްވިއެވެ. ހައްތާވެސް މޫސައަށާ އޭނަގެ އާއިލާއަށް ހެޔޮއެދޭމީހުންނެވެ. ވެގެން އުޅޭގޮތެއްބެލުމަށް އެކަކު އަނެކަކާ ސުވާލުކުރަނީއެވެ. އެހާސިއްރުން ނިންމަން އުޅުނު ކަންތައް ރަށުތެރެއަށް ފެތުރި އެންމެންނަށް އެނގުނީއެވެ. ބައެއްމީހުން ބިރުން ނިކުމެ ބޭރުގައި ކުޅެން އުޅުނު ކުޑަ ކުދިންތައް ގޭގެއަށް ވައްދިއެވެ.
ރަށުތެރޭގައި ވަނީ ބުނެދޭން ނޭނގޭފަދަ ނުތަނަވަސް ކަމެކެވެ.
މަަޣްރިބް ނަމާދުން ފައިބައިގެން ޔަމަން ކޮޓަރިތެރޭގައި ޤުރުއާން ކިޔަވަން އިނުމުން ހަސީނާ ގޭތެރެއަށް ނިކުމެ ރޭގަނޑުގެ ކެއުމަށް ތައްޔާރު ކުރަންފެށިއެވެ. އިޝާނަމާދުން އައިސް ރުޣުޔާ ފަށާ ވާހަކަ ބުނެފައި އޮތުމުން މީހުން އަންނަން ވާއިރަށް ގޭތެރެ ސާފުކޮށް ކާންހެދުމާގެން އުޅެން ފެށިއެވެ.
ޔަމަން ކޮޓަރީގައި ގުރުއާން ކިޔަވަން އިންއިރު ކޮޓަރީގެ ކުޑަދޮރުގެ ދޮރުފޮތިގަނޑު ކުޑަކޮށް ކެހިފައި ހުރިދިމާލުން ރަތް އައްޔެއް ފެންނަހެން ހީވާންފެށިއެވެ. ހަތިމް ލައްޕާލުމަށް ފަހު މަޑުމަޑުން ތެދުވެގެން ގޮސް ދޮރުފޮތިގަނޑު ރީތިކޮށް ކަހާލުމަށް ފަހު ބަލާލިއެވެ. އޭރު ބަނބުކެޔޮ ގަސް ދަށުގައި ކޮޅަށް ނީރް ހުރިތަން ފެނުނެވެ. ގޯތިތެރޭގައި ދިއްލާފައި ހުރި އޮރެންޖު ކުލައިގެ ބޮކީގެ މަޑު އަލިކަމުގެ ތެރެެއިން ނީރްގެ ދެލޮލުން ނިކުމެފައިހުރި ރަތްއަލި ވަރަށް ގަދައަށް މުޅިތަނަށް ފެތުރިފައި ހުއްޓެވެ. އޭރު އޭނާގެ މޫނުގެ އެއްފަޅި ފިހިފައި ހުރިތަނުން ދުންއަރަމުން ދިޔައެވެ. އެމަންޒަރު ފެނިފައި ޔަމަންގެ މުޅިގައިން ހީބިހިނަގައިގެން ދިޔައެވެ. ނީރް ހުރީ ސީދާ ޔަމަންގެ ލޮލަށް ބަލާށެވެ. ގަތްބިރުން ހަޅޭއް ލަވައިގަންނަންވެސް ނޭނގިފައި ހުއްޓުން އަރާފައި އެދިމާލަށް ބަލަން ޔަމަންއަށް ހުރެވުނީއެވެ. އިރުކޮޅަކުން ނީރްގެ ކައިރިން ހިޔަނިތަކެއް ފާޅުވާންފެށިއެވެ. ނީރްގެ ދެފަރާތުން ފާޅުވާންފެށި ހިޔަނިތައް ގިނަވަމުން ގޮސް މުޅި ގޯތިތެރެ ފުރުނެވެ. އެއިން އެއްވެސް ހިޔަންޏެއްގެ ސިފައެއް ވަތްކެއް ނުވެއެވެ.
“އައްސަލާމު އަލައިކުމް.. ” ގޯތީގެ ދޮރުން ވަންނަމުން ތަކުރުބެ ސަލާމް ގޮވާލިއެވެ. އެވަގުތު ނީރް އާއެކު ގޯތިތެރޭގައި ތިބި ހިޔަނިތަށް ކުއްލިއަކަށް ގެއްލުނެވެ. ޔަމަންއަށް ހަމަހޭވެރިކަންވީ އެހިސާބުންނެވެ. ދުވެފައި ގޮސް އޭނާއަށް ފެނުނު މަންޒަރު ތަކުރުބެއަށް ކިޔައިދިނެވެ. އެވާހަކަ އަޑުއަހަން މޫސައާއި ހަސީނާ ތިބީ ބިރުން ދެލޯބޮޑުވެފައެވެ. “މިހާރު އެދައްކާލަނީ އޭނާގެ ބާރުގަދަކަން. އެމީހުންގެ ލަޝްކަރުގެ ބޮޑުކަން. އެއުޅެނީ މިކަމަށް ހުރަސް އަޅާ އަހަރުމެން ބިރުދައްކަން. އެކަކުވެސް ބިރު ނުގަންނާތި. ތަކުރުބެ ދިން ދުޢާތައް ކިޔައިގެން ތިބޭ. އެހެން ދުރުގަ ތިބެ ގޮތްދެއްކިޔަސް ގަޔަކު އަތެއްނުލެވޭނެ.” ތަކުރުބެ އެހެން ބުނުމުން މޫސައަށް ކުޑަވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ.
އިޝާ ނަމާދުން ފައިބައިގެން ގުރުއާން ކިޔަވަން ހޯދި ހަތަރުމީހުންނާއެކު މޫސަގެ ކޮއްކޮ ޒަރީރުއައެވެ. އެމީހުންގެ ފަހަތުން ޒާންވެސް އައިސް ވަނީއެވަގުތުއެވެ. ” މިރޭކިޔެވެލި ކިޔަވާނީ ސިޓިން ރޫމުގައި. އެންމެންނަށް ފަސޭހައިން ތިބެވޭނީ އޭރުން.” ތަކުރުބޭގެ އެންގުމަށް ސިޓިންރޫމުގެ މެދުގައި ޔަމަން ބޭއްވުމަށް ގޮދަޑިއެއް އަޅައި ތައްޔާރު ކުރިއެވެ. ކިޔަވަން ގެނައި 4 މީހުން ސަރަންފީ ގޮނޑިތަކުގައި އިށީނެވެ. މޫސައާއި، ހަސީނާ، ޒާން އަދި ޒަރީރު ވެސް ގޮނޑިތައް ބަހައްޓައިގެން ގޭތެރޭގައި ތަންކޮޅެއް ދުރުގައި ތިއްބެވެ. ޔަމަން ގޮދަޑިމަތީގައި ބޭއްވުމަށްފަހު ޔަމަންގެ ބޮލާވީކޮޅުން ތަޅުންގަނޑު މަތީގައި ތަކުރުބެ ދެފައިވައްކޮށްލައިގެން އިށީނެވެ. ތަކުރުބެ ކުރިމަތީގައި އޭނާ ގެންގުޅޭ ފޮތްބޮނޑި އާއި ހަސީނާ ފުނޑާފައިހުރި ކުންނާރު ފަތްތައް ގިރުވާފައި ހުރި ފެންޖަގެއް ހުއްޓެވެ.
އެންމެން އިޝީނދެ ހަމަޖެހުމުން ތަކުރުބެގެ އިޝާރާތައް ގުރުއާން ކިޔަވަން ގެނައި މީހުން ބަގަރާސޫރަތް ކިޔަވަންފެށިއެވެ. ތަކުރުބެ ފޮތްހުޅުވާލައި އަޑުހަރުކޮށް ކިޔެވެލިފެށިއެވެ. ޔަމަން އޮތީ ބިރުން ލޯމަރައިގެންނެވެ. ކިޔަވަންފެށިތާ މާގިނައިރުތަކެއް ނުވެ ޔަމަންގެ ހަށިގަނޑުބާރާށް ތެޅިގަތެވެ. ތަކުރުބެ ޔަމަންގެ ނިއްކުރީގައި އަތްއަޅައިގެން އިނދެ ކިޔެވުން ހަލުވި ކޮއްލިއެވެ. މަޑުމަޑުން ޔަމަން ހަމައަކަށް އެޅެމުންގޮސް އެއްކޮށް ހަމަ ޖެހުމުން ތަކުރުބެގެ އަތް ޔަމަންގެ ނިއްކުރިން ނެގިއެވެ. އަދި ގުރުއާން ކިޔަވަން ތިބި މީހުންނަށް އިރުކޮޅަކަށް ކިޔެވުން ހުއްޓާލުމަށް އެންގިއެވެ..
“ނީރް.. މަށަށް އެނގޭ ކަލޭ މިތާ އެބަހުރިކަން.. ކަނުލާއަޑު އަހާ!! ރީތިގޮތުގައި ޔަމަން ދޫކޮށްލާ!!!” ތަކުރުބެ ފުރަތަމަވެސް ދިނީ އިންޒާރެވެ.
“ނުކުރާނަން ދުލެއް!!! ކަލޭ ރީތިގޮތުގައި މިކަން ހުއްޓާލަންވީނު.'” ޔަމަންގެ ހަށިގަނޑުގެ ތެރޭގައި އޮވެ ނީރް ވާހަކަދައްކަން ފެށިއެވެ. “މާގިނަ ވާހަކަ ދައްކާ މިކަން ދިގު ދަންމާކަށް މަށެއް ނޫޅެން. ގޮތްދޫ ނުކޮށްފިއްޔާ ދެންޖެހޭނީ ކަލެއާ ކަލޭގެ ލަޝްކަރު އެއްކޮށް ނައްތާލަން.” ތަކުރުބެ ބޭނުންވީ މިކަން ކޮޅެއްގައި ޖައްސާސެށެވެ.
ތަކުރުބެ ކުރިމަތީގައި ހުރި ފެންޖަގަށް ކިޔެވެލިތަކެއް ކިޔަވަންފެށިއެވެ. އެވަގުތު އަނެއްކާ ޔަމަންގެ ހަށިގަނޑުތެޅެންފެށިއެވެ.
” އަނެއްކާވެސް ތިއުޅެނީ މަ ފިއްސާލަންތަ؟” ނީރްގެ އަޑުން އޭނާ ބިރުގަނެފައި ހުރިވަރު ސާފުކޮށް އެނގެއެވެ. ” ފިހުނަސް ހެޔޮ. ހަނގުރާމަ ދެންމި ފެށީ!!” ތަކުރުބެ ޖަވާބު ދިނުމަށްފަހު އަނެއްކާވެސް ކިޔަވަންފެށިއެވެ.
ކިޔެވެލި ނިންމާލުމަށް ފަހު ޔަމަންގެ މޫނަށް ފެންޖަގުން ފެންބުރުވަން ފެށުމުން ނީރް ބާރަށް ހަޅޭއްލަވަންފެށިއެވެ. އޭރުވެސް ޔަމަންގެ ހަށިގަނޑު ބާރަށް ތެޅެނީއެވެ. ތަކުރުބެ ބުނުމުން މޫސައާއި ޒަރީރު އައިސް ޔަމަންގެ ދެފަރާތުން އިނށީނދެ ޔަމަންގެ ދެއަތުގައި ހިފެހެއްޓިއެވެ. އެދެމީހުން ހިފަހައްޓައިގެން ތިބީރުވެސް ޔަމަން މަތަކޮށްލެވެނީ ހަމަ ކިރިޔާއެވެ. ތަކުރުބެ ކިޔަވަމުން ޔަމަންގެ މޫނަށް ފެންޖަހަމުން ދިޔައެވެ. ނީރް އޭރުވެސް އަޑުގެ ނެތްތަނަށް ހަޅޭއްލަވަމުން ދިޔައެވެ.
” އަހަރެން ޔަމަން ދޫކޮށްލާނަން.. އަހަރެން ދޫކޮށްލާ… ” ނީރް އާދޭސްކުރަންފެށީ އަޅަމުންދިޔަ ވޭނަށް ކެތްނުވިގެންކަން އެނގެއެވެ. ތަކުރުބެ ފެންޖެހުން ހުއްޓާލުމުން ޔަމަންގެ ހަށިގަނޑުވެސް މައިތިރިވިއެވެ. ” ކަލެއަކީ މުސްލިމެއް ނޫން. ކަލޭކުރާ ވައުދުގެ ތެދުކަމެއް ގަބޫލެއްނުކުރެވޭނެ.” ތަކުރުބެ ނީރްގެ ވާހަކަ ގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ.
“ހަމަ ހުވާކޮއްފަ މިބުނީ. ދެން ޔަމަންއަކަށް އުނދަގުލެއް ނުކުރާނަން. އަހަރެން ދޫކޮށްލާ.. ” ނީރް އަނެއްކާވެސް އާދޭަސް ކުރަންފެށިއެވެ. ” އެންމެ ރަނގަޅު. . އަހަރެން ކަލޭ ދޫކޮށްލާނަން.. އެކަމަކު ހަނދާންކުރާތި!!! ވަރަށް ސާފުކޮށް މިބުނަނީ.. ދެން ކަލޭގެ އުނދަގުލެއް ވެއްޖެއްޔާ ކަލެއާ ކަލޭގެ އާއިލާ ނައްތާލާނަން. ” ތަކުރުބެ އަނެއްކާވެސް ކިޔަވަންފެށިއެވެ. އިރުކޮޅަކުން ޔަމަން ދެލޯހުޅުވާލުމުން ހަސީނާގޮސް ޔަމަން ގޮނޑީގައި ބެއިންދިއެވެ.
” ތަކުރުބެ ދޭނަން ތި އެންމެންގެ ހަށިރައްކަލަށް ކިޔަން ދުޢާ 40ދުވަސް ބަލާނީ. އެޖިންނިގެ އުނދަގުލެއް ނުވެއްޖެއްޔާ ބަލަމާ މިކަން ނިމުނީކަމަށް… ” ތަކުރުބެގެ ވާހަކަ އަޑުއަހާފައި މޫސަ ހިތްހަމަނުޖެހުނެވެ. “ތަކުރުބެ އޭތި މަރާލިނަމަ.. އަނެއްކާވެސް އޭތި އައިސްފިއްޔާ ކިހިނެއްހަދާނީ… ” މޫސަ ބޭނުންވެފައި ހުރީ މިކަން ނިމުނުކަމުގެ ޔަގީންކަމެކެވެ. ” އެއީވެސް އަހަރުމެން ކަހަލަ މަޚްލޫގުން. މަޖުބޫރުވެގެން ނޫނީ ޖިންނިއެއް ވިޔަސް މަރާލުމުގެ ހުއްދައެއް އަހަރުމެންނަކަށް ނޯންނާނެ. ” ތަކުރުބެ މޫސައަށް ވިސްނާދޭން މަސައްކަތްކުރިއެވެ.
ނުނިމޭ….
3 Comments!
Comments are closed.



ބޭނުން 7 ވަނަ ބައި
ވަރަށް އަވަހަށް އިރާދަ ކުރެއްވިއްޔާ މިހަފްތާ ތެރޭގަ 7 ވަނަ ބައި ޕޯސްޓް ކޮށްލާނަން. އެހާތަނަށް އަޅުގަނޑުގެ އަނެއް ދެ ވާހަކަވެސް ކިޔާލާނެ ކަމަށް އުންމީދުކުރަން 🤍
Reethi☺️