ހިޔަނި – 5
” ތިކިޔާ އެއްޗެއް ސާފުކޮށް ކިޔާ… ” ތަކުރުބެ ވެސް ހައިރާންކަމެއްގެ ތެރޭގައި އިނދެ ސުވާލުކުރިއެވެ.
” އެއީ ޔަމަން އުފަންވެސް ނުވަނީސް ދޮންމަނިކުގެ ބައްޕަ ނިޔާވުމުން އޭނާގެ މުދާ ބެހީރު ދޮންމަނިކު ހެދި ސިހުރުތަކެއް އުފުލަން އަހަރެން ނަށް ދިން ބަދަލު. އަހަރުމެންނަކީ ކަލޭމެން އިންސާނުން ކަހަލަ މުނާފިގު ބައެއްނޫން. އަހަރެން އަހަރެންގެ ވައުދު ފުއްދިން. އޭނާގެ ވައުދަކީ އޭނާގެ އާއިލާއަށް އުފަންވާ އެންމެ ރީތި އަންހެން ކުއްޖެއް އަހަންނަށް ދިނުން.”
ނީރް ދެއްކި ވާހަކަ އަޑުއަހާފައި މޫސަގެ ދެލޯބޮޑުވިއެވެ. ހަސީނާއަށް ބާރަށް ރޯންފެށުނެވެ. ދޮންމަނިކު ދެކެ އައި ރުޅީގައި ތަކުރުބެ ދަތްކުނޑި ވިކާލިއެވެ. “ނީރް… ކަލެއަށް ހަމަރަނގަޅަށް އެނގޭނެ ކަލޭ ޔަމަންގެ ފަހަތުން އުޅުނީމަ ޔަމަންއަށް ވާނެގޮތް. ޔަމަން ބަލިވެ ޔަމަންގެ ދުވަސްގޮސްދާނެ. ޔަމަން ދޫކޮއްލާ .. އިންސާނުންނާ ޖިންނީން ނަކީ ދެ ނަސްލެއް. ކަލޭގެ ނަސްލުގެ މީހަކު ކަލޭ ހޯދާ.. ” ތަކުރުބެ ނަސޭހަތުގެ ރާގަށް ނީރްއަށް ވިސްނައިދެވޭތޯ ބެލިއެވެ.
“ނުކުރާނަން ދުލެއް. ޔަމަން އުފަން ވީއްސުރެ އަހަރެން ޔަމަން އަށް ފާރަލަން. ބޮޑުމީހަކަށް ވުމުން އަހަރެން ޔަމަންއާ ކައިރިވާން ފެށީ.”
ނީރް ހުރީ ގޮތްދޫ ކުރާގޮތަކަށް ނޫނެވެ. ” ތިހެން ގަދަވާން އުޅެންޏާ މާރަނގަޅެއް ނުވާނެ..!!!” ތަކުރުބެ ނީރްއަށް އިންޒާރު ދިނެވެ.
” ހެވޭ ކޮންމެ ގޮތެއް ހެދިޔަސް… މި ބުނީނު ދުލެއް ނުކުރާނަމޭ…” ތަކުރުބެއާ ނީރްގެ ވާހަކަ ޒުވާބަކަށްވެ ދެމީހުންގެ އަޑު ގަދަވާން ފެށިއެވެ.
“ޒާން . ގެނެސްބަލަ ފެންތައްޓެއް. ” ތަކުރުބެ ޒާންއަށް ފެންގެނައުމަށް އެންގުމަށްފަހު ކޮޓަރީގެ މޭޒުމަތީގައި އޮތް ކޮތަޅެއް ހުޅުވާލިއެވެ. އޭގައި ހުރީ ހުސް ކުންނާރު ފަތެވެ. އޭގެން ހަތްފަތް އަތުން ކުޑަކޮށް ފިސްކޮށްލާފައި ޒާން ގެނައި ފެންތައްޓަށް ގަންބާލިއެވެ. އަދި އެފެންތައްޓަށް ކިޔެވެލިތަކެއް ކިޔަވައި ތަކުރުބެ އަތުން ޔަމަންގެ މޫނަށް ފެން ބުރުވަން ފެށިއެވެ. އެވަގުތު ޔަމަންގެ ކަރުތެރެއިން ނީރްގެ ހަޅޭކުގެ އަޑު ގަދަވިއެވެ. އެއަޑުން ހީވަނީ އޭނާގެ ގައިގައި ވޭނެއް އަޅަނީ ހެންނެވެ.
“މިހާރު އެބަފެނޭތަ ގޮތްދޫނުކުރީމަ ވާގޮތް؟..” ތަކުރުބެ ރުޅިއައިސް ފައި އިނަސް މޫނުމައްޗަށް މަލާމާތުގެ ހިނިތުންވުމެއް ވެރިވިއެވެ.
“ބަދަލު ހިފާނަން…. އަހަރެންގެ މުޅިއާއިލާ އަންނާނެ.” ނީރްގެ އަޑުގައި އަދިވެސް ހުރީ ގޮތްދޫނުކުރުމުގެ ރާގެވެ. ތަކުރުބެ ޔަމަންގެ ނިއްކުރީގައި އަތްތަޅައިގެން އިނދެ އަނެއްކާވެސް ކިޔަވަންފެށިއެވެ. އޭގެ އިރުކޮޅެއް ފަހުން ޔަމަން މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. ތަކުރުބެގެ އިރުޝާދާ އެއްގޮތަށް ހަސީނާއާއި މޫސަ ޔަމަން ގޮވައިގެން ގޮސް ޔަމަންގެ ކޮޓަރީގެ އެނދުގައި ބޭއްވިއެވެ.
“މަންމާ… ކިހިނެއްވީ ދެންމެ.. ތަކުރުބެ ކިޔަވަންފެށީމަ އަހަންނަށް ނިދުނީ… ހުވަފެނުން ފެނުން މިއަދު ހުވަފެނުގަ ފެނުން މީހާ. އޭނާ ހުރީ ވަރަށް ރުޅިއައިސްފަ. ހަޅޭވެސް ލެވި. ހީވި އަޑު އިވުނުހެންވެސް… ފަހުން އެމީހާގެ މޫނުގެ އެއްފަޅިހުރީ ފިހިފަ… ދުންވެސް އެރި.” ޔަމަން ލޯމަރައިގެން އޮއްވާ އޭނާއަށް ފެނުން ކަންކަން ހަސީނާއާއި މޫސައަށް ކިޔާދިނެވެ. ޔަމަން އިތުރަށް ބިރުގަނެފާނެތީ ވީއެއްވެސް ކަމެއް އަދި ޔަމަންއަށް ކިޔާ ނުދިނުމަށް މޫސައާއި ހަސީނާ ނިންމިއެވެ. “ވަރަށް ވަރުބަލިވޭ އެބަ. ނިދާލަން މިއުޅެނީ. މަންމަ މިރޭ މިކޮޓަރީގަ ނިދަންވީނު.” ޔަމަން ބޭނުންވީ ނިދާލާށެވެ. ހަސީނާ އާނއެކޭބުނެ ޔަމަންގެ ބޮލުގައި ފިރުމާލުމަށް ފަހު މޫސައާއިއެކު ސިޓިންރޫމަށް ނިކުތެވެ.
އޭރު ޒާން ގެއަށް ނުގޮސް މަޑުކޮއްލައިގެން ސިޓިންރޫމު ގޮނޑިއެއްގައި އިނެވެ. “ބައްޕާ… ދެން ކިހިނެއް ހަދާނީ… އަހަރެން އަވަހަށް ޔަމަން އާ ކައިވެނިކުރަންވީތަ؟ . އޭރުންވެސް އެ ޖިންނި ގޮސްދާނެދޯ..” މޫސަފެނުމާ އެކު ޒާންބުންޏެވެ. ތަކުރުބެއަށްވެސް އެތަނަށް އާދެވުނީ އެވަގުތުއެވެ.
“ތީކީ އެއްގޮތަކަށް ވެސް ރަނގަޅު ވިސްނުމެއް ނޫން.. މިހާރު ޒާންވެސް އުޅެން ޖެހޭނީ ވަރަށް ވިސްނައިގެން. މިކަމުން ޔަމަން ސަލާމަތް ވީމާ ކައިވެނި ކުރަން މަޑުކުރޭ.. ޒާން އަދި ރިޒޯޓަށް ނުގޮސް ދުވަސްކޮޅެއް މަޑުކޮއްލަން ތަކުރުބެއަށް ފެންނަނީ. ތިތަނުން އެއްވެސް މީހެއް މިކަން ނުނިމެނީސް ކަނޑުމައްޗަށް ނާރާތި!!!. އެ ޖިންނިއަކީ އިފުރީތެއް. ތަކުރުބެގެ ކޮޓަރިން ދުވި ފަރުހަކި ވަހަކީ އޭތީގެ ވަސް. އިފުރީތުންނަކީ ކަނޑުގެ ބައެއް. އެއީ އެމީހުންގެ ގެ. އެމީހުންގެ ބާރު ކަނޑުމަތީގައި ވަރަށް ގަދަވާނެ. ތަކުރުބެ ދޭނަން ހަށިރައްކަލަށް ދުޢާ ތަކެއް. ތި ތިންމީހުުންވެސް އަބަދުވެސް އެދުޢާ ތައް ކިޔައިގެން ތިބެންވާނީ. ” ތަކުރުބެ އަތުގައި އޮތް ފޮތްބޮނޑި ހުޅުވާލުމަށް ފަހު ކަރުދާސް ގަނޑެއްގައި އެދުޢާތައް ލިޔެ މޫސައާއި ހަސީނާ އަދު ޒާންއަށް ދިނެވެ. އަދި ޒާން ގެއިން ނިކުތުމުގެ ކުރިން އެދުއާތައް ކިޔުއްވިއެވެ.
ޖެހިގެން އައި ދުވަހު ޒާން ރަށު އޮފީސް މެދުވެރުކޮށް ރިޒޯޓަށް ފެކްސް ފޮނުވައިގެން މަސްދުވަހުގެ ޗުއްޓީއެއް ހޯދިއެވެ. އަދި ޒާންގެ ބައްޕަ ލަތީފަށާއި މަންމަ ނަސްރާއަށް ވެގެން އުޅޭގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ. ޒާންގެ އެއްބަނޑުއެއްބަފާ ހުންނަނީ ހަމައެކަނި ޒާންގެ ދޮންބެ ނީޝާދެވެ. ނީޝާދު ކައިވެނި ކޮއްގެން އަމިއްލަ ގެއަށް ބަދަލުވިތާ މިހާރު އަހަރެއް ވީއެވެ. ނީޝާދަކީ ރަށު ސުކޫލުގެ ޓީޗަރެކެވެ. ލަތީފުއަކީ ރަށުގެ ބޮޑުކަތީބެވެ. ޒާންގެ ކުޑަކުޑަ އާއިލާއަކީ ރަށުގައި ވަރަށް ޤަދަރުވެރު އެންމެންގެ ލޯބިލިބިފައިވާ އާއިލާއެކެވެ.
ބަދިގެތެރޭގައި ޔަމަންއާއި ހަސީނާ މެންދުރަށް ކެއްކުމުގައި އަވަދިނެތި އުޅެއެއެވެ. މޫސަވެސް ގޯތިތެރޭގައި ހުންނަ ބޮޑު ބަނބުކެޔޮ ގަސްދަށުގައި ޖޯއްޔެއް ގަތަންއިނެއެވެ. ތަކުރުބެވެސް އެކަމުގައު މޫސައަށް އެހީތެރިވެ އުޅުނެވެ. ” މޫސާ.. މޫސަގެ ބައްޕައަށް ދެން ހިތްހެޔޮ ކޮއްލާ އިނގޭ… މިހާރު ދުނިޔޭގައި ނެތްމީހަކަށް ނަފްރަތު ކޮށް ހިތް ނުބައި ކުރުމުގެ ބޭނުމެއްވެސް ނެތް.. ކުރިއަށް އޮތްތަނުގައި މިކަންކަން ރަނގަޅުކުރެވޭތޯ ބަލާނީ. އިރާދަ ކުރެއްވިއްޔާ ތަކުރުބެ މޫސައަށް މިކަން ކޮއްދޭނަން.” ތަކުރުބެ ، މޫސަ ދެކެނީ އޭނާގެ އަމިއްލަ ދަރިއެއް ފަދައިންނެވެ. އެހެންކަމުން މިކަމުގައި ތަކުރުބެ މޫސައަށް ކޮއްދެވެން އޮތް ކޮންމެ ކަމެއްވެސް ކޮއްދޭނެއެވެ.
ދުވަސް ނިމިގެން ދިޔައީ ޔަމަންއަށް ނީރްގެ އެއްވެސް އުނދަގުލެއް ނުވެއެވެ. އެކަމާ ހަސީނާއާއި މޫސަތިބީ ވަރަށް ހިތްހަމަ ޖެހިފައެވެ. ހަވީރު ފެންވަރައި ރީތިވެގެން ޔަމަން އަތިރިމަތީ ޖޯއްޔަށް ދާން ނިކުންނަން ފެށުމުން ހަސީނާ ޔަމަން ލައްވައި ތަކުރުބެ ދިން ދުޢާތައް ކިޔުއްވިއެވެ. އަދި އިރު ނޯއްސެނީސް ގެއަށް އައުމަށް އެންގިއެވެ.
ޔަމަންއަށް ގޮސް ޖޯލީގައި ނީށީނދެވެނީސް ޒާން އެދިމާލަށް އަންނަތަން ފެނުނެވެ. ޔަމަން ޖޯލީގައި އިށީނދެ މޫދުގެ ސާފު ލޮނުގަނޑަށް ނަޒަރު ހިންގާލިއެވެ. މާހައުލުގައި ވަނީ މޫދުން ޖެހެމުން ދިޔަ ފިނި ވައިރޯޅީގެ ހިތްގައިމުކަމެވެ. “ޔަމަން.. ކިހިނެއްތަ ހާލު؟.”
ޒާން އައިސް ޔަމަން ކައިރީގައި އިށީންނަމުން އަހާލިއެވެ.” މިއަދު ރަނގަޅު. ނުވޭ އެއްވެސް އުނދަގުލެއްވެސް.” ޔަމަން ޖަވާބުދިނީ ހިނިތުންވެލަމުންނެވެ. “އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.” ޒާން ޔަމަންގެ އަތުގައި ހިފާލަމުން ބުންޏެވެ.
” ޒާން ބަލާބަލަ މޫދު… ދުރުން އެބަ ފެނޭތަ މީހެއް.. ” ޔަމަން މޫދާ ދިމާލަށް އަތްދިއްކޮއްލަމުން ބުންޏެވެ. ޒާން އެދިމާލަށް ބަލާލީރު ވަރަށް ދުރުން މޫދުތެރެއިން މީހަކު ކޮޅަށް ހުރިތަން ފެނުނެވެ. ސާފުކޮށް އެމީހާގެ މޫނު ނުފެނުނަސް އެއީ މީހެކެވެ. ބޮޑަށް ސިފަ ވަނީ ކަޅު ހިޔަންޏެއް ގޮތަށެވެ. އެކަމަކު މޫދު ތެރޭގައި މީހަކު ކޮޅަށް ހުންނާނީ ކިހިނެއް ހެއްޔެވެ. ޒާން އާއި ޔަމަން ބިރުން ހައިރާންވެ ތިބެ އެދިމާލައް ބަލަން ތިއްބެވެ. “ޔަގީން އެއީ ނީރް….” ޒާންއަށް ބުނެވުނެ. ” ޒާންއަށް ނީރް އެނގެނީ ކިހިނެއް؟. ނީރް އަކީ އަހަންނަށް ހުވަފެނުން ފެނުން މީހާ…. ” ޔަމަން ހައިރާންވެ އިނދެ އަހާލިއެވެ. ޒާންއަށް މަޖުބޫވީ ޔަމަން އަށް ހުރިހާ ކަމެއް ތެދަށް ކިޔައިދޭށެވެ. ރޭގައި ޔަމަން އަށްވީ ހުރިހާ ގޮތަކާއި ނީރް ދެއްކި ވާހަކަ ތައް އަދި ތަކުރުބޭގެ ވާހަކަތައްވެސް ޒާން ޔަމަންއަށް ކިޔާދިނެވެ. ޔަމަން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަދިއެހާމެ ބިރުގަނެފައެވެ.
އިރުކޮޅަކުން މޫދުތެރޭގައި ހުރި ހިޔަނި އެމީހުންނާދިމާލަށް އަންނަން ފެށިއެވެ. އެދިމާލުން އޮންނަނީ ވަރަށް ކުޑަ ފަޅެވެ. ފަޅުން ތަންކޮޅެއް އޮވެފައި ދެން އޮންނަނީ ކަނޑެވެ. އެހެންކަމުން ކަނޑުތެރޭގައި އެހިޔަނި ހުރިއިރު އެމީހުންނަށް ވަރަށް ސާފުކޮށް އޭތި ފެންނަން ހުއްޓެވެ. އޭތީގެ މޫނުން ދުންއަރަމުން ދާތަންވެސް ފެނުނެވެ. ވަކިހިސާބަކަށް ކައިރިވެފައި އޭތި މޫދުތެރެއަށް ގެއްލުނެވެ. ޒާން އަވަހަށް ޔަމަން ގޮވައިގެން ގެއަށް ގޮސް ތަކުރުބެއަށް އެވާހަކަ ކިޔައިދިނެވެ. “ޔާރައްބީ… އޭތި އެހުރީ ދޫކުރާ ގޮތަކަށް ނޫން. މިޖެހުނީ ދެން ބޮޑުކިޔެވެލި ފަށަން… މޫސާ… ފަރިތަކޮށް ޤުރުއާން ކިޔަވަން އެނގޭ ތިންމީހުން ހޯދާ.. ހަސީނާ ކައިރީގައި ބުނެގެން 21 ކުންނާރުފަތް ދާއިން ހިމުންކޮށް ފުނޑާފައި ބަހައްޓާ. އިޝާނަމާދަށް ފަހު ކިޔެވެލި ފަށަން ޖެހޭނެ.” ތަކުރުބެ ބޭނުންވީ ވީހާވެސް އަވަހަކަށް މިކަން ކޮޅެއްގައި ޖައްސާށެވެ.
ނުނިމޭ….
2 Comments!
Comments are closed.



Salhi ☺️
Thank you Nif 🤍😘