Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާ… 42

Anaq Level 210 Stories
August 1, 2026 5 Mins Read
0 Comments

ދޮރު ހުޅުވުމާއިއެކު ފެނުނީ މޫނުމައްޗަށް ވަރަށް ބޮޑަށް އަރިވާނެ ގޮތަށް ތާކިހަލެއް އަޅައިގެން ހުރި މީހެކެވެ. އެމީހާގެ އަތުގައި އޮތް ކައިވަތެއް ވަރުގެ ބޮޑުމިން ހުރި ފޮށި ފެނުމާއިއެކު ނަވީން މިއަދު ހަދިޔާއެއް ފޮނުވާނެ ކަމަށް ބުނެފައި އޮތް ކަން އަހަރެން ހަނދައިން ވިއެވެ.

********

 

ވަރަށް އުފަލުން ހުރެ އަހަރެން އެ ފޮށީގައި ހިފުމާއިއެކު ވައިސޫރިއެއްހެން އެމީހާ ގޮސް ސިޑީގެ ހަރުފަތްތައް ގިރާކުރަން ފެށިއެވެ. ބަލަބަލާ ހުއްޓައި އެމީހާ ލޮލުގެ ކުރިމަތިން ގޮސް އޮބާލައިފިއެވެ. ހައިރާން ވެފައި އަހަރެންނަށް ބަލައިލެވުނީ އެމީހާ ދިޔަލެއް ހަލުވި ކަމުންނެވެ. ހީވީ ކަމަކުން ރެކެން ވެގެން އުޅުނީ ހެނެވެ.

އެފޮށީގައި އޮތް އެއްޗެއް ބެލުމުގެ ޝައުގުވެރިކަން ހިތުގައި އޮތް ވަރުން އިތުރަށް ނުވިސްނައި އަހަރެން އެތެރެއަށް ވަދެ ދޮރު ލެއްޕީމެވެ. އިށީނުމެއްވެސް ނެތި އެ ފޮށީގައި ލައްވާފައިވީ މަޑު މުށިކުލައިގެ ކަރުދާސް ނައްޓައިލީމެވެ. ފޮށި ހުޅުވަން އުޅުނު ވަގުތު އަނެއްކައިވެސް ދޮރުގެ ބެލް ޖެހިއަޑު އިވުނެވެ. ޗޮކެއް ކަނޑައިލަމުން އަހަރެން އަނެއްކައިވެސް ދޮރު ހުޅުވުމަށް ދާން ފެށީ މިފަހަރު އައީ ކާކު ބާއޭ ހިތަށް އަރާފައެވެ. ފޮށި ހިފައިގެން ގޮސް އަހަރެން ދޮރު ހުޅުވައިލީމެވެ. އެވަގުތު ފުލުހުންގެ ފަސް އޮފިސަރު ދޮރު ކުރިމަތީގައި ހުއްޓިލައިގެން ތިއްބައި ފެނުމުން އަހަރެންނަށް ލިބުނީ ޝޮކެކެވެ. ޖެހިލުންވީ ދުވަހަކުވެސް އަހަރެންގެ ގެއަށް އެއްވެސް މައްސަލައެއްގައި ފުލުހުން އައިސްފައި ނުވާތީއެވެ. އަދި ކުއްލިއަކަށް ފުލުހުން އަހަރެންގެ އެޕާޓުމަންޓަށް އަންނަން ޖެހުނު ސަބަބެއް ނޭނގޭތީއެވެ.

“ތިއީ ތޯ މަރިޔަމް ޒާނާ ހަމީދަކީ؟ ” ފުލުހަކު ކުރިއަށް ޖެހިލައި އަހަރެންނާއި ސުވާލު ކުރިއެވެ.

“ލައްބަ… ކިހިނެތް ތޯ ވީ…؟” ހައިރާންވެ ސުވާލު އުފެދިފައި އަހަރެން އަހައިލީމެވެ.

” އަޅުގަނޑުމެން މިއައީ މަސްތުވާ ތަކެތި ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިގެން މި ގެ ބަލައި ފާސްކުރަން… މިއޮތީ ކޯޓު އަމުރު…އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވާ…. ” އެމީހާ އަހަރެންނަށް ކޯޓު އަމުރު ދައްކައިލަމުން ބުނެލިއެވެ. އަހަރެންނަށް ލިބުނީ ކުއްލި ޝޮކެކެވެ. އަހަރެންނަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައެވެ. މިގެއަކީ އެކަހަލަ އެއްޗެއް ބޭނުން ކުރާ މީހަކުވެސް އުޅޭ ގެއަކަށް ނުވާތީއެވެ. ނަމަވެސް އަހަރެންނަށް އެއްޗެއް ބުނެވުމުގެ ކުރިން ފުލުހުންގެ ފަސް މީހުން ދޮރުން އެތެރެއަށް ދެމިގަނެފިއެވެ.

ހަލުވި ކަމާއިއެކު ތިން މީހަކު ގޭތެރެ ބަލައި ފާސްކުރަން ފަށައިފިއެވެ. މަންމަ ވެސް ގޭތެރޭގައި އަޑުފަށްގަނޑު ގަދަވެގެން އޭރު ނިކުމެއްޖެއެވެ. ކުއްލިއަކަށް ފުލުހުންގެ ބަޔަކު ގޭތެރޭގައި ހަރަކާތްތެރިވާން ފެށުމުން މަންމަވެސް ކަންބޮޑު ވެފައި އައިސް އަހަރެންގެ ކައިރީގައި މަޑުކޮށްލިއެވެ. އަދި ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވަން މަސައްކަތް ކުރިއެވެ.

” ކިހިނެއްތޯ ވެގެން މިއުޅެނީ…..؟” މަންމަ އަހަރެންގެ ގާތުގައި ހުރި އޮފިސަރު ކައިރީގައި އަހައިލިއެވެ.

” މަސްތުވާތަކެތި ގެންގުޅޭ ކަމުގެ ތުޙުމަތުގައި މިގެ ބަލައި ފާސް ކުރުމަށް އަޅުގަނޑުމެން މިއައީ….” އެމީހާ މަންމަ އަށް ޖަވާބުދާރީ ވިއެވެ. މަންމަ ހައިރާންވެ ސުވާލު އުފެދިފައި އަހަރެންނަށް ބަލައިލިއެވެ.

” އެކަމަކު މިގެއަކީ އެކަހަލަ އެއްޗެއް ބޭނުންކުރާ މީހެއްވެސް އުޅޭ ގެއެއް ނޫން….” މަންމަ ބުނެލިއެވެ.

” އެކަމަކުވެސް އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިއައީ….” އެމީހާ ބުނެލިއެވެ. އެހިނދު އަހަރެންގެ އަތުގައި އޮތް ފޮށްޓަށް އެމީހާގެ ނަޒަރު ހުއްޓުނެވެ.

” ކޮން ފޮއްޓެއްތޯ އަތުގައި ތިއޮތީ… ދެއްވާ އަޅުގަނޑަށް. ޗެކް ކޮށްލަން ބޭނުން……” އެމީހާ އަހަރެންގެ އަތުގައި އޮތް ފޮށި ދިނުމަށް އެދުނެވެ. އެއްވެސް ދެކޮޅު ހެދުމެއް ނެތި އަހަރެން އެ ފޮށި ދިނީމެވެ. އެމީހާ އެފޮށި ހުޅުވައި އެތެރެ ބަލަން ފެށިއެވެ. އަދި އެއަށްފަހު އޭގެ ތެރެއިން އެމީހާ ނެގި ހުދު ކުނޑިތަކެއްފަދަ އެއްޗެއް އަޅާފައި ހުރި  ރަބަރު ޕެކެޓު ފެނުމުން އަހަރެންގެ ހަތަރު އުދަރެސް ފެނު ޖެހުނު ކަހަލައެވެ. ދެލޯ ބޮޑުކޮށްލަމުން އަހަރެންނަށް ބަލައިލެވުނީ އެއި ކޮންއެއްޗެއް ކަން އެނގުމުންނެވެ. ހަމަގައިމުންވެސް އޭގައި ކިލޯއެއް ހުންނާނެކަން ކަށަވަރެވެ. އަހަރެންނަށް ހަދާނެ ގޮތް ހުސްވިއެވެ. މިވަނީ ކިހިނެތްކަން އަހަރެންނަށް ކުޑަކޮށް ސާފުވާ ގޮތެއް ނުވިއެވެ.  ހިތް ތެޅިފޮޅީ ގަތީ އެ އެއްޗެހި އެ ފެނުނީވެސް ސީދާ އަހަރެންގެ އަތުން ކަމަށް ވީމައެވެ. އެކަމުގައި ބެދޭނީ ޚުދު އަހަރެން ކަމަށް ވުމުންނެވެ.

އަހަރެންނަށް އެވަރުގެ ލަނޑެއް ދޭނީ ކާކު ހެއްޔެވެ؟ ނަވީން އެފަދަ ކަމެއް ކޮށްފާނެ ހެއްޔެވެ؟ ނަވީން އަހަރެންނަށް ދޭން ބުނި ހަދިޔާއަކީ މިއީ ހެއްޔެވެ؟ ފިރިހެނުންނަށް އިތުބާރު ކުރަން ވެދާނެ ހެއްޔެވެ؟ ކުޑަ ހިނދުކޮޅަކަށް ވިޔަސް އަހަރެންގެ ހިތް އޭގެ މަގުން ކަސިޔާރު ވިއެވެ. ނުބައި ހިޔާލު ތަކުން އަހަރެންގެ ހިތް ތަޣައްޔަރު ވާން ފެށިއެވެ.

” މަސްތުވާ ތަކެއްޗާއިއެކު މިހާރު ތިބޭފުޅާ ތިހުރީ ހައްޔަރު ކުރެވިފަ… އަޅުގަނޑުމެންނާއިއެކު ހިންގަވާ…..” އެމީހާ އަހަރެންގެ އަތް ކުރިމައްޗަށް ގެނެސް ބިޑި އަޅުވަމުން ބުންޏެވެ. އަހަރެންނަށް ހުރެވުނީ އެހުރިހާ ކަމެއް ވަމުން ދިޔައިރުވެސް ގަނޑުވެފައެވެ. ކުޑަމިނުން ދެކޮޅުހަދައި އިންކާރު ކުރުމުގެ ހިތްވަރެއްވެސް ނުލިބިފައި ހުރީ ހިތަށް ލިބިފައި ހުރި ޝޮކުގެ ބޮޑު ކަމުންނެވެ. މުޅި ސިކުނޑިވެސް ހުސްވެފައި ވާ ކަހަލައެވެ. މަންމަގެ ރުއިމުގެ އަޑު އަހަރެންނަށް އިވެމުން ދިޔައީ ވަރަށް ދުރުން އިވޭ އަޑެއް ހެން އެކޯ ވެގެންނެވެ. އަހަރެންގެ ބޮލަށް އެނބުރުންވެސް އަރަންފެށީ ސިކުނޑި ހާސްވިވަރުންނެވެ. މީހާގެ ނަފްސުގެ މައްޗަށް ހާސްކަން ވެރިވެ ގަނެ ހިތް ތެޅި ފޮޅެން ފެށިއެވެ. ބެދެމުންދާ މަޅީގެ ބޮޑުކަން ތަސައްވަރު ކުރެވުމުން ލޮލުގެ ކުރިމަތިން ކުދިކޮކާ ބުރައިލިހެން ވެސް ހީވިއެވެ.  އިސާހިތަކު ލޮލަށް ބަރުވި ކަރުނަ ތަކުން އަހަރެންނަށް މަންޒަރު ފުސްވާން ފެށިއެވެ.

އެހިނދު ހުޅުވިފައި ހުރި އެޕާޓުމަންޓުގެ ދޮރުގެ ކުރިމައްޗަށް އެރި މީހާ ފެނުމުން އަހަރެންނަށް އަނެއްކައިވެސް ލިބުނީ އިތުރު ޝޮކެކެވެ.  މިއަދު ނަވީންއާއިއެކު ހުއްޓާއި ފެނުނު މީހާގެ އަތުގައި އޮތް ރަތް ފިނިފެންމާ ބޮނޑިއާއި ކުޑަ ޕާރްސަލް ފެނުމުން، އަސްލު ނަވީން ފޮނުވި ހަދިޔާއަކީ އެއީކަން އަހަރެންނަށް އެނގުނެވެ. އެހެން ކަމަށް ވާނަމަ މީގެ ފަސްވަރަކަށް މިނެޓު ކުރިން އަހަރެންނަށް އެލިބުނީ ކޮން ޕާރްސަލްއެއް ހެއްޔެވެ؟ އެއީ ކީއްވެ އަހަރެންގެ އަތަށް އަރަން ޖެހުނު އެއްޗެއް ހެއްޔެވެ؟ ނުބައި ވަގުތެއްގައި ނުބައި ތަނެއްގައި އަހަރެންނަށް ހުރެވުނީ ހެއްޔެވެ؟ އެހެނެއްވެސް ނުވާނެ އެވެ. އަހަރެން ހުރީ އަހަރެންގެ އަމިއްލަ ގޭގައެވެ. އެހެންކަމަށް ވާނަމަ އެއީ ހަމަ މީހަކު ރާވައިގެން އަހަރެންނަށް ދިން ލަނޑަކަށް ނޫނީ ނުވާނެއެވެ. އެ ހިނދު އަހަރެންގެ ދުލުގެ ކުރިއަށް އައީ އެންމެ ނަމެކެވެ.

” ރުހާމް……” ވޭނީ އާހެއް ފަދައިން އަހަރެންނަށް ބުނެވުނެވެ. ޤަބޫލު ކުރަން ދަތިވެފައި އަހަރެންނަށް ހުރެވުނެވެ. އަހަރެންގެ ދިރިއުޅުން ފަނާ ކޮށްލަން ދެން ރުހާމް ކޮށްފައި ނުކުރާނީ ކޮން ކަމެއް ހެއްޔެވެ؟ އޭނާ ކޮންމެ ފަދަ ދަރަޖައަކަށް ވެސް އަހަރެން ބަރުބާދު ކޮށްލުމަށް ފުންމާލަފާނެ ހެއްޔެވެ؟ އެހާވެސް އެހިތުގައި އޮތް ނަފްރަތުކަން ބޮޑީ ހެއްޔެވެ؟

އެޕާޓުމަންޓުގެ ދޮރުން ބޭރަށް އަހަރެން ނެރުމަށް ގެނެވުނު ވަގުތު ނުހަނު އަވަހަށް އަހަރެންނާއި ގާތަށް އެމީހާ ޖެހިލަމުން ވާހަކަ ދެއްކިއެވެ.

” މޭމް… އެއްވެސް ސުވާލެއް ކުރިޔަސް އެއްވެސް ޖަވާބެއް ނުދޭތި.. ހަނު ހުންނާނީ އިނގޭ….” ވަރަށް އަވަސް އަވަހަށް ފޯނު ކަންފަތުގައި ޖަހައިގެން ހުރެ އަހަރެންނާއި މުހާތަބުކޮށް އެމީހާ ބުނެލިއެވެ. ކަރުނަ ތަކުން ފުރިފައިވީ ދެލޮލާއި ހާސްކަމުގައި ހުރެވެސް އަހަރެން ބޯޖަހައިލީމެވެ. ނަވީންއާއި ހަމައަށް ޚަބަރު ދާން މާ ގިނަ ވަޤުތުތަކެއް ނުނަގާނެކަން އަހަރެންނަށް އެނގުނެވެ. ނަމަވެސް އަހަރެންގެ ހިތުގައި އުފެދުނު ސުވާލަކީ  ނަވީންއަށް އަހަރެން މި އަނދަވަޅުން ސަލާމަތް ކޮށްދެވިދާނެ ހެއްޔެވެ؟

ލިފްޓުގެ ދޮރު ލެއްޕެމުން ދިޔަވަގުތު އަހަރެންގެ މަންމަގެ ގައިގާ ހިފަހައްޓައިލަމުން މަންމަ މަސަލަސް ކުރެވޭތޯ އެމީހާ މަސައްކަތް ކުރިތަން އަހަރެންނަށް ފެނުނެވެ. ލޮލުގައި ހުރި ކަރުނަތަކާއި އެކުވެސް އަހަރެންނަށް އެމަންޒަރު ފެނުނީ ވަރަށް ފުސްކޮށެވެ. ހިތްދަތިވެ ގިސްލަ ގިސްލާފައި އަހަރެންނަށް ރޯން ފެށުނީ މަންމަގެ ހިތަށް އަރާނެ އެއްޗެހި އެނގުމުންނެވެ. މަންމަގެ ހިތުގައި ޖެހޭނެވަރު އެނގުމުންނެވެ.

ހަތަރު ފަރާތަށް ވެރިވެފައިވީ ހަމަހިމޭން ކަމެވެ. ވަށައިގެންވީ ހަތަރު ހުދު ފާރުތަކާއި، އެތަނަށް ވެރިވެފައިވީ ހަމަ ހިމޭންކަންވެސް ހީވަނީ އަހަރެން ގެނެސް ހަތަރު ފަރާތުން ފިއްތާލަން އުޅޭ ހެނެވެ. އަލިކަމެއް ވަންނާނެ ކުޑަދޮރެއްވެސް ނެތް އެ ކޮޓަރީގައި، ވަންނަން އިން މައިދޮރު ނޫނީ އެހެން ދޮރެއް ނެތެވެ. އެހެން ކަމުން އެ ބަންދުބޮޑުކަންވެސް ވެފައިވީ އަހަރެންގެ ހާސްކަމަށް އިތުރުވި ބޮޅަކަށެވެ. ކޮޓަރީގެ މެދުގައި ހުރި ހަތަރެސްކަން މޭޒު ކައިރީގައި އަހަރެން ބައިންދާފައި އިންނަތާ މިހާރު ވީ ކިހާއިރެއް ކަމެއްވެސް ނޭނގެއެވެ. އަތުގައިވީ ބިޑި ނައްޓާލާފައި ވީ ކަމުގައިވިޔަސް އަދިވެސް އަހަރެންނަށް އިހުސާސް ކުރެވެމުން ދިޔައީ ކަސްތޮޅު އެޅުވިފައިވީ ކަމުގައެވެ. އޮޅުން ބޮޅުންގަނޑެއްގެ ތޭރޭގައި ބަނދެވެމުންދާ ކަމުގެ އިހުސާސް ތަކެވެ.

ވިސްނާ ވިސްނާ އަހަރެންގެ ބޯ ހީވަނީ ފަޅައިގެން ގޮސްދާނެ ހެނެވެ. ރުހާމްގެ ފަރާތުން އެއްވެސް އުނދަގުލެއް ނުވެ ހުރެފައި ކުއްލިއަކަށް އޭނާ އަހަރެންނަށް މިދިނީ ކިހާބޮޑު އަނިޔާއެއް ހެއްޔެވެ؟ މިއީ ކިހާބޮޑު ލަދުވެތި ކަމެއް ހެއްޔެވެ؟ ކިހާ ބޮޑު ކެއްސެއް ހެއްޔެވެ؟

ވިސްނުނު ވިސްނުނުހެން އަހަރެންގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ހައްތަހާ ވީ އިތުރެވެ. މަންމަގެ ހިތަށް ވާނެ ތަދާއި މަންމަ ވިސްނާނެ ވަރު ހިތަށް އަރާފައި އަހަރެންގެ ހިތް ހީވަނީ ނެގިނެގިފައި ޖެހިދާނެ ހެންނެވެ. އޭގެ މަޤާމުންވެސް ފުންމާލަ ފާނެ ހެނެވެ.

އެހެން ނޫނަސް ސީދާ އަހަރެންގެ އަތުން އެ އެއްޗެހި ފެނުމުން އަހަރެންނަށް އައިސްދާނެ ހުކުމަކާއި ދޭތެރޭގައިވެސް ވިސްނެނީއެވެ. އެހާ ރަނގަޅަށް މިކަހަލަ ކަންކަމުގައި އޮންނަ ގޮތްތަކާއި އުސޫލުތައް ނޭނގުނު ކަމުގައި ވިޔަސް އެހާ ފަސޭހައިން އަހަރެންނަށް މިކަމުން ސަލާމަތް ވެވިދާނެ ކަމާމެދު  އަހަރެންގެ ހިތް ޝައްކުކުރަމުން ދިޔައެވެ. ހިތް އެދި ގޮވަމުން ދިޔައީ ނަވީންއަށެވެ. ހަމަ އެކަނި ނަވީން އަށެވެ.  މި ޖަހަންނަމައެއްފަދަ ތަނުން ސަލާމަތް ކޮށްދިނުމަށެވެ.

ދުވަސްތަކަކަށްފަހު އަހަރެންގެ ހަޔާތުން އުސްގަނޑަކަށް އެރެމުން އަންނަނިކޮށް އެ އުސްގަނޑުން ވެއްޓި ޖަލުގެ ތޭރި ތަކުގެ ޝިކާރައަކަށް ވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލަން ރުހާމް ކޮންމެ ފަދަ ދަރަޖައަކަށްވެސް ވެއްޓިދާނެކަން މިއަދު އަހަރެންނަށް އެނގިއްޖެއެވެ. އޭނާގެ ކައިރިން ވަރިވުމަކުން އެ ގައިދުޚާނާ އިން އަދި މިނިވަންވީކީ ނޫން ކަންވެސް މިއަދު އަހަރެންނަށް އެނގިއްޖެއެވެ. އަސްލު ހަނގުރާމަ އަހަރެންނަށް ދުރުން ހަނާ އަޅާހެން ހީވިއެވެ. ދެން ހުރެފައި ރުހާމް ކޮށްލާނީ ކޮންފަދަ ކަމެއް ކަމެއްކަންވެސް ނޭނގެއެވެ.

ހޭދަވެގެން ދިޔައީ ކިހައި ވަގުތެއްކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އަހަރެން އެތަނަށް ގެނައިފަހުން އަހަރެންނާއި ސުވާލެއްހައި ހިސާބުވެސް ކޮށްލާކަށް އެއްވެސް މީހަކު ނާންނަ ކަމެވެ. ފަރުދާގެ ފުރަގަހުގައި ހިލެމުން ދަނީ ކިހާވަރެއްގެ މެޓާ ގަނޑެއް ކަމެއްވެސް އަހަރެންނަކަށް ނޭނގެއެވެ. އެހެން ކަމާއިއެކު ފާއިތުވަމުންދާ ކޮންމެ ސިކުންތަކާއިއެކު އަހަރެންގެ ހިތުގައި އުފެދެމުން ދިޔަ ބިރުވެރިކަން ވަމުން ދިޔައީ ހައްތަހާ އިތުރެވެ.

ބޭރުން އަޑުއަޑު އިވެން ފެށިހެން ހީވިއެވެ. އެއަޑު އަންނަ ގޮތުން ބަޔަކު ދެބަސްވަނީހެން ވެސް ބައެއް ފަހަރު ހީވިއެވެ. ނޫނީ އެއީ އެތައް ބަޔަކު އެއްފަހަރާއި ވާހަކަ ދައްކާ އަޑު އިވޭތި ހީވާ ހީވުމެއް ހެއްޔެވެ؟ އެހިނދު ކުއްލިއަކަށް ކޮންމެވެސް މީހަކު ނުވަތަ ބަޔަކު ދޮރުގައި ޖެހިގަތް އަޑު އިވުނެވެ. އަހަރެންނަށް ޖެހި ކައްޓެއްހެން ގޮނޑިން ތެދުވެވުނެވެ.  އެއާއިއެކު ކުއްލިއަކަށް ހުޅުވުނު ދޮރުގެ އެތެރެއިން ދެމިގަތްތަން ފެނުނީ މިވަގުތު އަހަރެން ދެކެން ބޭނުންވާ އެންމެ ފަހު މީހާއެވެ. ރުހާމްއެވެ. ރުޅި އައިސް ރަތްވެފައި، ބޮލަށް އަރާ ކުކުޅެއް ފަދައިން އަހަރެންނާއި ދިމާއަށް ރުހާމް އައީ ހަލުވި ކަމާއި އެކުއެވެ. ބިރުން މޭ ފަޅާލައިފައި ހިތް ނިކުމެދާނެހެން ހީވި ވަގުތު އަހަރެންނަށް ލޯމަރައި ލެވުނީ ރުހާމް ފަރާތުން ކުރިމަތިވެދާނެ ކަމަކުން ސަލާމަތް ވުމަށެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anaq

Level 210 Stories

Other Articles

Previous

ނޭނގި ހުރެ ލޯބިވެވުނީ

Next

އިންތިހާ ލޯބި ވެވޭތީ – ފަހުބައި (5)

Next
August 1, 2026

އިންތިހާ ލޯބި ވެވޭތީ – ފަހުބައި (5)

Previews
August 1, 2026

ނޭނގި ހުރެ ލޯބިވެވުނީ



All Right Reserved!