ގާތުގާ… 43
އަޅުގަނޑުގެ ވާހަކައިގެ ބައިތަކުން ކޮންމެ ހޯމަ އަދި ހުކުރު ދުވަހަކު ޕާޓެއް ނެރޭނަން އިނގޭ… ބިޒީކޮށް އުޅެން ޖެހޭތީ އަޅުގަނޑަށް ޕާޓްތައް ސައިޓަށް ލެވެނީ ރޭގަނޑު… ލަސްވާތީ ވަރަށް ބޮޑަށް ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދެން… ތި ބޭފުޅުން ތި ދެއްވާ ތަރުޙީބަށް ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭ…. ތި ގޮތުގައި ތިއްބަވާނެ ކަމަށް އުއްމީދު ކުރަން….
********
ބޭރުން އަޑުއަޑު އިވެން ފެށިހެން ހީވިއެވެ. އެއަޑު އަންނަ ގޮތުން ބަޔަކު ދެބަސްވަނީހެން ވެސް ބައެއް ފަހަރު ހީވިއެވެ. ނޫނީ އެއީ އެތައް ބަޔަކު އެއްފަހަރާއި ވާހަކަ ދައްކާ އަޑު އިވޭތި ހީވާ ހީވުމެއް ހެއްޔެވެ؟ އެހިނދު ކުއްލިއަކަށް ކޮންމެވެސް މީހަކު ނުވަތަ ބަޔަކު ދޮރުގައި ޖެހިގަތް އަޑު އިވުނެވެ. އަހަރެންނަށް ޖެހި ކައްޓެއްހެން ގޮނޑިން ތެދުވެވުނެވެ. އެއާއިއެކު ކުއްލިއަކަށް ހުޅުވުނު ދޮރުގެ އެތެރެއިން ދެމިގަތްތަން ފެނުނީ މިވަގުތު އަހަރެން ދެކެން ބޭނުންވާ އެންމެ ފަހު މީހާއެވެ. ރުހާމްއެވެ. ރުޅި އައިސް ރަތްވެފައި، ބޮލަށް އަރާ ކުކުޅެއް ފަދައިން އަހަރެންނާއި ދިމާއަށް ރުހާމް އައީ ހަލުވި ކަމާއި އެކުއެވެ. ބިރުން މޭ ފަޅާލައިފައި ހިތް ނިކުމެދާނެހެން ހީވި ވަގުތު އަހަރެންނަށް ލޯމަރައި ލެވުނީ ރުހާމް ފަރާތުން ކުރިމަތިވެދާނެ ކަމަކުން ސަލާމަތް ވުމަށެވެ.
*********
އެހިނދު އަހަރެންގެ ކުރިމައްޗަށް މީހަކު ހުއްޓުނު ކަމުގެ އިހުސާސް ކުރެވުމާއިއެކު އަހަރެންގެ މޫނަށް އެ މީހެއްގެ ހިޔަނިވެސް އެޅިގެން ދިޔައެވެ. ހަމަ އެއާއެކު ދަންނަ ފިރިހެން ސެންޓެއްގެ ވަސް އަހަރެންގެ ނޭފަތުގައި ޖެހުނެވެ. އޮއެގަދަ ކަނޑެއްގައި ގެނބި ނޭވާ ހާސް ވަމުން ދަނިކޮށް އަތުގައި ހިފައި ސަލާމަތްކޮށް، ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސް ދިން ފަދަ ކަމަކަށް ހަމައެކަނި އެވަސް ވެސް ފުދުނެވެ. ހިތަށް ބުނެދޭން ނޭނގޭ ފަދަ ފިނިކަމެއް ލިބުނީ ކުރިމަތީގައި އެހުރީ ކާކުކަން ލޯމަރައިން ހުއްޓައިވެސް އަހަރެންނަށް ފަހުމް ވުމުންނެވެ.
ލޯ ހުޅުވައި ބަލައިލުމާއެކު އެންމެ ފުރަތަމަ ވެސް އަހަރެންނަށް ފެނުނީ ނަވީންގެ ފުރަގަހެވެ. އަހަރެންނާއި ދާދި ގާތުގައި އަހަރެންގެ އައްޑަނައަކަށް ވެގެން ހުންނަ ފަދައިން ހުއްޓިލައިގެން ހުރި ގޮތުން އަހަރެންނަށް ރައްކާތެރިކަމުގެ އިހުސާސް ކުރެވެން ފެށުނެވެ. އަބަދުވެސް ލައިފައި ހުންނަ ހުސްކަޅުގެ ސޫޓްގެ ސަބަބުން އެ ޝަޙުސިއްޔަތުގެ ވަރުގަދަކަން ހާމަކޮށްދެމުން ދިއައެވެ. ހިތަށް ބަޔާން ކުރަން ދަތި އުފާވެރި ކަމެއް ލިބުމާއިއެކު މުޅިން އާ ހިތްވަރެއްވެސް ނަވީން ފެނުމުން އަހަރެންނަށް ލިބުނެވެ.
ނަވީންގެ ކުރިމަތީގައި ރުޅިއައިސް ރަތްވެފައި ރުހާމް ހުއްޓެވެ. ހީވަނީ ދެންމެ ދެންމެއިން އަރައިގަނެފާނެ ހެނެވެ. ކޮޓަރިތެރެ ފުރިފައިވަނީ ފުލުހުންގެ މީހުނުންނެވެ. ނަމަވެސް އެއިން މީހަކު ނަވީންއާއި ރުހާމްގެ ދޭތެރެއަށް ވަންނަން ބޭނުން ނުވާފަދައެވެ. ކުޅި ބަލަން އެންމެން ވެސް ތިބީ ވާން އުޅެނީ ކިހިނެތްކަން ނޭނގޭ ހާލުއެވެ.
ނަވީންގެ ވާތް ފަރާތުގައި ތަންކޮޅެއް އުމުރުން ދުވަސްވީ މީހެއް ފުލުހުންގެ ޔުނީފޯމުގައި ހުއްޓެވެ. ކޮނޑަށް އަރާފައި ހުރި ނިޝާންތަކުން އެއީ ފުލުހުންގެ މަތީ މަޤާމެއް ފުރަމުންދާ މީހެއްކަން ދޭހަވާހާވިއެވެ. ކުޑަކޮށް ނުރަވެފައި ހުރިތުނބުޅިއާއި ކުރުކޮށް ހުރި އިސްތަށިގަނޑުންވެސް އެމީހާގެ ހަރުދަނާ ޝަޙުސިއްޔަތު ފާޅުކޮށްދެއެވެ. މީހުން ޖެހިލުންވާފަދަ ގޮތެއް އެ މޫނު މަތީގައި ހުއްޓެވެ. ނަމަވެސް އަހަރެންގެ ނަވީންގެ ފަނޑުކޮށްލެވޭ ވަރުގެ ތަރިއެއް އެތާކު ނުވެއެވެ.
ބިރުން ހުރެ އަހަރެންނަށްނަށް ނަވީންއާއި އިތުރަށް ގާތް ވެލެވުމާއިއެކު ނަވީންގެ އަތުގައި ފުރަގަހުން ހިފައި ލެވުނެވެ. ކުޑަކުއްޖެއް ފަދައިން އެ އުނގުތެރެއަށް ވަދެ ހިމާޔަތް ހޯދަން ބޭނުން ވިއެވެ. ބަސް ބުނުމަކާއި ނުލައި އަހަރެންގެ ހިތުގެ ހާލު ހާމަކޮށްދެވުނެވެ. ނަވީން އަހަރެންގެ އަތަށް ކުޑަކޮށް ފިތައިލިއެވެ. ” ކަންބޮޑު ނުވާށޭ އަހަރެން މިހުރީ ނޫންހޭ ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ” ބުނެލި ފަދަ އިހުސާސެއް އެކުޑަ އަމަލުން ވެސް އަހަރެންނަށް ކުރެވިގެން ދިއައެވެ.
” ކަލެއަށް ހީވޭތަ ކަލެއަށް އަބަދު އޭނާގެ ހިމާޔަތުގަ ހުރެވޭނެހެން….؟” އަޑު ހަރުކޮށް ނޫނަސް ރުހާމް ނަވީންއާއި ދިމާއަށް ބުނެލީ ރުޅިއައިސް އެވެ.
” ކަލޭވެސް ހީކުރީތަ ކަލެއަށް އަބަދު ޒާނާއަށް ބޭނުންހާ އެއްޗެއް ހެދޭނެހެން….؟” އެންމެ ތަންކޮޅެއްވެސް ދޫނުދީ ނަވީންވެސް ރުޅިއައިސް ބުނެލިއެވެ. ދެ ފިރިހެނުންގެ ދެމެދުގައިވީ ނަފްރަތުގެ އުދާސްކަން އަހަރެންނާއި ހަމައަށްވެސް ފޯރަމުން ދިއައެވެ.
” ސީދާ އޭނާގެ އަތުން އެއްޗެހި ފެނުނީ…. އެއީ ކަލެއަކަށް ވެސް ދޮގު ކުރެވޭނެ ކަމެއް ނޫން…” ރުހާމް ދަތް ވިކައިލަމުން ބުނެލިއެވެ.
” ވަކި މީހަކަށް ވަކި ގޮތެއް ހެދިގެން ނުވާނެ… ވަކި މީހެއްގެ މީހެއް ވީމަ ނުވާނެ މަސްތުވާ ތަކެއްޗާއި އެކު ރެޑް ހޭންޑް ކޮށް ފެނުނީމަ ދޫކޮށް ލެވިގެނެއްވެސް…..” ރުހާމް ބުނެލިއެވެ. އަހަރެންނަށް ހިން ދިރުވައިލެވެނެވެ. ރުހާމް އެ ދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟ އަހަރެން ދޫކޮށްލަން އުޅެނީ ކާކު ހެއްޔެވެ؟ ވަމުން މިދާ ގޮތަކާއި ދޭތެރޭގައި އަހަރެންގެ ހިތުގައި ސުވާލު އުފެދެމުން ދިޔައެވެ.
“ކޮބާތަ ވަކި މީހަކަށް ވަކި ގޮތެއް ހަދާފަ…؟ ކަލޭވެސް އެ ރިޝްވަތުގެ މައްސަލައިން ބޯދަމައި ގަތީ ބާރާއި ނުފޫޒު ބޭނުން ކޮށްގެން… މަވެސް މިހަދަނީ ހަމަ އެހެން…” ނަވީންވެސް އެންމެ ތަންފުކެއްވެސް ދޫނުކޮށް ބުނެލިއެވެ. ނަވީން ބުނެލި ބަހުން އަހަރެންނަށް ހައިރާންވެ އެ މޫނަށް ބަލައިލެވުނެވެ. ބާރާއި ނުފޫޒުން މިއީ ނުވާ ކަމަކަށް ނަވީން ހަދަން އުޅެނީ ހެއްޔެވެ؟ އެވަރުގެ ބާރެއް ނަވީންގެ އަތުގައި އެބަ އޮތް ހެއްޔެވެ؟ ސުވާލުތައް ހައްތަހާ ވީ އިތުރެވެ. ބަނދެވެމުން ދިޔައީ އިތުރު އޮޅުން ބޮޅުންގަނޑެއްގެ ތެރޭގައެވެ.
” އެހެން ނޫނަސް މަ ހިއެއް ނުކުރަން ކަލޭ ތިހާ ގަޅި ކަމެއް ކޮށްފާނެ ކަމަކަށް. މިކަމުގެވެސް މުލުގައި ހުރީ ކަލޭކަން މިއޮތީ ހަމަ ރަނގަޅަށް ފެންނަން….” ނަވީން ބުނެލިއެވެ. ވާނުވާ އަހަރެންނަށް ރޭކާލާން ފެށީ ދެނެވެ. އަހަރެންނަށް ހުއްޓި މިހުރެވުނީ ދެފިރިހެނުންގެ ކޯޅުމެއްގެ މެދުގައެވެ. އެކަކު އަހަރެންގެ މުޅި ދުނިޔެ ފަނާކޮށްލައި އަހަރެންގެ މުސްތަޤުބަލް ހަލާކު ކޮށްލަން މަސައްކަތް ކުރަމުންދާއިރު އަނެއްކަކު އަހަރެންގެ ދިރިއުޅުން އާރާސްތުކޮށް އަހަރެންގެ ހިމާޔަތުގައި ނިކުމެއެވެ. މިއީ ކޮންފަދަ ކަންތައް ގަނޑެއް ހެއްޔެވެ؟
” ކޮބާ ހެކި….” ރުހާމް ދެލޯ ވަށް ކޮށްލަމުން އަހައިލިއެވެ.
” ނިކަން މޮޅިއްޔާ މިއީ އަހަރެން ކުރި ކަމެއްކަން ސާބިތު ކޮށްބަލަ…..” ރުހާމް ހުއްޕައިލިއެވެ. ބޯޅަ އޮތީ އޭނާގެ ކޮޅުގައޭ ނުސީދަލަށް ބުނެލިއެވެ.
” އެވެސް ހޯދާނަން….އެހެން ކަންކަންވެސް ހޯދި ގޮތަށް… ކަލެއަށް ޝައްކުތަ…؟” ނަވީން ވަރުގަދަ ރައްދެއް ދިނެވެ.
” މަ ބޭނުމިއްޔާ ކަލޭ މިހާރުވެސް ޖަލުގެ ތޭރިތަކުގެ ތެރެއަށް ކޮށްޕައިލެވިދާނެ… ކޮންމެހެން ކަލޭ މައްޗަށް ކަމެއް ސާބިތު ނުވިއަކަސް… ކަލެއަށް އަދިވެސް އެވަރެއް ނުވިސްނޭތަ…؟.” ނަވީން އިންޒާރު ދިނެވެ.
” ދައިގަންނާނެ ކުއްތާ ވައްވަކެއް ނުޖަހާނެ……” ރުހާމް ރުޅިއައިސް މޭ ހުއްޕައިލަމުން ބުނެލިއެވެ.
” ކަލެއަށް ކަމެއް ވާނެ ނަމަ އެންމެ ވީޑިއޯ ގަނޑެއް ލީކު ކޮށްލާފައި ވަދެ ގޭގަ ފިލައެއް ނޫން އޮންނާނީއެއް….” ރުހާމް މަލާމާތް ކޮށްލިއެވެ. މަލާމާތުގެ ހިނިތުން ވުމެއް ނަވީންގެ ތުންފަތުގައިވެސް ދުވެލިތަން އަހަރެންނަށް ފެނުނެވެ. ކަލެއަށް ހާދަ ނުވިސްނެއޭ ބުނެލި ފަދައެވެ.
” ކަލޭ ހަމަ އަސްލަށް ވެސް ހާދަ ގަމާރޭ ދޯ….މިއޮށް ހުރިހާ ދުވަސް ވީ އިރުވެސް މަ މިއީ ކާކުތޯ ބަލާލަން ކަލޭ ހިތަށް ވެސް ނާރުވާ…އެކަން ވަރަށް ރަނގަޅަށް އެބަ އެނގޭ މިހާރު… އޭގެ ބަދަލުގަ ކަލޭ ކުޅެން ތި މަސައްކަތް ކުރަނީ ޒާނާއާއި… ކަލެއަށް އަދި މަށެއް ނޭނގޭ އެހެން ވީމަ… އެނގެން ގާތްވެސް ނުވޭ… އެހެންތާ ވާނީ ވެސް ދޯ… ކަލޭ ޒާނާއާއި ކުޅެން ދިމާކޮށްފަ ހުރި ވަރުން އެހެން ކަމެއް ހަނދައިން ހުންނަ ވަރެއް ނޫން ވިއްޔާ… ކަލޭ މިފަހަރު ތި ކުޅުނު ކުޅިގަނޑުވެސް ކަލެ އަތަށް ގޮވާނެ… ބަލަން ހުންނާތި…..” ނަވީން ބުނެލިއެވެ. އަހަރެންގެ ހިތުގައިވެސް އެ ސުވާލު ވަކި ހިއްޕައިލިއެވެ. ނަވީންގެ ފެންވަރާ ހަސަބާއި ނަސަބާއި ދޭތެރޭގައި ފުރަތަމަ ފަހަރަށް އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ. ރުހާމް ނޫނަސް އަހަރެންވެސް ނަވީން ދަސްކުރަން ޖެހޭ ކަމަށް އަހަރެންގެ ހިތް ބުނެލިއެވެ. އެކުގައި ހޭދަކުރެވުނު ހަތް އަހަރު ތެރޭގައިވެސް ތެދަށް ބުނަންޔާ އަހަރެންނަކަށް ނަވީންއާއި ބެހޭ މާ ބޮޑު މަޢުލޫމާތެއް ހޯދިފައެއް ނެތެވެ. އެއަށް ވުރެން ނަވީންގެ ފަރާތުން ލިބެމުން ދިޔަ ލޯބީގައި އަހަރެން ވަނީ މަސްތުވެ ދީވާނާ ވެފައެވެ.
” ކަލޭ ހީކުރީ ކަލޭ ތިއީ މާ މޮޅު މީހެއް ކަމަށް ތަ… ؟ އޭން…؟” ރުހާމް ބުނެލިއެވެ. ކުރި ލިބެމުން ނުދާތީ ރުހާމްގެ ގާތަށް ހައްތަހާ ރުޅި އަންނަ ގޮތް ވިއެވެ.
” ހަމަ ގައިމުންވެސް ކަލެއަށް ވުރެން…..” ނަވީން މަލާމާތުގެ ހިނިތުންވުމެއް ދެމުން ބުނެލިއެވެ. ވަގުތު ތަކެއް ފާއިތުވަމުން ދިޔަ ކަމުގައި ވިޔަސް ނަވީންއާއި ރުހާމްގެ ދެމެދުގައި ހޫނު ހަމަލާ ތަކެއް ބަދަލު ކުރެވެމުން ދިއައެވެ. މީގެ ކުރިން ރުހާމްއާއި ނަވީންގެ ދުޝްމަނު ކަމެއް އޮތް ކަމެއް އަހަރެންނަކަށް އެނގިފައެއް ނެތެވެ. އަދި އެކަމުގެ ސަބަބަކީ އަހަރެން ކަމެއްވެސް އެނގިފައެއް ނެތެވެ. ނިއުޅިގެން ދިޔަ މުޅިން އާ ހަޤީޤަތް ތަކުގެ ސަބަބުން އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ވާންވީ އުފާ ކަމެއް ނުވަތަ ގަންނަންވީ ބިރު ކަމެއް އަހަރެންނަށް ހުރީ ނޭނގިފައެވެ.
އެހުރިހާ ކަންކަމެއް އެތަނުގައި ވަމުން ދިޔައިރުވެސް އެއްވެސް ފުލުސް އޮފިސަރެއް އެކަން ހުއްޓުވަން ނޫޅުމުގެ ސަބަބުން އަހަރެން ހައިރާންކަން ހައްތަހާވީ އިތުރެވެ. އަދި އެކަން ވީ އަހަރެންގެ ހިތުގައި އިތުރު ސުވާލުތަކެއް އުފެދި ބިރުވެރިކަމެއް ވެސް ވެރިވި ކަމަކަށެވެ. ހަމަ ގައިމުންވެސް ރުހާމްގެ ނުފޫޒަކީ އަހަރެންނަށް އޮޅިފައި އޮތް އެއްޗެއް ނޫނެވެ. އެހެން ކަމަށް ވާނަމަ މާނައަކީ އަހަރެންނަށް ސަލާމަތް ވުމުގެ ފުރުސަތު ވަރަށް ހަންޏެވެ. ނަވީން އަހަރެންނާއި އެއްފަރާތުގައި ހުރި ކަމުގައި ވިޔަސް ރުހާމްގެ ބާރު ޕޮލިސް ސްޓޭޝަން ތެރޭގައި އޮތް ވަރު ފެނުމުން އަހަރެންގެ ހިތް މާޔޫސް ވިއެވެ. މިއީ ނިމުމެއް ނެތް ހަނގުރާމަ އަކަށް ވެދާނެތީ އަހަރެން ކަންބޮޑުވިއެވެ. އުންމީދު ކުރިފަދަ އުފާވެރި ދިރިއުޅުމެއް ނަވީންއާއިއެކު ނުލިބިދާނެތީ އަހަރެން ހިތް ރޯލިއެވެ.
ނަވީންގެ ގާތުގައި ހުރި ފުލުސްމީހާ ޖީބުން ފޯނު ނަގައި ބަލައިލިއެވެ. އިސާހިތަކު ނިތަށް ރޫ ގިނަވެލައި އެ މޫނު މަތީގައިވީ ކުލަވަރުތަކަށް ބަދަލު އައިސްފިއެވެ. ހާސްކަމުން މުޅި މީހާ ވަށައިލިއެވެ. ތެޅިގަތުމާއިއެކު އެމީހާ ނަވީން އާއި ގާތަށް ނުހަނު އަވަހަށް ޖެހިލައިފިއެވެ. ނަވީންގެ ކަންފަތް ބުޑުގައި އެމީހާ އެއްޗެއް ބުނެލުމާއި އެކު ނަވީން އެ މީހާއަށް ބަލައިލީ ގަބޫލު ނުކުރެވިފައި ބަލައިލާ ފަދަ ގޮތަކަށެވެ.
” ދެޓްސް އަންއެކްސްޕެކްޓެޑް…. ވައި…؟” ނަވީން ބުނިހާވެސް އެއްޗަކީ އެއީއެވެ. ހައިރާންކަން އެ މޫނު މަތިން ފާޅުވަމުން ދިޔައެވެ. އެހިނދު އަހަރެން ހައްޔަރު ކޮށްގެން ނެރުނު ވަގުތު އަހަރެންގެ އެޕާޓުމަންޓުގެ ދޮރުގެ ކައިރިން ފެނުނު މީހާއާއި އަދި އެހެން މީހަކު އައިސް ނަވީން ގެ ކައިރީގައި ހުއްޓިލައިފިއެވެ. ކޮންމެވެސް އެއްޗެއް އެމީހުން ފޯނުން ނަވީންއަށް ދައްކައިލައިފިއެވެ. ކޮންމެވެސް ކަމެއް ވަނީއެވެ. ނުވަތަ ކޮންމެވެސް ކަމެއް ހިގަން އުޅެނީ ކަމުގައި އަހަރެންގެ ހަވަނަ ހިއްސު ބުނަމުން ދިއައެވެ. ވާނުވާ ނޭނގިފައި ހުރިފަދަ ގޮތަކަށް ރުހާމްވެސް ހުއްޓެވެ. މިވަނީ ކިހިނެތްކަން އެނގެން ބޭނުން ވެފައި އޭނާވެސް ހުރި ކަހަލައެވެ.
ނަމަވެސް އެ މަންޒަރު ތަކުން އަހަރެންގެ ސިކުނޑީގައި އެހެން މަންޒަރު ތަކެއްވެސް ކުރެހެން ފަށައިފިއެވެ. ނޫނެކެވެ. ކުރެހިއްޖެއެވެ. އަސްލު ބޮޑު މަންޒަރު އަހަރެންގެ ލޮލުގެ ކުރިމައްޗަށް ކަޝްފު ވިއެވެ. މާ ދުރު ނޫން ހަނދާން ތަކެއް އާވެގެން ދިޔައެވެ. އެންމެ ފުރަތަމަ ދުވަހު އަހަރެން ރުހާމްގެ އެޕާޓުމަންޓަށް އެއްޗެހި ބަލައި ދިޔަ ދުވަހު ރުހާމް ހިންގަން އުޅުނު ލާ އިންސާނީ އަމަލުން އަހަރެން މިންޖު ކޮށްދިނީ މިހާރު އަހަރެންގެ ކުރިމަތީގައި މިތިބި ތިން ފިރިހެނުނުންނެވެ. އެއާއިއެކު އެކަން އިހުސާސް ވުމާއިއެކު އަހަރެންނަށް ލިބުނީ ކުއްލި ޝޮކެކެވެ. އެދުވަހު ވެސް އެޕާޓުމަންޓުން ނިކުންނަން އައި ވަގުތު ނަވީން ހުރިހެން ހީވުން އަދި އެ ދަންނަ އިހުސާސްތައް ކުރެވުން އެއީ އަހަރެންނަށް ހީވި ހީވުމެއް ނޫންކަން އެތައް ދުވަހަކަށް ފަހު މިއަދު އަހަރެންނަށް ޔަޤީން ވެއްޖެއެވެ. އަދި ނަވީން ކައިރީގައި ހުރި މީހާ ކޮންމެވެސް ތަނަކުން ދުށް ހަނދާނެއް ވުން އެއީވެސް ހީވި ހީވުމެއް ނޫންކަން މިއަދު އަހަރެންނަށް އެނގިއްޖެއެވެ. އަދި ވަރި ސާބިތު ކުރުމަށް ދިޔަ ދުވަހު ވެސް ރުހާމްގެ ފަރާތުން ސަލާމަތް ވި ވުމާއި ރުހާމްގެ ކުރިމައްޗަށް ހުއްޓުނު ވޭން އިން ފޭބިތަން ފެނުނީ ނަވީން ނޫން ދެވަނަ ދެ މީހެއް ނޫންކަން މިއަދު އަހަރެންނަށް އެނގިއްޖެއެވެ. އެއީ ލިއަމް މެންގެ ފަރާތުން ލިބޭ އެހީތެރިކަމެއް ނޫންކަން ވެސް އަހަރެންނަށް އެނގިއްޖެއެވެ. އެހެން ކަމަށް ވާނަމަ މިހުރިހާ ކަމެއް މިވަނީ ޖަނާއަށް އެނގިގެން ހެއްޔެވެ؟ ޖަނާ އަހަރެންނަށް މިކަން ސިއްރު ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ހައްތަހާވެސް ގިނަވީ ސުވާލު ތަކެވެ. ލިބުނީ ހައިރާންކަމެވެ. ވިސްނަންވީ ކިހިނެތް ކަން ނޭނގިފައި އަހަރެންނަށް ހުރެވުނެވެ. މިހާރު ނަވީންއަކީ ކާކު ކަމާއި މެދު އަހަރެންގެ ހިތް ސުވާލު އުފައްދަން ފަށައިފިއެވެ. އަހަރެން ކުރިން ދުށް ނަވީންއާއި މި ނަވީން ހާސް ތަފާތެވެ. ނަމަވެސް އެއީ ރަނގަޅު ތަފާތެއް ކަމެއް ނުވަތަ ގޯސް ތަފާތެއް ކަމެއް އަހަރެންނަކަށް ނުނިންމުނެވެ.
އެނގިގެން ދިޔަ މުޅިން އާ ހަޤީޤަތް ތަކުގެ ސަބަބުން އަހަރެން ހުރީ ވާންވީ އުފާ ކަމެއް ނުވަތަ ވާންވީ ދެރަ ކަމެއްވެސް ނޭނގިފައެވެ. ނުވަތަ ވާންވީ ކަންބޮޑުކަމެއް ނުވަތަ ހިތްހަމަ ޖައްސާލަން ވީ ކަމެއް ކަންވެސް އަހަރެންނަކަށް ނުނިންމުނެވެ. އަހަރެންގެ ފުރަގަހުގައި ހުރެ ނަވީން އަހަރެން ކިތައް ކަންތައްތަކުން ސަލާމަތްކޮށް ހިމާޔަތް ދީފައި ވޭ ހެއްޔެވެ؟ އިންސާނެއްގެ ހިތް އެހާ ސާފުސީދާ ވެފައި އޯގާތެރި ވެދާނެ ހެއްޔެވެ؟ އެއީ އިންސާނެއް ހެއްޔެވެ؟ ނުވަތަ އިންސާނެއްގެ ސިފައިގައި ހުރި މަލާއިކަތެއް ހެއްޔެވެ؟ ނަމަވެސް އަހަރެންނަށް ނޭނގުނި ދެން އެނގެން އޮތް ޙަޤީޤަތް އަދި މާ ބޮޑުވެފައި ޤަބޫލު ކުރަން ދަތިވާނެ ކަމެވެ..
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

