Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު މަ ކުރީމޭ-2

Zidu
Zidu Level 110 Stories
August 1, 2026 4 Mins Read
1 Comment

“ދަރިފުޅަށް ޓަކައި މަންމަ ވަރަށް އުފާ ކުރަން. އެކަމަކު…ދަރިފުޅު ހަނދާންނައްތައި ނުލާތި އަމްޝާގެ އާއިލާ އެއީ ކޮންކަހަލަ އާއިލާ އެއްކަން.” ވިސްނައިދޭ ރާގެއްގައި އައިޝާ ބުންޏެވެ.

*2 ވަނަ ޕާޓް*

“މަންމާ. ހުރިހާ އެންމެން އެއްގޮތެއް ނުވާނެއެއްނު.” އައިމަން ވެސް އޭނާގެ މަންމަ އަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

“ރަނގަޅު. ހުރިހާ އެންމެން އެއްގޮތެއް ނުވާނެ. ދަރިފުޅަށް ނޭނގުނަސް މަންމަ އަށް އެނގޭ އަމްޝާގެ ބައްޕަ އަކީ ކޮންކަލަ މީހެއްކަން. އެމީހުން އަހަރެމެން ފަދަ ދެރަ ނިކަމެތިންނާއި ދިމާލަށް ބަލައެއްނުލާނެ.” އައިޝާ އަނެއްކައި ވެސް އައިމަން އަށް ވިސްނައިދިނުމަށް މަސައްކަތް ކުރިއެވެ. އައިމަން ނުބުނި ކަމުގައި ވިޔަސް އޭނާ އަށް ވެސް އޭނާގެ މަންމަ ދައްކާ ވާހަކަތަށް ގަބޫލުކުރެވެއެވެ.

އުފަލުގައި ދުވަސްތައް ފާއިތުވެގެން ދިޔަ އެވެ. މިއަދަކީ އަމްޝާ އާއި އައިމަންގެ ސްކޫލުގެ އެންމެ ފަހު ދުވަހެވެ. ސުކޫލު ނިންމާފައި ދެކުދިން ބައްދަލުވީ އަތިރިަމތިންނެވެ.

“އައިމަން ދެން ކިހިނެއް ވާނީ؟ އައިމަންގެ ޕްލޭން އަކީ ކޮބާ؟” އަމްޝާ ހުރީ އައިމަންގެ އަތުގައި ހިފައިލައިގެންނެވެ.

“އަހަރެންގެ އަދި އެއްވެސް ޕްލޭން އެއް ނެތް. ޖޮބް އަކަށް ދާން ވެސް ހިތަށް އަރާ. މަންމަ އެކަންޏަކު ހުރިހައި ކަމެއް ބަލަހައްޓާނީ ކިހިނެއް. އެހެން ނޫނަސް މަންމަ މިހާރު ވަރަށް ބަލި. އަހަރެން ބޭނުމެއް ނޫން މަންމަ ބުރަކޮށް މަސައްކަތް ކުރާކަށް. އަމްޝާގެ ޕްލޭން އަކީ ކޮބާ؟”

“އަހަރެން؟ އަހަރެން އަދި ނޭނގެ. ބައްޕަ ބޭނުން ގޮތަކަށް ކަންތަށް ކުރަންޖެހޭނީ. އައިމަން ބޭނުމިއްޏާ އަހަރެންގެ ބައްޕަ ކައިރީ ބުނެގެން އައިމަން އަށް ޖޮބް އެއް ހޯދައި ދެވިދާނެ.”

“ނޫން. އޭރުން އަމްޝާގެ ބައްޕަ އަށް އަހަރެމެންގެ ގުޅުމާއި ބެހޭ ގޮތުން އެނގިދާނެ. އޭރުން ކަމަކު ނުދާނެ.” އައިމަން އަށް އޭނާގެ ފެންވަރެއް ނުއޮޅެއެވެ.

“ކޮބާ މައްސަލައެއް؟ ކޮންމެވެސް ދުވަހަކުން ބައްޕަ އަށް އެނގޭނެ އެއްނު. އަހަރެން އައިމަން އާއި އެކު އުޅެން ބޭނުންވަނީ ހަމަ އެކަނި މިއަދަކު ނޫން. މުޅި އުމުރު ވެސް އައިމަން އާއި އެކު ހޭދަ ކުރަން ބޭނުމީ.”

“އަމްޝާ. އަހަރެން ވެސް ބޭނުމީ ތިގޮތް. އެކަމަކު…”

“އެކަމަކު ކިހިނެއްވީ؟”

“އަމްޝާ. އަހަރެންމެން ދެމީހުންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ފަރަގެއްވޭ.”

“އައިމަން. އެއީ މައްސަލައެއް ނޫނޭ. އަހަރެމެން ދެމީހުން އެކަކު އަނެކަކު ދެކެ ލޯބި ވެވުނީއޭ. ކުށެއް ކުރީކީ ނޫނޭ.”

“އަމްޝާ ވިސްނަން މަސައްކަތް ކޮއްބަލަ. އަހަރެންމީ އަމްޝާ އާއި ބަލައިފައި ވަރަށް ދަށް ފެންވަރެއްގެ މީހެއް.”

“އައިމަން އަށް އިނގޭތަ އަހަރެން އައިމަން ދެކެ ލޯބިވީ އައިމަންގެ ދިރިއުޅުމުގެ ހާލަތަށް ބަލައިފައި ނޫންކަން. އަހަރެންނަށް އައިމަން ދެކެ ލޯބި ވެވުނީ އައިމަންގެ ހިތްހެޔޮ މިޒާޖާއި ރަނގަޅު އަހުލާގުގެ ސަބަބުންކަން.”

“އެންމެން އަމްޝާ ވިސްނާގޮތަކަށް ނުވިސްނާނެ.” އައިމަންގެ އަޑުގައި ފޮރުވިފައިވާ ވޭން އަމްޝާ އަށް އެނގޭ ބާއެވެ؟

އެދުވަހު އައިމަން ގެއަށް ދިޔައިރު އޭނާގެ މަންމަ ފެންނާކަށް ނެތެވެ.

“މަންމާ! މަންމާ!” އައިމަން ހާސްވެހުރެ ގޭގެ އެތަން މިތަން ހޯދަން ފެށިއެވެ.

“ކިހިނެއްވީ!؟ މިތާގައޭ މިހުރީ!” އައިޝާ ގޭގެ ބަދިގެ ފަރާތުގައި ހުރެފައި ގޮވައިލި އެވެ.

އައިމަން ދުވެފައި ދިޔައެވެ. އައިޝާ ފެނުމާއި އެކު ހުންނޭވާއެއް ދޫކޮއްލެވުނެވެ.

“ކިހިނެއްވީ ދަރިފުޅާ؟ ހާދަ ހާސްވެފަ.”

“މަންމަ ފެންނަން ނެތީމަ.” ނޭވާ ހަމައަކަށް އަޅުވަމުން އައިމަން ބުންޏެވެ.

“މަންމަ އިންޝާ ﷲ އެއްވެސް ތާކަށް އަދި ނުދާނަން.”

“މަންމާ. ތިކަލަ ވާހަކަ ނުދައްކާ.”

“ދަރިފުޅު ތިއައީ އަމްޝާ އާއި ބައްދަލު ކޮއްފަ ދޯ؟ މިއަދު އެހާ އުފާވެފަ ހުރިހެންނެއް ހިޔެއް ނުވޭ. ކަމެއްވީތަ؟” އައިމަންގެ މޫނައް ރަނގަޅަށް ބަލައިލަމުން އައިޝާ ބުންޏެވެ.

“ނޫން. ކަމެއް ނުވޭ. ސްކޫލް ވެސް ނިމުނީ. ދެން ވަޒީފާ އަކަށް ދާން މިވިސްނަނީ.” އައިމަން އޭނާގެ ހިޔާލު ފާޅުކުރިއެވެ.

“ތިޔައީ ވެސް ރަނގަޅު ގޮތެއް. އެކަމަކު މަންމަ ބޭނުމެއް ނުވޭ ދަރިފުޅު ކިޔެވުން ހުއްޓާލާކަށް. މަންމަގެ ތަނަވަސްކަން ހުރި ވަރަކުން މަންމަ ބޭނުމީ ދަރިފުޅަށް ކިޔަވައިދޭން. ރަށުގައި ހުރެގެން އިތުރަށް ކިޔޭވޭކަށެއް ނެތް. މަންމަ މިވިސްނަނީ މާލެ ބަދަލުވާން.”

“މާލެ ގޮސް ކިހިނެއް އުޅޭނީ. އަހަރެން ތިގޮތަކަށް ގަބޫލެއް ނޫން. އަހަރެން މަސައްކަތް ކޮއްގެން ލާރި އެއްކޮށްގެން ކިޔެވޭނެ ހާ ތަނަވަސްކަން ލިބުނީމަ އަހަރެން ކިޔަވަން ދާނީ. މަންމަ ހުންނާނީ ރަށުގަ. އަހަރެން ކިޔަވައި ނިންމައިގެން އަންނާނަން.” އައިމަން ޔަގީންކަން ދިނެވެ.

ދުވަސްތަށް އާދައިގެ ގޮތަކަށް ފާއިތު ވެގެން ދިޔަ އެވެ. އަމްޝާ އާއި އައިމަން އެމީހުންގެ މައިންބަފައިންނަށް ނޭނގި ކޮންމެ ދުވަހަކު ވެސް ބައްދަލު ކުރެ އެވެ. މިކަން އަބަދު މިގޮތުގައި ދެމިއޮންނާނެ ހެއްޔެވެ؟

އެއްރެއެވެ. އަމްޝާ ގެއަށް އައީ އައިމަން އާއި ބައްދަލު ކޮއްފަ އެވެ. މަންމަ އާއި ބައްޕަ ސިޓިންރޫމުގައި ތިބިތަން ފެނިފައި އަމްޝާ ކުޑަކޮއް ޖެހިލުންވިއެވެ.

“ކޮންތާކުން ތިއައީ؟” ހުސްނާ ރުންކުރު ރާގެއްގައި އެހިއެވެ.

“ފަރީހާ އާއި އެއްކޮށް ހިނގާލަން ގޮސްލާފަ މިއައީ. މަންމަ ކައިރީ ބުނީމެއްނު.” ހަމަޖެހެން މަސައްކަތް ކުރަމުން އަމްޝާ ބުންޏެވެ.

“ފަރީހާ ކޮންއިރަކު ފިރިހެން ކުއްޖަކަށް ބަދަލުވީ؟” ހުސްނާ އަދިވެސް ހުރީ ފުސް މޫނު ހަދައިލައިގެނެވެ.

“އަ…އަޅުގަނ…” އަމްޝާގެ އަޑެއް ނުނިކުތެވެ.

“ހުއްޓާލާ!” އުމަރު ވަރަށް ބާރަށް ބުންޏެވެ. އަމްޝާ ސިހުނެވެ. “އެއީ ކޮން ފިރިހެން ކުއްޖެއް؟!”

އަމްޝާ އަކަށް އެއްވެސް ޖަވާބެއް ނުދެވުނެވެ. އޭނާ ހުރީ ބިރުން ތުރުތުރު އަޅާ ވަރުވެފައެވެ. އައިމަން އާއި ބެހޭގޮތުން އޭނާގެ ބައްޕަ ކައިރީގައި ބުނާނީ ފަހެ ކިހިނަކުން ހެއްޔެވެ.

“އަމްޝާ! ކީއްވެ ބަހެއް ނުބުނެ ތިހުންނަނީ؟ ކިޔައިދީބަލަ މަންމަމެންނަށް ވެސް. އެ ފަގީރު މީހަގަނޑާ އެކީ ރަށުތެރޭ އުޅޭކަށް ލަދެއް ނުގަތެއްނު. މިހާރު ކީއްވެ ލަދުގަންނަނީ؟” ހުސްނާ ހިތްހަމަނުޖެހިފައި ވާހަކަ ދެއްކި އެވެ.

“އަމްޝާ އަށް އެނގޭތަ އަމްޝާ އުޅޭގޮތުން މީހުން އަހަރެމެންނަށް ކިހާ އެއްޗެއްސެއް ކިޔާކަން؟ ބައްޕަގެ ވިޔަފާރިއަށް ވެސް ވަރަށް އަސަރު ކުރެއޭ.” އުމަރު ބުންޏެވެ.

“މަންމަ އާއި ބައްޕަ އަބަދުވެސް ވިސްނާނީ ވިޔަފާރިއާއި ދޭތެރޭ. އަހަރެންނާއި ދޭތެރޭ ދުވަހަކު ވެސް ވިސްނައިލިންތަ؟” އަމްޝާ ފުރަތަމަ ފަހަރަށް އޭނާ ބައްޕަގެ ކުރިމަތީގައި އަޑުބާރުކޮއް ވާހަކަ ދެއްކި އެވެ.

“ބަލާބަލަ. ބަލާބަލަ އަމްޝާ އާއި ބަދަލު. ޔަގީނޭ ފަގީރު މީހާގަނޑު އަމްޝާގެ ބޮލަށް އެރުނީކަން.” ހުސްނާ ބުންޏެވެ.

“އައިމަން އަހަރެން ކައިރި އަކު އެއްވެސް އެއްޗެކޭ ނުކިޔަ. މީ ހަމަ އަހަރެން އަމިއްލަ އަށް ބުނާ އެއްޗެހި.” އަމްޝާހެ ދުލުގައި އެއްވެސް ކޮންޓްރޯލް އެއް ނެތް ފަދަ އެވެ. އޭނާ ހިތަށް އައިހާ އެއްޗެއް ބުނަމުން ދިޔަ އެވެ.

“އައިމަން އޭ؟ ކޮން އައިމަން އެއް؟” އުމަރު ހައިރާން ވެފައި ހުރެ އަހަލިއެވެ.

“އެއުޅޭ އައިޝާގެ ދަރި އައިމަން. އަބަދު އުޅޭނީ އެ އައިމަން އަކާއި އެކު. އަޔާން އާއި އެކު އުޅޭ ނަމަ ވެސް އަހަރެމެން އަޅައެއް ނުލާނަން. މީހުން އެއްޗެއްސެއް ވެސް ނުކިޔާނެ. އަޔާން އަކީ އަހަރެމެންގެ ފެންވަރުގެ އާއިލާ އަކަށް ނިސްބަތްވާ އަހުލާގު ރަނގަޅު ކުއްޖެއް. ބައްޕަގެ އެކުވެރިއެއްގެ ދަރި އެށް.” ހުސްނާ ބުންޏެވެ.

“އަހަރެން ވަރަށް ފޫހިވޭ އަޔާން ދެކެ. އައިމަން އަކީ ވެސް ވަރަށް ރަނގަޅު ކުއްޖެއް. އަހަރެން އައިމަން ދެކެ ވަރަށް ލޯބި-” އަމްޝާގެ މޫނު މައްޗަށް ހޫނު އެތިފަހަރެއް އެރި އެވެ. އަމްޝާ އަށް ރޮއިގަނެވުނެވެ. އޭރު ހުސްނާ ހުރީ ރުޅިއައިސް ރަތްވެފަ އެވެ.

“ދެން އެންމެ ބަހެއްވެސް އިތުރަށް ނުބުނާތި. ލަދެއް ވެސް ނުގަނޭތަ ތިހެން ބުނާއިރު.” ހުސްނާ ހަޅޭލަވައިގަތެވެ.

“އަމްޝާ އަށް އެނގޭތަ އައިމަން އަކީ ކާކުކަން؟ އޭނާގެ މައިންބަފައިންނަކީ ކޮންކަހަލަ ބައެއްކަން؟ އޭނާގެ ބައްޕަ އަކީ އަހަރެންގެ ލާރިން ވައްކަން ކުރި މީހެއް. ވަގެއް ދަރި ވެސް ކުރާނީ ވައްކަން.” އުމަރު ރުޅި އައިސް ފައި ބުންޏެވެ.

“ސުބުހާނައް ﷲ. އެވަރުގެ މީހަކާ އެކީ އަމްޝާ ތިޔަ އުޅެނީ.” ހުސްނާ އަނގަމަތީ އަތް އަޅަމުން ބުންޏެވެ.

“އައިމަންގެ ބައްޕަ އަކީ ވަގެއް ނޫން. އެއީ ހުސް ދޮގު. އެއީ ތެދެއް ކަމުގައި ވީނަމަވެސް އައިމަން މުޅިން ތަފާތު. އޭނާ އެއްވެސް ގޯސްކަމެއް ނުކުރާނެ.” އަމްޝާ ބުންޏެވެ.

“މާދަން ހެނދުނު އަހަރެމެން މާލެ ފުރާނެ. ހުސްނާ ތައްޔާރުވާތި. އަމްޝާ ވެސް ތައްޔާރު ކުރާތި.” އުމަރު އަމުރު ކޮއްލި އެވެ.

“މާލެ ބަދަލުވީމަ ވާނީ ކޮންކަމެއް؟ އެ ފަގީރު ވަގުކާލޭގެ ގެ ދަރި ވެސް ފަސްފަހަތުން މާލެ ގޮސްދާނެ. އަހަރެންނަށް ފެންނަނީ ބޭރުގައުމަކަށް ދާން.” ހުސްނާ އޭނާގެ ހިޔާލު ފާޅުކުރި އެވެ.

“ހިމް. ރަނގަޅު ހިޔާލެއް. އެކަމަކު އިހަށް މާލެ ދާނީ. ފަހުން ތިކަމާ ވިސްނާނީ.” އުމަރު ބުންޏެވެ.

“އަހަރެން އެއްތާކަށް ވެސް ނުދާނަން!” އަމްޝާ ހަޅޭލަވައިގަތެވެ.

“ދާން ޖެހޭނީ. އަމްޝާ އަށް އެނޫން ގޮތެއް ނޯންނާނެ. އަހަރެމެންގެ އަގުވައްޓާލަން މިތާކު ނުބަހައްޓާނަން.” އުމަރު ހަރުކަށި ރާގެއްގައި ބުންޏެވެ.

“ބައްޕަ އަބަދުވެސް ވިސްނާނީ ތިގޮތަށް. އަހަރެންގެ އުފާތަކޯ؟” އަމްޝާ ރޯންފެށިއެވެ.

“ބަލަ ދަރިފުޅު އުފަލުގަ ބަހައްޓާކަށް ނޫންތަ ބައްޕަމެން މިމަސައްކަތް ކުރަނީ. ދަރިފުޅު އުފަލާ އަރާމު ދިރި އުޅުމެއް ހޯދައިދޭކަށްނު ބައްޕަ ރެއާދުވާލު މަސައްކަތް ކުރަނީ. ބައްޕަ ކިހިނެއްތަ ދަރިފުޅު ފަގީރު ނިކަމެއްޗެއްގެ އަތްމައްޗަށް ދޫކޮއްލާނީ. ދަރިފުޅު ވެސް މިކަމާ ވިސްނާލަބަލަ.” އުމަރު ލޯތްބާއި އެކު ވިސްނައިދޭން މަސައްކަތް ކުރިއެވެ.

“ހުސް ދޮގު. އަހަރެން އުފަލުގައި އުޅެވޭނީ އައިމަން އާއި އެކު އެކަނި.” މިހެން ބުނެފައި އަމްޝާ ގޮސް ކޮޓަރިއަށް ވަދެ ވަރަށް ބާރަށް ދޮރު ޖެހި އެވެ.

“ބަހައްޓާ. އަދި ވިސްނޭނެ. އަދި އަމްޝާ އަކީ ވެސް ކުޑަ ކުއްޖެއް.” އަމްޝާ ދިއުމުން ހުސްނާ ބުންޏެވެ.

“އެކަމަކު އެއީ ކުޑަ ކުއްޖަކު ދައްކާ ކަހަލަ ވާހަކަ އެއް ނޫން. ހުސްނާ އަމްޝާ އާއި ދޭތެރޭ މާބޮޑަށް ފަރުވާ ކުޑަކޮއްލީ.” އުމަރު ހިތްހަމަނުޖެހިފައި ބުންޏެވެ.

“އުމަރު އަކަށް ތިހެނެއް ނުބުނެވޭނެ. އަހަރެމެންގެ ހުރި ހަމަ އެކަނި ދަރި. އަހަރެން ވަރަށް ރަނގަޅަށް އަމްޝާ އުޅޭ ނޫޅޭ ގޮތް ބަލަން. އެކަމަކު އަމްޝާ އަކީ ވަރަށް ގޮތްދޫނުކުރާ ކުއްޖެއް.”

-ނުނިމޭ-

Share Article

Zidu
Follow Me Written By

Zidu

Level 110 Stories

Other Articles

Previous

ހިޔަނި – 6

Next

މަންޒިލް 41

Next
August 1, 2026

މަންޒިލް 41

Previews
August 1, 2026

ހިޔަނި – 6

One Comment

  1. Amu says:
    August 1, 2026 at 10:35 pm

    wow mi bai vx vrh reethi masha allah
    when is next past???
    Amsha aa Aiman dhuru nukuraa thi please😭😭😭

Comments are closed.



All Right Reserved!