
އިންތިޒާރު މަ ކުރީމޭ – 3

“އުމަރު އަކަށް ތިހެނެއް ނުބުނެވޭނެ. އަހަރެމެންގެ ހުރި ހަމަ އެކަނި ދަރި. އަހަރެން ވަރަށް ރަނގަޅަށް އަމްޝާ އުޅޭ ނޫޅޭ ގޮތް ބަލަން. އެކަމަކު އަމްޝާ އަކީ ވަރަށް ގޮތްދޫނުކުރާ ކުއްޖެއް.”
*3 ވަނަ ޕާޓް*
“ވަނީ އެ ފިރިހެން ސޮރުގެ ކަމަކަށް. އެހެންތަނަކަށް ދާން މިއުޅެނީ. ދެން ހުރިހައި ކަމެއް ވެސް ރަނގަޅުވާނެ.” އުމަރު ޔަގީންކަން ދިނެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. ދުނިޔެ މަތި ހޭލުމުގެ ކުރިއަށް އަމްޝާ ގޮސް ހުރީ އަތިރި މަތީގައިއެވެ. އޭނާގެ މައިންބަފައިންނަށް ނޭނގި އެވެ. އޭނާގެ ހިތް އެދެނީ އެންމެ ކަމަކަށެވެ. އެންމެ ފަހު ފަހަރަށް ނަމަވެސް އައިމަން އާއި ބައްދަލު ވުމެވެ.
ފަތިސް ނަމާދުން ފައިބައިގެން އެކުވެރިންނާއި އެކު ހިނގާލަން އުޅުނު އައިމަން އާއި އޭނާގެ އެކުވެރިން އިރުއަރާ މަންޒަރު ބަލާލުމަށް އަތިރި މައްޗަށް ފެއިބިއެވެ.
“އެހުރީ އަމްޝާ ދޯ؟” އެއް އެކުވެރިޔަކު ދުރުގައި ހުރި އަންހެން ކުއްޖަކަށް އިޝާރާތްކޮއްލި އެވެ. އެންމެން އެދިމާލަށް ބަލައިލި އެވެ.
“އާނ. އެއީ އަމްޝާ. އޭނަ މިގަޑީ މިތާ ކީއްކުރަނީ؟ އައިމަން ކަލޭ ބުނިތަ އޭނަ ކައިރީ އަންނާށޭ؟” އެހެން އެކުވެރިޔަކު ބުންޏެވެ.
“ނޫން. އަހަރެންނެއް ނުބުނަން. އެބަ އަންނަން އަމްޝާ އާއި ވާހަކަ ދައްކާލާފަ.” އަމްޝާ ކައިރި އަށް ދިއުމަށް އައިމަން ހިނގައިގަތެވެ.
“އާނ. ދޭ. އަމްޝާ ފެނުނީމަ އޭނާ އާއި ވާހަކަ ނުދައްކާ ނުހުރެވޭނެ.” އައިމަން ގެ އެކުވެރިން ދިމާކުރަން ފެށިއެވެ. އައިމަން އަޅައިނުލައި ދިޔައެވެ.
“އަމްޝާ! މިތާ ކީއްތިކުރަނީ؟” އައިމަން ގޮސް އަމްޝާ ކައިރި އައް ހުއްޓިލަމުން އެހިއެވެ.
ފެނކަޅިވެފައިވާ ލޮލަކާއިއެކު އަމްޝާ އައިމަން އާއި ދިމާލަށް ބަލައިލި އެވެ.
“ކިހިނެއްވީ؟ ކީއްވެ ރޮނީ؟” އައިމަން ހާސްވިއެވެ.
“އައިމަން…މަންމަމެންނަށް އެނގިޖެ…” އަމްޝާގެ އަޑު ނުކުތީ އުނދަގުލުންނެވެ.
“ކިހިނެއް؟” އައިމަން ބޮޑަށް ހާސްވިއެވެ.
“ނޭނގެ…ކޮންމެވެސް ގޮތަކުން އެނގުނީ…މަންމަމެން އުޅެނީ އަހަރެން ގޮވައިގެން ދާން…އަހަރެމެން ދެމީހުން ދުރުކުރަން…”
“ތިހެން ނުބުނޭ އަމްޝާ…އެކަކަށް ވެސް އަހަރެމެން ވަތްކެއް ނުކުރެވޭނެ. ކޮންއިރަކުން ދަނީ؟” އައިމަން ލޯބިން އަމްޝާގެ އަތުގައި ހިފައިލި އެވެ.
“މިއަދު. އައިމަން…ދެން ދުވަހަކު ވެސް އަހަރެންނަށް އައިމަން އެއް ނުފެންނާނެ…” އަމްޝާ އަށް ރޮވުނެވެ. އައިމަންގެ ދެލޯ ވެސް ފެންކަޅިވިއެވެ.
“އަހަރެން އަމްޝާ ހޯދަން ދާނަން…” އައިމަން ޔަގީންކަމާއި އެކު ބުންޏެވެ.
“ނޫން އައިމަން. ބައްޕަ އެކަންވީއަކާ ނުދޭނެ…”
“އެހެން ވީއިރު އަހަރެން އަމްޝާގެ ބައްޕަ އަށް ބުނެދޭނަން އަހަރެން އަމްޝާ ދެކެ ކިހާ ލޯބިވާކަން.”
“އައިމަން…ބައްޕަ އަހަރެން ގޮވައިގެން ދާނީ ބޭރު ގައުމަކަށް…ދެން ދުވަހަކު ވެސް އަހަރެންނަށް ރާއްޖެ އެއް ވެސް ނާދެވޭނެ ކަންނޭނގެ.”
“އަމްޝާ…ހިތްވަރު ކުރާތި. އެއްގޮތް ނޫނީ އަނެއް ގޮތް އޮންނާނެ.”
“އައިމަން…އަހަރެން ދާން ވެއްޖެ…މަންމަމެން އިރުކޮޅަކުން ހޯދަން އުޅޭނެ…އަހަރެން ދާން ވެއްޖެ…”
“އަމްޝާ…އަމްޝާ ކޮންމެ ތަކުގައި ހުއްޓަސް އަހަރެން އަބަދުވެސް އަމްޝާ ދެކެ ލޯބިވާނަން… އަމްޝާ ނޫން އެހެން އެއްވެސް ކުއްޖެއް ދެކެ އަހަރެންނަކަށް ލޯތްބެއް ނުވެވޭނެ…”
“އަހަރެން ވެސް އަބަދުވެސް އައިމަން ދެކެ ލޯބިވާނަން…އައިމަން އަށް އިންތިޒާރު ވެސް ކުރާނަން…އައިމަން އަހަރެންނަށް އިންތިޒާރު ކުރާނަންތަ؟”
“އާން. އަހަރެން އަބަދުވެސް ހުންނާނީ އަމްޝާގެ އިންތިޒާރުގައި…”
އަމްޝާ ގެއަށް ވަތް އިރު އެކަކު ވެސް ފެންނާކަށް ނެތެވެ. ސިއްރު ސިއްރުން އޭނާ ގޮސް ކޮޓަރިއަށް ވަން އިރު ހުސްނާ އިނީ އޭނާގެ އެނދުމަތީގައި އިށީންދެލައިގެންނެވެ.
“ބައްޕަ އަށް އެނގުނީމަ ވެސް އަމްޝާ މަޑަކުން ނުހުންނާނަން ދޯ؟” ހުސްނާ ހިތްހަމަނުޖެހިފައި ބުންޏެވެ.
“ތިއުޅެނީ ގޮވައިގެން ދާކަށްނު. ދެން ނުފެންނާނެ އެއްނު.”
“ޖަދަލުކުރުން ނޫޅޭތި. އަމްޝާ އަށް މިނޫން ގޮތެއް ނޯންނާނެ. އަމްޝާ ބައްޕަ އަށް އެނގުނު ނަމަ ވަނީ ކިހިނެއް؟”
“ހެޔޮ ކޮންމެ ގޮތެއް ވިއަސް. އަހަރެން މިއައީ ދިއުމުގެ ކުރިން އައިމަން އާއި ބައްދަލުކޮއްފަ.”
“ރަނގަޅު. ވަރަށް ރަނގަޅު. ދެން ދުވަހަކު ވެސް އަމްޝާ އަކަށް އެ އައިމަން އެއް ނުފެންނާނެ. އެކަން ހަނދާން ބަހައްޓާތި.” ހުސްނާ ނުކުމެގެން ދިޔައެވެ.
ހުސްނާ ނުކުމެގެން ދިއުމާއި އެކު ގޭގައި އުޅޭ ނޯކަރެއް އައެވެ. އަލަމާރި ހުޅުވައި އަމްޝާގެ ހެދުންތައް ނަގަން ފެށި އެވެ. އަމްޝާ ގާތަށް ރުޅިއައެވެ.
“އަހަރެންގެ އެއްޗެހީގެ އަތް ނުލާ!” އަމްޝާ ވަރަށް ބާރަށް ބުންޏެވެ.
“ހުސްނާ މޭމް ބުނުއްވީ-”
“ހެވޭ! މިބުނީނު އަހަރެންގެ އެއްޗެހީގައި އަތްނުލާށޭ!” އެމީހާގެ ވާހަކަ މެދުކަނޑައިލީ އަމްޝާ އެވެ. “ނުކުމޭ!!!”
“ޕެކް ކުރަން…”
އަމްޝާ އެމީހާ ކޮނޑުގައި އަޅައި ދޮރާއި ދިމާލަށް ކޮއްޕައިލި އެވެ. އަދި ބާރަށް ދޮރު ލެއްޕި އެވެ.
އެމަންޒަރު ފެނުނީ ހުސްނާ އަށެވެ. ހިތްހަމަނުޖެހިފައި ހުސްނާ ގޮސް އަމްޝާގެ ކޮޓަރިއަށް ވަނެވެ.
“ކީއްކުރަންތި އައީ؟ ނުކުމޭ މިތަނުން!” އޭރު އަމްޝާގެ ލޮލުން ކަރުނަ ފައިބެއެވެ.
“އަމްޝާ ކިހިނެއްވެގެންތަ ތިއުޅެނީ؟ އެއީތަ މީހުންނާ މުހާތަބު ކުރަން ޖެހޭ ގޮތަކީ؟” ހުސްނާ ހުރީ ވަރަށް ބޮޑަށް ވެސް ހިތްހަމަނުޖެހިފައެވެ.
“އެއީ މިގޭގަ އުޅޭ ނޯކަރެއް. އެމީހުން ޖެހޭނީ އަހަރެން ބުނާ ގޮތް ހަދަން.”
“އަމްޝާ! ނޯކަރަކަސް އަމްޝާ އަކަށް ތިގޮތަކަށް ވާހަކަ އެއް ނުދެއްކޭނެ. ކިތައްފަހަރު ބުނަންޖެހެނީ އެމީހުންނާ ވެސް ރީތި ބަހުން ވާހަކަ ދައްކާށޭ.” ހުސްނާ ނުކުންނަން ދިޔައެވެ. 10 ޖާހަރު ލޯންޗު އަންނާނެ. ތައްޔާރު ވެގެން ހުންނާނީ.”
“އަހަރެން ނުދާނަމޭ!” ހުސްނާ ދިއުމުން އަމްޝާ ރޮއިގަތެވެ.
އައިޝާ އުޅުނީ މެދު ގޯތިތެރެ ކުނިކަހާށެވެ. އިރުކޮޅަކުން ވަދެގެން އައިތަން ފެނުނީ އައިމަން އެވެ. ލަސްފިޔަވަޅުތަކެއްގައި ހިނގައިފައި ގޮސް ގެއަށް ވަނެވެ. އައިޝާ ހުރީ ބަލާށެވެ. ގެއަށް ވަދެގެން އައުމާއި އެކު އޭނާ އަށް ގޮވައިނުލައި އައިމަން ނުދާނެއެވެ. ނަމަވެސް މިއަދު އައިމަންގެ އުޅުން ތަފާތެވެ.
އައިޝާ އަވަހަށް ކުނިކަހާ ނިންމައިލިއު ފައި ގެއަށް ވަނެވެ. އޭރު އައިމަން ސޯފާގައި އޮށޯވެލައިގެން އޮތެވެ. ސީލިންގާއި ދިމާލަށް ބަލަހައްޓައިގެންނެވެ.
“ދަރިފުޅާ! ހިނގާ ސައިބޯން. މަންމަ ހުންނާނެ ދަރިފުޅަށް އެންމެ މީރު މަސްހުނި މޮޑެފަ.” އުފާވެރި ހިނިތުންވުމަކާއި އެކު އައިޝާ ބުންޏެވެ.
“ބަޑުހައެއް ނޫން.” މޮޅިވެރި ރާގަކަށް އައިމަން ބުންޏެވެ.
“ކީއްވެ ބަނޑުގައި ނުވާންވީ؟ ދަރިފުޅު އަދި މިއަދު އެއްވެސް އެއްޗެއް ނުވެސް ކައި ތިއޮތީ.” އައިޝާ ކުރުނުކޮށް ކިޔަންފެށި އެވެ.
“މަންމާ ހެޔޮނުވާނެ މިތަނުން ދޭބަލަ!” އައިމަން އަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އެއީ އޭނާ ދުވަހަކު ވެސް އޭނާގެ މަންމަ އާއި ވާހަކަ ދެއްކި ގޮތެއް ނޫނެވެ.
އައިމަން އެހެން ބުނީ ގަސްތުގައި ނޫންކަން އެނގުނު ކަމުގައި ވިޔަސް އައިޝާގެ ހިތަށް ފުން އަސަރެއް ކުރި އެވެ. ވަގުތުން ދެލޮލަށް ކަރުނަ ޖަމާވި އެވެ.
އައިމަން އަށް އޭނާ އަށް ކުރެވުނު ކަންތަށް ރޭކައިލުމުން ދެރަވި އެވެ. ތެދުވެގެން ގޮސް މަންމަ ގައިގައި ބައްދައިލި އެވެ. އަދި އެތަށް ފަހަރަކު މަޢާފަށް އެދުނެވެ.
“ދަރިފުޅަށް އުދަގޫ ކުރާކަމެއް މަންމަ އަށް ކިޔައިދީ ބަލަ.” އައިމަންގެ އަތުގައި ހިފައިގެން ގޮސް ސޯފާގައި އިށީންނަމުން އައިޝާ ބުންޏެވެ.
“އަމްޝާ…”
“ހްމް. އަމްޝާ ކިހިނެއްވީ؟ ކިޔާބަލަ. މަންމަ މިހުރީ އަޑު އަހާށޭ.” ލޯތްބާއި އެކު އައިމަންގެ ބޮލުގައި ފިރުމައިލަމުން އައިޝާ ބުންޏެވެ.
“އަމްޝާގެ މަންމަމެންނަށް އެނގިގެން…އަމްޝާ ގޮވައިގެން ދާން އުޅެނީ…”
“ދާށޭ!؟ ކޮންތާކަށް!؟”
“އަހަރެންނާއި އަމްޝާ ވަކިކޮއްލަން އުޅެނީ…”
“އަމްޝާ އަދި އަންނާނެ. އެދަނީ އަމްޝާއަށް އިތުރަށް ކިޔަވައިދޭން ކަމަށް ވާނީ.”
“ނޫން. އަހަރެންނަށް ދެން ދުވަހަކު ވެސް އަމްޝާ އަކާ ބައްދަލެއް ނުވެވޭނެ. އަހަރެންނަށް އުމުރަށް އަމްޝާ ގެއްލުނީ.” ކިތަންމެ ހިތްވަރެއް ކުރިކަމުގައި ވީނަމަވެސް އައިމަންގެ ލޮލުން ކަރުނަ ހިލުނެވެ.
“އަމްޝާ ދަރިފުޅު ދެކެ ވަރަށް ލޯބިވޭ. އަމްޝާ އަންނާނެ އަދި.”
“މަންމާ. އަހަރެން ވެސް ހިތަށް އަރަނީ ތިހެން ވާނެ ނަމައޭ. އެކަމަކު އަމްޝާގެ ބައްޕަ އެކަން ވިއްކާ ނުދޭނެ. މަންމާ. އެކަމަކު ވެސް އަހަރެން އަމްޝާ އަށް އިންތިޒާރު ކުރާނަން.”
އައިޝާގެ ކަރު އެލުނެވެ. އޭނާގެ ހުރި ހަމަ އެކަނި ދަރިފުޅުގެ އެހާ މާޔޫސްވެފައި ހުއްޓައި އޭނާ އަށް ކޮށްދެވޭނެ ކަމެއް ނެތުމުންނެވެ.
*6 އަހަރު ފަސް*
ދޮރުގައި ޓަކިދެމުން ހުސްނާ ކޮޓަރިއަށް ވަނެވެ. ޑްރެސިންގް ޓޭބަލް ދޮށުގައި އިށީންދެގެން އިން އަމްޝާ އަށް ބަލައިލަމުން ހިނިތުންވެލިއެވެ. އުފާވެރި ހިނިތުންވުމެކެވެ.
“މާޝާ ﷲ. ފަޒީލް އަށް ދަރިފުޅު ވަރަށް ކަމުދާނެ.” އަމްޝާ ކައިރިއަށް ހުއްޓިލަމުން ހުސްނާ ބުނެލިއެވެ.
މަޑު ފިޔާތޮށިކުލައިގެ ވައްތިރި ހެދުމުގައި އަމްޝާ ފެންނަލެއް ކިތަންމެހައިވެސް ފުރިހަމަ އެވެ. އޭނާގެ ދިގު ރާޅުބާނީ އިސްތަށިގަނޑުގައި ދޫކޮއް ހުޅިއެއް ޖަހައިފައި ވީއިރު މޫނުގެ ދެފަރާތުގައި އިސްތަށިކޮޅެއް ވައްޓާލެވިފައިވެއެވެ. ތުންފަތުގައި ޖައްސާފައިވާ ލިޕް ގްލޮސް ފިޔަވައި އެއްވެސް މޭކަޕް އެއް އަމްޝާގެ މޫނަކުނެތެވެ. ނަމަވެސް އޭނާގެ ފުރިހަމަކަމާއި ރީތިކަމަށް އެއްވެސް ބަދަލެއްނާދެއެވެ.
“ހިނގާ ދާން. އެމީހުން އައިސް އެބަތިބި. ރަނގަޅަށް އުޅޭނީ.” ހަރުކަށި ރާގަކަށް ހުސްނާ ބުނެލިއެވެ.
“އެމީހުން އައިސް ތިބީމަ އަހަރެން ރީތި ވެސް ވީ. ހީނުކުރާތި އެހެން ނޫނީ އަހަރެން މި ހަތަރު ފާރުން ބޭރަށް ނުކުންނާނޭ ވެސް.” ތެދުވަމުން އަމްޝާ ބުންޏެވެ.
“އެންމެ ރަނގަޅު. ހިނގާ ދާން.” ހުސްނާގެ ފަހަތުން އަމްޝާ ވެސް ހިނގައިގަތެވެ.
“މިއޮށް އައީ އަމްޝާ. އަވަހަށް އާދޭ ދަރިފުޅާ.” ސިޓިންރޫމުގައި މެހެމާނުންނާއި އެކު ވާހަކަ ދައްކަން ހުރެފައި ހުސްނާ އާއި އަމްޝާ އައިތަން ފެނުމުން އުމަރު ބުންޏެވެ.
އިޙްތިރާމް ކުރުމުގެ ގޮތުން ފަޒީލް ކޮޅަށް ތެދުވިއެވެ. ނަޒަރު ތިރި ކޮއްލައިގެން ހުރި އަމްޝާ ގެ މައުސޫމު މޫނަށް ނަޒަރު ހުއްޓުމާއި އެކު ފަޒީލް ބޭރުކޮށްލަން އުޅުނު ނޭވާ ވެސް އަރުތެރޭ ތާށިވިއެވެ. އެފަދަ ރީތިކަމަށް އޭނާ އަށް މިފެންނަނީ އަލަށެވެ. ފުރަތަމަ ނަޒަރުން ލޯބިވެވުމަކީ މިއީބާއޭ ފަޒީލް ހިތައް އެރިއެވެ.
“މިއީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު.” އަމްޝާ އައިސް ކައިރީގައި އިށީނުމުން އުމަރު ބުނެލި އެވެ.
“އުމަރު ހާސްނުވޭ. އަމްޝާ ބޭނުންވާ ހުރިހާ އެއްޗެއް ފަޒީލް ހޯދައިދޭނެ. ފަޒީލް ބޭނުންވަނީ ދެކުދިން ކައިވެނިކޮށްގެން ވަކިން އުޅެން. އެއްވެސް މައްސަލައެއް؟” ޝުޖާ ބުނެލި އެވެ.
“ނޫން ނޫން. އަހަރެމެންނަށް އެއްވެސް މައްސަލައެއް ނެތް. ދޯ ހުސްނާ؟” އުމަރު ހުސްނާ އަށް ދޯ ދިނެވެ.
“އާން. ދެކުދިން އުފަލުގައި އުޅޭހައި ހިނދަކު އަހަރެމެންނަށް އެއްވެސް މައްސަލައެއް ނެތް.” ހުސްނާ ވެސް އެއްބަސް ވުމުގެ ގޮތުން ބުންޏެވެ.
-ނުނިމޭ-
Comments (1)
Comments are closed.
omggggg i hate her parents
ahh i wish that aiman and amshaa will gonna
get back and he is rich wish
when next?