“ދެން ކަލޭ ކީއްކުރާނީ އެމީހުން ދެރަވިއްޔޭ ކިޔާފަ؟ ހުރިހާ ވާހަކައެއް ކިޔާދޭނީތަ؟ ހަނދާން ނެތުނީތަ ކަލޭގެ އެކުވެރި އަޒީން ޖަލުން ނެރެ ގޭބަންދަށް ނެރެން އަހަރެންވީ އެހީ؟” އަކިޔަލް ކޮށްލި ސުވާލުން ރުޒައިކްގެ އަނގައިގައި ޒިބެއް ލެވުން ފަދައެވެ.
(75 ވަނަ ބައި)
މެންދުރުގެ ހޫނު ގަދަ ވަގުތެވެ. އެހެން ވިޔަސް ކެފޭތަކުގައި މީހުންތައް ވަނީ ތޮއް ޖެހިފައެވެ. މޭޒުތަކުން މީހުންތައް ހުސްނުވެޔެވެ. އެއްބަޔަކު ނިކުންނަ އިރަށް އަނެއް ބަޔަކު ވަދެޔެވެ. މޭޒުތައް ފުރިފައިވުމުން އެއްޗެހި ގަނެގެން ހިފައިގެން ދާ މީހުންވެސް މަދެއް ނޫނެވެ. ކޮންމެ އަކަސް، އެތަނުގައި ތިބި މީހުންގެ ތެރޭގައި ރުޒައިކްއާއި އަޒީން ހިމެނުނެވެ. ޑައިލަސިސް ހެދުމަށް ދިޔުމުގެ 2 ގަޑި އިރު ކުރިން ކޮންމެ ދުވަހަކުވެސް އަޒީން ގޮވައިގެން ރުޒައިކް އެކެފޭއަށް ދެޔެވެ. އޭނާ އަތުން އެ ރުފިޔާ ދިޔަ ނަމަވެސް، އެ ވަގުތު ކޮޅުވެސް އަޒީން ހިތްހަމަ ޖައްސާލަން އޭނާ ނުހަނު ބޭނުމެވެ.
“މިހާރު އަޒޭ ހީވޭ ވަރަށް ޑައިލަސިސް ހަދަން ދާ ހިތްވާހެން. ކޮބާތަ މިހާރު އެއްކަހަލަ ނަރުސް ކުއްޖާ؟؟ އަދިވެސް އޭނާގެ ނަމެއް ނުބުނޭ ވިއްޔާ” އެންމެ ފަހުން ޑައިލަސިސް ހަދަން ދިޔަ އިރު އެތަނުން ދިމާވި ނަރުހެއްގެ ވާހަކަ އަޒީން ވަނީ ދައްކާފައެވެ.
“ޒާލާ…” އަތުގައި އޮތް ކުކުޅު ބިހުން ދަތް ވަޅެއް ނަގަމުން އަޒީން ބުނެލިއެވެ.
“ޒާލާ… ހްމްމް.. ލޯބި ނަމެއް ހެހެ.. ހޫމް. ދެން ބުނެބަލަ. އަޒޭއަށް އެމަންޖެ ކަމުދޭތަ؟” ކައިކައި އޮތް ބަޖިޔާ ތަށި މަތީގައި ބާއްވަމުން ރުޒައިކް އަހައިލީ ޝައުގު ވެރިވެފައެވެ.
“ހްމްމް… ލޯބި.. ހިތް ކިޔާ ކަހަލަ ގޮތެއްވެސް ވޭ.. އެކަމަކު އަހަރެން ކަހަލަ މީހެއްދެކެ އޭނާ ލޯބިވާނެތަ…؟” ހިތި ހިނިތުންވުމަކާއި އެކު އަޒީން އިސްޖަހާލިއެވެ.
“ހަގީގީ ލޯބިވާ މީހަކު މާޒީގައި ކޮންމެ ކަމެއް ވެފައި ހުރި ނަމަވެސް އެމީހަކުދެކެ ލޯބިވާނެ. އަޒޭއަށްވެސް އެނގެޔޭނުން ކީއްވެގެންކަން ތިހެންވީ. އެއީ އަޒޭގެ ކުށެއް ނޫން” އަޒީންގެ އަތުގައި އަތް ޖައްސާލަމުން ރުޒައިކް ބުނެލިއެވެ.
“ހްމްމް… އެކަމާ ނޫނަސް މިހާރު އެހެން ކަމަކާވެސް އެބަ ވިސްނޭ…” އަޒީން އިސްޖަހާލިއެވެ.
“އެއީ؟ އެ ޒެންގެ އުނދަގޫ މިހާރު މާ ބޮޑީތަ؟” ރުޒައިކްއަށް ޒެންގެ އަނިޔާވެރިކަން ކޮންމެވެސް ވަރަކަށް އެނގެޔެވެ.
“ނޫން… ހަމަ އެއްފަދަ… އެކަމަކު… މިހާރު… ދޮންތި ބަނޑުބޮޑު…”
ފާހާނާ ތެރޭގައި ހުރި މަޒީނާގެ މޫނުމަތީގައިވީ ވަރުބަލިކަމެވެ. މިއަދު މިހާރު އެ ހޮޑު ލެވުނީ 10 ވަނަ ފަހަރަށެވެ. މޭގައިވެސް އޭރު ތޫނު ތަދެއް ވިޔެވެ. ކަރުވެސް ވަނީ މަށައިގެން ގޮސްފައެވެ. މޭގައި ފިރުމާލަމުން އޭނާ ކެއްސާލިއެވެ. ފާހާނާތަށި ފުލަޝް ކޮށްލަމުން އޭނާ ހުއްޓުނީ މޫނު ދޮންނަ ތަށި ކައިރީގައެވެ. އަނގަ ދޮވެލައިގެން ކައިރީގައި ހުރި ފެން ފުޅިން ފެންފޮދެއް ބޯލިއެވެ. އެއީ މެންދުރުކަން ޔަގީންވާހެން ޒެން އޭނާއަށް ފެންތައްޓެއް ނުގެނެސްދޭނެކަން އޭނާއަށް މުޖައްރިބެވެ. އެހެންކަމުން އަބަދުވެސް ހުސްވާ އިރަށް އެތަނަށް ފެންފުޅިއެއް ވެއްދޭތޯ އޭނާ މަސައްކަތް ކުރެޔެވެ.
ފާހާނާއިން ނިކުން އިރު ކަމަކު ދާކަށް ނެތެވެ. އެނދު މަތީގައި ދެބުމަ ގޮށްޖަހައިގެން ޒެން އިން އިރު ބޮލުންނާއި ކަންފަތުންވެސް ދުން އަރާ ފަދައެވެ. “ކަލޭ ތީ ކީއްކުރާ މީހެއްތަ؟ މަގޭ އަންހެނުން ނޯ. ދުހާކު މެންދުރުވާއިރު ކާއެއްޗެއް ރޯފިލުވަނީކީ ނޫން” ބަރުހެލި ފިޔަވަޅުތަކެއްގައި މަޒީނާގެ ކުރިމަތީގައި ހުއްޓެމުން ޒެން ބުންޏެވެ. މަޒީނާ ހުރި ހާލު ޒެންއަށް ނުވެސް ފެންނަ ފަދައެވެ. އޭރު މަޒީނާއަށް ކިރިޔާ ކޮޅަށް ހުރެވޭ ކަމެވެ.
“ޒެން… ޒެންއަށް ހަމަ ރަނގަޅަށް އެނގޭނެ ރޭ ނޫން އަނެއް ރޭ ދަންވަރުން ސުރެ ހޮޑު ލެވޭތީކަން މިއުޅެނީ…” މަޒީނާގެ އަޑު ކުރެހުނެވެ.
“އާނ. މީހަކަށް ނޭނގޭވަރުތަ؟ އުއާ އުއާ ހަދާ ވަރުން މީހަކަށް ނިދޭ ވަރެއްވެސް ނޫނޭ” ޒެން ހުރީ ބޮލަށް އުނދަގޫ ވެފައެވެ. މަޒީނާއަށް އިސްޖަހާލެވުނެވެ. މަޑުމަޑުން ބަނޑުގައި ފިރުމާލެވުނެވެ. އޭނާ އެވޭން އެތަހައްމަލު ކުރަނީ އޭނާގެ ރަހިމުގައި އޮތް އޭނާއާއި ޒެންގެ ފުރާނަ އުފަން ކުރުމަށެވެ. ނަމަވެސް އެކަންވެސް ޒެންއަށް ވަނީ ބޮޑު މުސީބާތަކަށެވެ.
ފުންނޭވާއެއް ދޫކޮށްލަމުން އޭނާ ކަބަޑު ހުޅުވާލިއެވެ. އޭނާގެ ވޮލެޓު ނަގާ ކާޑު ހިފައިގެން ގޮސް މަޒީނާގެ އަތަށް އެ ލިޔެވެ. “މިއޮތީ މަގޭ ކާޑު. ދޭ ބަތް ގަނޑެއް ކަހަލަ އެއްޗެއް ގަނެގެން އަންނަން. ހަނދާން ކުރާތި! ބޭކާރު އެއްވެސް ހަރަދެއް ކޮށްގެން ނުވާނެ” އަމުރު ކޮށްލާފައި ޒެން ގޮސް އެނދުގައި އޮށޯތެވެ.
ހޮޑު ލައި ލައި އޭރު މަޒީނާ ހުރީ ހާންތިވާ ވަރުވެފައެވެ. މިހާރުވެސް ހީވަނީ ދެންމެ ދެންމެ ހޮޑު ލެވިދާނެ ހެންނެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ އޭނާ ގޮސް، އަންނަން ދެން ޒެން އޭނާއާއި ދިމާލަށް އެއްޗެހި ގޮވާނެކަން މުޖައްރިބެވެ.
ކޮންމެ އަކަސް ބުރުގަލެއް އަޅައިގެން މަޒީނާ ގެއިން ނިކުތެވެ. ލަސް ހިނގުމުގައި ދިޔަ އިރު ވެސް އޭނާއަށް އިރު އިރުކޮޅުން އޯކާށް ދެމެވެޔެވެ. ހީވަނީ ދެންމެ ދެންމެ ހޮޑު ލެވިދާނެ ހެންނެވެ. އެހެން އޭނާއަށް ކެއްކުރެވުނީ 2 ވަރަކަށް މިނެޓެވެ. އެމަގުގައި ހުރި ގެޔެއްގެ ކައިރީ ހުރި ފާރުގައި އަތް ޖައްސާލަމުން އޭނާ ގުދުވެލުމާއި އެކު ހޯސްލާފައި ހޮޑު ލެވުނެވެ.
މެންދުރު ނަމާދު ކޮށްލައިގެން ގެއަށް އެނބުރި އައި ޝަރަފްގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އޭނާގެ ގޭ ކައިރީ ގުދުވެގެން ހޮޑު ލާން ހޮތް އަންހެން ކުއްޖާއެވެ. ވަގުތުން އޭނާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ގެއަށް ވަދެ ފެންފުޅިއެއް ހިފައިގެން ނިކުތެވެ. އޭރު އޭނާ އިނީ ބިންމައްޗައް ޖެހިފައެވެ. އިށީނދެގެން އިން ނަމަވެސް އެ ހަށިގަނޑުގައި އެއްވެސް ފަދައެއް ނެތެވެ. “މަޒީނާ…؟” އޭނާގެ ކުރިމަތީގައި ހުއްޓުނު ޝަރަފް ދިޔައީ ސިއްސައިގެންނެވެ. މާބަނޑުވެފައި ހުއްޓާ އޭނާ މިހެން މަގުމައްޗަށް ދޫކޮށްލީ ކާކު ބާއެވެ؟
(ނުނިމޭ)
ހަތްދިހަހަވަނަބައިގެ ތެރެއިން:
“އެކަމަކު… އެއީ… އެއީ… އެއީ މީހެއްގެ އަންބެއް. ދެމަފިރިންގެ ދެމެދަށްވަދެގެން ލިބޭނެ އުފަލަކީ، ހިތްހަމަ ޖެހުމަކީ ކޮބާ…؟”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.







Mi ep vx veh reethi MA..
ehaa burakoh ulhemun vx vhk liyedheythee shiher ah vrh bodah thnks… Eps thah mi ah vure kurakoh dhigu kohlaa nama adhi maa furihama vaane..
Curiously waiting for the nxt ep..
When next???
Tc.. Lyy 💙💚