Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މި ލޯތްބާއި ތި ވަޢުދު (22)

Thea reminisces
Thea reminisces Level 210 Stories
July 23, 2026 11 Mins Read
0 Comments

“އިޒް އިޓް ޑިފިކަލްޓް؟” ރަޒާންގެ ސުވާލާއެކު ރޫޔާ ހުއްޓުން އެރިއެވެ. ރަޒާން އެ ސުވާލު ކުރީ އޭނާގެ ދިރިއުޅުމާ ބެހޭގޮތުން ހެއްޔެވެ.
“ކޮންޗެއް؟”
“ތުންފަތް ކަން، އެ ހަންގަނޑު ނުނެއްޓިގެންތަ ތިއުޅެނީ؟”
ރޫޔާގެ ދެލޯ ބޮޑުވިއެވެ. ބޮލަށް ސަވާރުވެފައި ހުރި ރުޅި ފިނިވެގެންދިޔައިރު، ހުރެވުނީ ރައްދުގައި ބުނާނެ އެއްޗެއް ނޭނގިފައެވެ. އެ ހުރިހާ އިރެއް ވަންދެން، ރަޒާނަށް އޭނާގެ އެކުޑަ ޢަމަލު ފާހަގަކުރެވުނުކަން އިހުސާސްވުމާއެކު މިހާގެ ހިތް އަވަސްވިއެވެ. ރަޒާނަކީ މީހެއްގެ ފިރިއެއްކަން ކުޑަ ވަގުތުކޮޅަކަށް ހަނދާން ނެތުނެވެ.
“ރަޒާނަކާ ބެހޭ ކަމެއް ނޫން”
“އޯކޭ.”
“ރަޒާނަކަށް ނޯންނާނެ އެއްވެސް ހައްގެއް އަހަރެން ކުރާކަންތައް ފާރަލާކަށް.”
“ތެދެއް.”
“ދެން ކޮން މޮޔައެއް ވެގެން ތި އުޅެނީ؟ ރަޒާނަކީ މީހެއްގެ ފިރިއެއްނު” ރޫޔާ އެހެން ބުނުމާއެކު ރަޒާންގެ ދެބުމަ ގޮށްޖެހުނެވެ. ރޫޔާއަށް ހަޤީގަތް ނޭނގޭކަން ވިސްނުމާއެކު އޭނާ ނޭވާއެއް ދޫކޮށްލިއެވެ. އޭނާ ރޫޔާއަށް އެއްބުމަ އަރުވައިލިއެވެ.

ލިފްޓް ތެޅިގަތުމާއެކު ރޫޔާ ސިހުނެވެ. ލިފްޓް މަސައްކަތް ކުރަން ފެށުމާއެކު މައްޗަށް ދާން ފެށިއެވެ. އެއްޗެކޭ ބުނެވުމުގެ ކުރިން ލިފްޓް ހުއްޓިފައި ދޮރު ހުޅުވުނީ ސާދަވަނަ ފަންގިފިލާއަށެވެ. ފަހަތަށް ބެލުމެއް ނެތި ރޫޔާ އަވަސް އަވަހަށް ލިފްޓުން ނިކުމެ ހިނގައިގަތީ އޭނާގެ އެޕާޓްމެންޓާ ދިމާލަށެވެ.

ފަހަތުން މައިދޮރު ލެއްޕުމާއެކު ރޫޔާއަށް ނޭވާއެއް ދޫކޮށްލެވުނެވެ. އަތުގައި އޮތް ދަބަހާއި ފޯނު ކާމޭޒުމަތީ ބެހެއްޓުމަށްފަހު އަވަހަށް ފެންބޯތަށި ނަގައި އެޔަށް ފެންފުރާ އެޅިއެވެ. ގޮނޑީގައި އިށީނުމަށްފަހު ތިން ކޯވަރުން އެ ފެންތަށި ހުސްކޮށްލިއެވެ. ވީ ކަންތަކާމެދު ވިސްނަމުން ފެށިއެވެ.
“ހީޒް މެރީޑް.. ވަޓް ދަ ހެލް އިޒް ރޯންގް ވިތް ހިމް؟”

***

“ޕޭޝަންޓް..” އޮޕަރޭޝަން ތިއޭޓާ ނަމްބަރު ތިނެއްގެ ތެރެއިން އިވިގެން ދިޔައީ ޑރ. ޗަންދުރާގެ އަޑެވެ. “މިސްޓަރ ސަމީރު، ފޯޓީ-ޓޫ، އޭސީއޭ ކްލާސް ވަން، އަންކޮމްޕްލިކޭޓެޑް. އެންޓިބައޮޓިކްސް ގިވެން އޮން އިންޑަކްޝަން. ރެޑީ ވެން ޔޫ އާރ ޑޮކްޓަރ”
ހޭނައްތައިފައި އޮތް ޕޭޝަންޓްގެ ކަނާތް ފަޅީގައި މަޑުކޮށްލައިގެން ހުރި ރޫޔާ ނޭވާއެއް ނަގައިލިއެވެ. އޭނާ އިސްނަގައި ބަލައިލީ، ޕޭޝަންޓްގެ ވާތް ފަޅީގައި ހުއްޓި ހުރި ޔަމީނަށެވެ.
“ޓައިމް އައުޓް” ރޫޔާގެ ބަސްތައް އައީ ލަސްލަހުންނެވެ. “ޕޭޝަންޓް ނޭމް އަހުމަދު ސަމީރު، ޑޭޓް އޮފް ބާތް ކޮންފާރމްޑް، ހޮސްޕިޓަލް ނަމްބަރ މެޗެސް. ޕްރޮސީޖަރ ލެޕްރޯސްކޮޕިކް ކޮލެސިސްޓެކްޓޮމީ. ސާރޖަން، ޑރ. ރޫޔާ. އެސިސްޓެންޓް ޑރ. ޔަމީން. އެނެސްތެޓިސްޓް ޑރ. ޗަންދްރާ. ސްކްރަބް ނާރސް ނުސްރާ. އެލަޖީސް ނޮން. އެންޓިބައޮޓިކްސް ގިވެން. ޑީވީޓީ ޕްރޮފިލަކްސިސް މެކޭނިކަލް. ކްރިޓިކަލް ސްޓެޕް….” ޔަމީން ހުރީ ރޫޔާގެ ޓައިމް-އައުޓަށް ސަމާލުކަން ދީގެންނެވެ. އޭނާ ނަޒަރު ގެންދިޔައީ ނުސްރާއާ ދިމާލަށެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވުމާއެކު ނަސްރާ އެއް ބުމަ އަރުވައިލިއެވެ.
“އެނީ ކޮންސާންސް؟”
މުޅި ތިއޭޓާގައި ހިމޭންކަން ފެތުރުނެވެ. އެއްވެސް މީހަކު އެއްވެސް އެއްޗެކޭ ނުބުންޏެވެ.
“ލެޓްސް ޕްރޮސީޓް. އިލެވެން ބްލޭޑް” އަތް ހުޅުވައިލަމުން ރޫޔާ ބުންޏެވެ،
ނުސްރާ ރޫޔާގެ އަތްތިލަ މަތީ އެ ކުޑަ ބްލޭޑް ލައިދިނެވެ. ބިސްމި ކިޔުމަށްފަހު ރޫޔާ ކަފަން ފެށިއެވެ. ޔަމީން ބަލަން ހުރީ ރޫޔާ ހަދާ ގޮތް ބަލަންށެވެ.
“މޮސްކިޓޯ ކްލޭމްޕް” އަތަށް ކްލޭމްޕް ލިބުމާއެކު އެ ބޭނުންކޮށްގެން މަޑުމަޑުން މަސްގަނޑު ވަކި ކުރުމުގައި ރޫޔާ އުޅުނެވެ.
“ވެރެސް ނީޑިލް”
ކަށިގަނޑު އެތެރެއަށް ވަދެމާއެކު ރޫޔާ އެސްޕިރޭޓްކުރަން ފެށިއެވެ. ކުރަން ޖެހޭ އިތުރު ކަންތައް ކޮށް ނިންމުމަށްފަހު ރޫޔާ ޔަމީނަށް ނަޒަރު ހިންގައިލީ ބޯ ހަރަކާތް ނުކޮށެވެ.
“ޔަމީން، ކެމެރާ”
ރޫޔާގެ އަމުރާއެކު، ނުސްރާގެ އަތުން ލެޕްރޯސްކޮޕް އަތުލުމަށްފަހު ކެމެރާ ތައްޔާރު ކުރުމުގައި އުޅުނެވެ. އަމްބެލިކަލް ޕޯޓުން ކެމެރާ ވެއްދުމަށްފަހު އެންމެ ފުރަތަމަ ބެލީ ޕެލްވިކް އޭރިއާއެވެ. އެއަށްފަހު އޭނާ ކެމެރާގެ މިސްރާބު ބަދަލުކޮށްލިއެވެ. ހޯދަން އުޅޭ ގުނަވަން ފެނުމާއެކު އޭނާ ރޫޔާއަށް ނަޒަރު ހުއްޓުނެވެ.
“އަޑެކުއޭޓް. ކެމެރާ އޭންގަލް ތާރޓީ ޑިގްރީ އަޕް. ފޮލޯ މައި އިންސްޓްރުމެންޓް.”
“ޔެސް ޑޮކްޓަރ”

“ސީ ދަ ޓޫ ސްޓްރަކްޗަރ އެންޓަރިން ގޯލްބްލެޑާ؟ ސިސްޓިކް ޑަކް، ސިސްޓިކް އާރޓެރީ ކޮންފާރމް” ރޫޔާގެ ބަހާއެކު ޔަމީން މޮނީޓަރަށް ބަލައިލީ ދެލޯ ހަނިކޮށްގެންނެވެ. ރޫޔާ އިޝާރަތްކުރި ދޭތިވެސް އޭނާއަށް ފެނުނެވެ. ” ސިސްޓިކް ޑަކް، ސިސްޓިކް އާރޓެރީ އައިޑެންޓިފައިޑް”
“ނޮޓް ޔެޓް” ސަރުބީއާއި ފައިބްރަސް ޓީޝޫތައް ސާފުކޮށް، ފުރަމޭއާ ގޯލްބްލެޑަރ ވަކިކުރަމުން ރޫޔާ ބުންޏެވެ. ޔަމީން ރޫޔާއަށް ބަލައިލީ ވާނުވާ ނޭނގިހުރެއެވެ. “އައި ވޯންޓް ދަ ލޯވާރ ތާރޑް އޮފް ދަ ގޯލްބްލެޑަރ ކޮމްޕްލީޓްލީ މޯބަލައިޒްޑް. އޮންލީ ދެން އިޒް އިޓް އަ ޓްރޫ ކްރިޓިކަލް ވިއު. ދިޒް އިޒް ހައު ޔޫ އެވޮއިޑް ކްލިޕިން ދަ ކޮމޮން ބައިލް ޑަކްޓް”
ރޫޔާ އިތުރަށް އެއްޗެކޭ ނުބުނެ، އިތުރު މީހަކަށް އިޝާރަތް ކުރުމެއްނެތި، ފަރިތަ އަތަކާއެކު އޭނާ އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައެވެ.
“ނައު.. ކްރިޓިކަލް ވިއު އެޗީވްޑް.” ރޫޔާގެ ބަހާއެކު ޔަމީނަށް ނޭވާއެއް ދޫކޮށްލެވުނެވެ. އަޅައިފައިވާ މާސްކުގެ ދަށުން އޭނާއަށް ހިނިތުންވެލީ ހިތަށް ލިބުނު ހިތްހަމަ ޖެހުމާއެކުއެވެ.
“ކްލިޕް އެޕްލަޔަރ”
އޭގެ އިރުކޮޅެއް ފަހެވެ.
“ޑައިތަމީ ހޫކް”
ޑައިތަމީ ހޫކް ރޫޔާގެ އަތަށް އެރުމާއެކު ޔަމީން ނޭވާ ހިފެހެއްޓުނެވެ. ދެން އޮތީ އޮޕަރޭޝަންގެ އުނދަގޫ މަރުހަލާކަން އޭނާއަށް އެނގުނެވެ.
“ކެމެރާ. އެންޓިސިޕޭޓް މައި މޫވްމެންޓްސް. ވެން އައި ޕުލް ދަ ގޯލްބްލެޑަރ، ޔޫ އޭންގަލް ޑައުން ޓު ދަ ލިވަރ ބެޑް”
“ޔެސް ޑޮކްޓަރ” ޔަމީން ރޫޔާ ބުނި ގޮތަށް އަމަލުކުރިއެވެ. ގޯލްބްލެޑަރ ދަމާލި ވަގުތު، އޭނާ އެކަން ކުރިއެވެ.
“ގުޑް”
“އެކްސްޓްރެކްޝަން ބޭގް”
އޭގެ އިރުކޮޅެއް ފަހެވެ. އޮޕަރޭޝަންގެ އެންމެ ފަހުގެ މަރުހަލާތައް ކުރިއަށް ގެންދިޔައެވެ. އޮޕަރޭޝަން ކުރި ސައިޓް ސާފުތޯ ޗެކުކޮށް، ކެމެރާ ނަގައި، ވިކްރީލް ބޭނުންކޮށްގެން ‘ފޭޝިއާ’ ފެހިއެވެ. ހަންގަނޑު ފަހައި ނިމުމާއެކު ރޫޔާ ނޭވާއެއް ދޫކޮށްލިއެވެ.
“ޑަން”
ރޫޔާ ފަހަތަށް ޖެހުމަށްފަހު ލައިގެން ހުރި އަންގި ބޭލިއެވެ. ގައުން ބޭލުމަށްފަހު ނުސްރާއާ އޭތި ހަވާލުކުރުމަށްފަހު ހިނގައިގަތީ ދޮރާ ދިމާލަށެވެ. ދޮރުމަތީ މަޑުކޮށްލުމަށްފަހު އޭނާ ޔަމީނަށް ބަލައިލިއެވެ.
“ދެޓް ވޯޒް ގުޑް. ބަޓް ޔޫ ވާރ ޓޫ ކުއިކް ޓު ކޯލް ދަ ކްރިޓިކަލް ވިއު ބިފޯ އިޓް ވޯޒް ކޮމްޕްލީޓް، ގެސް ދޭ އިޒް ސްޓިލް ހޯޕް ފޯ ޔޫ” އެހެން ބުނުމަށްފަހު އޭޏާ އެ ތިއޭޓަރުން ނިކުމެގެން ދިޔައެވެ.
މޭޒު ކޮޅުގައި ހުރ ޑރ. ޗަންދްރާ ތުން ފުމެލިއެވެ. ޔަމީނަށް ލާނެއް ގޮތަކަށް ބެލުމަށްފަހު އޭނާ ބޯ ހޫރައިލިއެވެ.
“ގެސް ދޭ އިޒް ހޯޕް ފޯ ޔޫ.. އެސްޕިރިން ބޯއި”
***

ގެއަށް ވަދެވުމާއެކު ރޫޔާ މޯޅިއަށް ދެމިލިއެވެ. ކޮނޑުގައި އަޅުވައިފައި އޮތް ދަބަސް މޭޒުމަތީ ބޭއްވުމަށްފަހު އޭނާ ބަދިގެއަށް ވަދެ، ސިންކާ ދިމާލަށް ހިނގައިގަތެވެ. ފެން އިސްކޫރު ދޫކޮށްލުމަށްފަހު އޭނާ ރަނގަޅަށް އަތް ދޮންނަން ފެށިއެވެ. އަތް ދޮވެ ނިމިގެން، ޓިޝޫ ނަގައި އަތް ހިތްކައިލުމަށްފަހު ކާތަށްޓެއް ނެގިއެވެ. ހެނދުނު ކައްކައިފައި ހުރި ރިހަ ހޫނުކުރަން ޖެއްސުމަށްފަހު އޭނާ ރޮށިތައް ނެގިއެވެ.
ރިހަ ހޫނުކުރަން އުނދުންމައްޗަށް ދޫކޮށްލަމުން އޭނާ ޖޫސް ގިރަން އުޅުނެވެ. ރިހަ ރަނގަޅަށް ހޫނުވުމާއެކު، އަވަހަށް ތަށި ތެރެއަށް ރިހަ އަޅައި، ރިހައާއި ރޮށި މޮޑެމުން އޭނާ އިށީނީ މޭޒުކައިރީގައެވެ.
ބިސްމި ކިޔައި އޭނާ ކާންފެށިއެވެ. އެއް އަތުން ފޯނު ނަގައި ވެބްސައިޓަކަށް ވަދެ، ލެކްޗަރ ވީޑިޔޯ އެއް ހުޅުވުމަށްފަހު އެ ބަލަމުން، ކަމުން ދިޔައެވެ.
“ދޮންތާ.. ބްރޭކަށް އައިސްދޯ” ކޮޓަރިން ނިކުތް ރަހާއަށް ރޫޔާ ފެނިފައި އަހައިލިއެވެ.
“ހޫމް. ރަހާ ކައިފިންތަ؟” ރޫޔާ ފޯނުން އަޅުވައިފައި އިން ލެކްޗަރ ހުއްޓައިލުމަށްފަހު އަހައިލިއެވެ.
“ހޫމް. ޝިޔާނާއާއެކު ބޭރުން ކައިގެން މިއައީ. އިރުކޮޅަކުން މިދަނީ ޓިއުޝަން ސެންޓަރ އަށް” ރަހާގެ ރަހުމަތްތެރިއެއްގެ ނަން އިވުމާއެކު ރޫޔާ ބޯޖަހައިލިއެވެ.
“ކުޑަ ބައްޕަ ދިޔަތަނެއް އެނގޭތަ؟ މިއަދު ހަވީރަށް އެޕޮއިންޓްމެންޓް ހައްދާފަ އިންނާނެ” ކާތަށި ހުސްވުމާއެކު ގޮނޑިން ތެދުވަމުން ރޫޔާ އަހައިލިއެވެ.
“ބޭރަށް ދިޔައީ. މެންދުރު ނަމާދަށް ދިޔަގޮތަކަށް އަދި ނާދޭ”
ރޫޔާ ފުންނޭވާއެއް ދޫކޮށްލިއެވެ. އިސްމާޢިލްގެ ޚިޔާލު ބަދަލުވެއްޖިއްޔާ އަނެއްކާވެސް ހަތަރު އުދަރެސް ފެނުޖެހުނީއެވެ.
“ކުޑަބައްޕަ ގެއަށް އަތުވެއްޖެނަމަ، ބުނޭ ދޮންތަ ހޯދި ވާހަކަ.” އަވަސް އަރުވައިލައިގެން އޭނާ ތަށި ދޮވެ ނިމުމަށްފަހު، ކަބަޑަށް ތަށި ލުމަށްފަހު ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ.

ކޮޓަރިއަށް ވަދެ ދޮރު ލެއްޕުމަށްފަހު ރޫޔާ ހިނގައިގަތީ ފާހަނައަށެވެ. ވުޟޫކޮށްލައިގެން އޭނާ ކޮޓަރިއަށް ވަދެ މުސައްލަ ނަގައި ނަމާދު ކުރަން ތައްޔާރުވިއެވެ. ޑިއުޓީއަށް ވަގުތު ކުޑަތަން ވެފައި ވުމާއެކު މެންދުރު ނަމާދުގެ އިހު ސުންނަތުގެ ދެރަކުޢަތް ކޮށްލުމަށްފަހު މެންދުރު ނަމާދާއިގެން ކުރިއަށް ދިޔައެވެ. ޒިކުރު ތަސްބީޙަ ކިޔުމަށްފަހު، މެންދުރު ނަމާދުގެ ފަހު ސުންނަތުގެ ދެ ރަކުޢަތް ކޮށް ނިމުނު ވަގުތު އޭނާއަށް، ސިޓިން ރޫމުން އިސްމާޢިލްގެ އަޑު އިވުނެވެ. ބޮލުން ދޮޅި ނެގުމަށްފަހު އޭނާ ހިނގައިގަތީ ދޮރާ ދިމާލަށެވެ. ދޮރުން ސިޓިން ރޫމަށް ބޯ ދިއްކޮށްލި ވަގުތު، ސޯފާގައި އިށީނދެއިން އިސްމާޢިލް ފެނުނެވެ.
“ބައްޕާ. މިއަދު ތިންގަޑި ފަނަރައަށް އަންނާތި ހޮސްޕިޓަލަށް. އަޅުގަނޑު ޑިއުޓީ ނިންމާފަ ބައްޕަ އަންނަންދެން މަޑުކުރާނަން.” ރޫޔާ އެންނޭވާއިން ބުނުމަށްފަހު، ކޮޓަރި ތެރެއަށް ދެމިގަތެވެ.

ދޮޅިއާއި މުސައްލަ ފަތް ޖެހުމަށްފަހު އޭނާ ބޯ އޮމާން ކޮށްލައި، މޭކަޕް ޖައްސައި ޑިއުޓީއަށް ދާން ތައްޔާރުވިއެވެ. އަތުގެ މުލައްދަނޑީގައި އަތުކުރި ގަޑިއަޅުވަމުން އޭނާ ކޮޓަރިން ނިކުމެ ހިނގައިގަތީ، ދަބަސް ބާއްވައިފައި އޮތް މޭޒާ ދިމާލަށެވެ.
“ބައްޕާ… އަންނާތި” ފަސް އެނބުރި އިސްމާޢިލަށް ބަލައިލުމަށްފަހު އޭނާ އެގެއިން ނިކުމެގެން ހިނގައްޖެއެވެ.

***

“ޕެޓް ސްކޭން ލިބިފައި އޮތީ”  ކެންސަރު ބަލިތަކަށް ހާއްސަ ޑޮކްޓަރ ސުފްޔާން، ރޫޔާއާއި އިސްމާޢިލަށް ބަލައިލަމުން ބުންޏެވެ. “ބަޔޮޕްސީން ދެއްކި ކަންތައް ފެޓް ސްކޭނުން ޔަޤީން ކޮށްފަ އޮތީ.. ބޭބެއަށް ކެންސަރު ޖެހިފަ އޮތީ. ހަމަ ކުރިން ހުރި ދިމާލުގައި. ލޯކަލައިޒްޑް ކޮށް އޮތީ. މާނައީ ހަށިގަނޑުގެ ދުރު ގުނަވަންތަކަށް އަދި ފެތުރިފައެއް ނެތް..”
ރޫޔާއަށް ނޭނގި ހިފައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނެވެ. ދެލޯ މަރައިލައި، ސިކުނޑިތެރޭ ފުނިޖެހިފައިވާ ޚިޔާލުތައް ފޮހެލިއެވެ. އަދި އުންމީދު ގެއްލޭވަރު ނުވެއެވެ.
“ދެން ކިހިނެއް ހަދަންވީ؟” ޑޮކްޓަރަށް ބޯ ޖަހައިލަމުން އިސްމާޢިލް އަހައިލިއެވެ.
“ލޯކަލީ އެޑްވާންސް ވެފަ އޮތީމަ، އާންމުކޮށް އޮންނަ ފަރުވާއަކީ ކީމޯތެރެޕީއާއި އޮޕަރޭޝަން. އަޅުގަނޑު ފުރަތަމަ ފަރުވާ ދަށާނީ ‘ނިއޯއެޑްޖުވަންޓް ކީމޯތެރެޕީ’އިން. ޓިއުމަރު ކުޑަކުރުމަށްޓަކައި. އޭގެ ފަހުން އޮޕަރޭޝަނަށް ދަނީ. ގެސްޓްރެކްޓޮމީ.. ބަނޑުގެ ބައެއް ނުވަތަ މުޅި ބަނޑު ނެގުން. އޭގެ ފަހުން އިތުރު ކީމޯތެރެޕީއަކަށް ދާން ޖެހިދާނެ. އެކަމަކު ބޭބެގެ އުމުރާއި ސިއްހީ ހާލަތަށް ރިއާޔަތްކޮށްގެން ބުނާނަމަ، މިއީ ކުރެވޭނެ ކަމެއް”

“ދެން.. މީގެން ކުރެވޭނެ އަސަރުތަކަކީ ކޮބާ؟” އިސްމާޢިލް އެހިއެވެ.

“ކީމޯތެރެޕީގެ ސަބަބުން، މޭނުބައި ކޮށް، ވަރުބަލިވުން، އިސްތަށި ފޭބުން، ނާރުތަކަށް ތަދުވުން، ދިފާޢީ ނިޒާމު ދަށްވެ، އެހެން ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެ. ދެންމެ ބުނި ސާޖަރީއަކީ ބޮޑު އޮޕަރޭޝަނެއް. ހޮސްޕިޓަލުގައި ގިނަދުވަސް ވަންދެން ހުންނަން ޖެހޭނެ. އޭގެ ފަހުން ދިރިއުޅުމުގެ އެތައް ކަމަކަށް ބަދަލު ގެންނަން ޖެހޭނެ.”
“ދެން އަޅުގަނޑު ކީމޯއާއި އޮޕަރޭޝަނަށް ނޫނެކޭ ބުނެފިއްޔާ؟” އެސުވާލާއެކު ރޫޔާއަށް ހީވީ އޭނާގެ ކަންފަތަށް ހޮނުގުގުރި އެޅިހެންނެވެ. އިސްމާޢިލާ ދިމާލަށް އޭނާ ކުއްލިއަކަށް ބޯ އަނބުރައިލައި، ބަލައިލީ ޤަބޫލުކުރަން ދަތިވެފައެވެ. ބައްޕަ ފަރުވާގައި ނުހިފަން އުޅޭކަމަށް ހިތް ގޮވަންފެށިއެވެ.
ޑރ. ސުފްޔާން ރޫޔާއަށް ބަލައިލުމަށްފަހު އިސްމާޢިލަށް ބަލައިލިއެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. “ފަރުވާއާ ނުލާ ކެންސަރު ދަނީ ފެތުރެމުން. ބޭހުގެ އެހީއާއެކު ކެންސަރުގެ ސަބަބުން ވާ އުނދަގޫ ކުޑަކުރެވޭނެ. ތަދު ކަނޑުވާ ބޭހާއި، މޭނުބައި ކުރުން ހުއްޓުވާ ބޭހާއި… އެކަމަކު ބަލިން ފަސޭހަލެއް ނުވާނެ. ފަރުވާގެ އަމާޒަކަށް ވާނީ، ބޭބެއަށް ވީހާވެސް އެންމެ ފަސޭހަކޮށް އަރާމުކޮށް ގެންދެވުން.”
“ކިހާ ދުވަހެއް ވަންދެން ހިފަހައްޓައިލެވޭނެ ހެން ހީވަނީ؟” އިސްމާޢިލް ރޫޔާއަށް އެއްވެސް ސަމާލުކަމެއް ނުދީ ކުރިއަށް ގެންދިޔައީ ހިލަހިތަކާއެކުއެވެ. އެ ދަރިފުޅުގެ ފެންކަޅިވެފައިވާ ދެލޮލަށް ބަލައިލައިފިނަމަ، އޭނާގެ ވިސްނުން ބަދަލުވާން އުޅޭނެކަން އެނގެއެވެ. އެހެނަސް، ކީމޯގެ އުނދަގުލާއެކު އުޅެން އޭނާ ބޭނުމެއް ނުވެއެވެ. އެއްފަހަރު އެ ވޭނުގައި އުޅެވިއްޖެއެވެ. ދެވަނަ ފަހަރަށް އެވޭނުގައި އުޅެވޭނެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ.

“ޔަޤީންކަމާއެކު ބުނަން ދަތި. ފަރުވާ ނުކޮށް، ލޯކަލީ އެޑްވާންސްޑް ގޭސްޓްރިކް ކެންސަރު ހުރި މީހުން އާންމުކޮށް ދިރިތިބޭ ހަމަހާ ބާރަ މަހާ ދެމެދު މުއްދަތަކަށް. ބައެއް މީހުން މިއަށްވުރެ ގިނަ ދުވަހު، ބައެއް މީހުން މިއަށްވުރެ މަދު ދުވަސްކޮޅަކު، ކެންސަރު ފެތުރޭ ގޮތަކުން އެނގޭނީ”
ޑޮކްޓަރުގެ ޖުމުލައާއެކު އިސްމާޢިލް ނޭވާއެއް ނަގައިލިއެވެ.
“މައްސަލައެއް ނެތް. ބޭހާއެކު ކުރިއަށް ދާނީ.. ކީމޯ..އޮޕަރޭޝަނެއް ބޭނުމެއްނޫން އަހަންނެއް”
“ބައްޕާ..”ރޫޔާ އުޅުނީ ދެކޮޅު ހަދަންވެގެންނެވެ.
“ރޫޔާ ފަހުން.” އިސްމާޢިލްގެ އަމުރާއެކު ރޫޔާ ނޭވާއެއް ނަގަން މަޖުބޫރުކުރިއެވެ. ބައްޕަ އޭނާއަށް މުޚާތަބު ކުރީ އޭނާގެ ނަމުންނެވެ. ލޯބިން ކިޔައި ‘ދޮންކަނބުލޮއެއް’ އޭނާގެ ކަންފަތަކަށް ނުފޯރައެވެ. ދެލޯ މަރައިލުމަށްފަހު އަތުގެ ނޫފުށުން ލޯކައިރި ސާފުކޮށްލީ، ހިފަހައްޓައިލައިގެން ހުރި ކަރުނަތައް ފޮރުވަންވެގެންނެވެ.
“ހަމައެކަނި ބޭސްތޯ.؟.” ސުފްޔާން ޔަޤީން ކުރަންވެގެން އަހައިލިއެވެ.
“އާދެ.”
“ބޭބެ، އަޅުގަނޑު ބޭބެއަށް ވިސްނައިދެންވެގެން މިހެން މިބުނަނީ، ހަމައެކަނި ބޭހާއެކު ކުރިއަށް ދާނަމަ، ކެންސަރު ދާނީ ފެތުރެމުން. މި ދޭ ބޭހަކީ ކެންސަރުގެ ސަބަބުން ވާ އުނދަގޫތަކަށް ދޭ ލުޔެއް. އޭގެ ޒާތުގައި ކެންސަރަކަށް އަސަރެއް ނުކުރާނެ. ފަހުން މި ބަލިން އެކީ ސަލާމަތް ވުމަށް، ފަރުވާ ހޯދަން ލަސްވެދާނެ. އަޅުގަނޑު ބޭނުން އެކަން ބޭބެއަށް ވިސްނައިދޭން”

“ބޭބެއަށް ވިސްނޭ.” ޑޮކްޓަރަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލަމުން އިސްމާޢިލް ބުންޏެވެ.
“ބޭބެ ކުރިން ތި އޮޕަރޭޝަނެއް ކުރިން. ރޭޑިއޭޝަން ތެރެފީ ނެގިން. އެއްވެސް ކަމެއް ނުކޮށް ބަލި އެނދުގައި އެތައް ދުވަހަކު އޮތިން. އަނެއްކާވެސް، ބޭބެއަށް މިޖެހުނީ އެ ބަލި އެނދުގައި އޮންނަންތާ..” އިސްމާޢިލް މަޑުމަޑުން ބޯ ހޫރައިލިއެވެ. “ދެން އެކަމަކު، ބޭބެ ގަޔަކު ނެތް އެހިތްވަރެއް. އެދުވަހު ބޭބެ ގައިގައި އެޅި ވޭން އެނގޭނީ ބޭބެއަށް.”
“ބައްޕާ ޕްލީޒް” ރޫޔާ އަނެއްކާވެސް ނެތް ހިތްވަރެއްލައި އުޅުނީ އިސްމާޢިލްގެ ޚިޔާލު ބަދަލުކުރަންށެވެ.
“ދޮންކަނބުލޯ..”
“ބައްޕާ އާދޭސްކޮށްފަ ބުނަން.. ތިނޫން ގޮތެއް”
“ދޮންކަނބުލޯ” އިސްމާޢިލް ރޫޔާއަށް ބަލައިލިއެވެ. ރޫޔާގެ އަތްނަގައި އޭނާގެ އަތުތެރެއަށް ގެންނަމުން ރޫޔާއަށް ހީލީ އޯގާތެރިކަމާއެކުއެވެ.
“ބައްޕައަށް ވިސްނޭ ދޮންކަނބުލޮ ބޭނުންވަނީ ބައްޕަ ރަނގަޅުކުރަންކަން. އެކަމަކު ބައްޕަ ބޭނުންވާ ގޮތަކީ މީ.. މީގެން ދަރިފުޅުގެ އެއްވެސް ކުށެއް ނެތް.”
“ބައްޕާ..”
“ދޮންކަނބުލޯ.. ބައްޕަ ބިރެއް ނުގަތޭ މަރުވެދާނެތީ ބިރެއް ނުގަނޭ. މަރަކީ އެންމެންނާއެކު ވާއެއްޗެއް. އެކަމަކު ބައްޕަ ބިރުގަންނަނީ ވޭނުގައި އުޅެން ޖެހިދާނެތީ. ބައްޕަ ބިރުގަންނަނީ، ދަރިފުޅުގެ އަމިއްލަ ދިރިއުޅުން ދޫކޮށް، ބަލި ބައްޕައެއްގެ ޚިދުމަތުގައި މުޅި އުމުރު ހުސްކޮށްލަން ޖެހިދާނެތީ. ބައްޕައަށް އެއަށްވުރެ މާ ރަނގަޅު، ބޭސްގުޅަ ކައިގެން، ދަރިފުޅާއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލެވޭނަމަ”

ބައްޕަގެ ބަހާއެކު ރޫޔާގެ އަރުބެދުނެވެ. ބައްޕަގެ ޚިޔާލު ބަދަލުނުކުރެވޭނެކަން އިހުސާސްކުރެވުމާއެކު އޭނާ ކަރުއެލުވައިލަން މަޖުބޫރުވިއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ ސުފްޔާނަށް ބަލައިލުމަށްފަހު ބޯ ޖަހައިލީ ކުރިއަށް ގެންދަން އިޝާރަތްކުރަމުންނެވެ.
***

ކޮޓަރިއަށް ވަދެވުމާއެކު، ރޫޔާއަށް ނޭވާއެއް ދޫކޮށްލިއެވެ. އަތުގައި އޮތް ދަބަސް މޭޒުމައްޗަށް އެއްލައިލުމަށްފަހު އޭނާ ހިނގައިގަތީ، އަލަމާރި އިންނަ ކުޑަ ގޮޅި ތެރެއަށެވެ. މިވަގުތު އޭނާ އެންމެ ބޭނުންވަނީ، ބޮލަށް ސަވާރުވަމުންދާ ޚިޔާލުތަކުން ދުރުވަންށެވެ. ގެންގުޅޭ އަތް ދިގު ސްވިމް ސޫޓް ފެނުމާއެކު، އެ ހިފައިގެން ފާހަނައަށް ވަދެ ހެދުން ބަދަލުކުރުމުގައި އުޅުނެވެ. ގެންގުޅޭ ސްމާޓް ގަޑި އަތުގައި އަޅުވަމުން، އެނދުގައި އޮތް ފޯނު ނަގައި އޭނާ ކޮޓަރިން ނިކުތެވެ. ދަގަނޑު ފެންފުޅިއަށް ފެން ފުރާއެޅުމަށްފަހު އޭނާ އެ އެޕާޓްމެންޓުން ނިކުމެގެން ހިނގައިގަތީ، އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި އިންނަ ޕޫލަށް ދާންވެގެންނެވެ.

ކޮންމެވެސް ސަބަބަކާހުރެ، ޕޫލް ރޫމް އޮތީ ފަޅުކޮށެވެ. އެ ވެގެންދިޔައީ ރޫޔާއަށް ރަނގަޅު ފުރުސަތެވެ. ބެންޗުކައިރީ ފޯނާއި ފެންފުޅީގެ އިތުރުން، ގެނައި ދަބަސް ބެހެއްޓުމަށްފަހު ވާމްއަޕް ޖައްސަން ފެށިއެވެ. ޕޫލް ވަށައި ފަސް ފަހަރަށް ދުވުމަށްފަހު ހަށިގަނޑު ރަނގަޅަށް ދަމައިލިއެވެ. އެކި އެކި ލުއި ކަސްރަތު ކޮށް ނިމުމާއެކު އޭނާ ދަބަހުން ސްވިމް ކެޕްއާއި ގޮގުލްސް ނެގިއެވެ. ސްވިމް ކެޕްގެ ތެރެއަށް އިސްތަށިގަނޑު ކޮއްޕަމުން އޭނާ ހިނގައިގަތީ ޕޫލްގެ ޖަމްޕިން ޕްލެޓްފޯމާ ދިމާލަށެވެ.
ޕްލެޓްފޯމް މައްޗަށް އެރުމަށްފަހު އޭނާ ލޯމަތީ ގޮގުލްސް އަޅައިލިއެވެ. ވަގުތު ގުނަން ޖެއްސުމަށްފަހު އޭނާ ޑައިވްއަށް ދާން ތައްޔާރުވިއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ ޕޫލް ތެރެއަށް ޑައިވްކުރިއެވެ. ފެންގަނޑު މައްޗަށް ހަށިގަނޑު އެރުމާއެކު އޭނާ ފަތަން ފެށީ، ހިތުގައި އުފެދިފައިވާ ރުޅިވެރިކަމާއި މާޔޫސީ ކަމުން ހިތްވަރު ލިބިގެންނެވެ. ޖެހޭ ކޮންމެ ބުރަކާއެކު، އޭނާގެ ހިތާއި ބުއްދިއަށް ލުއިކަން ލިބެމުންދިޔައެވެ.

ފަސްވަނަ ބުރަށްފަހު ރޫޔާ ޕޫލްގެ ޑެކު ކައިރީ މަޑުކޮށްލީ ނޭވާއެއް ނަގަންވެގެންނެވެ. ދެލޯ މަރައިލުމަށްފަހު އޭނާ ޕޫލުން ފޭބީ ފެން ބޯން ވެގެންނެވެ. ލަސް ފިޔަވަޅުތަކެއް އަޅަމުން އޭނާ ފެންފުޅިއާ ދިމާލަށް ހިނގައިގަތް އިރު، އެ ޕޫލް ރޫމުން އިވިގެން ދިޔައީ، އޭނާގެ ގައިން ފޭބި ފެން ތިކިތައް ތަޅުންގަނޑުމަތީ ޖެހޭ އަޑެވެ.

ފެންބޮއެ ހަދައިގެން އަނެއްކާވެސް ރޫޔާ ޕޫލަށް އެރިއެވެ. ހަމަޖެހިލުމަށްފަހު އޭނާގެ ހުރިހާ ސަމާލުކަމެއް ދިނީ ފެތުމަށެވެ. މީހަކު އެ ރޫމަށް ވަދުނު ކަމެއް އޭނާއަކަށް ނޭނގެއެވެ.

ޕޫލް ރޫމަށް ވަދުނު ރަޒާން ހުއްޓުން އެރީ، ޕޫލް ތެރޭ މީހަކު ފަތަމުން ދާ މަންޒަރު ފެނިގެންނެވެ. ލައިގެން ހުރި ސްވިމް ސޫޓްގެ މަތިން، އަޅައިގެން ހުރި ސްޕޯޓްސް ޖެކެޓުގެ ތެރެއަށް ދެއަތް ޖަހައިލުމަށްފަހު ހުއްޓުނީ ޕޫލް ޑެކުމަތީއެވެ. ފަތަމުން ދިޔަ ރޫޔާ ހުއްޓުނީ އޭނާގެ ކުރިމަތީއެވެ. އަޅައިގެން ހުރި ގޮގުލްގެ ދަށުން ރޫޔާ އޭނައާ ހަތަރު ކަޅި ހަމަވިއެވެ.
“ބާއްޖަވެރި ދުވަހެއް، ޑޮކްޓަރ” އެއްމިޔަކަނުން ހީލަމުން ރަޒާން ބުންޏެވެ. ރައްދުގައި ރޫޔާ އަޑެއް ލައްވައިލިއެވެ. ރޫޔާއަށް ބަލަން ހުރެފައި އޭނާ މިސްރާބު ޖެހީ ބެންޗާ ދިމާލަށެވެ.
ރޫޔާ ނޭވާއެއް ނަގައިލިއެވެ. އިއްޔެ ދެއްކި ވާހަކައިން ރަޒާނަށް ހަމަ އެއްވެސް އެއްޗެއް ނުވިސްނޭ ހެއްޔެވެ؟
“މިތާ ކީއްކުރަން ތި؟” ރޫޔާ ހިތްހަމަ ނުޖެހިފައި އަހައިލިއެވެ.
“ފަތަން މިއައީ” ލައިގެން ހުރި ޖެކެޓު ބާލަމުން ރަޒާން ޖަވާބުދިނެވެ. ޖެކެޓު ފަތް ޖަހައިލުމަށްފަހު ބެންޗު މަތީ ބޭއްވިއެވެ. “މައްސަލައެއް ތަ؟”

“ހޫމް، މިނޫން ގަޑިއެއްގަ އަންނަން ނޭނގުނީތަ؟” ޖެއްސުމަށް ރޫޔާ އަހައިލިއެވެ.
ވާރމް އަޕް ޖައްސަމުން ބޯ އަރިކޮށްލި ރަޒާންގެ ނަޒަރުގައިވަނީ ސަމާސާވެރިކަމެވެ. އޭނާ ހަށިގަނޑު ދަމައިލަމުން ރޫޔާއަށް ހީލިއެވެ.
“ޑޮކްޓަރ. އަހަންނަކީ ޑޮކްޓަރ ތި ހީކުރާހާ ފްރީ މީހެއް ނޫން ބޭނުންހާ ވަގުތު ފަތަން އަންނަން”
“އެކަމަކު އެހެން މީހުން ބޯ ކައިލަން ވަގުތު އޮވޭ ދޯ” ރޫޔާ އޭނާއަށް ލޯ އަޅައިލިއެވެ. ރަޒާން އިތުރު އެއްޗެކޭ ބުނުމުގެ ކުރިން އޭނާ ފަތަން ފެށިއެވެ.

ވާރމް އަޕް ވުމާއެކު ރަޒާންވެސް ޕޫލްގެ ޕްލެޓްފޯމުގެ މައްޗަށް އެރިއެވެ. ސްވިމްކެޕް ބޮލުގައި އަޅައި، ލޯ މަތީ ގޮގުލްސް އަޅައިލިއެވެ. ނަފްސު ހަމައަކަށް އެޅުވުމަށްފަހު ނޭވާއެއް ނެގުމަށްފަހު އޭނާ ޑައިވް ޖެހީ، ރޫޔާ އިން ލޭނާ ޖެހިގެން އިންނަ ލޭނެވެ.

____

“ހާދަ ރުޅިއައިސްގެންނޭ ތި ފަތަނީ؟ ޕޫލް ފެންގަނޑު ބިރު ގަންނުވަންތަ ތިއުޅެނީ؟” ވަރުބަލި ފިލުވަންވެގެން، ޕޫލްގެ ޑެކު ކައިރީ މަޑުކޮށްގެން ހުރި ރޫޔާއާ އަރާ ހަމަކުރަމުން، ރަޒާން އެހިއެވެ.
“ބިރުގަންނަން ޖެހޭ މިހާ ބިރު ނުގަންނަންޏާ މައްސަލައެއްނު” އަވަސް އަވަހަށް ރޫޔާ ޖަވާބުދިނެވެ.
“އަހަރެން ބިރުގަންނަހާ ވަރަކަށް ރުޅި އައިސްފައެއް ނޫން ތިހުރީކީއް”
“އެހެން، ރަޒާން ބިރުގަންނަ ވަރަށް އަހަރެން ގާތަށް ރުޅި ނާންނަކަން ކިހިނެއް އެނގެނީ؟” ރޫޔާ މަޑުކުރުމެއްނެތި ފެންގަނޑު މަތީ އޮށޯވެ ވާގި ދޫކޮށްލިއެވެ. މަޑުމަޑުން ފައިން ކިކު ޖަހަމުން އޭނާ ދިޔައެވެ.
“އެނގޭތީވެ” ރަޒާންގެ ކުރު ޖަވާބުން ރޫޔާ ލޯ އަޅައިލިއެވެ.
“ގުޑް ފޯމް ބައި ދިވޭ. އެކަމަކު ކުޑަކޮށް ރަނގަޅުކޮށްލަން ޖެހޭ ކަންތައްތައް އެބަހުރި” ޕޫލުން ފޭބުމަށްފަހު ޕޫލް ޑެކު މަތީ ރަޒާން ހިނގަންފެށީ ރޫޔާގެ ފެތުމާ އެއްވަރަށެވެ.
“ތީ ކާކު މަގޭގެ ފޯމަށް ބަސްބުނަން؟”
“ލޭންޑް ލޯޑް، ޔުއަރ އެކްސް، ރާޝިދުބޭގެ އެކުވެރިއެއް، ވަސީމާއި ޝަފްގެ އެކުވެރިއެއް، މި ޢިމާރާތުގެ ވެރިޔާ” މޭމަތީ ހަށަން ބަންނަމުން ރަޒާން ޖަވާބު ދިނީ މަޖާވެފައެވެ.
“މުހިންމު މީހެއް ނޫން، މުހިންމު މީހެއް ނޫން، މުހިންމު މީހެއް ނޫން، މުހިންމު މީހެއް ނޫން، މުހިންމު މީހެއް ނޫން.” ފެންގަނޑު ތެރޭ ފައިން ޖަހަމުން ދިޔަ ރޫޔާގެ ޖަވާބުން ރަޒާނަށް ހެވުނެވެ.
” އަހަރެންގެ ބަސް ޤަބޫލު ނުކުރުން އެއީ ޑޮކްޓަރ ގެ ދެރަ.” ކޮނޑު އަރުވައިލަމުން ރަޒާން ބުންޏެވެ.

ރޫޔާއަށް މަޑަކުން ދެނެއް ނުހުރެވޭނެއެވެ. ނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ ރަޒާނަށް ބަލައިލިއެވެ. އެ ނަޒަރުގައިވާ ތޫނުކަމުގެ ސަބަބުން ރަޒާންގެ ހިތް އަވަސްވިއެވެ.
“ކޮން މޮޔައެއް ވެގެންތަ ރަޒާން ތިއުޅެނީ؟ ތީ މީހެއްގެ ފިރިއެކޭ. ރަޒާނަށް އެނގޭތަ ރަޒާންގެ ތި ޢަމަލުން އަނިޔާ ލިބޭ މީހަކީ ރަޒާންގެ އަންހެނުންކަން؟” ރޫޔާގެ ސުވާލުން ރަޒާންގެ މޫނުމަތިން ލާނެއް ހިނިތުންވުން ފިލައި ދިޔައެވެ. ޖަވާބު ނުދީ އޭނާ ރޫޔާ އަށް ބަލަން ހުރީ އެއްވެސް އަސަރެއް ނެތް ނަޒަރަކުންނެވެ.

ރަޒާންގެ ޢަމަލުން ރޫޔާ އިތުރަށް ހިތްހަމަ ނުޖެހުނެވެ. ފެންގަނޑު މަތިން ތެދުވެ އަނެއްކާވެސް ފެންގަނޑު ތެރެއަށް ފަތައިގަތެވެ. އައިސްފައި ހުރި ރުޅި ބާލަމުން ދިޔައީ އެ ފެންގަނޑަށެވެ.
ދެވަނަ ބުރު ނިންމައި ތިންވަނަ ބުރު ފަށަން އުޅުނު ވަގުތު ކަނާތުފައި އަކުނިވަޔަށް ދަމަން އުޅޭހެން ރޫޔާއަށް ހީވިއެވެ. ލޭން ވާގަނޑާ ދިމާލަށް އަތް ދިޔައީ ވަގުތުންނެވެ. ވާގަނޑުގައި ހިފައިގެން، ފެން ގަނޑު މަތީ އޮވެވޭތޯ އޭނާ އުޅުނެވެ. އެހެނަސް ފައި ހަރަކާތް ކޮށްލާ އިރަށް އަރާ ތަދާއެކު އޭނާ ދެލޯ މަރައިލައި ތަގުޅިކޮށްލެވުނެވެ.
ރަޒާންގެ އެހީއެއް ލިބޭނެ ކަމަށް އުންމީދުކޮށްގެން ހުރި ރޫޔާ އޭނާ ހޯދަން ބޯ އަނބުރައިލިއެވެ. ފެނުނު މަންޒަރާއެކު އޭނާ ރުޅިވެސް އައެވެ.
ރަޒާން ހުރީ ދެއަތް އުރައިލައިގެން އޭނާ ހަދާ ނުހަދާ އެއްޗެއް ބަލަންށެވެ. މީހާ ހުރީ ނުލާހިކު ހަމަޖެހިލައިގެންނެވެ.

“ހޫމް؟ ބައުންޓަރީސް ސެޓް ކުރީއްނު ތި”
“ރަޒާން.”
“ލައްބަ” މައުސޫމް ގޮތަކަށް ރަޒާން ޖަވާބު ދިނުމާއެކު ރޫޔާގެ ރުޅި އިތުރު ފަސް ޑިގްރީއަށް އެރިއެވެ.
“މަގޭ ގެނބެން ދޫކޮށްލައިގެންތަ ތިހުރީ؟” ރޫޔާ ހަޅޭއްލަވައިގަތެވެ.
“ޑޮކްޓަރ ނުއެއް ގެނބެއެއްނު، ފެންގަނޑު މަތީ ނުލާހިކު ރީތިކޮށް ތިއޮތީ.”
“ރަޒާން”
“ޔެސް ޑޮކްޓަރ”
“ކަންކުރަންވީގޮތް އަނގަޔަށް އަޅައިދެންވީތަ؟ މަށަށް އެހީވާން އުޅެބަލަ” ނަޒަރަކުން މީހަކު މަރައިލެވޭނަމަ، ރަޒާން މިހާރު އޮންނަނީ ބިންގަނޑުގެ ހަ ފޫޓު ދަށުގައެވެ.
“އެކަމަކު ޑޮކް ބުނިހެން އަހަންނަކީ އެހެން މީހެއްގެ ފިރިއެއް. މީހެއްގެ ފިރިއެއްގެ ގޮތުގައި ހުރެ އެހެން އަންހެނެއްގެ ގައިގައި އަތްލުމަކީ މަނާކަމެއް. ވަފާތެރިވާން ޖެހޭނެދޯ. އެހެންނޫނަސް، ޑޮކް ވަނީ ކުރީ ދުވަހު ޑޮކްގެ ކަންތައްތަކަކީ އަހަންނާ ބެހޭ ކަމެއް ނޫންކަން އަހަންނަށް ވަރަށް ސާފު ސީދާކޮށް އަންގާފަ.” ހަ ފޫޓެއް ނޫނެވެ. ބާރަ ފޫޓު ދަށުގައެވެ.

އަންހެނުން އާޝޯހު ކޮށްލުމަކީ ގިނަ ފިރިހެނުންނަށް ޤާބިލްކަމެއް ނޫނެވެ. ކޮންމެ ދިމާލަކަށް ބަލައިލިޔަސް، ފިރިހެނެއް އެވެނި މިވެނިކަމެއް ކުރި ވާހަކަ އިވިފައި، އަންހެންވެރިން އާޝޯހުވަނީ މަދު ފަހަރަކުންނެވެ.

ރޫޔާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގި އަނގަ ހަދައިގެންނެވެ. މިއީ، ހަ އަހަރު ފަހުން އެނާއާއި ރަޒާންގެ ތިންވަނަ ބައްދަލުވުމެވެ. ކުރީ ދެ ބައްދަލު ވުމަށް ބަލައިލައިފިނަމަ، ކުރެވޭ ކޮންމެ މުޢާމަލާތް ނިމިގެންދަނީ އޭނާ ހައިރާންކަން މަތީ ހުރެއެވެ. ފުރަތަމަ އެއްހާސް ރުފިޔާގެ މަހު ކުއްޔެވެ. ދެން ލިފްޓް ތެރޭ ގެންދެވުނު ޒުވާބެވެ. މިފަހަރު، އެބުނި އެއްޗަކުން ރޫޔާ އާޝޯހުވެ ހުރީ އެހެން ލެވެލެއްގައެވެ.

“ވަފާ..ތެރި؟! މަގޭ ގެނބޭއިރުވެސް ކަލޭއަށް މުހިންމުވީ ވަފާތެރިކަންތަ؟” ރޫޔާ ވާގަނޑުގައި އޮޅުލައިގަންނަމުން ހަޅޭއްލަވައިގަތެވެ. އަރުން ލޭ ރަހަ ނުލާވަރެވެ.
“އަދި ގެނބިފައެއް ނެތެއްނު. ތިއޮތީ ނުލާހިކު ރީތިކޮށް ފެންގަނޑު މަތީ.”
“މަގޭ އަކުނިވަޔަށް ދަމާތީއޭ މިއުޅެނީ.”
“އެނގޭ”
“އަހުމަދު ރަޒާން ބިން މުހައްމަދު ޝަފީޤް” ރޫޔާ ރުޅި ފަޅައިގެން ދިޔައެވެ. އޭނާ އަރު ބުޑުން ހަޅޭއްލަވައިގަތެވެ. “ދިހަ ސިކުންތު.. މަގޭ މި ޕޫލުން ނެރެން!!”
“ސޭ ޕްލީޒް”
“ޕްލީޒް މައި ފުޓް… ކިހާ ދެރަކަމެއް މިއީ.. ލޭއަށް އެކަން ނުކުރެވޭނެކަމަ، ކުރެވޭ ވަރުގެ މީހެއް ހޯދައިގެން މަގޭ މިތަނުން ނެރެން އުޅޭ…” ރަޒާން އިންތަނުން ގުޑައިނުލާ ހުރިތަން ފެނި ރޫޔާ އަނެއްކާވެސް ހަޅޭއްލަވައިގަތެވެ.
“ޕްލީޒް. އޯކޭ.. ކަ ހުވާ މިބުނި، އަތު ޖެހޭއިރަށް..” ރޫޔާ ހަޅޭއްލެވުމުގެ މެދު ތެރޭ ރަޒާން ޕޫލް ތެރެއަށް ފުއްމައިލިއެވެ. “..ހަންގަނޑުން ފެށިގެން އިސްތަށިގަނޑު ނޮޅައިލާ…އާހް” ފިނި ފެންގަނޑު ތެރެއިން، ރަޒާންގެ ހޫނު އަތް ރޫޔާގެ އުނަގަނޑުގައި ހިފަހައްޓައިލުމާއެކު ރޫޔާ ހަޅޭއްލަވައިގަތެވެ. އުނދަގުލަކާ ނުލައި އޭނާގެ އަތްމައްޗަށް ރޫޔާ ނެގިއެވެ.
“ހަތް ސިކުންތު”
އޭނާ ރޫޔާއާއެކު ފަތައިގަތީ ޕޫލުގެ އަރިމައްޗާ ދިމާލަށެވެ. އެ ހިސާބަށް އާދެވުމާއެކު، އޭނާ ރޫޔާ އުފުއްލައިލައި، ޕޫލުގެ ޑެކު މަތީ ބޭންދިއެވެ.
ރޫޔާ އިށީނދެ އިނދެ ފަހަތަށް ޖެހެން ފެށިއެވެ. ފައި ދަމާލެވޭވަރަށް ޖާގަ ހެދެވުމާއެކު ރަޒާން އޭނާގެ ފައިގައި ހިފިއެވެ. ރޫޔާއަށް ބަލަން ހުރެ އޭނާ ރޫޔާގެ ފައިގެ އިނގިލިތަކަށް ދަމާ ހަދަންފެށިއެވެ. ކަކުލާ ދިމާލަށް އިނގިލިތައް ލަނބައިލައި ހެދިއެވެ. ރޫޔާއާ ނަޒަރު ވަކިކޮށްނުލާ ހުރި އިރު އޭނާ ވިސްނުން އެނބުރެނީ އެހެން ދިމާލެއްގައެވެ. ރޫޔާއަށް ފުރިހަމަކޮށް ތެދު ހާމަކުރެވޭކަށް އޭނާއަށް ނެތެވެ. ނަސީރުގެ އިންޒާރުތައް ދިޔައީ އޭނާގެ ސިކުނޑީގައި ގުގުމަމުންނެވެ. އެހެނަސް، އޭނާއަށް ކުރެވޭނެ ކަމެއް އެބަ އޮތެވެ.
“ވަޓް؟” މާނޭވާ ލާން އިން ރޫޔާގެ ނަޒަރާ ސީދާކުރަމުން ރަޒާން އެހިއެވެ.
“ވަރަށް ބޭނުން ތި މޫނުމަތީ ފައިން ޖަހަން”
“ޝުކުރިއްޔާ ބުންޏަސް މާ ރީތިވާނެ”
“މީހުން ކަރުން ލޭ އަންނަ ވަރަށް ހަޅޭއްލަވާ، އަދޭސްކޮށް ހެދީމަ، ކަންކުރާ މީހުންނަށް ޝުކުރު ހައްޤުކަމެއް ނޭނގޭ” އޭނާގެ ފައިން ދޫކޮށްލުމަށްފަހު ޕޫލުން ފޭބިއެވެ. މަޑު ހިނގުމެއްގައި އައިސް މަޑުކޮށްލީ ރޫޔާ ކައިރީގައެވެ. އޭނާ އަތް ދިއްކޮށްލުމާއެކު ރޫޔާ ދެލޯ އަޅައިލިއެވެ.
“ކޮބާ ދެންމެ ކީ ވަފާތެރިކަން؟” ރޫޔާ މޫނު ކުނިކޮށްލަމުން އަހައިލިއެވެ.
“ބޭނުންވީތަ އެ ވަފާތެރިކަން؟” ގުދުވުމަށްފަހު ރޫޔާގެ އަތުގައި ހިފައި އޭނާގެ ކޮނޑުމަތީ އަޅުވައިލުމަށްފަހު، ފެންފޮދެއް ބޯލުންހާ ފަސޭހަކޮށް ރޫޔާ ކޮޅަށް ނެގިއެވެ. އޭނާގެ އަނެއް އަތް ވަނީ ރޫޔާގެ އުނަގަނޑުގައި އަޅުވައިލެވިފައެވެ. “ހިނގޭތޯ ބަލާބަލަ.. ލަސްލަހުން..” ރޫޔާގެ ފިޔަވަޅާއެއް ވަރަށް ރަޒާންވެސް ހިނގަންފެށީ، ރޫޔާގެ ގައިން ދޫކޮށްލުމެއްނެތިއެވެ. ރޫޔާގެ ކަނާތުފައި ނަގައި އިރަށް ރަޒާންގެ ކަނާތުފައިވެސް ކުރިއަށް ޖެހިއެވެ.
ރަޒާނާ އެހާ ކައިރިވެވުމުން ރޫޔާގެ މުޅި ހަށިގަނޑުވަނީ އެކީ އެއްކޮށް ފިނިވެފައެވެ. ރަޒާނަށް ބަލައިލަންވެގެން އިސްއުފުލައިލި ވަގުތު ރަޒާނާ ހަތަރު ކަޅި ހަމަވިއެވެ. ހަމަ ހިމޭންކަމުގެ ސާލެއް އެދެމީހުންގެ ދެމެދުގައި ފެތުރުނެވެ. ހިތުގެ ތެރޭ ފޮރުވިފައިވާ އިހުސާސްތައް ފާޅުވާން އުޅޭހެން ހީވިއެވެ. އެހެނަސް އެ އިހުސާސް ތަކަށް ވުރެ އައިސްފައި ހުރި ރުޅި ގަދަވިއެވެ. އޭނާ ބަލާކަށް ނުހުރެ އަތް ނަގައި ރަޒާންގެ އިސްތަށިގަނޑުގައި ހިފައި ދަމަންފެށިއެވެ.
“ޑޮކް..ރޫޔާ…ތަދުވޭ”
“ތަދުވޭޔޭ؟ ރަނގަޅު…ތަދުކުރަންވެގެންނޭ މި ދަމަނީ”
“ޑޮކްޓަރަކަށްވެ ހުރެ މީހުންނަށް އަނިޔާކުރަން ހެޔޮނުވާނެ” ރަޒާން ރޫޔާގެ އުނަގަނޑުން ދޫކޮށްލުމަށްފަހު، ރޫޔާގެ އަތުގެ މުލައްދަނޑީގައި ހިފިއެވެ. އެ ފިރިހެންވަންތަ މޫނުމަތިން މަޖާކަން ފިލައި ސީރިއަސްވެލީ ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައެވެ.
“ރޫޔާ ބުނެބަލަ” ރަޒާންގެ އަޑު ބަރުވެގެން ދިޔުމާއެކު ރޫޔާގެ ހިތް އަވަސްވިއެވެ.
“ކޮންޗެއް؟”
“އަހަރެން އިނދެގެން އުޅޭކަން ރޫޔާއަށް ޔަޤީންތަ؟”

Share Article

Thea reminisces
Follow Me Written By

Thea reminisces

Level 210 Stories

Currently a uni student who decided to fill her free time writing stories. Be ready to dive into thea's world of imagination and drama. Have a happy reading

Other Articles

Previous

އެ ހަނދާން – 1

Previews
July 23, 2026

އެ ހަނދާން – 1



All Right Reserved!