Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މި ލޯތްބާއި ތި ވަޢުދު (23)

Thea reminisces
Thea reminisces Level 210 Stories
July 26, 2026 10 Mins Read
1 Comment

“ބޭބޭ.. މީ..ކިހާ ވަގުތެއް ނަގާނެ އެޕާޓްމެންޓަށް ދެވެން؟” އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަޖުބޫރުކުރަމުން ޔޫޝާ ކާރު ޑްރައިވަރު ގާތު އެހިއެވެ. އޭނާ ފުންނޭވާއެއް ނެގުމަށްފަހު ފޯނަށް ނަޒަރު ހިންގައިލިއެވެ. ޔޫޝައު އެންމެ ފަހުން ފޮނުވި މެސެޖު ސްކްރީނަށް އެރުމާއެކު އޭނާގެ ހިތް އިތުރަށް އަވަސްވިއެވެ.
“ފަސް މިނެޓް.. އެޑްރެސް އިންނަ ގޯޅިއަށް މިހާރު މި އެޅީ” ކާރުގެ ރިއަރު ލޯގަނޑުން ޔޫޝާއަށް ބަލައިލުމަށްފަހު ޑްރައިވަރު ޖަވާބުދިނެވެ. ރައްދުގައި ޔޫޝާ ބޯޖަހައިލިއެވެ. ވަގުތުގެ ބޭނުން ހިފައި އޭނާ އަވަސް އަވަހަށް ހުޅުވައިލީ ފިރާޝްގެ ޗެޓު ލޮގެވެ. ފިރާޝްގެ ފަރާތުން ރައްދެއް ލިބޭތޯ އިންތިޒާރުގައި އިންނަތާ އެތަށް އިރެއް ވެއްޖެއެވެ.

ކާރު މަޑުކުރުމާއެކު އަތުގައި އޮތް ފަންސާސް ރުފިޔާގެ ނޫޓު ޑްރައިވަރަށް ދިއްކޮށްލިއެވެ. އޭނާ އޭގެ ބާކީ ނުހޯދާ އަވަހަށް ކާރުން ނިކުތީ، މަޑުކުރެވެން ނެތީމައެވެ. ފަހަތުން ކާރު ދޮރުލައްޕައިލުމަށްފަހު އޭނާ ދުއްވައިގަތީ، ކުރިމަތީ ހުރި އިމާރާތަށެވެ. ލިފްޓަށް އެރުމާއެކު އޭނާ ފޯނު ހުޅުވައިލައި ނަމްބަރަކަށް ގުޅައިލިއެވެ. ފޯނު ތިރިކޮށްލީ އެކޯލަށް އެކަކުވެސް ޖަވާބު ނުދިނީމައެވެ.
ނުވަވަނަ ފަންގިފިލާއަށް ލިފްޓުގެ ދޮރު ހުޅުވުމާއެކު އެ ހޯލްވޭގައި ހުރި ހަމައެކަނި ދޮރާ ދިމާލަށް އޭނާ ހިނގައިގަތީ އަވަސް ފިޔަވަޅުތަކާއެކުއެވެ. ދަބަހުން ތަޅުދަނޑިއެއް ނަގައި އޭނާ އެ ދޮރުގެ ތަޅަށް ކޮއްޕައިލައި އަނބުރައިލި ވަގުތު ދޮރު ހުޅުވިގެން ދިޔައެވެ. އެތެރެއަށް ވަންނަން ނެގި ފިޔަވަޅާއެކު، ޔުއާންގެ ކުކުރުމުގެ އަޑު އިވިފައި ޔޫޝާ ހުއްޓުން އެރިއެވެ. ދެވަނަ ސިކުންތުގައި އޭނާ އެ ދޮރު ލައްޕައިލުމަށްފަހު އެތެރެއަށް ދުއްވައިގަތެވެ.

ހަތަރެސް ފައި މައްޗަށް ވެއްޓިފައި އޮތް ޔުއާން އަނެއްކާވެސް ރޮއެގަތީ، ނަސީރު ވައިގެ ތެރޭ ހުރައިލުމަށްފަހު އޭނާގެ ބުރަކަށީގައި ޖެހި ބެލްޓުން ނެގި ދިލައަކުންނެވެ. ސިޓިން ރޫމުން ފެނުނު މަންޒަރާއެކު ޔޫޝާގެ މުޅި ހަށިގަނޑު ފިނިވީ ބިރުންނެވެ. އެހެނަސް އެ ބިރުގެ މައްޗަށް ގަދަވީ އޭނާގެ ކޮއްކޮ ޔުއާންގެ ފުރާނައެވެ..
“ބައްޕާ ހުއްޓާލާ!” އޭނާ ބާރު މިނުގައި ދުވެފައި ގޮސް ނަސީރާ ޔުއާންގެ ދެމެދަށް ވަދުނެވެ. ހިތް އަނގަޔަށް އަންނަން އުޅޭ ހާލު އޭނާ ހިފީ، ނަސީރު ބެލްޓް ހިފައިޓައިގެން ހުރި އަތުގައެވެ. “ޔުއާން މަރުވީމަތަ ތި ހިތް ފުރޭނީ؟” ޔޫޝާގެ ހަޅޭކުގައި ވަނީ އާދޭހެވެ. އެހެން އިންސާނަކަށް އެ އަޑުގައިވާ ވޭން އިވިފައި ހިތް ދެރަވާނެއެވެ.
އެހެނަސް، އެ އާދޭހުގެ ދުނިގަނޑުތަކަށް، ނަސީރުގެ ހަރުވެފައިވާ ހިލަ ހިތްތެރެއަށް ނުވަދެވުނެވެ. އޭގެ ބަދަލުގައި އެ ދުނީގެ ދަނޑިތައް ވެގެން ދިޔައީ ނަސީރުގެ ރުޅީގެ އަލިފާނަށް އެޅުނު ދަރެވެ. އޭނާ ޔޫޝާއަށް ބަލައިލީ، މީހަކު މަރައިލަން އުޅޭ ސުއިޕަކަށް ބަލައިލާ ފަދަ ނަޒަރަކުންނެވެ. ބައްޕައެއް ދަރިއަކަށް ބަލަން ނުވާ ފަދަ ނަޒަރަކުންނެވެ. އެ ފަޅި ސިކުންތުގައި، ބައްޕައެއްގެ ހިމަޔާތްކަން ލިބެންޖެހޭ އަތް ނަގައި ޖެހީ، އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ ކަންކަށިމަތީގައެވެ.
“ދޮންތާ!” އެވަގުތު އެގެއަށް ވަދެގެން އައި ޔޫޝައުއަށް އެމަންޒަރު ފެނުނެވެ.
ބައްޕަގެ ހޫނު އަނިޔާ ޔޫޝާގެ ކަންކަށިމައްޗަށް އެރުމާއެކު، އޭނާ ވިއްސައިގެން ގޮސް ބިންމައްޗަށް ވެއްޓުނެވެ. ނެގި ދިލަޔާއެކު އޭނާ ދެލޯ ފެންކަޅިވިއެވެ. ދެތިން ހަތަރު ނޭވާއެއް ނެގުނީ ވީކަންތައްތައް ބުއްދިއަށް ރޭކާލެވެން ފެށުމާއެކުއެވެ. ތުރުތުރު އަޅަމުންދާ އަތް ނަގައި، ރަތް ވެފައިވާ ކޯތާފަތްމަތީ އަޅައިލެވުނެވެ.
“ހަމަ އަމާހެން ދަރިންވެސް.. ހައްދަވައިގެން ރަނގަޅު އެއްކަމެއްވެސް ނުކުރޭ. އަމާހެން ގަމާރު..” ނަސީރުގެ ބަހާއެކު ޔޫޝާ މޫނު އަނބުރައިލައި ނަސީރަށް ބަލައިލިއެވެ.
“މަންމައާ ނުބެހޭތި..” ޔުއާން އަތުލަފިކޮށްލަމުން ޔޫޝައު ހަޅޭއްލަވައިގަތެވެ.
“ކަލޭ ލަދެއްވެސް ނުގަނޭތަ ބައްޕައާ ދިމާލަށް އަޑު އުފުލަން؟” ނަސީރު ޔޫޝައުއަށް ނަޒަރު ހުއްޓައިލިއެވެ.
“ބައްޕައޭ؟؟ ބައްޕަ ނަމުގައި. ކަމުގައި ތީ އަނިޔާވެރިއެއް. ޖައްބާރެއް. ބައްޕަ ވަނީ ދަރިންނަށް ހިމާޔަތް ދީ ދަރިންނަށް ލޯބިކުރާ މީހުން، ތިހެން އަނިޔާވެރިންނަކަށް ބައްޕައެއް ނުކިޔާނެ. ބައްޕައޭ ކިޔަން ލަދުވެސް ނުގަނޭތަ؟ ތީ އިންސާނެއްވެސް ނޫން. ކޮން އިންސާނެއް އޭނާގެ އަނބިމިހާ މެންޓަލް ހޮސްޕިޓަލެއްގައި ބަންދުކުރާނީ.. ކޮން އިންސާނެއް؟” ޔޫޝައުގެ އަޑު ބާރުވިއެވެ.

އެ ޖުމުލަ ނިމުމާއެކު ނަސީރު ހިނގައިގަންނަން އުޅުނީ ޔޫޝައުއާ ދިމާލަށެވެ. އެ މަންޒަރު ފެނިފައި ޔޫޝާގެ އަނގަޔަށް މޭގަނޑު އެރިފަދައެވެ. ކޮއްކޮމެންގެ ހާލާމެދު ބިރުގަނެފައި ހުރި ޔޫޝާއަށް ނަސީރުގެ ފައިގައި އޮޅުލައިގަނެވުނީ ބޭއިޚްތިޔާރުގައެވެ.
“ނޫން.. ބައްޕާ..ޕްލީޒް..ދެން ހުއްޓާލާ.. އަހަރެން…”
“ތީ ކާކު މަށަށް ގޮތް ކިޔަން؟ މި ހުރިހާ ދުވަހު އަހަރެން ބުނި އެއްވެސް ކަމެއް ކުރިންތަ؟” ނަސީރު ޔޫޝާއާ ދިމާލަށް އެހެން ބުނީ އަޑަށް ބާރު ލާފައެވެ.
“މަގޭ ލާރިން ކިޔަވައިދީފަ، މަގޭ ލާރިން އުނުއަންނައުނު ހޯދައިދީފަ ބޮޑުކުރީމަ.. މީ ދޯ އަހަންނަށް އޭގެ ބަދަލު ދޭން އެނގުނު ގޮތަކީ.. ކަލޭއާ އެއްފެންވަރެއްގެ ފިރިއެއް ހޯދާދީފަ ކައިވެނިކޮށްދިނިން.. ކޮބާ އޭގެ ބަދަލު؟”
ޔޫޝާ ފޮޅުވައިލަންވެގެން އޭނާ ފައި ތަޅުވަން ފެށިއެވެ.
“ހަ އަހަރު! ކަލޭއާ އެ ރަޒާނަށް ދަރިއަކު ހޯދާހާ ވަގުތު އެ ދިޔައީ ބޭކާރުވެގެން. ދަރިއެއް ނުލިބުނުތާ ބަނޑުބޮޑުވެސް ނުވޭ. ކަލޭއަށް ކުރަން ޖެހުނީ އެންމެކަމެއް. ކަލޭއާ ރަޒާންގެ ދަރިއެއް މިދުނިޔެއަށް ގެނައުން.. އެކަމަކު އެކަންވެސް ނުވިއެއްނު. ދެން ބުނެބަލަ، ތީ ކާކު މަށަށް ގޮތް ކިޔަން؟”
“ރަޒާންބެ އެހެދީ ރަނގަޅަށް” ޔޫޝައުއަށް އެދެމެދަށް ނުވަދެ ނުހުރެވުނެވެ.
“ޔޫޝައު އަނގަމަޑުން ލައިގެން ހުރެބަލަ” ނަސީރުގެ ރުޅީގެ ގޮތް އެނގޭތީވެ، ޔޫޝާ އުޅުނީ ޔޫޝައުއަށް އަނިޔާއެއް ލިބުމުގެ ކުރިން، ޔޫޝައުގެ އަނގަ ބަންދުކުރެވޭތޯއެވެ.
“ނޫން. އަހަންނެއް މަޑަކުން ދެނެއް ނުހުންނާނަން. އަހަރެންގެ އުމުރުން ފަސް އަހަރުގައި އަހަރެންގެ މަންމައާ އަހަންނާ ވަކިކުރީ. ޔުއާނަށް ތިން އަހަރުގައި. ލޯބިން ބޮޑުކުރުމުގެ ބަދަލުގައި ބައްޕަ އަހަރެމެން ބޮޑުކުރީ އަނިޔާވެރިކަމާ ބިރުވެރިކަމުގެ ތެރެއިން.. ދޮންތައަށް އަނގަމަޑުން ލައިގެން ހުރެވޭނެ، އެކަމަކު އަހަންނެއް ދެނެއް ނުހުންނާނަން ހަމަ ހިމޭނަކުން. ނަސީބެއް ރަޒާންބެ އަށް ބައްޕައާ ދެކޮޅަށް ދާން ހިތްވަރު ހުރިކަން. ބައްޕަ ހީކުރީތަ ދޮންތަ މެދުވެރިކޮށް ބައްޕައަށް ރަޒާންބެ ކޮންޓްރޯލްކުރެވޭނެކަން؟ ބައްޕަ އެ ކޮމްޕެނީގައި ބަހައްޓާފައި އެހުރީ ހަމައެކަނި ނަމެއްގެ މަތީގައި. އުޑުގައި ޖެހި ބިމުގައި ޖެހުނަސް، ބައްޕަ ބޭނުންވާ އެއްވެސް ގޮތެއް ނުވާނެ.”

“ޔޫޝައު އެބުނީ ރަނގަޅަށް” ރަޒާންގެ އަޑު އައީ އެގޭ މައިދޮރު ކައިރިންނެވެ. އެންމެން އެކީ އެދިމާލަށް ބަލައިލިއެވެ.
ރަޒާނަށް ނަސީރުގެ އަނިޔާވެރިކަން ރީއްޗަށްވެސް ފެނުނެވެ. ޔުއާންގެ ބުރަކަށި މަތިން ފެންނަމުންދާ ލޭއަރައިފައި ހުރި ރޮނގުތަކުން ރަޒާންގެ ރުޅި އިތުރުވިއެވެ. ޔޫޝާއަށްޓަކައި އޭނާ ހިމޭނުން ހުރިޔަސް، އޭނާއަށް ހުރެވޭނީ ވަކި އިމެއްގެ ތެރޭގައެވެ. އެ އިމުން ބޭރުވި ފުރަތަމަ މީހަކީ ނަސީރެވެ.

ރަޒާން ބާރު މިނެއްގައި ހިނގައިގަތީ ބިންމަތީ އޮތް ޔޫޝާއާ ދިމާލަށެވެ. އޭނާއާއެކު އެގެއަށް އައި ފިރާޝް ހިނގައިގަތީ ޔުއާނާ ދިމާލަށެވެ.
“ލަދެއްވެސް ނުގަނޭތަ އަހަރެންގެ އިޒުނައާނުލާ މިގެއަށް ވަންނަން؟”
“ލަދެއްވެސް ނުގަނޭތަ އަހަރެންގެ އަނބިމިހާގެ މޫނުމަތީ ޖަހަން؟” ޔޫޝާ ދެފައި މައްޗަށް ކޮޅަށް ނެގުމަށްފަހު ރަޒާންވެސް ކުރީ ސުވާލެވެ.
“އެއީ މަގޭ ދަރިޔޭ..” ނަސީރު އުޅުނީ ރަޒާން ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފަންށެވެ. ނަސީރުގެ އަތް އޭނާއާ ވަސީލުވުމުގެ ކުރިން، އޭނާ އެއަތް ފޮޅައިލިއެވެ.
“ބުނަންތަ ވާހަކައެއް؟ ދެން ޔޫޝާއަށް، ޔުއާނަށް، ޔޫޝައު އަށް އަނިޔާކުރިޔަސް މަގޭގެ ނުބައިކަން ދައްކާނަން.” ރަޒާންގެ އިންޒާރު އައީ އެވަރަށެވެ. އެނާއަށް އިތުރު އެއްޗެއް ބުނެވެން ނެތީ، ޔޫޝާ އޭނާއަށް ބަލަން ހުރި ގޮތުންނެވެ.
“ޔޫޝައު، ދަބަހަށް ދެމީހުންގެ ހެދުން އަޅައިގެން އާދޭ ބޭބެއާއެކު. ދެން ނުވާނެ މިގޭގަ ހުރެގެން” ރަޒާން ޔޫޝައުއަށް ބަލައިލިއެވެ. ފިރާޝަށް ޔުއާން ހަވާލުކުރުމަށްފަހު ޔޫޝައު އަވަސް އަވަހަށް ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ.
“މަގޭ ކައިރިން މަގޭ ދަރިން ގެންދަން ތިއުޅެނީ؟” ނަސީރު އަތުގައި އޮތް ބެލްޓު އެއްލައިލަމުން ރަޒާނަށް ލޯ އަޅައިލިއެވެ.
“އަނިޔާވެރިއެއްގެ ކައިރީގައި ކުދިން ބަހައްޓަން އަހަންނެއް ބޭނުމެއް ނޫން. ބަހައްޓައިފިއްޔާ ނޭނގޭނެ މަރައިލާނެ ކަމެއްވެސް” އެ ބަސްތައް ނަސީރަށް ވެގެން ދިޔައީ ވިހައަކަށެވެ.
“އަހަންނަކީ އެކުދިންގެ ބައްޕަ. އެކުދިންގެ ބެލެނިވެރިޔާ. އަހަރެންގެ ހުއްދައާ ނުލާ އެކުދިން ގެންދަން ތިއުޅެނީ ކީކޭ ހިތަށް އަރައިގެންތަ؟”
“ނަސީރު ތިއުޅެނީ ޤާނޫނުގެ ވާހަކަ ދައްކަން؟ ހިނގާ. އަހަރެން މައްސަލައެއް ނެތް މިކަން ކޯޓަށް ގެންދަން. ގެވެށި އަނިޔާއިން ފެށިގެން…”
“ރަޒާން، ޕްލީޒް. ހުއްޓާލާ.. ޕްލީޒް” ޔޫޝާއަށް އޭނާ ބޭޒާރުވާން އުޅޭހެން ހީވުމާއެކު އޭނާ އާދޭސްކުރަންފެށިއެވެ.

ރަޒާން ޔޫޝާއަށް ބަލައިލިއެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ.
“ދާން ހިނގާ މިތަނުން. މުޅި ރޭގެ މޫޑު ހަރާބުވެއްޖެ މި ޖާހިލަކާ ހެދި” ޔޫޝާގެ އަތުގައި ހިފައިގެން ރަޒާން ނަސީރު ފަހަނަ އަޅައި ހނގައިގަތީ އެ އެޕާޓްމެންޓުން ނިކުންނަންށެވެ. ފަހަތުން ފިރާޝްމެން އައެވެ.
ނަސީރުގެ ތިން ދަރިން ކާރުގެ ފަހަތަށް އެރުމާއެކު، ރަޒާން ގޮސް އެރީ ކާރުގެ ޕަސެންޖަރ ސީޓަށެވެ. ފިރާޝް އިށީނީ ކާރު ޑްރައިވަރުގެ ސީޓުގައިއެވެ.
“ކީއްވެގެން ނަސީރު ކުއްލިއަކަށް އަނިޔާކުރަންފެށީ؟” ކާރުގެ ރިއަރު ލޯގަނޑުން ޔުއާނަށް ބަލަން އިނދެ ރަޒާން އެހިއެވެ.
“މަންމައަށް ގުޅަން އުޅުނީމަ..” ޔުއާންގެ ޖަވާބު އައީ މަޑުންނެވެ.
“ނަސީބެއް ދޮންތަ ފިރާޝްބެއަށް މެސެޖުކުރިކަން.. އެހެން ނޫނީ ނޭނގޭ މިރޭ ވާނެ ގޮތެއް” ޔޫޝައު ގޮށްމުއްކަވައިލަމުން ބުންޏެވެ.
“ތެދެއް.” ރަޒާން ޔޫޝައުއަށް ބަލައިލިއެވެ.
“ދެން ކޮންތާކަށް އަހަރެމެން ތި ގެންދަނީ؟ އަހަންނެއް ބޭނުމެއްނޫން ރަހުމާއްތަމެންނަށް އަހަރެމެންގެ މިހާލަތު ދައްކާކަށް.” ޔޫޝާގެ އަޑު އައީ ދެނެވެ.
ޔޫޝާގެ ސުވާލަށް ރަޒާން ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާ އެ ތިން ބެއިންނަށް ހަދާނެ ގޮތަކާމެދު ވިސްނައިލިއެވެ. އަނެއް ކޮޅުން ސިކުނޑީގައި އެނބުރެމުންދިޔައީ ރޫޔާގެ ޚިޔާލުތަކެވެ. ފިރާޝް އެވަގުތު ފޯނު ކޯލާއެކު ޕޫލް ރޫމަށް ނައިނަމަ ވާނީ ކިހިނެއްބާއެވެ؟ ރޫޔާއަށް އެހުރިހާ ވާހަކައެއް ކިޔައިދެވޭނެ ހެއްޔެވެ؟
އެ ސުވާލާއެކު ރަޒާން ހުއްޓުން އެރިއެވެ. ރިއަރު ލޯގަނޑުން އޭނާ ޔޫޝާއަށް ބަލައިލިއެވެ. ނަސީރުގެ ކަންތައްތަކުން މިންޖުނުވަނީސް، އޭނާއަށް ތެދު ހާމަކުރެވޭކަށް ނެތެވެ. މިއަދު މި ފެނުނީ ނަސީރުގެ އަނިޔާވެރިކަމުގެ ކުޑަ މިންވަރެކެވެ. ރަޒާނާއި ޔޫޝާގެ ސިއްރު ނަސީރުގެ ކަންފަތަށް ވާސިލުވެއްޖެނަމަ، އޭނާގެ އަތުން ހަދާނީ ކޮން ގޯހެއްކަމެއް އޭނާއަށް ނުވިސްނެވެ. އެނގޭހާ އެއްޗަކީވެސް، ނަސީރުގެ ރުޅިވެރިކަމުން އަނދާ ހުލިވާނީ މައުސޫމު ޔޫޝާއާއި ޔޫޝާގެ ކޮއްކޮމެންނެވެ.
***

“އަހަރެން އިނދެގެން އުޅޭކަން ރޫޔާއަށް ޔަޤީންތަ؟”
ރަޒާންގެ އެ ބަސްތަކަށް މިއަދު މިވީ ދެހަފްތާއެވެ. އެހެނަސް އެބަސްތައް ރޫޔާގެ ސިކުނޑިން ބޭރުނުވިއެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު މޭޒުމަތީ ބޯއަޅައިލިއެވެ. އަތުގައި އަޅައިފައި އޮތް ގަޑިއަށް ނަޒަރު ހިންގައިލިއެވެ. ޑިއުޓީ ނިމެން ބަކީ ފަނަރަ މިނެޓް އެބައޮތެވެ.
ރަޒާންގެ ޚިޔާލުތައް ފޮހެލުމަށްފަހު އޭނާ ކޮމްޕިއުޓަރުގެ ހޮސްޕިޓަލް ސިސްޓަމަށް ވަދުނެވެ. އޭނާއަށް އެޕޮއިންޓްމެންޓް ހައްދާފަ، ނަމްބަރު ކަޓާފައި އިނީ ހަތަރު މީހުންނެވެ. ކެޓި ނަމްބަރުތަކަށް ގޮވަން ޖެއްސުމަށްފަހު އޭނާ ފޯނު ނެގިއެވެ.

ނަމްބަރު ކެޓި ހަތަރު މީހުންތެރެއިން އޭނާއާ ދައްކަން އައީ ދެ މީހުންނެވެ. ފަރުވާ ދޭންޖެހޭ ތަނުގައި ފަރުވާ ދިނުމަށްފަހު، ޓެސްޓް ހަދަން ޖެހޭ މީހާއަށް ޓެސްޓު ހަދަން ދިނުމަށްފަހު އޭނާ ޑިއުޓީ ނިންމައިލިއެވެ. އެހެނަސް ހޮސްޕިޓަލުން ނިކުތުމުގެ ބަދަލުގައި އޭނާ މިސްރާބުޖެހީ ކުޑަކުދިންގެ ވާރޑާ ދިމާލަށެވެ.

“ނޮކް ނޮކް… ކޮބާތަ ދައްތަގެ ލޯބި ލަމް؟” ޕްރައިވެޓް ރޫމުގެ ދޮރުގައި ޓަކި ޖެހުމަށްފަހު ރޫޔާ އެކޮޓަރިއަށް ވަދުނެވެ. ރޫޔާ ފެނުމާއެކު، އެނދުމަތީ ތުން ދަމައިގެން އޮތް ލަމްޔާ އިށީނެވެ. ކުރިން ފާޅުވާން ހުރި ހިތާމަތައް ފިލައި، އުފާވެރިކަން ފާޅުވިއެވެ.
“ރޫއްތާ…” ބައްދައިލަންވެގެން ދެއަތް ހުޅުވައިލަމުން ލަމްޔާ ގޮވައިލިއެވެ.
“ދައްތަގެ ލަމް.. ހޫމްމް..” ރޫޔާ ލަމްޔާގެ އަތު ތެރެއަށް ވަދެގަތެވެ.
“ދައްތަ ގައިން ދުވަނީ ސެނިނައިޓާ ވަސް” ނޭފަތް ދަމަމުން ލަމްޔާ އެހެން ބުނުމާއެކު ރޫޔާއަށް ހެވުނެވެ. ލަމްޔާގެ އިސްތަށިގަނޑު ރީތިކޮށްލަމުން ރޫޔާ މޫނު ހަދައިލިއެވެ.
“ސެނިޓައިޒާ…ލަމް..ސެނިޓައިޒާ”
“ސެނިނައިޓާ” ލޯބިގޮތަކަށް ލަމްޔާ ތަކުރާރުކޮށްލިއެވެ.

“ރޫ…” އެ ކޮޓަރިއަށް ވަތް ސާޖިދަށް ރޫޔާ ފެނިފައި ގޮވައިލިއެވެ.
“ސާޖް.. ރަހާ؟” ސާޖިދްގެ ފަހަތުން އެކޮޓަރިއަށް ވަދުނު ރަހާ ފެނިފައި ރޫޔާ ނިތް އަރުވައިލިއެވެ.
“ދޮންތާ..މީ..”
“އަހަރެން ބުނީ ރަހާ ގާތު ލަމް ބަލަން އައިސްދީބަލަށޭ” ސާޖިދް އޮޅުން ފިލުވައިދިނެވެ. ރޫޔާ ސާޖިދަށް ބަލައިލީ ސުވާލު އުފެދިގެންނެވެ.
“ކޮބާ ލީނާ؟” ރޫޔާ އެހި ސުވާލާއެކު ރަހާއާއި ސާޖިދު ހުއްޓުން އެރިއެވެ.
“މަންމަވީ ވޯކުގައި.. ރިސޯޓަށް ގޮސް” ކުޑަކޮށް ދެރަވެފަހުރެ ލަމްޔާ ޖަވާބު ދިނެވެ.
“ލަމީ، ދައްތަ ބުނީމެއްނު މަންމަ އަންނާނޭދޯ.. ހީލަބަލަ. ތިހެން ދެރަވެ ތުންދަމައިގެން ހުންނަންޏާ ތުން ދިގުވާނެ، ޕިނޯކިއޯގެ ނޭފަތް ދިގުވިހެން” ލަމްޔާގެ ކުޑަ ނޭފަތުގައި ހިފައިލަމުން ރޫޔާ ސަމާސާކޮށްލިއެވެ.
“ޕިނޯކިއޯ ނޭފަތް ދިގުވީ ދޮގުހެދީމައޭ. ދޯ ރާއްތާ”
ލަމްޔާގެ ސަމާލުކަން ރަހާއަށް ދިޔުމާއެކު ރޫޔާ ސާޖިދަށް ބަލައިލައި އިޝާރަތްކުރީ ދޮރާ ދިމާލަށެވެ.
ކޮޓަރިން ބޭރަށް ނިކުތުމާއެކު ރޫޔާ ދެއަތް އުރައިގެން ހުރެ ސާޖިދަށް ބަލައިލީ ނުރުހުންވެފައެވެ. އެއްޗެކޭ ނުބުނެ ދެމީހުން ދިޔައީ ކެންޓީނަށެވެ. އެ ކުޑަ ވަގުތުކޮޅުގައި، ރޫޔާ ސިކުނޑީގައި އެތަކެއް ޚިޔާލުތަކެއް އެނބުރެމުންދިޔައެވެ. ލަމްޔާ ހޮސްޕިޓަލުގައި އޮންނަތާ މިވީ ދެދުވަހެވެ. ދެދުވަސްވެގެން ދިޔައިރު، ލީނާ ހޮސްޕިޓަލަށް އައިކަމެއް ނައިކަމެއް ނޭނގެއެވެ.
“ސާޖިދް، މަށަށް އޮޅުވާލަން ނޫޅެއްޗޭ.. ކޮބާ ލީނާ؟” ރޫޔާ އެހިއެވެ.
ސާޖިދު ނޭވާއެއް ދޫކޮށްލުމަށްފަހު ހުސް މޭޒުދަށުގައި އިށީންނެވެ. އޭނާ ޖީބުން ފޯނު ނަގައި ލީނާގެ ނަމްބަރަށް ގުޅައިލިއެވެ. ފޯނު ޖަވާބު ނުދިނެވެ.
“ސީރިއަސްލީ؟” ރޫޔާ ދެކޮޅަށް ބޯ ހޫރައިލިއެވެ.
“ރޫ.. ލީނާ އަންނާނަމޭ ބުންޏޭ.. ދެން އެހާ ހާސްނުވެބަލަ…”
“ހާސްނުވާށޯ.. ސާޖް، އެކުއްޖައަށް ޑެންގޫ ޖެހިގެން އުޅޭއިރު ތިބުނީ މަ ކައިރީ ހާސްނުވާށޭތަ؟” ރޫޔާ ގާތަށް ރުޅިވެސް އައެވެ.
“ރޫޔާ.. އަހަރެންވެސް މިހުރީ ލީނާ ދެކެ ރުޅި އައިސް. އެކަމަކު ރުޅިއަށްވުރެ ލަމްގެ ހާލަތު އިސްކޮށްގެން މިހުރީ…” ސާޖިދު ބޭނުންވީ މައުޟޫ ބަދަލުކުރަންށެވެ.
“ސާޖިދު ކަމެއް ފޮރުވަނީތަ؟” ރޫޔާ ދެބުމަ ގޮށްޖަހައިލިއެވެ. އޭނާ ސާޖިދަށް ރަނގަޅަށް ބަލައިލިއެވެ.
“ރޫ ނުބުނާތި މިވާހަކަ އެއްވެސް މީހެއްގާތު، ރަހާ، މައި..އެއްވެސް މީހެއް ގާތު” ސާޖިދުގެ ބަސްތަކާއެކު ރޫޔާގެ ހިތުގައި ނުތަނަވަސްކަމެއް އުފެދުނެވެ. އޭނާ ބޯ ޖަހައިލީ އެއްބަސްވަމުންނެވެ.
“ލީނާ..” ސާޖިދު ނޭވާއެއް ނެގިއެވެ. “އަކީ ބޭވަފާތެރިއެއް” ރޫޔާ ދެލޯ ބޮޑުވިއެވެ. ސާޖިދު ބުނި ޖުމުލަ ފަހުމުވާން އިރުކޮޅެއް ނެގިއެވެ.
“ތިބުނީ…ލީނާ…އެހެން ފިރިހެނުން…” އޭނާ ޖުމުލަ ފުރިހަމަކުރެވުމުގެ ކުރިން އަނގަމަތީ އަތް އެޅިއެވެ.
“ސާޖް، ޔަޤީންތަ؟” ރޫޔާގެ މޫނުމަތިން ފެންނަމުންދިޔައީ ހާސްކަމެވެ. ޖަވާބުގައި ސާޖިދު ބޯޖަހައިލިއެވެ.
“ދެން.. ކިހިނެއް ހަދަން ތިއުޅެނީ؟ ދެމީހުން ވާހަކަ ދެއްކިންތަ؟” ރޫޔާ އަހައިލިއެވެ.
ސާޖިދު އަނެއްކާވެސް ފުންނޭވާއެއް ނަގައިލިއެވެ. އޭނާ ބޮލުގައި އަތް ކާއްތައިލުމަށްފަހު ދުރަށް ބަލައިލިއެވެ.
“ރޫ..އަހަންނަކަށް ނެތް ލީނާ ވަރިކުރެވޭކަށް”
“ސާޖިދު…”
“ރޫ… އަހަރެން މީ… ރޫ ހީކުރާ ކަހަލަ މީހެއްނޫން.. އަހަންނަކީ…”
___

“ލީނާއަށް ތިކަން އެނގޭތަ؟” ލިފްޓު ތެރޭގައި ދެމީހުން އެކަނި ވުމާއެކު ރޫޔާ އަހައިލިއެވެ. ސާޖިދު ބޯ ހޫރައިލިއެވެ.
“ޝިޓް، ސާޖް.. ދެން ތިބުނަނީ އަހަންނަށް އެކަނި އެގޭ ވާހަކަތަ؟”
“ނޫން” ލިފްޓުން ނިކުންނަމުން ސާޖިދު ދެކޮޅު ހެދިއެވެ.
“ރަހާއަށް އެނގޭނެ..”

އެވަގުތު އެ ފަންގިފިލާއަށް މަޑުކޮށްލި ދެވަނަ ލިފްޓުން ނިކުމެގެން އައި ލީނާ ފެނިފައި ރޫޔާ ނޭވާއެއް ދޫކޮށްލިއެވެ.
“ސާޖް، ލަވް.. ކޮބާ ލަމް؟” އާދޭހުގެ ރާގަކަށް ލީނާ އެހެން އެހުމާއެކު ރޫޔާއަށް ހެވުނެވެ.
“އެހެރި ކޮޓަރީގަ.. ރަހާއާއެކު އެބަ އިން” ސާޖިދް އިޝާރަތްކުރީ ލަމްޔާ އޮތް ޕްރައިވެޓް ރޫމަށެވެ.
“ރަހާ ކީއްކުރަނީ މިތާ؟”
“ލީނާ ނެތްތާ ލަމްޔާ ބަލަން ވެގެން” ޖަވާބު ދިނީ ރޫޔާއެވެ. ރޫޔާ ފެނިފައި ލީނާގެ މޫނުމަތިން ރުޅިވެރިކަން ފާޅުވިއެވެ.
“މަށެއް ނުބުނަން ތި ރަހާގާތު މަގޭ ދަރި ބަލަށެކޭ.. ދެން ދޭ މިތަނުން. ކަލޭމެން މިތަނަށް އައި ބޭނުން ފުދިއްޖެއެއްނު.” ލީނާ ބަސްތައް ބޭރުވީ ރުންކުރުކޮށެވެ. އޭނާ ރޫޔާގެ ޖަވާބަށް މަޑުކުރުމެއް ނެތި އެކޮޓަރިއަށް ވަދުނެވެ.
“ލީނާއަށް އެނގޭތަ ސާޖިދު ތިކުރާ ކަމެއް؟” ހަމައެކަނި ސާޖިދަށް އަޑުއިވޭވަރަށް ރޫޔާ އަހައިލިއެވެ.
“ނޫން.” ސާޖިދު މޫނުގައި އަތް އަޅައިލަމުން ބުންޏެވެ.
***
ބަދިގެ ތެރެއިން މީހަކު ލަވަކިޔާ އަޑުއިވިގެން ރޫޔާ ކޮޓަރި ދޮރުން ބޭރަށް ބޯ ދިއްކޮށްލިއެވެ. ރަހާގެ އަޑު އިވިފައި ރޫޔާ ބޯ ހޫރައިލިއެވެ. އަވަސް އަވަހަށް ފޯނު ނަގައި ކެމެރާ ހުޅުވައިލުމަށްފަހު ވީޑިޔޯ ރިކޯޑުކުރަން ޖެއްސުމަށްފަހު ކޮޓަރި ދޮރުމަތީ ހުރެ، ރަހާ ލަވަ ކިޔާ މަންޒަރު ވީޑިޔޯ ކުރަން ހުއްޓުނެވެ.

ބަތް އަޅާ ސަމުސާއިން، ކުކަރުގައި ހުރި ބަތްކޮޅު ކުޑަ ތަށްޓަކަށް އެޅުމަށްފަހު އޭނާ އުޅުނީ، އުނދުނު މަތީ ހުރި ގަރުދިޔަ ތެލިން ގަރުދިޔަ އަޅަންށެވެ. ފިޔާކޮޅަކާ، ލޮނބޯކޮޅެއް ތަށްޓަށް އެޅުމަށްފަހު އޭނާ އެތަށި މަތި ޖެހިއެވެ. ކޮތަޅެއް ހޯދަން އެނބުރުނު ވަގުތު، ކޮޓަރި ދޮރުމަތީ އޭނާގެ ލަވަކިޔުން ވީޑިޔޯ ކުރަން ހުރި ރޫޔާ ފެނި ހަޅޭއްލަވައިގަތެވެ.
“ދޮންތާ!!” ރަހާ ގަތް ލަދާއެކު ރުޅިވެސް އައެވެ. ރޫޔާ އަތުން ފޯނު އަތުލަންވެގެން އޭނާ ދުއްވައިގަތެވެ.
“މަންމައަށް ފޮނުވަނީ… މަޑުކުރޭ” އަތުނުވަންވެގެން ރޫޔާވެސް ދުއްވައިގަތެވެ. ދެމީހުން ސިޓިން ރޫމުގެ ސޯފާ ވަށާ ދުވަމުން ދިޔައެވެ.
“ދޮންތާ! ނޫން.. ނުފޮނުވާތީ”
“އުޕްސް.. މާލަސްވެއްޖެ”

ރަހާގެ ފޯނަށް މެސެޖެއް އައި އަޑު އިވިފައި ދެބެއިންގެ ސަމާސާއަށް ހުއްޓުން އެރިއެވެ. ރަހާ ރޫޔާއާ ދިމާލަށް ލޯ އަޅައިލުމަށްފަހު، މޭޒުމަތީ އޮތް ފޯނު ނެގިއެވެ.
“ފެމިލީ ގްރޫޕް ޗެޓަށް ތި ފޮނުވީ…” ރަހާ އަނެއްކާވެސް ރޫޔާއާ ދިމާލަށް ދުއްވައިގަތެވެ.
“ގަސްތަކުއެއް ނޫނޭ…” ރަހާއަށް ހިފުނީ ރޫޔާގެ ދޫކޮށްލެވިފައި އޮތް އިސްތަށިގަނޑުގައެވެ. ފުރުސަތުގެ ބޭނުން ހިފަ، ރަހާ ރޫޔާގެ އުނަގަނޑުގައި އޮޅުލައިގަނެފައި ކޮށްޕައިލީ ސޯފާއާ ދިމާލަށެވެ. ދެމީހުން ވެއްޓުމާއެކު، ސޯފާ މަތީ އޮތް ކުޑަ ބާލީސް ނަގައި، އޭގެން ރޫޔާގެ ގައިގައި ތަޅަން ފެށިއެވެ. މުޅި ގޭތެރޭ ގުގުމަމުން ދިޔައީ ދެބެއިންގެ ހުނުމުގެ އަޑެވެ.

“އަނެއްކާވެސް ލަމްއަށް ކާން ގެންދަން ތިއުޅެނީ؟” މޭޒުމަތީ ހުރި ތަށިބަރިތައް ފެނިފައި ރޫޔާ އެހެން އަހައިލީ، ދެމީހުން ހަމަޖެހުން ފަހުއެވެ.
“ހޫމް. ސާޖިދު ބުނީ ގެނެސްދޭށޭ” ރަހާ ތެދުވަންނަމުން ބުންޏެވެ.
“ކޮބާ ލީނާ؟ އޭނާ ކޮންކަމެއް ކުރަނީ؟” ރޫޔާވެސް ތެދުވަންނަމުން ސުވާލުކުރިއެވެ.
“ލީނާ ދޯ… ލީނާ ގެންނަ އެއްޗެހި ކަމު ނުގޮސްގެން ސާޖިދު ބުނީ އަހަރެން ކައިރީ”
“ތިބުނީ؟”
“ޑީޕް ފްރައިޓް، ޖަންކް ފުޑް. ބަލި މީހަކަށް ކާން ގެންދަން ނުވާނެ ކާއެއްޗެހި. ހާއްސަކޮށް ކުޑަކުއްޖަކަށް” ކަބަޑަކުން ކޮތަޅެއް ނަގަމުން ރަހާ އެ ތަށިބަރިތައް، އެކޮތަޅު ތެރެއަށް ލިއެވެ. “ސާޖިދު ލީނާ ކައިރީ ބުނި ރަނގަޅު އެއްޗެއް ކައްކައިގެން ގެންނަން. އޭނާ އެހެން ނުހެދީމަ އަޅުގަނޑު ކައިރީ އެހި”
ރޫޔާ ވިސްނަން ހުރެފައި ބޯ ޖަހައިލިއެވެ.
“ދެން ރަހާ އަދިވެސް ސާޖިދު ދެކެ ލޯބިވޭތަ؟” އެސުވާލާއެކު ރަހާ ހުއްޓުން އެރިއެވެ. ދޮންތަގެ ސުވާލަށް ޖަވާބު ދޭނެ ގޮތަކާމެދު ވިސްނައިލިއެވެ.
“މިއީ.. ލަމްއަށް ކޮށްދޭ ކަމެއް. ސާޖިދު އެހިޔަސް ނޭހިޔަސް، ވަކި ސާޖިދު ދެކެ ލޯބިވެގެންނެއް ނޫން”
“ރަހާ..”
“ދޮންތަ ތި ހީކުރާ ކަހަލަ ކަމެއް ނޫނޭ މީ”
ރޫޔާ ފުންނޭވާއެއް ނަގައިލިއެވެ. އޭނާ މޫނުމަތިން ފާޅުވަމުންދާ ސީރިއަސްކަން ފެނިފައި ރަހާ ހުއްޓުން އެރިއެވެ.
“ރަހާއަށް އެނގޭދޯ ސާޖިދު ކުރާ މަސައްކަތް؟” ރޫޔާ އެހީ އެނގިހުރެއެވެ. ރޫޔާގެ ސުވާލާއެކު ރަހާގެ ދެލޯ ބޮޑުވިއެވެ.
“ދޮންތައަށް ކިހިނެއް އެކަން އެނގުނީ؟” ރަހާ އެހެން އެހީ ޖެހިލުންވެ ހުރެއެވެ.
“ސާޖް ބުނީ”
“ދެން.. އިތުރު އެއްޗެކޭ ބުނިތަ؟” ރަހާ ހަމަ އެ ޖެހިލުންމަތީ ހުރެ އެހިއެވެ. ސިއްރެއް ފޮރުވަން އުޅޭހެން ހީވާފަދައެވެ.
“ނޫން.. ނުބުނޭ” ރޫޔާގެ ޖަވާބުން ރަހާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ ހިތާހިތުން ޝުކުރުވެރިވެވުނެވެ.
***

“ރޫއްތާ…” ރޫޔާގެ އަތުގައި ހިފައިގެން، ހޮސްޕިޓަލް ތެރޭ އިންނަ، ކުޑަކުދިންނަށް ހާއްސަކޮށް ހަދައިފައި އިންނަ ޕްލޭ އޭރިޔާއާ ދިމާލަށް ހިނގަމުން ދިޔަ ލަމްޔާ އިސްއުފުލައިލައި ރޫޔާއަށް ބަލައިލިއެވެ.
“ލައްބަ ދޫނީ…” ޕްލޭ އޭރިޔާއަށް ވަންނަމުން ރޫޔާ ޖަވާބު ދިނެވެ.
“މާދަންތަ އަޅުގަނޑަށް ގެއަށް ދެވޭނީ؟” ރޫޔާ ބެންޗުގައި އިށީނދެ ހަމަޖެހިލި މަންޒަރު ބަލަން ހުރެފައި ލަމްޔާ އަހައިލިއެވެ.
“ލައްބަ.. މާދަން ލަމް އަށް ގެއަށް ދެވޭނެ. ލަމް ބަސްއަހައިގެން ބޭސްބޮއެ، ރަނގަޅު ކާއެއްޗެހި ކާ ތީވެ، އެހާ އަވަހަށް ރަނގަޅުވީނު..”
“އޯކޭ..” ވިސްނަން ހުރެފައި ލަމްޔާ ބޯ ޖަހައިލިއެވެ. އެއްޗެކޭ ނުބުނެ އޭނާ އެހެން ކުދިންނާއެކު ކުޅެން ފެށިއެވެ.

ކުޅެ ސަކަރާތް ޖަހަން ހުރި ލަމްޔާ ކަރު ހިއްކައިގަނެގެން އުޅޭތީވެ، އެތަނުގައި މަޑުކޮށްގެން ހުރި ބެލެނިވެރިޔާ ކައިރީ ލަމްޔާ އިރުކޮޅަކަށް ބަލައިލަން އެދިފައި ރޫޔާ ހިނގައިގަތީ ފެންފުޅިއެއް ގަންނަންށެވެ. ރޫޔާ އަންނަންދެން މަޑުކުރުމެގެ ބަދަލުގައި ލަމްޔާ އަނެއްކާވެސް ދިޔައީ ކުދިންތަކާއެކު ކުޅެންށެވެ.

ރޫޔާ ނައިސްގެން ލަސްވެގެން ލަމްޔާ އަނެއްކާވެސް އެ ބެންޗާ ދިމާލަށް ހިނގައިގަތެވެ. މިފަހަރު އެ ބެންޗުގައި އިށީނދެ އިނީ ފިރިހެނެކެވެ. ލަމްޔާ ބޯ އަރިކޮށްލުމަށްފަހު އެ ފިރިހެން މީހާއަށް ބަލަން ހުއްޓެވެ.
ކުޑަކުދިންނަށް ހާއްސަކޮށް ތައްޔާރުކޮށްފައި ހުރި ޕްލޭ އޭރިޔާގެ ބެންޗުގައި އިށީނދެއިން ރަޒާން ނޭވާއެއް ދޫކޮށްލުމަށްފަހު ފޯނު ހުޅުވައިލިއެވެ. އެމަޖެންސީ އޮޕަރޭޝަނެއް ކުރަން ޖެހިގެން ރާޝިދު ވަނީ އޮޕަރޭޝަން ނިމެންދެން މަޑުކުރަން އެދިފައެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ އީމެއިލް ހުޅުވައިލައި ކިޔަން އުޅުނެވެ. އެހެނަސް ކުއްޖަކު މާވަރަކަށް އޭނާއަށް ބަލާތީވެ އޭނާއަށް އެއަކަށް ސަމާލުކަމެއް ނުދެވުނެވެ.

ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ ފޯނު ތިރިކޮށްލުމަށްފަހު އެކުޑަ އަންހެން ކުއްޖާއަށް ބަލައިލިއެވެ. ފެންނަ ފެނުމުން އެކުއްޖާއަށް ހަތަރު އަހަރުވެދާނެއެވެ. ކަނާއަތުގައި އިން އައިވީ ބޭސްގަނޑު ފެނިފައި އެއީ ހޮސްޕިޓަލުގެ ޕޭޝަންޓެއްކަން އޭނާއަށް ވިސްނުނެވެ.
ރަޒާން އެކުއްޖާއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ރައްދުގައި އެކުއްޖާ އަނގަ ހަދައިލިއެވެ. ރަޒާނަށް ހެވުނެވެ. އެ ޢަމަލުން އޭނާއަށް ހަނދާންވީ ރޫޔާގެ މަތިންނެވެ.
“ކޮބާ ކޮއްކޮގެ މަންމަ؟” ރަޒާން ދެކޮޅު ހޯދައިލީ އެ ކުއްޖާގެ ބެލެނިވެރިޔާ ފެނެތޯއެވެ.
“މަންމައެއް ނެތް.. ލަމް އައީ ރޫއްތައާއެކު” ރަޒާންގެ ސުވާލަށް އެކުއްޖާ ޖަވާބު ދިނީ މަޑުމަޑުންނެވެ.
“ރޫއްތަ؟” ރަޒާންގެ މަޑުމައިތިރި އަޑާއެކު ލަމްޔާގެ ބިރު ފަނޑުވަމުންދިޔައެވެ.
“ހޫމް.. ރޫއްތަ. ލަމްގެ ރޫއްތަ. ފެންފުޅިއެއް ހޯދަން ދިޔައީ.” ރަޒާން ކައިރީގައި އިށީންނަމުން ލަމްޔާ ޖަވާބު ދިނެވެ.
“އެހެން..”
“ލައްބަ. ބޭބެގެ ކޮއްކޮ ކޮބާ މިތަނުން؟” ކުދިންތަކަށް ބަލަމުން ލަމްޔާ އަހައިލިއެވެ. ރަޒާން ހީލިއެވެ.
“ބޭބެގެ ކޮއްކޮއެއް ނެތް މިތާނގައެއް..” ރަޒާން ބެންޗުގައި ލެނގިލަމުން ޖަވާބު ދިނުމާއެކު ލަމްޔާ ރަޒާނަށް ބަލައިލިއެވެ. އެ މައުސޫމު ކުޑަކުއްޖާއަށް ވިސްނުނީ އެހެން މާނައެއްކަން އޭނާއަށް އެނގުމާއެކު އަވަހަށް އޮޅުން ފިލުވައިދޭން އުޅުނެވެ. “ބޭބެގެ ކޮއްކޮމެން ބޮޑުވެފަ..”
“ދެން ބޭބެގެ ނުހުރޭތަ ބޭބީއެއް؟” ލަމް އަކީ ލަމްގެ މަންމައާއި ބައްޕަގެ ބޭބީ. އެކަމަކު ރޫއްތަ ބުނޭ ލަމްއަކީ ރޫއްތަގެވެސް ބޭބީއެކޭ. ރާއްތަގެވެސް، ބޮޑުދޮންތިގެވެސް..” ދެފައި ތަޅުވަމުން ލަމްޔާ އަހައިލީ މާސޫމުކޮށެވެ.
“ބޭބެ ނުހުރޭ ބޭބީއެއް..” ރަޒާން އެކުއްޖާއަށް ބަލަމުން ބޯ ހޫރައިލިއެވެ. އެކުއްޖާގެ އެސުވާލުން އޭނާގެ ބުއްދީގައި އެތަކެއް ޚިޔާލުތަކެއް އުފެދުނެވެ. ތަޤްދީރު އެދެމީހުންގެ ލޮތްބާ ނުބެހުނުނަމަ، ރޫޔާއާ އޭނާގެ ދަރިފުޅު އުޅުން މިހާ މައުސޫމު ވާނެހެއްޔެވެ؟ އެދެމީހުންގެ ދަރިފުޅަށް ޖަހާނީ ކޮން ސިފައެއްހެއްޔެވެ؟ އެކުއްޖާއާ އެންމެ ވައްތަރުވާނީ ކާކާ ހެއްޔެވެ؟ ރޫޔާ ނޫނީ އޭނާއާ ހެއްޔެވެ؟
“ބޭބެއަށް ކިޔަނީ ކޮންނަމެއް؟” ލޯބި ގޮތަކަށް ހީލަމުން ލަމްޔާ އަހައިލިއެވެ.
“ރަޒާން.. ކޮއްކޮއަށް ކިޔަނީ ކޮންނަމެއް؟” ރަޒާން އެކުއްޖާގެ އިސްތަށިގަނޑުގައި ފިރުމަމުން އަހައިލިއެވެ.
“ލަމްކޮ…ނޫން…ލަމްޔާ”
“ލަމްޔާ.. މާޝާﷲ ރީތި ނަމެއް” ރަޒާން ހީލިއެވެ.
“ބޭބެ ދެން ކީއްކުރަނީ މިތާ؟” ލަމްޔާ ސުވާލުކުރިއެވެ.
“ބޭބެގެ ފްރެންޑެއް އަންނަންދެން މަޑުކޮށްގެން މިހުރީ.. އެހެންވީމާ ދެމީހުންވެސް މި މަޑުކުރަނީ މީހަކު އަންނަންދެން ދޯ” ރަޒާން އެހެން ބުނުމާއެކު ލަމްޔާ ހެވުނެވެ. އަދި ބޯ ޖަހައިލިއެވެ.
“ދެން ލަމްކޮ ކުޅެން ނުދަންތަ؟ އެހެން ކުދިންވެސް އެކުޅެނީއެއޮއް” ރަޒާން އަހައިލިއެވެ. މިފަހަރު ލަމްޔާ ބޯ ހޫރައިލިއެވެ.
“ލަމް ބޭނުންވަނީ އައިސް ކްރީމް ބޯން. އެކަމަކު ރޫއްތަ އައިމަ ދޯ އައިސްކްރީމް ބޯން ދެވޭނީ” ތުން ދަމަމުން ލަމްޔާ ބުންޏެވެ.
“ތިހެން ތުން ދަމާކަށް ނުވާނެ. ތުން ދެމީމަ، ތުން ދިގުވާނެ.. ޕިނޯކިޔޯގެ ނޭފަތް ދިގުވިހެން” ރަޒާން އެހެންބުނުމާއެކު ލަމްޔާ އަނގަމަތީ އަތް އަޅައިލިއެވެ.
“ރޫއްތަވެސް ބުނާނެ ތިހެން..ކިހިނެއް ބޭބެއަށް އެނގުނީ؟”
___
ޕްލޭ އެރީޔާގެ ދޮރުމަތީ، ފެންފުޅިއެއް ހިފައިގެން ހުއްޓި ހުރި ރޫޔާގެ ނަޒަރު ހުރީ، ބެންޗުގައި އިށީނދެ ތިބެ ވާހަކަ ދައްކަން ތިބި ލަމްޔާއާއި ރަޒާނަށް ހުއްޓިފައެވެ. ލަމްޔާއަށް ރަޒާން އެނގުނީ ކިހިނަކުންހެއްޔެވެ؟ ރަޒާނަށް ލަމްޔާ އެނގުނީ ކިހިނަކުން ހެއްޔެވެ؟

ފުންނޭވާއެއް ދޫކޮށްލުމަށްފަހު ރޫޔާ އަވަހަށް އެދިމާލަށް ފިޔަވަޅުތައް އެޅިއެވެ. ލަމްޔާއަށް ރޫޔާ ފެނުމާއެކު، ބެންޗުން ފައިބައިގެން ދުވެފައި ގޮސް ރޫޔާގެ އުނަގަނޑުގައި އޮޅުލައިގަތެވެ.
“ރޫއްތަ..ބަލަ.. ލަމްއަށް ބޭބެއެއް ލިބުނީ..” އެ މައުސޫމު މޫނުމަތިން ފެންނަމުންދާ އުފާވެރިކަން ފެނި ރޫޔާގެ ހިތަށް އުނދަގޫވިއެވެ. އޭނާ ރަޒާނަށް ބަލައިލީ، ވެގެން އުޅޭ ތަފްސީލު ހޯދަންވެގެންނެވެ.
“ޑޮކްޓަރ..” ބެންޗުން ތެދުވަމުން ރަޒާން ގޮވައިލިއެވެ.
“ރަޒާން..”
“ރޫއްތައަށް އެނގޭތަ ޒާންބެ؟” ދެމީހުންނަށް ބަލަމުން ލަމްޔާ އަހައިލިއެވެ.
“ލައްބަ… ޒާންބެއަކީ.. ރޫއްތަގެ…ފްރެންޑެއް” ރޫޔާ ދޮގު ހަދައިލީ ލަމްޔާއަށްޓަކައެވެ.
ރޫޔާގެ ޖަވާބު އިވިފައި ރަޒާންއަށް ހީލެވުނެވެ. އޭނާ ހަށިގަނޑު ތެދުކޮށްލަމުން ލަމްޔާއަށް ބަލައިލިއެވެ.
“މީ؟” ލަމްޔާއަށް އިޝާރަތްކުރަމުން ރަޒާން އަހައިލިއެވެ.
“ސާޖިދުގެ ދަރި” ރޫޔާ އޮޅުންފިލުވައިދިނީ އަވަސް އަވަހަށެވެ. އަނެއްކާ ރަޒާން އެ އުޅެނީ ލަމްޔާ ބޭނުންކޮށްގެން އޭނައާ ގާތް ވާން ހެއްޔެވެ؟
ރޫޔާގެ ޖަވާބަށް ރަޒާން ބޯ ޖަހައިލިއެވެ.
“ލަމް.. ހިނގާދާން، ރާއްތަ އެބަހުރި އައިސް” ރޫޔާ ހުރީ ނުރުހިފަކަން ރަޒާނަށް ވިސްނުނެވެ.
“އެކަމަކު އައިސް ކްރީމް…”
“އެހެން ދުވަހަކުން ދޯ..” ލަމްޔާގެ އިސްކޮޅަށް ތިރިވަމުން ރަޒާން ބުންޏެވެ.
“ނޯ…” ތުން ބޮޑާކޮށްލަމުން ލަމްޔާ ރަޒާނަށް ބަލައިލިއެވެ.
“ބަލަ.. މިހެން ހަދަމާ.. ލަމް ހޮސްޕިޓަލުން ދޫކޮށްލާ ދުވަހު ދުވަހު ބޭބެ އަންނާނަން.. އޯކޭ؟” ލަމްޔާގެ ބޮލުގައި ފިރުމަމުން ރަޒާން ބޯ ޖަހައިލިއެވެ.
“ޕްރޮމިސް ކުރޭ” ކަނާއަތް ހުޅުވައިލަމުން ލަމްޔާ ބުންޏެވެ.
“ޕްރޮމިސް”

Share Article

Thea reminisces
Follow Me Written By

Thea reminisces

Level 210 Stories

Currently a uni student who decided to fill her free time writing stories. Be ready to dive into thea's world of imagination and drama. Have a happy reading

Other Articles

Previous

ދުރުވާން ޖެހުނަސް 02

Next

ހިމޭން 14

Next
July 26, 2026

ހިމޭން 14

Previews
July 26, 2026

ދުރުވާން ޖެހުނަސް 02

One Comment

  1. Anonymous says:
    July 26, 2026 at 10:07 pm

    why saajid is so mysterious🤔
    mi part ves nice

Comments are closed.



All Right Reserved!