ހިޔަނި – 4
“ދަރިފުޅާ ހަމަޖެހިބަލަ.. ” ޔަމަންގެ ބޮލުގައި ފިރުމަމުން ހަސީނާ މަސައްކަތް ކުރީ ޔަމަން ހަމަޔަކަށް އެޅުވޭތޯއެވެ. ” މަންމާ… ވަރަށް ބިރުވެރި ހުވަފެނެއް ފެނުނީ. ހީވީ ހަމަ އަސްލު ހެން. ” ޔަމަން ވާހަކަ ދެއްކީ ބިރުން އިނދެއެވެ. ހަސީނާ ތެދުވެގެން ގޮސް ޔަމަންއަށް ފެން ތައްޓެއް ދީގެން ޔަމަން ގޮވައިގެން ސިޓިންރޫމަށް ނިކުތެވެ. އޭރު ގޭތެރޭގައި ހުރި ސަރަންފީގައި މޫސަ ދުފަން އިނެވެ. ޔަމަންގެ މޫނު ފެނިފައި މޫސަ ފުންމައިގެން ތެދުވިއެވެ. ” ދަރިފުޅާ ކިހިނެއްވީ ރޮވިފަ ތިހުރީ؟” މޫސަ ތެދުވެގެން ގޮސް ޔަމަން ގެ އަތުގައި ހިފައިގެން ގެނެސް ސަރަންފީގައި ބެއިންދިއެވެ. ހަސީނާ އޭރުވެސް ޔަމަން ކައިރީގައި ކޮޅަށް ހުރެ ޔަމަން ގެ ބޮލުގައި ފިރުމަނީއެވެ.
“އައްސަލާމު އަލައިކުމް.” ސަލާމް ގޮވާލަމުން ތަކުރުބެ އައިސް ގޭތެރެއަށް ވަތްއިރު ފެނުނު މަންޒަރުން ހާލަތު މާރަނގަޅު ނޫންކަން އޭނާއަށް ސާފުވިއެވެ. ތަކުރުބެ އެއްވެސް ބަހެއް ނުބުނެ އައިސް މޫސަ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނނެވެ. ވެގެން އުޅޭގޮތް ހަސީނާ ކިޔާދިނުމުން މޫސައާއި ތަކުރުބެ އެކަކު އަނެކަކުގެ ލޮލަށް ބަލާލެވުވެ.
“ޔަމަން ދަރިފުޅާ.. އިރު އޮއްސޭގަޑީ ނިދަން އޮންނާކަށް ނުވާނެ. އޮއްސޭ އިރުގެ ދަޅަ ދުނިޔެމައްޗަށް އެޅޭ ހިސާބުން ފެށިގެން އަނދިރި ވުމާ ދޭތެރޭގެ ވަގުތު ދެން ނުނިދައްޗޭ. ނަމާދު ކޮށްލައިގެން ޒިކުރުތައް ކިޔަންޖެހޭ ވަގުތު މީ.” ވަރަށް ލޯބިން ތަކުރުބެ ޔަމަންއަށް ވިސްނާދެވޭތޯ ބެލިއެވެ.
” ތަކުރު ބެއަށް އެނގޭ މިންވަރަކުން މިކަމަށް ހައްލެއް ހޯދަ ދީބަލަ.” މޫސަގެ އަޑުގައި ހުރީ އާދޭހުގެ ރާގެކެވެ. ތަކުރުބެ މަޑުމަޑުން ބޯޖަހާލަމުން ތެދުވެ ފެންތައްޓެއް ހިފައިގެން އައިސް ކޮންވެސް ކިޔެވެލި ތަކެއް ކިޔަވައި އެއަށް ފުމެ ޔަމަންއަށް ދިއްކޮށްލިއެވެ. މިކަން ކަމަކީ ޔަމަންއަށް މުޅިން އާކަމަކަށް ވުމުން ޔަމަން އިނީ ހައިރާންކަމެއްގެ ތެރޭގައި އެތަކެއް ސުވާލު ތަކެއް އުފެދިފައެވެ.
” ދަރިފުޅާ.. ބިސްމި ކިޔާލާފައި އެ ފެންތަށި ބޯލާ. ތަކުރުބެ އެކިޔެވީ ޤުރުއާނުގެ އާޔަތް ތަކާއި ދުޢާތަކެއް. ”
ޔަމަން ސުވާލުން ފުރިފައިވާ ނަޒަރަކުން ހަސީނާ އަށް ބަލާލުމުން ހަސީނާ ޔަމަން އަށް މިވާނުވާ ކޮންމެވެސް ވަރަކަށް ކިޔައިދިނެވެ. ޔަމަން ފެން ތަށި ބޯލައި ހަމަޖެހުމުން ތަކުރުބެ ލަފާދިނީ އިޝާ ނަމާދުން ފައިބައިގެން ރުޤްޔާ ފަށާށެވެ. މިކަމުގެ ވާނުވާ ބޮޑަށް އެނގި އެކަމަށް ފަރުވާއެއް ލިބޭނީ އޭރުން ކަމުގައި ތަކުރުބެ ބުންޏެވެ.
އިޝާ ނަމާދު ކޮށްގެން އެންމެން ތައްޔާރުވުމަން އެންގުމަށް ފަހު ތަކުރުބެ ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އެވަގުތު ތަކުރުބޭގެ ކޮޓަރީގެ ކުޑަދޮރުންއައި ގަދަ ވައިރޯޅިއަކާއެކު އެނދުމަތީގައި އޮތް ތަކުރުބެ ކިޔަން ގެންގުޅުނު ނޫސް ބިންމައްޗަށް ވެއްޓުނެވެ. ” ކަލޭ ކޮންމެހެން މަށަށް ބިރުދައްކަން އުޅޭނެ ކަމެއް ނެތް.. ” ތަކުރުބޭ ރުޅިއައިސް ހުރެ ދަތްކުނޑި ވިކަމުން ގޮސް ކުޑަދޮރު ލައްޕާލައި ދުއާތަކެއް ކިޔަވައި ކޮަޓަރީގެ ހަތަރު ކަނަށް ފުމެން ފެށިއެވެ. އަދި ހަމަޖެހިލައިގެން ހަތިމް ނަގައި ގުރުއާން ކިޔަވަން ފެށިއެވެ. އޭރު އެޖެހުނު ވައިރޯޅިއާއެކު ކޮޓަރިތެރޭގައި ފަރުހަކި ވަހެއް ހިފާފައި ހުއްޓެވެ. ތަކުރު ބެއަކީ ވަރަށް ހިތްވަރުގަދަ އަދި އެހާމެ މޮޅުމީހެއް ކަމުން މިވަމުންދާ އެއްވެސް ކަމަކާ މާބޮޑަށް ޖެހިލުން ނުވާކަން އޭނާގެ މޫނުމަތިން ވަރަށް ސާފުކޮށް ފެންނަން ހުއްޓެވެ.
އިޝާ ނަމާދު ކޮއްލައިގެން ޔަމަން ސިޓިން ރޫމަށް ނިކުތް އިރު ހަސީނާ ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ވާން އުޅެނީ ކިހާވަރެއްގެ ކަމެއްކަން ނޭގޭތީ އޭނާގެ ހިތް ނުތަނަވަސް ވަނީއެވެ. އޭރު ކާގޭގެ މޭޒުމަތީގައި ރޭގަނޑުގެ ކެއުން ތައްޔާރު ކޮއްފައި ހުއްޓެވެ.
“މަންމާ… އާދޭ އިށީންނަން.” ޔަމަން ސަރަންފީ ގޮނޑިއެއްގައި އިށީންނަމުން ހަސީނާއަށް ގޮވާލިއެވެ. ހަސީނާގޮސް ޔަމަންގެ ކައިރީގައި އިށީނދެ ޔަމަންގެ ބޮލުގައި ފިރުމާލިއެވެ. ” ދަރިފުޅާ.. ވަރަށް ހިތްވަރު ގަދަ ކުރާތި. އިރާދަ ކުރެއްވިއްޔާ ދަރިފުޅަށް ތިޔަވާ އުނދަގޫތަކުން ސަލާމަތް ވާނެ.” ހަސީނާ ޔަމަން އަށް ބަލަން އިންއިރު އޭނާގެ ދެލޯފެންކަޅި ވަމުން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. ޔަމަން އަކީ ހަސީނާ އާއި މޫސަގެ ހަމައެކަނި ހުރި ދަރި ކަމުން އެދެމީހުން އެދަރިފުޅުދެކެ އަމިއްލަ ފުރާނަ އަށްވުރެންވެސް ބޮޑަށް ލޯބިވެއެވެ.
ހަސީނާ ޔަމަންއަށް ރުޤްޔާ ކުރާގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ. އަދި ހިތްވަރު ގަދަކުރުމަށް ވަރަށް ނަސޭހަތް ދިނެވެ. އެދެމައިން އެހެން ތިއްބާ މޫސައާއި ތަކުރުބެ ސަލާމްގޮވަމުން އައިސް ގޭތެރަށް ވަނެވެ. ފަހަތުން ޒާންވެސް ވަދެގެން އައިސް ޔަމަން ކައިރީގައި ހުއްޓުނެވެ. ” މިސްކިތުން ފޭބިތަނުން ބައްޕައާ ދިމާވެގެން ވެގެން އުޅޭގޮތް ކިޔާދިނީމަ މިއައި.” ޒާން ވާހަކަދެއްކީ ޔަމަންގެ މޫނަށް ބަލަންހުރެ އެވެ. އޭރު ޒާންގެ މޫނުމަތިންވެސް ފެންނަނީ ނުތަނަވަސް ކަމެވެ.
” ތަނެއްގަ ހަމަޖެހިގެން ތިބެ މިކަން ފެށޭނީ.. ހިނގާ ތަކުރުބެ ނިދާ ކޮޓަރީގަ މިކަން ކުރަން.” ތަކުރުބެ ފަހަތުން އެންމެންގޮސް ކޮޓަރިއަށް ވަނެވެ. ތަކުރުބޭގެ އިރުޝާދާ އެއްގޮތަށް ޒާން 3 ސަރަންފީގޮނޑިވެސް އެތަނަށް ވެއްދިއެވެ. ބަކުރުބޭ އެންގީ މޫސަ، ޒާން އަދި ހަސީނާ ގޮނޑީގައި އިށީނދެ ބަލަން ތިބުމަށެވެ. އެއްވެސް ހާލެއްގައި ވާހަކަ ނުދެއްކުމަށް އެމީހުންނަށް ތަކުރުބެ އިރުޝާދު ދިނެވެ.
ޔަމަން އޮތީ އެނދުމަތީގައި އޮށޯވެގެން މޫނު އެކަނި ފެންނަހެން ގައި މަތީގައި ރަޖާގަނޑެއް އަޅައިގެންނެވެ. އެހެން އޮތްއިރު ޔަމަންގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. ކިތަންމެ ބިރުގަތް ނަމަވެސް ހަސީނާދިން ނަސޭހަތްތައް ހަނދާންކޮށްލުމަށް ފަހު ދެލޯމަރާލައިގެން އޮތީއެވެ. ބަކުރުބެ އެނދުކަރީގައި ޔަމަންގެ ބޮލާވީކޮޅުން ގޮނޑިއެއް ބަހައްޓައި އިށީނެވެ.
” ބަކުރުބޭ… މިތާ އެތެރެއިން ކޮން ވަހެއް އެދުވަނީ..” މޫސަ މޫނަށް ވައްތަރެއް ޖައްސަމުން އަހާލިއެވެ.” އެއީ މިކަމާ ގުޅުންހުރި ކަމެއް. އެވާހަކަ ފަހުން ކިޔާދޭނަން. އިހައް ހިނގާ މިކަމާގެން އުޅެމާ… ” އެހެންބުނެ ތަކުރުބޭ ކިޔެވެލި ކިޔަވަންފެށިއެވެ. މާގިނަ އިރުތަކެއްނުވެ ޔަމަންގެ ފައި ކުއްލިއަކަށް ތެޅިގަތެވެ. އެތަން ބަލަންއިން މޫސައަށް ފުންމައިގެން ތެދުވެވުނެވެ. އެވަގުތު ބަކުރުބޭ އަތުގެ އިޝާރާތުން މޫސައަށް އިށީނުމަށް އެންގިއެވެ. ހިތާއިދެކޮޅަށް ނަމަވެސް މޫސައަށް ގޮނޑީގައި އިށީންނަން މަޖުބޫރުވިއެވެ. އޭރު ހަސީނާ އާއި ޒާންވެސް ތިބީ ވަރަށް ބިރުންނެވެ.
“ކީއްކުރަން މަށަށް ތިގޮވަނީ…” އަޑު އައީ ޔަމަންގެ އަނގައިން ނަމަވެސް އެއީ ބޮޑު ފިރިހެނެއްގެ ބަރު އަޑެކެވެ. އެއަޑުގައި ވަނީ އިންތިހާ ރުޅިވެރިކަމެވެ. އެވަގުތު އެންމެންނަށް ބިރުން ތެޅިގަނެވުނެވެ. ނަމަވެސް ތަކުރުބެ ވަރަށް ހަމަޖެހިލައިގެން އިނދެ ކިޔެވުން ކުރިއަށް ގެންދިޔައެވެ. ” މީނދަ ތަކުރާ…. ކީއްކުރަންހޭ މަށަށް ތިގޮވަނީ….” އަނެއްކާވެސް އެއަޑުން މުޅިކޮޓަރިތެރެ ގުގުމާލިއެވެ. ތަކުރުބެ ކިޔެވުން ހުއްޓާލުމަށްފަހު ފުންނޭވާއެއް ލައި ގޮނޑީގައި ރަނގަޅަށް ހަމަޖެހިލިއެވެ.
” ކަލޭތީ ކާކު… ކަލޭ ޔަމަންއަށް އުނދަގޫ ކުރާ ސަބަބެއް އަހަން ވެގެން މިގޮވަނީ.. ” ތަކުރުބެވެސް ޖަވާބު ދިނީ ހަރުކަށި ރާގެއްގައެވެ.
“އަހަރެންގެ ނަމަކީ ނީރް… ޔަމަން އަކީ އަހަރެންގެ މީހެއް.. އަހަންނަށް ހިބައިން ދީފައި ހުރިމީހެއް..” އެބަރުއަޑު ޒާންގެ ކަންފަތުގައި ޖެހުމުން ޒާންގެ މޭތެޅިގަތެވެ. އޭނާ އިންތިހާއަށް ލޯބިވާ ޔަމަން އެއީ އެހެން މީހެެއްގެ މީހެކޭ ބުނާއަޑު އަހާކަށް އޭނައަކަށް ފަސެހައެއް ނުވިއެވެ.
“ނީރް… ކަލެއަށް ޔަމަން ހިބަކޮށް ދިނީ ކާކުތަ. ޔަމަންގެ މަންމައާ ބައްޕަ މިތިބީމިތާ.. އެމީހުންގެ ދަރިއެއް ކިހިނެއް ކަލެއަށް ހިބަ ވާނީ..؟” ތަކުރުބެ ކުޑަކޮށް ހައިރާންވެ އިނދެ ސުވާލު ކުރިއެވެ.
” މަށަށް ޔަމަން ހިބަކޮށް ދިނީ ޔަމަންގެ ކާފަ ދޮންމަނިކު.. ” ނީރްގެ ޖަވާބު އިވިފައި މޫސަގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ދޮންމަނިކަކީ މޫސަގެ ބައްޕައެވެ. މިހާރު ދޮންމަނިކު ނިޔާވިތާވެސް ފަސްއަހަރު ވެއްޖެއެވެ. ހަސީނާ ސުވާލުގެ ނަޒަރުން މޫސައަށް ބަލާލިއެވެ. އޭރު ހަސީނާ ބިރުން ތުރުތުރުލަނީއެވެ.
ނުނިމޭ….
2 Comments!
Comments are closed.



Interesting reethi
Thank you Nif 🫰🤍 thank you for reading and for commenting. this means a lot 😘