ހިޔަނި – 3
ރޭގައިވީ ހުރިހާ ކަމެއް އަލިފުން ޔާއަށް ޔަމަން ،ޒާންއަށް ކިޔާދިނެވެ. އެވާހަކަތައް އަޑުއެހުމަށްފަހު ޒާން އިނީ ހައިރާންވެ ޖެހިލުން ވެފައިކަން އޭނާގެ މޫނުމަތިން ވަރަށް ސާފުކޮށް ފެންނަން ހުއްޓެވެ. ” ޔަމަން ދެން ރޭގަނޑު ބޭރަށް ދާއިރު ކުރުސިކިޔާތި. ނިދަންވީމަވެސް ކުރިސިކިޔާ ގަޔަށް ފުމެގެން ނިދާ.”
ޒާން ބޭނުންވީ އޭނާ އަށް ވެވުނުގޮތަކަށް އެކަމުގައި ޔަމަން އަށް އެހީވާށެވެ. “ހުމްމް…. ދެން ތިބުނިހެން ކަންތައް ކުރާނީ. ޒާން މާބޮޑަށް އެކަމާ ދެން ނުވިސްނާ” ޔަމަން ހީލަމުން އޭނާ އިށީނދެ އިން ޖޯލި ހެއްލަން ފެށިއެވެ. ފަހުން ގޭދޮށަށް ދާނެ ކަމުގައި ބުނެ ޒާން ތެދުވެގެން ދިއުމުން ޔަމަން އަނެއްކާވެސް އޭނާކިޔަން އިން ވާހަކަ ފޮތް ހުޅުވާލިއެވެ. އެތައް އިރަކު ވާހަކަ ކިޔަން އެހެން އިނުމަށް ފަހު މެންދުރު ބަންގީގެ އަޑުއިވުމުން ޔަމަން އަވަހަށް ތެދުވެގެން ގެޔާދިމާލަށް ހިނގައިގަތެވެ. ” ދަރިފުޅާ.. ނަމާދު ކޮއްލައިގެން އާދޭ ކާން. ” ޔަމަން ގޭދޮރާށިން ވަނުމާއެކު ހަސީނާ ގޮވާލިއަޑު އިވުނެވެ. އާނ އެކޭ ބުނުނަށްފަހު ޔަމަން ގޮސް ކޮޓަރިއަށް ވަނެވެ.
ނަމާދުކޮށްލައިގެން ނިކުމެ ކާމޭޒުކައިރިއަށް ދިޔައިރު މޫސައާއި ހަސީނާ ކާން އިށީނދެއްޖެއެވެ. އެވަގުތު ޔަމަންގެލޮލުގައި އަޅައިގަތީ މޫސައާއި ޖެހިގެން އިން މުސްކުޅިފުރާގެ ފިރިހެން މީހާއަށެވެ. އެއީ ޔަމަން އަށް ދުވަހަކުވެސް ފެނިފައި ނުވާ މީހެއް ކަމުން ބީރައްޓެހި ގޮތަކަށް އެމީހާއަށް ބަލާލަމުން ޔަމަން ވެސް ކާން އިށީނެވެ. “ދަރިފުޅާ، މީ ތަކުރުބެ، މީ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއް. ދުވަސްކޮޅަކަށް މިރަށަށް ޖައްސާލީ ހަމަ. ތަކުރުބެ ހަފްތާއެއް ވަރުވަންދެން މިގޭގަ ހުންނާނީ. ކައި ނިމިގެން ދެމައިން ގޮސް ހުސްކޮށް އެހުރި ކޮޓަރީގެ އެނދު ތަންމަތި އަޅާލައި ތަކުރުބެއަށް ހުރެވޭހެން ތައްޔާރުކޮއްލައްޗޭ.” މޫސަ ވާހަކަ ދެއްކީ ޔަމަން އަށް ބަލަން އިނދެއެވެ. ޔަމަން ކާން އިނދެ އާނ އެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
“ދަރިފުޅަށް އެނގޭތަ؟ ތަކުރުބެއެކީ މިރަށް ކައިރީގައި އެއޮށް ބުރުނީ މީހެކޭ. ދަރިފުޅު ކުޑައިރު ދަތުރުވަރެއްގައި އައިސް ތަކުރުބެއާ ތަކުރުބެ އަންހެނުން ލަތީފާއްތަ ވަރަށް ގިނަ ދުވަހު މިގޭގައި މަޑުކޮށްގެންތިބި. އެފަހުން އަދިކިރިޔާ މިރަށަށް އެއައި.”
ހަސީނާ ޔަމަން އަށް ތަކުރުބެގެ އިތުރު ތައާރަފް ދޭންފެށިއެވެ. ނަމަވެސް މޫސައާއި ހަސީނާ ބޭނުންވީ ތަކުރުބެ އެހާ ކުއްލި ގޮތަކަށް އެރަށަށް އައި ސަބަބު ޔަމަންއަށް ސިއްރު ކުރިއެވެ. ހަގީގަތަކީ ހެނދުނު ހެނދުނާ މޫސަގެ ދޯނި ބުރުންޏަށް ފޮނުވައިގެން ތަކުރުބެ ގެނައީއެވެ. ޔަމަންއަށް ރޭގައި އެވީ އުނދަގޫތަކެއްގެ ހަގީގަތް ހޯދާބެލުމަށެވެ. އަދި އެކަމަށް ލިބެން އޮތް ހައްލެއް ހޯދުމަށެވެ.
ކައި ނިމި ކާމޭޒުމަތި ސާފު ކުރިމަށްފަހު ހަސީނާއާއި ޔަމަން ގޮސް ތަކުރުބެ ނިދަން ކޮޓަރި ތައްޔާރުކޮށްލިއެވެ. އޭރު މޫސަ ތަކުރުބެ ގޮވައިގެން އަތިރިމަތީ ހޮޅުއަށްޓަށްދާން ނިކުމެއްޖެއެވެ.
ހަސީނާ އާދައިގެމަތިން ކުޑަކޮށް ޖައްސާލުމަށް ކޮޓަރިއަށް ވަނެވެ. އަސުރަށް ގޮވަންދެން ކުޑަކޮށް ނިދާލެވޭތޯއެވެ. ޔަމަން ބަދިގެއަށް ވަދެ ހަވީރުގެ ސަޔަށް ދެވައްތަރެއްގެ ހެދިކާ ހެދުމާއިގެން މަސްއޫލުވިއެވެ. ޔަމަންގެ އަތްމަތި އަވަސް ކަމުން އަސުރަށް ގޮވަން ވާއިރަށް ގުޅައާއި ފޮނި ބޯކިބާހަދައި ނިންމާލިއެވެ. މޭޒުމައްޗަށް ސައި ތައްޔާރުކުރަން ހުއްޓައި ބަންގި ގޮވާއަޑު އިވުމުން އަވަހަށް ކާތަކެތީގައި ގޮށި އެޅުމަށްފަހު ގޮސް ނިދާފައި އޮތް ހަސީނާ އަށް ގޮވައި އޭނާ ހޭލެއްވުމަށްފަހު ޔަމަންވެސް ގޮސް ފެންވަރާލައި، ނަމާދު ކޮއްލައިގެން ކުޑަކޮށް ނިދާލެވޭތޯ އެނދުގައި ޖައްސާލިއެވެ. ދެލޯމަރާލައިގެން މާގިނަ އިރެއްނުވެ ޔަމަން އަށް ނިދިއްޖެއެވެ.
ޔަމަން ހިނގަމުން ދިޔައީ ރަށުގެ ބޮޑު މަގުގެ މެދުންނެވެ. މަގުގެ އެއްވެސް ކޮޅަކުން މީހަކު ފެންނާކަށް ނެތެވެ. އެއީ އިރުއޮއްސެމުން ދިޔަވަގުތު ކަމުން ރަށުތެރެއަށް އިރުގެ ރަންދޯދިތަކުގެ އަލި ފެތުރެމުން ދިޔައެވެ. ޖައްވުގައި ވަނީ އާދަޔާހިލާފު ފިނިކަމެކެވެ. މީހަކު ފެންނަން ނެތުމުން ޔަމަން ވަރަށް ޖެހިލުންވެ ހުރެ ގެއާދިމާލަށް މިސްރާބުޖެހިއެވެ. ކުއްލިއަކަށް ފަހަތުން ޔަމަންގެ ނަމުން މީހަކު ގޮވާލިއަޑަށް ފަސްއެނބުރި ބަލާލިއެވެ. އޭރު އިސްކޮޅުން ދިގު ރީތި ފިރިހެނެއް ތަންކޮޅެއް ދުރުގައި ޔަމަންއަށް ބަލަހައްޓައިގެން ހުއްޓެވެ. ޔަމަން ވަރަށް ރަނގަޅަށް އެމީހާއަށް ނަޒަރު ހިންގާލިއެވެ.
އެއީ އިސޮކޮޅުން ދިގު ބުރުސޫރަ ރީތި ފިރިހެނެކެވެ. އޭނާގެ އިސްކޮޅުގައި ގާތްގަނޑަކަށް ހަފޫޓު ހުންނާނެއެވެ. ގައިގެ ހަންގަނޑުކަޅެވެ. އޭނާގެ ފަން ކަޅުކުލަގަދަ އިސްތަށިގަނޑު ރީތިކޮށް ކޮށާ އަރިއަކަށް ފުނާއަޅާފައި ހުއްޓެވެ. މޫނުމަތީގެ ސިފަތައްވެސް އެހާމެ ފުރިހަމަވެފައި ރީއްޗެވެ. ޔަމަން އަށް އެންމެ ކަމުދިޔައީ އޭނާގެ ދެލޮލުގެ ކަޅީގެ ރީތި މަޑުފެހި ކުލައެވެ. އެދެލޮލުން ޔަމަން އަށް ބަލަންހުރި ގޮތުން ޔަމަން ލަދުން ރަކިވެސް ވިއެވެ. ނަމަވެސް ކާކުކަމެއް ނޭނގޭތީ ޔަމަންވެސް އެމީހާއަށް ބަލަހައްޓައިގެން ހުރީއެވެ. އިރުކޮޅަކުން އެމީހާ ފިރިހެންވަންތަ މަޑު ހިނގުމެއްގައި އައިސް ޔަމަންގެ ކައިރިއަށް ހުއްޓިލިއެވެ.
” އަހަންނަށް ކިޔަނީ ނީރް… ކިހިނެއްތަ ޔަމަން؟” އެމީހާ ޔަމަން އަށް ތައާރަފްވެލަމުން ސަލާމް ކޮއްލަން އައްދިއްކޮއްލިއެވެ. ޔަމަންއަށް ބޭއިޚްތިޔާރުގައި އޭނާއާއި ސަލާމް ކޮއްލެވުނެ. ” ނީރް… ހާދަތަފާތު ނަމެއް”… ޔަމަން ނީރްގެ މޫނަށް ބަލަން ހުރެ މަޑުމަޑުން ބުނެލިއެވެ. “އަހަންނަކީ ތަފާތު މީހެކޭ.. އެންމެ ރަނގަޅުތަ އަހަރެން ޔަމަން އެކީގަ ހިގާލާފައި ދިޔަޔަސް..” ޔަމަން އާނއެކޭ ބުނުމުން ނީރް ޔަމަން އާއެކު ހިނގައިގަތެވެ. މަޑުހިނގުމެއްގައި ޔަމަންގެ ގެހުންނަ މަގަށް އެރުމާއެކު ނީރް ކުޑަކޮށް މަޑުޖެހިލިއެވެ.
” އަހަރެން މިދަނީ މިކޮޅަށް. ޔަމަން ދޭ ގެއަށް.” އެހެންބުނެ ނީރް ޖެހިގެން ހުރި ގޯޅިއަށް އެޅިއެވެ. ޔަމަން މަޑުމަޑުން ގޮސް ގޭގެ ދޮރާއިއަރާ ހަމަވިތަނުން ކުއްލިއަކަށް މުޅިމަގު އަނދިރިވެ މުޅި މާހައުލަށް ނޭނގޭ ހަމަހިމޭން ކަމެއް ވެރިވިއެވެ. ޔަމަންގެ ހިތް ބާރަށް ތެޅިގަތެވެ. ވަށައިގެން ހޯދާލި ނަމަވެސް އަނދިރީގެ ތެރެއިން ތަނެއް ދޮރެއް ނުފެނެއެވެ. ބިރުން ޔަމަން އަށް ހަޅޭއް ލަވައިގަނެވުނެވެ. ” މަންމާ…. ”
” ޔަމަން… ދަރިފުޅާ…. ހޭލަބަލަ… ” ޔަމަންއަށް ހޭލެވުނީ ހަސީނާ ޔަމަން ކައިރީގައި އިނދެ ބާރަށް ގޮވައިގަތުމުންނެވެ. ޔަމަން ދެލޯހުޅުވާލި ގޮތަށް ހަސީނާގެ ގައިގައި ބައްދައިގަތެވެ. އޭރު ޔަމަން އިނީ ދާހިއްލާ ފޯވެފައެވެ. ދެލޯފެންކަޅިވެފައެވެ. ބިރުން ތުރުތުރު ލާ ހާލުގައި ހަސީނާގެ ގައިގައި ޔަމަން އޮޅުލައިގަތެވެ.
ނުނިމޭ….
One Comment
Comments are closed.



Reethi