ކާރުބާރުބޮޑު ހުޅުމާލޭގެ މަގުތައް އެވަގުތު އޮތީ ފަޅުވެފައެވެ. ދެފަރާތަށް ބަލައިލަމުން އޭނާ ކުރިއަށް ހިނގައިގަތެވެ. އެކި ގޯޅިތަކުން ހިނގަމުން ދިޔައިރު އޭނާ ވަށައިގެން ވީ މާހައުލަށް ނުހަނު ފަރުވާތެރިވިއެވެ. މަންޒިލަށް އާދެވުމާއެކު ޝަޔަމް އިސް އުފުލާ ބަލައިލިއެވެ. ދިވެހި ދިދައާއި ފުލުހުންގެ ދިދަ މަޑުމަޑުން ވަޔާ ވިހުރެމުން ދިޔަ މަންޒަރު އޭނާއަށް ފެނުނެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އޭނާ ޕޮލިސް ސްޓޭޝަންގެ ތެރެއަށް ފިޔަވަޅެއް އަޅާލިއެވެ.
ތިންގަޑިއިރު ފުލުސް އޮފީހުގައި ހޭދަކުރުމަށްފަހު ޝަޔަމްއަށް ގެއަށް އާދެވުނީ ފަތިހު ހަތަރެއް ޖަހައި ބޮޑުވި ފަހުންނެވެ. ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެވުނީ ކިރިޔާއެވެ. ނަމާދަށް ދިޔުމަށް ނިކުމެ އަޒީމް އެކޮޓަރިއަށް ބޯ ދިއްކޮށްލިއެވެ. ޝަޔަމް ދެލޯ މަރައިގެން އޮތުމުން އަޒީމް ދޮރު ލައްޕާލާފައި އަވަހަށް މިސްިތަށް ދިޔައީއެވެ. ދެފަރާތަށް ފުރުޅިލާފައި ޝަޔަމް ދެލޯ ހުޅުވާލިއެވެ. އޭނާގެ ދެލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ސީލިންގަށް ބަލަން އެތައް އިރަކު އޮތުމަށްފަހު ފަތިސް ނަމާދު ބަންގި ގޮވަން ފެށުމުން ފާޚާނާއަށް ވަދެ ވުޟޫކޮށްގެން އައިސް ނަމާދުކޮށްލިއެވެ. ހަށިގަނޑަށް ލިބިފައިހުރި ވަރުބަލިކަމާއެކުގައި އޭނާ ނަމާދުކޮށް ނިންމާލިގޮތަށް މުސައްލަ މަތީގައި އޮށޯތީއެވެ. ދެފައިގެނެސް މޭގައި ޖައްސާލައިގެން އޭނާ އޮތެވެ. ލޮލުން އައި ކަރުނަތައް ފުހޭކަށް އޭނާ މަސައްކަތެއް ނުކުރެއެވެ. ބައްޕަ އައިސް ހެނދުނުގެ ނާސްތާ ތައްޔާރުކުރަން އުޅޭ އަޑު ޝަޔަމްއަށް އިވެއެވެ. އެކަމަކު އެތަނުން ތެދުވާހިތެއް އޭނާ ނުވިއެވެ. ނިދިޖެހިޖެހިފައި ވެސް އޭނާ ފޯނު ވައިބްރޭޓްވި އަޑަށް ދެލޯ ހުޅުވާލިއެވެ. ޖާވިދުގެ މެސެޖެކޭ ހިތާ ފުރަތަމަ ސިކުންތުކޮޅު އޭނާގެ ހިތް އަވަސްވިއެވެ. ތުންފިއްތާލާފައި އޭނާ ފޯނު ހުޅުވާލި އިރު މެސެޖުކޮށްފައި އޮތީ ޔަޒްދާންއެވެ. މަންހަލްގެ ހަބަރެއް އިއްޔެނުވާކަން ޝަޔަމްއަށް ރެއަކާލީދެނެވެ. ޔަޒްދާންގެ މެސެޖު ހުޅުވާ އޭނާ ކިޔަންފެށިއެވެ.
“ޝަޔޫ.. ސޮރީ ފޯ ޑިސްޓާބިން. މަންނު ބަލިވެގެން އައިޖީއެމްއެޗްގައި މިތިބީ. ވީ ލޮސްޓް އަވަރ ބޭބީ. މިއަދު ނުވައެއް ޖަހާއިރު އައިސީޔޫ އިން ނަގާނެ. އާދެވިދާނެތަ؟ ޝަޔޫ އައިމަ ވީގޮތް ކިޔައިދޭނަން.. ޕްލީޒް.. ޝީ ވިލް ނީޑް ޔޫ..” ޔަޒްދާންގެ މެސެޖު ކިޔާ ނިމުނު އިރު ޝަޔަމްއަށް ކޮޅަށް ތެދުވެވިއްޖެއެވެ. އޭނާއަށް އަނގަމަތީގައި އަތްއަޅާލެވުނެވެ. އަވަސްއަވަހަށް ފާޚާނާއަށް ވަދެ އޭނާ ތާޒާވެލައި ބޭރަށް ދާން ތައްޔާރުވިއެވެ.
އައިސީޔޫގެ ދޮރު ހުޅުވާލުމާއެކު ޔަޒްދާންއާއި ސާހިލްގެ އިތުރުން ސުހައިލްގެ ނަޒަރުވެސް އެދިމާއަށް ހުއްޓުނެވެ. އައިސީޔޫއިން ނެރުނު އެނދުގައި މަންހަލް އޮތެވެ. ހަނިކޮށް ދެލޯ ހުޅުވާލައިގެން އޮތްއިރު އޭނާގެ ކަޅި ކިރިޔާ ފެނިލަނީއެވެ. ޔަޒްދާންއާއި ހަތަރުކަޅި ހަމަވުމާއެކު އޭނާ އުނދަގުލާއެކު އިހުނަށްވުރެ ބޮޑަށް ދެލޯ ހުޅުވާލިއެވެ. މަންހަލްގެ އަތް އޭނާގެ ބަނޑަށް ދަތުރުކުރިއެވެ. ދެލޯ ބޮޑުކޮށްލުމާއެކު އޭނާ ބޯ ހިއްލާލިއެވެ. ޔަޒްދާން އަވަސް އަވަހަށް މަންހަލްއާ ގާތްވެލާ އޭނާގެ ކޮނޑުގައި ހިފަހައްޓާލާ އެނދުގައި ބޭއްވިއެވެ. ވަރަށް އުނދަގުލުން މަންހަލް އެއްޗެކޭ ބުނަން މަސައްކަތް ކުރިއެވެ.
“ބޭބީ..” ޔަޒްދާންއަށް މަންހަލް ބުނި އެއްޗެއް އެނގުނީ އަނގައިގެ ހަރަކާތުންނެވެ. ބުނަންވީ އެއްޗެއް ޔަޒްދާންގެ ދުލަކަށް ނައެވެ. އޭނާ ނަރުސް ކުއްޖާއަށް ބަލައިލިއެވެ. ސާހިލްއަށް ބަލައިލިއެވެ.
“މަންނާ..” ޔަޒްދާން މަންހަލްގެ ބޮލުގައި ފިރުމާލިއެވެ.
“ސާހިލް..” މަންހަލް ކޮޓަރި ތެރެއަށް ވައްދަނިކޮށް ފަހަތުން މީހަކު ގޮވާލި އަޑުއިވުނެވެ. އެންމެފުރަތަމަ ފަހަތް ބަލައިލީވެސް ސާހިލްއެވެ. އޭނާގެ މޫނަށް ސިހުމާއި ހިތްހަމަނުޖެހުމުގެ ކުލަވަރު ވެރިވިއެވެ. ސުހައިލްއަށް ބަލައިލާފައި އޭނާ ކުރިއަށް ހިނގައިގަތެވެ. މިދުވަސް އަންނާނެކަން ސާހިލްއަށް އެނގެއެވެ. ކޮންމެވެސް ދުވަހަކުން އޭނާގެ ކުރިމައްޗަށް އަރަން ޖެހޭނެކަން އޭނާ ގަބޫލުކުރިއެވެ. ޝަފްނާގެ ކުރިމައްޗަށް ހުއްޓިލުމާއެކު ސާހިލް އޭނާގެ ފައިން ފެށިގެން ބޮލަށް ނަޒަރެއް ދިނެވެ. އުމުރުން ދުވަސްވާކަމުގެ އަލާމާތްތައް އޭނާގެ ހަންގަނޑުން ފާޅުވޭވޭ ހުއްޓެވެ. އެއަސަރުތައް ފިލުވުމަށް ޓަކައި އޭނާ ކުރަމުންދާ މަސައްކަތްތައް ވެސް އެމޫނުމަތިން ފާޅުވާން ހުއްޓެވެ. އެ ސޫރަ ފެނުމާއެކު ސާހިލްގެ މެއަށް އުނދަގޫވީއެވެ. މޭބޮޑުވީއެވެ. އިސް ޖަހާލައިގެން އޭނާ ހުރީ ޝަފްނާ ވާހަކަ ދައްކާނެ އިރެއްގެ އިންތިޒާރުގައެވެ.
“ރާއްޖެ އައި އަޑުއެހީމަ ވަރަށް މީޓު ކޮށްލަން ބޭނުންވެފަ ހުރީ..” ޝަފްނާ ވާހަކަ ފަށައިގަތެވެ. “އަދިވެސް ތިއީ ހަމަ ކުރީގެ ސާހިލް. އަހަރެންގެ ފުރަތަމަ އަދި ފަހުގެވެސް ލޯބި. ޒުވާންކަމުގެ އާރޯކަން ނެތަސް އަދިވެސް ވަރަށް ރީތި.”
“ތިހުރިހާ ވާހަކައެއް ދެއްކުމުގެ ބޭނުމެއް ނެތް. އަހަރެންދެކެ ތިހާ ލޯބި ވަންޏާ އަރައިގެންފައިވާ ކުށްތަކަށް އިއުތިރާފުވެ އަދަބު ލިބިގަނޭ..” ސާހިލް ގެ ލޭ ހޫނުވިއަސް އޭނާ ކެތްތެރިވިއެވެ.
“ވަރަށް ވިސްނޭ ތިކަމާ މިހާރު. އަހަރެންނަށް ލައިފްގަ ކޮން ކަމެއްބާއޭ ކުރެވުނީ.. ޝަޔޫވެސް.. ބޭނުންވެގެން ކުރެވުނު ކަމެއް ނޫން އެއީ އެކަމަކު މިހާރު ހިތަށް އަރާ ދެކުދިން އުފަލުގަ އުޅުނު ނަމަ އަހަރެންނަށް މަދުވާނެ އެއްޗެއް ނެތޭ..” ޝަފްނާ އިސްޖަހާލިއެވެ.
“އަމިއްލައަށް ގޮސް ކުރި ކުށްތަކަށް އިއުތިރާފު ނުވިއަސް ކޮންމެވެސް ދުވަހަކުން ގާނޫނުތައް އައިސް ޝަފްނާއާ އަރާ ހަމަކުރާނެ. އެދުވަހަކުން ފިލާކަށް ނުދެވޭނެ..” ސާހިލް ފަހުބަސް އިއްވިއެވެ. އޭނާގެ ހިތުގައި ޝަފްނާއަށް ކުލުނެއް ނުވެއެވެ. ދުވަހަކުވެސް ނުއުފެދޭނެއެވެ. އޭނާ އަނބުރާ ހިނގައިގަތީ މަންހަލް ކައިރިއަށް ދިއުމަށެވެ. އެހެނަސް ފަހަތަށް އެނބުރެން މަޖުބޫރުވީ ފަހަތުން ޝަފްނާއަށް މީހަކު ގޮވާލި އަޑުއިވިފައެވެ. ފުލުސް ޔުނީފޯމުގައި ތިބި ޓީމެއް ފަހަތުން އައިސް ޝަފްނާއާ އަރާ ހަމަކުރަނީއެވެ. އެމީހުންނަށް ހުރަހަކަށް ވާން ޝަފްނާގެ ޑްރައިވަރު މަސައްކަތް ކުރިއެވެ. އޭނާ އަތުން އިޝާރާތް ކުރުމުން ޑްރައިވަރުވެސް ދެއަތް އުރާލާފައި ޝަފްނާގެ ގާތު މަޑުކޮށްލިއެވެ.
“ކިހިނެއްވީ؟” ޝަފްނާ ސުވާލުކުރިއެވެ.
“އަޅުގަނޑުމެންނާއެކު ފުލުސް އޮފީހަށް ދުރުވެ ވަޑައިގަންނަވާ. ޖިނާއީ މައްސަލައެއްގައި މެޑަމް ބައިވެރިވާ ކަމުގެ މައްސަލަ ހުށައަޅާފައިވާތީ އެކަމާއި ގުޅޭގޮތުން މަޢުލޫމާތު އެއްކުރުމަށް. އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވާ ސްޓޭޝަނަށް ދުރުވެލައްވާ..” އެންމެ ކުރީގައި ހުރި ފުލުސް މީހާ ކޯޓު އަމުރު ނަގާ ޝަފްނާގެ އަތަށް ލައިދިނެވެ. ސާހިލް ހުރީ އެމީހުން ދައްކާވާހަކަތައް އިވޭހާ ކައިރީގައެވެ.
ވަރަށް ފަރުވާތެރިކަމާއެކު އެގަނޑުގައި ވާ އެއްޗެއް ޝަފްނާ ކިޔާލިއެވެ. އެއަށްފަހު އަތް ދަބަހުން އަވި އައިނު ނަގާ ލޯމަތި ފޮރުވާލަމުން އޭނާ ކުރިއަށް ހިނގައިގަތެވެ. ފަހު ފަހަރަށް ސާހިލްއަށް ބަލައިލާފައެވެ. ޝަފްނާ ދިއުމާއެކު ސާހިލްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ހަށިގަނޑު ތެރޭގައިވީ ބޮޑު ބުރައަކުން މިނިވަންވީ ފަދައިންނެވެ. އޭނާ ކުރިއަށް ހިނގައިގަތް އިރު އެމޫނުމަތީ ކާމިޔާބުގެ ހިނިތުންވުމެއްވިއެވެ.
ސުހައިލް އާއި ނަރުސްކުދިން އެ ކޮޓަރިން ނިކުތެވެ. މަންހަލްއާއި ޔަޒްދާން އެކަނިވިއެވެ. ލޯބިވާ އަނބިމީހާގެ އަތުގައި ހިފާލާފައި އޭނާ މަގަތުގައި އިށީނެވެ. ވަރުބަލިކަމާއި މާޔޫސްކަން ވެރިވެފައިވާ މަންހަލްގެ މޫނު ޔަޒްދާންއަށް އަމާޒުވިއެވެ. ދެމީހުން އެކަނިވުމާއެކު ހިތުތެރޭގައި އުފެދެން ފެށި ޝުޢޫރުތައް ހިފެހެއްޓުމަށް ޔަޒްދާން ނުކުޅެދުނެވެ. އަނބިމީހާއަށް ޓަކައި ހިތްވަރު ކުރަމުން އައިސް އެންމެ ފަހުން އެ ނިޔަނެތި ފަރާތާއި ބައްދަލުވިއިރު އޭނާގެ ހަށީގައި އިތުރަށް ހިތްވަރު ކުރާނެ ހިތްވަރެއް ނެތެވެ.
“ޔަޒްދާން.. ބޭބީ..” މަންހަލް ބަނޑުގައި ފިރުމާލިއެވެ. ދަރިފުޅުގެ އިހުސާސް އެ ބަނޑުން ނުވާކަން މަންހަލް ދެނެގަތެވެ. އޭނާގެ ރަޙިމުގައިވީ ހުސްކަމެކެވެ. އޭނާގެ މައިލަގޮނޑިއަށް އެކަން އިހުސާސްވެއެވެ. ޔަޒްދާންގެ ހިމޭންކަމުން މަންހަލް ހިތް ބިރުގަންނަނީއެވެ.
“ޕްލީޒް ޓެލް މީ މައި ބޭބީ އިޒް ލިވިން…” މަންހަލްގެ ދެލޯ ފެންކަޅިވިއެވެ. އޭނާ ނޭފަތް ދަމާލިއެވެ. ޔަޒްދާންގެ މޫނުގައި ދެފަރާތުން ހިފަހައްޓާލާ އޭނާއާ ނަޒަރު ސީދާކުރުވިއެވެ.
“ޔަޒްދާންން..” މަންހަލްގެ އަޑު ފަހަރަކަށްވުރެ ފަހަރެއް ބާރުވިއެވެ. ވާންއުޅޭ ގޮތެއް އޭނާގެ ސިކުނޑިއަށް ނަގައިގަނެވުނަސް އެކަން ގަބޫލުކުރަން އޭނާގެ ޒަމީރު ދެކޮޅު ހަދަނީއެވެ. ޔަޒްދާންގެ ދެލޮލުން ދިލަ ނަގައިގަތެވެ. އޭނާ ދުރުބަލައިލިއެވެ. އަނގައިން މަޑު އާހެއް ބޭރުވިއެވެ.
“އައި ލަވް ޔޫ.. މަންހަލްއާއި ނަޒަރު ސީދާކުރުމެއް ނެތި ޔަޒްދާން ބުނެލިއެވެ. “އައިމް ސޮރީ..”
“ޔަޒްދާން.. ނޫން.. ނޫން..” މަންހަލް ކަރުއެލުވާލިއެވެ. މަޑުމަޑުން ދެއަތް ތިރިކޮށްލިއެވެ. ޔަޒްދާންގެ މޫނަށް ބަލަމުން އޭނާ ދެފަރާތަށް ބޯ ހޫރުވަން ފެށިއެވެ. ތުންފިއްތާލާފައި އޭނާ ގިސްލާފައި ރޯން ފެށިއެވެ. މަންހަލްއާއި އެއްވަރަށް ޔަޒްދާންއަށްވެސް ރޮވިއްޖެއެވެ. މަންހަލް ހިތްހަމަޖައްސައިދޭން ބުނާނެ އެއްޗެއް އޭނާގެ ދުލަކަށް ނައެވެ.
“ޔަޒްދާން ބުނީ އަހަރެން ޕްރޮޓެކްޓު ކޮށްދޭނަމޭ. ދެން ކީއްވެ ބޭބީ އަހަރެމެންނާ ވަކިވެ ދިޔައީ؟ ޔަޒްދާން.. ކީއްވެ އެދަރިފުޅު އަހަރެންނަށް ނުދެއްކީ.. ދުވަސްނުފުރިއަސް މި ހުރިހާ ދުވަހު އެކުއްޖާ އޮތީ އަހަރެންގެ ބަނޑުގަ. އަހަރެންނަށް އެދަރިފުޅުގެ އިހުސާސްވި. ޔަޒްދާން… އައި ވޯޒް ސޯ އެކްޒައިޓެޑް ޓު ބީ އަ މަދަރ..” މަންހަލް އޭނާގެ ހިތުގައި ވީ ޝަކުވާތައް ދުލުން ބޭރުކުރަމުން ދިޔައެވެ. އޭނާ ދެއަތުން ޔަޒްދާންގެ މޭގައި ޖަހަން ފެށިއެވެ. ޔަޒްދާންގެ ގިސްލުމުގެ އަޑު ބާރުވެލިއެވެ. އޭނާ އަމިއްލަ ނަފްސު ކުށްވެރިކުރަން ފެށިއެވެ.
“އައިމް ސޮރީ މަންހަލް.. އައިމް ސޮރީ.. އަހަރެން މަންހަލް އާއި ކައިވެނިކުރި ދުވަހު އަމިއްލަ ނަފްސަށް ވަޢުދުވިން މަންހަލްއަށް އިތުރު އަނިޔާއެއް ލިބުމަށް ފުރުސަތެއް ނުދިނުމަށް. އަމުދުން އަހަރެން ގާތުގައި މަންހަލް ހުރިއްޔާ މަންހަލްގެ ގައިގައި ކޫރުމެއްވެސް އެޅުނަ ނުދޭން އަހަރެން ވަޢުދުވިން. އެކަމަކު މިއަދު މަންހަލްގެ ފުރާނައިގެ އެއްބައި ވަކިވެ ދިޔައިރު އަހަރެންނަށް އެއްވެސް ކަމެއް ނުކޮށްދެވުނު.. އައިމް ސޮރީ މަންނާ.. އަހަންނަށް މާފުކުރޭ.. ދުވަހަކުވެސް އަހަންނަކަށް އަމިއްލަ ނަފްސަށް މަޢާފެއް ނުކުރެވޭނެ..” ރޮމުން ރޮމުން ޔަޒްދާން ބޯ އަޅާލީ މަންހަލްގެ ބަނޑުގައެވެ. ކަރުނަތަކުން ތެމެމުން ދިޔަ މަންހަލްގެ ހޮސްޕިޓަލް ގައުން މަތިން އެތައް ފަހަރަކު ޔަޒްދާން އޭނާގެ ބަނޑުގައި ބޮސްދިނެވެ.
“ޔަޒްދާން.. ޔޫ އާރ ބޭޑް.. ޔަޒްދާންއަށް ޔަޒްދާންގެ ވަޢުދު ފުއްދައެއް ނުދެވުނު..” މަންހަލް އަތުގައި ހުރި ވަރެއް ލާފައި ޔަޒްދާން ކޮޅަށް ނަގަން މަސައްކަތްކުރިއެވެ. “އަހަރެން ވަރިކުރޭ. މިހާރު އަހަރެން ގާތުގައި އަހަރެންގެ ބައްޕަވެސް ދޮންބެމެންވެސް އެބަތިބި. އާއިލާއެއް އެބޮތް. މިހާރު އަހަންނަކީ ވަންނާނެ ގެދޮރު ނެތް ނިކަމެތި މީހެއް ނޫން.. އަހަންނަކީ ކުރީގެ މަންހަލްއެއް ނޫން..” ދުލުން ބޭރުވަމުން ދިޔަ ލަފްޒުތަކުގެ ބަރުދަން މަންހަލްއަކަށް އަންދާޒާކޮށްލާކަށް ނޭނގެއެވެ. ހަށިގަނޑު ލޮޑުގޮތަކަށް ސީދާކޮށްލަމުން ޔަޒްދާން މަންހަލްއަށް ބަލައިލީ ޝަކުވާގެ ނަޒަރުންނެވެ. އެހެނަސް އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މަންހަލް ދުލުން ބޭރުކުރަމުން ދިޔަ ކޮންމެ ބަހަކީ ހަގީގަތެވެ. އެއަށް އިންކާރުކުރެވޭކަށް ނެތެވެ.
“އެންމެ ރަނގަޅު. ތިއީ މަންހަލްގެ އެދުން ވިއްޔާ ތިކަން އަހަރެން ކޮށްދޭނަން. މަންހަލް ފެންނަން ހުންނަންޏާ އަހަންނަށް އަބަދުވެސް އަމިއްލަ ނަފްސު ކުށްވެރި ކުރެވޭނީ.. އަހަންނަށް އަމިއްލަ ނަފްސަށްވީ ވަޢުދެއް ފުއްދައެއް ނުދެވުނު. އެކަމަކު މަންހަލް އެދެފި ކޮންމެ ކަމެއް އަހަރެން ކޮށްދޭނަން.” އިސްޖަހާލި ގޮތަށް ޔަޒްދާންގެ ނަޒަރު މަންހަލްއާ ސީދާއެއް ނުކޮށްލިއެވެ. މަޑުމަޑުން ގާތްވެލާ އޭނާ މަންހަލްގެ ނިތްކުރީގައި ތުންފަތް ޖައްސާލިއެވެ. އެގޮތުގައި އިރުކޮޅަކު ހުރުމަށްފަހު އެ ކޮޓަރިން ނިކުންނަން ހިނގައިގަތީ އިތުރަށް މަންހަލްގެ ކަރުނަތައް ބަލަން ހުންނަން ހިތަށް ކެތްނުވެގެންނެވެ. ޔަޒްދާން ހިގައިގަތުމާއެކު މަންހަލްގެ ރުއިން ގަދަވީއެވެ. ދެބުމަ ކައިރިކޮށް އޭނާ ނުރުހުމުގެ ނަޒަރަކުން ޔަޒްދާން ނިކުމެގެން ދާތަން ބަލަން ހުއްޓެވެ.
ހޮސްޕިޓަލު ކައިރީ ހުރި ފިހާރައަކަށް ޝަޔަމް ވަނީ މަންހަލްގެ ގާތަށް ދާއިރު ހުސްއަތާ ނުދާންވެގެންނެވެ. މޭވާ ހަރުތައް ކައިރިން އޭނާ ބަލަމުން ދިޔައީ ބްލޫބެރީސް ފެނޭތޯއެވެ. އެހަރުގަނޑުގައި ހުރީ އެންމެ ބްލޫބެރީ ތަށްޓެކެވެ. ޝަޔަމް އަވަސްއަވަހަށް އޭތި ނަގަން ހިފާލިއިރު ކައިރީގައި ހުރި ފިރިހެންމީހާވެސް އޭގާ ހިފައިފިއެވެ. ދެމީހުންނަށްވެސް އެކަކު އަނެކަކަށް ބަލައިލެވުނެވެ. އެޒުވާނާ ހުރީ ކަޅުކުލައިގެ އައިނަކުން ދެލޯ ނިވާކޮށްފައެވެ. ހެދުން އެޅުމުގެ ވައްޓަފާޅި އާންމުކޮށް ރާއްޖޭގެ ޒުވާނުން ހެދުން އަޅާގޮތާ ތަފާތެވެ. ހަންގަނޑުގެ ކުލަ އަލިވެފައި ބިޔަބޮޑު ހަށިގަނޑެއް ހުރުމުން އޭނާ ރާއްޖޭގެ މީހެއް ވައްތަރެއް ނުޖަހައައެވެ. ޝަޔަމްގެ މޫނުމައްޗަށް ނުރުހުން ވެރިވީ އެފިރިހެން މީހާ އެތަށްޓައް ދަމާލުމުންނެވެ.
“އެކްސްކިއުޒް މީ. އައި ޓަޗްޑް އިޓް ފަސްޓް.” ރުޅިވެރި ރާގެއްގައި ޝަޔަމްއަށް ބުނެވުނެވެ.
“ސޮރީ އައިމް އިން އަ ހަރީ..” ޒުވާނާ ބުނެލިއެވެ.
“އައި ނީޑް އިޓް. އިޓްސް އާޖެންޓް.” ޝަޔަމް ހުރީ ގޮތްދޫކުރާކަށް ނޫނެވެ.
“ޕްލީޒް..” އާދޭސްކޮށްލިއަސް ޒުވާނާގެ އަޑުގައި ވެސް ހަރުކަށިކަން އެކުލެވިއްޖެއެވެ.
“ކޮން އެއްޗެކޭ ކިޔާކަށް. އަހަރެންނަށް މީތި މާ މުހިންމޭ. ކަލޭ ދޭބަލަ އެހެން ތަނަކުން މި ގަންނަން. އައި ޑޯންޓް ހޭވް ޓައިމް ޓު އާގިއު..” ޝަޔަމްގެ އަޑު ބާރުވެލިއެވެ. ފިހާރަތެރޭގައި އުޅުނު ކުއްޖަކު އަޑު ގަދަވެގެން އެދިމާލަށް އަންނަތަން އެޒުވާނާއަށް ފެނުނެވެ.
ޒުވާނާގެ ސަމާލުކަން އެހެން ދިމައަކަށް އެނބުރުމާއެކު އެ ތަށި ޖަހައިގަނެގެން ޝަޔަމް އަވަހަށް ކައުންޓަރާ ދިމާއަށް ހިނގައިގަތެވެ. ފައިސާ ދެއްކުމަށްފަހު އޭނާ އަވަސްއަވަހަށް ފިހާރައިން ނިކުމެ ހޮސްޕިޓަލަށް ދިއުމަށް މިސްރާބުޖެހިއެވެ.
ޔަޒްދާން ބުނި ކޮޓަރިއަށް އާދެވުނު އިރު ޝަޔަމްއަށް ފެނުނީ ޔަޒްދާން ބޭރަށް ދާތަނެވެ. ސުހައިލް އާއި ސާހިލް ވެސް ޔަޒްދާން ދިޔަ ދިމާއަށް ބަލަން ތިބުމަށްފަހު އެނބުރިލީ މަންހަލްގެ ކައިރިއަށް ވަންނަން ވެގެންނެވެ.
“މި ކޮޓަރި ދޯ.” އެދެމީހުންގެ ނަޒަރު ޝަޔަމްއަށް ހުއްޓުމާއެކު އޭނާ އަވަސްއަވަހަށް ބުނެލިއެވެ. ސާހިލްގެ ލޯ ކުރިމަތިން ސިފަވީ ދެންމެއަކު ފުލުހުން ޝަފްނާ ގެންދިޔަ މަންޒަރެވެ. އެކުއްޖާއަށް އެކަމުގެ ހަބަރެއް ނުވާކަން އެމޫނު މަތިން ހެކިވެއެވެ. ހިޔާލުތަކުގައި ސާހިލް ހުރިއިރު ޝަޔަމް ކުރި ސުވާލަށް ބޯ ޖަހާލީ ސުހައިލްއެވެ.
މަޑުމަޑުން ޓަކި ޖަހާލުމަށްފަހު ދޮރު ހުޅުވާލުމާއެކު ޝަޔަމްއަށް ފެނުނީ މަންހަލްގެ މިލާފައިވީ މޫނެވެ. ޝަޔަމް ފެނުމާއެކު އަނެއްކާވެސް މަންހަލްގެ ބަޑި ފަޅައިގެން ގޮސްފިއެވެ. އަޑުން އަޑުނަގާ އޭނާ ރޯން ފެށިއެވެ. ދެއަތް ފުޅާކޮށްލަމުން އޭނާ އެކުވެރިޔާގެ ގާތުގައި އިށީނދެ އޭނާގެ ގައިގައި ބައްދާލިއެވެ. މަޑުމަޑުން މަންހަލްގެ ބުރަކަށީގައި ފިރުމަން ފެށި ޝަޔަމްއަށްވެސް ރޮވެން ފެށުނީ ޖާވިދުގެ ހަނދާންތައް އާވެފައެވެ. އޭނާ ހިތްވަރުކޮށް ވަރުބަލިވީއެވެ.
“ކީއްވެތަ އެ ދިޔައީ ޔަޒްދާން؟ ޝަޔަމް އައި ހޭޓް ހިމް.. އައި ހޭޓް ހިމް.. ޝަޔޫ.. އަހަރެން މަންމައަކަށް ވާތީ ހާދަ އުފާވިއޭ. އެކަމަކު.. ކީއްވެތަ އަބަދު އަހަރެންނަށް ދެރަގޮތް ވަނީ؟ ކީއްވެތަ އަހަރެން ބޭނުންވާ ގޮތަށް އެއްވެސް ކަމެއް ނުވަނީ؟” ރޮމުން މަންހަލް އޭނާގެ ހިތުގެ ޝަކުވާތައް ބަންޑުންކޮށްލިއެވެ.
“މަންހަލް… ޖާވިދު ނިޔާވީ.. އަހަރެން ދޫކޮށްފަ އޭނާ ދިޔައީ.. އަހަރެން ހަޔާތުގަ ފުރަތަމަ ފަހަރަށް މީހަކު ދެކެ ލޯބިވެވުނީ. އަހަންނަށް ލޯބި ދޭނެ އަހަރެން ބޭނުންވާ މީހަކު ފެނުނީ… ބަޓް ހީ ލެފްޓް މީ..” ޝަޔަމްވެސް އޭނާގެ ހިތުގައިވީ އިހުސާސްތައް ބޭރުކޮށްލިއެވެ. ހައިރާންވެފައި މަންހަލް ޝަޔަމް ދުރުކޮށްލާ އޭނާގެ މޫނަށް ބަލައިލިއެވެ. ދެން އަނެއްކާވެސް ދެމީހުން އެކުގައި ރޯން ފެށީއެވެ.
އެގޮތުގައި އެދެމީހުން އެތަށް އިރަކު ތިއްބެވެ. ދެމީހުން ކަރުނަތައް ފުހެލާ ދުރުވެލީ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއަޑު އިވިފައެވެ. މާބޮނޑިއަކާއި ކުޑަ ކޮތަޅެއް ހިފައިގެން އެތެރެއަށް ބޯ ދިއްކޮށްލީ ޝަޔަމްއަށް ފިހާރައިން ދިމާވި ޒުވާނާއެވެ. ޝަޔަމްއަށް ފުންމައިގެން ތެދުވެވުނެވެ.
“ޔޫ.. މިތާވެސްތަ؟ ހަމަ މިހާރު ނިކުމޭ.. ރަނގަޅަށް ބަލާފަ ރޫމްއަށް ވަދެބަލަ..” އަތުގައި އޮތް ދަބަސް ހިފައިގެން ޝަޔަމް ޒުވާނާއާއި ދިމާއަށް ދިޔައެވެ. އެދަބަހުން ޒުވާނާގެ މޭގައި ޖަހާލިއެވެ.
“ނޫން. އަހަރެން މިއައީ ރަނގަޅު ރޫމްއަށް.. ތިކުއްޖާ ތިއުޅެނީ ނުބައި ރޫމްގަހެން ހީވަނީ..” އެ ޒުވާނާ ފަހަތަށް ފިޔަވަޅެއް އަޅާލާ ކޮޓަރީގެ ނަންބަރު ބަލައިލިއެވެ. އަދި ކައިރީގައި ތިބި ސާހިލް އާއި ސުހައިލްގެ މޫނަށް ބަލައިލާ ކިހިނެއްހޭ މިވަނީ އަހާލާފަދަ ގޮތަކަށް ބޯ ހޫރުވާލިއެވެ.
“ނޫން އަހަރުން މިހިރީ ހަމަ ރަނގަޅު ރޫމްގަ..” ޝަޔަމް އިތުރަށް ވާހަކަދައްކަން އުޅުނެވެ. އެހެނަސް އޭނާއަށް ހުރަސް އެޅީ ސާހިލްއެވެ.
“ޝަޔަމް..” ސާހިލް ގޮވާލިއެވެ. ހުއްޓާލާށޭ ބުނާފަދަ ގޮތަކަށެވެ.
“ދޮންބޭ..” ފަހަތުން މަންހަލްގެ އަޑު އިވުނެވެ. ޝަޔަމް ކޮޓަރީގެ ދޮރުމަތިން އެއްފަރާތްވެލުމާއެކު އެޒުވާނާ އާއި ސާހިލްގެ އިތުރުން ސުހައިލްއާއި ހަމްދާން ވެސް ވަނެވެ. އަނެއްކާވެސް މަންހަލް ރޯން ފެށީއެވެ. އަހަރުތަކެއް ފަހުން އެއްބަނޑު އެއްބަފާ ބޭބެއާއި މަންމަ ފަރާތު ބޮޑުބޭބެ ފެނުމުންނެވެ.
ޔަޒްދާން މާލޭގެ މަގުތަކުގައި ހިނގަމުން ދިޔައެވެ. ދާންވީ މިސްރާބު އޭނާއަށް އެނގެއެވެ. ހިތާއި ސިކުނޑި ވަރުގަދަ ހަނގުރާމައެއް ކުރަނީއެވެ. އެނބުރި މަންހަލްގެ ގާތަށް ދާން އޭނާ ބޭނުންވެއެވެ. މަންހަލްގެ މާފު ލިބެންދެން މާފަށް އެދެން ބޭނުންވެއެވެ. އެހެނަސް އޭނާގެ ފިޔަވަޅު އަޅަނީ ކުރިއަށެވެ. ފެމިލީ ކޯޓު ދޮރު މަތީގައި ހުއްޓިލަމުން ޔަޒްދާން އިސް އުފުލާލިއެވެ. ފުން ނޭވާއެއް ލާފައި އޭނާ އެތެރެއަށް ވަދެ ކައުންޓަރު ކައިރީގައި ހުއްޓިލިއެވެ. މަޑު ތުރުތުރެއް އުފެދިފައިވީ އަތުން ފޯމު ނަގާ ކައުންޓަރުގައި ބާއްވާލިއެވެ.
-ނުނިމޭ-
One Comment
Comments are closed.




Whatttttttttt?!!!!
No no please don’t do it 😭
No Divorce pleass
Wow I think shayam and manhal brother is good for each other like best
And finally shafna goes 😭
This is very nice part
Can’t wait for next part
When next part??
Love you 🥰