Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންސާފް (ސަޔާޅީސްވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
July 11, 2026 10 Mins Read
1 Comment

“ސްޓޮޕް ބްލޭމިން ޔުއަސެލްފް. ޕްލީޒް. ބޭނުން މަންމައަކާ ބައްޕައެއް ޗޫޒް ކުރުމަކީ އަހަރުމެންގެ އަތްމަތީގައި އޮތް ކަމެއް ނޫން-” ޖާވިދު ވާހަކަކުރިއަށް ގެންދަން އުޅިފައިވެސް މަޑުޖެހިލިއެވެ. މީހެއްގެ ހިލަމެއްވިހެން ހީވެ އޭނާ ސިޑި ހުރި ދިމާއަށް ބަލައިލިއެވެ. ފަރުވާތެރިވެލުމާއެކު ބޫޓަކުން ‘ޓޮއް’ކަނޑަމުން މީހަކު ސިޑިން އަރަނީކަން ޖާވިދުއަށް ޔަގީންވެއްޖެއެވެ. އޭނާ ޝަޔަމް ގޮވައިގެން ގޮސް ވަނީ އެތާހުރި ސިމެންތި ބަސްތާތަކެއް ބިއްދަށަށެވެ. ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލާފައި އޭނާ ޝަޔަމްއަށް ހިމޭންވުމަށް އިޝާރާތްކުރިއެވެ.

“ޖާވިދު.. ޝަޔަމް..” އެމީހެއްގެ އަޑު ޖެހުމާއެކު ޝަޔަމްއާއި ޖާވިދުއަށް ވެސް ދެލޯ ބޮޑުކޮށްލަމުން އެކަކު އަނެކަކަށް ބަލައިލެވުނެވެ.

“މަންމަ.” ޝަޔަމްއަށް ބުނެވުނެވެ.

ފިޔަވަޅުތަކުގެ އަޑު ކައިރިވަމުން އައިސް އެއަޑުގެ ވެރިޔާ އެދެމީހުންގެ ކުރިމަތީގައި ހުއްޓިލިއެވެ. ޝަޔަމްއާއި ޖާވިދު ދުރަށް ޖެހިލީ ޝަފްނާ އައިސް އެދެމީހުންނަށް ބަލައިލުމުންނެވެ. ޝަފްނާގެ ނަޒަރު ހުއްޓިފައި ހުރީ ޖާވިދުއަށެވެ. ޝަޔަމް ޖާވިދުގެ ކުރިމައްޗަށް އެރީ އެބެލުމުން އޭނާގެ ހިތަށް ނުބައި ގޮތެއް ވެލީމައެވެ.

“ޖާވިދު. ހަނދާންވޭތަ ކޮންޓްރެކްޓް މަތިން؟ ޖާވިދު ހަނދާން ނެތަސް އަހަރެން ހަނދާން އެބަހުރި..” ޝަފްނާގެ ބެލުމުގައިވީ އަސަރުތައް ދެނެގަންނަން ޝަޔަމްއަށް އުނދަގޫވިއެވެ. އޭނާ ޖާވިދުއަށް ބަލައިލިއެވެ.

ދެލޮލުގެ ކުރިމަތިން ހުދުކުލައިގެ ގަނޑުގައި ކަޅުކުލައިގެ ދެލިން ލިޔެވިފައިވީ ޝަރުތުތަކެއް ޖާވިދުއަށް ސިފަވިއެވެ. ހިތްނުތަނަވަސްވީ ވަރުން އޭނާ ހިންދިރުވާލިއެވެ. މަޑުމަޑުން އޭނާ ޝަޔަމްއާއި ގާތްވެލިއެވެ.

“މަންމާ. ސްޓޮޕް އިޓް!” ޝަޔަމް ނުރުހުންވެފައި ބުނެލިއެވެ.

“އަހަރެން އައީ ޝަޔަމް އާއި ވާހަކަދައްކާކަށް ނޫން.” ޝަފްނާގެ މޫނުމަތީގެ ކުލަވަރު އޭނާގެ އެބަސް ތެދުކުރެއެވެ. މަންމަގެ އެފަދަ ދުރުކަމަށް ޝަޔަމް އާދަވެފައިވިއަސް އޭގެން ކޮންމެ ފަހަރަކުވެސް އޭނާގެ މޭ ތޮރުފާލާފަދަ ރިހުމެއް އުފެދެއެވެ.

ވަގުތުގެ ބޭނުންހިފާ ޖާވިދު އަނެއްކާވެސް ޝަޔަމްއާއި ގާތްވެލިއެވެ. އޭނާގެ އަތް ހަރަކާތްކުރީ ޖިންސުގެ ޖީބަށެވެ. މީހަކަށް ފާހަގަނުވާނެހެން އޭނާ ޖީބުން އެއްޗެއް ނެގިއެވެ. ހަމައެހާމެ ސިއްރުން ޝަޔަމް އަޅުވައިގެން ހުރި ބެކްޕެކްގެ ޒިބު ހުޅުވާލާ އޭނާގެ އަތުގެ ތެރޭގައި އޮތް އެތި ޝަޔަމްގެ ދަބަހަށް ވައްޓާލިއެވެ.

“ޝަޔަމް މިތަނުން ފޮނުވާލާ..” ޖާވިދު ކުރިއަށް ޖެހިލާ ކަރުކެހިލިއެވެ.

“ނުދާނަން.. އަހަރެން ކުރިމަތީގައި ތިކުރާ ހުރިހާ ކަމެއް ކުރޭ.. ދައްކާވާހަކައެއް ދައްކާ.” ޝަޔަމް ހަޅެއްލަވައިގަތެވެ.

ޝަފްނާ މަޑުމަޑުން ކުރިއަށް ފިޔަވަޅު އަޅަން ފެށިއެވެ. ޝަޔަމް ދެއަތް ދެއަތާ މޮޑެލިއެވެ. ޖާވިދު އާއި ޝަފްނާގެ މޫނުމަތީގައިވީ އަސަރުތައް ދެނެގަންނަން އޭނާ މަސައްކަތް ކުރިއެވެ.

“މަންމާ. މަންމާ ޕްލީޒް.. ސްޓޮޕް…” ޝަޔަމް ދެލޮލަށް ކަރުނަ ޖަމާވިއެވެ. ވާންއުޅޭ ގޮތެއް އޭނާގެ ސިކުނޑިއަށް ނަގައިގަންނަން އުނދަގޫވެ އޭނާ ހާސްވިއެވެ.

“ޝަޔަމްއަކަށް ނޭނގޭތަ؟ ޝަޔަމް ކައިވެނި ކުރަން ބަލަން ޖެހޭނީ ޝަޔަމްއާއި އެއްފެންވަރެއްގެ މީހުންނަށް. މާލޭގެ އެންމެ ނިކަމެތިންނެއް ނޫން. ޝަޔަމް ހީކުރީ ޝަޔަމް އުޅޭނޫޅޭ ގޮތް އަހަރެން ނުބަލާ ކަމަށްތަ؟” ފުރަތަމަ ފަހަރަށް ޝަފްނާގެ ނަޒަރު ޝަޔަމްއަށް ދަތުރުކުރިއެވެ.

“މަންމާ.. ޕްލީޒް.. އަހަރެން ޖާވިދު ދެކެ ލޯބިވެއޭ.. މަންމާ..” ޝަޔަމްގެ އަޑު ބެދުނެވެ.

“އަހަރެންނަށް މަސައްކަތްކޮށްދޭ އެއްވެސް މީހަކަށް އަހަރެންގެ ދަރިއާ ލޯބީގެ ގުޅުމެއް ނުބޭއްވޭނެ..” ޝަފްނާ ޖާވިދުއަށް ބަލައިލިއެވެ. އޭނާގެ މޫނުމަތީގައި ޒާތެއްގެ ހިނިތުންވުމެއް ވިއެވެ. “ޖާވިދުއަށް އެކަން އެނގޭނެ.”

ޝަޔަމްވަނީ ޖާވިދުއާއި ޝަފްނާގެ މެދަށެވެ. އޭނާ ޖާވިދުގެ އަތަށް ދަމާލިއެވެ.

“ހިނގާ މިތަނުން ދާން. ޕްލީޒް.” ޝަޔަމް ޖާވިދުއަށް ބަލައިލީ އާދޭހުގެ ނަޒަރަކުންނެވެ.

“ޝަޔަމް. އަހަންނަށް ކަމެއް ކޮށްދެންޏާ އަހަރެންގެ މަންމަ ބަލައިދޭތި..” ޖާވިދުގެ ބުންޏެވެ.

“ޖާވިދު. ތިހެން ވާހަކަނުދައްކަބަލަ. އަހަރެން ދޫކޮށްފަ ދާން އުޅޭގޮތަށް ވާހަކަ ނުދައްކަބަލަ. މަންމާ.. އެންމެން ވާހަކަދައްކައިގެން ގޮތެއް ނިންމަން ހިނގާބަލަ. މަންމާ. ހިނގާ ތިރިއަށް ދާން. މިތަނުން ދާން ހިނގާބަލަ މަންމާ..” ޝަފްނާއާއި ޖާވިދު ފަހަރަކަށް ވުރެ ފަހަރެއް އެތަނުގެ އެއްފަރާތަކަށް ޖެހެމުން ދިޔައެވެ. ތިރީގައި އަތުރާފައި ހުރި އެޅިގާތައް ޝަޔަމްއަށް ފެނެއެވެ. މާތީގައި ހުއްޓާ ވެއްޓިއްޖެއްޔާ އެގާތަކުގައި ޖެހޭނެއެވެ. ޝަޔަމްގެ މޫނުމަތިން އޮށްދާ ހިއްލަން ފެށިއެވެ. ޖާވިދު ހީވަނީ މަރުވުމަށް ކެތްމަދުވެފައި ހުރި މީހެއް ހެންނެވެ. އެތަނުން ދުރަށްދާ ހިޔާލެއް އޭނާ ނުކުރިއެވެ. ނޫނީ އަމިއްލަ ނަފްސު ދިފާއު ކުރެވޭނެކަމުގެ ޔަގީންކަން އޭނާގެ އޮތީއެވެ.

ކުއްލިއަކަށް ބިޔަ ދެފިރިހެނުން އެތަނަށް އައެވެ. ޖާވިދު ނުވިސްނާ ހުއްޓާ އޭނާގެ ދެފަރާތުން ހިފަހައްޓާލިއެވެ. ޝަޔަމް ދެލޯ ފުސްވިއެވެ. ހިތުގެ ތެޅުން އަވަސްވިއެވެ. ނޭވާ އަވަސްވިއެވެ. ހިންދިރުވަން އުޅި އޭނާއަކަށް އެކަމެއް ނުވިއެވެ. ބާރު ހަޅޭކެއްގެ އަޑުއިވުނެވެ. ޝަޔަމްވެސް ހަޅެއް ލަވައިގަތެވެ. އޭނާ އެނބުރުނެވެ. ސިޑިއާއި ދިމާއަށް ދުއްވައިގަތެވެ.

“ޖާ.. ޖާ.. ޖާވް..” ބިރުގަނެފައި ހުރިވަރުން ޝަޔަމްއަށް ވާހަކައެއް ނުދެއްކެއެވެ. އެންމެ ތިރިއަށް ފައިބާ އޭނާ ވަށައިގެން ބަލައިލިއެވެ. ޖާވިދު އެއޮތީ ބިންމަތީގައެވެ. ޝަޔަމް އެދިމާއަށް ދިޔައެވެ. ޖާވިދުގެ ބޮލުން ހޯސްލާފައި ލޭ ފައިބަނީއެވެ. އޭނާގެ ދެލޯ އޮތީ ބޮޑުވެފައެވެ. ޝަޔަމް ބިންމަތީގައި އިށީނދެ ޖާވިދުގެ ބޯ ހިއްލާލާ އޭނާގެ އުގުގައި ބޭއްވިއެވެ.

“ޕްލީޒް. ނޯ.. އައި ލަވް ޔޫ.. އަހަރެން ދޫކޮށްފަ ނުދޭބަލަ. ޖާ.. ޖޭމާ. ޕްލީޒް. ތިއީ އަހަރެންގެ ފަސްޓް ލަވް. މިގުޅަނީ.. އެމްބިއުލަންސް.. ޔޫ ކާންޓް ލީވް މީ..” ތުރުތުރު އަޅަމުން ދިޔަ އަތުން ޝަޔަމް ޖާވިދުގެ މޫނުމަތީގައި ފިރުމިއެވެ. އޭނާގެ ދެއަތް ފިނިވެ ގަނޑުފެންފޮދެއް ފަދައެވެ.

“އައި ލަވް ޔޫ ޓޫ..” ހިނިތުންވަމުން ޖާވިދު ބުނެލިއެވެ. އޭނާގެ ނޭވާތައް އިހުނަށްވުރެ ފުންވަމުން ދިޔައެވެ. އޭނާގެ އަތް ޝަޔަމްގެ އަތާ މަހާލިއެވެ. ޝަހާދަތުގެ ދެކަލިމަ ކިޔުމަށް އޭނާ މަސައްކަތް ކުރަމުން ދިޔައެވެ.

މަތީގައި އުޅުނު ފިރިހެނަކު އައިސް ޝަޔަމްގެ ކޮނޑުގައި ހިފާ ފަހަތަށް ދަމާލިއެވެ. ގަދަހެދިއަސް ފަހަރަކަށް ވުރެ ފަހަރެއް އޭނާ ޖާވިދުއާއި ދުރަށް ގެންދަމުން ދިޔައެވެ.

ކާރުތެރޭ އިން އިރު ޝަޔަމްއަށް އިވެނީ ބޮލަށް އުނދަގޫވާ ފަދަ ‘ޒޫމް’ އަޑެކެވެ. ލޮލު ކުރިމަތިން އިރުކޮޅުކޮޅުން ސިފަވަމުން ދިޔައީ ހުދުކުލައިގެ އަތުކުރި ގަޑިއެއް އަޅައިގެން ހުރި އަންހެނެއްގެ އަތެވެ. އެއަތުން ޖާވިދުގެ މޭގައި އަޅާ ކޮށްޕާލި ތަނެވެ. ހަރަކާތެއް ނެތިފައި ޝަޔަމް އިނެވެ. އޭނާއަށް ހޭވެރިކަމެއް ވީ ޝަފްނާ އޭނާގެ ކޮނޑުގައި ހިފާ ތަޅުވާލުމުންނެވެ. އޭރު އެމީހުންނަށް އާދެވިފައި ތިބީ ޝަފްނާގެ ގެއަށެވެ.

“ތިހެދުން ބަދަލުކޮށްގެން ނިކުމޭ. އެއަށްފަހު ޝަޔަމް ބޭނުން ތާކާށްދޭ. އަހަރެން ޝަޔަމްއެއް ނުހިފަހައްޓާނަން.” ފަރުވާ ކުޑަގޮތަކަށް ޝަޔަމް އަށް ބަލައިލުމަށްފަހު ޝަފްނާ ބުންޏެވެ. ދެކޮޅު ހެދުމެއް ނެތި ޝަޔަމް ކާރުން ފޭބިއެވެ. އޭނާ ހީކުރީ މަންމަވެސް އަންނާނެކަމަށެވެ. އެހެނަސް ޝަޔަމް ކާރުން ފޭބުމާއެކު ޝަފްނާގެ ކާރު ދުއްވާލައިފިއެވެ. އެކާރު ގޭޓުން ނިކުންނަންދެން ބަލަން ހުރުމަށް ފަހު ޝަޔަމް އަވަސް އަވަހަށް ގެއަށް ވަނެވެ. ހެދުން ބަދަލުކޮށް މޫނު ދޮވެލައިގެން އޭނާ ގެއިން ނިކުތެވެ. މަގުމަތިން ޓެކްސީއެއް ހުއްޓުވައިގެން ޝަޔަމް ދިޔައީ ޖާވިދުގެ ގެއަށެވެ.

އެ ގެ ހުންނަ ގޯޅިތެރެއަށް ކާރަށް ވަދެވޭ ގޮތެއް ނުވިއެވެ. ވަކި ހިސާބަކުން އޮތީ ޓްރެފިކުގައި ޖެހިފައެވެ. ޓެކްސީއަށް ފައިސާ ދައްކާފައި ޝަޔަމް ފޭބިއެވެ. ކުޑަ ތަންކޮޅެއް ހިނގާލާފައި ޖާވދުގެ ގެ ހުންނަ މަގަށް އެޅިއިރު އެގޭ ދޮރުމަތީގައި އެމްބިއުލާންސް އޮތްތަން ފެނުނެވެ. ޝަޔަމްގެ ފިޔަވަޅުތައް އަވަސްކޮށްލިއެވެ. ސްޓްރެޗަރ އަކަށް ލައިގެން އެގޭތެރެއިން މީހަކު ނެރެން ފެށިއެވެ. ނަރުސްކުދިންގެ ފަހަތުން ގޭގައި ގެންގުޅޭ ބިދޭސީ މީހާ ނިކުތެވެ. ދުވެފައި ގޮސް ޝަޔަމް އެމީހުންނާއި އެއްވަރު ކުރިއެވެ.

“ޖާވިދު ނާންނަނީ މޭމް ތެރަޕީ އިން ބަލާ. ހޮސްޕިޓަލުން ގުޅީމަ އަހަރެން ދަނީ މޭމް ބަލާ. ފަހުން މޭމް ބަލިވަނީ. މެއަށް ތަދުވަނީ..” ބިދޭސީ ކުއްޖާ ވާހަކަދެއްކިއެވެ. ޝަޔަމް އޭނާގެ ކޮނޑުގައި ޖަހާލާފައި ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ބުނެލިއެވެ.

ބަލިމީހާގެ އެހީތެރިޔަކަށް ޝަޔަމް އެމްބިއުލާންސަށް އެރިއެވެ. އަސްމާގެ މޫނުމަތިން ވަރުބަލިކަން ފެންނަމުން ދިޔައެވެ. އޮކްސިޖަން މާސްކުގެ އެހީގައި ނޭވަލަމުން ދިޔައިރު އެނޭވާތައް ކުރިވެފައި ފުންކަން ޝަޔަމްއަށް ފާހަގަކުރެވުނެވެ. މަޑުމަޑުން ޝަޔަމް އަސްމާގެ އަތުގައި ހިފާލާ އެއަތަށް ބާރުކޮށްލިއެވެ. އެއާއެކު އަސްމާ ދެލޯ ހުޅުވާލާ ބަލިގޮތަކަށް ޝަޔަމް އަށް ބަލައިލިއެވެ.

“ދަރިފުޅާ…” އެދެލޮލުން މައިކުލުނު ޝަޔަމްއަށް ފެނުނެވެ. ޝަޔަމްގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. އަރުތެރެ ބެދި ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ.

“ޖާވިދު ބައްދަލުކުރަން ގެންނަ ވާހަކަ ބުނި..” އަސްމާއަށް ވާހަކަ ދެއްކެނީ ހުއްޓަ ހުއްޓައިގެންނެވެ. ޝަޔަމްއަށް ދެލޯ މަރާލެވުނެވެ. އެ މަންމަ އެހާލުގައި އޮއްވާ ޖާވިދުގެ ވާހަކަ އެ މަންމަ ގާތު ޝަޔަމް ބުނާނީ ކިހިނެއް ހެއްޔެވެ؟

“މަންމަ.. ވަރަށް ބޭނުން ދެކުދިން އެކުގައި އުޅޭ ދުވަސްތައް ދެކެން. އެ ދަރިފުޅު މީހަކާ އިންނަ ދުވަސްދެކެން..” ކެތްތެރިކަމާއި އެކު ޝަޔަމް އެވާހަކަތައް އަޑުއެހިއެވެ. ކިޔާ އެއްޗެހި ދޭހަކުރަން އުނދަގޫވިއަސް އޭނާ ކަނުލާ އަޑުއެހިއެވެ.

“މަ..މަންމާ..” ޝަޔަމްއަށް ގޮވާލެވުނެވެ. އެދެލޮލަށް ކަރުނަ ޖަމާވިއެވެ. ބަނޑުއަޅާ ވިހޭ މައިމީހާގެ ފުށުން ނުލިބުނު ލޯބި އޭނާގެ ވާންއުޅޭ ފިރިމީހާގެ މަންމަގެ ކިބައިން ލިބެން އޭނާ ބޭނުމެވެ. އަސްމާ ޝަޔަމްގެ މޫނާއި ދިމާއަށް އަތް ހިއްލާލުމާއެކު ޝަޔަމް ގުދުވެލިއެވެ. އަސްމާގެ އަތްޖެހޭނެހާ ގާތަށެވެ.

ހޮސްޕިޓަލަށް ވަދެވުމާއެކު އަސްމާ ގެންދިޔައީ އަވަސް ފަރުވާދޭ ބަޔަށެވެ. އެތަނުގައި ޝަޔަމް ގަޑިއިރެއް ހާއިރު އިންތިޒާރުގައި އިނެވެ. ޖާވިދުގެ ހާލެއް ބެލުމަށް އޭނާގެ ކެތްތެރިކަން ކޮޅުން ލިއެވެ. އެހީއަކަށް އެދި އޭނާ ގުޅާނީވެސް ކާކަށް ހެއްޔެވެ؟ ޑޮކްޓަރު ނިކުތްތަން ފެނުމާއެކު ޝަޔަމް އަވަސް އަވަހަށް ޑޮކްޓަރުގެ ގާތަށް ދިޔައެވެ. އެމޫނުމަތިން ޝަޔަމްއަށް އުންމީދުގެ ކުލަވަރެއް ނުފެނުނެވެ.

“ސޮރީ ވީ ޑިޑް އަވާރ ބެސްޓް. ޕޭޝަންޓް ސަލާމަތެއް ނުކުރެވުނު..” އިސާހިތަކު ޝަޔަމްގެ ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. އޭނާ ނުރޯންވެގެން ތުން ފިއްތާލިއެވެ. އެހެނަސް އެހުރިހާ އިރު އޭނާ އެތެރެއަށް ހިންދަމުން ދިޔަ ކަރުނަތައް ހޯސްލާފައި ލޮލުން ފައިބައިގަތެވެ. ދެލޯ ފުހެމުން ޝަޔަމް ދިޔައީ ފާހަނައާއި ދިމާއަށެވެ.  ފާހާނާތަށިމަތީގައި އިށީނދެ އެތައް އިރެއްވަންދެން އޭނާ ރޯން އިނެވެ. އޭނާގެ ހިތް ކުދިކުދިވަނީއެވެ. އޭނާ ހިތްވަރުގަދަ މީހަކަށްވެ ވަރުބަލިވެއްޖެއެވެ. ބައްޕައާއި މަންމައާއި ދޭތެރޭ ދެކޮޅަށް ދެކޮޅަށް ހިނގާ ހިނގާ ލޮޑުވެއްޖެއެވެ. އިރުކޮޅު ކޮޅުން ދިރިއުޅުން ކުޑަ ފޮށްޓަކަށް އަޅައިގެން ގެންދަން އޭނާގެ ހިތްވަރެއް ނެތެވެ. ޝަޔަމް ދުނިޔޭގައި ބޭނުންވީ އެންމެ ކަމެކެވެ. ލޯބިވާ ފަރާތާއެކު ހިތްހަމަޖެހޭ އަމާން ދިރިއުޅުމެކެވެ. އެހެނަސް އެދުވަސް އަންނަ ވަގުތު ނުޖެހެއޭ މުޅި ކައުނު ޝަޔަމް ގާތު ބުނާ ކަހަލައެވެ. އޭނާގެ ހުވަފެންތައް ބަޔަކު ވިއްސިވިހާލި ކޮށްލައިފިއެވެ. ލޯބިވުމަކީ ހަމަ ހަގީގަތުގައި ވެސް ކުށަކީ ހެއްޔެވެ؟

އައިސީޔޫގެ ބޭރުގައި ޔަޒްދާން އިށީނދެލައިގެން އިނެވެ. ދުނިޔެއަށް އުފަންނުވަނީސް ވަކިވެ ދިޔަ ތުއްތު ދަރިފުޅުގެ ހަނދާނުގައެވެ. ޔަޒްދާންގެ ދެއަތުން އެމަސްގަނޑު ވަޅަށް ތިރިކުރެވުނު މަންޒަރު ހިތުގައި ބިންވަޅު ނެގިފައިވިއެވެ. މަންހަލްއަށް ހޭވެރިކަމެއް ވުމުން އޭނާއަށް ލިބޭނެ ހިތްދަތިކަން ހިތަށް އަރާފައި ޔަޒްދާންގެ ހިތް ފިތިގެންދެއެވެ. ސާހިލްއާއި ސުހައިލްވީ މެންދުރު ނަމާދަށް ދިޔަގޮތަށް ބޭރުގައެވެ. ފައުޒާންއާއި އައިޒިން ސޭންޑްވިޗަކާއި ޖޫސް ޕެކެޓެއް ހިފައިގެން އައިސް ޔަޒްދާންގެ ގާތުގައި އިށީނެވެ.

“ފުރަން މިދަނީ ތިނެއް ޖަހާއިރުގަ. ޒަކާ އުޅެނީ ބަނޑަށް ތަދުވާތީ..” އައިޒިން އަތުގައި އޮތް ސޭންޑްވިޗް ދިއްކޮށްލަމުން ބުނެލިއެވެ. ޔަޒްދާން އައިޒިންއަށް ބަލައިލުމަށްފަހު ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

“ޝުކުރިއްޔާ..” އައިޒިންގެ ކޮނޑުގައި ޖަހާލާފައި ޔަޒްދާން ބުނެލިއެވެ.

“ހިތްވަރުކުރާތި.. ފަހަރިއަށް އަޅާލާތި. ކަމެއް ބޭނުމިއްޔާވެސް ގުޅާތި..” ފައުޒާން ބުނެލިއެވެ.

“ގުޅާނަން. ތިދެމީހުން ނޫން ދެން ކޮންބަޔަކަށް އަހަރެން ގުޅާނީ..” ޔަޒްދާން ބުޏްނެވެ.

“ބައި ދަ ވޭ، އަފްރާ ހުރީ ޕޮލިހުގަ. ހުރިހާ ހަބަރުތަކެއްގަ އޮތީ އޭނާގެ ވާހަކަ..” ދިއުމުގެ ކުރިން ފައުޒާން ބުނެލިއެވެ.

ފައުޒާންއާއި އައިޒިން ތެދުވިއެވެ. ޔަޒްދާންގެ ބުރަކަށީގައި ޖަހާލާފައި އެދެމީހުން ނިކުމެގެން ދިޔައީއެވެ.

އަސުރު ނަމާދުން ފައިބައިގެން މީހުންތައް މިސްކިތުން ފައިބަނީއެވެ. އެހެންވެ ސަހަރާތެރޭ އެވަގުތު މީހުން ގިނަވެފައި ވިއެވެ. ޝަޔަމް އަތުގެ ތެރޭގައި އަސްމާގެ އަތްތިލަ އޮތެވެ. އޭނާ އޮތީ އެއަތްތިލައިގައި ބޯ އަޅާލައިގެންނެވެ. ފެންނަފެނުމަށް ޝަޔަމް ރަނގަޅެވެ. އޭނާ ދެރަވެގެން ނުއެއް ރޮއެވެ. އަސްމާގެ ގާތުގައި އޭނާގެ ކޮއްކޮއެއް ހުއްޓެވެ. ދުނިޔޭގައި ހުރި ދުވަހު އަޅާނުލެވުނު ކަމަށް ޓަކައި އޭނާ ދައްތަގެ ކިބައިން މާފަށް އެދެނީއެވެ. އޭނާގެ ގާތުގައި އޭނާގެ ދެކުދިން މަންމަގެ ހިތާމަތައް ފިލުވައިދެވޭތޯ މަސައްކަތްކުރަނީއެވެ. ޝަޔަމް ގޮނޑީގައި އިނދެފައި ފަހަތަށް އެނބުރިލިއެވެ. ވަރަށް ކުޑަކޮށެވެ. ޖެހިގެން އޮތް އަށިމަތީގައި އޮތް މީހާގެ މޫނު ކިރިޔާ ފެންނަ ވަރަށެވެ. އޭނާގެ ކައިރީގައި ފިރިހެނެއް ހުއްޓެވެ. ޝަޔަމްގެ ނޭވާތައް އަވަސްވިއެވެ. އޭނާ މޭގައި އަތް ޖައްސާލާފައި އަވަހަށް މޫނު އަނބުރާލިއެވެ. އަތް ތުރުތުރު އަޅާހާލު އޭނާ އަތްދަބަސް ހުޅުވާލާ ފޯނު ނެގިއެވެ. ބައްޕަގެ ޗެޓަށް ވަދެ އޭނާ ބައްޕައަށް ލޮކޭޝަން ފޮނުވާލިއެވެ.

ވިއްސަކަށް މިނެޓު ނުވަނީސް ހާސްވެ ހުރެ އަޒީމް ހިނަވާގޭ ތެރެއަށް ވަދެގެން އައެވެ. ފުރަގަހުން ޝަޔަމްގެ ދަބަސް ފެނުމާއެކު އޭނާ އަވަހަށް އެދިމާލަށް ދިޔައެވެ.

“ޝަޔަމް ދަރިފުޅާ..” ޝަޔަމްގެ ބުރަކަށީގައި ފިރުމާލާފައި އަޒީމް މަޑުމަޑުން ބުނެލިއެވެ. ބަހެއް ނުބުނެ ޝަޔަމް ބައްޕަގެ މޫނަށް ބަލައިލީއެވެ.

“ކީއްވެތަ ބައްޕަ ގުޅީމަ ފޯނު ނުނަގަނީ؟ މިކަހަލަ ކަމެއް ވެގެން އުޅޭއިރު ބައްޕައަށް ހަބަރުވާން ވާނެއް ނޫންތަ؟ ކޮބާ ޖާވިދު؟” އަޒީމް ހަމައެކަނި ޝަޔަމްއަށް އަޑުއިވޭ ވަރަށް ބުނެލިއެވެ.

ޝަޔަމް ފަހަތް ބަލައިލިއެވެ. ޝަޔަމްގެ ނަޒަރު ދިޔަ ދިމާލަށް އަޒީމްގެ ނަޒަރުވެސް ދިޔައެވެ. އަށިމަތީގައި ހިނަވާފައި އޮތް ފިރިހެން މީހާ ފެނުމާއެކު އަޒީމް ދިޔައީ ސިއްސައިގެންނެވެ. އޭނާގެ ދެލޯ ބޮޑުވެއްޖެއެވެ. އެއީ ޖާވިދުނޫން އެހެންމީހެއް ނޫނެވެ. ޝަޔަމްއަށް އޭނާ ބަލައިލީ ހަމްދަރުދީގެ ނަޒަރަކުންނެވެ.

“ދަރިފުޅާ..” އަޒީމް ޝަޔަމްގެ ބޮލުގައި ފިރުމާލިއެވެ.

“ހިތްވަރުކުރޭ..” ބުނާނެ އިތުރު އެއްޗެއް އަޒީމްގެ ދުލަކަށް ނައެވެ.

“ކޮންއިރަކުން ކަށުނަމާދު އޮތީ؟” އަޒީމް ސުވާލުކުރިއެވެ. ޝަޔަމްގެ ފަރާތުން އޭނާއަށް ޖަވާބެއް ނުލިބުނެވެ. ޖާވިދުގެ ކައިރީހުރި ފިރިހެން މީހާ އަޒީމްގެ ގާތަށް އައެވެ.

“އިޝާ ފަހުން.” އޭނާ އަޒީމްގެ ގާތު ބުނެލިއެވެ.

“ދަރިފުޅާ.. ހިނގާބަލަ ބައްޕައާއެކު ބޭރަށް.. ޝަޔަމް.. ކުޑައިރުކޮޅަކަށޭ.. އިރުކޮޅަކުން އަންނާނީއޭ.. ދަރިފުޅާ.. ޝަޔަމް ދަރިފުޅު..” އަޒީމް ކެތްތެރިވިއެވެ. ޝަޔަމް ދެފަރާތަށް ބޯ ހޫރުވާލީއެވެ.

ދަރިފުޅުގެ ކިބައިން ފެނުނު ހަމަހިމޭންކަން އަޒީމްގެ ހިތަށް އުނދަގޫ ކުރިއެވެ. އޭނާ ހަތިޔާރު ބެހެއްޓިއެވެ. ބޭރަށް ގޮސްފައި ފެންފުޅިއެއް ގަނެގެން އޭނާ އެނބުރި އައެވެ. ފެންފުޅި ކަނޑާލާފައި ޝަޔަމްއަށް ދިނުމުން  އެއް އަތުން ފެންފުޅީގައި ހިފާފައި ކޯވަރެއް ބޯލިއެވެ. އެންމެ ހިނދުކޮޅަކަށްވެސް ޝަޔަމްގެ އަތް އަސްމާގެ އަތާއި ވަކިނުވާކަން އަޒީމްއަށް ފާހަގަވިއެވެ. އޭނާ ފުން ނޭވާއެއް ދޫކޮށްލާފައި ޖާވިދުގެ ކައިރީގައި ހުރި ފިރިހެން މީހާ ގާތުގައި ހުއްޓުނެވެ. ކަށުކަމާކެމީގެ ތައްޔާރީތަކާއި ބެހޭ ގޮތުން ސުވާލުކުރިއެވެ. އޭނާއަށް ވެވެން އޮތް އެހީއެއް ވާނެކަމުގައި ބުނެލިއެވެ.

މަޣްރިބް ނަމާދުގެ ފަހުން އަސްމާއާއި ޖާވިދުގެ މޫނު އެޅުނެވެ. އިޝާ ނަމާދުގެ ފަހުގައި ކަށުނަމާދުގެ ކަންތައް ވެސް ނިމިގެން ދިޔައެވެ. ސަންދޯކުގެ ފަހަތުން ޝަޔަމްވެސް ގަބުރުސްތާނަށް ދިޔައެވެ. ސަންދޯއް ވަޅަށް ތިރިކޮށް ވެލި އަޅަން ފެށުމުން ޝަޔަމް ތުންފިއްތާލިއެވެ. ފެންކަޅިވާން ފެށުމުން ދެލޯ މަރާލާފައި ހުޅުވާލި އިރު އޭނާއަށް މަންޒަރު ފުސްވެއްޖެއެވެ. ކައިރީގައި ހުރި މީހެއްގެ މޫނަށް ބަލައިލާފައި އަތުގައި ހިފާލަން ދިއްކޮށްލިތަނާ އޭނާ އަރިއަޅާލައިފިއެވެ.

ގަޑިން ރޭގަނޑު ނުވައެއް ޖަހައިފިއެވެ. ޔަޒްދާން އިނީ ނިދިޖެހޭ ގޮތްވެފައެވެ. ސާހިލް ޔަޒްދާންގެ ކޮނޑުގައި ޖަހާލާފައި ޑޮކްޓަރު އަންނަ ވާހަކަ ބުނެލިއެވެ.

“ޕޭޝަންޓް ވަރަށް ހިތްވަރުގަދަ. ރިކަވަރިން ވަރަށް ފާސްޓް. މިވަގުތު ހޭއަރާފަ އޮތީ. ހުރިހާ ކަމެއްވެސް ސްޓޭބަލް..” ޑޮކްޓަރު ހިނިތުންވެލިއެވެ. ޔަޒްދާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

“އަލްޙަމްދުﷲ. މިވަގުތު ފެންނާނެތަ؟ ބައްދަލުކޮށްލެވޭނެތަ؟” ޔަޒްދާން ސުވާލުކޮށްލިއެވެ.

“ވިސިޓިން އަވާޒް ނިމިއްޖެ. އެކަމަކު ފަސް މިނެޓަށް ވަދެލެވިދާނެ.” ޑޮކްޓަރު ބުނެލިއެވެ.

ނަރުސް ކުއްޖަކާއެކު ޔަޒްދާން އައިސީޔޫ ތެރެއަށް ވަދެގެން ދިޔައެވެ. މެޝިންތަކުގެ އަޑުން މުޅި އެތަން ވަނީ ގުގުމާލާފައެވެ. ވަށައިގެން ބިއްލޫރި ޖަހާފައިވާ އެނދެއް ކައިރީގައި ނަރުސް ކުއްޖާ މަޑުކޮށްލިއެވެ. އެހާ މަދު ވަގުތުކޮޅެއްގެ ތެރޭގައިވެސް މަންހަލްގެ ހަށިގަނޑަށް އޮތީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މޫނުމަތިން ފެންހިނދި ދެލޯ ކައިރީ ވަޅު ވަދެފައި ވީހެން ޔަޒްދާންއަށް ހީވިއެވެ.

“އިޒް ޝީ އޯކޭ؟ ނިދަނީތަ؟ ނޫނީ އަދިވެސް ހޭނާރަނީތަ؟” މަންހަލްގެ ދެލޯ މެރިފައި އޮތްތަން ފެނުމާއެކު ޔަޒްދާން ކަންބޮޑުވިއެވެ.

“ޝީ އިޒް ސްލީޕިން. ޔޫ ނޯ އެވްރީތިން ޝީ ވެންޓް ތްރޫ ވަޒްންޓް އީޒީ.. ހާ ބްރެއިން ނީޑް ރެސްޓް..” ނަރުސް ކުއްޖާ ބުނެލިއެވެ. “ބަޓް ޝީ އިޒް ޑުއިން ގްރޭޓް. ޝީ އިޒް ރިކަވަރިން ވެރީ ކުއިކްލީ..”

ޔަޒްދާންއަށް ހިނިތުންވެވުނެވެ. އެއީ އޭނާގެ ހިތްވަރުގަދަ އަނބިމީހާއެވެ. ކުއްލިއަކަށް ސިކުނޑިތެރޭގައި ގުގުމާލި ޖުމްލައަކުން ޔަޒްދާންގެ ހިނިތުންވުން ފޭދިއްޖެއެވެ. ޔަޒްދާންގެ ގާތުގައި މަންހަލް ހުރި ދުވަހަކު އޭނާއަށް ރައްކާތެރިކަންދޭން ޔަޒްދާން ވަޢުދުވިއެވެ. އެހެނަސް އޭނާގެ ދެލޮލުގެ ކުރިމަތީގައި ހިނގާދިޔަ ހާދިސާއަކުން މަންހަލް މިއަދު އެއޮތީ ބަލި އެނދުގައެވެ. އެދެމީހުންގެ އަލަތު ދަރިފުޅު ވަކިވެ ދިޔައީއެވެ. ގާތުގައި ހުރެމެ މަންހަލްއަށް ރައްކާތެރިކަން ނުދެވުނު ކަމަށް ޓަކައި ޔަޒްދާންގެ ނަފްސު އޭނާއަށް އެއްޗެހި ކިޔަންފެށިއެވެ. ކުރިމަތީ ހުރި ބިއްލޫރިގަނޑުގައި ޔަޒްދާން އަތްޖައްސާލިއެވެ. މަންހަލްގެ މޫނުމަތީގައި ފިރުމާލިއެވެ. ލޮލުން ވެއްޓުނު ކަރުނަތިކި ފުހެލަމުން ޔަޒްދާން އެތަނުން ނިކުންނަން ހިނގައިގަތެވެ.

ލޯ ހުޅުވާލުމާއެކު ޝަޔަމްއަށް ފެނުނީ ހުދު ސީލިންގެވެ. ދެފަރާތަށް ބަލައިލުމާއެކު އޮއެވުނީ ބައްޕަގެ ގޭގައި އޭނާގެ އަމިއްލަ ކޮޓަރީގައި ކަން އެނގުނެވެ. ސައިޑް ޓޭބަލް ކައިރީ ހުރި ގޮނޑީގައި ފޯނާ ކުޅެން އިނދެފައި އަޒީމް އަވަސް އަވަހަށް ތެދުވިއެވެ. ޝަޔަމް އެނދު މަތީގައި އިށީނދެ ދެފައި ބޮނޑިކޮށްލާ މޭގައި ޖައްސާލިއެވެ.

“ދަރިފުޅު ހެނދުނު ކެއިގޮތަށް ދޯ ތިހުރީ.. އެއްވެސް ޝަކުވާއެއް އަހާކަށް ބޭނުމެއް ނޫން، ހަމަ މިވަގުތު މިއެއްޗެހި ހުސްކޮށްލާ..” މޭޒުމަތީގައި ހުރި ރާނީ ފުޅިއަކާ ދޮންކެޔޮ ވަކެއް ހިފައިގެން އައިސް އަޒީމް ޝަޔަމްގެ ގާތުގައި އިށީނެވެ. ބަނޑުހައިވެފައި ހުރިވަރުން ކަންނޭނގެއެވެ. ނުހަނު އަވަހަށް އޭނާ އެއެއްޗެހި ހުސްކޮށްލައިފިއެވެ.

“ޝަޔަމް.. ތިހެން އެއްޗެއް ނުބުނެ އިނީމަ ބައްޕަ މާބޮޑަށް ކަންބޮޑުވޭ. ކޮންމެވެސް އެއްޗެއް ބުނެބަލަ. ދަރިފުޅު ރޮއެބަލަ. ބައްޕައަށް މައްސަލައެއް ނެތޭ. އެއީ ހިތްބަލިވުމެއް ވެސް ނޫން. ލޯބިވާ މީހުންނާ ވަކިވާން ޖެހުނީމަ ދެރަވާނެ. އެއީ ކޮންމެ މީހަކަށްވެސް ވާނެގޮތެއް.. އެއީ ތަބީއަތް..” އަޒީމް ޝަޔަމްގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. ދަރިފުޅުގެ އެ އާދަޔާ ހިލާފު ހަމަހިމޭންކަން އަޒީމްގެ ހިތް ބިރުގަންނަވަނީއެވެ. ބަސްބުނުމެއް ނެތި ޝަޔަމް ބައްޕަގެ ކޮނޑުގައި ބޯ އަޅާލީއެވެ. ހިމޭން ކަރުނަތަކަށް އޭނާ ފުރުސަތު ދިނެވެ. އަޒީމްގެ ކޮނޑުމަތި ތެތްވަމުން ދިޔަ ވަރަކަށް ދަރިފުޅު ރޮނީކަން އޭނާއަށް އެނގުނެވެ. ދޭތެރެއަކުން ޝަޔަމް ނޭފަތް ދަމާލައެވެ.

“ރެސްޓު ކުރަން ބޭނުން..” ބަލިބަލި އަޑަކުން ޝަޔަމް ބުނެލިއެވެ.

“އެންމެ ރަނގަޅު. އެކަމަކު އަދި ހުންނާނެ ކުރުނބާ ފެންފޮދެއް ބަހައްޓާފަ. އެބައަންނަން ހިފައިގެން..” އަޒީމް ކޮޓަރިން ނިކުމެގެން ގޮސްފައި އެނބުރި އައިއިރު އަތުގައި ކުރުނބާ ފެން ތައްޓެއް ހުއްޓެވެ.

“ބައްޕާ..” ވަރުދެރަވެފައި ޝަޔަމް ގޮވާލިއެވެ.

“ދަރިފުޅު ބޭނުމިއްޔާ ބައްޕަ އޮވެދާނަން މިކޮޓަރި ސޯފާގައި..” ޝަޔަމް ބޯހޫރުވަނިކޮށް އޭނާ އަތަށް ތަށި ލައިދީފައި އަޒީމް ބުނެލިއެވެ.

“އެކަނި..” ޝަޔަމް ބުނެލިއެވެ. އަޒީމްވެސް ދެކޮޅަށް ނެހެދިއެވެ. ޝަޔަމްގެ އަތުން ތަށި ނަގާފައި އޭނާ ބޯ ޖަހާލިއެވެ. ޝަޔަމްގެ ނިތަށް ބޮސްދީފައި އޭނާ ކޮޓަރިން ނިކުތީ ކޮޓަރީގެ ނިދާބޮކިވެސް ދިއްލާފައެވެ. ލިބިފައިހުރި ވަރުބަލިކަމާއެކު އެނދުމަތީގައި ބޯ ޖައްސާލުމާއެކު ނިދީގެ ފުންކަނޑަށް ޝަޔަމް ގެނބިގެން ހިނގައްޖެއެވެ.

ޝަޔަމް ހުރީ ބަނދަރެއްގައެވެ. އެ މާހައުލު ރާއްޖެއާއި ވަރަށް ބީރައްޓެއްސެވެ. ވަށައިގެން ބޮޑެތި ގަސްތައް ހުރިއިރު އެ ގަސްތަކުގެ ފަތްތައް ވަނީ ފައިބާފައެވެ. އޭރުވެސް ތުނިތުނިކޮށް ވާރޭ ވެހެމުން ދިޔައެވެ. ޖާވިދު ހުރީ ބޯޓެއްގައެވެ. ވަށައިގެން އެއްވެސް މީހެއް ނެތެވެ. ބޯޓު ވާޓަރާ ދުރުކުރަން ފެށިއެވެ. އޭރު ޖާވިދުގެ އަތުގައި ޝަޔަމްގެ ދަބަސް އޮތެވެ. ޖާވިދުގެ ފަހަތުން ފިރިހެނުން ތަކެއް އަންނަތަން ފެނުމާއެކު އޭނާ ބޯޓުގައި ހުރެފައި ދަބަސް ޝަޔަމްއަށް އެއްލައިފިއެވެ. ނުހަނު ހުށިޔާރުކަމާއެކު ޝަޔަމް އެ ދަބަސް ހިފިއެވެ. ބަނދަރު ކައިރިއަށް ކަޅު ކުލައިގެ ދެ ކާރު މަޑުކުރިތަން ޝަޔަމްއަށް ފެނުނެވެ. އޭނާ ފަޔަށް ބާރު ލާފައި ދުއްވައިގަތެވެ. ފަހަތް ބަލައިލި އިރު ޖާވިދު އެރި ބޯޓެއް ފެންނާކަށް ނެތެވެ. ޝަޔަމް ހައިރާންވިއެވެ. އެހެނަސް އޭނާ ހުއްޓައިނުލާ ކުރިއަށް ދިޔައެވެ. ކުރިމައްޗަށް ކަޅުކުލައިގެ ކާރެއް މަޑުކުރުމާއެކު ޝަޔަމްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. މާނޭވާ ލަމުން އޭނާ ފަހަތް ބަލައިލިއެވެ. ޝަޔަމްގެ ފަހަތުން އައި ދެ ފިރިހެނުން އޭނާ އާއި އަރާ ހަމަކުރަނީއެވެ. އަރިމަތިން ޖެހުނު މަގުން ދާންވެގެން އަނބުރާލި އިރު އެމަގު ހުރަސްވާގޮތަށް ކާރެއް މަޑުކޮށް ދެ ފިރިހެނުން ކާރުން ފައިބާ މަޑުކޮށްލައިގެން ތިއްބެވެ. އަތުގައި އޮތް ދަބަސް އޭނާ މެއާލާ ބޮނޑިކޮށްލިއެވެ. ފަހަރަކަށް ވުރެ ފަހަރެއް އެމީހުންތައް އޭނާއާ ކައިރިވަމުން ދިޔައެވެ. ޝަޔަމްގެ ނޭވާތައް ފުންވަމުން ދިޔައެވެ. ކަންފަތް ކައިރިން އޭނާގެ ނޭވާތައް އެކޯވާ އަޑުވެސް އިވެއެވެ. މީހަކު ޝަޔަމްގެ ނަމުން ގޮވާލިއެވެ. ގެއެއްގެ ފާރު މައްޗަށް އަރާ ހުރި ފިރިހެނެއް ޝަޔަމްއަށް ފެނުނެވެ. އޭނާ ޝަޔަމްއަށް ހަނާއަޅަނީއެވެ.

ސިއްސައިގެން ގޮސް ޝަޔަމްއަށް ހޭލެވުނެވެ. އޭނާ އަވަސް އަވަހަށް އެނދުން ތެދުވެގެން ގޮސް ބޮކި ދިއްލާލިއެވެ. އެނދުމައްޗަށް ވެއްޓިގަނެފައި ފެނުނު ހުވަފެނާމެދު ވިސްނަން ޝަޔަމްއަށް އޮވެވުނެވެ. މަންމަ އައި ވަގުތު ޖާވިދު ޝަޔަމްއާ ކައިރިވި ހަނދާން އޭނާވިއެވެ. އޭނާގެ ދަބަހާ ކުޅުނު ކަމުގެ އިހުސާސް ޝަޔަމްއަށް ކުރެވުނެވެ. ޝަޔަމް ވަށައިގެން ހޯދާލިއެވެ. އޭނާގެ ބެކްޕެކް އޮތީ އެނދުކައިރީ ބިންމަތީގައެވެ. ފަހަރަކު ޒިބެއް ހުޅުވާ އޭނާ ދަބަހުގައި ހުރި ހުރިހާ އެއްޗެއް އެނދުމައްޗަށް ވަރާލިއެވެ. ޖާވިދު ގެންގުޅުނު ޕެންޑްރައިވްއާއި ކުޑަ ފޯނާއި ޖާވިދުގެ ފޯނުވެސް އޮތީ ޝަޔަމްގެ ދަބަސް ތެރޭގައެވެ. ޝަޔަމް ޖާވިދުގެ ފޯނު ނެގިއެވެ. ފޯނު ހުޅުވެނީ ޕިންއެއް ޖަހައިގެންނެވެ. ވިސްނާލާފައި އޭނާ އަމިއްލަ އުފަންދުވަސް ޖެހިއެވެ. ނުހުޅުވުނެވެ. އަނެއްކާވެސް ވިސްނުމަށްފަހު ޝަޔަމްއަށް ވީޑިއޯ ދައްކަން އޭނާ ގެންގުޅުނު ފޯނު ނަގާ ޖާވިދު ބައްޕަ ނިޔާވި ތާރީޚު ހޯދިއެވެ. އެތާރީޚު ޖެހުމާއެކު ފޯނު ހުޅުވިއްޖެއެވެ. ކޯލް ލޮގަށް ވަނުމާއެކު ހެނދުނުގެ ވަގުތު ގޭގައި ގެންގުޅޭ ކުއްޖާ އެތައް ފަހަރަކު ގުޅާފައި އޮތްތަން ފެނުނެވެ. ހޮސްޕިޓަލުގައި އިނދެފައި ހަނދާނެ ގޮތެއް ނެތިގެން ޝަޔަމްވެސް އެފޯނަށް ގުޅިއެވެ. އަސްމާގެ ކޮއްކޮއާއި އޭނާގެ ދަރިންވެސް ގުޅާފައި އޮތެވެ. އެސްއެމްއެސް ކޮށްފައި އޮތީ އަސްމާ ކޮއްކޮގެ ދޮށީ ދަރިފުޅެވެ. ވަރަށް އަވަހަށް ހޮސްޕިޓަލަށް އަންނަން އަންގާފައި އޮތެވެ. ޝަޔަމް ބަލަން އިންދާ އަނެއްކާވެސް އޭނާގެ މެސެޖެއް އައެވެ. ނުނިދިގެން އުޅޭ ވާހަކައާއި އާއިލީ ގުޅުން ނުދެމެހެއްޓުނީތީ ދެރަވާ ވާހަކަ އޭނާ ލިޔެފައި އޮތެވެ. ބޭބެގެ ހިތްހެޔޮކަމުގެ ވާހަކައާއި މައާފް ކުރާށޭ ލިޔެފައި އެކުރު މެސެޖް އޭނާ ނިންމާލީއެވެ. ގެލެރީ ހުޅުވާލުމާއެކު ފުރަތަމަ ފެނުނީ އަސްމާގެ ބޭސް ސިޓީ ތަކާއި އެފަދަ ފޮޓޯތަކެވެ. ތަންކޮޅަކަށް ސްކްރޯލް ކޮށްލުމުން ދުރުން ނަގާފައި ހުރި ޝަޔަމްގެ ފޮޓޯތަކާއި ދެމީހުން އެކުގައި އިނގިރޭސި ވިލާތުގައި ނަގާފައި ހުރި ފޮޓޯތައް ފެނުނެވެ. ކޮއްކޮ ޖަހާފައި އިން ފޯލްޑާ އަކަށް ވަނުމާއެކު އޭނާއަށް އަސްމާއާ ނުހަނު ވައްތަރު އަންހެން ކުއްޖެއް ފެނުނެވެ. އެއީ ޝަޔަމްއަށް އަލަށް ޖަނާގެ ފޮޓޯ ފެނުނު ފަހަރެވެ. ކެމެރާއެއް ހިފަހައްޓާލައިގެން އޭނާ އިނީ ނުހަނު މައުސޫމްކޮށެވެ. ދުނިޔޭގައި ހުރިނަމަ މިއަދު ޝަޔަމްގެ އެކުވެރިއަކަށް ވީސްކަން ޔަގީނެވެ. އެއްފަރާތަކަށް ސްލައިޑްކޮށްލުމާއެކު އެކުޑަ އާއިލާގެ ފޮޓޮއެއް ފެނުނެވެ. ފަސްވަރަކަށް އަހަރުގެ ޖަނާ އިނީ ބައްޕަގެ އަތުގެ ތެރޭގައެވެ. ޖާވިދުގެ ބައްޕަވެސް ޝަޔަމްއަށް އެފެނުނީ އަލަށެވެ. ފުރަތަމަ ޝަޔަމް ހީކުރީ ޖާވިދުވެސް ވައްތަރީ އަސްމާއާ ކަމަށެވެ. އެހެނަސް އެބޭބެގެ ޒުވާން ދުވަސްވަރުގެ ފޮޓޮއާއި ޒުވާން ޖާވިދުގެ އެއްވެސް ތަފާތެއް ނެތެވެ. ޝަޔަމްގެ ތުންފަތުގައި ހިތި ހިނިތުންވުމެއްވިއެވެ. އަސްމާގެ ކައިރީގައި ޖާވިދު ކޮޅަށް ހުރިއިރު އޭނާ ހުރީ ނުހަނު ހިނިތުންވެލާފައެވެ. އެއީ އުފާވެރި ޢާއިލާއެއްކަން އެމީހުންގެ މޫނުމަތި ހެކިވެއެވެ. އެހެނަސް މިއަދު އެ ޢާއިލާގެ އެކަކުވެސް ދުނިޔެއަކު ނެތެވެ. އެމީހުންގެ ކުށަކީ ކޮބައި ހެއްޔެވެ؟ ދިރިހުރުމަކީ އެންމެންނަށް ވެސް ލިބިފައިވާ ހައްގެއް ނޫން ހެއްޔެވެ؟ ހަޔާތުގެ އެންމެ ފޮނި ދުވަސްތަކުގެ އިހުސާސްތައް ނުކުރެވި ދުނިޔެއިން ވަކިވެ ދިޔައީއެވެ.

ޝަޔަމް އެނދުމަތިން ތެދުވިއެވެ. ހެދުން އަލަމާރިން ކަޅު ކުލައިގެ ހުޑީއެއް ބޮލަށް ވައްދަމުން އޭނާ އެނދުކައިރިއަށް އައެވެ. އެ ޕެންޑްރައިވް އާއި ފޯނު ކުޑަ ދަބަހަކަށްލާ ހުޑީގެ ދަށުން ދަބަސް އެޅުވިއެވެ. މަޑުމަޑުން ކޮޓަރިން ނިކުމެ އޭނާ ބޭރު ދޮރު ކައިރިއަށް ދިޔައެވެ. ބައްޕައަށް އަޑު ނީވޭނެހެން އޭނާ ބޭރު ދޮރު ހުޅުވާ ގެއިން ނިކުތެވެ. ކާރުބާރުބޮޑު ހުޅުމާލޭގެ މަގުތައް އެވަގުތު އޮތީ ފަޅުވެފައެވެ. ދެފަރާތަށް ބަލައިލަމުން އޭނާ ކުރިއަށް ހިނގައިގަތެވެ. އެކި ގޯޅިތަކުން ހިނގަމުން ދިޔައިރު އޭނާ ވަށައިގެން ވީ މާހައުލަށް ނުހަނު ފަރުވާތެރިވިއެވެ. މަންޒިލަށް އާދެވުމާއެކު ޝަޔަމް އިސް އުފުލާ ބަލައިލިއެވެ. ދިވެހި ދިދައާއި ފުލުހުންގެ ދިދަ މަޑުމަޑުން ވަޔާ ވިހުރެމުން ދިޔަ މަންޒަރު އޭނާއަށް ފެނުނެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އޭނާ ޕޮލިސް ސްޓޭޝަންގެ ތެރެއަށް ފިޔަވަޅެއް އަޅާލިއެވެ.

-ނުނިމޭ-

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ގާތުގާ… 36

Next

ދެވުނީ ވޭނޭ 81

Next
July 11, 2026

ދެވުނީ ވޭނޭ 81

Previews
July 10, 2026

ގާތުގާ… 36

One Comment

  1. Anonymous says:
    July 11, 2026 at 3:45 pm

    Mi part ves vrh reethi MA!

Comments are closed.



All Right Reserved!