Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންސާފް (ފަހުބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
September 12, 2026 9 Mins Read
4 Comments

*ތިން އަހަރު ފަސް*

މުޅި މާހައުލު ޒީނާތްތެރި ކުރެވިފައި ވަނީ ގަދަ ނޫ ކުލައިގެ ޑެއިޒީ މާތަކުންނެވެ. ރީނދޫ ކުލައިގެ ބޮކިފަތި ތަކުން މާހައުލަށް ހިތްގައިމު ކުލައެއް ވެރިވެފައި އޮތެވެ. އެތަން ތައްޔާރުކުރެވިފައިވީ ކައިވެނި ހަފްލާއަކަށްކަން މާހައުލުގައިވީ ކުލަތަކުން ދައްކައިދެއެވެ. ހުދުކުލައިގެ ފޮތިތަކުން ޒީނަތްތެރި ކުރެވިފައިވީ ވަށް މޭޒުތައް މަތީގައި ހަމައެކުލައާއި ނޫކުލައިގެ ޑެއިޒީ މާ ޖަހާފައި ހުރި މާ ވަށިތަކެއް ބެހެއްޓިފައި ހުއްޓެވެ. ހަފްލާ ފެށެން ވަގުތު ގާތްވަމުން ދާތީ މަޑުމަޑުން އެމާހައުލަށް ހަލަބޮލިކަން ވެރިވަމުން ދިޔައެވެ. ސްޓޭޖު މައްޗާއި އެންމެ ގާތުން ހުރި މޭޒުކައިރީގައި ޔަޒްދާން އިށީނދެލައިގެން އިނެވެ. އޭނާ ލައިގެން ހުރީ ނޭވީ ބްލޫކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ފަޓުލޫނެކެވެ. އޭނާގެ ގާތުގައި ފިރުޝާ އިށީނދެލައިގެން އިންއިރު ފިރުޝާގެ އުނގުގައި ދެއަހަރަށްދާ ތުއްތު އަންހެން ކުއްޖެއް އިނެވެ. ޔަޒްދާން ބޯ އަރިކޮށްލާފައި އެކުއްޖާއަށް ސަމާސާއެއް ކޮށްލިއެވެ. އެއާއެކު އެކުއްޖާ އަތް ޖަހާފައި ހީނގަނެފިއެވެ. ފިރުޝާ ވެސް ހީލިއެވެ. އޭނާގެ ނަޒަރު ހުއްޓުނީ ހޯލަށް ވަންނަ ދޮރާ ދިމާއަށެވެ. ޔަޒްދާންވެސް މޫނު އަނބުރާލާ އެދިމާއަށް ބަލައިލިއެވެ. ރަތްކުލައިގެ ކާޕެޓް މަތިން ނުވަމަހަށް ދާ ބަނޑުގައި އަތް ޖައްސާލައިގެން ހުރެ ހިނގާލާފައި އެ އަންނަނީ މަންހަލްއެވެ. އެއްވެސް ޑިޒައިނަކާއި ނުލާ އާދައިގެ ގޮތަކަށް ފަހާފައި ހުރި ނޫކުލައިގެ ހެދުމެއްގައިވެސް މަންހަލް ފެންނަނީ ނުހަނު ޝާހީކޮށެވެ. ހަމައެކުލައިގެ ޝޯލްއަކުން އިސްތަށިގަނޑު ނިވާކޮށްފައި ހުރިއިރު އެމޫނުމަތީގެ އަސްލު ނުގެއްލޭނެ ފަދައިން ލުއިލުއި މޭކަޕެއް ކޮށްލާފައި ހުއްޓެވެ. ދެން ޔަޒްދާންގެ ކަޅި ހުއްޓުނީ އޭނާއާއި އެކުގައި ހިނގާފައި އައި ފިރިހެން މީހާއަށެވެ. އޭނާ އެނބުރި ފިރުޝާއަށް ބަލައިލިއެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

ފިރުޝާގެ އުނގުގައި އިން އަންހެން ކުއްޖާ އޭނާގެ އުނގުން ފައިބައިގެން ދުއްވައިގަތެވެ. މަންހަލްގެ ގާތުގައި ހުރި ފިރިހެން މީހާގެ ގާތަށް ގޮސް އޭނާގެ ފައިގައި ބައްދާލާ ‘ބައްޕާ’އޭ ކިޔާ ނުހަނު ލޯބިން ގޮވާލިއެވެ. އެއާއެކު އެމީހާ އެކުއްޖާ އުރާލައިގެން އައިސް ފިރުޝާގެ ގާތުގައި އިށީނެވެ. ޔަޒްދާންގެ ނަޒަރު އަނެއްކާވެސް ހުއްޓުނީ މަންހަލްއަށެވެ. އަނބިމީހާގެ ރީތިކަމަށް ހިތާހިތުން ތަޢުރީފުކޮށްލަ އޭނާއަށް އިނދެވުނީއެވެ. ބަނޑުބޮޑުވި ފަހުން އެ މޫނުމަތީ އިތުރަށް މަސްޖަހާލާފައި ހުރިއިރު ޔަޒްދާންގެ ހިތް ފުރިގެން އަންނަހާވަރު ވެއެވެ. މަޑުމަޑުން މަންހަލް އައިސް އެ މޭޒު ކައިރީގައި ހުއްޓެން ވީއިރު ޔަޒްދާން މަންހަލްއަށް ގޮނޑި ނެރެދީފައި އޭނާއާ ފަރާތަށް ވާނެހެން ގޮނޑި އަނބުރާލިއެވެ.

“ބަޓަފްލައިއީ..” މޭޒުގައި އުޅަނބޮށި ޖައްސާލާފައި މޫނުގައި އަތް ޖައްސާލައިގެން އިނދެ ޔަޒްދާން ހުވަފެނީ ގޮތަކަށް ގޮވާލިއެވެ.

“ޔަޒްދާންން..” މަންހަލް ރަކިވެފައި ޔަޒްދާންގެ އަތުގައި ޖަހާލިއެވެ.

“ވަރަށް ލޯބި.. މަންނާ..” ހިނިތުންވުމަކާއެކު ޔަޒްދާން ބުނެލިއެވެ.

“ޝަޔޫމެން އައިސްފި… ދޮންބެ ދައްތައަށާއި ޔޫވިން އަކަށް ނާދެވޭނެ މި ޕާޓީ ނިމޭއިރުވެސް…” މަންހަލް ގަސްތުގައި މައުޟޫ ބަދަލުކޮށްލިއެވެ. އޭނާގެ ނަޒަރު ހޯލަށް ވަދެވޭ ދޮރަށް ހުއްޓުނެވެ.

“މަންމަ ކޮބާ؟” ޔަޒްދާން ވެސް އެދިމައަށް ބަލައިލިއެވެ.

“މަންމައާއި ޝަޔޫ ބައްޕަ އައީ ޝަޔޫ ބައްޕަ ކާރުގަ.. ޝަޔޫ އާއި ދޮންބެ ގޮވައިގެން. ސުހައިލް ދޮންބެ އާއި ބައްޕަ ސައިކަލުގަ ނައްޓާލީ. ހަމްދާން ދޮންބެއާއެކު ކާރުގަ މަންނަ އައީ.. ޔޫވީ ރެޑީ ނުވާތީ ދޮންބެދައްތަވެސް މަޑުކުރީ ގޭގަ. ޔުނާން ދޮންބެ ކާރުގަ އަންނަ ވާހަކަބުނީ..” ޝަޔަމް އޮޅުންފިލުވައިދިނެވެ.

“އަދިވެސް ރިއްސާތަ؟” މަންހަލްގެ ބަނޑުގައި ފިރުމާލާފައި ޔަޒްދާން ސުވާލުކޮށްލިއެވެ.

“ހްމްމް.. ވަރަށް އުނދަގޫވޭ އެބަ. ޝަޔޫއަށް ޓަކައި ކެތްކޮށްލައިގެން މި ހުންނަނީ.. ޕާޓީ ނިންމާފަ ޑޮކްޓަރަށް ދާންވީނުން؟” ޔަޒްދާންގެ މޫނަށް ބަލައިލާފައި މަންހަލް ހިނިތުންވެލިއެވެ.

“ޔެސް.. ޕްރިންސަސް..” ޔަޒްދާންވެސް ހިނިތުންވެލިއެވެ.

އަނެއްކާވެސް މާހައުލު ހަލަބޮލިވެލުމާއެކު ޔަޒްދާންއާއި މަންހަލްގެ ނަޒަރުވެސް ދޮރާ ދިމާއަށް ހުއްޓުނެވެ. ދެފާރަތަށް ހުޅުވާލެވުނު ދޮރުން ޝަޔަމް ވަދެގެން އައެވެ. އޭނާ ލާފައި ހުރީ ނޭވީ ބްލޫކުލައިގެ ހެދުމެކެވެ. ލޭސްފޮތީގެ ފުޅާ އަތްކުރިއެއް ލާފައިވީ އެހެދުމުގެ މަތީބައިގައި ވަނީ ގަދަ ރަންކުލައިގެ ވިދާ ރޭނދާއެއް އެޅިފައެވެ. ހެދުމުގެ ފަސްބައިގައި ނޫ ކުލައިގެ ސެޓިން ފޮތީގެ މަތިން ހަމައެކުލައިގެ ލޭސްފޮތި ހަރުކުރެވިފައިވިއެވެ. އޭނާގެ ބުޅި އިސްތަށިގަނޑު ނިވާ ކުރެވިފައިވީ އަޅާފައި ހުރި ނޫކުލައިގެ ޝޯލްއިންނެވެ. ބޯމަތީގައި ހުދުކުލައިގެ އެސްކޮޅުތަކަކާއި ނޫ ކުލައިގެ ކުދި މާތައް ހަރުކުރެވިފައިވީ ޓިއާރާއެއްވިއެވެ. މޫނުމަތިން ފަނޑު މޭކަޕެއް ފެންނަން ހުރިއިރު އޭނާގެ ތުންފަތް ފަވާލާފައިވަނީ ގަދަ ރަތްކުލައިގެ ލިޕްސްޓިކަކުންނެވެ. ޝަޔަމްގެ ވާއަތުގައި އޮތީ ޑެއިޒީ މަލުގެ މާބޮނޑިއެކެވެ. އަނެއް އަތް އަޅުވާލެވިފައި ވަނީ ނުހައިކްގެ އަތުގައެވެ. ނުހައިކް ލައިގެން ހުރީ ހުދުކުލައިގެ ގަމީހެކެވެ. އޭގެ މަތިން ގަދަ ނޫކުލައިގެ ޓައި އަކާއި ހަމަ އެކުލައިގެ ކޯޓެކެވެ. ނުހައިކްގެ ގާތުގައި ޝަޔަމް ހުންނައިރު އޭނާ ހީވަނީ ކުޑަކުއްޖެއް ހެންނެވެ. އުސްކުރި ބޫޓަކަށް އަރައިގެން ހުރިއިރުވެސް ޝަޔަމް އަރަނީ ނުހައިކްގެ މެއާ ހިސާބަށެވެ.

ދެމީހުންވެސް ހިނގާލާފައި އައިސް ހުއްޓުނީ އެމީހުންނަށް ހާއްސަކުރެވިފައިވީ ސްޓޭޖުގައެވެ. ގަދަނޫކުލައާއި ރިހި ކުލައިގެ ފޮތި ބޭނުންކޮށްގެން ބެކްޑްރޮޕް ހަދާފައިވީއިރު އެފޮތިތަކުގައި އެލުވާފައި ހުރި ފެއަރީ ލައިޓްތަކުން އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. މަޑުނޫކުލައަކާއި ހުދުކުލައިގެ މާތައް އެބެކްޑްރޮޕްގެ އަރިމަތީގައި ހަރުކޮށްފައި ވިއެވެ. ޝަޔަމްގެ ނަޒަރު އެންމެ ފުރަތަމަވެސް ހުއްޓުނީ ކުރިމަތީ ހުރި މޭޒުކައިރީ ތިބި ޔަޒްދާންއާއި މަންހަލްއަށެވެ. އޭނާ ހިނިތުންވެލާފައި އެދެމީހުންނަށް ހަނާއަޅާލިއެވެ. މަންހަލްއާއި ޔަޒްދާންވެސް ހަމައެފަދައިން ހަނާއަޅާލިއެވެ.

ޔަޒްދާން ކޮނޑުގައި ޖަހާލާފައި އައިސް ހުސްކޮށް ހުރި ގޮނޑިއެއްގައި އިށީނީ ފައުޒާންއެވެ. އޭނާއާ އެކުއެކީހެން އައިޒިން އާއި ޒަކާވެސް އައިސް އެމޭޒު ކައިރިއަށް މަޑުކޮށްލިއެވެ. އެމީހުންގެ ތިން އަހަރުގެ ދަރިފުޅު ޒައިކް އިނީ އައިޒިންގެ އަތުގައެވެ. ހަލަނި ކުއްޖެއް ވީމާ ހޯލުގެ ތެރެއަށް ދޫކޮށްލަން ޒަކާ އެއްގޮތަކަށްވެސް އެއްބަހެއް ނުވިއެވެ. ފިރުޝާގެ ދަރިފުޅު ގެއަށް ދާން ބޮޑާހާކާވަރުން ފޮނި އެއްޗެއް ކާލައިގެން އެދެމަފިރިން މޭޒު ދޮށުން ތެދުވިއެވެ. އެއާއެކު ތިން އެކުވެރިން އެކަނި ވެއްޖެއެވެ.

“ލޯބީގައި މަގޭ އެހާ ކާމިޔާބެއް ނޫން ދޯ..” ޝަޔަމްއަށް ނަޒަރެއް ދީފައި ފައުޒާން ހިނިގަނޑެއް ޖަހާލިއެވެ.

“ކަލޭ ތިއުޅެނީ އަދިވެސް ކުޑަކުއްޖެއް އުޅޭހެން ވިއްޔަ. ނިކަން ހަރުދަނާ ވެބަލަ..” އައިޒިން ފައުޒާންގެ ފައިގައި ޖަހާލިއެވެ. “ދެން މީހުންގެ އަނބިންނަށް ބަލާނެ ކަމެއް ނެތް އިނގޭ..”

“ޕިސް. އަސްލު މަގޭ މިހުރީ މިތިބަ ކުދިންގެ ކޫލް އަންކަލްއަށް ވާންވެގެން.. ދޯ ޒައިކް..” ފައުޒާން ޒައިކްގެ ކޮލުގައި ކޮއްޓާލިއެވެ.

“ރަނގަޅުތަ؟” ފިރިހެންވެރިންގެ ސަކަރާތް ބަލަން އިނުމަށްފަހު މަންހަލް ޒަކާގެ ގާތު އަހާލިއެވެ. ޒަކާ އިނީ ދެވަނަ ދަރިފުޅަށް ބަލިވެއެވެ. އޭނާގެ ބަނޑަށް އަދި ކިރިޔާ ފަސް މަސް ވީއެވެ.

“ހޫމް. ރަނގަޅު އިރާދަކުރެއްވިއްޔާ..” ޒަކާ ހިނިތުންވެލިއެވެ. އޭނާ މަންހަލްގެ ބަނޑުގައި އަތް ޖައްސާލިއެވެ. “މިހާރުވެސް ވިހަންވެފަ ދޯ ތިއިނީ؟”

“އާނ.. މިއަދު ވަރަށް އުނދަގޫވޭ އެބަ. ހީވަނީ ދެން ގިނަ ދުވަހެއް ނުވާނެހެން..” މަންހަލްވެސް ޒަކާގެ ހިނިތުންވުމުގައި ބައިވެރިވިއެވެ.

“އޭ އަދި ހުންނާނެ ދޯ މަންހަލްގެ ކަޒިން ކުއްޖާވެސް. އެކުއްޖާ ހަޑިއެއް ނޫނޭ..” ފައުޒާން ބުނެލި އަޑަށް މަންހަލްގެ ސަމާލުކަން އެދިމައަށް ހުއްޓިއްޖެއެވެ.

“ކަލޭ ތިއުޅެނީ އަހަރުންގެ ފެމިލީއަށް ވަންނަ ހިތުންތަ؟ ހަމަ އެހެން ތާކުން އަންހެން ކުދިން ނުފެންނަނީތަ؟” ޔަޒްދާންގެ ހަމަލާ އެރީ ފައުޒާންގެ ކޮނޑަށެވެ.

“ދެން ކަމުދާކުދިން ފެނުނީމަ ބުނެވޭނެ ދޯ. ކަލޭ އާއިލާއަސް ނުވިއަސް.. ކުރިން ދުވަހު ރަށަށް އައިސް އުޅުނު ކުއްޖެއް ރީތިކަމުން މަގޭ އޭނާގެ ވަނަވަރު ހޯދާލިއިރު މީނަގެ ބިޓެއް ހުރޭ..” ފައުޒާން ދެރަވާކަމަށް ހެދިލާފައި ބުނެލިއެވެ.

“އެތިބަ އައީ ކަލޭގެ އާއިލާ..” އައިޒިން ދޮރާ ދިމާއަށް އިޝާރާތްކޮށްލިއެވެ. ނަސްރާއާއި ޔުނާންއާއެކު ޔޫވިންވެސް އެތެރެއަށް ވަދެގެން އަންނަނީއެވެ. އެމީހުން ފުރަތަމަ ދިޔައީ ކައިވެނި ކުރެވުނު ޖޯޑަށް ހަދިޔާ ދޭށެވެ. އެއަށްފަހު ސްޓޭޖުން ފައިބައިގެން އައިސް ޔަޒްދާންމެންގެ ގާތުގައި މަޑުކޮށްލިއެވެ. ފައުޒާން ބަލައިލިގޮތް ފެނި ލަދުން ޔޫވިން މަންމަގެ ފުރަގަހަށް ވަދެ ފިލައިފިއެވެ. ޔުނާން ފަރުވާތެރިކަމާއެކު ފައުޒާންއަށާއި ޔޫވިން އަށް ބަލައިލިއެވެ.

“ދޮންބެ ދައްތައަށް ޕާޓީ ނިމޭއިރުވެސް ނާދެވޭނެ ކަމަށް މަންނު ހީކުރީ..” ހިނިގަނޑެއް ޖަހާލާފައި މަންހަލް ބުނެލިއެވެ.

“ހޫނ.. ދެން ތިވާހަކަ ބާއްވާ.. އާދެވިއްޖެއްނު.. ކައިފިންތަ؟ ވަރަށް ބަނޑުހައިވެއްޖެ.. ކާނަންތަ؟ އަޅައިދެންތަ؟” ނަސްރާ ތިރީ ތުންފަތުގައި ދަތްއަޅާލާފައި މަޑުމަޑުން މަންހަލްގެ ބޮލުގައި ޖަހާލިއެވެ.

“ދޮންބެދައްތަ މަޑުކުރޭ. އަހަރެން ދާނަން..” ޔަޒްދާން ގޮނޑިން ތެދުވިއެވެ. ނަސްރާގެ ފަހަތުން އޭނާވެސް ކާތަށިތަކާ ދިމާއަށް ހިނގައިގަތެވެ. އޭނާ އެނބުރި އައީ ތަށްޓަކަށް ތިން ކޭކުފޮއްޗާއި ދެ ޗޮކްލެޓް ޗިޕް ކުކީޒް ލައިގެންނެވެ. މަންހަލް ހިނިތުންވެލާފައި ޔަޒްދާންއަށް ޝުކުރު އަދާކުރިއެވެ. އޭނާ އެނބުރި އަމިއްލަ ކާއެއްޗެހި ބަލައި ދިޔައިރު ފަހަތުން އައިޒިންއާއި ފައުޒާންވެސް ދިޔައެވެ.

ނަސްރާ ކާއެއްޗެހި ހިފައިގެން އައިސް މަންހަލްމެންގެ މޭޒާއި ޖެހިގެން ހުރި މޭޒުގައި އިށީން އިރު ސުހައިލްއާއި ސާހިލްގެ އިތުރުން އަޒީމްވެސް އައިސް އެމީހުންނާއި ބައިވެރިވިއެވެ. ޒަހީނާ އައީ ޔަޒްދާންއާއެކުއެވެ. މަންހަލްގެ ބޮލުގައި ފިރުމާލާފައި ރަނގަޅުތޯ އަހާލާފައި އޭނާ އިށީނީ ޔަޒްދާންއާއި ޖެހިގެން ހުސްކޮށް ހުރި ގޮނޑީގައެވެ.

ޕާޓީއަށް އައި މެހެމާނުން މަދުވާން ފެށިއެވެ. ހޯލުތެރެ ހުސްވުމާއެކު ދެފަރާތު އާއިލާ މީހުން އެކަނި ވެއްޖެއެވެ. އެއާއެކު ޢާއިލީ ފޮޓޯޝޫޓް ފެށިއްޖެއެވެ. ޔަޒްދާންގެ އަތުގައި ހިފާލައިގެން މަންހަލްވެސް މަޑުމަޑުން ގޮސް ސްޓޭޖު ކައިރީ ހުއްޓުނެވެ.

“ޝަޔޫ.. ކީއްވެތަ އަމިއްލަ ވެޑިން ފޮޓޯތައް އަމިއްލަ ނުނެގީ..” ޝަޔަމްގެ ކަންފަތާ ކައިރިވެލާފައި މަންހަލް ސަމާސާ ކޮށްލިއެވެ. އެއްޗެއް ނުބުނެ ޝަޔަމް ހިނިތުންވެލީއެވެ. މަންހަލް ޝަޔަމްގެ އަތުގައި ހިފާލިއެވެ. އެއަތްތިލަ ގަނޑުފެންފޮދެއްހާ ފިންޏެވެ.

“ބަލާތި ދޮންބެ މިރޭ ޝަޔޫ ކާލާނެ..” މަންހަލްގެ ކައިވެނީގެ ދުވަހު އޭނާ ބިރުން އުޅެން ފެށުމުން ޝަޔަމް ބުނެލި ބަސްތައް މަންހަލްވެސް އޭނާގެ ގާތުގައި ބުނެލިއެވެ. އެއާއެކު ޝަޔަމް މަންހަލްއާއި ދިމާއަށް ދެލޯ ބޮޑުކޮށް ބަލައިލާފާ އޭނާގެ އަތުގައި މަޑުމަޑުން ޖަހާލިއެވެ.

“އެހެންނެއް ނޫނޭ.. ދެން ހަމަ އަތްފިނިވީއޭ..” ނޫންކަމަށް ހަދާފައި ޝަޔަމް ބުނެލިއިރު އޭނާގެ އަރުތެރެ ބެދިއްޖެއެވެ.

“ކޮބާތަ އަހަރެންގެ އަނގަގަދަ ޝަޔޫ.. އަޅެ އޭނާ ކޮންތާކަށްތަ އެދިޔައީ؟ އައި މިސް ހާ..” މަންހަލް ދިމާކޮށްލިއެވެ.

ފޮޓޯނަގަން ހުރި މީހާ އިޝާރާތް ކޮށްލުމުން މަންހަލް އާއި ޝަޔަމްވެސް ވާހަކަދެއްކުން ހުއްޓާލިއެވެ. ޝަޔަމްގެ ގާތުގައި ތިބީ މަންހަލްއާއި ޔަޒްދާންއެވެ. ޔަޒްދާންއާއި ޖެހިގެން ސުހައިލްއާއި ނަސްރާއެވެ. ނުހައިކްއާއި ޖެހިގެން ހުރީ ސާހިލްއެވެ. އޭނާއާ ޖެހިގެން ޔުނާން އާއި ޔޫވިން ތިއްބެވެ. ހިނިތުންވެލާފައި މަންހަލް ކެމެރާއާއި ދިމާއަށް ބަލައިލިއެވެ. ނުހަނު އަވަސް އަވަހަށް އޭނާގެ ސިކުނޑީގައި ފާއިތުވި ތިން އަހަރުގެ ހަނދާންތައް އާވެލިއެވެ.

ރޮއެރޮއެ ވަރުބަލިވެގެން އެދުވަހު މަންހަލްއަށް ނިދުނީއެވެ. ދެން އޭނާއަށް ހޭލެވުނު އިރު ގާތުގައި ޔަޒްދާން އިނެވެ. އެކަން ގަބޫލުކުރަން މަންހަލްގެ ޒަމީރު ދެކޮޅު ހެދިއެވެ. ޔަޒްދާން މަންހަލް ގެނެސް އޭނާގެ އަތުގެ ތެރޭގައި ބޮނޑިކޮށްލައިގެން އިނެވެ. ދެން އެއަށްފަހު މަންހަލްއާއި ދުރުވެލާ އޭނާގެ މޫނުގައި ދެއަތުން ހިފަހައްޓާލާ އޭނާގެ ނިތުގައި ޔަޒްދާންގެ ނިތްކުރި ޖައްސާލިއެވެ.

“އައިމް ސޮރީ.. މަންހަލް އަހަންނަށް އެންމެ ބޭނުންވި ވަގުތު މަންހަލް އެކަނި ދޫކޮށްލާފަ ދެވުނު ކަަމަށް ޓަކައި އަހަންނަށް މާފުކޮށްދީ.. ދެން ދުވަހަކުވެސް ނުދާނަން މަންނަ ދޫކޮށްފަ. ލެޓް މީ ޓޭކް ކެއާރ އޮފް ޔޫ. މަންހަލް ރަނގަޅުވާއިރު މަންހަލްގެ ގާތުގައި ހުރިޔަދީ. އަހަރެމެން މީ ދެމަފިރިން. ދިރިއުޅުމުގެ ކޮންމެ ކަމަކާ އަހަރެމެން ކުރިމަތިލާނީ އެކުއެކީގަ. އަހަރެން މީ ކަމެއް ދިމާވީމަ މަންހަލް ދޫކޮށްލާފަ ދާނެ މީހެއް ނޫން. ސޯ ޕްލީޒް.. ބުނޭ އެއީ މަންހަލް އެހެން ބުނި ވާހަކައެއް ނޫނޭ.. ހަމަ އަސްލުވެސް އަހަރެން ގާތުން ވަރިވާންތަ ބޭނުމީ؟ މަންހަލް، އެކަމަކު އަހަރެން ބޭނުމެއް ނޫން ވަކިވާކަށް. އަހަރެން ބޭނުމީ މަންހަލްގެ ގާތުގައި ހުންނަން. އަބަދުގެ އަބަދަށް…” ޔަޒްދާންގެ އަޑުގައި ލޯބިވެތިކަމާއި އޯގާތެރިކަން ވިއެވެ. އޭނާގެ އަޑުގައި އާދޭސްވިއެވެ.

“ޔަޒްދާން. އައި ލަވް ޔޫ..” މަންހަލް ޔަޒްދާންގެ އުނަގަނޑުގައި ދެއަތް ވަށާލަމުން އެމޭގައި ބޮނޑިވެލިއެވެ.

ކޯޓަށް ދިއުމަށްފަހު ޔަޒްދާންގެ ވިސްނުން އެންމެ ފަހު ވަގުތު ބަދަލުވީއެވެ. އޭނާ ފޯމު ހިފައިގެން އެނބުރި އައީ ހޮސްޕިޓަލަށެވެ.

އަހަރުތަކެއް ފަހުން މިޝްޔާގެ މަރުގެ މައްސަލަ އަލުން ތަހުގީގު ކުރެވުނެވެ. އެއާއެކު އެހެން އެތައް ބައެއްގެ މަރުގެ މައްސަލަވެސް ފެންމަތިވިއެވެ. ޝަފްނާއަށް ހަތަރު އުދަރެސް ފެނުޖެހުނެވެ. އެކުގައި އުޅުނު އެންމެ ވަފާތެރިމީހުން ގެއްލުނެވެ. އެހީވާކަށް އެއްވެސް މީހެއް ނައެވެ. ހުރި ހަމައެކަނި ދަރިފުޅުވެސް އޭނާއާ ދެކޮޅަށް ޖާވިދުގެ އާއިލާގެ މަރުގެ މައްސަލާގައި ދައުވާ ހުށައަޅާފައިވިއެވެ. ތިންއަހަރަށް ދެމިގެން ދިޔަ އެ މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުން އޮތީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އުމުރު ދުވަހަށް ޝަފްނާ ޖަލަށް ލުމަށް ހުކުމް ކުރެވުނެވެ.

އަފްރާ މިނިވަން ކުރަން އެތައް މަސައްކަތެއް މުރުޝިދާ ކުރިއެވެ. އެހެނަސް ފެންނަން ހުރި ހެކިތަކާއެކު އޭނާއަށް ދަރިފުޅު ސަލާމަތްކުރެވޭނެ މަގެއް ނުފެނިގެން އުޅެނިކޮށް އަމިއްލަ ކުރި ކުށްތައްވެސް ފަޅާއެރީއެވެ. އަފްރާގެ މައްސަލަ އަހަރެއްހާ ދުވަސްތެރޭގައި ނިމުނު އިރު އޭނާއަށް ވިހި އަހަރުގެ ޖަލު ހުކުމެއް އިއްވުނެވެ. ޝަފްނާއަށް އެހީވުމާއި މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ މައްސަލަތަކުގައި މުރުޝިދާއާއި ޒިއާމްގެ ޝަރީޢަތްތައް އަދިވެސް ކުރިއަށް ދަނީއެވެ. އެމީހުންނަށްވެސް މަދުވެގެން ފަންސަވީސް އަހަރުގެ ޖަލު ހުކުމެއް އަންނާނެކަމަށް ހަމްދާން އާއި ނުހައިކް މަންހަލްގެ ގާތުގައި ބުންޏެވެ. ޝަފްނާގެ ޝަރީޢަތާއެކު ލިއާމްގެ ޝަރީޢަތް ނިމުނު އިރު އޭނާއަށް ސޯޅަ އަހަރާއި ހަމަސް ދުވަހުގެ ޖަލު ހުކުމެއް އިއްވުނެވެ.

ދަރިފުޅާ ވަކިވިތާ ތިން މަސްދުވަސް ނުވަނީސް މަންހަލް ރާއްޖެއިން ބޭރަށް ފުރިއެވެ. ސައިކޮލޮޖީގެ ދާއިރާއިން ކުރިއަށް ދިއުމަށް އެތައް އަހަރެއްގެ ފޮނި ހުވަފެން ދެކުމަށްފަހު އޭނާގެ ހިޔާލު އެންމެ ފަހު ވަގުތު ބަދަލުވީއެވެ. އޭނާ ޑިގްރީ ހާސިލްކުރީ ސްޕީޗް ލޭންގުއޭޖް ތެރަޕިސްޓަކަށް ވުމަށެވެ. ދުރުގައި ތިބެން ޖެހުމުން ގުޅިފައިވާ ދެހިތަށް ނުހަނު އަސަރުކުރިއެވެ. އެހެނަސް ކިތަންމެ ކިލޯމީޓަރެއް ދުރުގައިވިއަސް އެދެހިތުގައިވީ ވަފާތެރި ލޯބި އެގޮތުގައި ދެމިއޮތެވެ. ކިޔެވުމުގެ މަރުހަލާ ފުރިހަމަކުރިއިރު އޭނާގެ އެންމެ ގާތުގައި ހުރީ ޔަޒްދާންއެވެ. އެންމެ ހިތްވަރުދިނީ އޭނާގެ އެންމެ ލޯބިވާ ފިރިމީހާއެވެ. ކިޔެވުން ނިމެން އަހަރެއް އޮއްވާ އޭނާ ބަލިވެ އިނެވެ. އާއިލާއާއި ގާތްތިމާގެ މީހުންނާ ދުރުގައި މާބަނޑު ދުވަސްތައް ހޭދަކުރަން ވުމުން މަންހަލްއަށް ގިނަ ތަކުލީފުތައް އުފުލަން ޖެހުނެވެ. އެވަގުތު ތަކުގައިވެސް އޭނާގެ އެންމެ ބޮޑު ހިތްވަރަކަށް ވަނީ ޔަޒްދާންއެވެ. ލޯބިވާ މައިދައިތައާއި ބައްޕައެވެ. ދެގޮތެއްނުވެ ގާތުގައި ހުރި އެކުވެރިޔާއެވެ. އަބަދުވެސް އެމީހުން އޭނާއަށް ގުޅާ ހާލުބަލައެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތަހައްމަލު ކުރަން ޖެހުނު ކަންތައްތަކުން ޝަޔަމްގެ ހަޔާތަށް ބޮޑެތި ބަދަލުތަކެއް އައެވެ. ބަސްމަދުވެ އެކަނިވެރިކަމަށް އޭނާ ލޯބިކުރަން ފެށިއެވެ. އެކުގައި އުޅުނު މީހުންނާ އެއްކޮށްހެން ގުޅުން ކަނޑާލިއެވެ. އެވަގުތުގައި އޭނާއަށް އެންމެ އެހީތެރިވެދިނީ މަންހަލްއެވެ. ޝަޔަމްގެ ގާތުގައި ހުރިކަން އިހުސާސްކޮށްދީ ކުރިއަށް ދާން ހިތްވަރުދިނީ އޭނާއެވެ. މަޑުމަޑުން ހުރިހާ ކަމެއްވެސް ހަމައަކަށް އެޅެމުން ދިޔައެވެ. އެހެނަސް ކުރީގެ އަނގަގަދަ  ޝަޔަމް އަނބުރައި ނުލިބުނެވެ. ޝަޔަމް ހަދަމުން ދިޔަ ކޯހުގެ ފަހު ސެމިސްޓަރ އަލުން ތަކުރާރުކުރަން ޖެހުނީ ކިޔެވުން މަތިން އޭނާ އެއްކޮށް ފޫހިވުމުންނެވެ. ކިޔެވުމަކީ ޖާވިދުގެ އެދުމުގެ މަތިން އޭނާ ކުރިކަމެކެވެ. ޖާވިދުގެ ވަކިވެ ދިއުމަށްފަހު ކިޔެވުން މުހިންމުކަމަކަށް އޭނާއަށް ނުވީއެވެ. މަންހަލް ކިޔަން ފެށުމުން އޭނާ ކިޔެވުމުގެ ފަހު ސެމިސްޓަރ އަލުން ހެދީ ފޮޓޮގްރަފީ ކޯހެއްގައިވެސް އުޅެމުންނެވެ. ނުހައިކް އާއި ޝަޔަމް ފަހުން ބައްދަލުވީ ކޯޓުންނެވެ. ސާހިލްގެ ވަކީލަކީ އޭނާއާއި ހަމްދާންއެވެ. ނުހައިކްގެ ފުށުން ފުރަތަމަ ފެނުނު ރުޅިވެރިކަމާއި ފޫހިކަން އޭނާއަށް ހަނދާންކޮށްދެނީ ޖާވިދެވެ. ދެއަހަރު ފާއިތުވެގެން ދިޔައިރު އެދެމެދުގައި މަޑުމަޑުން ރަހުމަތްތެރިކަމުގެ ގުޅުން އުފެދެން ފަށައިފިއެވެ. ގިނަ ދުވަސްތަކެއްނުވެ ދެމީހުންނަށް ވެސް އެކަކު އަނެކަކު މުހިންމު ވެއްޖެއެވެ. އެކުގައި ވަގުތު ހޭދަކުރުމަކީ އާދައެއް ކަމުގައި ވެއްޖެއެވެ. ލަސްތަކެއް ނުވެ ދެމެދުގައި ކައިވެނީގެ ވާހަކަތައްވެސް ފެށިއްޖެއެވެ. މަންހަލް ކިޔަވާނިމި ގްރެޖުއޭޝަން ނިންމާ ރާއްޖެ އައުމުގެ ކުރިން ދެމީހުންގެ ކައިވެނި ކުރެވިއްޖެއެވެ. އެހެނަސް ކައިވެނީގެ ވަލީމާ ހަފްތާއަކަށް ފަސްކުރެވުނީ މަންހަލް ރާއްޖެ އަންނަންދެނެވެ.

ސާހިލް އާއި ސުހައިލް އަނެއްކާވެސް ވިޔަފާރީގެ ތެރެއަށް ވަނެވެ. ހަމްދާންވެސް ދިރިއުޅުމުގެ ހުރިހާ ކަމެއް ރާއްޖެއަށް ބަދަލުކުރިއެވެ. ޔުނާން އާއި ޔޫވިންގެ ކިޔެވުން ނިމި އެމީހުން އެނބުރި ރާއްޖެ ބަދަލުވީ އަހަރުގެ ކުރީކޮޅުއެވެ. އެދެމީހުންވެސް މިހާތަނަށް އައިއިރުވެސް ހަޔާތުގެ ބައިވެރިއެއް ހޯދާފައެއް ނުވެއެވެ. މަރިޔަން ރަށުގައި ވަޒީފާގައި އުޅެމުން ޝާނީގެ ހުރިހާ ކަމެއް އަމިއްލަ ފައިސާއިން ފުރިހަމަކޮށްދެމުން ދިޔައެވެ. ފިރިހެނެއްގެ ސަބަބުން ހަޔާތަށް ދިމާވި އަނދިރިކަމަށް ފަހު އޭނާ ދެވަނަ ފަހަރަށް އެފަދަ ކަމެއް ކުރަން ނުވިސްނާފަދައެވެ. އުމުރުން ދުވަސްވެ އަފީފާ ބަލި އެނދުގައި ނުހިނގި އޮންނަތާ ދެތިން މަހެއް ވެއްޖެއެވެ. މަރިޔަން އޮފީހަށް ގޮސްއުޅޭއިރު އަފީފާ ގާތަށް ގޮސް އުޅެނީ ޒަހީނާއެވެ.

ކުއްލިއަކަށް މަންހަލްގެ ބަނޑަށް އެރި ތަދާއެކު އޭނާއަށް އާހެއްގެ އަޑު ބޭރުކޮށްލެވުނެވެ. ޔަޒްދާން ހާސްވެފައި ހުރެ މަންހަލްގެ އަތުގައި ހިފާލިއެވެ. ފުން ނޭވާއެއް ދޫކޮށްލާފައި މަންހަލް ހިނިތުންވެލަން އުޅުނެވެ. އަނެއްކާވެސް އިހުނަށްވުރެ ތޫނު ތަދެއް އަރައިފިއެވެ. އެއާއެކު ޔަޒްދާންގެ އަތުގައި ހިފާލަމުން މަންހަލްއަށް ރޮއެގަނެވުނެވެ. އޭނާގެ ހިތަށް ކުއްލިއަކަށް ބިރުވެރިކަން ވަނެވެ. މާޒީގައި ކަންހިނގާ ދިޔަ ގޮތް އޭނާގެ ހިތުގެ ކަނެއްގައި އޮވެ ރަނގަބީލު އަޅަން ފެށިއެވެ. އެންމެންވެސް ހާސްވެފައި ތިބެ މަންހަލް ވަށާލައިފިއެވެ. ފަހަރަކަށްވުރެ ފަހަރެއް މަންހަލްގެ ބަނޑުގެ ރިހުން ދިޔައީ ގަދަވަމުންނެވެ.

“ސުހައިލް.. އަވަހަށް ކާރުގެނޭ.. އެމަންޖެ ވިހަން އެއުޅެނީ އިރާދަކުރެއްވިއްޔާ..” ނަސްރާ ސުހައިލްގެ އަތުގައި ހިފާ ތަޅުވާލިއެވެ.

ޔަޒްދާންގެ އަތްދަނޑި މައްޗަށް މަންހަލް އުފުލާލިއެވެ. އޭނާގެ ފިޔަވަޅުތައް އަވަހެވެ. ޔުނާން ކާރުގެ ތަޅުދަނޑި ބައްޕަގެ އަތަށް ދިނެވެ. އެންމެންވެސް ޔަޒްދާންގެ ފަހަތުން ބޭރަށް ނިކުތެވެ. ކާރު ދުއްވަން ސުހައިލް އެރިއިރު އޭނާއާއެކު ސާހިލް ކުރިއަށް އެރިއެވެ. މަންހަލްއާއި ޔަޒްދާންގެ އިތުރުން ޒަހީނާ އެރީ ފަހަތަށެވެ.

ހޮސްޕިޓަލަށް ގެނެވުމާއެކު މަންހަލް ވެއްދީ ވިއްސާ ކޮޓަރިއަށެވެ. ޔަޒްދާން ދެއަތް ދެއަތާ މޮޑެމުން ދެކޮޅަށް ދެކޮޅަށް ހިނގާލަ ހުއްޓެވެ. އިރުކޮޅެއް ނުވެ ނަސްރާމެންނާއި ހަމްދާންއާއި ނުހައިކްގެ ދެމަފިރިންވެސް އައިސް އެތަނުގައި މަޑުކޮށްފިއެވެ.

“ދަރިފުޅާ ޝަޔަމް. ދާންވީނު ގެއަށް ގޮސް އެއްޗެހި ބަދަލުކޮށްލަން..” ޒަހީނާ އައިސް ޝަޔަމްގެ ބުރަކަށީގައި ފިރުމާލިއެވެ.

“ނޫން ދޮންތާ. މަންނު އެހާލުގައި އޮއްވާ މަށަކަށް ނުދެވޭނެ..” ޝަޔަމްގެ ނޭވަތައްވެސް އަވަސްވެފައި ވިއެވެ. އެމަންޒަރު ފެނި ޒަހީނާއަށް ހިނިތުންވެވުނެވެ.

“ވަރަށް ގިނައިރުވެސް ނަގާފާނެއްނު. އޭނާ ވިހައިގެން ނެރޭއިރު ދަރިފުޅަށް އަދި އާދެވޭނެއޭ..” ޒަހީނާ ބުނެލިއެވެ. ޝަޔަމް ބަލައިލީ ނުހައިކްއަށެވެ. އޭނާ ބޯ ޖަހާލިއެވެ. ޝަޔަމްގެ އަތުގައި ހިފާލާފައި އޭނާ ބޭރަށް ދާން ހިނގައިތެވެ. ހުދު އޭނާވެސް މަންހަލް ވިހައިގެން ނެރޭއިރު ގާތުގައި ހުންނަން ބޭނުންވެއެވެ.

“ފަސް މިނެޓު. އަންނަން ވާނެ.. ޕްލީޒްޒް. އަހަރެން ވަރަށް ހާސްވޭ އެބަ. މަންނުއަށް ކުރިން ވީގޮތުން..” ޝަޔަމް ނުހައިކްގެ ގާތުގައި ބުނެލިއެވެ.

“ޝަޔޫ، ބްރީތް.. ރަނގަޅުވާނެއޭ ހުރިހާ ކަމެއްވެސް. އަބަދު ގޯސްކޮށް ވިސްނާކަށް ނުވާނެ. އަހަރެންވެސް ބޭނުން ބޭބީ ނެރޭއިރުގަ ހުންނަން. ކިހާ އަހަރެއް ފަހުންތަ ބޭބީއެއް ލިބެން އުޅެނީ މި ފެމިލީއަށް..” ނުހައިކް ޝަޔަމްގެ އަތުގައި ބޮޑުވައި އިނގިލިން ފިރުމާލިއެވެ.

“ތެންކިއު.. ފޯ އެވްރިތިން..”ހަމަހިމޭންކަމުގެ ސުކޫތަކަށް ފަހު ޝަޔަމް ނުހައިކްގެ މޫނަށް ބަލައިލާފައި ބުނެލިއެވެ. ބޭރުފުށުން ނުހައިކްއަކީ ހަރުކަށި މީހެއްގެ ގޮތުގައި ސިފަވިއަސް އޭނާގެ އޯގާތެރިކަމާއި ހިތްހެޔޮކަން ޝަޔަމްއަށް އެނގުނީ އެކުގައި ވާހަކަދެކެވެން ފެށުމުންނެވެ.

ދަންވަރު ދޭއް ޖަހާލާ ހާއިރު ވިހާ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ނަރުސް ކުއްޖަކު ނިކުތެވެ. ފިޔާތޮށިކުލައިގެ ފޮތިގަނޑެއްގައި އޮތް ތުއްތު ކުއްޖަކު ގޮވައިގެންނެވެ. ނަރުސްކުއްޖާ އައިސް ޔަޒްދާންގެ އަތުގެ ތެރެއަށް ތުއްތު ދަރިފުޅު ލައިދިނެވެ. އެކުއްޖާގެ މޫނަށް ބަލައިލުމާއެކު ޔަޒްދާންގެ ދެލޯ ފެންކަޅިވެއްޖެއެވެ. ކުކުރަމުން ދިޔަ އެކުއްޖާގެ ތުންފަތަށް ކުޑަ ކުޑަ ހިނިތުންވުމެއް ވެރިވީ ބައްޕަގެ ލޮތްބާއި ހިމާޔަތް އިހުސާސްވި ފަދައިންނެވެ.

“މަންހަލް؟” ޔަޒްދާން އަވަސް އަވަހަށް ސުވާލުކޮށްލިއެވެ.

“ބޭބީ އާއި މަންމަގެ ހާލުވެސް ރަނގަޅު. އިރުކޮޅަކުން ވޯޑަށް ބަދަލުކުރާނެ..” ނަރުސް ކުއްޖާ ހިނިތުންވެލިއެވެ.

ޔަޒްދާން އެކުއްޖާގެ ކަންފަތާއި އަނގަ ކައިރިކޮށްލާފައި ބަންގި ދިނެވެ. އަދި ނުހަނު ލޯބިން އެކުއްޖާގެ މޫނުގައި ބޮސްދިނެވެ. ފެންކަޅިވެފައި ޒަހީނާ ބަލަން ހުރުމާއެކު އޭނާ މަންމަގެ އަތަށް ދަރިފުޅު ލައިދިނެވެ.

މަންހަލްއާއި ދަރިފުޅު ކޮޓަރިއަށް ބަދަލުކުރެވުނެވެ. އާއިލާގެ އެންމެން އެކޮޓަރީގައި ތިއްބެވެ. އެއްބަޔަކު މަންހަލްއާއިގެން އުޅުނުއިރު އަނެއްބަޔަކު އެ ތުއްތު ކުއްޖާ ގޮވައިގެން އުޅުނެވެ. އެކުއްޖާ ވައްތަރީ ކޮންބަޔަކާތޯ ބަހުސްކުރެވުނެވެ. ކިޔާނެ ނަމަކާމެދު މަޝްވަރާކުރެވުނެވެ. ދެމަފިރިންނަށް ހަމަޖެހިލާނެ ވަގުތެއްވީ ފަތިސްވީ ފަހުން އެންމެން ގެއަށް ދިޔުމުންނެވެ.

ފަތިސް ނަމާދުކުރަން ވުޟޫކުރަން ޒަހީނާ ފާހަނައަށް ދިޔަ ވަގުތު ބަލާފައި ޔަޒްދާން އަވަސް އަވަހަށް މަންހަލްގެ ގާތަށް ގޮސް މަގަތުގައި އިށީނެވެ. ނުހަނު ލޯބިން އެ މޫނުގައި ދެއަތުން ހިފާލައި އޭނާގެ ނިތަށް ބޮސްދިނެވެ. އެތައް ފަހަރަކު ބޮސްދިނެވެ.

“ތެންކިއު މަންނާ.. ނޯ ނޯ.. މަންމި..” ޔަޒްދާން ބުނެލިއެވެ.

“ޔުއަރ ވެލްކަމް ބައްޕި..” މަންހަލްގެ މޫނުމަތިން ވަރުބަލިކަން ފާޅުވިއެއް ކަމަކު އޭނާވެސް ޔަޒްދާންކޮށްލި ސަމާސާގައި ބައިވެރިވިއެވެ.

“ވީ އާރ ޕޭރެންޓްސް ނައު. ގަބޫލެއްވެސް ނުކުރެވޭ..” މަންހަލްގެ މޫނުގައި އޭނާގެ މޫނު ޖައްސާލާފައި ޔަޒްދާން ބުނެލިއެވެ.

“ޔަޒްދާން މާ އިމޯޝަނަލްހެން ހީވޭ އަހަރެންނަށްވުރެ..” މަންހަލް ޔަޒްދާންގެ އަތުގައި ހިފާލިއެވެ.

“އެހެންވެދާނެ ދޯ..” ހިނިގަނޑެއް ޖަހާލާފައި ޔަޒްދާން މަންހަލްގެ ކޯތާފަތަށް ބޮސްދިނެވެ.

ސައުވީސް ގަޑިއިރު ދެމައިންގެ ހާލަތު ބެލުމަށްފަހު މައްސަލައެއް ނެތުމުން ހޮސްޕިޓަލުން ދޫކޮށްލެވުނެވެ. ފަސް ދުވަހު މާލޭގައި މަޑުކުރުމަށްފަހު އެމީހުން އައީ ރަށަށެވެ. ގޭތެރެއިން އެމީހުންނަށް އިސްތިގުބާލުކުރީ މަރިޔަންއާއި ޝާނީއެވެ. އުމުރުން ހަތްއަހަރު ފުރިފައިވީއިރު މިހާރު އެކުއްޖާގެ ގައިގައި ހުރި ހަލަނި ގޮތްގަނޑު ފިލަން ފަށައިފިއެވެ. ނޫނީ މަންހަލް ނުފެނި ގިނަ ދުވަސް ވެފައިވީތީ އެކުއްޖާއަށް އާވީއެވެ. ބޭބީގެ ގާތުގައި ތިބެލާފައި މަރިޔަންއާއި ޝާނީވެސް ގިނައިރު ނުކޮށް ގެއަށް ގޮސްފިއެވެ. ކޮޓަރީގެ ދޮރު ތަޅުލާފައި އައިސް ޔަޒްދާން މަންހަލްގެ ގާތުގައި އޮށޯތެވެ. ކުޑަދަރިފުޅު އޮތީ އެދެމީހުންގެ މެދުގައެވެ.

“މަޒާޔާ މުހައްމަދު ޔަޒްދާން..” ތުއްތު ދަރިފުޅުގެ އަތުގައި މަޑުމަޑުން ހިފާލާފައި ޔަޒްދާން ބުނެލިއެވެ.

“ރީތި ނަމެއް..” ތުންފިއްތައިގެން ވިސްނަން އޮވެފައި މަންހަލް ބުނެލިއެވެ.

“ދެން ހިނގާ ބޭބީ ބޯއީއެއް ހޯދަން..” ލާނެތް ހިންޏެއް އައިސްފައި ޔަޒްދާން ބުނެލިއެވެ.

“ތިއުޅެނީ ފުޓުބޯޅަ ޓީމެއް ހަމަނުކުރެވިގެންތަ؟” މަންހަލް އަހާލިއެވެ.

“ޔޭސް. މަންހަލްއަށް ވާނެތަ؟” ޔަޒްދާން ހީލިއެވެ.

“ނުވާނެ. ގިނަވެގެން ހަތަރެއް.. ނޫން ތިނެއް..” ޔަޒްދާންގެ މޫނަށް ބަލަން އޮވެފައި މަންހަލް ބުނެލިއެވެ.

“އޯކޭ، އަހަރެންގެ ބަޓަފްލައި ބޭނުން ގޮތެއް..” ޔަޒްދާން އެއްލޯ މަރާލިއެވެ. އޭނާ މަންހަލްގެ އަތުގައި ހިފާ ގެނެސް އޭނާގެ އަތުގެ ތެރެއަށް މަހާލިއެވެ. މަންހަލް އަނެއް އަތުގެ ޝަހާދަތް އިނގިލިން މަޒާޔާގެ އިނގިލި ތަކުގައި ހިފަހައްޓާލައިގެން އޮތެވެ. އޭނާގެ ހަޔާތަށް މިއަދު ބަހާރު މޫސުން ވެރިވެއްޖެއެވެ. އަމިއްލަ ފައި މައްޗަށް ކޮޅަށް ތެދުވެވިއްޖެއެވެ. އޯގާތެރި ފިރިއަކާއި ހަޔާތް ފަޅު ފިލުވާލަދޭނޭ ލޯބި އަންހެން ކުއްޖެއް ލިބިއްޖެއެވެ. އަމިއްލަ އާއިލާއެއް ބިނާ ކުރެވިއްޖެއެވެ. އެތައް އަހަރަކު ދުރުގައި އުޅުމަށްފަހު ލޯބިވާ ޢާއިލާއާއި ބައްދަލުވުމުގެ ނަސީބު ލިބިއްޖެއެވެ. ކުޑައިރުއްސުރެ އޭނާ ކުރަމުން އައި ދުޢާ އިޖާބަވެ މަންމަގެ މަރަށް އިންސާފު ލިބިގެން ހިނގައްޖެއެވެ. މިއަދު އޭނާގެ ޙަޔާތް ފުރިހަމަވެގެން ހިނގައްޖެއެވެ. ބަނަ ރޭތަކަކަށް ފަހު މުޅިން އާ ދުވަހަކަށް އިރު އަރައިފިއެވެ. އެންމެހާ ޙަމްދެއް ހުރީ ނިޢުމަތްތައް ދެއްވި ﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ. ލޮލުން އައި އުފާވެރި ކަރުނަތިކި މަންހަލް ފުހެލިއެވެ.

-ނިމުނީ-

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

މަލަކް 2

Previews
September 12, 2026

މަލަކް 2

4 Comments!

  1. Name says:
    September 12, 2026 at 11:10 pm

    Awwww so cute 🥰
    I love it 💞
    Finally they are having a family
    Best story ever 💗

    New story eh neren nuvisnantha ?
    Manhal and yazdhaan their story plus shayam and jaavidh and shayam and nuhaik their story is amazing 💯

    And I want another “love” story ❤️
    Please 🥺

    You are the best author ever 💗

    1. Aayaa Aayaa says:
      September 13, 2026 at 6:02 am

      Thank you Name! 😊🤍

  2. Hii says:
    September 12, 2026 at 11:10 pm

    Awwww so cute 🥰
    I love it 💞
    Finally they are having a family
    Best story ever 💗

    New story eh neren nuvisnantha ?
    Manhal and yazdhaan their story plus shayam and jaavidh and shayam and nuhaik their story is amazing 💯

    And I want another “love” story ❤️
    Please 🥺

    You are the best author ever 💗

    1. Aayaa Aayaa says:
      September 13, 2026 at 6:02 am

      Thank youuu sooo much Hii! Dhigu vaahaka eh eha avahah liyan adhi nuvisnan. Ekamaku kuru vaahaka thah kiyalan libeyne In Sha Allah.. love stories ves kiyalan libeyne kamah balama hinga dww.. 😊🤍

Comments are closed.



All Right Reserved!