Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކައެހެނިހެންލޯބި

އިންތިހާ ލޯބި ވެވޭތީ – ހަތަރުވަނަ ބައި (4)

Rehendhi
Rehendhi Level 1
July 27, 2026 9 Mins Read
0 Comments

===================== ޒުކަން =======================

ޑިއުޓީ ނިންމާލުމަށް ފަހު އަހަރެން ގެއަށް ދިއުމަށް ޓަކައި މިސްރާބުޖެހީމެވެ. މިސްރާބު ބަދަލުކޮށްލާ ހަސްފަތާލަށް އަހަރެންގެ މިސްރާބު ބެހެއްޓީ މި ވަގުތު ނައިރާ ނިމޭނެކަން ސިކުނޑި ހަނދާން ކޮށްދިނުމާއެކުއެވެ. ނިހާނު އޮފީސް ދަތުރެއްގައި ރާއްޖެއާ ބޭރަށް ދާންޖެހުމާއެކު ނައިރާ ގެއަށް ދަނީ އެކުވެރި ކުއްޖަކާއެކު ކަން އަހަންނަށް އެނގެއެވެ. މިރޭ އޭނާ ގެއަށް ލައިދޭން ނިންމީ އެހެންވެއެވެ. ހަސްފަތާލުގެ ގޭޓު ކުރިމައްޗަށް އެރުމަށް ފަހު އަހަރެން ނައިރާއަށް މެސެޖު ކޮށްލީމެވެ. ޖަވާބު ނައުމާއެކު އަހަރެން ނިންމީ އަދިވެސް ނުނިމެނީ ކަމުގައެވެ. ހަސްފަތާލުގެ ކެފޭއަށް އަހަރެން ވަދެ އިށީނީ، އެތަނަށް ވަދެ ނިކުމެ ހަދާ މީހުން އެތަނުން ރަނގަޅަށް ފެންނާތީއެވެ. ނަމަވެސް އަހަރެންގެ ފިޔަވަޅުތަކަށް ލަސްކަމެއް ގެނުވީ މޭޒެއްގެ ދޮށުގައި އިށީންދެގެން އިން ނައިރާ ފެނިފައެވެ. އެއަށް ވުރެ ބޮޑަށް އަހަރެން ހައިރާންވީ އޭނާގެ ކުރިމަތީގައި އިން ޒުވާނާ ފެނުމުންނެވެ. ދަންނަ މީހެއް ނޫނެވެ. ސިކުނޑީގައި ސުވާލު މާކެއް ޖެހުމާއެކު އަހަރެން ނައިރާގެ ނަމުން ގޮވާލީމެވެ.

އަހަރެންނަށް ބަލާލި އެ އަންހެން ކުއްޖާ ހިނިތުން ވެފައި ހަނާ އަޅާލުމާއެކު އަހަރެން ނައިރާގެ ގާތަށް ދިޔައިމެވެ. ޖެހިގެން ހުރި ގޮނޑީގައި އިށީން ވަގުތު ކުރިމަތީގައި އިން ޒުވާނާގެ މޫނުމަތިން ނުރުހުންތެރިކަމެއްގެ އަސަރު ފައުޅުވިއެވެ. ކަން ދިމާކުރި ގޮތުން އެ މަންޒަރު ނައިރާއަށް ނުފެނި ފެނުނީ އަހަންނަށެވެ.

“ޒުކަން. ތިއައީ ނައި ބަލާ ދޯ؟ ބައްޕަ ބުނީތަ؟..އޯހް އެންޑް ބައިދިވޭ، މީ އައިޒަމް..އަހަރެންގެ ހަނދާނުގަ ނެތް ކުލާސް ކުއްޖެއް” ހިނލާފާއި ނައިރާ އެ ޒުވާނާ އަހަންނަށް ތައާރަފު ކޮށްދިނެވެ. ގަދަކަމުން އެ ޒުވާނާއަށް އަހަރެން ބަލާލާ ހިނިތުންވެލީމެވެ. ދޮގެއްތާއެވެ. ނައިރާއަށް ނޭނގުނަސް އަހަންނަށް އޮޅުވާލެވޭނެ ހެއްޔެވެ؟. އެ ޒުވާނާ ކީއްކުރަން ހެއްޔެވެ؟. އައިޒަމް ނަމަކަށް ކިޔާ ޒުވާނެއް އަހަރެމެންގެ ކުލާހުގައި ނޫޅޭ ކަން އަހަރެން ދެނެހުރީމެވެ. މަސްލަހަތަށް ޓަކައި އަހަރެން އެއްޗެއް ނުބުނެ ހަނު ހުރީމެވެ. ނަމަވެސް އަހަންނަށް އެއްކަމެއް ޔަޤީންވެއެވެ. ނައިރާގެ ހަނދާނުން ބައެއް ނެތްކަން މި ޒުވާނާއަށް އެބަ އެނގެއެވެ.

“ހެލޯ. ނައިރާ އެ ބުނިހެން އަހަންނަށް ކިޔާނީ އައިޒަމް. އޭނަ ހަނދާން ނެތަސް އަހަންނަކީ ސުކޫލުގެ އުޅުނު އިރު އޭނާއާއި އެންމެ އެކުވެރި އެކަކު. ތި ނައިރާ ބޯއި ފްރެންޑްތަ؟ ނޫނީ ފްރެންޑްސްތަ؟” އެކުވެރިކަމާއެކު އައިޒަމް ބުންޏެވެ.

“ހަޒްބެންޑް. އަބްދުﷲ ޒުކަން ކިޔަނީ.” ޝައްކުގެ ނަޒަރަކުން އެ ޒުވާނާއަށް ބަލަމުން، ހިނލާފައި އަހަރެން ބުނެލި ޖުމްލައިން ކޮށި އެރީ ނައިރާއެވެ. ކުއްލިއަކަށް އަހަންނާއި ސީދާ ކޮށްލި ނަޒަރާއެކު އަހަރެން ނިންމީ މި ޒުވާނާގެ ކުރިމަތީގައި މި “ޑްރާމާ” އިތުރަށް ކުރިއަށް ގެންދާށެވެ. “ލޯބި ނިމުނީތަ. ގެއަށް ދާންވީ ދޯ. ދޭ ކާރަށް އަރަން. އަހަރެން ދާނަން ޕޭ ކޮށްފަ” ހިނލާފައި އަހަރެން ދައްކަމުން ދިޔަ ވާހަކަތަކުގެ ސަބަބުން ނައިރާ އިނީ ކަޅި ޖަހައި ނުލާ އަހަންނަށް ބަލާށެވެ. އޭނާއަށް ވެސް އެއްޗެއް ވިސްނުނީ ކަންނޭނގެއެވެ. އައިޒަމްގެ ގާތު ދަނީ ކަމަށް ބުނެ އޭނާ ހިނގައިގެންފިއެވެ.

ނައިރާ ދިޔުމާއެކު އަހަރެންގެ ނަޒަރު ހުއްޓާލި ކުރިމަތީގައި އިން ޒުވާނާއަށެވެ. އިތުރު ވާހަކަތަކެއް ދިގު ނުކޮށް އަހަރެން ވާހަކަ ފެށީމެވެ. “ތީ ކާކު؟” ސީރިއަސް ކަމާއެކު އަހަރެން އެހީމެވެ.

ހިނި ގަނޑެއް ޖަހާލުމަށް ފަހު އޭނާ އަހަންނަށް ބަލާލިއެވެ. “ހަޒްބެންޑޭ؟ ތިއަށް ވުރެ ބޮޑު ޖޯކެއް ޕްލީސް. ކަލޭ ހުވަފެން ބަލާ. އަހަރެން ނައިރާ ކާމިޔާބު ކުރާނަން” މިހެން ބުނުމަށް ފަހު އޭނާ އިންތަނުން ތެދުވެ ދުރަށް ހިނގައިގަތީއެވެ. އިތުރު ވާހަކައެއް ދައްކާނެ ފުރުސަތެއް އަހަންނަކަށް ނުލިބުނެވެ. އެ ޒުވާނާގެ ބަސްތަކާއިމެދު ވިސްނަމުން އަހަރެން ހިނގައިގަތީއެވެ. ނައިރާގެ މައުލޫމާތު އެ ޒުވާނާއަށް ލިބުނު ގޮތެއް އަހަރެން ހޯދަންޖެހެއެވެ.

===================== ނައިރާ =======================

ކާރުގައި އަހަރެން މަޑުކޮށްގެން އިނީ ޒުކަން އަންނާނެ އިރަކަށެވެ. އެހެން އިން އިރު ވެސް ޒުކަން ބުނެލި ޖުމްލަ ތަކުރާރުކޮށް އަހަރެންގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. “ހަޒްބެންޑް. އަބްދުﷲ ޒުކަން ކިޔަނީ” އެ ޖުމްލަ އިވުމާއެކު ހެން އަހަންނަށް ފިނި ވެސް ވެއްޖެއެވެ. އެ ލަފްޒުތަކަުން ގައިމު ވެސް އަހަންނަށް ބޮޑު އަސަރެއް ކޮށްފިއެވެ. ފުން އަސަރެކެވެ. ލަދުން ހީނލާ އިސްޖަހާލަށް އަހަންނަށް މަޖުބޫރުވީ އެ ބުނި ޖުމްލަ އަކީ ހަޤީޤަތަކަށް ވާނެ ނަމައޭ ހިތް ބުނެލުމުންނެވެ. މަޑުމަޑުން ދެ ފަރާތަށް ބޯ ހޫރުވާލަމުން އަހަރެން ހޭންފެށީމެވެ. ނަމަވެސް މޫނުމަތީގައިވާ އިހުސާސްތައް ފޮރުވާލަން އަހަންނަށް މަޖުބޫރުވީ ކާރާއި ދިމާލަށް އަންނަމުން ދިޔަ ޒުކަން ފެނިފައެވެ.

ކާރަށް ޒުކަން އެރުމާއެކު ސުވާލުގެ ނަޒަރަކުން އަހަރެން އޭނާއަށް ބަލައިލީމެވެ. އެހެން ބުނީ ކީއްވެތޯ އެނގެން ބޭނުންވުމުންނެވެ. ދެ ލޯ މަރާލުމަށް ފަހު ޒުކަން އެއީ ސަމާސާއަކަށް ބުނި އެއްޗެއް ކަމުގައި ބުންޏެވެ. ނަމަވެސް އަހަރެން ޤަބޫލުނުކޮށް، ކިޔަން ފެށުމާއެކު އޭނާ ޖަވާބު ދިނެވެ.

“އޭނާ ވެސް ދޮގު ހެދީ. އެހެންވެ އަހަރެން ވެސް ހިތަށް އެރީ ދޮގެކޭ ހަނދާލާނީ” ކޮނޑު އަރުވާލަމުން ޒުކަން ބުންޏެވެ.

“ދޮގޭ؟ ކޮން ދޮގެއް؟” ހައިރާންވެފައި އަހަރެން އަހާލީމެވެ. އެއާއެކު މުޅި މީހާ އަނބުރާލުމަށް ފަހު ޒުކަން އަހަންނަށް ބަލައިލިއެވެ. ހިތްހަމަ ނުޖެހުމުގެ އަސަރު އޭނާގެ ނަޒަރުގައި ވި ހެން އަހަންނަށް އިހުސާސް ކުރެވުނެވެ. ނަމަވެސް އެއަށް ވުރެން ބޮޑަށް އަހަންނާއި މެދު ކަންބޮޑުވެފައިވާ ކަން އޭނާގެ ދެ ލޮލުން ދޭހަކޮށްދިނެވެ. އެއްޗެކޭ ނުބުނެ އެ ތޫނު ނަޒަރުން އަހަންނަށް ބަލަން އިނުމާއެކު، އުނދަގޫ ވީ އަހަންނަށެވެ. ވީ ކީއްތޯ އެހުމާއެކު ވެސް އޭނާ ޖަވާބު ނުދިނުމުން އަހަރެންނަށް ޖެހުނީ އަމިއްލަ މޫނުގައި އަތް އަޅާށެވެ. އެއާއެކު ޒުކަން ފުން ނޭވާއެއް ދޫކޮށްލިއެވެ.

“ނައި، ރޫޑް ވާކަށް ނޫން އެކަމަކު ނައިރާ ކިހިނެއް ތިހާ ފަސެހައިން މީހުންނަށް ތި ޓްރަސްޓް ކުރަނީ؟ އެއީ ކާކުކަމެއް އަސްލުގަ ނައިރާއަށް ނޭނގޭ އިރު މީހަކު އެހެން ކިޔާހާ އެއްޗެއް ނައިރާ ޤަބޫލު ކުރަނީ ކީއްވެ؟ ނައިއަށް އެބަ އެނގޭ ނައިގެ ހަނދާނުގަ އެއްބައި ނެތްކަން. ދެން އެކަން އެނގޭއިރު ނައިރާގެ ބޭނުން ހިފަން މީހަކު އުޅެދާނެކަމަށް ނުވިސްނޭހާ ނައިރާގެ ސިކުނޑި މޮޔަވީތަ؟” އެސްފިޔަޖަހައި ނުލާ އަހަރެން ޒުކަންއަށް ބަލަން އިނީމެވެ. ކީ އެއްޗިއްސަށް ދެވުނު ސަމާލުކަމަށް ވުރެން ބޮޑަށް އަހަންނަށް ސަމާލުކަން ދެވުނީ އޭނާ ވާހަކަދެއްކި ގޮތަށެވެ. ނަފުސަށް ހަމަހިމޭންކަމެއް ވެރިވީ ވީ ދެރައިގެ ސަބަބުންނެވެ. ތުން ފިއްތާލުމަށް ފަހު އަހަރެން އެއްޗެކޭ ނުބުނެ އިނީމެވެ. އެކަން ޒުކަންއަށް ވެސް އިހުސާސްވީ ކަންނޭނގެއެވެ. ފުން ނޭވާއެއް ލުމަށް ފަހު މިފަހަރު އޭނާ ވާހަކަދައްކަން ޚިޔާރު ކުރީ މަޑުމައިތިރިކޮށެވެ.

“ސޮރީ. ނައިރާ ދެރަކޮށް ލާކަށް ނޫން. އަހަރެން ވެސް ހާސްވީ. ސޮރީ. މައި ޕޮއިންޓް އިޒް ކޮންމެ ކޮންމެ މީހަކަށް ނައިރާ އިތުބާރުކުރާކަށް ނުވާނޭ. ނައި ޔޫސް ކުރަން ވެސް ބަޔަކު މަސައްކަތް ކޮށްފާނޭ. އޭނާ އެހެދީ ދޮގެެއް. އެހެންވެ އަހަރެން މި ބުނީ. އެއީ ނައިރާ ކްލާސްކުއްޖެއް ނޫން. ގައިމު އަހަންނަށް އެނގޭނެތާ. އެއީ އަހަރެން ދަންނަ މީހެއް ނޫން. އެކަމަކު އޭނާއަށް އެނގޭ ނައިރާގެ ހަނދާނުން ބައެއް ނެތްކަން. އެހެންވެ މި ބުނީ ނައި ޖެހޭނޭ ވިސްނަން” މަޑުމައިތިރިކަމާއެކު ޒުކަން ބުންޏެވެ. އޭނާގެ ވާހަކަތަކާއި މެދު ވިސްނާލަން އަހަންނަށް މަޖުބޫރުވިއެވެ. ކުލާސް ކުއްޖެއް ކަމުގައި ނުވާނަމަ އޭނާ އަހަންނަށް އޮޅުވާލީއެވެ. ބޭނުމަކީ ކޮބާބާއެވެ. ހަމަ ހަޤީޤަތުގައި ވެސް އެރޭ މާރާމާރީގައި އޭނާގެ އަތެއް ވަނީ ހެއްޔެވެ؟. އަހަރެންގެ ސިކުނޑި އަހަންނަށް އޮޅުވާ ނުލާނަމަ ހަޤީޤަތަކީ އެއެވެ. އަހަންނާއި ގުޅުމެއް އެ ބާއްވަނީ އެ ސަބަބަށް ޓަކައިބާއެވެ.

********************

ހަސްފަތާލުގެ ސަރައްކާލި ތެރޭގައި ހިނގާފައި އަހަރެން ދިޔައީ ބަލިމީހަކަށް ބޭނުންވާ ބޭސް ހިފައިގެންނެވެ. ކުއްލިއަކަށް އަހަރެންގެ ހަރަކާތްތަކަށް ހުއްޓުމެއް ގެންނަން މަޖުބޫރުވީ ކުރިމަތިން އައިޒަމްގެ ސޫރަ ފައުޅުވުމުންނެވެ. ހިނލާފައި އެ ޒުވާނާ އަހަރެންގެ ގާތަށް އަންނަން ފެށުމާއެކު މި ފަހަރު އަހަރެން ޖެހިލުންވިއެވެ. އެއީ ކާކުކަން އަހަރެންގެ ސިކުނޑި ސާފުކޮށް އަހަންނަށް ބުނެދީފިއެވެ. ރައްކާތެރި މީހަކަށް އައިޒަމް ނުވާ ކަމުގައި އަހަރެންގެ ޟަމީރު ވެސް އެއްބަހެވެ. ކުރިއަށް އަންނަމުން ދިޔައީތީ ފަސް އަނބުރާލައިފައި ދާކަށް ވެސް އަހަންނަކަށް ނުކެރުނެވެ. ހެލޯ އޭ ބުނެލުމާއެކު ޖެހިލުންވެ ހުރެފައި ވެސް އަހަރެން ޖަވާބު ދިނުމަށް ފަހު ހިނގައިގަތީ އޭނާއަށް ޝައްކެއް ވުމުގެ ކުރިންނެވެ. ދުރަށް ހިނގައިގަތުމާއެކު އަހަރެންގެ ފަހަތުން އެ ޒުވާނާ އަންނަކަން އަހަންނަށް އެނގުނެވެ. ފިޔަވަޅުތައް ހުއްޓާލީ ހާސްވާކަން ނުދެއްކުމަށެވެ. އޭނާ ވާހަކަދައްކަން މަސައްކަތް ކުރުމާއެކު ބިޒީކަމަށް އަހަރެން ބުނީމެވެ. އެއަށް ފަހު އަނެއްކާ ވެސް އަހަރެން ދުރަށް ހިނގައިގަތީމެވެ. އެންމެ އަވަހަށް ވެދެވެން ހުރީ އެމް.އާރ.އައި ކޮޓަރިއަށް ކަމުން އެތަނުގެ އެތެރެއަށް އަހަރެން ދެމިގަތީމެވެ.

ލިބިފައި މި އޮތީ ރަނުގެ ފުރުސަތެކޭ އަހަރެންގެ ހިތަށް އެރިއެވެ. ލައިގެން ހުރި ޔުނީފޯމުގެ ޖީބަށް އަހަރެންގެ އަތް ލާ ފޯނު ނެގީމެވެ. މާރާމާރީ ހިންގަން މަސައްކަތް ކުރި މީހަކު ހުރި ކަމަށް ފުލުހުންނަށް އަހަރެން ރިޕޯޓު ކުރީ އަހަރެންގެ ސިކުނޑިން ދެއްކި މަންޒަރުތަކަކީ ހަޤީޤަތެއްކަން އަހަރެންގެ ނަފުސު ޔަޤީންކޮށްދޭތީއެވެ. އެ ފަދަ މީހަކު އަހަރެންގެ ފަހަތުން އުޅޭ ނަމަ އެއީ ރައްކާތެރިކަމަށް ނުވާނޭކަން އަހަރެންގެ ޟަމީރު ވިސްނައިދިނީތީއެވެ. ފޯނުކޯލު ނިންމާލައި އެނބުރި ދޮރާއި ދިމާލަށް ނަޒަރު ހުއްޓާލުމާއެކު އަހަރެން ދިޔައީ ސިއްސައިގެންނެވެ.

“އެހެންމަ ކަލޭ ހަނދާން އެބަ ހުރި ދޯ؟” އެންމިޔަކަނުން ހިނިތުންވެލުމަށް ފަހު އައިޒަމް އޭނާގެ އަތުގައި އޮތް ޓުކުރި އަހަރެންގެ މޫނާއި ދިމާލަށް ހޫރާލިއެވެ. ނުވިސްނާ ހުރި އަހަރެންގެ ނަފުސަށް އިތުރުކަމެއް ކުރާނެ ވަގުތެއް ނުލިބުނެވެ. ބޮލަށް ލޮޅުން އަރައި، މޫނުމަތިން ލޭ ފައިބަން ފެށުމާއެކު، ދެލޮލަށް އަނދިރިވެ އަހަރެން އަރި އަޅާލީއެވެ.

===================== ޒުކަން =======================

ހަސްފަތާލުގެ ތެރެއަށް އަހަރެން ވަދެގެން ދިޔައީ އެކުވެރި ސިފައިންގެ އޮފިސަރެއް އެތަނުގައި ބާއްވާފައި އޮތުމުން ގޮވާލުމަށެވެ. އެތެރެއަށް ވަދެގެން ދަނިކޮށް ހަސްފަތާލުގެ އިދާރީ ބައިގައި ހަރަކާތްތެރިވަމުން ދިޔަ އަހަރެންގެ އެކުވެރި ފުލުސް އޮފިސަރަކު ފެނުމާއެކު ސަލާމް ގޮވާލީމެވެ.

“އުނައިސް. ކިހިނެއް. ބަލީތަ ހޮސްޕިޓަލްގަ؟” ލޮލަށް ހެޔޮވަރު ކުރެވިފައިވާ އައިނު ނަގައި ގަމީހުގެ ގިރުވާނަށް ޖަހަމުން އަހަރެން އަހާލީމެވެ.

“ނޫނޭ. މާރާމާރީއަކާއި ގުޅޭ ސަސްޕެކްޓެއް ހުރި ކަމަށް ބުނެ އައި ކޯލަކަށް ޕޮލިހުން އައީ. އައިސް ރިޕޯޓު ކުރި ފަރާތް ކޮބާތޯ ބެލި އިރު އޭނާ ނެތް ކަމަށް ބުނީ. ހީވަނީ ޕްރޭންކް ކޯލެއް ހެން. އެ ހުންނަނީ ދެން މީހުން ވެސް ޖަހާ ކަހަލަ ސަކަރާތް. ކީކޭ ދެން ބުނާނީ” އަހަރެން ސަލާމަށް ދިއްކޮށްލި އަތުގައި ހިފަމުން އުނައިސް ބުންޏެވެ.

“އެކަހަލަ ސަކަރާތް ޖަހާ މީހުން އަދިވެސް އުޅޭތަ؟” ހައިރާންވެފައި އަހަރެން އަހާލީމެވެ.

“ކީއްކުރާނީ..ތަފާތު މީހުން. އަހަންނާ އެއްކޮށް އައި ސީނިއަރ އޮފިސަރު ހުރީ ވަރަށް ރުޅި އައިސްފައި. ނައިއްޔާ ވެސް ދެރަތާ. ކަމެއް ނުކޮށެއް ނޫން ދޯ އަހަރެމެން އޮފީސް ތެރޭގަ މި އޮންނަނީ އެ ކަހަލަ ލަނޑު ދޭކަށް” ހިތްހަމަނުޖެހިފައި ހުރި ރާގަށް އުނައިސް ބުންޏެވެ.

“ދެން އޭނާއަށް އަދަބެއް ނުދޭތަ؟” އަހަރެން އަހައިލިމެވެ.

“ތިއެއް އެނގޭނީ ހަމަ ސީނިއަރ އޮފިސަރުންނަށް. މައްސަލަ ދޫކޮށްލަން ނިންމައިފިއްޔާ ނުލިބޭނެ. އެކަމު އާންމުކޮށް އެ ކަހަލަ ކަންކަމަށް ފައިން އެއް ޕޭ ކުރުވާނެ” އުނައިސް ބުންޏެވެ. އިރުކޮޅަކު އެ ގޮތުގައި ވާހަކަ ދައްކަން ހުރުމަށް ފަހު އަހަރެން އެތެރެއަށް ވަދެގެން ދިޔައީ ފަހުން ބައްދަލުވާނޭ ކަމަށް ބުނެފައެވެ.

އެކުވެރިޔާއަށް ޒިޔާރާތްކޮށް ނިންމާލުމަށް ފަހު ހަސްފަތާލުން ނިކުންނަމުން އަހަރެން ނައިރާއަށް ގުޅާލީމެވެ. ނައިރާ ބިޒީކަމަށް އަހަރެން ނިންމީ ފޯނު ނުނެގުމުންނެވެ.

ދަންވަރު ގަޑިން ތިނެއް ޖަހަން ބާކީ ހުރީ ފަނަރަ މިނެޓެވެ. ސިފައިންގެ ހެޑްކުއަރޓަރޒްގައި އަހަރެން އިނީ ޑިއުޓީ އިންޗަރޖަކަށް ހުރީ އަހަރެން ކަމަށް ވުމުންނެވެ. ކުއްލިއަކަށް ފޯނު ރިންގުވި އަޑާއެކު އަވަސް އަވަހަށް އަހަރެން ޖީބުގައި އޮތް ފޯނު ނެގީ ނައިރާކަމަށް އުންމީދު ކުރަމުންނެވެ. ވާނީވެސް އެހެންތާއެވެ. ރޭގަނޑު އެގާރަ ޖަހަންދެން އަހަރެންނަށް ނައިރާއަށް ގުޅުނު އަދަދެއް ނޭނގެއެވެ. ކުރި އެއްވެސް މެސެޖަކަށް ރައްދު ދީފައެއް ވެސް ނެތެވެ. އެމަރޖެންސީ ޑިއުޓީއަށް އަރަން ޖެހުނު ވާހަކަ ނައިރާ ބުނީ ހަވީރުއެވެ. މާބޮޑަށް ވަރުބަލިވެފައި ހުރުމުން ނިދުނީ ކަމުގައި އަހަރެން ނިންމީ އެހެންވެއެވެ.

ފޯނަށް އަރަފައިވާ ނަން ފެނިފައި މާޔޫސްވުުމުގެ ބަދަލުގައި އަހަރެންގެ ދެ ބުމަ ގާތްކޮށްލެވުނެވެ. މިއޮށް ފަދަ ދަންވަރު ނައިރާގެ ބައްޕަ އަހަންނަށް ގުޅަންވީ ކީއްވެ ހެއްޔެވެ؟. ލަސްތަކެއް ނުކޮށް އަހަރެން ފޯނަށް ޖަވާބު ދާރީ ވީމެވެ.

“ދަރިފުޅާ، އެއްޗެއް ހީނުކުރައްޗޭ އެނގޭ. ބައްޕައަށް އެނގޭ މި ކަހަލަ ސުވާލެއް ކުރަން އެންމެ އެކަށޭނަ ވަގުތު ނޫންކަން ވެސް. ދަރިފުޅު ގާތުގައި ނައިރާ ހުރީ؟” ނައިރާގެ ބައްޕަގެ ސުވާލާއެކު އަހަރެން އިން ތަނުން ތެދުވެ ނޫނެކޭ ބުނީމެވެ.

“ޒުކަން. ބައްޕަ ބޭނުމެއް ނޫން ގޯސްކޮށް ވިސްނާކަށް ވެސް. އެކަމަކު މިހާރު ދެން ނައިރާ އަހަރެންގެ ފޯނު ކޯލުތަކަށް ޖަވާބު ދޭނެ ހާއިރު ވެއްޖެ ވިއްޔަ. ނައިރާ އަކީ ގިނަ އިރު ޚަބަރު ނުވެ ހުންނަ ކުއްޖެއް ވެސް ނޫން. ބައްޕަ ކުޑަކޮށް ހާސްވީމަ ޒުކަންއަށް މި ގުޅީ. މިއަދު ހެނދުނު ޑިއުޓީއަށް ދިޔަ ގޮތަށް ހަވީރު އެމަޖެންސީ ޑިއުޓީއަށް އަރަމުން އޭނަ ޚަބަރުވި. އޭގެ ފަހުން މެސެޖެއް ވެސް ކޮށްނުލާ. ގުޅީމަ ފޯނެއް ނަގަނީކީ ނޫން. އަނެއްކާ ދަންވަރު އެއޮއް ތިނެއް ޖަހަނީ. ބައްޕަގެ ހިތް އެބަ ބުނޭ ކަމެއް ގޯހޭ. ސިކުނޑި ހަމަ ސުމަކަށް ދިޔައިމަ ޒުކަންއަށް މި ގުޅުނީ. ނައިރާ ދާނެ ތަނެއް ލަފާކޮށްލަން ވެސް ބައްޕައަށް ނޭނގުނު” ނައިރާގެ ބައްޕަ، ޚަލީލް ދައްކަމުން ދިޔަ ވާހަކަތަކާއެކު އަހަރެންގެ ހިތުގައި ނުތަނަވަސްކަމުގެ ރާޅުބާންޏެއް ދަތުރުކޮށްލިއެވެ. ބައްޕަ އެ ބުނާ ވަގުތުން ފެށިގެން ނައިރާ އަހަންނަށް ވެސް މެސެޖު ނުކުރާ ކަމަށް އަހަރެން ވެސް ބުނީމެވެ. ބައްޕަގެ ހާސްކަން ދެގުނަވީ އެހާ ހިސާބުންނެވެ. ގޯސްކޮށް ވިސްނަން ބޭނުން ނުވި ކަމުގައި ވިޔަސް އަހަރެންގެ ސިކުނޑި އެކަމަށް އެއްބާރުލުމެއް ނުދިނެވެ. ހާސްވެގެން އަހަރެން ދާހިއްލާ ފޯވެއްޖެއެވެ. އެންމެ ނުބައި ޚިޔާލުތައް ސިކުނޑި ހިސޯރުކުރަން ފެށުމާއެކު ހިތާއި ހިތުން އެހެން އެކަން ނުވޭތޯ އަހަންނަށް ދުޢާ ކުރެވުނެވެ. ވަގުތުން އަހަރެންގެ ސީނިއަރ އޮފިސަރަށް އެމަރޖެންސީއެއްގައި އަހަރެން ދާން ޖެހިއްޖެ ކަމުގައި ބުނީމެވެ.

ހެޑްކުއަރޓާޒްއިން ނުކުމެވުމާއެކު އަހަރެންގެ ސިކުނޑި ދިމާލަށް ވިސްނިއެވެ. އެންމެ ފުރަތަމަ ވެސް އަހަރެން މިސްރާބު ޖެހީ ދަރުމަވަންތަ ހޮސްޕިޓަލަށެވެ. ނައިރާ އެތަނުން ނުކުތްތޯ ނުވަތަ ނޫންތޯ ޔަޤީންކޮށްގެން ނޫނީ އެހެން އެއްކަމެއް ވެސް އަހަންނަށް ނުކުރެވޭނެއެވެ.

ހޮސްޕިޓަލުގެ ޑިއުޓީ ރިކޯޑުތަކުގައި، ނައިރާ ހަވީރުގެ އެމަރޖެންސީ ޑިއުޓީއަށް އެރިކަމަށް ދައްކައެވެ. ނަމަވެސް ޑިއުޓީ އިން ސައިން އައުޓް ވިކަން ދޭހަކޮށްދޭ އެއްވެސް ނިޝާނެއް އަހަންނަކަށް ނުފެނުނެވެ. ދެން އޮތް ގޮތަކީ ހަނދާން ނެތި ކާޑު މެޝިނުގައި ކާޑު ނުޖައްސާ ނައިރާ ބޭރަށް ދިޔުމެވެ. އެކަން ޔަޤީން ކުރެވެން އަންނަނީ ހަސްފަތާލުގެ ސެކިއުރިޓީ ޑިޕާރޓްމަންޓަށެވެ. މަތީ މަގާމެއްގައި ހުރުމުން މިއަދު އަހަންނަށް ފައިދާކޮށްފި ތާއެވެ. އެއްވެސް ސުވާލެއް ނެތި ސެކިއުރިޓީ ރޫމަށް ވަންނަން އަހަންނަށް ހުއްދަ ލިބިގެން ދިޔައެވެ. ހޯދާހޯދާ ވެސް ހޮސްޕިޓަލުގެ ގޭޓުން ނައިރާ ނުކުތްކަމުގެ އެއްވެސް ނިޝާނެއް ނުފެނުނެވެ. އެހެން ސެކިއުރިޓީ ކެމެރާތައް ބަލަން ޖެހުނީ އެހެންވެއެވެ. ހާވަނިކޮށް ފެނުނު މަންޒަރާއެކު އަހަރެންގެ ނޭވާ ވެސް އަރުގައި ތާށިވީ ފަދަ އިހުސާސެއް އަހަންނަށް ކުރެވުނެވެ. ވަގުތުކޮޅަކަށް އަހަރެންގެ ވަށައިގެންވާ ހުރިހާ ކަމަކަށް ދެވިފައިވާ ސަމާލުކަން ނެތިގެން ދިޔައެވެ. އަހަރެންގެ ހިތަށް ވަދެގަތް ބިރުވެރި އިހުސާސް އަހަރެންގެ މޫނުން ވެސް ފެންނަން ހުންނާނެކަން ގައިމެވެ. ނޭވާލާން ދަތިވުމާ އެކު ގުދުވެ މޭގައި ދެތިން ފަހަރު އަހަންނަށް ޖަހައިލަން މަޖުބޫރުވިއެވެ. ލޮލަށް ކަރުނަ ޖަމާވެފައި ހުރި ކަން އެނގުނީ އަތުގެ ބޮޑުވައި އިނގިލީގައި ކަރުނަ ތިކި ޖެހުމުންނެވެ. އަނެއްކާ ވެސް އަހަރެންގެ ނަޒަރު ކޮމްޕިއުޓަރުގެ ސްކްރީނަށް ހުއްޓާލީމެވެ. ފެނުނީ ހަމަ ރަނގަޅަށް ތޯ އަހަރެންގެ ނަފުސައި، ހިތާއި، ސިކުނޑިއާއި، ޟަމީރު ވެސް ޔަޤީން ކުރަން ބޭނުންވީތީއެވެ. އާނއެކެވެ. އެމް.އާރ.އައި ރޫމް ތެރޭގައި ހޭނެތިގެން އެ ވެއްޓުނީ ނައިރާއެވެ. އޭނާގެ ކުރިމަތީގައި އެ ހުރީ ކާކުކަން އަހަންނަށް ވަރަށް ސާފުކޮށް އެނގެއެވެ. އެކަމަކު އޭނާ ކީއްވެ ހެއްޔެވެ؟. އެ ސުވާލަކަށް ވުރެން އަހަންނަށް މި ވަގުތު މުހިންމީ ނައިރާ ވީތަނެއް ހޯދުމެވެ. ހޭނެތިފައިވާ ނައިރާގެ ހަށިގަނޑު ފުރޮޅު ލީ ގޮނޑިއަކަށް ލައިގެން ފޮރުވައިގެން ހޮސްޕިޓަލުން އޭނާ ނެރުނެވެ. އެތަނާއި މާ ދުރުނޫން ހިސާބެއްގައި އޮތް ވޭނަކަށް ނައިރާ އެރުވުމާއެކު އެ ވޭން ދުއްވައިލައިފިއެވެ. ހޮސްޕިޓަލުގެ ކެމެރާތަކަށް ނައިރާ އަރާނެ އެއީ ފަހު ފަހަރުކަން ދެނެގަނެވުމާއެކެ، ސެކިއުރިޓީ ރޫމުން ނުކުންނަމުން އަހަރެން ފުލުހުންނަށް ގުޅީމެވެ. ރަހީނު ކުރުމުގެ މައްސަލައެއް ރިޕޯޓްކުރުމަށް ފަހު އެންމެ އަވަހަށް އަހަންނަށް ނައިރާއަށް ވާސިލްވެވޭނެ މަގު ޚިޔާރުކުރަން އަހަރެން ނިންމީމެވެ.

އަހަރެންގެ ބައްޕަ ޒާހިދަކީ ސިޔާސީ ގޮތުން ބާރު ހުރި މީހެއް ކަމުން، އެކަމުގެ ބޭނުން ރަނގަޅަށް އަހަރެން ހިފައިފީމެވެ. ފުލުހުން ކުރި އެތައް މަސައްކަތްތަކަކަށް ފަހު، ދޮޅު ގަޑިއިރުގެ ތެރޭގައި އެ ވޭން ޓްރެކް ކުރެވުނެވެ. އެންމެ ފަހުން އެ ވޭން ހުއްޓާފައިވަނީ ހުޅުމާލޭގައި ހުރި އިމާރާތް ކުރަމުންދާ ސަރަހައްދެއްގައެވެ. ފުލުހުންގެ ކާރުތައް އެމަރޖެންސީގައި އެ ދިމާލަށް ދުއްވާފައި ދިޔަ އިރު، އަހަރެން ވެސް ފަހަތުން ސައިކަލުގައި ނައްޓާލީމެވެ. ހެޔޮ ހާލުގައި ނައިރާ ލެހެއްޓެވުން އެދި ދުޢާ ކުރާ ހާލުގައެވެ

===================== ނައިރާ =======================

މަޑުމަޑުން އަހަރެންގެ ހަށިގަނޑު ބިންމަތީގައި ދެމޭ ފަދަ އިހުސާސެއް އަހަންނަށް ކުރެވެއެވެ. ދެ ލޯ ޖައްސާ ބާރުކުރުމާއެކު އަވަސް އަވަހަށް އެސްފިޔަތައް ތަޅުވާޅީމެވެ. ލޮލުގެ ކުރިމަތިން އެތައް މަންޒަރެއް އެއްފަހަރާ ފެނުމާއެކު މަޑު އަހެއް އަހަރެންގެ ދެ ތުންފަތް ފޫއަޅުވާލިއެވެ. ބޮލަށް ތަދުވާކަން އެނގި ހުރެ ވެސް އަހަރެންގެ ސަމާލުކަން ދެވިފައި ވަނީ ލޯ މަތިން ސިފަވަމުން ދިޔަ މަންޒަރުތަކަށެވެ. ކޮން މަންޒަރުތަކެއް ކަން ނޭނގުނަސް އެއީ އަހަރެންގެ ދެ ލޮލުން ފެންނަ، ނުވަތަ ފެނިފައި ހުރީ މަންޒަރުތަކެއް ކަން ކަށަވަރެވެ. އެކި އަޑުތައް އެއްވުމާއެކު އަހަރެންގެ ބޮލަށް ވާންވެގެން ދިޔައީ އެ ހިނދުއެވެ. ކުއްލިއަކަށް އެރި ތަދާއެކު އަހަރެންގެ ލޯ މެރުނީއެވެ.

********************************

މަޑު މަޑުން އަހަރެންގެ އެސްފިޔަތައް ތަޅުވާލުމަށް ފަހު ލަސްލަހުން ލޯ ހުޅުވާލީމެވެ. ތަނުގެ އަނދިރިކަމަށް ލޯ އާދަވާން އިރުކޮޅެއް ނެގުމާއެކު، އަހަރެން އެކި ފަރާތް ފަރާތް ހޯދާލީމެވެ. މި އިނދެވުނީ ކޮން ތަނެއްގައި ކަން ނޭނގުނަސް އަހަރެންގެ އަތްފައި ހަރަކާތް ނުކުރެވޭކަން އަހަރެންނަށް އިހުސާސްކުރެވުނެވެ. މީހާ ހާސްވީ ކަން ވީ ގޮތް ހަނދާންވުމުންނެވެ. ތެޅިގަނެވުނީ ސަލާމަތް ވުމަށް ކަމުގައި ވިޔަސް، އެކަން އެގޮތަށް ވާކަށް ނެތެވެ. އެ ވަގުތު އަހަރެންގެ މޫނަށް މީހަކު އަލިކޮށް ލުމާއެކު، ކުޑަކޮށް ލޯ މަރައިލަން ޖެހުނެވެ.

“ބޮސް. ހޭ އަރައިފި” އަހަރެންގެ ކުރިމަތީގައި ހުރި ޒުވާނާ ގޮވާލި އެވެ. އެ އާއެކީ ތަންކޮޅެއް ދުރުން ބަޔަކު އަންނަ ކަމުގެ ހިލަން ވެގެން ދިޔައެވެ. ހިތް ބިރުގަތީ ވާން މި އުޅެނީ ކީއް ކަމެއް ނަގައި ވަންނަން ވެސް ނޭނގުނީތީއެވެ. ހިތާއި ހިތުން ދުއާކޮށް ލެވުނީ ސަލާމަތުން މި ތަނުން ނުކުމެވޭނެ ގޮތެއް މިންވަރުކުރެއްވުމަށެވެ.

“ކަލެއަށް އިނގޭތަ ގެނެސްފަ ތީނީ ކީއްވެ ކަން” ރުންކުރު ކަމާއެކު އެތަނުން އެކަކު އަހަރެންގެ ގާތުގައި އެހިއެވެ. ބިރުން އިނދެ ވަގުތުން އަހަންނަށް ބޯ ހޫރުވާލެވުނެވެ.

“ހައް. ކަލޭ ހީކުރި ކީކޭ ކަމައްތަ. މަގޭ ކޮއްކޮ ޖަލަށް ލާފަ ކަލެއަށް ހަމަޖެހިގެން އުޅެވޭނެ ކަމަށްތަ. އެހާ ގައްޑާވެފަ ފުލުހުންނަށް މައްސަލަ ޖެއްސި މީހާ މިއަދު ދީނީ ކުޑަ ފިޔޮކެއް ހެން. ހެ ހެ. ހާސް ނުވޭ. އެހާ ވޭން ނުދީ ކަލޭ މަރާލަން އަހަރެން މަސައްކަތް ކުރާނަން” އެ ޒުވާނާގެ ފަހު ޖުމްލައާއެކު އަހަރެންގެ ގައިން ހީނބިހި ނަގައިގެން ދިޔައެވެ. އެ ދައްކާ ވާހަކަ އަހަރެންނަށް ފަހުމުވެގެން ދިޔައެވެ. އެ ދައްކަނީ މީގެ އެތައް ދުވަހެއް ކުރިން އަހަރެންނަށް ފެނުނު މާރާމާރީގައި ޖަލަށް ލެވުނު މީހާގެ ވާހަކަކަން ދެނެގަންނަން ފަސޭހަވީ އެ މަންޒަރުތައް ސިކުނޑި ދައްކައި ލުމުންނެވެ. އެއާއެކު އަހަރެން ހައިރާންވިއެވެ. އަހަންނަށް ކަމެއް އިހުސާސް ކުރެވިއްޖެއެވެ. އާނއެކެވެ. ކޮންމެސް ގޮތަކުން އަހަރެންގެ ހަނދާންތައް އަނބުރައި އަތުވެއްޖެކަން އަހަންނަށް ޔަގީންވެއެވެ. ކުރިމަތީގައި ހުރީ ކާކުކަން ވެސް އަހަންނަށް ފަހުމު ވެއްޖެއެވެ. އެއީ ހަމަ އެ ރޭ އަހަރެންގެ ފަހަތުން އެންމެ ފުރަތަމަ ދުއްވައިގަތް މީހާ އެވެ. މި ހުރިހާ ކަމަކާ މެދު ވިސްނާކަށް އަހަރެންނަށް ވަގުތު ނެތްކަން ސިކުނޑި ހަނދާން ކޮށްދިނެވެ. ވާހަކަ ދައްކަން ފެށީ އެހެންވެއެވެ.

“ކަލޭ ބޭނުންވަނީ ކޮންކަމެއް؟” އަހަރެން އެހީމެވެ.

“ބޭނުންވާ ކަންތައް ކޮށްދޭނެހާ ބާރެއް ކަލޭ އަތުގަ ނެތް. މި ހުރިހާ ދުވަހު ކަލެޔާ މެދު އަޅާނުލާ ހުރީ ކަލޭގެ ހަނދާންތައް ނެތްކަން އަހަރެމެންނަށް އެނގޭތީ. އެކަމަކު އެ މާރާމާރީ ހިނގި ރޭ ވީ ގޮތް ކަލެއަށް މިހާރު އެނގޭކަން އެނގިއްޖެ. އެހެންވީމާ މި ވާ ގޮތަކީ..ކަލޭ ދުނިޔޭގަ ހުރީމަ ކުޑަކޮށް އަހަރެމެންނަށް އެބަ ޑިފިކަލްޓް ވޭ. އަންޑަރސްޓޭންޑް ދޯ؟. ކަލޭގެ އަނގަ ބަންދު ވަނީ މަރައިލައިގެން ކަން އެނގޭތީ މިހެން ހަދަން ޖެހުނީ. ސޮރީ ވަރަށް ބޮޑަށް” ޖީބަށް ޖަހައިގެން އުޅުނު ކުޑަ ވަޅިއެއް އަތަށް ނަގަމުން އެ ޒުވާނާ މަލާމާތުގެ ރާގަކަށް އަހަންނަށް ބުންޏެވެ.

ވަޅިއަށް ބަލާލުމަށްފަހު ހިންދިރުވާލި ނަމަވެސް އަހަރެން ހުރީ ދޫ ދޭ ގޮތަކަށް ނޫނެވެ.

“އަހަރެން މަރާލީމަ ވެސް ކަލޭމެންނަށް ހަމަ ލިބޭނީ ގެއްލުން. މިހާރުވެސް ނޭނގެ އަހަރެން ގެއްލިގެން ހޯދަން ނޫޅޭ ކަމެއް. ކަލޭ އަހަރެން ނެރުނީ ހޮސްޕިޓަލް ތެރޭން. އެހެންވީމަ ކަލޭމެން ހޯދާކަށް ވެސް ފުލުހުންނަކަށް އުނދަގުލެއް ނުވާނެ” އަހަރެން ބުނީމެވެ. އެއާއެކު އެ ޒުވާނާ ހީނލިއެވެ.

“ކޮއިފުޅާ..ހެހެ. ކަލޭ ވިސްނާލަބަލަ. އޭރު ހައްޔަރު ކުރި ތިން މީހުން މިހާ އަވަހަށް މިނިވަންވެ މި ހުރީ ކީއްވެތޯ ތި ގަމާރު ސިކުނޑިން ވިސްނާލަބަލަ. ވެރިން ބޭނުމީ ފައިސާ ނުން. އެތިކޮޅެއް ދޭ އިރަށް އެ މީހުން ތިބޭނީ ވިކިފައި. މީނދަ ރިޔާޒުގެ ބައްޕަ ހުއްޓާ އަހަރެމެނަށް ގޮތެއް ވާނެކަމަށްތަ؟ ހެހެ. ކަލޭ މަރާލިކަން ބަސްޓުވިޔަސް އެ ޖަލުން ނުކުތުމަކީ ފެން ފޮދެއް ބޯލުން ހާ އަހަރެމެންނަށް ފަސޭހަ ކަމެއް. ދެން އެކުން އިތުރު ވާހަކަ ގިނަ ނުކުރޭ. މި ކަން ވެސް ނިންމާލަން އެބަ ޖެހޭ. އޭރުންތާ އަވަހަށް ސަލާމަތް ވެވޭނީ ވެސް” މިހެން ބުނެލުމާއެކު އެ ޒުވާނާ ވަޅި ހިފައިގެން އަހަރެންނާއި ދިމާލަށް އައެވެ. ތެޅިގަތުމާއެކު އަހަރެންގެ ލޮލުން ކަރުނަ ހިލެން ފެށިއެވެ. ފަހު ވަގުތަށް ވެދާނެ ކަމަށް ހިތް ބުނުމާއެކު ޝަހާދަތް ކިޔަން އަހަރެން އަވަސްވެލީމެވެ. އެ ވަގުތުކޮޅު ފަޒާގައި ގުގުމަން ފެށީ ފުލުސް ސައިރަންގެ އަޑެވެ. އެއާއެކު ކުރިމަތީ ތިބި މީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ނަމަވެސް އެތަނުގެ އެތެރެއަށް ފުލުހުން ވަނުމުގެ ކުރިން އެ ޒުވާނާ އަހަރެންގެ ބަނޑާއި ދިމާލަށް އެ ހަންޖަރު ހަރާލައިފިއެވެ. ދުރުން ބާރަށް އަހަރެންގެ ނަމުން މީހަކު ގޮވާލި އަޑާއެކު އެ އެންމެން އެ ތަނުން ފިލަން ދުއްވައިގަތެވެ.

(ނުނިމޭ).

Share Article

Rehendhi
Follow Me Written By

Rehendhi

Level 1

Inspired by an amazing novel writer, Someone who dreams to become professional in novel writing field. "Every Story is another World, where Emotions breathe and Hearts remember"

Other Articles

Previous

ގާތުގާ 41

Next

ލޯބި-41

Next
July 27, 2026

ލޯބި-41

Previews
July 27, 2026

ގާތުގާ 41



All Right Reserved!