Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކައެހެނިހެންލޯބި

އިންތިހާ ލޯބި ވެވޭތީ – ފަހުބައި (5)

Rehendhi
Rehendhi Level 1
August 1, 2026 11 Mins Read
4 Comments

===================== ޒުކަން =======================

ފުލުސް ކާރުތައް ގޮސް އެ އިމާރާތުގެ ތެރެއަށް ހުއްޓުމާއެކު ސައިކަލުން ފައިބައި އަހަރެން ވެސް ދުއްވައިގަތީމެވެ. އިމާރާތުގެ ތެރެއަށް ފުލުހުންނަށް ވުރެ ކުރިން ދުއްވައިގަނެވުނީ އަހަންނަށެވެ. އެތެރެއަށް ވަދެގެން ދިޔަ ވަގުތު އެތަނުގައި ތިބި މީހުންގެ ތެރޭގައި އިން ނައިރާ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ހިއްސުތަކަށް ހުއްޓުމެއް އައީ ދެން ކަންތައް ވީ ގޮތް ދެލޮލަށް ފެނުމުންނެވެ. ނައިރާގެ ގަޔަށް އެ ވަޅި ހަރާލި ވަގުތު އޭނާގެ ނަމުން ބާރަށް އަހަރެން ގޮވާލީ ހަމަ ހަޤީޤަތުގައި ވެސް ބޭ އިޚުތިޔާރުގައެވެ. އެ މީހުން ދުތްވައިގެން ނަމަވެސް އެއަށް ވުރެން އަހަރެންނަށް ސަމާލުކަން ދެވުނީ ލެއިން ފޯވަމުން ދިޔަ އެ ނިކަމެތި އަންހެން ކުއްޖާއަށެވެ. އަހަރެންގެ ހިތް އެ މީހަކަށް ޓަކައި އެދެމުންދާ އަހަރެންގެ ހިތުގެ ފުރާނައަށެވެ. ދެ ކަކޫ މައްޗަށް ތިރިވެ އެ ތުނި ހަށިގަނޑުގެ ވަޅި ހަރާފައިވާ ތަނުގައި އަހަރެން އަތް އަޅާލީމެވެ. ނައިރާގެ ހޭ ހުރިކަން އަހަންނަށް އެނގުނު ކަމުގައި ވިޔަސް ވާހަކަދައްކަން އޭނާގެ ދޫ ނުކުޅެދިފާ ވާ ފަދައެވެ. އޭނާގެ އަތުގައި އައްސާފައިވާ ފޮތިކޮޅު ނިއުޅުވާލުމަށް ފަހު، އަހަރެންގެ ފުރަތަމަ ކަމަކަށް ވީ ނައިރާގެ ގައިން ފައިބައި ކޯރު ހެދެމުން ދިޔަ ލޭތައް މަނާ ކުރުމެވެ. ދުނިޔޭގެ އެހެން ހުރިހާ ކަމަކަށް ވުރެން އެ ފުރާނަ ދިރި ހުންނަން އަހަރެންގެ ހިތް އެދި ރޮމުން ދިޔައެވެ. ފުން ވަމުން ދިޔަ ނައިރާގެ ނޭވާއާއެކު މަޑު އާހެއް އޭނާގެ ތުންފަތް ފޫ އަޅުވާލިއެވެ. ލެއިން ތަތްތެޅިފައި އޮތް އޭނާގެ އަތްތިލަ ނަގައި މަޑު މަޑުން އަހަރެންގެ އަތުގައި ޖައްސާލިއެވެ. ނަމަވެސް..ނަމަވެސް ވާގި ދޫވެ އެ އަތްތިލަ ތިރިއަށް ވެއްޓުމާއެކު، ނައިރާގެ ހަށިގަނޑު އަހަރެންގެ އަތު ތެރެއަށް ދެމުނީއެވެ. ފުރާނަ ހުއްޓައި އަހަރެން މަރުވި ފަދައެވެ. އަހަރެން ވިންދު ވެސް ހުއްޓުނުހެން އަހަންނަށް ހީވި ވަގުތުކޮޅެކެވެ. އެމްބިއުލާންސްގެ އަޑާއެކު މީހުންތައް އަހަރެންގެ ވަށާލުމާއެކު މަޑު މަޑުން ނައިރާގެ ހަށިގަނޑު އަހަރެންގެ އަތުގެ ތެރޭގައި ބާރުކޮށްލެވުނެވެ. ނައިރާގެ ވިންދު މަޑުވަމުން ދާކަމުގެ އިހުސާސް އަހަންނަށް ވެސް ކުރެވުނެވެ. އޭރު ވެސް އޭނާގެ ޒަޚަމުގައި ފޮތިކޮޅު ޖައްސާއި ބޭރުކޮށްގެން އަހަރެން ހުރީ ލޭ އައުން ހުއްޓުވުމަށް ޓަކައެވެ. އެމްބިއުލާންސްގެ މީހުން އަހަރެންގެ އަތުން ނައިރާ ނެގުމަށް ފަހު ހަސްފަތާލަށް މިސްރާބުޖެހި އިރު އަހަރެން އޭރު ވެސް އިނީ ނައިރާގެ އަތުގައި ހިފަހައްޓައިގެންނެވެ.

އަވަސް ފަރުވާދޭ ބަޔަށް ނައިރާ ވެއްދުމާއެކު އަހަރެންގެ ކަކުލު ހުޅުން ވާގި ދޫވެ ހުރި ތަނަށް އަހަންނަށް ތިރިވެވުނެވެ. އަމިއްލަ އަތަށް ބަލައިލެވުމާ އެކު މީގެ ދޮޅު އަހަރު ކުރިން ކަންތައް ވީ ގޮތް ލޯ ކުރިމަތީ ސިފަވެގެން ދިޔައެވެ. އެ ދުވަހު ވެސް ސަލާމަތްވި ގޮތަށް މިއަދު ވެސް އެ ފުރާނަ ދިރި ލަހައްޓަވާތޯ އަހަރެންގެ ހިތް ހުއްޓާ ނުލާ ދުއާ ކުރަމުން ދިޔައެވެ. އެ ވިންދު ހުއްޓޭ ދުވަހަކީ އެތައް ހާސް މަރަކުން އަހަރެން މަރުވާނެ ދުވަސްކަން އަހަރެންގެ ހިތަށް އެނގޭ ފަދައެވެ. އެ ހީނލުމާއި، އެ ބަލާލާ ލޯބިވެތި ބަލާލުންތަކާއި ނުލާ ދުނިޔޭގައި ހުންނާނީ ކިހިނެއްތޯ އަހަރެންގެ ޟަމީރު ވެސް ސުވާލު އުފައްދައިފިއެވެ. މަރަކީ ކޮންމެ މީހަކަށް އަންނާނެ އެއްޗެއްކަން ވެސް އަހަންނަށް އެނގުނެއް ކަމަކު، އެ ފުރާނަ އަހަންނާ ވަކިވެ އަދި ނުގެންދެވުމަށް އެދި، އެ ފުރާނައިގެ ވެރި އިލާހުގެ ޙަޟުރަތުގައި އެ ކުޑަ ވަގުތުކޮޅުގައި އެދި ދެންނެވުނު މިންވަރު އެނގޭނީ ހަމަ އެ އިލާހަށެވެ. މަޑު މަޑުން މަރާލި ދެލޮލާއެކު އަހަރެންގެ މޫނު އަތު ތެރޭގައި ފޮރުވާލީ ކެތްކުރަން ހިތަށް ކުޅަދާނަނުވުމުނެވެ.

ސަރޖަރީ ރޫމުން ޑަކުޓަރު ނުކުތުމާ އެކު އޭނާގެ ގާތަށް އެންމެ ފުރަތަމަ ޖެހުނީ ނައިރާގެ ބައްޕައެވެ. ބިންމަތިން ތެދުވުމާ އެކު އަހަރެން ވެސް ބައްޕަގެ ގާތުގައި މަޑުކޮށްލީމެވެ. ބުނަނީ ކޮންމެ އެއްޗަކަށް ވިޔަސް އަޑު އެހުމަށެވެ.

“الحمد لله” އިވިގެން ދިޔަ ވާހަކަތަކާ އެކު ނައިރާގެ ބައްޕަ ބުނެލިއެވެ. ނައިރާގެ ފުރާނަ ސަލާމަތް ކުރެވުނުކަމުގެ ޚަބަރު ޑޮކްޓަރު ދެއްވީއެވެ. ޖީބުގެ ތެރޭގައި އޮތް އަހަރެންގެ އަތްތިލަ މަޑުމަޑުން މުއްކަވާލާ މާތް ﷲއަށް ހަމްދުކުރެވުނެވެ. ދެން އޮތީ ނައިރާ ހާ އަރާނެ އިރަކަށް އިންތިޒާރު ކުރުމެވެ.

ނައިރާގެ އެނދު ކައިރީގައި، އެ އެނދުގައި ބޯ އަޅައިގެން އޮތުމަށް ފަހު، ބޯ ހިއްލައިލަން އަހަންނަށް މަޖުބޫރުވީ ޖީބުގައި އޮތް އަހަރެންގެ ފޯނު ރިންގުވުމުންނެވެ. ނައިރާގެ ބައްޕަ ޚަލީލުއަށް ބަލައިލުމަށް ފަހު އަހަރެން ކޮޓަރިން ނުކުތީ ދައްކާ ވާހަކަ އިތުރު މީހަކަށް އެނގުން ވިޔަ ނުދިނުމަށެވެ.

“ސަރ. އެ މީހުން މިހާރު ތިބީ ކަސްޓޮޑިޔަލްގަ. ސުވާލު ކުރެވޭ އިރު ސަރ ހުންނަން އިއްބެ ސަރ އޮތީ ހުއްދަ ދެއްވާފަ” ފޯނުގެ އަނެއްކޮޅުން ވާހަކަ ދެއްކި މީހާ ބުނެލިއެވެ. މި ދަނީ ކަމަށް ބުނަމުން އަހަރެން ފޯނު ޖީބަށް ލުމަށް ފަހު ދާން ޖެހިއްޖެކަން ނައިރާގެ މައިންބަފައިންނަށް އަންގާލީމެވެ.

ފުލުހުންގެ މައި އިމާރާތުގެ ތެރެއަށް އަހަރެން ވަދެގެން ދިޔާއީ ރުޅިއާއި ދެރަ އެކުލެވިގެންވާ ހިތަކާ އެކުއެވެ. އެ މީހުންގެ ގަސްދަކީ ކޮބައިކަން ހޯދުމަށް ފަހު ނޫނީ މި ފަހަރު އަހަރެން ދުލެއް ނުކުރާނަމެވެ. އެ މީހުންނަށް ޖެހޭނީ އެއްބަސްވާށެވެ. ބުނާށެވެ. ނައިރާއަށް އެހެން ހަދަން ޖެހުނު ސަބަބެއް އަންގައިދޭށެވެ. ކަސްޓޯޑިޔަލްގައި ތިބި މީހުން ދައްކާ ވާހަކަ އަޑު އެހުމަށް ތިބޭ ކޮޓަރިއަށް އަހަރެން ވަނީމެވެ. ފުލުސް މީހާ ކުރަމުން ދިޔަ ސުވާލުތަކަށް އެއިން އެކަކު ވެސް ޖަވާބު ދޭން ހިތަށް ނާރާ ފަދައެވެ. ގޮށްމުށުން ބިއްލޫރިގަނޑުގައި އަހަންނަށް ޖެހުނީ އެތަނުން އެކަކު ހޭން ފެށުމާ އެކުއެވެ. އޭރު މާނޭވާ ލެވޭކަން އެނގުމާ އެކު ހަމަޖެހެން އަހަރެން މަސައްކަތް ކުރީމެވެ.

“ބްރޯ. މި ނަންބަރަށް ގުޅާލަދީބަލަ. އޭނާ ހަމަޖައްސާނެ މަގޭ ލޯޔަރު” އެއްލޯ މަރާލުމާ އެކު އެތަނުން ރާއިފް އޭ ކިޔުނު ޒުވާނާ ބުނެލިއެވެ. އެ މެންބަރަކީ ކާކުގެ ނަންބަރެއްކަށް އެނގުމާ އެކު ވާން މި އުޅޭ ގޮތް އަހަންނަށް ވަރަށް ސާފެވެ. މަޖިލީހުގެ މެމްބަރެއްގެ ދަރިއެއް މި ތަނުގައި ހައްޔަރު ކޮށްފައި ހުރިކަން ފުލުހުން ބުނެ ދިނުމާއެކު، ރިޔާޒުގެ ބައްޕައަށް ގުޅީ އަހަންނެވެ. ތިން ވަނަ ރިންގާއެކު ފޯނު ނަގައި އެކޮޅުން ސަލާމް ގޮވާލި އަޑު އިވުމާ އެކު ޖަވާބު ދިނުމަށް ފަހު އަހަރެން ވާހަކަ ދެއްކީމެވެ.

“ސަރ. ސަރ ގެ ދަރިއެއް ދެއްތޯ އިބްރާހިމް ރިޔާޒަކީ؟. އަޅުގަނޑު މީ މޯލްޑިވްސް ޑިފެންސް ފޯސްގެ ކެޕްޓަން. އަބްދުﷲ ޒުކަން. ދަންނަވަން މި އުޅެނީ މި ވަގުތު، މާރާމާރީއެއްގެ ތުހުމަތުގައި ސަރ ގެ ދަރިފުޅު އިނީ ފުލުހުންގެ ކަސްޓޯޑިޔަލްގަ އޭ.”

އަހަރެންގެ ވާހަކައާ އެކީ ރިޔާޒުގެ ބައްޕަ، ނަސީރު ފުން ނޭވާއެއް ދޫކޮށްލި އަޑު އަހަންނަށް އިވުނެވެ.

“އަހަރެންނަށް ތި ގުޅީ..އޭނާ ބުނީތަ ގުޅާށޭ” މަޑު އަޑަކުން އޭނާ ސުވާލުކުރިއެވެ.

“ރިޔާޒުގެ އެކުވެރިއެއް ބުނީ ގުޅާށޭ. ލޯޔަރު ހަމަޖެހޭނެ އޭ….ސަރ މި ފަހަރު އެ މީހުންނަށް އެހީ ވެލައްވައިފި ނަމަ، އަޅުގަނޑަށް ހީވަނީ އަޅުގަނޑަށް ވެސް މަޖުބޫރު ވާނެ ކަންނޭނގެ އެ ކަމާ ބެހޭ ގޮތުން ކަމެއް ކުރަން” ސަރުކާރުގެ މަތީ މީހެއްކަން އެނގި ހުރެމެ ވެސް އަހަރެންނަށް އިންޒާރު ދެވުނީ ނައިރާގެ ހައްގުގެއެވެ. ކޫރުމެއް ކީއްކުރަން ހެއްޔެވެ؟. އެ ތިބަ މީހުންގެ ލޮލުން ދެ ވަނަ ފަހަރަށް ނައިރާއަށް ބަލައިލާތަން ދުށުމަށް ވެސް އަހަންނަށް ކެތެއް ނުވާނެއެވެ.

ނަސީރު ވާހަކަ ދައްކަން ފެށިއެވެ. “އެއް ދަރިއަކަށް ފަހު އަނެއް ދަރިއެއް. އަތުން ފައިން ގޯހެއް ނުހެދެނީސް މި މީހުން މައިތިރި ނުވާނެ. ރިޔާޒު ގާތު ބުނޭ މި ފަހަރު ފިލާވަޅު ދަސްކުރާށޭ. މަށެއް އެހީއެއް ނުވާނަމޭ. ކީކޭ ދެން ބުނާނީ. މާދަން އަނެއްކާ ޕާޓީއިން މަށަށް ގުޅާފަ ވީ މި ކަމާ ހެދި ހަޅޭތްލަވަން. މައިތިރި ނުވެވެންޏާ ގޭގަ އިންނާށޭ ވެސް ބުނެވިއްޖެ އެ ބުރާންތި ކައިރީގަ” ރުޅި އަައި ހުރެ އެހެން ބުނުމަށް ފަހު އަހަރެންގެ ކަންފަތް މައްޗަށް އޭނާ ފޯނު ކަނޑާލީ އެވެ. ބޭނުންވާ ކަންތައް ވުމާއެކު އަހަރެން އަޅާ ނުލާ ހުރެ ހިނގައިގަތީ ރިޔާޒު އާއި ރާއިފް ތިބި ކޮޓަރިއަށް ވަނުމަށެވެ. ފުލުސް މީހާ އިންތަނުން ތެދުވެ ބިއްލޫރި ގަނޑަށް ބަލައިލީ އަހަރެން ވަނުމުން ސުވާލު އުފެދި ހުރެމެ، އޭނާގެ މައްޗަށް ހުރި މީހާގެ ގާތުން، ވަނީ ކީއްކަށް އޮޅުން ފިލުވުމަށެވެ. އޭނާއަށް ހުއްދަ ދިނުމާއެކު، ފުލުސް މީހާ ކޮޓަރިން ނުކުމެ އަހަރެމެން ތިން މީހުން އެކަނި ވިއެވެ. އޭރު ރިޔާޒާއި ރާއިފް ވާނުވައިގައި އަހަންނަށް ބަލަން ތިއްބެވެ.

“ބާރުގެ ބޭނުން ކުރެވޭނީ ހަމައެކަނި ކަލޭމެން ދެ މީހުންނަކަށް ނޫން. މަށަށް ވެސް ބާރުގެ ބޭނުން ކުރަން އިނގޭ. ކަލޭމެން މިއަދު ތި ހަމަލާ ދިނީ ނުބައި މީހަކަށް. މަގޭ އެއްވެސް ބާރެއް ލާން ބައްޕަ ގަބޫލު ނަމަ ކަލޭމެންނަށް ދެވެން އޮތް އެންމެ ބޮޑު އަދަބު ދޭނަން. ޝުކުރު ކުރޭ ބައްޕައަކީ އެ ކަހަލަ މީހަކަށް ނުވާތީ” އަހަރެން ބުނީމެވެ. އެއާއެކު ރާއިފް ޗޮއް ކަނޑާލުމަށް ފަހު ނަސީރުއަށް ގުޅައިފިންތޯ އެހިއެވެ.

“ނަސީރު ދޯ. ހެހެ. ކަލޭމެންނަށް ވަރަށް ދެރަކޮށް މި ދިމާވީ. ނަސީރު ބުނީ..އަޑު އަހާ. ނަސީރު ބުނީ ކަލޭމެން ކައިރީގައި ބުނާށޯ މި ފަހަރު އެހީއެއް ނުވާނަމޭ. ސޯ…ކިހިނެއް ދެން ހަދާނީ” އެއް މިޔަކަނިން ހީނލަމުން އަހަރެން މަލާމާތް ކޮށްލީމެވެ. އެއާއެކު ރާއިފް ގެ ދޫ ބަންދުވެ ހާސްކަން އޭނާގެ ވަށާލި ފަދައެވެ. ކަން ވީގޮތް ކިޔައިދީ އިއުތިރާފު ވެއްޖެ ނަމަ މުއްދަތު ކުޑަވާނެ ކަން އަހަރެން އެ މީހުންނަށް ބުނެދިނީމެވެ. ހަމްދަރުދީ ވެގެންނެއް ނޫނެވެ. ކަންވީ ގޮތް ހޯދުމަށެވެ. އަހަރެން ބުނި އެއްޗަކުން އަސަރު ކުރީ ހަމަ އެކަނި ރިޔާޒާށެވެ. މީހަކާއި އިނދެގެން އޭނާ ހުރި ކަމާއި ދަރިއަކަށް އަނބިމީހާ ބަލިވެ އިންކަން އޭނާ އަހަރެންގެ ގާތު ބުންޏެވެ.

“މި ހުރިހާ ކަމެއް ކުރުމުގެ ކުރިން އެ ދަރިއާ މެދު ކަލޭ ވިސްނާނުލަންތަ؟” ރުންކުރު ކަމާ އެކު އަހަންނަށް ބުނެވުނެވެ. އެއާއެކު ރިޔާޒު އިސްޖެހިގެން ދިޔައެވެ. ވީގޮތް ކިޔައިދީ އިއުތިރާފު ވާނަން ކަމަށް ބުނުމާއެކު ރާއިފް އިނދެފައި ހަޅޭތްލަވައިގަތެވެ. ހަމަޖެހެން އޭނާ ބުނެލިއެވެ. ރިޔާޒު ވާހަކަދައްކަން ފެށުމާ އެކު އޭނާ އިންތަނުން ތެދު ރިޔާޒަށް އަނިޔާ ދޭން އުޅުމާ އެކު ރާއިފް ކޮޓަރިން ނެރެން މަޖުބޫރުވިއެވެ. އޭރު ވެސް އޭނާ ދިޔައީ ރިޔާޒު އާއި ދިމާލަށް ހަޅޭތްލަވަމުންނެވެ.

ކަން ހިނގި ގޮތާއި، ކަން ހިނގަން މެދުވެރި ގޮތް ރިޔާޒުގެ ދުލުން ކިޔައި ދެމުން ދިޔަ އިރު، ހަމައިން އަހަރެންގެ ނަފްސު ގެއްލިދާނެތީ ދެ އަތް މުއްކަވާ ޖީބަށް ޖަހަން އަހަންނަށް މަޖުބޫރުވިއެވެ. ހުރިހާ ކަމެއްގެ ވެސް ފެށުމަކީ މީގެ އެތައް ދުވަހެއް ކުރިން ނައިރާއަށް ފެނުނު މާރާމާރީގެ މަންޒަރެވެ. އެރޭ އެ ހުރިހާ ކަމެއް ހިންގަން އަމުރުކުރީ ރާއިފް ކަމަށާއި، ރާއިފް ހިތާ ވެގެން އުޅުނު އަންހެން ކުއްޖާ ރަހީނު ކުރަން މަސައްކަތް ކުރި މަންޒަރު ނައިރާއަށް ފެނުމުން، ނައިރާގެ އަނގަ ބަންދު ކުރަން އެ މީހުން މަސައްކަތް ކުރިކަމަށް ރިޔާޒު ބުންޏެވެ. ނައިރާއަށް ފާރަލަމުން އޭނާގެ ދުވަސް ދުއްވާލަން އެންމެ ފުރަތަމަ އެ މީހުން ކުރި މަސައްކަތަކީ ނައިރާ އެކްސިޑެންޓް ކޮށްލުން ކަމަށް ރިޔާޒު ބުނުމާއެކު އަހަންނަށް ދަތްކުނޑި ވިކާލެވުނެވެ. އެކްސިޑެންޓުގައި ނައިރާގެ ހަނދާންތައް ދިޔުމާއެކު އެ މީހުން އެކަމާއި އަޅާ ނުލާ ހުންނަން ނިންމީ ކަމާއި، ހަނދާންތައް އަނބުރާ އައިހެން ހީވުމާ އެކު އަނެއްކާ ވެސް ނައިރާއަށް ހަމަލާ ދޭން ޖެހުނީ ކަމަށް ރިޔާޒު އެއްބަސްވިއެވެ. ހުރިހާ އެއްޗެއް ކިޔައިދީ ނިމުމާއެކު އޭނާ ސުވާލު ކުރީ މުއްދަތު ކުރުވާނެތޯއެވެ. ޖަވާބެއް ނުދީ އަހަރެން ނުކުމެގެން ދިޔައީމެވެ. މުއްދަތު ކުރުވިޔަސް، އަހަރެން ދިރި ހުއްޓާ އެއިން މީހަކަށް އަދަބުން ސަލާމަތްވާން ފުރުސަތު ނުދޭނެ ކަމަށް ވެސް ހިތާއި ހިތުން އަހަރެން ބުނެ އެތަނުން ނުކުތީ ފުލުހުންނަށް އެ މީހުންގެ މަސައްކަތް ދޫކޮށްލުމަށެވެ. އަހަރެން އައި ބޭނުން ފުދުމުންނެވެ.

===================== ނައިރާ =======================

އަތަށް ގުޅާފައިވާ އައިވީއަށް ބަލާލުމާ އެކު، އެނދާއި ޖެހިގެން ބަހައްޓާފައި ހުރި ގޮނޑިތަކުގައި ތިބި އަހަރެންގެ މައިންބަފައިންނަށް އަހަރެން ބަލައިލީމެވެ. ވަގުތުން ގޮނޑިން ތެދުވުމަށް ފަހު އަހަރެންގެ ބައްޕަ ޑޮކްޓަރަށް ގޮވަން އަވަސްވެގަތެވެ. ޑޮކްޓަރު އައިސް ވަނުމަށް ފަހު އަހަންނާއި އެތައް ސުވާލުތަކެއް ކުރުމަށް ފަހު ނުކުތީ މަންމައާއި ބައްޕަ ގޮވައިގެންނެވެ. އަހަރެންގެ ނަފުސާއި މެދު ވިސްނާލަން އަހަންނަށް ލިބުނު މީ ފުރުސަތެކެވެ. ދުނިޔެއަށް އަނެއްކާ ވެސް ލޯ ހުޅުވާލާނެ ފުރުސަތު ދެއްވި ކަމަށް ޓަކައި އަހަންނަށް ހަމްދުކޮށްލެވުނު ވަގުތު، ކަންތައް ވެދިޔަ ގޮތް ސިފަ ކުރެވުމާ އެކު އެނދުގެ ތެރޭގައި އަހަންނަށް ކުޑަވެލެވުނެވެ. ހިތް ބިރުގަތުމާ އެކު އަހަންނަށް ރޮވެން ފެށުނެވެ. އެ ގޮތުގައި އިރުކޮޅެއް ހޭދަ ވެގެން ދިޔަ އިރު، ރަހީނު ކުރުމުގެ ތެރެއިން އަހަރެންގެ ސިކުނޑި ތެރޭގައި ކުޅެވުނު މަންޒަރުތަކާއި މެދު އަހަރެން ވިސްނާލީމެވެ. ހަޔާތުގެ އެކި ސަފުހާގެ އެކި ތަންތަން ކޮޅު އަހަންނަށް ފެނުނު ފަދައެވެ. ޒުކަން އާއި އަހަރެންގެ ފެށުން އައީ ކިހިނެއް ކަން ވެސް އަހަރެން ހަނދާން ވެއްޖެއެވެ. އެނދުގައި އޮތް ބާލީހުގައި ބޯ އަޅައިލުމަށް ފަހު އިތުރަށް ރޮވުން ނޫން ކަމެއް އަހަންނަކަށް ނުކުރެވުނެވެ. ވީ ދެރައިން ކަމެއް ނުވަތަ ވީ އުފަލުން ކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. ލޯ މަރައިގެން އޮތުމަށް ފަހު ލޯ ހުޅުވާލާން އަހަންނަށް މަޖުބޫރުވީ ކޮޓަރިއަށް މީހަކު ވަންކަމުގެ އިހުސާސް ކުރެވިގެންނެވެ.

އެތައް ދުވަހަކަށް ފަހު، މިއަދު އެ ސޫރަ ފެނުމުން އަހަންނަށް ތަފާތު އިހުސާސެއް ކުރެވިއްޖެއެވެ. މިއަދު އެތައް ދުވަހެއް ފަހުން އޭނާ ފެންނަ ގޮތް ތަފާތު ވެގެން ހިނގައްޖެއެވެ. ޒުކަންގެ ކެތްތެރިކަމަށް އަހަރެންނަށް ހިތާއި ހިތުން ތައުރީފުކުރެވުނެވެ. އެތައް އެތައް ދުވަހެއް ފާއިތުވެގެން ދިޔަ އިރު ވެސް އެ ޒުވާނާއަށް އަމިއްލަ ދިރިއުޅުމުގެ އެއްވެސް ކަމަކަށް ވުރެން އަހަރެން މުހިންމުކަން ސާބިތުކޮށްދީފިއެވެ. އަހަރެން ދެކެ ވާ ލޯތްބަކީ ހަމައެކަނި އޭނާގެ ދުލުން ބުނެލާ އެއްޗެއް ނޫންކަން އަންގައިދީފިއެވެ. ވަފާތެރިކަމުގެ އެންމެ ފުރިހަމަ އެއް ނަމޫނާ އަހަރެންގެ ކުރިމަތީގައި ހުއްޓި މިއަދު ހުރި އިރު އަހަރެން އޭނާގެ އިހުސާސްތައް ދޮގު ކުރާނީ ފަހެ ކިހިނެއް ހެއްޔެވެ. އެ މިންވަރަށް އެއް އިންސާނަކަށް އަނެއް އިންސާނަކު ދެކެ ލޯބި ވެވިދާނެ ބާއޭ ވެސް އަހަރެންގެ ހިތް ސުވާލު ކޮއްލިއެވެ. އުފާ ކުރެވުނީ އެ މިންވަރަށް އަހަރެން ދެކެ ލޯބިވާނޭ ފަރާތެއް މި އުޑު ދަށުގައި އަހަރެންގެ ވެރި އިލާހު ލެއްވީތީއެވެ. ކެތްތެރިކަން ކޮޅުން ލުމާއެކު، ޒުކަންގެ ގައިގައި ބައްދާލަން އަހަރެންގެ ހިތް އެދި ގޮވަން ފެށިއެވެ. ނަމަވެސް ނަފުސު ކޮންޓްރޯލް ކުރަން އަހަންނަށް މަޖުބޫރުވީ އެ ހައްގު އަދި އަހަންނަށް ނެތީތީއެވެ. ލޯ މަރާލުމަށް ފަހު ހިތި ގޮތަކަށް އޭނާއަށް ހިނިތުންވެލީމެވެ. އެނދު ކައިރީގައި އޭނާ އައިސް ހުއްޓުމާއެކު އަނެއްކާ ވެސް ކަރުނައިން އަހަރެންގެ ދެ ލޯ ފޯވާކަށް ހިނދުކޮޅެއް ވެސް ނުނެގިއެވެ.

“ޒު..ކަން.” ގިސްލެވުމާއެކު އަހަންނަށް ގޮވާލެވުނެވެ. މަޑުމައިތިރި ކަމާއެކު ޒުކަން ޖަވާބުދާރީވިއެވެ. އެއާއެކު ތިން ހަތަރު ފަހަރު އަހަންނަށް އޭނާގެ ނަމުން ގޮވާލެވުނެވެ. ޖަޒުބާތުތައް އުތުރި އެރުމާއެކު އޭނާގެ މޫނުގައި ހިފަހައްޓާލަން ހިތް އެދުނެވެ. ހިތުގެ އެދުމަށް އަހަރެން ފުރަގަސްދިނީމެވެ.

“ނައިރާ” މަޑު މަޑު އަޑަކުން ޒުކަން ގޮވާލިއެވެ. އެހާމެ ލޯބިންނެވެ.

“ނައިރާ..ހުއްޓާލާ. ނުރޮއެ. އިރާދަކުރެއްވިއްޔާ ދެން އެ މީހުންނަކަށް ނުކެރޭނެ ކަމެއް ކުރާކަށް” ޒުކަން ބުންޏެވެ. ނަމަވެސް އަހަރެން މި ރޮނީ އެ މީހުންގެ ސަބަބުންނެއް ނޫނެވެ. ހިތުގެ އިހުސާސްތަކަށް ކެތް ނުކުރެވޭތީއެވެ. ޒުކަންއަށް ނޭނގުނު ކަމުގައި ވިޔަސް އެ ނަފުސަށް ޓަކައި އަހަރެން ދެރަވެއްޖެއެވެ. އެތައް ކަމަކާއި އޭނާ ކުރިމަތިލައިފި ތާއެވެ. ދެރަ މި ވަނީ މި ހުރިހާ ދުވަހު ޒުކަން ހަނދާން ނައްތާލެވުނީތީއެވެ.

“ޒު..ކަން..ޒުކަން…ސޮރީ..ސޮރީ ވަރަށް ބޮޑަށް..ނައިރާއަށް މާފުކޮށްދީ” މިހެން ބުނުމަށް ފަހު އަހަރެން ޒުކަންގެ ތޫނު ކަޅިރަވައަށް ނަޒަރު ހުއްޓާލީމެވެ. އޭނާގެ މޫނަށް އެރި ކުލަވަރުން ހައިރާންވި ކަން އަހަރެން ދެނެހުރީމެވެ. ބޯ ގުޑުވާލުމަށް ފަހު ވީ ކީއްތޯ އޭނާ ސުވާލު ކުރިއެވެ.

“މި ހުރިހާ ދުވަހު…ޒުކަން..މި ވީހާ ދުވަހު އަހަރެން ޒުކަންގެ މަތިން ހަނދާން ނުހުރީތީ. ޒުކަން އަހަރެން ދެކެ ވީ ލޯބި މަތިން ހަނދާންނެތުނީތީ..ޒުކަން…ވަރަށް ބޮޑަށް ސޮރީ” ގިސްލަމުން އަހަރެން އޭނާގެ ގާތު ބުނީމެވެ. އެއާއެކު ކުއްލި ސިހުމެއް ޒުކަންގެ މޫނު މަތިން ފާޅުވެގެން ދިޔައެވެ. ހަނދާންތައް އަނބުރާ އައީތޯ އޭނާ އަހާލީ ކުއްލިއަކަށެވެ. ބޯ ޖަހާލަމުން އަހަރެން ހިނިތުންވެލުމާއެކު، ޒުކަންގެ ލޮލުން ކަރުނައިގެ އަސަރު އަހަރެން ދުށީމެވެ. ހަމަ ހަގީގަތުގައި ވެސް ތޯ ތަކުރާރުކޮށް އެނާ އެހިއެވެ. އަހަރެން އާނއެކޭ ބުނުމާއެކު އޭނާ ވާހަކަދައްކަން ފެށިއެވެ.

“ނައިރާ. އެއްވެސް ކަމެއްގައި ނައިރާގެ ކުށެއް އޮތްކަމަށް އަހަރެން ގަބޫލެއް ނުކުރަން. ނައިރާ ނުޖެހޭނެ މާފަށް އެދޭކަށް. އެއީ އަހަރެމެނަށް ކުރިމަތިވި އިމްތިހާނެއް. އަހަރެންނަށް އަހަރެންގެ އިހުސާސްތައް އިތުރަށް ދަސްވާން ލިބުނު ދުވަސްތަކެއް. ޝުކުރުކުރަނީ ތި ހަނދާންތަކާ އެކުވިޔަސް، އެކު ނޫނަސް، ދެ ވަނަ ފަހަރަށް ވެސް ތި ހިތުން ޖާގަ ދިން މީހަކީ އަހަރެން ކަމަށް ވާތީ. އެހެންމަ ނައިރާ ސޮރީ ބުނާކަށް ނުޖެހޭނެ” އަހަންނާއި އެއްވަރަށް އޭނާގެ އިސްކޮޅު ތިރިކޮށް ލަމުން ޒުކަން މަޑުމައިތިރި ކަމާއެކު ބުންޏެވެ.

“ހިނގާ އެހެންވީރުން އިންނަން” ކުއްލިއަކަށް އަހަރެން ބުނެލި ޖުމްލައިން ޒުކަން ހުއްޓުން އެރިއެވެ. އެ ތޫނު ކަޅި ރަވައިން އަހަންނަށް އޭނާ ބަލައިލީ ސަމްސާ ނުކުރާށޭ ބުނާ ފަދައަކުންނެވެ. ސަމާސާއެއް ނޫނޭ އަހަރެން ބުނީމެވެ.

“ހަމަ އަސްލުވެސް. ޒުކަން ކިޔެވުން މެދު ކަނޑާލާފަ ތިޔައީ އަހަންނާ އިންނާކަށްނު. އަހަރެން ބޭނުމެއް ނޫން ދެން އިތުރަށް މަޑު ކުރާކަށް. ޒުކަން. ކިތައް އަހަރު ޒުކަން ކެތްކޮށްފީމު. ކިތައް އަހަރު އަހަރެން ކެތްކޮށްފިން. އަހަރެމެންގެ މި އިންތިޒާރަށް ނިމުމެއް ގެނެވޭނީ އެ ދުވަހަކުން. ހުރިހާ ކަމެއް ހަމައަކަށް އެޅުނީމަ އަހަރެން ބޭނުމީ އެންމެ ފުރަތަމަ ވެސް ޒުކަން އާ ކައިވެނި ކުރަން” އަހަރެން ބުނީމެވެ. އެއާއެކު އަނެއްކާ ވެސް އޭނާ އަހަންނަށް ނަޒަރު ހުއްޓާލިއެވެ. އޭނާ ބޯ ޖަހައިލާ ވާހަކަ ދައްކަން އަނގަ ހުޅުވާލި ވަގުތު، ފަހަތުން އަހަރެންގެ ބައްޕަ ވާހަކަދައްކަން ފެށިއެވެ.

“ބައްޕަ މި ފަހަރު ނައިރާއާ އެއްބަސް. ނައިރާ ހަމައަކަށް އެޅުނީމަ ބައްޕަ އެންމެ ފުރަތަމަ ދެކެން ބޭނުން ކަމަކީ ތި ކުދިން ކައިވެނި ކުރާތަން. ނައިރާ ގެންގުޅެވޭނެ ފެންވަރު ހުރި ކަމަށް މިއަދު ބައްޕަ ގަބޫލުކުރަން. އިތުރަށް މަޑު ކުރުމުގެ ބޭނުމެއް ބައްޕައަކަށް ނުފެނޭ” ބައްޕަ ދެއްކި ވާހަކައާއި އެއްބަސް ވާކަމަށް ޒުކަން ބުނުމަށް ފަހު އަހަރެންގެ ކަންފަތާއި ދިމާލަށް ކުޑަކޮށް އޭނާ ގުދުވެލިއެވެ. ވަގުތުން އަހަންނަށް ބަލައިލެވުނީ ބައްޕައަށެވެ.

“ތެދެއް ތިބުނީ. އަހަރެން ވަރަށް ކެތްކޮށްފިން. މި ހިތާއި ރޫހަށް އަރާމެއް ދޭން އަހަރެން ވެސް ބޭނުން. ހަމަ ހަގީގަތުގައި ވެސް ތީ އަހަރެންގެ މީހަކަށް ހަދަން ދެން އަހަރެން މަޑުކުރާކަށް ނުވިސްނަން.” ހީނލަމުން ޒުކަން މަޑުމަޑުން ހަމައެކަނި އަހަންނަށް އިވޭ ވަރަށް ބުނެލިއެވެ. އެއާއެކު އަހަރެން ވެސް ހީނލުމަށް ފަހު ބޯ ޖަހައިލީމެއެވެ.

*ހަ މަސް ފަސް*

=================== ޒުކަން =========================

“އަނބި ގަބޫލުކޮށްފިން” އަހަރެންގެ ދުލުން ބުނެލުމާއެކު މުޅި މާހައުލުގައިވި ހަމަހިމޭންކަން ނައްތައިލާ އެންމެންގެ އަތްތިލަ ބަޑީގެ އަޑު އިވިގެން ދިޔައެވެ. އެއާއެކު އަހަންނަށް ނަޒަރު ހުއްޓާލެވުނީ އަހަންނާއި ޖެހިގެން ހުރި ގޮނޑީގައި، ހުދު ކުލައިގެ ކައިވެނި ހެދުމުގައި އިން ނައިރާއަށެވެ. އަހަރެންގެ އަންހެނުންނަށެވެ. ފޮނި ވެލާފައި ހީނލެވުނީ އެއީ އަހަރެންގެ އަންހެނުންނޭ ހިތް ބުނުމުންނެވެ. ލަދުރަކި ގޮތަކަށް ވަގުތުން އެ މޫނު އިސްޖެހިގެން ދިޔަ އިރު، ދުނިޔެމަތިން އެ ފަދަ ދެ ވަނަ ރީތިކަމެއް ދެން މި ލޮލަށް ފެންނާނެބާ އޭ ހިތް ބުނެލިއެވެ. ހަނދާއި ތަރިތައް ލަދުން އިސްޖަހާނޭ މީހުން ބުނަނީ މި ފަދަ ރީތިކަމެއް ފެނުނީމާ ހެއްޔެވެ؟. މޮޔައެއްހެން އަހަރެން ހީނލީ މިއަދު އެ ރީތި އަންހެން ކުއްޖަކީ އަހަރެންގެ އަނބިމީހާ ކަން ޟަމީރު އަނެއްކާ ވެސް ހަނދާން ކޮށްދިނީ ތީއެވެ. ޠާހިރު މާތް އަޚުލާގެއްގެ ވެރިއެއް ކަން އަހަރެން ދެނެހުރިމެވެ. އުފާވަނީ އެ ފަދަ އަންބެއް އަހަންނަށް ދެއްވީތީއެވެ. ހިތާއި ހިތުން ހަމްދު ކުރެވުނީ އެހެންވެއެވެ.

ކައިވެނީގެ ހަފުލާ ނިންމުމަށްފަހު ގެއަށް ދިޔުމަށް ޓަކައި އަހަރެންނާއި ނައިރާ ކާރަށް އަރައި ދުއްވާލީމެވެ. ލިފްޓުން ނުކުތުމާ އެކު އަހަރެންގެ ސިކުނޑިއަށް ވެރިވި ކޮޅު ހިޔާލުން އެއްމިޔަކަނުން ހީނލެވުނެވެ. އަހަންނަށް ނައިރާ ފުރަގަސްދިނުމާއެކު ތިރިވެލައި އަހަރެންގެ އަތްދަނޑި މައްޗަށް ނައިރާ އުފުލާލީމެވެ. ހަޅޭތްލަވައިގަނެވިދާނެތީ ވަގުތުން އޭނާ އަނގަމަތީ އަތް އެޅުމަށް ފަހު އަހަންނަށް ބަލާލީ ސިހުމުގެ ނަޒަރަކުންނެވެ. އެއަށް ފަހު މަޑު އަޑަކުން އޭނާ ހީނލިއަޑު އަހަންނަށް އިވިގެން ދިޔައެވެ. ދޮރު ހުޅުވާލުމުން ފަހު އަހަރެމެން ދެ މީހުން ދިރިއުޅެން ނެގި އެޕާޓްމަންޓަށް ވަދެ ސޯފާގައި ނައިރާ ބޭންދުމަށްފަހު އޭނާއަށް އަހަރެން ފެންތަށްޓެއް ގެނެސްދިނީމެވެ. ތަށި ބެހެއްޓުމާއެކު ފުން ނަޒަރަކުން އެ ކަޅިރަވައަށް އަހަރެން ބަލައިލީމެވެ. އެ ގޮތުގައި ހިނދުކޮޅެއް ވޭތުވުމާއެކު ލަދުން ނައިރާ ލޮލުގައި އަތް އެޅީއެވެ. މަޑުމަޑުން ނެގި އަތްތިލައާއެކު އަހަރެން އޭނާގެ އަތްތިލަ ތިރިކޮށްލީމެވެ.

“ތީ ކޮންފަދަ ބޭ އިންސާފެއް. ނަފުސު ގެ ހަމަ ގެއްލި، ކެތްތެރިކަން ކޮޅުންލި އިރު ވެސް އަހަރެން ތި ނޫން އެހެން ކުއްޖަކަށް ބަލާކަށް ބޭނުމެއް ނުވީމު. އެހެންވީމަ އަހަންނަށް ލިބިފައި އޮތް އޮތް ހައްގެއް ތި ނިގުޅައިގަންނަނީ ކީއްވެ. ދެން ތި ދެ ލޯ އަހަންނަށް ނުފޮރުވައްޗޭ. ތި ލޮލުގެ ތެރޭ ގެނބިގެން ދިޔަސް ވެސް ހެޔޮ” އަހަރެން ބޭނުންވީ އިތުރަށް ނައިރާ ލަދުގަންނާވާލާށެވެ. ކަން ވީވެސް އެހެންނެވެ. ލަދުން އިނދެ އެ އަންހެން ކުއްޖާ އަހަންނާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. އެއްކަމެއް އަހަންނަށް އޭނާގެ ލޮލުން ފެނެއެވެ. ލޯތްބެވެ. ތެދުވެރި، މާތް ލޯތްބެވެ. އަހަރެން ދެކެ ވާ ލޯތްބެވެ. އެތައް ދުވަހެއް އަހަރެމެން ދެ މީހުންނަށް އިންތިޒާރު ކުރެވުނެވެ. އެކުގައި ލަހައްޓަވާތޯ އެތައް ފަހަރަކު ދުއާ ކުރެވުނެވެ. ދިހަ އަހަރުގެ ދިގު އިންތިޒާރަކަށް ފަހު އެންމެ ފަހުން އެ ހިތް އަހަންނަަށް ފުރިހަމަ ގޮތުގައި މިލްކު ކުރެވިއްޖެއެވެ. ލުއި ހިނިތުންވުމެއް ގެނައުމާއެކު އަހަރެން ނައިރާގެ މޫނުގެ ދެ ފަރާތުން ހިފަހައްޓާލީމެވެ. ޖަޒުބާތުތަކުގެ ހިފެހެއްޓުން ގެއްލުވާލާ، ލޯތްބާއެކު ގެނެސް އޭނާގެ ނިތުގައި ބޮސްދިނީމެވެ. ދުވަހަކު ވެސް ނައިރާ ދޫކުރާކަށް ހިތް ނޭދޭ ކަން އެތައް ގޮތަކުން އެ މަޢުސޫމު ކުއްޖާއަށް އަހަރެން އަންގައި ދިނީމެވެ. ތެދެކެވެ. އެ ލޯތްބާއި ނުލާ އުޅުމަކީ، ދުވަހަކު ވެސް އަހަރެން ތަހަންމަލު ކުރަން ބޭނުން ނުވާ ވޭނެކެވެ. ނައިރާ ނެތް ދުވަހެއް ދުށުމަކީ އަހަރެން ދުވަހަކު ވެސް އެދޭނެ ގޮތެއް ނޫނެވެ. އެއަށް ވުރެ އަހަރެންގެ ހިތް ނައިރާއަށް އެދެއެވެ. އިރާދަކުރެއްވިއްޔާ، ހިތާއި، ފުރާނަ އިން މުޅި އުމުރު ވެސް އަހަރެން ލޯބިވާނޭ އެއީ ހަމައެކަނި އިންސާނާއެވެ. އެ ނޫން މީހެއް ދެކެ މި ހިތަށް ލޯބި ވެވޭނީ ކިހިނަކުން ހެއްޔެވެ؟.

*އެއް އަހަރު ފަސް*

ޖެހެމުން ދިޔަ މަޑު ވައިން އަރާމު ހޯދަމުން، ދޮންވެލި ގަނޑާއި ސަމާސާ ކުރަމުން ދިޔަ ރާޅު ތަކުގެ ތެރޭގައި ފައި ތެންމަމުން، ނައިރާގެ އަތުގައި ހިފަހައްޓައިގެން ހުރެ އަހަރެން ހިނގަމުން އައިމެވެ. ދޭ ތެރެއަކުން އެ އަތްތިލައަށް ފިތާލައި ބާރުކޮށްލެވެއެވެ. އިރުއޮއްސި ދުނިޔެ އަނދިރި ވެފައި ވާއިރު، ވަށައިގެންވާ ހުރިހާ ކަމަކުން އަހަރެމެން ދެ މީހުންގެ ހިތަށް ލިބިފައިވަނީ އަރާމެކެވެ. ރިސޯޓުގެ ޕްރައިވެޓް ސަރަހައްދުގައި ނައިރާ ގޮވައިގެން، ދުނިޔޭގެ އެއްވެސް ކަމަކާ މެދު ފިކުރު ނުކޮށް ހުރެ ހިނގާލަން ލިބުމަކީ ނަސީބެކޭ އަހަރެންގެ ހިތަށް އެރިއެވެ. ވަރުބަލިވުމާއި އެކު ނައިރާ އިށީންނަން ބޭނުން ވުމުން ހިކި ފަސް ދޮންވެލި ގަނޑުގައި އަހަރެން ނައިރާ ގޮވައިގެން އިށީނީމެވެ. ހަމަޖެހިލުމަށްފަހު، ބޯ ދަށަށް އަތް ލައްވާލާ އަހަރެން އޮށޯވެލީމެވެ. ދެ މީހުންގެ ދެ މެދުގައި ވާ ހަމަހިމޭންކަން ނައްތާލީ ނައިރާއެވެ.

“ޒުކަން ބޭނުމީ ގަރލް އެއްތަ ބޯއި އެއްތަ؟” ދެ މަހުގެ ކުޑަ ކުޑަ ބަނޑަށް ބަލާލަމުން ލޯބިވެތި ގޮތަކަށް ނައިރާ އަހާލިއެވެ.

“އަހަރެން ބޭނުމީ ނައިރާ ކަހަލަ ލޯބި ލޯބި މިނީ ނައިރާއެއް” ތެދުވެ އިށީންނަމުން ނައިރާގެ ނޭފަތު ކޮޅުގައި ހިނފާލަމުން އަހަރެން ބުނެލީމެވެ. އެއާއެކު ނައިރާ ހީނލި އަޑު އިވިގެން ދިޔައެވެ. އަނެއް ކާ ވެސް އަހަރެމެން ދެ މީހުންގެ ދެމެދަށް ވެރިވި ހިމޭން ކަން ނެތިކޮށްލީ ނައިރާއެވެ. އޭނާގެ ސުވާލުން އަހަރެންގެ މޫނަށް ސީރިއަސް ކަން ވެރިވިއެވެ.

“އަސްލު ކީއްވެ ޒުކަން އަހަރެން ޗޫޒް ކުރީ. ނޯ ކޮމްޕްލެއިންޓްސް އިނގޭ. ހަމަ ކިއުރިއަސް ވަނީ. އެހެން އަންހެން ކުދިން ނުލިބޭ ހާ ޒުކަން ބަދު ނަސީބެއް ނޫން. ފެން ކީއްވެ ވެދިޔަ ހުރިހާ ކަމަކާ އެކު އަހަރެން ހަނދާން ނައްތާލަން ޒުކަން ދެކޮޅު ހެދީ އަސްލު ކީއްވެ؟”

ސީރިއަސްކަމާއެކު އަހަރެން ނައިރާއަށް ބަލާލީމެވެ. އަހަރެންގެ ދެ ލޮލުން އެ ސުވާލުގެ ޖަވާބު ނުފެނޭތޯ އަހާލާ ފަދައިންނެވެ. އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ.

“އެއީ ތީ ނައިރާ ވީމަ. ތި ނައިރާ ނޫން އެހެން އެއްވެސް އަންހެން ކުއްޖެއް މި ހިތް ގަބޫލު ނުކުރާތީ. ތި ނޫން ސޫރައަކަށް ބަލާލަން ވެސް މި ޟަމީރު އެއްބަސް ނުވާތީ. ނައިރާ. ތި ހިތް އަހަންނަށް ލިބޭތޯ އަހަރެން ވަރަށް ކެތް ކުރިން. ސަތާރަ އަހަރުން ފެށިގެން މި ހިތުގަ މޫ ލީ އިހުސާސްތަކަށް ފުރަގަސްދޭ ވަރަށް ވުރެން މި ހިތް ބަލި ކަށިވި. އަހަރެމެން ދެ މީހުންނަށް ކުރިމަތިވީ ކަންކަމަކީ އިމްތިހާނެއް ކަމާއި، އަހަރެން ނައިރާ ދެކެ ވާ ލޯބި ސާބިތުކޮށް ދޭން އެއީ އަހަންނަށް ލިބުނު ފުރުސަތެއްގެ ގޮތުގަ އަހަރެން އަބަދު ވެސް ދެކުނިން. އަހަރެން އެ ދުވަހު ނައިރާ މަތިން ހަނދާން ނައްތާލި ނަމަ މިއަދު އަހަރެމެންނަށް މި ދުވަސް ފެނުނީސްތަ. ނައިރާ އާއެކީ އުފާވެރި ޙަޔާތެއް ވޭތުކޮށް، ހަމަޖެހޭ ދިރިއުޅުމެއް އުޅެން ބޭނުންވާތީ އަހަރެން ކެތްކުރީ. ދެ ވަނަ ފަހަރަށް ވެސް ތި ލޯތްބަށް އިންތިޒާރު ކުރީ. އަހަރެންގެ ގާތަށް އާދޭތޯ މަޑުކުރީ. ލޯބިވާތީ. އެއީ ހަމަ އަހަރެން ނައިރާ ދެކެ ލޯބިވަތީ. އިންތިހާއަށް ލޯބިވާތީ. ލޯބި ވެވޭތީ. ނައިރާ. އަހަރެން ނައިރާ ދެކެ ވަރަށް ވަރަށް ބޮޑަށް ލޯބިވޭ. ދުއާ ކުރަން މި ވާ ލޯބި ދުވަހަކު ވެސް ފަނޑުނުވޭތޯ” ދޮންވެލިގަނޑުގައި ބާއްވާފައި އޮތް ނައިރާގެ އަތްތިލަ ނަގައި ބޮސްދެމުން އަހަރެން ބުނީމެވެ. ދުލުން ނުކުތް ކޮންމެ ލަފުޒަކާ އެކު އެ މޫނުން ފައުޅުވި ހިނިތުންވުން އަހަރެންގެ ހިތަށް ރާހަތެއް ގެނެސްދިނެވެ. އަބަދުމެ ހިތުގައި ކުރެވޭ ދުއާ އަކީ އެ ހިނިތުންވުން އެ ގޮތުގައި ލެހެއްޓެވުމެވެ. އުފާވެރިކަމާ އެކު ނައިރާއަކީ އަބަދު ވެސް އަހަރެންގެ މީހެއްގެ ގޮތުގައި ލެއްވުމެވެ. ހަޔާތުގައި ދިމާވި ހުރިހާ ކަމެއްގައި ވެސް އަހަރެން ނައިރާއަށް އިންތިޒާރު ކުރީމެވެ. ނައިރާ އާދޭތޯއެވެ. އެއީ މި ހިތުން ލޯބިވެވުނު ހަމަ އެކަނި ފުރާނައެވެ. އެ ލޯބި އަބަދު ވެސް އޭނާއަށް އަހަރެންގެ ފަރާތުން ދިނުމަކީ މި ހިތުގެ އަޒުމެވެ. ފަހު ނޭވާ މި ހަށިން ނުކުމެ ދަންދެން އެކުގައި ވުމަކީ އަހަރެމެން ދެ މީހުންގެ ވެސް އުންމީދެވެ. މި ދެ ހިތުގެ ދުޢާއެވެ.

(ނިމުނީ).

ކިޔުންތެރިންނަށް ވާހަކަ ކަމުދިޔަކަމަށް އުންމީދުކުރަމެވެ.

Share Article

Rehendhi
Follow Me Written By

Rehendhi

Level 1

Inspired by an amazing novel writer, Someone who dreams to become professional in novel writing field. "Every Story is another World, where Emotions breathe and Hearts remember"

Other Articles

Previous

ގާތުގާ… 42

Next

މަލާމާތް ލޯބި – 8

Next
August 1, 2026

މަލާމާތް ލޯބި – 8

Previews
August 1, 2026

ގާތުގާ… 42

4 Comments!

  1. Sheex says:
    August 1, 2026 at 11:33 am

    V reethi mi story
    MA
    Cw4 ur new story akah
    Tc

    1. Rehendhi Rehendhi says:
      August 1, 2026 at 1:39 pm

      Thank you so much. In sha Allah alhugandu ge dhen oi vaahaka liye nimunuhaa avahakah up kohdheynan 😊

  2. lara_11 says:
    August 1, 2026 at 5:29 pm

    wow vrh reethi mi stoy
    i can’t wait to read ur new stoy
    lysm
    tc

    1. Rehendhi Rehendhi says:
      August 1, 2026 at 7:48 pm

      Thank you very much ☺️. In sha Allah my next story will be up soon

Comments are closed.



All Right Reserved!