އިންތިހާ ލޯބި ވެވޭތީ – ތިންވަނަ ބައި (3)
===================== ޒުކަން ======================
ކިޔެވުން މެދު ކަނޑާލަން ނިންމުމާއެކު އަހަރެން އަނެއްކާ ވެސް މަސައްކަތް ކުރަނީ ސިފައިންގޭގައެވެ. ނައިރާ ވަޒީފާއަށް ދާ ގަޑި ކައިރިވަމުން ދިޔުމާއެކު ޔުނިފޯރމު އަޅައިގެން އަހަރެން ކޮޓަރިން ނުކުންނަން ދިޔައީމެވެ. ގެއިން ނުނިކުމެވެނީސް އަހަރެންގެ ފޯނަށް ކޯލެއް އައެވެ. މަންމަކަމަށް ވުމުން ކޯލު ނެގީމެވެ.
“ދަރިފުޅު. ކޮއްކޮ…ވެއްޓުނީ..” މަންމަ ވާހަކަ ދައްކަން ނުދައްކަން އުޅެން ފެށުމުން އަހަރެން ހާސްވިއެވެ.
“ދަރިފުޅާ. ވަރަށް އަވަހަށް އާދެބަ ދަރުމަވަންތައަށް. ޒިވަން މަސައްކަތުގަ ހުއްޓަ ސައިޓުން ވެއްޓިގެން މި އުޅެނީ. ވަރަށް ބޮޑަށް އަނިޔާ ވެފަ ހުރީ” ބައްޕަގެ އަޑު އިވުމައެކު އަހަރެން ލައްބައޭ ބުން ގެއިން ނުކުތީމެވެ. ނައިރާ މަތިން އަހަރެން ހަނދާނެއް ނުނެތެއެވެ. މިއަދު ކޮއްކޮ ކައިރިއަށް ދާން އަހަންނަށް މަޖުބޫރެވެ. ފަހުން ނައިރާއާއި ބައްދަލު ކުރާނީ ހިތާ އަހަރެން ކާރަށް އަރައި ދުއްވާލީމެވެ.
އަހަރެންގެ ކޮއްކޮ، ޒިވަން ބާއްވާފައި އޮތް ކޮޓަރިން އަހަރެން ނުކުތީމެވެ. ދުވަސްކޮޅަކު ހޮސްޕިޓަލުގައި އޭނާ އޮންނަން ޖެހޭނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އަހަރެން ނުކުތީ އޭނައަށް ކާނެ އެއްޗެއް ގެނެސްދިނުމަށެވެ. ހަސްފަތާލުގެ މައި ދޮރުން ބޭރު ވެވުނު ވަގުތު ކަފިހި ހުރަހުގެ އަނެއް ފަރާތުގައި މަޑުކޮށްގެން ހުރި ނައިރާ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އިސްޖަހައިގެން އޭނާ ހުރި އިރު ނައިރާގެ މުއްކެވިފައިވާ ދެއަތްތިލަ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ކަމެއް ގޯސްކަން އަހަންނަށް އިހުސާސްވިއެވެ. ނައިރާއާއި ހަމައަށް ދިޔުމަށް ޓަކައި އަހަރެން ހިނގައިގަތީމެވެ.
===================== ނައިރާ =======================
ވަރު ހުސްވަމުންދިޔަ އަހަރެންގެ ހަށިގަނޑުގައި މީހަކު އަތްޖައްސާލިހެން އަހަންނަށް ހީވުމާއެކު، މަރައި ތަގުޅިކޮށްފައިވާ ލޯ އަހަރެން ހުޅުވާލީމެވެ. ކުރިމަތިން ޒުކަންގެ ސޫރަ ފެނިލުމާއެކު އަހަރެންގެ ރުއިން އިތުރުވެގެން ދިޔައެވެ. ޒުކަން މިއަދު ނައީ ކީއްވެތޯ އަހަން ބެނުންވިއެވެ. ޒުކަން ނުފެނުނީމަ ހާސްވި މިންވަރު ބުނެދޭން ބޭނުންވިއެވެ. ދެން އެހެން ނެހެދުމަށް އެދި އާދޭސް ކުރަން ބޭނުންވިއެވެ. ނަމަވެސް ދުލާއި ހަމައަށް ހަމަ އެންމެ ޖުމްލައެއްހާ ހިސާބުވެސް ނުގެނެވުނެވެ. އަހަރެންގެ އިހުސާސްތަކާމެދު އަހަރެން ވެސް އަޖައިބުވިއެވެ. ޒުކަންއާއި މެދު އެފަދަ ނަޒަރަކުން އަހަރެން ދެކެން ފެށީ ކޮން އިރަކު ހެއްޔެވެ؟. އަހަންނަށް ޒުކަން އެހާ ޚާއްސަވީ ކޮން އިރަކު ހެއްޔެވެ؟ ކިހިނެއް ހެއްޔެވެ؟. އިސްޖަހާލުމަށް ފަހު އަހަރެން ހޮސްޕިޓަލަށް ގެސްގޮސްދިނުމަށް އޭނާގެ ގާތުން އެދުނީމެވެ. ހާސްވެފައި ހުރެ ވެސް ޒުކަން އަހަރެން ބުނި ގޮތަށް ކަންތައްކޮށްދިނެވެ.
“ކިހިނެއްވީ؟ ކީއްވެ ނައި ތި ރޮނީ؟ ކަމެއްވީ ތަ؟ މީހަކު ކަމެއް ކުރީތަ؟” ހާސްވެފައި ޒުކަން އަހައިލިއެވެ.
އެކުރި ހުރިހާ ސުވާލަކަށް ވުރެން އަހަރެންގެ ސަމަލުކަން ހޯދީ ޒުކަން އަހަރެންގެ ނަމުން ގޮވާލި ގޮތެވެ. “ނައި”. އަހަރެން ހިތާ ހިތުން ކިޔާލީމެވެ. އެ ނަން އަހަރެންގެ ކަންފަތުގައި ތަކުރާރުކޮށް އިވެން ފެށިއެވެ. ކުރިން ވެސް އަހަންނަށް ޒުކަން އެ ނަމުން ގޮވާފައިވާ ކަމުގެ އިހުސާސް ކުރެވުނެވެ. ދެ ވަނަ ފަހަރަށް އަހަރެންގެ ސަމާލުކަން ޒުކަންއަށް ހުއްޓުނީ ޒުކަން ނައިރާ އޭ ބުނެ ގޮވާލުމުންނެވެ. ވީ ގޮތެއް އޭނާއަށް ވެސް ކިޔައިދެވޭނީ އަހަރެންނަށް ވެސް އެ ވީ ގޮތެއް އެނގިގެނެއް ނޫން ހެއްޔެވެ؟. ނޫނެކެވެ. އަހަރެންނަށް އެ ވީ ގޮތް އެނގެއެވެ. އަހަރެންގެ ލޯ ކުރިމަތިން އެ ފެނުނީ ހަޔާތުގައި ކޮންމެސް ހިސާބަކުން ވެފައި ހުރި، އަހަރެން ހަނދާން ނެތިފައިވި ކަމެކެވެ. ނަމަވެސް އަހަންނަށް ނޭނގެނީ އެއީ ކޮން ކަމެއް ކަމެވެ. ޒުކަންގެ ގާތު ކަމެއް ނުވާ ކަމަށް ބުނެފައި އަހަރެން ދުރަށް ދިޔައީމެވެ. އޭރުވެސް އޭނާގެ ނަޒަރު އަހަންނަށް ހުއްޓިފައި ހުރިކަން އަހަރެން ދެނެހުރީމެވެ.
ވަޒީފައި ނިންމާފައި އަހަރެން ގެޔަށް ދިޔުމުގެ ކުރިން ޑޮކްޓަރާއި ވާހަކަ ދެއްކުމަށް ޓަކައި މަޑުކޮށްލީމެވެ. އަހަރެންނަށް ވީ ގޮތް ކިޔައިދިނުމާއެކު ޑޮކްޓަރު އެހީ އާންމުކޮށް ވާ ކަމެއްތޯއެވެ. ނޫނެކޭ އަހަރެން ބުނީމެވެ. އަހަރެން ކިޔަވައިފައިވާ ދާއިރާގެ ގޮތުން ކޮންމެސް ވަރަކަށް އެވާ ގޮތް އަހަންނަށް ވެސް އަންދާޒާ ކުރެވުނެވެ.
“ނައިރާގެ ޓެސްޓުތަކެއް ހަދަން ޖެހޭނެ. ބޮޑަށް ލަފާ ކުރެވެނީ ނައިރާގެ ހަނދާންތައް ކޮންމެސް ވަރަކަށް އިޔާދަ ވަނީހެން. އެކަމު ބުނަންތަ؟. ނައިރާ ދޭންވީ ނައިރާގެ ބްރެއިންއަށް ޓައިމް. ޑޯންޓް ފޯރސް ޔުރސެލްފް ޓޫ މަޗް. ގިވް ޔުރ ސެލްފް ޓައިމް.” ޑޮކްޓަރު އަހަންނަށް ބުނެދިނެވެ.
*********************************
ދުވަސްތައް އޭގެ ގޮތުގައި ފާއިތުވަމުން ދައުރު ވަމުން ދެއެވެ. މާ ބޮޑު ކަމެއް އަހަރެންގެ ހަނދާނަށް އިޔާދަ ނުވި ނަމަވެސް ބައެއް މަންޒަރުތައް އަހަންނަށް ފެނެއެވެ. ބޮލަށް ބަރުވެފައި ހުންނަހެން ވެސް އަހަންނަށް ބައެއް ފަހަރު ހީވެއެވެ. ބައެއް ފަހަރު ކުއްލި ތަދު ވެސް ވާ ވަގުތު އާދެއެވެ.
ކޮންމެ ދުވަހެއްގެ އާދައެކޭ ވެސް އެއް ފަދައިން އަހަރެންގެ އިންތިޒާރުގައި ޒުކަން ހުންނާނެއެވެ. އެ ދުވަހުގެ ފަހުން އެންމެ ދުވަހަކު ވެސް އަހަރެން އެކަނި މަގު ހުރަސް ކުރާކަށް އޭނާ ފުރުސަތެއް ނުދެއެވެ. އޭނާ ކުރާ އެފަދަ ކުދި ކުދި ކަންކަމުގެ ސަބަބުން އަހަރެން އަމިއްލަ އަމިއްލައަށް ހެވެއެވެ. އުފާ ކުރެވެއެވެ. އަހަންނަށް އެއް ކަމެއް ޔަގީން ވެއްޖެއެވެ. އެކްސިޑެންޓުގެ ކުރިން އަހަރެމެން ދެ މީހުންގެ ދެމެދުގައި އޮތީ ކޮންމެ ފަދަ ގުޅުމަކަސް އަހަރެންގެ މައްސަލައެއް ނެތެވެ. މުސްތަޤުބަލުގައި ޒުކަން ގެއްލޭކަށް އަހަރެންގެ ހިތެއް ނޭދެއެވެ. އެއަށް ވުރެ އަހަންނަށް އެ ޒުވާނާ ޚާއްސަވެއްޖެއެވެ. ހުރިހާ ގޮތަކުން ވެސް މެއެވެ. ދެގޮތެއް ނުވެ އަހަންނަށް އޭނަ އެ ބުނެދޭން މަސައްކަތް ކުރަނީ ކޮން ކަމެއް ކަމެއް އަދިވެސް އަހަންނަކަށް ޔަގީނެއް ނޫނެވެ. ހަމަ ޔަގީން ވަނީ އޭނާގެ ދެ ލޮލުން އަހަރެންނާ މެދު އެ ޒުވާނާ ދެކޭ ގޮތުގެ މިންވަރެއް އަހަންނަށް ފެންނަ ކަމެވެ. އެ ޒުވާނާ އަހަރެންނާއި މެދު ގަޔާވާކަން އަހަންނަށް އެނގެއެވެ. އަހަރެން ވެސް އޭނާއާއި މެދު ގަޔާވާ ހެން ހީވެއެވެ. ޔަގީނެއް ނޫނެވެ.
ހަވީރުގެ ވަގުތެވެ. އެކުވެރިޔަކާއެކު ބޭރަށް ނުކުމެފައި ގެޔަށް ދިޔުމަށް ޓަކައި އަހަރެން ހިނގައިގަތީމެވެ. މަގުގެ ވަކި ހިސާބަކުން މީހެއްގެ ގައިގައި އަޅައިގަނެފައި އަހަރެން ވެއްޓުނީއެވެ. އިސްއުފުލާލުމާއެކު އަހަންނަށް ފެނުނު ސޫރައަކީ އަހަރެން ދަންނަ ސޫރައެއް ނޫނެވެ. އެކަމަކު އަހަންނަށް އޭނާ އެނގެއޭ ހިތް ބުންޏެވެ. ތެދުވުމަށް ޓަކައި އަތް ވިއްދާލި ވަގުތު އަހަރެންގެ ކުރިމަތިން މަންޒަރު ބަދަލުވާން ފެށުމާއެކު ބޮލަށް ތޫނު ތަދެއް އިހުސާސްކުރެވުނެވެ. ދެ ލޯ މަރައި ތަގުޅިކޮށްލެވުމާއެކު އަހަންނަށް ފެނުނީ، ކުރިމަތީގައި ހުރި ސޫރައިގެ ވެރިޔާ މީހެއްގެ ގައިގައި ތަޅަމުންދާ މަންޒަރެވެ. އަންހެން ކުއްޖެއްގެ ތޫލި ހަޅޭކެއްގެ އަޑާއެކު އަހަންނަށް ކަންފަތުގައި އަތް އަޅުވާލެވުނެވެ. ބޮލަށް ވަމުންދިޔަ ތަދު ވަރުގަދަ ވާ ފަދަ އިހުސާސެއް ކުރެވުމާއެކު އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. އެ ޒުވާނާ އަހަންނާއި އެއްވަރަށް ތިރިވި އިހުސާސް ވުމާއެކު ހިތް ބިރުގަންނަ ގޮތްވިއެވެ. ނުދަންނަ ސަބަބަކާ ހުރެ އެ ޒުވާނާއަކީ ނުރައްކަލެއްކަން ހިތް އިހުސާސްކޮށްދީފިއެވެ. ވަމުން ދިޔަ ތަދާއެކު ވެސް އަހަރެން ދެ ލޯ ހުޅުވާލީމެވެ. އެ ސޫރައަށް އަހަރެން ނަޒަރެއް ދިނީމެވެ. ސާފުކޮށް ކުޅެމުން ދިޔަ ފިލްމެއްގެ މަންޒަރުތަކެއް ފަދައިން އަހަރެންގެ ލޮލަށް މަންޒަރުތަކެއް ސިފަވެގެން ދިޔައެވެ. ގްރޫޕް ތަޅައިފޮޅުމެއް ކަމެއް ނޫނީ ނޫން ކަމެއް އަހަންނަކަށް ޔަގީނެއް ނޫނެވެ. އަންހެން ކުއްޖަކު ގަދަކަމުން ކާރަކަށް އަރުވާ މަންޒަރުވެސް އަހަރެންގެ ލޮލަށް ސިފަވެއްޖެއެވެ. ބަޔަކު މީހުން މީހުން ވެގެން ފިރިހެނެއްގެ ގައިގައި ތަޅަމުންދާ މަންޒަރު ވެސް އަހަންނަށް ފެނުނެވެ. ތަޅަމުން ދިޔަ މީހުންގެ ތެރޭގައި، ކުރިމަތީގައި ހުރި ޒުވާނާ ވެސް ހިމެނެއެވެ. އަހަންނަށް ހިންދިރުވާލުމަށް ފަހު އޭނާއަށް ނަޒަރު ހުއްޓާލެވުނެވެ. އަހަރެން ތެދުވުމަށް ޓަކައި އޭނާ އަތް ދިއްކޮއްލުމާއެކު ވެސް އެ އަތުގައި ހިފާކަށް އަހަންނަކަށް ނުކެރުނެވެ. އަމިއްލައަށް ތެދުވުމަށްފަހު އޭނާ އަތް ދިއްކޮއްލީތީ އަހަރެން ޝުކުރު އަދާ ކުރީމެވެ. އަވަސް އަވަހަށް އެތަނުން ދުރަށް ދިޔުމަށް ޓަކައި ހިނގައިގަތީމެވެ. އެ ޒުވާނާ އަހަންނަށް ބަލަން ހުރިކަން އަހަންނަށް އެނގެއެވެ.
*******************************
ނިދަންވެގެން އަހަރެން އެނދުގައި އޮށޯތީމެވެ. ދަންވަރުގެ ޑިއުޓީ ވެސް އަދާ ކުރަންޖެހޭތީ އާއެކުއެވެ. އެނދުގައި އޮވެ އަހަންނަށް ވިސްނައިލެވުނެވެ. މިވީހާ ތަނަށް ޒުކަންގެ ފަރާތުން އަހަންނަށް އެނގިފައިވި ކަންކަމެވެ. އަހަރެމެން ދެ މީހުން ވެސް ކިޔެވީ އެއް ސުކޫލެއްގެ އެއް ކުލާހަކުންނެވެ. މަދަރުސީ ހަޔާތުގެ އެކިއެކި ދުވަސްވަރުގެ ކަންކަން އަހަރެން ހަނދާން ހުރީ ނަމަވެސް ޒުކަން ކިޔާ ކުއްޖަކާއި ބައްދަލުވި ހަނދާނެއް އަހަރެންގެ ނެތެވެ. ދެ މީހުން އެކުގައި ޖަހާފައި ހުރި ސަކަރާތްތައް އިއްޔެ ވީ ކަމެއް ފަދައިން ޒުކަންގެ ދުލުން ކިޔައި ދޭ އިރު، އެ ހަނދާންތައް އަހަރެންގެ ވެސް ހުންނާނެނަމައޭ ހިތަށް އަރައެވެ. ކޮންމެވެސް ސިފައެއްގައި ނަމަވެސް އަހަރެންގެ ހަނދާންތައް އަންނާނެ ނަމައޭ އަހަރެން ހިތަށް އަރައެވެ. ނުބައި މިސްރާބަކަށް ޚިޔާލުތައް ދަތުރު ކުރަން ފެށުމާއެކު އަހަރެން ދެ ލޯ މަރާލީ ނިދޭތޯއެވެ.
**************************
އަންހެން ކުއްޖެއްގެ ތޫލި ހަޅޭކުގެ އަޑުން ދުރުން އިވުނެވެ. ކާރަކަށް ކުއްޖަކު ގަދަކަމުން އަރުވައި މަންޒަރު ތަކުރާރުކޮށް ލޯ ކުރިމަތިން ފެންނަން ފެށިއެވެ. ބަޔަކު ތަޅާގަތް އަޑެވެ. ދުއްވައިގަނެވުނެވުނެވެ. ނޫނެކެވެ. ދުއްވައިގަނެވުނުކަން ވެސް އަހަންނަކަށް ޔަޤީނެއް ނޫނެވެ. ކުއްލިއަކަށް އަހަންނަށް ހުރެވުނީ އެއަރޕޯޓުގެ ކުރިމަތީގައެވެ. އެއަރޕޯޓުގެ ގޭޓު ބޭރުގައި ހުދު ގަމީހެއްގައި އެހެރީ ޒުކަންއެވެ. ނޫނީ އެހެން މީހަކަށް ވެސް ވެދާނެއެވެ. ކޮންމެ މީހަކަސް އޭނާގެ ގާތަށް ދިޔުމަށް ނެގި ފިޔަވަޅާއެކު އައި ބާރުމިނެއް ނޭނގި އަހަރެންގެ ގައިގައި ކާރަކުން ޖެހުނެވެ. ވިއްސައިގެން ގޮސް އަހަރެން ޖެހުނީ ހުރި ފިޔަވަޅަކަށް ވުރެ ދިހަ ފޫޓު ދުރަށެވެ.
ކުއްލިއަކަށް ދެ ލޯ ހުޅުވާލުމާއެކު އަހަންނަށް ހޭލެވިއްޖެއެވެ. މާނޭވާލެވެމުން ދިޔަ އަހަރެންގެ ނަފުސު ހަމައަކަށް އެޅުވުމަށް ޓަކައި އޮށޯވެ އޮތުމަށް ފަހު އަހަރެން ތެދުވެ އެނދުގައި އިށީނީމެވެ. އަރިމަތީ މޭޒުމަތީގައި ހުރި ފެންފުޅިން ކޯވަރެއް ދަމާލުމަށް ފަހު، އެނދާއި އިންވެގެން ހުރި ފާރުގައި އަހަރެން ބުރަކަށި ޖައްސާލީމެވެ. ފެނުނު ހުވަފެނާއި މެދު އަހަންނަށް ވިސްނާލެވުނެވެ. ހުވަފެނަކަށް ވުރެން ބޮޑަށް އެއީ ހަޤީޤަތެކޭ ވެސް އަހަންނަށް ހީވެއްޖެއެވެ. އެ ފެނުނު މަންޒަރުތައް ހީވަނީ ހަމަ ހަޤީޤަތުގައި ވެސް ހިނގާފައިވާ ހާދިސާއެއް ހެނެވެ. ދެ ލޯ މަރާލީ ބޮލަށް އިހުސާސް ކުރެވެމުން ދިޔަ ތޫނު ތަނެއްގެ ސަބަބުންނެވެ. އިތުރަށް އެކަމާއި މެދު ނުވިސްނަން އަހަރެން ނިންމީ އެހެންވެއެވެ. ބަންގީގެ އަޑާއެކު މަޑުމަޑުން އަހަރެން އެނދުން ތެދުވީމެވެ.
*****************
އެހެން ދުވަސްތަކެކޭ ވެސް އެއްގޮތަށް މިއަދު ވެސް ބަހުގައި އަހަންނާއެކު ޒުކަން އިށީނދެގެން އިނެވެ. ރޭގައި ފެނުނު ހުވަފެނުގެ ސަބަބުން އަހަރެންނަށް އިނދެވުނީ ބަސް މަދުވެފައެވެ. އެކަން އޭނާއަށް އިހުސާސްވީ ކަންނޭނގެއެވެ.
“ނައިރާ މިއަދު ހާދަ މަޑުން ތީނީ؟ ކީއްވީ؟” ޒުކަންގެ ސުވާލު އަޑުއިވުމާއެކު އަހަރެންގެ ނަޒަރު އޭނާގެ މޫނާއި އަމާޒުކުރީމެވެ.
ހުވަފެނުން ފެނުނީ ހަޤީޤަތެއްނަމަ އަހަރެން އެކްސިޑެންޓް ވީއިރު އެތަނުގައި ޒުކަން ހުއްޓެވެ. ޒުކަންއާއި ސުވާލުކުރަން އަހަރެންގެ ސިކުނޑި ބުނެލިއެވެ.
“ޒުކަން. އަހަރެން ސުވާލެއް ކޮއްލަންތަ؟”
“އާނ. އަހަރެން އެންމެ ފުރަތަމަ ދުވަހު ވެސް ނައިރާ ކައިރީގަ ބުނިން ދޯ…ނައިރާ ބޭނުން ސުވާލެއް ކުރާށޭ…އަހަރެން ޖަވާބު ދޭނަމޭ” އަހަރެންގެ ލޮލަށް ނަޒަރު ހުއްޓައިގެން އިނދެ ޒުކަން ބުންޏެވެ. އެ ދެ ލޮލުން އަހަންނަށް ފެންނަނީ އެހެން އެއްވެސް އިންސާނެއްގެ ލޮލުން ނުފެންނަ ފަދަ ކުލުންވެރިކަމެވެ. ހަންހާރަވެތިކަމެކެވެ. މަޑު މުށި ކުލައިގެ އެ ދެ ލޯ އެހެން އިންސާނުންނާއި ތަފާތު ވަނީ، އެ ދެ ލޮލުން ވާހަކަ ދައްކާތީއެވެ. އަހަންނާއި ވާހަކަދައްކާތީއެވެ. ރައްކާތެރިކަމެއް އެ ލޮލުން އަހަންނަށް އިހުސާސް ކުރެވޭތީއެވެ. އަތުގެ ބޭނުންނުކޮށް އަހަރެންގެ ނަފުސު ރައްކާތެރިކަމުގެ އަތަކުން ވަށައިފައިވާ ކަމުގެ އިހުސާސެއް އެ ދެ ލޮލަށް ބެލުމުން އަހަންނަށް ކުރެވެއެވެ. އެ ދެ ލޮލުގެ އެސްފިޔަތަށް ދިގުވެފައި ބޯ އިރު، އެ ލޮލުން އަހަންނަށް ނަޒަރު ހުއްޓާ ކޮންމެ ފަހަރަކު އެތައް އިހުސާސްތަކެއް އަހަންނަށް ފޯރުކޮށްދެއެވެ.
އަހަރެންގެ ސިކުނޑީގައިވި ޚިޔާލުތަކަށް ނިމުން އައީ އަހަރެންގެ ނަމުން ޒުކަން ގޮވާލުމާއެކުއެވެ. ކުރަން އުޅުނު ސުވާލުގެ މަތިން އަހަރެން ހަނދާން ވީ ދެނެވެ.
“މީ..އަނެއް..ނައިރާ އެކްސިޑެންޓް ވީއިރު ޒުކަން ހުރިން ދޯ އެތާނގަ؟” ބޯ ކަހަމުން ކުރަން ނުކުރަން އުޅޭ ފަދައަކުން އަހަރެން އެހީމެވެ. ޒުކަންގެ ލޯ ކުޑަކޮށްލިތަން އަހަންނަށް ފެނުނެވެ. އަހަންނާއި ނަޒަރު ވަކިކޮށް ކުރިއަށް އޭނާގެ ނަޒަރު ހުއްޓާލިއެވެ. މަޑުމަޑުން ބޯ ޖަހައި އޭނާ އާނއެކޭ ބުންޏެވެ. ވީ ކީއްތޯ އެހީ އޭގެ އިރުކޮޅެއް ފަހުންނެވެ. ވިސްނާލުމަށް ފަހު އަނެއްކާ ވެސް އަހަރެން ވާހަކަ ދައްކަން ފެށީމެވެ.
“އަހަރެންގެ އެކްސިޑެންޓް ވީ.. އެއަރޕޯޓް ކުރިމަތީގަތަ؟” އަހަރެން އެހީމެވެ.
ޒުކަންގެ ކުއްލި ނަޒަރު އަހަންނަށް ހުއްޓުމާއެކު އަހަރެން ކުޑަކޮށް ސިހޭގޮތް ވެސް ވިއެވެ. ޖަވާބެއް ނުދީ އިންނާން ފެށުމާއެކު އަހަރެން އަނެއްކާ ވެސް ޖަވާބެއް ދިނުމަށް އެދި އިޝާރާތެއް ކޮށްލީމެވެ.
“ނައި..ރާ..ހަނ..ދާން..ވީތަ؟” ކެނޑިކެނޑިގެން އައި އެ އަޑުން އަހަންނާއި އެ ކުރި ސުވާލަކީ ޒުކަންގެ ހިތުގެ އުންމީދުކަން އަހަރެން ދެނެހުރީމެވެ. އެ ދުލުން ނުބުނި ކަމުގައި ވިޔަސް އޭނާ އަހަރެންދެކެ ލޯބިވާކަން އަހަންނަށް އެނގެއެވެ. ވަރަށް ބޮޑަށް ލޯބިވާކަން އެނގެއެވެ. އެ ދުލުން އަހަންނަށް ބުނެލާ ބަސްތަކާއި، އަތުން ކުރާ ހަރަކާތްތަކާއި، ލޮލުން ބަލާލައި ކޮންމެ ބަލާލުމަކުން ވެސް އަހަންނަށް ބުނެދެނީ ހަމަ އެންމެ ވާހަކައެކެވެ. އަހަރެންގެ ހަނދާންތައް އެނބުރި އަންނާނެ ދުވަހަކަށް އެ ހިތް ކެތްމަދުވެފައި ވާއިރު، އެ ކުރި ސުވާލުގެ ޖަވާބުގައި ނޫނެކޭ ބުނާނެ ހިއްވަރު އަހަރެންގެ ކިބަޔަކު ނެތެވެ. މަޑުމަޑުން ޒުކަންއާއި ނަޒަރު ވަކިކޮށްލީ އެހެންވެއެވެ. އެއީ އަހަރެންގެ ހަނދާންތަކުން ތަންކޮޅެއްކަން ޚުދު އަހަންނަށް ވެސް ޔަޤީން ނުވީއިރު، އެކަން އެ ސާބިތުކޮށް ދިނީ ޒުކަންގެ ދުލުންނެވެ.
ރޭގައި އަހަންނަށް ފެނުނު ހުވަފެނަކީ ތެދަކަށް ވާނަމަ އެކްސިޑެންޓް ވުމުގެ ކުރިން ފެނުނު މަންޒަރުތައް ވެސް އެއީ ހަޤީޤަތެއް ތާއެވެ. އެހެންކަމަށް ވާނަމަ އެއީ ކޮންބައެއް ހެއްޔެވެ؟. އަހަންނާއި އެ މީހުންނާއި ގުޅުމެއް ވަނީ ހެއްޔެވެ؟. ޚިޔާލުގެ ވާފަށް ކަނޑާލަން އަހަންނަށް މަޖުބޫރުވީ ޒުކަން އަހަންނަށް ގޮވައިލާ އޭނާގެ ސުވާލު ތަކުރާރުކޮށްލުމުންނެވެ. ވީގޮތް ކިޔައިދިނުމާއެކު ފެނުނު މަންޒަރުތައް ސިފަކޮށް ދިނުމަށް އޭނާ އެދުނެވެ. މަންޒަރުތަކުން އަހަންނަށް ފެނުނު މިންވަރެއް ޒުކަންއަށް ބުނެ ދިނުމާއެކު ޒުކަން ހީނލިއެވެ. ވަރަށް ބޮޑަށެވެ. އެ ދެ ލޮލުން ކަރުނައިގެ އަސަރު ފައުޅުވިކަމުގައި ވިޔަސް އައިން އެންމެ ތިއްކެއްގެ ކަރުނަ ވެސް އެ ކޯތާފަތަކަށް ނުވެއްޓެއެވެ. މަޑު ހީނލުމެއްގެ އަޑު އިވިގެން ދިޔަ އިރު ޒުކަން މަޑުމަޑުން އޭނާގެ ދެ ލޯ މަރައިލުމަށް ފަހު މަޑުމަޑުން ދެ ފަރާތަށް ބޯ ހޫރުވާލިއެވެ. ޤަބޫލު ނުކުރެވިގެން އުޅޭ ފަދައަކުން ކަންނޭނގެއެވެ. ނޭފަތް ދަމާލުމަށް ފަހު އޭނާ އަނެއްކާ ވެސް އަހަރެންނާއި ހަތަރު ކަޅި ހަމަކޮށް ހީނލިއެވެ.
“ނައި..އިނގޭތަ މި ދުވަހަށް އަހަރެން ކިހާ ވަރަކަށް ކަން އިންތިޒާރު ކުރީ. ނައިރާގެ ހަނދާނުން ޒައްރެއްގެ މިންވަރު ވެސް ތި ދުލުން އަމިއްލައަށް ކިޔައިދޭ އަޑު އަހަން އަހަރެން ކެތް މަދުވެފައި ހުރި މިންވަރު އެކަކަށް އަންދާޒާ ވެސް ނުކުރެވޭނެ. އަހަރެން އެކަލާނގެއަށް ހަމްދުކުރަން. ނައިރާ..ނައި..ރާ..އަހަރެން..އާހް..އެނގޭތަ އަހަންނަށް އިހުސާސް ވަނީ ކިހިނެއް ކަން؟. އިރާދަކުރެއްވިއްޔާ މީ އާ ފެށުމެއް. އަހަރެން ދުޢާ ކުރާނަން ނައިރާގެ ހަނދާންތައް އަނބުރާ އާދޭތޯ..” ލޮލުން ވެއްޓުނަ ނުދީ ހިފަހައްޓަމުން ދިޔަ ކަރުނަތިކި އަތުގެ ކުރިން ފުހެލަމުން، ހެމުން ޒުކަން ބުނެލިއެވެ. އަހަރެންގެ އެ ކުޑަކުޑަ ހަނދާނުން އެ އިންސާނާ އެ މިންވަރަށް އުފާވާނެ ކަމަށް އަހަރެން ކުޑަކޮށް ވެސް އުންމީދެއް ނުކުރަމެވެ. އޭނާގެ ހިތުގައި އައު އުންމީދެއް އުފެދިއްޖެކަން ގައިމެވެ. ކުރިއަށް ނަޒަރު ހުއްޓައިގެން މަޑުމަޑުން ހީނލައިގެން އިން ޒުކަންއަށް އަހަރެން ވެސް ހީނލީމެވެ.
***********************
މަސްތައް ފާއިތުވަމުން ދުވަސްތައް ދައުރުވަމުން ދިޔައެވެ. ދުނިޔޭގެ އުސޫލާއި އެއްގޮތަށެވެ. ކޮންމެ މީހަކު ވެސް ދިރިއުޅުމައިގެން ކުރިއަށް ދެވޭތޯ އެ މީހަކަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން ދިޔައެވެ. ފާއިތުވެގެން ދިޔަ ތިން ވަރަކަށް މަސް ދުވަހުގެ ތެރޭގައި އަހަރެންގެ ހަނދާންތަކުން މާކަ ބޮޑުބައެއް ރުޖޫޢައެއް ނުވެއެވެ. ކުދި ކުދި މަންޒަރުތައް ހަނދާން ހުރެއެވެ. ނަމަވެސް އެކްސިޑެންޓްގެ ހާދިސާއާއި އެ ގުރޫޕް މާރާމާރީގެ މަންޒަރުތައް އަހަރެންގެ ސިކުނޑީގެ ސްކްރީނުން ފެންނަ އަދަދު މަދެއް ނުވާނެއެވެ. އަހަރެންގެ ހަނދާންތައް އަނބުރާ އައުން ލަސްވީ ކަމުގައި ވިޔަސް ޒުކަން ހަމަ ދެ ގޮތެއް ނުވެ އެ ހުރި ގޮތުގައި ހުއްޓެވެ. އަހަންނަށް ޓަކައި ކަން އަހަރެންގެ ޟަމީރު ވެސް އެއްބަސްވެއެވެ.
ދަންވަރު ގަޑިން ބާރަ ޖަހަން ބާކީ ހުރީ ފަނަރަ ވަރަކަށް މިނެޓެވެ. ބަސް ހުއްޓިގެ ކުރިމަތީގައި މަޑުކޮށްގެން އަހަރެން ހުރީ ބޭބެ ނިހާނު އަހަރެން ބަލައި އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ވަގުތުތައް ގުނަމުން ދަނިކޮށް އަހަރެންގެ ކުރިމަތިން ހުރަސް ކުރުމަށް ޓަކައި އައި މީހާއާއި ހަތަރު ކަޅި ހަމަވުމާއެކު، މާރާމާރީގެ މަންޒަރުތައް އަހަރެންގެ ލޮލަށް ފެންނަން ފަށައިފިއެވެ. އެ މީހާ އައިސް ހުއްޓުނީ ސީދާ އަހަރެންގެ ކުރިމަތީގައެވެ. ޖެހިލުންވި ކަމުގައި ވިޔަސް އެ އަސަރު ނުދައްކާ ހުރެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. އިރުކޮޅަކު ބަލަން ހުރުމަށް ފަހު އެ ޒުވާނާ ދުރަށް ހިނގައިގަތް ވަގުތަކީ ބޭބެ އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓުނު ވަގުތެވެ. ގެއަށް ދިޔުމަށް ޓަކައި އަހަރެމެން މިސްރާބު ޖެހި އިރު އެ ޒުވާނާގެ ވާހަކަދައްކައިގެން ކަންބޮޑު ކުރުމުގެ ވިސްނުމެއް އަހަރެންގެ ނެތެވެ.
އަހަރެންގެ ފިކުރުކުރުންތަކަށް ބޮޅެއް އިތުރުވެއްޖެއެވެ. އެ ރޭ ފެނުނު ޒުވާނާ އަހަންނަށް މާ ގިނައިން ފެންނަން ފަށައިފިއެވެ. ވާހަކަދައްކާ އުނދަގޫ ކުރާކަށް އޭނާ މަސައްކަތެއް ނުކުރެއެވެ. ހަމައެކަނި ދުރުން ބަލަން ހުންނަނީއެވެ. މީހަކު ކައިރީގައި އެއްޗެކޭ ނުބުނެ އަހަރެން މި ހުންނަނީ އެހެންވެއެވެ. ނުރައްކަލެއްގެ އިންޒާރު ސިކުނޑި ދެމުން ދިޔަ ނަމަވެސް އަހަރެން އެކަމާއި މެދު ވިސްނުން ހިންގާ ފިކުރުކުރުމަށް ބޭނުމެއް ނޫނެވެ. އޭގެ ބަދަލުގައި ބޭރަށް ދާނަމަ މީހަކު ގޮވައިގެން ދިޔުމަށް އަހަރެން ސަމާލުކަން ދޭން ނިންމީއެވެ.
*އެއް ހަފްތާ ފަސް*
ރޭގަނޑުގެ ޑިއުޓީ ނިންމުމަށް ފަހު އެކުވެރި ނަރުސް ކުއްޖެއްގެ އިންތިޒާރުގައި އަހަރެން ހަސްފަތާލުގެ ކެފޭގައި މަޑުކޮށްގެން އިނީމެވެ. އެކަނި ގެއަށް ދާން ނުކެރޭތީއެވެ. ފޯނަށް ގެއްލިފައި އިން އަހަރެންގެ ނަފުސު، އިސްނަގަން މަޖުބޫރު ކުރީ އަހަރެން އިން މޭޒުދޮށުގައި މީހަކު އައިސް އިށީނުމުންނެވެ. ފެނިގެން ދިޔަ ސޫރައަކުން ތެދުވަންވީ ކަމެއް ނުވަތަ އިށީނދެ އިންނަންވީ ކަމެއް އަހަންނަކަށް ނޭނގުނެވެ. ހީނލާފާ އެ ޒުވާނާ ވެއިޓަރަކަށް ގޮވާލާ ކޮފީއަކަށް އޯޑަރު ދީފިއެވެ. އަހަންނަށް އޭނާގެ ސަމާލުކަން ހުއްޓާލީ އޭގެ ފަހުގައެވެ.
“ކޮބާ ކިހިނެއް؟” އެކުވެރި ރާގެއްގައި އެ ޒުވާނާ އަހައިލިއެވެ. ބުމަ ގޮށްޖަހައިގެން އިނދެވުނީ އަހަންނަށް ކަން ރެއަކާލީ ޒުވާނާ އެކަން ފާހަގަކުރުމުންނެވެ.
“ނޭނގުނުތަ މަށެއް؟. ސާބަސް ނައިރާއަށް. މީ މަށޭ. އައިޒަމް. އެއްކަލަ ސުކޫލު ދުވަސްވަރު ޔުނޯ..ފްރެންޑްސް؟..އަސްލުވެސް ހަނދާން ނެތީތަ؟” ހައިރާންވެފައި އެ ޒުވާނާ އަހާލިއެވެ. އެ ސުވާލުގެ ޖަވާބުގައި އަހަރެން ހަނދާން ނެތްކަމުގައި ބުނީމެވެ. ހަމަ އަސްލުގަ ވެސް ތޯ ތަކުރާރުކޮށް އޭނާ އެހުމާއެކު ދެން ވެސް އަހަރެން އާނއެކޭ ބުނީމެވެ. އެކަމަކު މިހާރު އަހަންނަށް އޮޅިއްޖެއެވެ. އެ ރޭގެ މާރާމާރީ ގައި ހަރަކާތްތެރިވި އެކަކީ އަހަރެންގެ ކުރިމަތީގައި މި އިން ޒުވާނާއެވެ. އެކަމަކު އޭނާގެ ވާހަކަތަކުން އެ ފަދައިން ހީކުރާކަށް ފުރުސަތެއް ނުލިބެއެވެ. އަހަރެންގެ ސިކުނޑި އަހަންނަށް އޮޅުވާލަނީ ނޫންބާއެވެ. އަދިވެސް އެއް ފަހަރު އަހަރެން އެ ޒުވާނާއަށް ބަލައިލީމެވެ. އެކުވެރި ހިތްހެޔޮ ރާގެކެވެ. މޫނުމަތިން ވެސް މީހުންނާއި ގުޅޭ ފާޑުގެ މީހެއް ވައްތަރު ޖަހައެވެ. ވާހަކަދައްކާ އިރު ހިނިތުންވެއެވެ. އެއީ ހަމަ ހަޤީޤަތުގައި ވެސް އެ ރޭ އަހަންނަށް ފެނުނު ޒުވާނާ ހެއްޔެވެ؟. އެކަން ޤަބޫލު ކުރަން އަހަންނަށް ވެސް ދަތިވިއެވެ. ހާލަތު ނިޔާ ކުރާ ގޮތުން، ސިކުނޑީގެ ހަނދާންތަކަށް ވުރެ ކުރިމަތިން ފެންނަ މަންޒަރުތަކަށް އަހަރެންގެ ނަފުސު އިތުބާރު ކުރެއެވެ. އަހަރެންގެ ހިތުގައިވި ހަމައެކަނި ސުވާލަކީ މި ހުރިހާ ދުވަހު ވާހަކަ ނުދައްކާ އައިޒަމް ދުރުގައި ބަލަން ހުރީ ކީއްވެތޯ ކަމެވެ. ހިތަށް އެރި ސުވާލު ދުލުން ބޭރުކޮށްލަން އަނގަ ހުޅުވާލި ވަގުތަކީ ޒުކަން އަހަރެންގެ ނަމުން ގޮވާލި ވަގުތެކެވެ.
(ނުނިމޭ).
