ރަހުމްކުރާށެވެ – 4
ފައިޒާންއަކީ ރަށުގެ ނަންހިނގާ ވިޔަފާރިވެރިއެއްގެ ދަރިއެކެވެ. ހިތްކިޔާކަހަލަ ރީތި ޒުވާނެކެވެ. ނަމަވެސް ރީތިކަމާ އެއްވަރަށް އޭނަގެ ބޮޑާކަމެއްވެސް ހުރެއެވެ. މައިންބަފައިންގެ މުއްސަނދިކަން އެންމެނަށް ދައްކަމުން ދުވާ ޒުވާނެކެވެ. ރަށު ހުރިހާ އަންހެން ކުދިން ހުންނަނީ އޭނަޔާ ހެދި މޮޔަވެފައެވެ. އެކުދިންގެ ތެރޭގައި އަހަރެންގެ ދޮންތަވެސް ހިމެނެއެވެ. ރައްޓެހިންނާއެކީ ގެއިން ބޭރަށް ގޮއްސަ އަންނަދުވަހެއްގައި އަބަދު ދައްކާނީ ފައިޒާންގެ ކޮންމެވެސް ވާހަކައެކެވެ. އެވާހަކަތަކަށް އަހަރެން ދެނީ ބީރު ކަންފަތެކެވެ. އެހެން އަންހެން ކުދިންނަށް ފައިޒާންގެ ސޫރަ ރީތިވެގެން އުޅުނަސް އަހަންނަށް އޭނަގެ ސީރަތް ރީއްޗެއްނޫނެވެ. ދޮންތައަށް އޭނަގެ މުއްސަނދިކަން ފެންނައިރު އަހަންނަށް ފެންނަނީ އޭނަގެ ގޯސް އާދަތަކެވެ. މީހުންނާދޭތެރޭ ކަންތައް ކުރާގޮތެވެ. އޭނަގެ ގޮތްދެއްކުމާއި ބޮޑާ ކިބުރުވެރި ކަމެވެ. ފައިޒާން އާއި އިދިކޮޅަށް އަހަރެން އެއްޗެއް ބުނެފިއްޔާ ދޮންތަ އަހަންނާދިމާލަށް ފުކަކަށް ވަންދެން ބަވާލައެވެ. އެހެންކަމުން އަހަރެން ބަލަނީ ދޮންތަ ކުރިމަތީ ފައިޒާންގެ އެއްވެސް ވާހަކައެއް ނުދެއްކޭތޯއެވެ.
ފައިޒާން އާއި ދޭތެރޭ އަހަރެން ދެކޭ ގޮތް ފައިޒާން އަށްވެސް އިނގޭނެއެވެ. އެހެންކަމުން އޭނަ އަހަރެންގެ ކައިވެންޏަށް އެދުމުން އަހަރެން އަޖައިބުވެ އަންތަރީސްވިއެވެ. އެއްވެސް ވަރަކަށް ވިސްނާލުމެއް ނެތި އަހަރެން އެކަމަށް އިންކާރު ކުރީމެވެ. އަދި އިތުރަށް އަހަންނަށް އުނދަގޫނުކުރުމަށް ބުނީމެވެ. މިޖަވާބުގެ ސަބަބުން އަހަރެންގެ ދިރިއުޅުމަށް އެޅޭނީ ކިހާވަރެއްގެ ހިޔަންޏެއްކަމެއް އޭރަކު އަހަންނަށް ނޭންގެއެވެ. ފައިޒާން އަހަންނަށް ކައިވެނި ހުށަހެޅި ވާހަކަ އަހަރެން އެއްވެސް މީހެއް ކައިރީގައެއް ނުބުނަމެވެ. ދޮންތައަށް އެކަން އިނގިއްޖެޔާ އަހަރެންގެ ދުވަސް ދިޔައީކަން އަހަންނަށް އިނގެއެވެ.
ދުވަސްކޮޅެއް ވަންދެން ފައިޒާންގެ ހަބަރެއް ނުވެ ހުރެފަ ދެން އަހަންނަށް އިވުނީ އަދި ކުރިއަށްވުރެ މާ ހައިރާން ކުރުވަނިވި ހަބަރެކެވެ. ދޮންތައާއި ފައިޒާން ކައިވެނި ކުރަން އުޅޭ ވާހަކައެވެ. އަހަރެންގެ މައިންބަފައިންވެސް މިކައިވެންޏަށް ވަރަށް ގަބޫލެވެ. ގަބޫލު ނުވެވުނީ އަހަންނަށެވެ. މަންމަ ކައިރީގަ ފައިޒާންގެ ގޯސް އާދަތަކުގެ ވާހަކައާއި، އަންހެނުން ހިތި ކަމުގެ ވާހަކަ އަހަރެން ބުނީމެވެ. އަދި ދޮންތައަށް އެއަށްވުރެ ރަނގަޅު މީހުން ވާނެކަމަށްވެސް އަހަރެން ބުނީމެވެ. ނަމަވެސް މަންމަ އެކަމަށް އިޖާބެއް ނުދިނެވެ. މަންމަ އަށް އަދި ބައްޕައަށްވެސް މުހިއްމުވީ ފައިސާއެވެ. ހިތްވަރެއްކޮށްލާފަ އަހަރެން ދޮންތަގެ ހިޔާލުވެސް ބަދަލުކުރެވޭތޯ އުޅުނީމެވެ. ނަމަވެސް އެހެން ފަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ފައިޒާންގެ ގޯސްވާހަކަތަކަށް ދޮންތަ ދިނީ ބީރު ކަންފަތެކެވެ. އަދި އަހަރެން އޭނައާއި ދޭތެރޭ ހަސަދަވަނީ ކަމާއި އަހަރެންވެސް ފައިޒާން ބޭނުންވަނީ ކަމަށް ބުނެ އަހަރެން ބޮލުގަ ތުހުމަތު އެޅުވިއެވެ. އެހިސާބުން އަހަރެން ނިންމީ އެކަން ވާނެގޮތަކަށް ވާން ދޫކޮށްލާށެވެ. ދޮންތަ ކައިވެނި ކޮށްގެން ދާނީ ފައިޒާންމެން ގެއަށެވެ. އަދި އަހަރެން މިއަހަރު ނިމެންވާއިރަށް ވަޒީފާގެ ގޮތުން މާލެ ބަދަލުވުމަށް ވަނީ ހަމަޖެހިފައެވެ. އެދެމީހުންގެ ދިރިއުޅުމާއި ދުރުގަ އަހަންނަށް އުޅެވޭނެއެވެ.
ނަމަވެސް ހުރިހާ ކަމެއް ވެގެން ދިޔައީ އަހަރެން ހީވެސް ނުކުރާ ގޮތަކަށެވެ. ސިކުންތެއްގެ ތެރޭގަ އަހަރެންގެ ދިރިއުޅުން ފުނޑުފުޑުވިކަހަލައެވެ. ދޮންތަ ކައިވެނި ކޮށްގެން ފައިޒާންމެންގެއަށް ބަލަދަލުވި ނަމަވެސް ގިނަ ވަގުތު ހޭދަ ކުރަނީ ގޭގައެވެ. މަންމަ އެކަމާ ސުވާލު ނުކުރިޔަސް އަހަރެން އޭނަ ކައިރީ އެސުވާލު ކުރަމެވެ. އަބަދުވެސް އަހަންނަށް ލިބޭނީ އޭނަގެ ރުންކުރު ޖަވާބެވެ. އެކަމަކީ އަހަންނާ ބެހޭ ކަމެއް ނޫންކަމެވެ. ދޮންތައާއި އެއްކޮށް ފައިޒާންވެސް އަހަރުމެންގޭގަ ވަގުތު ހޭދަ ކުރެއެވެ. އަހަންނަށް އެކަންވީ ވަރަށް ބޮޑު އުނދަގުލަކަށެވެ. އެކަމު އެއްޗެއް ނުބުނެ ހުރީ މާގިނަ ދުވަހު އަހަރެން އެކަމާ ކުރިމަތިލާން ނުޖެހޭނެތީއެވެ.
މިގޮތަށް ދުވަސްތައް ގުނަމުން ދަނިކޮށް އެއްރޭ އަހަރެން އޮފީސް މަސައްކަތެއް ކުރަން ކޮޓަރީގަ އިންދާ މުޅި ގެއިން ކަރަންޓު ދިޔައެވެ. ކުރަން ހުރި މަސައްކަތް ހުއްޓާލާފަ އަލަމާރިން އުއްބަތިއެއް ނަގަން ތެދުވިތަނާ އަހަރެންގެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. ސިހިފަ ދޮރާ ދިމާލަށް ބަލާލިއިރު އަހަންނަށް ކަޅު އެއްޗެއް ހިލޭތަން ފެނުނެވެ. އަހަރެން ހަޅޭއްލަވަން އަނގަހުޅުވާލި ވަގުތު އޭތި އައިސް އަހަރެންގެ އަނގަމަތީ އަތް އެޅިއެވެ. އަދި ކަރުގަ އެއްޗެއް ޖެއްސިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
