Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަލޯބި

ރަހުމްކުރާށެވެ – 3

Luna Level 1
June 22, 2026 2 Mins Read
0 Comments

“ދޮންތަ މާފަށް އެދޭނީ ކިހިނެއްކަމެއްވެސް ނޭންގެ. ނަތާއާއި ދޭތެރޭ ދޮންތަކަންތައް ކުރީ ވަރަށް އިހާނެތިކޮށް. ނަތާގެ ވާހަކަ އަޑުނާހާ ދޮންތައަށް ގަބޫލު ކުރެވުނީ އެހެން މީހުންގެ ވާހަކަތައް. ޕްލީސް، ދޮންތަ އަށް މާފް ކުރޭ.” ރޮމުން ރޮމުން ދޮންތަ ވާހަކަ ދެއްކިއެވެ. އަހަރެން ލޮލުގެ އިޝާރާތުން އާމިރު ކައިރީގައި ބޭރަށް ދިއުމަށް އެދުނީމެވެ. އިތުރު ސުވާލެއް ކުރުމެއް ނެތި އޭނަ ނިކުމެގެން ދިޔައެވެ.

“ދެން ހުއްޓާލާ،” ދޮންތަ ދުރުކުރަމުން އަހަރެން ބުނެލީމެވެ. ކަރުނަ ފުހެމުން އޭނަ އަހަންނާ ދިމާއަށް ބަލާލިއެވެ.

“އަހަރެން މާކުރިން ދޮންތައަށް މާފްކުރިން. އަހަރެން އެހާދިޘާމަތިން ހަނދާން ނެތުނީކީއެއްނޫން. އެކަމު ހިތުގަ ނަފްރަތާ ރުޅިވެރިކަން ބަހައްޓައިގެން ކުރިއަކަށް ނުދެވޭނެ. ﷲ އަހަރުމެންނަށް އަންގަވާފައިވަނީ ގިނަގިނައިން މާފް ކުރުމަށް. އެއީ އަހަރެންގެ މާޒީ.”

ދޮންތަ އަނގައިން ނުބުނެ އިނެވެ. އޭނަގެ ނިޔަތާ މެދު އަހަންނަށް ޝައްކު އުފެދެން ފެށިއެވެ. ދޮންތައަކީ އަބަދުވެސް އަމިއްލަ އެދުން ބޮޑުމީހެކެވެ. އަދި އަމްދުން އެހާދިޘާއަށް ފަހު އޭނަ އަހަންނަށް އިންތިހާއަށް ނަފްރަތު ކުރެއެވެ. އޭނައަށް ވެގެންވާނަމަ އަހަރެން ދިރިހުއްޓާ ވަޅުލީސްކަންކަށަވަރެވެ.

“ދޮންތަ ތިޔައީ ކީއްކުރަން؟” އަހަރެން ސުވާލުކުރީމެވެ. އޭނަ ދެންވެސް އަނގައިން ނުބުނެއެވެ. އަނެއްކާވެސް އަހަރެން ސުވާލު ތަކުރާރު ކުރީމެވެ. ޖަވާބެއްނައެވެ. އިސްދަށަށް ޖަހައިގެން އިނީއެވެ. ކުއްލިއަކަށް ވަރަށް ބާރަށް ކޮޓަރި ދޮރުހުޅުވުނެވެ. އެތެރެއަށް ވަދެގެން އައީ އާމިރުއާއި ފައިޒާންއެވެ. އަހަރެން ކަންބޮޑުވެ ބިރުގަތެވެ. ފައިޒާން ފެނުނީމައެއް ނޫނެވެ. އާމިރު ގެ މޫނުމަތި ފެނުމުންނެވެ. އޭނަ ހުރީ ރުޅިއައިސް ރަތްވެފައެވެ.

“ނަދީމާ ކަލޭގެ ފިރިމިހާ ހިފަހައްޓާ. އެހެންނޫނީ މަގޭ އަތުން ބޮނޑިއެއްބޯނެ. ނިކުމޭ މީނަގޮވައިގެން.” އާމިރު ހަޅޭއްލަވައިގަތް އަޑު އިވުމުން އަހަރެންވެސް ބިރުގަތެވެ. ދޮންތަ އަހަރެންގެ މޫނަށް ބިރުން ހުރެ ބަލާލުމަށްފަހު ފައިޒާންގެ އަތުގަ ހިފައިގެން ވަރަށް ބާރަށް ނިކުންނަން ހިނގައިގަތެވެ. ނިކުތުމުގެ ކުރިން ފައިޒާން އަހަންނާއި ދިމާއަށް ބަލާލިއެވެ. އަހަންނަށް ހައިރާންކަން ލިބުނީ އޭނަގެ މޫނުމަތިންވެސް ދޮންތަގެ މޫނުމަތިން ފެނުނު ހިތާމަވެރިކަމާ މާޔޫސްކަން ފެނުމުންނެވެ.

އެމީހުން ނިކުމެގެން ދިޔުމުން އާމިރު ހަމަޔަކަށް އެޅުވޭތޯ އަހަރެން ބެލީމެވެ. އޭނަ ހުރީ އިންތިހާޔަށް ރުޅިގަދަވެފައެވެ. ދެތިން ފަހަރަކު ފެންފޮދެއް ބޯލުމުން އޭނަ މައިތިރިވިއެވެ. އަދި އެނދުކައިރީ އިން ގޮނޑީގަ ހަމަޖެހިލިއެވެ.

“ނަތާގެ ދޮންތަވީމަ އަހަރެން އެއްޗެކޭ ނުބުނީ. އެކަމު ފައިޒާން ފެނުނީމަ ރުޅި ކޮންޓްރޯލްއިން ނެއްޓީ. އެމީހުން ކީއްވެގެންތަ އެއުޅެނީ؟ ކޮންކަމެއް މިހާރު ބޭނުންވެގެން އެއުޅެނީ؟”

“ނޭންގެ،” އަހަރެން ޖަވާބުދިނީމެވެ. “ދޮންތަގެ ކޮންމެވެސް ބޭނުމެއް އެބައޮތް. އެހެންވެ-” އަހަރެންގެ ވާހަކަ ނުނިމެނީސް ޑޮކްޓަރު ކޮޓަރިއަށް ވަނެވެ. އަހަރެންގެ ހުރިހާ ކަމެއް ޗެކްކުރުމަށްފަހު ޑިސްޗާރޖް ކުރަން ހުއްދަ ދިނެވެ. އަދި ކުޑަދުވަސްކޮޅަކު އެއްވެސް ކަމަކާ ނުވިސްނާ އަރާމުކުރުމަށް އެންގިއެވެ.

އަހަރުމެން ދެމީހުންނަށް ގެއަށް ދެވުނުއިރު އިޝާއަށް ގޮވައިފިއެވެ. އޭރު ޝާޔާ ނަމާދުކޮށްގެން ކޮޓަރިން ނިކުތީއެވެ. އަހަރެން ފެނުމުން އަހަރެންގައިގަ ބައްދާލާފައި އަހަރެން ގޮވައިގެން ކާންދިޔައެވެ. ކާއެއްޗިއްސަށް އިންސާފުކުރަމުން ވާހަކަ ދައްކަމުން ގެންދިއައީ އާމިރުއާއި ޝާޔާއެވެ. އަހަރެން އިނީ އަމިއްލަ ދުނިޔެއަކަށް ގެއްލިފައެވެ. ހަމަ ބިމަށް އާދެވުނީ ޝާޔާ އަހަންނަށް ގޮވާލާފައި ނިމުނީތޯ ސުވާލުކުރުމުންނެވެ.

ކައިނިމިގެން އާމިރު ނަމާދަށް ދިއުމުން އަރާމްކޮށްލަންށޭ ކިޔާފަ އަހަރެން ކޮޓަރިއަށް ވަދެ އަހަރެންގެ އަލަމާރި ހުޅުވާލީމެވެ. އަލަމާރީގެ އެންމެ ތިރީ ކަނެއްގައި ބަހައްޓާފައި ހުރި ފޮށި ނަގައި އެނދުމަތީގައި ބެހެއްޓީމެވެ. ފޮށިހުޅުވާލާ އޭގެ ތެރެއިން ފޮޓޯ އަލްބަމްއެއް ނެގީމެވެ. އަލްބަމްގެ ގަނޑުތައް އުކަމުން ދިޔައިރު އަހަރެންގެ ތުންފަތްމަތީ ވަނީ ލުއި ހިނިތުންވުމެކެވެ. އެއަލްބަމްގައި ވަނީ އަހަރެންގެ ކުޑައިރުގެ ހަނދާންތަކެވެ. އަލްބަމްގެ އިން އެއްފޮޓޯގަނޑަށް އަހަރެންގެ ނަޒަރު ހަރުލިއެވެ. ތުންފަތަށް ވެރިވެފައި އިން ހިނިތުން ފަނޑުވިއެވެ. އެފޮޓޯގައިވަނީ އަހަންނާ ދޮންތައެވެ. އެފޮޓޯއަކީ އަހަރުމެން ދެމީހުންގެ އެކުވެރިކަންމަތީ ނަގާފައިވާ އެންމެ ފަހު ފޮޓޯ ގަނޑޭވެސް ބުނެވިދާނެއެވެ. ދެމީހުންގެ ހިޔާލް ކިތަންމެ ތަފާތަށްވެސް އެކުގައި އުޅެން އަހަރުމެން ދެމީހުން ދަސްކުރީމެވެ. އަހަރުމެން ދޭތެރެއަށް ހުރަސްވި ފާރަކީ ފައިޒާންއެވެ.

އަހަރެންގެ މާޒީގެ ތެރެއަށް އަހަރެން ފީނާލީމެވެ. ހަނދާންކުރަން ބޭނުންނުވިއަސް މިއަދު ކަންތައް ދިމާވިގޮތުން އަނެއްކާވެސް އެކަންތައް ހަނދާނަށް އައީއެވެ. އަހަރެންގެ ހަޔާތައް އައި އެންމެ ކަޅު އަނދިރި ދުވަސްތަކެވެ.

އަހަންނާ އަހަރެންގެ ދޮންތަގެ އުމުރުގެ ތަފާތަކީ ހަމައެކަނި އެއް އަހަރެވެ. އެހެންކަމުން އަހަރުމެން ދެމީހުން ބޮޑުވަމުން އައިރު ދެމީހުން ވަރަށް ގުޅެއެވެ. މިޒާޖު ތަފާތުވިކަމުގައި ވިޔަސް އެކަން އަހަރުން ބޮޑުކަމަކަށް ނަހަދެމެވެ. ނަމަވެސް އަހަރުމެން ފުރާވަރަށް އެޅެމުންދިޔަވަރަކަށް ދެމީހުން ދުރުވާން ފެށިއެވެ. މިޒާޖުގެ ގޮތުން ދެމީހުން ދޭތެރޭ ކުދިކުދި މައްސަލަ ޖެހެން ފެށިއެވެ. މިގޮތަށް ކަންއޮއްވާ އަހަރުމެން ދޭތެރެއަށް ފައިޒާންވަނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Luna

Level 1

Other Articles

Previous

ހިމޭން 2

Previews
June 22, 2026

ހިމޭން 2



All Right Reserved!