Skip to content
އެސްފިޔަ

ރަހުމްކުރާށެވެ – 5

Listen to this story Audio · 6:16 Powered by Esfiya Voice
0:00 6:16

“އެންމެ އަޑެއް ބޭރު ކުރިއަސް ވަޅިއަޅާނަން.” އަހަރެން ރޫރޫ އަޅައިގެން ދިޔައެވެ. އެއީ ފައިޒާންގެ އަޑެވެ. އަހަރެން ގުޑާވެސް ނުލާ ހުރީމެވެ. ލޮލުން ކަރުނަފައިބަމުން ދިޔައެވެ. ފައިޒާން އަހަރެން ގޮވައިގެން ގޮސް އަހަރެންގެ އެނދުމައްޗަށް ވައްޓާލިއެވެ. އަދި އޭނަ އަތުގަ އޮތް ރޯނުން އަހަރެން ގެ އަތާއި ފައި އެއްސިއެވެ. އަނދިރިކަމުން އަހަންނަކަށް އެއްވެސް ތަނެއް ނުފެނެއެވެ. ހަމައެކަނި އިވެނީ އަޑެވެ. ކުއްލިއަކަށް ދޮރު ލައްޕާ ތަޅުލި އަޑު އިވުނެވެ. ދެން ފެނުނީ ފައިޒާން އުއްބަތިއެއް ރޯކޮށްލިތަނެވެ. އަހަރެންނަށް އެއްވެސް އެއްޗެށް ބުނެވޭ ގޮތެއް ނުވިއެވެ. ބިރުން މުޅިމިހާ ތުރުތުރު އަޅަނީއެވެ.

“އަހަރެން މިކަހަލަ ދުވަހަކަށް އިންތިޒާރު ކުރާތާ ވަރަށް ދުވަސް ވެއްޖެ.” އަހަންނާ ދިމާލަށް އަންނަމުން ފައިޒާން ބުންޏެވެ. ހަޅޭއްލަވައިގަންނަން އަނެއްކާވެސް އަނގަ ހުޅުވާލިތަނުން ފައިޒާން އަހަރެންގެ އަނގަމަތީގައި ވަރަށް ބާރަށް ޖެހިއެވެ. ވީތަދުން އަހަރެންނަށް ރޮއެ ގަނެވުނެވެ. ފައިޒާން އަހަރެންގެ ކަރުގަ ހިފިއެވެ.

“ކަލޭ ހަނދާންވޭތަ އަހަރެންނާ ދިމާލަށް ކީހާ އެއްޗެހި؟ އޭނ؟ އަހަންނާ އިންނަން ކަލޭ އިންކާރު ކުރީ، ކަލޭ ތީ މާމޮޅުމީހަކަމަށް ހީކޮށްތަ؟ އަހަންނަކީ އަހަރެން ބޭނުންވާ ކަންތައް ކޮންމެ ގޮތެއް ހަދާފަވެސް ހާސިލް ކުރާ މީހެއް. އަހަރެން އިންނަން އެހީ ކޮންމެހެން ކަލޭ ދެކެ ލޯބިވާތީ އެއް ނޫން. އަހަންނާ ދުރުގަ އުޅޭތީ އަހަންނަށް ކަލޭ ލިބޭނެކަން ދައްކަން. ކަލޭ އެކަމަށް އިންކާރު ކުރީމަ އޭގެ ބަދަލު ހިފަން އަހަރެން އެދުވަހު ނިންމިން. ކަލޭގެ ދައްތައާއި ވެސް އަހަރެން ކައިވެނި ކުރީ ހަމަ މިބޭނުމުގަ.”

ފައިޒާންގެ ކޮންމެ ލަފްޒަކުން ހީވީ އަހަރެންގެ ގަޔަށް ތޫނު ހަންޖަރެއް ހަރާލާހެންނެވެ. އަހަރެންނަށް އެވަގުތުވެސް ވިސްނުނީ އަހަރެންގެ ދޮންތައާއި މެދުގައެވެ. އަހަރެންގެ ސަބަބުން އޭނައަށް އެލިބުނީ ކިހާ ބޮޑު ދެރައެއް ހެއްޔެވެ.

ފައިޒާން އަހަރެންގެ ކަރަށް ފިތާލިއެވެ. ނޭވާ ނުލެވިގެން އަހަރެން ތެޅެފޮޅުނީމެވެ. ހަޅޭއްލަވަން މަސައްކަތް ކުރީމެވެ. އެއްވެސް ކަމެއް ކާމިޔާބެއް ނުވިއެވެ. ކުއްލިއަކަށް ފައިޒާން އަހަރެންގެ ކަރުން ދޫކޮށްލިއެވެ. އަހަރެން ކޮށިއަރަމުން ނޭވާ ލެވޭތޯ މަސައްކަތް ކުރީމެވެ.

“އަހަރެން ބޭނުންނަމަ ކަލޭ މަރާލެވުނީސް. އެކަމު އެއީ ކަލެއަށްމާ ފަސޭހަ އަދަބެއް. އަހަރެން ކަލޭގެ އަތުން ނިގުޅައިގަންނާނީ ކަލޭގެ އެންމެ އަގުހުރި އެތި. ހަޅޭއްލެވުމުގެ އެއްވެސް ބޭނުމެއް ނެތް. މިގޭ އެންމެން ތިބީ ނިދާފަ. އަހަރެން މިއަދު ގެނައި ޖޫހަށް ހުންނާނީ ނިދާ ބޭސް އަޅާފަ. މިހުރިހާ ދުވަހުވެސް މި ކުޑަ ޖިފުޓިގަނޑުގަ އަހަރެން ވަގުތު ހޭދަ މިކުރަނީ މިފުރުސަތު ހޯދަން. މިރޭ އަހަރެން ބޭނުންވާ ކަންތައް ކޮށްފަ ހުއްޓާލާނީ.”

އަހަރެން ލޯމަރާލާފައި އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތީމެވެ. ހުއްޓާ ނުލާ ހަޅޭއްލެވީމެވެ. އެކަމު އެހެން މީހެއްގެ ހިލަމެއް ނުވެއެވެ. ފައިޒާން ހޭ އަޑު ނޫން އަޑެއް ނީވެއެވެ. އޭނަ އަހަންނާ ދިމާލަށް ތިރިވަމުން ދިޔަވަރަކަށް އަހަރެން ހަޅޭއްލަވަމުން ގެނދިއައީމެވެ. އަހަރެންގެ އަޑު ހުޓުނީ އޭނަގެ ބޭނުން ފުދުނީމައެވެ.

“ނަތާ” މާޒީގެ ތެރެއިން ބޭރަށް އަހަންނަށް ނިކުމެވުނީ އާމިރު ގޮވާލިއަޑަށެވެ. އަހަރެންގެ ލޯ ފުހެލާ، ހިނިތުންވެލާފަ އަތުގައި އޮތް އަލްބަމްއަށް ބަލާލީމެވެ. އާމިރުވެސް އައިސް އެނދުގައި އިށީނދެލާފައި އަހަރެންނާއި ދޮންތަގެ ފޮޓޯގަނޑަށް ބަލާލިއެވެ.

“މާޒީ ހަނދާން ކުރުމުގެ ބޭނުމެއް ނެތް ނަތާ. ހަނދާންކޮށްގެން ވާނެ ފައިދާއެއް ނެތް.” އާމިރު މަޑުމަޑުން ބުނެލިއެވެ.

“އަހަންނަށް އިނގޭ. އެކަމު މިރޭ އެދެމީހުން ފެނުނީމަ އެހުރިހާކަމެއް ހަނދާނަށް އައީ. އެހަނދާންތަކުން ލިބޭ ޒަހަމްތައް ވަގުތާއި އެއްކޮށް ފަސޭހަވެގެން ދިޔަޔަސް، އެޒަހަމްތަކުގެ ލަކުނު ކިހިނެއް ފިލުވާނީ؟”

އަލްބަމް ލައްޕާލާފައި އަހަރެން އާމިރުގެ އަތުގަ ހިފާލީމެވެ. “ކޮންމެ އިންސާނަކަށްވެސް އިމްތިހާން ކުރިމަތި ކުރައްވާނެ. އޭރުވެސް އެކުރިމަތިވީ އިމްތިހާނެއް. މިއީވެސް އަހަރެންގެ އިމްތިހާނެއް. އޭރު ކުރި އިމްތިހާނަކީ ކެތްތެރިކަމުގެ އިމްތިހާން. މިއިމްތިހާނަކީ އަހަރެން އެމީހުންނާ ދޭތެރޭ ކަންތައް ކުރާގޮތުގެ އިމްތިހާން.” އަހަރެން އާމިރުގެ މޫނުގައި ފިރުމާލަމުން ހީލީމެވެ.

“އާމިރުތީ އަހަރެންގެ ކެއްތެރިކަމުގެ މޭވާ. ﷲގެ އިރާދަފުޅުން އާމިރު އަހަރެންގެ ދިރިއުޅުމަށް އައިސް އެއަނދިރިކަމުގެ ތެރެއިން އަހަރެން ނެރުނީ. އަހަންނަށް ފިރިއެއްގެ ލޯތްބާއި އޯގާތެރިކަން ދިނީ. ޝާޔާއަށް ބައްޕައެއްގެ-”

“ތިވާހަކަ ނުދައްކާ،” އާމިރު އަހަރެންގެ ވާހަކަ މެދުކަނޑާލިއެވެ. “އަހަރެން އަބަދުވެސް ބުނަން ތިވާހަކަ ނުދައްކާށޭ. ޝާޔާ އެއީ އަހަރެންގެ ދަރިއެއް. ދަރިއަކަށްވަނީ ހަމައެކަނި ލޭގެ ގުޅުމަކުން އެކަންޏެއްނޫން. އެއް އަހަރުން ފެށިގެން ޝާޔާ ބެލީ އަހަރެން. އަމިއްލަ ދަރިއެއްގެ ގޮތުގަ. އެއްވެސް އުނިކަމެއް ނުގެނެސް.”

ދޮރުގަ ޓަކިޖަހާލިއަޑަށް އަހަރުމެން ދެމީހުން ސިހުނެވެ. އާމިރު ވަންނާށޭ ބުނުމުން ޝާޔާ އެތެރެއަށްވަނެވެ.

“މަންމާ، މިއަދު ހެނދު އައި ފިރިހެންމީހާ އެބަހުރި އަންހެނަކާއެކި އައިސް. މަށާ ދިމާލަށްވެސް ބަލަނީ ފާޑަކަށް. އެއީ ކޮންބައެއްތަ؟” ޝާޔާ ބުނި ވާހަކައިން އާމިރު އަނެއްކާވެސް ރުޅިގަދަވިއެވެ. އޭނަ ކޮޅަށް ތެދުވުމުން އަހަރެން އޭނަ އަތުގަ ހިފެހެއްޓީމެވެ.

“ޝާޔާ ގޮސް އެމީހުން އުނދޯލިގޭގަ ބައިތިއްބާ. މަންމަ އާއި ބައްޕަ މިދަނީ.” އާމިރު އެނދުމަތީ ބައިންދަމުން އަހަރެން ބުނީމެވެ. ޝާޔަ ބޯޖަހާލަމުން ބޭރަށް ނުކުތެވެ. އަހަރެން އާމިރާ ދިމާއަށް ބަލާލީމެވެ.

“އާމިރު، ރުޅި އިސްނުކުރޭ. އަހަރެން ބޭނުންވަނީ މިކަމާ ކުރިމަތިލާން. އަހަރެން ފިލައިގެން އުޅޭހާ ހިނދަކު މިލަކުނުތައް ނުފިލާނެ. އަހަންނަށް އެއްބާރުލުންދީ.”

އާމިރު އެއްޗެކޭ ނުބުނެ ކުޑައިރުކޮޅަކު ހުއްޓެވެ. އަދި ބޯޖަހާލުމަށްފަހު ނިކުންނަން ހިނގައިގަތެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ﷲ އަށް ވަކީލްކުރަމުން އަހަރެންވެސް ނިކުތީމެވެ. ސިޓިންގްރޫމް ދޮރުމައްޗަށް މަޑުކޮށްލާފައ އުނދޯލިގެއަށް ބަލައިލިވަގުތު އަހަންނަށް ފައިޒާން ފެނުނެވެ. އޭނަ އިނީ އިސްދަށަށް ޖަހައިގެންނެވެ. އުނދޯލިގެއަށްދާން އަހަރެން އެޅި ފިޔަވަޅު ހުއްޓުނެވެ. ފައިޒާން އަހަންނަށް ބަލައިލިވަގުތެވެ. އޭނަގެ ލޮލުން ކަރުނަ ހިލެއެވެ. މޫނުގައިވާ މާޔޫސްކަން އިންތިހާއެވެ. އެކަމުވެސް އަހަރެން ކިތައްމެ ބޭނުންވިޔަސް އަހަރެންގެ ހިތުގަ އޭނައަށް ހަމްދަރުދީ އެއް ނުއުފެދެއެވެ. އަހަރެން ލޯ ކުރިމަތީ ފައިޒާންގެ ކެހިވެރިކަން އަނެއްކާވެސް ސިފަވާން ފެށިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (2)

  1. Your fav bab

    Vrh reethi mi story kuriah dhaa goth!💗💗
    Waiting for next…

    1. Luna
      Your fav bab

      Thank you 🙂

Comments are closed.