އަހަރެންގެ ވާހަކަ (ދިހަވަނަ ބައި)
“އައްސަލާމަލައިކުމް.. ޝިމާލް މީ ޝާޔަން..” ފޯން ނެގުމާއެކު އިވުނީ ޝާޔަންގެ މަޑުމައިތިރި އަޑެވެ. ސަލާމުބަލައިގަތުމަށްފަހު ގުޅީ ކަމެއްގަ ތޯ އަހާލީމެވެ.
“މިއަދު މެންދުރު ޒައިކްއާ އަހަރެން ދޭ ކެއުމަކަށް ދަޢުވަތުދޭން ވެގެން މިގުޅީ.. ޝިމާލްގެ ކޮއްކޮއާ ދެމީހުންނަށް.. އެއްގަޑި ބައިގަ އަންނައްޗޭ ހަނދާންކޮށް..” ކުއްލިއަކަށް ޝާޔަން އެ ގުޅީ ކެއުމަކަށް ދައުވަތުދޭން ހެއްޔެވެ؟ އަނެއްކާ ކިހިނެއް ވީ ހެއްޔެވެ؟ އިތުރު ވާހަކައެއް ނުދައްކާ އޭނަ ފޯންބޭއްވިއެވެ. އެޑްރެސް އެސް އެމް އެސް ކޮށްފައިއޮތެވެ.
ހުކުރުން އައިގޮތަށް ދެމީހުން އަވަހަށް ބެލީ ހުޅުމާލެއަށް ދެވޭތޯއެވެ. ބެލް އެޅުމުން ދޮރުހުޅުވީ ޒައިކްއެވެ. ހުދުކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ފަޓްލޫނެއްގައި އޭނަ މާތްކަމަށް ދައްކައެވެ. ހިނިތުންވުމާއެކު އެތެރެއަށް ވަނުމަށް އެދުނެވެ. އަހަރެމެން ގޮވައިގެން ކާމޭޒާހަމައަށް އޭނަ ދިޔައެވެ. އެއްޗެހި ބަދަލުކޮށްލައިގެން އެބަ އަންނަމޭ ބުނެފައި ކޮޓަރިއަށްވަނެވެ. ޝާޔަން މޭޒުމައްޗަށް ތަށިތައް އެރުވުމުގައި އުޅެއެވެ. އާންމުކޮށް ފެންނަ ގޮތާއި ތަފާތުކޮށް އޭނަހުރީ ފިޔާތޮށިކުލައިގެ ކުރުތާއަކާއި ހުދުކުލައިގެ ޖިންސެއްގައެވެ. ހުދާއި ފިޔާތޮށިކުލައިގެ ޝޯލެއް ރީތިގޮތަކަށް އަޅާފައިހުއްޓެވެ.
ކެއުމުގެ ވަގުތުގައި އެކި ވާހަކަދެކެވުނެވެ. މޫސުމުގެ ވާހަކައާއި ސިޔާސީ ވާހަކައެވެ. ހުރިހާ އެއްޗެއްވެސް ވަރަށް މީރެވެ. ކެއުމުގެ ތެރެއިންވެސް ޝިއުޒް ތަޢުރީފުކުރިއެވެ. ޒައިކްވެސް ހިނިތުންވެފައި ޝިއުޒްއާއި ބައިވެރިވެ ޝާޔަންއަށް ތަޢުރީފުކުރިއެވެ. ޝާޔަންފަދަ މުއްސަނދި އާއިލާއެއްގެ ތެރޭގައި އުޅެބޮޑުވި ކުއްޖަކަށް އެހާ މީރުކޮށް ކައްކަން އެނގުމުން ހައިރާންވެސްވިއެވެ. އެގޭގައި ގޭތެރޭގެ މަސައްކަތްކުރުމަށް ފެށުނީއްސުރެވެސް މީހުން ގެންގުޅެއެވެ. އެކަމަކުވެސް ގޭތެރެވެސް ފެންނަނީ ސާފުތާހިރުކަމާއި ތަރުތީބުކަމެވެ. ކައިނިމިގެން ޝާޔަންގެ އެދުމުގެ މަތިން އަހަރެން ހިގައިގަތީ ބެލްކަންޏާއި ދިމާލަށެވެ. ޝިއުޒްއާއި ޒައިކް އޮލަވާހަކައެއްގައި ސޯފާގައި ތިއްބެވެ.
އިމާރާތުގެ ތިންވަނަބުރިން ސަރަހައްދު ހިސާބަކަށް ފެނެއެވެ. ހިތްގައިމު މަންޒަރެކެވެ. ބެލްކަނީގައި ވަނީ ހުދުކުލައިގެ ޕްލާސްޓިކް މޭޒަކާއި ދެ ގޮނޑި ބަހައްޓާފައި ހުއްޓެވެ. އެކި ކުލައިގެ އޯކިޑްމާ ޕޮޓްތަކުގައި ހައްދާފައި ހުއްޓެވެ. ހުދު ފިނިފެންމާވެސް ހިސާބަކަށް ހައްދާފައި ހުއްޓެވެ. ހިތްފަސޭހަ ބެލްކަންޏެކެވެ.
“އިށީންދެ ބަލަ..” މޭޒުކައިރީގައި ހުރި ގޮނޑިއަށް އިޝާރާތްކުރަމުން ޝާޔަން އެދުނެވެ.
“ބެލްކަނި ވަރަށް ރީތި..” ފޯނު ނަގާ މޭޒުމަތީ ބޭއްވުމަށްފަހު ގޮނޑީގައި އިށީނީމެވެ.
“ތޭންކްސް.. ޑޮކްޓަރ ފިރުޝާންގެ ފަރާތުން ޝިމާލްގެ ކޭސްއާއިބެހޭ ހުރިހާކަމެއް އިނގިއްޖެ.. ޝިމާލް ކުޑައިރު ދިމާވެފައިހުރި ކަންކަން އަހަރެންނަށް އެނގިއްޖެ.. އަހަރެން ބޭނުން ޝިމާލްއަށް އެހީވާން..” އަހަރެންގެ ޖަވާބަށް އިންތިޒާރުކުރާފަދަ ގޮތަކަށް އޭނަ ބުނެލިއެވެ.
“ތި ބުނީ؟” ބުމަ އަރުވާލަމުން ސުވާލުކޮށްލީ އޭނަ އެހީވާން ބޭނުންވާ ގޮތެއް ނުވިސްނުނީމައެވެ.
” އަހަރެން ބޭނުންވަނީ ޝިމާލްގެ ސެޝަންތައް އަހަރެން ނަގަން.. ޑޮކްޓަރ ފިރުޝާންގެ އެދުމާއެކީ އަހަރެން މިކަންކުރަން މިއުޅެނީ.. ޝިމާލްއަށް އޯކޭވިއްޔާ..” ސެޝަންތައް ހުއްޓުމުން އަހަރެންނަށް އައި ބަދަލު އިނގޭނީ ހަމަ އަހަރެންނަށެވެ. ޝާޔަންވެސް ކިޔަވަމުން އެދަނީ ސައިކޮލޮޖީއެވެ. ޑޮކްޓަރަށް ނުވިޔަސް ކައުންސިލިންދޭ މީހަކަށްވުމުން ސެޝަންތަކަށް ނަގާދޭން އިނގޭނެކަމާމެދު ޝައްކެއް ނުކުރަމެވެ.
“އޯކޭ.. އެކަމު ކްލިނިކްގަ ސެޝަންތައް ނަގަން ބޭނުންވަނީ..” މީހުން ތިބޭނީ ކިރިޔާވެސް ތަންކޮޅެއް ނުފެނިފައެވެ. މީހެއްގެ އަނތްބެއްގެ ފަހަތުން ދުވަނީއޭ ކިޔާކަށް އަހަރެން ބޭނުމެއްނޫނެވެ.
“ޔެސް… މަވެސް ބޭނުމީ ތިގޮތް.. އެހެންވެ ޒެކްއާ ވާހަކަ ދައްކައިގެން މިއަދު ލަންޗަށް ކީވެސް.. ވިއްސާރަވާން ކަންނޭނގެ އެއުޅެނީ.. ” އަދުންކުލައިގައިވާ ބޯވިލާތަކަށް ބަލާލަމުން އޭނަ ބުންޏެވެ. އެތެރެއަށްވަދެ ދޮރު ލައްޕާލިއެވެ. ޝިއުޒް އޮފީހުން ގުޅައިގެން ނުދެވިގެން އުޅެއެވެ. ޒައިކްއަށް ޝުކުރުއަދާކުރުމަށްފަހު ދެމީހުން ނިކުމެވުނުއިރު ތުނިތުނިކޮށް ވާރޭވެހެއެވެ. އެހެންނަމަވެސް ޝިއުޒް ލަސްވެގެން އުޅޭތީ ހިނދުކޮޅެއްވެސް މަޑުކޮށްނުލާ ފެރީ ޓާރމިނަލްއާއި ދިމާލަށް މިސްރާބުޖެހީމެވެ. މާލެއައިސް ޓެކްސީއެއް ލިބުނީ ކިރިޔާއެވެ. ވާރޭ ބޯކޮށްލައިފިއެވެ. މެންދުރު ވެހެންފެށި ވާރޭ ހަވީރުވީއިރުވެސް ހުއްޓާނުލައެވެ.
ހަފްތާ ބަންދަށްފަހު ސެޝަންތައް ފެށުނެވެ. ކްލިނިކަށް ވަތްއިރު ޝާޔަންހުރީ އަހަރެންގެ އިންތިޒާރުގައެވެ. އަންނާށޭ ބުނަމުން އޭނަ ހިގައިގަތީ ޑޮކްޓަރުން ތިބޭކަހަލަ ކޮޓަރިއަކަށެވެ. ހުދުކުލައިގެ ފަރނީޗަރތަކުން ސާފުތާހިރުކަމަށް ދައްކައެވެ. ޝާޔަން ގޮނޑީގައި އިށީނުމުން އޭނަގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނީމެވެ. އޭނަ ކުރަމުންދިޔަ ހުރިހާ ސުވާލަކަށް ޖަވާބުދެވުނެވެ. ސެޝަންތައް ކުރިއަށް ދިޔަ ވަރަކަށް ދެމީހުންގެ ރަޙްމަތްތެރިކަންވެސް ބަދަހިވަމުންދިޔައެވެ. ބައެއް ފަހަރަށް ކްލިނިކްގެ ބޭރުގައިވެސް ސެޝަންތައް ކުރިއަށްގެންދެވެއެވެ. މާޙައުލު ބަދަލުކޮށްލުމުގެ ގޮތުން އާރޓިފިޝަލް ބީޗްގައާއި އެކި އެކި ހިތްގައިމު ރެސްޓޯރެންޓްތަކުގައި ވެސް ބައްދަލުވުންތައް ބާއްވަމުންދިޔައީމެވެ.
ނަސީބު ރަނގަޅުކަމުން މެޑިކަލް ރިޕޯރޓްތަކާއި ޑޮކްޓަރގެ ލިޔުން ލިބުމުން ވަޒީފާ މާލެއަށް ބަދަލުކުރެވުނެވެ. ހަލީމު ސަރ އާއި އަދްހަމުގެ ބުރަ މަސައްކަތުން އެކަން ހަމަޖެހުނީ ހީވެސް ނުކުރާހާ އަވަސް މުއްދަތެއްގައެވެ.
ޝާޔަންގެ ފަރާތުން ހަޤީޤީ ހަމަޖެހުން ލިބެން އޮތީ މާތްﷲ އެންގެވިގޮތަށް އުޅުމުންކަން އެނގުނެވެ. ޑިޕްރެޝަނާއި ހިތްހަމަނުޖެހުންތަކާއި ކުރިމަތިލާން ޖެހެނީ ދީނީކަންކަމަށް ފަރުވާކުޑަ ކުރެވޭތީކަމަށް އޭނަ ކިޔާދިނެވެ. އާއިލާގެ އެހެންކުދިންނާ ޚިލާފަށް އަހަރެންނަށް ވަގުތުން ވަގުތަށް ނަމާދެއް ނުކުރެވެއެވެ. ހިތަށް ހިތްހަމަޖެހުން ނުލިބިގެން މިއުޅެނީ އެހެންވެގެން ތާއެވެ. ނަމާދު އަޅާ މީހާއަށް ހުރި އަޒާބުތަކާއި ދުނިޔެމަތީގައި ދިމާވާނެ ބަދުނަސީބުކަންތައްތައް ކިޔާދިނުމުން ހިތް ބިރުގަނެ އޭނަގެ ކުރިމަތީގައި ރޮވުނެވެ. މާޒީގައި ކުރެވިފައިވާ ކުށްތައް ހަނދާންވުމުން ރޮވުނީ ބޭއިޙްތިޔާރުގައެވެ.
” ހިތްވަރުކުރޭ.. މާތްﷲ އެއްވެސް އަޅަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެ.. އަދިވެސް ވަގުތު އެބައޮތް.. އަވަހަށް ތައުބާވެ އިސްލާހުވޭ..” އަހަރެންގެ އަތްމަތީގައި އަތްއަޅާ ހިތްވަރުދިނެވެ.
” އަހަންނަކީ ފާފަވެރިއެއް.. އަހަރެންގެ ތަޢުބާ ޤަބޫލުވެވިގެންވާނެތަ؟” ނޭފަތްދަމާލަމުން ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަމުން އަހާލީމެވެ.
” އިންސާނުނަށް އޮތީ ހިތްވަރާއެކު މަސައްކަތް ކުރުން.. އެކަލާނގެއީ އެންމެ ދީލަތިވަންތަަ ރަސްކަލާނގެ… އެހެންނޫނަސް ކުށަށް ތަޢުބާވާ މީހާ ކުށެއް ނުކުރާ މީހެއްފަދަ..” ޝާޔަންގެ ސަބަބުން ޒަޚަމުވެފައިވާ ހިތްތަކަށް ޝިފާ ލިބިގެންދެއެވެ.
މަޝްހޫރު ދީނީ އިލްމުވެރިންގެ ދަރުސްތައް އަޑުއަހަން ފެށުމުން ހިތަށް ބިރުވެރިކަން ވަންނަންފެށިއެވެ. ކުރިން އުޅެވިފައި ހުރި ގޮތާއިމެދުގައި ދެރަވެ ހިތާމަކުރެވުނެވެ. ވަގުތުން ވަގުތަށް ނަމާދުއަދާކޮށް ކީރިތި ޤުރުޢާން ކިޔަވަންފެށުމުން ހިތަށް ބުނެދޭން ނޭނގެހާ އުފާވެރިކަން ލިބެއެވެ. މާޒީގައި ކުރެވިފައިވާ ކުށްތަކާއިމެދު ދެރަވެ ﷲގެ ހަސްެރަތުގައި އަފޫދެއްވާތޯ ކޮންމެ ނަމާދެއްގައި އެދެމެވެ. އެދުވަހުގެ ފަހުން ކިތަންމެ އަވަދިނެތި އުޅެން ޖެހުނަސް ނަމާދެއް ނާޅަމެވެ. ކޮންމެ ތާކު ކޮންމެފަދަ ހާލަތެއްގައިވެސް ނަމާދު އޭގެ ވަގުތުގައި އަދާކުރަމުންއައީމެވެ.
އަހަރެންނަށް އައި ބަދަލުން އެންމެ އުފާވީ ޝިއުޒްއެވެ. ވަގުތުވީ ވަރަކުން އަހަރެން ގޮވައިގެން މާލޭގައި ބާއްވާ އެކި ދަރުސްތަކަށް ދެއެވެ. އެކަމުގެ ސަބަބުން އަހަރެންގެ އީމާންކަންވީ ވަރުގަދައެވެ. ސުންނަތް ނަމާދާއި ސުންނަތް ރޯދައިގެ މުޙިއްމުކަންވެސް އެނގުނީ ދަރުސްތަކަށް ދާންފެށީމެވެ. ޝިއުޒްދިޔައީ ހުރިހާ ގޮތަކުންވެސް އަހަރެންނަށް އެހީތެރިވަމުންނެވެ.
ކިއާރާމެންގެ އާއިލާ މާލެއައުމުން ވީހާވެސް އަވަހަކަށް ޝިއުޒްމެންގެ ކައިވެނިކުރުމަށް ނިންމިއެވެ. މަންމައާއި ދޮންބެމެންވެސް ތާރީޚުގެ ކުރިން މާލެއައީ ތައްޔާރުވުމަށެވެ. އޮފީހުގެ ފަރާތުން ލަންކާއަށް ދާން ލިބުނު ދެމަސްދުވަހުގެ ކޯހަކަށް ޝިއުޒް ހޮވިފައިވުމުން އޭނަ ބޭނުންވީ ކައިވެނިކޮށްގެން ކިއާރާ ގޮވައިގެންދާށެވެ. އެކަމަށް ދެފަރާތުގެ އާއިލާއިންވެސް މަރުހަބާ ކީ އުފަލާއެކީގައެވެ.
ކިއާރާގެ އާއިލާ މާލެ އައި ދުވަހެވެ. ޝިއުޒްގެ އެދުމުގެ މަތިން އޭނާއާއެކު އަހަރެންވެސް އެއަރޕޯރޓަށް ދިޔައީމެވެ. މީހުންތައް ނުކުންނަން ފެނުމުން އަހަރެން ބަލާލީމެވެ. ކަޅުކުލައިގެ ގަޔަށްދޫ ހެދުމަކާއި ކަޅުކުލައިގެ ޝޯލްއެއްގައިހުރި އަންހެންކުއްޖަކު އަހަރުމެން ކައިރިއަށް އައިސް ހުއްޓުނެވެ.
“ތިއްތި ކިއާ.. ކިއާ މީ ތިއްތި..” ޝިއުޒް ތަޢާރަފްކޮށްދިނެވެ. ކިއާރާ ހިނިތުންވެލިއެވެ. ފަހަތުން އައި ކިއާރާގެ މައިންބަފައިން ތަޢާރަފުކޮށްދިނީވެސް ޝިއުޒްއެވެ. ކިއާރާގެ ބައްޕައާއި އޭނަގެ ދެއަނބިންނާއި އެމީހުންގެ ދަރިންވެސް އައިސް ތިއްބެވެ. ދީންވެރި އާއިލާއަކަށް ވުމުން ކިއާރާގެ ކިބައިގައިވެސް ވަނީ އަޚުލާޤީ ރީތި ސިފަތައް ހަރުލާފައެވެ. މުއްސަނދި ތަނަވަސް އާއިލާއަކަށް ވިޔަސް ބޮޑާކަމެއް ކިބުރުވެރިކަމެއް ނެތެވެ. ޝިއުޒްއާއި މުޚާތަބު ކުރީވެސް ދަރިފުޅާއޭ ކިޔާފައެވެ. ﷲގެ ރަޙުމަތްފުޅުން ޝިއުޒްއަށް ލިބުނީ ނުހަނު ރަނގަޅު އާއިލާއެކެވެ.
ދެއާއިލާ އެކުގައި ކައިވެނީގެ ކަންތައްތައް ހަމަޖެއްސުމުގެ މަސައްކަތައިގެން އުޅުނެވެ. އާދައިގެ ކައިވެނީގެ ވަލީމާއެއް ބޭއްވުމަށް ކިއާރާ ބޭނުންވެއެވެ. ގޮތްދެއްކުމާއި ބޭކާރު ޚަރަދުކުރުމުގެ ސިފައެއް އެމީހުންގެ ކިބައިގައިނެތީއެވެ. ކައިވެނީގެ ހަފްލާގެ ފުރަތަމަ ދަޢުވަތު ކާޑު ޝިއުޒް ބޭނުންވީ ޝާޔަންއަށާއި ޒައިކްއަށް އޭނަގެ އަތުން ހަވާލުކުރުމަށެވެ.
ޝިއުޒްގެ އެދުމުގެ މަތިން އަހަރެން އެދުވަހު ހުޅުމާލެއަށް ދިޔައީ ޝިއުޒްއާއި ކިއާރާއާއެކީއެވެ. ދެތިން ފަހަރަކު ބެލް އެޅުމުން ދޮރު ހުޅުވީ ޝާޔަންއެވެ. އޭނަގެ މޫނުމަތީގައި އެއްވެސް އުފާވެރިކަމެއްނެތެވެ. ގަދަކަމުން ހީލަމުން އެތެރެއަށް ވަންނާށޭ ބުނެލިއެވެ. އަހަރުމެން ސޯފާގައި އިށީނުމުން އޭނަ ޒައިކްއަށް ގޮވިއެވެ. ޒައިކް ހުރީ ޑިއުޓީއަށް ދާން ތައްޔާރުވެގެންނެވެ. ޝިއުޒްއާއި ސަލާމުކޮށްލުމަށްފަހު މަރުޙަބާ ކިއެވެ. އަދި ކައިވެނީގެ ޙަފްލާއަށް ދާނެކަމަށް ބުނަމުން އޭނަ ހިގައިގަތީ ގަޑިޖެހެނީ ކަމަށް ބުނަމުންނެވެ.
އަހަރެން އެއްފަރާތަކަށް ގެންގޮސް ޝާޔަންބުނީ އަހަރެންގެ ސެޝަންތައް ދެން އޭނައަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ހިތުގައި ސުވާލު އުފެދުނު ނަމަވެސް ހިނިތުންވެލަމުން އެންމެ ރަނގަޅޭ ބުނީމެވެ.
ޖެހިގެން އައި ހުކުރު ދުވަހު ޝިއުޒްއާއި ކިއާރާގެ ކައިވެނި ކުރެވުނެވެ. ކައިވެނީގެ ޙަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރެއެވެ. ކައިވެއްޏަށްފަހު ކިއާރާ ބަދަލުވީ އަހަރެމެން އުޅޭ އެޕާރޓްމެންޓަށެވެ. މަޑުމައިތިރި، ހިތްހެޔޮ ލަދުރަކި ކުއްޖެކެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.



Thanks. Mihaa ahahah up kohdinythy…v v nice waitin for nest part.
Welcome 🙂
Habeys
Thnks 🙂
is this shiuz a guy
yess
gay or guy??
Nice…..Week eh fahun dho dhen libaynee story kiyaalan…
Next part Sunday ga In Shaa Allah
Very nyc… Dhn huri bai tha daily koh up koh dhechey