ލޯބި-23
*އިރުކޮޅަކުން އެންމެން ކައިވެނީގެ ހަފްލާ ބާއްވަން ހަމަޖެހިފައިވާ މާލަމަށް ދިޔަ އެވެ. އެތަން ވެސް ވަނީ އެކި ނޫކުލައިގެ މާތަކުންނާއި ފޮތިތަކުން ޒީނަތްތެރި ކުރެވިފަ އެވެ. މައިހާ އާއި ރީހާން މެހެމާނުންނަށް މަރުހަބާ ކިޔަން ދޮރުކައިރީ ކުޑަ ސްޓޭޖެއްް ހަދައިފައި ޒީނަތްތެރި ކޮއްފައި ހުއްޓެވެ. އެކިހިސާބުގައި މޭޒު ބަހައްޓައި ގޮނޑި އަތުރާފައި ހުއްޓެވެ. ކޮންދިމާލަކުން ވެސް ފެންނަނީ ފުރިހަމަ ކަމެވެ.*
“މިން! އައިސް ބަލަ!” މާޔާ އާއި ހަނާ އަދި މިންނަ އާއި އެކު މިންހާ ފޮޓޯ ނަގަން ހުއްޓައި މަޔާން ގޮވައިލި އެވެ. އެކުދިން ކައިރީ އަންނާނެކަމައް ބުނެ މިންހާ ދިޔަ އެވެ.
“މިން. އަނެއް…މި…” މަޔާން ބުނަންއުޅޭ އެއްޗެއް ބުނެވޭ ގޮތެއް ނުވި އެވެ.
“އަވަސް ކޮއްބަ. އެމީހުން އެ ތިބީ ލަސްވެފައޭ.”
“މީ…ބުނަން އުޅުނީ ނާއިލް ވެސް އަންނާނޭ. ކުރީބައިގަ ބުނެލާފަ އޮތީމަ މައްސަލައެއް ދިމާ ނުވާނެ ކަމަށް މިބަލަނީ.”
މިންހާގެ ހީތް ތެޅިލި އެވެ.
“ކީއްވެ މައްސަލައެް ދިމާ ވާންވީ.” ހަމަޖެހޭ ގޮތް ދައްކައި ލަމުން މިންހާ ބުންޏެވެ.
“ޔަގީންތަ އޯކޭ ކަން؟” ޝައްކުގެ ނަޒަރަކުން ބަލައިލަމުން މަޔާން އެހި އެވެ.
“ހީމް…ހަމަ ޔަގީނޭ.” އޭރު ވެސް މިންހާގެ ހިތް ހީވަނީ މޭކަށިގަނޑު ފަޅައިލައިފައި ނިކުމެދާނެހެންނެވެ.
“އޯކޭ. އެއްވެސް ކަމެއް ބޭނުންވެއްޖެއްޔާ ބުނާތި.” ހިނިތުން ވެލައިފައި މަޔާން ދިޔަ އެވެ. މިންހާ ވެސް ފުންނޭވާ އެއް ދޫކޮށްލައިފައި މާޔާމެން ކައިރި އަށް ދިޔަ އެވެ.
ހަފްލާ ފެށުމާއި އެކު މެހެމާނުން އަންނަން ފަށައިފި އެވެ. އިސާހިތަކު މީހުން އައިސް މާލަން ފުރައިލައިފި އެވެ. ފޮޓޯ ނަގާ މީހުންނާއި އަލަތު ކައިވެނި ކުރެވުނު ދެމަފިރިންނަށް މަރުހަބާ ކިޔާ މީހުން ފެންނަމުން ދިޔަ އެވެ.
އެއްފަރާތެއްގައި ހުރީ މޭޒެއް ދޮށުގައި މިންހާ ވެސް އޭނާގެ ކޮއްކޮމެންނާއި އެކު ތިއްބެވެ.
“އެބަ އަންނަން ތިއްތަ ކައިރި އައް ގޮއްސަ.” މިހެން ބުނެފައި މިންހާ ތެދުވެގެން ދިޔަ އެވެ.
މީހުންގަނޑު މެދުން ފުރޭނެމުން ދަނިކޮށް ކުއްލިއަކައް މިންހާ މީހެއްގައި ގައި ޖެހިފައި އަރިއަޅާލައިއެވެ. ވެއްޓުމުގެ ކުރިން އެމީހާ ހުށިޔާރުކަމާއި އެކު މިންހާގެ އަތުގައި ހިފައި ތެދުކޮއްލިއެވެ.
“ޔޫ އޯކޭ؟” އެމީހާ އަހައިލި އެވެ.
ދަންނަ އަޑެއް ކަންފަތުގައި ޖެހުމާއި އެކު މިންހާ އިސްއުފުލައި އެމީހ އާއި ދިމާލައް ބަލައިލި އެވެ. އެއާއި އެކު ދެމީހުން ވެސް ގަނޑުވިއެވެ.
“މިން…” ހައިރާން ވެފައި ހުރެ ނާއިލް އަށް ކިޔައިލެވުނެވެ.
ދެމީހުން އެކަކު އަނެކަކާއި ދިމާލައް ބަލަހައްޓައިގެން ހުއްޓައި ކުޑަ އަންހެން ކުއްޖަކު ދުވެފައި އައިސް ނާއިލްގެ ފައިގައި ބައްދައިލި އެވެ. ނާއިލް ހިނިތުން ވުމަކާއި އެކު އެކުއްޖާ އުރައިލި އެވެ. ފަހަތުން އަންހެނެއް ވެސް އައިސް ނާއިލް ކައިރީގައި ހުއްޓިލި އެވެ. އެ އަންހެން މީހާ މިންހާ އާއި ދިމާލަށް ބަލައިލި ސުވާލުގެ ނަޒަރަކުންނެވެ.
“ނާއިލްގެ…ފެމިލީ؟” މިންހާއަށް ބޭއިޙްތިޔާރުގައި އަހައިލެވުނެވެ. އަދި ނާއިލްގެ ޖަވާބަކަށް މަޑުކުރެވުނެވެ. އޭނާގެ ހިތް އެދި ގޮވަމުން ދިޔައީ ނާއިލް ނޫނެކޭ ބުނުމަށެވެ. ނަމަވެސް ނާއިލް އެއްވެސް އެއްޗެކޭ ނުބުޏެވެ.
އެހަރަކާތް އެކަނި ވެސް މިންހާ އަށް ޖަވާބަކަށް ފުދެ އެވެ. މިންހާ އައް ހީވީ މީހަކު އޭނާގެ ހިތައް ފިތައިލިހެންނެވެ. ލޮލައް ޖަމާވި ކަރުނަތައް އެއްވެސް މީހަކައް ނުދެއްކުމަށް ޓަކައި މިންހާ އެތަނުން ދިއުމަށް ދުއްވައިގަތެވެ.
މިންހާ ކިތަންމެ އަވަހަކަށް މޫނު އަނބުރައިލައިފައި ދިޔަ ކަމުގައިވީ ނަމަވެސް އެ ލޮލުގައި ވީ ކަރުނަތައް ނާއިލް އަށް ވަރަށް ރީތިކޮށް ފެނުނެވެ. އެމޫނު މައްޗައް އަރައިފެއިބި ކުލަވަރު ވެސް ރަނގަޅަށް އެނގުނެވެ. އެހިތުގައި އަޅާނެ ވޭން އަންދާޒާ ކޮށްލަން ވެސް އެނގެ އެވެ. ނާއިލް ބޭނުންވަނީ މިންހާ ކައިރި އަށް ދާށެވެ. ނަމަވެސް އޭނާ ވަނީ އެކަމަށް ނުކުޅެދިފަ އެވެ.
“ކޮބާތަ ދޮންތި؟ ތިއްތަ އެބަ ހޯދައޭ ދޮންތި އަށް.” މިންނަ އާއި ހަނާ އަދި މާޔާ ކުރެ ރަނާ އަހައިލި އެވެ.
“ދޮންތި ދިޔައީ ތިއްތަ ކައިރިއަށް.” ހަނާ ޖަވާބުދިނެވެ.
“ތިއްތަ ކައިރިއަކަށް ނުދޭ. އެހެންވެ މިއައީ ހޯދަން.” ރަނާ ބުންޏެވެ.
“ނޭނގެ ދެން. ފްރެންޑެއް ފެނިގެން ވާހަކަ ދައްކާނަން ވެސް ހުރެދާނެ.” ހަނާ ބުނެލީ އަޅައިލުން ކުޑަގޮތަކަށެވެ.
“ވެދާނެ. ހަނާމެން ވެސް ތިހެން ނުތިބެ ދޭބަލަ ދޮންތި ހޯދަން. މިހުރިހާ އެންމެން ގަނޑު ތެރެއިން މިންހާ ހޯދަން ވެސް އުނދަގޫ ކަމަކަށް ވާނީ.” ރަނާ މިހެން ބުނެފައި ދާން އެނބުރުނުތަނާ މަޔާން އައެވެ.
“ކޮބާ މިންހާ؟ މައިހާ އެބަހުރި ލަސްވެފަ.”
“ނޭނގެ މިން ދިޔަ ތަނެއް ދޭބަލަ އޭނަ ހޯދަން.” މިހެން ބުނެފައި އެންމެން އެކި ދިމާލަށް ދިޔަ އެވެ.
“ޔާން. މިން ފެނިއްޖެތަ؟ ކޮންތާކަށްބާ އެކުއްޖާ އެވަނީ؟” މަޔާން ފެނުމުން ރަނާ އަވަހަށް މަޔާން ކައިރި އަށް ދިޔަ އެވެ.
އެއްޗެކޭ ބުނަން އަނގަ ހުޅުވައިލިތަނާ މަޔާންގެ ލޮލުގައި އަޅައިގަތީ ބަގީޗާ ތެރޭ ހުރި ހިލަ ގޮނޑިއެއްގައި އިށީންދެލައިގެން އިން މިންހާ އެވެ.
“ނޫން. ނޭނގެ މިން ވީތަނެއް. ރަނާ ދޭ މައިހާ ކައިރީ އަށް. އަހަރެން މިން ހޯދާނަން. މިތާ ކޮންމެވެސް ތާކު އުޅޭނެ.” މަޔާން އަވަސް އަވަހައް ބުންޏެވެ. ރަނާ ވެސް އިތުރު އެއްޗެކޭ ނުބުނެ ދިޔައީ އެވެ.
ކުރިމަތިން ފިޔަވަޅުތަކެއްގެ އަޑު އިވުމުން މިންހާ ކުޑަކޮއް އިސްއުފުލާ ބަލައިލިއެވެ. މަޔާން ފެނިފައި އަނެއްކާވެސް އިސްޖެހި އެވެ.
“މިތާ ކީއްވެ ތި އިނީ؟ އޯކޭ ތަ؟” މިންހާ ކައިރީގައި އިށީންދެލަމުން މަޔާން މަޑުމަޑުން ވާހަކަ ދެއްކި އެވެ.
“ކަމެއް ނުވޭ. އެތެރޭގަ މާ މީހުން ގިނަވީމަ ނުކުމެލީ.” ނޭފަތް ދަމައިލަމުން މިންހާ ބުންޏެވެ. އޭނަ އެހެދީ ދޮގެއްކަން މަޔާން އަށް އެނގެ އެވެ.
“މިން. ވާހަކަ ދައްކަބަލަ.” މަޔާން ބުނީ އޯގާތެރި އަޑަކުންނެވެ.
“ކީކޭ ކިޔަންވީ؟ ހުރިހާ ކަމެއް ނިމިއްޖެ. ކުޑަމިނުން އަހަރެންނަށް މަޑު ވެސް ކޮއްނުލި. ނާއިލް އަމިއްލަ…” މިންހާ އަށް ބުނެވުނީ އެ ވަރަށެވެ. އަޑުބެދިއްޖެ އެވެ.
“އަމިއްލަ ކޯއްޗެއް؟” މިންހާ ބުނި އެއްޗެއް ނޭނގޭތީ މަޔާން އަހައިލި އެވެ.
“ދެންމެ ނާއިލް ފެނުނު. އޭނަ ހުރީ ކުޑަ އަންހެން ކުއްޖެއް އުރައިގެން. ކައިރީގަ ހުރި އަންހެނެއް ވެސް.” ވަރަށް ހިތްވަރު ކޮއްފައި މިންހާ ވާހަކަ ދެއްކި އެވެ.
މަޔާން ވެސް އިނީ ހައިރާން ވެފަ އެވެ. މިއީ އޭނާ އަށް ވެސް ނޭނގޭ ކަމެކެވެ.
“މަޔާން އަށް އެނގޭތަ އެކަން؟” އިރުކޮޅަކު ހުރުމަށްފަހު މިންހާ އަހައިލި އެވެ.
“ނޭނގެ. އަދި ނުވެސް ދެކެން. ނާއިލް މިއޮއްހާ ދުވަހު އުޅުނީ މާލޭގަ.” މަޔާން ބުންޏެވެ.
“ކީއްވެ؟ ނާއިލް އަޅެ އަހަރެން މަތިން ހަނދާން ވެސް ނުވީތަ؟ ނާއިލް އަށް ކިހިނެއް އެހާ ފަސޭހައެއް އެހެން މީހެއް ދެކެ ލޯބި ވެވުނީ؟ ކީއްވެތަ އަހަރެންނަށް ނާއިލް މަތިން ހަނދާން ނައްތާއިނުލެވެނީ؟” މިންހާ އަށް ބޮޑައް ރޮވެން ފެށުނެވެ. މަޔާން ވެސް އިނީ ހަދާނެ ގޮތެއް ނޭނގިފަ އެވެ. މިންހާ ރޯން ބޭނުންވާ ވަރަކަށް ރޯން އޭނާ މަޑުކުރި އެވެ.
“މިހާރު އޯކޭ؟” އިރުކޮޅަކުން މިންހާ ރުއިން ހުއްޓައިލުމުން މާޔަން އަހައިލި އެވެ. ޖަވާބުގައި މިންހާ ބޯޖަހައިލި އެވެ. “ފާހަނަ އަށް ގޮސް މޭކަޕް ރީތިކޮށް ލައިގެން އާދޭ. އޯކޭ.” މިހެން ބުނެފައި މާޔަން މީހުންގަނޑު ތެރެއަށް ގެއްލިގެން ދިޔަ އެވެ.
“ދޮންތަބޭ! ދޮންތި ކޮބާ؟ ފެނިއްޖެތަ؟” ހަނާ ދުވަމުން އައިސް އެހި އެވެ.
“އެބަ އާދޭ.”
“ދޮންތަބޭ. ހަނާ ގެ ފޮޓޯ އެއް ނަގައިދީބަ. ޕްލީޒް!”
“މިގަޑީ ހުރެވޭކައް ނެތޭ. ސޮރީ އިނގޭ. ދޮންތި އަންނާނޭ އިރުކޮޅަކުން.”
ހަފްލާ ނިމި އެންމެން ގެއަށް ދިޔަ އެވެ. ވެފައި ހުރި ވަރުބަލިން އެރޭ އެންމެންނަށް ނިދުނީ ވަރަށް ވެސް އަރާމު ކޮށެވެ.
އެއްރެއެވެ. ރަނާ އާއި މަޔާން އޮތީ ގޯތިތެރޭ ހުރި އޮދޯލި ތަކުގަ އެވެ. އެހެން އޮއްވައި މަޔާންގެ ފޯނު ރިންގުވާން ފެށި އެވެ.
“ކާކު؟” މަޔާން ފޯނު ކަންފަތާއި ދުރުކޮއްލުމުން ރަނާ އަހައިލި އެވެ.
“ނާއިލް. ކޮފީ އަކައް ހިނގާބަލަށޯ. ވަރަށް ދުވަސް ވެއްޖެއް ނޫންހޯ ދިމާނުވާތާ. އަންނާނަން ގޮސްލާފަ.” މިހެން ބުނެފައި މަޔާން ނުކުމެގެން ދިޔަ އެވެ.
“މަންމާ! ތިއްތަގެ ވެޑިން ވެސް ނިމުނީނު. އަހަރެން މިހާރު މިހެން ހުންނަތާ ވެސް ވަރަށް ދުވަސް ވެއްޖެއްނު. މި ވިސްނަނީ މިއަންނަ ހަފްތާގަ ވަޒީފާ އަށް ނުކުންނަން ފަށަން.” މަންމަގެ ކޮޓަރީގައި މަންމަ ކައިރީ އޮށީވެލައިގެން އޮވެ މިންހާ ވާހަކަ ދެއްކި އެވެ.
“އާނ. ރަނގަޅު ހިޔާލެއް ތިއީ. ދަރިފުޅު ވެސް ތިހެން ހުންނަން ފެށީމަ ފޫހި ވެސް ވާނެއްނު.” ރިޝްފާ ބުންޏެވެ.
“މާޔާ ނުލާ ކޮން ވާހަކަ އެއް ދައްކަނީ؟” ކޮޓަރި ދޮރު ހުޅުވައިލި ގޮތަށް މާޔާ ބުންޏެވެ.
“މާޔާ ވެސް އައިސްބަލަ.” މިންހާ ގޮވައިލި އެވެ.
“ސަޕްރައިޒެއް އެބަ އޮތޭ!” މާޔާ އެނދުމަތީ އިށީންދެލަމުން ބުންޏެވެ. “އަހަރެން ނާސިން ޑިގްރީ އިން ޕާސްޑް!”
“ކޮންގްރެޖުލޭށަންސް”މިންހާ އުފަލުން މާޔާ ގައިގައި ބައްދައިލި އެވެ. ރިޝްފާ ވެސް ހުރީ ވަރަށް އުފާ ވެފަ އެވެ. އެވަގުތު ހަސަން ވެސް ކޮޓަރިއަށް ވަނެވެ.
“ދަރިފުޅާ! މަރުހަބާ!” ހަސަން ބުންޏެވެ.
“ޝުކުރިއްޔާ ބައްޕާ”
“އަދި ކިޔެވުން ހުއްޓައިލަމާކައް ނުވޭ އިނގޭ.” ވިސްނައިދޭ ރާގެއްގައި ހަސަން ބުންޏެވެ.
“ބައްޕާ! އަޅުގަނޑު ބޭނުންވަނީ ވަޒީފާ އަށް ދަމުން ކިޔަވަން. އޭރަށް އަޅުގަނޑާ ދޮންތިއާ ވޯކް ކުރާނީ އެއްތާކު.” އުފާވެފައި ހުރެ މާޔާ ބުންޏެވެ.
“މައްސަލައެއް ނެތް. ދަރިފުޅު ބޭނުން ގޮތެއް. ދެން އެހެންވީމާ ވަޒީފާގެ ކަންކަން ހަމަޖައްސަން އުޅެންވީ ދޯ.” ހަސަން ހެމުން ބުންޏެވެ.
“ލައްބަ. ދޮންތި ވެސް ޖޮބް އަށް ދާން ފަށަން ވާނީ މާޔާ އެއްކޮށް.”
“އޯކޭ. ހިނގާބަލަ ތިއްތަ ކައިރީ ބުނަން. ކޮބާތަ މިންނާއާ ހަނާ؟” މިންހާ އާއި މާޔާ ދުވެފައި ކޮޓަރިން ނުކުމެގެން ދިޔަ އެވެ.
“ކިހިނެއް؟” އިށީންނަމުން މަޔާން މުހާތަބު ކުރީ ކުރިމަތީ އިން ނާއިލްއަށެވެ.
“ރަނގަޅު. ކައޭ ކިހިނެއް؟ އެންމެން ކިހިނެއް؟” ނާއިލް ވާހަކަ ދެއްކީ އާދައިގެ ގޮތަކަށެވެ. މަޔާން އިނީ ފާޑަކަށް އުނދަގޫވެފަ އެވެ.
“މަ ވެސް ރަނގަޅު. އެމެން ވެސް ރަނގަޅު. ޖޮބް ކިހިނެއް؟”
“ސަޅި. މިކޮޅުން ޖޮބް ހަމަޖެހިގެން އައިސް އުޅޭތާ ދުވަސް ކޮޅެއްވެދާނެ.” ނާއިލް ބުންޏެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު އަނެއްކާ ވެސް ވާހަކަ ދެއްކި އެވެ. “މިން ކިހިނެއް؟”
-ނުނިމޭ-
