ލޯބި-22
*ޖެހިގެން އައި ދުވަސްތަކުގައި މިންހާ ގުޅުމުން ވެސް ނާއިލް ފޯނެށް ނުނަގައެވެ. މެސެޖު ކުރަމުން ވެސް ޖަވާބެއް ނުދެ އެވެ. އޭނާ އެއްވެސް ވަރަކަށް މިންހާ އާއި ވާހަކަ ދައްކާކަށް ބޭނުމެއްނުވި އެވެ. މިންހާ ހުރީ އެކަމާ ވަރަށް ބޮޑައް ހިތުގައި ޖެހިފަ އެވެ.
*7 އަހަރު ފަސް*
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އަރައިވަލް އިން ނުކުމެގެން ދިޔަ ހުދު އަތްދިގު މަތިކޮޅަކާއި މަޑު ނޫކުލައިގެ ޖީންސެއް ގައި އިސްތަށިގަނޑު މިނިވަންކޮށް ދޫކޮށްލެވިފައި ހުރީ އަންހެން ކުއްޖާ ޓްރޯލީ އެއް ކޮއްޕަމުން ދިޔައިރު އެތައް ބައެއްގެ ނަޒަރު އެ އަންހެން ކުއްޖާ އަށް ހުއްޓިފައި ވިއެވެ.*
“ހަލޯ. މިހުރީ ނުކުމެ.” ފޯނުނަގައި ކޮންމެ ވެސް މީހަކައް ގުޅައި ލުމަށްފަހު އެކުއްޖާ ބުންޏެވެ.
ފަހަތުން މީހަކު ކޮނޑުގައި ޖަހައިލުމުން އެކުއްޖާ ފަސް އެނބުރި ބަލައިލި އެވެ. އެއާއިއެކު ރީތި ހިނިތުން ވުމެއް އެކުއްޖާގެ މޫނު މައްޗަށް ވެރިވި އެވެ.
ކަޅު ގަމީހެއްގައި އަތުކުރި އޮޅައިލައިފައި ވީއިރު އޭނާ ފެންނަލެއް ފުރިހަމަ އެވެ. ރާޅުބާނީ އިސްތަށިގަނޑު އޮތީ ރީތިކޮށް ފުނާ އަޅައިފައެވެ. އޭނަގެ ދެލޯ ވަނީ އަވި އައިނަކުން ފޮރުވައިލެވިފަ އެވެ. އޭނާ އެ އަންހެން ކުއްޖާގެ އަތުން ޓްރޯލީ އަތުލުމުން އެއީ އެ އަންހެން ކުއްޖާގެ ކޮންމެވެސް ގާތް މީހެއްކަން އިނގެ އެވެ.
“ހާދަ ތަފާތުވެއްޖޭ މިހާރު. 7 އަހަރު އަހަރެމެންނަށް ފެނިވެސް ނުލާ. ހަމަ މިސް ވެސް ނުވީދޯ.” ފިރިހެން މީހާ ބުންޏެވެ.
“މަޔާން ވެސް ހާދަ ތަފާތޭ. ވަރަށް މިސް ވެސް ވި. އަންނަން ވެސް ހިތައް އެރި. އެކަމަކު ހަމަ އެހެން ތަންތަން ބަލާލަން ދާ ހިތްވީ. ވަރަށް ރީތި މައުންޓެންތައް ވެސް.” އެކުއްޖާ ރީތި ހިނިތުން ވުމަކާއި އެކު ވާހަކަ ދައްކަމުން ދިޔަ އެވެ.
“ނަމުންތަ ކިޔާނީ؟ މިހާރުމީ ޅިޔަނެއްނު. ހިނގާ އަވަހަށް ދާން ލޯންޗު އޮންނާނީ ރެޑީގަ.” ފިރިހެން މީހާ ހެމުން ބުންޏެވެ. ދެމީހުން އެކުގައި ގޮސް ކާރަކަށް އެރި އެވެ.
“މަންމާ! މަންމާ! ލަސްވަނީއޭ. ހިނގާ އަވަހައް ދާން!” މައިހާ ގޮވައިލި އެވެ. އޭނާ ހުރީ ކެތްތެރިކަން ކުޑަ ވެފަ އެވެ.
“އާނ. ހިނގާ އަވަހައް ދާން. ލަސް ވެގެންނުވާނެ.” ރިޝްފާ ގެއިން ނުކުންނަމުން ބުންޏެވެ.
ގޭގެ އެންމެން އިންތިޒާރުގައި ތިއްބައި ބަނދަރުން ހުދު ކުލައިގެ ލޯންޗެއް ވަދެގެން އައެވެ. އެންމެން އުފަލުން ލޯންޗު ގާތްކުރި ދިމާލައް ދިޔަ އެވެ.
ލޯންޗުން ފެއިބީ އެއްކަލަ އަންހެން ކުއްޖާ އާއި މަޔާން އެވެ. ދެމީހުންގެ މޫނު މަތީގައި ވެސް ވަނީ އުފާވެރި ހިނިތުން ވުމެކެވެ.
“މިހުރީ މީނާ ވެސް ގެނެވިފަ.” މަޔާން ބުނެލި އެވެ.
“މަގޭ ދަރި. ހާދަ ދުވަސް ކޮއްފައޭ މިފެނުނީ. ދަރިފުޅު ރަނގަޅުތަ؟” އެންމެންނަށް ވުރެން ވެސް ކުރިން މަރިޔަމް ގޮސް އެކުއްޖާ ގައިގައި އޮޅުލައިގަތެވެ.
“މާމާ! އަހަރެން ރަނގަޅޭ. މާމަ ރަނގަޅުތަ؟” އެކުއްޖާ ވެސް އުފާވެފައި އަހައިލި އެވެ.
“މާމަ ކިހިނެއް ރަނގަޅުވާނީ. ދަރިފުޅު ތިޔަ އުޅުނީ މާމަމެނައް ފެނިވެސް ނުލާން.” މަރިޔަމްގެ ލޮލުންވަނީ އުފާވެރިކަމުގެ ކަރުނަ ހިިފަ އެވެ.
އެކުއްޖާ ހީލާފައި ރިޝްފާ ކައިރިއަށް ދިޔަ އެވެ. ހަސަންއަށް ވެސް އޭރު އެމީހުންނާއި އަރާ ހަމަ ކުރެވުނީ އެވެ.
“ދަރިފުޅު ދެން އެއްވެސް ތާކަށް ގޮސްގެންނުވާނެ. ބައްޕަމެން ކައިރީ ރަށުގަ ހުންނަންވާނީ. ރަށުގަ ހޮސްޕިޓަލުވެސް އެހުރީ އަޅާ ނިމިފަ. ދަރިފުޅު ދެން މަސައްކަތް ކުރާނީ އެތާ.” ހަސަން އެކުއްޖާގެ އަތުގައި ހިފައިލަމުން ބުންޏެވެ. ރިޝްފާ ވެސް ދަރިފުޅު ފެނުމުން ހުރީ އުފަލުން ރޮވިފަ އެވެ.
“އާދެވިއްޖެ ދޯ؟” އުފާވެރި ހިނިތުން ވުމަކާއި އެކު މައިހާ އާއި ރާނާ އައިސް އެކުއްޖާ ކައިރިއައް ހުއްޓުނެވެ.
“އާނ. ދެން އަންނާކައްނު ޖެހޭނީ. މަގޭ ދައްތަ މީހަކާ އިންނަނީވިއްޔާ.” ހެމުން އެކުއްޖާ ބުންޏެވެ.
“މައިހާ ވެސް މަޑުނުކުރި ނަމަ މިން އެއް ނުހުންނާނޭ.” ރަނާ ބުންޏެވެ. “އަހަރެން ވެސް އަންނާށޭ ބުނީމަ ވެސް ނައި ވިއްޔާ.”
“މިން ހަމަ އަހަރެންގެ ވެޑިންނަށް ނާންނަންށޭ.” މަޔާން އައިސް އެކުދިން ކައިރީ ހުއްޓި ލަމުން ބުންޏެވެ. މިންހާ ހީލި އެވެ.
“ދެން މިތާ ތިބެނީތަ. މިންހާ ގޮވައިގެން ގެއައްދާން ހިނގާ. ވަރުބަލިވެފަ އެއްނު ހުންނާނީ.” ހަސަން ފޮށިތައް ހިފައިގެން ހިނގައިގަންނަމުން ބުންޏެވެ.
ގެއެއް ދެވުމާއި އެކު މިންހާ ފެންވަރައިގެން ނިދަން އޮށޯތެވެ. އެތައް އަހަރުތަކަކަށް ފަހު އަމިއްލަ ފަސްގަނޑުގައި އަމިއްލަ ގެއައް އާދެވުމުން އޭނާ ހުރީ ވަރަށް ބޮޑައް ހިތްހަމަ ޖެހިފަ އެވެ.
މިންހާ އައް ހޭލެވުނީ މައިހާ ގޮވުމުންނެވެ. އޭރު ރޭގަނޑު ހަތެއް ޖަހަނީ އެވެ.
“މިން ތެދުވެބަލަ. އަވަހައް ރީތި ވެގެން ނިކުމެބަލަ. މިން ދެކޭ ހިތުން މީހަކު އައިސް އެބަހުއްޓޭ.” މައިހާ ބުނަމުން ދިޔަ އެވެ.
މިންހާ ރީތި ވެލައިގެން ގޭތެރެ އަށް ނުކުތެވެ. ގޭތެރެ އަށް ހީވަނީ ތޫފާނެއް އަރައިފައި ވާހެންނެވެ. ކަރުދާސްތަކާއި އޭތި މީތި އެވެ. ސިޓިންރޫމު ތެރޭގައި އެންމެން އެކި ކަންކަމުގައި މަސްއޫލުވެ އުޅުނެވެ.
“މިން! އަވަހަށް އާދޭ.” މިންހާ ފެނުމުން ރަނާ ގޮވައިލި އެވެ. މިންހާ ގޮސް ރަނާ ކައިރީ އިށީންދެލި އެވެ.
“މީކޮންނަމެއް؟” ސިޓިންރޫމު ތެރެއަށް ނަޒަރު ހިންގާ ލަމުން މިންހާ އަހައިލިއެވެ.
“މީ؟ މިއީ މައިހާގެ ވެޑިން އަށް ރެޑީ ވަނީއޭ.” ރަނާ ހީލަމުން ބުންޏެވެ. “މިން ނާންނަމެއްނު އަހަރެންގެ ވެޑިން އަކަށް.”
“ކިހިނެއް އަންނާނީ؟ ހާދަ ބިޒީއޭ.”
“ބުނެލި ނަމަ މިން ބޭނުން ދުވަހަކަށް މަޑު ވެސް ކުރީސް.” މަޔާން ބުންޏެވެ.
“ދެން އަހަރެން އަންނަންދެން މަޑުކުރި ނަމަ.” މިންހާ ސަމާސާ ރާގަކަށް ހީލަމުން ބުންޏެވެ.
“ކިހިނެއް އެހެން ތިބޭނީ. މިން ކައިރީ އާހާލައިރައް ބުނާނެ އާދެވޭނެ ދުވަހެއް ނޭނގޭ. އެހެން ކިޔަމުން ގޮސް މެލޭޝިޔާ މީހަކާ މެރީ ކޮއްގެން މެލޭޝިއާގެ މަޑުވެސް ކޮށްފާނެ. އެރައް އަހަރެމެންނަށް ވަނީ ކިހިނެއް.” މަޔާން ވެސް ސަމާސާ ކޮއްލީ އެވެ. އެންމެން ހޭންފެށި އެވެ.
“ކޮބާތަ އަހަރެމެންގެ ޑރ؟”
އެންމެން އެއްފަހަރާ ދޮރާއި ދިމާލައް ބަލައިލި އެވެ. މާބޮނޑި އެއް ހިފައިގެން ފުޅާ ހިނިތުން ވުމަކާއި އެކު ހުރީ ރީހާން އެވެ.
“މިހުރީ. އަވަހައް ވަދޭ.” މަޔާން ބުންޏެވެ.
“މިން ކެތްގަދަ އެއްނު. 7 އަހަރު ވަންދެން އެހެން ގައުމެއްގައޭ އުޅުނީ. މީ އަހަރެމެންގެ ޑރ.މިންހާ ހަސަން އަށް.” މާބޮނޑި ދިއްކޮށްލަމުން ރީހާން ބުންޏެވެ.
“ޝުކުރިއްޔާ.”
“މިން ދެން އުޅޭނީ ރަށުގަ ދޯ. އަހަރެން ހޮސްޕިޓަލް އިން މިން އަށް ޖޮބް ވެސް ހަމަޖައްސައިފިން.” ރީހާން ދިއްކޮށްލީ ސިޓީ އުރަ އެކެވެ.
މިންހާ އަވަސް އަހައް އެއަށް ބަލައިލި އެވެ. ރީހާން ބުނީ ތެދެކެވެ. އޭނާގެ ވަޒީފާ ވަނީ ހަމަޖެހިފަ އެވެ.
“އެކަމަކު އިންޓަވިއު…؟” މިންހާ ހައިރާން ވެފައި އަހައިލި އެވެ.
“އިންޓަވިއު މިން މާދަން ވެސް ދާންވީ ބޭނުމިއްޔާ. އެކަމަކު ޖޮބް ފަށައިގެން ނުވާނެ ވެޑިން ގެ ކުރިން.” ރީހާން ބުންޏެވެ.
“އޯކޭ. ރީހާން ހާދަ ރަނގަޅޭ. މަންމާ. ބަލާބަލަ އަހަރެންގެ ޖޮބް ހަމަޖެހިފައޭ މިއޮއްތީ.” މިންހާ އުފަލުން ގޮސް ރިޝްފާ އަށާއި ގޭގެ އެންމެންނަށް ދެއްކި އެވެ.
“މިން އައީމަ ރީހާން މިން ވެސް ސްޕޮއިލް ކޮއްލަނީ ދޯ.” މައިހާ ހިނިތުން ވުމަކާއި އެކު ބުންޏެވެ.
“ކީއްކުރާނީ؟ މިން ފެނިފަ ހަމަ ސްޕޮއިލް ކޮއްލާ ހިތްވަނީ. ބަލާބަލަ 23 އަހަރު ވީއިރު ވެސް ވައްތަރީ ކުޑަ ކުޑަ ކުއްޖަކާއޭ.” ރީހާން އައިސް މިންހާގެ ކޮލުގައި ހިފައިލި އެވެ.
“މާޔާ މެން ކޮބާތަ؟ އެމީހުން ކޮންތާކު؟” މިންހާ ވަށައިގެން ކަޅި ހިންގާ ލަމުން އަހައިލި އެވެ.
“އެމީހުން ވެއްޖެ ހެދުން ފަހަން ގޮސް. މީނާގެ ހެދުން ވެސް ފަހަން ދޭން ބުނިން އެމީހުން ކައިރީ.” ރިޝްފާ ބުންޏެވެ.
ގޭތެރެ ވަނީ މުޅިން ހަލަބޮލި ވެފަ އެވެ. މީހުން ކޮޅު ކޮޅަށް ދުވަނީ އެވެ. ގޭތެރެ ވަނީ ނޫކުލައިގެ މާތަކުން ޒީނަތްތެރި ކުރެވިފަ އެވެ. ސިޓިންރޫމު މެދުގައި ބޮޑު މޭޒެއް މަތީ ހުދު ފޮތިގަޑެއް އަޅައިފައިވީއިރު މޭޒުގެ މެދުގައި ބޮޑު މާބޮނޑިއެއް ބަހައްޓައި ފައި ހުއްޓެވެ. ވަށައިގެން އިށީންދެވޭނެހެން ގޮޑިޖަހައިފައިހުއްޓެވެ.
“އަދިވެސް މައިހާ ތައްޔާރުވެ ނުނިމޭތަ؟ އިރުކޮޅަކުން މީހުން އަންނާނެ.” ހަސަން ހުރީ ހާސްވެފަ އެވެ. އެއްވެސް ކަމެއް ގޯސްކޮށް ހިނގައިފާނެތީއެވެ. މިންހާ ދޭބަލަ މައިހާ ކޮބައިތޯ ބަލަން.”
“މާޔާ ދޭ އަވަހައް ތިއްތަ ގޮވައިގެން އަންނަން. ރީހާންގެ އާއިލާ މީހުން އައިސި. ޢާޒީ ވެސް އައިސި.” ރިޝްފާ ބުންޏެވެ.
އިރުކޮޅަކުން މިންހާ އާއި މާޔާ އައެވެ. ފަހަތުން މައިހާ ވެސް އައެވެ. ހުދުކުލައިގެ ބޮޑު ވެޑިން ޑްރެސް ގައި އޭނާ ހީވަނީ ޕަރީއެއްހެންނެވެ. މޭކަޕް ކޮއްފައި ވުމުން އޭނާ އިތުރައް ރީތިކަމަށް ދައްކައެވެ.
މައިހާ ލަދުން އިސްޖަހައިލައިގެން ހުރީ އިރު ރީހާން އަށް ހުރެވުނީ ކަޅި ޖަހައި ނުލާ މައިހާ އަށް ބަލަހައްޓައިގެންނެވެ. ރީހާން ހުރީ ހުދު ގަމީހެއްގެ މަތިން ކަޅު ކޯޓެއް ލައިފަ އެވެ.
މައިހާ އައުމުން ޢާޒީ ކައިވެނީގެ ހުތުބާ ފެށިއެވެ.
“އަނބި ގަބޫލުކޮއްގިން” މިއާއި އެކު އެންމެން އަތްތިލަބަޑި ޖަހަންފެށި އެވެ. އަދި އެކަކު އަނެކަކަށް މަރުހަބާ ކިޔަން ފެށި އެވެ. އިރުކޮޅެއް ކުރިން ހިމޭނުން އޮތް ގޭތެރެ ހަލަބޮލިވި އެވެ.
“ތިއްތާ! ކޮންގްރެޖުލޭށަންސް.” މިންހާ އާއި މާޔާ އައިސް ކުޑަކޮށް މައިހާ ގައިގައި ބައްދައިލި އެވެ.
“ފައިނަލީ! ރީހާން އަހަރެމެންގެ ޅިޔަނަށް ވީ.” މިންނާ އައިސް އެކުދިން ކައިރިއައް ހުއްޓިލަމުން ބުންޏެވެ. އެންމެން ހޭންފެށި އެވެ.
“މިމީހުންގެ ސަކަރާތެއް ނުނިމޭނެ ދުވަހަކީވެސް. އެކުއްޖާ ފަކީރު އެއިންނަނީ ލަދުންނޭ.” ރީހާންގެ މަންމާ އައިސް ބުނެލި އެވެ. އެމީހުންނަށް ވަގުތު ކޮޅެއް ދީފައި މިންހާމެން ދުރައް ދިޔަ އެވެ.
އިރުކޮޅަކުން އެންމެން ކައިވެނީގެ ހަފްލާ ބާއްވަން ހަމަޖެހިފައިވާ މާލަމަށް ދިޔަ އެވެ. އެތަން ވެސް ވަނީ އެކި ނޫކުލައިގެ މާތަކުންނާއި ފޮތިތަކުން ޒީނަތްތެރި ކުރެވިފަ އެވެ. މައިހާ އާއި ރީހާން މެހެމާނުންނަށް މަރުހަބާ ކިޔަން ދޮރުކައިރީ ކުޑަ ސްޓޭޖެއްް ހަދައިފައި ޒީނަތްތެރި ކޮއްފައި ހުއްޓެވެ. އެކިހިސާބުގައި މޭޒު ބަހައްޓައި ގޮނޑި އަތުރާފައި ހުއްޓެވެ. ކޮންދިމާލަކުން ވެސް ފެންނަނީ ފުރިހަމަ ކަމެވެ.
-ނުނިމޭـ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
