ގާތުގާ… 32
ކުޑަކޮށް މައްޗަށް ހިއްލިފައިވީ ޓީޝާޓުގެ ކޮޅުގެ ސަބަބުން ޒާނާގެ މެދުހަށިން ބޮޑު ބައެއް ވަނީ ހާމަ ވެފައިވީ ތަނަށް އަހަރެންގެ ދެ ކަޅި ގޮސް ހުއްޓުނެވެ. އެހިނދު އިހުސާސް ތަކަށް ވާން ވެލިއެވެ.. ހިއްސުތައް ސަލާމަތުން ހުރި ފިރިހެނަކަށް ވީތީ އަދި ހިތުލޯބީގެ ގާތުގައި ގޮތަށް އިންނަން ޖެހުމުން ހިތް އަވަސްވާން ފެށީ ތިޔަހެން ހެނެއް ނޫނެވެ. ރުވާފައި ދޫކޮށްލި ތީރު ތަކެއް ފަދައިން މަސްތުގެ ތީރުތައް އަހަރެންގެ ހިތަށް އިސާހިތަކު ހެރެން ފެށިއެވެ.
*******
އަހަރެންގެ ހާވިޔާވަމުން، މަގު އޮޅެމުން ދިއަ ހިއްސުތައް ހަމަ މަގަށް އެޅުވީ ރިންގް ވާން ފެށި އަހަރެންގެ ފޯނެވެ. އަހަރެން ކަނާއަތުން ޖީބުގައި އޮތް ފޯނު ނަގައި ބަލައިލީމެވެ. ގުޅަމުން ދަނީ އާކިފްއެވެ. ވަރަށް މުހިއްމު ކަމަކު ނޫނީ މިފަދަ ގަޑިއެއްގައި އާކިފް ނުގުޅާނެކަން އަހަރެންނަށް އެނގުނެވެ. އެހެން ކަމުން ޒާނާ ކައިރީގައި އިނދެވެސް އަހަރެން އާކިފްގެ ފޯނަށް ޖަވާބު ދޭން ނިންމީމެވެ.
” ހަލޯ………” އަހަރެން ފޯނު ނެގީމެވެ.
” ސާރ… އެނގޭދޯ އެމް.ޕީ ރުހާމް މިކޮޅުގަ އެބައުޅޭކަން…؟” އާކިފް ސީދާ ޕޮއިންޓަށް އެންމެ ފުރަތަމަ ވެސް ދިއައެވެ.
” ހޫމް…….” އަހަރެން ކުރު ޖަވާބެއް މަޑުމަޑުން ދިނީމެވެ.
” ޕާޓީ ކޮށްފަ މިހާރު ވީ ރޫމް ނަންބާރ 202 ގަ. އަންހެން އަދި ފިރިހެން ދެޖިންސުގެ މީހުން މަސްހުނި ވެގެން ބަދު އަޚުލާގީ އަމަލު ހިންގަމުން ދާ ކަމުގެ މައުލޫމާތު ކަށަވަރު ވެއްޖެ…” އާކިފް ބުނެލިއެވެ.
” ވަރަށް ގިނަ އަދަދެއްގެ ރަލާ ޑްރަގްސްއާއި އެކު….” އާކިފް އިތުރަށް ބުނެލިއެވެ.
” ހޫމް………؟” އަހަރެން އާކިފްގެ ވާހަކަތައް ކަނުލައި އަޑު އަހަމުން ގެންދިޔައީމެވެ. ޒާނާގެ ގާތުގައި އިނުމުން އިތުރު ވާހަކަތަކެއް ވެސް އަހަރެން ނުދައްކައި ކުރު ޖަވާބަކުން ނިއްމައިލަމުން ދިޔައީމެވެ. އާކިފްއަށް ވެސް އަހަރެންގެ ބަހުރުވަ ތަރުޖަމާ ކުރެވުމުން ދިއުމުން އިތުރު ތަފްސީލު އަހަރެންނަށް ދެމުން ދިޔައީ އަހަރެން އެނގެން ބޭނުން ވާނެ ފަދަ މަޢުލޫމާތުތައް ހިއްސާ ކުރަމުންނެއެވެ.
” އަދިވެސް އިތުރު އިސްވެރިންގެ ބައެއް ވެސް އެކޮޓަރީގައި މަސްތުގެ ހާލުގައި ތިބެ ޕާޓީ ކުރަމުން، ބަދުއަޚުލާގީ އަމަލު ހިންގަމުން ދާ ކަމަށް މައުލޫމާތު ލިބުނީ…. ” އާކިފް އިތުރަށް އޮޅުން ފިލުވައި ދިނެވެ.
” ހޫމް…..” އަހަރެން ވިސްނައިލީމެވެ.
“ސަމުސަލަށް އަރާފަ އޮތީ…….” އާކިފް އަހަރެންގެ ބަހަކަށް ނުސީދާކޮށް އެދުނެވެ.
“ހަމައެކަނި ސާރގެ ބަހެއް ބޭނުންވަނީ…. އެހިސާބުން އެނިމުނީ…..” ބޭނުން ވަނީ އަހަރެންގެ ބަހެއްކަން އެވަރުން އަހަރެންނަށް އެނގުނެވެ.
“ސާރ….. ކިހިނެތް ތޯ ހަދަންވީ….؟ ޝައުކަތު އަންކަލްއަށް އަންގާލަން ވީތޯ….؟” އަހަރެންގެ ޖަވާބެއް ނުލިބި ގިނައިރު ވާން ފެށުމުން އާކިފް އަހައިލީ ކެތްތެރިކަން ކުޑަ ރާގެއްގައެވެ.
“ނޯ……….ލީވް އިޓް…..” ވިސްނައި ލުމަށް ފަހު އަހަރެން ބުނެލީމެވެ.
” ސާރ ޔަޤީން ތޯ….؟” އާކިފްގެ އަޑުގައި އުފެދުނު ހައިރާން ކަން އަހަރެންނަށް ފާހަގަ ވިއެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އަހަރެން ބޭނުންވާ ފަދަ ދަނޑިވަޅެއް މިއޮތީ ފެނުން މައްޗަށް އަރައިފައެވެ. އެ ފުރުސަތުގެ ބޭނުން ނުހިފަންވީ ސަބަބެއް ނެތެވެ. ނަމަވެސް މިވަގުތު އަހަރެންނަށް ބޮޑަށް މުހިންމީ ޒާނާގެ ހާލު ރަނގަޅު ވުމެވެ. މިއީ ރަނުގެ ފުރުސަތެއް ކަން އެނގި ހުރެވެސް އަހަރެން އެ ފުރުސަތު ދޫކޮށްލަން ނިންމީ މިވަގުތަށް އަހަރެންގެ ހުރިހާ ސަމާލު ކަމެއް ހަމައެކަނި ޒާނާއަށް ބަހައްޓަން ބޭނުން ވާތީ އެވެ. އަދި ރުހާމް ކަހަލަ މީހެއްގެ ކައިރިން މިފަދަ އެތަކެއް ފުރުސަތުތަކެއް އަދިވެސް ކުރިއަށް އޮތްތާވެސް ލިބޭނެކަން ޔަޤީން ވާތީއެވެ.
” ޔާ…. ޔަޤީން ހަމަ…” އަހަރެން ބުނީމެވެ.
” އޯކޭ……..” އާކިފް ފޯނު ބޭއްވިއެވެ. އަހަރެންނަށް އާކިފްގެ އެންމެ ކަމުދާ ސިފައަކީ އަހަރެންގެ ކޮންމެ ނިންމުމަކަށް އިޚްތިރާމް ކުރުމެވެ. ކިޔަމަންތެރި ވުމެވެ. އަދި އެ ވެސް އިތުރު އެއްވެސް ސުވާލަކައި ނުލައެވެ.
އަހަރެން ފޯނު ބާއްވަމުން ޒާނާއަށް ބަލައިލީމެވެ. އޭރު ފުން ނިދީގެ ތެރެއަށް ޒާނާ ގެނބެމުން ދަނީއެވެ. ޒާނާ ހަމަޖެހި ފުން ނިދީގެ ތެރެއަށް ގެންބިގެން ދިއުމުން އަހަރެން ޒާނާގެ ބަނޑުން އަތް ނެގީމެވެ. އަދި ޒާނާގެ ޓީޝާޓު ރަނގަޅު ކޮށްލަމުން ރަޖާގަނޑު ގައިގާ ރަނގަޅަށް އަޅައިލަދީ ރަނގަޅު ކޮށްލަ ދިނީމެވެ. އަހަރެން އެނދުން ތެދުވެ ހިނގައިގަތް ވަގުތު ޒާނާ އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. ޒާނާ އޮތީ ނިދާފައި ނޫންކަން ވެސް އަހަރެންނަށް އެނގުނީ ދެނެވެ. އަހަރެން ފަސްއެނބުރި ބަލައިލުމުން ޒާނާ ވެސް އަހަރެންނަށް ބަލައިލަމުން އެނދުގައި އިށީނުމަށް ބޮލުން އިޝާރާތް ކޮށްލިއެވެ.
” ދާން ޖެހުނީތަ….؟” ޒާނާ އަހައިލިއެވެ.
” ނޫން…” އަހަރެން ކުރު ޖަވާބެއް ދިނީމެވެ.
” މިހާރު ކިހިނެތް…؟” އަހަރެން އެނދުގައި އިށީންނަމުން ސުވާލު ކޮށްލީމެވެ.
” ކުޑަކޮށް ރަނގަޅު……” ޒާނާ އެއޮތް ގޮތަށް އޮވެ މަގަތަށް އެނބުރިލައި އަހަރެންނަށް ކުރިމަތި ލަމުން ބުނެލިއެވެ.
” ތެންކިއު އައިސްދިނީތީ……ސޮރީ އުނދަގު ކުރެވުނީތީ ވެސް… ” ޒާނާ އަހަރެންނާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ދެމީހުންނަށް ވެސް އެކަކު އަނެއްކަކުގެ ދެލޮލަށް ގެއްލިފައި ތިބެވުނެވެ. އެ ރީތި ހިނދުކޮޅަށް ނިމުމެއް ނާންނަން އެކަކުވެސް ބޭނުން ނުވާ ކަހަލައެވެ. ޒާނާގެ ހާލު ތަންކޮޅެއް ރަނގަޅު ވީތީ އަހަރެންނަށް ހަމްދު ކުރެވުނެވެ. އަހަރެން ޒާނާގެ ނިތްކުރީގައި އަތް ޖައްސައި ހުން ގަދަތޯ ބަލައިލީމެވެ. ހުންވެސް ވަރަށް ބޮޑުތަން މަޑުކޮށްލައިފައި ވުމުން އަހަރެން ވަރަށް ބޮޑަށް ހިތްހަމަ ޖެހުނެވެ.
” ނޫން…. އުނދަގުލެއް ނުވޭ….އެއްޗެއް ކާން ވީނުން…..” އަހަރެން އަހައިލީމެވެ. ނަމަވެސް ދެ ފަރާތަށް ބޯ ހޫރައި ލަމުން ޒާނާ ދެކޮޅު ހެދިއެވެ. ކާހިތެއް ނެތް ކަމުގައި ބުނެލިއެވެ. އަދި ފިކުރަކަށް ގެއްލިފައި ކަހަލަ ގޮތަކަށް އޮތެވެ.
” އެހެންވިއްޔާ ކޮންމެވެސް އެއްޗެއް ބޯލަން ވީނުން….” މިފަހަރުވެސް ޒާނާ އަހަރެންގެ އެދުމާއި ދެކޮޅު ހެދިއެވެ. ކަންބޮޑުވެފައި ކަހަލަ ގޮތަކަށް އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެން އޮތް ގޮތުން އަހަރެންގެ ހިތުގައިވެސް ސުވާލުތަކެއް އުފެދެން ފެށިއެވެ.
” ކިހިނެތްވީ ޒާނާ….؟” އަހަރެން އެންމެ ފަހުން އަހައިލީމެވެ.
” ކަމެއް ނުވޭ…..” ޒާނާ މަސްނޫޢީ ހިނިތުން ވުމެއް އަހަރެންނަށް ދެމުން ބުނެލިއެވެ. މޫނުމަތީގައި ހުރި ކުލަވަރު ފޮރުވަން މަސައްކަތް ކުރިއެވެ. އަހަރެންނަށް ދެ ފަރާތަށް ބޯހޫރައި ލެވުނީ ޒާނާގެ އެ ވާހަކަ ޤަބޫލު ނުކުރަމޭ ބުނެލާ ފަދަ ގޮތަކަށެވެ.
” ޒާނާ…. ބުނެބަލަ… ކިހިނެތް ވީ އަސްލު…..” އަހަރެން އަހައިލީމެވެ.
” އަސްލުވެސް ނުވޭ އެއްވެސް ކަމެއް….” ޒާނާ އަނެއްކައިވެސް ދެކޮޅު ހެދިއެވެ.
” ޒާނާ… އެނގެއޭނުން އަހަރެންނަށް އެބަ އެނގޭކަން ޒާނާ ތިހަދަނީ ތެދެއް ނޫންކަން….”
” ދެން ކީއްވެ ދޮގުހަދަނީ….ކޮން ކަމެއް ސިއްރު ކުރަނީ….؟ ” އަހަރެން އޯގާތެރިކަމާއި އެކު ވިސްނައި ދިނީމެވެ. އެއީ ޒާނާ އަބަދުވެސް ކޮށް އުޅޭ ކަމަކަށް ވާތީ އެއީ އާ ކަމަކަށް އަހަރެންނަކަށް ނުވިއެވެ. އަހަރެން ކަންބޮޑު ވެދާނެތީ ޒާނާ ހިތުގައި ހުންނަ ވަރަށް ގިނަ އެއްޗެހި ނުބުނަން އުޅެއެވެ. މާޒީގެ ހަނދާން ތަކެއް ލޮލުގެ ކުރިމަތިނެ ދުވެލި ކަމުގައި ވިޔަސް އަހަރެންނަށް ޒާނާ ކަމެއް ސިއްރު ކުރަން މަސައްކަތް ކުރަމުން ދާކަން އެނގުމުން ކަންބޮޑުވުމެއް ވެސް އުފެދެން ފަށައިފިއެވެ.
” ޒާނާ…. ބުނެބަ…. އަހަރެން ރުޅިއެއް ނާންނާނަމޭ ކޮންމެ ވާހަކައެއް ޒާނާ ބުންޏަސް….” އަހަރެން ޔަޤީން ކަން ދިނީމެވެ. އޯގާތެރި އިސްކުރީމެވެ.
” ނަވީން………” ހިންދިރުވައިލަމުން ޒާނާ އަހަރެންނަށް ބަލައިލިއެވެ. އަހަރެން އެނދުގައި ރަނގަޅަށް އިށީނދެލީމެވެ. އަދި ޒާނާ ބުނަން އެއުޅޭ އެއްޗަކަށް އަހަރެންގެ ސަމާލުކަން އެއްކޮށް އަނބުރައިލީމެވެ.
” އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން……” މޫނުމަތީގައިވީ ބަލިކަމާއި އެއްވަރަށް ހާސްކަން ވެސް އެމޫނު މަތިން އިސާހިތަކު ފާޅުވާން ފަށައިފިއެވެ. ޒާނާ ދޭން އެއުޅެނީ ރަނގަޅު ޚަބަރެއް ނޫންކަމުގެ އިންޒާރުތައް އަހަރެންގެ ހިތުން އޭރު ދޭން ފަށައިފިއެވެ.
” އަސްލު މިހާރު މާ ލަސްވެސް ވެއްޖެ ކަންނޭނގެ ބުނަން …..” ޒާނާ އަހަރެންނާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. އަހަރެންގެ ހިތް އަވަސްވާން ފެށީ ޒާނާ ބުނަން އެއުޅޭ ވާހަކައެއް ނޭނގިގެންނެވެ.
“އަސްލު މިހާރު ބުނުމުގެ ބޭނުމެއް ވެސް ނެތް ކަންނޭނގެ……” ޒާނާ ތެދުވެ އިށީނދެލައި އެނދުގެ ހެޑް ބޯޑްގައި ލެނގިލިއެވެ. އަހަރެންނާއި ޒާނާއާއި ދޭތެރޭގައިވީ ފޫޓެއްގެ ދުރުމިނާއި މި ފިނިފިނި ރޭ ވެސް މާހައުލަށް ވެރިވަމުން ދިޔަ އުދާސްކަން ކުޑަވާ ގޮތެއް ނުވިއެވެ. ބޯކުރަމުން ދިއަ ވިއްސާރައާއި އެކު ދުރު ދުރުން އިވެމުން ދިޔައީ ގުގުރީގެ އަޑެވެ.
” ޒާނާ ރީތިކޮށް ބުނެދީބަ. ކިހިނެތްވީ…..” ދަންބެރަށް ވުރެން ތަގުޑި ދިގުވާން ފެށުމުން އެވާހަކަ ބުނަން ޒާނާއަށް ނުކެރިގެން އުޅޭހެން އަހަރެންނަށް ހީވިއެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލާން ފެށިއެވެ. ޒާނާގެ އެ އިސްޖަހައިލުމުގައިވީ އަމިއްލަ ނަފްސު ކުށްވެރި ކުރުމޭ އަހަރެންގެ ހިތް ގޮވަން ފެށީ ކީއްވެގެން ކަމެއް އަހަރެންނަކަށް ނޭނގުނެވެ. އިސާހިތަކު ނުކިއްސަރު ޙިޔާލުތައް ވެސް އަހަރެންގެ ހިތަށް ވެރިވާން ފަށައިފިއެވެ. އަނެއްކާވެސް ޒާނާ އަހަރެންނަށް ގެއްލެނީ ހެއްޔެވެ….؟ ހަތް އަހަރަށްފަހު ދިމާވިތާ އަދި ސައުވީސް ގަޑިއިރު ނުވެއެވެ. މިފަހަރު އަހަރެމެން ދެމެދަށް އެޅެން މިއުޅެނީ ކޮން ހުރަހެއް ހެއްޔެވެ.؟
” ނަވީން……” ޒާނާ އަހަރެންނަށް ބަލައިލިއެވެ. ޒާނާގެ ކޮންމެ ބަހެއް އަހަރެން ކަނުލައި އަޑު އަހަން ތައްޔާރުވީމެވެ. ދިމާވާން އެއުޅޭ ތޫފާނާއި ވެސް ކުރިމަތިލާން ނިންމީމެވެ. ޒާނާއަށްޓަކައި އަހަރެން އަދިވެސް ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނަމެވެ. ނަމަވެސް އަހަރެންނަށް އެއް ކަމެއް ޔަޤީނެވެ. އެއީ ދެން ކޮންމެ ފަދަ ހާލެއްގައިވެސް އަހަރެންގެ އަތުން ޒާނާ ބީވިޔަކަ ނުދޭނަމެވެ.
އަހަރެންނަށް ނޭނގުނީ ޒާނާ ދެން ހާމަ ކުރަން އެއުޅޭ ހަޤީޤަތުގެ ސަބަބުން އަހަރެންގެ މުޅީ ދުނިޔެ އެފުށް މިފުށަށް ޖެހޭނެ ކަމެވެ. އެ ހަޤީޤަތް ފާޅު ނުވި ނަމައޭ އަހަރެންގެ ހިތަށް އަރާނެ ކަމެވެ. އަދި އެ ހަޤީޤަތުގެ ސަބަބުން އަހަރެންގެ ހިތް ފޮތިފޮތި ވެ ޒަޚަމް ވާނެ ކަމެވެ. ކުރިން ލިބުނު ފަދަ ޒަޚަމްތަކަކުން އަހަރެންގެ މުޅި ހިތް ކަތިލެވޭނެ ކަމެވެ.
ނުނިމޭ

