ގާތުގާ… 33
އަހަރެންނަށް ނޭނގުނީ ޒާނާ ދެން ހާމަ ކުރަން އެއުޅޭ ހަޤީޤަތުގެ ސަބަބުން އަހަރެންގެ މުޅީ ދުނިޔެ އެފުށް މިފުށަށް ޖެހޭނެ ކަމެވެ. އެ ހަޤީޤަތް ފާޅު ނުވި ނަމައޭ އަހަރެންގެ ހިތަށް އަރާނެ ކަމެވެ. އަދި އެ ހަޤީޤަތުގެ ސަބަބުން އަހަރެންގެ ހިތް ފޮތިފޮތި ވެ ޒަޚަމް ވާނެ ކަމެވެ. ކުރިން ލިބުނު ފަދަ ޒަޚަމްތަކަކުން އަހަރެންގެ މުޅި ހިތް ކަތިލެވޭނެ ކަމެވެ.
***********
“ނަވީން… އަހަރެން ރުހާމް….. ރުހާމްއާއި އިން އިރުވެސް ބަނޑު ބޮޑު…….” އެއީ ފުރަތަމަ ވިދުވަރު ބިމަށް ފޯރި ވަގުތެވެ.
” ނަވީންގެ ދަރިއަކަށް……..” ޒާނާ އިތުރު ކޮށްލިއެވެ. އިތުރަށް ސާފު ކޮށްދިނެވެ. ބާރު ހޮނު ގުގުރީގެ އަޑު އައީ އެހިނދުއެވެ. އޭރު އަހަރެންގެ ދުނިޔެ ހުއްޓިއްޖެއެވެ. ނުވަތަ އަހަރެންގެ ދުނިޔެ އެފުށް މިފުށަށް ޖެހިއްޖެ އެވެ. ޒާނާ ހާމަ ކޮށްލި ހަޤީޤަތާއި އެކު އަހަރެންނަށް ހުއްޓުން އަރާފައި އިނދެވުނެވެ. ސިކުނޑި ސުމަކަށް ދިޔައެވެ. ވިސްނަންވީ ކިހިނެތް ކަމެއް، ކޮން އެއްޗެއް ކަމެއް އަހަރެންނަކަށް ނޭނގުނެވެ. ޒާނާގެ ދުލުން އެ ބޭރުވީ އަހަރެން ހިތަށް ވެސް އަރުވާފައި ނުވާ އަދި އަންދާޒާވެސް ކޮށްލާފައި ނުވާ ކަމެއްގެ ވާހަކަ އެވެ.
” އަހަރެންނަށްވެސް އެގުނީ މާފަހުން…..”
” ރުހާމްއާއި އިންވެސް ފަހުން……” ފުރަތަމަ ކަރުނަތިކި ޒާނާގެ ކޯތާފަތުގައި ފިރުކިލާފައި އައިސް ޒާނާގެ އުނގުތެރެއަށް ވެއްޓުނެވެ.
” އެއީ………….. އަހަރެމެންގެ ބޭބީ……….” ޒާނާ ގިސްލަމުން އަހަރެންގެ އަތުގައި ހިފައިލިއެވެ.
“ރުހާމް މަރައިލީ…………” އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔައީ ހޮނު ގުގުރިއެއް ފަދައިން ޒާނާގެ ބަސްތަށް އަހަރެންގެ ކަންފަތާއި ހަމައަށް އައުމުންނެވެ. އެ ކުޑަ މައުސޫމު ފުރާނަ ރުހާމްގެ ދެއަތުން މަރައިލީ ހެއްޔެވެ؟ އެއީ ހަމަ އެހާވެސް ނުލަފާ ޖައްބާރު ހައިވާނަކީ ހެއްޔެވެ؟
” ނަވީންގެ ބޭބީއެއް ކަން އެނގުނީމަ މަރައިލީ……….” ގިސްލައި ރޮމުން ޒާނާ ބުނަމުން ދިޔަ ކޮންމެ ބަހެއް، ރުވާފައި ދޫކޮށްލި ތީރު ތަކެއް ފަދައިން އައިސް އަހަރެންގެ ހިތަށް ހެރެމުން ދިޔައެވެ. ހިތްވަރު ގަދަ ކަމަށް އެންމެން ދެކުނު އަހަރެންގެ ހިތުގައި ޖެހެމުން ދިއައެވެ. ހިތުގައި އުފެދެމުން ދިޔަ ހިތްދަތިކަން އެހެން ސިފައެއް ޚިޔާރު ކުރަން ފެށިއެވެ. ރުހާމްގެ މައްޗަށް އޮތް ނަފްރަތުގެ ވަކިތަށް ދިގުވާން ފެށިއެވެ. އަހަރެންގެ ދަރިފުޅަށްޓަކައި ބަދަލު ހިފުމުގެ ރޫޙް ހިތުގައި ވަކިހިއްޕަމުން ދިއައެވެ.
” ބޭސް ތަކެއްވެސް ގަދަކަމުން ދީފައި ….. އަހަރެން…. އަހަރެން ސިޑިންވެސް ވައްޓާއިލީ…..” ޒާނާގެ ކޮންމެ ޖުމްލައެއް ވައިކަފާފައި އައިސް އަހަރެންގެ ހިތަށް ހެރެމުން ދިއައެވެ. އެއާއި އެކު ޒާނާގެ ލޮލުން އޮހޮރެމުންދާ ކޮންމެ ކަރުނަ ތިއްކެއް ވެގެން ދިއައީ އަހަރެންގެ ހިތުގައި ރުހާމްއަށް އޮތް ރުޅިވެރި ކަމާއި ނަފްރަތުގެ އަލިފާނަށް އެޅެމުންދާ ދަރުތަކެއް ފަދައިންނެވެ.
ޒާޏާގެ ކޮންމެ ޖުމްލައެއް އަހަރެންގެ ނުއުފަން ދަރިފުޅަށާއި އެ ދަރުފުޅުގެ މަންމައަށް ވެފައިވީ އަނިޔާވެރިކަން ހާމަ ކުރަމުން ދިއައެވެ. ޒާނާ ހިތްހަމަ ޖައްސަން ބުނަންވީ އެއްޗަކަށް ވުރެން ބޮޑަށް އަހަރެންނަށް ވިސްނެމުން ދިއައީ ޒާނާގެ ބަނޑުގައި އޮވެ، މަރުވެ ދިއަ އަހަރެމެން ދެމީހުންގެ ލޯބީގެ ނިޝާނާއި ދޭތެރޭގައެވެ. ދުނިޔެއަށް ނޭވާލުމުގެ ފުރުސަތު ވެސް ނުދީ ގަނޑު ލޭކޮޅެއް ސިފައިގައި ވަނިކޮށް ނުބައިވެގެންވީ އިފުރީތަކު އެ މައުސޫމު ފުރާނަ ޤަތުލު ކޮށްލި އަނިޔާވެރި ގޮތެވެ. އަދި އެދަރިފުޅުގެ މަންމައަށް ވެފައިވީ އަނިޔާވެރި ކަމެވެ. އިހުމާލެވެ. ހަތް އަހަރު ފަހުން ޒާނާއާއި ބައްދަލުވެ ސައުވީސް ގަޑިއިރު ނުވެ ހާމަ ވަމުން މިދާ ހަޤީޤަތް ތަކުގެ ސަބަބުން އަހަރެންގެ ދުނިޔެ ހަމަ ރަނގަޅަށް ވެސް ހުއްޓިއްޖެއެވެ. ތަޤުދީރު މިކުޅެނީ ކޮންކަހަލަ ކުޅިގަނޑެއް ބާއެވެ.؟ މިކުރަނީ ކޮންފަދަ ނުބައި ސަމާސާއެއް ހެއްޔެވެ؟
“ސޮރީ….” އިސްއުފުލައި އަހަރެންގެ މޫނަށް ބަލައިލަމުން ޒާނާ ބުނެލިއިރު ވެސް ގިސްލެވެމުން ދިއައެވެ.
” އަހަރެންނަށް އަހަރެންގެ ދަރިފުޅު ހިމާޔަތެއް ނުކުރެވުނު……” ޒާނާ އަހަރެންގެ މޭގައި ބޯ ޖައްސައިލިއެވެ. އެތަށް ފަހަރަކު މާފަށް އެދުނެވެ. ޒާނާއަށް އެ ހާދިސާގެ ސަބަބުން ކޮށްފައިވީ އަސަރު އަހަރެންނަށް ރީއްޗަށް ތަސައްވަރު ކުރެވުނެވެ. އަހަރެން ޒާނާގެ ބޮލުގައި ފިރުމައިލީމެވެ. ޒާނާއަށް މިވަގުތު ބޭނުންވަނީ ލޯތްބާއި ހިމާޔަތާއި އޯގާތެރި ވާނެ ދެއަތް ކަން އެނގޭތީއެވެ. އެއަންހެން ކުއްޖާ އެކަނިމައި އެކަނި ވަރަށް ގިނަ ކަންކަން ތަޙަންމަލު ކޮށްފިއެވެ. ނަމަވެސް ދެން އެއްވެސް ކަމެއްގައި ޒާނާ އެކަނި ކުރިމަތި ލާކަށް ނުޖެހޭނެއެވެ. ޒާނާއަށް ކުރިމަތިވާ ކޮންމެ ކަމެއްގައި އަހަރެން ޒާނާއާއި އެންމެ ގާތުގައި ހުންނާނަމެވެ. ހިތުގައި އުފެދިފައިވީ ހިތްދަތިކަމާއި ރުހާމްއަށް އޮތް ރުޅިވެރިކަން އަހަރެން ޒާނާއަށް ފޮރުވީމެވެ.
އަހަރެންގެ ދަރިފުޅާއި އެ ދަރިފުޅުގެ މަންމައަށް އަނިޔާވެރިވި މީހާއަށް އަހަރެން ދުވަހަކުވެސް މާފެއް ނުކުރާނަމެވެ. އެފަދަ ނުބައި ނުލަފާ މީހަކަށް މާފް ކުރުން ވެސް ވާނީ ” މާފް” އެބަހަށް ވެސް ކުރާ މަލާމާތަކަށެވެ. މާފް ކުރުން އެއްކިބައިގައި ބާއްވާފައި އެފަދަ މީހަކު ހަމަޖެހިގެން ދުނިޔޭގައި ދިރިއުޅެން ފުރުސަތު ދެވިދާނެ ހެއްޔެވެ؟ ހަމަ ގައިމުން ވެސް އަހަރެންނެއް ނުދޭނަމެވެ.
” ޒާނާ…. މިކަމުގަ ޒާނާގެ އެއްވެސް ކުށެއް ނެތް…..” އަހަރެން ޒާނާ ގެނެސް ގަޔާލައި ބޮނޑިކޮށްލަމުން ބުނީމެވެ.
” ނޫން…. މިއީ ހަމަ އަހަރެންނާއި ހެދި ވީހާ ގޮތް ގޮތް.. އެދުވަހު އަހަރެން ނަވީން ދޫކޮށް ނުލި ނަމަ މިއަދު އަހަރެމެންގެ ދަރިފުޅު ދުނިޔޭގަ ހުރީސް….” ވެދިޔަ ކަންތަކާއި ޒާނާ އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރަމުން ދިއައެވެ.
” ޒާނާ…. ޒާނާއަށް ދިމާވި އެއްވެސް ކަމެއްގައި ޒާނާގެ އެއްވެސް ކުށެއް ނެތް … އެއީ އެދުވަހު ތަޤުދީރު ނިޔާކުރިގޮތް… އެކަން ހަނދާން ބަހައްޓައްޗޭ…..” އަހަރެން ޒާނާގެ ބޮލުގައި ބޮސްދެމުން ބުނީމެވެ. ނަމަވެސް އަހަރެންގެ ބަސްތަކަކުން ވެސް އެ ނަފްސަކަށް ތަސައްލީއެއް ނުލިބުނެވެ.
“ޒާނާ … ދެން ހުއްޓާލާ…..” ޒާނާގެ ރުއިމުންވެސް އެދެލޮލުން އޮހޮރެމުން ދިއަ ކަރުނަ ތިކިތަކުން ފޯވަމުން ދިއަ އަހަރެންގެ ޓީޝާޓުގެ މޭމަތިން އުފެދެމުން ދިއައީ ރުހާމްއަށްޓަކައި އިތުރަށް ނަފްރަތެވެ.
” ޒާނާ… ބަލާބަ…” އަހަރެން ޒާނާއާއި ގަޔާއި ދުރު ކޮށްލަމުން ޒާނާގެ މޫނަށް ބަލައިލީމެވެ. ކަރުނައިން ފޯވެފައިވީ ދެލޮލާއި ކޯތާފަތުން ޒާނާއަށް ކޮށްފައިވީ އަސަރު ވަރަށް ރީއްޗަށް ހާމަވާން ހުއްޓެވެ. ޒާނާގެ ހަޔާތުގައި ވެ ނިމިފައިވީ ހުރިހާ ކަމެއް އަހަރެންނަށް އެނގި ސާފުވެފައިވީ ކަމުގައި ވިޔަސް ޒާނާގެ ހަޔާތުގެ އަޑިގުޑަން ރާސްތާ ޒާނާގެ ދުލުން ކިޔައިދެންދެން އަހަރެން ވަރަށް ކެތްކުރަން ޖެހޭނެކަން އަހަރެންނަށް އެނގުނެވެ.
” ހޭ…. ޒާނާ… ދޫނީ… ހުއްޓާލަބަލަ…. ” އަހަރެން ޒާނާގެ ކޯތާފަތުގައި ދެއަތުން ހިފައިލަމުން ބުނީމެވެ. ނަމަވެސް ޒާނާގެ ރުއިމަކަށް ބަދަލެއް ނައެވެ. އެ ރުއިމުގައިވީ ހިތްދަތިކަމާއި ވޭނެވެ. ގިސްލަ ގިސްލާފައި ރޮމުން ދިއަ ގޮތުން އަމިއްލަ ނަފްސު ކުއްވެރިކުރަމުން ދަނީކަން އަހަރެންނަށް އެނގުނެވެ. އެރުއިމުން އެތަށް ދުވަހެއް ވާންދެން ހިތުގައި ފޮރުވާފައިވީ ވޭނާއި ހިތްދަތިކަން ބޭރު ކުރަމުން ދާ ކަހަލައެވެ. އެ ރުއިމުގެ ހުރިހާ ކުލައެއް އަހަރެންނަށް ތަރުޖަމާ ކުރެވެމުން ދިއައެވެ.
އަހަރެން އަނެއްކައި ވެސް ޒާނާ މެޔާލައި ބޮނޑިކޮށްލީމެވެ. އަދި އޯގާތެރި ކަމާއިއެކު އެބޮލުގައި ފިރުމަމުން ދިއައީމެވެ. ޒާނާގެ ހިތުގައި އުފެދިފައިވީ އުދާސްކަން ބޭރު ވުމަށް އަހަރެން ފުރުސަތު ދިނީމެވެ. ހިތް ފުރޭންދެން ރޯލުމުން އެހިތަށް ތަސައްލީއެއް ލިބިދާނެ ކަމަށް އުއްމީދު ކުރީމެވެ.
ވަރަށް ގިނައިރު ރުމަށް ފަހު ޒާނާ ހަމައަކަށް އެޅެން ފެށިއެވެ. ގިސްލުމުގެ އަޑު މަޑުވާން ފެށިއެވެ. އަހަރެން ކުޑަކޮށް ޒާނާ ގަޔާއި ދުރު ކޮށްލައި އެ މޫނަށް ބަލައިލީމެވެ. ރޮއެރޮއެ ރަތްވެފައިވީ މޫނުމަތީގައިވީ ވަރުބަލި ކަމެވެ.
” ހޭއި…. އޯކޭތަ މިހާރު…؟” އަހަރެން އަހައިލީމެވެ. ޒާނާ މަޑުމަޑުން ބޯޖަހައިލިއެވެ.
” ސޮރީ…. ވަރަށް ބޮޑަށް ސޮރީ ހުރިހާ ކަމަކަށްވެސް….” ޒާނާއަށް އަނެއްކައި ވެސް ރޮވޭގޮތް ވިއެވެ.
” ހޭއި..ހޭއި… ދެން ނުރޮއްޗޭ …..އިނގޭ….” އަހަރެން އަވަސް އަވަހަށް ޒާނާގެ މޫނުގައި ހިފަހައްޓައިލަމުން ބުނީމެވެ.
“ޒާނާ….. އަހަރެން މިބުނާ ވާހަކަ ރަނގަޅަށް ހަނދައިން ބަހައްޓައްޗޭ އިނގެ…. ދަރިފުޅުގެ ކަންތަކުގައި ވެސް އަދި މީގެ ހަތް އަހަރު ކުރިން އަހަރެމެން ދެ މީހުންގެ ދެމެދުގައި ހިނގައިދިޔަ އެއްވެސް ކަމެއްގައި ވެސް ޒާނާގެ އެއްވެސް ކުށެއް ނެތް… އަހަރެމެން ދެމީހުންގެވެސް ކުށެއް ނެތް…. އެކަމާއި އަމިއްލަ ނަފްސު ކުށްވެރި ނުކުރައްޗޭ އިނގޭ……” އަހަރެން ޒާނާގެ ނިތްކުރީގައި އަހަރެންގެ ނިތް ޖައްސައިލަމުން މޫނާއި މޫނު ނުހަނު ގާތް ކޮށްލަމުން ބުނީމެވެ.
” އެއީ އެދުވަހު ތަޤުދީރު ނިޔާކުރިގޮތް…. އެތަށް ދުވަހަކަށްފަހު ވެސް އަހަރެމެން ދެމީޙުން މި ބައްދަލުވީ ޒާނާ އަހަރެންނަށް ލިބެން ހުރީތީ ކަންނޭނގެ…..” އަހަރެން ބުނެލީމެވެ.
” އަހަރެމެން ދެމީހުން އެކަކު އަނެއްކަކު ދެކެ ކިތަންމެ ލޯބިވި ކަމުގައި ވިޔަސް އެ ދުވަހު އަހަރެމެން ދެމީޙުންނަށް ވަކިވާން މަޖުބޫރުވީ އަހަރެމެން ދެމިހުން ދިމާވި ވަގުތު ރަނގަޅު ނުވީމަ ކަންނޭނގެ……” އަހަރެން ޒާނާއަށް ވިސްނައި ދިނީމެވެ.
” ޒާނާ….. ކޮންމެ ކަމެއްވެސް ވާނީ ސަބަބު ތަކަކާއި ލައިގެން އެކަން އަބަދުވެސް ހަނދާން ބަހައްޓައްޗޭ…..” އަހަރެން ޒާނާގެ މޫނަށް ބަލައިލަމުން ބުނީމެވެ. އަހަރެންގެ ވާހަކަތަށް އަޑުއަހަން އިނދެ ޒާނާ އަހަރެންނަށް ބަލައިލަމުން ބޯ ޖަހައިލިއެވެ.
ޒާނާ ވަރަށް ބޮޑަށް ހަމަޖެހިލުމުން އަހަރެން ޒާނާ އެނދުގައި ބޭއްވީމެވެ. އަދި ނިދައިލުމަށް ބުނީމެވެ. ވަރަށް ބަސްއަހައިގެން ޒާނާ ދެލޯ މަރައިލިއެވެ. އަދި ހަމަ އެހާ އަވަހަށް ލޯ ހުޅުވައިވެސް ލައިފިއެވެ.
” ކިހިނެތްވީ…؟” އަހަރެން އަވަސް އަވަހަށް އަހައިލީމެވެ..
” މިރޭ މަޑުކޮށްލެވިދާނެތަ…؟” އެއަޑުގައި ވީ ބޭޤަރާރުކަން އަހަރެންގެ ހިތް އެކަށް ވިރުވައިލި ކަހަލައެވެ. އަހަރެން އަވަސް އަވަހަށް ބޯ ޖަހައިލީ ޒާނާގެ އެދުމާއި އެއްބަސް ވުމުގެ ގޮތުންނެވެ.
ދެން ހަމަހިމޭން ކަމުގައި ޒާނާ ލޯ މަރައިލައިފިއެވެ. ރުއިމާއި ހުމުގެ ސަބަބުން ހަށިގަނޑަށް ވެރިވެފައިވީ ވަރުބަލި ކަމުގައި ޒާނާ ވަރަށް އަވަހަށް ނިދައިފިއެވެ.. ޒާޏާއަށް ރަނގަޅަށް ނިދުނުކަން ޔަޤީން ކޮށްފައި އަހަރެން އެނދުން ތެދުވީމެވެ. އަދި އައިސް ކުޑަދޮރުގެ ކައިރީގައި އެކަކަށް އިށީނދެވޭނެ ގޮތަށް ހުރި ސޯފާގައި އަހަރެން ޒާނާއަށް ފުރަގަސް ދެމުން އިށީނީމެވެ.
ވަރަށް ގިނަ ފަހަރު ވަރަށް ގިނަ ގޮތް ގޮތަށް އަހަރެން ވިސްނީމެވެ. ޒާނާއާއި އަހަރެންގެ ދަރިފުޅަށް
ދިން އަނިޔާގެ ބަދަލު ރުހާމްގެ ފުށުން ކޮންމެވެސް ސިފައެއްގައި ނަގަން އަހަރެންގެ ހިތް ހަޅޭލަވަމުން ދިއައެވެ. އެ ކުށް ކުރެވުނު މޮޔަ ރުހާމްގެ ހިތަށް އަރާވަރު ކޮށްލަން އަހަރެންގެ ޒަމީރު އެދި ގޮވަމުން ދިއައެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ އަހަރެންގެ ފުރަތަމަ ދަރިފުޅެވެ. ދުނިޔެއަށް ނޭވާ ލާނެ ފުރުސަތު މީހެއްގެ އަނިޔާވެރި ކަމުން ނުލިބުނު ކަމުގައި ވިޔަސް އެއީ އަހަރެންނަށް ބައްޕައެއްގެ ލަޤަބު ދިން ފުރާނައެވެ.
ވަރަށް ވިސްނުމަށްފަހު އަހަރެން ގޮތެއް ނިންމީމެވެ. އަހަރެން ޖީބުން ފޯނު ނަގަމުން އާކިފްގެ ނަންބަރަށް ގުޅައިލީ އިތުރަށް އެންމެ ސިކުންތެއްވެސް ބޭކާރު ކުރުމެއް ނެތިއެވެ. ދެވަނަ ރިންގާއި އެކު އާކިފް ފޯނު ނެގިއެވެ.
” ކޮންތާކު ތިހުރީ…..؟” އަހަރެން ވަގުތު ބޭކާރުކުރުމެއް ނެތި ސުވާލު ކޮށްލީމެވެ.
ނުނިމޭ

