ގާތުގާ… 31
ފާހާނާއަށް ވަދެ ފެންވަރާލައިގެން ނިކުމެ އަހަރެން އެނދުގައި އޮށޯވެލީ މެވެ. މޭމައްޗާއި ހަމައަށް އޮޅާލެވިފައިވީ ތުވާލި ކޮޅާއިއެކު އަހަރެން އޮތީ ނިދާހެދުން ލުމަށްވެސް ކަންނެތް ވެފައި ހުރިވަރުންނެވެ. ޕާޓީގައި އެވަރަށް ތެޅިތެޅިފައި ހުރުމުންނާއި ވާރޭގައި ތެމުމުގެ ސަބަބުން އަހަރެން ހުރީ ވަރަށް ވަރުބަލިވެފައެވެ. އެނދުގައި ޖެހުމާއިއެކު ދެލޮލަށް ނިދި ސަވާރުވީ ކިހިނެތް ކަމެއްވެސް ނޭނގެއެވެ. ނިދީގެ ފުންކަމުގެ ތެރެއަށް އަހަރެން ގެނބިގެން ދިއައީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ.
*******
އަހަރެންނަށް ހޭލެވުނީ ބަނޑުގައި ރިއްސައި ގަނެގެންނެވެ. ބޮލުގައި ކެނޑި ނޭޅި ގަދައަށް ރިހެމުން ދިޔަކަންވެސް އަހަރެންނަށް ރޭކައިލީ އެ ހިނދުއެވެ. ގަޔަށް ވެރިވެފައިވީ ވަރުބަލި ކަމާއި އެކު މުޅި ގައިގާ އިންތިހާއަށް ރިއްސަމުން ދާތީ އަހަރެން ބަލި ވެއްޖެކަން އަހަރެންނަށް ދޭހަވިއެވެ. ބޮލުގައި އަޅަމުން ދިއަ ވޭނުގެ ސަބަބުން ބޯ ހިއްލާލާނެހައި ވަރުވެސް ނެތިފައި އަހަރެންނަށް އޮވެވުނެވެ. ދެލޮލުން ދިލަ ނަގަމުން ދިއުމާއިއެކު ކަރުގައި ރިއަސާވަރުން ހީވަނީ ކަރުގައި އެއްޗެއް ތާށި ވެފައި އިންހެނެވެ. އޭރު މީހާ ހުމާއި ފިހެނީ އެވެ. ބަނޑުގައި އިންތިހާއަށް ރިހެމުން ދިއަ ގޮތުން މައްސަރު ކަންތަށް ލައިގަންނަނީ ކަން އަހަރެންނަށް އެނގުނެވެ. ވަރަށް ހިތްވަރު ކޮށްފައި އަހަރެން އެނދުން ތެދުވީމެވެ. ގައިގާ އޮޅައި ލެވިފައިވީ ތުވާލި ކޮޅު ނައްޓާއިލަމުން، އަހަރެން މަޑު ފޮތީގެ އަރާމު ޕިޖާމާއެއް ލީމެވެ. އަދި ޕެޑެއްވެސް ޖަހައިލީ މައްސަރު ކަންތަކަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެހިނދު ދެން ގައިގާ އިތުރު ހަކަތައެއް ނެތުމުގެ ސަބަބުން އެނދު މައްޗަށް ވެއްޓި ގަނެވުނީ ކަމެއް ނުވަތަ އެނދު މައްޗަށް ދެމުނީ ކަމެއް އަހަރެންނަކަށް ނޭނގެއެވެ. . ތެދަށް ބުނަންޔާ ދެމުނީ އެވެ. ހަމަ އެވަގުތު އެނދުމަތީގައި އޮތް ފޯނު ވެސް ދިއްލިގެން އައީ މެސެޖެއް އައި އަޑާއި އެކުގައެވެ.
” ހާއި……….” ނަންބަރު ފެނުމާއިއެކު އެއީ ނަވީންގެ ނަންބަރުކަން އަހަރެންނަށް ޓަސް ލައިފައި އެނގުނެވެ. ވެފައި ހުރި ހުން ބުރާންތީގައި ވެސް އަހަރެންގެ ހިތާއި މުޅި ނަފްސު ވެސް އެވަރު ދެނެގަތީ ނުހަނު އަވަހަށެވެ. އިނގިލިތައް ފޯނުގައި ހިންގައި ލެވުމާއިއެކު އަހަރެންނަށް އެ ނަންބަރަށް ގުޅައި ލެވުނީ ނަވީން ފޮނުވި މެސެޖަށް ޖަވާބު ދިނުމަށް ހިތަށް ވެސް ނާރުވައެވެ. ނުވަތަ އަޅަމުން ދިޔަ ވޭނުގެ ސަބަބުން އެވަރު ވިސްނައިވެސް ނުލެވުނީއެވެ.
” ހެލޯ…………..” ފުރަތަމަ ރިންގުން ނަވީން ފޯނު ނެގިއެވެ. ހީވި އަހަރެން ނުގުޅައިގެން ހުރިހެންނެވެ. އެއަޑުގައި އެކުލެވިގެންވީ ހައިރާންކަން އަހަރެންނަށް ފާހަގަ ވިއެވެ.
“ނަ….. ނަވީން…..” އަހަރެންނަށް ބަލި އަޑަކުން ގޮވައި ލެވުނެވެ.
” ޒާނާ….. ކިހިނެއް ވީ….؟” ހާސްކަން އެ އަޑަށް ވެރިވީ، އަހަރެންގެ އަޑުގައި ހުރި ބަލިކަން ފާހަގަ ވުމުންނެވެ.
” ބަލިވީ………” އުނދަގުލުން ކަހަލަ ގޮތަކަށް އަހަރެންނަށް ބުނެވުނެވެ.
” އާދެވިދާނެތަ……….؟” ބޮލުގައި އަޅަމުން ދިޔަ ވޭނާއި ބަނޑުގައި އިންތިހާއަށް ރިއްސަމުން ދިއުމުގެ ސަބަބުން އަހަރެންނަށް އިތުރު އެއްވެސް ކަމަކާއި ވިސްނައި ނުލައި އެހީއަކަށް އެދެވުނެވެ. މީހެއްގެ އެހީ ތެރިކަން އިންތިހާއަށް ބޭނުން ވެފައިވީތީއެވެ. އަދި ހަމަ އެހެންމެ އެ ދަނޑިވަޅުގައި އަހަރެންނަށް އެންމެ ކައިރިން ފެނުނު މީހަކީ ވެސް ނަވީން ކަމަށް ވާތީއެވެ.
“މިދަނީ………” ޖަވާބު އައީ އަހަރެން ހީވެސް ނުކުރާހާ އަވަހަށެވެ. އަވަސް އަވަހަށް އެހެން ބުނެލަމުން ނަވީން ފޯނު ބޭއްވިއެވެ.
*********
ޗެޕްޓާ 12
ނަވީން
އެންމެ ފުރަތަމަ އަތުގައި ޖެހުނު ކަޅު ކުލައިގެ އަތް ކުރު ޓީޝާޓް ބޮލަށް މަހައިލަމުން އަހަރެން ކޮޓަރިން ނިކުތީމެވެ. ހަލުވި ފިޔަވަޅު ތަކެއްގައި ޒާނާގެ ކޮޓަރިއާއި ދިމާއަށް އަހަރެން މިސްރާބު ޖެހިއިރު އަހަރެންގެ ހިތް ފުރި ބަންޑުން ވަމުން އައީ ހާސްކަމާއި ކަންބޮޑުވަމުންނެވެ. ވަރަށް ސަކަރާތް ވެގެން ވަރަށް ގޯސްވެގެން ނޫނީ އެގޮތަށް އަންނަން ޒާނާ ނުބުނާނެކަން އަހަރެންނަށް ކަށަވަރެވެ. .
ވަރަށް ލަސްވާންދެން މަސައްކަތެއްގައި އަހަރެންނަށް އިނދެވުނީ ލޮލަށް ނިދި ނައިސްގެންނެވެ. މެންދަމު އަލިވެ އެކެށް ޖަހައި ބޮޑުވި ފަހުން އަހަރެން އެންމެ ފަހުން އެނދުގައި އޮށޯވެލީ ނިދޭތޯ އެވެ. އަހަރު ތަކަކަށްފަހު މިއަދު ޒާނާއާއި ބައްދަލު ވުމާއި ދެން ހިނގައި ދިޔަ ކަންކަމާއި އެ ހަނދާން ތަކުން ހިތަށް ކެތް ނުވެގެން އަހަރެންނަށް ޒާނާއަށް މެސެޖު ކޮށްލެވުނީ މިރޭގެ އިރާކޮޅު ޒާނާގެ ހިތުގައި އޮތް ކަންބޮޑުވުން އަހަރެންގެ އެ މެސެޖު ހެނދުނު ފެނުމުން އެހިތުން ކަންބޮޑު ވުމާއި ހާސްކަން ފިލާނެ ކަމުގެ އުންމީދުގައެވެ. އެހެން ނަމަވެސް ފޮނުވާލި އެންމެ މެސެޖަކާއި އެކު ތަޤުދީރު ކުޅުނީ އެހެން ކުޅި ގަނޑެކެވެ. ކޮށްލީ އެހެން ސަމާސާ އެކެވެ. ކުޅިބައި އަތުރައިލީ ވިސްނުމަށް ވެސް ގެނެވިފައި ނުވާ ގޮތަކަށެވެ. ޒާނާގެ ކުރިމަތީގައި ހުންނަން ޖެހުނު ވަގުތު ތަކުގައި އަމިއްލަ ނަފްސުގެ ކޮންޓްރޯލް ގަދަކަމުން ހޯދަން ޖެހުނީތީ، އިތުރު ގޯހެއް ހެދުމުގެ ކުރިން ޒާނާ އަވަސް އަވަހަށް ގެނެސް ކޮޓަރިއަށްލީ މީހާއަށް އަނެއްކާ މިއޮތީ ޒާނާގެ ކުރިމައްޗަށް ދާން ޖެހިފައެވެ. އެ އިހުސާސް ތަކާއި ކުރިމަތި ލާން ޖެހިފައެވެ.
ތުނިކޮށް ވެހެމުން ދިޔަ ހިމަފޮދު ވާރޭގެ ތެރޭގައި ކުޑަކޮށް ދުވެލާފައި ކަހަލަ ގޮތަކަށް އަހަރެން ގޮސް ޒާނާގެ ކޮޓަރީގެ ދޮރުމަތީގައި ހުއްޓިލީމެވެ. ޒާނާގެ ކޮޓަރީގެ ދޮރުގައި ޓަކިދިން އިރު އަހަރެންގެ ހިތް ތެޅޭވަރުން ހީވީ މޭގެ ތެރެއިން ފުންމާލާފައި ނިކުމެދާނެ ހެންނެވެ. ޒާނާ ދޮރު ހުޅުވަން ނެގި ދެ މިނެޓު ވެސް އަހަރެންނަށް ސިފަވީ ދެ ޤަރުނު ފަދައިންނެވެ.
ދެ މިނެޓެއް ވަރު ފަހުން ޒާނާ ދޮރު ހުޅުވިއެވެ. އެ މޫނު މަތީގައިވީ އިންތިހާ ވަރުބަލި ކަމެވެ. ދެލޯ ރަތް ވެފައި ވީވަރުން ހުމާއި ފިހެނީކަން އިތުރަށް ބުނެދޭކަށް ނުޖެހުނެވެ. އަހަރެން އަވަސް އަވަހަށް އެތެރެއަށް ވަދެ ދޮރު ލައްޕައިލަމުން ޒާނާގެ އަތުގައި ހިފައިލީމެވެ. އެއަތުގައި އަތް ލެވުނު ހިނދު ސިއްސައިގެން ދިއައީ ހޫނު ކަމުންނެވެ. އިތުރު ކަމަކަށް އަހަރެންނަށް ވިސްނައި ލެވުމުގެ ކުރިން އެހަށިގަނޑު އަހަރެންގެ އަތު ތެރެއަށް ސޮހިގެން ދިއައީ ގައިން ވަރު ދޫވެގެންނެވެ.
” ޒާނާ…….” އަހަރެން އެއް އަތުން ޒާނާގެ ގައިގާ ހިފަހައްޓާއިލަމުން ޒާނާގެ އިސް އުފުލާލައި އެ ހިތްގައިމު މޫނަށް ބަލައިލީމެވެ. މަޑުމަޑުން ބޯޖަހައިލަމުން އަނެއްކާވެސް ޒާނާ ލޯ މަރައިލިއެވެ. ލޯހުޅުވާލާނެހައި ވަރުވެސް އެ ހަށިގަނޑުގައި ނެތް ފަދައެވެ.
އަހަރެން ޒާނާ އަތްދަނޑި މައްޗަށް އުފުލައިލީމެވެ. ކުރިއަށް ވުރެން ކުޑަ ތަންކޮޅެއް ބަރުވެފައި ވިޔަސް އަހަރެންނަށް ލުއި ފަތެއް ހެން ޒާނާ އުފުލައި ލެވުނެވެ. ކުރިއަށް ވުރެން ފަލަ ވެލައިފައި ވިޔަސް އެހަށިގަނޑު ވަރަށ ރީއްޗަށް އަހަރެންގެ އަތުތެރެއަށް ހެޔޮވަރު ވެގެން ދިއައެވެ. އެނދާއި ދިމާއަށް އަހަރެން ހިނގައިގަތުމުން އަހަރެންގެ މޭގައި ޒާނާ ބޯ އަޅާއިލައި ގުރުޑު ވެލީ އޭސީގެ ތެތްފިނި ކަމުގައި ހީކަރުވަން ފެށުމުންނެވެ.
އަހަރެން ޒާނާ ގެންގޮސް އެނދުގައި ބޭއްވީމެވެ. ރަޖާ އަޅާއިލަ ދެމުން ޒާނާގެ ގައިގާ ބާލީސްތަށް ޖައްސައިލަދީ ރަނގަޅަށް އެނދުގައި ހަމަ ޖައްސައިލީމެވެ. ފޯނު ނަގަމުން އަހަރެން ޒާނާއާއި ދުރަށް ޖެހިލަމުން އާކިފްއަށް ގުޅައިލީމެވެ.
ކުޑަ އިރުކޮޅެއްގެ ތެރޭގައި ދޮރުގައި ޓަކި ދިނުމުން އަހަރެން ގޮސް ދޮރު ހުޅުވީމެވެ. ކުރިމަތީގައި ހުރި އާކިފްގެ އަތުގައި އަހަރެން ބުނި ހުރިހައި އެއްޗެއް ހުއްޓެވެ. އާކިފް ދިއުމުން އަހަރެން އެތެރެއަށްވަދެ ދޮރު ލެއްޕީމެވެ. އެނދުގެ މަގަތުގައި އިށީނދެލަމުން އަހަރެން ޒާނާއަށް ގޮވައިލީމެވެ. ތައްޓަށް ފެން އަޅާއިލަމުން އަހަރެން ޒާނާގެ އަނގައަށް ބޭސްގުޅަ ލަވައި ދިނީމެވެ. ތުނބުގައި ފެންތަށި ޖައްސާލަވެސް ދިނީމެވެ.
ބޭސްގުޅަ ކާލައިގެން ޒާނާ އަނެއްކާ ވެސް އެނދުގައި އޮށޯވެލިއެވެ. އަދި ބިއްދަށަށް އެނބުރި ލަމުން އަހަރެންނަށް ފުރަގަސް ދިނެވެ. ދެލޯ މަރައިލީ ހުން ގަދަކަމުން އަޅަމުން ދިއަ ވޭނުން ކަން އަހަރެންނަށް އެނގެއެވެ. އިތުރަށް ގުރުޑު ވަމުން ދިއައީ ހީކަރުވަމުން ދާތީކަން އަހަރެންނަށް އެނގުނެވެ. އޭސީ ނިވައިލަމުން އަހަރެން ފަންކާ ޖަހައިލީމެވެ. އަދި ފާހާނާއަށް ވަދެ ކުޑާ ތުވާލި ކޮޅެއް ތެންމައިލަމުން ގެނެސް ޒާނާގެ ނިއްކުރީގައި ޖައްސައިލީމެވެ. ލޯމެރިފައި އޮތް ޒާނާ އަހަރެންގެ އެއަމަލުން އިތުރަށް ގުރުވެލީ ތުވާލީގައި ހުރި ތެތް ކަމުން ފިނިވީ ވަރުންނެވެ.
އަހަރެން މަޑުކުރީ ޒާނާގެ ހުން މަޑުވާނެ ވަގުތަކަށެވެ. އެނދުގެ ކައިރީގައި ހުރި ސޯފާގައި އަހަރެން އިށީނީމެވެ. އަދި އިރު އިރުކޮޅައި އަހަރެން ޒާނާގެ ނިއްކުރީގައި އޮތް ތުވާލިކޮޅު ތެންމައިލަމެވެ. ތިރީހަކަށް މިނެޓު ފަހުން ޒާނާ ލޯ ހުޅުވައިލައި އަހަރެންނަށް ބަލައިލިއެވެ. އެއްޗެއް ބުނަން އުޅޭ ކަހަލަ ގޮތަކަށް އަނގަ ހުޅުވައިލިއެވެ. އަހަރެން ސޯފާއިން ތެދުވެ އެނދުގެ މަގަތުގައި އިށީނދެލީމެވެ. އަދި ޒާނާގެ މޫނު މައްޗަށް އެޅެމުން ދިއަ ކުރު އިސްތަށިތަށް އަހަރެން އެއްފަރާތް ކޮށްލީމެވެ.
” ކިހިނެތްވީ…….؟” އަހަރެން ވަރަށް އޯގާތެރި ކަމާއި އެކު ޒާނާގެ ބޮލުގައި ފިރުމައިލަމުން ޒާނަގެ މޫނާއި ދިމާއަށް ގުދު ވެލަމުން އަހައިލީމެވެ. ކުޑަ ހިނދކޮޅަކަށް ޒާނާ ވެސް ހުއްޓުން އެރިއެވެ. ޒާނާގެ ނަޒަރު އަހަރެންގެ ތުންފަތަށް ހުއްޓުނެވެ. އެ ބަލާލުމުގައި ވީ ކީކޭކަން އަހަރެންނަށް އެއްވެސް ހުރަހެއް ނެތި ސާފުވިއެވެ.
” ބަނޑު…. ބަނޑުގައި ރިއްސަނީ……”
” ޕީރިއަޑް…..” ނަޒަރު ވަކިކޮށްލަމުން ބަލި ގޮތަކަށް ޒާނާ ބުނެލިއެވެ. ޒާނާ އެހައި ބަލިވީ ސަބަބު އަހަރެންނަށް އެނގުނީ އެވަގުތު އެވެ.
ޑްރެސިން ޓޭބަލް މަތީގައި ހުރި އޮލިވް އޮއިލް ފުޅި ހިފައިގެން އައިސް އަހަރެން ޒާނާގެ ގާތުގާ އިށީނީމެވެ. ކުރިންވެސް ޒާނާއަށް ދީފައިވީ ޙިދުމަތަކަށް ވީތީ، ދެން ހަދަން ޖެހެނީ ކިހިނެއް ކަން އަހަރެންނަށް ވަރަށް ސާފުކޮށް އެނގެއެވެ. އަތުގައި ތެޔޮ ފޮދެއް އުނގުޅައިލަމުން އަހަރެން ޒާނާ ލައިގެން އޮތް ޓީޝާޓު ބަނޑާއި ދިމާއިން އުފުލައިލީމެވެ. އަދި ޒާނާގެ ބަނޑު މަޑުމަޑުން މަސާޖު ކޮށްދޭން ފެށީމެވެ. ބިއްދަށަށް އެނބުރި އޮތް ޒާނާ އަހަރެންގެ އަތް މަޑުމަޑުން ތިރިއަށް ޖައްސައިލީ ބަނޑު ކޮޅާއި ޖެހެންދެންނެވެ. ސީދާ ރިއްސާ ހިސާބު އަންގައި ދިނުމަށެވެ. އެއީ ވަރަށް އެހެން ކަހަލަ އިހުސާސް ތަކެއް ކުރެވިގެން ދިޔަ ވަގުތު ކޮޅެކެވެ. ވެހެމުން ދިއަ ބޯވާރޭގެ ފިނި ކަމާއި ސީލިނގުގައި އެނބުރެމުން، އޭގެ ބުރު ހަމަ ކުރަމުން ދާ ފަންކަލުގެ ފިނި ކަމުގައިވެސް އަހަރެން ދާހިތްލާލައިފިއެވެ. ވަރަށް ޒަމާނަށް ފަހު އެގޮތަށް ހުރަހެއް ނެތި ޒާނާގެ ގައިގާ އަތް ޖެހުމުން ކުރެވެން ފެށީ އެހެން ކަހަލަ އިހުސާސް ތަކެކެވެ… ވާން ފެށީ މާ ނުކިއްސަރު ގޮތެކެވެ… ނަމަވެސް އަހަރެން އިނގިލި ތަކުގެ ކޮޅުން ހުއްޓުމެއް ނެތި ޒާނާގެ ބަނޑު މަސާޖު ކޮށްދެމުން ދިއައީމެވެ.
ކުޑަކޮށް މައްޗަށް ހިއްލިފައިވީ ޓީޝާޓުގެ ކޮޅުގެ ސަބަބުން ޒާނާގެ މެދުހަށިން ބޮޑު ބައެއް ވަނީ ހާމަ ވެފައިވީ ތަނަށް އަހަރެންގެ ދެ ކަޅި ގޮސް ހުއްޓުނެވެ. އެހިނދު އިހުސާސް ތަކަށް ވާން ވެލިއެވެ.. ހިއްސުތައް ސަލާމަތުން ހުރި ފިރިހެނަކަށް ވީތީ އަދި ހިތުލޯބީގެ ގާތުގައި ގޮތަށް އިންނަން ޖެހުމުން ހިތް އަވަސްވާން ފެށީ ތިޔަހެން ހެނެއް ނޫނެވެ. ރުވާފައި ދޫކޮށްލި ތީރު ތަކެއް ފަދައިން މަސްތުގެ ތީރުތައް އަހަރެންގެ ހިތަށް އިސާހިތަކު ހެރެން ފެށިއެވެ.
ނުނިމޭ

