ޒާޔާ – 2 (ފަސްވަނަ ބައި)
ބޮލަށް ތަންކޮޅެއް އުނދަގުވާހެން ހީވުމާއެކު ކުރަހަން އިން ފޮތް އަރިމަތީ މޭޒުމަތީ ބޭއްވުމަށް ފަހު ޒަމްލާ އޮށޯވެލިއެވެ. “މަންމާ ޕްލީޒް ހެލްޕް މީ.. ޕްލީޒް.. ޕްލީޒް މަންމާ.. ހުވަފެނުގަ ނައިސް އަސްލުކޮށް އައިސްދީބަލަ މަންމާ ޕްލީޒް…” ދެލޯ މަރައިގެން އޮވެ ވައި އަޑުން ޒަމްލާ ކިޔަމުން ދިޔައެވެ. ޒަމްލާ އެކަނި އެ ކޮޓަރީގައި އޮތަސް، އެ އާދޭސްތައް އެހެން ކަންފަތަކަށް އިވިއްޖެކަން ޒަމްލާއަށް ރޭކައިނުލައެވެ.
******
ވަގުތު އޭގެ ހަލުވި މިނުގައި ފާއިތުވަމުން ގޮސް އެދުވަހުގެ އިރު އޮއްސިއްޖެއެވެ. ބުނެވޭ ގޮތުގައި އިރުއޮއްސޭ ވަގުތަކީ ޖިންނި ޝައިޠާނުން ދުނިޔޭގެ ބިމަށް ފައިބާ ވަގުތެކެވެ. ޖިންނީންގެ އެކި ބައިގަނޑު ބިމަށް ފައިބާ މަންޒަރު ބަލަން މަލައިކާ ހުއްޓެވެ. އޭނާ ހުރީ ބްރިޖަށް އަރާ ފައިބަން ހުންނަ ތަނުގައި ސައިކަލުތަކުގައި މަޑުކޮށްގެން ތިބި ބަޔަކަށް ހިލަމެއް ނުވާނެހެން މޫދުގައި ދެފައި މައްޗަށް ކޮޅަށެވެ.
ވަގުތުކޮޅަކު މޫދުގައި އެހެން ހުރުމަށް ފަހު މަލައިކާ އެއްގަމަށް އެރިއެވެ. އެވަގުތަކީ ފެހި ސިގްނަލް ދިނުމުން ސައިކަލުތައް ދުއްވަން ފެށި ވަގުތެވެ. ދުވާރު މަތިން ހިނގައިލައިފައި ގޮސް މާ ދުރު ނޫން ހިސާބަކުން ފެންނަން ހުރި ޕޮލިސް ސްޓޭޝަނާ ދިމާލަށް މަލައިކާ އުދުއްސައިގަތެވެ.
“ވަދޭ!” އިޒްވާ މަސައްކަތް ކުރަން އިން ކެބިންގެ ދޮރުގައި މީހަކު ޓަކި ދިނުމުން އިޒްވާ ބުންޏެވެ. އެވަގުތު ކެބިން ތެރެއަށް ވަތް މީހަކު ފެނި އިޒްވާއަށް ވަގުތުން ކޮޅަށް ތެދުވެވުނެވެ. އޭރު އެ މޫނުމަތިން އަލިފާން ކަނި ބުރަމުން ދާ ކަހަލައެވެ.
“މަ ފެނިގެން އަދި ތިވަރު ވާކަށް ނުވޭ ކަންނޭނގެ.” އިޒްވާއާއި ކުރިމަތިވާނެހެން އެ މޭޒު ކައިރީ ބަހައްޓާފައި ހުރި ގޮނޑީގައި އިށީންނަމުން ޒާޔާ ބުންޏެވެ. “ފިންޏޭ ދޯ މިތަން ވެސް. ދެން ކީއްވެ ޔޫ ދާހިތްލާފަ؟” ޒާޔާ އެހެން ބުނި ވަގުތު އިޒްވާގެ ހަށިގަނޑުގައި ރޯވަމުން ދިޔަ ރުޅިވެރިކަމުގެ ހުޅުގަނޑު ފަޅައިގެން ދިޔަ ފަދައެވެ. “ކަލޭ ކޮން ހައިސިއްޔަތަކުން މަ ކުރިމައްޗަށް އަރާ ތިހުރީ؟ ކަލެއަށް ކިހިނެތް ކެރުނީ މިތަނަށް އަންނަން؟ އަހަރެން ހުންނާނީ ކަލޭ ބަލިކޮށްލާފަ ހުރިހާ ގޮތަކުން ވެސް. ކަލެއަށް ޖެހޭނީ މަގޭ ކުރިމަތީ ރޯން.. ކީއްވެތަ ހީނގެންފަ ތި އިންނަނީ؟”
“ކަލެ އަށް ހީވޭތަ ކަލޭ ކަހަލަ ފިނޑިއެއް ކުރިމަތީ އަހަރެން ރޯން އިންނާނެހެން؟” ‘ޒާޔާ’ އެހެން ބުނި ވަގުތަކީ، އެ ކެބިން ތެރެއަށް އަލިފާނުގެ ހުޅުކޮޅު ފަޅައިގެން ދިޔަ ފަދަ ވަގުތުކޮޅެކެވެ. އިޒްވާއަށް އަތް ހިއްލާލެވުނީ ޒާޔާގެ މޫނުމަތީގައި ޖަހާނަމޭ ހިތާއެވެ. އެހެނަސް، ނޭނގޭ ސަބަބަކާ ހުރެ ހިއްލާލި އެ އަތް އެންމެ އިންޗަކަށް ވެސް އިޒްވާއަށް ގުޑުވާ ނުލެވުނެވެ. ފާހަގަ ކުރެވުނު ކަމަކީ، ‘ޒާޔާ’ އެ އަތަށް ބަލަން ފެށިހާއިރުން އެ އަތް ގުޑުވާނުލެވިފައިވާކަމެވެ.
ސުވާލު އުފެދިފައި އިޒްވާއަށް ހުރެވުނީ އޭނާގެ އަތަށް ބަލަހައްޓައިގެނެވެ. އޭރު އަރާފައި ހުރި ރުޅިގަނޑު މައިތިރިވެ ނުތަނަވަސްކަމުން އޭނާގެ ނަފްސު ވަށާލެވިއްޖެއެވެ. އަނެއް އަތުން އެ އަތުގައި ހިފިއިރު އޭނާއަށް ތަދުވެއްޖެއެވެ. އެކަން އިޒްވާގެ މޫނުމައްޗަށް އަރައިގެން ދިޔަ ކުލަވަރުތަކުން ފެންނަން ހުއްޓެވެ. “ކީއްވެފަތަ ބަލަހައްޓައިގެން ތި އިންނަނީ؟ އާދެބަލަ ރަނގަޅުކޮށްދޭން..” އިޒްވާ އެހެން ބުނި އިރު ވެސް ޒާޔާ ގެ ތޫނު ނަޒަރު ހުރީ އެ އަތަށް ހުއްޓިފައެވެ. “ކަލޭ ކޮން ގޮތަކަށް ތަ މަގޭ އަތަށް ތި ބަލަނީ؟” އިޒްވާ އެހެން ބުނި ވަގުތު ‘ޒާޔާ’ ގެ ނަޒަރު އިޒްވާގެ އަތުން ވަކިވެ އިޒްވާގެ މޫނަށް އަމާޒުވިއެވެ. އެވަގުތަކީ ހިއްލިފައި ހުރި އިޒްވާގެ އަތް ހަމައަކަށް އެޅުނު ވަގުތެވެ.
“ވަރަށް ވިސްނައިގެން އުޅެއްޗޭ. ތި ވީ އަދި ކުޑަ ވަރެއް. ކަލޭ ކުރި ކަންތަކުގެ ސަޒާ ލިބޭނެ އަދި ކަލޭ ދުނިޔޭގަ ހުރިއްޔާ.” ‘ޒާޔާ’ ވާހަކަ ދެއްކި އިރު އޭނާގެ އަޑުގައި ކޮންމެވެސް ވަރެއްގެ ބަރުކަމެއް ހުރިކަން އިޒްވާއަށް ފާހަގަކުރެވުނެވެ. މިއީ އޭނާ އަމިއްލަ އަތުން ބަލިކޮށްލި ޒާޔާއެއް ނޫނޭ ކިތަންމެ ފަހަރަކު ވެސް އޭނާގެ ހިތަށް އަރައިފިއެވެ. އެހެންނަމަވެސް، އިޒްވާ ހުރީ އޭނާގެ ގޮތުގައި ހިފަހައްޓައިގެނެވެ.
“ނުކުންނަންވީ މި ތަނުން.. ހަނދާން ކުރައްޗޭ. މަ ކަލޭ ދެކެ ބިރަކުންނެއް ނޫޅެން. ކަލޭގެ ހުރިހާ އެއްޗެއް ވެސް މަ އަތުލާނަން އަދި. އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެސް އަތުލާނަން. ކަލެއަށް މިހާރު އެބަ އުޅެވެއެއްނު ކަލޭ ފިރިމީހާގެ ގޭގަ. އެކަމު އެ ދުވަސްކޮޅަކަށް.. ހަނދާން ކުރައްޗޭ. އަހަރެން ކަލެއަށް ސިހުރު ވެސް ހަދާނަން. އެ ގެއިން ކަލޭ ނުކުންނަވަރު ކޮށްލާނަން. އަދި ކޮބާ.. މަށަށް ވަންޏާ މި ދުނިޔެއިން ވެސް ކަލޭ ނައްތާލާނަން.”
“ކަލޭގެ ކަންތައް މާ މައްޗަށް ތި ދަނީ މިހާރު. އިންސާނަކާ މެދު ހަސަދަ ލިޔަސް ބޮޑުވަރު.” ‘ޒާޔާ’ ހަޅޭއްލަވައިގަތެވެ. އެވަގުތަކީ، މަލައިކާ ވަރަށް ހިތްވަރުލާން ޖެހުނު ވަގުތުކޮޅަކަށް ވެގެން ދިޔަ ވަގުތުކޮޅެކެވެ. ޒާޔާގެ ސިފަ ޖެހިގެން ހުރި މަލައިކާއަށް އޭނާގެ އަސްލު ސޫރައަށް ބަދަލު ނުވެ ހުރެވުނީ ހަމަ ކިރިޔާއެވެ. ކެތްތެރިކަން ކޮޅުން ލައިގެން ދިޔަ ނަމަ އޭނާގެ އަސްލު ސޫރައަށް ރުޖޫޢަވެ އިޒްވާގެ މެޔަށް އޭނާގެ ތޫނު ނިޔަފަތިތައް ހަރާލެވުނީހެވެ.
“ކޮން ފާޑަކަށް ވާހަކަ ދައްކާކަށް..؟ ހަސަދައެއް ނުލަން އަހަންނެއް. އެކަމު އޭނަގެ އެއްޗެހި އެއީ އަހަންނަށް ވެސް ލިބެން ޖެހޭނެ އެއްޗެހި. އަހަރެން ދޯ މީ ލިއަމް އާ ތިމާގެ ކަމުގެ ގުޅުން އޮންނަ މީހަކީ.. އެހެންވީމަ..” “ދެން ޒާޔާއަކީ..؟ ލިއަމްގެ ކާކު؟” މަލައިކާ އެހެން އެހި ވަގުތު އިޒްވާ ދައްކަމުން ދިޔަ ވާހަކަ މެދުކެނޑުނެވެ. ސިކުންތުކޮޅަކަށް ފަހު، މަލައިކާ އަށް އިޒްވާގެ ފަރާތުން އިވެން ފެށީ އޭނާ ހީވެސް ނުކުރާ ފަދަ ބަސްތަކެކެވެ.
“ތީ ލިއަމްއަށް އެއްވެސް މީހެއް ނޫން. ލިއަމް އަދި ކަލޭ ވަރިކުރާނެ. ކަލޭގެ ހުރި އަންހެން ދަރި ވެސް އެ ހުރީ މަގޭ ބެލުމުގެ ދަށުގަ. އަޑު އިވިއްޖެ! މަ ބޭނުން ގޮތަކަށް އޭނަ ގެންގުޅޭނީ ވެސް. މިލިއަނުން ބިލިއަނުން އަހަންނަށް ލާރި ދޭނެ މީހަކު ހުރިނަމަ އެ އަންހެނާ ވެސް އަހަރެން އެމީހަކަށް ވިއްކާލާނަން.”
“އިޒްވާ!” މަލައިކާ ހަޅޭއްލަވައިގަތެވެ. މިފަހަރު، ހަޅޭއްލަވައިގަނެވުނީ އޭނާގެ އަސްލު އަޑުންނެވެ. އެ އަޑަށް އިޒްވާ ސިހުނުކަން ވެސް މަލައިކާއަށް އެނގުނެވެ. މަލައިކާ ރުޅިގަދަވެފައި ހުރި ކަމުގެ ނިޝާންތައް އެ ކެބިން ތެރެއިން އެވަގުތު ފެންނަން ފެށިއެވެ. ވައިގެ ތޫފާނެއް އެ ކެބިން ތެރޭ އެނބުރި، ވަޔާއެކު މާ ވަށިގަނޑުތައް ތަޅައިގެން ދިޔައެވެ. މޭޒުމަތީ ހުރި އެކި ކަރުދާސްތައް ވެސް ދިޔައީ ވަޔާއެކު ހޫރެމުންނެވެ. ލޮލަށް ފެންނަމުން ދިޔަ އާދަޔާ ޚިލާފު މަންޒަރުތަކުގެ ސަބަބުން އިޒްވާގެ ހިތުގައި ބިރުވެރިކަން އުފެދެމުން ދިޔައެވެ. އެއާ އެއްވަރަށް އޭނާ ހައިރާންވީ އެ ހުރިހާ ކަމެއް ކެބިން ތެރޭ ވަމުން ދިޔައިރު ޒާޔާ އެއްވެސް ޖެހިލުންވުމަކާ ނުލާ އެ ހުރިގޮތަށް ހުންނާތީއެވެ.
“ކަލޭގެ ދެ ކަންފަތް ރަނގަޅަށް ހުޅުވާފަ އަޑުއަހައްޗޭ. ޒާޔާއަކީ ލިއަމްގެ އަނބިމީހާ. ލިއަމް އަށް ހައްގު އެއްޗެހި އެއީ ޒާޔާއަށް ވެސް ހައްގު އެއްޗެހި. ކަލެއަށް ހައްގު އެއްޗެއްސެއް ނޫން. އެހެންނޫނަސް ޒާޔާއަކީ މީހެއްގެ މުދަލާ ހެދި އެހާވަރަކުން އުޅޭނެ މީހެއްވެސް ނޫން. ކަލެއަށް ތިހާ ވަރެއް އަރައިގެން ތިއުޅެނީ.. އަދި ބުނަން.. އެ ދެމަފިރިންގެ އަންހެން ދަރިފުޅަށް އެ ފަދަ ކަމެއް ކޮށްފިއްޔާ ކަލޭ ހަނދާން ކުރާތި ކަލޭގެ ދެ ލޯ ކަނު ކޮށްލާފަ ދެ އަތްތިލަ ވެސް ބުރިކޮށްލާނަން. ނުހިނގޭ ވަރު ވެސް ކޮށްލާނަން.. ހަނދާންކުރައްޗޭ! ތިހެން އުޅޭހާ ދުވަހަކު މަގޭ އުނދަގޫ ކަލެއަށް ޖެހޭނެ.” ޒާޔާގެ ސިފަ ޖެހިގެން ހުއްޓަސް، މަލައިކާއަށް ވާހަކަ ދެއްކުނީ އޭނާގެ އަސްލު އަޑުންނެވެ. ބުނަންވީ އެއްޗެއް ބުނުމަށް ފަހު މަލައިކާ އެ ކެބިން ތެރެއިން ނުކުމެގެން ހިނގައްޖެއެވެ.
ކަންފަތަށް އިވިގެން ދިޔަ ބަސްތަކުގެ ސަބަބުން އިޒްވާއަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. އޭނާގެ ކުރިމައްޗަށް އެ އައީ ހަމަ ޒާޔާބާއޭ އޭނާގެ ހިތަށް އެރިއެވެ. ޒާޔާގެ ފަރާތުން މި ފެނުނީ އޭނާ ހީ ކޮށްގެން ހުރި ސިފަތަކެއް ނޫނެވެ. ވާހަކަ ދައްކަމުން ގޮސް އެންމެ ފަހުން ޒާޔާގެ އަޑަށް އެ އައި ބަދަލާ މެދު ވެސް އިޒްވާ އަށް ވިސްނުނެވެ. ޒާޔާ ރުޅި އައުމުން އެ ކެބިން ތެރެއަށް އެރި ލޮޅުން، އެއީ ކިހިނެއް ވީ ކަމެއްކަން އޭނާއަށް ވިސްނައިގަންނަން ވެސް ދައްޗެވެ. އެނގޭ ކަމަކީ، މި ވަގުތުން ފެށިގެން، ދެން ޙަޔާތުގައި ބާކީ އޮތް ދުވަސްތަކުގައި އޭނާއަށް ހަމަޖެހިލައިގެން ނޫޅެވޭނެ ކަމެވެ.
************
ރޭގަނޑުގެ އެންމެ ފަހު ފަރުޟު ނަމާދު އަދާކޮށް މިސްކިތުން އެންމެން ފައިބަން ފަށައިފިއެވެ. އެންމެން ތަކުގެ ތެރެއިން ޒާމިލް ވެސް އޭނާގެ ކާފަ ގޮވައިގެން މިސްކިތުން ފޭބިއެވެ. ނަމާދު ނިމިގެން ކޮފީ އެއް ބޯން ދާން ނިންމާފައިވުމުން ޒާމިލް ކާފަ ގޮވައިގެން މިސްކިތާ މާ ދުރު ނޫން ހިސާބެއްގައި ހުރި ކެފޭއަކަށް ވަނެވެ.
“ކާފާ.. ފަވާޝަތު.. އެއީ ކާކު؟” އޯޑަރު ދިނުމަށްފަހު ވެއިޓަރު ދިޔުމުން ޒާމިލް ކާފައާ ސުވާލު ކުރިއެވެ. “އެއީ ދަރިފުޅުމެން މަންމަގެ ވަރަށް ގާތް ރައްޓެއްސެއް.” ނިހާން ބުންޏެވެ. “ހްމްމް.. ހީވިއޭ… ތިއެއް ނޫނޭ. މިއަދު ބޭބެ އެހި އަހަރެން ކައިރީގަ މަންމައަށް ފަރުވާ ދޭން ފަށަންވީނުންހޭ.. ޝަޒާ ބުންޏޯ މަންމައަށް ތެރަޕީ ބޭނުންވާނެއޭ.” ޒާމިލް ބުންޏެވެ.
“ޒާމިލް ދެން ކޮން ގޮތަކަށް ވިސްނަނީ؟” ވެއިޓަރު ގެނައި ކޮފީ ތަށިން ކޯވަރެއް ބޯލުމަށް ފަހު ނިހާން ސުވާލު ކުރިއެވެ. “އަހަންނަށް ވެސް ފެންނަނީ މަންމައަށް ތެރަޕީ ދޭން. ކޮންމެހެނެއް ވިޔަސް އަހަރުމެނަށް އެބަ އެނގޭ މަންމަގެ މެންޓަލް ހެލްތް ރަނގަޅު ނޫންކަން.. އެކަމު މަންމައަށް އެކަން ކޮށްދޭނީ ކިހިނެއްބާއޭ މި ހިތަށް އަރަނީ. މަންމަ ފަރުވާއަށް ގެންދަންޏަ އެކި ދުވަހު އެކި ގަޑިއަށް ދާންޖެހޭނެހެން ހީވަނީ. އަހަރެން ޑިއުޓީއަށް އަރަން ޖެހޭނެ. ލާއިމް ވެސް އުޅޭނީ އެއަރޕޯޓުގަ.” ޒާމިލް ބުންޏެވެ. ކޮފީ ތަށިން އެތިފޮދެއް ބޯލުމަށް ފަހު އަނެއްކާވެސް ޒާމިލް ވާހަކަ ދެއްކިއެވެ.
“މަންމަ ކޭކު ވިޔަފާރި ފަށާފަ ކީއްވެޔޯ ފުލުހުންގެ އިދާރާއަށް ވަނީ؟” ޒާމިލް އެހިއެވެ. “އެއީ ރަށުގަ. ދަރިފުޅުގެ މަންމަމެން ކައިވެނި ނުކުރާއިރު. ކައިވެނިކޮށްގެން މި ކޮޅަށް ބަދަލުވިފަހުން ދުވަސްތަކެއް ނުވެ ދެމީހުން އެކީ ނިންމި ނިންމުމެއް އެއީ. ދަރިފުޅު ބައްޕަ ވެސް ސްކޫލް އާދައިގެ ވަޒީފާއެއްގަ ހުރެފަ، އެތަނުން ކެނޑިގެން ސިފައިންގެއަށް ވަނީ. މާޝާﷲ. ވަޒީފާގަ ދެމިހުރިވަރަކަށް ދެކުދިންނަށް ވެސް ކުރިއެރުން ލިބެމުން ދިޔައީ. ޒާޔާ ވެސް ހުރީ ފުލުހުންގެ އެންމެ އިސް މަގާމުގަ. އެތައް ބައެއްގެ ލޯތްބާ އިޚުތިރާމް ލިބި ލިބި އޮއްވާ އެ ފަކީރުގެ ކާމިޔާބީގަ ސިއްކަ ޖެހުނީ.” ނިހާން ކިޔައިދިނެވެ.
ކާފަ ވީގޮތް ކިޔައިދެމުން ދިޔަ ވަރަކަށް ކެފޭ ތެރޭ ޖަހަމުން ދިޔަ މަޑު މިއުޒިކު ގެ އަޑު ހީވީ ފަނޑުވަމުން ދިޔަހެނެވެ. މި ވަގުތު ޒާމިލްގެ ސަމާލުކަން އެކީ ހުއްޓިފައިވީ ކާފަ ދައްކަމުން ދިޔަ ވާހަކައަށެވެ. “މަންމަ ނުރުހުންވާނެ ‘ވަޒީފާ’ އެ ނަން ކާފަގެ ދުލުން އިވުނަސް. އަލުން މަސައްކަތް ފަށާށޭ ބުންޏަސް އެ މަންޖެ ނުރުހުންވާނެ. އެ ދަރި ކުރި މަސައްކަތާ ހޯދި ކާމިޔާބީ އަށް ނަފްރަތުކުރާ ވަރަށް އެ މަންޖެ އެހުރީ ބަލިވެފަ. ކާފަ ކިހާވަރަކަށް ކިޔައިދޭނީ..” ނިހާން ވާހަކަ ދައްކަމުން ގޮސް އެންމެ ފަހު ޖުމްލަ ބުނެވުނު އިރު އޭނާގެ އަޑު ކުރެހިއްޖެއެވެ. ކާފަގެ އަޑަށް ބަދަލު އައުމުން ޒާމިލް ނިންމީ މި ވަގުތަށް މަންމަ އާއި މަންމަގެ ދިރިއުޅުމާ ބެހޭގޮތުން ވާހަކަ ނުދެއްކުމަށެވެ.
***********
ކާފަ ގޮވައިގެން ގެއަށް އާދެވުނު އިރު ގަޑިން 20:35 ވެއްޖެއެވެ. އޭރު ޒާޔާ އާއި ލާއިމް ރޭގަނޑުގެ ކެއުން ކެއުމަށް ޓަކައި ބަދިގޭގައި ތިއްބެވެ. “ދަރިފުޅު އާދޭ ކާފަ ގޮވައިގެން ކާން އަވަހަށް.” ކާން އިން ޒާޔާ އަށް ގެއަށް ވަތް ޒާމިލްއާއި ނިހާން ފެނި ކާން އައުމަށް ބުންޏެވެ. “ބައްޕަމެން ކޮފީ އެއް ބޯލައިގެން މި އައީ. ބައްޕަ އިހަށް ފަހުން ކާނީ.” ނިހާން އެހެން ބުނެ އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.
ޒާޔާމެން ކައި ނިންމާލީ ޒާމިލް ސިޓިންގް ރޫމުގައި ޓީވީ ބަލަން އިންދައެވެ. ޒާޔާ ތަށިތައް ނަގަން ހުރި އިރު ލާއިމް އަތް ދޮވެލައިގެން އައިސް ސިޓިންގް ރޫމަށް ވަދެ ޒާމިލް ކައިރީ ސޯފާގައި އިށީނެވެ. “ލާއިމް.. އެބޮތް ވާހަކައެއް ދައްކަންވެފަ..” ޒާމިލް އެހެން ބުނެލި ގޮތުން ދައްކަން އެއުޅެނީ ވަރަށް ސީރިއަސް ވާހަކައެއްކަން ލާއިމަށް އެވަގުތު ފަހުމު ވެއްޖެއެވެ. “މަންމައަށް ތެރަޕީ ނަގައިދޭން ކަމަށް.” ހަމައެކަނި ލާއިމަށް އިވޭނެހެން މަޑުމަޑުން ޒާމިލް ބުންޏެވެ. “ހްމްމް.. މަންމަ އެއްބަސްވާނެތަ؟” ލާއިމް އެހިއެވެ. “ޝަޒާ ބޭބެ ކައިރީ މި ވާހަކަ ކީމަ ބޭބެ އަހަރެން ކައިރީގަ ބުނީ. ޝަޒާ މަންމައަށް ހެލްޕް ވާން ހުރިއްޔާ އަހަންނަށް ފެންނަނީ މަންމައަށް ތެރަޕީ ސެޝަންސް ނަގާދޭން. ލާއިމް ގެ ކްލާސްމޭޓެއްނު އެއީ.” ޒާމިލް ބުންޏެވެ. “އަހަންނަށް ފެންނަނީ ޝަޒާ މި ގެއަށް ގެންނަން މަންމަ އަށް ސެޝަން ނަގައިދޭން. ކޮންމެހެނެއްވިޔަސް އަހަރުމެންގެ ޑިއުޓީ އަށް އަރަން ޖެހެންޏަ މަންމަ ގެންދަން އުނދަގުވާނެ ދޯ. މަންމަ އެކަނި ފޮނުވާކަށް އަހަންނަކަށް ނުފެނޭ.” ލާއިމް ބުންޏެވެ. “ހްމް ތި ގޮތް ރަނގަޅު.. ޝްޝް.. މަންމަ އަންނަނީ.”
**********
ދެ ދަރީންނާއެކީ ޓީވީ ބަލަން އިނުމަށް ފަހު ޒާޔާ ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ލައިގެން ހުރި ބޮޑު ހެދުން ނިދާ ހެދުމަށް ބަދަލުކޮށްލުމަށްފަހު ފޯނު ހިފައިގެން އެނދުގައި އޮށޯވެލިއެވެ. ފޯނުގައި އިން ގޭމެއް އަޅުވައިލީ އެއަށް ސަމާލުކަން ދެވޭނޭ ހިތާއެވެ. އެހެނަސް، ކަންތައް ދިމާވީ ޒާޔާ ހީކުރި ގޮތާ ޚިލާފަށެވެ. ގޭމް ކުޅެން އޮތަސް ލިއަމް އާއި ޒަމްލާ ގެ ޚިޔާލުތަކުން އެ ސިކުނޑި ފުރިފައިވިއެވެ. ގޭމަށް ސަމާލުކަން ނުދެވޭނެކަން އެނގުމުން އެންމެ ފަހުން ފޯނު ނިއްވާލާފައި އަރިމަތީ މޭޒުމަތީ ބޭއްވިއެވެ. އެއަށް ފަހު ޒާޔާ ދެ ލޯ މަރައިލީ ނިދޭނެއޭ ހިތާއެވެ.
ދެ ލޯ މަރައިގެން އޮންނަތާ ތިރީސް ވަރަކަށް މިނެޓް ފާއިތުވެއްޖެއެވެ. ޒާޔާއަކަށް ހަމަހިލާ ނުނިދުނެވެ. ދެ ލޯ މަރާލާއިރަށް އެ ސިކުނޑިތެރޭ ކުރެހެނީ ލިއަމްގެ ސޫރައެވެ. އެ ސޫރަ ކުރެހި ދެ މީހުން އެކީ ހޭދަކުރި އެތައް ވަގުތެއް ސިފަކުރެވެމުން ދިޔައެވެ. ދަރިން ގޮވައިގެން އެކުގައި ބޭރަށް ދާ ދުވަސްތައް ހަނދާނަށް އާދެއެވެ. ދެމީހުން އެކަނި އެކި މަންޒިލް ތަކަށް ގޮސް މަޖާ ކުރި ދުވަސްތައް ހަނދާނަށް އާދެއެވެ. ދެމީހުން އެކުގައި ކައްކައި ކައި އުޅުނު ދުވަސްތައް ހަނދާނަށް އާދެއެވެ. މިއިން ކޮންމެ ހަނދާނަކީ، ނިދިން ޒާޔާ މަހުރޫމު ކުރުވާ ހަނދާންތަކެވެ.
ނުނިދޭނެކަން ޔަޤީންވުމުން އަނެއްކާ ވެސް ޒާޔާ ފޯނު ނެގިއެވެ. ގެލެރީއަށް ވަދެ އެންމެ ފުރަތަމަ ވެސް އޭނާގެ ލޮލުގައި އަޅައިގަތީ ލިއަމްގެ ފޮޓޮއެވެ. ދެން ފެނުނީ ލިއަމްގެ ފޮޓޮއާއި ޖެހިގެން އިން ތިން ދަރިންގެ ފޮޓޮއެވެ. އެ ފޮޓޯ ހުޅުވައިލުމަށްފަހު ޒަމްލާގެ މޫނު ވަކިން ފެންނާނެހެން ޒޫމް ކޮށްލިއެވެ. “ދަރިފުޅު ފެނުނަސް މަންމައަށް ވަކިކުރަން ނޭނގިދާނެކަމުގެ ބިރު މަންމައަށް ހީވޭ.”
“އެނގޭނެ ވަކިކުރަން. އިންޝާﷲ.”
ކުއްލިއަކަށް އިވުނު އަޑަކުން ޒާޔާއަށް އަވަސްއަވަހަށް އެނދުން ތެދުވެވުނެވެ. ކޮޓަރި ތެރެ ހޯދާ ބަލައިލެވުނީ އެ ކޮޓަރިތެރޭ އިތުރު މީހަކު ހުރިތޯއެވެ. އެ ބެލި ބެލުމުގައި ކޮޓަރީގެ ދޮރުގެ ތަޅުގައި ޖަހާފައި އިން ތަޅުދަނޑި ފައްޗަށް ވެސް ބަލާލެވުނެވެ. ‘ކޮޓަރި ތަޅުލާފަ.. ދެން ކާކު ވާހަކަ ދެއްކީ؟’ ޒާޔާ އެހެން ހިތަށް އެރި ވަގުތު ކޮޓަރީގެ ކަނަކުން ހުދު އައްޔެއް ދިއްލުނުހެން ހީވިއެވެ. “ބައްޕާ!” ބިރުގަނެފައި އިން ޒާޔާ އަށް ހަޅޭއްލަވައިގަނެވުނެވެ. އެކަމަކު އެންމެ އަޖައިބުކުރުވަނިވި ކަމަކަށް ވީ އޭނާގެ އަޑު އަރުތެރެއިން ނުނުކުތީމައެވެ.
ޒާޔާ ބަލަބަލާ ހުއްޓާ ރީތިވާ މޭޒުމަތީ ކައިރީ ފާރު ކައިރިން އަންހެނެއްގެ ސިފަހެން ހީވާ ހިޔަންޏެއް ފާޅުވިއެވެ. މަޑުމަޑުން އޭތީގެ ސިފަ ޖެހެމުން ގޮސް އޭގެ އަސްލު ސޫރަ ޒާޔާގެ ލޮލު ކުރިމައްޗަށް ފާޅުވެއްޖެއެވެ. ފެނުނު ސޫރައަކުން ޒާޔާ އިނީ ޤަބޫލުކުރަން ދަތިވެ ދެލޯ ބޮޑުވެފައެވެ. ހިތުގައި އުފެދިފައިވި ބިރުވެރިކަން ކޮންމެވެސް ވަރަކަށް އެވަގުތު ފިލައިފައިވިއެވެ. ޒާޔާއަށް މަޑުމަޑުން އެނދުން ތެދުވެވުނެވެ. “މަލައިކާ؟” މަލައިކާގެ ސޫރަ ފެނި ޒާޔާއަށް ވައި އަޑުން އެ ނަން ކިޔާލެވުނެވެ.
ބޮލުގެ ވަށައިގެން އެޅުވިފައިވި ރިހި ގަހަނާ ރަނގަޅުކޮށްލަމުން މަލައިކާ ހިނިތުންވެލިއެވެ. ޒާޔާގެ ދެލޮލުން ހިތާމަވެރިކަމުގެ އެތައް އަސަރެއް އެވަގުތު ވެސް މަލައިކާއަށް ފެނިއްޖެއެވެ. މަލައިކާ މަޑުމަޑުން ހިނގާލައިފައި ގޮސް ޒާޔާ ގާތުގައި ހުއްޓުނެވެ. ޒާޔާ އަދިވެސް ހުރީ ދެލޯ ބޮޑުކޮށްގެން އޭނާއަށް ބަލާށެވެ. މަލައިކާ މަޑުމަޑުން އޭނާގެ އަތް ހިއްލާލާފައި ޒާޔާގެ ބޮލުގައި މަޑުމަޑުން ފިރުމައިލިއެވެ. އެވަގުތު ޒާޔާ އިސްޖަހައިލިއެވެ. މަލައިކާއަށް ކިޔަމަންވުމުގެ ގޮތުން ކަންނޭނގެއެވެ. “އިސް ނުޖަހައްޗޭ. އެހެން ނުހަދާނެ.. ދޭ އިށީނދެލާ.” އެނދަށް އިޝާރާތް ކުރަމުން މަލައިކާ ބުންޏެވެ.
ޒާޔާ މަޑުމަޑުން އެނދުގައި އިށީނެވެ. ޒާޔާ އިށީނުމާއެކު މަލައިކާ، އޭނާ ކުރިން ހުރި މަޤާމުގައި ގޮސް ހުއްޓުނެވެ. އެތާ ހުއްޓި ހުރެ މަލައިކާ ވަރަށް ފަރުވާތެރިކަމާއެކީ ޒާޔާއަށް ބަލައިލިއެވެ. ޒާޔާ އިސްޖަހައިލައިގެން ދެއަތްތިލަ ގުޅުވާލައިގެން އިން ގޮތުން ކޮންމެވެސް ވިސްނުމެއްގައި އިންކަން މަލައިކާ އަށް ދޭހަވިއެވެ. މިނެޓްތަކެއް ވަންދެން ޒާޔާއަށް ބަލަހައްޓައިގެން ހުރުމަށްފަހު މަލައިކާ ވާހަކަ ދެއްކިއެވެ. “ޒާޔާ.. ނާހާނަންތަ އަހަރެން މި އައީ ކީއްވެތޯ؟” މަލައިކާ ވާހަކަދެއްކުމާއެކު ޒާޔާ މަލައިކާގެ ސޫރައަށް ބަލައިލިއެވެ. އެވަގުތު މަލައިކާގެ ހިނިތުންވުން ފަނޑުވެގެން ދިޔަތަން ޒާޔާއަށް ފެނުނެވެ. އޭނާގެ ދެ ލޮލުގައި ވިދަމުން ދިޔަ ކަރުނައިގެ މުތީތައް މަލައިކާއަށް ފެނުމުން ކަންނޭނގެއެވެ. “އަހަން ބޭނުމެއް ނޫން. މަލައިކާ އަހަންނަށް ގެއްލިފަ އަނބުރާ އާދެވިއްޖެއްނު. އެހެން މީހުން ދާނެ. މިހާރު ވެސް ނެތް. ބައްޕަ ވެސް އަދި ދާނެ. މަގޭ އެ ތިބަ ދެ ދަރިން ވެސް އަދި ދާނެ. ގޮއްސަ ނާންނާނެ ދުވަހަކުވެސް.”
ކުރެހިފައިވާ އަޑަކުން ވާހަކަ ދައްކަމުން ޒާޔާ ދެއަތުން މޫނު ފޮރުވައި އިސްޖަހައިލި މަންޒަރު ފެނި މަލައިކާއަށް ކުރުވީ ހިތްދަތި އަސަރުތަކެކެވެ. އޭނާގެ ޒަމާންވީ ރަހުމަތްތެރިޔާއަށް ޓަކައި އެ ހިތުގައި ހަމްދަރުދީ އުފެދިގެން ދިޔައެވެ. އޭނާއަށް ވެވެން އޮތް ވަރަކުން އެ ރަހުމަތްތެރިޔާއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުމެވެ. “އުއްމީދު ކަނޑާނުލާ ޒާޔާ. ތިހެން ނުހަދާ. ކޮންމެ އިންސާނަކަށް ވެސް މުސީބާތެއް ކުރިމަތިވީމަ ދެރަވާނެ. ހިތާމަކުރާނެ. އެކަމަކު.. އުއްމީދު ކަނޑާނުލާ.. ޒާޔާއަށް އިނގޭތަ؟ ޒާޔާ އަންނާނެކަމުގެ އުއްމީދުގަ އަންހެން ކުއްޖަކު ތެޅިފޮޅޭކަން؟”
މަލައިކާ ވާހަކަދައްކަމުން ގޮސް އޭނާގެ އެންމެ ފަހު ޖުމްލަ އަޑުއިވުނު ހިނދު ޒާޔާގެ ރުއިމުގެ އަޑު އެއްކޮށް ކެނޑުނު ކަހަލައެވެ. މަލައިކާ ބުނި ޖުމުލައެއް ދެނެނުގަނެވިގެން އުޅޭ ފަދަ މޭރުމަކުން ޒާޔާއަށް އިނދެވުނީ މަލައިކާގެ މޫނަށް ބަލަހައްޓައިގެނެވެ. ޒާޔާގެ ދެ ލޮލުން މަލައިކާ އެ ބުނި ވާހަކައެއް ފަހުމު ކޮށްދީބަލާށޭ ބުނާ ކަހަލައެވެ. “އާނ ޒާޔާ. ޒާޔާ އަންނާނެ ކަމުގެ އުއްމީދުގަ.. އެކަނިމާއެކަނި ހިތާމަކުރަން ޒަމްލާ އިނދޭ.” ޒާޔާގެ ދެ ކަންފަތަށް ހީވީ ހޮނު ގުގުރިއެއް ޖެހިހެނެވެ. ހީވީ އެތައް ޒަމާނަކަށްފަހު ލޯބިވާ ފަރާތެއްގެ ޚަބަރެއް ލިބުނުހެނެވެ. އެހެނަސް އެއީ އުފާވެރި ޚަބަރަކަށް ވެގެން ދިޔަ ޚަބަރަކަށް ނުވިއެވެ. “ކީކޭ…؟ ކޮބާ މަގޭ ޒަމްލާ؟ އޭނަ ގެނެސްދީ.. މަލައިކާއަށް އެނގޭނެ.” ޒާޔާއަށް ވާހަކަދެއްކުނީ ތަންކޮޅެއް ބާރަށެވެ.
“އަޑުއަހާ ޒާޔާ. އަހަރެން ކޮންމެ ރެއަކުހެން އެކުއްޖާގެ ހާލު ބަލަން. އެކަމަކު ޒާޔާ ތި ހީކުރާހާ ފަސޭހައިން އަހަންނަކަށް ޒަމްލާ ގެނެސްނުދެވޭނެ. ޒާޔާ ވެސް ގަބޫލުކުރަންވާނެ. އަހަރެންގެ ބާރު ކިތަންމެ ގަދަވިޔަސް އަހަންނަށް ވެސް ނުކުރެވޭނެ ކަންކަން ހުންނާނެ. ޒާޔާއަށް ވިސްނާފަ އަހަރެން މި ބުނަނީ. ޒަމްލާގެ ކުރިމައްޗަކަށް އަހަރެން ފާޅެއް ނުވާނަން. ބުނަންތަ؟ ޒާޔާވެސް ހިތްވަރު އެލުވާލާފަ ނުހުރެ ޒާޔާގެ ފިރިމީހާއާ ދަރިފުޅު ހޯދަން މަސައްކަތް ކުރޭ. އަހަރެންގެ އެހީތެރިކަން އިރާދަކުރެއްވިއްޔާ ލިބޭނެ… އަހަރެން އަދި ފަހުން އަންނާނަން އިންޝާﷲ. ދެން ދަނީ. ހިތާމަ ނުކުރައްޗޭ. ދުޢާ ކުރައްޗޭ. އިރާދަކުރެއްވިއްޔާ ކާމިޔާބު ލިބުން އޮތީ ވަރަށް ގާތުގަ.” ޒާޔާއަށް ވިސްނައިދިނުމަށްފަހު މަލައިކާ އެ ހުރިތަނުން ޣައިބުވެއްޖެއެވެ. މަލައިކާ ޣައިބުވުމާއެކު އޭނާ ހުއްޓި ހުރި މަޤާމުގައި ދިއްލިފައިވި ހުދު އަލިވެސް އެކީ ފަނޑުވެގެން ދިޔައެވެ.
ޒާޔާގެ ލޯ މައްޗަށް މަލައިކާ ގެއްލުމާއެކު ޒާޔާ ފުން ވިސްނުމަކަށް ގެއްލުނު ފަދައެވެ. މަލައިކާގެ ފަރާތުން އިވުނު ވާހަކަތަކުގެ ސަބަބުން ޒާޔާއަށް ކޮންމެވެސް ވަރެއްގެ އުއްމީދެއް ވެސް ލިބިގެން ދިޔަ ފަދައެވެ. އެހެންނަމަވެސް، އަދިވެސް އޭނާގެ އަމިއްލަ ނަފްސާމެދު މާ ބޮޑު އިތުބާރެއް، ޔަޤީންކަމެއް ނެތެވެ. މަލައިކާ ވިޔަސް، ކޮންމެ މީހަކު ވިޔަސް އޭނާއަށް ހިތްވަރުގެ ބަހެއް ރައްދު ކުރިޔަސް އަމިއްލަ ނަފްސާމެދު މާ ބޮޑު ޔަޤީންކަމެއް ނޯންނާތީ ޒާޔާގެ ހިތްވަރު މާ އަވަހަށް އެލި، ކުރެވޭ ކުޑަކުޑަ އުއްމީދު ވެސް ފުނޑުފުނޑު ވަނީއެވެ.
**********
ފުރަ މެންދަމުގެ ވަގުތު މާ ސިންގާ ކަނޑުމަތިން ރަތާ ފެއްސާ ނޫ ކުލައިން ދިއްލެމުން ދިޔަ އަލިތަކެއް ފެންނަމުން ދިޔައެވެ. ރަށާ ކައިރިވި ވަރަކަށް އެއީ ފުލުހުންގެ ލޯންޗެއްކަން ޔަޤީންވެގެން ދިޔައެވެ. ރަށު ބަނދަރުމަތީ ތިބި ފުލުހުންގެ ޓީމް، ލޯންޗުން ފޭބި އިޒްވާއާ ސަލާމް ކުރުމަށް ފަހު އިޒްވާއާއެކު ހިނގައިގަތީ އެ ރަށުގައި ހުރި މީހުން ބަންދު ކުރާ މަރުކަޒާ ދިމާލަށެވެ.
“ޤައިދީ ނަމްބަރު ފަންސާސް!” މަރުކަޒަށް ގޮސް ދޮރުމަތީ ހުއްޓެމުން އިޒްވާ ގާތުގައި ހުރި ފުލުހެއް ގާތުގައި އިޒްވާ ބުންޏެވެ. އޭނާ ބޯ ޖަހައިލުމަށް ފަހު އެތެރެއަށް ހިނގައިގަތެވެ. އެ މީހާ ދިޔުމުން އިޒްވާ ދެން ތިބި ފުލުހުންނާއެކު ދިޔައީ މަރުކަޒުގެ އަނެއް ދޮރާއްޓާ ދިމާލަށެވެ.
ދޮރާށިން ނުވަދެވެނިސް ދުރުން އޮފިސަރެއް އިޒްވާއަށް ގޮވައިލިއެވެ. އަދި އައުމަށް އިޝާރާތް ކުރުމުން އޭނާ ގާތުގައި ތިބި ފުލުހުން ކައިރީ ވަނުމަށް ބުނުމަށް ފަހު އިޒްވާ ހިނގައިގަތެވެ. އޮފިސަރުގެ ފަހަތުން މަޑުމަޑުން ހިނގަމުން ގޮސް އިޒްވާ ބައްދަލު ކުރަން ބޭނުންވާ ޤައިދީ ބާއްވާފައި އޮތް ޖަލު ގޮޅިއާ ހަމައަށް އިރުކޮޅެއްގެ ތެރޭގައި ދެވިއްޖެއެވެ.
ވަރުގަދަ ދަގަނޑު ތަޅުދަނޑިއަކުން ޖަލުގެ ދޮރު އޮފިސަރު ހުޅުވައިލުމާއެކު އިޒްވާ ޖަލުތެރެއަށް ވަނެވެ. އޮފިސަރު އޭނާ އަތަށް ތަޅުދަނޑި ދީފައި ދިޔުމުން އިޒްވާ ގޮޅިތެރޭ އިށީންދެގެން އިން ދެބައި އުމުރުގެ މީހާއަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. ކިތަންމެ ފަރުވާތެރިކަމާއެކީ ބެލިޔަސް އިޒްވާގެ ލޮލުން އެ މީހާއަށް ޓަކައި އެއްވެސް ކަހަލަ ލޯތްބަކާ، ޙަމްދަރުދީގެ ކުލަވަރުތަކެއް ފެންނާކަށް ނެތެވެ. ފެންނަމުން ދިޔަހާވެސް ކުލަވަރުތަކަކީ، ނަފްރަތާ، ރުޅިވެރިކަމާ، ހަސަދަވެރިކަމެވެ.
މީހަކު ވަތްކަމުގެ ހިލަމެއް ވިޔަސް އެ މީހާ އިނީ އޭނާގެ ގޮތުގައި ހިފަހައްޓައިގެނެވެ. އޭރު ވެސް، އެ ގޮޅިތެރެއަށް ވަންނާނީ ކާކުކަން އޭނާއަށް އެނގޭ ކަހަލައެވެ. މީގެ ކުރިން ވެސް އެމީހަކު އޭނާ ކައިރިއަށް ވަދެ އެކި ކަންކަމުގައި ބިރު ދައްކާ ދައްކާ، މިހާރު އެ މީހާ އެ އިނީ އެކަންކަމަށް އާދަވެފައެވެ. ފުލުހުންގެ އެންމެ މަތީ މަޤާމުގައި ހުރެ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އޭނާއަށް ނުޙައްޤުން އެތައް ގެއްލުމެއް ދީފައިވާތީ އޭނާގެ ހިތުގައި އެ މީހަކަށް ޓަކައި ވަނީ އިންތިހާ ރުޅިވެރިކަމެވެ. ވަކިން ޚާއްޞަކޮށް އޭނާގެ ލޯބިވާ އަނބި މީހާއާ ދަރިން އޭނާއާ ވަކިކޮށްލި ގޮތުން އެ ރުޅިވެރިކަން ދެގުނަވެފައިވެއެވެ.
“ކޮންމެވެސް އެއްޗެއް ކިޔާބަލަ.” އާދައިގެ ރާގެއްގައި އިޒްވާ ބުންޏެވެ. އެ މީހާ އެއަކަށް ޖަވާބެއް ނުދިނެވެ. އެ ތަނުގައި އިން ގޮތަށް ހަމަ އިނީއެވެ.
“ހާދަ ފިނޑިވެއްޖޭ ދޯ.” މިފަހަރު އިޒްވާ ކޮށްލީ މަލާމާތެކެވެ. ދެންވެސް އެ މީހާ އެއްޗެކޭ ނުބުނުމުން އިޒްވާ ރުޅިއަންނަ ގޮތްވާން ފެށިއެވެ. އިޒްވާ ރުޅި އައީ އެ މީހާއަށް ވުރެ އޭނާ ދަށްވެއްޖެކަމުގެ އިޙުސާސެއް ކުރެވުނީމައެވެ.
“ކަލޭ އަޑުއަހައްޗޭ. ކަލޭގެ ގެ އަހަންނަށް ލިބޭކަށް މާ ގިނަ ދުވަހެއް ނެތް. އެތަން ވެރިކޮށްގެން އެ އުޅޭ ޒާޔާއަކާ އޭނާގެ އާއިލާއަށް ސިހުރު ހަދަން މަ މިއުޅެނީ.” ކަންފަތަށް އިވުނު ވާހަކައަކުން އެތަނުގައި ވަރަށް ކެތްކޮށްގެން އިން މީހާގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔަ ފަދައެވެ. ހަޅޭއްލަވައިގަނެފައި އިޒްވާއާއި ދިމާލަށް ފުންމައިގަތް ގޮތަށް ހިފީ އިޒްވާގެ ކަރުގައެވެ. އިޒްވާއަށް ނޭވާ ނުލެވޭނެހެން ހީވާ ވަރަށް އެ މީހާ ދިޔައީ އިޒްވާގެ ކަރަށް ބާރުކުރަމުންނެވެ.
“ކް..ކަލޭ.. އިތުރު.. ދަ.. ދައު..ދައުވާއެއް.. ބޭ.. ބޭނު.. ން.. ނުވަން..ޏަ..ދޫ…ދޫ..ކުރޭ…” ކޮށްޓަމުން ކޮށްޓަމުން އިޒްވާއަށް ވާހަކަދެކެވުނެވެ. އޭނާއަކަށް އެ މީހާގެ އަތް ދޫކޮށެއް ނުލެވުނެވެ.
އިޒްވާ ބުނި ވާހަކައެއް ފަހުމުވުމާއެކު އެ މީހާ އިޒްވާގެ ކަރުން އަތް ދޫކޮށްލިއެވެ. އޭނާގެ މައްޗަށް އިތުރު ދަޢުވާއެއް ކޮށްގެން އަނެއްކާވެސް ޙަޔާތުގެ އެތައް ދުވަސްތަކެއް ޖަލުގައި ހޭދަކުރާކަށް ބޭނުމެއްނޫނެވެ. މިހާރު ވެސް އޭނާގެ ޙަޔާތުން އެތައް އަހަރުތަކެއް ބޭކާރުވެގެން ދިޔައީއެވެ. އެއީ، އަދި އޭނާ ނުކުރާ ކުށެއް އޭނާގެ ބޮލުގައި ބަޔަކު އެޅުވީމައެވެ.
“ލިއަމް. އެއްބަސްވުމެއް ހަދައިގެން ވެސް ކަލޭ އޭގަ ސޮއި ނުކުރީމެއްނު. އަހަންނަށް އެހެން ގޮތްގޮތަށް ވެސް ކަލޭގެ ސޮއި ހޯދޭނެ. ކަލޭގެ އާއިލާ އެކަކަށް ވެސް ގެއްލުމެއް ލިބެން ބޭނުން ނުވަންޏަ ކަލޭ ޖެހޭނީ މައިތިރި ވެގެން މިތާ އޮންނަން.” އިޒްވާ ބުނަން ބޭނުންވި ވާހަކަތައް ބުނުމަށް ފަހު ދާން ހިނގައިގަތެވެ.
“އާނ… އަދި އެއް ވާހަކަ. ކަލޭ ޖެހޭނެ ޒާޔާ ވަރިކުރަން ވަރަށް އަވަހަށް. އެހެންނޫނީ، އޭނާ ދުނިޔޭގަ ހުންނާނެކަން ކަލޭ ހަނދާން ނައްތާލައްޗޭ.” އިޒްވާގެ ފަރާތުން އިވުނު ބަސްތަކުގެ ސަބަބުން ލިއަމްގެ ދެލޮލުން ކަރުނަތައް އޮހިގެން ފައިބައިފިއެވެ. މިއަދަކު އޭނާއަށް ކުރެވޭނެ އެއްކަމެއް ވެސް ނެތީއެވެ. އޭނާގެ އެއްވެސް ބާރެއް ނެތީއެވެ. އޮތްހާވެސް ގޮތަކީ، އޭނާގެ މައްޗަށް ބާރުފޯރުވާ މީހުން ބުނާ ކޮންމެ ގޮތެއް ހަދައިގެން އުޅުމެވެ.
ނުނިމޭ
2 Comments!
Comments are closed.

Warah reethi mi episode vx. Alhe zaya ah avahah zamlaa men fenna nama.
When next?
Thank you very much <3 <3
Next episode maadhamaa ge vaguthegga submit kollaanan 🙂 🙂