ޒާޔާ – 2 (ހަތަރުވަނަ ބައި)
“ކަލޭގެ ސަބަބުން އެއިން އިންސާނެއްގެ ހަށިގަނޑުން ލޭ ތިއްކެއް ފެނުނަސް ކަލޭގެ ހިތް ކޮށާ ކުދި ކޮށްލާނަން.” އިޒްވާގެ ފަހަތުގައި ޣައިބުވެގެން ހުރި މަލައިކާ ބުންޏެވެ. މަލައިކާ ހުރީ ނުރައްކާތެރި ދަރަޖައަކަށް ރުޅި އައިސްފައެވެ. އިންސާނުން އެމީހުންގެ އަމިއްލަ އެދުމައިގެން ވާވަރު ފެނިފައެވެ. އެ ހުރިތާ ހުރެ މަލައިކާ، ސިކުންތުކޮޅަކަށް އިޒްވާއަށް ވާހަކައެއް ނުދެއްކޭނެހެން އޭނާގެ އަނގަމަތީގައި އަތް އެޅިއެވެ. އަނގަމަތީގައި އެއްޗެއް ޖެހުނުހެން ހީވެ އިޒްވާ ސިހިފައި ކުޑަކޮށް ތިރިވެވުނެވެ. އަނގަ ކައިރީގައި އެއްޗެއް ނެތްކަން ޔަޤީންވުމުން ތެދުވެ ބޮލުގައި ދެއަތް އަޅައިލަމުން އެތާ ހުރި ގޮނޑީގައި އިށީނެވެ.
“އަގްގް.. އެ ގެ އަތުލެވޭތޯ އުޅެންވީ އަވަހަށް. އެހެންނޫނީ ހަމަޖެހުމެއް ނެތް.. ޕިސް.. ބޮޑުކަމެއް ހުވާ.” އެ އިންގޮތަށް އިނދެ އިޒްވާ ބުންޏެވެ. “މީހެއްގެ މުދަލަށް އަރައިގަނެބަލަ.. ކަލޭގެ ނިމުން ކަލޭ ދެ ލޯ ކުރިމަތީ ދައްކާލާނަން.” މަލައިކާ އެހެން ބުނެފައި ކެބިންގައި ހުރި ކުޑަދޮރުން ބޭރަށް ފުންމައިލިއެވެ.
*********
ކާމިޔާބު ތަހުގީގަކަށް ފަހު ޒާމިލްއަށް އެދުވަހު ގެއަށް އާދެވޭ ވަރުވީ އިރުއޮއްސެން ގާތްވެފައިވި ވަގުތުގައެވެ. މަންމަ ގާތަށް ދާން ހިތުލައިގެން ހުރެފައި ވެސް އެ ޚިޔާލު ބަދަލުކޮށްލީ ފުލުސް ޔުނީފޯމުގައި މަންމަގެ ކުރިމައްޗަށް އަރައިފިއްޔާ މަންމައަށް އުނދަގޫވާނެކަން އެނގޭތީއެވެ.
ފެންވަރާ ތާޒާވެލުމަށް ފަހު ކަޅު ކުލައިގެ ޓީޝާޓަކާއި ޖީންސެއް ލައިގެން ޒާމިލް ކޮޓަރިން ނުކުތެވެ. އެންމެ ފުރަތަމަ ވެސް ޒާމިލް ހިނގައިގަތީ ބަދިގެއާއި ދިމާއަށެވެ. އެތަނުން މަންމަ ފެންނަން ނެތުމުން ކާފަގެ ކޮޓަރި ބެލިއިރު އެތަނުންވެސް މަންމަ ފެންނަން ނެތެވެ. މަންމަގެ ކޮޓަރީގައި ދެތިން ފަހަރަށް ޓަކި ޖެހިއިރުވެސް މަންމަގެ ޚަބަރެއް ނުވުމުން ޒާމިލް މަންމަގެ ފޯނަށް ގުޅައިލިއެވެ. ދެ ފަހަރަށް ގުޅި އިރު މަންމަ ފޯނު ނުނެގުމުން ކުޑަކޮށް މީހާ ހާސްވާގޮތްވިއެވެ. މަންމަ ވީތަނަކާމެދު ވިސްނަން ހުއްޓަ ޒާމިލްއަށް ސިޓިންގް ރޫމް އިންނަ ދިމާ ބޭރުން އަޑެއް އިވެން ފެށުމުން އަވަހަށް ގޮސް ގޭގެ ގޯތި ތެރެއަށް ނުކުތެވެ.
ގޯތި ތެރެއަށް ނުކުތް ވަގުތު މާމެލާމެލިތަކުން ފުރިފައިވި ގަސްތަކަށް ފެންޖަހަން ހުރި ޒާޔާ ފެނުމުން ޒާމިލްއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. “ޒާމިލް. ދަރިފުޅު ކައިގެންތަ ތިއުޅެނީ؟” ދުރުގައި ހުރި ޒާމިލް ފެނުމުން ޒާޔާ ސުވާލުކުރިއެވެ. “ނޫން. މިރޭ ރައްޓެހި ބަޔަކާއެކު ބޭރަށް ކާން ދާން މިއުޅެނީ.. މަންމަ މި ގަޑީ ކީއްވެ މިތާނގަ؟” ޒާމިލް އެހިއެވެ. “މަންމަ މިއަދު ހަނދާން ނެތުނީ ގަސްތަކަށް ފެންޖަހަން. ކާފަ ކައިރީގަ ހުރެފަ މަންމަ ހަމަ ދެންމެއަކު ހަނދާންވީ.” ގަސްތަކަށް ފެން ޖަހަމުން ޒާޔާ ބުންޏެވެ.
ޒާޔާ އެ ހުރިހާ ވާހަކައެއް ދެއްކިއިރު އެއްފަހަރުވެސް ޒާމިލްއާއި ދިމާލަށް ނުބަލާކަން ޒާމިލްއަށް ފާހަގަކުރެވުނެވެ. މަންމައަށް ކަމެއް ވެފައިހުރި ކަމާމެދު ޒާމިލްގެ ހިތުގައި އެވަގުތު ޝައްކު އުފެދުނެވެ. އިރުކޮޅަކު އެހެން ހުރެފައި މަންމަ ގާތަށް ގޮސް މަންމަ އަތުގައި އޮތް ފެންޖަހާ ފުޅި، ޒާމިލް ނެގިއެވެ.
ޒާޔާ އެއްޗެކޭ ބުނުމެއްނެތި އޭނާގެ ދަރިފުޅަށް ބަލަން ހުރީއެވެ. ކޮންމެވެސް ވަރަކަށް ފެންކަޅިވެފައިވި ދެ ލޮލުން ޒާޔާއަށް ސިފަވަނީ ލިއަމް ގަސްތަކަށް ފެންޖަހަން ހުރި މަންޒަރެވެ. ޒާޔާއަށް ފުރަގަސްދީގެން ޒާމިލް ހުންނައިރު ވެސް ފަހަތުން ލިއަމްއާއި އެއްވެސް ތަފާތެއް ނެތެވެ. ޒާމިލް ގަސްތަކަށް ފެން ޖަހާ ނިމެންދެން ޒާޔާ އެގޮތަށް ހުރީއެވެ.
“މަންމަ. މިއަދު މާ ގިނައިން ކަންކަން ހަނދާން ނެތޭ ދުވަހަކީތަ؟” މަންމައާއެކު ގޭތެރެއަށް ވަންނަމުން ޒާމިލް ސުވާލުކުރިއެވެ. “ކިހިނެތްވީ؟” ޒާމިލްއަށް ކަމެއް ފާހަގަކުރެވިއްޖެހެން ހީވުމާއެކު ޒާޔާއަށް ވަގުތުން ސުވާލު ކުރެވުނެވެ. ޒާޔާއަށް ލިބުނު ތިން ދަރިން ކުރެ އެންމެ ތޫނުފިލި ދަރިއަކީ ޒާމިލްއެވެ. ކަންކަން ދެނެގަތުމުގައި އެހެން ކުދިންނަށް ވުރެ ޒާމިލް އުޅެނީ ކުރީގައެވެ.
“މަންމަ ރަނގަޅުތަ؟” ފަރުވާތެރިކަމާއެކު މަންމަގެ މޫނަށް ބަލަން ހުރެ ޒާމިލް ސުވާލު ކުރިއެވެ. ދޭނެ ޖަވާބެއް ނޭނގުމުން ޒާޔާ، ޒާމިލްއަށް ފުރަގަސް ދިނެވެ. އަދި ޒާމިލް އަށް ނޭނގޭނެހެން ފެންކަޅިވެފައިވި ދެލޯ ފުހެލިއެވެ. ޒާޔާ އެހެން ހުންނަން ފެށުމުން ޒާމިލް، ޒާޔާގެ ކޮނޑުގައި އަތް ބާއްވައިލިއެވެ. އެވަގުތު ވެގެން ދިޔައީ ޒާޔާއަށް އޭނާގެ ހިތުގައި ވަށައިލެވިގެންވި ހިތާމަވެރިކަމުގެ މައްޗަށް ކުރި ހޯދުމުގައި ނާކާމިޔާބުވި ވަގުތުކޮޅަކަށެވެ. ހުރިގޮތަށް ހުރެ ޒާޔާއަށް ރޮވެން ފެށުނެވެ. މަންމަ ރޯން ފެށުމުން ޒާމިލް މަންމަ ގޮވައިގެން ވަނީ އޭނާގެ ކޮޓަރިއަށެވެ.
ޒާޔާގެ ފަރާތުން ފެންނަ ކަންތަކަށް ދަރިއެއްގެ ޙައިޞިއްޔަތުން ކެތްތެރިވާ މިންވަރު ޒާމިލްގެ ކިބައިން ފެނިގެން ދެއެވެ. މިއީ ވަރަށް މަދުން ނޫނީ އެއްވެސް އިންސާނެއްގެ ކިބައިން ފެންނާނެ ސިފަތަކެއް ނޫނެވެ. ގިނަ ފަހަރުތަކުގައި ޝަކުވާ ކުރާ އަޑު ނޫނީ ނީވޭނެއެވެ. ކަންތައް ބޮޑުކުރާ ވާހަކައާ އަބަދު އަބަދު ރޯ ވާހަކައާ އެހެން މީހުންގެ ސަމާލުކަން ހޯދަން އުޅޭ ވާހަކައަކީ އަބަދުވެސް އެކަހަލަ މީހެއްގެ ފަރާތުން ބަލި މީހަކު އަޑުއަހަން ޖެހިފައިވާ ހިތަށް އުނދަގޫކުރުވަނިވި ބަސްތަކެކެވެ.
“މަންމަ ބުނެބަ ތި ވެގެން އުޅޭ ގޮތް. ޕްލީޒް.” މަންމަގެ ގާތުގައި ބިންމަތީގައި އިށީންދެގެން އިން ޒާމިލް އެހިއެވެ. މަންމަގެ ކަކުލުގައި އަތް އަޅުވައިލައިގެން، ދެރަވެފައިވި މޫނަކާއެކީ ޒާމިލް މަންމައަށް ބަލަން އިނީއެވެ. އޭރު ޒާޔާ މޫނުގައި ދެއަތް އަޅައިގެން އިނދެ ރޮމުން ދިޔައެވެ.
އެގޮތުގައި ވަގުތުކޮޅެއް ހޭދަވެގެން ހިނގައްޖެއެވެ. ހިތްވަރުކޮށްފައި ރުއިން ހުއްޓައިލުމަށް ފަހު ރަތްވެފައިވި ދެލޮލުން ޒާޔާ ޒާމިލްއަށް ބަލައިލިއެވެ. ދަރިފުޅުގެ މޫނުމަތިން އޭނާއަށް ޓަކައި ފެންނަން ހުރި ހިތްދަތިކަން ފެނުމުން ޒާޔާގެ ހިތުގައި އެވަގުތު ރިއްސައިލިއެވެ. ޒާޔާ ތަޙައްމަލު ކުރަމުންދާ އެއްވެސް ވޭނެއްގައި ޒާޔާގެ އެއްވެސް މީހަކު ބައިވެރިވާން ޒާޔާ ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ކޮންމެވެސް މީހެއްގެ އެހީތެރިކަން ޒާޔާ އަބަދުވެސް ބޭނުންވެއެވެ. ހުރިހާ ވެސް މައްސަލައަކީ ބަނޑުއަޅައި ވިހޭ ދަރިން ތިމާ ކުރިމަތީ ދެރަވެފައި އިންނަ މަންޒަރު ބަލަން މައިލަނގޮޑިއަށް ކެތްނުވާތީއެވެ.
“މަންމާ. ދެން ހިތްވަރުކޮށްލާފަ ނުރޮއެ އަހަރެން ކައިރީ ބުނެދީބަ.” މަންމަގެ ދެކޮލުގައި ފޭދިފައި ހުރި ކަރުނަތައް ފުހެލައިދެމުން ޒާމިލް ބުންޏެވެ. “ދަރިފުޅު..” “ކީކޭ މަންމަ. އަވަހަށް ބުނޭ.” މަންމަ އެއްޗެއް ބުނަން އުޅޭހެން ހީވެ ޒާމިލް އަވަހަށް ޖަވާބު ދިނެވެ. “ދަރިފުޅު ބޮލަށް އުނދަގުލެއް ނުވޭތަ މަންމައަށް މިހެން ވާތަން ފެންނައިރު.”
ޒާޔާ ކޮށްލި ސުވާލު އިވުމާއެކު މި ފަހަރު ޒާމިލްގެ ހިތަށް މާ ބޮޑަށް އުނދަގޫވެގެން ދިޔައެވެ. އެހެންނަމަވެސް އެކަން މާ ބޮޑުކަމަކަށް ނުހަދާ، ތެދުވެ މަންމަގެ ގާތުގައި އެނދުގައި އިށީނެވެ. “މަންމާ. މަންމަގެ އެއްވެސް ކަމެއްގަ މަންމަގެ އެއްވެސް ދަރިއަކު ބޮލަށް އުނދަގުވެގެން ނޫޅޭނެ. ބުނެބަ މަންމާ. ވެގެން އުޅޭ ގޮތް. ޕްލީޒް. ޓެލް މީ. މަންމާ.”
“ޒަމްލާ މަތިން ހަނދާންވަނީ. ލިއަމް މަތިން ހަނދާންވަނީ.. ހަނދާންވާ ކޮންމެ ފަހަރަކު މަންމަ ހިތަށް ވަރަށް އުނދަގުވޭ ދަރިފުޅާ. މަންމައަށް ނޭނގެ ހަދަންވީ ގޮތެއް… މަންމަ ވަރަށް އުޅުނިން އެ ދެބަފައިން ހޯދަން. މިކަމަކައިގެން މަންމަ ހަލާކުވެދާނެ ދަރިފުޅާ! މަންމައަށް އެނގޭ ގޭތެރޭގަ މަންމަ ކުރަން ބައިވަރު ކަންކަން ހުންނަކަން. އެކަމަކު ކަމެއް ކޮށްލާނެހާ ހިތްވަރު މަންމަ ގައިގަ ގިނަ ފަހަރު ނުހުރޭ. މަންމަ އަމިއްލަ ނަފްސަށް މަޖުބޫރު ކުރުވައިގެން ކިރިޔާވެސް ކަމެއް ކޮއްލެވެނީ. މަންމަ.. މަންމައާ ހެދި ތި އެންމެނަށް ވެސް އުނދަގޫވާނެ. މީހުން އެހެން ބުނާ އަޑު އިވޭ މަންމައަށް.”
ގިސްލާ ރޮމުން ޒާޔާ ދެއްކި ވާހަކަތައް އިވިފައި ޒާމިލް ދެރަވިއެވެ. މަންމަ ބައްޔެއް ތަޙައްމަލު ކުރަމުން ދާއިރު މީހުންގެ ވިހަ ބަސްތަކުން އިތުރަށް މަންމަ ބަލިކަށިވެ މަންމަގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލިފައިވިކަން އެނގުމުން ޒާމިލް އިންތިހާ ދަރަޖައަށް ދެރަވިއެވެ. “މަންމާ. އަހަރެން ބުނާ ބަހެއް އަހަންޏާ އެހެން މީހުން ދައްކާ ވާހަކަ އަޑުނާހާ. ޕްލީޒް މަންމާ. މަންމަގެ ދަރިން މަންމައާއެކު އެބަ ތިބީމު. އަހަރުމެން ތިއްބަ މަންމަ އެކަންޏެއް ނުވާނެ. އަހަންނަށް އިނގެ މަންމަ ބަލިވީމަ ގިނަ ކަންކަން މަންމައަށް ނުކުރެވިދާނެކަން. އަހަރުމެން އެކަމަކާ ޝަކުވާއެއް ނުކުރާނެ މަންމާ. މަންމަގެ ދަރިންނަށް މާ މުހިއްމު މަންމަ ދުޅަހެޔޮ ސިއްހަތެއްގަ ހުރުން.” ޒާޔާއަށް ވިސްނައިދޭ ފަދައަކުން ޒާމިލް ބުންޏެވެ. އޭނާގެ ހިތުގައިވި ހިތްދަތިކަން އޭނާގެ މަންމައަށް ފޮރުވަމުންނެވެ.
“ބައްޕަމެން ހޯދަދީ ދަރިފުޅާ!” ރޮވިފައިވާ ޙާލު ދަރިފުޅުގެ ކޮނޑުގައި ބޯ އަޅައިލަމުން ޒާޔާ ބުންޏެވެ. “ކެތްތެރިވޭ މަންމާ. އަހަރުމެނަށް ޓަކައި. އިރާދަކުރެއްވިއްޔާ މާ ގިނަ ދުވަސްތަކެއް ނުވެ އަހަރުމެނަށް ބައްޕަ ފެންނާނެ. ޒަމްކޮ ވެސް ފެންނާނެ.” ކުރެހިފައިވި އަޑަކުން ޒާމިލް ބުންޏެވެ.
ދެމައިންގެ ޖަޒުބާތީ ވަގުތުކޮޅަށް ނިމުން އައީ ޒާމިލްގެ ފޯނު ރިންގްވާން ފެށި ވަގުތުގައެވެ. ފޯނުގެ ސްކްރީނުން ‘ކާފަ’ ގެ ނަން އަރާފައި އޮތްތަން ފެނުމުން ކާފަ އެ ގުޅަނީ ކީއްވެކަން ޒާމިލްއަށް އެނގުނެވެ. “މަންމާ. ހިތްވަރުކޮށްލާފަ ހުއްޓާލަ އަވަހަށް. ކާފަ އެ ގުޅަނީ މިސްކިތަށް ދާން ވެގެން.” ޒާމިލް ބުންޏެވެ. “ހްމްމް. ދަރިފުޅު ދޭ އިނގެ. މަންމަ އިރުކޮޅަކުން ދާނަން.” ޒާމިލް ނުކުމެގެން ދިޔަ ދިމާލަށް ބަލަން އިރުކޮޅަކު ހުރުމަށް ފަހު ޒާޔާ އެނދުގައި ލެނގިލިއެވެ. ދެ ލޯ ފެންކަޅިވެފައިވިއެއްކަމަކު ދެ ލޯ މަރާލާ ހިތާހިތުން ޒާޔާ އަށް ދުޢާ ކުރެވެން ފެށުނީ ލިއަމްއާއި ޒަމްލާ އަވަސް މުސްތަޤުބަލެއްގައި ހޯދޭނެ ގޮތް މެދުވެރިކުރެއްވުން އެދިއެވެ.
****************
ރޭގަނޑުގެ ވަގުތެވެ. ބައްޕައާއެކު ރޭގަނޑުގެ ކެއުން ނިންމާލާ ބަދިގޭގެ މަސައްކަތްތައް ވެސް ނިންމާލުމަށް ފަހު ޝަޒާ ބަދިގެއިން ނުކުތެވެ. އޭރު ހަސްނައިން ސިޓިންގް ރޫމްގައި ފޯނު ހިފައިގެން އިން ތަން ޝަޒާއަށް ފެނުނެވެ. “ގުޑް ނައިޓް ބައްޕާ.” ހަސްނައިން ވެސް ‘ގުޑް ނައިޓް ދަރިފުޅު’ އޭ ބުނުމުން ޝަޒާ ހިނިތުންވެލުމަށް ފަހު އޭނާގެ ކޮޓަރިއަށް ވަނެވެ.
އެނދުމަތީ އިށީނުމަށް ފަހު ސައިޑް ޓޭބަލް މަތީގައި އޮތް ފޮތް ނެގުމަށް ފަހު ހުޅުވައިލިއެވެ. ބަލި މީހުންގެ ފަރާތުން ފާހަގަ ވެފައިވާ ކަންކަން ނޯޓު ކުރުމަށް ޝަޒާ ގެންގުޅިފައިވާ ފޮތް އެއްލައިލަން އަދި އޭނާ ބޭނުމެއް ނުވެއެވެ. ފޮތުގެ އެކި ޞަފްޙާތައް ބަލަމުން ޝަޒާ ދިޔައީ، ޒާޔާގެ ޙާލަތާ ވައްތަރު ބަލި މީހެއްގެ ޙާލަތު ލިޔެފައިވި ޞަފްޙާއެއް ފެނޭތޯއެވެ. ފުދޭވަރަކަށް ޞަފްޙާ ބެލުނު ފަހުން ޝަޒާ ބޭނުންވި މަޢުލޫމާތު ރައްކާކުރެވިފައިވި ޞަފްޙާ އޭނާއަށް ހޯދުނެވެ.
“ކައިންޑަ ސިމިލަރ. އެކަމަކު މި ޕޭޝަންޓާ ބަލާފަ އަހަންނަށް ފާހަގަ ކުރެވެނީ ޒާޔާ ދައްތަގެ ޙާލު ހާސްބައި ރަނގަޅުކަމަށް.” ފޮތަށް ބަލަހައްޓައިގެން އިނދެ އަމިއްލަ ނަފްސަށް އިވޭވަރަށް ޝަޒާ ބުންޏެވެ. އިރުކޮޅަކު އެކަމާމެދު ވިސްނާލަން އިނުމަށް ފަހު ފޮތް ބާއްވާފައި ޝަޒާ، އެނދުގައި އޮށޯވެލިއެވެ. ދިގު ދަތުރެއް ކުރެވިއްޖެކަމުގެ ވަރުބަލިކަން ޝަޒާ އަށް އިޙުސާސްވި އެ ވަގުތުކޮޅު އެ ދެލޯ މެރި ނިދީގެ ފުން ކަނޑަށް ގެނބިއްޖެއެވެ.
*********
ފޯނު އެލާމްވާން ފެށި އަޑަށް ނިދިފައި އޮތް ޒާޔާއަށް ދެ ލޯ ހުޅުވައިލެވުނެވެ. އެލާމް ކަނޑައިލުމަށް ފަހު ޒާޔާއަށް ބޮލުގައި އަތް އަޅައިލެވުނެވެ. ބޮލުގައި ރިއްސާފައި ހުންނަ މީހެއްގެ މޫނުމަތިން ފެންނާނެ ފަދަ ކުލަވަރުތައް އެވަގުތު ޒާޔާގެ މޫނުމަތިން ފެންނަމުން ދިޔައެވެ. އެހެންނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އެ ދެ ލޮލުން ކަރުނަ ފައިބާކަށް ވަކި ވަގުތެއް ނޯވެއެވެ. ރޭގަނޑުގެ އަރާމު ނިންޖަކީ ކޮންމެ އިންސާނަކުވެސް ބޭނުންވާނެ އެއްޗެކެވެ. އެކަމަކު އެ ނިދިކޮޅު ވެސް ޒާޔާއަށް ނަފްރަތު ކުރާ ފަދައެވެ. ސިކުނޑި ދައްކުވައިދޭ މަންޒަރުތަކުން އެ ދެލޮލަށް ނިދި އައުމުގެ ބަދަލުގައި އެ ދެލޮލުން ފައިބަނީ ހުއްޓުމެއް ނެތް ކަރުނަތަކެވެ. ކިރިޔާ ވެސް ނިދި ލިބެނީ އެ ޙާލެއްގައި މީހާ އެނދުމަތީ އޮވެ ވަރުބަލިވާ ފަހުންނެވެ.
ހަށީގައި ނެތް ހިތްވަރުލާފައި ޒާޔާ އެނދުން ތެދުވިއެވެ. އަދި ވުޟޫ ކޮށްލައިގެން ނުކުތުމުން މީހާގެ ހަށިގަނޑުގައި ކޮންމެވެސް ވަރަކަށް ވަރުޖެހި، ތާޒާ ވެލައިފިކަމުގެ އިޙުސާސް ޒާޔާއަށް ކުރެވުނެވެ. ބަންގި ގޮވަން ކުޑަ ވަގުތުކޮޅެއް އޮތުމުން ޒާޔާ ފެން ބޮއެގެން އަނެއްކާވެސް އެނދުގައި އިށީންދެލިއެވެ. އަދި ފޯނު ހުޅުވައިލުމަށް ފަހު ވައިބަރ ހުޅުވައިލިއެވެ. އަދި ‘ހަޒްބެންޑް’ ގެ ނަމުގައި އިން ޗެޓް ލޮގް ހުޅުވައިލިއެވެ. “ލާސްޓް ސީން އަ ލޯންގް ޓައިމް އެގޯ.” ނަމުގެ ތިރިއަށް އަރާފައި އިން ލިޔުން ޒާޔާއަށް ވައި އަޑުން ކިޔައިލެވުނެވެ. މައްޗަށް ސްކްރޯލް ކުރަމުން ދިޔަވަރަކަށް އެކި ދުވަސް މަތިން ދެމީހުންގެ ދެމެދު ރައްދު ކުރެވިފައިވި ލޯބީގެ މެސެޖްތައް ފެންނަން ފެށިއެވެ. އެންމެ ފަހަށް ލިއަމް ފޮނުވާފައި އިން ފޮޓޯ ފެނި ޒާޔާގެ ހިތް ދެރަވާ ގޮތްވިއެވެ. “ފަސް އަހަރު ވަނީ. ހަޒްބެންޑް.. ކޮންތާކުތަ ތިއުޅެނީ..؟ އަހަރެންގެ ފިރިމީހާ ދުނިޔޭގަ އެބަ ހުއްޓޭ އަހަރެންގެ ހިތް ބުނޭ. ކޮން ދުވަހަކުންތަ ހަޒްބެންޑް އަންނާނީ؟ ޕްލީޒް ކަމް..” ފޮޓޮއަށް ބަލަހައްޓައިގެން އިން ޒާޔާގެ ހިތް އެތައް ޝަކުވާއެއް ކުރިއެވެ. އެ ހިތް ކުރަމުން ދިޔަ ޝަކުވާތަކުގެ އަސަރު އެ ދެލޮލުން ފެންނަމުން ދިޔައެވެ. ފަތިސް ނަމާދަށް ބަންގި ގޮވީ ވެސް ޒާޔާ އެ ގޮތުގައި ފޯނަށް ބަލަހައްޓައިގެން އިންދައެވެ.
ފޯނު ލޮކް ކުރެވުމާއެކު މި ކުރެވުނީ ކޮށްގެން ވާނެ ކަމެއް ނޫންކަމަށް ޒާޔާގެ ހިތް ބުންޏެވެ. ޒާޔާ ކުރަމުންދާ ހިތާމަތަކާ، ނަފްސާނީ ގޮތުން ޒާޔާއަށް ކޮށްފައިވާ އަސަރުތަކުގެ ސަބަބުން ލޯބިވާ މީހުންގެ ހަނދާން އާ ކުރުމުގެ ގޮތުން އެ މީހުންގެ ފޮޓޯތައް ބެލުމާ ރައްދުވެފައިވި މެސެޖުތައް ނުކިޔަން ޒާޔާގެ ދަރިން ވަނީ އޭނާއަށް އަންގާފައެވެ. އެކަމަކު އެއިން ކުއްޖަކު އެ ބުނި ބަހެއް އަޑެއް ނޭހުނެވެ. މީހާގެ ސިކުނޑީގެ ދުޅަހެޔޮކަން ކިތަންމެ ވަރަކަށް ދަށްވިޔަސް، ޒާޔާ ކޮންމެ ދުވަހަކުހެން އެ ފޮޓޯތަކަށް ބަލައި، މެސެޖުތައް ކިޔައި ހަދައެވެ. މިހެން ކަންތައް ކުރާ ކުރުމުގައި ގިނަ ފަހަރު، މީހާގެ ހިތަށް އުނދަގޫވެ، ސިކުނޑިއަށް ބާރުބޮޑުވާ ފަހަރުތައް އާދެއެވެ. ކަން މިހެން އޮތުމާއެކު ވެސް، ޒާޔާއަށް މުހިއްމުވެފައިވީ އޭނާގެ އަމިއްލަ އިޙުސާސްތަކާ ދުޅަހެޔޮކަމަށް ވުރެ ލޯބިވާ މީހުންގެ ހަނދާންތައް އާ ކުރުމެވެ.
**************
ހެނދުނު، ގަޑިން 8:00 ހިނގި އިރު، ޝަޒާ ހުރީ ބަދިގޭގައި ނާސްތާ ތައްޔާރު ކުރުމުގައެވެ. ރޮށި ފިހަން ފުށް ގަނޑު ތައްޔާރު ކުރުމަށް ފަހު ފަރިތަކަމާއެކު، ރޮށި ފިހެ ނިންމައިލިއެވެ. އަދި ރިހަ ކައްކައި ނިމުނު އިރު ހުރީ ގަޑިން ނުވައެއް ޖަހަން ކައިރިވެފައެވެ. އެވަގުތަކީ ހަސްނައިން ކޮޓަރިން ނުކުމެގެން ބަދިގެއަށް އައި ވަގުތެވެ.
“އާދޭ ސައިބޯން ބައްޕާ. ބައްޕައަށް އެންމެ ކަމުދާ ރިހަ ކައްކާފަ މިހުރީ.” ތަށިތައް ދޮންނަން ހުރި ޝަޒާ ބުންޏެވެ. ކާމޭޒުމަތިން ތައްޓެއް ނެގުމަށް ފަހު ހަސްނައިން އެއަށް ރޮށި ފިލުވަން ފެށިއެވެ. އެވަގުތު ޝަޒާ ސައި ތައްޓެއް ހިފައިގެން އައިސް އޭނާގެ ބައްޕަ ކާން އިން ތަށި ކައިރީގައި ބެހެއްޓިއެވެ. “ދަރިފުޅު ކޮން އިރަކުންނޯ ކްލިނިކަށް ނުކުންނަން ޖެހެނީ؟” ހަސްނައިން ސުވާލު ކުރިއެވެ. “ނޭނގެ. އެކޮޅުން ބުނީ ނުކުންނަންވީމަ ގުޅާނަމޭ… ހީވޭ މާދަމާ ގުޅާފާނެހެންވެސް.” ސައިބޯން އިށީންނަމުން ޝަޒާ ބުންޏެވެ. އެގޮތުގައި ދެބަފައިން އެކި ވާހަކައިގައި ތިބެ ހެނދުނުގެ ނާސްތާ ނިންމައިލިއެވެ.
“ބައްޕާ.” ގެއިން ނުކުންނަމުން ދިޔަ ހަސްނައިން އަށް ޝަޒާ ގޮވައިލިއެވެ. “ބައްޕަ.. ޒާޔާ ދައްތަ އެއްވެސް ކަހަލަ ފަރުވާ އެއް ނުހޯދާތަ؟” ބައްޕަ ކައިރިއަށް ގޮސް ހުއްޓިލަމުން ޝަޒާ ސުވާލު ކުރިއެވެ. “ބައްޕައަކަށް ހިއެއްނުވޭ…” ހަސްނައިން ބުންޏެވެ. “ޒާޔާ ދައްތައަށް ފަރުވާ ދޭން ޖެހޭނެ ބައްޕާ. އެހެން އަޅާނުލައި ބަހައްޓައިގެން ނުވާނެ. އަދި މާ ބޮޑުވަރު ނުވިޔަސް، ފަހުން ޒާޔާ ދައްތަ ގޯސްވުން ވެސް ވަރަށް ގާތް.” ޝަޒާ ބުންޏެވެ. “އެ ކީއްވެ؟ ދޭތެރެއަކުން އެހެން ގޯސްވިއަސް ޒާޔާ އަނެއްހެން ރަނގަޅު ކަމަށް ބައްޕައަށް ފެންނަނީ.” ޝަޒާ ބުނި ވާހަކައާމެދު ސުވާލު އުފެދިފަ ހުރެ، ހަސްނައިން ބުންޏެވެ. “އެހެނެއް ނޫން ބައްޕާ. އަދި އިރާދަކުރެއްވިއްޔާ ޒާޔާ ދައްތަ ވަރަށް ރަނގަޅު. އެކަމަކު، ޒާޔާ ދައްތަ އެކަނިވާ ވަގުތުތައް ވެސް އަންނާނެ.. އެކަހަލަ ވަގުތުތަކުގަ ހިތާމަ ކުރާނެކަން ވެސް އަހަންނަށް އިނގޭ.. ފިކުރު ކުރެވޭނެކަން ވެސް އެނގޭ.. އަހަރެން ބޭނުން ޒާޔާ ދައްތައަށް ހެލްޕް ވާން.” ޝަޒާ ބުންޏެވެ. “ހްމްމް.. ބައްޕަ ޒާމިލް އާ ވާހަކަ ދައްކާލާނަން ތިކަމާ. އެންމެ ރަނގަޅުތަ.. ދަރިފުޅު؟” ޝަޒާ ހިނިތުންވެލާފައި ބޯ ޖަހައިލިއެވެ.
*************
ދުވަހުގެ އެންމެ ހޫނު ގަދަ ވަގުތު ކަމުގައިވާ މެންދުރު ވަގުތު ޒާޔާ އުޅުނީ ބަދިގެތެރޭގައި ކެއުމުގެ އެކި ބާވަތްތައް ތައްޔާރުކުރުމުގައެވެ. މަސައްކަތް ކުރަމުން ދިޔައިރު، ޒާޔާގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ އުފާވެރިކަމާ، ތާޒާކަން ފެންނަން ހުއްޓެވެ. އެންމެ ފަހުގެ ކެއުން ތައްޔާރު ކުރުމަށް ޓަކައި ޒާޔާ، ފިޔާ ކޮށަން ހުރި ވަގުތަކީ، ނިހާން ބަދިގެއަށް ވަތް ވަގުތެވެ. “ޒާޔާ. ބޭސް ކައިފިންތަ؟” ކާމޭޒު ކައިރީގައި އިން ގޮނޑިއެއްގައި އިށީންނަމުން ނިހާން ސުވާލު ކުރިއެވެ. “މްމް. ހެނދުނު ސައި ބުއި ފަހުން ބޭސް ކެއިން. ކިހިނެއްވީ ބައްޕާ؟” ޒާޔާ ވެސް ސުވާލު ކުރިއެވެ. “ކަމެއް ނުވޭ. މިއަދު އެހެންޏާ ނުކައްކާ ވަރަށް ތި ކައްކަނީ؟ ދަރިފުޅާ..” ނިހާން އެހިއެވެ. “އާނ މިއަދު ހަމަ ތަފާތު އެއްޗެހި ހަދާ ހިތްވީ.. ޒާމިލް އަށް މީރު ވާނެ ޗީޒީ ޕާސްތާ. ލާއިމަށް އެންމެ މީރުވާނީ ސްޕެގެޓީ. މިހާރު ބައްޕައަށް މީރު އެއްޗެއް ހަދަން މިއުޅެނީ.” ޒާޔާ ވާހަކަ ދައްކަމުން ދިޔައިރު އެ ތުންފަތްމަތީ ލުއި ހިނިތުންވުމެއް ވިއެވެ.
“ކޯއްޗެއް ބައްޕައަށް މީރީ؟”
“ނޭނގިގެން ތި އެހީ؟”
“ދަރިފުޅު ބުނޭ…”
“ނޫޑްލްސް… އެކަމަކު ކުޅި ރަހަ ހުރެގެން ނުވާނެ.”
“ބަރާބަރު…”
ނިހާންގެ ފޯނު ރިންގްވާން ފެށުމާއެކު އެވަގުތަށް ދެބަފައިންގެ ވާހަކަ މެދުކަނޑައިލަން ޖެހުނެވެ. ބައްޕަ ދިޔަ ދިމާލަށް ބަލަހައްޓައިގެން ޒާޔާ ހުރީ ފުން ހިނިތުންވުމެއްގައެވެ.
އެހެން ދުވަސްތަކާ ޚިލާފަށް މިއަދު ޒާޔާގެ ޙާލު ރަނގަޅުކަން ޒާޔާގެ އަމިއްލަ ހިތަށް ވެސް އިޙުސާސް ކުރެވުނެވެ. މިއީ ހާލަކުން ފަހަރަކު ވާ ކަމެކޭ އެ ހިތް ބުނެލިއެވެ. މި ހިތްހަމަޖެހުން ދެމިގެންދާނީ ކިހާ ވަގުތު ކޮޅަކަށް ކަމެއް ޒާޔާއަކަށް ނޭނގެއެވެ. މާ ގިނަ ވަގުތުތަކެއް ނުވެ ޙާލު ގޯސް ވާނެކަމަށް ޒާޔާގެ ސިކުނޑީގެ ކަނަކުން ގޮވަން ފެށުމުން އަވަސް އަވަހަށް ޒާޔާ ކުރަން ހުރި ކަންކަމައިގެން މަޝްޣޫލުވެވޭތޯ ބެލިއެވެ.
************
އޭސީ ކުރެވިފައިވި ކެބިން ތެރޭ އިޒްވާ، އޭނާއަށް ޚާއްޞަ ކުރެވިފައިވާ މޭޒު ކައިރީގައި އިށީންދެގެން އިނެވެ. ކޮމްޕިއުޓަރ ސްކްރީނަށް ބަލަން އިން ގޮތުން ކޮންމެވެސް އެއްޗެއް ހޯދަނީކަން އެ ދެލޮލުން ހާމަވެއެވެ. ވަގުތުކޮޅަކު އެހެން އިނުމަށް ފަހު މޭޒުމަތީ އޮތް ޓެލެފޯނުގައި ނަމްބަރެއް ޖެހުމަށް ފަހު ފޯނު ކަންފަތުގައި ޖައްސައިލިއެވެ.
“ހެލޯ.. ޔެސް. މީ.. އިޒްވާ އިނގެ.” އެކޮޅުން ފޯނު ނެގުމާއެކު އިޒްވާ ބުންޏެވެ. “ޔެސް. ކީކޭ އިޒްވާ؟” އެކޮޅުން އަންހެނަކު ސުވާލު ކުރުމާއެކު އިޒްވާ ބޭނުންވެގެން އުޅޭ ކަންތައް ތަފްޞީލުކޮށް ކިޔައިދޭން ފެށިއެވެ. މިނެޓްތަކެއް ހޭދަވުމަށް ފަހު އެ ކޯލު ނިމުނީ އެ ރޭ ދެ މީހުން ބައްދަލު ކުރުމަށް އެއްބަސްވުމެއް ވެވިގެނެވެ.
******
ޒާޔާގެ ގޭގައި އެ ދުވަހުގެ މެންދުރުގެ ކެއުން ކުރިއަށް ދަނީއެވެ. ދެ މީހަކު ފިޔަވައި އާއިލާގެ އެންމެން ހަމައަށް ތިއްބެވެ.
“މަންމަ ކެއްކީމަ ހަމަ ކާހިތްވަނީ.. ތަންކޮޅެއް ގިނައިން ކެއްކި ނަމަ.” ދެވަނަ ފަހަރަށް ތައްޓަށް ސްޕެގެޓީ އަޅަމުން ލާއިމް ބުންޏެވެ. ޒާޔާގެ މޫނުމައްޗަށް ވެރިވި އުޖާލާކަން އޭރު ލާއިމަށް ފާހަގަ ކުރެވުނެވެ. “ވަރަށް ނޭނގޭ ކަމަށް ހަދާފަ ވެސް ކާފަގެ ފޭވްރިޓް މިހުރީ ތައްޔާރު ކޮށްދީފަ ތިކުދިންގެ މަންމަ.” ނިހާން ކޮށްލި ސަމާސާއިން އެންމެނަށް ވެސް ހެވުނެވެ. “ހެހެހހހ.. އަހަންނަށް އެނގެއޭ ބައްޕާ.” ޒާޔާ ބުންޏެވެ.
“ސާޅީސް އަހަރުވާންވަނީ.. ބައްޕައަކަށް ހިއެއްނުވޭ އެނގޭހެން.”
“އެނގޭ.”
“ނޭނގެ ދަރިފުޅަކަށް.”
“މަންމާ. ކާފާ. ކާފަ ކައިރީ މަންމަ ވައްތަރީ ކުޑަކުއްޖަކާ.” ދެބަފައިން ގެ ވާހަކަ ހުއްޓުވަމުން ޒާމިލް ބުންޏެވެ. މަންމަ އާއި ކާފަ އެ ފަދައިން ‘އަރައިރުން’ ވާ ތަން ދެ މީހުނަށް ކުރިން ނުފެންނަ ފަދައެވެ. އަދި ކާފަ ސަމާސަ ކުރަން ފެށުމުން މަންމަގެ ފަރާތުން މިކަހަލަ ސިފަތައް ފެންނާތީ ދެ މީހުން ވެސް ތިބީ މަޖާވެފައެވެ. “އެނގޭތަ ކީއްވެކަން…؟ އެއީ ކާފަ އެންމެ ލޯބިވާ ދަރިފުޅު ވީމަ.” ނިހާން އެހެން ބުނުމާއެކު ދެބެންގެ ތުންފަތަށް ވެސް ވެރިވީ މައުނަވީ ހިނިތުންވުމެކެވެ.
ބައްޕަގެ ދުލުން އެ ބޭރުކޮށްލި ކޮންމެ ލަފްޒެއް ވައިސޫރިއެއްހެން އައިސް ޒާޔާގެ ހިތުގެ އެންމެ އަޑިއަށް ފީނައިގަތް ކަހަލައެވެ. އެ ހީވި ހީވުމާއެކު ބައްޕަ އޭނާ ދެކެ ލޯބިވާ ވަރު އަންދާޒާ ކޮށްލެވުނެވެ. ދުނިޔެމަތީ، ކޮންމެ އަންހެން ކުއްޖަކަށް ވެސް އެ ފަދަ ބައްޕައެއް ދެއްވުމަށް އެދި ހިތާހިތުން ދުޢާ ކުރެވުނު ވަގުތުކޮޅަކަށް އެ ވަގުތުކޮޅު ވިއެވެ.
“ބައްޕާ. އަވަހަށް ހުސްކޮށްލާ ތަށީގަ ހުރި އެތިކޮޅު.. ދަރިފުޅުމެން ޑިއުޓީ އަށް ވެސް ދާން ޖެހޭނެއެއްނު.” ޖަޒުބާތީ ވެވިދާނެހެން ހީވުމާއެކު ޒާޔާ އަވަހަށް ވާހަކަ ދެއްކިއެވެ. “ހްމްމް.. ކައިގެން ދާންވީ. ދޯ ޒާބޭ.” ލާއިމް ބުންޏެވެ. ޒާމިލް އާނއެކޭ ބުނެ ކެއުމައިގެން ކުރިއަށް ދިޔައެވެ.
*********
ޒާޔާގެ ގޭގައި، ކެއުން ކިތަންމެ ފުރިހަމަ ވިޔަސް، އިޒްވާގެ ގޭގައި އެކަން ފުރިހަމައެއް ނޫނެވެ. އިޒްވާ ހިތުން އެކަން ކިތަންމެ ފުރިހަމަ ވިޔަސް، އެ ގޭތެރޭގައި ރަނގަޅަށް ނުކައި ނުބޮއެ، ކުއްޖަކު އިންކަން އޭނާ ނުދެނަ ހުއްޓެވެ. ނުވަތަ ދެނެހުރިކަމަށް ނުހަދަނީއެވެ. އެކި އެކި ވިސްނުންތަކާ ފިކުރުތަކުގެ ޝިކާރައިގެ ދަލުގައި ޖެހިފައި އިން ޒުވާން ނިކަމެތި އަންހެން ކުއްޖަކު އެ ގޭތެރޭގައި އެކަނިމާ އެކަނި ‘ބަންދު’ ވެފައި އިންކަން އިޒްވާއަށް އެނގޭނީ ކޮން ދުވަހަކުން ބާވައެވެ؟
ޒަމްލާގެ ޙާލާ މެދު ކިރިޔާ ވެސް ވިސްނާލާ މީހަކަށް އެ ގޭތެރޭގައި ހުރީ އަމާނާއެވެ. އެ ފަކީރަށް އެހީވާން ކިތަންމެހާ ވެސް އެ ހިތް އެދުނަސް، އާމްދަނީ ލިބެން އޮތް ހަމައެކަނި ދޮރު، ބަންދުވެދާނެ ކަމުގެ ބިރަށް ޓަކައި އިޒްވާގެ ކުރިމަތީ ހަނު ހުންނަނީއެވެ. އިޒްވާ ކުރިމަތީ އޭނާއަކީ ވަރަށް ދަށް މީހެއްކަން އަމާނާއަށް އިޙުސާސް ކުރެވެއެވެ.
ޒަމްލާއާ މެދު ވިސްނަނީ ހަމައެކަނި އަމާނާއޭ ބުނެގެން ނިންމާލެވޭކަށް ނެތެވެ. އިޒްވާގެ ފިރިހެން ދަރިފުޅު، ރާމިޝް އަށް ވަނީ ޒަމްލާއާ މެދު ކުރެވޭ ޚިޔާލުތަކުން ދުރު ނުވެވިފައެވެ. ސޯޝަލް މީޑިއާގެ އެކި މަންސަ ތަކުން އަންހެން ކުދިންނަށް މެސެޖް ކޮށް ހަދާއިރު ވެސް، އޭނައަށް ގޮތްނޭނގޭ އަންހެން ކުއްޖަކު އެ ގޭގައި ހުރިކަން އެނގޭތީ އެއީ ކޮންކުއްޖެއްކަން ހޯދުމުގެ ޝައުޤުވެރިކަން އެ ހިތުގައި އުފެދިފައިވިއެވެ. ރާއްޖެއިން ބޭރުގައި ދިރިއުޅެފައި ރާއްޖެއަށް އައިސް މި ހޭދަވީ މުއްދަތުގައި ރާމިޝްއަށް ހަމައެކަނި އެނގުނު ކަމަކީ، އެ ކުއްޖާ އަކީ އޭނާގެ މަންމައާ ގާތްތިމާގެ ކަމުގެ ގުޅުން އޮންނަ ކުއްޖެއްކަމެވެ. އެކަމާ ގުޅުވައިގެން ވެސް އެ ހިތާއި ސިކުނޑީގައި އެތައް ސުވާލުތަކެއް ދިޔައީ އުފެދެމުންނެވެ. ނޭނގެނީ ޖަވާބުތައް ހޯދާނެ ގޮތެކެވެ.
**********
ހުދު ބޮތްކެއްގެ އަލިން އަލިވެފައިވާ ކޮޓަރިތެރޭގައި ފޮތެއް ހިފައިގެން ޒަމްލާ އިނެވެ. އެ ފޮތުގެ ގަނޑެއްގައި ފަންސުރު ހާކަމުން ދިޔަ ގޮތުން ކޮންމެވެސް އެއްޗެއް ކުރަހާކަން އެނގެއެވެ. މޮޅު ކުރެހުންތެރިއަކު ކުރަހާ ފަދަ ރީތި މަލެއް ކުރަހަމުން ދިޔަޔަސް ޒަމްލާ ދޭތެރެއަކުން އޭނާގެ ދެލޮލުން ކަރުނަ ފުހެލަން ޖެހެއެވެ. ކުރަހަން އިނަސް، އެ ސިކުނޑީގެ ކޮންމެވެސް އެއް ކަނަކުން ޒަމްލާއަށް އުނދަގޫ ކުރަމުން ދަނީއެވެ. ހިފަހައްޓައިގެން އިން ފަންސޫރަށް ދޭތެރެއަކުން ބާރުކޮށްލާ ގޮތުން ސިކުނޑިއާއި އަމިއްލަ ނަފްސާ ދެމެދު ވަރުގަދަ ހަނގުރާމައެއް ކުރަމުން ދާ ކަހަލައެވެ.
ބޮލަށް ތަންކޮޅެއް އުނދަގުވާހެން ހީވުމާއެކު ކުރަހަން އިން ފޮތް އަރިމަތީ މޭޒުމަތީ ބޭއްވުމަށް ފަހު ޒަމްލާ އޮށޯވެލިއެވެ. “މަންމާ ޕްލީޒް ހެލްޕް މީ.. ޕްލީޒް.. ޕްލީޒް މަންމާ.. ހުވަފެނުގަ ނައިސް އަސްލުކޮށް އައިސްދީބަލަ މަންމާ ޕްލީޒް…” ދެލޯ މަރައިގެން އޮވެ ވައި އަޑުން ޒަމްލާ ކިޔަމުން ދިޔައެވެ. ޒަމްލާ އެކަނި އެ ކޮޓަރީގައި އޮތަސް، އެ އާދޭސްތައް އެހެން ކަންފަތަކަށް އިވިއްޖެކަން ޒަމްލާއަށް ރޭކައިނުލައެވެ.
-ނުނިމޭ-
