Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެން

ޒާޔާ – 2 (ހަވަނަ ބައި)

H noora Level 1
June 18, 2026 7 Mins Read
2 Comments

“އާނ… އަދި އެއް ވާހަކަ. ކަލޭ ޖެހޭނެ ޒާޔާ ވަރިކުރަން ވަރަށް އަވަހަށް. އެހެންނޫނީ، އޭނާ ދުނިޔޭގަ ހުންނާނެކަން ކަލޭ ހަނދާން ނައްތާލައްޗޭ.” އިޒްވާގެ ފަރާތުން އިވުނު ބަސްތަކުގެ ސަބަބުން ލިއަމްގެ ދެލޮލުން ކަރުނަތައް އޮހިގެން ފައިބައިފިއެވެ. މިއަދަކު އޭނާއަށް ކުރެވޭނެ އެއްކަމެއް ވެސް ނެތީއެވެ. އޭނާގެ އެއްވެސް ބާރެއް ނެތީއެވެ. އޮތްހާވެސް ގޮތަކީ، އޭނާގެ މައްޗަށް ބާރުފޯރުވާ މީހުން ބުނާ ކޮންމެ ގޮތެއް ހަދައިގެން އުޅުމެވެ.

 

ގޮޅި ތެރޭގައި ލިއަމް އެކަނިވުމާއެކު އޭނާއަށް ހުރިތަނަށް ތިރި ވެވުނެވެ. އިޒްވާގެ ފަރާތުން އިވޭ އެ ފަދަ ރަހުމު ކުޑަ ބަސްތަކުގެ ސަބަބުން ކޮންމެ ދުވަހަކު ލިއަމްގެ ހިތް ކަތިލެވެމުން ދެއެވެ.

 

ކަރުނުން ފުރިފައިވި ލިއަމްގެ ދެލޯ ކުރިމަތިން އަދިވެސް ޒާޔާ ފެންނަ ފަދައެވެ. ޒާޔާގެ ރީތި މޫނާ އެ ރީތި ހިނިތުންވުން އެއްވެސް ފަނޑުކަމެއް ނެތި ލިއަމްއަށް ފެންނަމުންދާ ފަދައެވެ. ޒާޔާ މަތިން އެހާ ހަނދާންވާއިރު ވެސް ލިއަމްއަށް އެކަމުން އެއްވެސް އުފަލެއް ނުލިބެއެވެ. ޒާޔާގެ މިހާރުގެ ދިރިއުޅުން ހުންނާނެ ގޮތެއް ލިއަމްއަށް އެއްގޮތަކަށް ވެސް ނޭނގެއެވެ. ހަމައެކަނި އެނގޭ ކަމަކީ، އަދިވެސް އެ ދެމީހުން ތިބީ ކައިވެނި މަތީ ކަމެވެ. ޒާޔާ އޭނާ ދެކެ ފޫހިވެދާނެއޭ ހިތަށް އަރާ ކޮންމެ ފަހަރަކު އެ ހިތުގައި ރިއްސައެވެ. ދެމީހުންގެ ދަރިން ގޮވައިގެން ޒާޔާ އެހެން މަންޒިލަކަށް ދަތުރުކޮށްފާނޭ ހީވާ ކޮންމެ ފަހަރަކު ބުނެދޭން ނޭނގޭ އުނދަގޫ އިޙުސާސްތަކެއް އެ ހިތަށް ކުރުވައެވެ.

 

ކޮންމެވެސް ވަރަކަށް ނުރަ ޖަހައިފައިވި ފަން އިސްތަށިގަނޑުގައި އަތް ފުނާ އަޅައިލުމަށް ފަހު ލިއަމް، އޭނާގެ މޫނުގައި އަތް ފުހެލީ ކޯތާފަތުގައި ދެމެމުން ދިޔަ ކަރުނަތައް ފުހެލުމުގެ ބޭނުމުގައެވެ. ލިއަމް އެހެން އިން އިރު، މަޑުމަޑުން އޭނާގެ ޚިޔާލުތައް މީގެ އެތައް އަހަރެއް ކުރިއަށް ދަތުރުކުރިއެވެ.

 

**********

 

އެއީ އެހެން ދުވަސްތަކެކޭ އެއްފަދައިން ލިއަމްގެ ދިރިއުޅުމަށް އާދައިގެ ދުވަހަކަށް ވާނެކަމަށް ލިއަމްއަށް ހީކުރެވުނު ދުވަހެކެވެ. ވިސްނާނުލާ ހުއްޓާ އޭނާގެ ދިރިއުޅުމަށް ބިންދާލަން އުޅޭ ބިޔަ ބޮޑު ރާޅުގެ ހިލަމެއް ނެތި، ލިއަމް ހަމަޖެހިލައިގެން އެއަރޕޯޓުގެ ސެކިއުރިޓީ ކައިރީ ހުއްޓެވެ. ލިއަމްގެ ލަގެޖްތައް ޗެކް ކުރަން އެ މީހަކު ހުއްޓައި އައި ނައިތަނެއް ނޭނގި ސިންގަޕޫރުގެ ފުލުހުންގެ ޓީމެއް ލިއަމް ވަށައިލައިފިއެވެ. ވާނުވާ ނޭނގި ލިއަމް ހުއްޓާ ދެން ފެނުނީ އޭނާގެ ދެއަތް ފަހަތަށް ލައި ބިޑި އެޅުވި މަންޒަރެވެ.

 

“ލީވް މީ.. ވަޓް ޑިޑް އައި ޑޫ؟؟ ލީވް މީ..” ލިއަމް ގަދަ ހަދަމުން ދިޔައެއް ކަމަކު އެ މީހުން ލިއަމް ދޫނުކުރިއެވެ. ގަދަކަމުން ލިއަމް ގެންގޮސް ފުލުހުންގެ ވެހިކަލަށް އެރުވުމަށް ފަހު އެ ޤައުމުގެ ޕޮލިސް ސްޓޭޝަނާ ދިމާލަށް މިޞްރާބު ޖަހައިފިއެވެ.

 

“ކިހިނެތް ވެގެންތަ މިއުޅެނީ؟” އިންވެސްޓިގޭޝަން ރޫމަށް ވެއްދުމާއެކު ލިއަމް އިނގިރޭސި ބަހުން ސުވާލު ކުރިއެވެ. އެވަގުތަކީ ބައެއް ދިވެހި ފުލުހުން ވެސް ލިއަމްއަށް ފެނުނު ވަގުތެވެ.

 

“އިޒްވާ؟” ދިވެހި ފުލުހުންގެ ޔުނީފޯމު އަޅައިގެން ތިބި މީހުންގެ ތެރެއިން އިޒްވާ ފެނުމުން ލިއަމް އަށް ޤަބޫލުކުރަން ދަތި ރާގެއްގައި އެ ނަން ކިޔައިލެވުނެވެ. އިޒްވާ ސިންގަޕޫރަށް އައީ ކިހިނެއްތޯ ލިއަމްގެ ހިތަށް އޭރު އަރަމުން ދިޔައެވެ. ލިއަމް ހަނދާންވާ ގޮތުން އިޒްވާ ހުންނަނީ ޒާޔާއަށް ވުރެ ދަށް މަޤާމެއްގައެވެ. އެހެންކަމުން ކުއްލިއަކަށް އިޒްވާއަށް އެހާ ފަސޭހައިން ރާއްޖެއިން ބޭރަށް އާދެވޭނެ ގޮތެއް ލިއަމްގެ ސިކުނޑިއަކަށް ވިސްނައެއް ނުގަނެވުނެވެ.

 

“ގިވް އަސް ސަމް ޓައިމް. ހީ އިސް މައި ރިލެޓިވް. އައި ނީޑް ޓު ޓޯކް ޓު ހިމް.” އިޒްވާ އަމުރު ކުރުމާއެކު އެތާ ތިބި ފުލުހުން އެތަނުން ނުކުމެއްޖެއެވެ. އެންމެން ނުކުތުމާއެކު އިޒްވާ، ލިއަމްގެ އަތުގައި އަޅުވައިފައި އޮތް ބިޑި، ލިއަމްގެ އަތާ ވަކިކޮށްލިއެވެ.

 

“ކޮބާ ޒާޔާ؟ އިޒްވާއަށް ކިހިނެތް އެހާ ފަސޭހައިން މިހިސާބަށް އާދެވުނީ؟” ލިއަމްގެ ހިތުގައި އުފެދިފައިވި ސުވާލު ކުރިއެވެ. “ޒާޔާ ދެން މަސައްކަތެއް ނުކުރާނެ އެ އިދާރާގަ. އޭނަ ވައްޓާލާފަ އެހުރީ.” ކިބުރުވެރި ރާގެއްގައި އިޒްވާ ބުންޏެވެ. ކަންފަތަށް އިވުނު ވާހަކަ ލިއަމް އަށް ޤަބޫލުކުރަން ދަތިވިއެވެ. ލިއަމްގެ މޫނުމަތިން އެތައް ސުވާލު މާކުތަކެއް އެނބުރޭހެން ހީވާކަހަލައެވެ. “ކިހިނެތް؟” ލިއަމްއަށް ބުނެވުނުހާވެސް އެއްޗަކީ އެއީއެވެ. “ހެހެހެހެ…. ޒާޔާ އިން މަގާމުގަ މިހާރު އިންނާނީ އަހަރެން. އަހަންނަށް މިހާރު ހުރިހާ ބާރެއް ލިބިފަ އޮތީ.” ދެންވެސް އިޒްވާ ވާހަކަ ދެއްކީ ކިބުރުވެރި ރާގެއްގައެވެ. އިޒްވާގެ ވާހަކަތައް އިވެމުން ދިޔަ ވަރަކަށް ކޮންމެވެސް މީހަކު ގޯހެއް ހަދައިފިކަން ލިއަމްގެ ވިސްނުން ތޫނު ސިކުނޑި ދެނެގަތެވެ. އެކަމަކު ގޯހެއް ހެދީ ކާކުކަމެއް، ހެދީ ކޮން ގޯހެއްކަމެއް ލިއަމްއަކަށް ނޭނގުނެވެ.

 

“ރާއްޖެއަށް ދާން ހިނގާ. ލިއަމް ހުންނާނީ އަހަރުމެންގެ ބެލުމުގެ ދަށުގަ. ރާއްޖެއަށް ގޮސް ލިއަމްއަށް ގެއަކަށް ވެސް ނުދެވޭނެ. ސީދާ ކޯޓަށް ދާން ޖެހޭނީ. ކޯޓުން… ޖަލަށް.” ލިއަމްގެ ދެކަންފަތަށް ހީވީ ހޮނު ގުގުރިއެއް ޖެހިހެނެވެ. ލިއަމް ހުރީ ބުނާނެ ބަހެއް ނޭނގިފައެވެ. އެހާ ހިސާބަށް ދާން އޭނާއަށް ކުރެވުނީ ކޮންފަދަ ކުށެއް ހެއްޔެވެ؟ ޔަޤީންވާ ކަމަކީ، އޭނާ ހަމަހޭގައި ހުރެ ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ކޮށްފައި ނުވާނެކަމެވެ.

 

އެއްވެސް ބަހެއް ލިއަމްގެ ދުލުން ބޭރުނުވެ އުޅެނިކޮށް ކުއްލިއަކަށް ފުލުހުން އެ ކޮޓަރި ތެރެއަށް ވަދެގަތެވެ. އަދި އިޒްވާ ކޮށްލި އިޝާރާތާއެކު، ސިންގަޕޫރު ފުލުހުންގެ ޔުނީފޯމު އަޅައިގެން ހުރި މީހަކު ލިއަމް ކައިރިއަށް ގޮސް އޭނާގެ އަތަށް އިންޖެކްޝަނެއް ހަރައިލިއެވެ. އިންޖެކްޝަންގެ އަސަރު ގަދަކަމުން ކަންނޭނގެއެވެ. ލިއަމްއަށް ވަށައިގެން ފެންނަ މަންޒަރު މަޑުމަޑުން ފުސްވެ އިސާހިތަކު އެކީ ހުރިހާ މަންޒަރުތަކެއް އޭނާއަށް ކަނުވެގެން ދިޔައީއެވެ.

 

**********

 

“ކީއްވެ؟” ބޮލު އިސްތަށިގަނޑުގައި ދެއަތުން ހިފައިގެން އިން ލިއަމްގެ ދުލުން ނުކުތީ ޝަކުވާގެ ލަފުޒުތަކެވެ. އޭނާގެ އެއްވެސް ކުށެއް ނެތި ޙަޔާތުގެ އެތައް އަހަރެއް ޖަލުގެ ތޭރިތަކުގެ ތެރޭ ހޭދަކުރަން ޖެހުނީއެވެ. މިއީ ކޮންފަދަ އިމްތިޙާނެއް ހެއްޔެވެ؟

 

ލިއަމްއަށް ނޭނގުނު ކަމަކީ އާދައިގެ މަތިން ކޮންމެ ދުވަހަކުވެސް، ކޮންމެވެސް މަޚުލޫޤެއް ލިއަމްގެ ލޯ މައްޗަށް ޣައިބުވެގެން ހުރެ އޭނާގެ ޙާލަތު ރަނގަޅަށް ބަލަމުން ދާ ކަމެވެ. ލިއަމްއަށް ދޭތެރެއަކުން މީރު ކާ އެއްޗެހި ވެސް ގެނެސްދެނީ ޙަޤީޤަތުގައި ފުލުސް އޮފިސަރެއް ނޫންކަން ވެސް ލިއަމްއަކަށް ނޭނގެއެވެ. ލިއަމް އަށް ކުރިމަތިވެފައިވި މި އިމްތިޙާނުގައި ވެސް ކޮންމެވެސް ވަރެއްގެ ލުއިކަމެއް އޭނާއަށް ލިބެމުންދާކަމެއް ރޭކައިނުލައެވެ.

 

***********

 

ދުވަސްތައް އޭގެ ހަލުވި މިނުގައި ވޭތުވަމުން ގޮސް ހަފްތާއެއް ވޭތުވެއްޖެއެވެ. މިއަދަކީ، ހަފްތާއެއް ވަންދެން ޒާމިލްގެ ދެބެއިން ކުރި މަސައްކަތުން ޒާޔާގެ ނަފްސާނީ ދުޅަހެޔޮކަމަށް ފަރުވާ ލިބިގަންނަން އެއްބަސްވި ދުވަހެވެ. މި ހުރިހާ ދުވަހު ޒާޔާ ހުރީ އެއީ ބޭކާރު ކަމެއް ކަމަށް ވިސްނައިގެނެވެ. ނަމަވެސް، ޒާމިލްމެން ވަރަށް ވާހަކަ ދައްކައި، ޒާޔާއަށް ވިސްނައިދިނުމުން އެކަމަށް ޒާޔާ އެއްބަސްވީއެވެ.

 

***********

 

“އައްސަލާމް ޢަލައިކުމް.” ޝަޒާގެ އަޑު އިވުމުން ސަލާމް ބަލައިގަންނަމުން ޒާޔާ ދިޔައީ ގޭގެ ދޮރު ހުޅުވާށެވެ. ދޮރު ހުޅުވައިލި ވަގުތު ކުރިމަތިން ރީތި ހިނިތުންވުމެއްގައި ހުރި ޝަޒާ ފެނުމުން އަވަހަށް އެތެރެއަށް ވަނުމަށް ބުންޏެވެ. އޭރުވެސް، ޒާޔާއަށް ޝަޒާ އެ ގެއަށް އެ އައީ ކީއްކުރަން ކަމެއް ނޭނގެއެވެ.

 

“ޒާޔާ ދައްތަ. ރަނގަޅުތަ؟” ސިޓިންގް ރޫމަށް ވަދެ ސޯފާގައި އިށީންނަމުން ޝަޒާ ސުވާލު ކުރިއެވެ. “އާނ އިރާދަކުރެއްވިއްޔާ ރަނގަޅު. އާދޭ އެއްޗެއް ކާން އުޅެން.” ޒާޔާ ބުނި ބަހަކަށް އިންކާރު ކުރަމުން ޝަޒާ އެދުނީ ޒާޔާ ވެސް ސޯފާގައި އިށީނުމަށެވެ. “ދައްތާ. އަހަރެން މި އައީ މުޅިން އެހެން ކަމަކު. މިއަދުން ފެށިގެން ކޮންމެ ދެ ދުވަހުން އެއް ދުވަހު އަހަރެން މިގެއަށް އަންނާނަން ޒާޔާ ދައްތަ ކައިރިއަށް. މިއީ ލާއިމް މެން އެދުނު ގޮތް އަހަރެން ގާތުގަ… އަހަރެން މި އައީ ޒާޔާ ދައްތައަށް އެހީވެދޭން. ޒާޔާ ދައްތަ ތި ކުރިމަތިލާ ގޮންޖެހުންތަކާ، ތި ކުރާ ހިތާމަތައް ހިތުގަ ފޮރުވައިގެން ނުހުރެ ރަނގަޅަށް ކިޔައިދިނީމަ އެ ވާހަކަތައް ކަނުލާ އަޑުއަހާ ދައްތައަށް ފޯރުކޮށްދެވެން އޮތް އެހީއެއް ވިއްޔަ ފޯރުކޮށްދޭން އަހަރެން މި އައީ. މިއަދުން ފެށިގެން އަހަންނަކީ ޒާޔާ ދައްތަގެ ތެރަޕިސްޓް.”

 

ޝަޒާ ދައްކަމުން ދިޔަ ވާހަކަތައް ކަނުލާ އަޑުއަހަން އިން ޒާޔާ އިނީ، އިވުނު ވާހަކަތައް ކޮންމެވެސް ވަރަކަށް ޤަބޫލުކުރަން ދަތިވެފައެވެ. ޝަޒާ ކުޑައިރު ދަރިއެއް ފަދައިން އެކުއްޖާ ބަލައިދީ އެކުއްޖާއަށް ލޯބި ދީ ހެދުމުން މިއަދު ފުރާފުރިހަމަވެފައި ހުރި ޒުވާނަކަށް ވުމުން އެއިނީ އެއްވެސް އެދުމަކާ ނުލައި އޭނާ އަށް ލޯބި ދިން އޯގާތެރި އިންސާނާއަށް އެހީތެރިވެދޭން އައިހެވެ. އަމިއްލަ ދަރިއެއް ނޫނަސް ޒާޔާގެ ހިތުގައި އެވަގުތު ޝަޒާއަށް ޓަކައި އުފެދިފައިވާ މައިވަންތަ ކުލުނު އިތުރުވެގެން ދިޔައެވެ.

 

ޝަޒާގެ ވާހަކަ ދެއްކުމުގެ ރާގުގައި ‘ޕްރޮފެޝަނަލް’ ގޮތެއް ހުރިކަން ވެސް ޒާޔާއަށް އެވަގުތު ފާހަގަ ކުރެވުނެވެ. އެހެންކަމުން ޝަޒާއަކީ މިކަމުގައި ވަރަށް ތަޖުރިބާ ހުރި ޒުވާނެއްކަން ޒާޔާއަށް އެވަގުތު ޔަޤީން ކުރެވުނެވެ.

 

“ތެރަޕީ ކުރިއަށް ދާނީ އެއް ގަޑިއިރަށް ކޮންމެ ދުވަހަކު. ވާހަކަ ދައްކާ ގަޑީގަ އެތަނެއްގަ ތިބެން ވާނީ ހަމައެކަނި ތެރަޕިސްޓާ، ބަލިމީހާއާ. އެހެންވީމަ ގަޑިއިރެއްގެ ވަގުތު އަހަރުމެނަށް ލިބޭނެތަ؟” ލާއިމަށް ބަލައިލަމުން ޝަޒާ ސުވާލު ކުރިއެވެ. ލާއިމް ބޯ ޖަހައިލުމަށް ފަހު ޒާމިލްއާއެކީ ސިޓިންގް ރޫމުން ނުކުތެވެ.

 

**********

 

“ހާދަ ޕްރޮފެޝަނަލް އޭ ދޯ.” ލާއިމްއާއެކު ބޭރަށް ނުކުތް ޒާމިލްއަށް ބުނެވުނެވެ. “ހްމްމް.. ވަރަށް އެކްސްޕީރިއެންސް ހުންނާނެ. އަނެއްކާ އެކަމަށް އެހާ ރަނގަޅު. ވަރަށް މަދުވާނެ އެކަހަލަ މީހަކު.” ލާއިމް ބުނި ބަހަކަށް އެއްބަސްވުމުގެ ގޮތުން ޒާމިލް ބޯ ޖަހައިލިއެވެ.

 

“ޒާބޭ.. މިއަދު ބައްޕަ މަތިން ވަރަށް ހަނދާންވާ ދުވަހެއް… ޒަމް ދައްތަ މަތިން ވެސް ވަރަށް ހަނދާންވޭ.” ހިނދުކޮޅެއްގެ ހިމޭންކަމަށް ފަހު ލާއިމް ވާހަކަ ދެއްކިއެވެ. “ޒާބެ ވެސް ތި ހާލެއްގަ. ޒާބެ މިހެން ޑިއުޓީގަ ބިޒީކޮށް އުޅުނަސް އަބަދުވެސް ވިސްނަން ބައްޕައާ ޒަމްކޮ އާ ދޭތެރޭ. ބައްޕަމެން ހޯދާނީ ކިހިނެއްބާއޭ ވެސް އެތައް ފަހަރަކު ހިތަށް އަރާ.” ވިސްނުމަކަށް ގެއްލިފައި ހުރެ ޒާމިލް ވާހަކަ ދެއްކިއެވެ.

 

“އަހަންނަށް ވިސްނޭ ގޮތް ބުނަންތަ؟” ލާއިމް އެހިއެވެ. އެވަގުތު ޒާމިލް ހްމްމް ލައްވައިލިއެވެ. “ބައްޕަމެން ހޯދޭނީ މަންމައަށްހެން އަހަންނަށް ހީވަނީ. މަންމަ ހުރީ ފުލުހުންގެ އެންމެ މަތީ މަގާމުގަ. މަންމަ މުޅިން ރިޓަޔަރ އެއް ނުވެއެއްނު. އަހަރެން ގަބޫލުކުރާ ގޮތުގަ މަންމައަށް އަދިވެސް އެ މަގާމު ލިބޭނެ. މަންމަ ކުރި މަސައްކަތާ މަންމަ ހުރި މަގާމަށް މަންމަ މިހާރު ނަފްރަތު ކުރާތީ މައްސަލައަކީ.” ލާއިމް ވާހަކަދެއްކިއެވެ. ލާއިމް ދެއްކި ވާހަކަތައް އިވެމުން ދިޔަވަރަކަށް ޒާމިލްގެ ސިކުނޑީގައި ކުރީގެ ހަނދާނެއް ކޮށްޓައިލިއެވެ.

 

“މަޑުކޮށްބަލަ.” ޒާމިލް ކުއްލިއަކަށް އެހެން ބުނުމުން ލާއިމަށް ޒާމިލްއާ ދިމާލަށް ބަލައިލެވުނެވެ. އޭރު އެ މޫނުމަތިން ކޮންމެވެސް ކަމަކާ ވިސްނަން ހުރިކަމުގެ ލިސާންތައް ފެންނަމުން ދިޔައެވެ. “ކުރީ ދުވަހެއްގަ އަހަންނާ ދިމާވިއޭ ފުލުހުންގެ އެންމެ އިސް މީހާއާ އިންވެސްޓިގޭޝަނަކަށް އަހަރެން ދިޔައިރު. އިޒްވާ ކިޔަނީ އޭނައަށް. އަހަންނަށް ފާހަގަވި އޭނަ ވަރަށް ފާޑަކަށް ހުރީ އަހަރެން ފެނުނީމަ.” ޒާމިލް ދެއްކި ވާހަކަތައް އިވުމުން ލާއިމްގެ ހިތުގައި ވެސް ކޮންމެވެސް ކަމަކާ މެދު ޝައްކުތަކެއް އުފެދިގެން ހިނގައްޖެއެވެ. ނަމަވެސް، އެވަގުތު ހިތުގައި އުފެދުނު ވަހުމްތައް އެއްފަރާތް ކޮށްލުމަށް ފަހު ލާއިމް ވާހަކަ ދެއްކިއެވެ. “ދެން މިކަމާ ފަހުން ވާހަކަ ދައްކަމާ. ހިނގަ ކޮފީއަކަށް. ޑިއުޓީއަށް އަރަންވާއިރަށް.” ލާއިމް ބުނި ބަހަށް އެއްބަސްވަމުން ދެމީހުން ވެސް ސައިކަލުގައި ކެފޭ އާ ދިމާލަށް ދުއްވައިލިއެވެ.

 

*********

 

ގަޑިއިރަކަށް ދެމިގެން ދިޔަ ތެރަޕީ ސެޝަން ނިންމާލުމަށް ފަހު ޝަޒާ ޒާޔާމެން ގެއިން ނުކުތެވެ. ޝަޒާ ދާން ނުކުތީ ނިހާން ކައިރިއަށް ޒާޔާ ދިޔަކަން ޔަޤީންކުރުމަށްފަހުއެވެ.

 

ތެރަޕީގެ ފުރަތަމަ ދުވަހާ ބަލާފައި ޝަޒާ މިއަދުގެ ސެޝަނާމެދު އެހާ ބޮޑަކަށް ހިތްހަމައެއް ނުޖެހުނެވެ. ޝަޒާ ކައިރިއަށް ފަރުވާ ލިބިގަންނަން އަންނަ ބަލިމީހުންނާ އަޅާ ބަލާއިރު ޒާޔާގެ ޙާލަތު މާ ބޮޑަށްވެސް ތަފާތުކަން ޝަޒާއަށް ފާހަގަކުރެވުނެވެ. ފުރަތަމަ ދުވަހުވެސް ޒާޔާއަށް އޭނާގެ ޙަޔާތުގައި ހިނގި އެއްވެސް ކަމަކާ ބެހޭގޮތުން ވާހަކައެއް ނުދެއްކުނެވެ. ޝަޒާ ދިޔައީ ވަރަށް ފަރުވާތެރިކަމާއެކީ ޒާޔާއަށް ވަމުން ދިޔަ އުނދަގޫތައް ފާހަގަކުރަމުންނެވެ.

 

ނަފްސާނީ ގޮތުން އެތައް އަސަރުތަކެއް ކޮށްފައިވާ މީހަކާ ވާހަކަދައްކާއިރު އިސްކުރަން ޖެހޭނެ އެންމެ މުހިއްމު އެއް ކަމަކީ މަޑުމައިތިރިކަމެވެ. ދެން ކެތްތެރިކަމެވެ. އެކި މީހުނަށް އަސަރުކޮށްފައިވާނީ އެކި ވަރަށްކަން ޝަޒާ ވަރަށް ރަނގަޅަށް ދަނެއެވެ. މި ހުރިހާ ކަމެއް ދެނެހުރެ މިއަދުގެ ސެޝަން ޝަޒާ ނިންމާލީ ދެން ކުރިއަށް އޮތް ދުވަހުގެ ސެޝަން މިއަދަށްވުރެ ރަނގަޅަށް ދާނެކަމުގެ އުއްމީދާއެކީއެވެ.

 

**********

 

“ކޮބާ ދަރިފުޅު. ކިހިނެތް ސެޝަން ދިޔައީ؟” ގެއަށް ވަތް ޝަޒާ ފެނުމާއެކު ހަސްނައިން ސުވާލުކުރިއެވެ. “ފުރަތަމަ ދުވަހާ ބަލާފަވެސް ވަކި ރަނގަޅެއް ނޫން. ޒާޔާ ދައްތައަށް ވަރަށް އުނދަގޫ ވާހަކަ ދައްކަން ޒާޔާ ދައްތަގެ ލައިފްއާ ބެހޭގޮތުން. މަޑުމަޑުން އަދި އިމްޕްރޫވް ވާނީ ޒާޔާ ދައްތަގެ ހާލަތު ހުރި ގޮތާ ބަލާފަ.” ޝަޒާ ކިޔައިދިނެވެ. “ބައްޕައަށް ހީވަނީ އެއީ އެހެން މީހަކަށް ކިޔައިދޭން ޖެހުމުން ޒާޔާ ދައްތައަށް އުނދަގޫވަނީހެން. ޒާމިލް ބުނާނެ ބައްޕަ ކައިރީ ދޭތެރެއަކުން ކޮންމެވެސް ވަރަކަށް ޒާމިލްއަށް ބައެއް ވާހަކަތައް ކިޔައިދޭ ވާހަކަ.” ހަސްނައިން ބުންޏެވެ. ހަސްނައިން ބުނި ވާހަކަތަކާމެދު މިނެޓްތަކެއް ވަންދެން ޝަޒާ ވިސްނަން ހުއްޓެވެ. އެއަށްފަހު ހަސްނައިން ގާތަށް އައިސް ސޯފާގައި އިށީނެވެ.

 

“ބައްޕާ. ޒާޔާ ދައްތައަށް ހެލްޕް ވުމުގަ އެންމެންގެ އެއްބާރުލުން ވެސް އަހަންނަށް ބޭނުންވާނެ. ޒާޔާ ދައްތައާ ބެހޭގޮތުން އެއްވެސް ވާހަކައެއް އެއްވެސް މީހަކަށް އެނގެންޏަ އަހަންނަށް ސިއްރު ނުކުރަން ބުނައްޗޭ. އޭރުން އަހަންނަށް ވެސް ޒާޔާ ދައްތައަށް ހެލްޕްވެދެވޭނީ.” ޝަޒާ ބުންޏެވެ. ޝަޒާ ބުނި ވާހަކައަށް ބޯ ޖަހައިލުމަށް ފަހު ޝަޒާ ގާތުގައި ކޮފީ ބޯން އައުމަށް ހަސްނައިން ބުންޏެވެ.

 

**********

 

މެންދަމުގެ ހަމަހިމޭން ވަގުތެވެ. އުޑުމަތި ސާފުވެފައި، އުކާލެވިފައިވާ މުތީތަކެއް ފަދައިން އުޑުމަތީ ތަރިތައް ވިދާ ބަބުޅަމުން ދެއެވެ. ދޭތެރެއަކުން އުޑުމަތިން އަލިގަދަ ‘ދުންތަރި’ އެއް ބާރުމިނުގައި ދަތުރުކޮށްފައި ދާތަން ފެނެއެވެ. ނަމަވެސް އެ ފެންނަނީ ދުންތަރިއެއް ނޫނެވެ. އިންސާނުންގެ ލޯމައްޗަށް ދުންތަރިއެއްގެ ސިފައިގައި ދެއްކިޔަސް އުޑުމަތީ އުދުހެމުން އެ ދަނީ މަލައިކާ ނޫން އެހެން މަޚުލޫޤެއް ނޫނެވެ.

 

އުޑުމަތީ، އެހެން އެއްވެސް މަޚުލޫޤެއްގެ ނުރައްކަލެއް ނެތްކަން ޔަޤީން ކުރުމަށްފަހު މަލައިކާ ދުނިޔޭގެ ބިމަށް ފޭބިއެވެ. ހުދު ފިނިފެންމަލުގެ ފިޔަތަކުން ޖަރީކުރެވިފައިވާ ދިގު ހެދުމެއް ލައިގެން ހުރި މަލައިކާ ފެނުނު އިންސާނެއްގެ ހިތް މޮޔަވާނެކަން ޔަޤީނެވެ. މަލައިކާ ހުރީ އާއްމުގޮތެއްގައި އޭނާ އަޅައިގެން ހުންނަ ގަހަނާތައްވެސް އަޅައިގެނެވެ. މަލައިކާ އަޅައިގެން ހުރި ގަހަނާތަކުގެ ތެރެއިން އެންމެ ބޮޑަށް އަޅައިގަންނަ އެއް ގަހަނާއަކީ މަލައިކާގެ ބޮލު ވަށައިގެން އެޅުވިފައިވި ރިހި ކުލައިގެން ގަހަނާއެވެ. އެ ގަހަނާ ވިދަމުން ދިޔަ ގޮތުން ހީވަނީ އައްޔެއް ދިއްލިފައިވާހެނެވެ.

 

މާލޭގެ މަގުތަކު މަތިން އަލި ދަތުރުކުރާހާ ބާރުމިނުގައި މަލައިކާ ހިނގަމުން ގޮސް އިޒްވާ ދިރިއުޅޭ ގެއާ އަރާ ހަމަކޮށްފިއެވެ. އޭރު އެ ގޭގެ ބޭރުން ފަނޑު އަލިކަމެއް މުޅިތަނަށް ފަތުރާލާ ބޮތްކެއް ދިއްލައިފައިވިއެވެ. އެ ބޮތްކަށް މަލައިކާ ދިނީ އެންމެ ނަޒަރެކެވެ. ހަމަ އެހިނދު އެ ބޮކި އަނދައިފިއެވެ.

 

މަގުގެ ދެކޮޅު ބަލައިލުމަށް ފަހު މަލައިކާ ހުރިތަނަށް ޣައިބުވިއެވެ. ސިކުންތުކޮޅެއްގެ ތެރޭ މަލައިކާ އެ ގޭތެރެއަށް ފާޅުވެއްޖެއެވެ. އޭރު ދުރުން ކޮންމެވެސް މީހަކު ވާހަކަދައްކާ އަޑު މަލައިކާގެ ތޫނު ކަންފަތަށް އިވުނެވެ. މަޑުމަޑުން ހިނގަމުން ގޮސް އެ އަޑު އިވޭ ހިސާބުގައި މަލައިކާ މަޑުކޮށްލިއެވެ. އެހިނދު އެ ކަންފަތަށް އިވުނު އަޑަކުން މަލައިކާ ރުޅިއައިސްގެން އޭނާގެ ސޫރަ ބިރުވެރި ނުބައި އެއްޗެއްގެ ސިފައަށް ބަދަލުވެގެން ދިޔައެވެ.

 

-ނުނިމޭ-

 

 

 

Share Article

Follow Me Written By

H noora

Level 1

Reading and writing is my passion. What motivates me more is the comments I get from readers & their support. Lots of love to the readers <3 <3 <3

Other Articles

Previous

ރަހުމްކުރާށެވެ – 1

Previews
June 18, 2026

ރަހުމްކުރާށެވެ – 1

2 Comments!

  1. H noora says:
    June 18, 2026 at 5:22 pm

    Hi lovely readers. Here’s the sixth episode. Enjoy reading <3 <3
    Hope you like this episode 🙂 <3

  2. Exxo says:
    June 18, 2026 at 5:46 pm

    Love iit

Comments are closed.



All Right Reserved!