Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ބުނާތީ 23

Itxlevender
Itxlevender Level 210 Stories100 Comments
June 16, 2026 12 Mins Read
1 Comment

“ރިހާން……” ލިއާގެ ދެތުންފަތް ފޫއަޅުވާލާފައި ނިކުތެވެ.

ގުޅަމުން ދިޔައީ ރިހާންއެވެ. ލިއާ އިނީ ހަރަކާތްހުއްޓިފައެވެ. ލޮލަށް ފެންނަމުން މިދަނީ ރަނގަޅަށްބާއޭ ހިތަށް އެރިއެވެ. މީގެ ކުރިން ލިއާއަށް އިސްވެ ނުގުޅާ މީހަކު ބަރާބަރު އަށް މަސް ފާއިތުވުވެދިޔަފަހުން ލިއާއަށް ގުޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ފޯނު ވައިބްރޭޓްވަމުން ދިޔައިރު ލިއާގެ ނޭވާ ހާސްވަމުންދިޔަ ކަހަލައެވެ. ފަހު ރިންގަށް ވެފައި ވަނިކޮށް ލިއާ ފޯނު ނަގައިފިއެވެ.

ކަންފަތުގައި ފޯނު ޖައްސާލައިގެން ލިއާ ހުރީ ބަހެއް ނުބުނެއެވެ. އެކޮޅުންވެސް ވާހަކަ ދައްކާ އަޑެއް ނީވެއެވެ. ލިއާ އިނީ ފޯނު ތިރިކޮށްލަންވެސް ނޭނގިފައެވެ. އެގޮތުގައި އިރުކޮޅެއް ފާއިތުވިއެވެ.

“ލިއާ…” ރިހާންގެ އަޑު ޖެހުމާއެކު ލިއާއަށް ދެލޯ މަރާ ފިއްތާލެވުނެވެ. އިހުތިޔާރަކާ ނުލާ ލޮލުން ކަރުނައެއް ފައިބެގެން ދިޔައެވެ. މިވީ އަށްމަސްތެރޭ، އޭނާ ފަރުވާ ހޯދަން މަސައްކަތްކުރަމުން ދިޔަ ހިތުގެ ފާރުގަނޑުތައް އަލުން ރޯވެ، ތާޒާވިކަހަލައެވެ. މޭގައި އުފެދުނީ ތޫނު ދިލަ ރިހުމެކެވެ. އަނގައިން ބުނުން ލިއާއަށް ދަތިވިއެވެ.

“ލިއާ…އެބަހުރިންތަ…؟” އަނެއްކާވެސް ރިހާންގެ އަޑު އިވުނެވެ.

“ކީއްކުރަން ތި ގުޅީ…؟” ލިއާގެ އަޑު ނިކުތީ މަޑުންނެވެ. ރިހާންއަށް އޭނާ ރޮނީކަން އެނގޭކަށް ލިއާ ބޭނުމެއް ނުވިއެވެ.

“ހަބަރެއް ނުވާތީ ގުޅާލީ…ލޯންގް ޓައިމް ދޯ…” ރިހާން ހީވަނީ ވާހަކަ ދައްކާނެ ގޮތެއް ނޭނގިގެން އުޅޭހެންނެވެ. ލިއާ ބަހެއް ނުބުނެ މަޑުން އިނެވެ.

“ފޭސްބުކުން ތި ރަށުގެ ފޮޓޯގްރާފީ ޕޭޖުން ފެނުނު ފޮޓޯއެއް…އެއީތަ ނުގުޅާ ކަމަކީ…؟” އެންމެފަހުން ރިހާންގެ މަގުސަދު ލިއާއަށް ނަގައިގަނެވުނެވެ.

ލިއާގެ ހިތުގައިވި އުދާސްތަކުގެ މައްޗަށް ރުޅިވެރިކަން ކުރި ހޯދިއެވެ. އޭނާ ދުނިޔޭގައި ހުރިތޯވެސް ބަލާލުން ބޮޑުކަމަކަށްވެފައިވާ މީހަކު ކުއްލިއަކަށް އެފަދަ ފޮޓޯއެއް ފެނިގެން އޭނާއަށް ގުޅީމައެވެ. ރިހާންގެ މަގުސަދު ލިއާއަކަށް ނުވިސްނެއެވެ. ލިއާ އުފަލުގައި ހުރުން އެއީ ރިހާންއަށް ބަލައިގަނެވޭވަރު ކަމަކަށް ނުވަނީހެއްޔެވެ؟ އަދި މިހުރިހާ ދުވަހު ގުޅާފައި އޭނާގެ ހާލު އެހުމުގެ ބަދަލުގައި، ފުރަތަމަވެސް އެ ފެށީ މުޅިން އެހެން ވާހަކައެކެވެ. އަދި ލިއާ ނުގުޅާ ވާހަކަ ބުނި އިރު އެހެން ބުނަން ރިހާނަށް ހިތްވަރު ލިބުނުކަމެވެ. ކަންފަތަށް އިވުނު ވާހަކަތައް ލިއާއަށް ގަބޫލުކުރަން ދަތިވިއެވެ.

“އަށް މަސް…، އަށް މަސް ފަހުން……، މީގެ ކުރިން ދުވަހަކުވެސް އަހަންނަށް ނުގުޅާ މީހަކު……މިފަހަރު އަމިއްލައަށް އިސްވެ ތި ގުޅީ އެވާހަކަ އަހަންތަ…؟” ލިއާގެ އަޑުގައިވީ ރިހުމާއި ރުޅިވެރިކަމެވެ. ކޮންމެ ބަހެއް ބުނީ ބާރުލާފައެވެ. ރިހާންއަށް އެއްޗެއއ އަންގައިދޭން އުޅޭކަހަލައެވެ. އެކޮޅުން ރިހާންގެ ޖަވާބެއް ނައެވެ. ލިއާ އަށް ވާހަކަ ދައްކަން ހިތްވަރު ލިބުނެވެ.

“ޑޫ ޔޫ ނޯ ހައު ރިޑިކިއުލެސް ދެޓް ސައުންޑްސް…؟” ލިއާ އެހިއެވެ. “ތީ ދުވަހަކުވެސް އަހަންނަށް ގުޅި މީހެއް ނޫން…އަހަންނަށް އާއްމުކޮށް ގުޅާ މީހެއްވެސް ނޫން…މި ހުރިހާ ދުވަސްފަހުން ތި ގުޅީ އަހަރެން ފިރިހެނަކާއި އެކު ހުރި ފޮޓޯ ފެނިގެން…! އަހަރެން އަބަދުވެސް ރިހާންއަށް ގުޅަނީ…ގުޅައިގެން އާދޭސް ކުރަނީވެސް އަހަރެން…އަހަރެން ގުޅީމަ ބޮލަށް އުނދަގޫވަނީވެސް ރިހާންގެ…ޔޫ ނެވަރ ކެއަރޑް…ދެން މިއަދު އަހަރެންގެ އެފަދަ ފޮޓޯއެއް ފެނިގެން ގުޅަންވީ ކީއްވެ…؟ އެންޑް ޔޫ ހޭވް ދަ އޮޑޭސިޓީ ޓު އާސްކް ވައި އައި ސްޓޮޕް ކޯލިން…؟ ރިހާން ބޭނުންވަނީ އަހަރެން އަބަދު ރިހާން ފަހަތުން އާދޭސްކޮށް ދުވެދުވެ ހުންނަންތަ…؟” އެންމެފަހުން ލިއާގެ ރުއިމުގެ އަޑު ނިކުމެއްޖެއެވެ. ނަމަވެސް އޭނާ ދިޔައީ ކަރުނަ ފޮހެމުން ރުއިން ހުއްޓާލަން މަސައްކަތް ކުރަމުންނެވެ.

“އަހަންނަށް އެނގޭ ތިރަށުގައި އެގޮތަށް ޖާރޒީ ދިނުމުގެ މާނަ…އޭނާ ކީއްވެ ލިއާއަށް ޖާޒީ ދޭންވީ…؟ އެއީ ލިއާގެ ބޯއިފްރެންޑްތަ…؟ ނޫން ދޯ…؟ ލިއާ އަދިވެސް ލޯބިވަނީ އަހަރެން ދެކެ…!” ލިއާ ދެއްކި ވާހަކައަށް ރައްދު ދިނުމެއް ނެތި ރިހާން ޔަގީންކަމާއެކު ވާހަކަ ދެއްކިއެވެ.

ލިއާގެ ރުޅިގަނޑު ފަޅައިގެންދިޔަ ކަހަލައެވެ. އޭނާ ބޭނުންވީ އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތުމަށެވެ. ހިތުގައިވި ރިހުން މޭގެތެރެއަށް ފެތުރި ކެތް ނުވާވަރު ވެއްޖެއެވެ.

“އަހަރެން ލޯބިވާކަން ރިހާންއަށް އެނގޭ ދޯ…؟ އެހެންވެ އޭނު ބޭނުންހާ ގޮތެއް ހަދަނީ…؟ އަހަރެން ލޯބިވާކަން އެނގޭ އިރު ޔޫ ޗޫޒް ޓު އިގްނޯރ…ވަރަށް ރަނގަޅަށް ބުނެދިނީމޭނު ރިހާންގެ ދިރިއުޅުމުގައި އަހަރެންގެ މަގާމު…ހަނދާން ނެތުނީތަ…؟ އެހެން ނޫނަސް އަހަރެން މީހަކާ ރައްޓެހި ވިޔަސް، މީހަކު އަހަންނަށް ޖާޒީ ދިނުމުގައި ކޮންމެ މާނައެއް އޮތަސް ރިހާންއަށް ކޮން ބެހޭކަމެއް…؟ އަހަރެން ނުޖެހޭނެ ރިހާންއަށް އެޔެއް އޮޅުންފިލުވަދޭކަށް…އެހެން ނޫނަސް ރިހާންއަށް ރަނގަޅެއް ނޫންތަ އަހަރެން މޫވް އޮން ކުރީމަ…؟ އޭރުން ރިހާންއަށް އަހަންނާ ހެދި އުނދަގުލެއް ނުވާނު…؟! ޔޫ ޑިޑިންޓް ވޯންޓް މީ…ސޯ ޔޫ ޝުޑް ބީ ހެޕީ…!” ލިއާ ރުޅިވެރިކަމާއެކު ހިތުގައިވި އުދާސްތައް ބޭރުކޮށްލިއެވެ.

“ލިއާ……” ރިހާން އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް ލިއާ ފޯނު ކަނޑާލިއެވެ.

އެނދުމައްޗަށް ފޯނު އެއްލާލާފައި ލިއާ ގަޔާއި ދެކަކޫ ކައިރިކޮށްލަމުން ކަކުލުގައި ބޯ އަޅައިލިއެވެ. އޭނާއަށް ރޮވެމުން ދިޔައެވެ. ރިހާންގެ މަގުސަދަކީ އޭނާ އުފަލުގައި އުޅުނަ ނުދިނުންހެއްޔެވެ؟ އެތައް ދުވަހައް ފަހުން ގުޅާފައި، ލިއާގެ ފަސޭހަ ވަމުން އަންނަ ޒަޙަމްތަކުގައި ރިހާން ލޮނުމިރުސް ލައިފިއެވެ. އޭރުވެސް ފޯނު ވައިބްރޭޓް ވަމުން ދިޔައެވެ. ނަމަވެސް ލިއާ އެއަށް ބަލާލަން ހިތަށްވެސް ނާރާ ކަހަލައެވެ.

އިރުގަނޑެއް ފަހުން ގައިން ވަރުދޫވެފައި ހުރި މީހެއް ފަދައިން ލިއާއަށް އެނދުގައި އޮށޯވެވުނެވެ. އޭރު އޭނާ ވަނީ ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅިފައެވެ. އަތުޖެހޭ ހިސާބުގައި އޮތް ފޯނު ނަގާ ސްކްރީން ދިއްލާލީ ގަޑި ބަލާލުމަށެވެ. އޭގެން އެޅުނު އަލިކަމުން ދުޅަވެ ރަތްވެފައިވާ ލޮލަށް އުނދަގޫވިކަހަލައެވެ. އޭރު ރިހާންގެ ދެ މިސްކޯލު އިނެވެ. ދެން ހުރީ ކައިލްގެ މެސެޖުތަކެވެ. ލިއާ އެ މެސެޖުތައް ހުޅުވާލިއެވެ. އޭނާ މެސެޖުތައް ބެލިކަން ކައިލްއަށް އެނގޭނެކަން އެނގިހުރެއެވެ. ނަމަވެސް މިވަގުތު އޭނާ ހުރީ އެކަކާވެސް ވާހަކަ ދެކެވޭނެ ހާލަތެއްގައެއް ނޫނެވެ. ކައިލް އަހާފައި ހުރީ ލިއާ އެވަގުތު ކުރާ ކަމަކާއި ބެހޭގޮތުންނެވެ. އަދި އެރޭ ވީ ކަންތަކުގެ ވާހަކަ ދައްކާފައި، އޭނާ ލިއާ އާއި އެކު ހޭދަކުރި ވަގުތުތައް މަޖާ  އުފާވެރި ރެއެއްގެ ގޮތުގައި ސިފަކޮށްފައި ވެއެވެ. ފަހު މެސެޖުގައި ނިދީތޯ އަހާފައި ވެއެވެ.

ކައިލްގެ ކޯލް އަންނަން ފެށީ ލިއާ ފޯނު ބާއްވަން އުޅެނިކޮށެވެ. ލިއާ ބަލާލާފައިވެސް ފޯނު ނަގާކަށް ބޭނުމެއް ނުވިއެވެ. ރިންގު ކެނޑުންވަގުތު ދެން އައީ ކައިލްގެ މެސެޖެކެވެ. “އާރ ޔޫ އޯކޭ…؟ ވައި އާރންޓް ޔޫ ރިޕްލައިއިން…؟ ޔޫ ސީންޒޯންޑް…އެންޑް ވައި އާރ ޔޫ ނޮޓް ޕިކިން މައި ކޯލްސް…؟” ލިއާ އެ މެސެޖުވެސް ބަލާފައި އެއްޗެއް ނުބުންޏެވެ. ކައިލް ހިތްހަމަ ނުޖެހޭނެކަން އެނގެއެވެ. ނަމަވެސް އެވަގުތު މީހަކާއި ވާހަކަ ދެއްކޭނެހާ ހިތްވަރެއް ލިއާގެ ނެތެވެ.

ފުން ނިންޖެއްގައިވި ލިއާއަށް އުނދަގޫކަމާއެކު ލޯ ހުޅުވާލެވުނީ ދޮރުގައި ޓަކި ޖަހާ އަޑު އިވިގެންނެވެ. އެވަގުތު ބޮލަށް ބަރުވެފައިވާވަރު އިހުސާސްކުރެވުނެވެ. ކޮޓަރިތެރޭވި ފަނޑު އަލިކަމުން ހެނދުނު ވެއްޖެކަން އެނގުނެވެ. ޝަރީފާ ގޮވާ އަޑު އިވުނެވެ. ކަންނެތްގޮތަކަށް އެނދުން ތެދުވެ، ލަސް ހިނގުމެއްގައި ލިއާ ގޮސް ދޮރު ހުޅުވާލިއެވެ.

“ދައްތަ މިދަނީ ދާން…ރޮށި ފިހެލަން ޖެހޭނީ…ބަލީތަ…؟” ވާހަކަ ދައްކަމުން ގޮސް ލިއާ ހުރިގޮތް ފެނި ޝަރީފާ އަހާލިއެވެ. ރަތްވެފައިވާ ލޮލާއި މޫނުމަތީގެ ކުލަވަރު ހުރި ގޮތުން ބަލިފާޑު ޖަހައެވެ.

“ބޮލުގައި ރިއްސާތީ…” ލިއާ މަޑުމަޑުން ބުނެލިއެވެ. ޝަރީފާއަށް ގަބޫލު ކުރެވުނެވެ. ލިއާގެ އަޑުން އެކަނިވެސް ބަލި ފާޑު ޖަހައެވެ.

“އެހެންވިއްޔާ ބަދިގެއަށް ވަންނާނެކަމެއް ނެތް…ދައްތަ ދެން ބްރޭކަށް އައިސް ބަތްކޮޅެއް ކައްކާނީ…!” ޝަރީފާ ދަމުން ދިޔައީ ލިއާ ގާތު ބޭސްކައިގެން ހުރުމަށް ބުނެފައެވެ.

ކޮޓަރިއަށް ވަދެފައި ލިއާ އެނދުގައި އިށީނެވެ. އޭނާއަށް ފޯނު ނަގާ ބަލާލެވުނެވެ. އަނެއްކާވެސް ރޭގައި ހިނގައިދިޔަ ކަންތައްތައް ސިކުނޑީގައި ރޯލްވާން ފެށިއެވެ. ލިއާއަށް ކޯލް ލޮގަށް ބަލާލެވުނީ އެއީ ފެނުން ހުވަފެނެއް ނޫންކަން ޔަގީންކުރަންވެގެންނެވެ. ނަމަވެސް ލިއާ އުއްމީދު ކުރި ގޮތަކަށް ނުވިއެވެ. ރިހާންގެ ދެ މިސްކޯލުވެސް ފެންނަން އިނެވެ.

ކައިލްގެ ކޮންވަޒޭޝަނަށް ވަތްއިރު ކައިލް އޮފްލައިންވެފައި އިންކަމަށް ދައްކަނީ ތިން ގަޑިއިރު ކުރިންނެވެ. ކައިލް އެ ނިދީ ހާދަ ލަހުންނެވެ. ލިއާއަށް ހިސާބެއްގެ ކުށްވެރިކަމެއް އިހުސާސްކުރެވުނީ ކައިލްގެ މެސެޖުތަކަށް ރައްދެއް ނުދެވުމުންނެވެ. ލިއާއަށް އަނެއްކާ އެނދުގައި އޮށޯވެވުނެވެ. މިއަދު ސުކޫލަށް ދާކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ. އޭރު ހަމަ ރަނގަޅަށްވެސް ބޮލުގައި ރިއްސަމުން ދިޔައެވެ.

އިރުކޮޅެއްފަހުން ނެތް ހިތްވަރައިގެން ލިއާ ތެދުވެ ގޮސް ފާހާނައަށް ވަދެ ފެންވަރާލިއެވެ. ބޮލަށް ފެން އަޅާލުމާއެކު ކޮންމެސްވަރަކަށް ލުއިވިހެން ހީވިއެވެ. ފެން މާގަނޑު ދަށުގައި އޮހެމުން ދިޔަ ފެންތަކުތެރޭ ހުރިއިރު ސިކުނޑީގައިވަނީ ރިހާންގެ ހިޔާލުތަކެވެ. ހިތްވަނީ ޝަކުވާއިން ފުރިފައެވެ.

ކޮފީތަށި ހިފައިގެން ލިއާ ދޮރުމައްޗަށް ނިކުތެވެ. ދޮރުމަތީ ހުންނައިރު މަގުމަތިން ދާ މީހުން ފެނެއެވެ. އޭރު ފުދޭވަރަކަށް އަވިގަދަ ނަމަވެސް ޖެހެމުން ދިޔަ ހިތްފަސޭހަ ވައިރޯޅިން އެ ހޫނުކަން ކުޑަވެއެވެ. ލިއާ އިސްތަށިގަނޑު ހާވާލީ އެ ވައިގެ ތެރޭގައި އިސްތަށިގަނޑު ހިއްކާލުމުގެ ބޭނުމުގައެވެ. އެ މޫނުގައިވަނީ ހިމޭންކަމެވެ. ފުންމިން ނޭނގޭ ފުން ކަނޑެއްގައި އެ ނަފްސު ޢަރަގުވެފައިވާކަހަލައެވެ.

އެއްކަމެއްވެސް ކުރާހިތްނުވެފައި ހުރި ލިއާ އަމިއްލަ ނަފްސަށް މަޖުބޫރުކުރަމުން ސްކޫލަށް ދާން ތައްޔާރުވިއެވެ. އިމްތިހާނު މިހާ ގާތްވެފައި އޮއްވާ ކްލާސްތައް ގެއްލޭކަށް އޭނާވެސް ބޭނުމެއް ނޫނެވެ. ދަބަސް ކޮނޑުގައި އަޅުވާލާފައި ހުރިގޮތުންވެސް ސިފަވަނީ މިއަދު އެ ދަބަސްވެސް އުފުލުން ބުރައަކަށްވެފައި ވާހެންނެވެ. ބޭސްކައިގެން ނިކުމެ، ބޭރު ދޮރު ލައްޕާލަމުން މަޑު ހިނގުމެއްގައި ބަސް ސްޓޮޕާއި ހަމަޔަށް މިސްރާބު ޖެހިއެވެ.

ކްލާހަށް ވަދެގެން ދިޔައިރު ކައިލް އާއި ކައިރާ ކްލާހުގައި އިނެވެ. ލިއާ ވަތްހާއިރުން ކައިލްގެ ސަމާލުކަން ލިއާއަށް ހުއްޓުނު އިރު، ލިއާ އެއްފަހަރުވެސް އެދިމާލަށް ބަލާނުލިއެވެ. މަޑު ހިނގުމެއްގައި ގޮސް ކައިރާ އާއި ޖެހިގެން އިށީންއިރު އޭނާގެ ސަމާލުކަން ކައިރާއަކަށްވެސް ނެތެވެ. ކައިރާއަށް އެކަން ފާހަގަވިއެވެ. އަނެއްކޮޅުން ކައިލްގެ ނަޒަރު ލިއާއިން ވަކިނުވެއެވެ. މީހަކަށް ފާހަގަވިޔަސް އޭނާގެ ފަރުވާލެއް ނެތެވެ.

“އިޒް އެވްރިތިން އޯކޭ…؟” ކައިރާ އަހާލީ ލިއާ މާ މަޑުން އިނުމުންނެވެ. ލިއާ ހަމައެކަނި ބޯ ޖަހާލީއެވެ.

“ޔޫ ޑޯންޓް ސީމްސް އޯކޭ…!” ކައިރާ ޔަގީންކަމާއެކު ބުނެލިއެވެ. ނަމަވެސް ލިއާގެ ޖަވާބަކަށް ވީ ހިމޭންކަމެވެ. ކައިރާ މާގިނައިން ސުވާލު ކުރަން ފެށުމުން ބޮލުގައި ރިއްސަނީއޭ ލިއާ ބުނެލިއެވެ. އެއީ މުޅިއަކުން ދޮގެއް ނޫނެވެ.

ކައިލްގެ މޫނުގައި ވަނީ ބަޔާންކުރަންދަތި ޝުއޫރުތަކެވެ. ލިއާއަށް ބޮޑުކަމެއް ވެއްޖޭ އެ ހިތް ބުނަމުން ދިޔައެވެ. އެކަމާއި ރޭގައި ވީ ކަންތަކާއި ގުޅުމެއް ވޭބާއޭ ކައިލްގެ ހިތަށް އަރަމުން ދިޔައެވެ. ރޭގައި އޭނާ ހިތް ނުތަނަވަސްވެގެން ނުނިދި ކިތައްމެ އިރަކު އިންނަން ޖެހުނެވެ. ލިއާ ވާހަކަ ނުދައްކަނީ ކީއްވެކަން ވިސްނައިނުގަނެވޭތީއެވެ. މިއަދު އޭނާއަށް ސުކޫލަށް އާދެވުނީވެސް އެހެން ދުވަސްދުވަހަށް ވުރެ އަވަހަށެވެ. ލިއާ ދެކިލަން ހިތް އެދެމުންދިޔަ ވަރުންނެވެ.

ފިލާވަޅުތައް ކުރިޔަށް ދިޔައިރު މިއަދު އެހެން ދުވަސްދުވަހާ ހިލާފަށް ލިއާގެ ފަރާތުން ފެންނަމުން ދަނީ ސަމާލުކަން ކުޑަކަމެވެ. ވިކްޓޯރިއާ ދެފަހަރަކު ލިއާއަށް ގޮވާލުމާއެކު، ކައިރާ ލިއާގައިގަ ކޮށްޓާލުމުން ލިއާއަށް ހޭވެރިކަންވިއެވެ. “އާރ ޔޫ ފީލިންގް ވެލް ޑިއާރ…” ވިކްޓޯރިއާގެ މޫނުމަތީގައިވަނީ ކަންބޮޑުވުމެވެ. އެކަން އެނގި ލިއާ އޭނާ ރަނގަޅޭ ބުނަމުން ގަދަކަމުން ކުޑަ ހިނިތުންވުމެއް ވެރިކުރުވިއެވެ. ކައިރާ ބޯ ހޫރާލާފައި ކުރިޔަށް ނަޒަރު ހުއްޓާލިއިރު ކައިލްއާއި ހަތަރުކަޅި ހަމަވިއެވެ. ކައިލްގެ މޫނުމަތީގައިވި އަސަރުތައް ކައިރާއަށް ނަގައިގަނެވި އޭނާ ދެފަރާތަށް ބޯހޫރާލީ ކައިލްއަށް އޭނާ އެނގެން ބޭނުންވާ ޖަވާބު ދިނުމުގެ ގޮތުންނެވެ. މާނައަކީ ލިއާއަށް ވެގެން އުޅޭ ގޮތެއް ކައިރާއަށްވެސް ނޭނގޭކަމެވެ.

ބްރޭކްގަޑި ޖެހުން ވަގުތު ކައިރާ މަޑުކުރީ ލިއާއާއި އެކު ދާންވެގެންނެވެ. ނަމަވެސް ފޮތްތައް ތަރުތީބު ކުރަމުންދިޔަ ލިއާގެ ހަރަކާތްތަކުގައިވަނީ ލަސްކަމެވެ. އެވަގުތު އިޝާންއައިސް ކައިރާ ގާތު އޭނާއާއި އެކު ދިއުމަށް ބުނެލިއެވެ. ކައިރާ އިންކާރު ކުރަން އުޅެނިކޮށް އޭނާގެ ލޮލުގައި ކައިލް އަޅައިގަތެވެ. ކައިލް ލޮލުން ކޮށްލި އިޝާރާތާއެކު އޭނާ ބުނަން އުޅޭ އެއްޗެއް ކައިރާއަށް ވިސްނުނެވެ. އޭނާވެސް ބޭނުންވީ ކައިލް ބޭނުންވާ ފުރުސަތު ހޯދަދޭށެވެ. ވުމާއެކު އިޝާންއާއި އެކު ހިނގައިގަތެވެ.

ގިނަ ކުދިން ނުކުމެގެން ދިއުމާއެކު ކްލާހުގައި ތިބީ މަދު ކުދިންކޮޅެކެވެ. ކައިލް އެކަމަށް ފަރުވާލެއް ނެތި ކެތްތެރިކަން ކުޑަވެފައި ހުރެ، ގޮނޑިން ތެދުވި ގޮތަށް ލިއާ ކައިރިއަށް ހިނގައިގަތެވެ. އޭރު ކްލާހުގައި ބާކީ ތިބި ކުދިންގެ ނަޒަރު ހުއްޓިފައިވަނީ އެ ދެމީހުންނަށެވެ.

ލިއާއަށް ބަލާލެވުނީ އޭނާގެ ޑެސްކުގައި ކައިލް އަތްއަޅުވާލުމުނެވެ. އިސްއުފުލާލިއިރު ކައިލްގެ މޫނުމަތީގައިވި ކުލަވަރު ފެނި، ހިތް ނުތަނަވަސްވިއެވެ. އެ މޫނުމަތިން ހިތްހަމަނުޖެހުމާއެކުވެސް ހިސާބެއްގެ ކަންބޮޑުވުމެއް ފެންނަމުން ދިޔައެވެ.

“ކެން ވީ ޓޯކް…؟” ކައިލްގެ ބަރު އަޑު އިވުމުން ލިއާގެ ހަށިގަނޑުން ހީބިހި ނަގައިގަތެވެ. އޭނާއަށް އޯކޭއޭ ބުނެވުނީ ކައިލްގެ އަޑުގައިވި ސީރިއަސްކަމުންނެވެ.

“ކަމް ވިތް މީ…” ލަސްވެފައި ހުރި ފަދައަކުން ކައިލްއަށް ލިއާގެ އަތުގައި ހިފުނެވެ. މަންޒަރު ބަލަން ތިބި ކުދިންގެ ދެލޯ ބޮޑުވުމާއެކު އެކަކު އަނެކަކު ގާތު ސިއްރު ވާހަކައެއް ދައްކަންފެށިއެވެ. ކައިލްގެ ބާރުގައި ތެދުވި ލިއާއަށް އެ މަންޒަރުތަކަށް ބެލުނީ ކަންބޮޑުވެފައި ހުރެއެވެ. ނަމަވެސް ކައިލްގެ އެއްވެސް ފަރުވާލެއް އެކަމަކަށް ނެތެވެ. ލިއާގެ އަތުގައި ހިފާފައި ހުރިގޮތުން ހީވަނީ ލިއާ ގެއްލިދާނެތީ އުޅޭހެންނެވެ. އަމިއްލަ މީހާގެ އަމަލުތައް ހުރި ގޮތާއި މެދުވެސް ކައިލްގެ ފަރުވާލެއް ނެތްކަހަލައެވެ. ލިއާގެ އަތުން ދޫނުކޮށްލާހުރެ ކްލާސްރޫމް ދޮރުން ބޭރަށް ނިކުތެވެ.

ކެންޓީނަށް މިސްރާބު ޖަހާފައި ހުރި ކުދިންނަށް އެމަންޒަރު ފެނި ފިޔަވަޅުތައް މަޑުޖެހުން ކަހަލައެވެ. އަލީޝާގެ ފައި ހީވީ ބިމުގައި ތަތްވިހެންނެވެ. އެހެން ހުރިހާ މަންޒަރެއް ފުސްވެ، އޭނާއަށް ފެންނަމުން ދިޔައީ ހަމައެކަނި ކައިލްއާއި ލިއާފަދައެވެ. އެދެމީހުންގެ ގުޅިފައިވި އަތަށް ނަޒަރު ހުއްޓާލި ހިނދު އަލީޝާގެ ހިތަށް ތޫނު ކައްޓެއް ހެރުންފަދައެވެ. ފެންކަޅިވެގެން އައީ އޭނާއަށް ނުވެސް އެނގިހުއްޓައެވެ.

ލިއާއަށް ހުރެވުނީ މޫނުގެ އެއްފަޅީގައި އަތް ޖައްސާލައިގެންނެވެ. ދެފަހަރަކު އަތް ތަޅުވާލި ނަމަވެސް ކައިލް ދޫނުކުރިއެވެ. “ކައިލް…މީހުން ބަލަނީއޭ…” ލިއާ މަޑުމަޑުން ބުނެލިއެވެ. ސިޑިން ފައިބެ ހުރެ ހުރެ ކައިލް ލިއާއަށް ބަލާލިއެވެ. “އާރ ޔޫ އެމްބޭރެސްޑް ޓު ބީ ސީން ވިތް މީ…؟ އައި ޑޯންޓް ކެއަރ ސިންސް އެވްރިވަން އޯލްރެޑީ ނޯސް ވީ އަރ……ފްރެންޑްސް…” ކައިލް ހިތްހަމަނުޖެހުމާއެކު ވާހަކަ ދައްކަމުން ފަހު ބަސް ބުނެލީ ކުޑަ އަޅައިގަތުމާއެކުއެވެ. ލިއާ އާއި އެކު ވާއިރު އެ ލަފްޒު އެއީ އޭނާ އެންމެ ބުނަން ބޭނުން ނުވާ ލަފްޒެވެ.

“އެހެނެއް ނޫން…” ލިއާ ބުނެލިއެވެ. ކައިލް އިތުރު އެއްޗެކޭ ނުބުނެ ސިޑިން ފޭބިއެވެ. “ވެއަރ އާރ ވީ ގޮއިން…؟” ކައިލްގެ މިސްރާބު ހުރީ ސުކޫލުން ބޭރަށްކަން އެނގުމުން ލިއާއަށް އަހާލެވުނެވެ. އޭނާ ހީކުރީ އެމީހުން އާއްމުކޮށް ދާ ރެސްޓޯރެންޓަށް ކައިލް ދާން އުޅޭކަމުގައެވެ. ނަމަވެސް ކައިލްގެ މިސްރާބު ހުރީ އޭނާގެ ސައިކަލާ ދިމާލަށެވެ. ލިއާއަށް މަޑު ޖެހިލެވުނެވެ. އެވަގުތު ސައިކަލަށް އަރަން ހުރެފައި ކައިލްއަށް ބަލާލެވުނެވެ.

“ޑޫ ޔޫ ޓްރަސްޓް މީ…؟” ކައިލް އެހިއެވެ. ލިއާ އިރުކޮޅަކު ބަލަން ހުރެފައި ބޯ ޖަހާލިއެވެ. އެއާއެކު ކައިލް އިޝާރަތްކުރީ ސައިކަލަށް އެރުމަށެވެ. ފަސްޖެހިފައިހުރެ ލިއާ ގޮސް ފަހަތަށް އެރިއެވެ. އެއްލި ކަޅިއަކުން އޭނާއަށް ފެނުނީ ކެންޓީނާ ދިމާލުން ބެލްކަނީގައި ބަލަހައްޓައިގެން ތިބިހާ ކުދިންނެވެ. އެ އެންމެންގެ ތެރެއިންވެސް އަލީޝާގެ އަލިފާނުގެ ނަޒަރު ލިއާއަށް ފާހަގަވިއެވެ. އޭނާގެ ހިތުގައި ނުތަނަވަސްކަމެއް އުފެދުނެވެ.

ކައިލް ގޮސް މަޑޮކޮށްލީ އަލަށް އާބާދުވަމުން އަންނަ ސަރަހައްދު ފެށޭ ހިސާބުގައިވާ ރެސްޓޯރެންޓަކަށެވެ. ލިއާ އާއި އެކު އެތަނުގެ ތެރެއަށް ވަދެފައި ކައުންޓަރުގައި އެދުނީ ޕްރައިވެޓް ޓޭބަލަކަށެވެ. ކައުންޓަރުގައި އިން ކުއްޖާ ބޯ ޖަހާލާފައި އިޝާރަތްކުރީ ފަހަތުން އައުމަށެވެ. ކައިލްގެ އިޝާރާތާއެކު ލިއާ ކައިލްގެ ފަހަތުން ހިނގައިގަތެވެ. ބަލާބެލުމަށް ހީވަނީ ވަރަށް ފެންވަރު ރަނގަޅު ރެސްޓޯރެންޓެއްހެންނެވެ. ޖާގަ ތަނަވަސް އެ ރެސްޓޯރެންޓްގައި މޭޒުތައް ވަކިކޮށްފައިވަނީ ކޮންމެ ދެ މޭޒެއްގެ މެދުގައި މާގަސް ޖަހައިގެންނެވެ. ބަލާލަން ހިތްގައިމު ގޮތެއް ހުއްޓެވެ.

ޕްރައިވެޓް އޭރިއާއަށް އައިސް ކައުންޓަރގައި އިން ކުއްޖާ ދެއްކި ދޮރުން ކައިލް ވަނެވެ. އޭރު އެތަނުގައިވަނީ ސޯފާ ގޮނޑިތަކާއި، ކަޅު ބިއްލޫރިން ވާ މޭޒުތަކެވެ. އެކި ދިމަދިމާލުގައި ގުދުރަތީ މަންޒަރުތަކުގެ ތަސްވީރުތައް ހަރުކޮށްފައިވާއިރު ބަލާލަން ހިތްފަސޭހައެވެ. ފިނިކަން ހުރީ އެންމެ އަރާމު ވަރަށެވެ. ކައިލް އިޝާރަތްކުރުމުން ލިއާ އިށީނެވެ. މެނޫ ގެނައުމުގެ ބަދަލުގައި ކައިލް އަވަހަށް އޯޑަރ ދިނީ އެކުއްޖާ ފޮނުވާލަން ބޭނުންވެފައި ހުރެއެވެ. ލިއާއަށް ފުރުސަތު ދިނުމުން ލިއާ ނެގީ ހަމައެކަނި ސްމޫތީއެކެވެ.

“ޓޯކް…!” އެކުއްޖާ ދިއުމުން ކައިލް މޭޒުމަތީ ދެއަތް ބާއްވާލާ ހަށިގަނޑު ސީދާކޮށްލަމުން ލިއާއަށް ބަލާލިއެވެ. އެ މޫނުގައިވަނީ ސީރިއަސްކަމެވެ. ލިއާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހިމޭންކަމުގައި ހޭދަވަމުން ދިޔަ ކޮންމެ ސިކުންތެއް ކައިލްގެ ހިތް އަވަސްވަމުންދިޔައެވެ.

“ލިއާ…ވަޓްސް ރޯންގް…؟ ވައި ޔޫ އިގްނޯރޑް މީ…؟ ރޭގަ ވީ ކަންތަކާ ހިތްހަމަ ނުޖެހިފަތަ…؟ ވޯޒް އިޓް ބިކޯޒް އައި މޭޑް ޔޫ ހޯލްޑް މީ ލާސްޓް ނައިޓް…؟” ކައިލްގެ ސީރިއަސް އަޑު ޖެހުމުން ލިއާއަށް އަވަސްއަވަހަށް އިސްއުފުލާލެވުނެވެ.

“ނޫން ނޫން…އެހެންވެއެއް ނޫން…ކައިލް ދެކެ ހިތްހަމަ ނުޖެހިފައެއް ނޫން…!” ލިއާ އަވަސްއަވަހަށް ބުންޏެވެ.

“ދެން ކޮބާ މައްސަލައަކީ…؟ އައި ނޯ…! ކޮންމެވެސް ކަމެއް ވެއްޖެ…!” ކައިލް ޔަގީންކަމާއެކު ވާހަކަ ދެއްކިއެވެ.

“މިއަދު ހޭލީއްސުރެ ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީ މިއުޅެނީ…ސްކޫލަށްވެސް މިއައީ ނާންނަން ހުރެފަ…” ލިއާ ވިސްނާފައި ވާހަކަ ދެއްކިއެވެ.

“ދެން ރޭގައި ސީންކޮށްފަ ރިޕްލައި ނުކުރީ ކީއްވެ…؟” ކައިލް ނަޒަރު ވަކިކޮށްލުމެއް ނެތި އަހާލިއެވެ. ލިއާގެ މޫނުމަތިން ހާސްކަން ފެނުނެވެ. ކައިލްއަށް ފާހަގަވީ ލިއާ ވާހަކަދެއްކިއިރު ކައިލްގެ މޫނަށް ނުބަލަން އުޅުނުކަމެވެ.

“ރޭގަ…ފޯނު ވައިބްރޭޓް ވެގެން ކައިލްގެ މެސެޖަށް ކްލިކް ކޮށްލެވުނީމަ އޮޓޯއިން ކޮންވަޒޭޝަން ހުޅުވުނީ…ބޮލުގަ ރިއްސާވަރުން ޓައިޕް ނުކުރެވުނީ…ބޮލުގައި ރިއްސާއިރު ސްކްރީނަށް ބެލީމަ ވަރަށް ލޮލަށް އުނދަގޫވޭ…” ލިއާ އަޅައަޅައިގަންނަމުން ވާހަކަ ދެއްކިއެވެ. ހީވަނީ ދައްކާނެ ބަހަނާއެއް ނޭނގި ދެއްކި ވާހަކައެއްހެންނެވެ. ކައިލްގެ މޫނުމަތިން ހިތްހަމަނުޖެހުން ފާޅުވިއެވެ.

“ޔޫ އަރ ލައިން…!” ކައިލް ބުނެލީ ޔަގީންކަމާއެކުއެވެ. ލިއާއަށް އިސްދަށަށް ޖަހާލެވުނެވެ. ކައިލްގެ މޫނުމަތީގެ ކުލަވަރު ހުރިގޮތުން ލިއާ އިނީ ކައިލްއަށް ބަލަން ނުކެރިފައެވެ.

ކައިލް ފުން ނޭވާއެއް ދޫކޮށްލިއެވެ. ލިއާ ސިއްރުކުރަން މަސައްކަތް ކުރަމުން ދަނީ ކޮންކަމެއްކަން ނޭނގޭތީ، އޭނާ އެކަމާ ވިސްނާ މޮޔަވާން ކައިރިވެއްޖެއެވެ. ލިއާ ހިމޭނުން އިންގޮތުން ކައިލްގެ ކެތްތެރިކަން ކޮޅުންލައިގެން ދާންފެށިއެވެ.

“ލިއާ…ޔޫ ނޯ ޔޫ ކެން ޓެލް މީ އެނީތިންގް…ޕްލީޒް ބީ އޮނެސްޓް…ވަޓްސް ރޯންގް…؟” ކައިލް ކެތްމަދުވެފައި ވާހަކަދެއްކުމުން ލިއާއަށް އިސްއުފުލާލެވުނެވެ. އެވަގުތު އޭނާއަށް ހުއްޓިފައިވި އެ ނޫކުލައިގެ ލޮލުގެ ބާރުން ލިއާއަށް ހިންދިރުވާލެވުނެވެ. އޭނާއަށް އިތުރަށް ދައްކާނެ ބަހަނާއެއް ނޭނގުނެވެ. ކައިލްގެ މޫނުމަތީގައިވި އަސަރުތަކުން ލިއާ ގަސްތުކުރީ ތެދަށް ބުނުމަށެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އޭނާ ހަމަޖެހިލަން މަސައްކަތްކުރިއެވެ.

“މައި އެކްސް…ރިހާން…ހީ ކޯލްޑް ލާސްޓް ނައިޓް…” ލިއާ އިސްޖަހާލަމުން ބުނެލީ އެވާހަކަ ބުނާއިރު އޭނާގެ މޫނުމަތީގައިވި އަސަރުތައް ކައިލްއަށް ނުދެއްކުމަށެވެ. އޭނާއަށް ނުފެނުނީ ހުދުވެގެން އައި ކައިލްގެ މޫނެވެ.

ކައިލްގެ ހިތުގެ ހިނގުން މަޑުޖެހިލިކަހަލައެވެ. އިރުކޮޅަކަށް ހުއްޓިފައި، ސިކުނޑި މަސައްކަތްކުރަން ފެށިއިރު ހީވީ ގަދަ ނިންޖަކުން މީހަކު އޭނާ ހޭލައްވާލިހެންނެވެ. މި ހުރިހާ ދުވަހު ލިއާ އާއި އެކު އުޅުނު އިރު އޭނާއަށް ހަމަޖެހިލައިގެން އުޅެވުނީ އެ ރިހާނެއްގެ މަތިން ކުޑަކޮށްވެސް ހަނދާން ނެތުމުންނެވެ. ނަމަވެސް ލިއާގެ ލަފްޒުތައް އޭނާ ހަގީގަތުގެ ތެރެއަށް ގެނެސްދީފިއެވެ. ކުއްލިއަކަށް ކައިލްއަށް އިހުސާސްވީ އޭނާގެ އަތުން ލިއާ ބީވާން އުޅުނުހެންނެވެ.

“މިހުރިހާ ދުވަހު އިސްވެ ނުގުޅާ މީހަކު…ބަރާބަރު އަށްމަސްފަހުން…ރޭގައި ގުޅީ…” ލިއާއަށް އޭނާގެ އަޑުގައިވި އަސަރުތައް ނުފޮރުވުނެވެ. އެ ރިހުން އެކުލެވިފައިވި އަޑު އިވުމުން ކައިލްގެ ހިތަށް ލިބުނީ ވޭނެކެވެ. އެ އަޑުގައިވި ރިހުން ބުނެދެނީ ރިހާންދެކެ ލިއާ ވީ ލޯތްބެވެ. ކައިލްއަށް ދަތްކުނޑި ވިކާލެވުނެވެ.

“ކައިލްއާއި އެކު ހުރި ފޮޓޯ ފެނިގެން ގުޅީ…ހީ ނެވަރ އާސްކްޑް ހައު އައި ވޯޒް…ހީ ނެވަރ ޗެކްޑް އިފް އައި ވޯޒް އެލައިވް…ދެން އެ ފޮޓޯ ފެނިގެން ގުޅަންވީ ކީއްވެ…؟” ލިއާއަށް ދެންމެ ދެންމެ ރޮވިދާނެކަހަލައެވެ.

ކައިލް އިނީ ހިމޭންވެފައެވެ. މޫނުމަތިން ފާޅު ނުކުރިޔަސް ކައިލްގެ ހާލު އެއަށްވުރެ ބޮޑެވެ. އަސަރާއެކު ރިހާންގެ ވާހަކަ ލިއާ ދައްކަމުން ދިޔަ ގޮތުން ކައިލްގެ ހިތުގައި ރިއްސާލީ ރިހާން ދެކެ ލިއާ ވާ ލޯބި ފެންނަމުން ދާތީއެވެ. ފުރަތަމަ ފަހަރަށް، ލިއާ ގެއްލިދާނެ ކަމުގެ ބިރު ހިތަށް ވަނެވެ. އޭނާއަށް މާ ލަސްކުރެވުނީ ހެއްޔެވެ؟ ކައިލްއަށް ލޯމަރާ ފިއްތާލެވުނެވެ. އޭނާ އެހުރީ ރިހާން ދުނިޔޭގައި ހުރިކަން ހަނދާން ނައްތާލައިގެންނެވެ. ކައިލް ހީކުރީ ކައިލްއަށް ވަގުތު އޮތްކަމަށެވެ. އޭނާ ހަނދާން ނެތުނީ ރިހާންދެކެ ލިއާ ވާ ލޯތްބެވެ. ކައިލްގެ ހިތުން ލިއާއަށް އެދެވޭ އިރު ހަމަ އެފަދައިން ލިއާ ރިހާނަށް ނޭދޭނެހެއްޔެވެ؟ ކައިލް އުއްމީދުކޮށްގެން ހުރީ އެދެމެދުގައިވި ރަހުމަތްތެރިކަމުގެ ގުޅުމަށް ވަގުތު ދިނުމަށެވެ. ވަގުތާއެކު ކަންކަން ބަދަލުވުމަށެވެ. ވަގުތާއެކު ލިއާގެ ހިތުގައި އޭނާއާއި މެދު ޝައުގުވެރިކަން އުފެއްދުމަށެވެ. ވުމާއެކު އޭނާއަށް އިންތިޒާރުގައި ހުރެވުނީއެވެ. ނަމަވެސް އެންމެ ނުރައްކާތެރި ކަންތައް ހަނދާނުން ނައްތާލެވުނީއެވެ. ރިހާންއެވެ. ލިއާގެ ފުރަތަމަ ލޯތްބެވެ. އެ ލޯތްބަކަށް ޓަކާ، ލިއާ އެތައް ރެއަކު ކަރުނަ އޮއްސަން ޖެހި، ހިތް ހަލާކުވެގެން ދިޔަ ‘ލޯތްބެވެ.’

ކައިލްގެ ނޭވާ ވަނީ އަވަސްވެފައެވެ. ރިހާން އަލުން ގުޅައިފިނަމަ ވާނީ ކިހިނެއްހެއްޔެވެ؟

ރިހާން ލިއާ ގާތުން މާފަށް އެދެފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟

ލިއާ ރިހާނަށް މާފުކޮށްފިނަމަ ވާނީ ކިހިނެއްހެއްޔެވެ؟

ލިއާ އުމުރުގައިވެސް ލޯބިވި ހަމައެކަނި ފަރާތް، އެ ލޯތްބަކަށްޓަކާ އެތައް ރެއަކު ކަރުނަ އޮއްސި ރިހާން، އަލުން ލިއާގެ ހަޔާތަށް އަންނަން ބޭނުންވެއްޖެނަމަ ދެން ވާނީ ކިހިނެއްހެއްޔެވެ؟ ކުއްލިއަކަށް ހީވީ ކައިލްގެ މޭ ފިތިގެން ދިޔަހެންނެވެ. އެ ހިޔާލުން އެކަނިވެސް އޭނާ މޮޔަނުވީ ކިރިޔާއެވެ. ލޯމަތިން ފަރުދާއެއް ކެހި ހުރިހާ މަންޒަރެއް ސާފުވިކަހަލައެވެ. ލޯބީގެ މި ރޭހުގައި އޭނާ ވާދަނުކުރަނީސް ބަލިވެއްޖޭ ހިތް ބުނިކަހަލައެވެ.

“ކައިލް…” ލިއާގެ އަޑު އިވުމާއެކު ކައިލްއަށް އިސްއުފުލާލެވުނެވެ. ލިއާގެ މޫނުމަތީގައިވަނީ ކަންބޮޑުވުމެވެ. ކައިލް ހަމަޖެހެން މަސައްކަތްކުރިއެވެ. ނަމަވެސް ހިތުތެރޭ ވަނީ ގަދަފަދަ ތޫފާނެއް އުފެދިފައެވެ. ކައިލް އެކަން ސިއްރުކުރަން މަސައްކަތް ކުރިއެވެ. ލިއާއަށް އެހިތުގެ ހާލު އެނގޭނީ ކިހިނެއްހެއްޔެވެ؟ އެންމެ ފަހަރަކުވެސް އޭނާ ލޯބިވާކަން ލިއާ ގާތު ބުނެވިފައެއް ނެތެވެ.

“ވަޓް ޑިޑް ހީ ސޭ…؟” ކައިލްގެ އަޑު ނިކުތީ ރުޅިވެރިކަމާއެކުއެވެ. ލިއާއަށް އެކަމުން ހައިރާންކަން ލިބުނެވެ. ނަމަވެސް އޭނާ ހީކުރީ އޭނާގެ އެހެން އެކުވެރިންނެކޭ އެއްފަދައިން ކައިލްވެސް ރިހާންއާއި ގަޔާނުވާތީ ބުނެވުނު ގޮތްކަމަށެވެ.

“ދެޓްސް ވަޓް ހީ ސެޑް…އައި ހަންގް އަޕް…” ލިއާ ބުނެލިއެވެ.

“ފަހުން ނުގުޅާތަ…؟” ކައިލް ސުވާލުކުރިއިރު ފައިމަތީގައި ބާއްވާލެވިފައިވާ އަތްވަނީ މުއްކަވާލެވިފައެވެ.

“ގުޅި…ފޯނެއް ނުނަގަން…” ލިއާ ބުނެލިއެވެ.

ކައިލްއަށް ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ. އޭނާއަށް ހީވަމުން ދިޔައީ ލިއާ އެހަޔާތުން ބީވާން އުޅޭހެންނެވެ. ކައިލްއަށް އެއްޗެއް ނުބުނެވިފައި އިންދާ އޯޑަރކުރި ތަކެތި ހިފައިގެން ވެއިޓަރ އަތުވެއްޖެއެވެ.

ކައިލްގެ ގާތުގައިވި ‘ޝެފް ސްޕެސިއަލް ސެލެޑް’ ތަށި ލިއާ ގާތަށް ޖައްސާލިއެވެ. ލިއާ ހައިރާންވެފައި ކައިލްއަށް ބަލާލިއެވެ. “އިޓްސް ޔުއަރ އޯޑަރ…!” ލިއާ ހައިރާންވެފައިހުރެ ބުނެލިއެވެ.

“އައި އޯޑަރޑް އިޓް ފޯރ ޔޫ…ޔޫ ލުކް ރިއަލީ ވީކް…” ކައިލް ބުނެލިއެވެ. އޭނާ މަސައްކަތްކުރަމުން ދިޔައީ މޫނުމަތީގައިވި އަސަރުތައް ފޮރުވާލާ، ހަމަޖެހިލުމަށެވެ. ނަމަވެސް ހިތުތެރޭ ވީ ހައިޖާނަގަޑަށް ބަދަލެއް ނާދެއެވެ.

ލިއާ ސެލެޑްތައްޓަށް ނަޒަރު ހުއްޓާލިއެވެ. ގްރިލް ޗިކެން، ޗެރީ ޓޮމާޓޯ، ކޯން، އެވޮކާޑޯ އަދި ލެޓިއުސްފަދަ ތަކެތި އަޅައިގެން ތައްޔާރުކޮށްފައިވާ ސެލެޑްގައިވަނީ ފެހިކުލައަކަށް ދާ ސެލެޑް ޑްރެސިންއެކެވެ. އާއްމުކޮށް ސެލެޑް ނުކާ މީހަކަށްވެސް އެ ފެނިއްޖެނަމަ ދަހިވާފަދަ ގޮތެއް އޭގައި ވެއެވެ. ލިއާ މަޑުން އިނދެފައި، އޫ ނަގާ ސެލެޑްކޮޅެއް ރަހަބެލިއެވެ. އޭނާއަށް ހމމ އަޑެއް ލައްވާލެވުނީ މީރުވިވަރުންނެވެ. އެވަގުތު އެތަނަށް އައީއްސުރެ ފުރަތަމަ ފަހަރަށް ކައިލްގެ މޫނުމަތިން ހިތްހަމަޖެހުން ފެނިގެން ދިޔައެވެ. އިރުކޮޅަކަށް ރިހާންގެ ހިޔާލުތަކާ ދުރަށް ލިއާ ގެންދެވުނުކަމުގެ ހިތްހަމަޖެހުމެވެ.

“ކެން އައި އާސްކު ޔޫ ސަމްތިން…؟” ލިއާއަށް ބަލަން އިނދެފައި އިރުކޮޅެއްފަހުން ކައިލް އެހިއެވެ. ލިއާ މަޑުމަޑުން ބޯ ޖަހައިލިއެވެ.

“އިފް…އިފް ހީ ކަމްސް ބެކް…އެންޑް އާސްކް ޔޫ ޓު ގެޓް ބެކް…ވިލް ޔޫ…؟” ކައިލްގެ ހިތް ހީވަނީ ދެންމެދެންމެ މޭފަޅާ ނިކުމެދާނެހެންނެވެ. ލިއާގެ ފަރާތުން އޭނާ ހިތްނޭދޭ ޖަވާބެއް ލިބިއްޖެނަމަ ވާނީ ކިހިނެއްހެއްޔެވެ؟

ލިއާ އިސްޖަހައިގެން އިނދެ ސެލެޑްތަށި ހާވަން ފެށިއެވެ. ލިއާ ޖަވާބު ނުދީ ހޭދަވާ ކޮންމެ ސިކުންތެއް ކައިލްގެ ހިތް ނުތަނަވަސްވަމުން އައެވެ. އެ ހިތުން އެދެވެނީ ލިއާ ވަގުތުން ނޫނެކޭ ބުނުމަށެވެ.

“އައި ޑޯންޓް ނޯ…” ލިއާ އެންމެފަހުން ބުނެލިއެވެ. ކައިލްއަށް ދަތްތައް ފިއްތާ ބާރުކޮށްލެވުނީ ހިތަށް ވީ އުނދަގުލުންނެވެ. ލިއާގެ އެ ޖަވާބުގެ މާނައަކީ ރިހާންއަށް އަދިވެސް ފުރުސަތު އެބައޮތްކަމެވެ. ކައިލްއަށް ލިއާ ހާސިލުނުވަނީސް ލިއާ ގެއްލިދާނެކަމުގެ ބިރު މުޅި ހިތުތެރެއަށް ފެތުރި އެ ހިޔާލަށް ކެތްކުރަން ދަތިވިއެވެ. ހަމައެއާއެކު ކައިލްއަށް ނަގައިގަނެވުނީ އޭނާއަށް ލިއާ ދެކެ ލޯބިވެވިފައިވި މިންވަރެވެ. ހިތަށް ކެތްނުވާވަރަށް އެ އާދައިގެ އަންހެންކުއްޖާދެކެ އޭނާއަށް ލޯބިވެވިއްޖެއެވެ.

ކައިލް ހަމަޖެހިގެން އިންނަން މަސައްކަތް ކުރަމުން ދިޔައީ، ލިއާގެ އެ ޖަވާބުން އޭނާއަށް ކުރި އަސަރު ފޮރުވުމަށެވެ. ދަތްކުނޑިވިކާލައިގެން އިންއިރު އެ ހަތަރެސްކަން މޫނުގެ ފުރިހަމަކަން އިންތިހާއެވެ. ހީވަނީ އިހުސާސްތައް ބޭރުވެދާނެތީ، ހިފަހައްޓަން މަސައްކަތްކުރާހެންނެވެ. ނަމަވެސް ސިކުނޑިން ލިއާ ދިން ޖަވާބު އެކޯވަމުން ދިޔައެވެ.

“ޑަން…؟” އިރުކޮޅެއް ފާއިތުވިފަހުން، ކައިލް ބަލާލީ ލިއާ ނުކައި އިނުމުންނެވެ. ލިއާ މަޑުމަޑުން ބޯ ޖަހައިލިއެވެ. ކައިލްގެ ކުރިމަތީ ހުރި އެސްޕްރެސޯ ތަށި ދުރަށް ޖައްސާލާފައި ސެލެޑްތަށި ކައިރިކޮށްލިއެވެ. އަދި އުލުން އެތިކޮޅެއް ނަގާ ރަހަބަލާލިއެވެ.

“ވަޓްސް ރޯންގް…؟” ކައިލް ބަލާލީ ލިއާ ދެލޯބޮޑުކޮށްގެން ބަލަން އިންގޮތުންނެވެ. ލިއާ ޖަވާބެއް ނުދިނެވެ. އޭނާގެ ނަޒަރު ހުރީ ކައިލްގެ އަތުގައިވި އުލަށް ހުއްޓިފައެވެ. ކައިލްއަށް އެކަން ނަގައިގަނެވި އެއްބުމަ ހިއްލާލިއެވެ. “އިޓްސް ނޮޓް އެ ބިގް ޑީލް…” ކައިލް ހަމަޖެހިލާފައި މިހެން ބުނެ އަނެއްކާވެސް އެތިކޮޅެއް ކާލިއެވެ.

“މްމް ޑެލީޝިއަސް…” ކައިލް ބުނެލީ ލިއާގެ ލޮލަށް ބަލަން އިނދެއެވެ. ލިއާގެ ހިތުގައި ހީވީ ގަދަ އޮއެވަރެއް އުފެދުނުހެންނެވެ. ކައިލް ބުނެލި ޖުމްލައިގައި، އެ ދައްކަނީ ސެލެޑްގެ ވާހަކަހެން ހިއެއްނުވެއެވެ. ބައެއްފަހަރު ކައިލްގެ އަމަލުތަކުން ލިއާއަށް ނަގަންވީ މާނައެއް ނޭނގެއެވެ. މިފަހަރުވެސް އޭނާ ކައިފައިވާ އުލުން، ކައިލް ކެއުމުން ލިއާއަށް ބަލަން އިނދެވުނީ ގަބޫލުކުރަން ދަތި ގޮތަކަށެވެ. ކައިލްގެ މި ގާތްކަމުގެ މާނަ އޭނާ ނަގަންވީ ކިހިނެއްހެއްޔެވެ؟

ފޯނުން ގަޑި ބަލާލުމާއެކު ލިއާއަށް ތެޅިގަނެވުނެވެ. މިހާރު ބަޔޮލޮޖީ ގަޑި ފެށިގެން ކުރިއަށް ދާނެއެވެ. ކައިލްއަށް އެކަން ނަގައިގަނެވި، އެއް ނޭވާއިން ކޮފީތަށި ދަމާލާފައި ތެދުވިއެވެ. ކައުންޓަރަށް ގޮސް ބިލް ދައްކާފައި، ކައިލް އާއި ލިއާ އަވަސް ހިނގުމެއްގައި ގޮސް ސައިކަލަށް އެރިއެވެ. ކައިލް ސައިކަލު ދުއްވާލީ ބާރު ސްޕީޑުގައެވެ.

ދުވެފައި ކްލާހާ ހަމަޔަށް ދެވުނުގޮތަށް ލިއާ ހުއްޓުން އެރީ ބޯޑުކައިރި ހުރި ޒޭޑެން ފެނިގެންނެވެ. ފަހަތުން އައި ކައިލްވެސް މަޑުޖެހޭގޮތްވިއެވެ. ކްލާހުގެ ހުރިހާ ކުދިންގެ ނަޒަރު އެ ދެމީހުންނަށް ހުއްޓުނެވެ. ލިއާ ފަސްޖެހޭގޮތްވީ ހުއްޓިފައިވާ ލޯތައް ގިނަކަމުންނެވެ. ކައިރާ އާއި އިޝާންގެ މޫނުމަތިން ލާނެއްކަން ފެނުނެވެ. އެއާއި ހިލާފަށް، ބްރޭކްގަޑިން ފެށިގެން މޫޑު ގޯސްވެފައިވި އަލީޝާއަށް އެމަންޒަރު ފެނި ހިތްދަތިވާގޮތްވިއެވެ.

ޒޭޑެންގެ ނަޒަރު ލިއާއިން ކައިލްއަށް ހުއްޓުނެވެ. އޭނާގެ މޫނުމަތިން ލާނެއް ހިނިތުންވުމެއް ފެނުނެވެ. “ހމމ…ނައު ވެއަރ ޑިޑް ޔޫ ޓޫ ޑިސެޕިއަރ ޓު…؟” ޒޭޑެން އެހިއެވެ. ލިއާގެ މޫނަށް ހޫނުކަން އިހުސާސްވުމާއެކު ވަގުތުން އެ މޫނު ރަތްވެގެން އައީ ގަތް ލަދުންނެވެ.

ކްލާސްރޫމްގައި ހަރުކުރެވިފައިވާ ގަޑިއަށް ޒޭޑެން ނަޒަރެއް ދިނެވެ. އަނެއްކާވެސް އެ ނަޒަރު ހުއްޓާލީ ލިއާއާއި ކައިލްއަށެވެ.

“ބްރޭކް އެންޑެޑް ސެވެރަލް މިނެޓްސް އެގޯ…ވާރ ޔޫ ބޯތް ސީކްރެޓްލީ އެކްސްޕްލޯރިން އެ ހިޑެން ވިންގް އޮފް ދަ ސްކޫލް…؟ އޯ ޑިޑް ޔޫ ޓޫ ގެޓް ލޮސްޓް އޮން ދަ ވޭ ޓު އަ ކްލާސްރޫމް ޔޫ ހެވް ބީން އެޓެންޑިން ފޯރ އޯލްމޯސްޓް އެ ޔާރ…؟” ޒޭޑެންގެ ވާހަކައާއެކު ކްލާސްތެރެ ގުގުމާލީ ހުނުމުގެ އަޑުންނެވެ. ލިއާ ލަދުން އިސްޖަހައިގެން ހުރި އިރު ކައިލްގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުނުވެއެވެ.

“އޯރ ޝުޑް އައި ބީ ކޮންސާރންޑް…؟ ޑޫ އައި ނީޑް ޓު ރިޕޯޓް ޓޫ މިސިން ސްޓޫޑެންޓްސް…؟” ޒޭޑެން އިތުރުކޮށްލިއެވެ. ކްލާހުގެ ހުނުމުގެ އަޑު ވީ ގަދައެވެ.

“ސޮރީ ސަރ…” ދެއަތްދެއަތާ މޮޑެމުން ލިއާ ކިރިޔާ އަޑުއިވޭވަރަށް ބުނެލިއެވެ.

“ވެލް…ދަ މިސިން ސްޓޫޑެންޓްސް ހެވް ބީން ފައުންޑް އެލައިވް އެންޑް ވެލް…ޓޭކް ޔުއަރ ސީޓްސް ނައު…” ޒޭޑެންގެ ވާހަކަ ނިމުމާއެކު ކައިލް މަޑު ހިނގުމެއްގައި ގޮސް އިށީންއިރު ލިއާ މާކުރިން ގޮސް އިށީނދެ ފޮތް ނަގައިފިއެވެ. އޭރު ޒޭޑެންވެސް އެނބުރި އޭނާގެ މަސައްކަތައިގެން އުޅުނެވެ. ލިއާ ހަމަޖެހިލުމާއެކު ކައިރާ ދިމާކޮށްލުމުގެ ގޮތުން އެއްޗެއް ބުނެލިއެވެ.

ލިއާއަށް ކައިލްއަށް ނަޒަރު ހުއްޓާލެވުނެވެ. ފިލާވަޅަށް ސަމާލުކަންދިނުމެއް ނެތި ކުޑަދޮރުން ބޭރު ބަލަހައްޓައިގެން އިންއިރު ކައިލްގެ ފަރާތުން ފެންނަނީ ހިމޭންކަމެވެ. އެ މޫނުމަތީގައިވާ އަސަރުތައް އެކަކަށްވެސް ނަގައިނުގަނެވޭނެއެވެ. ލިއާގެ ހިތަށް ކައިލްގެ އެ ހިމޭންކަމުން އުނދަގޫވިއެވެ. ނަމަވެސް ބޯޑަށް ނަޒަރު ހުއްޓާލަމުން ފިލާވަޅަށް ސަމާލުކަންދެވޭތޯ މަސައްކަތްކުރިއެވެ.

ނުނިމޭ

Share Article

Itxlevender
Follow Me Written By

Itxlevender

Level 210 Stories100 Comments

A girl lost in pages and feelings ✨

Other Articles

Previous

ޒާޔާ – 2 (ހަތަރުވަނަ ބައި)

Previews
June 15, 2026

ޒާޔާ – 2 (ހަތަރުވަނަ ބައި)

One Comment

  1. Its just me says:
    June 16, 2026 at 1:31 am

    Hama hithah araa goss rihan gaiga jahan haadha rulhi eh eba aadhey 🙄 hevehnnu lia knmme meehakaa rahttehivegen ulhunas foohi insaanaa 😒 btw kyle u finally realised u love her 🤭🤭 lia forget that rihan and think about Kyle he is the perfect one for you 😅 mr zayden vx haadha laanethey dhw 🤭🤭 btw mi part v v reethi hama curiously waiting for the next part 🫶

Comments are closed.



All Right Reserved!