ލޯބިން ބުނާތީ 22
ލިއާއަށް ހުރެވުނީ އަތުގައި އޮތް ޖޯޒީއަށް ބަލާށެވެ. އެތައް މަސްހުނި އިހުސާސަކުން ހިތާއި ސިކުނޑި ފުރެމުން ދިޔައެވެ. ދާދި ދެންމެ ހުސްގަޔާ އެހާ ގާތުގައި ކައިލް ހުރުމުން އޭނާގެ ސިކުނޑީގެ މަސައްކަތް އިރުކޮޅަކަށް ހުއްޓުނު ކަހަލައެވެ. ހަމަ ލޮލަށް އެހާ ފުރިހަމަ، ފިރިހެންވަންތަ ހަށިގަނޑެއް ފެނުން މީ ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން ސިކުނޑި މަސައްކަތް ކުރަންފެށިއިރުވެސް މީހާއަށް ގަބުކައިފައި ހުރެވުނީ ހިތަށް އަރަމުން ދިޔަ ހިޔާލުތަކުންނެވެ. މީހުންތަކައިގެން ފުރިފައިވާ އެ މާހައުލުގައި ކައިލް އޭނާއަށް ޖާޒީ ދޭންވީ ކީއްވެހެއްޔެވެ؟ އޭނާއަށްވުރެ އެތައް ގޮތަކުން ރީތި ފުރިހަމަ އަންހެންކުދިން އެތަނުގައި އެބަތިއްބެވެ.
ލިއާ ގެޔަށް ލާފައި ކައިރާ ދިއުމުން ލަސް ހިނގުމެއްގައި ލިއާ ގޮސް ގެޔަށް ވަނެވެ. އޭރު ޝަމްނާއާއި ޝައުރާ ތިބީ އިންތިޒާރުގައެވެ.
“އޯ އެމް ޖީ ލިއާ…އެއީ ކޮންކަމެއް…؟” ޝައުރާ ދެލޯބޮޑުކޮށްގެން ހުރެ ދުވެފައި ލިއާ ގާތަށް އައެވެ. ލިއާ ދިޔައީ ސިހިގެންނެވެ. “އަހަރެމެން ދެކުނީމޭ ޖާރޒީ ދިންތަން…އެއީ ކާކުތަ ލިއާ…؟” ޝަމްނާ އިތުރުކޮށްލިއެވެ. އޭރު ޝަރީފާވެސް ކޮޓަރިން ނިކުމެގެން އަންނަނީއެވެ.
ލިއާއަށް އަތުގައި އޮތް ޖާރޒީއަށް ބަލަން ހުރެވުނީއެވެ. އޭރުވެސް ބޮލުގައި އެނބުރެމުން ދަނީ ކައިލްގެ ހިޔާލުތަކެވެ. އެހެން ހުއްޓާ ޝަރީފާ ވާހަކަދެއްކުމުން އިސްއުފުލާލެވުނެވެ. “އެއީ…ކްލާސް ކުއްޖެއް…!” ލިއާ ބުނެލިއެވެ.
“އޭނާ ކީއްވެ ލިއާއަށް ޖޯޒީ ދޭންވީ…؟” ޝައުރާ ކަމެއް ދިރާސާކުރާފަދަ ރާގަކަށް ބުނެލިއެވެ. ލިއާ ހުއްޓުން އަރާގޮތްވިއެވެ. ހުދު އޭނާވެސް އެ ސުވާލުގެ ޖަވާބު ބޭނުންވެއެވެ. ބުނާނެ އެއްޗެއް ނޭނގި އޭނާއަށް ފަހަރަކު މީހެއްގެ މޫނަށް ބަލާލެވުނެވެ. އެމީހުންގެ މޫނުމަތިން ފެންނަމުންދާ ޝައްކުގެ ކުލަވަރުން އެމީހުން ވިސްނަމުންދާ ކަންތައް ލިއާއަށް ނަގައިގަނެވުނެވެ.
“ސާބަސް…މިހާރު ތި ތިބީ އެންމެ ނުބައިކޮށް ވިސްނައިގެން…އަހަރެންގެ ބޯއިފްރެންޑެއް ނޫނޭ އެއީ…އެއީ ހަމައެކަނި ރައްޓެއްސެއް…ގްރޫޕް ވޯކެއް ހަދަން ޖެހިގެން އެކަމުގައި އުޅެގެން ފްރެންޑްސް ވީ…އެހެން ނޫނަސް އޭނާ ވަރަށް އަންހެންކުދިންނާ ދުރުވާނެ…އަހަންނާ ދެން އޭނާގެ ކަޒިންއެއް ހުންނާނީ މުޅި ކްލާހުންވެސް އޭނާ ވާހަކަ ދައްކާ އަންހެންކުއްޖަކަށް…ދެން އޭނާގެ ކަޒިންއަށް ނުދޭންވެގެން އަހަންނަށް ދިނީ…” ލިއާ އޭނާއަށް ބުނެވޭނެ އެންމެ ތަފްސީލުކޮށް ކިޔައިދިނެވެ. ޝަރީފާ ނިތައް ރޫއަރުވައިގެން ހުރި އިރު ޝަމްނާއާއި ޝައުރާގެ މޫނުމަތިން ފެންނަނީ ޝައުގުވެރިކަމެވެ.
“ހާދަ ސަޅި ބިޓެކޭ ދޯ…އެކީއްވެތަ ލިއާ އާއި އެކަނި އޭނާ ފްރެންޑްވެފަ ދެން ކްލާހުގެ އެހެން ކުދިންނާ ފްރެންޑް ނޫނީ…؟” ޝަމްނާމެންގެ ސުވާލުތަކަށް ނިމުމެއް ނައެވެ. ލިއާ ބޯހާސްވާގޮތްވިއެވެ.
“ނޭނގެ މަށަކަށް…” ޖަވާބު ދީފައި ލިއާ އަވަސްއަވަހަށް ކޮޓަރިތެރެއަށް ދެމިގަތީ ޝަމްނާއާއި ޝައުރާ އޭނާ ހިފަހައްޓަން އުޅެނިކޮށެވެ. ދޮރު ތަޅުލާފައި އޭނާ ދޮރުގައި ލެނގިލިއިރުވެސް އެމީހުން އަޑުގަދަކުރަމުން ދޮރުގައި ޓަކި ޖަހަމުން ދިޔައެވެ. ލިއާއަށް އިރުކޮޅަކު އެހެން ހުރެފައި އަތުގައިވި ޖާޒީއަށް ބަލާލެވުނެވެ. ކައިލްގެ ހަށިގަނޑުން އަރާ ފިރިހެންވަންތަ މީރުވަސް އެ ޖާޒީގައި ހިފާފައިވާކަހަލައެވެ. ލޯމަރާލިއިރު ލިއާއަށް އަނެއްކާވެސް ސިފަވެގެން އައީ ހުސްގަޔާ އޭނާ ކުރިމަތީ ހުރި ކައިލްއެވެ. ވަށައިގެން ތިބިހާ ބަޔަކަށް ސަމާލުކަމެއް ނުދީ ހަމަޖެހިލާފައި ފިރިހެންވަންތަ ހިނގުމެއްގައި އޭނާއަށް ކައިލް ޖޯޒީ ހަވާލުކުރަން އައި މަންޒަރު ސިފަވުމުން މޫނުގައި އަތްއެޅުނެވެ.
“އާރގް…!!! ގެޓް އައުޓް އޮފް މައި ހެޑް…!!” ލިއާ ބާރަށް ބޯހޫރާލުމާއެކު ކުޑަކޮށް ހަޅޭއްލަވައިގަތެވެ. އަދި އަތުގައިވި ޖާޒީ ކިޔަވާ މޭޒުމަތީ ބޭއްވުމާއެކު ގޮސް އެނދަށް ޖެހިގަތެވެ.
ރޭގަނޑުގެ ކެއުމުގެ ވަގުތު ލިއާ އިނީ އެންމެންނާއެކު ކާށެވެ. ޝަމްނާއާއި ޝައުރާ ހުއްޓުމެއް ނެތި ކައިލްގެ ވަނަވަރު އަހަމުން ދިޔައެވެ. ނަމަވެސް ލިއާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބެއެވެ.
“ކަލޭމެންވެސް ރަނގަޅަށް ކިޔެވިނަމަ އެ ސުކޫލަށް ވަދެވޭނު ރީތި ފިރިހެނުން ބަލަން…؟” މަޑުން އިންނަން އުނދަގޫ ޝަރީފާގެ އަޑު އިވުނެވެ. ލިއާގާތަށް އަންނަން އުޅުނު ހިނި މަތަކުރިއެވެ. ޝަމްނާއާއި ޝައުރާ ތުން ދަމައިގެން އިނެވެ. މާގިނައިރެއް ނުވަނީސް އެދެމީހުން ކައިގެން ގޮސްފިއެވެ.
“ލިއާ…” ބަތްތަށި ހާވާލާ އިން ލިއާއަށް ޝަރީފާ ގޮވާލިއެވެ. ޝަރީފާ ގޮވާލި ގޮތުން ލިއާގެ ހިތް ތެޅިގަތެވެ. ޝަރީފާ ބުނަން އުޅެނީ ކޮންމެވެސް ބޮޑުވާހަކައެއްހެން ހީވިއެވެ. އޭނާ އިސްއުފުލާލިއެވެ.
“ލިއާ…ދައްތައަށް އެނގޭ ލިއާއަކީ ވަރަށް ވިސްނޭ ކުއްޖެއްކަން…މި ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާތި…!” ޝަރީފާގެ ރާގުގައިވަނީ ސީރިއަސްކަމެވެ. ލިއާ ބަތްތަށި ހާވަމުން ދިޔައިރު ހިތުގެ ހިނގުން އަވަސްވެއްޖެއެވެ.
“ކައިލް…އެހެން ދޯ އެކުއްޖާއަށް ކިޔަނީ…؟ ބުނަން މިއުޅެނީ އެފަދަ މީހުންނަކީ އަހަރެމެންނާ ވަރަށް ތަފާތު ބައެކޭ…” ޝަރީފާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. ލިއާ މަޑުމަޑުން ބޯ ޖަހާލީ އަޑުއަހަން އިންކަމުގެ އިޝާރާތެއްގޮތުގައެވެ. ޝަރީފާގެ ވާހަކަ ދާ މިސްރާބު އޭނާއަށް އެނގިއްޖެއެވެ.
ޝަރީފާ ކުރިޔަށް ގެންދިޔައެވެ. “އެމީހުންނަކީ ރާއްޖެއިން ފާހަގަކޮށްލެވޭ މުއްސަނދިން…އަހަރެމެން ހީވެސް ނުކުރާހާ އާރާއި ބާރު އެމީހުންގެ ހުންނާނެ…މިބުނަނީ ނުފޫޒުގަދަ ކިތައްމެ ބަޔަކާ އެމީހުންނާ ގުޅުން އޮންނާނޭ…އަޑުއެހިން ރާއްޖެއިން ބޭރުގައިވެސް އެމީހުންގެ ވިޔަފާރިތައް އޮވެޔޭ…އެމީހުންނަކީ އަހަރެމެންނަށްވުރެ އެތައް ގޮތަކުން މަތީ ފެންވަރުގެ ބައެއް…!”
“ދައްތާ…!”
“މަޑުކުރޭ…އެހަށް އަޑުއަހާ…ދައްތަ ނުބުނަން އޭނާއާއި ގުޅުން ކަނޑާލާށޭ…އަދި ކައިލްއަކީ ގޯސް ކުއްޖެކޭވެސް ނުބުނަން… ބަލާލާފަ ހީވޭ ވަރަށް ރަނގަޅު ކުއްޖެއްހެން…” ލިއާގެ ވާހަކަ މެދުކަނޑާލަމުން ޝަރީފާ ވާހަކަދެއްކިއެވެ. ފަހުން ބުނި ވާހަކަތައް އަޑުއަހާފައި ލިއާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.
“އެކަމަކު ކިތައްމެ ރަނގަޅަކަސް ތި ދެކުދިން ތީ މުޅިން ތަފާތު ދެ ދުނިޔެއެއްގެ ކުދިން…!” ޝަރީފާ ބުނެލިއެވެ. އެބަސްތަކުގެ ބުރަދަން ލިއާގެ ސިކުނޑިއަށް އިހުސާސްވިއެވެ. ޝަރީފާ ބުނަން އުޅޭ އެއްޗެއްގެ މާނަ އޭނާއަށް ފަހުމްވެއްޖެއެވެ.
“ދައްތަވެސް ބޭނުމެއް ނޫން ލިއާއަށް ދެރަގޮތެއް ވާކަށް…އަބަދުވެސް ހަނދާންކުރާތި ލިއާގެ ހައިސިއްޔަތަކީ ކޮބައިކަން…ތިއީ ކޮންމެކަމެއްގައިވެސް ބުރަކޮށް މަސައްކަތް ކުރާ ކުއްޖެއް…އެކަމަކު ދިރިއުޅުން އަބަދަކު އިންސާފުވެރިއެއް ނުވާނެ…މިޒަމާނުގައި ރަނގަޅު އަހުލާގަށް ވުރެ މީހުން އިސްކަން ދޭނީ ލާރިއަށް…މަތީ މަގާމަށް…ޝަރަފުވެރި ނަންތަކަށް…” ދަރިޔަކަށް ނަސޭހަތް ދޭފަދައިން ޝަރީފާ ލިއާއަށް ނަސޭހަތް ދިނެވެ.
“ތި ހުރިހާ ވާހަކައެއްވެސް ގަބޫލުކުރަމޭ ދައްތާ…އަހަންނާ ކައިލްއަކީ ހަމައެކަނި ރައްޓެހިން…އެހެން ނޫނަސް ކައިލްފަދަ މީހުންނަށް އަހަރެން ކަހަލަ ކުދިން ކަމަކު ނުދާނު…” ލިއާ ހަމަޖެހިލާފައި ބުނެލިއެވެ.
“މިހާރު ނުވެދާނެ…” ޝަރީފާ ލުއިކޮށް ހިނިތުންވެލިއެވެ. ”އެކަމަކު އެފަދަ ކަމެއް ވާ ދުވަހަކުން ތި ހިތަށް ރައްކާތެރިވާތި…އަމިއްލަ ނަފްސު ރައްކާތެރި ކުރާތި…” ވާހަކަ ދައްކަމުން ހުސްވެފައި ހުރި ތަށި ހިފައިގެން ޝަރީފާ ތެދުވިއެވެ.
“އެކުއްޖާ ހުންނަނީވެސް މީހަކު ގަޔާނުވާނެ ކަހަލަ ގޮތަކަށް ނޫންވިއްޔާ ދޯ…” ތެދުވަމުން ޝަރީފާ ބުނެލި ވާހަކައިން ލިއާ ލަދުން ހަލާކުވާވަރުވިއެވެ. “ދެން…ދައްތާ…!!!” އަޑަށް ބާރުލާފައި ލިއާ ބުނެލިއެވެ. ޝަރީފާ ހޭންފަށަމުން ތަށި ދޮންނަން ފެށިއެވެ.
“އެތިބަ ދެމީހުންވެސް ހީވަނީ މޮޔަވެގެން އުޅޭހެން..ދަނޑުން އައީއްސުރެ އެކުއްޖާގަ ވާހަކަ ދެއްކުން ނޫން ކަމެއް ނެތް…އަދި މަ ކައިރި ބުނެފިޔޭ ލިއާއަށް ރުފިޔާ ދީގެން ވިޔަސް އެކުއްޖާ ދިން ޖޯޒީ އަތުލަން ވެއްޖެޔޯ…!” ތަށިދޮންނަމުން ޝަރީފާ ވާހަކަދެއްކިއެވެ. ލިއާ ޗަސް ޖަހާލުމާއެކު، އެއްޗެއް ބުނުމެއް ނެތި ފެންތަށި ބޯލިއެވެ.
ކޮޓަރިއަށް ވަން އިރު ކައިލްގެ ތިރީހަކަށް މެސެޖު އޮތެވެ. ދެފަހަރަކު ގުޅާފައިވެއެވެ. ލިއާއަށް ނިތްކުރިމަތީ ފިރުމާލެވުނެވެ. މެސެޖުތައް ބަލާފައި އެއްޗެއް ނުލިޔެވި އުޅެނިކޮށް ކައިލް ގުޅަންފެށިއެވެ. ލިއާ ދެހިޔާލެއްގައި ހުރެފައި ފޯނު ނެގިއެވެ.
“އާރ ޔޫ އިގްނޯރިން މީ…؟” ކައިލް ފުރަތަމަވެސް އެހީ އެހެންނެވެ. އެ އަޑުގައިވަނީ ހިތްއަވަސްކަމެވެ. ލިއާއަށް ކައިލް ހިތްހަމަނުޖެހިފައި ހުރިހެން ހީވިއެވެ.
“ނޫން…ފޯނު އޮތީ ރޫމްގަ…ކާން އިނީމަ ނޭނގުނީ…” ލިއާ ޖަވާބު ދިނެވެ. ދެން ވެރިވީ ހިމޭންކަމެވެ.
“ކެން ވީ މީޓް…؟” ކައިލް އަހާލިއެވެ. ލިއާގެ މެޔަށް ފިނިވިއެވެ. ދުވަހަކުވެސް ކައިލް އާއި އެކު އެކަހެރިކޮށް އޭނާ އެއްވެސް ތާކަށް ގޮސްފައެއް ނުވެއެވެ. އިރުކޮޅެއް ވަންދެން އޭނާއަށް ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނެވެ. “މިގަޑީ ފޯނުން ވާހަކަ ދައްކަންވީނު…؟” ލިއާ އެދުނެވެ.
“މިގަޑީ ނޫނަސް އޯކޭ…މިރޭ ތަންކޮޅެއް ލަސްކޮށްލާފަ އަހަރެން ދިޔައިއްޔާ ދޮރުމައްޗަށް ނިކުމެވޭނެތަ…؟” ކައިލް އެހިއެވެ. ލިއާއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އެއްކޮޅުން ޝަރީފާ ދެއްކި ވާހަކަތައް ބޮލުތެރޭ އެނބުރެމުން ދިޔައެވެ. ނަމަވެސް ކައިލް ހުރީ ހިތްހަމަނުޖެހިފަހެން ލިއާއަށް ހީވިއެވެ. ވުމާއެކު އޭނާ އެއްބަސްވިއެވެ.
ގަޑީގެ ކަށި ހިނގަމުން ގޮސް ދަންވަރު އެކެއް ޖަހައިފިއެވެ. ތުނިކޮށް ވެހެމުންދާ ވާރޭގެ އަޑު މަޑުމަޑުން އިވެމުން ދިޔައެވެ. ފަންކާ ހިންގާލާފައި ވީއިރު ހިމަފޮފު ވާރޭގެ ސަބަބުން ކޮޓަރީގެ އުދާސްކަން ކުޑަކޮށްދެއެވެ. ފިލާވަޅުތައް ނިންމާފައި ލިއާ އޮތީ ފޯނު ހާވާށެވެ. ކައިލްގެ މެސެޖު ލިބުނީ އޭނާ އެހެން އޮއްވައެވެ.
އެނދުން ތެދުވެފައި ލިއާ ލައިގެން ހުރި އަތްދިގު ޓީޝާޓަށް ދަމާލިއެވެ. މޭޒު ކައިރިއަށް ގޮސް ބޮލުގައި ފުނާއަޅާލާ ހުޅިއެއް ޖަހާލިއެވެ. އެއަށްފަހު ހެދުމަށް ދަމަދަމާފައި ކޮޓަރިން ނިކުތެވެ.
މާހައުލުގައިވަނީ ހަމަހިމޭންކަމެވެ. އެންމެންވެސް މި ވިއްސާރަ ރޭގެ އަރާމު ލިބިގަންނަ ކަހަލައެވެ. މަޑުމަޑުން ދޮރު ލައްޕާލާފައި ލިއާ ނިކުތެވެ. އޭރު ކައިލް ސައިކަލުމަތީގައި ލެނގިލައިގެން ހުއްޓެވެ. ހުދުކުލައިގެ ގަމީހާއި ކަޅު ޖިންސާއެކު އާދައިގެމަތިން ނުހަނު ފިރިހެންވަންތައެވެ. ކައިލް ގާތަށް އައުމުގެ ކުރިން ލިއާ ފަސްއެނބުރި ބަލާލިއެވެ. ޝަރީފާގެ ފަތިސް ޑިއުޓީ އޮތުމުން އޭނާ ނުހޭލާނެކަން ލިއާއަށް އެނގުނެވެ. ޝަމްނާއާއި ޝައުރާގެ ގޮތެއް ނޭނގެއެވެ.
މަޑުމަޑުން އައިސް ހުއްޓުނު ލިއާއަށް ކައިލްގެ ނަޒަރު ހުއްޓުނެވެ. އެ ސާދާކަމަށް ހިތް ތައުރީފުކޮށްލިއެވެ. އެއްވެސް ދެއްކުންތެރިކަމެއް ނެތެވެ. ކައިލްގެ މޭގައި ފިނި ވައިރޯޅިއެއް ބީހިލިކަހަލައެވެ. އެ ތުންފަތަށް ވެރިވާން އުޅުނު ހިނިތުންވުން ކައިލް ފޮރުވާލިއެވެ.
“ތިހުރީ ހިތްހަމަނުޖެހިފަތަ…؟” ކައިލް އެހިއެވެ. ލިއާ ބަލާލީ ވާނުވާގަ ހުރެގެންނެވެ. ކައިލް ބުނި އެއްޗެއް ފަހުމް ނުވިކަހަލައެވެ.
“އައި މީން، މިއަދު ޖާޒީ ދިނީމަ…އައި ނޯ އިޓް ވޯޒް އަންކޮމްފޮޓެބްލް ފޯރ ޔޫ…ބަޓް އަހަރެން ދެން ކާކަށް ޖާޒީ ދޭނީވެސް…؟ ކައި އަށް ދިނީ އިޝާން…އެންޑް ޔުއަރ މައި އޮންލީ ގާލްފްރެންޑް ދެއަރ…” ކައިލް ވާހަކަ ދެއްކިއެވެ.
“ގާލްފްރެންޑޭ…؟” ލިއާ ދިޔައީ ސިހިގެންނެވެ. ކައިލްއަށް ބަލާލުވުނީ ދެލޯ ބޮޑުކޮށްލަމުންނެވެ.
“ހމމ…ފީމޭލް ފްރެންޑް…” ކައިލް ލިއާއަށް ބަލަން ހުރެ ބުނެލިއެވެ. ލިއާއަށް ވީގޮތުން ކައިލްއަށް މަޖާވިއެވެ. ލިއާއަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ.
“ވާރޭ ވެހެނިކޮށް ތި އައީ ކީއްވެ..؟” ލިއާ އެހީ ގައިގަ ދެއަތް ވަށާލަމުންނެވެ. އޭރު އިހުތިޔާރުން ބޭރުގައި އޭނާގެ ނަޒަރު ހުއްޓިފައިވަނީ ކޮންމެވެސް ވަރަކަށް ތެމިގެން، ގައިގަ ގަމީސް ތަތްލަވާފައިވާއިރު ހިސާބަކަށް ފާޅުވެފައިވާ ކައިލްގެ ހަށިގަނޑަށެވެ.
“އައި ލައިކް ރެއިން އެންޑް ޑާރކް ނައިޓްސް…” ކައިލް އެއްމިޔަކަނުން ހިނިތުންވަމުން ބުނެލިއެވެ. އެ ތޫނު ލޮލުގެ ބާރުގައި ޖެހި ލިއާ އިސްޖެހޭގޮތްވިއެވެ. ލިއާގެ ހަށިގަނޑުން ހީބިހި ނަގައިގަތީ ޖެހިލި ވައިރޯޅިންކަމެއް ނޫނީ ކައިލްގެ ބަރު އަޑު އިވުމުންކަމެއް ނޭނގުނެވެ.
“ރައިޑަކަށް ދާނަން…؟” ކައިލް ކުއްލިއަކަށް ސުވާލުކުރިއެވެ. ލިއާއަށް ބަލާލެވުނީ ގަބޫލު ނުކުރެވިފައެވެ. ކައިލް ހުރީ ހަމަޖެހިލާފައެވެ. ހީވަނީ އޭނާއަށް ބުނެވުނީ ވަރަށް އާދައިގެ ވާހަކައެއްހެންނެވެ. “ނުދާނަންތަ…؟”
ލިއާ ބޯ ޖަހާލިއެވެ. ކައިލް އާއެކު ސައިކަލަށް އަރާކަށް އޭނާއަށް ލާހިކެއް ނޫނެވެ. މިހާރުވެސް އޭނާ އެހުރީ މިއަދު ދިމާވި ކަންތަކުން އަރައިނުގަނެވިފައެވެ.
“ވައި…؟ ވަޓްސް ދަ ޕްރޮބްލެމް…؟” ކައިލް ލޯ ހަނިކޮށްލިއެވެ.
“މީހަކަށް ފެނިއްޖިއްޔާ ރަނގަޅެއް ނުވާނެ…” ލިއާ ޖެހިލުންވެފައި ހުރެ ބުނެލިއެވެ. އެހެން ނޫނަސް ހިތުން ގަބޫލުކުރާ ގޮތުގައި ކައިލްގެ ސައިކަލު ފަހަތަށް އެރޭވަރުގެ ފެންވަރެއް ލިއާގެ ނެތެވެ.
“މީހަކަށް ފެނިދާނު…އޯލް ދޭ ވިލް ސީ ޓޫ ފްރެންޑްސް…” ކައިލް ވާހަކަ ދައްކަމުން ‘ފްރެންޑްސް’ މި ބަސް ބުނަނީ ބާރުލާފައެވެ. ހީވަނީ އަމިއްލަ ނަފްސަށް ކަމެއް މަޖުބޫރު ކުރާހެންނެވެ. ހިތުން އެދެވެނީ އެހެން ގުޅުމަކަށެވެ.
“ކައިލް…މީ ދަންވަރޭ…!” ލިއާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
“ސޯ…؟” ކައިލް އާދައިގެ ގޮތަކަށް އެހިއެވެ.
“ސޯ..؟ ނޯމަލް ފްރެންޑްސް ޑޯންޓް ސްނީކް އައުޓް އެޓް މިޑްނައިޓް ފޯރ ސައިކް ރައިޑްސް…” ލިއާ އަޑަށް ބާރުލަމުން ވާހަކަ ދެއްކިއެވެ.
ކައިލް އެއްޗެކޭ ބުނަން އަނގަ ހުޅުވާލާފައި މަޑުޖެހުނެވެ. އޭނާ ބުނަން ބޭނުން ކިތައްމެ އެއްޗެއް އެބަހުއްޓެވެ. ނަމަވެސް އަދި އަވަސްކަންނޭނގެއެވެ. “އެކްޗުއަލީ، އައި ތިންކް ޕްލެންޓީ އޮފް ފްރެންޑްސް ޑޫ…!”
“ނޮޓް އިން މައި ނެއިބަރހުޑް…” ލިއާ ކައިލް ބުނި ވާހަކައާއި ވިއްދާ ބުނެލިއެވެ. އެ މޫނުމަތިން ފެންނަނީ ސީރިއަސްކަމެވެ. ކައިލްގެ ތުންފަތް ދެމިލިއެވެ.
“ދެން…ލެޓްސް މޭކް ހިސްޓަރީ…!” ކައިލް ބުނެލިއެވެ. ލިއާ އަށް ބޯ ހޫރާލެވުނެވެ.
“ކައިލްލްލް…!!!” ލިއާއަށް ދަމާލާފައި ގޮވާލެވުނެވެ.
ކައިލް ސައިކަލުން ތެދުވެ ހަށިގަނޑު ސީދާކޮށްލިއެވެ. ލިއާގެ މޫނުގެ ކުލަވަރު ބަދަލުވީ ކައިލް ލިއާ ގާތަށް އަންނަން ފެށުމުންނެވެ. ދެޖީބަށް އަތް ޖަހާލައިގެން ހުރެ ދެތިން ފިޔަވަޅު އަޅާލުމާއެކު ކައިލް ލިއާއަށް ނަޒަރު ހުއްޓާލިއެވެ. އެ ދެމެދުގައި ވަނީ ފޫޓެއްހާ ދުރުމިނެވެ.
“ލިއާ…ވީ އަރ ފްރެންޑްސް…” ކައިލް ސީރިއަސް ރާގެއްގައި ވާހަކަ ދައްކަން ފެށުމުން ލިއާއަށް އިސްއުފުލާލެވުނެވެ. “އޯލް އައެމް އާސްކިން ފޯރ އިޒް އެ ސިމްޕަލް ރައިޑް…އައެމް ނޮޓް ޓޭކިން ޔޫ ޓު އެ ޑޭންޖަރަސް ޕްލޭސް…ޔޫ ވިލް ބީ ސޭފް ވިތް މީ…” ކައިލް ވާހަކަދެއްކިއެވެ.
ލިއާ އިސްޖަހައިގެން ހުއްޓެވެ. ކައިލް އެ މޫނަށް ބަލަން ހުރުމުން ލިއާ ފިނިވަމުން އައެވެ. މި ފިނީގައި ކައިލްގެ ތޫނު ނަޒަރު އަމާޒުވެފައި ހުރުމުން ލިއާގެ ގަޔަށް ހީވަނީ ކުދި ކުދި ކަށިތަކެއް ހެރެމުން ދާހެންނެވެ. އެ ނަޒަރުން ސަލާމަތްވާން އޭނާއަށް ފެނުނީ އެންމެ ގޮތެކެވެ.
“ފައިން…ޓެން މިނެޓްސް…” ލިއާ ބުނެލިއެވެ. ކައިލްގެ ތުންފަތްމަތީ ދުވެލީ ކާމިޔާބުގެ ހިނިތުންވުމެކެވެ.
ކައިލް ސައިކަލަށް އެރުމާއެކު ލިއާވެސް މޭގަނޑު ތެޅޭ ހާލު، ފަހަތަށް އަރާ އިށީނެވެ. އޭނާ އިނީ އިނދެވޭނެ އެންމެ ދުރުގައެވެ. ކައިލް ސައިކަލު ދުއްވާލުމާއެކު ލިއާ ކުއްލިއަކަށް އެއްލައިގެން ދާގޮތްވެ ކައިލްގެ ގައިގަ ހިފެހެއްޓުނެވެ. އަދި ހަމަ އެހާމެ އަވަހަށް ދޫކޮށްލައިފިއެވެ. އޭރު އެ މޫނު ލަދުން ރަތްވެއްޖެއެވެ. ކައިލްއަށް ނުފެނުންކަމީ ނަސީބެކޭ ލިއާ ހިތަށް އެރިއެވެ. ލިއާއަށް ނުފެނުނީ ކައިލްގެ މޫނަށް ވެރިވެފައިވާ ސިއްރު ހިނިތުންވުމެވެ.
ވަކި ހިސާބަކުން ގޮސް އަޑިގުޑަން ގިނަމަގަކަށް ނިކުމެވުނެވެ. ކައިލް ދުއްވީ ފުދޭވަރަކަށް ބާރަށެވެ. ލިއާ އިނީ ކުޑަކޮށް ބިރުގަނެފައެވެ. މީހަކަށް ފެނިދާނެތީވެސް ހިތުގައި ވަނީ ކަންބޮޑުވުމެވެ.
“ސިއްރުން ގަމީހުގަ ހިފައިގެން ނީނދެ ރީއްޗަށް ބައްދާލިޔަސް އޯކޭ އޭ…” ކައިލް ކުއްލިއަކަށް ވާހަކަ ދެއްކުމާއެކު ލިއާ ސިހިފައި ހިފަހައްޓައިގެން އިން ކައިލްގެ ގަމީހުން ދޫކޮށްލިއެވެ. އޭނާ ލަދުން މަރުވާވަރުވިއެވެ. އޭނާ ހިތުން ގަމީހުގައި ހިފަހައްޓައިގެން އިނީ ކައިލްއަށް ސިއްރުންނެވެ. އެ މަގުން ދިޔައިރު ބިރުންގޮސް އޭނާއަށް ކައިލްގެ ގަމީހުގައި ހިފަހައްޓައިގެން އިނދެވުނީއެވެ.
ކައިލް ސައިކަލު މަޑުކޮށްލީ ރަށުގައި އަލަށް އާބަދުވަމުން އަންނަ ހިސާބަށެވެ. އޭރު ދުރުގައި ދިއްލާފައިވާ މަގުބައްތިތަކުގެ ފަނޑު އަލިކަން އެހިސާބަށް އެޅިފައިވެއެވެ. ކައިލް ފަހަތަށް އެނބުރިލިއެވެ. ލިއާ ދިޔައީ ސިހިގެންނެވެ. އެހާ ގާތުން އެ ރީތި މޫނު ފެނުމުން ލިއާގެ ބަނޑުގައި ކޮކާތަކެއް އުދުހިގަތްކަހަލައެވެ.
އަނެއްކޮޅުން ކައިލްގެ އިހުސާސްތައް ހޭލަމުން ދިޔައެވެ. ވާރޭގެ ސަބަބުން ތެމިފައިވާ ލިއާގެ ތުންފަތަށް ނަޒަރު ހުއްޓި، ހިތް ވަކިކަމަކަށް އެދެން ފަށައިފިއެވެ. ނަމަވެސް ކައިލް ކެތްތެރިވިއެވެ. ހިތް ކިތައްމެ ބޭނުންވިޔަސް ފުރިހަމަނުވާނެ ބައެއްކަންކަން ހުންނާނެއެވެ. ނަޒަރު ބަދަލުކޮށްލަމުން އޭނާ ސައިކަލުން ފައިބާ، ސައިކަލުގައި ލެނގިލައިގެން ހުއްޓުނެވެ.
“ވެލް…އެއްޗެއް ދައްކާލަން…؟” ކައިލް އެހިއެވެ. ލިއާ އިރުކޮޅަކު އިނދެފައި ބޯ ޖަހާލިއެވެ.
ކައިލް ފޯނު ހާވާލާފައި ދައްކާލީ އެފްބީ ޕޯސްޓެކެވެ. އެއަށް ބަލާލި ލިއާ ހުއްޓުން އެރިއެވެ. ފޮޓޯގައިވަނީ ލިއާއާއި ކައިލްއެވެ. މިއަދު ހަވީރު ޖޯޒީ ދެނިކޮށް ނަގާފައެވެ. އެ ފޮޓޯއަށް ދެ ގަޑިއިރުތެރޭ ދުއިސައްތައަށްވުރެ ގިނަ ލައިކްސް ލިބިފައިވެއެވެ. ލިއާ ފޯނަށް ބަލަހައްޓައިގެން އިން އިރު އޭނާއަށް ފެންނަމުން ދިޔައީ މުޅިން އެހެން މަންޒަރެކެވެ. އޭނާއަށް ސިފަވީ ރިހާންއެވެ. ކުލަޖެހި ދުވަހެވެ. ހަމަ ތަފާތެއް ނެތްފަދައިން ލިއާ އާއި ރިހާންގެ އެފަދަ ފޮޓޯއެއް ފޭސްބުކުން ފެނުނު ދުވަހެވެ.
“ހިތްހަމަނުޖެހިފަތަ…؟” ކައިލް ވާހަކަ ދެއްކުމުން ލިއާ ސިހުނެވެ. ކައިލް އެ މޫނަށް ބަލާލިއެވެ. ލިއާއަށް ކޮންމެވެސް ކަމެއް ވެއްޖޭ ކައިލްގެ ހިތް ބުނެލިއެވެ. އެއީ ހަމައެކަނި އެ ފޮޓޯ ފެނިގެން އައި ބަދަލެއް ނޫންކަން ކައިލްގެ ތޫނުފިލި ސިކުނޑިއަށް ނަގައިގަނެވުނެވެ. ނަމަވެސް އޭނާ އެވަގުތު ލިއާއާއި ސުވާލުކުރާކަށް ބޭނުމެއް ނުވިއެވެ.
“ވެލް…އޯލްރެޑީ މޯރ ދޭން ހާފް އޮފް ދި އައިލެންޑް ހޭވް ސީން ދިސް މޫމެންޓް ލައިވްކޮށް…ސޯ ފޮޓޯއެއް އިނަސް އަދި ކަންބޮޑުވާނެކަމެއް ނެތް…” ކައިލް ހަމަޖެހިލާފައި ވާހަކަ ދެއްކިއެވެ.
“އެހެނެއް ނޫން…ކައިލް…އަހަންނާއެކު ފޮޓޯގައި ހުރީމަ މީހުން މަލާމަތް ކުރާނެ…” ލިއާ ވާހަކަ ދެއްކިއެވެ.
“މަލާމަތް ކުރަން ޖެހޭ ސަބަބެއް ނެތް…އެންޑް އައި ޑޯންޓް ކެއަރ…” ކައިލް ބުނެލިއެވެ. ލިއާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ނޭނގޭ ސަބަބަކާއި ހުރެ، ކައިލްގެ އެ ޖަވާބުން އޭނާގެ ހިތަށް ފިނިކަމެއް ލިބުނެވެ. އޭރު ވިއްސާރަ ބޯކުރަމުން ދިޔައެވެ.
ވެހެމުން ދިޔަ ވާރޭގައި ދެ ޒުވާނުން ފެންނަނީ ހުވަފެނީ ގޮތަކަށެވެ. ގައިގަ އަތްވަށާލައިގެން ހުރި އިރު ހީކަރުވައިގަނެގެން މަޑުމަޑުން ތުރުތުރު އަޅަމުންދިޔަ ލިއާގެ މަޑު ފިޔާތޮށިކުލައިގެ ތުންފަތަށް ކައިލްއަށް ބެލުނީ ދަހިވެފައެވެ. މިއޮއް ފިނީގައިވެސް އެ ހަށިގަނޑުގައި ބަޔާންކުރަން ނޭނގޭ ހުޅެއް ހިފިކަހަލައެވެ. ކެތްތެރިކަން ކޮޅުންލައިގެން ހިނގައިދާނޭ ހީވިމުން ކައިލް އަވަހަށް ސައިކަލަށް އަރާ ލިއާއަށް ފުރަގަސް ދިނެވެ. އޭރު ލިއާވެސް އިނީ ތެމިފައި ހުރި ކައިލް ފެނުންލެއް ރީތިކަމުން ހިތް އަވަސްވެފައެވެ. އެ އިސްތަށިގަނޑު ތެމި ނިތުމައްޗަށް ވެއްޓިފައި އޮތް އިރު ނޭވާ ހިފާއްޓަލެވޭހާ ފުރިހަމައެވެ. ނަމަވެސް ބަލަހައްޓައިގެން އިންނަން ލިއާއަށް ނުކެރުނީ ކައިލްގެ ހުދު ގަމީސް އެއްކޮށް ތެމި ގައިގަ ތަތްލަވާފައި ވުމުންނެވެ.
“ގިވް މީ ޔުއަރ ހޭންޑްސް…” ކައިލް އިނދެފައި ބުނި އެއްޗަކުން ލިއާ ހައިރާންވިއެވެ. ބުނާނެއެއްޗެއް ނޭނގިފައި އިންދާ ކައިލް ކުޑަކޮށް ފަހަތް ބަލާލަމުން އޭނާގެ ދެއަތް ދިއްކޮށްލީއެވެ. ލިއާ ދެވިސްނުމެއްގައި އިނދެފައި ކައިލްގެ ދެއަތުތެރެއަށް އޭނާގެ އަތްލުމާއެކު ކައިލް އެ ދެއަތް ގެންގޮސް އަޅުވާލީ ކައިލްގެ ބަނޑުގައެވެ. ލިއާ ގަޔަށް ހީވީ ކަރަންޓު ޝޮކެއް ޖެހުންހެންނެވެ. ދެ ހަށިގަނޑު ޖެހުނު ވަގުތު ލިއާ ލާ ލާ އިން ނޭވާ ތާށިވިކަހަލައެވެ. އޭނާ އަތް ދަމައިގަންނަން އުޅުމުން އެވަރު ވިސްނައިގެން އިން ކައިލް ލިއާގެ އަތުގައި ބާރަށް ހިފެހެއްޓިއެވެ.
“ސްޓޭ ލައިކް ދިސް…” ކައިލް މިހެން ބުނެފައި ލިއާގެ ރައްދަކަށް ބެލުމެއް ނެތި އެއް އަތުން ސައިކަލު ދުއްވާލައިފިއެވެ. ކައިލްގެ ދުއްވުމުގެ ހުނަރު ހުރިކަން ލިއާއަށް ގަބޫލުކުރެވުނެވެ. ނަމަވެސް އެހާ ގާތުގައި އިންނަންވުމުން އޭނާ ލަދުން ވިރެނީއެވެ. ކައިލްއަށް އޭނާގެ މޫނު ނުފެންނަކަން ނަސީބެކެވެ.
އަނެއްކޮޅުން ކައިލްގެ ހަށިގަނޑުގައި ތޫފާނެއް އުފެދިފައިވާކަހަލައެވެ. ލިއާ އެހާ ގާތު އިނުމުން އޭނާ އޮބިއަޅާ ހިފަހައްޓަން މަސައްކަތް ކުރަމުން ދިޔަ ހިއްސުތައް ހޭލަމުން ދިޔައެވެ. އެހެނަސް ހިތަށް ލިބިފައިވަނީ ވަރަށް ބޮޑު ހަމަޖެހުމެކެވެ. ހިތުގެ އެދުމާއި އެއްގޮތަށް އެހާ ގާތުގައި ލިއާ ބައިންދާލެވުމުންނެވެ.
ވަކި ހިސާބަކުން ކައިލް ލިއާގެ އަތުން ދޫކޮށްލިއެވެ. ލިއާ އިނީ ކައިލް ދެން ކަންތައް ކުރާނެ ގޮތެއް ނޭނގޭތީ އަތް ދޫކޮށްލަން ނުކެރިފައެވެ. ނަމަވެސް ލިއާމެންގެ އަވަށާއި އަރާ ހަމަވާން ކައިރިވުމުން ލިއާ ކައިލްގެ ގައިން ދޫކޮށްލިއެވެ. ކައިލްވެސް ބާރު ނޭޅީ ލިއާ އެހެން ކަންތައް ކުރުމުގެ މަގްސަދު އެނގުމުންނެވެ.
ދޮރުމައްޗަށް ސައިކަލު ހުއްޓާލުމާއެކު ލިއާ އަވަސްއަވަހަށް ފޭބިގޮތުން ކައިލް ހިނިއަންނަގޮތްވިއެވެ. ލިއާ އަވަސްއަވަހަށް ގުޑްނައިޓްއޭ ބުނެ ދުއްވައިގަތީ ކައިލްއަށް ބެލުމެއް ނެތިއެވެ. އޭނާ ފޮރުވަން މަސައްކަތް ކުރަމުން ދިޔަ ލަދުވެތިކަން ކައިލްއަށް ފާހަގަވެފައިވާކަމެއް ނޭނގެއެވެ. ލިއާ ގެޔަށް ވަނުމާއެކު ކައިލްވެސް އެ ހިނިތުންވުމުގައި ހުރެ ސައިކަލު ދުއްވާލިއެވެ.
ފެންވަރައިގެން އެނދަށް އެރުމާއެކު ލިއާއަށް ފެނުނީ އޭނާއާއި ކައިލްގެ އިތުރުން ކައިރާ އާއި އިޝާން އިންނަ ގުރޫޕަށް ކޮށްފައިވާ މެސެޖުތަކެވެ. އޭރު އިޝާން ވަނީ ލިއާ އާއި ކައިލްގެ ފޮޓޯ ގްރޫޕަށް ލާފައެވެ. ކައިރާ ދައްކާފައި ހުރި މަޖާ ވާހަކަތައް ފެނި އޭނާއަށް ހެވޭގޮތްވިއެވެ. އޭރު ކައިލްވެސް އޮންލައިންގަ އިނެވެ.
ލިއާ ބޭނުންވީ އެ ޕޯސްޓު ބަލާލާށެވެ. ގުރޫޕުން ނިކުމެ، އެފްބީއަށް ވަދެ ހާވަން ފެށި ވަގުތު ކޯލެއް އަންނަން ފެށިއެވެ. ލިއާގެ ހަރަކާތްތައް ގަނޑުވިއެވެ. މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ފޯނަށް ބަލާލެވުނީ ގަބޫލު ކުރަން ދަތި ނަޒަރަކުންނެވެ.
“ރިހާން……” ލިއާގެ ދެތުންފަތް ފޫއަޅުވާލާފައި ނިކުތެވެ.
ނުނިމޭ
4 Comments!
Comments are closed.



Burroo… Yageen rihaakuru e gulhy kyle & leah ge e photo fenigen kan… Varugadha myhey sahaadhey… Haadha rulhi anna sorekey eiy.. Athuvehjeyaa hama karaa hashigadu dhe than kohlaahaa rulhi aafheyy… Hama huvaa mikuri..
Anyways mi ep vx vrh reethi.. MA.
When nxt????
Tc.. Lyy💙💚
Bro why the hell rihaan callinh argh. Huwaa ehaa hini ais mi inee kiyan ekm e fureytha ganduge nan fenun hamaalun mulhi moood e haraabuvee. Anyway, i love love mi part so muchh. Take caree💕
Maadhama next part upload kohdhecheyy
Masha Allah. Fav author
Curiously waiting for next
Mi rihaan akaa hedhi nethehnnu salaamatheh kurevunu kanthah kuda ee dhw adhivx🙄🙄 lia dhn nudhaathi rihaan kairiah 😒 btw kyle and lia dhw 🤭🤭 cyk ride eh i vx beynun kyle aa ehkkoh 🤭😭 btw mi part vx v reethi when next ♥️