Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެން

ޒާޔާ – 2 (ދެވަނަ ބައި)

H noora Level 110 Stories
June 14, 2026 14 Mins Read
2 Comments

“ދަރިފުޅާ. ބައްޕަ ބުނަންތަ ވަރަށް ރަނގަޅު ވާހަކައެއް. މިހެން އެއްވެސް ކަމަކާ އަޅާނުލާ މަޑުން ތިބެގެން އެއްވެސް ކަމެއް ހާސިލެއް ނުކުރެވޭނެ. ހިތާމަތައް ކުރިމަތިވާނެ. ހިތްދަތިވެސް ވާނެ. އެކަމަކު އަބަދު އެ ކަންކަމާ ރޯން ތިބެގެން ކަންކަމެއް ހައްލެއް ނުކުރެވޭނެއްނު ދަރިފުޅާ.” ޒާޔާގެ ބޮލުގައި ފިރުމަން އިނދެ ނިހާން ބެލީ ޒާޔާއަށް ވިސްނައިދެވޭތޯއެވެ. އެވަގުތުކޮޅު ކުރީގެ ހަނދާނެއް ނިހާންގެ ސިކުނޑީގައި ކޮށްޓައިލިއެވެ. ޒާޔާގެ މަންމަ ދުނިޔެ ދޫކުރި ފަހުން ހަމަ މިގޮތަށް ނިހާން ޒާޔާއަށް ވިސްނައިދޭން އިން ދުވަސް އޭނާގެ ހަނދާނަށް އައީއެވެ.

 

“އެކަމަކު ލިއަމް.. ލިއަމް ނެތި… ބައްޕާ!” ލިއަމްގެ ނަން ޒާޔާގެ ދުލުން ބޭރުވުމާއެކު އިތުރަކަށް ޒާޔާއަކަށް ނުހިފެހެއްޓުނެވެ. ޒާޔާއަށް ރޮވެން ފެށުނީ މާ ބާރަށެވެ. “ޒާޔާ. ދަރިފުޅު ވަޒީފާގަ އުޅުނު އިރު ތީ އެކަމު ހާދަ ހިތްވަރު ގަދަ ދަރިޔެކޭ. ކޮބާ އެ ހިތްވަރު؟ ދަރިފުޅު ކޮން އިރަކު ތިހާ ހިތްބަލިވީ؟” ޒާޔާގެ ދެލޮލުން އޮހޭ ކަރުނަތައް ފުހެދެމުން ނިހާން އެހިއެވެ. ނިހާން ބޭނުންވީ ޒާޔާގެ ހިތުގައިވި ހުރިހާ ޝަކުވާއެއް ކޮންމެވެސް ގޮތަކުން ބޭރުކޮށްލާށެވެ. ޒާޔާ އެއްޗެކޭ ބުނަން އުޅުނެއްކަމަކު އަރުތެރެ ބެދުމުގެ ސަބަބުން ވާހަކަ ދައްކަން އުނދަގޫވިއެވެ. “ބައްޕަ އަށް ބަލާލަބަ ޒާޔާ.” ނިހާން އާއި ދުރަށް ޖެހިލައި ޒާޔާ އޭނާގެ ބައްޕައަށް ބަލައިލިއެވެ. އޭރުވެސް ޒާޔާއަށް އިނީ ރޮވިފައެވެ. ބައްޕަގެ ދެ ލޮލުން އޭނާއަށް ޓަކައި ވި ޙަމްދަރުދީ ޒާޔާއަށް ފެނުނެވެ.

 

ޒާޔާގެ މޫނުމަތިން ނިހާން އަށް ފެންނަނީ ނިހާންގެ ޒުވާން ދުވަސްވަރުގެ ޒާޔާއެވެ. އޭނާގެ ކުޑަ އަންހެން ދަރިފުޅެވެ. ޒާޔާގެ އުމުރުން ސާޅީހާ ގާތްކުރިޔަސް ޒާޔާގެ ސޫރަ ޒާޔާގެ އުމުރާ ނުބައްދަލެވެ. “ދަރިފުޅު ބޮޑުވިޔަސް، މުސްކުޅިވިޔަސް، ބައްޕައަށް ދުވަހަކުވެސް ދަރިފުޅު ބޮޑެއް ނުވާނެ.” އެ ޖުމްލަތައް ވީ ނިހާން ގެ ހިތުތެރޭގައެވެ. “ބައްޕައަށް އިނގޭ ލިއަމް ދަރިފުޅަށް ދެރައެއް ދީފަ ނުފިލާނެކަން. ލިއަމް އާ ޒަމްލާ ގެއްލުމުގެ ފަހަތުގަ ކޮންމެވެސް ސަބަބެއް ވާނެ. ޓެކްނޮލޮޖީ އެހާ ކުރިއަރާފަ މިވާ ޒަމާނުގަ ވެސް އެ ދެބަފައިން ނުހޯދުނީތީ ބައްޕަ ހަމަ އަޖައިބުވޭ.” ނިހާން ބުންޏެވެ. އޭރު ޒާޔާ އިނީ އިސްޖަހައިގެން ބައްޕަ ދެއްކި ވާހަކަތައް އަޑު އަހާށެވެ. “ކިހިނެއް ހޯދޭނީ ބައްޕާ. ހުރިހާ ބޮޑުންނަށް އަންގާފަ ނުވިތާކަށް ތަންތަނަށް ސިޓީ ލައިގެން ވެސް ވީ ކަމެއް ނެތް. އެއްވެސް ތާކުން އެއްވެސް މީހަކު އެއްބާރުލުމެއް ނުދޭ.” ޒާޔާގެ އަޑު އައީ ކުރެހިގެންނެވެ. “ދަރިފުޅު އަލުން ވަޒީފާއަށް ވަންނަންވީ..”  “އުހުނ. ހަނދާން ނައްތާލާ ބައްޕާ.” ނިހާން ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުވަނީސް ޒާޔާ ބުންޏެވެ. އެ ވާހަކަ އަޑު އަހަން ވެސް ޒާޔާ ބޭނުން ނުވަނީއެވެ. ދެންވެސް ނިހާން ވާހަކައެއް ބުނަން އުޅުނެއް ކަމަކު ނުބުނެވުނީ އެވަގުތު ލާއިމް އެ ކޮޓަރިއަށް ވަނީމައެވެ. އެވަގުތު ޒާޔާ އަވަސް އަވަހަށް މޫނު ރީތިކޮށްލުމަށް ފަހު ތަށި ހިފައިގެން ތެދުވިއެވެ. “ކާފަ ފައިގަ ތެޔޮ ދަމާދެއްޗެ އިނގެ. ކައިގެންތަ ދަރިފުޅު ތިއުޅެނީ؟” ލާއިމް ބޯ ޖަހައިލުމުން ޒާޔާ ލާއިމްގެ ކޮނޑުގައި ފިރުމާލާފައި އެ ކޮޓަރިން ނުކުމެގެން ދިޔައީއެވެ.

 

“މަންމަ ރުއީ ދޯ އަނެއްކާވެސް.” ޒާޔާ ނުކުމެގެން ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެފައި ލާއިމް ބުންޏެވެ. “ކީއްކުރާނީ ދަރިފުޅާ. ދަރިފުޅު ހަނދާންކޮށް މަންމަގެ ހިތުގަ ޖެހޭ ކަމެއް ނުކުރާތި.” އެނދުގައި އޮށޯވެލަމުން ނިހާން ބުންޏެވެ. އޭރު ލާއިމްއަށް ނުފެންނާނެހެން ނިހާން ގެ ދެލޮލުން ފޭދެމުން ދިޔަ ކަރުނަ ތިކި ނިހާން ފުހެލިއެވެ. ޒާޔާ ރުއި މަންޒަރު ނިހާން ގެ ހިތަށް ސިފަވާ ކޮންމެ ފަހަރަކު ނިހާން ގެ ހިތަށް ތަދުވަނީއެވެ. އޭނާގެ ދަރިފުޅު އެ ޙާލުގައި އުޅޭތަން ބަލަން އޭނާގެ ދެލޮލަށް ވަކި ކެތްވާނެ ހެއްޔެވެ؟

 

*******************

 

ބަދިގޭގެ މަސައްކަތްތައް ނިންމާލުމަށް ފަހު ޒާޔާ ކޮޓަރިއަށް ވަނެވެ. އެނދުގެ ހެޑްބޯޑު މަތީގައި އޮތް ފޯނު ނަގާފައި ގަޑި ބަލައިލި އިރު ހަތަރެއް ޖަހަނީއެވެ. އެވަގުތު ކުރާނެ ވަކި ކަމެއް ނެތުމުން ޒާޔާ ފެންވަރާ ތާޒާ ވެލައިގެން ނުކުމެ އެނދުގައި އިށީންދެލައިގެން އިނީއެވެ. އެހެން އިން އިރު ޒާޔާގެ ސިކުނޑި އެތައް ކަމެއް އޭނާއަށް ހަނދާންކޮށްދެމުން ދިޔައެވެ. ޒާޔާގެ ކައިވެނި ކުރެވުނު ދުވަހެވެ. ޒާޔާގެ ތިން ދަރިން ލިބުނު ދުވަސްވަރެވެ. އާއިލާއާއެކު ހޭދަކުރެވުނު އުފާވެރި ދުވަސްވަރެވެ. ގާތް އެކުވެރިއެއްގެ ގޮތުގައި ހުރި މަލައިކާގެ ފަރާތުން ލިބުނު އެހީތެރިކަމާ އެއްބާރުލުމެވެ. ލިއަމް އާއި ޒަމްލާ ގެއްލުނު ދުވަސްވަރެވެ. މިހެން ގޮސް ޒާޔާގެ ޙަޔާތު ނާމާއިން އެތައް ބާބުތަކެއް އެ ސިކުނޑިން ހަނދާން ކޮށްދެމުން ދިޔައެވެ.

 

ބޮލަށް ތަންކޮޅެއް ބާރުވާހެން ހީވާން ފެށުމުން ޒާޔާ އެނދުން ތެދުވިއެވެ. އަދި މަޑުމަޑުން ކޮޓަރި ތެރޭ ހިނގަން ފެށިއެވެ. އެއްފަހަރާ ހުރިހާ ކަމަކާ ނުވިސްނުމަށް ޒާޔާގެ ހިތް ބުނަމުން ދިޔައެއް ކަމަކު ޒާޔާގެ ސިކުނޑިން އެކަމަށް އެއްބާރުލުމެއް ނުދެއެވެ. ސިކުނޑި އާއި ދެކޮޅަށް އެ ހިތް ކުރަމުންދާ ހަނގުރާމަ ކާމިޔާބު ނުވާނެކަން ޔަޤީންވުމުން އަނެއްކާވެސް ޒާޔާ އެނދުގައި އިށީނެވެ. އޭރު ޒާޔާ ހުރީ ކޮންމެވެސް ވަރަކަށް ފެންކަޅިވެފައެވެ. އެނދުގެ ހެޑްބޯޑުގައި ރަނގަޅަށް ލެނގިލެވުމާއެކު ޒާޔާ ދެލޯ މަރައިލިއެވެ. ލޯ މަރާލައިގެން އިނެއް ކަމަކު ކޮންމެވެސް ކަމަކާ ޒާޔާ ވިސްނާކަން އެ މޫނުމަތީގެ ކުލަވަރުތަކުން ފާޅުކޮށްދެއެވެ.

 

******************

 

“ޒަމް.. ޒާމިލް.. ދެ ކުދިން ނުހިފާނެ އިނގެ. އަވަހަށް ދީ މަންމަ އަތަށް.” ކުޑަ ކުޑަ ބޯޅައެއް ހިފައިގެން ތިބި ޒަމްލާ އާއި ޒާމިލް ފެނުމުން ޒާޔާ ބުންޏެވެ. ދެ ކުދިން ވެސް އުޅެނީ އެ ބޯޅަ އަތުލެވޭތޯއެވެ. “ޕިންކް މަންމީ.” ޒާޔާއަށް ބަލައިލަމުން ހަތަރު އަހަރުގެ ކުޑަ ޒަމްލާ ބުންޏެވެ. އޭރު ވެސް ޒަމްލާ ހުރީ އެ ކުޑަ ބޯޅަ އެ ކުއްޖާއަށް ހިފޭނެ އެންމެ ބާރަކަށް ހިފަހައްޓައިގެނެވެ. ޒާމިލް އޭރު ޒަމްލާ އަތުން އެ ބޯޅަ އަތުލަން މަސައްކަތް ކުރަނީއެވެ. “އަވަހަށް ދީ މަންމި އަތަށް. އަވަސް އަވަސް. ޒާމިލް.” ޒާޔާ ތަންކޮޅެއް ބާރަށް އެހެން ބުނެލުމާއެކު ޒާމިލް ޒަމްލާގެ އަތުން ދޫކޮށްލިއެވެ. އަދި ޒާޔާގެ ގާތަށް ގޮސް ޒާޔާގެ ފައިގައި ހިފައި ބައްދާލިއެވެ. “ނުހިފާނެ އިނގެ ދެކުދިން. ބަސްއަހާ ކުދިންނެއްނު ދޯ ލޯބީ.” ޒާމިލް އުރާލަމުން ޒާޔާ ބުންޏެވެ. ޒާމިލް ގޮވައިގެން ޒާޔާ ސޯފާގައި އިށީން ވަގުތު ގޭގެ ދޮރު ތަޅު ހުޅުވުނު އަޑު އިވުނެވެ.

 

“ބައްޕީ.” ލިއަމް ފެނުމާއެކު ޒަމްލާ އަތުގައި އޮތް ފިޔާތޮށި ކުލައިގެ ބޯޅަ އަތުން ދޫކޮށްލުމަށް ފަހު ލިއަމްއާއި ދިމާލަށް ދުއްވައިގަތެވެ. “ޔޭ ހެހޭހޭ.” ލިއަމްއާއި ދިމާލަށް އައި ކުޑަކުޑަ ޒަމްލާ އުރާލާ ލޯބިކޮށްލިއެވެ. ދަރިފުޅުގެ ކޮލުގައި ބޮސްދީ ކަރުދޮށުގައި ކޮށްޓައިލިއެވެ. އޭރު ގޭތެރޭގައި ޒަމްލާގެ ޅަ ހުނުމުގެ އަޑު ހިފާލާފައިވިއެވެ. ޒަމްލާ ގޮވައިގެން ލިއަމް ޒާޔާގެ ގާތުގައި ސޯފާގައި އިށީނެވެ. އޭރު ޒާޔާގެ އުނގުން ޒާމިލް ފައިބައިގެން އައިސް ލިއަމްގެ އުނގަށް އަރައިފިއެވެ. ލިއަމްގެ އުނގަށް އެރި ގޮތަށް ޒާމިލް ލިއަމްގެ ބޮލުގައި އަޅާފައި އޮތް ސިފައިންގެ ތޮފި އެ ކުޑަކުޑަ ދެ އަތުން ނަގައިފިއެވެ.

 

“ކޮބާ ލާއިމް؟” ޒާޔާގެ ކޮލުގައި ހިފައިލަމުން ލިއަމް އެހިއެވެ. އެއީ ލިއަމްގެ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. ކޮންމެ ދުވަހަކުވެސް ގެއަށް ވަދެ ޒާޔާ ލޮލަށް ފެނުމާއެކު ޒާޔާގެ ކޮލުގައި ލިއަމް ހިފައިލާނެއެވެ. “ނިންދަވާފަ މި އައީ. ނިހާ އެބޮތް ލާއިމް ގާތުގަ.” ޒާޔާ ބުންޏެވެ. އޭރު ލިއަމް އޮތީ ސޯފާގައި ބޯ އަޅާލައިގެން ޒާޔާއަށް ބަލަހައްޓައިގެންނެވެ. އޭނާގެ ދެ ކުދިން އޭނާގެ އުނގުމަތީގައި އޭރު ކުޅެން ތިއްބެވެ. “ކިހިނެއްވީ؟” ލިއަމް ބަލަން އޮތުމުން ޒާޔާ އަހައިލިއެވެ. އޭރު މަޑުމަޑުން އެ މޫނުމަތި ރަތްވާން ފަށައިފިއެވެ. “ނަލަކަމުން.” ލިއަމް އެހެން ބުނެލި ގޮތުން ޒާޔާ ލަދުގަތެވެ. ލިއަމް އިތުރަށް ލަދުގަންނަވާލާނެކަން އިނގޭތީ ޒާޔާ ދުވެލާފައި ދިޔައީއެވެ. އޭރު ލިއަމް ހެވިފައި ޒާޔާ ދިޔަ ދިމާލަށް ބަލަން އޮތެވެ. “ފަރިކަން. ލަދުމަލެއް ހަމަ.” ޒާޔާ ދިޔަ ދިމާލަށް ބަލަން އޮވެ ލިއަމް މަޑުމަޑުން ބުނެލިއެވެ.

 

“ކޮންތާކަށްތަ އެ ދިޔައީ ހެމުން ހެމުން؟” ނިހާންގެ އަޑު އިވުމާއެކު ލިއަމް ތެދުވެ ހަށިގަނޑު ސީދާކޮށްލިއެވެ. “ބައްޕާ.” އެވަގުތު ނިހާން އަތުވެދާނެކަމަކަށް ލިއަމްއަށް ހީކުރެވިފައެއް ނެތެވެ. އެހެންކަމުން ލިއަމް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ލިއަމްގެ އުނގުގައި ތިބި ދެ ކުދިން ތިރީގައި ބޭތިއްބުމަށް ފަހު ލިއަމް ތެދުވިއެވެ. “ކަލެމެން ދެ ކުދިންގެ ސަކަރާތެއް ހުހެއް ނުވާނެ ދޯ މުސްކުޅިވިޔަސް.” ހެވިފައި ހުރެ ނިހާން ބުންޏެވެ. ނިހާން އައިސް ކާފަދަރިން އުރާލާ ލޯބިކޮށްލުމަށް ފަހު ސޯފާގައި އިށީނެވެ. ނިހާން އިށީނުމާއެކު ލިއަމް ވެސް ސޯފާގައި އިށީނެވެ. ސޯފާގައި އިށީންދެވުމާއެކު ދެމީހުންގެ ވާހަކަތައް ފެށިއްޖެއެވެ.

 

“ޒާޔާ ނުވާނެ ބަދަލެއް. ދޯ!” ދުވެފައި ބަދިގެއާ ދިމާލަށް ދިޔަ ޒާޔާއަށް މަލައިކާގެ އަޑު އިވުމާއެކު ކުޑަކޮށް ސިހޭގޮތްވިއެވެ. ބަދިގެ ތެރޭ ހުއްޓިލައިފައި ދެކޮޅު ހޯދާ ބެލި އިރުވެސް މަލައިކާ އެއް ނުފެނުނެވެ. “ހޯދިޔަސް އަހަރެން ފާޅެއްނުވާނަން. އެމީހުން ހީކޮށްފާނެ ޒާޔާ ޖިންނި މޮޔަވެފަ ކަމަށް ވެސް.” ބަދިގޭގެ އެއް ކަނުގައި ހުއްޓިލައިގެން ހުރި މަލައިކާ ބުންޏެވެ. “ނޫން. އަހަރެން މިހުރީ ހަމަ ސަލާމަތުން. ތީ އަހަންނަށް ދެރައެއް ދޭނެ މީހެއް ނޫނެއްނު.” ޒާޔާ އެ ޖުމްލަ ބުނެލުމާއެކު މަލައިކާ ޒާޔާގެ ކުރިމައްޗަށް ފާޅުވެއްޖެއެވެ. “ވާއު.” ފިނިފެންމަލުގެ ފިޔަތަކުން ޖަރީކުރެވިފައިވާ ރީތި ދިގު ހެދުމެއްގައި ހުރި މަލައިކާ ފެނި ޒާޔާއަށް ބުނެވުނެވެ. “ނޫން. ތީ ވާއު. އަބަދުވެސް އުފަލުގަ ހުންނައްޗެ. އަހަރެންގެ ދުޢާ އަކީ ތި ދެމަފިރިން ދުވަހަކުވެސް ވަކި ނުވުން. ލިއަމް ޒާޔާ ދެކެ އެހެރަ ވާ ލޯތްބެއް…! ވާއު.” ހުވަފެނީ ގޮތަކަށް މަލައިކާ ބުންޏެވެ. ޒާޔާގެ މޫނުމަތިން އޭރު އުފާވެރިކަން ފެންނަން ހުއްޓެވެ. މީހަކު ބަދިގެއާ ދިމާލަށް އަންނަކަމުގެ ހިލަމެއްވުމާއެކު މަލައިކާ ހިނިތުންވެލިއެވެ. އަދި ޒާޔާގެ ބޮލުގައި ފިރުމާލުމަށްފަހު ފަހުން އަންނާނަން ކަމަށް ބުނެ ޣައިބުވެއްޖެއެވެ.

*********************

 

“މަންމާ! މަންމާ!” ޒާމިލް ގެ އަޑު ޖެހުމާއެކު ޒާޔާ އަވަހަށް ގޮސް ކޮޓަރި ދޮރު ހުޅުވައިލިއެވެ. “ކީއް ތި ކުރަނީ މަންމާ؟ ހިނގަ ބޭރަށް ގޮސްލަން.” ޒާމިލް ގެ އެދުމަށް ޒާޔާ އަށް ފުރަގަސްދޭކަށް ނުކެރުނެވެ. އެކަމަކު ވެސް ޒާމިލް އެ އެދުނީ ޒާޔާއަށް ކިހާ ބޮޑު ކަމަކުކަން ޒާމިލް އަށް ވިސްނޭނެ ނަމައެވެ. “މަންމަ ކިހިނެތް ދާނީ؟ އަދި ބައިވަރު ކަންތައްތައް ވެސް އެބަހުރި. ކާފަގެ އެއްޗެހިތަ..”  “މަންމާ.” ޒާމިލް ޒާޔާގެ ކޮލުގައި މަޑުމަޑުން ހިފަހައްޓައިލިއެވެ. “ބައެއްފަހަރު ބައެއް ކަންކަން ދޫކޮށްލަންވާނެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް. މީހާގެ ސިކުނޑި ހަމަޖައްސާލަން.” ޒާޔާއަށް ވިސްނައިދޭ ފަދަ ގޮތަކަށް ޒާމިލް ބުންޏެވެ. ޒާޔާ އިސްޖަހައިލިއެވެ. ޒާޔާ ނުދާން އުޒުރުވެރިވިޔަސް ޒާމިލް އެކަން ބަލައިނުގަންނާނެކަން ޒާޔާއަށް އިނގެއެވެ. “ހްމްމް.. މަންމަ މި ނުކުންނަނީ އިނގެ.” ޒާޔާ ބުންޏެވެ. ޒާޔާ ދޮރު ލައްޕައިލުމުން ޒާމިލް ފުން ނޭވައެއް ދޫކޮށްލިއެވެ. އޭނާގެ މަންމަގެ ޙާލު އެއަށް ވުރެ ރަނގަޅުވާނެ ދުވަހެއް ހަމަ ނުފެންނާނެ ހެއްޔެވެ؟

 

“އެއްބަސް ވެއްޖެ.” ނިހާންގެ ކޮޓަރިއަށް ވަންނަމުން ޒާމިލް ބުންޏެވެ. އޭރު ލާއިމް ވެސް އިނީ ނިހާން ކައިރީގައެވެ. “ބުނީމެއްނު ޒާބެއަށޭ މަންމަ ހަމައަކަށް އެޅުވޭނީ.” ލާއިމް ބުންޏެވެ. “ލާއިމް އަށް ވެސް ވާނެ. އަބަދަކު ޒާބެއެއް ނުހުންނާއެއްނު މަންމަ ގާތުގައެއް.” ފަހު ޖުމްލަ ބުނުމާއެކު ޒާމިލްއަށް އިސްޖަހައިލެވިއްޖެއެވެ. ޒާމިލް އަށް ފަހު ޖުމްލަ ބުނެވުނީވެސް ތަންކޮޅެއް މަޑުންނެވެ. ޒާމިލްއަށް ވީގޮތް ފެނިފައި ލާއިމް އާއި ނިހާން އަށް ވެސް ވީ ދާދި އެއްގޮތެކެވެ. ހިތުގައި ރިހުން ނުވާ ހަމަ އެންމެ ހިތެއް ވެސް އެ ކޮޓަރިތެރޭ ނެތީއެވެ.

 

އިންސާނާގެ ޖިސްމާނީ ދުޅަހެޔޮކަމާ އެއްވަރަށް ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަކީ ވެސް އެހާމެ މުހިއްމު ކަމެކެވެ. ތިމާގެ ވަށައިގެންވާ މާޙައުލާ ވަށައިގެންވާ މީހުންނަކީ ތިމާގެ ނަފްސާނީ ދުޅަހެޔޮކަމަށް ބާރުފޯރުވާ ‘ވަޞީލަތް’ ތަކެކެވެ. މި ‘ވަޞީލަތް’ ތަކުގެ ތެރޭގައި ތިމާގެ ޢަމަލުތައް ވެސް ހިމެނެއެވެ. ތިމާ ނަފްސާނީ ގޮތުން ބަލިކަށިވުމަކީ، ގިނަ ޙާލަތްތަކުގައި، ތިމާގެ ވަށައިގެންވާ މީހުންނަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ފޯރުވާ ކަމެކެވެ. މިކަމުގެ ހެތްކަކަށް ޒާޔާގެ ދިރިއުޅުން ފުދެއެވެ. ޒާޔާގެ ޙާލަތު މިހާރު ގޮސްފައިވާ މިޞްރާބުން އެކަމުގެ އަސަރު އެ ކުރަނީ ޒާޔާގެ ގާތުގައި ތިބި އޭނާގެ ލޯބިވާ ބައްޕަ އާއި އޭނާގެ ޒުވާން ދެ ދަރީންނަށެވެ.

 

“ކޮބާ ދަރިފުޅު.” ނިހާން ގެ ކޮޓަރިއަށް ވަންނަމުން ޒާޔާ ބުންޏެވެ. ޒާޔާގެ އަޑު އިވުމާއެކު ޒާމިލް ވަގުތުން އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލިއެވެ. އަދި މަންމަ ގޮވައިގެން ދާން ހިނގައިގަތެވެ. “ލާއިމް ކައިގެން އުޅެއްޗެ އިނގެ. މަންމަ އަންނާނަން.” ޒާމިލްއާ އެކުގައި ދަމުން ޒާޔާ ބުންޏެވެ.

 

“ދަރިފުޅުމެންގެ މަންމަގެ މޫނުމަތިން ހަމަޖެހުން ފެނުނަސް ކާފައަށް އިނގޭ މަންމަ ކިހާ ހިތާމައެއް އެބަ ކުރާކަން. ދަރިފުޅުމެންގެ ބައްޕައާ ޒަމްލާ ގެއްލުނު ފަހުން…. ކާފަ ބުނާނެހާވެސް ވާހަކައަކީ ދަރިފުޅުމެން މަންމަ ހިތުގަ ނުޖައްސައްޗޭ. ކާފައަށް ނޭނގި އެއްފަހަރު ދަރިފުޅުމެންގެ މަންމައަށް ބޮޑު ދެރައެއް ދެވިފަވަނީ. ކާފަ އަދިވެސް..”  “ކާފާ.” ނިހާން ގެ ވާހަކަ ލާއިމް ހުއްޓުވިއެވެ. ނިހާން އެ ވާހަކަތައް ދައްކައިގެން ރުއިން ނޫން ކަމެއް ނުވާނެކަން ލާއިމްއަށް އެނގޭތީއެވެ. “އަދި މަންމަ ރަނގަޅުވާނެ އެއްދުވަހަކުން. އަހަންނަށް ޔަގީން. މަންމަ ދެރަވާނެފަދަ ކަމެއް އަހަންނެއް ނުކުރާނަން….. ކާފާ. ކައިގެން އަންނާނަން.” ލާއިމް ތެދުވިއެވެ. ނިހާން ފޯނު ދޭން ބުނުމުން މޭޒުމަތީގައި ޗާޖަރަށް ޖަހާފައި އޮތް ފޯނު ނިހާން އަތަށް ދީފައި ލާއިމް ކޮޓަރިން ނުކުމެއްޖެއެވެ.

 

*********************

 

އޮއްސެމުން ދިޔަ އިރާއެކު އުދަރެހުން ރަތްވިލާތައް މަޑުމަޑުން ފާޅުވާން ފަށައިފިއެވެ. އަތިރިމަތީ ހަރަކާތްތެރިވަމުން ދިޔަ އެންމެން ކަހަލަ ގޮތަކަށް އުޅުނީ އެ ރީތި މަންޒަރު އެމީހެއްގެ ފޯނުތަކުގައި ރައްކާކުރެވޭތޯއެވެ. މަދު މީހެއް ފިޔަވައެވެ. އެ މަދު މީހުންގެ ތެރޭގައި ޒާޔާ ހިމެނެއެވެ. ޒާމިލް އިރުއޮއްސޭ މަންޒަރު ފޮޓޯ ނަގަން ހުރިތަން ބަލަން ޒާޔާ އިނީ ތަންކޮޅެއް ދުރުގައި ބަހައްޓާފައި ހުރި ޖޯއްޔެއްގައެވެ. “ލިއަމް ވެސް ހުންނާނީ ހަމަ އެހެން. މަގޭ ދަރިފުޅާ ލިއަމްއާ އެއްވެސް ތަފާތެއް ނެތް. މޫނުމަތި ވެސް ހަމަ އެހެން. ލިއަމްގެ ދިގު އިސްކޮޅު. ލިއަމްގެ ދެލޯ. ލިއަމްގެ ހިނގުން. ލިއަމްގެ އަޑު. ދަރިފުޅާ.” ޒާމިލް އަށް ބަލަހައްޓައިގެން އިން އިރު ޒާޔާގެ ހިތް އޭނާއާ ވާހަކަދައްކަނީއެވެ. ޒާޔާގެ ތުންފަތަށް އޭރު ފަނޑު ހިނިތުންވުމެއް ވެރިވެފައިވެއެވެ. ދިރިހުރުމަށް ކިރިޔާވެސް އުއްމީދެއް ލިބެނީ ޒާމިލް އޭނާގެ ދެލޮލަށް ފެންނަން ހުރިހާ ހިނދަކުއެވެ.

 

“ރީތިތަ؟” ޒާޔާ ކައިރިއަށް އައިސް އިށީންނަމުން ޒާމިލް ނެގި ފޮޓޯތައް ޒާޔާއަށް ދައްކައިލިއެވެ. “ކުރަހާފަ ހުންނަހެން ހީވަނީ.” ޒާޔާ ބުންޏެވެ. މަންމަގެ ހިނިތުންވުން ފެނުމުން ޒާމިލްގެ ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބުނެވެ. “އެބޮތް ވާހަކައެއް ބުނަންވެފަ.” މަންމަގެ މޫނަށް ބަލަން އިނދެ ޒާމިލް ބުންޏެވެ. “އަހަންނަށް ކުއްޖަކު ކަމުގޮސްފި.” އެއްވެސް ޖެހިލުމަކާ ނުލާ ޒާމިލް އެ ބުނެލި ވާހަކައިން ޒާޔާ ހައިރާންވިއެވެ. “ވަޓް. ދަރިފުޅު؟ ތެދެއްތަ؟” ޒާޔާއަށް ވީ ގޮތް ފެނުމުން ޒާމިލް ހޭން ފެށިއެވެ. ޒާމިލް ހޭން ފެށުމުން ޒާޔާއަށްވެސް ނުހީއެއް ނީނދެވުނެވެ. “ބުނެބަ މަންމަ ގާތުގަ. ކޮންކުއްޖެއްތަ؟” ލިއަމްގެ ކަންފަތުގައި ހިފައިލަމުން ޒާޔާ ބުންޏެވެ. “ދޮގެއް. އެކަހަލަ އެއްވެސް ކަމެއް ނެތް.” ހެމުން ހެމުން ޒާމިލް ބުންޏެވެ. “މީވާ ދަރިއެއް.” ލިއަމްގެ ކޮނޑުގައި ޒާޔާ ޖެހިއެވެ. އޭރުވެސް ޒާޔާއަށް ހެވެނީއެވެ. ޒާމިލް އެކަހަލަ ސަމާސައެއް ކޮށްފާނެކަމަކަށް ޒާޔާ ހިއެއްނުކުރެއެވެ.

 

*******************

 

އިރުއޮއްސި މުޅިން އަނދިރިވެއްޖެއެވެ. މަންމައާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަހު ޒާމިލް މަންމަ ގޮވައިގެން ގެއަށް ދާން ހިނގައިގަތެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް މަންމަ ހިތްހަމަ ޖެހިލައިފިކަން އެނގުމުން ޒާމިލް ހުރީ އުފަލުންނެވެ. މަންމަ އުފާކޮށްދިނުމަކީ އޭނާގެ އެއް ބޭނުމެވެ. މަންމަ ދެރަވެފައި ހުންނަތަން އަބަދު ދެކޭކަށް އޭނާގެ ހިތަށް ކުޅަދާނައެއް ނުވެއެވެ. އެހެންކަމުން ހުސް ވަގުތެއް ލިބޭއިރަށް ޒާމިލް ބަލަނީ އެ ވަގުތެއް ވީހާވެސް ބޮޑަކަށް މަންމައާއެކު ހޭދަކުރެވޭތޯއެވެ. މަންމަ އެކަނިވެރިވިޔަ ނުދިނުމަށް ޓަކައެވެ.

 

****************

 

ކާމޭޒުމަތި އެއްވަސް ވެފައިވީ އަތުރާލާފައި ހުރި އެކި އެކި މީރު ކާނާއިންނެވެ. އެއީ ކޮންމެވެސް ބައެއްގެ ފުރިހަމަ މަސައްކަތެއްކަން ކާމޭޒުމައްޗަށް ބަލައިލި މީހަކަށް ފާހަގަވާނެއެވެ. އެކަމަކު އެ މަސައްކަތަކީ ތިމާއަށް ވުރެ ދަށް ބަޔަކު ކޮށްފައިވާ މަސައްކަތަކަށް ވިއްޔާ އެކަން ފާހަގަ ކުރުން އެއީ ދުރުގައިވާ ކަމެކެވެ. މީގެ އެއް މިސާލަކީ އިޒްވާގެ ކުޑަކުޑަ އާއިލާއެވެ. “އަމާނާ. ރާމިޝްއަށް ގޮވާ. ބުނޭ ކާން އަންނަން.” ކާން އިށީންނަމުން އިޒްވާ ބުންޏެވެ. ބޯ ޖަހައިލުމަށް ފަހު އަމާނާ ދިޔައީ ރާމިޝްއަށް ގޮވާށެވެ.

 

އަނދިރި ކޮޓަރިއެއްގެ ތެރޭ ހަމައެކަނި ލިބެން ހުރި އަލިކަމަކަށްވި އައްޔަކީ ކޮޓަރީގައި ހުރި ޓީވީ ސްކްރީނުން ލިބިދޭ އައްޔެވެ. އެ އަލިކަމުގެ ތެރެއިން ކިރިޔާ ރާމިޝްގެ މޫނު ފެންނަވަރަށް އިން އިރު އެ މޫނުމަތިން ފެންނަން ހުރީ ނުތަނަވަސްކަމެވެ. ކުޅެން އިން ގޭމްއިން މޮޅު ނުވެދާނެކަމަށް ހީވެ އަތުގައި އޮތް ޖޮއިސްޓިކުގައި ހުރި ފިތްތަކަށް ވެސް އޮބެނީ އަވަސްއަވަހަށެވެ. އެހެން އެއްވެސް ކަމަކަށް ވުރެ ގޭމުން މޮޅުވާން ރާމިޝް އިނީ ބޭނުންވެފައެވެ. ދުއްވަމުން ދިޔަ ކާރު އަރާފައި އިން ރޮނގުން ބޭރުވި ވަގުތަކީ ރާމިޝްގެ ކޮޓަރީ ދޮރުގައި ޓަކިދިން ވަގުތެވެ. އެނދު ކައިރީގައި ހުރި ސްވިޗްބޯޑުން ބޮކި ދިއްލުމަށް ފަހު ރާމިޝް ގޮސް ދޮރު ހުޅުވިއެވެ. “މެޑަމް ބުނުއްވައިފި ކާން އަންނަން.” އެއްޗެކޭ ނުބުނެ ރާމިޝް ދޮރު ލެއްޕިއެވެ. އަދި ކޮޓަރީ ހުރި ގޮނޑި މަތިން ގަމީހެއް ނަގައި ގަމީސް ލައިގެން ކޮޓަރިން ނުކުތެވެ.

 

“މަންމާ.” ކާމޭޒު ކައިރީ އިށީންނަމުން ރާމިޝް އިޒްވާއަށް ގޮވައިލިއެވެ. “މިރޭ ދޮންތަމެން ނާންނަ ރެއެއްތަ؟” ތައްޓަށް ކާ އެއްޗެހި އަޅަމުން ރާމިޝް އެހިއެވެ. “ނޭނގެ. އަންނަ ވާހަކައެއް ނުބުނޭ ދޯ.” އިޒްވާ ބުންޏެވެ. “ކޮބާ ޒަމްލާ؟” އަހަން ނާހަން އިނދެފައި އެންމެ ފަހުން ރާމިޝް ޒަމްލާ ކޮބާތޯ އެހިއެވެ. “މަށަކަށް ނޭނގެ. ކޮޓަރިކޮޅުގައެއްނު ވާނީ.” އިޒްވާ ބުންޏެވެ. އޭރު އެ އަޑުގައި ހުރި ފޫހިކަން ރާމިޝްއަށް ފާހަގަވިއެވެ. އެއް ގެއެއްގައި އުޅޭއިރު އެ އަންހެންކުއްޖާ ރާމިޝްއަށް ފެނިފައިވަނީ މަދު ފަހަރެއްގައެވެ. ރާމިޝްއަށް އެނގޭހާވެސް ކަމަކީ، އެއީ މަންމަގެ ތިމާގެ މީހެއްގެ ދަރިއެއްކަމެވެ. އެ ކުއްޖާ މިގޭގައި ހުންނަން ޖެހޭ ސަބަބާ، މަންމަ އެ ކުއްޖާ ދެކެ ފޫހިވާ ސަބަބެއް އެއްގޮތަކަށް ވެސް ރާމިޝް އަކަށް ނޭނގެއެވެ. މަންމަގެ މޫޑު އިތުރަށް ޚަރާބުވުމަށް ނޭދޭތީ ރާމިޝް އިތުރަށް އެ ވާހަކަ ކުރިއަށް ގެންދާކަށް ނޫޅުނެވެ. މަޑުމަޑުން އިނދެ އޭނާ ވެސް ކެވޭތޯ ބެލީއެވެ.

 

ކައި ނިމުމާއެކުހެން އިޒްވާ އެންމެ ސިކުންތެއްވެސް މަޑުނުކޮށް ގެއިން ނުކުމެއްޖެއެވެ. ލައިގެން ހުރި ޔުނީފޯމު ރަނގަޅުކޮށްލަމުން ހިނގައިގަތް މަންޒަރު ބަލަން އަމާނާ ހުއްޓެވެ. އިޒްވާ ލޮލުކޮޅަށް އޮބާލުމުން އަމާނާ އަވަހަށް ބަދިގެއަށް ގޮސް ޒަމްލާ އަށް ކާނެ އެއްޗެއް ތައްޔާރުކޮށްދޭން އުޅުނެވެ. “ތި ކޮންކަމެއް؟ ކޮޓަރިއަށް ނުގޮސް މިތަނުގަ ވެސް ކެވޭނެ.” ކާއެއްޗެހި އަތުރާފައި ހުރި ތަބަކެއް ހިފައިގެން އަމާނާ ދާތަން ފެނި ރާމިޝް ބުންޏެވެ. “މީ ދައްތައަކަށް ނޫނޭ. ޒަމްލާއަށް.” އެހެން ބުނެ އަމާނާ ހިނގައިގަތެވެ. އަމާނާ ދިޔަ ދިމާލަށް ބަލަން އިނދެފައި ރާމިޝް އިންތަނުން ތެދުވިއެވެ. އަތްދޮވެލައިގެން ގޮސް ސިޓިންގްރޫމުގައި ހުރި ބީންބޭގުގައި އޮށޯވެލައިގެން ފޯނާއި ކުޅެން ރާމިޝް އޮތެވެ.

 

****************

 

“ޒަމްލާ.” ކާން އިން ސަމްސަލާ ކުޅެލަ ކުޅެލާ އިން ޒަމްލާއަށް އަމާނާ މަޑުމަޑުން ގޮވައިލިއެވެ. ޒަމްލާ ބަލައިލުމުން އަމާނާ ބުނަން އުޅުނު ވާހަކަ ހަނދާން ނެތުނު ކަހަލައެވެ. ޒަމްލާގެ މޫނަށް ބަލައިލިޔަސް އެ މޫނުމަތީގެ ކުލަވަރުތަކުން އެތައް ވާހަކައެއް އެބަ ބުނެދެއެވެ. އިސާހިތަކު އަމާނާގެ ހިތުގައި ހަމްދަރުދީ އުފެދިއްޖެއެވެ. މި ކުއްޖާ މިހެން އުޅޭނީ ކިހާ ދުވަހަކުބާއެވެ؟ ބޭރަށް ނުނިކުމެ މިގޮތަށް އިންނަން މި ކުއްޖާ ހަމަ ފޫހި ނުވަނީ ހެއްޔެވެ؟ މި ކުއްޖާ މިހެން މި އުޅެނީ ކީއްވެބާއެވެ؟

 

“ދެން ނުކެވޭނެ.” އިތުރަށް އެންމެ ކާއެތިކޮޅެއް ވެސް އަރުން އެތެރެ ނުވާނެކަން ޒަމްލާ އަށް އެނގިއްޖެއެވެ. މަޑުމަޑުން އެހެން ބުނެ ޒަމްލާ އަމާނާ އަތަށް ތަށި ދީފައި ދިޔައީ އަލަމާރި ކައިރިއަށެވެ. ޒަމްލާ އަލަމާރި ކައިރިއަށް ދިޔައީ އަމާނާ ކޮޓަރިން ނުކުންނާނެ ކަމަށް ހީވުމުންނެވެ. ނަމަވެސް އަމާނާ ނުދިޔުމުން ޒަމްލާ ދެން ވަނީ ފާޚާނާއަށެވެ. ޒަމްލާގެ ހަރަކާތްތަކަށް ބަލަން އިން އަމާނާ ފުން ނޭވައެއް ދޫކޮށްލިއެވެ. ތަބައް އެއްފަރާތުގައި ބަހައްޓާފައި އަމާނާ އަލަމާރި ކައިރިއަށް ދިޔައެވެ. ޒަމްލާއަށް ބޭނުންވާ އެންމެ ޒަރޫރީ އެއްޗެހި ހަމައަށް ހުރިތޯ ޔަޤީން ކުރުމަށް ފަހު ތަބައް ހިފައިގެން އަމާނާ އެ ކޮޓަރިން ނުކުމެއްޖެއެވެ.

 

ކޮޓަރި ދޮރު ލެއްޕުނު އަޑާއެކު ޒަމްލާ މަޑުމަޑުން ފާހަނާ ދޮރު ހުޅުވައިލިއެވެ. ސިއްރު ސިއްރުން ކޮޓަރީގެ އެކި ދިމާ ބަލައިލީ އަމާނާ ނެތްކަން ޔަޤީންކުރުމަށް ޓަކައެވެ. ހިތުގައި އުފެދިފައިވި ވަހުމް ފިލައި ދިއުމުން ޒަމްލާ ފާހަނާއިން ނުކުމެގެން އައިސް އެނދުގައި އޮށޯވެލިއެވެ. އާދައިގެ މަތިން މިރޭ ވެސް ޒަމްލާ އޮތީ ފިކުރުތަކެއްގެ ފުން ކަނޑެއްގެ ތެރެއަށް ގެނބިފައެވެ.

 

******************

 

“ނުވެސް ކާ ކުއްޖެއްތަ އެއީ؟” ބަދިގެ ތެރޭ ތަށިތައް ދޮންނަން ހުރި އަމާނާ އާ ރާމިޝް ސުވާލު ކުރިއެވެ. އަމާނާ ޒަމްލާގެ ކޮޓަރިން ނުކުމެގެން ދިޔައިރު އަމާނާ އަތުގައި ހުރި ތަބައް ކުރިން ހުރި ފަދައިން ހުރުމުން ރާމިޝްގެ ހިތުގައިވި ސުވާލު ނުކޮށް ނުހުރެވުނީއެވެ. އަމާނާ އަޅާނުލާ ހުރުމުން ދެންވެސް ރާމިޝް އަށް ސުވާލު ކުރެވުނެވެ. “ހަމަ އެހެން ކޮޓަރި ތެރޭގަ އޮންނަނީތަ ކަމެއް ނުކޮށް؟” ދެން ވެސް އަމާނާ ޖަވާބެއް ނުދިނެވެ. ގަސްތުގައި ޖަވާބު ނުދީ ހުރީއެއް ނޫނެވެ. ދޭނެ ޖަވާބެއް އަމާނާއަށް ވެސް ނޭނގެނީއެވެ. “ކޮބާތަ އޭނަގެ މަންމަ ބައްޕަ؟” ރާމިޝް ދެން ވެސް ސުވާލު ކުރުން ހުއްޓައެއް ނުލިއެވެ. “އިޒޫ މޭމް ގާތުގަ އެހިއްޔާ މާ ރަނގަޅުވާނެ.” އަމާނާ އެހެން ބުނެ ބަދިގެއިން ނުކުމެގެން ދިޔައީއެވެ. ރާމިޝް އެއްޗެކޭ ބުނަން އުޅެފައި ވެސް ފަހުން އަޅައެއް ނުލިއެވެ. ޖަވާބު ނުލިބެންޏާ ސުވާލު ކުރުގެ ބޭނުމެއް ކޮބާ ހެއްޔެވެ؟ އިރުކޮޅެއް ވަންދެން ވިސްނަން ހުރެފައި ރާމިޝްގެ ނަޒަރު އަމާޒުވީ ޒަމްލާގެ ކޮޓަރިއާ ދިމާލަށެވެ.

 

*****************

 

“އޯ މައި ގޯޝް!” ފޯނަށް ބަލަހައްޓައިގެން އިން އިޒްވާގެ މޫނުމަތިން ފެނުނީ އިންތިހާ އުފާވެރިކަމެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟ ފައިސާ އާ ހެދިގެން އުޅޭ މީހަކަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ ފައިސާގެ ގުލްދަސްތާ ތައް އެމީހެއްގެ ބޯ މައްޗަށް އޮހިގެން ދިޔުންކަން ކަށަވަރެވެ. އެކައުންޓަށް ޖަމާވެފައި ހުރި ފައިސާގެ އަދަދުތައް ފެނި އިޒްވާގެ ދެ ލޮލުން ތަރަތަރަ ޖަހަނީއެވެ. އެކި ތަންތަނަށް ދަތުރުކޮށް، އަގުބޮޑު، މަޝްހޫރު ބްރޭންޑްތަކުގެ އެއްޗެހި ގަންނަ ތަން އިޒްވާއަށް ސިފފަކުރެވެމުން ދިޔައެވެ. އަމިއްލަ ފައިދާއާ އަމިއްލަ ނަފްސާމެދު ވިސްނަން އިން އިޒްވާ އަށް އޭނާގެ ދަށުން މަސައްކަތްކުރާ ބަޔަކު ތިބި ކަން ހަނދާންނެތިފައިވާ ފަދައެވެ.

 

އިޒްވާގެ ކޮންމެ ހަރަކާތަކަށް ބަލަން އެ ކެބިންގެ އެއް ކަނުގައި މަލައިކާ ހުއްޓެވެ. މަލައިކާގެ ތޫނު ނަޒަރު އިޒްވާއަށް އަމާޒުވެފައިވާއިރު އެ ދެލޮލުން އިންތިހާ ރުޅިވެރިކަން ފާޅުވަމުން ދިޔައެވެ. މަލައިކާއަށް އެހެން ހުރެވުނީ ހިނދުކޮޅަކުއެވެ. އިޒްވާއަށް ހިލަމެއް ނުވާނެހެން އިޒްވާއާ ދިމާލަށް މަޑުމަޑުން ފިޔަވަޅު އަޅަން ފެށިއެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން ގޮސް އިޒްވާއާ ދާދި ގާތުގައި މަލައިކާ ހުއްޓުނެވެ. ފަހަތުގައި މީހަކު ހުރިހެން ހީވެ އިޒްވާއަށް ކުއްލިއަކަށް ފަހަތް ބަލައިލެވުނެވެ. ހިތް ބިރުގަތަސް، އިޒްވާ އެކަން މާ ބޮޑު ކަމަކަށް ނުހަދާ އެތަނުން ދާން ތެދުވިއެވެ. “މަގޭ ދަރިއަށް ކެތްތެރިވާން ދަސްވޭތޯ އިނގެ އަހަރެން ކަމެއް ނުކޮށް މަޑުން މި ހުންނަނީ. އެކަމަކު ކަލޭ އޭނައަށް ގޮތެއް ހަދައިފިއްޔާ އަހަރެން މަޑަކުން ނުހުންނާނަން.” އިޒްވާ ނުކުމެގެން ދިޔަ ދިމާލަށް ބަލަން ހުރެ އަމިއްލަ ނަފްސަށް އިވޭވަރަށް މަލައިކާ ބުންޏެވެ. އިންތިހާ ދަރަޖައިގެ ރުޅިވެރިކަން އެ ހިތަށް ވެރިވެފައިވުމުގެ ސަބަބުން ކަމެއް ނޭނގެއެވެ. މަލައިކާގެ ތޫނު ނަޒަރު އެ ކެބިން ތެރޭ ހުރި މާ ވަށިގަނޑަކަށް އަމާޒުވި ހިނދު އޭތި ވެއްޓި ތެޅިއްޖެއެވެ. އިތުރަށް އެންމެ ސިކުންތަކުވެސް އެތާ މަޑުކޮށްފި ނަމަ އެތަން ސުންނާފަތިވާނެކަން އެނގޭތީ މަލައިކާ އަވަހަށް އޭނާ ހުރިތަނަށް ޣައިބުވެއްޖެއެވެ.

 

*********************

 

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ސިޓިންގް ރޫމުގައި ފޯނާއި ކުޅެން ރާމިޝް އިނެވެ. އެހެން އިނެއްކަމަކު އިރު އިރުކޮޅުން އޭނާގެ ނަޒަރު ޒަމްލާގެ ކޮޓަރީ ދޮރާއި ދިމާލަށް ދަތުރުކުރެއެވެ. ރާމިޝްގެ ހަޔާތުގެ ދަތުރުގައި މިހާ ހިސާބަށް އާދެވުނު އިރު އޭނާއަށް ފެނުނު އެންމެ ތަފާތު ކުއްޖަކަށް ޒަމްލާ ވެއްޖެއެވެ. އުމުރުގެ ބޮޑުބައި ރާއްޖެއިން ބޭރުގައި ހޭދަކުރުމަށް ފަހު ރާއްޖެއަށް ބަދަލުވިތާ އެއް މަސް ވެއްޖެއެވެ. އެ ވޭތުވި އެއް މަސްދުވަހުގެ ތެރޭގައި ރާމިޝް އަށް އެންމެ ރަނގަޅަށް ޒަމްލާ ފެނިފައެއް ނުވެއެވެ. ފެނުނަސް ފެނިލަނީ ކުޑަ ސިކުންތުކޮޅަކަށެވެ. ފެންނަން ހުރިއްޔާ ޒަމްލާ ހުންނާނީ މޫނު ނުފެންނާނެ ވަރަށް އިސްޖަހައިގެނެވެ. އާދަޔާ ޚިލާފު ކުއްޖެއްތާއެވެ. އަނެއްކާ ބަލި ކުއްޖަކީ ހެއްޔެވެ؟ މޮޔަ ކުއްޖަކީ ހެއްޔެވެ؟ މިކަހަލަ ވިސްނުންތަކެއް ވިސްނަން އިނދެ ނިދި އަންނަން ފެށުމުން ރާމިޝް ކޮޓަރިއަށް ދިޔައެވެ. އެ ދިޔަ މަގުމަތީ ފަހު ފަހަރަށް ޒަމްލާގެ ކޮޓަރިއާ ދިމާލަށް ރާމިޝްއަށް ބަލައިލެވުނެވެ.

 

“މަންމާ!” އޮރެންޖް ކުލައިގެ ފަނޑު އަލިން އަލިވެފައިވި ކޮޓަރިތެރޭ ހުރި އެނދުމަތީ ޒަމްލާ ދެކަކުލުގައި ބޯ އަޅައިގެން އިނެވެ. އެހެން އިން އިރު އެ ދެލޮލުން ކަރުނަ ހުސްނުވެއެވެ. މީހަކަށް އަޑު ނީވޭނެހެން މަޑުމަޑުން ރޯން އިނީއެވެ. އިންސާނެއްގެ ފަރާތުން އެހީއަކަށް އެދި އެ ހިތް ސަލާން ޖަހަނީއެވެ. އެ ހިތް މަންމަ އަށް ގޮވަނީއެވެ. ބައްޕައަށް ގޮވަނީއެވެ. އެ ހިތް ޝަކުވާ ކުރަނީއެވެ. އެ ހިތުގައި ވޭން އަޅަނީއެވެ. އެ ހިތުގައިވި ކޮންމެ ނާރެއް ވެސް ބުރިވެގެން ހިނގައިދާނެ ފަދައެވެ. “ކުރިމައްޗަށް އަރަންވީތަ؟ ކެތް ނުކުރެވޭ އެ ދަރިފުޅު އެހެން އިންނަ މަންޒަރު ބަލަން.” ކޮޓަރިތެރޭ ޣައިބުވެގެން ހުރި މަލައިކާގެ ހިތުގައިވިއެވެ. ޒަމްލާގެ ކުރިމައްޗަށް އަރައިފިއްޔާ ފަހުން ނުކުންނާނެ ނަތީޖާ ހިތިވެދާނެކަން ވެސް މަލައިކާ އަށް އެނގެއެވެ. އެހެން ނަމަވެސް… ޒަމްލާ ސަލާމަތް ކުރަން މަލައިކާ ބޭނުންވެއެވެ. ބޮޑު ބައްޔެއްގެ ޝިކާރައަކަށް އެ ފަކީރު ނުވަނީސް މި މާޙައުލުން ޒަމްލާ ދުރުކޮށްދޭން މަލައިކާ ބޭނުންވެއެވެ.

 

ހިނދުކޮޅަކު އެހެން ހުރުމަށްފަހު މަލައިކާގެ އަތުން ރަން އައްޔެއް ޒަމްލާއާއި ދިމާލަށް ދޫކޮށްލިއެވެ. އެ އަލި ޒަމްލާގެ ބޮލުގައި ޖެހުމާއެކުހެން ޒަމްލާގެ އަޑު އެއްކޮށް ކެނޑިއްޖެއެވެ. މަޑުމަޑުން ދެލޯ މެރި ނިދިއްޖެއެވެ. ޒަމްލާ ރީތިކޮށް އެނދުމަތީ ބޭއްވުމަށް ފަހު އެ ދެލޮލުން ފޭދެމުން ދިޔަ ކަރުނަތައް މަލައިކާ ފުހެލިއެވެ. ރަޖާގަނޑު ޒަމްލާގެ ގައިގައި އަޅައިދިނުމަށް ފަހު ޒަމްލާގެ ގާތުގައި އެނދުމަތީ އިށީންދެ ޒަމްލާގެ ބޮލުގައި މަލައިކާ މަޑުމަޑުން ފިރުމައިލިއެވެ. “ދަރިފުޅު. މަންމަގެ ދަރިފުޅު.” އެހިސާބަށް ބުނެވުމާއެކު މަލައިކާއަށް ރޮވިއްޖެއެވެ. އޭނާ ވާހަކަދެއްކީ ޒާޔާގެ އަޑުންނެވެ. “ދަރިފުޅު ހިތާމަކުރާތަން ބަލަން މަންމައަށް ކެތް ނުވޭ ދޫންޏާ. މަންމަ އަށް އަދި މިއުޅެނީ ދަރިފުޅު ގާތަށް ނާދެވިގެން. މަންމަ ވަރަށް އަވަހަށް އަންނާނަން. ވަރަށް އަވަހަށް އަންނާނަން..” ޒަމްލާގެ ބޮލުގައި ފިރުމަން އިނދެ ކުރެހިފައިވާ އަޑަކުން މަލައިކާ ވާހަކަދައްކަމުން ދިޔައެވެ. “އަދިވެސް މަންމަ ބުނަމުން ދާ ވާހަކައެއް ތަކުރާރުކޮށްލާނަން. އަމިއްލައަށް މަރު ނުވާތި ދަރިފުޅު. ދުނިޔޭގަ އެކި މީހުނަށް ކުރިމަތިވާނީ އެކި ކަހަލަ ކަންކަން. ދަރިފުޅު ތިއުޅޭ ހާލަށް ވުރެ މާ ހިތްދަތި ހާލުގަ އެތައް މީހުނެއް ދުނިޔޭގަ އެބައުޅޭ. ހަށިގަނޑުގަ ފުރާނަ ހުރި ހިނދަކު އުއްމީދު ގެއްލުވާނުލާތި ދަރިފުޅާ. އެއްވެސް ދެރައެއް ދަރިފުޅަށް ލިބޭކަށް މަންމަ ނޭދެން. މަންމަ އަންނަންދެން ކުޑަމިނުން ހިނިތުންވެލައިގެން އުޅެވޭތޯ މަސައްކަތް ކޮށްލާ ދަރިފުޅު. ކާމިޔާބުވުން އޮތީ ދާދި ގާތުގަ. ވަރަށް ލޯބިވޭ ދަރިފުޅު.” ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފުހެލަމުން މަލައިކާ ތެދުވިއެވެ. ފުން ނިންޖަކުން ނިދާފައި އޮތް ޒަމްލާއަށް ބަލަހައްޓައިގެން ހިނދުކޮޅަކު ހުރުމަށް ފަހު މަލައިކާ އެ ކޮޓަރިން ނުކުތެވެ.

 

*****************

 

މެންދަމުން އަލިވެ ތިން ގަޑި ބައިވި ވަގުތު މަލައިކާ ލިއަމް ދިރިއުޅޭ ގޭގެ ދޮރުމައްޗަށް ފާޅުވިއެވެ. ދެފަރާތް ބަލައިލީ އިތުރު އެއްވެސް މަޚުލޫޤެއްގެ ހިލަމެއް ވޭތޯއެވެ. އެއްވެސް ނުރައްކަލެއް ނެތްކަން ޔަގީން ކުރުމަށް ފަހު ގޭގެ މަތީގައި ހުރި ކުޑަދޮރުތަކުން ކުޑަދޮރަކާ ދިމާލަށް ފުންމާލުމަށް ފަހު ކުޑަދޮރުގެ ބިއްލޫރިގަނޑުގައި އޭނާގެ ހަތަރެސްފައި ތަތްކޮށްލިއެވެ. ލައިގެން ހުރި ދިގު ހެދުން އެލިފައިވި ގޮތުން ދުރުން ފެންނަ މީހަކަށް ހީވާނީ ބޮޑު ފޮތިގަނޑެއް އެ ކުޑަދޮރުން ބޭރަށް ވާގޮތަށް އެލުވާފައި އޮތްހެނެވެ.

 

މަލައިކާ، އޭނާގެ ލޮލުގެ ބާރު ބޭނުންކޮށްގެން ކޮޓަރި ތެރެ ފަރުދާވާނޭހެން ދަމާފައިވި ހުދު ކުލައިގެ ފޮތިގަނޑު އެއްފަރާތަކަށް ކަހައިލިއެވެ. އެ ކޮޓަރިތެރެއިން ފެނުނު މަންޒަރަކުން، މަލައިކާގެ ދެލޯ ބޮޑުކޮށްލެވުނެވެ. ހީވީ ދުވަހަކުވެސް ނުފެންނަ މަންޒަރެއް މަލައިކާއަށް ފެނުނުހެނެވެ. ސަޖިދައިގައި އޮވެފައި ތެދުވި ޒާޔާގެ މޫނުމަތިން މަލައިކާއަށް ތާޒާކަން ފެންނަން ހުއްޓެވެ. އެ ދެލޮލުގައި މުތީތަކެއް ފަދައިން ކަރުނަތައް ވިދަމުންދިޔަ ކަމުގައި ވިޔަސް މެއެވެ. “ނިމުމެއް ނެތް ޝަކުވާތައް. އިންތިހާ ހިތްދަތިކަން. މާތް ﷲ އެންމެ މޮޅަށް ދެނެވޮޑިގެންވާނީ. އިންސާނަކަށް އިހުސާސް ވެސް ނުކުރެވޭނެ.” ބިންމަތީގައި ފައިތިލަ ޖެހުމާއެކު އިސްޖަހައިލެވުނު މަލައިކާގެ ހިތުގައި ވިއެވެ. “ކީއްވެ އެއްވެސް އިންސިއަކު ޒާޔާގެ އާއިލާއަށް އެއްބާރުލުން ނުދޭން އެ ހުންނަނީ؟”

 

“މަލައިކާ ކީއްވެ އެހީ ނުވަނީ؟” ދަންނަ އަޑެއް ކަންފަތުގައި ޖެހުމާއެކު މަލައިކާއަށް އިސް އުފުލާލެވުނެވެ. އުޑުމަތިން ތަރިތައް ފިޔަވާ އިތުރު އެއްޗެއް މަލައިކާ އަށް ނުފެނުނެވެ. ނަމަވެސް، ކޮންމެވެސް މަޚުލޫޤެއް މި މާހައުލުގައި އުޅޭކަމުގެ އިހުސާސް މަލައިކާއަށް ކުރެވިއްޖެއެވެ. ވަގުތު ބޭކާރު ނުކޮށް މަލައިކާ އުދުއްސައިގަތެވެ. “ކުރިމައްޗަށް އަރާ!” މަލައިކާ އަމުރު ކުރުމާއެކު އޭތި މަލައިކާގެ ކުރިމައްޗަށް ފާޅުވިއެވެ. އުދުހެމުން ދިޔަ ބާރުމިން މަލައިކާއަށް މަޑުކޮށްލެވުނީ އެވަގުތެވެ.

 

ރިހި ކުލައިން ވިދަމުން ދިޔަ ރީތި ދިގު ހެދުމެއްގައި މަލައިކާގެ ކުރިމަތީ ވަރުދާ ހުއްޓިލައިގެން ހުއްޓެވެ. ހުދު ކުލައިގެ ކުރު އިސްތަށިގަނޑު ފަހަތަށް އައްސާލެވިފައިވީއިރު ދެ ކަންފަތުގައި އެލުވާފައި ހުރި ދިގު ކަންފަތު މުދި ވިދަމުން ދިޔައެވެ. ހުދު ދެ ބުމައިގެ ހިޔަލުގައިވި ކުޑަ ދެލޯ ވަނީ ހުދު ކުލައިގެ އެސްފިޔަތަކުން ހިޔާ އެޅިފައެވެ.

 

“ކީއްވެ އެހީ ނުވަނީ؟” ވަރުދާ ކުރި ސުވާލު ތަކުރާރުކޮށްލިއެވެ. ޖަވާބު ދޭން ޖެހިލުންވެގެން އުޅޭ ކަހަލަ ނިޝާންތަކެއް މަލައިކާގެ މޫނުމަތިން ވަރުދާއަށް އެހިނދު ފާހަގަ ކުރެވުނެވެ. “ކޮންކަމަކާ ފަސް ޖެހެނީ؟” ވަރުދާ އެ ސުވާލު ކުރުމާއެކު މަލައިކާގެ މޫނުމަތި އެއްކޮށް ބަނަވެގެން ދިޔަ ކަހަލައެވެ. ދެބުމަ ގޮށްޖެހި ރުޅިވެރިކަން ފާޅުވާން ފެށީ އެއްވެސް ހުރަހަކާ ނުލައެވެ. “ކަލޭ ކީއްކުރަންތަ އަހަރެންގެ ހުރިހާ ކަމަކާ ބެހެނީ؟ އަހަންނަށް އެނގޭނެ އަހަރެން އެހީވާންވީމަ.” ނުރުހުމުން ފުރިގެންވި މަލައިކާގެ އެ އަޑު ފަޒާ ތެރޭގައި ހަރުލި ކަހަލައެވެ. “ކަލެއަށް އެއްޗެއް ވިސްނޭތޯ އަހަރެން މި އައީ. މަށަށް ހީވަނީ ކަލެއަށް ލިބިފަ ތި ހުރި ބާރުތައް ބޭނުން ކުރަން ކަލޭ ބޭނުން ނުވާހެން. ބާރުތައް ގެއްލިދާނެތީ ބިރުން އުޅޭހެން. ކަލެވެސް ހަމަ އަހަރުމެންހެން ކަލޭގެ އަމިއްލަ އެދުން ތި އިސްކުރެވެނީ. މަލައިކާ ކަލޭ ތީ ޖިންނިއެއް… އަޑު އިވޭތަ.. ޖިންނިއެއް ތީ. އިންސިއެއް ނޫން.”

 

“ދެން ކީއްވީތަ؟” ވަރުދާ ވާހަކަދައްކަމުން އައިސް މަލައިކާގެ ދެކޮނޑުގައި ހިފާ ތަޅުވައިލުމުން މަލައިކާ އައި ރުޅީގައި ހަޅޭއްލަވައިގަތެވެ. ވަރުދާ މަލައިކާއާ ދުރަށް ޖެހިލައި، އިހު މަލައިކާ އާއި ދެމެދު އޮތް ދުރުމިން ބަހައްޓަމުން އަނެއްކާ ވެސް އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. “އަހަރެން ބުނަންތަ ވާހަކައެއް. ކަލޭ އެމީހުނަށް އެހީތެރިކަން ފޯރުކޮށްދިނަސް އެކަމުން ވާނެ ފައިދާއެއް ނޯންނާނެ. އެއީ އިންސާނުން ހެދޭ ގޮތް. ޖައްސާ ވައްތަރުތަކެއް. އެހެން މީހުންގެ ސަމާލުކަން ހޯދަން. ބަލިވެގެނެއް ނޫން ކޮންމެހެން އެހެން އެ އުޅެނީ. ހަމަ މޮޔަ..” “އޭއޭތް….” ކުއްލިއަކަށް މަލައިކާގެ ބާރު އަޑު ގުގުމައިގަތުމާއެކު މަލައިކާ ހުރި ދިމާ ގަދަ ރަން އައްޔަކުން ދިއްލުނެވެ. އެ އަލީގެ ބާރުގަދަ ކަމުން ކަންނޭނގެއެވެ. ވަރުދާ ހުރިތަނުން ދުރަށް ވިއްސައިގެން ދިޔައެވެ.

 

ބިންމައްޗަށް ނުވެއްޓެނީސް ވަރުދާ ދެ ފިޔަގަނޑު ހުޅުވާލާފައި އަނެއްކާ ވެސް މައްޗަށް އެރިއެވެ. އެވަގުތު ދުރުން މަލައިކާ ފެންނަން ހުއްޓަސް މަލައިކާގެ ފުށުން ފާޅުވެފައި އެ ހުރި އައްޔެއްގެ ގަދަކަން ވަރުދާ ހުރި ހިސާބަށް ފަނޑު ނުވާނޭހެން ފޯރާފައި ހުއްޓެވެ. ވަރުދާ ބަލާކަށް ނުހުރެ އޭނާގެ ބޮޑު ދެ ފިޔަގަނޑު ބާރަށް ހަލުވަން ފެށިއެވެ. އެހެން ނަމަވެސް އެކަމުން ވީ އެއްވެސް ފައިދާއެއް ނެތެވެ. އެ ފިޔަގަނޑުން ވައި އެޅުނަސް އެ އައްޔަކަށް އެއްވެސް ގުޑުމެއް ނޭރިއެވެ. ހަތިޔާރު ބަހައްޓަން ޖެހުނީ ވަރުދާ އަށެވެ. “އަހަރެން ދެން ނުބުނާނަން އެއްޗެއް.” ވަރުދާ އެހެން ބުނުމާއެކު ފަޒާތެރޭގައިވި އަލިކަން އެއްކޮށް ކެނޑިއްޖެއެވެ. އެވަގުތު މަލައިކާގެ ތޫނު ނަޒަރު ވަރުދާއަށް އަމާޒުކޮށްގެން ހުރެ މަޑުމަޑުން، ވަރުދާ ހުރި ދިމާލަށް އަންނަން ފެށިއެވެ. ވަރުދާ ހުރީ އެ ލޮލުގައިވި ތޫނުކަމެއްގެ ސަބަބުން މަލައިކާއާއި ދިމާލަށް ބަލަން ނުކެރި އިސްޖެހިފައެވެ.

 

“އިންސާނުންނަށް ނަފްރަތު ކުރަމެއް ނޫންތަ؟ ވަރުދާ.” މަލައިކާގެ އަޑު އިވުމާއެކު ވަރުދާ އެ ހުރި ގޮތަށް ހުރެ ބޯ ޖަހައިލިއެވެ. “އެހެންކަމަށް ވަންޏާ އިންސާނުންނާ އެއް ދަރަޖައަކަށް ވެއްޓެން ނޫޅޭ.” އަޑު އިވުނު ބަސްތައް ޤަބޫލުކުރަން ދަތިވުމާއެކު ވަރުދާއަށް މަލައިކާއާއި ދިމާލަށް ބަލައިލެވުނެވެ. އޭރު އެއްވެސް އަސަރެއް ނެތް ގޮތަކަށް މަލައިކާ ހިނިތުންވެލައިގެން ހުއްޓެވެ. “ހުރިހާ އިންސިން އެއްގޮތެއް ނުވާނެ. އެކަމަކު ވަރުދާގެ ވިސްނުން ތި ހުންނަނީ ގިނަ އިންސީންގެ ވިސްނުން ހުންނަ ފަދައިން. އަހަރެންގެ އަތުން ގޯހެއް ނުހެދިކަން އެއީ ވަރުދާގެ ނަސީބު… އަހަންނަކީ ކާކުކަން އަދި ވަރުދާއަށް ނޭނގެނީ.” ބުނާނެ އެއްޗެއް ނޭނގިފައި މަލައިކާ އަށް ބަލަހައްޓައިގެން ވަރުދާއަށް ހުރެވުނެވެ. މަލައިކާ ދައްކާ ވާހަކަތައް ވަރުދާގެ ސިކުނޑީގައި ހަރުލަމުން ދިޔައިރުވެސް މެއެވެ.

 

“އަހަރެން އެހެން ޖިންނީންނަށް ވުރެ ބާރުގަދަވުމަކުން އަހަރެން އެކަމާ ފަހުރުވެރިވެ، ބޮޑާވެގަނެގެން ނޫޅެން. ބޭކާރު ގޮތުގަ އަހަރެންގެ ބާރުތައް ބޭނުމެއް ނުކުރަން. މިހާރު މި ވަގުތު ވެސް މަށަށް މަގޭ އެކުވެރިޔާއާ އޭނަގެ އާއިލާއަށް މަގޭ ބާރުގެ ބޭނުންކޮށްގެން އެހީވެވިދާނެ.. އެކަމަކު އެއީ އަދި އެންމެ ރަނގަޅު ގޮތް ކަމަކަށް އަހަރެންގެ ހިތެއް ނުބުނޭ. އަހަރެން އެގޮތަށް ކަންތައް ކޮށްފިއްޔާ އެމީހުން އަބަދު އަހަންނަށް ބަރޯސާވެގެން ހުރުން އެއީ ވުން ވަރަށް ގާތް ކަމެއް… އަހަރެން މި ދެއްކި ވާހަކަތަކުން ކޮންމެވެސް މިންވަރެއް ވަރުދާއަށް ވިސްނޭނެކަމަށް އަހަރެން މި ބަލަނީ. ދެން ދޭ.” މަލައިކާގެ އެންމެ ފަހުގެ އަމުރު އިވުމުން ވަރުދާ ހުރިތަނަށް ޣައިބު ވެއްޖެއެވެ. މިނެޓްތަކެއް ވަންދެން ފަޒާގެ އެކި ދިމަދިމާ ބަލައިލުމަށް ފަހު މަލައިކާ، ލިއަމްގެ ގެ ކައިރިއަށް ފޭބިއެވެ. މަލައިކާގެ ދިގު އިސްތަށިގަނޑު އަތުން އޮމާން ކޮށްލުމަށްފަހު އެތަނުން ހިނގައިގަންނަން އުޅުނު ވަގުތު މަލައިކާއަށް ބަލަހައްޓައިގެން ހުރި އިންސާނާ ފެނުމުން މަލައިކާ ހުއްޓުން އަރާގޮތްވިއެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

H noora

Level 110 Stories

Reading and writing is my passion. What motivates me more is the comments I get from readers & their support. Lots of love to the readers <3 <3 <3

Other Articles

Previous

މި ލޯތްބާއި ތި ވަޢުދު (12)

Next

ގޮތް ހުސްވެފައި ހުރީމޭ..23

Next
June 14, 2026

ގޮތް ހުސްވެފައި ހުރީމޭ..23

Previews
June 14, 2026

މި ލޯތްބާއި ތި ވަޢުދު (12)

2 Comments!

  1. Exxo says:
    June 14, 2026 at 2:17 pm

    Nice

    1. H noora says:
      June 14, 2026 at 3:50 pm

      🙂 <3

Comments are closed.

Next Episodeޒާޔާ – 2 (ތިންވަނަ ބައި)←


All Right Reserved!