ޒާޔާ – 2 (ތިންވަނަ ބައި)
“އަހަރެން އެހެން ޖިންނީންނަށް ވުރެ ބާރުގަދަވުމަކުން އަހަރެން އެކަމާ ފަހުރުވެރިވެ، ބޮޑާވެގަނެގެން ނޫޅެން. ބޭކާރު ގޮތުގަ އަހަރެންގެ ބާރުތައް ބޭނުމެއް ނުކުރަން. މިހާރު މި ވަގުތު ވެސް މަށަށް މަގޭ އެކުވެރިޔާއާ އޭނަގެ އާއިލާއަށް މަގޭ ބާރުގެ ބޭނުންކޮށްގެން އެހީވެވިދާނެ.. އެކަމަކު އެއީ އަދި އެންމެ ރަނގަޅު ގޮތް ކަމަކަށް އަހަރެންގެ ހިތެއް ނުބުނޭ. އަހަރެން އެގޮތަށް ކަންތައް ކޮށްފިއްޔާ އެމީހުން އަބަދު އަހަންނަށް ބަރޯސާވެގެން ހުރުން އެއީ ވުން ވަރަށް ގާތް ކަމެއް… އަހަރެން މި ދެއްކި ވާހަކަތަކުން ކޮންމެވެސް މިންވަރެއް ވަރުދާއަށް ވިސްނޭނެކަމަށް އަހަރެން މި ބަލަނީ. ދެން ދޭ.” މަލައިކާގެ އެންމެ ފަހުގެ އަމުރު އިވުމުން ވަރުދާ ހުރިތަނަށް ޣައިބު ވެއްޖެއެވެ. މިނެޓްތަކެއް ވަންދެން ފަޒާގެ އެކި ދިމަދިމާ ބަލައިލުމަށް ފަހު މަލައިކާ، ލިއަމްގެ ގެ ކައިރިއަށް ފޭބިއެވެ. މަލައިކާގެ ދިގު އިސްތަށިގަނޑު އަތުން އޮމާން ކޮށްލުމަށްފަހު އެތަނުން ހިނގައިގަންނަން އުޅުނު ވަގުތު މަލައިކާއަށް ބަލަހައްޓައިގެން ހުރި އިންސާނާ ފެނުމުން މަލައިކާ ހުއްޓުން އަރާގޮތްވިއެވެ.
ފަތިސްވާން ގާތްވެފައިވި ވަގުތު ޒާޔާ ދޮރުމައްޗަށް ނުކުމެލީ އެ ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭތޯއެވެ. އެކި އެކި ވިސްނުންތަކުން ހިޞާރުވެފައިވި އެ ސިކުނޑިން ވިސްނުންތައް ބޭރުވޭތޯއެވެ. އެހެންނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި ޒާޔާއަށް ގެއްލުނު އެކުވެރިޔާ ފެނުމުން ހުއްޓުން އަރާގޮތްވިއެވެ. މަލައިކާ ހުއްޓުން އެރިގޮތް ވެސް ޒާޔާއަށް ފެނުނެވެ. އެހެންނަމަވެސް، މަލައިކާގެ ދެ ލޮލުން ޒާޔާއަށް ބަލަން ހުރި ގޮތުން ޒާޔާގެ ހިތް ބިރުގަންނަން ފެށިއެވެ. އުދާސް ކަމަކުން އިންސާނާ ވަށާލައިފިހެން ޒާޔާއަށް ހީވި ހިނދު އެ ރީތި މޫނުމަތިން މުތީތަކެއް ފަދައިން ދާތިކިތައް ފާޅުވާން ފަށައިފިއެވެ.
އެންމެ ސިކުންތުކޮޅަކަށް ވެސް ކަޅިޖަހައިލުމެއް ނެތި އެ ހުރިގޮތަށް ހުރި މަލައިކާ ދިޔައީ އޭނާގެ ވިސްނުން ތޫނު ސިކުނޑިން ޒާޔާއަށް ވަމުންދާ ގޮތްތައް ދެނެގަންނަމުންނެވެ. ޒާޔާއަށް ފެނިދާނެކަމަށް ދުރާލާ ވިސްނިފައި ނުވުމުން މަލައިކާ ވެސް ޒާޔާ ފެނުމާއެކުހެން ހުއްޓުން އެރީއެވެ. ޒާޔާ ބިރުން ހުރި ވަރު އިޙުސާސް ވުމުން މަލައިކާ ޒާޔާއަށް ފަސްދިނެވެ. ހުރިތަނަށް ޣައިބުވާން ހިތް ބުންޏެއްކަމަކު އޭގެ ދެވަނަ ސިކުންތުގައި މަލައިކާގެ ޚިޔާލު ބަދަލުވިއެވެ. ޒާޔާ ކައިރިއަށް ދާން ހިތަށް އެރިޔަސް ޒާޔާ މަލައިކާއަށް ނަފްރަތުކުރާނެހެން ހީވުމުން އެ ޚިޔާލު ވެސް މަލައިކާ ދޫކޮށްލީއެވެ. މަލައިކާ ބޭނުން ނަމަ މިހާރު ވެސް މަލައިކާއަށް ޒާޔާ ކުރިމައްޗަށް ދެވުނީހެވެ. އެހެންނަމަވެސް މަލައިކާ އޭނާގެ އަމިއްލަ އެދުމަށް ވުރެ ބޮޑަށް ޒާޔާގެ ޙާލަތާ، އިހުސާސްތަކާމެދު ވިސްނައެވެ.
ޒާޔާ ފިޔަވައި އިތުރު އިންސާނެއްގެ ހިލަން ވުމުން މަލައިކާ އެ ހުރިތަނަށް ޣައިބު ވެއްޖެއެވެ. އެހެންނަމަވެސް، އެއީ ހަމައެކަނި އެންމެ އިންސާނެއްގެ ލޮލަށް އޭނާ ފެންނާނެ ފަދައިންނެވެ.
“މަންމަ ކިހިނެތް ވެފަ؟” އެ އިވުނީ ލާއިމްގެ އަޑެވެ. ލާއިމްގެ އަޑު މަލައިކާގެ ކަންފަތުގައި ޖެހުމާއެކު މަލައިކާ އެ ދިމާލަށް ބަލައިލިއެވެ. ވަގުތުން މަލައިކާގެ ހިތުގައި ލާއިމަށް ޓަކައި ރަޙުމް އުފެދުނެވެ. ލާއިމްގެ މޫނުމަތިން ވެސް ޒަމްލާއާއި ވައްތަރުގޮތެއް ހުރިކަން މަލައިކާ އަށް ފާހަގަކުރެވުނެވެ.
“މަންމަ ބިރެއް ނުގަނޭތަ އެކަނި ހުންނަން؟” ޒާޔާގެ ޖަވާބެއް ނުލިބުމުން އަނެއްކާވެސް ލާއިމް ސުވާލު ކުރިއެވެ. “މަންމަ އެކަންޏެއް ނޫން މިހުރީ.” ޒާޔާ ކިތަންމެ މަޑުން އެހެން ބުންޏެއްކަމަކު މަލައިކާއަށް ޒާޔާ އެ ބުނި ޖުމްލަ ސާފުކޮށް އަޑު އިވުނެވެ. އެވަގުތު މަލައިކާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ޒާޔާ އޭނާއަށް ނަފްރަތުނުކުރާކަން ކޮންމެވެސް ވަރަކަށް ޔަގީންވީތީއެވެ.
“ދަރިފުޅު ތި އައީނު މަންމަ ކައިރިއަށް. ދޯ. އެހެންމަ މަންމަ ބިރެއް ނުގަންނާނެއްނު.” ލުއި ހިނިތުންވުމަކާއެކު ޒާޔާ ލާއިމްގެ ބޮލުގައި ފިރުމައިލިއެވެ. “ހްމްމް. އޭރުން މަންމަ އަހަންނަށް ބުނެދީބަ، މަންމަ މިތާ ހުންނަތާ ކިހާއިރެއް ވެއްޖެތޯ..” ޒާޔާ ކައިރިއަށް ޖެހިލައި ޒާޔާގެ ކޮނޑުގައި އަތް އަޅައިލަމުން ލާއިމް އެހިއެވެ. “ކުޑައިރުކޮޅެއް… ތިއެއް ނޫން. ދަރިފުޅު ނުނިދާ ތިއުޅެނީ؟”
“ނުނިދާތަ މިއުޅެނީ؟ ހޭލައޭ މިއުޅެނީ މަންމާ.”
“ލާއިމްމް…”
“މަންމާ.”
“ލާއިމް.”
“ޒްޒް.. އައު.. ސޮރީ މަންމާ.. ހަހަހ..” ޒާޔާ ލާއިމްގެ ކަންފަތުގައި ހިފުމުން ލާއިމް ކައިރިއަށް ހިނިއަންނަން ފެށިއެވެ. މަންމަ ރުޅި އެރުވުމަކީ ލާއިމް އެންމެ ކުރާހިތްވާ ކަންތައް ފަދައެވެ. ލާއިމް ހޭން ފެށުމުން ޒާޔާ ރުޅިއަންނަ ކަމަށް ހެދިގެން ހުއްޓަސް، ޒާޔާއަށް ހޭން ފެށުނެވެ. ދުރުގައި ދެމައިން ޖަހާ ސަކަރާތް ބަލަން މަލައިކާ ހުއްޓެވެ. ދެމައިންގެ ދެމެދުގައި އޮތް ލޯތްބާއި ވަރުގަދަ ގުޅުން މަލައިކާއަށް އިޙުސާސް ކުރެވެމުން ދިޔަ ވަރަކަށް އޭނާއަށް ލިބޭ އުފާވެރިކަން އިތުރުވަމުންދާ ފަދައެވެ.
“މަންމަ ރުޅިއަރުވާލެވުނީމަ އަހަރެން ހާދަ އުފާވެއޭ.” ލާއިމް އެހެން ބުނުމާއެކު ޒާޔާ ދެލޯ ހަނިކޮށްލަމުން ލާއިމަށް ބަލައިލިއެވެ. ޒާޔާ ބަލައިލި ގޮތުން އަނެއްކާވެސް ލާއިމް އަށް ކުޑަކޮށް ހެވެން ފެށުނެވެ. “ހްމް ދެން ބުނެބަލަ ކީއްވެ ނުނިދާ ތިއުޅެނީ.” ޒާޔާ ބުންޏެވެ. “އަނެއްކާ.. ނުނިދައެއް ނޫނޭ މަންމާ. ހޭލައޭ. ނިދާ ހޭލައިގެނޭ މިއުޅެނީ. އެއަރޕޯޓަށް ދާންވެގެން.” ސުވާލު އުފެދިފައިވި ނަޒަރަކުން ޒާޔާއަށް ލާއިމްއާ ދިމާލަށް ބަލައިލެވުނެވެ. “ކީއްކުރަން؟ ހާދަ އަވަހަށް؟”
“ޝަޒާ އަންނާތީވެ.” ރަކި ހިނިތުންވުމަކާއެކީ ލާއިމް ބުންޏެވެ. “އެހެންތަ. ކުޑައިރުއްސުރެ އެކީގަ އުޅުނު ދެމީހުން ތީ. އެކަމަކު ޝަޒާއޭ ބުނާއިރަށް ދަރިފުޅު ރަކިވާ ސަބަބެއް މަންމައަށް އެއްގޮތަކަށް ވެސް ނުވިސްނޭ.” މަންމަ ސަމާސައެއް ކޮށްލީކަން އެނގުންވީ ހިނދު ލާއިމް އިތުރަށް ރަކިވާގޮތްވިއެވެ. “މަންމަ ދެން ތިކަހަލަ އެއްޗެހި ބުނާކަށް ނުވާނެއްނު.” ނޫންކަމަށް ހެދެމުން ލާއިމް ބުންޏެވެ. އޭރު ޒާޔާ ހުރީ ލާނެތް ހިންޏެއް އައިސްފައެވެ. “ހެހެ. ފަތިސް ނަމާދަށް ގޮވާނެ އިރުކޮޅަކުން. ކާފަ ގޮވައިގެން މިސްކިތަށް ދައްޗޭ. މަންމަ އަތަށް ގެނޭ ދަރިފުޅު ލާން ބޭނުން އެއްޗެހި އިސްތިރިކޮށްދޭނަން.” ލާއިމް ބޯޖަހައިލައިފައި ހިނގައިގަތް ވަގުތު އަނެއްކާވެސް ޒާޔާ ލާއިމް އަށް ގޮވައިލިއެވެ. “ޝަޒާ ގޮވައިގެން އަންނައްޗޭ މިގެއަށް އިނގެ.” އެއްޗެކޭ ނުބުނެ ހިނިތުންވެލައިފައި ލާއިމް އަވަހަށް އެތަނުން ދިޔައީއެވެ. ލާއިމް ދިޔަތަން ބަލަން ހުރުމަށްފަހު ޒާޔާ ގެއިން ބޭރަށް ނަޒަރެއް ދިނެވެ. އެވަގުތު މަލައިކާ އޭނާގެ ލޮލަށް ނުފެނުމުން ދޮރު ލައްޕައިލުމަށްފަހު ބަދިގެއާ ދިމާލަށް ހިނގައިގަތެވެ.
*****************
“އަލްޙަމްދުލިއްﷲ! ހެއްދެވި ފަރާތަށް ޝުކުރު ހުރި.” ޣައިބުވެގެން ހުރި މަލައިކާ ހުރިތަނަށް ފާޅުވަމުން ބުންޏެވެ. އުފަލުގެ ކަރުނަ އެ ދެލޮލުން އޮހޮރުނީ ޒާޔާގެ ޙާލު ރަނގަޅުކަން ޔަޤީނާ ގާތްވުމުންނެވެ. ނަފްސާނީ ގޮތުން ބަލިކަށިވެފައިވިއެއްކަމަކު އެ ބަލީގައި އެ ފަކީރު އެހާ ބޮޑުވަރުނުވާކަން މިއަދު މަލައިކާއަށް ޔަޤީންވެގެން ހިނގައްޖެއެވެ. ޒާޔާ ދިރިއުޅޭ މާޙައުލުގައި ޒާޔާއަށް އެހީތެރިވެދީ އެއްބާރުލުންދޭ ބަޔަކު މަދުން ނަމަވެސް އުޅޭކަން މަލައިކާއަށް އެނގިއްޖެއެވެ. އެކަމުގެ ހެއްކަކަށް މިރޭ މަލައިކާއަށް ފެނުނު މަންޒަރު ފުދެއެވެ.
މަލައިކާގެ ދެލޮލުން ކަރުނަ ފުހެލި ވަގުތު ފަތިސް ނަމާދުގެ ބަންގީގެ ރިވެތި ކަލިމަތައް އިވެން ފެށިއެވެ. “ޒާޔާ! އަދި އަންނާނަން. ކުރީގަ އުޅުނު އުފާވެރި ދިރިއުޅުން ޒާޔާއަށް ހޯދަދެވޭތޯ އަހަރެން މަސައްކަތްކޮށްދޭނަން.” އަމިއްލަ ނަފްސަށް އިވޭވަރަށް މަލައިކާ ބުންޏެވެ. ގޭގެ ވަށައިގެން އިތުރު މަޚްލޫޤެއް ނޫޅޭކަން ކަށަވަރުކުރުމަށް ފަހު މަލައިކާ ހުރި ތަނަށް ޣައިބުވެއްޖެއެވެ.
**********************
އާ ދުވަހަކަށް މަރުޙަބާ ކިޔުމަށް ޓަކައި އިރު އޭގެ އެންމެ ހޫނު މިނުގައި ފެނުން ތޮޅިލައިފިއެވެ. ފަތިސް ވަގުތު އެ އިޙުސާސް ކުރެވޭ ފިނިކަމާ އަރާމުކަން، ދެން މިއަދު އިޙުސާސްކޮށްލުމުގެ ފުރުސަތު ގެއްލި ހިނގައްޖެކަން އެ މަންޒަރުން ބުނެދޭ ފަދައެވެ.
އިރުއަރަމުން ދިޔަ ރީތި މަންޒަރު ބަލަން ‘ސީވިއު’ ކެފޭ ކައިރީ ލާއިމް އާއި އޭނާގެ އެކުވެރިއަކު ތިއްބެވެ. ދެމީހުންގެ އަތުގައި ކޮފީ ދަޅެއް އޮތް އިރު އެ ހިސާބުގައި ކޮފީގެ މީރުވަސް ހަރުލާފައި ހުއްޓެވެ. “ބްރޯ ޑިއުޓީ އޮތީތަ މިއަދު؟” ލާއިމްއަށް ނަޒަރެއް ދެމުން މާޒް އަހައިލިއެވެ. “ނޫން. އޮފް.” ލާއިމް ބުންޏެވެ. “މަށަށް ހީވެއްޖޭ… ތި އިން ގޮތުންވެސް. ކަލޭ ނުނުކުންނާނެ ކޮފީ ދަޅެއް ބޯންވެއްޖޭ ކިޔާފަ މިހާ ހެނދުނާއެއް.” މާޒް ބުންޏެވެ. އެވަގުތު ލާއިމް މާޒް އަށް ބަލައިލިއެވެ. “ޝަޒާ ރާއްޖެ އަންނާތީވެ. އެއަރޕޯޓަށް ދާންވެގެން.”
“ހުވާތަ؟” މާޒްގެ މޫނުމަތީގެ ކުލަވަރު ފެނުމާއެކު ލާއިމް ހޭން ފެށިއެވެ. “ނުހީބަލަ.. މަޑުކޮށްބަލަ.. ޝަޒާ ކިޔަވާ ނިމުނީތަ؟” މާޒް ސުވާލު ކުރިއެވެ. “ކިތަންމެ ދުވަހެއް. ޝީ އިޒް އަ ތެރަޕިސްޓް ނައު.” ލާއިމް ބުންޏެވެ. “ސީރިއަސްކޮށް؟ އެކަމަކު.. ޝަޒާއާ ބަލާފަ ހާދަ އަންޕްރޮފެޝަނަލް އޭ.” މާޒް ބުނި ވާހަކައަކުން ލާއިމްގެ ދެބުމަ ގޮށްޖެހުނެވެ. ސުވާލު އުފެދިފައި އިންހެން ލާއިމް ބަލަން އިނުމުން މާޒް ބުނަން އުޅޭ ވާހަކަ އިތުރަށް ތަފްސީލުކޮށްދިނެވެ. “މިބުނީ.. ޝީ އިޒް ބްރިލިއަންޓް. އަހަރުން ކިޔަވަން އުޅުނު އިރުވެސް ޝަޒާ އެއްވަނަ ގެންނާނީ ކޮންމެ އަހަރަކު. ކިޔެވުމުގަ ޝީ އިޒް އަ ސްޓަރ. އެކަމަކު.. މޮޔައިން ބެލެހެއްޓުން ކަހަލަ ވަޒީފާއެއް ނޫންތަ ތެރަޕިސްޓުން އަދާކުރަން ޖެހެނީ.. ޝަޒާއާ އެއްގޮތަކަށް ވެސް ނުގުޅޭ.”
މާޒްގެ ވާހަކަތައް އިވެމުން ދިޔަ ވަރަކަށް ލާއިމްގެ ހިތަށް އުނދަގޫވަމުން ދިޔައެވެ. އިސް ޖަހައިލައިގެން އިނދެ މާޒް ދައްކާ ވާހަކަތަކަށް ބޯ ޖަހަމުން ދިޔައީ ލާއިމްގެ މޫނުމަތިން އޭނައަށް އުނދަގޫވާކަން މާޒް އަށް އެނގިދާނެތީއެވެ. ކުޑަ ހިނދުކޮޅަކަށް ލާއިމަށް ހީވީ އެއީ އޭނާގެ މަންމައާ ދިމާލަށް ނުސީދާކޮށް މާޒް ބުނެލި ވާހަކައެއްހެނެވެ. “ކިހިނެތް ވެފަ؟ ނުރަނގަޅު ވާހަކައެއްތަ މި ބުނެވުނީ؟” ލާއިމް އެއްޗެކޭ ނުބުނުމުން މާޒް ސުވާލު ކުރިއެވެ. “މުޅިން ރަނގަޅު ވާހަކައެއް ނޫން… އޭތް. މަ ނައްޓާލީއޭ.” ލާއިމް ހިނިތުންވެލަމުން މާޒްއާ އަތާއަތް ޖަހާ ސަލާންކޮށްލުމަށް ފަހު އެތަނުން ދާން ހިނގައިގަތެވެ.
***************
“ކޮބާ ޒަމްލާ؟” ފުލުސް ޔުނީފޯމު އަޅައިގެން ކޮޓަރިން ނުކުތް އިޒްވާ އެހިއެވެ. “މޭމް. އަދި ޒަމްލާ ނުހޭލާ ކަންނޭނގެ.” ސިޓިންގް ރޫމް ސާފުކުރަން ހުރި އަމާނާ ބުންޏެވެ. އަމާނާ އަށް އިތުރަށް އެއްޗެއް ބުނުމުގެ ފުރުސަތެއް ނުދީ އިޒްވާ ދިޔައީ ޒަމްލާގެ ކޮޓަރިއާ ދިމާލަށެވެ.
ބާރު އަޑުތަކެއް އިވޭހެން ހީވެ ނިދިފައި އޮތް ޒަމްލާއަށް ފުންމައިގެން ތެދުވެވުނެވެ. ހަމަ އެ ސިކުންތުގައި އެ ހިތް ބިރުން ރޫރޫ އަޅަން ފެށިއެވެ. ކޮޓަރިން ބޭރުން އިޒްވާ އޭނާއަށް ގޮވާ އަޑު އިވެން ފެށުމުން ތެޅިތެޅި އޮތް ހިތަކާއެކީ އަވަސްއަވަހަށް ތެދުވެގެން ގޮސް ކޮޓަރި ދޮރު ހުޅުވައިލިއެވެ. ހަމަ އެ ހިނދު އިޒްވާ ކޮޓަރިން އެތެރެއަށް ވަންނަމުން ތަންކޮޅެއް ބާރަށް ދޮރު ލައްޕައިލިއެވެ. އެ އަޑަށް ޒަމްލާ ސިހުނެއް ކަމަކު އޭނާ ހުރީ އިޒްވާއާ ދިމާލަށް ބަލައިލަން ނުކެރި އިސްޖެހިފައެވެ.
“ކަލޭ ކިހިނެތް އުޅޭނަމޭ ހިތާ ތިއުޅެނީ؟ ކާކަށް ދެއްކެންވެގެން އުޅޭހާ ގޮތްތަކެއް ތީ؟ ކޮން ބައެއްގެ ސަމާލުކަން ހޯދަން އުޅޭހާ އުޅުމެއް؟” ޒަމްލާގެ ޙާލާމެދު ވިސްނާލުމެއްނެތި އިޒްވާ ހިތުހުރި އެއްޗެއް ޒަމްލާއާ ދިމާލަށް ގޮވަން ފެށިއެވެ. ހިތް ބިރުގަނެފައިވި ޒަމްލާ އެއްވެސް އެއްޗެކޭ ނުބުނެ ހުރިގޮތަށް ހުރީއެވެ. “ކޮންހާ ވައްތަރުތަކެއް ޖައްސާކަށްތަ؟ ކިހާ ދުވަހެއް މިވީ ކަލޭ މި ގޭގަ އަހަރެން ގެންގުޅޭތާ؟ ކަލެއަށް ބޭނުންވާ ހުރިހާ އެއްޗެއް އެބަ ހޯދަދެން ދޯ އަހަރެން… ގޭތެރެއަކަށް ނުކުންނަނީކީ ނޫން. މީހަކާ ވާހަކަ ދައްކަނީކީ އެއް ނޫން.. ކާއެއްޗެއް ކެވޭކަމަކަށް ހަދަނީއެއް ނޫން.. މީހުންގެ ސަމާލުކަން ހޯދަން ވެގެން؟ އޭން..”
އިޒްވާ ގޮވަމުން ދިޔަހާ އެއްޗެއް ޒަމްލާގެ ކަންފަތުގައި ހަރުލަމުން ދިޔަ ވަރަކަށް އެ ދެލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ. އެވަރުން ވެސް ޒަމްލާގެ ދެލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓުނަކަ ނުދިނެވެ. ކަރުނަތައް ހިންދާލަން ޒަމްލާ އެ ވަގުތުކޮޅު ވަރަށް މަސައްކަތް ކުރިއެވެ.
“ތި އުމުރުގެ އެކަކުވެސް ނޫޅޭނެ ތިހެނެއް.. ބުނަން ޒަމްލާ. މަގޭ ބޮލަށް ވަރަށް ތުރާވޭ އިނގެ ކަލޭގެ ކަންތައް ތި ހުންނަ ގޮތުން. މިގޭ ތެރޭގަ ކަލޭގެ ވާހަކަ އެކަކު ވެސް ނުދައްކާ ދުވަހެއް މަދުވާނެ.. އެހެންނު ވާނީ. އެންމެންނަށް ދެއްކެން ވައްތަރު ވައްތަރަށް އުޅެންޏާ.. މަންމައެއް ބައްޕައެއް ނެތެއްކަމަކު ތިހާ ޅަ ވެގެން އުޅޭކަށް ނުޖެހޭ.”
އިޒްވާގެ ހިތް ފުރުނު ކަހަލައެވެ. އޮފީހަށްދާ ގަޑި ޖެހެން ކައިރިވެއްޖެހެން ހީވުމުން އިޒްވާ އެ ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ދޮރު ލެއްޕުނު އަޑާއެކު ޒަމްލާ ސިހިގެން ދިޔައެވެ. ހަމަ އެ ފަޅި ސިކުންތު ތެރޭ ޒަމްލާ ހިންދާލައިގެން ހުރި ކަރުނަތައް އެއްވެސް އިޚްތިޔާރަކާ ނުލައި އެ ދެލޮލުން އޮހޮރެން ފަށައިފިއެވެ. ހިތުގައި ޖެހުނު ވަރުން މޭމަތީގައި ދެއަތް އަޅައިލަމުން ޒަމްލާއަށް ރޮވެން ފެށުނެވެ.
***************
“ދަރިފުޅު ވީ ތަނެއްގަ ހެޔޮ ޙާލުގަ ވައްޗޭ.” ދެލޮލުން އޮހޮރުނު ކަރުނަތައް ފުހެލުމަށް ފަހު ޒާޔާ އަމިއްލަ ނަފްސަށް އިވޭވަރަށް ބުންޏެވެ. އޭރު ޒާޔާގެ އަތުގައި އޮތް ފޯނުގެ ސްކްރީނުން ޒަމްލާގެ ކުޑައިރުގެ ފޮޓޯއެއް އެޅުވިފައި ހުއްޓެވެ. “ދަރިފުޅު ހޯދަން މަންމަ ނުކުރަނީ ކޮން ކަމެއް. ދަރިފުޅުގެ ބައްޕަ ގެއްލުނު ފަހުން މަންމަ ވަރަށް އެކަނިވެއްޖެ ދަރިފުޅާ.. މަންމަ ކުރި ހުރިހާ އުންމީދެއް ގެއްލިއްޖެ. މަންމަ ކިހިނެތް ދެން ހަދާނީ.” ފަހު ޖުމްލަ ބުނެވުމާއެކު ޒާޔާ މޫނުގައި އަތްއަޅައިލުމާއެކު އޭނާއަށް ރޮވިއްޖެއެވެ.
***************
އިންސާނާ އޭނާގެ އަމިއްލަ އެދުން އިސްނުކުރަންވީ މި ސަބަބުތަކަށް ޓަކައެވެ. އަނެކާއާ މެދު ވިސްނާލުމެއް ނެތި ހަމައެކަނި ތިމާ މީހާގެ ފައިދާއާމެދު ނުވިސްނަންވީ މި ސަބަބުތަކަށް ޓަކައެވެ. އެކަކު އަނެކަކާ ޙަސަދަވެރި ނުވާންވީ ވެސް މި ސަބަބުތަކަށް ޓަކައެވެ. ޙަސަދައިން ފޯވެފައިވި އިންސާނަކަށް ވަގުތީ ގޮތުން އޭނާ ބޭނުން ހުރިހާ ކަމެއް ޙާސިލުވެދާނެއެވެ. އެކަމަކު އަނެކާއަށް އެ ލިބެނީ ކިހާ ބޮޑު ގެއްލުމެއް ހެއްޔެވެ؟ އުމުރަށް ހިތާމަކުރަން ޖެހި، ދިރިއުޅުން ހަލާކުވެ، ގިނަ ޙާލަތުތަކުގައި މީހެއްގެ ޙަސަދައިގެ ޝިކާރަ ކަމުގައިވި ބަލިކަށި އިންސާނާ ދުނިޔެ ދޫކުރާ ފަހަރުވެސް އާދެއެވެ.
***************
“މަންމާ! އާދެބަލަ. މި އައީ ޝަޒާ ގޮވައިގެން.” ލާއިމްގެ އަޑު ކަންފަތުގައި ޖެހުމާއެކު ޒާޔާ އަވަސްއަވަހަށް ކަރުނަތައް ފުހެލިއެވެ. އަދި ރީތިކޮށް މޫނު ދޮވެލައި ބުރުގާ އަޅައިލުމަށްފަހު ކޮޓަރިން ނުކުތެވެ.
“ޒާޔާ!” ސިޓިންގްރޫމުގައި އިން ހަސްނައިންއަށް ޒާޔާ ފެނުމާއެކުހެން ސޯފާއިން ތެދުވެލެވުނެވެ. ދެމީހުންގެ އެކުވެރިކަމަށް ޒަމާންތަކެއް ވޭތުވުމަށް ފަހު ޒާޔާގެ ކިބައިން ފެންނަމުން ދިޔަ ބަދަލުތައް ހަސްނައިންއަށް ފާހަގަކުރެވުނެވެ. ހިނިތުންވެލައިގެން ހުއްޓެއްކަމަކު އެ މޫނުމަތިން ހަޤީޤީ އުފާވެރިކަމެއް ހަސްނައިންއަކަށް ނުފެނުނެވެ.
ލާއިމްއަށް ނަޒަރެއް ދެމުން ޒާޔާ ދިޔައީ ޝަޒާ ގާތަށެވެ. “ޒާޔާ ދައްތަ. ކިހިނެތްތަ؟” ފުރިހަމަ ހިނިތުންވުމަކާއެކީ ޝަޒާ ސުވާލުކުރިއެވެ. “ރަނގަޅު… ހަސްނައިންއާ ހާދަ ވައްތަރޭ ދޯ.” ޒާޔާ ބުންޏެވެ. އެވަގުތު ލާއިމް ހިނިތުންވެލިއެވެ. “އްމްމ.. އެންމެން ވެސް ބުނާނެ ބައްޕައާ ވައްތަރު ވާހަކަ.. ދޯ ބައްޕާ.” ޝަޒާ ބުނި ވާހަކައަށް ހަސްނައިން ބޯ ޖަހައިލިއެވެ.
“ކޮން ކުދިންތަކެއްގެ އަޑެއް މި އިވެނީ؟” ނިހާންގެ އަޑު އިވުމާއެކު އެންމެން ވެސް ނިހާނަށް ބަލައިލިއެވެ. ނިހާނަށް ކޮޅަށް ހުންނަން އުނދަގޫކަން ނަގައިގަނެވުމުން ހަސްނައިން ނިހާން ގާތަށް ގޮސް ނިހާންގެ އަތުގައި ހިފަހައްޓައިލިއެވެ. އަދި ނިހާން ގޮވައިގެން އައިސް ސޯފާގައި އިށީނުމަށް އެހީވެދިނެވެ. “ޝަޒާ. އައިސްބަލަ ކާފަ ގާތަށް.. ކުޑައިރު ކާފަވެގެން އުޅެފަ މިހާރު ކާފަ ފެނުނީމަ ގޮވާ ވެސް ނުލާނެ ދޯ.” ޝަޒާ ރަކިވެގެން އިސްޖަހައިލިއެވެ. ޙަޤީޤަތުގައި ކާފައޭ ކިޔާފައި ނިހާންއަށް މުޚާތަބުކުރަން މިހާރު ޝަޒާ ފަސްޖެހެނީއެވެ.
“ތެދެއް ދަރިފުޅާ. އެއީވެސް ހަމަ ކާފައެކޭ. ދުރުބައެއް ނޫނޭ މީ އިނގެ. ހަމަ ފެމެލީ.” ހަސްނައިން އެހެން ބުނުމުން ޝަޒާ ލަދުން އިނދެ ވެސް ކާފާއޭ ކިޔާފައި ނިހާންއަށް ގޮވައިލިއެވެ. ޝަޒާ ލަދުން އިނުމުން އެންމެނަށް ވެސް އެއްފަހަރާ ހޭން ފެށުނެވެ. “ޝަޒާމެނަށް ސައިދޭން އުޅޭ ދަރިފުޅާ.” ޒާޔާއަށް ހެނދުނު ސައި ނުހެދޭކަން ހަނދާންވީ ދެނެވެ. މަންމަގެ މޫނުމައްޗަށް އެރި ކުލަވަރުތައް ފެނި ވެގެން އުޅޭގޮތް ލާއިމް އަށް ވަގުތުން އެނގިއްޖެއެވެ. “މިއަދު ބޭރަށް ސައިބޯން ދާނީ އެންމެން. ޒާބެ ސައިދޭނަމޭ ބުނި… އެބަ އަންނަން އިނގެ.”
“ހަލޯ. ޒާބޭ..”
“ކީކޭ”
“އޭ ޒާބެ އަންނައްޗެ ސައިބޯން މިގޭ ކައިރި ކެފޭއަށް. ޒާބެ ސައިދޭން ޖެހޭނީ.”
“އެޔޯ؟ ތިހެން ކުއްލިއަކަށް ސައެއް ނުދެވޭނެ.”
“އެހެނެއް ނޫނޭ. މިއަދު ޝަޒާމެން އައިސް އެބައުޅެ.. އަހަންނަށް ހީނުވެ މަންމަ މިއަދު ރަނގަޅުހެނެއް.. ކުޑަކޮށް ސަކަރާތްކޮށް ކަންނޭނގެ.. މަންމަ ސައި ނުހަދަ މިއަދު.”
“މްމްހްމް.. މަންމަ ހަނދާން ނެތޭނީ ތި.. ލާއިމް ދޭ އެންމެން ގޮވައިގެން. ޒާބެ ދެވޭތޯ ބަލާނަން. ނުދެވެންޏާ ރުފިޔާ ފޮނުވާނަން.. މަންމައަށް ބަލާތި.”
****************
ޝަޒާއަކީ ހަސްނައިންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. ދަރިފުޅު ވިހެއުމުގެ ވޭންވަރުގައި ދަރިފުޅުގެ މަންމަ، ހަސްނައިންގެ އަންހެނުން ވަނީ ނިޔާވެފައެވެ. އެދުވަސްވަރަކީ ހަސްނައިންގެ ދިރިއުޅުމަށް އެތައް ގޮންޖެހުންތަކެއް ކުރިމަތިވި ދުވަސްވަރެކެވެ. ނަފްސާނީ ގޮތުން މީޙާ ބަލިކަށިކުރުވި ދުވަސްވަރެކެވެ. އެހެންނަމަވެސް ހަސްނައިންގެ ގާތުގައި ތިބި އެތައް ބައެއްގެ ލޯބި ހަސްނައިންއާއި އޭނާގެ އަންހެން ދަރިފުޅަށް ލިބެމުން ދިޔައެވެ. ޝަޒާގެ ފުރާވަރު ދުވަސްތަކާ ޖެހެންދެން އަމިއްލަ ދަރިއެއް ފަދައިން ޒާޔާ، ޝަޒާ ބަލަހައްޓައިދިނެވެ. ޒާޔާއަށް ދަރިން ލިބުމަށް ފަހު ވެސް ޝަޒާއަށް ތަފާތުކުރުމެއްނެތި ޝަޒާއަށް ބޭނުންވާނެ ހުރިހާ ކަމެއް ލޯތްބާއެކު ކޮށްދިނެވެ. އަދާ ހަމައަށް ވެސް ޒާޔާގެ މި އޯގާތެރިކަމާ ރަނގަޅުކަމަށް ޓަކައި ހަސްނައިން ހިތުގެ އެންމެ ފުންމިނުން ޒާޔާއަށް ޝުކުރުވެރިވެއެވެ.
ހަސްނައިންއަށް ޒާޔާގެ އާއިލާއާ މުޅިން ދުރަށް ދާން ޖެހުނީ ޒާޔާގެ ފިރިމީހާއާއި ދޮށީ އަންހެން ދަރިފުޅު ގެއްލިގެން އުޅުނު ދުވަސްވަރެވެ. އެކުވެރިއެއްގެ ޙައިޞިއްޔަތުން އެކަމުގައި ހަސްނައިންއަށް ވެދެވެން ހުރި އެހީތެރިކަމެއްވިއްޔާ ފޯރުކޮށްދޭން ހަސްނައިން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެއް މަސް ފާއިތުވެގެން ދިޔައިރު އެމީހުންގެ މަސައްކަތަށް އެއްގޮތަކަށް ވެސް ކުރިއެރުމެއް ލިބޭގޮތް ވަނީ ނުވެފައެވެ.
ބަދަލުވެގެން ދިޔަ ޙާލަތާއެކު ޒާޔާގެ އުޅުމަށް ގެނުވި އާދަޔާ ޚިލާފު މަޑުމޮޅިކަން ވެގެން ދިޔައީ ފުރާވަރު އުމުރަށް އެޅިފައި ހުރި ޝަޒާގެ އުޅުމަށް ވެސް ބަދަލުތަކެއް ގެނުވި ކަމަކަށެވެ. ޝަޒާގެ ކިބައިން މި ކަންތައް ހަސްނައިންއަށް ފާހަގަވާން ފެށިތާ މާ ގިނަ ދުވަހެއް ނުވެ ހަސްނައިން ޝަޒާ ގޮވައިގެން ރާއްޖެއިން ބޭރަށް ދިޔައީއެވެ. އެއީ ކޮންމެހެން ހަސްނައިންގެ އެކުވެރިންނަށް އެހީތެރިވެދޭން ބޭނުންނުވީތީ އެއް ނޫނެވެ. އެކަމަކު ހަސްނައިންއާ ޙަވާލުވެފައިވި އަގުހުރި އަމާނާތް ރައްކާތެރި ނުކުރެވިދާނެކަމުގެ ބިރަށް ޓަކައެވެ. އޭނާގެ ދަރިފުޅުގެ ދުޅަހެޔޮ ޞިއްޙަތަށް ޓަކައެވެ. ދަރިފުޅުގެ މުސްތަޤުބަލަށް ޓަކައެވެ.
ހަސްނައިން އޭނާގެ ދަރިފުޅަށް ޓަކައި އެ އެޅި ފިޔަވަޅު ވެގެން ދިޔައީ ދަރިފުޅުގެ މުސްތަޤުބަލް އުޖާލާވެގެން ދިޔަ ކަމަކަށެވެ. މިއަދު ޝަޒާއަކީ ގިނަ ބައެއްގެ ލޯތްބާ އިޚުތިރާމް ލިބިފައިވާ މީހެކެވެ. ޚާއްޞަކޮށް ޝަޒާ ކައިރިއަށް އަންނަ ބަލިމީހުންގެ ހިތުގައި ޝަޒާއަށް ޓަކައި ޚާއްޞަ ލޯތްބެއް ވެއެވެ. ކުރާ މަސައްކަތެއްގައި ހިތްތިރިކަމާ އިޚުލާސްތެރިކަން ވާ ނަމަ މީހުންގެ އިޚުތިރާމާ ޤަދަރު، އެއީ ތިމާއަށް ނުލިބި ނުދާނެ ކަންކަމެވެ.
****************
“ދަރިފުޅު ހަނދާންކޮށް ޒަމްލާގެ ވާހަކަ ޒާޔާދައްތަ ހުންނަ ތަނެއްގަ ނުދައްކައްޗެ.” ޒާޔާގެ އާއިލާއާއެކު ވަގުތު ކޮޅެއް ހޭދަކުރުމަށް ފަހު މެންދުރު ވަގުތު ޝަޒާ ގޮވައިގެން ގެއަށް ދިޔަ މަގުމަތީގައި ހަސްނައިން ބުންޏެވެ. “އައި ނޯ. ބައްޕާ. އެކަމަކު މިހާރު ޒާޔާ ދައްތައަށް ބަލާލާފަ ހީނުވެ ދޯ އެހާ ބަލިހެނެއް.” ޝަޒާ ބުންޏެވެ. “މްމް.. ޒާޔާ ދައްތަ އަށް ވީވަރަކުން ހިތްވަރު ކުރާކަން ބައްޕައަށް އެނގެ. އަނެއްކަ އެ ދެ ކުދިން ވެސް ޒާޔާ ދެކެ އެހާ ލޯބިވާނެ. އިޓްސް ޖަސްޓް.. ލިއަމް އެންޑް ޒަމްލާ.” ތުނބުޅީގައި އަތްފުނާ އަޅައިލަމުން ހަސްނައިން ބުންޏެވެ. އެ އަޑުގައި ހިތާމައިގެ އަސަރު ހުރިކަން ޝަޒާއަށް ފާހަގަކުރެވުނެވެ.
“ބައްޕަ ޖަސްޓް ޓެލް މީ. ހައު މަޗް ދޭ މީން ޓު ޔޫ.” ހަސްނައިންއާއެކު މަގުގެ އެއްފަރާތުގައި މަޑުކޮށްލަމުން ޝަޒާ ބުންޏެވެ. “ދޭ މީންސް އަ ލޮޓް ޓު މީ. މައި ޑޯޓަރ.” ޝަޒާއަށް ބަލައިލަމުން ހަސްނައިން ބުންޏެވެ. އޭރު ބައްޕަގެ ދެލޮލުން ކޮންމެވެސް މިންވަރަކަށް ކަރުނައިގެ އަސަރު ފާޅުވެފައިވިތަން ޝަޒާއަށް ފެނުނެވެ. “ޒާޔާއަކީ ވަރަށް ސްޕެޝަލް މީހެއް. ބައްޕަމެންގެ ޒުވާން ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް. ޝީ އިޒް ސްޕެޝަލް. ޝީ އިޒް ޕްރިޝިއަސް. ވަރަށް ރަނގަޅުވާނެ. އެހާމެ ހިތްހެޔޮ ވާނެ. އަބަދު ވެސް ހުންނާނީ ހިނިތުންވެލައިގެން. ދަރިފުޅަށް ފެންނާނެ ދަރިފުޅުމެން ގޮވައިގެން ޒާޔާ ދައްތަ އުޅުނު ގޮތް. ނޫންތަ.” ހަސްނައިން ދެއްކި ވާހަކަތަކަށް ހިނިތުންވެލަމުން ޝަޒާ އެއްބަސްވިއެވެ.
“ލިއަމް އިޒް ހަރ އެވްރީތިންގް. ލައިކްވައިސް، ޒާޔާ އިޒް ލިއަމްސް އެވްރީތިންގް. އެކަކު އަނެކަކަށް ޓަކައިވި ދެމީހުން ފަދަ. ކިހާ އުފަލާއެކު އުޅުނު ބައެއް އެއީ. ނޯ ސްޓްރެސް ނޯ ޓެންޝަން ނަތިންގް… ޝީ އިޒް ޖަސްޓް ހަރ ފާދަރސް ޕްރިންސެސް. ލިއަމްގެ ކުއީން. ދަރިފުޅަށް މައެއްގެ ފަރާތުން ދޭން ޖެހޭ ލޯތްބާ އަޅާލުން ދިން ހިތްހެޔޮ މީހެއް. ދެން ވިސްނާލަ ދަރިފުޅާ، އެހާ ރަނގަޅު މީހަކަށް މިކަހަލަ ހާލަތެއް ދިމާވީމަ…. ވަރަށް ގަބޫލުކުރަން ދަތި.”
“އާން.. ބައްޕަ. ތެންކިޔު ޝަޒާއަށް ކޮށްދިން ކަންތައް ތަކަށް. ޝަޒާ ވެލިއުބްލް މީހަކަށް ހަދާދިނީތީ.. ބައްޕާ.” ހަސްނައިންގެ އަތުގައި ހިފައިލަމުން ޝަޒާ ބުންޏެވެ. ޝަޒާގެ ބަސްތަކުން ހަސްނައިންގެ ހިތް އެ ދަރިފުޅަށް ޓަކައި ލޯބިން ފުރުނު ކަހަލައެވެ. “ހިނގަ އަވަހަށް ގެއަށް ދާން.” ދަރިފުޅުގެ ބޮލުގައި ފިރުމާލަމުން ހަސްނައިން، އޭނާގެ ދަރިފުޅު ގޮވައިގެން ހިނގައިގަތެވެ.
**************
ހަވީރުގެ ހިތްގައިމު ވަގުތެވެ. ހަވީރުގެ އެ ވަގުތު ޕާކު ތެރެއަށް ކޮންމެވެސް ވަރަކަށް އަވިދީފައި އޮތުމުން ޕާކުގެ ފެހިކަން އިތުރުވެފައިވިހެން ހީވެއެވެ. ފެހި ވިނަ ތަކުގެ ތެރެއަށް އެކި ކުލަކުލަ އުކާލެވިފައިވާހެން މާމެލާމެލިތައް ފޮޅިފައިވިއެވެ. ބިޔަ ގަސްތަކާ ބޮޑެތި މާގަސްތަކުން ޕާކަށް ދިރުން ގެނުވައިފައިވިއެވެ. މާ ބަގީޗާއެއްގައި ކޮކާތައް އުޅޭހެން ތުއްތު ކުދިންތައް އެ ހިތްގައިމު މާޙައުލުގައި ދުވެ އުޅެއެވެ.
ކުދިންތައް ދުވެދުވެފައި އުޅޭ މަންޒަރު ބަލަން އެކުދިންނާ ތަންކޮޅެއް ދުރުގައި ބަހައްޓާފައި ހުރި ބެންޗެއްގައި ޒާމިލް އިނެވެ. އެ މަންޒަރާ ގުޅުވައިގެން، ޒާމިލް އާއި ޒަމްލާ ކުޑައިރު، ޒާޔާ އާއި ލިއަމް ޕާކަށް އައިސް އުޅުނު ހަނދާން އާލާވާ ކޮންމެ ހިނދަކު ޒާމިލްގެ ތުންފަތަށް ހިތި ހިނިތުންވުމެއް ގެނުވައެވެ. އެއީ އުފާވެރި ހަނދާންތަކެއް ނަމަވެސް އެ ހަނދާންތަކާ ގުޅިފައިވި ބައެއް ފަރާތްތައް މިއަދު ޒާމިލްގެ ޙަޔާތުގައި ނެތެވެ.
ބައްޕަގެ ވާހަކަ މާ ގިނައިން ނުދެއްކި ނަމަވެސް ޒާމިލް، އޭނާގެ ބައްޕަ މަތިން އަބަދު ހަނދާން ވެއެވެ. ޒަމްލާގެ މަތިން ވެސް އެހާ ހަނދާންވެއެވެ. ދެބަފައިން މަތިން ހަނދާންވާ ހިނދުކޮޅުތަކުގައި އެ ހިތަށް އުނދަގޫތަކެއް ވެސް އިޙުސާސް ކުރެވެއެވެ. މަންމަގެ ޙާލަތު ހުރި ގޮތުން މިއިން އެއްވެސް ވާހަކައެއް މަންމަގެ ހާޒިރުގައި ނަންގަތުމަށް ޒާމިލް ފަސްޖެހެއެވެ. އެއީ، އާޚިރުގައި މަންމަގެ ޙާލު ގޯސްވެދާނެ ކަމުގެ ބިރަށް ޓަކައެވެ.
ލައިގެން އިން ނޫ ކުލައިގެ ޔުނީފޯމުގައި އަޅުވާފައި އިން ވޯކީޓޯކީ އިން ވާހަކަދައްކަން ފެށުމުން ޒާމިލްގެ ސަމާލުކަން އެއަށް ހުއްޓުނެވެ. އަދި އޭގެން ވާހަކަދެއްކި މީހަކަށް ޖަވާބުދެމުން އެތަނުން ތެދުވެ، ދާން ހިނގައިގަތެވެ.
***************
ފުލުހުންގެ އިދާރާގެ އިންވެސްޓިގޭޝަން ޑިޕާޓްމެންޓްގައި އިޒްވާގެ އިތުރުން، އިތުރު ފުލުހަކާ ތަހުގީގަށް އެ އިދާރާއަށް ހާޒިރުކޮށްފައި ތިބި ދެ މީހަކު ތިއްބެވެ. “މިހާދު. ކޮބާ ތިބުނާ ކުއްޖެއް؟” އިޒްވާ ގާތުގައި ކޮޅަށް ހުރި މިހާދު ކައިރީ ސުވާލު ކުރިއެވެ. “ކަމިންގް އިން އަ ފިއު މިނެޓްސް.. މޭމް.” މިހާދު ބުންޏެވެ. “ތަހުގީގު ކުރުމުގެ ގާބިލުކަން ހުރި ކުއްޖެއްތަ؟ އިތުބާރު ކުރެވޭ ކުއްޖެއްތަަ؟” އިޒްވާ އިތުރަށް ޔަގީން ކުރަން ބޭނުންވިއެވެ. އިޒްވާ އިނީ އޭނާ އަދާކުރަން ޖެހޭ ޒިންމާއިން ރެކެން ބޭނުންވެފައެވެ. އިތުރު މީހެއްގެ ބޮލުގައި އެ ޒިންމާ އެޅުވޭތޯ ބަލަބަލާ ހުއްޓާ އެ ފުރުސަތު ލިބުމުން އޭގެ ބޭނުން ހިފީއެވެ. ނަމަވެސް، ޒިންމާ އެޅުވޭ ފަރާތެއްގެ ސަބަބުން އޭނާއަށް ގެއްލުމެއް ލިބިދާނެ ކަމުގެ ބިރަށް އެ ހުރިހާ ކަމެއް ޔަގީން ކުރަން އިޒްވާ ބޭނުންވެފައިވީއެވެ.
“ޔެސް މޭމް. ގާބިލުކަން ހުރި ވިސްނުން ތޫނު ފަރާތެއް އެއީ. ނިމިދިޔަ ޓްރެއިނިންގް ތަކުގަ އެންމެ ބެސްޓް ޕަރފޯމަންސް ދެއްކި އެއް ފަރާތް އެއީ. މޭމް.. އިފް އައި އޭމް ނޮޓް ރޯންގް.. ފުލުހުންގެ އިދާރާއާއި ސިފައިންގެ އިދާރާގަ ވަރަށް އިޚުތިރާމާ ލޯބި ލިބިފައިވި ދެ މީހެއްގެ ދަރިއެއް އެއީ.” މިހާދު ބުނެލި ވާހަކައަކުން އިޒްވާގެ ސިކުނޑީގެ ދިމާލެއްގައި ޒާޔާއާއި ލިއަމްގެ ނަން ‘ކޮށްޓައިލިއެވެ’. ހަމަ އެ ސިކުންތުގައި އިޒްވާގެ ‘ކެރިއަރ’ ނުބައި މިސްރާބަކަށް އަނބުރާލައިފި ކަމުގެ ރަތް ސިގްނަލް އޭނާއަށް ލިބުނު ކަހަލައެވެ. މޫނުމައްޗަށް ވެރިވި ނުތަނަވަސްކަމުގެ ކުލަވަރު އެތަނުގައި ތިބި އެއްވެސް މީހަކަށް ފެނުމުގެ ކުރިން އިޒްވާ، ހިނިތުންވެލިއެވެ.
ހާސްވެފައި އިން އިޒްވާ ދެފައި ހަލުވާލަ ހަލުވާލައި އިންދާ އެ ތަނުގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. އެތެރެއަށް ވަތް ރީތި، އިސްކޮޅުން ދިގު ޒުވާނާ ފެނި އިޒްވާއަށް އިންތަނުން ކޮޅަށް ތެދުވެވުނެވެ. “ލިއަމް.” ވައި އަޑަކުން އިޒްވާއަށް ބުނެވުނެވެ. އިޒްވާއަށް އެހެން ބުނެވުނީ އޭނާގެ ލޮލަށް ފެންނަން އެ ހުރި ޒުވާނާ ލިއަމްއާ ވައްތަރުވީމައެވެ. ސިފައިންގެ ޔުނީފޯމުގައި އެ ޒުވާނާ ހުރި ނަމަ އަދި ލިއަމްއާ މާ ބޮޑަށް ވެސް ވައްތަރުވާނޭ އިޒްވާގެ ހިތަށް އެރިއެވެ.
“ގުޑް އީވްނިންގް މޭމް. އިޓްސް މައި ފަރސްޓް ޓައިމް މީޓިންގް ޔޫ. ޕްލެޜަރ ޓު މީޓް ޔޫ މޭމް.” ރޫމްގައި ބެހެއްޓިފައިވި މޭޒު ކައިރިއަށް އަންނަމުން ޒާމިލް ބުންޏެވެ. އެތާ ތިބި އެންމެނަށް ވެސް ޒާމިލް ބަލައިލީ ހިނިތުންވުމާ އެކީގައެވެ. ތަހުގީގަށް ގެނެވިފައި ތިބި، ވަކި ކުށަކަށް ތުހުމަތު ކުރެވިފައިވާ ދެ މީހުނަށް ވެސް ޒާމިލް ހަދިޔާކުރީ ހިތްހެޔޮ ހިނިތުން ވުމެކެވެ. ދުވަހަކު ވެސް ނުފެންނަ މަންޒަރެއް ފެނުމުން ހައިރާންވާ ފަދައިން އެ ދެ މީހުން ހައިރާންވެފައި ޒާމިލް އަށް ބަލަން ތިއްބެވެ.
ޒާމިލްގެ އަޑު ޖެހުމުން އިޒްވާގެ ހިތުގައި ނަފްރަތުގެ ހުޅު ރޯވާކަށް މާ ގިނައިރެއް ނުނެގިއެވެ. އެ ކުޑަކުޑަ ވަގުތުކޮޅު ވެސް ޒާމިލްގެ ކިބައިން އިޒްވާއަށް ފެނުނީ ޒާޔާގެ ފަރާތުން ފެންނާނެ ސިފަތަކެވެ. އަދި ލިއަމް ގެ ސޫރައެވެ. ޒަމްލާގެ ސޫރައެވެ.
“ޒާމިލް.” ހިތުގައިވި ރުޅިވެރިކަން ފޮރުވަމުން، ޒާމިލްގެ ޔުނީފޯމުން ފެންނަން އިން ޓެގްކޮޅުގައިވި ނަން އިޒްވާ ކިޔައިލިއެވެ. “ޔެސް މޭމް. ޒާމިލް ބިން ލިއަމް އިބްރާހީމް.” އެ ނަން އަޑު އިވުމާއެކު އިޒްވާގެ ކަތުރުކަށިގަނޑަށް ބާރުވެގެން ދިޔައެވެ. އެ މަންޒަރު ޒާމިލްއަށް ރީތިކޮށް ފެނުނެވެ. ހިތުގައި ސުވާލު އުފެދިފައި ވިޔަސް ޒާމިލް ހިނިތުންވެލައިގެން ހުރީއެވެ. އޭނާއަށް ވުރެ ބޮޑު މީހަކަށް އިޚުތިރާމް ކުރުމުގެ ގޮތުންނެވެ.
“މިހާދު. ތަހުގީގު ކުރިއަށް ގެންދޭ އިނގެ.” އިޒްވާ އެހެން ބުނެ ޒާމިލް އަށް ބަލައިލުމެއް ނެތި އަވަހަށް އެތަނުން ނުކުމެގެން ދިޔައީއެވެ. އިޒްވާގެ ފަރާތުން އެ ފެނުނު ކަންތައްތަކުން މިހާދު ވެސް ހުރީ ސުވާލު އުފެދިފައެވެ. އެހެން ނަމަވެސް އަދާކުރަން ޖެހިފައިވާ ޒިންމާއެއް އެބަ އޮތްކަން ހަނދާން ކުރަމުން މިހާދު އޭނާގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ.
**************
ފުލުހުންގެ އެންމެ އިސް މީހާ އިންނަވާ ކެބިންއަށް ވަންނަމުން އިޒްވާ ބާރަކަށް ދޮރު ޖެހިއެވެ. އެވަރުން ނުފުދިގެން މޭޒުމަތީގައި ހުރި ފައިލްތައް ވެސް ހޫރައިލިއެވެ. “އެ ޒާޔާއެއްގެ ހިޔަނި ނޭޅޭ ހިސާބެއްގަ ނޫޅެވޭނެ. އެ އެންމެންގެ ދުވަސް ދުއްވާލާނަން އަހަރެން.” ބޮލުގައި އަތް އަޅައިގެން ހުރެ އަމިއްލަ ނަފްސަށް އިވޭ ވަރަށް އިޒްވާ ކިޔަމުން ދިޔައެވެ.
“ކަލޭގެ ސަބަބުން އެއިން އިންސާނެއްގެ ހަށިގަނޑުން ލޭ ތިއްކެއް ފެނުނަސް ކަލޭގެ ހިތް ކޮށާ ކުދި ކޮށްލާނަން.” އިޒްވާގެ ފަހަތުގައި ޣައިބުވެގެން ހުރި މަލައިކާ ބުންޏެވެ. މަލައިކާ ހުރީ ނުރައްކާތެރި ދަރަޖައަކަށް ރުޅި އައިސްފައެވެ. އިންސާނުން އެމީހުންގެ އަމިއްލަ އެދުމައިގެން ވާވަރު ފެނިފައެވެ. އެ ހުރިތާ ހުރެ މަލައިކާ، ސިކުންތުކޮޅަކަށް އިޒްވާއަށް ވާހަކައެއް ނުދެއްކޭނެހެން އޭނާގެ އަނގަމަތީގައި އަތް އެޅިއެވެ. އަނގަމަތީގައި އެއްޗެއް ޖެހުނުހެން ހީވެ އިޒްވާ ސިހިފައި ކުޑަކޮށް ތިރިވެވުނެވެ. އަނގަ ކައިރީގައި އެއްޗެއް ނެތްކަން ޔަޤީންވުމުން ތެދުވެ ބޮލުގައި ދެއަތް އަޅައިލަމުން އެތާ ހުރި ގޮނޑީގައި އިށީނެވެ.
“އަގްގް.. އެ ގެ އަތުލެވޭތޯ އުޅެންވީ އަވަހަށް. އެހެންނޫނީ ހަމަޖެހުމެއް ނެތް.. ޕިސް.. ބޮޑުކަމެއް ހުވާ.” އެ އިންގޮތަށް އިނދެ އިޒްވާ ބުންޏެވެ. “މީހެއްގެ މުދަލަށް އަރައިގަނެބަލަ.. ކަލޭގެ ނިމުން ކަލޭ ދެ ލޯ ކުރިމަތީ ދައްކާލާނަން.” މަލައިކާ އެހެން ބުނެފައި ކެބިންގައި ހުރި ކުޑަދޮރުން ބޭރަށް ފުންމައިލިއެވެ.
*****************
