Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެން

ޒާޔާ – 2 (ފުރަތަމަ ބައި)

H noora Level 110 Stories
June 13, 2026 12 Mins Read
3 Comments

ފަތިހުގެ ހަމަހިމޭން ވަގުތު ބަންގީގެ އަޑު އިވެން ފެށި ހިނދު ފަތިސް ވެއްޖެކަން އިޢުލާން ކުރަމުން ދިޔަ ކޮވެލިތަކުގެ އަޑު މަޑުވެއްޖެއެވެ. ފަރިވެ ފޮޅެމުން އަންނަ މާތަކުން އޮހިގެންދާ ފެންތިކިތަކުން ވާރޭ ވެހިފައި ހުރިކަން އަންގައިދެއެވެ. ޖެހެމުން ދިޔަ ގަދަ ވައިރޯޅިވެސް ބަންގީގެ އަޑު އިވުމާއެކުހެން މަޑުވެއްޖެއެވެ. ބޯ ވިލާތައް މަޑުމަޑުން ގެއްލެމުން ގޮސް އުޑުމަތި އެއްކޮށް ސާފުވެއްޖެއެވެ. ނަމާދު ވަގުތު އިމާމު މީހާ ކިޔަވަން ފެށި ވަގުތަކީ މިސްކިތާ މާ ދުރުނޫން ހިސާބެއްގައި ހުރި ހޮސްޕިޓަލުން އަންހެނެއްގެ ވޭނީ ހަޅޭކުގެ އަޑު އިވިގެން ދިޔަ ވަގުތެވެ. އޭގެ އިރުކޮޅެއް ފަހުން އިވެން ފެށީ ތުއްތު ދެ ކުދިންގެ ރުއިމުގެ އަޑެވެ.

 

“މަރުޙަބާ! އެއްމާބަނޑު ދެ ކުދިން. އަންހެން ކުއްޖަކާ ފިރިހެން ކުއްޖެއް.” ވިއްސާ ކޮޓަރިން ބޭރަށް ނުކުތް ނަރުސް ކުއްޖަކު ބުންޏެވެ. ނަރުސް ކުއްޖާ އެ ބުނެލި ބަސްތައް އިވިގެން ދިޔަ ހިނދު، އެ ކޮޓަރީ ދޮރުމަތީ ދެކޮޅަށް ހިނގަން ހުރި ލިއަމް އަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. ވާނީވެސް އެހެންތާއެވެ. ލިއަމްގެ އަންހެނުންގެ ވޭނީ ރުއިމާ ހަޅޭކުގެ އަޑު އަހަން އޭނާއަށް ފަސޭހަކަމަކަށް ނުވެއެވެ. އޭނާގެ އަންހެނުން ކައިރިއަށް ވަންނަންވެސް ކުޑަމިނުން ނަރުހުން ހުއްދައެއް ނުދިނެވެ. “އަލްޙަމްދުލިއްﷲ! ލިއަމް. ދެން ހާސްނުވޭ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ.” ފަހަތުން ލިއަމްގެ ކޮނޑުގައި އަތް ޖައްސާލަމުން ނިހާން ބުންޏެވެ. ނިހާން އެހެން ބުނި ވަގުތުވެސް އޭނާއަށް ހުރީ މާނޭވާ ލެވިލެވިއެވެ. އޭނާގެ ދަރިފުޅު ވިހަން ކޮޓަރިއަށް ވެއްދި ވަގުތުން ފެށިގެން އޭނާގެ ހިތަށް އުނދަގޫވަނީއެވެ. ދަރިފުޅަށް ދެރަގޮތެއް ވެދާނެތީ ކަންބޮޑުވަނީއެވެ.

 

ވިއްސާ ކޮޓަރިއަށް ނިހާން އާއި ލިއަމް ވަތް އިރު ޒާޔާ ގާތުގައި ތުއްތު ދެ ކުދިން ބާއްވާފައި އޮތެވެ. ލިއަމްގެ ލޮލަށް އޭނާގެ ދެ ދަރިން ފެނުނު ވަގުތު ފެންކަޅިވެފައިވި ދެލޮލުން ޒާޔާއަށް ބަލައިލިއެވެ. އޭރު ޒާޔާގެ ދެލޮލުންވެސް އުފާވެރިކަމުގެ ކަރުނަ ވިދާލަ ވިދާލާ ހުއްޓެވެ. ލިއަމް ޒާޔާގެ ގާތަށް ގޮސް މަޑުމަޑުން އޭނާގެ އަންހެން ދަރިފުޅު އުރާލިއެވެ. ބުނެދޭން ނޭނގޭހާ އުފާވެރި އިޙުސާސްތަކެއް ކުރެވި ދަރިފުޅުގެ ކޮލުގައި ބޮސްދިނެވެ. ލިއަމްގެ ނަޒަރު އޭނާގެ އަތުތެރޭގައި އޮތް ދަރިފުޅާ ވަތްކެއް ނުވެއެވެ.

 

“ދަރިފުޅު! ރަނގަޅުތަ؟” ޒާޔާގެ ބޮލުގައި ފިރުމާލަމުން ނިހާން އެހިއެވެ. ޒާޔާ އޭނާގެ ބައްޕަގެ އަތުގައި ހިފާލަމުން ބޯ ޖަހައިލިއެވެ. “ހަމަ ފަތިހަށް ފޮޅުނު ދެ މާ މިއީ. ދޯ ކާފަ ދޮންދޫނި!” ޒާޔާގެ ގާތުގައި އޮތް ފިރިހެން ދަރިފުޅު އުރާލާ ލޯބިކޮށްލަމުން ނިހާން ބުންޏެވެ. ނިހާން އަށް ވެސް ބުނެދޭން ނޭނގޭ އުފާވެރިކަމެއް އިޙުސާސް ކުރެވެމުން ދިޔައެވެ. އުފާވެރިކަމާ އެއްވަރަށް އޭނާގެ ހިތުގެ ކަނެއްގައި ރިހުމެއްވެސް ވިއެވެ. ޒިޔާނާ މިއަދު ދުނިޔޭގައި ހުރިނަމަ ނިހާންގެ ނަޒަރުގައި ޒިޔާނާ ވާނީ ދުނިޔޭގައި ހުރި އެންމެ ރީތި މާމައަށެވެ. އެކަމަކު ތަޤުދީރުގައި ވާން ނެތްކަމެއް ނުވާނެކަން ޤަބޫލުކުރަންޖެހޭކަން ނިހާން އޭނަގެ ހިތަށް ވިސްނައިދިނެވެ. ޤަޟާ ޤަދަރަށް އީމާންވާން ނިހާން އަބަދުވެސް ހަނދާން ބަހައްޓައެވެ. “ކާފަގެ ދެ ފުރާނަ.” ލިއަމްގެ އަތުގައި އޮތް ތުއްތު ދަރިފުޅަށް ބަލައިލަމުން ނިހާން ބުންޏެވެ.

 

*********************

 

“މަންމާ.. މަންމާ…. ދެން!! ކޮބާތަ މަންމަ؟”  ގޭގެ އެކި ދިމާ ހޯދަމުން އައި ޒާމިލް އަށް އެހެން ބުނެވުނު ވަގުތަކީ ސިޓިންގް ރޫމުގައި ހުރި ކުޑަދޮރުތަކުން ކުޑަދޮރެއް ކައިރީގައި އިށީންދެލައިގެން އިން އޭނާގެ ލޯބިވާ މަންމަ ފެނުނު ވަގުތެވެ. “ދަރިފުޅު. މަންމައަށް އެބަ އިވެޔޭ ގޮވާ އަޑު. އާދެބަލަ މަންމަ ކައިރިއަށް.” ޒާމިލް ފެނުމާއެކު އެ ދަރިފުޅަށް ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާ ކުރަމުން ޒާޔާ ބުންޏެވެ. “ކީކޭ މަންމާ.. ހެހެ.. މިހާރު ކޮން ފިލާވަޅެއް ނަގައިދޭން ތިއުޅެނީ؟”

 

ޒާޔާ އެހެން ބުނެލި ރާގުން އެކަނިވެސް މަންމަ އެއުޅެނީ ކޮންމެވެސް ވާހަކައެއް ކިޔައިދޭންވެގެންކަން ޒާމިލް އަށް ނަގައިގަނެވުނެވެ. އެއީ އަބަދުވެސް ޒާޔާގެ އާދައެވެ. ޒާޔާގެ ދިރިއުޅުން ހިއްސާ ކުރަމުން ދިޔަ އެންމެ މުހިއްމު ބައިވެރިޔާ އޭނާއަށް ގެއްލުނު ފަހުން އޭނާގެ ހިތްވަރު އެލުނަސް އެކަން ދަރިންނަށް ނުދައްކާ ވޭތޯ ޒާޔާއަށް ވީ ވަރަކުން މަސައްކަތްކުރެއެވެ. ޒާޔާއަށް ލިބުނު ތިން ދަރިން ކުރެ އެއް ދަރިފުޅު އޭނާގެ އަތުން ބީވެ ހިނގައްޖެއެވެ. އެ ދަރިފުޅު ވީ ތަނެއްވެސް އަދި އަދާ ހަމައަށް ޒާޔާއަށް ހޯދިފައެއް ނުވެއެވެ. ކައިރީގައި އިށީންދެގެން އިން ޒާމިލް އަށް ބަލަހައްޓައިގެން އިނދެފައި ޒާޔާ ތެދުވިއެވެ. މަންމަ ބަލަހައްޓައިގެން އިން ގޮތުން ޒާމިލްގެ ހިތަށް އުނދަގޫގޮތެއް ވެއްޖެކަން އޭނާއަށް އިޙުސާސްކުރެވުނެވެ. މަންމަގެ ދެ ލޯ ކޮންމެވެސް ވާހަކައެއް އެބަ ބުނެދޭކަން ޒާމިލްގެ ސިކުނޑި ނަގައިގަތެވެ. އެކަމަކު އެއީ ކޮން ވާހަކައެއްކަމެއް ޒާމިލްއަކަށް ނުވިސްނުނެވެ.

 

ކުޑަދޮރު ކައިރީގައި ބަހައްޓާފައި ހުރި ގަސްމުށިތަކުން ކުޑަ ދެ ގަސްމުށި ނެގުމަށްފަހު ޒާޔާ ތެދުވިއެވެ. އަދި އެ ހިފައިގެން ސޯފާ މޭޒު ކައިރިއަށް ދިޔައެވެ. މަންމަ ކުރާ ކަމެއް ބަލަން އިން ޒާމިލް އިނީ ދެބުމަ ގޮށްޖެހިފައެވެ. މަންމަ ކުރަން މިއުޅޭ ކަމެއް، އޭނާއަށް ކިޔައިދޭން އުޅޭ ވާހަކައެއް އެއްގޮތަކަށް ވެސް ޒާމިލްގެ ސިކުނޑިއަކަށް ނުވިސްނުނެވެ. “އާދެބަލަ މިކޮޅަށް ދަރިފުޅު. މިއަށް ފެން ޖެހީމަ ވެސް މި ގަހަށް އެއްވެސް ދިރުމެއް ނުލިބުނު. އެންމެ ފަތެއް އިންކަން އެކަނި. އެކަމަކު މީންދަ ކުޑަ މާ ގަސް ނިކަން ރީތިކޮށް ބޮޑުވެލާފަ މީނީ.” ޒާޔާގެ ގާތަށް ގޮސް އެއްފަހަރު ގަސްމުށިތަކަށް އަނެއްފަހަރު ޒާޔާގެ މޫނަށް ޒާމިލް ބަލައިލިއެވެ. ވާނުވާގައި ހުރި ޒާމިލްގެ ހިތަށް އަރަމުން ދިޔައެވެ. މަންމަގެ އެހެރަ މައުސޫމްކަމާއެވެ. މަންމަ ކިޔައިދޭން މިއުޅެނީ ކޮން ވާހަކައެއް ހެއްޔެވެ؟

 

“ދަރިފުޅު. ބަލާބަލަ. މިހާރު މި ޒަމާނުގައި ޙައްޤަށްވުރެ ބާޠިލް ނިކަން އަވަހަށް ކުރިއަރައިގެން ދޭ. ކިތަންމެ މަސައްކަތެއް ކުރިޔަސް އެ ޙައްޤަކާ ހަމައަށް ނުދެވޭ. އެކަމަކު އެއްވެސް ހުރަހަކާ ނުލާ ބާޠިލް ނިކަން އަވަހަށް ކުރިއަރައިގެން ދޭ. މީންދަ މާ ގަސް ފަދައިން. މަންމަ މި ގަހަކަށް އެހާ ބޮޑަށް އަޅައެއްނުލަން. ފެނެއްވެސް ނުދެން މާ ގިނައިން. އެކަމަކު ބަލަ ހެދިލާފައި އިން ރީތިކަން.” ކުޑަ ކުޑަ މާ ގަހަށް ބަލަހައްޓައިގެން ހުރެ ޒާޔާ ބުނެލި ވާހަކަތައް ޒާމިލްގެ ސިކުނޑީގައި ހަރުލަމުން ދިޔައެވެ. މަންމަ އެބުނީ ވަރަށް ބޮޑު ތެދެކެވެ. ޒާމިލް މަސައްކަތް ކުރާ ދާއިރާއިން ވެސް އޭނާއަށް މަންމަ އެބުނި ފަދަ ކަންތައްތައް ފާހަގަވެފައި ވެއެވެ. އެ ދާއިރާ ނޫނަސް އޭނާގެ އުފަން ޤައުމުގައި ކަންތައްތައް ހިނގަމުން ދަނީ އެ އުސޫލުންކަން ޒާމިލް ދެނަހުއްޓެވެ. “މަންމާ. އަހަރުމެންނަށް އޮތީ ގަދައަޅާ މަސައްކަތްކުރުން. ކުއްލިއަކަށް ކަންތައްތައް ބަދަލުވެގެން ދިޔަ ގޮތް ވެސް ވިސްނާލަން ދަތި މަންމާ!” ޒާމިލް ބުނެލި އެ ވާހަކައިން ޒާޔާގެ ހިތުގައި ލިއަމްގެ ސޫރަ ކުރެހިގެން ދިޔައެވެ. ލިއަމް ގެއްލުނުތާ އެތައް އަހަރެއް ވެއްޖެއެވެ. އަންހެން ދަރިފުޅު ގެއްލުނުތާ ވެސް އެތައް އަހަރެއް ފާއިތުވެގެން ދިޔައީއެވެ. އެދެބަފައިން ދުނިޔޭގައި ސަލާމަތުން ހުރިކަމެއް ނެތްކަމެއް އެއްގޮތަކަށް ވެސް ޒާޔާއަކަށް ނޭނގެއެވެ.

 

“ޒަމްލާ.” މަޑު އާހަކާއެކީ ޒާޔާގެ ދުލުން އެ ނަން ކިޔާލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އެއްވެސް ހުރަހެއް ނެތި އެ ރީތި ދެލޮލުން ކަރުނަތައް އޮހެން ފެށިއެވެ. ދަރިފުޅު މަތިން ހަނދާންވާ ކޮންމެ ފަހަރަކު ޒާޔާގެ ހިތަށް އުނދަގޫވަނީއެވެ. ވޭން އަޅަނީއެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވެނީއެވެ. “ހުއްޓާލާ މަންމާ!” ރޮވޭ ޙާލުގައި ދަރިފުޅުގެ މޭގައި ޒާޔާއަށް ބޯ އަޅައިލެވުނެވެ. ހީވަނީ އެ ދަރިފުޅު ވެސް އޭނާއަށް ގެއްލިދާނެހެނެވެ. އަމިއްލަ ނަފްސަށް އެއްގޮތަކަށް ވެސް އިތުބާރެއް ނެތީއެވެ. މަންމަގެ ބޮލުގައި މަޑުމަޑުން ފިރުމަން ހުރި ޒާމިލްގެ ދެލޯ ހުރީ ފެންކަޅިވެފައެވެ. ނުރޯން ކިތަންމެ މަސައްކަތެއް ކުރިޔަސް މަންމަގެ ރުއިމުގެ އަޑު ޖެހުމާއެކު ޒާމިލްގެ ދެލޮލުން ވެސް ކަރުނަތައް އޮހިއްޖެއެވެ. ކޮންފަދަ ބޮޑު އިމްތިޙާނެއް ހެއްޔެވެ؟

 

ސިޓިންގް ރޫމް ދޮރުމަތީ މި މަންޒަރުތައް ބަލަން ހުރި ލާއިމްގެ ދެލޯ ވެސް ހުރީ ފެންކަޅިވެފައެވެ. ޑިއުޓީ ނިންމާފައި ލާއިމަށް ގެއަށް ވަދެވު  ނު ވަގުތު އޭނާގެ ކަންފަތުގައި ޖެހުނީ މަންމަގެ ރުއިމުގެ އަޑެވެ. މަންމަ އެކަނި ހުންނާނެ ކަމަށް ހީވެ ބިރުން ލާއިމް ބާރު ފިޔަވަޅުތަކުގައި ސިޓިންގް ރޫމާ ހައަމަށް ދިޔައިރު ޒާމިލް މަންމަގެ ގާތުގައި ހުރުމުން އޭނާގެ ހިތަށް ކުޑަ ނަމަވެސް ތަސައްލީ އެއް ލިބުނެވެ. އެހެނަސް ލާއިމްގެ ހިތަށް ވަރަށް ތަދުވެއެވެ. އޭނާގެ ބޮލުގައި އެތައް ޒިންމާތަކެއް އެޅިފައި އެބަ ހުއްޓެވެ. ކިތަންމެ ޒުވާން ވިޔަސް ވެހެވެ. ޒާމިލް އެކަނި ހުރިހާ ކަމެއް ނުވާނެކަން ވިސްނޭތީ ލާއިމް ވެސް ކިޔެވުން ނިންމި ގޮތަށް ރަނގަޅު އާމްދަނީއެއް ހޯދުމަށް ޓަކައި މަސައްކަތްކުރަން ފެށީއެވެ. ދެބެންގެ ބައިވެރިވުމާ އެކީ ގޭގެ ޚަރަދުތައް ބެލެހެއްޓޭ ވަރުވެއެވެ. ފެންނަ ފެނުމަށް މަންމަ ރަނގަޅުކަމަށް ދެއްކިޔަސް ނަފްސާނީ ގޮތުން މަންމަ ބަލިކަށިވެފައިވާ މިންވަރު ދެބެންނަށް ވެސް ވިސްނެއެވެ. ލާއިމް އެންމެ ދެރަވަނީ މަންމަ އެ ޙާލަތުގައި ހުއްޓައި ވެސް މީހުންގެ ރަޙުމު ކުޑަ ބަސްތަކާ މަލާމާތް މަންމައަށް ރައްދުވާތީވެއެވެ. މިފަދަ ކަންކަން އާއްމުންނަށް ވިސްނި، މި ފަދަ ކަންތައްތަކާ މެދު އާއްމުން ހޭލުންތެރިވާނީ ކޮންއިރަކު ހެއްޔެވެ؟

 

*******************

 

“އޭތް. މީގަ ބުނެފަ މި އިންވަރަށް ޕެކޭޖްތައް އެކޮޅަށް ފޮނުވާ! ބަރާބަރު ތިން ދުވަސް. ބަރާބަރު ތިން ދުވަސް ތެރޭގަ މަގޭ އެކައުންޓަށް އެ އެއްޗެހީގެ ފައިސާ ޖަމާވާންޖެހޭނެ. ސާފުވެއްޖެ!” މެޑަމް އަމުރު ކުރުމާއެކު އަވަސް އަވަހަށް ބޯ ޖަހާލާފައި މޭޒުމަތީގައި އޮތް ފައިލް ހިފައިގެން އަންހެނަކު ނުކުމެއްޖެއެވެ. ފެންނަފެނުމަށް އެއީ މެޑަމް ގެ އަރިހުގައި މަސައްކަތްކުރާ މުވައްޒަފެކެވެ. އެ މީހާ ނުކުމެގެން ދިޔަ ދިމާލަށް ބަލަހައްޓައިގެން އިނދެފައި އޭނާ އިށީންދެގެން އިން ގޮނޑީގައި ރަނގަޅަށް ލެނގިލަމުން ދެފައި މޭޒުމައްޗަށް އަރުވައިލިއެވެ. ފުލުސް ޔުނީފޯމެއް ލައިގެން އިނަސް ފުލުހެއްގެ ކިބައިގައި ހުންނަންޖެހޭ ކަހަލަ އެއްވެސް ސިފައެއް އޭނާގެ ކިބައިން ނުފެނެއެވެ. ޗުވިންގަމެއް ހަފަމުން ދެފައި ތަޅުވާލަ ތަޅުވާލަ އިން މީހާ ސިހުނީ ކެބިންގެ ދޮރުގައި ޓަކި ޖެހުމުންނެވެ. އަވަސްއަވަހަށް މީހާ ހަމައަކަށް އެޅިލަމުން ކަރުކެހިލުމަށް ފަހު އެމީހަކު ކައިރީގައި އެތެރެއަށް ވަނުމަށް ބުންޏެވެ. “މޭމް. އަޅުގަނޑަށް ހީވަނީ ޒާ… ޒާ.” އެމީހަކަށް ޒާޔާގެ ނަން ކިޔާކަށް ނުކެރުނެވެ. ޒާޔާގެ ނަން އެކުގައި ނުކިޔެނިސް މެޑަމްގެ ދެލޮލުން ޒާޔާއަށް ޓަކައި އެ ހިތުގައިވާ ނަފްރަތާ ރުޅިވެރިކަން ފެނުމުންނެވެ. “ކިހިނެއްވީ މިހާރު؟ މަ ބުނަން ދޯ ކަލޭ ކައިރީގަ އެ އަންހެނާގެ ނަން ވެސް މަ ހުންނަ ތަނެއްގަ ކިޔައިގެން ނުވާނެޔޭ. އެވަރުގެ ޤަދަރެއްވެސް އެ އަންހެނާއަށް ލިބިގެން ނުވެޔޭ!” މެޑަމް ގެ ހިތުގައި ޒާޔާއާ މެދު އުފެދިފައިވާ ޙަސަދަވެރިކަން އެ ބުނެލި ބަސްތަކުންވެސް ދޭހަވެގެން ދެއެވެ. މީހަކު އަނެކާއާ މެދު ޙަސަދަވެރިވާނީ މިވަރަކަށް ކަންނޭނގެއެވެ.

 

“މޭމް. އަޅުގަނ.. އަޅުގަނޑަށް ހީވަނީ.. އޭނާ ޒަމްލާ ހޯދަން އުޅޭހެން. ރޭގަވެސް ގޭ ދޮރުމަތިން ހީވި ފެނުނުހެން. އަނެއްކާ… މޭމް. ލިއަމް ވެސް….”   “ޝަޓް އަޕް.” އެ މީހާ އަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް މެޑަމް ހަޅޭއްލަވައިގަތެވެ. ބޮލުގައި ދެއަތް އަޅައިގެން ހުރެ ދެކޮޅަށް ހިނގަން ފެށީ އޭނާއަށް ލިބެން ޖެހޭ އެއްޗެއް ނުލިބެނީސް ގެއްލެން އުޅޭކަހަލަ އިޙުސާސެއް ކުރެވި ހާސްވާން ފެށުމުންނެވެ. އެ ހާސްކަމާ އެއްވަރަށް ޒާޔާއާއި ލިއަމް އާ މެދު އެ ހިތުގައި އޮތް ނަފްރަތެއްގެ ސަބަބުން ވެސް މެއެވެ. “ލާހިކެއް ނޫން. މަ މިބުނީ. ލާހިކެއް ނޫން. މަ ބޭނުންވާ އެއްޗެހި މަށަށް ލިބެންދެން ލިއަމް އޮންނަން ޖެހޭނީ އެތާ. ޒާޔާއަކަށްވެސް ލާހިކެއް ނޫން ޒަމްލާ ބަލާ މަގޭ ގެއަށް ވަންނާކަށް. މަގޭ ކުރިމައްޗަށް އަރަންވެސް ނުކެރޭނެ އޭނައަށް. ފޮނި ގޮތްބޮޑު މީހެއް. މާ މީހުންގެ އިހުތިރާމު ލިބޭ މީހެކޯ ދެން!” އެ އިވުނީ ބޮޑާކަމާ ކިބުރުވެރިކަން އެ ސޫރައަކުން ވިދާލަ ވިދާލާ ހުންނަ ސޫރައެއް ބުނެލި ވާހަކަތަކެއްގެ އަޑެވެ. އާދެ! ލިއަމްގެ ތިމާގެ މީހެއްކަމަށްވާ އިޒްވާގެ އަޑެވެ.

 

“ވޫހްހްހް.. އިޒޫ މޭމް އާ އެއްތަނެއްގަ ހުއްޓަސް މި ޖެހެނީ ނޭވާ ހިފަހައްޓައިގެން ހުންނަން. ހުވާ! ކުރީގެ މޭމް ހުރިއިރު ހާދަ ބޮލަށް ފަސޭހައޭ.” އިޒްވާގެ ކެބިން އިން ނިކުމެ ހަމަޖެހުމުގެ ނޭވައެއް ލުމަށް ފަހު އަމާނާ ބުންޏެވެ. އަމާނާ އަކީ އިޒްވާގެ ގޭގައި ގެންގުޅޭ މަސައްކަތު މީހުންގެ ތެރެއިން މަސައްކަތު މީހެކެވެ. އިޒްވާގެ އަތުން އެހެން މީހުނަށް ދޭ ވަރަށްވުރެ ގިނައިން މުސާރަ ލިބޭތީ އިޒްވާ ބުނިހާ ގޮތެއް ހަދައިގެން އިޒްވާގެ އަރިހުގައި އުޅެނީއެވެ. އެހެންނަމަވެސް، ގިނަ ފަހަރު މިއީ އެންމެ ރަނގަޅު ގޮތެއް ނޫނޭ އޭނާގެ ހިތް ބުނަމުންދެއެވެ. އެކަމަކު އެހެން ހިތަށް އަރާ ކޮންމެ ފަހަރަކު މި ނޫން ގޮތެއް ނެތް ކަމަށް އޭނާގެ ސިކުނޑި އޭނާއަށް ބުނެދެމުން ދެއެވެ.

 

**********************

 

ރޭގަނޑުގެ ވަގުތެވެ. ފުލުހުންގެ މައި އިމާރާތުގެ ވަށައިގެން ވަނީ އޮރެންޖް ކުލައިގެ ކުދި ބޮކިތަކުން ދިއްލާލާފައެވެ. ބޮކިތަކުގެ އަލި އެޅުމުގެ ސަބަބުން އިމާރާތުގައި ހުރި ފެހި ކުލަތައްވެސް ހީވަނީ ދިއްލިފައި ހުރިހެނެވެ. އިމާރާތުގެ ކައިރީގައި ހެދިފައި ހުރި ކުދި ގަސްތައް މެދުމިނެއްގައި ވިހުރެމުން ދިޔައެވެ. ނަމަވެސް އިމާރާތުގެ އެއްފަރާތުގައި ހުރި ދިގު ދަނޑީގައި އެލުވާފައި އިން ދިދަ މާ ބާރަށް ވިހުރެމުން ދިޔައެވެ. އުޑުމަތީގައި އެންމެ ވިލާ ރޮއްޖެއްހާ މިންވަރުވެސް ނުވާއިރު އެ ދިދަ މާ ބާރަށް ވިހުރެނީ ކީއްވެހެއްޔެވެ؟

 

ބިންމަތީގައި ހިނގާބިނގާވެ އުޅޭ އެއްވެސް އިންސިއަކަށް ހިލަމެއް ނުވާނޭ ފަދައިން އެ ދިދަ ދަނޑީގެ އެންމެ ކޮޅަށް އަރައި މަލައިކާ ހުއްޓެވެ. މަލައިކާ ލައިގެން ހުރި ހުދުކުލައިގެ ދިގު ހެދުން ވިހުރެމުން ދިޔައިރު އޭނާގެ އަތުގައި އަޅާފައި ހުރި ގަހަނާތައް އެކަތި އަނެކަތީގައި ޖެހޭ ރީތި އަޑު އިވެމުން ދިޔައެވެ. މަލައިކާގެ ބޮލުގެ ވަށައިގެން އަޅުވާފައި އޮތް ރިހި ގަހަނާއިން އޭނާގެ ބޮލުގެ އިސްތަށިގަނޑު ފަޅު ފިލުވާލާފައިވެއެވެ. އެ ގަހަނާގެ މެދުގައި އެލުވާފައި އިން ރިހި ކުލައިގެ ކޮކާލެއްހެން އިން ފަރުމާ، މަލައިކާގެ ނިތްކުރިމަތީގައި ދެކޮޅަށް ހެލިލަ ހެލިލާ އިނެވެ. މަލައިކާގެ ބޮޑު ދެލޯ ހަނިކޮށްލުމަށް ފަހު އޭނާ އަރައި ހުރި ދިމާލުން އެއް އަތް ޖައްސާލުމަށް ފަހު އިމާރާތުގެ އެތެރެ ފެންނާނެހެން ތިރިވެލިއެވެ. އިމާރާތުގައި ހަރުކޮށްފައި ހުރި ކުޑަދޮރުތަކުގެ ބިއްލޫރިގަނޑުގެ ތެރެއިން މަލައިކާ އަށް އިޒްވާ ފެނުނެވެ. އިސާހިތަކު އެ ދެލޮލުން ރުޅިވެރިކަމުގެ ނިޝާންތައް ފެންނަން ފެށިއެވެ. ދެލޮލުން އަލިފާން ކަނި ބުރަން ފެށީ މަލައިކާގެ އެއްވެސް އިޚުތިޔާރަކާ ނުލައެވެ. އިޒްވާގެ ދުވަސް ދުއްވާލާނަމޭ ހިތަށް އެރި ވަގުތު މަލައިކާގެ އަނގައިގެ ދެފަރާތުގައި ހުރި ތޫނު ދަތްތައް އެއްވެސް ހުރަހަކާ ނުލައި ދިގުވާން ފެށިއެވެ. ހަމަ އެ ސިކުންތުގައި ޒާޔާ އާއި ޒާޔާގެ ދަރިފުޅު މަތިން ހަނދާންވެ މަލައިކާގެ ހިތް ބަލިކަށިވާން ފެށިއެވެ. ދިގުވާން ފެށި ތޫނު ދަތްތައް އޭގެ އަސްލު ބައްޓަމަށް އެނބުރި ރުޖޫޢަވެ ދެލޮލުން ބުރަމުން ދިޔަ އަލިފާން ކަނިތައް ވެސް ނިވިއްޖެއެވެ.

 

“ހީނުކުރައްޗޭ އަރާމުގަ އުޅެވޭނެއޭ. އަހަރެންގެ އާއިލާ ފަދައިން ދެކެމުން އައި އަހަރެންގެ އެންމެ ލޯބިވާ މީހުންގެ ދިރިއުޅުން ނަރަކައަކަށް ހަދައިގެން ކަލޭ ތިއުޅެނީ.” ދެ ލޮލުން ކަރުނަ އޮހޭ ޙާލު މަލައިކާ ހަމައެކަނި އޭނާގެ އަމިއްލަ ނަފްސަށް އިވޭވަރަށް ބުންޏެވެ. އެތަނުގައި އިނދެ މަލައިކާ އިސްޖަހާލިއެވެ. ދެލޯ މަރާލެވުނު ވަގުތު ޒަމްލާގެ މަޑު ރުއިމުގެ އަޑު އޭނާގެ ކަންފަތުގައި ގުގުމަން ފެށިއެވެ. އެ އަޑާ އެކުވެގެން ޒާޔާގެ ރުއިމުގެ އަޑު ވެސް ގުގުމައިގަތެވެ. ލިއަމްގެ ވޭނީ ހަޅޭކުގެ އަޑު ވެސް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އެ ހުރިހާ އަޑެއް އެއްފަހަރާ އިވެމުން ދިޔަދިޔަހެން މަލައިކާގެ ބޮލަށް ބާރުކުރަމުން ދިޔައެވެ. ފުން ނޭވާތަކެއް ލަމުން މީހާ ހަމައަކަށް އެޅެން މަސައްކަތް ކުރިޔަސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. އެންމެ ފަހުން އިންތަނުން ކޮޅަށް ތެދުވެ ދެއަތް ދެފަރާތަށް ދަމާލަމުން މަލައިކާ ބާރަކަށް ހަޅޭއްލަވައިގަތެވެ. އެ ހަޅޭކުގެ އަޑަށް ބިރުން ގަސްތަކުގައި ނިދާފައި ތިބި ދޫނިތައް ވެސް ސިހިގެން ދިޔަކަހަލައެވެ.

 

****************

 

މެންދަމުގެ ހަމަހިމޭންކަން ފޫއަޅުވާލަމުން ފަޒާތެރޭގައި ދަތުރުކުރަމުން ދިޔަ އަލިފާން ގުޅަ ތިރިކޮށްލީ ‘މޫންލައިޓް’ ގޭގެ މައި ދޮރުމައްޗަށެވެ. އެއްވެސް ދިރޭ މަޚުލޫޤަކަށް ހިލަމެއް ނުވާނެހެން އޭތިކޮޅު ދޮރުގެ ދޭތެރެއިން ފޭދިގެން ގޮސް އެ ގޭގެ އެތެރެއަށް ވަނެވެ. ގޭތެރެއަށް ވަދެ ކުޑަކުޑަ ފަންޏަކަށް އޭގެ ސިފަ ބަދަލުކޮށްލުމަށް ފަހު ތަށިމުށިތަކުގެ މަތީގައި ހިރެން ފަށައިފިއެވެ. އޭތި މިސްރާބު ޖެހީ ގޭގެ ބަދިގެއާ ޖެހިގެން ހުރި ކޮޓަރިއާ ދިމާލަށެވެ.

 

ކޮޓަރީގެ ހަތަރު ފާރުން އެތެރެވުމުން ދުމެއް ޖަހާފައި އޭތީގެ އަސްލު ސިފައަށް ރުޖޫޢަވެއްޖެއެވެ. މަޑު ހިނގުމެއްގައި ހިނގާލައިފައި ގޮސް އޭތި މަޑުކޮށްލީ އެ ކޮޓަރީގެ އެއް ކަނުގައެވެ. އޭރު އޭއްޗަށް. އާދެ! މަލައިކާއަށް ރީތިކޮށް އެ ކޮޓަރިތެރޭގައި އިން އަންހެން ކުއްޖާ ފެންނަމުން ދިޔައެވެ. “މަންމާ!” ދެ ކަކުލުގައި ބޯ އަޅާލައިގެން އެނދުމަތީގައި އިން އަންހެން ކުއްޖާއަށް ލިބުނު ކުއްލި ސިހުމާ އެކީ މަންމައަށް ގޮވާލެވުނެވެ. އޭނާގެ މަންމަ އެ ކޮޓަރީގެ ހަތަރު ފާރުން އެތެރޭގައި އުޅޭހެން އޭނާއަށް އިޙުސާސް ކުރެވެނީއެވެ. އެއީ މޮޔަ ހީވުމެއް ކަމަށް ސިކުނޑި އެތައް ފަހަރަކު އިންޒާރު ދިނަސް ހިތް ބުނަނީ އޭނާގެ މަންމަ ދާދި ގާތުގައި އެބަހުރިކަމުގައެވެ.

 

“ޒަމްލާ.” ލޯތްބާ އޯގާތެރިކަމުން ފުރިގެންވި އަޑަކުން މަލައިކާ ޒަމްލާ އަށް ގޮވައިލިއެވެ. ޒަމްލާ އަށް ގޮވިޔަސް އޭނާއަށް އެ އަޑު ނީވޭނެކަން ވެސް މަލައިކާ ދެނަހުއްޓެވެ. އެހެންނަމަވެސް އެއީ މަލައިކާގެ އެންމެ ގާތް އެކުވެރިޔާގެ ދަރިފުޅުކަމަށް ވުމުން އެ ދަރިފުޅަށް ޓަކައި މަލައިކާގެ ހިތުގައި ޚާއްޞަ މަޤާމެއް ދެވިފައިވެއެވެ. މިހާ ދުވަސް ވީ އިރު ވެސް ޒަމްލާގެ ޙާލު ބަލައި ހެދިޔަސް ޒަމްލާގެ ކުރިމައްޗަށް ފާޅުނުވާން މަލައިކާ އެ ހުންނަނީ ޒާޔާއާމެދު ވިސްނޭވަރުންނެވެ. ޖިންނި އަކަށް ވިޔަސް، ޒަމްލާ ފެންނަ ކޮންމެ ފަހަރަކު މަލައިކާގެ ހިތުގައި މައިވަންތަކަމުގެ ކުލުނު އުފެދެއެވެ. އެހާ ޅަ އުމުރުގައި ޒަމްލާ އެ ކުރަމުންދާ ހިތާމަތައް ފެނި އެތައް ފަހަރަކު ޒަމްލާގެ ކުރިމައްޗަށް ފާޅުވެ އެ ކުއްޖާއަށް އެހީވެދޭން މަލައިކާ ބޭނުންވެއެވެ. ޒަމްލާ ވިސްނާ ވިސްނުންތަކާ، ކުރާ ހިތާމަތަކުން އެ ފަކީރު ދުރުކޮށްދޭން ބޭނުންވެއެވެ. ޒަމްލާގެ މައިންބަފައިންގެ ގާތަށް ގެންގޮސް ޒަމްލާ އަށް އެ ޙާލު ޖެއްސި މީހުންގެ ކިބައިން ނުބައި ބަދަލެއް ހިފަން މަލައިކާ ބޭނުންވެއެވެ. މިހާ ދުވަސް ވަންދެން ވެސް މަލައިކާ ކެތް ކޮށްގެން އެ ހުންނަނީ ޒާޔާއާއި ޒާޔާގެ ކުޑަ އާއިލާއާމެދު ވިސްނާފައެވެ.

 

މިރޭ ވެސް ޒަމްލާ އެ އިނީ ނިދަން އުނދަގޫވެފައިކަން މަލައިކާގެ ވިސްނުންތޫނު ސިކުނޑި ދެނެގަތެވެ. އެހެންކަމުން ފިކުރުތަކާ ކަންބޮޑުވުންތަކުން ޒަމްލާގެ ސިކުނޑި ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ދުރުކޮށްލުމަށް ޓަކައި މަލައިކާ ނިންމީ ޒަމްލާ ނިންދަވާލުމަށެވެ. ދެވަނަ ވިސްނުމެއް ނެތި މަލައިކާ އެ ހުރިތަނުގައި ހުރެފައި ޒަމްލާ އިން ދިމާލަށް ފުމެލިއެވެ. މަޑުން ފުމެލި ނަމަވެސް ހީވީ އެ ކޮޓަރިތެރެއަށް ވައިރޯޅިއެއް ޖެހުނުހެނެވެ. އެ ވައިރޯޅި ގޮސް ޒަމްލާގެ ބޮލުގައި ބީހިލުމާއެކު ޒަމްލާގެ ދެލޯ މަޑުމަޑުން މެރެން ފެށިތަން މަލައިކާ އަށް ފެނުނެވެ. ޒަމްލާ އަށް ނިދުނުކަން ޔަގީންވުމުން މަލައިކާ މަޑުމަޑުން ހިނގާލާފައި ގޮސް ޒަމްލާ ރީތިކޮށް އެނދުމަތީ ބޭއްވުމަށްފަހު ރަޖާގަނޑު ޒަމްލާ ގައިމަތީގައި އަޅާލަދިނެވެ. އެއަށްފަހު ޒަމްލާގެ ގާތުގައި އެނދުގައި އިށީންދެލިއެވެ.

 

ފުން ނިންޖަކުން ނިދިފައި އޮތް ޒަމްލާގެ ބޮލުގައި މަލައިކާ އޯގާތެރިކަމާއެކު ފިރުމަން ފެށިއެވެ. “ދަރިފުޅު. އެއްވެސް ކަމެއް އަބަދު އެއްގޮތަކަށް ދެމިއެއް ނޯންނާނެ. ވަރަށް ހިތްވަރުގަދަ ވާން ވާނެ ދަރިފުޅު. ދުނިޔޭގަ އުޅޭއިރު ހިތާމަވެރި އެތައް ކަމެއް ދިމާވާނެ. ހިތާމަތަކުން ސަލާމަތްނުވެވި އެތައް ދުވަހެއް ވެސް ވޭތުވެގެން ހިނގައިދާނެ. އެކަމަކު، މަންމަގެ ދޮންދޫންޏާ. އޭގެ މާނައެއް ނޫން ހިތާމަތަކުން ސަލާމަތްވުމަށް ޓަކައި އަމިއްލަ ނަފްސު މަރާލާށެކޭ. އަމިއްލައަށް މަރުވެގެން ހިތާމަތަކާ އުނދަގޫތަކުން ރެކިއެއް ނުގަނެވޭނެ ދަރިފުޅާ. ކެތްތެރިވޭ ދޫންޏާ. އުނދަގޫ ވިޔަސް، ކެތްތެރިވޭ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ރަނގަޅުވާނެ.” ޒަމްލާގެ ބޮލުގައި ފިރުމަން އިނދެ މަލައިކާ ޒަމްލާ އަށް ހިތްވަރުލައިދެމުން ދިޔައެވެ. މާދަމާ ހޭލެވޭއިރު އެކުއްޖާ އަށް ދިރުއުޅުމަށް ޓަކައި ކިރިޔާވެސް އުންމީދެއް ދެވެން އޮތީ އެ މަގުންކަން މަލައިކާއަށް އެނގޭތީވެއެވެ.

 

*****************

 

އިރުގެ ރަން ދޯދިތައް ދުނިޔެ މައްޗަށް ފެތުރި ދުނިޔެ ރޯޝަން ކުރަމުން ދިޔައެއް ކަމަކު އެއްވެސް އަލިކަމަކުން ޒަމްލާގެ ދިރިއުޅުން ރޯޝަން ވީހެން ހިޔެއްނުވެއެވެ. އެކަން އެ މޫނުމަތިން ވަރަށް ރަނގަޅަށް ފާހަގަ ކުރެވެއެވެ. ފެންވަރާ ތާޒާވެލައިގެން އިނެއްކަމަކު އެއްވެސް ތާޒާކަމެއް ޒަމްލާއަށް އިޙުސާސެއް ނުކުރެވެއެވެ. ސިކުނޑި ތެރޭ އެތައް އެތައް ކަމެއް އެނބުރި، ސިކުނޑީގެ ހައިޖާނުގަނޑެއްގެ ތެރޭގައި އުޅެން ޖެހުމުން މީހާގެ މޫނުމަތިން އުފާވެރިކަން ފެނުމީ ނުހަނު ދުރުގައިވާ ކަމެކެވެ.

 

ފުން ނޭވައެއް ދޫކޮށްލުމަށް ފަހު ޒަމްލާ އިންތަނުން ތެދުވެ ކޮޓަރީގައި ހުރި ފިޔާތޮށި ކުލައިގެ އަލަމާރި ކައިރިއަށް ދިޔައެވެ. އަލަމާރީގެ ވަތްގަނޑުން ކުރެ ވަތްގަނޑެއް ހުޅުވައިލުމަށް ފަހު އޭގެ ތެރޭގައި އޮތް ވާހަކަ ފޮތެއް ހިފައިގެން އައިސް އެނދުގައި އިށީނެވެ. ފޮތް ހުޅުވާލުމާއެކު އެންމެ ފުރަތަމަވެސް ފޮތުގެ ތެރެއިން ވެއްޓުނީ ޒަމްލާ އެ ފޮތުގެ ތެރޭގައި ފޮރުވައިގެން ގެންގުޅޭ ފޮޓޯ ގަނޑެކެވެ. ފޮޓޯ ފެނުމާއެކުހެން އެއްވެސް އިޚުތިޔާރަކާ ނުލައި ޒަމްލާގެ ރީތި ދެ ލޯ ފެންކަޅިވާން ފެށިއެވެ. “ބައްޕާ!” ސިފައިންގެ ޔުނީފޯމުގައި ހުރި ލިއަމްގެ ތަސްވީރަށް ބަލަހައްޓައިގެން އިން ޒަމްލާއަށް ކިޔައިލެވުނެވެ. އިސާހިތަކު ޒަމްލާގެ މާޒީގައި ހިނގައިދިޔަ ހުރިހާ ކަމެއްހެން އެއްފަހަރާ އެ ސިކުނޑި ހަނދާންކޮށްދޭން ފެށިއެވެ. ބޮލަށް ބާރުކުރަން ފެށުމުން ފޮޓޯގަނޑު ބާއްވާފައި ބޮލުގައި ދެއަތް އެޅިއެވެ. ހަޅޭއްލަވަން ކިތަންމެ ބޭނުންވިޔަސް ޒަމްލާ ކެތްތެރިވީ އެއްވެސް މީހަކަށް އޭނާގެ އަޑު އިވެން ނޭދޭތީއެވެ. ފުން ނޭވާތަކެއް ލަމުން ވަރަށް މަސައްކަތް ކޮށްގެން ޒަމްލާ ހަމައަކަށް އެޅިލިއެވެ. އޭރު އެ ރީތި މޫނުމަތިން ދާތިކިތައް ވިދަން ފަށައިފިއެވެ.

 

ލިއަމްގެ ތަސްވީރު ނަގަން އުޅުނުތަނާ ޒަމްލާ ސިއްސައިގެން ދިޔައީ އެ ކޮޓަރި ދޮރުގައި ބާރަށް ތަޅަން ފެށި އަޑަށެވެ. ހިތް ނެގިނެގިފައި ޖެހެމުން ދިޔަ ހާލު އަވަސް އަވަހަށް ފޮޓޯގަނޑު ފޮތުގެ ތެރެއަށް ލައި ފޮރުވިއެވެ. އަދި ބާރުބާރަށް ގޮސް ކޮޓަރި ދޮރު ހުޅުވައިލިއެވެ. “ހިނގަ ބަދިގެއަށް ސައިބޯން ދާން. އެންމެން އެބަތިބި ސައިބޯން.” ނިކަން އާދައިގެ ރާގެއްގައި އިޒްވާ އެހެން ބުންޏަސް އެ އަޑުގައި ޒަމްލާއަށް ޓަކައި އެއްގޮތަކަށް ވެސް ލޯތްބާ ކުލުނު ނުވާކަން ފާހަގަވެއެވެ. “އިޒޫދައްތާ. އެންމެން ނިމުނީމަ ޒަމް ސައިބޯން ބޭނުންވަނީ.” އިސް ޖަހާލައިގެން ހުރެ ޒަމްލާ މަޑުމަޑުން ބުންޏެވެ. ޒަމްލާ ހުރީ އިޒްވާގެ މޫނަށް ވެސް ބަލައިލަން ނުކެރިފައެވެ. ކިތައްމެ އެއްޗެއް ޒަމްލާއާ ދިމާލަށް ގޮވާލަން ބޭނުންވިޔަސް އިޒްވާ ހުރީ އެ ހުރިހާ އެއްޗެއް ހިތުތެރޭގައި ފޮރުވާލައިގެންނެވެ. “ހްމްމް. ކަލޭ ސައިބޯން ބޭނުންވީމަ ނުކުމޭ. މަ މި ދަނީ އޮފީހަށް ދާން. ކަމެއް ބޭނުންވަންޏާ އަމާނާ ކައިރީގަ ބުނޭ.” އިޒްވާ އެހެން ބުނުމުން ޒަމްލާ ބޯޖަހައިލުމަށްފަހު ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލިއެވެ.

 

އެނދުގައި އިށީންދެލުމަށް ފަހު ޒަމްލާ މޫނުގައި ދެއަތް ހާކައިލިއެވެ. އަދިވެސް ބާރަށް ތެޅެމުން ދިޔަ ހިތް ހަމައަކަށް ނޭޅެއެވެ. ނޭވާ ހާސްވާހެން ހީވާން ފެށުމުން ކޮޓަރީގައި ހުރި ފެން ކޭހުން ފެންފުޅިއެއް ނަގާފައި ފެން ބޯން ފެށިއެވެ. ހިތްހަމަޖެހޭވަރަށް ފެން ބުއިމަށް ފަހު ޒަމްލާ އެނދުގައި ލެނގިލިއެވެ. އެވަގުތު ވިސްނުންތަކުން އޭނާގެ ސިކުނޑި ފުރެން ފަށައިފިއެވެ. އެ ހިތުގައި އެތައް ޝަކުވާއެއް ފުނިޖެހެން ފަށައިފިއެވެ.

 

އިޒޫދައްތަ އަހަންނާ މެދު މިގޮތަށް ކަންތައް މި ކުރަނީ ކީއްވެ ހެއްޔެވެ؟ އުމުރުގެ ބޮޑުބައި މި ގޭތެރޭގައި ހޭދަ ކުރެވުނު އިރު އާއިލާއެއްގެ އިހުސާސް އަހަންނަށް ނުކުރެވެއެވެ. ގޭތެރޭގައި އުޅޭ އެހެން މީހުންތައް ހީނހީފައި ސަކަރާތް ޖަހާ އަޑު އިވެއެވެ. އެ ވަގުތުތަކުގައި އަހަރެން ބާކީވެފައިވާ ވަރާ ވަށައިގެންވާ އެކަނިވެރިކަން މާ ބޮޑަށް އިހުސާސް ކުރެވެއެވެ. އިޒޫދައްތަމެން ކުޑަމިނުން އަހަރެންގެ ހާލު ބަލާނުލަނީ ކީއްވެ ހެއްޔެވެ؟ އަހަންނާ މެދު ގާތްކޮށް ނުދެކެނީ ކީއްވެ ހެއްޔެވެ؟ އަހަރެން އެހާ ދަށްކޮށްލާފައި ބަހައްޓަނީ ކީއްވެ ހެއްޔެވެ؟

 

އެ ޝަކުވާތައް ހިތުތެރޭ ފުރެމުން ދިޔައިރު ޒަމްލާއަށް ރަނގަޅަށް ރޮވިއްޖެއެވެ. މައިންބަފައިން މަތިން އެވަގުތު މާ ބޮޑަށް ހަނދާންވާން ފެށިއެވެ. މަންމަ ހުންނަނީ ކިހިނެއްކަމެއް ނޭނގުނަސް މަންމަގެ ދުރު ހަނދާނެއް ކޮންމެވެސް ވަރަކަށް ޒަމްލާއަށް ކުރެވެއެވެ. ބައްޕަ ހުންނަ ގޮތް ޒަމްލާއަށް އެނގެނީ އޭނާގެ އަތުގައިވާ ލިއަމްގެ ފޮޓޯގަނޑުގެ ސަބަބުންނެވެ. ބައްޕަ މަތިން ހަނދާންވި ވަގުތު ބައްޕަމެންވެސް އޭނާ ދޫކޮށްލީތޯ އެތައްފަހަރަކު ޒަމްލާގެ ހިތަށް އެރިއެވެ. ސިކުނޑިއަށް ކުޅަދާނަނުވެ ކެތްނުކުރެވޭ ދަރަޖައަށް ދިޔުމުން އެންމެ ފަހުން ޒަމްލާ އެނދުން ތެދުވެ ކޮޓަރީގައި ހުރި މޭޒާ ދިމާލަށް ދިޔައެވެ. ތުރުތުރު އަޅައިފައިވި އަތުން ފޮތެއްގެ ދަށުގައި އޮތް ތޫނު ވަޅި ނެގީ ރަނގަޅު ނިޔަތެއްގައެއް ނޫނެވެ. މެޔާ ދިމާލަށް ވަޅި ގެންދިޔަ ވަގުތު ސިކުނޑީގެ ކަނެއްގައި ރޭގައި ޒަމްލާއަށް ފެނުނު ހުވަފެނުގައި އިވުނު ވާހަކަތައް ކޮށްޓައިލިއެވެ. “އެކަމަކު، މަންމަގެ ދޮންދޫންޏާ. އޭގެ މާނައެއް ނޫން ހިތާމަތަކުން ސަލާމަތްވުމަށް ޓަކައި އަމިއްލަ ނަފްސު މަރާލާށެކޭ. އަމިއްލައަށް މަރުވެގެން ހިތާމަތަކާ އުނދަގޫތަކުން ރެކިއެއް ނުގަނެވޭނެ ދަރިފުޅާ.”

 

ކަރުނައިން ފުރިފައިވި ދެ ލޮލުން އެ ތޫނު ވަޅިއަށް ބަލަހައްޓައިގެން ހުރި ޒަމްލާގެ ސިކުނޑިތެރޭ އެ ޖުމްލަތައް ގުގުމަން ފެށިއެވެ. އެ ވަގުތު ދެވަނަ ވިސްނުމަކާ ނުލައި ޒަމްލާ އެ ވަޅި ހޫރައިލިއެވެ. ބާރުބާރަށް ހިނގާފައި ގޮސް އެނދުމަތީގައި ބަންޑުން އޮށޯވެ ބާލީސް ބޯ މަތީގައި އެޅީ އެ ސިކުނޑިއަށް ބާރުކުރާވަރުންނެވެ. އަމިއްލައަށް މަރުވާން ފިޔަވަޅު އަޅާ ކޮންމެ ފަހަރަކު ޒަމްލާ ހުއްޓުވަނީ އޭނާއަށް ކޮންމެ ރެއަކުހެން ފެންނަ ހުވަފެންތަކުން ބުނެދޭ އޯގާތެރި ބަސްތަކެވެ. ކޮންމެ ރެއަކު ނިދީގެ ތެރޭ އޮވެ ވެސް ޒަމްލާގެ ބޮލުގައި މީހަކު ފިރުމާ ކަހަލަ އިހުސާސް ތަކެއް ކުރެވެއެވެ. އެކަމަކު ހޭލެވޭއިރު ގާތުގައި އެއްވެސް މީހަކު ނުހުރެއެވެ. ކިރިޔާވެސް ލޯތްބާ އޯގާތެރިކަމާއެކީ ވާހަކަ ދައްކާލާނެ މީހަކާ ދިމާވަނީ ހަމައެކަނި ރޭގަނޑު އެ ފެންނަ އާދަޔާ ޚިލާފު ހުވަފެންތަކުންނެވެ. މިއީ ޒަމްލާގެ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. އުމުރުން ތޭވީސް އަހަރު ވީ އިރުވެސް ޒަމްލާއަށް އެއްވެސް ދިރިއުޅުމެއް ނުފެނެއެވެ. ހިތްހެޔޮކަމާއެކީ ވާހަކަ ދައްކާލާނެ މީހަކު ނުވެއެވެ. ހަމައެކަނި އޭނާގެ ގާތުގައިވާ އެއްޗަކީ އެކަނިވެރިކަމާ ރޭގަނޑު ފެންނަ އާދަޔާ ޚިލާފު ހުވަފެންތައް ފަދައެވެ.

 

***************

 

“ބައްޕާ! އެތެރެއަށް ވަންނަންތަ؟” ނިހާންގެ ކޮޓަރީ ދޮރުގައި ޓަކި ޖަހައިލަމުން ޒާޔާ ބުނެލިއެވެ. ނިހާން ވަންނާށޭ ބުނުމުން ތަބައް ހިފައިގެން ޒާޔާ ކޮޓަރިއަށް ވަނެވެ. އޭރު ނިހާން އިނީ ކޮޓަރީގައި އިން މޭޒުދޮށުގައި ފޮތެއް ހިފައިގެނެވެ. “ހިނގަ ކާން ބައްޕާ.” ތަބައް އެނދު ކައިރީ ހުރި ކުޑަ މޭޒުމަތީ ބެހެއްޓުމަށް ފަހު ބައްޕަ ގާތަށް ގޮސް ޒާޔާ ބުނެލިއެވެ. “ބައްޕަ ފަޔަށް ތަދުވިޔަސް ބައްޕަ ބަދިގެއަށް ވެސް ދިޔައީމުހޭ ދަރިޔާ.” ސަމާސާ ރާގަކަށް ނިހާން ބުނެލިއެވެ. “އެހެންވިޔަސް ހެޔޮ. މާ ގިނައިން ބައްޕަ ހިނގައިގެން ނުވާނެއްނު. ކައިގެން ވާނެ ބައްޕަ ފައިގަ ތެޔޮ ދަމަން އުޅެން. ލާއިމް އަންނާނެ އިރުކޮޅަކުން ޑިއުޓީ ނިންމާފަ.” ނިހާންގެ އަތުގައި ހިފައިގެން މަޑުމަޑުން ހިނގައިފައި ގޮސް ނިހާންއާއެކު ޒާޔާ އެނދުގައި އިށީނެވެ. “ބައްޕަ އަދި މުސްކުޅިއެއް ނުވެއެއްނު. ބަލާލަ ބައްޕަގެ މޫނު. ހިއެއްނުވާނެ ފަންސާސް ފަސް އަހަރުގެ މީހެއްހެން.” ބައްޕަ އެހެން ބުނެލުމާއެކު ޒާޔާ ބައްޕަ އާ ދިމާލަށް ބަލައިލާ ދެލޯ ހަނިކޮށްލިއެވެ. “ހަހަ.. ދެން ކާން ފަށާ. ބައްޕައަށް އަށްޑިހަ އަހަރު ވިޔަސް ބައްޕަ ހުންނާނީ ޒުވާންކޮށް. އެންމެ ރަނގަޅެއްނު.” ނިހާންގެ ނުރަވެފައިވި ބޮލު އިސްތަށީގައި ކުޑަކޮށް ހިފައިލަމުން ޒާޔާ ބުންޏެވެ.

 

ބަތް ކާން އިން ނިހާން އިރުއިރުކޮޅުން ޒާޔާ އަށް ބަލައިލައެވެ. އެއިން ކޮންމެ ފަހަރަކު ޒާޔާ އިންނަނީ އަތުގެ އިނގިލިތަކާ ކުޅެލަ ކުޅެލައެވެ. ނޫނީ ދޭތެރެއަކުން މުޅި ކޮޓަރިތެރެއަށް ބަލައިލަފާނެއެވެ. ނޫނީ ދޭތެރެއަކު ކުޑަކޮށް ދެފައި ތަޅުވާލަފާނެއެވެ. ޒާޔާ ކަމަކާ އެބަ ވިސްނާކަން ޒާޔާގެ އެ ހަރަކާތްތަކުން ނިހާންއަށް ނަގައިގަނެވުނެވެ. ޒާޔާ ނިހާންގެ ކުރިމަތީގައި އެހެން އެއުޅެނީ ޒާޔާގެ ޙާލު ރަނގަޅުކަމަށް ނިހާން އަށް ދައްކަން ކަން ވެސް ނިހާންއަށް އެނގެއެވެ. އެކަމަކު ބައްޕައެއްގެ ޙައިޞިއްޔަތުން ދަރިފުޅުގެ ޙާލަތު ނިހާންއަށް ވަރަށް ރަނގަޅަށް އިޙުސާސް ކުރެވެއެވެ. ދިރިއުޅުމުގައި އެ ދަރިފުޅު ކުރިމަތިލި އެތައް ގޮންޖެހުންތައް ނިހާންގެ ދެލޮލަށް ފޮރުވިފައެއް ނުވެއެވެ.

 

ނިހާންގެ ހިތަށް ކުޅަދާނަ ނުވެގެން އެންމެ ފަހުން ތަށި މޭޒުމަތީގައި ބެހެއްޓުމަށް ފަހު ޒާޔާއާ ދިމާލަށް އެނބުރިލިއެވެ. “ދަރިފުޅު ރަނގަޅުތަ؟” ޒާޔާގެ ބޮލުގައި އަޅައިފައިވި ބުރުގާ ރަނގަޅުކޮށްދެމުން ނިހާން އަހައިލިއެވެ. ބައްޕަގެ އެ އޯގާތެރި އަޑު އިވުމާއެކު ޒާޔާއަށް ބައްޕަގެ މޫނަށް ބަލައިލެވުނެވެ. އެވަގުތު އެ ދެލޯ ފެންކަޅިވާން ފެށީ އެއްވެސް އިޚުތިޔާރަކާ ނުލައެވެ. “ދެރަނުވާނެ ދަރިފުޅާ. ދެރަނުވާނެ ބައްޕަ ދަރިފުޅާ.” ޒާޔާ ނިހާންގެ ކޮނޑުގައި ބޯ އަޅައިލިއެވެ. އޭނާގެ ލޮލުން ފައިބާ ކަރުނުތައް ބައްޕައަށް ދައްކާކަށް ބޭނުމެއް ނުވެއެވެ. “އަދި އެއްދުވަހަކުން އަހަރުމެންނަށް ކާމިޔާބު ލިބޭނެ އިންޝާﷲ. އުންމީދު ކަނޑާލާކަށް ނުވާނެ ދަރިފުޅާ. ވަރަށް ހިތްވަރުގަދަ ވާން ވާނެ. މި ބައްޕަ ދުނިޔޭގަ ހުއްޓަ ދަރިފުޅު އެކަނި އެއްވެސް ހިތްދަތިކަމެއް ތަހައްމަލެއް ނުކުރާނެ. ބައްޕަ ހުންނާނަމޭ ދަރިފުޅާއެކީ.” ޒާޔާގެ ބޮލުގައި ފިރުމަން އިނދެ ނިހާން ބުންޏެވެ. ޒާޔާގެ ފަރާތުން އެއްވެސް އަޑެއް ނީވުނަސް ޒާޔާ ރޮނީކަން ނިހާންއަށް ރަނގަޅަށް އެނގެއެވެ. އެ ހިތަށް ހަމަޖެހުމެއް ލިބޭތޯ ނިހާން އަށް ވީ ވަރަކުން މަސައްކަތް ކުރެއެވެ.

 

“ދަރިފުޅާ! ބައްޕަ ބުނަންތަ ވަރަށް ރަނގަޅު ވާހަކައެއް….”

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

H noora

Level 110 Stories

Reading and writing is my passion. What motivates me more is the comments I get from readers & their support. Lots of love to the readers <3 <3 <3

Other Articles

Previous

ގާތުގާ… 28

Next

ލޯބިން ބުނާތީ 22

Next
June 13, 2026

ލޯބިން ބުނާތީ 22

Previews
June 13, 2026

ގާތުގާ… 28

3 Comments!

  1. Exxo says:
    June 13, 2026 at 2:04 pm

    Wowwwwww.
    Nice.
    When next ????

    1. H noora says:
      June 13, 2026 at 6:49 pm

      Thank you 🙂 <3 <3
      Next part tonight submit kollaanan 🙂

  2. Anonymous says:
    June 22, 2026 at 1:04 pm

    First episod ge vaanuvaa eh adhi neygunu… Sean thah dhigu veema… Kuriyan huri episod kiyaaleema egidhaanethaa….

Comments are closed.

Next Episodeޒާޔާ – 2 (ދެވަނަ ބައި)←


All Right Reserved!