Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މި ލޯތްބާއި ތި ވަޢުދު (12)

Thea reminisces
Thea reminisces Level 110 Stories
June 14, 2026 11 Mins Read
2 Comments

“އަހަރެންގެ ޢުމުރު މިދަނީ ހުސްވަމުން…އަހަރެންގެ ފައިސާއާއި މުދާ އެބަހުރި.. މި ކުންފުނި ސަލާމަތްކުރާ މީހަކީ އަހަރެންނަމަ، އަހަރެން ބޭނުން، އަހަރެންގެ ލޭ މިކުންފުނީގެ ބަޔަކަށް ހަދަން” ނަސީރުގެ ބަހަށް ތިން މީހުން އެކީ އެއްކޮށް ނަސީރަށް ބަލައިލިއެވެ.

“ތިބުނީ؟” ނަސީރު ބުނި ބަހުން ވާނުވާ ނޭނގި މިއުވާން އަހައިލިއެވެ.
“އަހަރެންގެ ދަރިފުޅު ޔޫޝާއާއި ރަޒާން އިންނަންވީ” އެ ބަސްތަކުން ރަޒާން ގެ ކަންފަތަށް ހޮނު ގުގުރި އެޅިފަދައެވެ. ދެވަނަ ސިކުންތުގައި އޭނާ ރުޅިވެރިކަމާއެކު ނަސީރަށް ބަލައިލިއެވެ. ތިން ވަނަ ސިކުންތުގައި އެ ގޮނޑިން ތެދުވެ، ބާރު މިނުގައި ނަސީރު ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފައިގަތުނެވެ. ހިފައިފައި ހުރިލެއް ބާރުކަމުން އެ އަތުގެ ނޫފުށުގެ ލޭ ނާރުތައް ފުފުނެވެ.

“އަހަރެން އިންކާރުކޮށްފިނަމަ؟” ދަތް ކުޑި ވިކައިލަމުން ރަޒާން އަހައިލީ ދެލޮލުން ކަނި ބުރާ ހާލުއެވެ. އޭނާގެ ހަޔާތުގައި މިހާ ރުޅިއައި ދުވަހެއް ހަނދާނެއް ނުވެއެވެ.
“ކީކޭ؟ ކަލޭ ހަމަބުއްދި ފިލާ ދިޔައީތަ؟” އުސްމާނު އިށީނދެއިން ގޮނޑިން ތެދުވެ މޭޒުމަތީގައި ބާރަށް ދެއަތުން ޖެހިއެވެ. މިއުވާން ވެސް އައި ރުޅިން ތެދުވެ ނަސީރާ ދިމާލަށް ބަލައިލިއެވެ.
ރަޒާންގެ ރުޅި ފެނިފައި ނަސީރުގެ މޫނުމަތީގެ ކުލަވަރަށް ބަދަލު ނައެއް ކަމަކު، އޭނާގެ ނަޒަރުގައި ހަރުކަށިކަމެއް ހަރުލައިގެން ދިޔައެވެ.
“ރަޒާން ދެކޮޅު ހަދައިފިނަމަ، އަހަރެން ވަގުތުން ކޯ- ގެރެންޓަރުގެ ޕޮޒިޝަނުން ވަކިވާނަން. މި ރީސްޓްރަކްޗަރިންގްއަށް އެއްބާރުލުން ނުދެވޭނެކަން ބޭންކުތަކަށް އަންގާނަން. އޭރުން، އެމީހުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ދަރަނި އަނބުރާ ދެއްކުމަށް އެނައުންސް ކުރާނެ…ކްރޮސް-ޑިފޯލްޓްތައް ފެށޭނެ. ރަންމުތް ހޯލްޑިންގސް ވިލް ބީ ބެންކްރަޕްޓް. ފަސްހާސް މުވައްޒަފުން. ޝަފީޤުގެ މުޅި އުމުރު ދުވަހުގެ މަސައްކަތް، ރަޒާންގެ ކޮއްކޮމެންގެ މުސްތަޤުބަލު.އެކީ އެއްކޮށް ފެނަށް ވަޔަށް.” އޭނާގެ ގިރުވާނުގައި ހިފައިގެން ހުރި ރަޒާންގެ އަތުގެ މުލައްދަނޑީގައި އޭނާ ހިފައިލިއެވެ. ދެލޮލުން ހަމްދަރުދީވާކަމަށްވެގެން ރަޒާނަށް ބަލައިލިއެވެ.
“އަހަންނެއް ބޭނުމެއް ނޫން އެހެން ވާކަށެއް…އެހެން ވެއްޖެނަމަ އަހަރެންގެ ހިތް ކުދިކުދި ވާނެ..” މޫނު މައްޗަށް ހިތާމަވެރިކަން ގެންނަމުން ނަސީރު ބުންޏެވެ.
“ތިކުރަނީ މަޖުބޫރީއެއް” މިއުވާން އަޑުގައިވާ ރުޅިވެރިކަން ފޮރުވާކަށެއް ނޫޅުނެވެ.
“ނޫން…ޕްރޮޕޯޒަލް އެއް މީ….ފުރުސަތެއް..ހިފުމާއި ނުހިފުން އެއީ ރަޒާންގެ އަތްމަތީގައި އޮތް ކަމެއް”
“ކަލޭ ލަދެއްވެސް ނުގަނޭތަ ކަލޭގެ އެކުވެރިޔާގެ ދަރިއަށް ތިހެން ހަދަން؟…ކަލޭ ތިބުނާ އެކުވެރިޔާގެ ފުރާނަނެތް ހަށިގަނޑުގެ މަސްގަނޑު ކަށިގަނޑަކަށް ވެގެން ދިޔަކަން ނޭނގޭއިރު، ކަލޭ ތިއުޅެނީ އެ އެކުވެރިޔާގެ ދަރިފުޅުގެ ކިބައިން ނާޖައިޒު ފާއިދާ ނަގަންތަ؟ ކަލޭ ބުނާ ގޮތް ނުހަދާފިނަމަ، އޭނާ ހަލާކު ކޮށްލާނެ ކަމުގެ އިންޒާރު ދޭން ލަދެއްވެސް ނުގަނޭތަ؟” އުސްމާނު އައިސް ހުރި ރުޅިން އަތުން ފައެއް ގޯހެއް ނުހެދި ހުރީ ކިރިޔަ ކިރިޔާއެވެ.

“އުސްމާން…ވިޔަފާރީ ދުނިޔޭގައި ލަދަކީ ބޭކާރު އެއްޗެއް… ޝަފީޤަށް އެކަން ވިސްނުނު…ދެރައީ އުސްމާނަށް އަދިވެސް ނުވިސްނުނީމަ” ގަދަކަމުން، އޭނާގެ ގިރުވާނުން ރަޒާންގެ އަތް ވަކިކޮށްލުމަށްފަހު، ގޮނޑިންތެދުވެ ގަމީސް ރަނގަޅުލޮށްލަމުން ނަސީރު އެހެން ބުނެލީ އެއްވެސް އަސަރެއް ނެތިއެވެ. އުސްމާނުން ނަޒަރު ވަކިކުރުމަށްފަހު އޭނާ ރަޒާނަށް ބަލައިލިއެވެ.

“ތިން ދުވަސް….އަހަރެން އުންމީދުކުރަން..ރަޒާން އެންމެންނަށް ރަނގަޅު ޖަވާބެއް ދޭނެ ކަމަށް”
***

ގެއަށް ދިއުމުގެ ބަދަލުގައި ރަޒާން ކާރު ދުއްވީ އޮފީހުގެ އިމާރާތާ ދިމާލަށެވެ. އަނގައިން ބަހެއް ބޭރު ނުވިޔަސް، އެނާގެ މޫނުމަތިން ފެންނަމުންދަނީ ރުޅިވެރިކަމެވެ. އަމިއްލަ ނަފްސުގެ ބަލިކަން އިހުސާސް ކުރެވިފައި އޭނާ ހުންގާނުގައި ބާރަށް ހިފައިލިއެވެ. ޕަސެންޖަރ ސީޓުގައި އިން މިއުވާން އިތުރު އެއްޗެކޭ ނުބުނެ ކާރުގެ ކުރިއަށް ބަލަން ހުރީ ރަޒާން ކުރަމުންދާ އިހުސާސްތައް ވިސްނި ހަމްދަރުދީވެގެންނެވެ.

ހުޅުމާލޭގައި ހުންނަ އެ އޮފީސް އިމާރާތުގެ ބިންގަރާހުގައި ހުރި ޕާކިން އޭރިޔާގައި ކާރު ޕާކު ކޮށްލުމަށްފަހު ރަޒާން އެ ކާރުން ނުކުމެގެން މިސްރާބު ޖެހީ އެ ތަނުގައި ހުރި ލިފްޓަށެވެ. އޭނާގެ ފަހަތުން މިއުވާން އެ ލިފްޓަށް ވަދުމާއެކު އޭނާގެ އޮފީސް ހުންނަ ފަންގިފިލާގެ ނަމްބަރަށް ފިއްތައިލިއެވެ.

ލިފްޓުގެ ދޮރު ހުޅުވުމާއެކު އަވަސް ފިޔަވަޅުތަކެއް އަޅަމުން، އެ ހޯލު ކަޑަތުކޮށް އޭނާގެ އޮފީހަށް ވަދުނެވެ. ފަހަތުން މިއުވާން އޭނާއާއެކު އެ ކޮޓަރިއަށް ވަދެ ދޮރު ލެއްފުމާއެކު އެތެރެއަށް ހިންދައިލައިގެން ހުރި ރުޅި އެކީ އެއްކޮށް ބޭރުވެގެން ދިޔައެވެ. އަތުގެ ހުރި ބާރެއްލައިފައި އެ މޭޒު މަތީހުރި ހުރިހާއެއްޗެއް ހޫރައިލީ އަރު ތެރެއިން އެއްވެސް އަޑެއް ބޭރު ކުރުމެއް ނެތިއެވެ. މޭޒުމަތިން ވެއްޓުނު ކަރުދާހާއި ގަލަންތަކުގެ ތެރޭގައި އޭނާއާއި ރޫޔާގެ ފްރޭމްވެސް ވެއްޓި ބިއްލޫރި ގަނޑު ތަޅައިގެން ދިޔައެވެ. އެ އަޑަށް ރަޒާން މުށިގަނޑުމައްޗަށް ބަލައިލިއެވެ. ތަޅައިގެން ގޮއްސަ އޮތް ފްރޭމް ފެނިފައި އޭނާ ހުއްޓުން އެރިއެވެ. މިހާއެއްކޮށް ގަބުވިއެވެ.

ހަމަ ރަނގަޅަށްވެސް އޭނާގެ އަތުން ހުރިހާ ބާރެއް ގެއްލިއްޖެއެވެ.

ފުންނޭވާއެއް ދޫކޮށްލުމަށްފަހު ގުދުވެ އޭނާގެ އަތުތެރެއަށް ފްރޭމް ނެގިއެވެ. އެ ބާރުގަދަ އަތް ތުރުތުރު އަޅާހާލު، ތަޅައިގެން ގޮއްސަ އޮތް ބިއްލޫރިކޮޅުތައް އެ ފޮޓޯ މަތިން ސާފުކޮށްލިއެވެ. އެސްފިޔަ ޖަހައިލުމެއް ނެތި، ގޮތް ހުސްވެފައި ހުރި މީހެއް ހެން އޭނާގެ އޮފީސް ގޮނޑީގައި އިށީނދެލީ އަތު ތެރޭގައި އޮތް ފޮޓޯއިން ނަޒަރު ވަކި ކުރުމެއް ނެތިއެވެ.
“މިއުވާން…އަހަރެންނަށް އިތުރު ގޮތެއް ނެތްތަ؟” އެ އަޑުން ފުރަތަމަ ފަހަރަށް އެ ހިތުގެ ވޭންނާއި މާޔޫސް ހާމަވެގެން ދިޔައެވެ.
***

ނިދާ އެނދު ކައިރީހުރި ކުޑަ ކަބަޑު މަތީ އޮތް ފޯނަށް އިރު އިރުކޮޅާ ރޫޔާ ބަލައިލެވުނީ ރަޒާންގެ ކޯލަކަށް އިންތިޒާރުކުރަން ހުރީމައެވެ. މިރޭ ކޮންމެވެސް މީހަކާ ބައްދަލުކުރަން ދާން ޖެހޭ ވާހަކަ އޭނާ ކައިރީ ބުނީ މެންދުރު ވަގުތުއެވެ. އެއަށްފަހު ރަޒާންގެ ޚަބަރެއް އެއް ގޮތަކަށްވެސް ރޫޔާއަށް ނުލިބުނެވެ. ކޯލެއް ނުލިބުނު ތަނުގައި މެސެޖެއްވެސް ނާދެއެވެ.

ހިތުގެ ކޮންމެވެސް ކަނަކުން އޭނާއަށް ކަމެއް ގޯސްވާން އުޅޭ ކަމުގެ އިހުސާސް ކުރެވުނެވެ. އެހެނަސް އެއީ ޝައިޠޯނީ ވަސްވާސްކަމަށް އަމިއްލަ ނަފްސަށް ވިސްނައިދިނުމަށްފަހު އޭނާ އަތަށް އެ ފޯނު ނެގިއެވެ. ދެ ޚިޔާލެއްގައި ހުރެފައި ރަޒާންގެ ނަމްބަރު ހޯދުމަށްފަހު އެ ނަމްބަރަށް ގުޅައިލިއެވެ. އެހެނަސް އެ ކޮޅުން ފޯނެއް ނުނަގައެވެ. ދެވަނަ ފަހަރަށް، ތިންވަނަ ފަހަރަށް ގުޅީމަވެސް ފޯނެއް ނުނަގައެވެ. ހަދާނެ ނުހަދާނެ ގޮތްނޭނގި އެންމެ ފަހުން ރޫޔާ އެ ފޯނު ތިރިކޮށްލިއެވެ. ކަބަޑު މަތީ ހުރި ފްރޭމް ނަގައި އެ ފޮޓޯގައި ހުއްޓި ހުރި ރަޒާންގެ މޫނުގައި އިނގިލިން ބީހިލިއެވެ.
***

އޮފީސް މޭޒު ކުރިމަތީގައި ހުރި ގޮނޑިއެއްގައި އިށީނދެ އިން މިއުވާން ފުންނޭވާއެއް ދޫކޮށްލިއެވެ.
“އަހަރެން މިހެން ބުނަންވެސް ދެރަވޭ…އެކަމަކު ސޫ ކޮށްގެން މިކަން ހައްލުކުރަން އަހަރުތަކެއް ނަގާނެ، އޭރަށްވާއިރަށް މިކޮމްޕެނީ އޮންނާނެ ކަމެއްވެސް ނޭނގެ. ރަޒާން، އައި އޭމް ސޮރީ….” މިއުވާން އިށީނދެއިން ގޮނޑީގައި ލެގިލުމަށްފަހު ސީލިންގަށް ބަލައިލިއެވެ. މިއުވާންގެ ބަހަށް ރަޒާން ބަލި ހިނިތުންވުމެއް ހަދިޔާކޮށްލީ، އަދިވެސް އެ ފްރޭމަށް ބަލަން ހުރެފައެވެ.
“މިއުވާނަށް އިނގޭތަ؟ ރޫޔާ ކައިރީ އަހަރެން ވީ ގޮތް ބުނެފިނަމަ…ރޫޔާ ބުނާނެ އަހަރެން ކައިރީ އެކައިވެނި ކުރަން…އެހާ އަންޑެސްޓޭންޑިން މީހެއް ނުދެކެން އަހަންނެއް…” ކުރަކި ވެފައިވާ އަޑަކުން ރަޒާން ވާހަކަ ފެށިއެވެ.
“އޭނާ އަމިއްލަ ނަފްސަށްވުރެ އެހެން މީހުންގެ ހާލަތާއި އިހުސާސްތަކާއި މެދު ވިސްނާ އިސްކުރާނެ…އަހަންނެއް ބޭނުމެއް ނޫން އެގޮތެއް. އޭނާގެ ހަމްދަރުދީއެއް އޭނާގެ މަޢާފެއް ބޭނުމެއް ނޫން…އަހަންނަށް އެޔެއް ހައްޤެއް ނޫން..ބައްޕަގެ ކުންފުންޏާއި ޢާއިލާ ސަލާމަތްކުރަން އަހަރެންނަށް އޮތް ހަމައެކަނި ގޮތަކީ އޭނާއަށް ވީ ވަޢުދާ ޚިލާފުވެ އެނާގެ ހިތް ހަލާކު ކޮށްލުން…މިއުވާން ބުނެބަލަ…ހީވޭތަ ކަން މިހެން ދާއިރު އަހަންނަށް އޭނާގެ މަޢާފާއެކު ދިރިއުޅުމައިގެން ކުރިއަށް ދެވޭނެހެން؟ ނޫން…އަހަރެންގެ އެ ހިތްވަރެއް ނެތް….އަހަރެންނަށް ދިރިއުޅެން މާ ފަސޭހަވާނެ ރޫޔާގެ ނަފްރަތާއެކު…”
“ދެން ތިބުނަނީ….” މިއުވާން ހަށިގަނޑު ތެދުކޮށްލުމަށްފަހު ރަޒާނަށް ބަލައިލީ ލިބެން އުޅޭ ޚަބަރަށް ދެކޮޅު ހަދާ ހާލުއެވެ.
“އެނޫން ގޮތެއް ނެތެއްނު” ހިތާމައިން ފުރިފައިވާ ހިނިތުންވުމެއް އެމޫނު މަތިން ފާޅުވުމާއެކު މިއުވާނަށް ޖަވާބު ލިބުނެވެ.
****

ހެނދުނު ފިހާރަތައް ހުޅުވައި ގަޑި ޖެހުމާއެކު ރޫޔާއާއި ޝެހެނާގެ އިތުރުން ޒާޝާ ފިހާރައަކަށް ވަދުނީ މެންދުރަށް ނޫޑުލިސް ކައްކަން ވެގެންނެވެ. ހުކުރު ނަމާދަށްފަހު މޫދަށް ދާން ރާވައިފައި އޮތުމާއެކު އެ ދެމީހުން އުޅުނީ ކައްކަން ބޭނުންވާ އެއްޗެހި ގަންނަންށެވެ. ފިހާރަ ދޮރު އެތެރެއަށް ހުޅުވުމާއެކު ޒާޝާ ފިހާރަށް ވަދެ ދުއްވައިގަތުނީ ކޮންމެވެސް ހަރުފަތަކަށެވެ. އެ ކުއްޖާ ރަނގަޅަށް އުޅޭނެކަން އެނގޭނެތީވެ، ޝެހެނާ އާއި ރޫޔާ ހިނގައިގަތުނީ ފިޔާ އަޅައިފައިހުރި ހަރަށެވެ.
“ދެން ތި އަހަނީ އަހަރެން ކައިރީގައި ޝަފް ޕްރެގް ވީ ހޭތަ؟” ފިޔާތައް ހާވަން ހުރި ރޫޔާ ކައިރިއަށް ޖެހިލުމަށްފަހު ވައި އަޑުން ޝެހެނާ ސުވާލު ކުރީ ފިހާރައިގައި ތިބި އެހެން މީހުންނަށް އަޑު ފޮރުވަން ވެގެންނެވެ.

“ހޫމް..އަހަރެން މަންމަ ކައިރީ އޭނާ ސުވާލު ކުރި…އަހަރެން އެހިން ކީއްވެ ހޭ އަހަރެން ކައިރީ ނޭހި..އޭނާ ބުނީ އަހަރެންވެސް ދަރިން ހޯދި ދުވަހަކުން ދާނަމޭ..އަހަރެމެން ހަތަރު މީހުންގެ ތެރެއިން ދަރިއެއް ހުރި މީހަކީ ޝެހޭ އެއްނު” ރޫޔާ ދެތިން ފިޔާ ނެގުމަށްފަހު ކައިރީގައި ހުރި ބިދޭސީ މީހާއަތަށް ދިނެވެ.
“ޝަފް އެއް ނާހާ އަދި ތިކަހަލަ ވާހަކައެއް. ހީވެތަ އަނެއްކާ؟” ޝެހެނާ އެއްލޯ މަރައިލުމަށްފަހު ނޫޑުލިސް ޕެކެޓުތައް ހުރި ހަރު ކައިރިއަށް ދިޔައެވެ.

މީހަކު ފިހާރަތެރެއަށް ވަދުނު ހެން ހީވެގެން ރޫޔާ ފިހާރަ ދޮރަށް ބަލައިލިއެވެ. ވަދެގެން އައި ތިން އަންހެން ކުދިން ފެނި ރޫޔާގެ އަނގަ ހުތްވިއެވެ. ފުންނޭވާއެއް ލުމަށްފަހު މޫނު އަނެއް ފަރާތަށް އަނބުރައިލީ އެ ތިން ކުދިންނަށް އޭނާގެ މޫނު ފޮރުވަންވެގެންނެވެ.
“ހޭ…ދީބަލަ ފައިވް ކޭޖީ ފުއް އަދި ފައިވް ކޭޖީ ހަނޑޫ…” ތުއި އަޑަކުން ލީނާ، ރޫޔާއަށް އެހީވަން ހުރި ބިދޭސީ މީހާއަށް ގޮވައިލިއެވެ. އެ އަޑުގައި އެއްވެސް އިޚްތިރާމެއް ނެތި އެ ބިދޭސީ މީހާއާ މުޢާމަލާތް ކުރި ގޮތުން ރޫޔާގެ މޫނު ކުނި ކޮށްލެވުނެވެ.

“އަވަސް…” ހަދާނެ ނުހަދާނެ ގޮތެއް ނޭނގި އެ ބިދޭސީ މީހާ ބަލަން ހުރި ގޮތުން ލީނާ ހަރު އަޑުން ބުންޏެވެ. ރޫޔާ އަވަސް އަވަހަށް އެމީހުންގެ އެދުން ފުރިހަމަ ކުރަން ދާށޭ ބުނުމާއެކު، އެ ބިދޭސީ މީހާ އަވަސް އަވަހަށް ފުއް ކިރަން އުޅުނެވެ.
“ލީން..އަދިވެސް ތި އުޅެނީ ހަމަ ރާއްޖެ ތެރޭ މީހަކާ މެރީ ކުރަންތަ؟ ސާޖިދް ނޫން އެހެން މީހަކު ނުފެނުނީ ތަ؟” ލީނާގެ އެކުވެރިޔަކަށް ހުރި ޔަޝްފާ އަހައިލީ މުޅި ފިހާރަތެރެއަށް ފަކުރުގެ ނަޒަރަކުން ބަލަމުންނެވެ.
“އޯ ޕްލީޒް..ނުފެނޭތަ އޭނާ ހުންނަ ގޮތެއް. ހީޒް ހޮޑް. ސްމާރޓް،”
އެވަގުތު އެ ތިން މީހުން ކައިރީގައި ހުރި ހަރު ކުރިމަތީ ހުއްޓިހުރި ޒާޝާ އެ ތިން މީހުންނަށް ބަލައިލިއެވެ. ލޯބި ގޮތަކަށް ދެބުމަ ގޮށްޖަހައިލުމަށްފަހު ޒާޝާ ލީނާއަށް ރަނގަޅަށް ބަލައިލިއެވެ.
“ދައްތަ ތީ ދިވެއްސެއް ނޫންތަ؟ ދެން ކީއްކުރަން ސާޖް ބޭއަށް ރާއްޖެތެރޭ މީހެކޭ ތި ކިޔަނީ؟ ރޫއްތާ…ސާޖް ބޭ އަކީވެސް ދިވެއްސެއްދޯ…މިދައްތަވެސް….” އެ މައުސޫމު ސުވާލުން ރޫޔާ ގާތަށް ހިނިވެސް އައެވެ. ޒާޝާގެ އަޑު އިވިފައި ޝެހެނާ އަވަސް އަވަހަށް އެ ދައްތަ މެން ކިބައިން މަޢާފަށް އެދެން ޒާޝާ ކައިރީ ބުނި އަޑުވެސް ރޫޔާއަށް އިވުނެވެ.

ޒާޝާގެ ސުވާލު އިވިފައި ދޭނެ ޖަވާބެއް ނޭނގިގެން އެ ތިން އަންހެނުން ހުއްޓިފައި ހުރެވުނެވެ. އެހެނަސް އެ ކުއްޖާގެ ޖުމުލައިން، ދަންނަ ނަމެއް އިވުނު ހީވެގެން ލީނާ، ފިޔާ ބަސްތާތައް ކައިރީގައި ހުރި އަންހެން ކުއްޖާއަށް ބަލައިލިއެވެ. ބޮލުގައި ހުޅިއެއް ޖަހައިގެން، އަތްދިގު، ގަޔަށްދޫ ކަކުލާ އަންނަ ކަޅު ހެދުމެއް ލައިގެން ހުރި އެ އަންހެން ކުއްޖާއަކީ އޭނާއަށް ފެނިފައި ހުރި އަންހެން ކުއްޖެއްހެން އޭނާއަށް ހީވިއެވެ.
“ތީ….ރޫޔާ ދޯ؟” ޔަޤީން ކުރަންވެގެން ލީނާ އަހައިލިއެވެ. ރޫޔާ ޖަވާބެއް ދިނުމުގެ ކުރިން އޭނާ ހަށިގަނޑު ތެދުކޮށްލުމަށްފަހު ހަށިގަނޑު ތެދުކޮށްލީ ބޮޑާވެރި ގޮތަކަށެވެ.
“ޗި….ޔަޝް..މީ އަހަރެންގެ ލަވް އާއި ހެދިގެން އުޅޭ އަންހެނާ.” މަލާމާތުގެ ރާގަކަށް ލީނާ ބުންޏެވެ.
ރައްދުގައި ރޫޔާ ފުންނޭވާއެއް ދޫކޮށްލިއެވެ.
“އެނގޭތަ ކީއްވެގެން ކަން އަހަރެން މި ރަށުގައި މިހުރީ؟” ހަމަ އެ ބޮޑާކަން މަތީ ހުރެ ލީނާ ރޫޔާ ގާތު ސުވާލު ކުރިއެވެ.
“ކީއްވެ؟”

“އަހަރެމެން މިއުޅެނީ ކައިވެނި ކުރަން… މި މަސް ތެރޭ” ފޮނިވެފައި ލީނާ ޖަވާބު ދިނެވެ.
“އެހެން….މަރުހަބާ” ފަރުވާ ކުޑަ ރާގަކަށް ރޫޔާ އެހެން ބުނުމަށްފަހު ކައުންޓަރު ކައިރިއަށް ހިނގައިގަތުނެވެ.
“ބަލަ އަޑެއް ނީވޭތަ؟ އަހަރެން މިއުޅެނީ ކަލޭ ހޭބަލިވެގެން އުޅޭ ސާޖިދާ އިންނަންވެގެންނޭ” ރޫޔާގެ ފަރާތުން ލިބުނު ރައްދު ކަމު ނުގޮސްގެން ލީނާ އެބަސްތައް ތަކުރާރުކުރިއެވެ.

ރޫޔާ ޝެހެނާއަށް ބަލައިލީ ޝެހެނާވެސް ރޫޔާއަށް ބަލައިލި ވަގުތުގައެވެ. ރޫޔާ އެއްޗެކޭ ބުނުމުގެ ކުރިން ޝެހެނާ އެ ދެމީހުންގެ ދެމެދަށް ވަދުނެވެ.
“ލީނާ ދޯ ކިޔަނީ؟ އަހަންނަކީ ޝެހެނާ..ސާޖްގެ ރައްޓިއްސެއް…”
“އެހެން” ލީނާ ޝެހެނާއަށް ލޯ އަޅައިލިއެވެ.
“ހޫމް….ލީނާ އަހަރެން ހަމައެކަނި ލީނާއަށް ވިސްނައިދޭންވެގެން މި ބުނަނީ…ރޫޔާ ނޫޅޭ ސާޖިދަކާ ހެދިއެއް…ސާޖިދުވެސް ނޫޅޭ ރޫޔާ އާ ހެދިއެއް. އެދެމީހުންގެ ދެމެދުގައި އޮތީ ހަމައެކަނި އެކުވެރިކަން…އެހެންވީމާ އެއްވެސް ބޭނުމެއްނެތް ޒުވާބަކަށް ދާން ނޫޅެމާ ދޯ….އެހެންނޫނީ މީހުންނަށް ވިސްނޭނީ ތީ ތަޞައްރަފު ނުފުދޭ މީހެއްކަން…އެހެން ވާކަށެއް ބޭނުމެއް ނޫން ދޯ” ޝެހެނާގެ ބަހުން ލީނާގެ އަނގަ ބަންދުވިއެވެ. އެއްޗެއް ބުނަން އުޅެފައި އަނގަހުޅުވައިލައިފައި އަނެއްކާވެސް ލައްޕައިލީ، ފިހާރައިގެ ތިބި އެހެން ކަސްޓަމަރުންގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުރިތަން ފެނިފައެވެ.
“ހިނގާ ދަމާ” ލީނާ ބަލި ޤަބޫލު ނުކުރަންވެގެން ފުއް ކޮތަޅާއި ހަނޑޫ ކޮތަޅު ހިފައިގެން އެ ފިހާރައިން ނުކުމެގެން ދިޔައެވެ.

“ސީރިއަސް ކޮށް އެތަ ސާޖް މެރީ ކުރަން އުޅޭ އަންހެނަކީ؟” ޝެހެނާ ކައުންޓަރަށް ލާރި ހަވާލުކުރަމުން ރޫޔާ ގާތު އަހައިލިއެވެ. ޖަވާބުގައި ރޫޔާ ބޯ ޖަހައިލިއެވެ.
“ސާޖް އަށް އޭނާ ނޫން ރަނގަޅު މީހަކު ނުފެނުނީތަ؟” ޖަވާބުގައި ރޫޔާ ދެކޮނޑު އަރުވައިލިއެވެ.

***

“ކީކޭ؟” ޝަފަޤް މޭޒުމަތީގައި ބޯތަށި ބަހައްޓަމުން އަހައިލިއެވެ. އޭނާއާއި މައިރާ ދެލޯ ބޮޑުކޮށްގެން ރޫޔާ އާއި ޝެހެނާއަށް ބަލައިލިއެވެ.
“ސާޖިދް ކައިވެނި ކުރަނީއޭ؟” މައިރާ އަޑު އައީ ހީކުރިވަރަށް ވުރެ ބާރަށެވެ.
“ބަލަ ތިއެއްނު ސާޖްގެ ކަޒިންނަކީ…” ޝެހެނާ މައިރާއަށް ބަލައިލިއެވެ.
“ޢާއިލާވިޔަސް އަހަންނަކަށް ނޭނގޭ ތިއެއް…މަޑުކުރޭ” މައިރާ ފޯނު ނަގައި ސާޖިދަށް ގުޅިއެވެ. ސާޖިދް ފޯނު ނެގުމުން އޭނާ ކޯލް ސްޕީކަރަށް ލިއެވެ.
“ކީކޭ މައިރާ؟”
“ކޮން މައިރާއެއް ކިޔާކަށް…އަހަރެން ކައިރީ ނުވެސް ބުނޭ މެރީ ކުރަން އުޅޭ ވާހަކައެއް” މައިރާ ރުންކުރު ގޮތަކަށް ބުނެލިއެވެ. މައިރާގެ ބަހަށް ސާޖިދް ފުންނޭވާއެއް ދޫކޮށްލި އަޑު އެ ހަތަރު މީހުންނަށް އިވުނެވެ.
“އޯހް. މަ ބުނިން، ދެން ތީ މައިގެ މައްސަލައެއް އަޑު އެހުމާއި ނޭހުން..” ސާޖިދު ބުންޏެވެ. މައިރާ ފޯނަށް ދެލޯ އަޅައިލީ ސާޖިދް އެހެން ބުނިތޯ ހަނދާން ކުރަމުންނެވެ.
“ޔަޕް. އެންޑް ދެޓްސް މައި ސައިން ޓު ހޭންގ އަޕް ދިޒް ކޯލް….” އިތުރު އެއްޗެކޭ ނުބުނެ މައިރާ ފޯނު ކަނޑައިލިއެވެ.

“ވެލް…ކޮންގްރެޓްސް ފޯ ޔުއަރ ނިއު އެޑިޝަން ޓު ދަ ފެމިލީ؟” ޝަފަޤް އެހެން ބުނުމާއެކު މައިރާ ޝަފަޤަށް ދެލޯ އަޅައިލިއެވެ. “އެ ލީނާ ނޫން އެހެން މީހަކު އޭނާއަށް ނުފެނުނީތަ؟” ޝަކުވާ ކުރާ ރާގަކަށް މައިރާ އަހައިލުމަށްފަހު ހުސް ގޮނޑިއެއްގައި އިށީނދެލިއެވެ.
“އަޅައިނުލާ… ދެން ރޫ ބުނެބަލަ…ރަޒާން ތި ދެމީހުން ކިހިނެއް ވަނީ؟” މައިރާ އަވަހަށް މަޢުޟޫ ބަދަލުކޮށްލިއެވެ. ރޫޔާ އެސުވާލަށް ފުންނޭވާއެއް ދޫކޮށްލުމަށްފަހު މޭޒުމަތީގައި އޮތް އޭނާގެ ފޯނަށް ބަލައިލިއެވެ.
“ދެން އޯކޭ” އޭނާގެ ޖަވާބު އައީ ވަރަށް އެހެން ގޮތަކަށެވެ. އެ އަޑަށް ދެން ތިބި ތިން މީހުން އެކީ އެއްކޮށް ރޫޔާއަށް ސަމާލުކަން ދިނެވެ. “އޯކޭ؟” ޝަފަޤް އަހައިލިއެވެ.
“ރޫ..؟” އޯގާތެރި ރާގަކުން ޝެހެނާ އަހައިލިއެވެ.
“ދެން އަނެއްހެން އޯކޭ…އެކަމަކު…ރަޒާނާއި އަހަރެން….ކޯލް ކޮށްގެން ވާހަކަ ނުދައްކާތާ..މިހާރު.. ދެހަފްތާއެއް ވަނީ؟” ޖެހިލުންވެ ހުރެ ރޫޔާ ހަޤީގަތް ހާމަކުރިއެވެ.
“ދެ ހަފްތާ؟” ދެން ތިބި ތިން މީހުން އެކީ އެއްފަހަރާ ތަކުރާރުކޮށްލީ ޔަޤީން ކުރަންވެގެންނެވެ. ޖަވާބުގައި ރޫޔާ ބޯ ޖަހައިލިއެވެ.
“ވެދާނެ ބިޒީވީ ކަމަށް…އިޓްސް އޯކޭ” ރޫޔާ އަތް ފޮޅައިލަމުން އަވަހަށް އުޅުނީ މެގްނަމް ޕުޓިން ތައްޔާރުކުރަންށެވެ. އެކަމަކު އޭގެ ކުރިން ޝެހެނާ އޭނާ ހުއްޓުވައިފައި ހުސް ގޮނޑިއެއްގައި ބޭންދިއެވެ.
“ކިޔާބަލަ…ކިހިނެއްވެގެން ތިއުޅެނީ؟” ޝަފަޤްވެސް މޭޒާއި ކައިރިވެލަމުން އަހައިލިއެވެ. ތިން މީހުން ގޮތްދޫނުކުރާނެކަން އެނގޭތީވެ ރޫޔާ ވީ ގޮތް ކިޔައިދޭން ފެށިއެވެ.
“ނޭނގެ އަސްލު ވީގޮތެއް…މިހާރު ވަރަށް ދުރުގައި އުޅެނީ…ދެދުވަހުން އެއް ދުވަހު މެސެޖު ކުރަނީ…ވަރަށް ޑްރައި ކޮށް ދަނީވެސް” ރޫޔާ އެހެން ބުނުމާއެކު ތިން މީހުން އެކަކު އަނެކަކަށް ބަލައިލިއެވެ.
“ރޫ ޔޫ ނޯ ދެޓްސް ހައު ޕީޕަލް ސްޓާރޓްސް ޓު ގޯސްޓް އަދާރސް؟” މައިރާ ކަންބޮޑުވެގެން ހުރެ ބުނެލިއެވެ.
“ޕްލީޒް…އަހަންނަށް ހަމަ ޔަޤީން އޭނާ ބިޒީ ވީމަ އެހެން އެ އުޅެނީ….” ރޫޔާ އެހެން ބުނީ އޭނާގެ އަމިއްލަ ނަފްސު ރުއްސަން އުޅޭ ހާލުގައެވެ.

***

ރޭގަނޑު ކައި ނިމިގެން ވަސީމާއި ޝަފަޤް ގެއިން ބޭރަށް ނުކުމެ، އިށީނދެލީ މަގަށްވާގޮތަށް ހަދާފައިން ހޮޅުއަށީގައި އެވެ. ދެމީހުން އެކި ވާހަކަ ދައްކަން ހުއްޓައި މައިރާވެސް އެ ހޮޅުއަށްޓަށް އައެވެ.
ޝަފަޤްގެ ދެމަފިރިން އެކަނި އެ ހޮޅުއަށީގައި ތިބި ތަން ފެނި އޭނާ ލާނެއް ގޮތަކަށް ހިނިތުންވެލިއެވެ.
“ސާބަހޭ…އަދިވެސް ހަނީމޫނުން އަރައި ނުގަނެވިގެން ދޯ ތިއުޅެނީ؟މިހާރު އަށްމަސް މިވަނީ” ދިމާކުރަމުން މައިރާ އެ ހޮޅުއަށީގެ ކަނުގައި އިށީނދެލިއެވެ.
“މައިރާ…ސާބަސް” ސަމާސާއަކަށް ލޯ އަޅަމުން ޝަފަޤް ހީލިއެވެ.

“އޭތް..ސޭމް..ބުނެބަލަ..ރަޒާން ކިހިނެއްވެގެން އެ އުޅެނީ….ރޫ އެހުންނަނީ ވާނުވާގައި؟” މައިރާ ވަސީމަށް ބަލައިލީ ޖަވާބެއް ހޯދަންވެގެންނެވެ.
“ނޭނގެ…ވެގެން އުޅޭ ގޮތެއް….” ފޯނު ކުޅެން އިނދެފައި ވަސީމް މައިރާއަށް ބަލައިލިއެވެ.
“ސީރިއަސްކޮށް….އެއްކަލަ…މި މިއުވާން ވެސް ނުބުނޭތަ އެއްޗެކޭ؟” ވަރަށް ނުވާކަމަށް ހެދި މައިރާ އަހައިލިއެވެ. މައިރާގެ އަނގައިން މިއުވާންގެ ނަން އިވިފައި ޝަފަޤް މައިރާއަށް ދިމާކުރާ ކަޅިއެއް އެއްލިއެވެ.
“ޝަފް…ނޯ…އަހަރެން މި އަހަނީ އެ މީހާ ސޭމް ކައިރީ ރަޒާންގެ ވާހަކަ އެހި ހެއްޔޭ؟”
“އެއްކަލަ މިއުވާންތަ؟” މައިރާގެ ފަހަތުން ސާޖިދްގެ އަޑު އިވިފައި މައިރާ ބިރުން ހަޅޭއްލަވައިގަތުނެވެ.
“ސާޖިދް!!!” ސާޖިދުގެ ކޮނޑުގައި މަޑުމަޑުން މައިރާ ޖަހައިލިއެވެ.
“މިއުވާން އަސްލުވެސް ރަނގަޅޭ އަހަރެންގެ ޅިޔަނަށްވާން…ނޫންތަ ޝަފް؟” މައިރާ ކައިރީ ހޮޅުއަށީގައި އިށީންނަމުން ސާޖިދު ބުނެލީ މައިރާއަށް ދިމާކުރަންވެގެންނެވެ.
“އެހެން..އަހަންނަކަށް ކަމަކު ނުދޭ ލީނާ އަހަރެންގެ ފަހަރިއަށް ވާން” ރުންކުރުކޮށް މައިރާ ބުންޏެވެ.
“މައީ….ލީނާ އިޒް ސޮރީ…އަހަރެން ލީނާ އަށް ވިސްނައިދޭނަމޭ. ” ސާޖިދް އެހެން ބުނުމުން މައިރާ ލޯ އަޅައިލިއެވެ.
“ހަނދާން ކުރައްޗޭ…ރޫ އާ ޖައްސައިލައިގެން އުޅޭ ކޮންމެ މީހަކީ އަހަރެންގެ ހަތުރެއް…” މައިރާ އިންޒާރީ ރާގަކަށް ބުނެލިއެވެ.
“ހޫމް….އަހަރެން ލީނާއަށް ވިސްނައިދޭނަމޭ..މައީ ދެން ހަމަ ޖެހިލަ-” އޭނާގެ ބަސް ހުއްޓުނީ ކުއްލިއަކަށް ވަސީމް އިންތަނުން ތެދުވެ ކޮޅަށް ޖެހުމުންނެވެ. ފޯނަށް ސަމާލުކަން ދީގެން ހުރެ ފޯނުން ކޮންމެވެސް ވީޑިޔޯ އެއް ބަލަން ހުރީ ބިރެއް ފެނުނު މީހެއް ފަދައިންނެވެ.

“ވަސީމް..ކިހިނެއްވީ؟”  ވަސީމްގެ ޢަމަލުތައް ފެނި ނުތަނަވަސްވެ ހުރެ ޝަފަޤް އަހައިލިއެވެ. ވަސީމް އެއްޗެކޭ ބުނުމުގެ ކުރިން އޭނާ ވަސީމްގެ ކައިރިއަށް ޖެހިލިއެވެ. ފޯނު ސްކްރީނުން ފެނުނު މަންޒަރުން އޭނާގެ ދެލޯ ބޮޑުވެ މޭ ފިނިވިއެވެ.
“ސޭމް…ދޮގު ނުހަދާ….ތިހެންނަކުން ނުވާނެ…” ވަސީމްގެ އަތުން އެ ފޯނު އަތުލައިފައި އެ ވީޑިޔޯ އަނެއްކާވެސް އަޅުވައިލިއެވެ. މައިރާވެސް ވާނުވާގައި ހުރެފައި ޝަފަޤް އަތުގެ އޮތް ފޯނަށް ބަލަން ވެގެން ބޯ ދިއްކޮށްލިއެވެ. ދެވަނަ ސިކުންތުގައި އޭނާ އަނގަމަތީ އަތް އަޅައިލީ އެ ވީޑިޔޯގައި ވަމުންދާ ގޮތް ފަހުމުވެގެންނެވެ.
“އަޅޭ…ރޫ އަށް އިނގޭތަ؟” ރޫޔާގެ ނަން އިވިފައި ސާޖިދަކަށް މަޑަކުން ނުހުރެވުނެވެ. އެ ފަޅި ސިކުންތުގައި ޝަފަޤް އަތުން ވަސީމްގެ ފޯނު އަތުލައި އެ ވީޑިޔޯ އަޅުވައިލިއެވެ. ވީޑިޔޯ އެކީ އެއްކޮށް ނިމުމުން އަނެއްކާވެސް އެ އަޅުވައިލީ ވަމުންދާ ގޮތް ނޭނގިގެންނެވެ.
“ވަސީމް…މީ ކޮންކަމެއް؟” ހަރުކަށި އަޑަކުން ސާޖިދް ވަސީމަށް ބަލައިލިއެވެ. “އަހަރެން މި އަހަނީ މީ ކޮންކަމެއްހެއްޔޭ؟ މީ ސަމާސާއެއްތަ؟ ރޫޔާއަށް މިކަން އެނގޭތަ؟” ޖަވާބުގައި ވަސީމް ބޯ ހުރައިލަމުން ސާޖިދު ދަތް ކުޑި ވިކައިލިއެވެ. އަވަސް އަވަހަށް އޭނާ އުޅުނީ އެ ވީޑިޔޯ އޭނާގެ ނަމްބަރަށް ފޯވާޑް ކުރަންށެވެ. އެކަމަކު އޭނާ ފޯނުގައި ޑާޓާ ނެތްކަން ހަނދާން ވިއެވެ. ކޮންމެވެސް ގޮތަކުން ރޫޔާއަށް މި ކަން އެނގެން އެބަޖެހޭކަން އެނާއަށް އިހުސާސްވިއެވެ.

“ސާޖިދް…ގެނޭ އަހަރެންގެ ފޯނު” ވަސީމު އުޅުނީ ސާޖިދުގެ އަތުން އެ ފޯނު އަތުލަންށެވެ. އެހެނަސް ވަސީމަށް އެ ފުރުސަތު ނުދީ ސާޖިދު އަވަސް އަވަހަށް ދުއްވައިގަތުނީ ރޫޔާމެން ގެއާ ދިމާލަށެވެ. ފަހަތުން ސާޖިދަށް އެއްޗެހި ގޮވަމުން ވަސީމް އުޅުނީ ސާޖިދު އަތުލެވޭތޯއެވެ.

“ސާޖިދް!” މައިރާއާއި ޝަފަޤް އެކީ އެއްކޮށް ސާޖިދަށް ގޮވިއެވެ. އިތުރަށް މަޑުނުކޮށް އަވަހަށް އެ ދެ ފިރިހެނުންގެ ފަހަތުން ދުއްވައިގަތުނެވެ.
***

ރޭގަނޑު ކޭތަށިތައް ދޮވެގެން ސޯފާ މަތީ އިށީނދެއިދެ ފޯނު ކުޅެން އިން ރޫޔާ އަށް މީހަކު އެގޭ ގޯތި ތެރެއަށް ވަދެ ހަޅޭއްލަވާގަތް އަޑު އިވިގެން، އަވަސްއަވަހަށް ދޮރުމައްޗަށް އެރީ ވާނުވާ ބަލަން ވެގެންނެވެ. އެގޭގެ ފަނޑު ގޯތި ތެރޭގައި ސާޖިދާއި ވަސީމް ފެނި ރޫޔާ ހައިރާން ވިއެވެ. އެގޭ ފެންޑާގެ އުނދޯލީގައި ތިބި ހަލީމާއާއި ވާފިރުގެ އިތުރުން އަހުމަދު ކޮޅަށް ތެދުވީ ވާނުވާ ނޭނގިފައެވެ.
“ސާޖިދް އަހަރެން މިބުނީ އަހަރެންގެ ފޯނު ދޭށޭ…މިހާރު” ވަސީމް ސާޖިދުގެ ގަމީހުގެ ގިރުވާނަށް ވާން ކުރަމުން ބުނެލީ ރުޅިވެރިކަމާއެކުއެވެ.
“ކަލޭ އަދިވެސް ތިއުޅެނީ ހަޤީގަތް ފޮރުވަންތަ؟” ސާޖިދުވެސް ހުރީ ވަކި ދޫދޭ ގޮތަކަށެއް ނޫނެވެ. އެއް އަތުން ފޯނު ހިފައިގެން ހުރެ އަނެއް އަތުން އުޅުނީ ވަސީމު ދުރު ކުރަންށެވެ. ދެމީހުން އުޅޭގޮތް ފެނި ވާފިރާއި އަހުމަދު އުޅުނީ އެދެމީހުން އަވަހަށް ދުރުކުރަންށެވެ
“ސާޖިދް…ވަސީމް….މޮޔަވެގެންތަ ތިއުޅެނީ؟” އެގޭ ގޯތި ތެރެއަށް ވަދެގެން އައި މައިރާއާއި ޝަފަޤް ހަޅޭއްލަވައިގަތުނެވެ.
“ކިހިނެއްވެގެންތަ މިއުޅެނީ؟” ރޫޔާ ހާސްވެ ހުރެ، ފެންޑާ ހުރަސްކޮށް ގޯއްޗަށް ނުކުތެވެ. ފަހަތުން ވާފިރާއި، ހަލީމާގެ އިތުރުން ރަހާ އައިސް އޭނާގެ ފަހަތުގައި މަޑުކޮށްލިއެވެ.
“ތި ސުވާލު އަހާބަލަ މިހުރި ވަސީމް ގާތު. ހަމަ އެނގިހުރެ މިކަން ސިއްރުކުރަން އުޅުނު މީހަކީ މީއެއްނު” ރުންކުރުކޮށް ސާޖިދު އެހެން ބުނުމާއެކު ވަސީމް ގޮށްމުއްކަވައިފައި ސާޖިދުގެ މޫނުމަތީގައި ޖެހިއެވެ. އެ ޖެހި ބާރުމިނުގައި އޭނާ ބެލެންސުން ކަޓައި ދެމީހުން އެއްކޮށް ބިންމައްޗަށް ވެއްޓުނު ވަގުތު، ސާޖިދުގެ އަތުތެރޭ އޮތް ފޯނު ދޫވެގެން ވެއްޓުނީ ރޫޔާގެ ފައި ބުޑަށެވެ.

ވަސީމްގެ ފޯނު ސްކްރީނަށް އަރައިފައިން ރަޒާންގެ މަންޒަރު ފެނި ރޫޔާގެ މޭ ފިނިވިއެވެ. ހިތުގައި ބިރުވެރިކަމެއް އުފެދުނީ ކީއްވެކަމެއް ނޭނގެއެވެ. ހުދު ފޮތިގަނޑު އަޅައިފައި ހުރި މޭޒު ކައިރީ، ކޯޓު ފަޓުލޫނު ލައިގެން އިން ރަޒާންގެ ކައިރީގައި އަންހެން ކުއްޖެއް އިން ކަން ރޫޔާއަށް ކަށަވަރުވިއެވެ. އެ ވީޑިޔޯގެ ފްރޭމްގައި އެ އަންހެން ކުއްޖާގެ މޫނު ފެންނާކަށް ނެތަސް ރޫޔާ އަށް އެ ވީޑިޔޯގައި ވަމުންދާ ގޮތް ފަހުމުވާން ފެށިއެވެ.

ތުރުތުރުލަމުންދާ އަތަކުން އޭނާ އެ ފޯނު ނެގިއެވެ. ހުއްޓައިފައި އޮތް ވީޑިއޯ ޕްލޭ ކޮށްލުމަށްފަހު އެ ފޯނުގެ އަޑު ބާރުކޮށްލިއެވެ. ފޯނުން އިމާމު މިހާގެ ބަސްތައް އެތަނަށް ޖަމާވެފައި ތިބި އެންމެންނަށް އިވުނެވެ. “އާދަމް ނަސީރު، ކަލޭގެ ދަރިފުޅު އައިމިނަތު ޔޫޝާ ނަސީރު، މި އިޢުލާން ކުރި ރަނަށް، އަހުމަދު ރަޒާން ބިން މުހައްމަދު ޝަފީޤާ ކައިވެނިކޮށްދީފިންތޯ؟”

އެއާއެކު ބަރު ފިރިހެނެއްގެ އަޑު އިވިގެންދިޔައެވެ. “އަހަރެންގެ ދަރިފުޅު އައިމިނަތު ޔޫޝާ ނަސީރު، ދިހަ ހާސް ރުފިޔާގެ ނަގުދު ރަނަށް، އަހުމަދު ރަޒާން ބިން މުހައްމަދު ޝަފީޤާ ކައިވެނިކޮށްދީފިން.”

އެއާއެކު އަނެއްކާވެސް އިމާމުގެ އަޑު އިވުނެވެ. “އަހުމަދު ރަޒާން ބިން މުހައްމަދު ޝަފީޤް، ތިޔަ ބުނި ރަނަށް މި ކައިވެނި ޤަބޫލުތޯ؟”
“ތިޔަ ބުނި ރަނަށް މި ކައިވެނި ޤަބޫލުކޮށްފިން.” ރަޒާންގެ އަސަރެއް ނެތް އަޑުން އިވުނު ބަސްތައް ވެގެންދިޔައީ ރޫޔާގެ ކަންފަތަށް އިވުނު ހޮނު ގުގުރިއެއްފަދަ ބަސްތަކަށެވެ. ދެލޯ ކަރުނައިން ފާއްދާލައި، ދެތުންފަތް ތުރުތުރު އަޅައިގަތުނެވެ. އެ ވީޑިޔޯ ހުއްޓުމާއެކު އަނެއްކާވެސް އަޅުވައިލީ ދެންމެ އިވުނު ބަސްތައް ބުއްދީން ދޮގު ކުރަމުންނެވެ.
ދެވަނަ ފަހަރަށްވެސް ތިންވަނަ ފަހަރަށް އެ ވީޑިޔޯ އަޅުވައިލިއެވެ. ހަމަ އިވުނީ އެއް ބަސްތަކެވެ.
“ނުވާނެ އެހެންނެއް….ވަސީމް….ޕްލީޒް” ކުރެހިފައިވާ އަޑަކުން ރޫޔާ އެހެން އަހައިލީ ކޮންމެވެސް މީހަކު މި ވެގެން އުޅޭ ކަންތައްތައް ދޮގުކުރާނެ ކަމަށް ހީކޮށެވެ.
“ރޫޔާ…ސޮރީ….” އޭނާ ރޫޔާ އަށް މުޚާތަބު ކުރީ ރޫޔާއޭ ކިޔާފައެވެ. ‘ރޫ ކަމަނަ’ ‘ރޫ’ އޭ ކިޔާފައެއް ނޫނެވެ. އެ މަޑުމޮޅިއަޑުން ރޫޔާއަށް ކަމުގެ ސީރިއަސްކަން ނަގައިގަނެވުނީ ދެނެވެ. ރޫޔާއަށް ޤަބޫލުކުރަން ދަތިވެ ހުރެ ވަސީމަށް ބަލަން ހުރެވުނީއެވެ. ރަޒާންގެ ބަސްތައް އެ ސިކުނޑީގައި ދަނީ ގުގުމަމުންނެވެ. އެ ވީޑިޔޯ ދަނީ ލޯ ކުރިމަތިން ސިފަ ވަމުންނެވެ.

“ރޫ” ހަމްދަރުދީވެގެން މައިރާ ކުރިއަށް ޖެހިލީ ރޫޔާ އޭނާގެ އަތު ތެރެއަށް ގެންނަންށެވެ. އެހެނަސް ރޫޔާ ފަހަތަށް ފިޔަވަޅެއް ނެގުމާއެކު އޭނާއާއި ޝަފަޤްގެ ފިޔަވަޅުތައް ހުއްޓުނެވެ. ރޫޔާ ކައިރިއަށް ޖެހިލި ހަލީމާވެސް ހުއްޓުނީ ރޫޔާގެ އަޑުގައިވާ ހަރުކަން އިވިފައެވެ.
“އަތް ނުލާތި…އެކަކުވެސް އަތް ނުލާތި!” ނީއްކުރީގައި އަތް އަޅައިގެން ހުރެ ރޫޔާ އެ އެންމެނަށް ބަލައިލިއެވެ.
“ދަރިފުޅާ…. ބަލަ…މަންމަ މިހުރީ ދަރިފުޅާ އެކު” ހަލީމާގެ އެބަސްތައް ރޫޔާގެ ކަންފަތަށް ފޯރިއެއްކަމަކު އެ ކުދިކުދިވެފައިވާ ހިތަކަށް ވާސިލެއް ނުވިއެވެ. އެ އެންމެނަށް ފެންކަޅިވެ ހުރެ ބަލަލީ ކޮންމެވެސް މީހަކު މީ ހުވަފެނޭކޭ ނުނީ ސަމާސާއެކޭ ބުނެ ހަޅޭއްލަވާނެ ކަމުގެ އިންތިޒާރުގައެވެ. އެހެނަސް އެ އެންމެންގެ މޫނުމަތިން ފާޅުވަމުންދާ ހަމްދަރުދީ ފެނިފައި ރޫޔާއަށް ގަދައަށް ގިސްލެވެން ފެށިއެވެ. އަތުގައި އޮތް ވަސީމްގެ ފޯނު ދޫވެ، ވެލިގަނޑު މައްޗަށް ވެއްޓުނެވެ. މީހެއްގެ ބަހަކަށް ބެލުމެއްނެތި އަވަސްއަވަހަށް ގޭތެރެއަށް ދުއްވައިގަތުނެވެ.
“ދަރިފުޅާ”
“ރޫޔާ މަޑުކޮށްބަލަ”
“ރޫ…ޕްލީޒް”

އެ އަޑުތަކަށް މަޑުކުރުމެއްނެތި، އަވަސް ފިޔަވަޅުތަކުން ސިޑި ކަޑަތުކޮށް އޭނާގެ ކޮޓަރިތެރެއަށް ދެމިގަތުނެވެ. ހަށިގަނޑު ރޫރޫ އަޅަމުންދާ ހާލު އެ ކޮޓަރީގެ ދޮރު ތަޅުލީ ތުރުތުރުލަމުންދާ އަތަކުންނެވެ. އެއާއެކު އޭނާއަށް އަޑުން އަޑު ނަގައި ރޮއެގަނެވުނެވެ. ދޮރާ ދުރަށްޖެހިލަމުން އޭނާ މޭގައި އަތް އަޅައިލީ ގިސްލުންތަކުގެ ތެރޭ، މޭގައި ނޭވާ ތާށިވިހެން ހީވެގެންނެވެ. ކޯތާފަތްމަތިން ފައިބަމުން ދިޔަ ކަރުނައާއެކު އޭނާ ބިމަށް ތިރިވެގަތުނީ ދެފައިން ވަރު ގޮސްގެންނެވެ. ވަސީމްގެ ފޯނުން އިވުނު ބަސްތައް ކަންފަތުގައި ގުގުމަމުން ދިޔައިރު އޭނާގެ ސިކުނޑީގައި ރަޒާންގެ އެކިއެކި ހަނދާންތައް އާވަމުން ދިޔައެވެ. އެންމެ ފުރަތަމަ ބައްދަލުވުން ފެށިގެން އީދު ސްޓޭޖު ޝޯގެ ރެއަށެވެ. ޝަފަޤްގެ ވަލީމާ ޕާޓީ އިން ރަޒާން އެރަށުން ލެފި ދުވަހަށެވެ. އެނާގެ ރޮށި މީރުވެގެން ދެއްކި ވާހަކައިން އޭނާއަށް ލޯބި ހުށަހެޅި ސީޓިއަށެވެ. ރަޒާންގެ ބައްޕަ ނިޔާވި ދުވަހުން އޭނާއަށް ރަޒާން ‘ނޫރުލް ޢީން’ނޭ ކިޔާ ގޮވާލި ދުވަހަށެވެ. ކޮންމެ ހަނދާނަކާއެކު އެ ކުދިވެފައިވާ ހިތް އިތުރަށް ކުދިވަމުން ދިޔައެވެ. އޭނާގެ ލޮލުން އޮހެމުންދާ ކަރުނަތައް އިތުރު ވަމުންދިޔައެވެ. ކައިރީގައި ހުރި އެނދުގެ ގޮދަނޑީގައި ބޯ އަޅައިލުމަށްފަހު ބޯ އަރިކޮށްލައި ކުޑަ ކަބަޑު މަތީ އިން ފްރޭމަށް ބަލައިލީ ކަރުނައިން ފުސްވެފައިވާ ދެލޮލަކުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Thea reminisces
Follow Me Written By

Thea reminisces

Level 110 Stories

Currently a uni student who decided to fill her free time writing stories. Be ready to dive into thea's world of imagination and drama. Have a happy reading

Other Articles

Previous

ތަޤުދީރު-9

Next

ޒާޔާ – 2 (ދެވަނަ ބައި)

Next
June 14, 2026

ޒާޔާ – 2 (ދެވަނަ ބައި)

Previews
June 14, 2026

ތަޤުދީރު-9

2 Comments!

  1. Anonymous says:
    June 14, 2026 at 6:14 am

    Noooooooooo😭😭😭😭😭😭😭😭😭
    When next?

    1. Thea reminisces Thea reminisces says:
      June 14, 2026 at 4:08 pm

      Onn Wednesday

Comments are closed.

Next Episodeމި ލޯތްބާއި ތި ވަޢުދު (9)←


All Right Reserved!