ކައިވެނީގެ ވަލީމާ ނިމުމާއެކު އެގެޔަށް، ދެމަފިރިންނަށް މަރުހަބާ ކިޔަން އައި މެހެމާނުން، އެތަނުން ހުސްވާން ފެށިއެވެ. މަޑު މަޑުން ނަމަވެސް އެ ބޮޑު ޕެންތްހައުސްގެ ސިޓިން ރޫމަށް ޖަމާވެފައިވާ މީހުން މަދުވާން ފެށިއެވެ.
އެ ބޮޑު ސިޓިން ރޫމްގައި ހުރި ތަނބެއްގައި ލެގިލައިގެން، މަޑުމޮޅިވެފައި ހުރި ރަޒާން ފުން ނޭވާއެއް ދޫކޮށްލިއެވެ. ފަޓުލޫނުގެ ޖީބަށް ޖަހައިލައިފައި އޮތް ވާއަތް ނަގައި ހުޅުވައިލީ، އެ އަތުގެ ކަށި އިނގިލީގައި އަޅުވައިފައި އޮތް ރިހި އަނގޮޓިއަށެވެ. ސިޓިން ރޫމުގައި ދިއްލައިފައި ހުރި ގަދަ އަލީގައި، އެ އަނގޮޓި ބަބުޅައިލުމާއެކު އޭނާއަށް އުނދަގޫވިއެވެ. ހީވަނީ ދެންމެ ދެންމެއަކު އެ އަނގޮޓީގައި އަލިފާން ރޯވެ އެނާގެ އިނގިލި އަންދައިގެން ދާނެ ހެންނެވެ.
“ދަރިފުޅާ! މަންމަމެން ދާން މިއުޅެނީ….” ގާތުން ރަހުމާގެ އަޑުއިވިފައި އޭނާގެ އަތް ތިރިކޮށްލަމުން، މަންމައަށް ބަލައިލިއެވެ. “ކަމެއްވީތަ؟” ރަޒާންގެ މޫނުމަތިން އެއްވެސް އަސަރެއް ފެންނަންނެތަސް، އެ ދެލޮލުގައިވާ ހިތާމަތައް، ރަހުމާއަށް ފެނުނެވެ.
އެނާގެ ހިތާމަތައް މަންމައަށް ނުފޮރުވޭނެކަން އިހުސާސްވުމާއެކު ރަޒާން ފުންނޭވާއެއް ދޫކޮށްލިއެވެ. މަޑުމަޑުން މަންމަގެ އަތް އޭނާގެ އަތުތެރެއަށް ގެނައުމަށްފަހު ކުޑަކޮށް ހިނިތުންވެލިއެވެ.
“ބައްޕަ މަތިން ހަނދާންވެގެން….” އެނާ އަނގައިން ބޭރުވި ބަސްތަކަކީ ތެދަކަށްވިޔަސް އޭނާ މަޖުބޫރުވީ މަންމައަށް އޮޅުވައިލަންށެވެ. މަންމަމެންނަކަށް ރޫޔާއާއި އޭނާގެ ގުޅުމުގެ ވާހަކަ އެއް ނޭނގެއެވެ. ނުވިތާކަށް ނަސީރުގެ މަޖުބޫރުކުރުންތައްވެސް ނޭނގެއެވެ. އެ ޢާއިލާގެ އުފަލާއި ރައްކަލަށްޓަކައި ކުރިއަށް އޮތް ތަނުގައި އެކަން އެ އޮތް ގޮތަށް ދޫކޮށްލުން ނޫން ގޮތެއް އޭނާއަކަށް ނެތެވެ.
ރަޒާންގެ ރައްދު އިވިފައި ރަހުމާ އެ ދަރިފުޅު ގާތް ކޮށްލިއެވެ. އަތުން އެ ދަރިފުޅުގެ ބޮލުގައި ފިރުމާލަމުން އެ ތަނަވަސް ކޮނޑުގައި ބޯ އަޅައިލީ، ދެލޮލަށް ޖަމާވި ކަރުނަތައް ކަޝްފުކުރަންވެގެންނެވެ.
“ދަރިފުޅާ….މަންމައަށް ހަމަ ޔަޤީން ދަރިފުޅާމެދު ބައްޕަ ފަޚުރުވެރިވާކަން..ބައްޕަވެސް ބޭނުމެއް ނުވާނެ މި އުފާވެރި ދުވަހަކު ދަރިފުޅު އެހާ ދެރަވެގެން ހުންނާކަށް”
“ރަހުމާއްތަ ތެދެއް އެބުނީ” ރަހުމާގެ ފަހަތުން އަންހެނެއްގެ މަޑުމައިތިރި އަޑެއް ހިވުމާއެކު ރަހުމާ ރަޒާނާ ދުރަށް ޖެހިލައި، އެ އަންހެން ކުއްޖާއަށް ބަލައިލީ ހިނިތުންވެލަމުންނެވެ. ކައިވެނީގެ ހުދުހެދުމުން ޖަރީވެގެން ހުރި، ޔޫޝާ ރަޒާނަށް ބަލައިލީ ލުއި ހިނިތުންވުމާކާއެކުއެވެ.
“ޔޫޝާ ދަރިފުޅާ! މަންމަ ކިޔަސް އޯކޭއޭ..” ރަހުމާ ޔޫޝާގެ ކޮނޑުގައި އަތް އަޅައިލިއެވެ. ޖަވާބުގައި ޔޫޝާ ލަދު ހިނިތުންވުމެއް ރަހުމާއަށް ހަދިޔާކޮށްލިއެވެ.
“ތެދެއް…ދޮންބެދައްތާ….ތީ ދެން ބީރައްޓެހިވެގެން ނުހުރޭ” ރަނާ އައިސް ޔޫޝާގެ މުލައްދަނޑީގައި ހިފައިލަމުން ބުންޏެވެ.
“ޔޫޝާ…މަންމައަށް މަންމައެއް ނުގޮވާހިނދަކު ރަނާ ތި އަތަކުން ދުލެއް ނުކުރާނެ” މީހާ ހަމައަކަށް އަޅުވަމުން ރަޒާން ޔޫޝާއަށް ހިނިތުންވެލިއެވެ.
“އަވަސް..ދޮންބެދައްތާ…” ރާއިފް ރަހުމާގެ ފަހަތުގައި ހުއްޓެމުން ހިތްވަރު ދޭން ފެށިއެވެ.
ޔޫޝާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ރަހުމާ އަށް ބަލައިލިއެވެ. ރަހުމާ ހުރީ އޭނާއަށް މަންމަ ކިޔާނެ އިރަކަށް އިންތިޒާރުގައި ކަން އެނގުމާއެކު ޔޫޝާ ރަކިވިއެވެ.
“މަންމާ؟”
“އޯކޭ….ދެޓްސް އަ ސްޓާޓް” ރަޒާންގެ ކޮނޑުގައި ޖަހައިލަމުން ރާއިފް ހިނގައިގަތީ ދޮރާ ދިމާލަށެވެ.
“އަންނައްޗޭ މާދަން ރޭ ކާން މިގެއަށް” ރާއިފް ދާތަން ފެނިފައި ޔޫޝާ ރާއިފަށް އަޑުއިވޭވަރަށް ބުނެލިއެވެ.
“ޔަޤީނެއްނު….” ޔޫޝާގެ ގައިގައި ބައްދައިގަންނަމުން ރަނާ ޖަވާބުދިނެވެ.
***
“ކޮޓަރިއަށް ދަމާ ހިނގާ” މަންމަމެން އެގެއިން ދިއުމާއެކު ރަޒާން ޔޫޝާއަށް މަޑުކުރުމެއްނެތި ގޮސް ވަދުނީ އޭނާގެ ކޮޓަރިއަށެވެ. ނޭވާއެއް ދޫކޮށްލުމަށްފަހު ލައިގެން ހުރި ކޯޓު ބާލަން ފެށިއެވެ. އެ ކޯޓު އެ ކޮޓަރީގައި ހުރި ސޯފާމައްޗަށް އެއްލައިލުމަށްފަހު އަތުކުރީ ގަޑި ބާލަން އުޅުނެވެ. ގަޑި ބޭލުމަށްފަހު، އެނދުކައިރީގައި ހުރި ކުޑަ ކަބަޑުގެ ވަތްގަނޑު ހުޅުވައިލިއެވެ. އެއާއެކު އޭނާގެ ލޯ ކުރިމައްޗަށް ހާމަވެގެންދިޔައީ ވަސީމްގެ ކައިވެނި ޕާޓީގައި އޭނާއާއެކު ރޫޔާ ނެގި ފޮޓޯގަނޑެވެ.
ރޫޔާގެ ސޫރަ ފެނިފައި ރަޒާން ކުއްލިއަކަށް ހުއްޓުން އެރިއެވެ. އެސްފިޔަ ޖެހުމެއްނެތި އެ ފޮޓޯއަށް ބަލަން ހުރެވުނީ އަތުންނާއި ހަޔާތުން ބީވެގެންދިޔަ ލޯބީގެ ހަނދާނުގައެވެ. އެހެނަސް އޭނާއަކަށް ކުރެވޭނެ ކަމެއް ނެތެވެ. އޭނާއަށް ވިސްނުނުފަދައިން މިހާރު ރޫޔާއަށް އޮންނާނީ ހަޤީގަތް އެނގިފައެވެ. ރޫޔާ މިހާރު އޭނާ ދެކެ ނަފްރަތުކުރާނެކަން ގައިމެވެ. އޭނާ ބޭނުންވާ ގޮތަކީވެސް އެއީއެވެ.
ކޮޓަރިއަށް ޔޫޝާ ވަދެގެން އައިކަން އިހުސާސްކުރެވިގެން، ރަޒާން އަވަސް އަވަހަށް އެކަބަޑުގެ ވަތްގަނޑު ތެރެއަށް އަތުކުރީ ގަޑިލުމަށްފަހު ލެއްޕިއެވެ. އޭނާއަކީ މިހާރު މީހެއްގެ ފިރިއެއްކަން އަމިއްލަ ނަފްސަށް ވިސްނައިދެމުން ޔޫޝާއަށް ބަލައިލިއެވެ. މި ކައިވެންޏަކީ އޭނާގެ މައްޗަށް މަޖުބޫރުވެގެން ކުރެވުނު ކައިވެންޏެއްކަމުގައިވިޔަސް، އޭނާ ޔޫޝާއަށް އެއްވެސް ދެރައެއް ދޭކަށެއް ބޭނުމެއްނުވެއެވެ. އޭނާއަށް ވެވުނުހާ ވަރަކުން ޔޫޝާއަށް ރަނގަޅު ފިރިއަކަށްވާން އޭނާ ބޭނުންވިއެވެ.
“ޔޫޝާ…..ފެންވަރައިލަންތަ ބޭނުމީ..ނޫނީ؟؟” ރަޒާން އެހެން ބުނުމުން ޔޫޝާ ނޭވާއެއް ދޫކޮށްލިއެވެ. އެއްޗެކޭ ނުބުނެ، އެނާ ގޮސް އެނދުގައި އިށީނިއެވެ.
“ރަޒާން…އަހަރެން އެއްޗެކޭ ބުނަން އެބައޮތް” ޔޫޝާ ރަޒާނަށް ބަލައިލުމާއެކު، ރަޒާނަށް އެ ދެލޮލުގައިވި ހިތާމަތައް ފެނުނެވެ.
“ރަޒާންހެން އަހަރެންވެސް މި ކައިވެންޏަށް މަޖުބޫރުވި….އަހަރެންގެ ބައްޕައަކީ….” ޔޫޝާ ބަސް ހުއްޓުނީ ދެލޮލަށް ޖަމާވި ކަރުނަތައް ހިފަހައްޓައިލަންވެގެންނެވެ.
“އެހެން ގޮތަކުން ބުނާނަމަ، އަހަރެން މި ކައިވެންޏަށް ދެކޮޅު ހެދިން…އެކަމަކު ބައްޕަ އެކަމެއް ޤަބޫލު ނުކުރި. އަހަރެން އެތަކެއް ފަހަރު އާދޭސްކުރިން. އެކަމަކު، އަހަރެން އަޅައިލާ އެންމެންނަށް ގޯހެއް ދޭނެ ވާހަކަ ބުނި ހިސާބުން އަހަރެންނަކަށް ނެތް ބައްޕަގެ ބަހަށް އާނއެކޭ ބުނުން ނޫން ގޮތެއް” ނޭވާއެއް ނަގަމުން ޔޫޝާ ދެލޯ ފޮހެލިއެވެ.
“އަހަންނަށް އެނގޭ ރަޒާން އެހެން އަންހެން ކުއްޖެއް ދެކެ ލޯބިވާކަން….ޚުދު އަހަރެންވެސް ހުރޭ ލޯބިވާ ކުއްޖެއް…އެކަމަކު ކީއްކުރާނީ؟ މީ ތަޤުދީރު ނިޔާކުރި ގޮތް…..”އެތަކެއް ދުވަސްވަންދެން ހިފަހައްޓައިގެން ހުރި ކަރުނަތައް ދޫވެގެން ދިޔައީ އެއްވެސް ކޮންޓްރޯލެއް ނެތިއެވެ. އޭނާއަށް ރޮވެން ފެށުނީ ކޮން އިރަކު ކަމެއްވެސް ޚުދު އޭނާއަކަށް ނޭނގެއެވެ.
“އަހަރެން….އަހަރެން…ކިހިނެއް ހަދަނީ؟ ރަޒާން ބުނެބަލަ…އަހަރެން ދެން ކިހިނެއް ހަދަންވީ؟ ބައްޕަ ބުނެގެން އަހަރެން އިޒްޔާނާ ރުޅިވީ… ބައްޕަ ބުނެގެން އަހަރެން ރަޒާނާ ކައިވެނި ކޮށްފިން….ދެން އަހަރެން ކިހިނެއް ހަދަންވީ؟” ގޮތް ހުސްވެފައި ހުރި މީހެއްހެން، ގިސްލުމުގެ ތެރޭގައި އޭނާ އާދޭސް ކުރަންފެށިއެވެ.
“އަހަރެން މީ ކިހާ ބަލި މީހެއް…ކިހާ ބޮޑު ފިނޑިއެއް” ޔޫޝާގެ އެބަހާއެކު ރަޒާނަކަށް ހަމަހިމޭނުން ހުންނާކަށް ނުހުރެވުނެވެ. ޔޫޝާގެ ކުރިމަތީގައި ދެ ކަކޫ މައްޗަށް ތިރިވުމަށްފަހު އޭނާގެ ދެއަތުގެ ތެރެއަށް ޔޫޝާގެ މޫނު ގެނައެވެ.
“ޔޫޝާ…ބަލާބަލަ އަހަންނަށް…އަހަރެން ނެތިން ޔޫޝާ ކުރަން ބޭނުންނުވާ އެއްވެސްކަމެއް ކުރާކަށް..ދެން މިއަދަށްފަހު ޔޫޝާގެ ހުރިހާ ކަމެއް އަހަރެން ބަލާނަން..އަހަރެންނެއް މަޖުބޫރެއް ނުކުރާނަން ޔޫޝާއަކަށް އަހަރެންގެ އަނތްބެއްގެ މަޤާމް ފުރިހަމައަށް އަދާކުރާކަށް… ޔޫޝާއަށް މިކަން ކުރެވެން ނެތް ނަމަ، އަހަރެން މިހުރީ ޔޫޝާ ބުނާގޮތެއް ހަދަން ތައްޔާރަށް؟” ޔޫޝާގެ ކޯތާފަތްމަތިން ހުރަސްކުރަމުންދާ ކަރުނަތައް ފޮހެލަމުން ރަޒާން ބުންޏެވެ.
***
“ކޮބާ ދޮންތަ؟” މެންދުރުގެ ކެއުމަށް އިންސާފުކުރަން ކާގެއަށް ވަދުނު ރަހާ ފެނިފައި ހަލީމާ އަހައިލިއެވެ. ހަލީމާގެ އަޑަށް މޭޒުދޮށުގައި ކާން އިން ވާފިރުވެސް އިސް އުފުލައިލައި ރަހާއަށް ބަލައިލިއެވެ.
“މާއްކޮމެންގެ ކޮޓަރީގައި، މާއްކޮއާއި މައިސް އާ އެކު” މޭޒު ދަށުން ގޮނޑި ނެރެމުން ރަހާ ޖަވާބު ދިނެވެ.
“ރަހާ…” ހަލީމާ ރަހާ ކައިރީގައި ހުރި ހުސް ގޮނޑީގައި އިށީންނަމުން ގޮވައިލިއެވެ.
“މަންމަ ސުވާލެއް ކުރަންތަ؟” ހަލީމާގެ އަޑުގައި ހުރި ހާސްކަން ނަގައިގަނެވިގެން، ރަހާ އޭނާގެ މަންމައަށް ބަލައިލިއެވެ. އަދި ބޯ ޖަހައިލިއެވެ.
“ދޮންތަ ރޭގަނޑު ގަޑީގައި ނިދާތަ؟ މިބުނީ…ދަރިފުޅަށްވެސް އެނގޭނު ވެގެން އުޅޭގޮތް…” ހަލީމާގެ ސުވާލަށް ރަހާ ވިސްނައިލިއެވެ. އެރޭގެ ހިނގި ހާދިސާއަށް މިއަދު ދެހަފްތާ ވީއެވެ. ދިރިއުޅުމައިގެން ކުރިއަށް ދިޔަސް ރޫޔާގެ ޢަމަލުތަކާއި އުޅުމަށް ބޮޑު ބަދަލެއް އައިކަން ރަހާއަށްވެސް ފާހަގަކުރެވުނެވެ. ކުރިއަށްވުރެ ބޮޑަށް މަޑުނެގިފައި، ބަސް މަދެވެ. ދޭތެރެއަކުން އިންނަނީ ކޮންމެވެސް ވިސްނުމެއްގެ ތެރޭގައެވެ. އެހެން މީހުންގެ ކުރިމަތީގައި ހިނިތުންވެލައިގެން އުފަލުން އުޅުނަސް އެ އެންމެނަށް އެ ދެލޮލުގައިވާ ހިތާމަތައް ފާހަގަވިއެވެ.
“ދޮންތަ ދޯ…އަޅުގަނޑު ނިދަން އަރާއިރު އޮންނަނީ ހޭލާ..ނިދާ ހޭލާއިރަކު ނޯންނާނެ ދޮންތައެއް އެނދަކު….” ރަހާގެ ޖަވާބު އިވިފައި ވާފިރު ހަލީމާއަށް ބަލައިލިއެވެ.
ރޫޔާ އެ ތަހައްމަލުކުރަނީ ހަމައެކަނި ރަޒާންގެ ވަކިވުމެއްނޫން ކަން އެ ދެމީހުންނަށްވެސް ވިސްނުނެވެ.
ހަލީމާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ނިއްކުރީގައި ފިރުމާލިއެވެ.
“އިސްމާޢިލަށް ގުޅަންވީނު” ހަލީމާ ވިސްނުމަކަށް ގެއްލިފައި ހުރެ ވާފިރުގެ ޚިޔާލެއް ހޯދަން އެހިއެވެ.
“އެހަށް މަޑުކުރަންވީނު…ޔަޤީންތަ އެނާ އެކަމާ މެދު ވިސްނަނީ ކަން؟” ރޫޔާއާމެދު ފިކުރުކުރާ ހާލު ވާފިރު ޖަވާބުދިނެވެ. ވާފިރުގެ ޖަވާބު އިވިފައި ރަހާ އެ ދެމީހުންނަށް ބަލަން ހުރި ވާނުވާ ނޭނގޭ ހާލުއެވެ. މަންމަމެން އެ ދައްކަނީ ރަޒާނާ އެއްވެސް ގުޅުމެއް ނެތް ވާހަކަ ކަން ރަހާއަށް ނަގައިގަނެވުނެވެ. ކޮންމެވެސް އެހެން ކަމެއްގެ ވާހަކައެވެ.
އެހެނަސް އޭނާ އެކަމާ ސުވާލު ނުކުރީ އެދެމަފިރިންގެ ފަރާތުން ސީދާ ޖަވާބެއް ނުލެބޭނެކަން އެނގޭތީއެވެ.
***
ފަތިސް ނަމާދުކޮށްގެން ރޫޔާ ފޯނު ހިފައިގެން ގެއިން ނުކުމެގެން ދިޔައީ، އަތިރި މައްޗަށެވެ. އެހެން ދުވަސްތަކާ ޚިލާފަށް މިއަދު އޭނާގެ ފަލަ މަސްގަނޑާ ހަމައަށް އަންނަ އިސްތަށިގަނޑު އޮތީ ފަތިހުގެ ފިނި ވަޔަށް ދޫކޮށްލެވިފައެވެ. ހިނގަމުން ދިޔައިރު އެނާ ދިޔައީ ސިކުނޑީގައި މި ދުވަސްކޮޅު އުފެދިފައިވާ ޚިޔާލުތަކުގައި ގެނބެމުންނެވެ.
އޭނާ ކުއްލިއަކަށް ހުއްޓުނީ ހުރެވުނު ތަން އިހުސާސް ކުރެވިގެންނެވެ. އިސް އުފުލައި މާހައުލަށް ނަޒަރު ހިންގައިލުމާއެކު ލަކުޑި ފާލަން އޭނާއަށް ފެނުނެވެ. ނޭނގިނަމަވެސް އޭނާއަށް މި އާދެވުނީ، އޭނާއާއި ރަޒާންގެ ހަނދާންތަކުން ފުރިފައިވާ ތަނަކަށެވެ.
އެއާއެކު، ޒަޚަމްވެފައިވާ އޭނާގެ ހިތުގައި ރަޒާންގެ ހަނދާންތައް އާވިއެވެ. ކޮންމެ ހަނދާނަކާ އެއްކޮށް، ކަރުނައިން އޭނާގެ ދެލޯ ފުސްވިއެވެ. އަނގައިން ރުޔުމުގެ އަޑެއް ނުނިކުތަސް އެނާގެ ހިތް ދިޔައީ ހުއްޓުމެއް ނެތި ރޮމުންނެވެ. ނަގާ ކޮންމެ ނޭވާއާއެކު ހަށިގަނޑަށް އުނދަގޫ ވާން ފެށިއެވެ.
އެނާގެ ދެފައިން ވާގިނެތިގެން ވެއްޓެން ދިޔުމާއެކު މީހަކު އޭނާގެ ދެކޮނޑުގައި ހިފަހައްޓައިލިއެވެ. މަޑުމަޑުން އެދެމީހުން ބިންމައްޗަށް ތިރިވުމާއެކު، ކަރުނައިން ފުސްވެފައިވާ ދެލޮލަކާއެކު އޭނާ އެމީހަށް މޫނު އަނބުރާލިއެވެ.
“މައި…” ރޫޔާގެ އަޑު ބޭރުވީ ކުރަކި ކޮށެވެ. މައިރާގެ ފަހަތުގައި ސާޖިދުވެސް ހުރީ ރޫޔާއާމެދު ކަންބޮޑުވެފައެވެ.
“ރޫ…އަޅޭ” ރޫޔާ އެނާގެ ކޮނޑުގައި ބޯ އެޅުމާއެކު މައިރާ ލޯބިން އެބޮލުގައި ފިރުމާލިއެވެ. “ޝުޝް..ޝުޝް….އޯކޭ ވާނެ….ރޫޔާ ދެން ހުއްޓާބަލަ….”
“ތެދެއް ރޫ….އެހާ ބޮޑު ހިތާމައެއް ދިން މީހާއާ މެދު ހިތާމަ ކުރަނީ ކީއް ކުރަން؟ ރުޅި އާދެބަލަ،” ސާޖިދު ރޫޔާ ކައިރީ، ވެލިގަނޑުގައި އިށީނިއެވެ.
ސާޖިދުގެ އަޑަށް ރޫޔާގެ އަޑު މަޑުވިއެވެ. މައިރާގެ ކޮނޑުން ބޯ އުފުލައިލުމަށްފަހު އަރަމުން އަންނަ އިރަށް ބަލައިލިއެވެ. ޖެހެމުން ދިޔަ ރޯޅިން، ކޯތާފަތްމަތީގައި ހުރި ތެތްކަން ހިކެމުން ދިޔައެވެ.
“ސާޖް…..” އެ އިރުން ނަޒަރު ވަކި ކުރުމެއްނެތި ރޫޔާ ގޮވާލިއެވެ. “އަހަރެންގެ މަޢާފަށްވުރެ ނަފްރަތާއެކު ދިރިއުޅެން ފަސޭހަވާނެކަމަށް ޤަބޫލުކުރާ މީހަކަށް ނަފްރަތު ކުރާނީ ކިހިނެއް؟” ރޫޔާގެ ބަސް އިވިފައި މައިރާއާއި ސާޖިދް އެކަކު އަނެކަކަށް ބަލައިލިއެވެ.
“ތި ބުނީ؟” ރޫޔާ ބުނި ބަހުން ނަގާނެ މާނައެއް ނޭނގިގެން މައިރާ އަހައިލިއެވެ.
“ވިސްނާބަލަ…ވީ ގޮތް އަހަރެން ކައިރީ ކީއްކުރަން، އެއްވެސް މީހެއް ކައިރީ ނުކިޔައިދީ ހުއްޓާ ކުއްލިއަކަށް….މިއުވާން ވަސީމަށް ރަޒާން ކައިވެނީގެ ވީޑިޔޯ ފޮނުވީ ކީއްކުރަން ކަން އެނގޭތަ؟” މޫނު މަތީގައިވާ ހިތަމާތައް އިތުރަށް ފުންވެގެން ދިޔައީ އޭނާގެ މޫނުމައްޗަށް އެރި ލުއި ހިނިތުންވުން ފެނިފައެވެ.
“ރަޒާން ބޭނުންވި، ކޮންމެވެސް މީހަކު މެދުވެރިކޮށް އަހަންނަށް އެ ވީޑިޔޯ ދައްކަން..ރަޒާނަށް އެނގޭ…އޭނާ އަހަރެން ކައިރީ ހުރިހާ އެއްޗެއް ކިޔާދީފިއްޔާ..އަހަރެން އޭނާއަށް ކުރަން އޮތް އެންމެ ރަނގަޅު ކަންތައް ކުރަން ބާރު އަޅާނެކަން….އޭނާއަށް އެނގޭ އަހަރެން އަންޑަސްޓޭންޑިން ވާނެ ކަން…އަހަންނަށް އޭނާ ނުލިބުނަސް…އަހަރެން އޭނާއަށް ހިތް ސާފުކޮށް މަޢާފުކުރާނެ ކަން….” ދެލޮލުން ކަރުނަ އޮހޭ ހާލު ރޫޔާ ކުރިއަށް ދިޔައެވެ.
“ރޫޔާ…..” މައިރާ ދެތުންފަތުގައި ދަތް އަޅައިލީ، އޭނާގެ ދެލޮލަށް ޖަމާވި ކަރުނަތައް ކޮންޓްރޯލް ކުރަންވެގެންނެވެ.
“އޭނާ ބޭނުން ނުވީ އެގޮތެއް…އޭނާ ބޭނުންވީ އޭނާއަށް ވީ ވަރަކުން އަހަރެން ހިތުގައި ޖެހޭ ވަރުގެ އަނިޔާއެއް ދީ…އަހަރެން އޭނާއާ ނަފްރަތު ކުރަން…އަހަރެންގެ މަޢާފަށް ވުރެ، ނަފްރަތާއެކު ދިރިއުޅެން އޭނާއަށް މާ ފަސޭހަވާނެކަމަށް އޭނާއަށް ޤަބޫލުކުރެވުނީ ކަން ޔަޤީން….” ރޫޔާ އިސްޖަހައިލުމަށްފަހު ނޭވާއެއް ނަގައިލިއެވެ.
“ރަޒާނަށް ވިސްނުނީވެސް ރަނގަޅަށް….”
“ތި ބުނީ ކީކޭ؟” ރޫޔާ ދެއްކި ވާހަކަ އަޑު އަހަން ހުރެފައި ސާޖިދް އަހައިލިއެވެ.
“އަހަރެން ރަޒާނަށް މަޢާފުކޮށްފިން….ކޮންމެ ގޮތެއްވިޔަސް އޭނާގެ ނިންމުން އަހަންނަށް ވިސްނުނު…އަހަރެން އޭނާއަށް މަޢާފްކޮށްފިން…”
“ރޫޔާ؟!” މައިރާ ރޫޔާއަށް ބަލައިލީ ނުރުހިފައެވެ.
“މައި… ޕްލީޒް…އަހަންނަށް މާ ފަސޭހަ ވާނެ ދިރިއުޅެން ރަޒާނަށް މަޢާފުކޮށްގެން…އޭނާ ދެކެ ނަފްރަތު ކުރާކަށް އަހަރެން ގަޔަކު އެ ހިތްވަރެއް ނެތް…” ރޫޔާގެ ފަހު ޖުމުލައާއެކު ސާޖިދްވެސް ދެބުމަ ގޮށްޖަހައިލީ އެބަހުން އެހެން މާނައެއް ނެގުމުންނެވެ. ކޮންމެވެސް ގޮތަކުން ރޫޔާގެ މަންމައާ ވާހަކަ ދައްކަން އެބަ ޖެހޭކަން އޭނާއަށް ވިސްނުނެވެ.
***
ޑިއުޓީ ނިންމާލުމަށްފަހު ރޫޔާ ގެއަށް ވަދުނު ވަގުތު މީހަކު ހޮޑުލާ އަޑު އިވިގެން ރޫޔާ އެދިމާލަށް ހިނގައިގަތުނެވެ. އަޑު އައީ ހަތުމާގެ ކޮޓަރިންނެވެ. އެ ކޮޓަރީގެ ހުޅުވައިލެވިފައިވާ ދޮރު ކައިރީ މަޑުކޮށްލުމަށްފަހު ރޫޔާ ހަތުމާއަށް ގޮވައިލިއެވެ.
“ދޮންބެ ދައްތާ…ކާކު ހޮޑުލަނީ؟” ހަތުމާއަށް ގޮވަމުން ރޫޔާ އެކޮޓަރިއަށް ވަދެ ފާހަނައަށް ވަދުނެވެ. ފާހަނަ ތަށި މަތީ ގުދުވެ، ރޮމުން އޯކަށް ދަމަން ހުރި މާއިޝް ފެނިފައި ރޫޔާ ހާސްވިއެވެ.
“ކޮން އިރަކު މިކަން ވާން ފެށި؟” މާއިޝްގެ އަނގަމަތި ސާފުކުރަން އުޅެމުން ދިޔަ ހަތުމާކައިރީ ރޫޔާ އަހައިލިއެވެ.
“މިއަދު ނިދާ ހޭލިއިރު ހުން ނަގާފަ ހުރި. ހެނދުނު ސައި ދީފަ ބޭސް ދިނިން…މެންދުރު ކާން ދިނުމަށްފަހު އިރުކޮޅެއް ނުވެ ހޮޑުލާން ފެށީ” މާއިޝްގެ މޫނު ދޮވެލުމަށްފަހު އޭނާ އެކުއްޖާ އުރައިލިއެވެ.
“ދޮންތީ؟؟؟” ބަލި އަޑަކުން މާއިޝް ރޫޔާއަށް ގޮވައިލިއެވެ.އެނާގެ ދެއަތް ދޮންތައާ ދިމާލަށް އުފުލައިލީ، ދޮންތަގެ ހިމާޔަތަށް ދާން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ.
“ރޫ…މާއިސް ބަލާލަދީބަލަ އިރުކޮޅެއް ވަންދެން…މި އަންނަނީ މާއްކޮއަށް ކާން ދީފަ..އިރުކޮޅަކުން އަހޫ ވެސް އަންނާނެ ބްރޭކަށް” ރޫޔާއަށް މާއިޝް ހަވާލުކުރުމަށްފަހު ހަތުމާ އެކޮޓަރިން ނުކުމެގެން ބަދިގެއަށް ދިޔައެވެ.
“ހިނގާ ދޯ އޮށޯންނަމާ…ކަރަންފުލެއް ދެންތަ؟” ހަތުމާގެ ކޮޓަރިން ނުކުމެގެން ރޫޔާ މާއިޝް ގޮވައިގެން ވަދުނީ މާއިޝްގެ ކޮޓަރިއަށެވެ. ރޫޔާގެ ސުވާލަށް މާއިޝް ބޯ ޖަހައިލުމުން ރޫޔާ އޭނާގެ އަނގަޔަށް ކަރަންފުލެއް ލިޔެވެ.
“ދޮންތީ…މާއިސް އޯކޭތަ؟ މައިސް ހޮސްޕިޓަލަށް ދާން ޖެހޭތަ؟ މައިސް އެޑްމިޓް ކުރާނެތަ؟ މައިސް އެޑްމިޓް ކުރީމަ ކާކު މައިސް ބަލާނީ؟” އެކޮޓަރިއަށް ވަދެގެން އައި މާއިޝާ އެއްނޭވާއިން ހިތުގައި އުފެދިފައިވާ ސުވާލުތައް އެހިއެވެ. މާއިޝާ އޭނާގެ ކޮއްކޮއަށް އަޅައިލާ މިންވަރު ފެނިފައި ރޫޔާ ހިނިތުންވެލުނެވެ.
އެނދުމަތީގައި މާއިޝް ބޭއްވުމާއެކު، މާއިޝާ އެ އެނދުމައްޗަށް އަރައި މާއިޝްގެ ބޮލުގައި ފިރުމާލިއެވެ.
“މާއިޝް އިރާދަ ކުރެއްވިއްޔާ ރަނގަޅުވާނެ..ދޯ ދޮންތީ…އެހެންވީމަ ދެރަ ނުވޭ…މާއިސް ރަނގަޅުނުވަނީސް އަޅުގަނޑެއް ނުވެސް ކުޅޭނަން” މާއިޝާގެ މައުސޫމު ބަސްތައް އިވިފައި ރޫޔާއަށް ހެވުނެވެ.
“ތެދެއް…އެހެންވީމާ…މާއިސް އަވަހަށް ބަލިން ރަނގަޅުވާން އުޅެމާ ދޯ.” ރޫޔާ މާއިޝްގެ ބޮލުގައި ފިރުމާލިއެވެ. ރޫޔާގެ އޯގާތެރި ފިރުމުންތަކުން މާއިޝްގެ ދެލޮލަށް ނިދި އަންނަން ފެށިއެވެ.
“އާނ އާނ އާނ އާނ….ހޫން ހޫން ހޫން ހޫން” ނާނާގެ ރާގަކަށް މާއިޝާ އެހެން ކިޔަން ފެށުމުން ރޫޔާއަށްވެސް މާއިޝަށްވެސް ހެވުނެވެ.
“މީ ބޭބީ އެއް ނޫނޭ” މާއިޝް ހެމުން ބުނެލިއެވެ.
“އެނގޭ…” ތުން ދަމާލަމުން މާއިޝާ ހަށަން ބަނދެލިއެވެ.
މާއިޝާއާއި މާއިޝްގެ ކޯޅުން ބަލަން ހުރި ރޫޔާއަށް އޭނާގެ ބައްޕަގެ ހަނދާންތައް އާވިއެވެ. ހާއްސަކޮށް އޭނާ ބަލިވެގެން އެނދުގައި އޮންނަ ދުވަސްދުވަހު ބައްޕަ ކިޔައިދޭ ނާނާ މަތިން މާ ބޮޑަށް ހަނދާންވިއެވެ.
“މާއްކޯ..މިތާ އޮށޯވެލަބަލަ” އެނދުގައި އޮތް ހުސްތަންކޮޅަކަށް އިޝާރަތްކުރަމުން ރޫޔާ އެނދުގައި ހަމަޖެހިލިއެވެ.
“ދޮންތަ ލަލަބާއި އެއް ކިޔައިދެންތަ؟” ރޫޔާ އެނދުގައި އޮށޯވެ އޮތް ދެކުދިންނަށް ސުވާލުކުރިއެވެ.
“ހޫމް….ޓްވިންކަލް ޓްވިންކަލް…؟” މާއިޝާ އަހައިލިއެވެ.
“ނޫން…ދޮންތިގެ ބައްޕަ ދޮންތައަށް ކިޔައިދޭ ލަލަބާއި އެއް މީ”
“ދޮންތިގެ ބޮޑު ބައްޕަތަ؟” މާއިޝް އަހައިލިއެވެ.
“ހޫމް…”
“އޯކޭ….އަޑުއަހަން މިހުރީ” ރޫޔާއަށް ބަލަން ހުރެފައި މާއިޝް ބުންޏެވެ.
ފުންނޭވާއެއް ދޫކޮށްލުމަށްފަހު ރޫޔާ އެ ނަނާގެ މަތިން ހަނދާންކޮށްލިއެވެ. ސިކުނޑީގައި އިސްމާޢިލްގެ އަޑުދޮށުން އޭނާ އެ ނަނާ ކިޔަން ފެށިއެވެ.
“ލޯބިން ކަނބުލޯ ދޫންޏާ”
“އަވަހަށް ބޮއްތާލާށޭ”
“ލޯބިން އުނގުގާ އޮވެގެން”
“ދޮންކަނބުލޮ ނިދާލާށޭ”
***
“ކޮބާ މާއިޝް؟ ކިހިނެއް ވަނީ އެކުއްޖާ ފުޅު؟” ބަދިގެއަށް ވަދެގެން އައި ހަލީމާއަށް، ކާމޭޒު ކައިރީ ހުރި ހަތުމާ ފެނިފައި އަހައިލިއެވެ.
“މީގެ އިރުކޮޅެއް ކުރިން ހޮޑުލި..ވެއްޖެ ކޮޓަރީގައި ރޫޔާއާއެކު..” ރިހަ އަޅައިފައި ހުރި ބޯތަށި މޭޒުމަތީ ބަހައްޓަމުން ހަތުމާ ޖަވާބު ދިނެވެ.
“އަހަރެން މިދަނީ ކޮބާތޯ ބަލާލަން…” އެހެން ބުނުމަށްފަހު ހަލީމާ ބަދިގެއިން ނުކުމެގެން ދިޔައީ މާއިޝްގެ ކޮޓަރިއާ ދިމާލަށެވެ. އެހެނަސް އެކޮޓަރި ދޮރާ އަރާ ހަމަވުމާއެކު ރޫޔާގެ އަޑު އިވިފައި އޭނާ ހުއްޓުން އެރިއެވެ.
” ޖަޒުބާތުން ހިތް ފުރަމުން”
“ދޮންކަނބުލޮ ނިދާލާށޭ”
“ނާދޭ އެއްވެސް ވަގުތެއް”
“ތި ޚިޔާލާ ހަމަ ދުރުވާ”
“ނާދޭ ލޯބިން ނުފުރޭ”
“ފަހަރެއް ހިނިތުން ވީމާ”
އެ ނާނާ ވެގެން ދިޔައީ ހަލީމާއަށް މާޒީ ހަނދާންކުރަން މެދުވެރިވި ކަމަކަށެވެ.
މާޒީގައި، އިސްމާޢިލު އޭނާގެ މައްޗަށް އަނިޔާވެރިވިއެއް ކަމަކު، އޭނާ ވެގެންދިޔައީ ރޫޔާއަށް ނުލާހިކު ރަނގަޅު ބައްޕައަކަށެވެ. އޭނާއަށް ކިތަންމެ އަނިޔާއެއް ކުރިޔަސް، ރޫޔާއަށް އިސްމާޢިލުގެ ރުޅީގެ ވައިވެސް ނޭޅެއެވެ. އިސްމާޢިލު ރޫޔާ ދެކެ ލޯބިވާ ވަރު އެނގޭ އެކަކީ ޙުދު އޭނާއެވެ. އިސްމާޢިލަށް އޭނާއަށް މަޢާފުކުރަން ހިތްވަރުވެސް ލިބުނީ ރޫޔާއާއި އިސްމާޢިލް ދެމެދު އޮންނަ ގުޅުމުގެ ސަބަބުންނެވެ.
އަޑެއް ނުލައްވާ ހަލީމާ އެދޮރާ ދުރަށްޖެހިލީ ދެން ކުރަން ޖެހެނީ ކޮންކަމަކާ މެދު ވިސްނަމުންނެވެ. ކޮންމެވެސް ގޮތަކުން އޭނާގެ ހިތުގެ ހާސްތައް ވާފިރު ކައިރީ ކިޔައިދެން އެބަ ޖެހެއެވެ.
އޭނާ އެގެއިން ނިކުންނަން ދިޔަ ތަނާ، އެގޭ ދޮރު މައްޗަށް އެރި ސާޖިދް ފެނި މީހާގެ ފިޔަވަޅުތަކަށް މަޑު ޖެހުނެވެ.
“ރޫޔާ ހޯދަންތަ؟” ހަލީމާގެ ސުވާލަށް ސާޖިދު ބޯ ހުރައިލިއެވެ.
“ނޫން…ދައްތަ ހޯދަން..ހިނގާބަލަ މިތާ ކެފޭ އަކަށް…ވާހަކަ އެއް ދައްކަން އެބަ އޮތް” ސާޖިދު އެއައީ އޭނާ ހޯދަން ކަން އެނގުމުން ހަލީމާ އަށް ނޭވާއެއް ދޫކޮށްލެވުނެވެ. އެހެން މީހުންނަށް، ރޫޔާއާ ބެހޭގޮތުން ނޭނގޭ އެތަކަމެއް އެނގޭ އެކަކަކީ ސާޖިދަށް ވުމާއެކު، އޭނާގެ ނުތަނަވަސްކަން ހިއްސާކުރެވޭނެ އެކަކަކީ ސާޖިދެވެ.
ދެމީހުންވެސް އިތުރު އެއްޗެކޭ ނުބުނެ، ކައިރީގައި ހުރި ކެފޭ އަކަށް ވަދުނެވެ. އެމީހުންގެ ނަސީބު ރަނގަޅުކަމުން އެ ކެފޭގައި އެދެމީހުން ފިޔަވައި އިތުރު ކަސްޓަމަރެއް ނެތެވެ. ވެއިޓަރަކަށް ހުރި ބިދޭސީ ކުއްޖާ ކައިރީ ދެ ތަށި ކޮފީ ގެނެސްދޭން ބުނުމަށްފަހު ދެމީހުން އިށީނީ ކެފޭގެ ކަނުގައި އިން މޭޒުގައިއެވެ.
“ކުރީ ދުވަހު ރޫޔާ އަތިރިއަށް ގޮސް ރޯން ހުރިތަން އަހަންނަށް ފެނުނު” ސާޖިދު ވާހަކަ ފެށީ ސާދާކޮށެވެ.
“އެއްޗެކޭ ކީތަ؟” ހަލީމާގެ އަޑުގައި ހުރީ ކަންބޮޑުވުމެވެ.
“ހޫމް…އޭނާ ރަޒާނަށް މަޢާފްކުރި ވާހަކަ ބުނި…ދެން…” އޭނާ ހަލީމާއަށް ރަނގަޅަށް ބަލައިލީ އެނާ ދޭން އުޅޭ ޚަބަރު ދޭނެ ގޮތް ނޭނގޭތީއެވެ.
“ދެން؟”
“އޭނާ ބުނީ…އެހެން މީހެއް ދެކެ ނަފްރަތު ކުރާނެ ހިތްވަރެއް ނެތޭ…ދައްތާ…ތެދަށް ބުނާނަމަ…އަޅުގަނޑަށް ހީވަނީ…ރޫޔާ އަދިވެސް ވެގެން ދިޔަ ކަންތައްތަކާ މެދު ވިސްނާހެން…އަދިވެސް ވެގެން ދިޔަ ކަންތައްތަކަކީ..އޭނާގެ ކުށް ކަމަށް ޤަބޫލު ކުރާހެން ހީވޭ..”
ސާޖިދުގެ ބަހާއެކު ހަލީމާއަށް ދެލޯ މަރައިލެވުނެވެ. އަނެއްކާވެސް އެހެން ގޮތަކުން ރޫޔާއަށް އެ މާޒީ އާވެގެން ދިޔަކަން އިހުސާސް ކުރެވުނެވެ.
“ރޫޔާ މިހުރިހާ ދުވަހަކު އެކަން ރަނގަޅަށް ފޮރުވައިގެން އުޅުނީމަ އަހަރެމެންނަށް އެކަން ނޭނގުނީ…އެކަމަކު އަޅުގަނޑު ކައިރީ ވަރަށް އަހާ…މީހުން އޭނާއާ ވާހަކަ ދައްކަނީ އޭނާއާ މެދު ހަމްދަރުދީ ވެގެން ހެއްޔޭ؟ އޭނާއަށް އުފާވެރި ދިރިއުޅުމެއް އުޅުމުގެ ހައްޤު އެބަ އޮތްހޭ؟ އޭރު އަޅުގަނޑު ހީކުރީ ރޫޔާ ދިރިއުޅުމައިގެން ކުރިއަށް ދާން ބިރުގަންނާތީ ކަމަށް އެ ސުވާލުތައް ކުރަނީ….މައިރާމެން ގާތު އަޅުގަނޑު މި ފަހަކުން އެހިން ރޫޔާ އެމީހުން ގާތު އެކަހަލަ ވާހަކަ އަހާ ހެއްޔޭ. އެމީހުން ބުނީ ނާހައޭ އެކަހަލަ ސުވާލެއް…އެހިސާބުން އަޅުގަނޑަށް ޔަޤީންވި… ރޫޔާ އަދިވެސް އަމިއްލަ ނަފްސަކަށް މަޢާފު ނުކުރާކަން…” ސާޖިދުގެ ކޮންމެ ބަހާއެކު ހަލީމާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ގިނަވަމުން ދިޔައެވެ. އޭނާގެ ދަރިފުޅުގެ ހިތުގެ ވޭން އޭނާއަށް ނުފެނި ދިޔައީ ކީއްވެހެއްޔެވެ؟
“އަހަރެން…އަހަރެންނަށްވެސް އެނގޭ ރޫޔާ މާޒީއާ މެދު ވިސްނާކަން..އެކަމަކު ކަންކަން މިހާ ގޯސްވާނެ ހެންނެއް ހިޔެއް ނުވޭ” މޭޒުމަތީގައި ހުރި ޓިޝޫ ފޮށިން ޓިޝުލެއް ނަގައި، ފައިބަމުން އަންނަ ކަރުނަތައް ފޮހެލަމުން ހަލީމާ ބުންޏެވެ.
“ރޫޔާ އެކަން ރަނގަޅަށް ފޮރުވީމާ އެކަކަށްވެސް އެކަން ފާހަގަވެގެން ދިޔައީ…އަހަންނަށްވެސް މިކަންތައް ފާހަގަވީ ވަރަށް ފަހުން…ކޮންމެ ގޮތަކުން ވިޔަސް އޭނާ މިހާރު އެ ތަހައްމަލު ކުރަނީ ރަޒާންގެ ވަކިވުމެއް އެކަންޏެއް ނޫން” ސާޖިދުގެ ޖުމުލައަށް ހަލީމާ ބޯ ޖަހައިލިއެވެ.
***
ރޭގަނޑު ކައި ނިމުމުން، ކާގެ ތެރެ ސާފުކޮށް ނިމުމަށްފަހު ކޮޓަރިއަށް ވަދުނު ހަލީމާ ފެނިފައި، ވާފިރު އޭނާގެ ފަހަތުން އެކޮޓަރިއަށް ވަދުނެވެ. ހަލީމާގެ ކިބައިން ނަޒަރު ވަކި ނުކޮށް އޭނާ ދޮރު ލައްޕަން އުޅުނެވެ. އެހެނަސް އޭނާއަށް ރޭކާ ނުލީ ރަނގަޅަށް ދޮރު ނުލެއްޕޭ ކަމެވެ.
“ކިހިނެއްވެފައި ތި އިނީ؟” އޯގާތެރިކަމާއެކު ވާފިރު އެހެން ބުނުމުން ހަލީމާ ނޭވާއެއް ދޫކޮށްލިއެވެ. ހަލީމާގެ މޫނުމަތީގައިވާ ކުލަވަރުން އޭނާ ވިސްނަމުންދަނީ ރޫޔާއާ މެދު ކަން ވާފިރަށް ވިސްނުނެވެ.
“ހަލީމާ-”
“ވާފިރު..އަހަރެން މީ ހާދަ ގޯސް މަންމައެކޭ….” ހަލީމާގެ ކޯތާފަތްމަތިން ފައިބަމުން ދިޔަ ކަރުނަތައް ފެނި ވާފިރު އަވަހަށް ހަލީމާ އަތުލަފިކޮށްގެން އެނދުމަތީގައި އިށީނިއެވެ.
“ހަލީމާ…ނުރޮއެ ކިޔައިދީބަލަ ވެގެން އުޅޭ ގޮތް….” މީހާ ހާސްވިޔަސް ހަލީމާއަށްޓަކައި މީހާ ހަމަ ޖެހިލަމުން ވާފިރު އަހައިލިއެވެ.
“ވާފިރު.ރޫޔާ….އަހަރެންގެ ރޫޔާ….”
“ހޫމް..ރޫޔާ އަށް ކިހިނެއްވި؟” ހަލީމާގެ މޫނު އޭނާގެ އަތު ތެރެއަށް ގެންނަމުން ވާފިރު އޭނާގެ ކަރުނަތައް ފޮހެލިއެވެ.
“އަހަރެން ހީކުރީ..ރޫޔާ އެއްކޮށް ރަނގަޅުވި ކަމަށް…ރޫޔާ އުފަލުގައި އުޅެމުން ދިޔަކަމަށް މިހުރިހާ ދުވަހަކު…އެކަމަކު….މިހުރިހާ ދުވަސްތައް އެދިޔައީ….ރޫޔާ ވެގެން ދިޔަ ކަންތައްތައް ހަނދާނުގައި އާކުރަމުން…. އެއްވެސް ޝަކުވާއެއް ކުރުމެއްނެތި…އޭނާ އިސްމާޢިލަށްވެސް މަޢާފުކުރި….އެ ރަޒާނަށްވެސް މަޢާފު ކުރި…އެކަމަކު އަދަށްދާން ދެން…އޭނާގެ އަމިއްލަ ނަފްސަށް މަޢާފު ނުކުރޭ…އަދިވެސް އޭނާ ޤަބޫލުކުރަނީ ވެގެން ދިޔަ ހުރިހާ ކަމަކީ….އޭނާގެ ސަބަބުން ވީ ކަމަކަށް”
އެ ކޮޓަރިން ބޭރުގައި، ދޮރުމަތީ އެ ހުރިހާ ވާހަކައެއް އަޑުއަހަން ހުރި ރަހާ މޫނު އަނބުރައިލީ އޭނާގެ ކައިރީގައި ހުއްޓިހުރެ، ހަލީމާގެ ޝަކުވާތައް އަޑުއަހަން ހުރި ރޫޔާއަށެވެ. ރޫޔާ ރަހާއަށް ބަލަން ހުރެފައި އަވަސް އަވަހަށް ސިޑިން މައްޗަށް އަރައިގެން ދިޔައީ އަނެއްކާވެސް ރޮވެން އުޅޭ ހެން ހީވެގެންނެވެ. އެ ކޮޓަރިއަށް ވަދެ އެނދާ ދިމާލަށް ހިނގާގަތް ވަގުތު އެކޮޓަރިއަށް މީހަކު ވަދުނުކަން ރޫޔާއަށް އެނގުނެވެ.
“ރަހާ..ނޯ ޕްލީޒް” ރަހާ އަށް ފުރަގަސްދީގެން ހުރެ، ހެދުން މަތީ އަމިއްލަ މޭމަތީގައި ފިރުމަމުން ރޫޔާ ބުނެލިއެވެ.
“ދޮންތާ…ފޯ އެވްރިވަންސް ސޭކް…ސްޓޮޕް ދިޒް މޭޑްނެސް…އަހަރެން މިއޮއް ހާ ދުވަހު ހީކުރީ ދޮންތަ އެހެން މީހުންނަށް މަޢާފުކުރަނީ ދޮންތަގެ ހިތްތިރި ކަމުންކަމަށް….ކާކު ހީކުރަނީ އެއީ ދޮންތަ އަމިއްލަ ނަފްސަށް މަޢާފު ނުކުރެވޭތީ ކަމަށްކަމަށް؟” ރަހާގެ ޖުމުލައިން ރޫޔާ ކުއްލިއަކަށް ރަހާއަށް ބަލައިލިއެވެ. ރަހާއަށް އެހާ ފަސޭހަލުން އެކަން އެނގުނީ ކީއްވެ ހެއްޔެވެ؟
“ޔޫ ފޮގޭވް ޔުއަރ އޯން މަދަރސް އެބިއުސަރ، ޔޫ ފޮގެވް ދަ މޭން ހޫ ބްރޯކް ޔުއަރ ހާޓް؟” ރަހާ ރޫޔާއާ ދިމާލަށް ފިޔަވަޅެއް އެޅިއެވެ. “އެހެން މީހުންގެ އިހުސާސްތައް އިސްކޮށް، އެހެން މީހުންގެ އެދުންތައް ފުއްދަމުން…”
“ކީއްވެ؟ ކޮން ބޭނުމަކު އެ ހުރިހާ ކަމެއް ކުރަންވެގެން ތިއުޅެނީ؟” ރަހާގެ އަޑު ބާރުވިއެވެ.
“އެއީ އަހަރެން އަމިއްލަ ނަފްސު ދެކެ ނަފްރަތު ކުރާތީ….އެކަކަށްވެސް ނޭނގޭނެ އަހަރެން އަމިއްލަ ނަފްސު ދެކެ ރުޅި އަންނަ ވަރެއް”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

