Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތުގެ ލޯތްބޭ ތީ 21

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
April 17, 2016 8 Mins Read
19 Comments

“ދެން އިނަސް މީ އެހެން ގޮތަކަށް ލިބުނު ކުއްޖަކަށް ވާނެތަ މަންމާ؟ އެހެން ބައެއްގެ ދިރިއުޅުމުގެ ތެރެއަށް ވަދެ ހަލާކު ކުރުން ނޫން ކަމެއް ނުވާނެ… އެކަން އަހަންނަށް މިހާރުވެސް ކުރެވިއްޖެ… މިޝާލް އަހަންނާ ނީނަކަސް މީ އޭނަގެ ކުއްޖެއް ކަމަށް ގަބޫލު ކުރަންޏާ ފަހުންވެސް އޭނަ އެކަން ދަންނާނެ، އެހެން ވިއްޔާ އެނިމުނީ… އެހެން ކޮން ކަމެއްތަ ދެން އަހަރެން ބޭނުން ވާނީ؟” ޝަމްހާ ގޮތް ދޫކުރާކަށް ގަސްތެއް ނުކުރެއެވެ.

އެހެންނާ ޝަމްހާގެ ވާހަކަ ހުންނަ ގޮތާ މިއަދު އޭނަގެ ވާހަކަ ހުރި ގޮތް ތަފާތު ކަމުން މިޝާލްގެ އިތުރުން ޝިޔާޒްއާ މިޒްނާވެސް ތިބީ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ދުނިޔެއަށް ގިނަ ވާނެ ގޮތެއް ނޭނގިގެންތަ ތިއުޅެނީ؟ ހަމަ ވިސްނުން ނުވިސްނިގެން ތިއުޅެނީ—” ޝަރީފާ ހައްތަހާ ރުޅި ގަދަވިއެވެ.

“ދެން އަނޫގެ ދިރިއުޅުމަށް ވަންނާކަށް އަހަރެން ނޫޅެން މަންމާ، އެހެން އުޅެން ހަދައިގެން އަހަންނަށް މިހެން މިވީވެސް… މިޝާލްއާ ކައިވެނި ކުރިޔޭ ކިޔާފަ ދެން އަހަންނަށް މިކަން ސިއްރު ކުރެވޭނެތަ؟ މަންމަ ބުނެބަލަ! މިހާރުވެސް ކުރެވުނު ވަރު ކުޑަ ވެގެންތަ އަދިވެސް އަނެއް ކަމެއް ނުކުރެވިގެން އުޅެންވީ؟ މިބުނީނުން އަހަރެން މިޝާލްއާ އިންނާކަށް ބޭނުމެއް ނޫނޭ؟ އަހަންނެއް ނީންނާނަން މިޝާލް އަކާ” ޝަމްހާ އޭނަގެ ނިންމުން އިއްވާފައި ދުވެފައި ގޮސް މައްޗަށް އެރިއެވެ.

“ޝަމްހާ—” ޝަރީފާ ޝާމްހާގެ ފަހަތުން ދާން އުޅުނެވެ.

“މަންމާ، ޝަމްކޮ އެބުނީއެއްނު އޭނަ މިޝާލްއާ އިންނާކަށް ބޭނުމެއް ނޫނޭ؟ ދެން މިހިސާބުން މިވާހަކަ ހުއްޓާލާ” ޝިޔާޒް އެވަގުތު ޝަރީފާ ހުއްޓުވިއެވެ.

މިޝާލް އިތުރު އެއްޗެއް ނުބުނެ އެގޭން ނިކުތެވެ.

 

“މިޝާލް…” ސިޓިންގރޫމްގައި އިން ޒަރީރު މިޝާލް ފެނުމުން ގޮވާލިއެވެ.

“ޝަމްހާ ބުނީ ބޭނުމެއް ނޫނޯ ކައިވެނި ކުރާކަށް” ބައްޕަގެ ކުރިމަތީ ހުއްޓިފައި ބައްޕަ ކުރަން ބޭނުންވި ސުވާލުގެ ޖަވާބުގައި މިޝާލް ބުންޏެވެ.

“އެއީ ކީއްވެ؟” ޒަރީރުއަށް އަހާލެވުނެވެ.

“ބައްޕާ، އޭނަ މިހާރު ބޭނުމެއް ނުވޭ އިތުރަށް އަނޫގެ ދިރިއުޅުމާ ކުޅޭކަށް، ދެން އޭނަގެ ސަބަބުން އަނޫއަށް އެއްވެސް ދެރައެއް ލިބޭކަށް… އަހަންނާ އަނޫގެ މެދަށް ވަންނާކަށް ދެން އޭނަ ބޭނުމެއް ނުވެޔޯ… އަހަރެން އެގެޔަށް ދިޔައީ ޝަމްހާއާ އިންނަން ނިންމައިގެން، އެކަމަކު އޭނަ ބޭނުން ނުވަންޏާ ދެން އަހަރެން ކީއް ކުރާނީ؟

ބައްޕަ ބޭނުން ވަނީ އެކުއްޖާއަށް ދެރަ ގޮތެއް ނުވާކަށްނު؟ ޝަމްހާ ވިހެއިމަ އަހަރެން ހުރިހާ ގޮތަކުންވެސް އޭނައަށް ބަލާނަން، އަހަންނަށް ދެން ކުރެވޭނީ އެވަރެއްނު؟” މިޝާލް ބުންޏެވެ.

ޒަރީރުއަށް އިތުރަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. އެބުނާހެން މިޝާލްއާ ކައިވެނި ކުރަން ޝަމްހާ ބޭނުން ނުވާ ކަމަށް ވާނަމަ އެކަމުގައި ދެން އިތުރަށް ކުރެވޭނެ ކަމެއް ނެތެވެ.

ޝަމްހާ ނިންމި ގޮތް ނަސީރާއަށާ އަނޫޝާއަށް އެނގުމުން އެދެމީހުންވެސް އެކަމާ ބެހޭ ގޮތުން އިތުރަށް ވާހަކައެއް ނުދައްކައެވެ. އެކަން ކުރުމަށް މިޝާލްއަކަށް އިތުރަށް ބާރެއް ނާޅައެވެ. އެހިސާބުން އެވާހަކަ ހުއްޓާލީއެވެ.

 

ދުވަސްތައް ކުރިޔަށް ދެއެވެ. އަނޫޝާގެ ބަނޑަށް ހަތަރުމަސް ފުރިއްޖެއެވެ. ތިން ވަނަ ފަހަރަށް އަނޫޝާ ޑޮކްޓަރަށް ދައްކަން ދިޔައީ މިޝާލްއާ އެކީގައެވެ.

ރަތް ލައިޓަށް ސައިކަލު މަޑުކޮށްލުމުން އަނޫޝާ މިޝާލްގެ ބަނޑުގައި ހިފަހައްޓައިގެން އިނދެފައި އަތް ދޫކޮށްލިއެވެ. ހަމަ އެވަގުތު ވައަތް ފަރާތުން މަޑުކޮށްލި ސައިކަލަށް އަނޫޝާއަށް ބަލާލެވުނެވެ. އެއާ އެކު އަނޫޝާގެ ހިތުގެ ވިންދު އަވަސް ވެގެން ދިޔައެވެ.

ޒިހާންވެސް އަނޫޝާއަށް ބަލާލިއެވެ. ކިހިނެއްތޯ އަހާލަން ހިތް އެދުނެވެ. ނަމަވެސް ހީލުން ފިޔަވައި އިތުރު ކަމެއް ކުރާކަށް ނުކެރުނެވެ. އެހާ ކައިރީގައި އަނޫޝާ އިން އިރުވެސް އެދެމެދުގައި އެތައް ފޫޓެއްގެ ދުރުމިން ހުރިކަމުގެ އިހުސާސް ޒިހާންއަށް ކުރެވުނެވެ.

މިޝާލްއަށް ޒިހާން ފެނުމާ އެކު ދެމީހުންގެ މޫނުމަތިންވެސް ފެނިގެން ދިޔައީ ރުޅިވެރިކަމެވެ. ފެހި ލައިޓް ދިއްލުމާ އެކީ ދެމީހުންވެސް އެއްފަހަރާ ކަހަލަ ގޮތަކަށް ސައިކަލު ދުއްވާލިއެވެ. ނުވިސްނާ އިން އަނޫޝާއަށް މިޝާލްގެ ބަނޑުގައި ހިފަހައްޓާލެވުނެވެ.

ދެވަނަ ލައިޓަށްވެސް ދެމީހުން މަޑުކުރަން ޖެހުނީ ޖެހިޖެހިގެންނެވެ. މިފަހަރު އަނޫޝާ ޒިހާންއާ ދިމާއަކަށް ނުބަލައެވެ. ގަސްތުގައި ކަނާތް ފަރަތަށް ބަލަން އިނީއެވެ.

ފެހި ލައިޓް ދިއްލުމާ އެކު މިފަހަރު ޒިހާން މިޝާލްއަށް ވުރެން ކުރިން ދުއްވާލިއެވެ. އަނޫޝާއާ މިޝާލް އެކުގައި ތިބި މަންޒަރު ބަލަން ބޭނުން ނުވާތީއެވެ.

ހުރިހާ ކަމެއް ވީ އަނޫޝާގެ ކުރިމަތީގައެވެ. ކުއްލިއަކަށެވެ. ފިލްމަކުން ފެންނަމުންދާ މަންޒަރެއް ބަލަން އިންހެން އަނޫޝާއަށް ލޯބޮޑުކޮށްފައި ބަލަން އިނދެވުނެވެ.

ޒިހާން ސައިކަލު ދުއްވާލި އިރު ޖެހިގެން އޮތް މަގުން ނިކުތް ސައިކަލެއް ނުދެކެއެވެ. އެވަގުތު އެމަގުން ދުއްވާ އެއްޗެއް އައިސްދާނެ ކަމަށް ހީވެސް ކުރެވިފައި ނެތީއެވެ.

ދެމީހުންވެސް ދުއްވީ ބާރަށް ކަމުން ޖެހުނީވެސް ބާރަށެވެ. ވިއްސައިގެން ގޮސް ޒިހާން ފާރުގައި ޖެހުނުތަން އަނޫޝާއަށް ފެނުނެވެ. އަނގައިން އަޑެއް ނުނިކުތް ނަމަވެސް، ދުލުން ބަހެއް ނުބުނެވުނު ނަމަވެސް އަނޫޝާއަށް އިނދެވުނީ ބަލާށެވެ. މިޝާލްގެ ގަޔަށް ވަންނަމުން ދިޔަ އަނޫޝާގެ ނިޔަފަތިތަކުގެ ސަބަބުން އޭނައަށް ތަދުވާނެ ކަންވެސް އަނޫޝާއަކަށް ނޭނގެއެވެ.

އަނޫޝާގެ އަތް ދޫވީ ކުއްލިއަކަށެވެ. ޒިހާން ޖެހުނު ގޮތަށް ބޯފަޅައިގެން ގޮސް، އައި ލޭތައް ފެނުމުން އަނޫޝާގެ ބޮލަށް އެނބުރުން އެރިއެވެ. މޫނު މައްޗަށް އަނދިރި ވިއެވެ. މިޝާލް ގައިން ދޫކޮށްލެވުނު ގޮތަށް އަނޫޝާ ސައިކަލުން ވެއްޓުނީ މިޝާލްއަށް ނުވެސް އެނގިއެވެ. އެވަގުތު އެހުރިހާ ކަމެއްވެސް ވީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ކަމުން ފެހި ލައިޓް ދިއްލުމުން ދުއްވާލި އެއްޗެއްސަށްވެސް ކުއްލިއަކަށް އެމީހަކު ދުއްވަން އިން އެއްޗެއް ކޮންޓްރޯލް ކުރުން ވީ އުނދަގޫ ކަމަކަށެވެ.

ޒިހާންއާ ދިމާއަށް ބަލަން އިން މިޝާލްއަށް އަނޫޝާ ވެއްޓުނު ކަން އިހުސާސް ވުމާ އެކު ސައިކަލު ހުއްޓާލެވުނީ ކުއްލިއަކަށެވެ. ހަލަބޮލި ވެފައިވާ މަގު އިތުރަށް ތޮއްޖެހުނެވެ. މިޝާލްގެ ސައިކަލުގައި ނުޖައްސަން ވެގެން އަނބުރާލި ސައކަލު ޖެހުނީ ކާރެއްގައެވެ. އަވަސްއަވަހަށް އަނޫޝާ އަތް މައްޗަށް ނެގި މިޝާލް ގައިގައި އެވަގުތު ޖެހުނީ ކޮން އެއްޗެއް ކަމެއް މިޝާލްއަކަށްވެސް ނޭނގެއެވެ. އަނޫޝާއާ އެކީ ވެއްޓުނު ގޮތުން ބޯޖެހުނެވެ. އިރުކޮޅެއް ވަންދެން މިޝާލްއަށްވެސް ވާނުވާ ނޭނގިފައި އޮތެވެ. ހޭވެރި ކަމެއް ވީ ލޯމަތިން ތެތް ކަމެއް އިހުސާސް ވުމުންނެވެ.

“އަނޫ…” މިޝާލްއަށް ފުރަތަމަވެސް ބުނެވުނީ އެހެންނެވެ. ތެދުވެ އަތުން ނިތްކުރިމަތި ފޮހެލުމުން އަތުގައި ހުރި ލޭ ފެނުމުން އަނިޔާއެއް ވެއްޖެ ކަން އިހުސާސް ކުރެވުނު ނަމަވެސް ކަން ބޮޑުވީ އަނޫޝާއަށް ވީގޮތަކާ މެދުއެވެ. އޭރު އެތާނގައި މީހުންތައް އެއްވެފައި އޮތެވެ. ކައިރީގައި އެމްބިއުލާންސެއް އޮތެވެ.

“ކޮބާ އަނޫ؟” މިޝާލް ކައިރީގައި ހުރި މީހާ ގާތު މިޝާލް އަހާލިއެވެ.

“މިތާ ވެއްޓިފަ އޮތް އަންހެން ކުއްޖާތަ؟ އޭނަ އެމްބިއުލާންސްގަ…” އެމީހާ ބުންޏެވެ.

މިޝާލް ދުވެފައި ގޮސް އެތަނަށް ހުއްޓި އެތެރެއަށް ބަލާލިއެވެ. ސްޓްރެޗަރ އެއްގައި އަނޫޝާ އޮތެވެ. ކައިރީގައި އަނޫޝާގެ ނިތްކުރީގައި ފޮތިގަނޑެއް ޖައްސައިގެން މީހަކު އިނެވެ.

“އަނޫ…” މިޝާލް އަނޫޝާ ކައިރީ އިށީނދެފައި ގޮވާލިއެވެ. ނަމަވެސް އެވަގުތު އަނޫޝާއަކަށް އެއަޑެއް ނީވެއެވެ.

 

“ޒިހާން!” ހޮސްޕިޓަލުގައި އަނޫޝާއަށް ލޯހުޅުވާލުމާ އެކު ފުރަތަމަވެސް ބުނެވުނީ އެހެންނެވެ. އަނޫޝާ އޮތް އެނދު ކައިރީގައި އަނޫޝާގެ އަތުގައި ހިފަހައްޓައިގެން އިން މިޝާލް ސިހިފައި ބަލާލިއެވެ.

“އަނޫ…” މިޝާލް ގޮވާލިއެވެ.

“ޒިހާން ކޮބާ؟” މިޝާލްއާ މެދު ވިސްނުމެއް ނެތި އަނޫޝާއަށް އަހާލެވުނެވެ.

އަނޫޝާ ޒިހާންއާ ބެހޭ ގޮތުން އެގޮތަށް ސުވާލު ކުރުމުން މިޝާލްގެ މެއަށް ގޮތެއް ވެގެން ދިޔައެވެ. ޒިހާންގެ ބަދަލުގައި އެވަގުތު އެކަން ދިމާވީ މިޝާލްއަށް ނަމައޭ ހިތަށް އެރިއެވެ. އެހެން ނަމަ އަނޫޝާ މިޝާލްއާ މެދުވެސް އެހާ ހާސްވެ އެގޮތަށް ސުވާލު ކުރީއެވެ.

ނޫނެކެވެ. އަނޫޝާ އެގޮތަށް އެސުވާލު ކުރީ އެއީ ޒިހާންއަށް ވީތީއެވެ. އަނޫޝާ އަދިވެސް ލޯބިވަނީ ޒިހާން ދެކެ ކަމަށް ވާތީއެވެ. އެހިތުގައި މިހާރުވެސް ވަނީ ޒިހާން ކަމަށް ވާތީއެވެ.

“މިޝާލް…” އަނޫޝާ މިޝާލްއަށް ގޮވާލީ އަދިވެސް އެސުވާލު ތަކުރާރު ކޮށްލުމަށެވެ. ނަމަވެސް ކުއްލިއަކަށް އެހިޔާލު ބަދަލު ވިއެވެ. ކުރެވެން މިއުޅެނީ ކީއްކަން ހަނދާން ވިއެވެ.

ޔަގީނެވެ. މިއަދު މިޝާލް އަނޫޝާ ދެކެ ރުޅި އަންނާނެއެވެ. އަނިޔާ ކުރާކަށްވެސް ފަހަކަށް ނުޖެހޭނެއެވެ. ކުރިންވެސް މިޝާލް އަނޫޝާއަށް އަނިޔާ ކުރީ ޒިހާންއާ ވާހަކަ ދެއްކިކަން އެނގިނެންނެވެ. މިއަދު ޒިހާންއާ ބެހޭ ގޮތުން އެގޮތަށް ސުވާލު ކުރެވުނީ މިޝާލްއާއެވެ. އެކަމާ މިޝާލް ހިތަށް އަރާނެ އެއްޗެއްވެސް ނޭނގެއެވެ.

އިތުރަށް އެންމެ ބަހެއްވެސް ބުނާކަށް އަނޫޝާއަކަށް ނުކެރުނެވެ. އަނެއް ފަރާތަށް މޫނު އަނބުރާލައިގެން އޮތީ މިޝާލްގެ ފަރާތުން އިވޭނެ ރުޅިވެރި ބަސްތަކަށް ތައްޔާރު ވާށެވެ.

“ޒިހާން އޭރު ވިއްސައިގެން ގޮސް ޖެހުނު ގޮތުން ބޯފަޅައިގެން ދިޔައީ… އެހެން ބޮޑު ކަމެއް ނުވޭ… ދެތިން ދުވަސް ތެރޭގަ ދޫކޮށްލާނެ” ހިތަށް އުނދަގޫ ވިނަމަވެސް އަނޫޝާގެ ސުވާލަށް މިޝާލް ޖަވާބު ދިނެވެ.

އެވަގުތު ޑޮކްޓަރު އައުމުން އަނޫޝާއަށް އެއްޗެއް ބުނާކަށް ނުޖެހުނެވެ. ޑޮކްޓަރުގެ ފަހަތުން ކަހަލަ ގޮތަކަށް ނަސީރާއާ މިޒްނާ އަދި ޒަރީރުވެސް އައެވެ.

އަނޫޝާއަށް މާބޮޑު އަނިޔާއެއް ނުވާ ކަމަށާ، ލިބެން އުޅޭ ދަރިފުޅަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށާ، އެހެން ނަމަވެސް  ބެޑްރެސްޓް ކުރުމަށް ބުނެފައި ޑޮކްޓަރު އަނޫޝާ ގެޔަށް ދިއުމަށް ހުއްދަ ދިނެވެ.

ހޮސްޕިޓަލުން ނިކުންނަން ދިޔަ އިރުވެސް އަނޫޝާއަށް ދެތިން ފަހަރު އެކި ދިމަދިމާއަށް ބަލާލެވުނެވެ. ޒިހާން ފެނޭތޯއެވެ. އޭނަ މުޅިން ރަނގަޅުކަން ޔަގީން ކޮށްލަން ބޭނުންވެފަ ހުރި ވަރުންނެވެ. އެކަން މިޝާލްއަށް ފާހަގަ ކުރެވުނެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެއެވެ. އަނޫޝާ ދުލުން ނުބުނި ނަމަވެސް އޭނަގެ ހިތުގައިވާ އެއްޗެއް މިޝާލްއަށް އެނގުނެވެ.

އަނޫޝާ ޒިހާން ދެކެ ވާލޯބި ފުރަތަމަ ފަހަރަށް މިޝާލްއަށް އިހުސާސް ކުރެވުނީ އެދުވަހުއެވެ. ގެޔަށް ދިޔުމަށް ޓެކްސީގައި ތިބި އިރު އެތައް ފަހަރަކު އަނޫޝާ ދެކެ ލޯބި ވާކަން ހާމަ ކުރަން މިޝާލް ބޭނުން ވިއެވެ. އޭރުންވެސް ފަހަރެއްގައި އަނޫޝާގެ ހިތް ބަދަލު ވެދާނެޔޭ ހީވާތީއެވެ. ޒިހާން ދެކެ އަނޫޝާ ލޯބި ވާވަރަށް ނުވިޔަސް އެފަދަ އިހުސާސެއް އެހިތުގައި މިޝާލްއާ މެދުވެސް އުފެދުމަށް އެދެވޭތީއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެވުނެވެ.

“އަނޫ… ދޮންބޭ… ކިހިނެއްތަ ވީ؟ ރަނގަޅުތަ؟” ގޭތެރެއަށް ވަނުމާ އެކު ސިޓިންގރޫމްގައި ތިބި އަޒީޒާއާ މަޒްނާ އަދި މިލްނާ ސުވާލު ކުރަން ފެށިއެވެ.

ވީގޮތް ކިޔާދިނީ ޒަރީރުއެވެ.

“އަނޫ، ނަސީބެއްނު މާބޮޑު ކަމެއް ނުވިކަން…” އަޒީޒާއަށް ބުނެވުނެވެ.

“މިޝާލް، އަނޫ ގޮވައިގެން ދެން ދޭ ކޮޓަރިއަށް، އަނޫ، އޮށޯވެލައިގެން އޮންނައްޗޭ އިނގޭ” ނަސީރާ އަނޫޝާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.

 

“ޝިޔާޒް، އަނޫއަށް ކަމެއް ވިތަ؟” އެކަނި ވުމާއެކު ކައިރީގައި އިން ޝިޔާޒްއާ ޒިހާން ސުވާލު ކުރިއެވެ.

“މާ ބޮޑު ކަމެއް ނުވޭ…” ޝިޔާޒް ބުންޏެވެ.

“އަނެއްކާ އޭނަގެ ދަރިފުޅަށް ކަމެއް ވިތަ؟ އޭނަވެސް މިތަނަށް ގެނައެއްނު؟ ބޮޑު ކަމެއް ނުވަނީސްތަ ހަމަ؟” ޒިހާން އަނޫޝާއަށް ޓަކާ ކަންބޮޑުވިއެވެ.

“މިބުނީނު ނުވެޔޭ މާބޮޑު ކަމެއް… ދެން ހަމަ ޖެހިބަލަ، އޭނަގެ ބޭބީވެސް ރަނގަޅު، އެއްވެސް ނުރައްކަލެއް ނެތް” ޝިޔާޒް ބުންޏެވެ. ޒިހާންއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.

 

ނިދީގައި އޮވެ އަނޫޝާ ދެފަރާތަށް ފުރޮޅެމުން ދިޔައެވެ. ފެންނަނީ އެދުވަހު ދިމާވި ހާދިސާއެވެ. ޒިހާން ވިއްސައިގެން ދިޔަ މަންޒަރެވެ. ފާރުގައި ޖެހުނު ގޮތަށް ޒިހާންގެ ބޮލުން އަންނަމުން ދިޔަ ލޭތަކެވެ. މަންޒަރު ފުސް ވަމުން ދިޔައެވެ. އެއާ އެކު އަނޫޝާގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ. ބަލަހައްޓައިގެން ހުއްޓާ ޒިހާން ގެއްލުނެވެ. ދުއްވައިގަންނަން އުޅުނު ނަމަވެސް ހުރި ތަނުން ގުޑިއެއް ނުލެވުނެވެ. ހީވީ ނުފެންނަ މީހަކު އަނޫޝާ ގައިގައި ހިފަހައްޓައިގެން ހުރި ހެންނެވެ. ޒިހާންއާ ދިމާއަށް ދެއަތް ދިއްކޮށްލަމުން އަނޫޝާ ތެޅިފޮޅެން ފެށިއެވެ.

“ޒިހާން!” ރޮމުން އަނޫޝާއަށް ގޮވާލެވުނެވެ. ނަމަވެސް ހެއެއް ނުލެވެއެވެ. އަނޫޝާގެ އަޑަށް ކައިރީގައި އޮތް މިޝާލްއަށް ސިހިފައި ހޭލެވުނެވެ.

“ޒިހާން…” ދެވަނަ ފަހަރަށްވެސް އަނޫޝާ ގޮވާލިއެވެ. މިޝާލް ތެދުވެ އަނޫޝާއަށް ބަލާލިއެވެ. އޭރުވެސް އަނޫޝާ ތެޅިފޮޅެނީއެވެ. އޭނަގެ ލޮލުން ކަރުނަ އައިސް އައިސް ހުއްޓެވެ.

މިޝާލްގެ ހިތަށް ތަދުވިއެވެ. ހުވަފެނުގައިވެސް އަނޫޝާއަށް ޒިހާންގެ ހިޔާލާ ދުރަށް ނުދެވެއޭ ހިތަށް އެރިއެވެ. އެހެން ނަމަވެސް އެދުވަހު އެހިޔާލު ކުރެވުނު އެއްފަހަރުވެސް މިޝާލްއަށް އަނޫޝާ ދެކެ ރުޅިއެއް ނާދެވެއެވެ. ހިތުގެ ފުންމިނުން، އަނޫޝާގެ ހިތުން އެމަގާމް ކޮންމެވެސް ދުވަހަކުން މިޝާލްއަށް ލިބޭތޯ އެދެވެނީއެވެ. ޒިހާންގެ ނަސީބާ މެދު ހަސަދަވެރި ވެވެނީއެވެ.

“އަނޫ… އަނޫ…” މިޝާލް އަނޫޝާގެ އަތުގައި ހިފާލަމުން ގޮވާލިއެވެ. އަނޫޝާއަށް ހަޅޭ އެލެވެނީ ހުވަފެނެއްގައި ކަން އެނގޭތީ ހޭލެއްވުމުގެ ބޭނުމުގައެވެ. ނަމަވެސް އަނޫޝާއަށް ހެއެއް ނުލެވުނެވެ.

“އަނޫ، ހޭލަބަލަ، ހުވަފެނެކޭ ތީ…” މިޝާލް އަނޫޝާގެ ކޮނޑުގައި ހިފާ ނަގާ ތަޅުވާލަމުން ބުންޏެވެ.

އަނޫޝާއަށް ލޯހުޅުވާލެވުނެވެ. އޭރުވެސް ރޮވެނީއެވެ. ވާނުވާ ނޭނގިފައި އަނޫޝާ އިރުކޮޅަކު މިޝާލްގެ މޫނަށް ބަލަން އިނެވެ.

“އަނޫ…؟” މިޝާލް ގޮވާލިއެވެ.

އެއާއެކު އަނޫޝާ ބާރަށް ރޮއެގަންނަމުން މިޝާލް ގައިގައި ބައްދައިގަތެވެ.

އިރުކޮޅަކު ހުއްޓުން އަރާފައި އިނދެފައި މިޝާލްވެސް އަނޫޝާ ގައިގައި ބައްދާލިއެވެ.

“އަނޫ… ޝްޝްޝް… ނުރޮއެބަލަ… ހުވަފެނެކޭ އެއީ…” އަނޫޝާގެ ބުރަކަށީގައި ފިރުމަމުން މިޝާލް މަޑުމަޑުން ބުންޏެވެ.

އަނޫޝާއަށް ހުއްޓާލެވުނީ އިރުކޮޅެއް ފަހުންނެވެ. އަނޫޝާ މިޝާލްއާ ދުރަށް ދާކަށް ނޫޅެއެވެ. އެއިން ގޮތަށް މިޝާލްގެ އަތުތެރޭ އަނޫޝާ އިނީއެވެ.

އަނޫޝާ ރުއިން ހުއްޓާލިކަން މިޝާލްއަށް އެނގުނެވެ. ނަމަވެސް މިޝާލްވެސް އަނޫޝާ އޭނަގެ ގަޔާ ދުރު ކުރާކަށް ނޫޅެއެވެ. ދެމީހުންވެސް އެތިބި ގޮތަށް ތިބީއެވެ.

މިޝާލްގެ އަނޫޝާގެ ބުރަކަށީގައި ފިރުމަމުން ދިޔަ ގޮތް ބަދަލުވިއެވެ. އަނޫޝާއަށް އެކަން ފާހަގަ ކުރެވުނީ ކުރިން ދުވަހަކުވެސް ފާހަގަ ނުކުރެވޭ ގޮތަކަށެވެ. އެބީހުންތައް ކުރިޔާ ތަފާތެވެ.

“އަނޫ…؟” މިޝާލް އަނޫޝާގެ ކޮނޑުގައި ހިފާ ގަޔާ ދުރުކޮށްލަމުން ގޮވާލީ ސުވާލެއް ކުރާފަދަ ގޮތަކަށެވެ. ހުއްދައަށް އެދޭ ކަހަލައެވެ. އަނޫޝާ މިޝާލްގެ މޫނަށް ބަލާލާފައި އިސް ޖަހާލިއެވެ. މިޝާލްއަށް ޖަވާބަކަށް އެވަރު ފުދުނެވެ. އަނޫޝާގެ ދަތްދޮޅީގައި ހިފާ އިސްއުފުލާލަމުން އަނޫޝާގެ މޫނާ މިޝާލްގެ މޫނު ކައިރިކޮށްލިއެވެ.

މިޝާލްގެ ފަރާތުން ތަފާތު އެތައް ކަމެއް އެރޭ އަނޫޝާއަށް ފާހަގަ ކުރެވުނެވެ. އެފަދަ އެހެން ކޮންމެ ރެއަކާ އެރޭ ތަފާތެވެ. މިޝާލްގެ ކޮންމެ ބީހިލުމެއް ތަފާތެވެ. މިޝާލްގެ ކޮންމެ ހަރަކާތެއް ތަފާތެވެ. މިޝާލްގެ އަނގައިން ނިކުތް ކޮންމެ ބަހެއް ތަފާތެވެ.

މިޝާލްގެ ހިތް އެދެމުން ދިޔައީ ލެވޭ ކޮންމެ ނޭވައަކާ އެކު އަނޫޝާ ދެކެ ލޯބި ވާކަން ހާމަ ކުރާށެވެ. ކޮންމެ ބީހިލުމަކާ އެކު ދުލުން އެހެން ބުނާށެވެ. ނަމަވެސް ފަސް ޖެހެވެނީ އަނޫޝާ ގަބޫލު ނުކުރާނެތީއެވެ. އެހެން ކަމުން މިޝާލް ބެލީ އަނޫޝާ ދެކެ ލޯބި ވާވަރު އަމަލުން ދެއްކޭތޯއެވެ. މިޝާލްގެ ކޮންމެ ހަރަކާތަކުން ހިތުގެ ހާލު އަނޫޝާއަށް އެންގޭތޯއެވެ.

މިޝާލްގެ ހަރަކާތް ހުރި ގޮތުން އަނޫޝާ ގާތު ކޮންމެވެސް ވާހަކައެއް ބުނަން އުޅޭ ހެން އަނޫޝާއަށް ހީވިއެވެ. ނަމަވެސް އަނޫޝާއަކަށް ނުވިސްނުނެވެ. މިޝާލްގެ ފަރާތުން ފެންނަމުން ދިޔަ އަދަޔާ ޚިލާފް ބަދަލާ މެދު އަނޫޝާ ހައިރާން ވިއެވެ.

ނުބުނަން ހުރި ނަމަވެސް އެންމެ ފަހު ވަގުތު މިޝާލްއަކަށް ކެތެއް ނުކުރެވުނެވެ. އިޚްތިޔާރަކާ ނުލާ ހިތުގެ ހާލު ދުލުން ބަޔާން ކުރެވުނެވެ.

“ގޯޑް! އައި ލަވް ޔޫ އަނޫ… އައި ލަވް ޔޫ ސޯ މަޗް…!” އަނޫޝާގެ ކަންފަތް ކައިރިން ކަރުގައި މޫނު ޖައްސާލަމުން މިޝާލްއަށް ބުނެވުނެވެ.

މެރިފައިވާ އަނޫޝާގެ ދެލޯ ކުއްލިއަކަށް ހުޅުވާލެވުނެވެ. އިވުނު އަޑާ މެދު ޔަގީން ނުވެފައި އަނޫޝާ މިޝާލްގެ މޫނަށް ބަލާލަން ވެގެން މޫނު އަނބުރާލަން އުޅުނެވެ. ނަމަވެސް މިޝާލް އޮތް ގޮތުން އެކަން ކާމިޔާބެއް ނުވިއެވެ.

“ލަވް ޔޫ އަނޫ… އައި ލަވް ޔޫ…” ލޯ މަރާލައިގެން އޮވެ މިޝާލްއަށް އަނެއްކާވެސް ބުނެވުނެވެ.

އަޑު އިވުނީ ރަނގަޅަށް ކަން އަނޫޝާއަށް ޔަގީންވީ މިޝާލް ދެވަނަ ފަހަރަށް ބުނުމުންނެވެ. އެތައް ޚިޔާލެއް ސިކުނޑިއަށް ގިނަވިއެވެ. ހިތުގައި ބައިވަރު ސުވާލުތައް އެނބުރިގަތެވެ.

މިޝާލްއަށް އަންނަމުން ދިޔަ ބަދަލުގެ އަސްލަކީ މިއީތާއެވެ. ހަގީގަތުގައިވެސް މިޝާލްއަށް އަނޫޝާ ދެކެ ލޯބި ވެވުނީއެވެ. މިރޭވެސް ދުލުން ބުނުމުގެ ކުރިން އަމަލުން އަންގައިދޭން މިޝާލް މަސައްކަތް ކުރީ މިކަމެވެ.

މިޝާލް އަނޫޝާ ދެކެ ލޯބިވާކަން އެނގުނު ނަމަވެސް އަނޫޝާއަކަށް އުފަލެއް ނުވެވުނެވެ. ހިތަށް ވެރިވީ ނުތަނަވަސް ކަމެކެވެ. އަނޫޝާއަށްވެސް މިޝާލް ދެކެ ލޯބި ވެވޭނެ ނަމައޭ އަނޫޝާގެ ހިތަށް އެރިއެވެ.

އިޚްތިޔާރަކާ ނުލާ އަނޫޝާއަށް ރޮވެން ފެށުނެވެ. ވައަތުން ލޯފޮހެލަމުން ދެފަހަރަކު ނޭފަތް ދަމާލިއެވެ. ތެދުވަން ބޭނުންވި ނަމަވެސް މިޝާލް އޮތް ގޮތުން އަނޫޝާއަށް ތެދު ނުވެވޭނެތީ އޮތް ގޮތަށް އޮތީއެވެ.

ހިތުގައިވާ ހިޔާލު ދުލުން ބުނެވުނުކަން މިޝާލްއަށް އިހުސާސް ކުރެވުނީ އިރުކޮޅެއް ފަހުންނެވެ. އެހެން ނަމަވެސް އެއްޗެއް ނުބުނެ އޮތްގޮތަށް އޮތީ އަނޫޝާގެ ފަރާތުން ކޮންމެވެސް ޖަވާބެއް ލިބިދާނެ ކަމަށް ހީކޮށެވެ. އަނޫޝާ ހިތަށް އަރާނީ، އޭނަ ބުނާނީ ކީކޭ ބާއޭ ހިތާހިތާ ސުވާލު ކުރަން އޮތް މިޝާލްއަށް ހައިރާން ކަމެއް ލިބުނީ އަނޫޝާ ރޯކަން އިހުސާސް ކުރެވުމުންނެވެ.

“އަނޫ… ކިހިނެއްވީ؟” ބޯހިއްލާ ބަލާލި އިރު އަނޫޝާ ރޯން އޮއްވާ ފެނުމުން މިޝާލްއަށް އަހާލެވުނެވެ.

ޖަވާބެއް ނުދީ އަނޫޝާ މިޝާލްއާ ދުރަށް މޫނު އަނބުރާލިއެވެ.

“އަނޫ… ކިހިނެއްވީ؟ ތަދު ވީތަ؟” ހާސްވެ ކަންބޮޑު ވެފައި މިޝާލް އަހާލި އަނޫޝާ ރޯންވީ ކީއްވެ ކަން ނުވިސްނޭތީއެވެ.

އަނޫޝާ ދެފަރާތަށް ބޯ ހަލުވާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

އަނޫޝާއަށް އަނިޔާއެއް ނުވާކަން އެނގުމުން މިޝާލްއަށް ހިތްހަމަ ޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.

“ދެން ކީއްވެ ތި ރޮނީ؟ ބުނެބަލަ!” އަނޫޝާގެ މޫނު މިޝާލްއާ ދިމާއަށް އަނބުރާލާފައި އެލޮލުން އަންނަމުން ދިޔަ ކަރުނަ ފޮހެ ދެމުން މިޝާލް ބުންޏެވެ.

އެސުވާލު ކޮށްލި އިރު މިޝާލްގެ އަޑުގައިވި އޯގާތެރި ކަމާ، އެލޮލުން އަނޫޝާ ދެކެ ވާލޯބި ފާޅުވާން ހުރުމުން އަނޫޝާއަށް ހައްތަހާ ބޮޑަށް ރޮވުނެވެ. މިޝާލްއަށް އައި ބަދަލާ، އޭނަ އަނޫޝާ ދެކެ ވާ ލޯތްބަށް ޓަކާ ހިތާހިތާ ޝުކުރުވެރި ވަމުން އަނޫޝާ މިޝާލްގެ އަތް ތިލައިގައި ހިފާ ގެނެސް މޭގައި ޖައްސާލިއެވެ.

“އަނޫ، ޕްލީޒް… ނުރޮއެބަލަ… ހުއްޓާލާފަ ވީގޮތެއް ބުނެބަލަ” މިޝާލް އަނެއްކާވެސް އެދުނެވެ.

ނަމަވެސް އަނޫޝާ މިޝާލްއަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ މިޝާލް އަނޫޝާ ދެކެ ލޯބިވީ ނަމަވެސް އޭގެ ބަދަލު އަނޫޝާއަށް ނުދެވޭނެޔޭ ބުނާނީ ކިހިނެއް ހެއްޔެވެ؟ އަދިވެސް އަނޫޝާގެ ހިތުގައި ރަސްކަން ކުރަމުން ދަނީ ޒިހާންއޭ ބުނާނީ ކިހިނެއް ހެއްޔެވެ؟ އަނޫޝާގެ ހިތުން ޒިހާންގެ ލޯބި ދުވަހަކުވެސް ފޮހެވިގެން ހިނގައިދާނެ ހެން ހީނުވާ ވާހަކަ މިޝާލް ގާތު ބުނާނީ ކިހިނެއް ހެއްޔެވެ؟

“އަނޫ…” މިޝާލް އަނެއްކާވެސް ދެއަތުން އަނޫޝާގެ މޫނު ފޮހެދިނެވެ. އަދި އަނޫޝާ ކައިރީގައި އޮށޯވެ މިޝާލްގެ އަތުތެރެއަށް އަނޫޝާ ގެނެސް ބައްދާލަމުން އަނޫޝާގެ އިސްތަށިގަނޑުގައި ތުންފަތް ޖައްސާލިއެވެ.

އެއި އެކަކު އަނެކަކުގެ އަތުތެރޭ ތިބެ އެދެމީހުންނަށް ނިދުނު ފުރަތަމަ ރެއެވެ.

މިޝާލްގެ އަތުތެރޭ އޮވެ އަނޫޝާ ވިސްނިއެވެ. އަމިއްލަ ދިރިއުޅުމާ މެދުއެވެ. މިޝާލްއާ މެދުއެވެ. ޒިހާންއާ މެދުއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ޤުރުބާން ވުމީ މިހިތުގެ އުފާ 9 ވަނަ ބައި

Next

ފުންއަސަރު 27

Next
April 17, 2016

ފުންއަސަރު 27

Previews
April 17, 2016

ޤުރުބާން ވުމީ މިހިތުގެ އުފާ 9 ވަނަ ބައި

19 Comments!

  1. ken? says:
    April 17, 2016 at 1:59 pm

    mishal n anoo…???

  2. me says:
    April 17, 2016 at 2:06 pm

    ?♥???♡♡♡♥♥♥

  3. chiyaa says:
    April 17, 2016 at 2:11 pm

    alhe haadha reethi vaahak ekey.. dhen up vaany kn dhuvahakun tha. just cant wait to read the next part

    1. MAASHY says:
      April 18, 2016 at 4:14 pm

      CHIYAA MARSHA GE HURI HAA STORY EH VES HAMA EYHAA REE THI VAANE EY

  4. Angel says:
    April 17, 2016 at 2:13 pm

    Your story is really awsome!! 🙂
    This is my first time commenting on your story but i read it always. cant wait for the next part.

    Keep up the good work!!! 🙂

  5. aish says:
    April 17, 2016 at 2:17 pm

    yaaa anooooo nd mishaal
    vv nice.

  6. Rinxy says:
    April 17, 2016 at 2:20 pm

    V nice story eh

  7. Hooo says:
    April 17, 2016 at 2:38 pm

    So happy.

  8. ބޮލައ says:
    April 17, 2016 at 2:42 pm

    Marshapls dhn knmehen xihaan aky anu ge love ey kiyaafa emyhun unite nukoh anu and mishal. Dhn kaiveni khfa baby libifa loabi vevifa hero and heroine gulhuwaashey kiyaafa kaiveni rulhaalafa ehn nahadhahcheyyyyyy.. nahyyyyyyyyy??????????

    1. meesha says:
      April 17, 2016 at 3:14 pm

      yup… nuhadaathi…. hediyaa stry vaivaane

  9. naxoo says:
    April 17, 2016 at 2:51 pm

    Nice …next part avaha up koahlahchey

  10. idiot says:
    April 17, 2016 at 3:08 pm

    wow habeys .. anu n mishaal gulheny .. emyhun waki nukurahchey marrsha .. puleez

  11. meesha says:
    April 17, 2016 at 3:13 pm

    varah reethi….. miadu ithuru baeh up kodhi faananntha?????

  12. choppi says:
    April 17, 2016 at 7:49 pm

    V salhi story bt anu r mishaal r ??

    1. me says:
      April 17, 2016 at 9:47 pm

      hux n wife

  13. kamana says:
    April 18, 2016 at 8:46 am

    mihaa reethi story eh adhi nukiyan. v reethi

  14. eeeek says:
    April 18, 2016 at 1:52 pm

    okay. now i think mishaal and anu shud be togetherr. they are soo cute… and xiharn GO TO HELL MAN!!!

    1. MAASHY says:
      April 18, 2016 at 4:15 pm

      I AGREE ! ZIHAAN AH SHAM

  15. Sun says:
    April 18, 2016 at 4:22 pm

    Kobaatha aneh bai??

Comments are closed.

Next Episodeމިހިތުގެ ލޯތްބޭ ތީ 22←


All Right Reserved!