ތިޔަ ނަން މި ހިތުގާ 23
އަޒްޔަން ވާހަކަ ދައްކަމުން ހިތުގައި ވި ޝަކުވާއިން ކުޑަ މިންވަރެއް ބޭރު ކުރަމުން ދިޔަ އިރު އެ ހުރިހާ ދުވަހުގެ ހިތާމައާ ރުޅި ފާޅު ކުރެވުނީ އަމިއްލަ އިޚްތިޔާރެއް ނެތިއެވެ.
އަޒްޔަންގެ ބޭވަފާތެރިކަމުން ނޫރީންގެ ހިތަށް އަނިޔާދެވުނު ކަން އަޒްޔަން ގަބޫލު ކުރެއެވެ. އެހެން ނަމަވެސް ނޫރީންއާ ވަކިވުމަށް ފަހު އަޒްޔަންގެ ހިތަށްވެސް އަނިޔާ ނުލިބޭ ކަމަކަށް ނުވާނެއެވެ. ނޫރީންއަށް ފަހު ދިރިހުރުމުގެ މަގްޞަދު ގެއްލުނު އިރު، އެއަށް ފަހު ދާނިޔާލްގެ ވަކިވުމުން ހިތަށް ލިބުނު ޒަޚަމްގެ ސަބަބުން ހިތުގެ ވޭން އެންމެ ގަދަވީ ވަގުތު އަޒްޔަންއަށް ޖެހުނީ އާއިލާއާވެސް ވަކިވާށެވެ. އެކަނި ވީ ދުވަހު އަމިއްލަ މަންމައާ ބައްޕަގެ ފަރާތުން އަޒްޔަންއަށް ލިބެންވީ ލޯތްބާ އެހީތެރިކަން އެމީހުންގެ ފަރާތުން ލިބުނީ ނޫރީންއަށެވެ. އެހެން ނަމަވެސް ނޫރީންއާ މެދު އަޒްޔަންގެ ހިތުގައި އެއްވެސް ޝަކުވާއެއް ނެތެވެ.
އެ ހުރިހާ ކަމަކަށް ފަހު އެހާ ދުވަސް ފަހުން އަލުން ނޫރީންއާ ދިމާވުމުން، ނޫރީންގެ ޙަޔާތުން ދެން އަޒްޔަންއަށް ކުޑަވެސް ފުރުޞަތެއް ލިބެން އޮތް ނަމަ އެ ފުރުޞަތު ހޯދުމަށް މަސައްކަތް ނުކޮށް އަޒްޔަންއަށް ދުރަކަށް ނުދެވޭނެއެވެ. އެއަށް ވުރެ ބޮޑަށް ނޫރީން ދެކެ އަޒްޔަން ލޯބިވެއެވެ. އެއީ އަޒްޔަން ހިތުގެ އަޑިން އެދޭ އެދުމެއް ނަމަވެސް ނޫރީން އެ ގޮތް ބޭނުން ނުވާނަމަ، އެ ޙަޔާތުން އަޒްޔަންއަށް އިތުރު ފުރުޞަތެއް ދޭން ބޭނުން ނުވާނަމަ ނޫރީންއާ ދުރަށް ދިޔުން ނޫން ގޮތެއް އަޒްޔަންއަކަށް ނޯންނާނެއެވެ.
“ބުނޭ އަހަރެން ދެކެ ލޯތްބެއް ނުވެޔޭ.. އަހަންނަށް ދެން ޗާންސެއް ނެތޭ ބުނޭ.. އޭރުން ދެން އަހަރެންގެ އުނދަގުލެއް ނޫރީންއަކަށް ނުވާނެ.. ނޫރީން ބޭނުން ވަނީ ދާނިޝް ނަމަ އަހަރެން ތި ދެމެދަކަށް ނުވަންނާނަން.. ނޫރީން ބުނޭ..” ނޫރީންއާ ދުރަށް ޖެހިލާ، ފުންކޮށް ދެތިން ނެވާލުމަށް ފަހު ހަމަޖެހިލަމުން އަޒްޔަން ބުންޏެވެ.
“ހީ އާސްކްޑް މީ ޓު މެރީ ހިމް.. ދާނިޝް ބޭނުން ވަނީ އަވަހަށް މެރީ ކުރަން..” ނޫރީން ލަސްލަހުން ބުންޏެވެ.
އެ އަޑު އަހާފައި އަޒްޔަން އިސްޖަހާލަމުން އެނބުރި ދެ އަތުން ރެއިލިންގގައި ހިފަހައްޓާލިއެވެ.
“ޕްލީޒް އަޒްޔަން.. ޑޯންޓް މޭކް ތިންގްސް މޯރ ކޮމްޕްލިކޭޓެޑް ދޭން އިޓް އޯލްރެޑީ އިޒް..” ނޫރީން ދެންވެސް އެހާ މަޑުމަޑުން އެދުނެވެ.
“ބުނޭ އަހަރެން ދެކެ ލޯތްބެއް ނުވެޔޭ.. އޭގެ ފަހުން ގޮސް ދާނިޝް ކައިރީ ބުނޭ ނޫރީން އޭނައާ ކައިވެނި ކުރަން ރެޑީއޭ” އަޒްޔަން ބުންޏެވެ.
“އަހަރެން ކައިވެނި ކުރަން ތައްޔާރު ނޫން ނަމަ ދާނިޝްއާ މިހާ ދުވަސް ވަންދެން ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެއްނު..؟ ދެން ދާނިޝްއާ ދިމާ ވާ އިރަށް ކައިވެނި ކުރަން ރެޑީއޭ ބުނާނަން” އެހެން ބުނުމާއެކު އަޒްޔަން ބުނާ އެއްޗެއް އަޑުއަހަން މަޑުނުކޮށް ނޫރީން އެތެރެއަށް ވަނެވެ.
އަޒްޔަން ދެކެ ލޯތްބެއް ނުވެޔޭ ނުބުނި ނަމަވެސް ނޫރީންގެ ބަސްތަކުން އަޒްޔަންގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ނުލިބުނެވެ. ދެ މީހުން ވަކިވި ދުވަހު ނޫރީން އަބަދަށް ގެއްލުނުކަމުގެ އިހުސާސް ކުރެވުނު ވަގުތު ހިތުގައި އަޅަމުން ދިޔަ ވޭނުގެ އަސަރު އެ ވަގުތުވެސް އަޒްޔަންއަށް އިހުސާސް ކުރެވުނެވެ. ލޯ މަރާލުމާއެކު މުށްކަވާލި އަތުން އަޒްޔަން ދެ ފަހަރަކު މޭގައި ޖަހާލިއެވެ. ނަމަވެސް ހިތާ ސިކުނޑިއަށް ކުޑަވެސް ހަމަޖެހުމެއް ނުލިބުމުން ދެން އެ ހަމަލާ އަމާޒުވީ ރެއިލިންގއަށެވެ. އިނގިލިތަކުގެ ހުޅުތައް މަތިން މަށައިގެން ގޮސް ލޭ އަންނަން ފެށުމުން އަޒްޔަން އަތަށް ބަލާލިއެވެ. އެ އަތަށް ވަމުން ދިޔަ ތަދުން ހިތަށް ކޮންމެވެސް ލުޔެއް ލިބޭނެ ކަމުގައި ހީވި ނަމަވެސް އެހެންނެއްވެސް ނުވިއެވެ.
އަނެއް ދުވަހު ހެނދުނު އަޒްޔަން މާލެއަށް ގޮސްފައި ދެން މެލޭޝިއާއަށް ދިޔައީ މަހެއްހާ ދުވަސް ފަހުންނެވެ. އެ ކޮޅަށް އެނބުރި ދާކަށް އަޒްޔަން ބޭނުމެއް ނޫނެވެ. އެހެން ނަމަވެސް ޔާސިރުއާ ޝަފަގުއަށް ދޭނެ ޖަވާބެއް ނޭނގޭތީ އެ މީހުން އެދުމުން ނުދިޔުމަށް ދައްކާނެ ބަހަނާއެއް ނުވިސްނުމުން ދާން ޖެހުނީއެވެ. އަޒްޔަން ނެތް އިރު ޔާސިރު ޑޮކްޓަރަށް ދައްކަން ދާން އޮތް ދުވަހަށް ޒާއިން އެކޮޅަށް ދިޔައީ އަޒްޔަން އެދިގެންނެވެ. ނަމަވެސް ތިން ދުވަހު މަޑުކޮށްފައި ޒާއިން ޖެހުނީ އެނބުރި ދާށެވެ. އެހެން ކަމުން އަޒްޔަންއަށް ނުގޮސް ހުރެވޭކަށްވެސް ނެތެވެ.
ދާނިޝްއާ ދިމާވުމުން ކައިވެނި ކުރަން ތައްޔާރު ކަމަށް ބުނާނަމޭ ބުނި ނަމަވެސް ނޫރީންއަށް އެކަމެއް ނުކުރެވުނެވެ. އަޒްޔަންއާ ވާހަކަ ދެކެވުނު ފަހުން އަމިއްލަ ނިންމުމާ މެދު ނޫރީންގެ ހިތުގައި ސުވާލު އުފެދެން ފެށިއެވެ. އަދިވެސް އަޒްޔަންގެ ނަން ހިތުގައި ވާ އިރު ދާނިޝްއާ އެކު ދިރިއުޅުމެއް ފެށުމަކީ އެންމެ ރަނގަޅު ގޮތް ބާއޭ ހިތަށް އަރައެވެ. ހިތުގައި އުފެދެމުން ދިޔަ އޮޅުންބޮޅުންތަކުގެ ސަބަބުން ދާނިޝްއާއެކު ވަގުތު ހޭދަ ކުރުމަށް ނޫރީންއަށް އުނދަގޫ ވިއެވެ. އެކަމާ މީހަކާ މަޝްވަރާ ކޮށްލަން ބޭނުންވި ނަމަވެސް ޝަބާ ނޫން މީހަކާ އެ ވާހަކަ ދައްކާކަށް ނޫރީންގެ ހިތެއް ނުރުހެއެވެ. ފެށުނީއްސުރެ ހުރިހާ ކަމެއް އެނގޭ، އަދި ނޫރީންއަށް އެންމެ އިތުބާރު ކުރެވޭ މީހަކީ ހަމައެކަނި ޝަބާއެވެ.
“ރީންގެ ހިތް ބުނަނީ ކީކޭ؟” ޝަބާއާ ގުޅައިގެން ހުރިހާ ވާހަކައެއް ކިޔާދިނުމުން ޝަބާ އެހިއެވެ.
“ހިތް ބުނާހާ ގޮތަކަށް ކަންތަކެއް ނުކުރެވޭނެ. އެހެން ވީމައެއްނު ޝަބާ ކައިރީ މި އަހަނީ” ޝަބާގެ ސުވާލުން ނުރުހިފައި ނޫރީން ބުންޏެވެ.
“އަޒްޔަން އަދިވެސް ރީން ދެކެ ލޯބިވޭ.. އޭނަ އެ އެދެނީ ޗާންސަކަށް.. ރީންއަށް ދެން އަޒްޔަންއަށް ޗާންސެއް ނުދެވޭނެތަ؟ އޭނަ ބަދަލުވެއްޖެ ހެން ހީ ނުވޭތަ؟” ސީދާ ޖަވާބެއް ދިނުމުގެ ބަދަލުގައި ޝަބާ ބޭނުންވީ ނޫރީންގެ ހިތް ބުނާ އެއްޗެއް ބެލުމަށެވެ.
“ތިއަށް ޖަވާބެއް ދޭން އަހަންނަކަށް ނޭނގިގެނެއްނު ޝަބާއަށް މި ގުޅީ؟ ޗާންސަކަށް އެދެންވީ މިހާ ދުވަސް ފަހުންތަ؟ އަހަރެންގެ ލައިފްއަށް އެހެން މީހަކު އައީމަތަ؟ އެ ޗާންސް ބޭނުން ވަންޏާ މި ދިޔަ ދޮޅު އަހަރުތެރޭ ނުބުނެވުނީ ކީއްވެ؟” ނޫރީންގެ ހިތުގައި ވީ ސުވާލުތައް އަމާޒުވީ ޝަބާއަށެވެ.
“ރީން އޭރުވެސް އަޒްޔަންގެ ވާހަކަ އަޑު ނޭހީ.. އޭނަ ބުނީވެސް ދޮގެއް ނޫނެއްނު؟ ރީންއާ މެރީ ކުރުމުގެ ކުރިން، ރަންކީ ފަހުންވެސް އަޒްޔަންއާ ކިއާރާގެ ގުޅުން އޮތްކަން އެނގުނީމަ ރީން މާފު ކުރީމެއްނު؟ ދެން އޭގެ ފަހުން ކިއާރާ ޕްރެގް ކަން އެނގުނީމަ އަޒްޔަންވެސް ކީއް ކުރާނީ؟ ރީންވެސް ގަބޫލު ކުރަމެއްނު މެރީކުރި ފަހުން އެ ދެމީހުންގެ ގުޅުމެއް ނެތް ކަން؟ ސޯ..؟ އައި ތިންކް ހީ ޑިޒަރވްސް އަ ސެކަންޑް ޗާންސް. އެކަމަކު އެ ހުރިހާ ކަމަކާ ދުރަށް ގޮހެއްނު ތިހުރީ؟” ޝަބާ ބުންޏެވެ.
“ޝަބާ އަބަދުވެސް ހުރީ އަޒްޔަންއާ އެއްކޮޅަށް. އެކަމަކު ތީ މަގޭ ބެސްޓް ފްރެންޑް!” ނޫރީންއަށް ޝަކުވާ ކުރެވުނެވެ.
“ނޫން، އަޒްޔަންއާ އެއްކޮޅަށް ހުންނާތީއެއް ނޫން މިހެން މި ބުނީ. އަޒްޔަން ގޯސްކޮށް ކަންތައް ކުރި ކަމަށް އޭރު އަހަންނަށްވެސް ގަބޫލު ކުރެވުނު. އެކަމަކު މިހާރު ހިތަށް އަރާ ކަންތައް ވީ ގޮތުން އަޒްޔަންއަށްވެސް ކުރެވޭނެ ކަމެއް ނެތޭ. ހިޒް ރިލޭޝަންޝިޕް ވިތް ހަރ ވޯޒް ނޮޓް އޯކޭ.. އެކަމަކު އެއީ އެހެން މީހަކާ ބެހޭ ކަމެއް ނޫން ދޯ؟” ނޫރީންއަށް ވިސްނައިދޭން ޝަބާ މަސައްކަތް ކުރިއެވެ.
“އެހެން ވިއްޔާ ޝަބާ ތި ބުނަނީ ގޯހީ އަހަރެންނޭތަ؟ އަހަރެން އޯވަރރިއެކްޓް ކުރީއޭތަ ތި ބުނީ؟” ނޫރީން އެ ސުވާލު އަމާޒު ކުރީ ޝަބާއަށް ވުރެ ބޮޑަށް އަމިއްލަ ނަފްސާއެވެ.
“އެހެންނެއް ނޫނޭ.. އެކަމަކު މޭބީ ރީން އަސްލު އެހާ އަވަހަށް ވަރި ނުވެ ވިސްނާލަން ދުވަސްކޮޅަކު މަޑުކޮށްލި ނަމަ.. އެހާ ބޮޑެތި ކަންތައްތަކާ އެހާ އަވަހަށް ގޮތް ނިންމާކަށް ނުވާނެ..” ޝަބާއަށް އެ ވަރަށް ބުނެވުނު އިރަށް ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު އިވުނެވެ.
“ރީން.. އަޅެ ސޯ ސޮރީ.. ޝާޔާ ހޭލީ.. އަހަރެން ފަހުން ގުޅަންތަ؟” ހިނގަމުން ދިޔަ ކޮންމެ ސިކުންތަކާއެކު ޝާޔާގެ ރުއިމުގެ އަޑު ބާރުވަމުން ދިޔައެވެ.
“އޯކޭ އޯކޭ.. ދޭ އަވަހަށް” ނޫރީންއަށް ފުރިހަމަ ނުކުރެވެނީސް ޝަބާ ފޯން ކަނޑާލިއެވެ.
ޝާޔާގެ ރުއިމުގެ އަޑު އޭރުވެސް ނޫރީންގެ ކަންފަތުގައި ހަރުލާފައި ހުއްޓެވެ. ނޫރީންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ އިރު ދަރިއަކަށް އެދި ނޫރީންގެ ހިތުގެ އެންމެ ފުނުން ގޮވާލި ކަހަލައެވެ. އެއާއެކު ދާނިޔާލް މަތިން ހަނދާންވެ އަޒްޔަންއަށް ޓަކާ ނޫރީންގެ ހިތް ރޯލިއެވެ.
ހަފްތާއެއްހާ ދުވަސް ތެރޭ އަންނާނެ ކަމުގައި ޔާސިރު ގާތު ބުނި ނަމަވެސް ހުރިހާ މަސައްކަތެއް ހަމައަކަށް އަޅުވާފައި އަޒްޔަންއަށް ދެވުނީ މަހެއް ވީ ފަހުންނެވެ. މާލޭގައި ހުރި އިރު ގުޅައިގެން ހުރިހާ ކަމެއް އޮޅުންފިލުވި ނަމަވެސް ޔާސިރުމެން ގާތަށް ދެވުމާއެކު އަޒްޔަން އެންމެ އިސްކަމެއް ދިނީ ޔާސިރު ގޮވައިގެން ޑޮކްޓަރަށް ދައްކަން ގޮސްފައި އަޒްޔަން ނެތް އިރުގެ ހުރިހާ ކަމެއް ތަފްޞީލުކޮށް ސާފު ކުރުމަށެވެ. ޑޮކްޓަރއާ ސުވާލު ކޮށްގެން، އަޒްޔަން ނެތް ނަމަވެސް ހުރިހާ ކަމެއްވެސް އެންމެ ފުރިހަމައަށް ކުރިއަށް ދިޔަކަން ޔަގީން ކުރިއެވެ. އޭގެ ފަހުން ގިނަ ދުވަހެއް ނުވެ ޔާސިރުއަށް މާލެ ދިޔުމަށް ޑޮކްޓަރުން ހުއްދަ ދިނެވެ. ޔާސިރުގެ ބަލި މުޅިން ރަނގަޅުވެ ކުރިއެކޭ އެއް ގޮތަށް އުޅެވެން ފެށި ނަމަވެސް ބަލައިގެން އުޅުމަށް ޑޮކްޓަރުން ނަސޭޙަތް ދިނެވެ.
ޝަފަގުމެން މާލެއަށް ދިޔުމަށް ތައްޔާރު ވާން ފެށުމުން އެންމެ ދެރަވީ ނޫރީންއެވެ. އެ ދުވަހު ޑޮކްޓަރަށް ދައްކާފައި އައިސް އެ ވާހަކަ ބުނުމުން ނޫރީންއަށް ވީ ގޮތް ޝަފަގުއަށް ފާހަގަ ކުރެވުނެވެ. އެ ވަގުތު އެއްޗެއް ނުބުނި ނަމަވެސް އެރޭ ކައި ނިމިގެން ތަށިތައް ނަގަން އުޅުނު އިރު ދެ މީހުންގެ މެދުގައި އެ ވާހަކަ ދެކެވުނެވެ.
“މަންމަމެން ދިޔައިމަ ވަރަށް ފޫހިވާނެ” ނޫރީން ބުންޏެވެ.
“ނޫރީންވެސް މަންމަމެންނާ އެކީ ދާންވީނު؟ މިހާރު މިތާ އެކަނި ކިހާ ދުވަހަކު އުޅެވިއްޖެ؟ ދެން މާލެއަށް ބަދަލު ވާންވީނު؟” ޝަފަގު ބުންޏެވެ.
“އަދި ދާނަމޭ. މި ޖޮބްގެ ކޮންޓްރެކްޓް ހަމަވާން އަދި އެބަ އޮތް ދުވަސްކޮޅެއް. އެ ހަމަވީމަ ދެން ނުހުންނާނަން” ނޫރީން ބުންޏެވެ.
“ނޫރީންގެ އަމިއްލަ ކަންތަކާ ބެހޭކަށް ނޫން.. އެކަމަކު ދަރިފުޅު އެކަނި މިތާ ހުންނަން މަންމަ އެހާ ހިތްހަމައެއް ނުޖެހޭ. އޭރު ކަންތައް ވީ ގޮތުން ނޫރީން ބޭނުން ގޮތަކަށް ނިންމަން ދޫކޮށްލިޔަސް އަސްލު މަންމަ ބޭނުމީ ނޫރީން މާލޭގަ ހުންނަން. މަންމަމެން ކައިރީގަ ގޭގަ ނޫނަކަސް އެއް ފަސްގަޑެއްގަ ހުރިއްޔާވެސް ހިތްހަމަޖެހޭނެ. ނޫރީންއާ އެކީ ކިޔަވަން ހުރި ކުއްޖާ ދިޔަފަހުން މިތާ ތި ހުންނަނީވެސް އަދި އެކަނި” ޝަފަގުގެ ހިތުގައިވާ ކަންބޮޑުވުން ހާމަކުރިއެވެ.
“އަދި ދާނަމޭ މަންމާ. އެހާ ގިނަ ދުވަހެއް ދެން ނެތޭ. އެހެން ނޫނަސް އަޝްދާމެންވެސް އެ އުޅެނީނު؟ މި ގޭގަ ނޫނަކަސް ހަމަ ކުރިމަތީގަ އެ އުޅެނީ. އެ މީހުން ވަރަށް ރަނގަޅޭ. އެކަންޏެއް ނޫނެއްނު އެހެން ވީމަ؟ މަންމަ މާ ބޮޑަށޭ ތި ވިސްނަނީ” ޝަފަގުގެ ހިތްހަމަޖައްސައިދިނުމަށް ނޫރީން ބުންޏެވެ.
“އާނ.. މިހާ ދުވަހު މިތާ އުޅުނު އިރުވެސް އެގޭ ދޮށީ ދެކުދިންނާ އަދި ރަނގަޅަށް ދިމާނުވޭ. ޝަދާ އައިސް އުޅޭ ހެން އެ ކުދިންނެއް ނާދޭ ވިއްޔަ. ޝަދާ ކައިރީ މަންމަ ބުނަމޭ ދޮންތައާ ދޮންބެވެސް ގޮވައިގެން އަންނާށޭ، އެކަމަކު އެ ދެބޭން އެއީ ޝަދާއާ ތަފާތު ދެ ކުދިން ހެން މަންމައަށް ހީވަނީ. މަންމަމެން ފުރުމުގެ ކުރިން އެގޭ ހުރިހާ ކުދިން ކާން ގެންނަން ވާނެ އިނގޭ” އަޝްދާއާ މަދުމަދުން ދިމާވި ނަމަވެސް އެ މީހުންނާ މާ ބޮޑަށް އެކުވެރިވެވިފައި ނެތުމުން، މާލެއަށް ދިޔުމުގެ ކުރިން އެ އާއިލާއާ ބައްދަލު ކޮށްލުމަށް ޝަފަގު އެދުނެވެ.
އަޝްދާއާ ދާނިޝްއާ ގިނަގިނައިން ދިމާވެފައި ނެތް ނަމަވެސް ޗުއްޓީއަށް އައިސް ހުރި ޝަދާ ފަހަކަށް އައިސް ގިނަގިނައިން ނޫރީންމެން ގެއަށް ދެއެވެ. އެހެން ކަމުން ޝަފަގުމެންނާ ޝަދާއާ ވަނީ އެކުވެރި ވެފައެވެ. ޝަދާއަކީ މީހުންނާ ނުހަނު ފަސޭހައިން އެކުވެރިވާ، ވާހަކަ ގިނަ އަންހެން ކުއްޖެކެވެ. ޝަދާ އައި ފަހުން އަޝްދާއަށް ވުރެ ބޮޑަށް ނޫރީން ވަނީ ޝަދާއާ ގާތްވެފައެވެ.
“އާނ، ބުނާނަން” އެއީ ދާނިޝްވެސް އެދޭ ގޮތް ކަން އެނގި ނޫރީން އެއްބަސްވިއެވެ. ނަމަވެސް ޝަފަގުމެންނަށް ދާނިޝް ތަޢާރަފް ކޮށްދޭނެ ގޮތަކާމެދު ނޫރީން ކަންބޮޑުވިއެވެ. އެ ދެމެދުގައިވާ ގުޅުން ޝަފަގުއަށް އަންގަން ނޫރީންގެ ހިތެއް ނުރުހުނެވެ.
އެ ފަހަރު އަޒްޔަން އައި ފަހުން ނޫރީންމެން ގެއިން ޝަދާއާ ދިމާވާތީ އަޒްޔަންވެސް ޝަދާއާ ވާހަކަ ދައްކައެވެ. އަޒްޔަން ޝަދާއާ ވާހަކަ ދައްކަނީ ދާނިޝްއާ ނޫރީންއާ ބެހޭ ގޮތުން ނޫރީންއަށް ނޭނގޭނެހެން އެކިކަންކަން ހޯދާށެވެ. ނަމަވެސް އެކަމެއް ޝަދާއަކަށް ނޭނގެއެވެ. ޝަދާއަށް އަޒްޔަން ކަމުދާން ފެށުމުން ކޮންމެ ގޮތަކުން ވިޔަސް އަޒްޔަންއާ ވާހަކަ ދެއްކޭތީ ޝަދާ ހުރީ އުފަލުންނެވެ.
ޖެހިގެން އައި ހުކުރު ދުވަހުގެ ރޭގަނޑުގެ ކެއުމަށް ދާނިޝްގެ އާއިލާއަށް ދަޢުވަތު ދިނީ ނޫރީންއެވެ. އެރެއަށް ޝަފަގު ތައްޔާރު ކުރީ ދިވެހި ކެއުމެކެވެ. ރިހާކުރުދިޔައާއި ވަޅޯމަހާއި ލޮނުމިރުހާ ބަތެވެ. އޭގެ އިތުރުން ތަރުކާރީބަތާއި ޗިލީޗިކަންވެސް ހުއްޓެވެ. ދުވަސްތަކެއް ފަހުން ދިވެހި ކެއުމަކަށް ދަޢުވަތު ލިބުމުން އެންމެ އުފާވީ ދާނިޝްއާ ޖައިލަމްއެވެ. ދިވެހި ކެއުމަކީ ޝަދާއަށް ކަމުދާ ކެއުމަކަށް ނުވާތީ ޝަދާ ކެއީ ތަރުކާރީބަތާ ޗިލީޗިކަންއެވެ. އަޒްޔަންއަށްވެސް ދިވެހި ކެއުން އެހާ ކަމުނުދާކަން އެނގުމުން ޝަދާ ވަކިން އުފާވިއެވެ.
އެންމެން އެކުގައި ކެއުމަށް ފަހު ސިޓިންގްރޫމްގައި މަޑުކޮށްލައިގެން ތިބި ވަގުތު ޔާސިރުއާ ޝަފަގު ދާނިޝްމެންނާ އެކިއެކި ސުވާލު ކުރިއެވެ. ދިހައެއް ޖެހިފަހުން އަޝްދާ ގެއަށް ދާ ވާހަކަ ބުނުމުން ދާނިޝް ނޫރީންއަށް މެސެޖް ކޮށްލިއެވެ.
“ރީންތަ ބުނާނީ؟ ނޫނީ އަހަރެން ބުނަން ވީތަ؟” ދާނިޝް ފޮނުވި މެސެޖް ކިޔާފައި ނޫރީން ދާނިޝްއަށް ބަލާލަމުން ދެފަރާތަށް ބޯ ހަލުވާލިއެވެ.
“ހާދަ ފިނޑި ކުއްޖެކޭ” ހިނިއައިސްފައި އިނދެ ދާނިޝް އަނެއްކާވެސް މެސެޖް ކޮށްލިއެވެ. އަދި ނޫރީންއަށް ބަލާލަމުން ފޯނަށް އިޝާރާތް ކޮށްލިއެވެ.
“ހަމަ ހުރެފަ ކިހިނެއްތަ ބުނާނީ؟ މަޑުކޮށްބަލަ.. ކެތް ކޮށްބަލަ..” ނޫރީން ޖަވާބު ފޮނުވިއެވެ.
އޭގެ ފަހުންވެސް އިރުއިރުކޮޅާ ދާނިޝް މެސެޖް ކުރެއެވެ. ނަމަވެސް ނޫރީން ދެން މެސެޖެއް ނުބަލައެވެ. ދާނިޝް ހިނިއައިސްފައި ނޫރީންއާ ދިމާއަށް ބަލަން އިނެވެ.
އެދެމެދުގައި ކުރެވެމުން ދިޔަ ސަމާސާތަކަށް ސަމާލުވެ އިން އަޒްޔަންއަށް އިރުއިރުކޮޅާ ދެއަތްތިލަ މުށްކަވާލެވެއެވެ. އެތާ އިންނަން ބޭނުން ނުވެ ތެދުވެގެން ދާން ހިތަށް އެރި ނަމަވެސް ދާކަށްވެސް ނުކެރުނެވެ.
“އަމް.. މަންމާ.. ވާހަކައެއް ބުނަން ބޭނުން..” ލަސްލަހުން ނޫރީން ފެށީ ދާނިޝް ދެވަނަ ފަހަރަށްވެސް މެސެޖް ކޮށްލުމުންނެވެ.
އެންމެންގެ ސަމާލުކަން ނޫރީންއަށް ހުއްޓުމުން ނޫރީން ވާހަކަ ދައްކަން ފަސްޖެހުނެވެ.
“ބުނެބަލަ..” ނޫރީން އެއްޗެއް ނުބުނެ އިނުމުން ޝަފަގު ބުންޏެވެ.
“އެއީ.. މަންމާ.. އަހަރެން.. އަހަރެން..” ބުނަން ފަށާފައިވެސް ނޫރީންއަށް އަޒްޔަންއާ ދިމާއަށް ބަލާލެވުމާއެކު ކުރިއަކަށް ނުގެންދެވުނެވެ.
“ކީކޭ؟” ޝަފަގު އަނެއްކާވެސް އަހާލިއެވެ.
“ފަހުން.. ފަހުން ބުނާނަން..” ދާނިޝްއާ ދިމާއަށް ބަލާލުމާއެކު އިސްޖަހާލަމުން ނޫރީން ޖަވާބު ދިނީ ޝަފަގުއަށް އެކަންޏެއް ނޫނެވެ.
އެ ވަގުތު ފޯނަށް ބަލާލަމުން އަޒްޔަން ތެދުވެގެން ގޮސް ޔާސިރުއާ ޝަފަގު ނިދާ ކޮޓަރިއަށް ވަނެވެ.
ދާނިޝްގެ ނަޒަރު ނޫރީންއަށް ހުރިކަން އިހުސާސްވެ ނޫރީން ޖެހިލުންވެފައި އިނެވެ.
“އަޝް، ދަމާ..؟” އިރުކޮޅަކު އިނދެފައި އަޝްދާއަށް ގޮވާލަމުން ދާނިޝް ބުންޏެވެ.
“ރީން، ދަނީ އިނގޭ. ވަރަށް މީރު ދައްތާ، ވަރަށް ބޮޑަށް ޝުކުރިއްޔާ!” އަޝްދާ ތެދުވެފައި ޔާސިރުއާ ޝަފަގުއަށް ބަލާލަމުން އެހެން ބުނެފައި ނިކުތެވެ.
ކޮޓަރިއަށް ވަދެފައި ނޫރީން ފޯނަށް ބަލަން އޮތީ އާދައިގެ މަތިން ދާނިޝްގެ މެސެޖެއްގެ އިންތިޒާރުގައެވެ. ނަމަވެސް ހިތްހަމަނުޖެހިގެން ދިޔަ ދާނިޝްގެ ފަރާތުން ނޫރީންއަށް ލިބުނީ އެންމެ މެސެޖެކެވެ.
ނުނިމޭ
11 Comments!
Comments are closed.








ސަލާމް، މި ބައި ތަންކޮޅެއް ދިގުކޮށް ގެނެސްދީފަ މީނީ އިނގޭ. އަވަހަށް ކިޔާލާފަ ކަމުދާ ނަމަ ކޮމެންޓް ކޮށްލައްޗޭ. ހޯމަ ދުވަހު 24 ގެނެސްދޭނަން.
Mi vaahaka vrh reethi.. Cant wait for next part 😭
thank you N
MA vv reethi mibaevs,noorin axyan ah chanceh dhayn ulhayhen hyvaathy kudakn ufaavs vejje🤭
thank you Eym, aan unmeedhu dhookoh nulaathi, hama vedhaane thihenves dho
Mi part ves vrh reethi MA!
Waiting for the day Nooreen and Azyan anekkaa gulheyne
thank you. me too waiting for that day
Vrh vrh vrh salhi.
Soooo curiously waitingggggg.
Tc gurrlll
thank you Exxo
Varh varh varh salhi
thank you ami