ތިޔަ ނަން މި ހިތުގާ 24
ކޮޓަރިއަށް ވަދެފައި ނޫރީން ފޯނަށް ބަލަން އޮތީ އާދައިގެ މަތިން ދާނިޝްގެ މެސެޖެއްގެ އިންތިޒާރުގައެވެ. ނަމަވެސް ހިތްހަމަނުޖެހިގެން ދިޔަ ދާނިޝްގެ ފަރާތުން ނޫރީންއަށް ލިބުނީ އެންމެ މެސެޖެކެވެ.
“ގުޑްނައިޓް!”
ދާނިޝްގެ މެސެޖަށް ބަލަން އޮވެފައި ނޫރީންވެސް މެސެޖެއް ފޮނުވާލިއެވެ.
“އެންމެން ތެރޭ ބުނަން ނުކެރުނީ..”
ދާނިޝް ބަލައިފި ކަން އެނގުމުން ޖަވާބެއް އަންނާނެ ކަމަށް އޮތް ނަމަވެސް އެރޭ ނޫރީންއަށް ދާނިޝްގެ ޖަވާބެއް ނުލިބުނެވެ. އެއީ އެފަދަ ގޮތަކަށް ހިތްހަމަނުޖެހިގެން ނޫރީންއާ ވާހަކަ ނުދައްކާ ދާނިޝް ހުރި ފުރަތަމަ ފަހަރެވެ. އެކަމުން ހިތްނުތަނަވަސްވެފައި އޮތް ނޫރީންއަށް އެރޭ ނިދުން ފަސޭހައެއް ނުވިއެވެ. ދާނިޝްގެ ޖަވާބެއް ނުލިބުމުން ދެން މެސެޖް ކުރާކަށްވެސް ނޫރީންއަކަށް ނުކެރުނެވެ.
އެކެއް ޖެހި ފަހުން ނޫރީން ކޮޓަރިން ނިކުތީ ނުނިދޭނެ ކަން ޔަގީން ވުމުންނެވެ. ބަދިގެއަށް ވަނީ ކޮންމެވެސް ކަހަލަ ސައިތައްޓެއް ބޯލުމަށެވެ. ބެލްކަނީގައި ދިއްލާފައި ހުރި ބޮކިން ބަދިގެއަށް ވަންނަ ދޮރާ ދިމާ ކޮންމެވެސް ވަރަކަށް އަލިކޮށް ހުރުމުން ބަދިގޭ ބޮކި ދިއްލުމެއް ނެތި ކަބަޑު ކައިރިއަށް ގޮސް ފެންކައްކަން ޖައްސާފައި ކެމޮމައިލް ސައިފަތް ޕެކެޓެއް މަގަކަށް ލައިގެން އެނބުރި ކަބަޑުގައި ލެނގިލި ނޫރީންއަށް ސިހިފައި ހަޅޭލަވައިގަނެވުނެވެ.
“ނޫރީން.. ޝްޝް.. މަށޭ” ނޫރީން ބަދިގެއަށް ވަނީއްސުރެ މޭޒުކައިރީ އިން އަޒްޔަން އިނީ ނޫރީންއާ ދިމާއަށް ބަލާށެވެ. ފޯނުގެ ސްކްރީނުން އަޒްޔަންގެ މޫނަށް އެޅިފައި ހުރި އަލިން އެ މޫނު ފެނުނު ނަމަވެސް ފުރަތަމަ ނޫރީން ސިހުނީ އަނދިރި ކޮށްފައި އޮތް ބަދިގެ ތެރޭގައި އެ ވަގުތު އެހެން މީހަކު ހުރެދާނެ ކަމަށް ކުޑަކޮށްވެސް ހީވެފައި ނުވާތީއެވެ.
“އަޒްޔަން!” މޭގައި އަތް ޖައްސާލަމުން ނޫރީންއަށް ބުނެވުނެވެ. އަދި އަވަސްވެފައިވި ނޭވާ ހަމައަކަށް އެޅުވުމަށް ފުންކޮށް ނޭވާ ލާން ފެށިއެވެ.
“ސޮރީ!” އިރުކޮޅެއް ފަހުން އަޒްޔަން މާފަށް އެދުނެވެ. އެހެން ނަމަވެސް ނޫރީންއަށް ވީ ގޮތުން އަޒްޔަންގެ ތުންފަތަށް ވެރިވި ހިނިތުންވުމެއް ނުފޮރުވުނެވެ.
އޭރު ހަމައަކަށް އެޅިފައި ހުރި ނޫރީންއަށްވެސް އެކަން ފާހަގަވެ ހިނިއައެވެ. އިރުކޮޅެއް ނުވެ ދެ މީހުންނަށް އެއްފަހަރާ ބާރަށް ހޭން ފެށުނެވެ.
“އަސްލުވެސް އައިމް ސޮރީ!” ހުނުން މައިތިރިވެ ދެ މީހުން ހިމޭންވުމުން އަޒްޔަން އަނެއްކާވެސް މާފަށް އެދުނެވެ.
“އިޓްސް އޯކޭ.. ސައި ތައްޓެއް ހަދައިދެންތަ؟” ކަބަޑުމަތީ ހުރި މަގަށް ހޫނު ފެން އަޅަމުން ނޫރީން އަޒްޔަން ކައިރީވެސް އަހާލިއެވެ.
“ނޫން، ކޮފީއެއް ބޯލަނީ މި” ކުރިމަތީ ހުރި ކޮފީމަގުގައި ހިފާ ހިއްލާލަމުން އަޒްޔަން ދެކޮޅު ހެދިއެވެ.
އަޒްޔަން ބަދިގޭގައި އިނުމުން އަޒްޔަންއާ އެކު އެކަނިވާން ބޭނުން ނުވެފައި ނޫރީން ސައިތަށި ހިފައިގެން ކޮޓަރިއަށް ދާން އެނބުރުނެވެ. ނަމަވެސް އަޒްޔަން ގޮވާލުމުން ހުއްޓިފައި ބަލާލިއެވެ.
“ކީއްވެ މަންމަމެން ކައިރީ ނުބުނީ؟” އެރޭ ނޫރީން ދައްކަން އުޅުނީ ކޮން ވާހަކައެއް ކަން އަޒްޔަންއަށް އެނގެއެވެ. އެހެން މީހަކާ ގުޅެން ބޭނުންވެ ނޫރީން އަމިއްލައަށް ޝަފަގުމެން ގާތު އެ ވާހަކަ ބުނާ އަޑު އަހަން ކެތް ނުވާނެތީ އޭރު އެ ތަނުން ތެދުވެގެން ދިޔަ ނަމަވެސް ޝަފަގުމެން ގާތު ނޫރީން އެއްވެސް އެއްޗެއް ނުބުނާ ކަން އަޒްޔަންއަށް އެނގުނީ ފަހުން ޝަފަގު އެ ފަދަ އެއްޗެއް ނުބުނާތީއެވެ.
އަޒްޔަން ކުރި ސުވާލަށް ނޫރީން ޖަވާބެއް ނުދިނެވެ.
“ނޫރީން އެހެން މީހަކާ ކައިވެނި ކުރަން ބޭނުންވާ ކަން އެހެން ބަޔަކަށް ނާންގާހާ ދުވަހަކު އަހަރެން ބަލާނީ އަހަރެންނަށް އަދި ފުރުސަތު އޮތް ކަމަށް” އަޒްޔަން ވާހަކަ ދައްކަމުން ތެދުވެގެން އައިސް ނުރީންގެ ކުރިމަތީ ހުއްޓުނެވެ.
“އަޒްޔަން މޮޔަވީތަ؟” އަޒްޔަން އެ ބުނި އެއްޗެއް ގަބޫލުކުރަން ދަތިވެފައި ހުރެ ނޫރީން ސުވާލުކޮށްލިއެވެ.
“ނޫރީން އަސްލު ދާނިޝްއާ ގުޅެން ބޭނުން ވާ ކަމަކަށް އަހަންނަށް ގަބޫލެއް ނުކުރެވޭ” އަޒްޔަން ބުނެލިއެވެ.
އަޒްޔަންގެ ވާހަކަ ހުރި ގޮތުން ނޫރީން ގާތަށް އައީ ރުޅިއެވެ.
“އެއް ފަހަރު އަހަރެންގެ ދިރިއުޅުން ހަލާކު ކޮށްލައިގެން ހިތްހަމަނުޖެހުނީތަ؟ އަހަރެން ހަމަޖެހިގެން އުޅުނަނުދޭން ތިއުޅެނީ އަހަރެން އަޒްޔަންއަށް ކޮން ކަމެއް ކޮށްގެން؟ އަހަންނެއްވެސް ނުދަން އަޒްޔަންގެ ލައިފްގެ ކަންތަކާ ބެހޭކަށް، ދެން ކިހިނެއް ވެގެން އަޒްޔަން ތި އުޅެނީ؟” އެހާ ގާތުގައި އަޒްޔަން އައިސް ހުއްޓުމުން އުނދަގޫވި ނަމަވެސް ފަހަތަށް ޖެހުމުގެ ބަދަލުގައި އަޒްޔަންގެ މޭގައި އަތް އަޅާ ކޮއްޕަމުން ފަހަރަކު ފިޔަވަޅެއް ކުރިއަށް އަޅަމުން ވާހަކަ ދައްކަމުން ދިޔަ ވަރަކަށް ނޫރީންގެ އަޑުގަދަވަމުން ދިޔައެވެ.
“އަހަރެން ނޫރީން ދެކެ ލޯބިވޭ. އެހެން މީހެއްގެ ހައްގަކަށް ނޫރީން ނުވާހާ ދުވަހަކު ނޫރީން ހޯދަން އަހަރެން މަސައްކަތް ކުރާނަން. ނޫރީން ހަގީގަތުގަވެސް ބޭނުންވަނީ ދާނިޝްއާ ގުޅެން ކަން ޔަގީން ވީ ދުވަހަކުން އަހަރެން ތި ދެމެދަކަށް ނުވަންނާނަން” ނޫރީންގެ އަތްތިލައިގައި ހިފާލަމުން އަޒްޔަން ބުންޏެވެ. އަދި އިތުރު އެއްޗެއް ނުބުނެ އެ އަތުން ދޫކޮށްލި ގޮތަށް ނިކުތެވެ.
އަޒްޔަން ދިޔަތަން ބަލަން ހުރި ނޫރީންއަށް ނިތްކުރީގައި ފިރުމާލެވުނެވެ. އަޒްޔަން ދެއްކި ވާހަކަ ގަބޫލުކުރަން އަދިވެސް ނޫރީންއަށް އުނދަގުލެވެ. ދާނިޝްއާއެކު ދިރިއުޅުމެއް ފަށަން ތައްޔާރުކަމެއް އަދި ނޫރީންއަށް ޔަގީނެއް ނޫނެވެ. އެހެން ނަމަވެސް ދެވަނަ ފަހަރަށް އަޒްޔަންއަށް އިތުބާރު ކުރަން ނޫރީންއަށް ފަސޭހައެއް ނޫނެވެ. އެހެން ނޫނަސް އަޒްޔަންއާ މެދު ވިސްނުމަކީވެސް ދާނިޝްއަށް ވެވޭ ބޭވަފާތެރިކަމަކަށް ނޫނީ ނުވާނެއެވެ. އެހެން ވިޔަސް އަޒްޔަން ފުރުމުގެ ކުރިން ބައްދަލުކޮށްފައި ދެއްކި ވާހަކަތައް ނޫރީންގެ ހިތުން ފިލުވައެއް ނުލެވުނެވެ. ދެވަނަ ފަހަރަށް އަޒްޔަންއާ ދިމާ ނުވިނަމަ ފަހަރެއްގައި ދާނިޝްއާ އެކު ކުރިއަށް އެ ފިޔަވަޅު ނެގުން ނޫރީންއަށް އެހާ އުނދަގޫ ނުވީސް ކަންނޭނގެއެވެ.
ކޮޓަރިއަށް ވަދެ އޮށޯތް ނަމަވެސް ފަތިސްވީ އިރުވެސް ނޫރީންއަކަށް ނުނިދުނެވެ. ރޭއްސުރެ ދާނިޝް ހުރީ ހިތްހަމަނުޖެހިފައި ކަން ނޫރީންއަށް އެނގެއެވެ. އެހެން ނަމަވެސް އެކަމަށް ވުރެ ބޮޑަށް ނޫރީންއަށް ވިސްނެނީ އަޒްޔަން ދެއްކި ވާހަކައާ މެދުއެވެ.
ފަތިސް ނަމާދަށް ފަހު ސިކުނޑިއަށް ލުޔެއް ހޯދުމަށް ކޮފީއެއް ގިރައިގެން ބެލްކަނީގައި އިނދެފައި ނޫރީން ގުޅީ ޝަބާއަށެވެ.
“ރީން ބޭނުން ވަނީ ދާނިޝްއާ މެރީ ކުރަން ކަމަށް ވަންޏާ ދެން ކޮން ކަމަކާ ވިސްނަންވީ؟ އަޒްޔަން ކޮންމެ އެއްޗެއް ބުންޏަސް ރީން ހާސްވާކަށް ނުޖެހެއެއްނު؟ އޭނަ އެ ބުނީ ރީން ގުޅެން ބޭނުން ވަނީ ދާނިޝްއާ ކަން އޭނައަށް ޔަގީން ވީމަ ދެން ރީން ހޯދާކަށް ޓްރައިއެއް ނުކުރާނަމޭ.. ސޯ..؟ ދައްތަމެންނާ ވާހަކަ ދައްކާފަ، ދާނިޝްގެ ޕޭރެންޓްސްއާ މީޓްކޮށްފަ އަވަހަށް މެރީ ކުރަންވީނު؟” ނޫރީންގެ ހިތުގައިވާ ހުރިހާ އެއްޗެއް ޝަބާއާ ހިއްސާ ކުރުމުން ޝަބާ ޖަވާބުގައި ބުންޏެވެ.
“ޝަބާ..” ނޫރީންއަށް ހިތްހަމަނުޖެހިފައި ގޮވާލެވުނީ ޝަބާ ވާހަކަ ދެއްކި ގޮތުންނެވެ. ޝަބާވެސް ބޭނުންވަނީ ނޫރީން އަދި އަޒްޔަންއަށް ފުރުޞަތެއް ދޭންކަން ނޫރީންއަށް އެނގެއެވެ. އެހާ ފަސޭހައިން ދާނިޝްއާ ކައިވެނި ކުރާ ވާހަކަ ޝަބާ އެ ބުނީ ޖެއްސުމުގެ ގޮތުންނެވެ.
“ސީރިއަސްލީ ރީން.. ދެން ނަގަންވީ ސްޓެޕް ރީންއަށް އެނގެންވީކީ އަހަރެން ބުނެދީގެންނެއް ނޫން. އަޒްޔަން ކޮންމެ އެއްޗެއް ބުންޏަސް ރީންގެ ހިތުގެ އަޑިން އަޒްޔަންއަށް ޓްރަސްޓް ނުކުރެވެންޏާ އެ ޗާންސެއް ނުދެވޭނެ. އަމިއްލައަށް ވިސްނާފަ އެންމެ ރަނގަޅުހެން ހީވާ ގޮތަކަށް ރީން ކަންތައް ކުރޭ. އަހަރެން ހަންޑްރެޑް ޕަރސެންޓް ރީންއާ އެއްބަސް ނުވިޔަސް ރީންގެ ނިންމުމުގަ ރީންއާ އެކީ ހުންނާނީ” ޝަބާ ބުންޏެވެ.
“ޝަބާ، އަހަރެން މީހަކާ އިނދެ ދިރިއުޅުމެއް ފަށަން ބޭނުން، ދަރިއަކު ބޭނުން.. މިހެން ހުރެ ބޭކާރު ވަގުތުތަކެއް ދުއްވާލާކަށް ބޭނުމެއް ނޫން. ދާނިޝްއަކީ ރަނގަޅު މީހެއް. މަންމަމެން މިކޮޅަށް އައުމުގެ ކުރިން އަހަންނަށް އަހަރެން ބޭނުންވާ ގޮތް އެނގޭ. އެއްވެސް ކަމެއް ކުރާއިރު ފަހުން ވާނީ ކިހިނެއް ކަމެއް ނޭނގޭނެ. އެކަމަކު އަޒްޔަންއަށް ފަހުވެސް އަހަރެން ހުރީ ދާނިޝްއަށް ޓްރަސްޓް ކޮށްގެން، އަހަންނަށް ދާނިޝްއާ އެކީ ރަނގަޅު ލައިފްއެއް އުޅެވޭނެ ކަމުގެ އުންމީދުގަ އެ ސްޓެޕް ނަގަން ހުރީ.. އެކަމަކު މިހާރު.. އަޒްޔަން އެ ވާހަކަ ދެއްކި ފަހުން އަހަންނަށް ނިންމުނު ގޮތަކީ ރަނގަޅު ގޮތެއް ހެން ހީނުވާން ފަށައިފި.. އެކަމަކު އެއީ ދާނިޝްގެ ފަރާތުން އެއްވެސް ކަމެއް ފެނިގެންނެއް ނޫން.. ރޭވެސް އަޒްޔަން އެތާ ނެތް ނަމަ އަހަންނަށް މަންމަމެން ކައިރީ ބުނަން އެހާ އުނދަގުލެއް ނުވީސް.. އެހެން ވިޔަސް ފަސް ނުޖެހި ބުނެވުނު ނަމަ ދާނިޝް އަހަރެން ދެކެ ރުޅިއެއް ނައީސް..
ހުރިހާ ކަމެއް މި ވަނީ އަޒްޔަން އަލުން އައިސް އަހަރެންގެ ލައިފްގެ ތެރެއަށް ވަނީމަ.. އަހަރެން މިހާ ދުރަށް އައީމަ ކީއްކުރަން އަނެއްކާ އަހަރެންގެ ފަހަތުން އަންނަންވީ؟ އަހަންނާ އަޒްޔަންގެ މެދުގަ އޮތް ކަމެއް ވިއްޔާ މިހާރު ނިމިއްޖެއެއްނު؟ ދެން ކީއްކުރަން އަނެއްކާ ފާޑުފާޑުގެ ވާހަކަ ދައްކައިގެން އަހަރެންގެ ނިންމުންތަކާ ދޭތެރޭ ޝައްކު އުފައްދަންވީ؟”
ވާހަކަ ދައްކަމުން ގޮސް އެންމެ ފަހުން ނޫރީންއަށް އަޒްޔަން ދެކެ ރުޅި އައިސްގެން އެއްޗެހި ކިޔަން ފެށުނެވެ.
“ތީ ރީން އަމިއްލަ ނަފްސަށް ޔަގީން ކޮށްދޭން ޖެހޭ ކަންތައް. ދާނިޝްއާ އެކީ ކުރިއަށް ދިޔުމަކީ ރީން ނިންމާފަ އޮތް ގޮތް ކަމަށް ވަންޏާ، އެއީ ރީން ބޭނުންވާ ގޮތް ކަން ޔަގީން ވަންޏާ ދެން އަޒްޔަން އައިސް ބުނާ އެއްޗަކުން އެ ކަން ބަދަލުވެގެން ނުވާނެ” ޝަބާ ބުންޏެވެ.
މުޅި އެ ދުވަހު ނޫރީންއަށް ވިސްނުނީ ޝަބާ ދެއްކި ވާހަކައާ މެދުއެވެ. އަޒްޔަންގެ ވާހަކަތައްވެސް ނޫރީން ހަނދާންވިއެވެ. ހަމަ އެހެން ދާނިޝްއާ އެކު ހޭދަ ކުރެވުނު ދުވަސްތަކާ، އެ ދެމެދުގައި ވީ ހުރިހާ ކަމަކާވެސް ނޫރީން ވިސްނިއެވެ.
އެ ދުވަހު ހެނދުނުވެސް ނޫރީންއަށް ދާނިޝްގެ މެސެޖެއް ނުލިބެއެވެ. ނޫރީން އިސްވެ ކުރި މެސެޖަށް ދާނިޝް ޖަވާބު ދިނީ މެންދުރުވީ ފަހުންނެވެ. އެކުވެރިއަކާއެކު މަސައްކަތެއްގައި އުޅޭތީ ތަންކޮޅެއް ބުރަކަމާ، ގެއަށް ގޮސްފައި ޚަބަރެއް ވާނެ ކަމަށް ބުނެފައި ދާނިޝް ޖަވާބު ފޮނުވުމުން ނޫރީން ދެން އިތުރަށް މެސެޖެއް ނުކުރެއެވެ.
ދާނިޝްއަށް ގެއަށް އާދެވުނީ ހަތަރެއް ޖެހި ފަހުންނެވެ. ފެންވަރާ ހަދައިގެން ދާނިޝް ފޯން ބަލާލި އިރު ނޫރީންގެ ކޯލެއް މިސްވެފައި އިނެވެ. ދާނިޝް އިރުކޮޅަކު ފޯނަށް ބަލަން ހުރެފައި ނޫރީންއަށް ގުޅާލިއެވެ.
“ދާނިޝް.. އަދިވެސް ރުޅިއައިސްފަތަ؟” ފޯން ނަގާފައި ނޫރީން އަހާލިއެވެ.
“އާދެވިދާނެތަ؟” ނޫރީންގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ދާނިޝް އެދުނެވެ.
“އެބަ ދަން” އެހެން ބުނެ ފޯން ކަނޑާލާފައި ނޫރީން އަވަސް އަވަހަށް ތައްޔާރު ވެގެން ނިކުތެވެ.
ނޫރީން އައުމުން ދާނިޝް ނޫރީން ގޮވައިގެން ވަނީ ކޮޓަރިއަށެވެ.
“އަހަރެން ރުޅި އައިސްފަ ހުރިއްޔާ ރީން ދެން އަހަރެންގެ ރުޅި މަޑުކުރުވަބަލަ!” ކޮޓަރިއަށް ވަން ގޮތަށް ދޮރުލައްޕާލާފައި ނޫރީންގެ ދެ އަތްތިލައިގައި ހިފާލަމުން ހިނިއައިސްފައި ހުރެ ދާނިޝް ބުންޏެވެ.
ނޫރީން އިސްޖަހާލިއެވެ.
“އެއްޗެއް ނުބުނާނަންތަ؟” ނޫރީންގެ ހިމޭންކަމުން އުނދަގޫވެގެން ދާނިޝް އެހިއެވެ.
“އެންމެން ތެރޭ ބުނަން ވީމަ އޭރު ނަރވަސް ވީ..” ނޫރީން ބުންޏެވެ.
ނޫރީން ނުބުނި ނަމަވެސް ނޫރީންގެ ފަސްޖެހުން ދާނިޝްއަށް ވިސްނެއެވެ. ދެ މީހުން ގުޅި ކައިވެނި ކުރަން ބޭނުންވާ ކަން ދާނިޝް ހާމަ ކުރުމުން ނޫރީން ދެކޮޅަށް އެއްޗެއް ނުބުނެއެވެ. ނޫރީން ވަނީ އަޒްޔަންއާ ކައިވެނި ކުރަން ދިމާވި ގޮތް ދާނިޝްއަށް ކިޔާދީފައެވެ. ދާނިޝްއަށް ވިސްނުނީ އެ ވާހަކަތައް ދައްކަން ނޫރީން ބޭނުން ނުވާތީއެވެ. އެ ކައިވެނި ރޫޅުނީ ކީއްވެ ކަން ސާފުކޮށް ކިޔާނުދިން ނަމަވެސް، އެ ކަންތައް ނޫރީންގެ ހިތުން މުޅިން ނުފިލާ ކަމާ، ދާނިޝް ބޭނުން ވި ނަމަވެސް އެހާ އަވަހަށް އެހެން ކައިވެންޏެއް ކުރަން ނޫރީންގެ ހިތް މުޅިން ނުރުހޭ ކަން، އަޒްޔަންއާ ދިމާވުމުގެ ކުރިންވެސް ދާނިޝްއަށް އެނގެއެވެ. ނޫރީން ކުރީގެ ދިރިއުޅުމުގެ ތަފްޞީލު ކުރިން ދާނިޝްއަށް އެހާ މުހިންމެއް ނޫނެވެ.
ދެ މީހުން ކައިވެނި ކުރީ ކިހިނެއް ކަން ނޫރީން ކިޔާދިން ނަމަވެސް ވަރިވާން ޖެހުނު ގޮތުގެ އެއްވެސް ތަފްޞީލެއް ކިޔައެއް ނުދެއެވެ. ނޫރީންއާ އަޒްޔަންގެ މެދުގައި ކަންތައްތައް މުޅިން ނުނިމޭހެން ދާނިޝްއަށް ހީވާން ފެށީ އެހެންވެއެވެ. ހުރިހާ ކަމެއް ނޫރީން ކިޔާނުދޭހެން ހީވާތީއެވެ. އެއީ ނޫރީންގެ އަމިއްލަ ކަމަކަށް ވާތީ ސުވާލު ނުކުރި ނަމަވެސް ދާނިޝްގެ ހިތުގައި އެ ސުވާލު އުފެދެއެވެ.
“އިޓްސް އޯކޭ. ރީން ކޮމްފޮޓެބްލް ވީމަ ބުނާނީ.. އައިމް ސޮރީ! އަހަންނަށް މާ އަވަސް ކުރަން އުޅެވެނީ..” ނޫރީންގެ އަތުގައި ހިފާ ކައިރިއަށް ދަމާލަމުން ދާނިޝް ބުންޏެވެ. އެއީ ހިތް އެދޭ ގޮތަށް ނުވި ނަމަވެސް އެ ވަގުތަށް އެ ކަންތައް ދޫކޮށްލީއެވެ.
އެ ދުވަހު މެންދުރު އަޒްޔަން އައި އިރު ލިފްޓަށް އެރުނީ އަޝްދާއާ ޝަދާއާ އެކުއެވެ. އަޒްޔަން ފެނުމުން އަޝްދާ ހިނިތުންވެލިއެވެ. އަޝްދާ އުރައިގެން އިން ޔޫލީ ފެނުމުން އަޒްޔަން އެ ކުއްޖާއާ ކުޑަކޮށް ސަކަރާތް ޖަހާލިއެވެ.
އަޒްޔަންއަށް ޔޫލީ ފެނުމުން ދާނިޔާލް މަތިން ހަނދާންވިއެވެ. ދުނިޔޭގައި ހުރި ނަމަ ދާނިޔާލްގެ އުމުރުން ވާނީ ދޮޅު އަހަރެވެ. ހީވާ ގޮތުން ޔޫލީއަށްވެސް ވާނީ އެހާ ކަންހާ ވަރެވެ. ޔޫލީ ފެނުނު ފުރަތަމަ ފަހަރުވެސް އަޒްޔަންއަށް އެ ކުއްޖާއާ ދިމާއަށް ބެލުނީ ދާނިޔާލް މަތިން ހަނދާން ވެފައެވެ.
“އަޒްޔަން ކުޑަކުދިންނާ ވަރަށް ގުޅޭ ދޯ؟” އަޒްޔަންއަށް ބަލަން ހުރި ޝަދާ އަހާލިއެވެ.
“ތިއެއް ނޭނގެ. އެކަމަކު ހީވަނީ ޔޫލީއާ ފްރެންޑް ވެވިދާނެ ހެން، ދޯ ޔޫލީ؟” ޔޫލީގެ ކޮލުގައި ކޮއްޓާލަމުން އަޒްޔަން ބުންޏެވެ.
ކުޑަކޮށް ހިނިއައިސްފައި އިން ނަމަވެސް ޔޫލީ އަޒްޔަންއަށް ބަލަން އިނީ ބީރައްޓެހި ނަޒަރަކުންނެވެ.
“ޔޫލް ވަރަށް ފޮނިވާނެ ދޯ؟ އެހާ ފަސޭހައިން ކުދިންނާ ފްރެންޑެއް ނުވާނެ ތުއްތަގެ ބޭބީކޮޅު ދޯ؟” އަނެއް ފަރާތުން އައިސް ޔޫލީގެ ކޮލުގައި މަޑުމަޑުން ހިފާލަމުން ޝަދާ ވުންޏެވެ.
އެ މީހުންގެ ފްލޯރއަށް ލިފްޓް ހުޅުވުމުން ތިން މީހުން ނިކުތެވެ.
އެޕާޓްމެންޓްގެ ދޮރާ އަރާ ހަމަވުމުން އަޒްޔަން “ބާއި”އޭ ބުނަމުން އަތް ހިއްލާ ޔޫލީއަށް ހަނާ އަޅާލިއެވެ.
“ބޭބެއަށް ބާއި ބުނެބަ ދަރިފުޅު” ޔޫލީގެ އަތުގައި ހިފާ ހިއްލާލަމުން އަޝްދާ ބުންޏެވެ. ޖަވާބުގައި ޔޫލީ ރަކިވެފައި އަޝްދާގެ ކަރުދޮށުގައި މޫނު ފޮރުވާލީއެވެ.
އެ މަންޒަރު ފެނުމުން އަޒްޔަންއަށް ބާރަށް ހީލެވުނެވެ.
“އޯކޭ.. ހަމަ ފެންނަ އިރަކަށް އަންހެން ކުދިން އެހާ ފަސޭހައިން ފްރެންޑްއެއް ނުވާނެ ދޯ!” ޔޫލީގެ ބޮލުގައި ފިރުމާލަމުން އަޒްޔަން އެހެން ބުނެފައި އަޝްދާއާ ޝަދާއަށް ހަނާ އަޅާލަމުން ގެއަށް ވަނެވެ.
އަޒްޔަން ވަން ފަހުންވެސް ޝަދާ އަޒްޔަން ދިޔަ ދިމާއަށް ބަލަން ހުއްޓެވެ.
“އޭއި، ކިހިނެއް ވެފަ ތި ހުންނަނީ؟ ގެއަށް ނުވަދެ މިތާތަ ދެން ހުންނާނީ؟” ޝަދާގެ މޫނާ ދިމާއަށް އަތް ހުރަސް ކޮށްލަމުން އަޝްދާ ހިނިއައިސްފައި އަހާލިއެވެ.
“ދޮންތާ!” ޝަދާ ރަކިވެފައި ގޮވާލިއެވެ.
“ޝަދާއަށް ކަމުދާ މީހަކު ފެނުނީދޯ އެންމެ ފަހުން؟” އަޝްދާ ދިމާކޮށްލިއެވެ.
“ހެހެ.. ފުރަތަމަ ފެނުނު އިރަކު ނޭނގޭ އެއީ ރީންމެންނާ އެއްވެސް ގުޅުމެއް އޮތް މީހެއް ކަމެއްވެސް.. ދޮންތާ.. ކިހިނެއް ވާހަކަ ދައްކާލާނީ؟ އައިޑިއާއެއް ދީބަލަ” ގެއަށް ވަދެ ސޯފާއަށް ވެއްޓިގަންނަމުން ޝަދާ ލޯ މަރާލިއެވެ.
“ރީން ކައިރީ ބުނަން ވީނު؟” އަޝްދާއަށް ފެނުނު ގޮތުގައި އެންމެ ފަސޭހައިން ޝަދާއަށް އަޒްޔަންއާ ވާހަކަ ދައްކާލެވޭނެ ގޮތެއް ހަދައިދެވޭނީ ނޫރީންއަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.








ކިޔުންތެރިންނަށް ސަލާމް! 24 ވަނަބައި އަޕްލޯޑް ކޮށްލެވިއްޖެ، މި ބައި ތަންކޮޅެއް ދިގުވާނެ. ކުދިންނަށް ކަމުދާނެ ކަމަށް ހީކުރަން. ކިޔުންތެރިންގެ ކޮމެންޓްގެ އިންތިޒާރުގަ މާޝާ މިއިނީ އިނގޭ. 25 ވަނަ ބައި ބުރާސްފަތި ދުވަހު ގެނެސްދޭނަން.
Alheyy shadha and azyan nugulhuvahcheyy plzz..
Stry vrh vrh reethi
thank u pinky, adhi neynge ehnu vaane gothehves dho
Vv reethi can’t wait for next part
thank u shiuish
I think Nooreen will get jealous or something…
How many episodes are in totalll????
thank u, i haven’t finished writing the story, so it’s difficult to say how many episodes, but i think no more than 10 left, maybe 5-8.
Masha Allah story vrh reethi 🔥
Vrh kiyaa hithun indhaa enimunee….
When is next?
Curiously waiting for the next part 🤍
thank u dear, next on Thursday
Varh reethi
thank u Aami
MA vaahaka varah reethi,,alhe plx noorin gulvuvaany axyan aa dhaanish akaa nugulhe,kiyakiyaa huttaa enimuny..
thank u Eym, ehentha, hmm dhen dhaanish ah kihineh hadhaany? and shadha?
mi part ves varah reethi , but azyan aa noorin adhives gulheny 😭😭😭😭 curiously waiting for next part
thank u me, enmenves beynun vany Azyan aa Nooryn aa alun gulhen, ehen vyma marsha visnaanan e kamaa inge
Kon iraku next part????? Curiously waiting. Masha Allah ure my fav author keep the good work
i need sometime before i can finish ep 25 so sorry dear, and thank u too
dear readers, i have been really busy this week so i haven’t finished today’s part yet and i dont think i can today or even tonight. but InshaAllah i will upload as soon as i finish typing, hopefully before Sunday. i hope u all will try to understand and wait patiently,
thank u for the continuous love and support ❤️❤️❤️
I totally understand that dear
Waiting for the new episode of this beautiful story! This is my very first comment here. I don’t know how times I have visited this website just to see whether the new episode is uploaded. Really enjoyed reading this story so far. Keep up the good work. Masha Allah.