Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާ… 26 [ މުޅިން އާ ކަވާރ ފޮޓޯއަކާއިއެކު]

Anaq Level 210 Stories
June 5, 2026 5 Mins Read
0 Comments

 

ދުވަހަކުވެސް…. ދުވަހަކުވެސް…… މުޅި އުމުރު ހުސްވިޔަސް ދެން ފެނިދާނެ ކަމަށް އަދި ބައްދަލު ވެދާނެ ކަމަށްވެސް ހީކުރެވިފައި ނުވާ އިންސާނާ އެހުރީ އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެން އަހަރެންނާއި ވިއްސަކަށް ފޫޓު ދުރުގައެވެ. އަހަރެންނަށް ނަޒަރު ވަކިކޮށް ނުލެވިފައި ހުއްޓައި އަބަދުގެވެސް އެ ބަރު އަދި ފިރިހެން ހިނގުމުގައި އަހަރެންނާއި ދިމާއަށް އަންނަން ފަށައިފިއެވެ.

ފަހަތުން އަހަރެން ބިރުން ދުވެ ފިލަން ބޭނުންވި އަހަރެންގެ ބިރުވެރި މާޒީއެވެ. އަހަރެންގެ ކުރިމަތިން، އެކުގައި ވުމުގެ ނަސީބު ލިބިފައި ނެތަސް ހިތުން ނުފުހެވުނު ލޯބިވެރިޔާއެވެ. ވާތް ފަރާތުން މޫދާއި ކަނޑެވެ. އޮއްސެމުން ދިއަ އިރު ދައްކަމުން ދިއަ ރީތި ކުލަކުލައިގެ ދަޅަ ތަކެވެ. ކަނާތް ފަރާތުން ކަނު އަނދިރިކަން ވެރިވަމުން ދިޔަ ގަސްތަކެވެ. ދާންވީ ކޮޅެއް ނޭނގިފައި، ދާންވީކަމެއްވެސް ނޭނގިފައި، އަދި ފިޔަވަޅެއް ނަގާނެހާ ހިތްވަރުވެސް ނެތިފައި، އަހަރެންނަށް ހުރެވުނީ ކުރިމަތިން އަންނަމުން ދިއަ ހިތް ކަތިލާފަދަ ރީތި ފިރިހެނާގެ އެ ޖާދުވީ ސިހުރުގައި ޖެހިފައެވެ.

*****************

 

މާޒީގެ އެތަކެއް ހަނދާން ތަކެއް އާވަމުން ދިއައީ އޭނާ އަހަރެންނާއި ގާތްވަމުން އައިއައި ހެންނެވެ. އެންމެ ފުރަތަމަ ފެނިލުމާއި އެންމެ ފުރަތަމަ އޭނާ އަހަރެންނަށް ދިން މާނަފުން ނަޒަރެވެ. ދެމީހުން ރަނގަޅަށް ދަސްނުވަނީސް ވެވެން ފެށި ލޯތްބެވެ. ދެކިލަން ވާން ފެށި ކެތްމަދު ކަމެވެ. އެ ލޯބީގައި އަހަރެން އޮޔާއި ވަޔާއި އެކު ބެހިގެންދާން ބޭނުންވިއެވެ. އެ ބާރުގަދަ ލޯބީގައި އަހަރެންނަށް ހަދިޔާ ކުރެވުނީ ހަމައެކަނި ހިތް އެކަންޏެއް ނޫނެވެ. މުޅި ރޫހާއި ނަފްސުވެސް ހިބައިން އޭނާއަށް ދެވުނެވެ. އޭނާ އެއަށް އަމާނާތްތެރިވެސް ވިއެވެ. އޭނާގެ ފަރާތުން އަހަރެންނަށް ލިބެން ފެށި ހިމާޔަތާއި ރައްކާތެރި ކަމުގެ އިހުސާސަށް އަހަރެންގެ ޅަހިތް އިތުރަށް ލެނބުނެވެ. އަހަރެންގެ ޒުވާން، ލޯބީގައި ތަޖުރިބާއެއް ނެތް ހިތް އޭނާ ލޯބިން ފުރާލަ ދިނެވެ. އަހަރެމެން ދެމިހުންގެ ދެމެދުގައިވި އުމުރުގެ ތަފާތާއިއެކު ވެސް އޭނާ އަހަރެންގެ ޅަ ކަން ދަނެ އަދި އަހަރެންގެ ހުރިހާ ކަމެއް ދެނެގަނެ ގަބޫލު ކުރި ގޮތެވެ. އަހަރެންގެ އުނި ސިފަތައް ދެކެވެސް އޭނާވީ ލޯތްބެވެ.  ލޯބީގެ އެ ބަގީޗާއަށް ނޭނގި ހުއްޓައި ވެރިވީ ތޫފާނެކެވެ. މާދުރުން ނަގަމުން އައި ކޮޅިގަނޑު ބަނޑުންވީ ނުވެސް އެނގި ތިއްބައެވެ.  ހިތުން ނުފޮހެވުނު ކަމުގައި ވިޔަސް އެލޯބި އަނދައި އަޅިއަށް ހަދައިލަން އަހަރެންނަށް މަޖުބޫރު ކުރުވި ހާލަތެވެ. ކޫރުމެއް އެޅިފައި ނެތް އަދި އެ ފުރިހަމަ ލޯބީގައި އަހަރެންނަށް ކޮޅުފައިން ޖަހަން މަޖުބޫރު ކުރުވި ހާލަތެވެ. އެ ބާރުގަދަ ގޮށް މޮހާލަން ދަނޑިމާރު އަޅަން ޖެހުނެވެ.  އޭނާގެ ހިތް ރޮއްވާލަން ޖެހުނު ގޮތެވެ. އޭނާގެ ހިތް އަހަރެންގެ މުށުތެރޭގައި އަހަރެން ފިސްފިސް ކޮށްލީ އަހަރެންގެވެސް ހިތާއި އެކުގައެވެ. އެއަށްފަހުވެސް އެންމެ ފަހުވަގުތުވެސް ދިން ލޯތްބާއި، އަހަރެންނާއި ދޭތެރޭގައި ބެހެއްޓި އޯގާތެރި ކަމެވެ. ކުށްވެރިކަމުގެ އިހުސާސް ތަކުން އަހަރެންގެ މުޅި ނަފްސު ވަށައިލަމުން ދިޔަ ނަމަވެސް މިވީ ހަތް އަހަރު ތެރޭގައި އަހަރެން އެންމެ ހިތް ހަމަ ޖެހުނު ވަގުތު ކޮޅަކަށް މިވަގުތާއި މިހިނދުކޮޅު ވެ ނިމުނީ ކުރިމަތިން އޭނާ ފެންނަން ފެށުމުންނެވެ.

ލައިގެން ހުރި ކަޅޫ ސޫޓް އޭނާއާއި ވަރަށް ގުޅެއެވެ. ހެޔޮވަރު ވަރަކަށް ދިގު ކޮށްލާފައިވީ ބޯ ތުނބުޅިއާއި އަބަދުވެސް ދިގު، ބޯ އިސްތަށިގަނޑު މިހާރު ވަނީ ކޮނޑުން ތިރިއަށް ފަސްވަރަކަށް އިންޗި ހުންނާނެ ވަރަށް ދިގުކޮށްލާފައެވެ. ފެންނަ ފެނުމަށް ފިރިހެންވަންތަ ބިރުވެރި، މީހުން ޖެހިލުންވާ ފަދަ ގޮތެއް އެ ސިފައިގައި ހުރި ކަމަށް ވިޔަސް އަހަރެންނަށް އަބަދުވެސް އެސިފަ ވެފައިވަނީ ވަރަށް “ސެކްސީ” ކަމަކަށެވެ. އެހާ ދޮން ނޫން އެހާ ކަޅު ނޫން ހަންގަނޑާއިއެކު އެމޫނު މަތިން ފިރިހެނެއްގެ ގައިގާ ހުންނާނެ އެންމެ ފިރިހެން ވަންތަ ހުރިހާ ސިފައެއް  ފެންނަން ހުއްޓެވެ. ކުރިއަށް ވުރެންވެސް ހަށިގަނޑު ރަނގަޅު ވެލާފައި ވަރުގަދަ ކަމަށް ދައްކައެވެ. ކަންކަން ފާހަގަ ވާން ފެށިހެން އެހެން ކަހަލަ އިހުސާސް ތަކަކުން އަހަރެންގެ ނަފްސު ހިޟާރު ކުރަމުން އަންނަން ފެށިކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. ހިން ދިރުވައި ލެވުނީ އަހަރެންގެ މޫނު މަތިން އޭނާއަށް އަހަރެންގެ ކުލަވަރުތަށް ވިސްނިދާނެކަން އެނގުމުންނެވެ.

ނޭވާ ތާށިވެފައި ކަކުލު ހުޅުން ވާގު ދާހެން ހީވެފައި ހުއްޓައި އޭނާ އައިސް އަހަރެންނާއި ފޫޓެއްހައި ގާތުގައި މަޑުކޮށްލިއެވެ. ދިގު އިސްކޮޅުގެ ސަބަބުން އެމޫނަށް ބެލުމަށް ޓަކައި އަހަރެންނަށް އިސްއުފުލާލަން ޖެހުނީ ވަރަށް ބޮޑަށެވެ.  އެހާ ގާތުގައި ހުއްޓިލުމުން އަހަރެން އިތުރަށް ފިނިވާ ގޮތް ވިއެވެ. ވަރަށް ފުން ނަޒަރަކުން އޭނާ އަހަރެންނަށް ބަލައިލިއެވެ. ދެމުން ދިއަ ތޫނު ނަޒަރުތަކުން  ހީވީ އެދެލޮލުން އަހަރެން ކާލަފާނެ ހެންނެވެ.

އެދެލޮލުގައި ނަފްރަތެއް އަދި ރުޅިވެރިކަމުގެ ޛައްރެއްގެ މިންވަރުވެސް ނުވެއެވެ. އަހަރެން އުއްމީދު ކުރި ގޮތާއި ހިލާފަށް އެދެލޮލުގައި ބަބުޅަމުން ދިއައީ އަހަރެންނަށް ޓަކައިވީ އިންތިހާ ދަރަޖައިގެ ލޯތްބޭ އަހަރެންގެ ބަސްނާހާ ހިތް އެދި ގޮވަން ފެށީ ކީއްވެ ކަމެއް އަހަރެންނަކަށް ނޭނގުނެވެ. އަމިއްލަ ލޯ ދައްކަމުން ދިއަ މަންޒަރު ޤަބޫލު ނުކުރެވިފައި އަހަރެން ހުރީމެވެ. މިވަނީ ކިހިނެއް ކަމެއް އަދި ވާން މިއުޅެނީ ކިހިނެއް ކަމެއްވެސް އަހަރެންނަށް ނޭނގުނެވެ. ކުއްލިއަކަށް އޭނާ އަހަރެންގެ ކުރިމައްޗަށް އަންނަން ޖެހުނީ ކީއްވެގެން ކަމެއްވެސް އަހަރެންނަކަށް ނޭނގުނެވެ.

ރުހާމްގެ ގާތުން އަހަރެން އެއްކޮށް މިނިވަން މިވީ މިއަދުއެވެ. އޭގެފަހުން އަދި ސައުވީސް ގަޑިއިރު ނުވެއެވެ. އަހަރެންގެ މުޅި ދުނިޔެ އެހުރީ އަހަރެންގެ ކުރިމަތީގައެވެ. މިއީ ހަމަ ހަޤީގަތުގައިވެސް އިއްތިފާޤެއް ހެއްޔެވެ؟ ނުވަތަ ތަޤުދީރު އަހަރެންނާއި ކުރާ ސަމާސާއެއް ހެއްޔެވެ.؟ މިވީ ދުވަސްތަކުގައި ނުވާ ކަމެއް ހަމަ މިއަދު ކުއްލިއަކަށް މިވަނީ ކީއްވެ ހެއްޔެވެ.؟

” ހެލޯ ސަންޝައިން….” ސިކުނޑި އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައި ސުވާލުތަކެއްގެ މެދުގައި ތާށިވެފައި އަހަރެން ހުއްޓައި ކުއްލިއަކަށް ހަމަ ބިމަށް އާދެވުނު ކަހަލައެވެ. އެބަރު ފިރިހެންވަންތަ އަޑުން އަބަދުވެސް އަހަރެންނާއި އެންމެ ލޯބިން މުހާތަބު ކުރާ ނަމުން ގޮވައިލި ގޮތުން އަހަރެންގެ ފައިން ހަމަ ރަނގަޅަށްވެސް ވާގި ދޫވާހެން ހީވާން ފެށިއެވެ. ގައިން ހީބިހި ނަގައިގެން ދިއުމާއިއެކު ނޭނގޭ ހޫނު ކަމެއް މުޅި ހަށިގަނޑަށް ވެރިވިއެވެ. ބޭއިޙްތިޔާރުގައި އަހަރެންނަށް ހިން ދިރުވައިލެވުނެވެ. ލާނެއް ހިނިތުން ވުމަކުން އޭނާގެ ތުންފަތް ދެމިލީ އަހަރެންގެ ދެކޮލަށް ވެރިވާން ފެށި ރަތްކަން ފެނުމުން ކަން އަހަރެންނަށް ކަށަވަރެވެ. އަދިވެސް އެލާނެއް ކަމާއި އެ ގޮތްގަނޑު ނުކެނޑޭތާއެވެ. އަހަރެންގެ ހިތްވެސް އުފަލުން ނަށައިލީ ކުޑަ ހިތް ހަމަޖެހުމެއް ލިބުމުންނެވެ.

” ނަ….. ނަވީން……” އަހަރެންގެ އަޑުވެސް ނިކުތީ މަޑު ތުރުތުރަކާއި އެކު ގަދަކަމުން ކަހަލަ ގޮތަކަށެވެ. މި އިންސާނާ އަހަރެންނަށް ޖައްސާފައި މިވަނީ ކޮންފަދަ ސިހުރެއް ބާއެވެ.

**********

 

ޗެޕްޓާ 10

ނަވީން

 

” ހެލޯ ސަންޝައިން …” އަހަރެން ގޮވައިލި ވަގުތު އެލޯބި އަންހެން ކުއްޖާ ލަދުން މޯޅިވިތަން އަހަރެންނަށް ފެނުނު ވަގުތު އަހަރެންގެ ހިތް އެ ހިތްގައިމު މަންޒަރަށް ގޮސް ހުސްވި ކަހަލައެވެ. އަބަދުވެސް ޒާނާގެ އެސިފަ ވެފައިވަނީ އަހަރެން ހިތް ފަތަހަ ކުރާ ސިފައަކަށެވެ. ޒާނާ ލަދު ގަތުމުންވެސް އަދި ‘އެހެން ކަހަލަ ހާލަތް’ ތަކުގައިވެސް ޒާނާގެ ދެކޮލަށް ވެރިވާ މަޑު ފިޔާތޮށިކުލަ އެއީ އަހަރެންނަށް ވަރަށް ކަމުދާ ސިފައަކަށް ވަނީ ވެފައެވެ. އެ ތުންފަތަށް އަހަރެންނަށް އިހުތިޔާރަކާއި ނުލާ ނަޒަރު ހުއްޓައި ލެވުނެވެ. އަރުތެރެ ހިކިގެން އައީ ދަހިވެތިކަމެއް ހިތަށް ވެރިވާން ފެށުމުންނެވެ.

އެތަށް ދުވަހަކަށް ފަހު އެ ރީތި ސޫރަ އެހާ ކައިރިން ފެނުމުގެ ނަސީބު ލިބުމުން އަހަރެންގެ ހިތް ތެޅި ފޮޅެމުން ދިޔައީ ފެނުން ނަގާފައި އޮތް ރޯމަހެއް ތެޅޭ ހެންނެވެ. އެ ފުރިހަމަކަމާއި އެ ރީތިކަމުގެ ކުރިމަތީގައި މުޅި ކައުނުވެސް އިސްދަށަށް ޖަހާނެކަން ޔަޤީނެވެ. ހަނދުވެސް ލަދުން ނިވާވާނެކަން ކަށަވަރެވެ. މިވީ ދުވަސް ތަކުގައި ލިބިފައި ނުވާފަދަ ދިރުމަކާއި ހިތްހަމަ ޖެހުމެއް އަހަރެންނަށް ލިބެމުން ދިއައީ އެ ހޫރެއްފަދަ އަންހެން ކުއްޖާ މިލްކުވާން ދެން މާގިން ދުވަހެއް ނެތްކަން އަހަރެންނަށް އެނގުމުންނެވެ.

ދުރުން ޒާނާ ފެނުނީއްސުރެން އަހަރެންނަށް ހިމޭނުން މިހުރެވެނީ ހަމަ ކިރިޔަ ކިރިޔާއެވެ. އަހަރެންގެ ހިއްސުތަށް އަހަރެންނަށް ކިޔަމަން ނުވާން އުޅޭ ކަހަލައެވެ. ކުރިމަތިން މިފެންނަ ނިޔަނެތި އަންހެން ކުއްޖާ އަހަރެންނަށް މިޖައްސަނީ ކޮން ފަދަ ޖާދޫއެއް ހެއްޔެވެ.؟ އަހަރެންނަށް މިހަދަނީ ކިހިނެއް ހެއްޔެވެ؟  މިހާ ކައިރިން ޒާނާއާއި ބައްދަލު ނުވާތާ ހަތް އަހަރު ވީއެވެ. މިހާރު އެއީ ކުރީގެ ފަދައިން ކުޑަ އަންހެން ކުއްޖެއް ނޫނެވެ. ފުރާ ފުރިހަމަ ވެފައިވީ ޅަނދޮޅު ޒުވާން ފަންމިންޏެކެވެ. ކުރީގެ ޅަ ގޮތްގަނޑު ކެނޑިލާފައި އަދި ކުރިއަށް ވުރެންވެސް ބޮޑަށް ޗަބީ ވެލައިފައި ވުމުން އެކަންވެސް ވީ އަހަރެންގެ ލޮލުގައި އަޅައިގަތް އަދި އަހަރެންގެ ހިތް އިތުރަށް ދަހި ކުރުވި ކަމަކަށެވެ. މުޅީ ކައުނުވެސް އެރީތި ކަމަށް ހެކިވާނެ ކަން ކަށަވަރެވެ.

އަހަރެންގެ އުސޫލު ތަކުގައި ހިފަހައްޓަން އަހަރެން ވަރަށް ކެތްތެރިވާން ޖެހޭނެކަން އަހަރެންނަށް ޒާނާ އެންމެ ފުރަތަމަ ފެނުމުންވެސް އެނގި ޔަގީން ވެއްޖެއެވެ. ތުރުތުރު އަޅާ އަޑަކުން އަހަރެންގެ ނަން އެ ރީތި ހިމަ އަޑުން ކިޔާލި ގޮތުން އަހަރެންގެ ހިތް ވިރިގެން ފޭބި ކަހަލައެވެ. ހީވީ ފިނި ވައިރޯޅިއެއް ހިތުގައި ފިރުމާލައިފައި ދިއަހެންނެވެ. ޒާނާ އެހުރީ ވަރަށް ހާސްވެފައިކަން އަހަރެންނަށް އެނގުނެވެ. އަދި އެހުރީ ހަދަންވީ ގޮތެއް ނޭނގިފައިކަންވެސް އަހަރެންނަށް އެނގުނެވެ. އެކަމަކުވެސް އެހުރިހާ އިހުސާސް ތަކަކާއިއެކުވެސް އަހަރެންނާއި ނަޒަރު ވަކިކޮށްނުލައި ހުރި ހުރުންވީ އަހަރެން ޝައުގުވެރިކަން އިތުރު ކުރުވި ކަމަކަށެވެ. ލާނެއް ސަމާސާއެއް ޒާނާއާއި ކޮށްލަން އަހަރެން ހިތް އެދުނު  ވަގުތު ޒާނާގެ ފަހަތުން ތަންކޮޅެއް ދުރުގައި ފެންނަން ހުރި ރުހާމް އާއި ޝެލީން އަހަރެންނަށް ފެނުނެވެ. އެދެލޮލުން ހަޖަމް ނުވެފައި ހުރިކަމުގެ ހުރިހާ ކުލަވަރެއް ފެންނަން ހުއްޓެވެ. އަތް މުއްކަވާލިގޮތުން އައިސްފައިހުރި ރުޅި އަހަރެންނަށް އެނގުނެވެ. ރުހާމްގެ ކުރިމަތީގައި ޒާނާ ބަހައްޓަން އަހަރެން ބޭނުން ނުވީ ހަމަ ކުއްލިއަކަށެވެ. ވެގެން ވާނެ ނަމަ ރުހާމްގެ ދެލޯވެސް ކޮނެލާފައި ނަގަން ބޭނުން ވިއެވެ.

” ޒާނާ… ހިނގާ އެކޮޅަށް…” އިތުރަށް ޒާނާއާއި ގާތްވެލަމުން އަހަރެން ޒާނާ ގާތު ބުނީމެވެ. އަދި ޒާނާއަށް އަހަރެންގެ ފުރަގަހުން ތަންކޮޅެއް ދުރުގައި ފެންނަން އޮތް ވޯޓާ ވިލާއަށް ދެވޭ ފާލަމަށް އަހަރެން އިޝާރާތް ކޮށްލީމެވެ.

ވަރަށް ބަސްއަހައިގެން ޒާނާ ހިނގައިގަތެވެ.

‘ ޔެސް. ސޮޓިލް މައި ގުޑް ގާރލް.’ ލާނެއް ހަނދާން ތަކެއް ވެރިވެގެން ދިއުމާއިއެކު އަހަރެންގެ ހިތް ބުނެލިއެވެ. އަހަރެންވެސް ޒާނާއާއި އެއްވަރަށް ހިނގައިގަތީމެވެ. ވޯޓާ ވިލާއަށް ދެވެން އޮތް ފާލަމުގެ އެންމެ ބިއްދަށަށް އަހަރެމެން ދިއައީމެވެ. މީހެއްގެ އުނދަގޫ ނުޖެހޭނެ ފަދައިން އެކަހެރި ވެލުމަށެވެ. ޖެހެމުން ދިއަ ވައިރޯޅިތައް ޒާނާގެ އިސްތަށިގަނޑާއި ސަމާސާ ކޮށްލާ ކޮންމެ ފަހަރަކު ކަޝްފުވެގެންދާ ޒާނާގެ ދޮން ކަނދުރާއާއި ކޮނޑުމަތީގެ ސަބަބުން އަހަރެން ވަރަށް ކެތްކުރަން ޖެހުނެވެ. މިހާ ދުވަސް ވީއިރުވެސް އެއިހުސާސް ތަކަށް ދެގޮތެއްނުވެ ދެމި ހުރިކަން މިވީ ކުޑަ ވަގުތު ކޮޅުގެ ތެރޭގައި އަހަރެންނަށް އެނގި ޔަޤީން ވެއްޖެއެވެ. ޒާނާ އިސްދަށަށް ޖަހައިގެން ހިނގަމުން ދިއަ ގޮތުން އެހުރީ ވަރަށް ލަދުގަނެ އަދި ވާހަކަވެސް ދައްކަން ނުކެރިފައިކަން އަހަރެންނަށް އެނގުނެވެ. ފާލަމުގެ ކޮޅަށް ގޮސް އަހަރެމެން މަޑުކޮށްލީމެވެ. އޭރު ދުނިޔެމަތި އެކަށް އަނދިރިވެއްޖެއެވެ. އަލިކަމަކަށް ހުރީ ފާލަމުގެ އެކި ހިސާބުތަކުގައި ދިއްލާފަ ހުރި ބައްތިތަކުގެ ފަނޑު އަލިކަން އެކަންޏެވެ. އެ މަޑު އޮރެންޖް އަލީގައި ޒާނާ ފެންނަނީ ހިތްވެސް ފުންމައިގެން އަންނަހާ ފުރިހަމަ ކޮންނެވެ.

ވިއްސާރައިގެ އަސަރުތަށް އުޑުމަތިން ފެންނަން ފެށުމުން ކޮންމެވެސް ވަރަކަށް ޖެހެމުން ދިއަ ވައިރޯޅިތަށްވެސް ފިނިވެލައިފިއެވެ. ފާލަމުގެ ކޮޅުގައި ހުއްޓިލަމުން ދެއަތް ދެއަތާއި އަތް ހާކައިލި ގޮތުން ޒާނާ އެހުރީ ވަރަށް ހީކަރުވާ ގޮތް ވެފައިކަން އަހަރެންނަށް އެނގުނެވެ. އެންމެ ސިކުންތެއްވެސް ލަސްކުރުމެއް ނެތި އަހަރެން ލައިގެން ހުރި ކޯޓު ބާލަމުން ޒާނާއަށް ލެވޭނެ ގޮތަށް ކޯޓުގެ ދެއަރިމަތީގައި އަހަރެން ހިފަހަށްޓައިލީމެވެ. ޒާނާ އަހަރެންނަށް ވަރަށް މާނަ ފުން ނަޒަރެއް ދިނެވެ. އެބޮޑު ދެލޯ ފެންކަޅިވެލިއެވެ. އެދެލޮލުން އަހަރެންނަށް ފެނުނީ ލޯތްބާއި އޯގާތެރި ކަމަކަށް ކަރުހިއްކައިގެންފައިވީ މިންވަރެވެ. އަދި ހަމަ އެހެންމެ ކުޑަ ސިކުންތެއް ތެރޭގައި ލުއި ހިނިތުން ވުމަކުން އެ މޫނުމަތި އެކަށް އުޖާލާ ވެގެންވެސް ގޮއްސިއެވެ.

އަހަރެންގެ ހަރަކާތް ދެނެގަނެ، ކޯޓުލުމަށް ޓަކައި ޒާނާ ފުރަގަހަށް އެނބުރިލިއެވެ. އެހިނދު ޖެހިލި ވައިރޯޅިން ޒާނާގެ އިސްތަށިގަނޑު ކުޑަކޮށް އެއްފަރާތް ވެލި ވަގުތު ޒާނާގެ ބުރަކަށި ފުދޭވަރަކަށް ކަޝްފުވިއެވެ. އަހަރެންނަށް ކޯޓުގައި ބާރަށް ހިފަހައްޓާއި ލެވުނީ ފަހުން ހިތާމަ ކުރަން ޖެހޭވަރުގެ އަމަލެއް ކުރެވިދާނެތީ ނަފްސު ހަމައަކަށް އަޅުވައި ލުމަށެވެ. ނަމަވެސް އަހަރެންގެ ދެލޯ އަހަރެންގެ ބަހެއް ނޭހިއެވެ.  ބަނޑިޔާދަން އެ ރީތި ހަށިގަނޑަށް ކަޅި ޖަހައިނުލައި ބަލަހައްޓައިގެން އަހަރެން ހުއްޓައި ދެން އަދިވީ މާ ދެރަ ގޮތެކެވެ. މުޅި އިސްތަށިގަނޑު އެއްކޮށް އެއްފަރާތު ކޮނޑުމައްޗަކަށް ޒާނާ ގެނައީ ކޯޓު ލުމަށްޓަކައެވެ. ސަހަރޯއެވެ. މިވަރުން ދަންޏާ ކަމެއް ނުކުރެވި ހުންނާނެ ބާއެވެ؟ އަހަރެންވެސް މިއީ އިންސާނެކެވެ. މަލާއިކަތެއް ނޫނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anaq

Level 210 Stories

Other Articles

Previous

ވަޢުދޭ ވެވޭމީ ޢިއުލާން

Next

ހިތުގެ ސިއްރު – ތިންވަނަ ބައި

Next
June 6, 2026

ހިތުގެ ސިއްރު – ތިންވަނަ ބައި

Previews
June 5, 2026

ވަޢުދޭ ވެވޭމީ ޢިއުލާން



All Right Reserved!