ގާތުގާ… 25
ޖެހިލި ފިނިފިނި ވައިރޯޅިއަކާއިއެކު ދަންނަ ފިރިހެން ސެންޓެއްގެ ވަސް އަހަރެންގެ ނޭފަތުގައި ހަރުލުމާއިއެކު ދަންނަ އިހުސާސް ތަކެއް ކުރެވިގެން ދިއައެވެ. ސިހުމާއިއެކު އަހަރެންނަށް ފަރާތް ފަރާތަށް ބަލައިލެވުނީ އެއީ “އޭނާގެ” ހިތްގައިމު ވަހަށް ވުމުންނެވެ.
******
ނަމަވެސް އެ ހިތްގައިމު މަސްތީ ވަހުގެ ވެރިޔާއެއް ނުފެނުނެވެ. އެ އިހުސާސްތަކުގެ މިލްކުވެރިޔާއެއް ނުފެނުނެވެ. އަހަރެންގެ ހިތް މާޔޫސް ކުރިވިއެވެ. ދެކިލަން ކެތްމަދުވެފައި ހުރިވަރުން އަހަރެންގެ ހިތްވެސް އަހަރެންނަށް މަލާމާތް ކުރިއެވެ. އަމިއްލަ ނަފްސުގެ މޮޔަކަމޭ ހިތަށް އެރިއެވެ.
އަހަރެންނަށް ނޭނގުނީ ވަރަށް ގާތުގާ “އޭނާ” އެބަހުރި ކަމަށް އަހަރެންގެ ނަފްސާއި މުޅި ޖިސްމު ބުނަމުން ދިއައީ ކީއްވެކަމެވެ. ލޮލަށް ނުފެނުނު ކަމުގައި ވިޔަސް އަހަރެންގެ މުޅި ރޫހު ވަރަށް ގާތުގައި “އޭނާ” އެބަހުރި ކަމުގައި ބުނަމުން ދިޔަ ދިއުމުގެ ސަބަބެވެ. އަތުގައި ނަގާފައި ހުރި ހީބިހި ތަކުގައި ފިރުމައި ލަމުން އަހަރެން ޖަނާއަށް ބަލައިލީމެވެ. އެވަގުތު ޖަނާގެ ނަޒަރުވެސް އަހަރެންނަށް ހުއްޓިފައިވީތަން އަހަރެންނަށް ފެނުނެވެ. ސުވާލު އުފެދިފައި އިން ކަހަލަ ކުލަވަރެއް އެމޫނުމަތިން ފެނުނުހެން އަހަރެންނަށް ހީވިއެވެ. އަހަރެން ޖަނާއަށް ބަލައިލަމުން ހިނިތުން ވެލުމުން އޭނާވެސް ހަމައަކަށް އެޅި ހިނިތުން ވެލިއެވެ.
” އަނބި ޤަބޫލު ކޮށްފިން..” ލިއަމްގެ އަޑު ބޭރު ވުމާއިއެކު މުޅި ތަނުގައި އަތްތިލަ ބަޑީގެ އަޑު ގުގުމައިލިއެވެ. އެންމެން ކަހަލަ ގޮތަކަށް އަވަސްވެގަތީ އަލަތު ދެމަފިރިންނަށް މަރުހަބާ ކިއުމަށެވެ.
ދެމަފިރިން ތިބެން ހަމަޖެހިފައިވީ ސްޓޭޖް ކޮޅަށް ލިއަމްއާއި ޖަނާއައެވެ. ޖަނާގެ ދިގު ހެދުމުގެ ފަސްބައި ރަނގަޅު ކޮއްލަ ދިނުމަށް އަހަރެން އެހީތެރި ވެދިނީމެވެ. ލިއަމްއާއި ޖަނާ ހަމަ ޖެހިލުމާއިއެކު އެންމެންވެސް އަވަސްވެލީ ކައިވެނީގެ ހަފްލާއަށް އަންނަ މީހުން އައުމުގެ ކުރިން ފޮޓޯ ކޮޅެއް ނެގުމަށެވެ. އާއިލާއާއި ރައްޓެހިން ކައިވެނި ކުރެވުނު ދެމިހުންނާއިއެކު ފޮޓޯ ނަގަމުން ދިއައެވެ. އަހަރެންވެސް ޖަނާއާއި ލިއަމްއާއި އެކު އެތަށް ފޮޓޯއެއް ނެގައި ކައިވެނީގެ ތަހުނިޔާ ކީމެވެ.
މުޅި މާހައުލަށް ވެރިވެފައިވީ އުފާވެރިކަމެވެ. ހުނުމާއި ސަކަރާތް ޖެހުމުގެ އަޑު ތަކާއި އަލަތު ދެމަފިރިންނާއި ދިމާކުރުމުގެ ގޮތުން އާއިލާއާއި ރައްޓެހިން ބުނެލަމުން ދިޔަ ބަސްތަކުންނެވެ. ކުޑަކުދިންތަށް އެމީހުންގެ ރީތި ލޯބި ހެދުންކޮޅު ތަކުގައި ދޮންވެލިގަނޑުމަތީގައި ފުމެ ދުވެ ސަކަރާތް ޖެހުމުގައި އުޅެއެވެ. އެކުދިންނަށް ވެސް ހީވަނީ އީދެއް އައިސްގެން އުޅޭ ހެންނެވެ.
ފަހެއް ޖެހިއިރު މީހުންތަށް އައުމަށް ހަމަޖެހިފައިވީ ލޯންޗުގައި އަންނަން ފަށައިފިއެވެ. މީހުންނަސް ފަސޭހަ ވާނެހެން ފާލަމުން ފައިބައިގެން ދެތިން މިނެޓުން ހިނގާލާފައި އާދެވޭ ގޮތަށް ހުރީ ޕާޓީގެ ކަންކަން ހަމަޖައްސާފައެވެ.
މީހުންތަށް ގިނަވާން ފެށުމުން މާހައުލު އިތުރަށް ހަލަބޮލި ވެއްޖެއެވެ. ރިސޯޓެއްގައި ބޭއްވުނު ކަމުގައި ވިޔަސް ހަފްލާއަކީ ބޮޑު ހަފްލާއެއްކަމުން މީހުންތަށް ދިއައީ މަޑުމަޑުން ގިނަވަމުންނެވެ. އަހަރެންވެސް ހަފްލާ ތެރޭގައި ޖަނާގެ ގާތުގައިވެސް މަޑުކޮށްލަމުން މަންމަމެން ތިބި މޭޒުގައި މަޑުކޮށްލަމުން އަދި ކަންކަން ކުރިއަށް ދަނީ ރަނގަލަށްތޯ ބަލަމުން އުޅުނީމެވެ. ހަފްލާއަށް އަންނަ މީހުން އަލަތު ދެމަފިރިންނަށް މަރުހަބާ ކިއުމަށްފަހު ކެއުމަށް އިންސާފް ކުރަމުން ދިއައެވެ. ހެދިކާގެ އެކި ބާވަތް ތަކުން ބުފޭ ހަދާލާފައިވާއިރު ބުއިމަށްވެސް ތަފާތު ވައްތަކުގެ ބުއިންތަށް ކުޅަދާނަ ޝެފުން ދަނީ ވަގުތުން ތައްޔާރު ކޮށްދެމުންނެވެ.
ހަފްލާ ވަރަށް ހިތްގައިމެވެ. ވަރަށް ރީއްޗެވެ. ވަރަށް ކުރިއާލައި ރޭވިގެން ވަރަށް ރޭވުންތެރި ކަމާއިއެކު ރާވާފައިޥާ ހަފްލާއެއްކަން ބަލައިލި ކޮންމެ ދިމާއަކުން ދަނީ އެނގެމުންނެވެ.
އިރު އޮއްސެމުން ދިއަ ވަގުތަށް ވުމުން އުޑުމަތީގައި ވަނީ އެކިކުލަކުލައިގެ ވިލާތަކުން ޖަރީ ވެފައެވެ. ކަނޑުގެ ލޮނުގަނޑަށް އެޅިފައިވީ އިރުގެ ރަންދޯދިތަކުން އެމަނަޒަރު ފެންނަނީ ކުރެހުންތެރިއެއްގެ ފިއްސަށްވެސް އެމަންޒަރު ސިފަ ކޮށް ނުދެވޭނެހާ ކުލަގަދަކޮށް ޗާލު ކޮށެވެ. އުޑުމަތީގައި ރަތްވިލާ ލައިފައި ވުމުން ހިސާބެއްގެ އަނދިރިކަމެއްވެސް މާހައުލަށް ވެރިވާން ފަށައިފިއެވެ. އެ އަނދިރިކަން ކުޑަވެފައިވީ ޖަނާމެންގެ ކައިވެނީގެ ހަފްލާގައި ދިއްލާފައިވީ ބޮކިފަތިތަކުންނެވެ. ތަންކޮޅެއް ދުރުން ކޮންމެވެސް ވަރަކަށް ވިއްސާރައިގެ ކުލަވަރު ދައްކަން ކުޅޭ ކަމުގެ ނިޝާންތަށްވެސް އުޑުމަތިން ފެންނަން އުޅޭހެން ހީވެއެވެ.
އަހަރެން ޖަނާއަށް ބަލައިލަމުން ހިނިތުން ވެލީމެވެ. އެމޫނުމަތިން މިހާރު ހިނިތުންވުން ނޫން އެހެން ކުލަވަރެއް ނުވެއެވެ. އިރުއިރު ކޮޅާ ލިއަމް ބުނެލާ ލާނެއް ބަސްތަކުން ލަދުން މޯޅިވާތަން ވެސް އަހަރެންނަށް ފެނެއެވެ. މީހުން ގިނަވަމުން ދާތީ އަހަރެން ހުއްޓިލައިގެން ހުރީ ތަންކޮޅެއް ދުރު އެކަހެރި ހިސާބެއްގައެވެ. ހޭޅީފަށުގައިވާ ދޮންވެލިގަނޑަށް ފައި ގަނބައިގެން ދާތީ އަރައިގެން ހުރި ފައިވާ ބޭލިތާ މިހާރު ކިތަންމެ އިރެކެވެ. ކުރިމަތިން ފެންނަން އޮތް ސާފު މޫދާއި އެ މޫދާޢި ގުޅިފައިވީ ދޮންވެލިގަނޑަށް ބީއްސަމުން ދިއަ ރާޅުތަކަށް އަހަރެން ބަލަން ހުރީމެވެ.
ވާތް ފަރާތަށް އަހަރެންނަށް ބަލައިލެވުނު ވަގުތު ފެނިގެން ދިއަ ރުހާމްގެ ސޫރައިން އަހަރެން ހުއްޓުން އެރިއެވެ. ސީދާ އަހަރެންނަށް ބަލަން ހުރިއިރު ރުހާމްގެ އަތުގައި ހިފާލައިގެން ހުރި ޒުވާން އަންހެން ކުއްޖާވެސް ކުއްލިއަކަށް އަހަރެންނަށް ބަލައިލަމުން ތުން އަނބުރައިލިއެވެ. އެއީ ޝެލީންއެވެ. އަހަރެންނާއި އިނދެގެން ހުރެވެސް ރުހާމް ގުޅުން ބޭއްވި ކުއްޖެކެވެ. އަދި މިހާރު ރުހާމް މިހާރު “ގެންގުޅޭ” ކުއްޖާއެވެ. ރިސޯޓަށް އެމީހުން އައިސް އެއުޅެނީ މަޖާކޮށްލަން ކަން ކަށަވަރެވެ. އިއްތިފާޤަކުން ރުހާމްއަށްވެސް އަދި އަހަރެންނަށްވެސް އާދެވިފައި މިތިބީ އެއްތަނަކަށެވެ.
އަހަރެންގެ ހިތް އިންޒާރު ދޭން ފެށީ ރުހާމް ކޮށްފާނެ ކަމެއް ނޭނގޭތީ އެތަނުން އަވަހަށް ދިއުމަށެވެ. މިވޭތުވެ ދިއަ ތިންމަސް ދުވަހު ރުހާމްގެ އުނދަގުލެއް ނުޖެހުނު ކަމަށް ވިއަސް މިފަދަ ގޮތަކަށް އަދި މީހުންނާއި އެކަހެރިކޮށް އަހަރެން ހުއްޓައި ފެނުމުން އޭނާގެ އުނދަގުލެއް ފޯރަފާނެ ކަމުގެ ބިރު ހިތުގައި ދުވެލިއެވެ.
ހިތަށް ވެރިވި ހާސްކަމާއި ބިރުވެރި ކަމާއިއެކު އަހަރެންނަށް ކަނާތް ފަރާތަށް އެނބުރި ރުހާމްއާއި ދުރަށް ހިނގައި ގަނެވުނެވެ. އެކަމަކު އަހަރެންނަށް ނެގުނީ ދެ ފިޔަވަޅެވެ. ޖެހިލި މަޑުމަޑު ލުއި ވައިރޯޅިތައް އަހަރެންގެ ނޭފަތާއި ހަމައަށް ގެނެސްދިނީ އަހަރެން ދުވަހަކުވެސް ހަނދައިން ނުނެތުނު ފިރިހެންވަންތަ ސެންޓުގެ ވަހެވެ. “އޭނާގެ” ވަހެވެ. ރުހާމްދެކެ ގަނެފައި ހުރި ބިރާއި ހާސްކަން ދުވެ ފިލި ތަނެއްވެސް އަހަރެންނަށް ނޭނގުނީ ކުރިމަތިން ފެނުނު އިސްކޮޅުން ދިގު، ބިޔަ، ކަސްރަތީ ހަށިގަނޑުގެ ވެރިޔާ ފެނުމުންނެވެ. އަހަރެންގެ އަރުބެދި ވައިނޮޅީގައި ނޭވާތާށިވި ކަހަލައެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅުނެވެ. އެ ހިތްވަރުވެސް އަހަރެންނަށް ކެހި ދީފައި ފިލައިފިއެވެ. ހިތަށް ވެރިވީ އުފާވެރިކަން ކަމެއް ހާސްކަން ކަމެއް ބުނެދޭކަށް ނޭނގުނެވެ. ވާންވީ އުފާ ކަމެއް ގަންނަންވީ ލަދުކަމެއް ނުވަތަ ވާންވީ ދެރަ ކަމެއްވެސް ނޭނގުނެވެ. ދެން ހަދަންވީ ގޮތެއްވެސް ނޭނގުނެވެ. މުޅި ސިކުނޑި ހުސްވި ކަހަލައެވެ.
ދުވަހަކުވެސް…. ދުވަހަކުވެސް…… މުޅި އުމުރު ހުސްވިޔަސް ދެން ފެނިދާނެ ކަމަށް އަދި ބައްދަލު ވެދާނެ ކަމަށްވެސް ހީކުރެވިފައި ނުވާ އިންސާނާ އެހުރީ އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެން އަހަރެންނާއި ވިއްސަކަށް ފޫޓު ދުރުގައެވެ. އަހަރެންނަށް ނަޒަރު ވަކިކޮށް ނުލެވިފައި ހުއްޓައި އަބަދުގެވެސް އެ ބަރު އަދި ފިރިހެން ހިނގުމުގައި އަހަރެންނާއި ދިމާއަށް އަންނަން ފަށައިފިއެވެ.
ފަހަތުން އަހަރެން ބިރުން ދުވެ ފިލަން ބޭނުންވި އަހަރެންގެ ބިރުވެރި މާޒީއެވެ. އަހަރެންގެ ކުރިމަތިން، އެކުގައި ވުމުގެ ނަސީބު ލިބިފައި ނެތަސް ހިތުން ނުފުހެވުނު ލޯބިވެރިޔާއެވެ. ވާތް ފަރާތުން މޫދާއި ކަނޑެވެ. އޮއްސެމުން ދިއަ އިރު ދައްކަމުން ދިއަ ރީތި ކުލަކުލައިގެ ދަޅަ ތަކެވެ. ކަނާތް ފަރާތުން ކަނު އަނދިރިކަން ވެރިވަމުން ދިޔަ ގަސްތަކެވެ. ދާންވީ ކޮޅެއް ނޭނގިފައި، ދާންވީކަމެއްވެސް ނޭނގިފައި، އަދި ފިޔަވަޅެއް ނަގާނެހާ ހިތްވަރުވެސް ނެތިފައި، އަހަރެންނަށް ހުރެވުނީ ކުރިމަތިން އަންނަމުން ދިއަ ހިތް ކަތިލާފަދަ ރީތި ފިރިހެނާގެ އެ ޖާދުވީ ސިހުރުގައި ޖެހިފައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Woww, sifa kurunthah salhi kamun heevany e resort beach ga hurevey hen 🤩🤩
Curiously waiting for the next part, when’s next 👀👀
Awwn so happy to hear that🥰
Next part on Friday🫰🏻