ގާތުގާ… 27
އަހަރެންގެ ހަރަކާތް ދެނެގަނެ، ކޯޓުލުމަށް ޓަކައި ޒާނާ ފުރަގަހަށް އެނބުރިލިއެވެ. އެހިނދު ޖެހިލި ވައިރޯޅިން ޒާނާގެ އިސްތަށިގަނޑު ކުޑަކޮށް އެއްފަރާތް ވެލި ވަގުތު ޒާނާގެ ބުރަކަށި ފުދޭވަރަކަށް ކަޝްފުވިއެވެ. އަހަރެންނަށް ކޯޓުގައި ބާރަށް ހިފަހައްޓާއި ލެވުނީ ފަހުން ހިތާމަ ކުރަން ޖެހޭވަރުގެ އަމަލެއް ކުރެވިދާނެތީ ނަފްސު ހަމައަކަށް އަޅުވައި ލުމަށެވެ. ނަމަވެސް އަހަރެންގެ ދެލޯ އަހަރެންގެ ބަހެއް ނޭހިއެވެ. ބަނޑިޔާދަން އެ ރީތި ހަށިގަނޑަށް ކަޅި ޖަހައިނުލައި ބަލަހައްޓައިގެން އަހަރެން ހުއްޓައި ދެން އަދިވީ މާ ދެރަ ގޮތެކެވެ. މުޅި އިސްތަށިގަނޑު އެއްކޮށް އެއްފަރާތު ކޮނޑުމައްޗަކަށް ޒާނާ ގެނައީ ކޯޓު ލުމަށްޓަކައެވެ. ސަހަރޯއެވެ. މިވަރުން ދަންޏާ ކަމެއް ނުކުރެވި ހުންނާނެ ބާއެވެ؟ އަހަރެންވެސް މިއީ އިންސާނެކެވެ. މަލާއިކަތެއް ނޫނެވެ.
*********
ކޯޓުލަމުން ޒާނާ އަހަރެންނާއި ދިމާއަށް އެބުރިލިއެވެ. ފެންނަމުން ދިއަ ދުނިޔޭގެ އަޖައިބުން ގަނޑުވެފައި ހުރި އަހަރެންނަށް ތެޅިގަނެފައި ޒާނާއާއި ދުރަށް ޖެހިލަމުން ހަމަ ޖެހިލެވޭތޯ މަސައްކަތް ކުރީމެވެ.
“އާދޭ އިށީންނަން…..” އަހަރެން ފާލަމުގެ ކޮޅަށް އިޝާރާތް ކޮށްލަމުން ބުނީމެވެ. ޒާނާ މަޑުމަޑުން އައިސް ފާލަމުގެ ކޮޅުގައި މޫދަށް ދެފައި ލައިގެން އިށީނެވެ. އަހަރެންވެސް ޒާނާއާއި ޖެހިގެން ފޫޓެއްހައި ގާތުގައި އިށީނީމެވެ. އަހަރެން އެހައި ގާތުގައި އިށީނުމުން ޒާނާގެ ހަށިގަނޑަށް ހަރުކަށިކަމެއް ވެރިވެގެން ދިއަ ގޮތުން މި ބައްދަލު ވުމުން އަސަރުތަކެއް ކުރަމުން ދަނީ ހަމައެކަނި އަހަރެންނަށް ނޫންކަން އަހަރެންނަށް ދޭހަވިއެވެ.
ދައްކާނެ ވާހަކައެއް ނޭނގިފައި، ނަމަވެސް ސުވާލުތަކެއް އަހަން ބޭނުން ވެފައި އިން ކަހަލަ ގޮތަކަށް ޒާނާ އިނެވެ. އަހަރެން ރަނގަޅަށް ޒާނާއަށް ހިތް ފުރޭންދެން ބަލައިލީމެވެ. އަހަރެން ކައިރީގައި އިށީނދެ އިންނަ އިރުވެސް ޒާނާއަކީ ކުރު އަންހެން ކުއްޖެއްކަން ދުރުން ބަލާ މީހަކަށް ވެސް ފާހަގަ ވާނެއެވެ. މަޑު ފެހިކުލައިގެ އެހެދުހުން ޒާނާއާއި ވަރަށް ގުޅެއެވެ. ދިގު އިސްތަށިގަނޑު ފަހަތަށް ދޫކޮށްލާފައިވީ އިރު ޖެހެމުން ދިއަ ވައިރޯޅިތައް ދަނީ އެ އިސްތަށިގަނޑާއި ސަމާސާ ކުރަމުން ޒާނާއަށް އުނދަގޫ ކުރަމުންނެވެ. އަހަރެންގެ ކޯޓު ލައިގެން އިންއިރު އެކޯޓު އެތަށް ތަނެއް ޒާނާއަށް ބޮޑެވެ. ކޯތުގެ އަތް މާ ދިގުވެ، ކޯޓުގެ އަތް އުނދަގު ނުވާނެ ވަރަށް ވަނީ އޮޅާލާފައެވެ. ކޮންމެވެސް ސަބަބަކާއި ހުރެ އަހަރެންނަށް ހިތަށް ފިނިކުރުވާ ފަދަ މަންޒަރަކަށް އެމަންޒަރު ވެ ނިމިއްޖެއެވެ. އަދި ޖެހިލާ ފިނި ވައިރޯޅިތަށް ޒާނާގެ މީރުވަސް އަހަރެންނާއި ހަމައަށް ގެނައުމުގައި ކުރިހޯދަމުން ދިއައެވެ.
” އައި މިސްޑް ޔޫ….” ހަމަހިމޭންކަން މާ ދިގުދެމިގެން ދާން ފެށުމުން އިޙުތިޔާރަކާއި ނުލައި އަހަރެންނަށް ބުނެވުނެވެ. ޒާނާ އަހަރެންނަށް ކުއްލިއަކަށް ބަލައިލިއެވެ. އެ މޫނު މަތިން އެތަކެއް ކުލަ ތަކެއް ފެންނަމުން ދިއައެވެ. އަހަރެންގެ އެބަސްތަށް އަޑު އަހަން ކެތްމަދު ވެފައި އިން ކަމުގެ ނިޝާން ތަކެވެ. ފެންކަޅި ވަމުން ދިއަ އެ ބޮޑު ދެލޮލުން އަހަރެންވެސް މިސްވިޔޭ ބުނެލި ކަހަލައެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އެދެލޮލުން އެތަކެއް ވާހަކަ ތަކެއް ބުނެދިނެވެ. ބަހެއް ބުނުމަކާއި ނުލައި އެތަކެއް ވާހަކަ ތަކެއް ބުނެދީފިއެވެ. އެދެލޮލުން ކުރިން ނެތް ދިރުމެއް ދުވެލި ކަހަލަ އިހުސާސެއް އަހަރެންނަށް ކުރުވިއެވެ. އަހަރެންގެ ވާއަތުން ޒާނާގެ މޫނަށް ގޯނާ ކުރަމުން ދިއަ އިސްތަށިތަށް ނަގައި ކަންފަތް ކައިރިއަށް ލައްވައިލަ ދިނީމެވެ. އަހަރެންގެ އިނގިލިތަށް އެ އޮމާން، ދޮން ކޯތާ ފަތުގައި ބީހުނު ވަގުތު އެ ދެކޮލަށް ވެރިވެގެން ދިޔަ ޖަންބުކުލައިން އަހަރެންނަށް އިޙުތިޔާރަކާއި ނުލައި ހީލެވުނެވެ. ލޯބީގެ ލާނެއް ސަމާސާއެއް ކޮށްލަން އަހަރެންގެ ހިތް އެދި ގޮވަން ފެށިއެވެ. ނަމަވެސް އަހަރެން ކެތްތެރި ވީމެވެ. ވަރަށް ކެތްތެރި ވީމެވެ.
” ޒާނާ ކިހިނެތް…؟” އަހަރެން އަތް ތިރި ކޮށްލަމުން އަހައިލީމެވެ.
“ރަނގަޅު…” ކުރު ޖަވާބެއް ޒާނާ ދިނެވެ.
” ނާވީ ކިހިނެތް…؟” ޒާނާ އަހައިލިއެވެ. އަހަރެންނަށް ޒާނާއަށް ބަލައި ލެވުނީ އަދިވެސް ކުރީގައި ޒާނާ އަހަރެންނަށް ކިޔާ ނަން ކިއުމުންނެވެ.
” ރަނގަޅު…” އަހަރެންވެސް ބުނީމެވެ. ދެން ދެމިގެން ދިއައީ ހަމަހިމޭން ކަމުގެ މިނެޓު ތަކެކެވެ. ނަމަވެސް ދުލުން ބަހެއް ނުބުނި ކަމުގައިވިޔަސް ދެމީހުންނަށްވެސް ދިޔައީ އެކަކު އަނެއްކަކު ކައިރީގައި ތިބެވުނީތީ އެކަމުގެ ހިތްހަމަ ޖެހުން ހާސިލް ކުރެވެމުންނެވެ.
” އަހަރެން ދެކެ ރުޅިއެއް ނާދޭތަ…؟” އެންމެ ފަހުން ޒާނާ އަހައިލިއެވެ. އިސްދަށަށް ޖަހައިގެން އިންގޮތުން އަމިއްލަ ނަފްސު ކުށްވެރި ކުރަނީކަން އަހަރެންނަށް އެނގުނެވެ. އަހަރެންގެ މޭ ކަރައިލިއެވެ.
” ތިހާ ލޯބި ކުއްޖެއް ދެކެ ކިހިނެތް ރުޅި އަންނާނީ….؟” އަހަރެން ގަސްތުގައި ރޮމޭންޓިކް ވެލާފައި ބުނެލީ ޒާނާގެ މޫޑު ބަދަލު ކޮށްލުމުގެ ނިޔަތުގައެވެ. ނަމަވެސް އަހަރެންގެ ދުލުން ބޭރުވީ ތެދު ހަޤީގަތެވެ. އެކަމަށް އަހަރެންގެ މުޅީ ނަފްސުވެސް ހެކިވިއެވެ. އަހަރެންގެ ޖަވާބު އަޑު އިވުމުން ޒާނާ އަހަރެންނަށް ބަލައިލިއެވެ.
“އަހަރެން ހީކުރީ ރުޅީ އައިސް ކަމަށް ހުންނާނީ….” ޒާނާ ބުންޏެވެ. ހިން ދިރުވައިލި ގޮތުން އަދިވެސް އެހަނދާން ތަކުން އެހިތަށް ޝިފާއެއް ނުލިބޭކަން ދޭހަވިއެވެ. އަހަރެންގެ ހިތް ރޯލިއެވެ. ދައްކަން އެއީ އަހަރެންނަކަށްވެސް ފަސޭހަ ވާހަކަ ތަކެއް ނޫނެވެ. އެ ރޭ ކުދިކުދިވެ ފިސްފިސް ވެގެން ދިއައީ ހަމައެކަނި އަހަރެންގެ ހިތް އެކަންޏެއް ނޫނެވެ.
” ހިއެއް ނުކުރަން ދެން ދުވަހަކުވެސް ފެނިދާނެ ކަމަކަށް…” ޒާނާ ދުރު ބަލައިލަމުން ބުންޏެވެ. އަހަރެންނަށް ބަލާލާނެހާ ހިތްވަރު ނެތީ ކަހަލައެވެ.
” ހީކުރީ ވަރަށް ރުޅިއައިސް ކަމަށް ހުންނާނީ…” ޒާނާ އިސްދަށަށް ޖަހައިލިއެވެ.
” ދުވަހަކުވެސް ދެން ބައްދަލު ވެދާނެ ކަމަކަށް…… އުއްމީދު ކޮށްލާކަށްވެސް ނުކެރުނު…” ޒާނާގެ އަޑު ކުރެހިގެން ދިއައެވެ. އަހަރެންގެ ހިތުގައިވެސް ޖެހުނެވެ. ނަމަވެސް އަހަރެން ޒާނާއަށް ވާހަކަ ދައްކަން ފުރުސަތު ދީގެން އިނީމެވެ.
” ކިހިނެތްވީ ތިއައީ….؟ ” ޒާނާ އަހަރެންނާއި ހަތަރުކަޅި ހަމަކޮށްލަމުން އަހައިލީ ހިނދުކޮޅެއްގެ ހަމަހިމޭން ކަމަކަށް ފަހުއެވެ.
” އެދުވަހުވެސް ބުނީމޭނުން ސިންގަލް ވެއްޖެއްޔާ އަންނާނަމޭ…” އަހަރެން މީގެ ހަތް އަހަރު ކުރީގެ ހަނދާނެއް އާ ކޮށް ދިނީމެވެ. އެދުވަހުވެސް އެވީ ވަޢުދުގެ ތެދުކަން ހާމަ ކޮށްދެވޭތޯ ބެލީމެވެ.
” ކިހިނެއް އެހާ އަވަހަށް….؟” ޒާނާ އަހައިލިއެވެ. ވާނީވެސް އެހެންތާއެވެ. ވަރީގެ ކަންކަން އެއްކޮށް ނިމުނީ މިއަދުއެވެ. ކެތް ނުވެގެން ހަމަ މިއަދު އަހަރެން އައިސް މިހުރީ ޒާނާ ކައިރީގައެވެ. އަހަރެންގެ ކެތްތެރި ކަމެއް ނެތްވަރު ހިތަށް އަރާފައި އަހަރެންގެ ހިތް މޮޔަ ކަމާއި މެދު ކުޑަކޮށް ލަދުވެސް ގަތެވެ.
” މިއަދު ޑިވޯސް ކަންކަން އެއްކޮށް ނިމުނީ…” ޤަބޫލު ނުކުރެވިގެން ޒާނާ އަހަރެންނަށް ބަލައިލިއެވެ. އެ ބަލާލުމުން އަހަރެން ހުރީ ޒާނާ މިނިވަން ނުވެގެން ކަން އެނގުނު ކަން ދޭހަވިކަން އެނގުނެވެ. އަހަރެންގެ ހިތުގައި ޒާނާއަށް ދެވިފައި އޮތް މަތިވެރި ދަރަޖަ ފަހުމްވިކަން ދޭހަވެގެން ދިއަދިއަހެން އެދެލޯ ފެންކަޅިވާން ފެށީ އުފަލުން ކަމަށް އަހަރެން އުއްމީދު ކުރީމެވެ.
“އަދިވެސް ބޭނުންތަ…؟” ކުރެހިގެން ދިއަ އަޑާއިއެކު ޒާނާ އަހައިލިއެވެ. އެ ދެލޯ އަހަރެންގެ ޖަވާބަކަށް އެދި ގޮވަމުން ދިއައެވެ. ލޯބިވެޔޭ ބުނެލާށޭ ބުނަމުން ދިއައެވެ. އަހަރެން ޒާނާގެ ދެލޮލަށް ސީދާ ބަލަން އިނދެ ބޯ ޖަހައިލީމެވެ.
” އަދިވެސް ލޯބި ވޭތަ….؟” ސުވާލަކަށް ފަހު ސުވާލެއް ޒާނާ ކުރަމުން ދިއައެވެ.
” ޝައްކުތަ…..؟” އަހަރެން ޔަޤީން ކަން ދިނީމެވެ. އެ ލޯތްބަށް ދެގޮތެއް ނުވާކަމަށް ހެކިވާން އަހަރެން ކުޑަކޮށްވެސް ފަސްނުޖެހެމެވެ. މިހާރު އެއީ މީހެއްގެ ހައްޤެއް ނޫނެވެ. މިނިވަނެކެވެ. އަހަރެންނަށް މަގު އޮތީ ސާފުވެފައި އެދި ގޮވަގޮވައި ކަހަލައެވެ. އަހަރެމްގެ ކޮންމެ ޖަވާބަކުން ޒާނާގެ ސުވާލުތަށް ދާނީ ގިނަވަމުން ކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް މިރޭ އެއްވެސް ކަމެއް ފޮރުވާކަށް އަހަރެން ބޭނުމެއް ނޫނެވެ. ޒާނާ އެދުނު ވަރަކަށް ޒާނާއަށް އަންގައި ދޭނަމެވެ.
” އަހަރެންނަށް ފާރަ ލަނީތަ..؟” އެއްޗެއް ވިސްނިގެން ކަހަލަ ގޮތަކަށް ކުއްލިއަކަށް ޒާނާގެ ރާގު ބަދަލުވިއެވެ. ނުތަނަވަސް ކަމަކާއި އެކު ހައިރާން ވެފައި ޒާނާ އަހައިލިއެވެ.
” އަބަދުވެސް…..” ނަމަވެސް އަހަރެން އެއްލޯ މަރައިލަމުން ބުނެލީމެވެ. ލާނެއް ވެލެވޭތޯ ބެލީމެވެ.
” ކިހިނެތް….؟ އަހަރެންގެ ހުރިހާ ކަމެއްވެސް އެނގޭތަ…؟” ސުވާލު އުފެދި އަދި ކުއްލި ހާސްކަމެއް އެމޫނަށް ވެރިވެގެން ދިއަތަން އަހަރެންނަށް ފެނުނެވެ. މާހައުލަށް ވެރިވެފައިވީ ފިނިކަމާއިއެކުވެސް އެމޫނުމަތިން ދާތިކިތަށް ބަބުޅައިލިތަން އަހަރެންނަށް ފެނުނެވެ.
” ބައެއް ކަންކަން….” އަހަރެން ބުނެލީމެވެ. އަހަރެންގެ ޖަވާބުން ޒާނާ ކުޑަކޮށް ހަމަޖެހިލިއެވެ. ރުހާމްގެ ވާހަކަ އަހަރެންނަށް އަންގަން ބޭނުން ނުވީ ކަން އަހަރެންނަށް އެމޫނުމަތިން ރަނގަޅަށް އެނގި ދޭހަވިއެވެ. ހުރިހާ ކަމެއް އެގި ސާފުވެފައި އަހަރެންނަށް ވިޔަސް ނޭނގޭ ކަމަށް އަހަރެން ހެދީ ޒާނާއަށް ވަގުތު ދިނުމުގެ ބޭނުމުގައެވެ.
” އޯހް… އެހެންތަ…؟” ޒާނާ ހަމަޖެހިލިއެވެ. ހަމަހިމޭންކަމުގައި އަނެއްކާވެސް ސިކުންތު ތަކެއް ވޭތުވާން ފެށިއެވެ. ކުރިން ނަމަ ޒާނާގެ އަނގަ ގަނޑު ނުހުއްޓުނީހެވެ. ދައްކާނެ ވާހަކަ ހުސްނުވީހެވެ. އަދި އެވާހަކަތައް އަޑުއަހަން އެއްވެސް ފޫހި ކަމެއް ނެތި އަހަރެން އެތަށް ވަގުތެއް އިނީހެވެ. ނަމަވެސް މިހާރު ޒާނާ ފެންނަނީ ނެގިމަޑުވެފައި އިންދައެވެ. އެ ދުލަށް ބަހެއް ގެނައުމުގައިވެސް ނުކުޅެދިފައި ވީ ކަހަލައެވެ. ޒާނާއަށް އައިސްފައިވީ ބޮޑު ބަދަލު އަހަރެންނަށް ވަރަށް ބޮޑަށް ފާހަގަވިއެވެ. އެހަމަހިމޭން ކަމުން އަހަރެންނަށް އުނދަގޫ ތަކެއް ކުރުވިއެވެ. އެހެން ކަމުން އެހަމަހިމޭން ކަން ފުނޑު ފުނޑު ކޮށްލަން އަހަރެން ބޭނުން ވިއެވެ.
” ވާހަކައެއް އަހައިލަންތަ…؟ އެކަމަކު ޒާނާ ބޭނުމިއްޔާ އިނގޭ ޖަވާބު ދޭނީ….” އަހަރެން އަހައިލީމެވެ. ޒާނާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.
” ކީއްވެ ޑިވޯސް ވީ..؟” އަހަރެން ޒާނާގެ ދުލުން އެނގެން ބޭނުން ވެގެން އަހައިލީމެވެ. ޒާނާ ދުރު ބަލައިލި ގޮތުން އެސުވާލުގެ ޖަވާބު ދޭން ޒާނާއަށް އުނދަގުވިކަން ދޭހަވިއެވެ.
” ނޫޅެވުނީ….” ޒާނާ ދިން ކުރު ޖަވާބުން ޒާނާ އެވާހަކަ ދައްކަން ބޭނުން ނުވާވަރު އަހަރެންނަށް ދޭހަވިއެވެ. އެހެންކަމުން އިތުރަށް އެވާހަކަ އަހާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ޒާނާ ބޭނުން ދުވަހަކުން އެވާހަކަ ޒާނާ ކިޔާ ދޭންދެން އަހަރެންވެސް ހުންނަން އަހަރެން ނިންމީމެވެ. ބޯޖަހައިލަމުން އަހަރެން ޒާނާއަށް ލުއި ހިނިތުން ވުމެއް ދިނީމެވެ.
” އަހަރެންވެސް ވާހަކައެއް އަހާލަންތަ…؟” ޒާނާ އަހައލިއެވެ. މަޑުމަޑުން ޒާނާ ހަމަޖެހެމުން އަންނަކަން އަހަރެންނަށް ފާހަގަ ވާން ފެށިއެވެ.
” އަމް…. ނަވީން މެރިޑްއެއް ނޫން ދޯ…” ވަރަށް ނުކެރިފައި އިނދެ، ދެކޯ ރަތް ކޮށްލަމުން ޒާނާ އަހައިލިއެވެ. އަހަރެންގެ ހިތް ޒާނާއާއި ސަމާސާއެއް ކޮށްލާ ކުޑަކޮށް ތަޅުވައިލަން ހިތަށް އެރިއެވެ.
” އަހަރެން އާއެކޭ ބުނެފިއްޔާ….؟” އަހަރެން އަހައިލީމެވެ. ޒާނާ އަހަރެންނަށް ކުއްލިއަކަށް ބަލައިލިއެވެ.
” މެރީޑް ވިޔަސް ކޮބާ މައްސަލައަކީ…” އަހަރެން ބުނެލީމެވެ. އަހަރެންގެ ޖަވާބުން ޒާނާގެ މޫނުމަތީގެ ކުލަވަރު އެކަށް އޮއްސިގެން ދިއަތަން އަހަރެންނަށް ފެނުނެވެ.
ނުނިމޭ
*******
ކުރިއަށް އިތް އެޕިސޯޑުގެ ތެރެއިން….
” މިހާރު ނަވީން، ނަވީންގެ އަންހެނުންނަށް ތިހަދާހެން ހަމަ ރުހާމްވެސް އަހަރެންނަށް ހެދީ……”
*****
” ނަވީން މެރީޑް ވިއްޔާ ކީއްކުރަން އަހަރެން ކުރިމައްޗަށް ތިއައީ….؟ އަހަރެން ނަވީންގެ ހިތުގަ ޖެއްސީތީ އަހަރެންގެ ހިތުގައިވެސް ޖައްސާލަންތަ ނަވީން ބޭނުން ވަނީ…؟ މީހަކާއި އިނދެގެން އުޅެންޔާ ކީއްވެ ލޯބިވެޔޭ ބުނީ…؟ ކީއްވެ އަދިވެސް ބޭނުމޭ ބުނީ…؟”
*****

