ފަތިސް ނަމާދުކޮށްގެން ބަދިގެއަށް ރަހުމާ ވަދުނީ ޝަފީޤުއަށް ހެނދުނު ސައި ތައްޔާރުކުރަންށެވެ. އޭނާގެ ފަހަތުން އަސާގަނޑުގެ އެހީގައި ޝަފީޤްވެސް އެބަދިގެއަށް ވަދުނެވެ. ދެމީހުން އެކި އެކި ވާހަކަ ދައްކަމުން، ސަމާސާކުރަމުން ހެނދުނުގެ ނާސްތާ އިންސާފުކުރިއެވެ.
ރަހުމާ ބަދިގެ ސާފުކުރަން އުޅުމާއެކު، ޝަފީޤް ހިނގައިގަތީ ސިޓިން ރޫމަށެވެ. އެހެން އުޅެމުން ދަނިކޮށް ޝަފީޤް ފެންތަށްޓެއް ގެނެސްދިނުމަށް އެދުނެވެ. ރަހުމާ އެ އެދުމައިގެން އަވަސްވެގަނެ، ކުރަން ހުރި މަސައްކަތް ހުއްޓައިލައިފައި، ފެން ތަށްޓެއް ހިފައިގެން ސިޓިން ރޫމަށް ނުކުތެވެ. އެހެނަސް ފެނުނު މަންޒަރަކާ އެއްކޮށް، އޭނާގެ އަރުތެރެއިން ނުކުތީ ވޭނީ ހަޅޭކެކެވެ. އަތުގައި އޮތް ފެންތަށި ވައިގެ ތެރެއަށް ދޫކޮށްލުމަށްފަހު އޭނާ ދުއްވައިގަތީ ސޯފާ މައްޗަށް ވެއްޓިފައި އޮތް ޝަފީޤާ ދިމާލަށެވެ.
“ޝަފީޤް! ޝަފީޤް ދެލޯ ހުޅުވާބަލަ! ރަޒާން! އުސްމާން!” ޝަފީޤް މޫނުގައި ދެތިން ފަހަރަކު މަޑުމަޑުން ޖަހާލަމުން ރަހުމާ އާދޭސް ކުރަމުން ދިޔައެވެ. އެވަގުތު އޭނާގެ މޭބަދައިން ފިނިކަމެއް ދަތުރުކުރިއެވެ. އަތް ތުރުތުރު އަޅާހާލު ޝަފީޤްގެ ނޭފަތާ ކައިރި ކޮށްލިއެވެ.
“ނޫން..ނޫން..ޝަފީޤް ދެލޯ ހުޅުވާބަލަ. ޔާﷲ…” އޭނާގެ ދެއަތްތެރެއަށް އެ ލޯބިވާ ފިރިމީހާގެ މޫނު ގެނައެވެ. އޮހެގެން ދިޔަ ކަރުނަތައް އެނާގެ ހަޔާތުގެ ތިރީސް އަހަރުގެ ބައިވެރިޔާގެ މޫނުމައްޗަށް ވެއްޓެމުން ދިޔައެވެ.
“މަންމާ! ބައްޕާ!” ޓީޝާޓަކާއި ހަރުވާޅެއް ލައިގެން ހުރެ، ކޮޓަރިން ދުވެފައި ނުކުމެގެން އައި ރަޒާނަށް ރަހުމާގެ ހާލަތު ފެނިފައި ހުއްޓުން އެރިއެވެ. ޤަބޫލުކުރަން ދަތި ނަޒަރަކުން، ރަހުމާ އޮޅުލައިގަނެގެން ހުރި، އޭނާގެ ފުރާނަ ފަދަ ބައްޕައަށް ބަލައިލެވުނެވެ. އެނާއަށް ގަބުވެފައި ހުރެވުނީއެވެ.
“ރަޒާން..އޭނާ…އޭނާ ނޭވާއެއް ނުލާ!” ރަހުމާގެ ބަހާއެކު ރަޒާންގެ ނޭވާވެސް ހުސްވިއެވެ. ހީވީ މީހަކު ގޮށްމުއްކަވައިފައި، ބާރަށް މީހަކު މޭމަތީގައި ޖެހިހެންނެވެ.
އޭނާގެ ފަހަތުގައި އުސްމާނުވެސް ހުއްޓިފައި ހުރެވުނީއެވެ. ވެގެން އުޅޭ ކަންތައްތައް ބުއްދިއަށް ނަގައިގަންނަން ނޭނގިފައެވެ.
“ރަޒާން!!” ރަހުމާގެ ވޭނީ ހަޅޭކުގެ އަޑާއެކު އޭނާ ހޭވެރިވިއެވެ. ސިކުންތެއްވެސް އިސްރާފުނުކޮށް އޭނާ އަވަސް ފިޔަވަޅުތަކެއް އަޅަމުން ޝަފީޤް ކައިރީ ހުއްޓުނެވެ. އަވަސް އަވަހަށް އޭނާގެ ދެ އިނގިލި، ކަދުރާގައި އިންނަ މައިނާރު މަތީ ޖައްސާލީ ވިންދު ފެނޭތޯއެވެ. ނޭވާ ހިފަހައްޓައިލައިގެން ހުއްޓައި އެނާގެ އިނގިލިތަކުން ތޮޅިލުމެއް ފާހަގަވިއެވެ. އެ ބައްޕަގެ ހިތުގެ ވިންދު އޭނާއަށް އިހުސާސްކުރެވުނެވެ.
ރަހުމާ ދުރަށް ޖައްސާލުމަށްފަހު ރަޒާން އަވަހަށް އުޅުނީ ސީ.ޕީ.އާރު ދޭންށެވެ. “ބޮޑު ދޮންބޭ! އެމްބިއުލޭންސަށް ގުޅާ!” ރަޒާން އެ ބައްޕަގެ މޫނުން ނަޒަރު ވަކިކުރުމެއް ނެތި ބުންޏެވެ. ރަޒާންގެ އަމުރަށް އުސްމާނު އަވަހަށް ފޯނު ނަގައި އެމްބިއުލޭންސަށް ގުޅަން އުޅުނެވެ.
“މަންމާ…ބަ…ބައްޕަ…ނުވާނެ” ރަނާގެ ގިސްލުމުގެ އަޑު އިވިފައި ރަޒާން އިސް އުފުލައިލައި، އަޑު އައި ދިމާލަށް ބަލައިލިއެވެ. އެނާގެ ފަނަރަ އަހަރުގެ ކޮއްކޮގެ ކޯތާފަތްމަތިން ފައިބަމުންދާ ކަރުނަތައް ފެނުނެވެ. ފެންކަޅިވެފައި ހުރި ރާއިފް ގައިގައި އޮޅުލައިގަނެގެން ގިސްލަމުން އޭނާ ދިޔައެވެ.
“ރާއިފް…ރަނާ ގޮވައިގެން ކޮޓަރިއަށްދޭ!” ރަޒާން ރާއިފަށް ދިމާލަށް ބަލައިލިއެވެ.
“ނޫން. ނުދާނަން…”ރާއިފް ގެ އަތުތެރެއިން ދެމެމުން ގިސްލުމުގެ މެދު ތެރެއިން ރަނާ ހަރުއަޑުން ބުންޏެވެ. “ބައްޕަ ދޫކޮށްފައެއް ނުދާނަން” ހޭނެތް ބައްޕަގެ ހަށިގަނޑުގެ ކޮޅުގައި މަޑުކޮށްލުމަށްފަހު ރަނާ ރަޒާނަށް ބަލައިލިއެވެ. ރަނާގެ ބަސް އިވިފައި ރަހުމާ ކޮޅަށް ތެދުވިއެވެ. މަންމަ ތެދުވިތަން ފެނި، ރަނާ ރޮމުން ރޮމުން އެ މަންމަ ގައިގައި ބައްދައިގަތުނީ ބައްޕަގެ ކިބައިން ނަޒަރު ވަކި ކުރުމަކާ ނުލައެވެ. ކޮއްކޮ ގޮތްދޫނުކުރާނެކަން އެނގުމާއެކު ރަޒާން އިތުރަށް އެއްޗެކޭ ސީޕީއާރ ދިނުމުގައި އުޅުނެވެ.
“އިން ހިއަރ” އުސްމާނުގެ އަޑާއެކު، އެ އެޕާޓްމެންޓް ތެރެއަށް ޕެރެމެޑިކުން ވަދުނެވެ. ދުވެފައި އައިސް ޝަފީޤް އެސެސްކޮށް ސްރޭޗަރުގެ މައްޗަށް އެރުވުމަށްފަހު އެމީހުން އަވަސްވެގަތީ ހޮސްޕިޓަލަށް ދިއުމަށެވެ.
“ބޮޑުދޮންބޭ. އަޅުގަނޑު އެމްބިއުލޭންސް ގަ. ބޭބެ ދެން ތިބި މީހުން ގެނޭ ހޮސްޕިޓަލަށް” މީހާ ހަމައަކަށް އަޅުވަން އަމިއްލަ ނަފްސު މަޖުބޫރުކުރަމުން ރަޒާން އުސްމާނަށް ބަލައިލިއެވެ. އުސްމާނު އިތުބާރާއެކު ބޯ ޖަހައިލިއެވެ.
ރަޒާން ފުން ނޭވާއެއް ދޫކޮށްލިއެވެ. މިވަގުތު އެ ކުޑަ ޢާއިލާގެ ތަނބަކީ އޭނާއެވެ. ހިތްވަރުދޭންވެސް، ގޮތް ކިޔަންވެސް ހުރި އެންމެ އެކަށީގެންވާ މީހަކީ ޚުދު އޭނާއެވެ. ރަހުމާގެ މޫނު އޭނާގެ ދެއަތު ތެރެއަށް ގެނައުމަށްފަހު މަންމަގެ ކަޅިއަށް ނަޒަރު ސީދާކޮށްލިއެވެ.
“މަންމާ، އަޅުގަނޑަށް ބަލާބަލަ” ރަހުމާގެ ކަރުނައިން ފޯވެފައިވާ ރަތް ދެލޯ ފެނުމާއެކު ރަޒާންގެ ހިތް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. “ބައްޕަ އަދިއެއް ނުދޭއްނު އަހަރެމެން ދޫކޮށްފައެއް. އެހެންވީމަ ހިތްވަރު ކަނޑާނުލާ. ރާއިފް އައީ ރަނާ ބޭނުންވާނެ މަންމަގެ ހިތްވަރު މިއަދު. އެހެންވީމާ، އަޅުގަނޑަށްޓަކައި ކުޑަ ކުޑަ ހިތްވަރެއްކޮށްލެވޭނެތަ؟” ރަޒާން އެހެން ބުނުމާއެކު ރަހުމާ ބޯ ޖަހައިލީ ކަރުނަތައް ކޯތާފަތް މަތިން ފައިބަމުންދާ ހާލުއެވެ. އެ މައިމީހާ ދަރިފުޅު ގައިގައި އޮޅުލައިގަތީ އެދަރިފުޅަށް ހަމަ އެ ހިތްވަރު ދޭ ފަދައިންނެވެ. މަންމަގެ ބުރުގާ މަތިން ބޮލުގައި ބޮސް ދިނުމަށްފަހު އޭނާ ދުރަށް ޖެހިލީ ކޮއްކޮމެންނާ ދިމާލަށް އެނބުރެމުންނެވެ.
“ރާއިފް، ބޮޑު ދޮންބެ ބުނާގޮތް ހަދާތި. އިނގޭ، ރަނާގެ ކަންތައްތައް ރާއިފަށް” ރާއިފްގެ ކޮނޑުގައި އަތް އަޅައިލުމަށްފަހު ހިނގައިގަތެވެ. ރަނާއަށް ކުޑަ ބައްދާލުމެއް ހަދިޔާކޮށްލުމަށްފަހު އެނާ އަވަހަށް އެމްބިއުލޭންސަށް އެރިއެވެ.
***
އިމަޖެންސީ ރޫމްގެ ވެއިޓިން އޭރިޔާގައި ރަޒާންމެން މަޑުކޮށްގެން ތިބޭތާ 3 ގަޑިއިރު ވެދާނެއެވެ. ޑޮކްޓަރެއްގެ ބަހެއް ލިބިފައެއް އަދިއެއް ނެތެވެ. ޚަބަރަކަށް އިންތިޒާރުގައި، ރަހުމާއާއި ރަނާ އިނީ ޕްލާސްޓިކު ގޮނޑިމަތީ ގަބުކައިފައެވެ. ރޮއެރޮއެ ދެމީހުންވެސް ވަރުބަލިވެފައެވެ. ފާރުގައި ލެގިލައިގެން، ފޯނު ހާވަން އިން ރާއިފްވެސް އުޅުނީ ބޮލަށް ވެރިވަމުންދާ ވަސްވާސްތަކުން ދުރުވާންށެވެ. ކުޑަދޮރު ކައިރީ ހުއްޓިހުރެ، ޚިޔާލަކަށް ގެއްލިފައި އުސްމާނަށް ހުރެވުނީއެވެ. ޕްލާސްޓިކް ގޮނޑިމަތީ އިށީނދެއިން ރަޒާންގެ ނަޒަރު ހުއްޓިފަ ހުރީ ފާރުގައި ހަރުކޮށްފަ އޮތް ގަޑިއަށް ނަޒަރު ހުއްޓައިގެންނެވެ. އޭނާއަށް އެ ގަޑީގެ ކަށިތަކާ ކުޅެވޭހާ ފަސޭހަލުން ވަގުތުވެސް އަނބުރާލެވޭނަމައެވެ.
އިމަޖެންސީ ރޫމުން ނުކުމެގެން އައި ޑޮކްޓަރު ފެނިފައި ރަޒާން އަވަހަށް ދެފައި މައްޗަށް ތެދުވިއެވެ. ރަޒާނާއެއްކޮށް ދެން ތިބި މީހުންވެސް ހަށިގަނޑު ތެދުކޮށްލީ ލިބެން އުޅޭ ޚަބަރު އަޑު އަހަން ކެތްމަދުވެފައެވެ.
“ފެމިލީ އޮފް ޝަފީޤް އިބްރާހިމް؟”
“އައި އޭމް ހިޒް ސަން، ދެޓްސް ހިޒް ބްރަދަރ އެންޑް ރެސްޓް އަރ އިމީޑިއެޓް ފެމިލީ” ރަޒާންގެ ޖުމުލައިން ޑޮކްޓަރު ދެންތިބި އެންމެންނަށް ނަޒަރު ހިންގައިލިއެވެ. ޑޮކްޓަރު ރަޒާނާއި އުސްމާނަށް، އޭނާގެ ފަހަތުން އައުމަށް އިޝާރަތް ކުރިއެވެ.
ރަހުމާމެންގެ ކަންފަތަށް އަޑު ނީވޭ ހިސާބެއްގައި މަޑުކުރުމަށްފަހު ޑޮކްޓަރު މަޑުމޮޅިއަޑަކުން ހަޤީގަތް ކިޔައިދޭން ފެށިއެވެ. “ޔުއަރ ފާދަރ އިޒް އިން ކާޓިއޯޖެނިކް ޝޮކް. ހިޒް ކާޓިއޯމިޔޯޕަތީ ހޭޒް ޕްރޮގްރެސް ޓޮ ދި އެންޑް ސްޓޭޖް ހާރޓް ފެއިލިއަރ. ވީ ހޭވް ސްޓޭބަލައިޒްޑް ހިމް ޓެމްޕޮރަރިލީ، ބަޓް ހިޒް އިޖެކްޝަން ފްރެކްޝަން އިޒް ބިލޯ ފިފްޓީން ޕާރސެންޓް. ދަ ރެސްޕިރޭޓޮރީ ޑިސްޓްރެސް ޔޫ ވިޓްނެސް ވޯޒް އެކިއުޓް ޕަލްމެނަރީ އެޑެމާ، މީނިންގ، ފްލުއިޑް ބިލްޑްއަޕް ބިކޯޒް ހިޒް ހާރޓް ކޭން ނޯ ލޯންގާ ޕަމްޕް އެފެކްޓިވްލީ”
ލިބުނު ޙަބަރާއެކު އުސްމާނަށް ދެލޯ މަރައިލައި، ތަގުޅިކޮށްލެވުނެވެ. އެހެނަސް ރަޒާންގެ މޫނު މައްޗަށް އެއްވެސް ކުލަވަރެއް ނާދެއެވެ.
“އިޒް ދެއަރ އަ ޓްރީޓްމެންޓް؟” ރަޒާން އެ ސުވާލު ކުރީ އެއްވެސް ޖެހިލުމެއް ނެތި ސާދާ ކޮށެވެ..
ޑޮކްޓަރު މާޔުސީ ފުންނޭވާއެއް ދޫކޮށްލިއެވެ. “ދެއަރ އަރ ނޯ ފަރދާ ޓްރީޓްމެންޓް އޮޕްޝަންސް ދެޓް ވުޑް ޗޭންޖް ދި އައުޓްކަމް. ވީ ކޭން ކީޕް ހިމް ކޮމްފޮޓަބަލް. ބަޓް އައި ހޭވް ޓު ބީ އޮނެސްޓް ވިތް ޔޫ، ހީ ހޭޒް ވެރީ ލިޓިލް ޓައިމް. އަވާރޒް، ޕޮސިބްލީ ލެސް”
ރަޒާން ނޭވާއެއް ދޫކޮށްލެވުނެވެ. ދެލޯ މަރައިލުމަށްފަހު ނޭފަތް ދަނޑީގައި ހިފައިލީ ދެން ހަދާނެ ގޮތަކާމެދު ވިސްނަމުންނެވެ.
“ދެން ލެޓްސް ޓްރާންސްފަރ ހިމް ޓު އަ ޕްރައިވެޓް ރޫމް”
***
ހެނދުނު ހޭލައިގެން، ރީތިވެ ސައިބޯން އިން ރޫޔާ އިރުއިރުކޮޅާ ފޯނު ބަލައިލެވުނެވެ. މިއަދަކު، ރަޒާންގެ އެއްވެސް މެސެޖެއް ނުލިބެއެވެ. ރަޒާންގެ ބައްޕައަށް ޔަޤީނުންވެސް ކޮންމެވެސް ކަމެއްވީކަން ރޫޔާއަށް އިހުސާސްވިއެވެ. އޭނާގެ އަތަށް ފޯނު ނަގައި ޗެޓު ލޮގު ހުޅުވައިލިއެވެ. މެސެޖެއް ޓައިޕްކުރުމަށްފަހު ފޮހެލިއެވެ. ރަޒާން މިވަގުތު ބިޒީ ވާނެކަން އޭނާއަށް އެނގުނެވެ. އެހެންކަމުން އެންމެ މެސެޖެއް ފޮނުވައިލުމަށްފަހު އޭނާ ފޯނު ބާއްވައިލިއެވެ.
***
ފޯނަށް މެސެޖެއް ލިބުނު އަޑު އިވިފައި ޖީބުން އެ ފޯނު ނަގައި ރަޒާން ބަލައިލިއެވެ.
ރޫޔާ: އައި އޭމް ހިއަރ ވިތް ޔޫ. ޓެކްސްޓް މީ، ވެން ޔޫ އާރ ރެޓީ.
އޭނާގެ ހާލާމެދު ރޫޔާ ވިސްނާކަން އެނގުމާއެކު، އެ ހިތަށް ލުޔެއް ލިބުނެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ފޯނު ޖީބަށް ލުމަށްފަހު މަންމަމެންނަށް ބަލައިލިއެވެ.
“ރެޓީތަ؟” ރަޒާން އަހައިލިއެވެ.
***
ޕްރައިވެޓް ކޮޓަރީގެ ދޮރު އެތެރެއަށް ހުޅުވިގެން ދިޔަތަން، ބަލި އެނދުގައި އޮތް ޝަފީޤަށް ފެނުނެވެ. ވަދެގެން އައި އޭނާގެ ޢާއިލާ ފެނިފައި އޭނާ ހިނިތުންވެލިއެވެ.
ދެލޮލުން ކަރުނަ އަންނަ ހާލު ރަހުމާ ހިނގައިފައި ގޮސް އެ އެނދު ކައިރީ ހުއްޓުނެވެ. އެއް އަތުން ޝަފީޤްގެ އަތުގައި ހިފައިލިއެވެ. އަނެއް އަތުން އެ މޫނުގައި ފިރުމާލިއެވެ.
“ޝަފީޤް…” މޫނު މައްޗަށް ހިނިތުންވުމެއް ގަދަކަމުން ގެނެވުނެއްކަމަކު، ރަހުމާގެ ދެލޮލުން ފާޅުވަމުންދާ ހިތާމަތަކެއް ކަޝްފުނުކުރެވުނެވެ.
“ރަހުމާ…ނުރޮއޭ…” ޝަފީޤްވެސް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ރަހުމާއަށް އެންމެ ފަހުން ނުވެގެން ޝަފީޤުގެ ސިކުނޑިވަޅުގައި ދެތުންފަތް ޖައްސާލިއެވެ. އެއާއެކު އޭނާގެ ކަރުނަތައް މިންޖުކޮށްލަމުންނެވެ.
“ވަރަށް ލޯބިވޭ… ޝަފީޤް.” ހަމައެކަނި ޝަފީޤަށް އިވޭވަރަށް ރަހުމާ އެބަސްތައް ކިޔާލިއެވެ.
“ބައްޕާ” އެންމެ ފަހުން ނުހުރެވިގެން، ރަނާ އެ ބައްޕަ ގާތަށް ޖެހިލިއެވެ. ރާއިފް ވެސް ފެންކަޅިވެ ހުރެ ރަނާ ފަހަތުގައި ހުއްޓުނެވެ.
“ލައްބަ ދަރިފުޅާ! ބައްޕަގެ ރަނާ. ބައްޕަގެ ރާއިފް.” ކުރަކި އަޑަކުން ޝަފީޤް، އޭނާގެ ހަގު ދެ ދަރިންނަށް ގޮވާލިއެވެ. ރަނާ ބައްޕަގެ އަތުގައި ހިފައިލިއެވެ.
“ބައްޕައާ ނުލާ އަހަރެން ކިހިނެއް ކަންތައްކުރާނީ؟” ގިސްލުމުގެ ތެރެއިން ރަނާ އެ ބަސްތައް ބޭރުކޮށްލިއެވެ. އެ ދެލޮލުން ފޭބި ކަރުނަތައް ޝަފީޤްގެ އަތުގެ ނޫފުށުމައްޗަށް ވެއްޓުނެވެ.
ޝަފީޤް ރަނާއަށް ރަނގަޅަށް ބަލައިލިއެވެ. އަތް ތުރުތުރު އަޅާ ހާލު، އެ ދަރިފުޅުގެ ލޮލުން ފޭބި ކަރުނަތައް ފޮހެލިއެވެ. “ދަރިފުޅާ. ދަރިފުޅަށް އެތަކެއް ކަމެއް ކުރެވޭނެ ދަރިފުޅު އެކަމަށް ހިތްވަރުކޮށް މަސައްކަތް ކޮށްފިއްޔާ. އަބަދުވެސް ހަނދާންކުރާތި، ދަރިފުޅާމެދު މި ބައްޕަ އަބަދުވެސް ތި ދަރިފުޅާމެދު ފަޚުރުވެރިވާނެކަން. ރާއިފްވެސް. ތީ ބައްޕަގެ ދެލޮލުގެ ނޫރު. މި ބައްޕަގެ އުންމީދާއި ހިތްވަރު” ރާއިފަށް ނަޒަރު ހިންގައިލަމުން ޝަފީޤް ބުނެލިއެވެ. “ރާއިފް ދަރިފުޅާ…ރަނގަޅަށް ކިޔަވައްޗޭ…ރާއިފް ކުރާ ކޮންމެ ރަނގަޅުކަމަކަށް، ހޯދާ ކޮންމެ ކާމިޔާބީއަކަށް ބައްޕަ ފަޚުރުވެރިވަން”
އޭނާގެ ނަޒަރު ހުއްޓުނީ އެނދުކޮޅުގައި ހުއްޓިހުރި ރަޒާނަށެވެ. ކަރުނަ އަޅައި ނުރޮއެ ހުރި ކަމަކު، އެ ޒުވާން މޫނުމަތީގައި ވަނީ މިލައި މޯޅިވެފައެވެ. ދެއަތް ފުރަގަހަށްލައިގެން ހުރެ، ހުރިހާ ކަމެއް ބަލަން ހުރީ އެއްވެސް ބަހެއް ބޭރުކުރުމެއް ނެތިއެވެ. އޭނާގެ ފަހަތުގައި ހުއްޓިހުރި އުސްމާނުގެ މޫނުމަތިން ހިތާމައިގެ އަސަރު ފެންނަން ހުއްޓެވެ.
“ރަޒާން. އާދެބަލަ ބައްޕަ ކައިރިއަށް” ކުރުވެފައިވާ ނޭވާއާއެކު ޝަފީޤް އެދުނެވެ.
“ބައްޕާ” ރަޒާން އެނދުގެ އަރިއަށް ޖެހިލަމުން ރަނާއާއި ރާއިފް ފަހަތަށް ޖެހުނެވެ. ބައްޕަގެ ބަލިއަތް އެއަތުގެ ތެރެއަށް ގެނެސް، ލޯބިން ހިފައިލިއެވެ.
“ދަރިފުޅު ބައްޕަ ބުނި އެއްޗަކާ މެދު ވިސްނައިފިންތަ؟” ޝަފީޤްގެ ސުވާލުން ރަޒާންގެ ހިތަށް އުނދަގޫވިއެވެ. މަރުގެ ތުންފަތްމަތީގައިވެސް ބައްޕަ ބޭނުންވީ ހަމަ އެވާހަކަ ދައްކަން ހެއްޔެވެ؟ ރަޒާން ދެލޯ މަރައި ތަގުޅިކޮށްލިއެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަޖުބޫރު ކުރުވިއެވެ.
“ބައްޕައަށް ޔަޤީންތަ އަޅުގަނޑަށް މިކަން ކުރެވޭނެ ކަން؟ އަޅުގަނޑުގެ މުޅި ހަޔާތް ހޭދަކުރީ ވަކީލަކަށްވާން.” ރަޒާން އެހެން ބުނެލީ އަސަރާއެކުއެވެ. އެ ބައްޕަ އޭނާގެ މައްޗަށް އެހާ ޔަޤީންކަން އޮވޭ ހެއްޔެވެ؟
“ދަރިފުޅު ނޫން އެހެން މީހަކަށް މިކަމަކާ ނޫޅެވޭނެ. މީ ދޮގެއްތަ އުސްމާން؟ބައްޕައަށްވެސް ދެން ތިބި އެންމެންނަށްވެސް ހުރީ ދަރިފުޅުގެ ޤާބިލްކަން ފެނިފައި… ދަރިފުޅަށް އެހީވާން ބޮޑުދޮންބެ ހުންނާނެ.” ބައްޕަގެ ބަސް ސީދާވެފައި ސާބިތެވެ. ރަޒާނަކަށް ދެން އެ ބައްޕަގެ އެދުމަށް ދެކޮޅު ހެދޭނެ ގޮތެއް ނެތެވެ.
“ބޭބެ ހާސްނުވޭ. ބޭބެގެ އާއިލާވެސް، ވިޔަފާރީވެސް އަހަރެން ރަނގަޅަށް ބަލާނަން. ހުރިހާ ކަމެއްގައި ރަޒާނާއެކު ވާނަން.” އުސްމާން ރަޒާންގެ ކޮނޑުގައި އަތް އަޅުވައިލަމުން ބުނެލިއެވެ.
“އަހަންނަށް އެނގޭ ތިކަން. ތީ އެއްނު އަހަރެންގެ ހުރި ހަމައެކަނި ކޮއްކޮއަކީ..އުސްމާނު….އަހަރެން ޢާއިލާ ރަނގަޅަށް ބަލައްޗޭ. ވިޔަފާރީ ކަންކަމުގައި ރަޒާނަށް އެހީވައްޗޭ” ޝަފީޤުގެ އެދުމަށް އުސްމާނު ބޯ ޖަހައިލުމަށްފަހު މޫނު އަނެއް ފަރާތަށް އަނބުރައިލީ ލޮލުން ފައިބަން އުޅޭ ކަރުނަތައް ފޮހެލުމަށެވެ.
“ބައްޕަ ދެން އެހާ ހާސްނުވޭ…އަޅުގަނޑު..” ރަޒާނަށް އެ ބަސްތައް ހާމަކުރަން އުނދަގޫވިއެވެ. އޭނާ ބައްޕަގެ އެދުމަށް އެއްބަސްވެއްޖެނަމަ، އޭނާގެ ދިރިއުޅުން އެކީ ބަދަލުވެގެން ދާނެއެވެ. އޭނާގެ މުޅި ހަޔާތް ހޭދަކުރި އެކަމެއް ގެއްލިގެން ދާނެއެވެ. އެހެނަސް އިތުރު ގޮތެއް ނެތެވެ. ބައްޕަގެ އާދެހާއި ވަސިއްޔަތަކީ އޭނާ އެ ވިޔަފާރީގެ ލަގަނާ ހަވާލުވުމަށެވެ. “އަޅުގަނޑު ވިޔަފާރީއާ ހަވާލުވާނަން” އެ އަޑަށް އަސަރެއް ގެންނަން މަޖުބޫރު ކުރުވިއެވެ. ހިތަށް ތަދުވިއެއް ކަމަކު، އޭނާގެ ޝަކުވާތައް ހިންދިރުވާލުން ނޫން ގޮތެއް ނެތެވެ.
ޝަފީޤް ރަޒާނަށް ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. “ބައްޕަ އަބަދުވެސް ދަރިފުޅާ މެދު ފަޚުރުވެރިވާން. ލޯބިވަން… ރަޒާން އެކަންޏެއް ނޫން. ރާއިފްވެސް، ރަނާވެސް. ބައްޕަގެ ހުރިހާ އެދުމަކީ ތިން ކުދިން ރަނގަޅު ތަރުބިއްޔަތެއްގައި ބޮޑުވެ، ރަނގަޅު މުސްތަޤުބަލެއް ލިބުން. ރާއިފް، ރަނާ، ރަޒާން.. ނަމާދު ކުރާތި، އޯގާތެރިވާތި. މަންމަ ރަނގަޅަށް ބަލާތި” ޝަފީޤް މަޑުމަޑުން އޭނާގެ ނަޒަރު ރަހުމާއަށް ބަދަލުކޮށްލިއެވެ.
“ޝަފީޤް”
“ރަހުމާ…އަހަރެން…އަހަރެން އުފާކުރަން. އަދި ޝުކުރުވެރިވަން…އަހަރެންގެ ހަޔާތުގެ ބައިވެރިޔާއަށް ރަހުމާ ވީތީ. މާ ބޮޑަށް ހިތާމަ ނުކުރައްޗޭ. އަހަންނަކަށް ކެތެއް ނުވާނެ ރަހުމާ މާ ބޮޑަށް ހިތާމަ ކުރަންޏާ. އިންޝާﷲ، އަހަރެމެން މި ޢާއިލާ އަދި ޖަންނަތުގައި ދިމާވާނެ.”
ރަހުމާ ޝަފީޤު ބުނަމުން ދިޔަ ބަސްތަކަށް ބޯ ޖަހައިލުމަށްފަހު، ޝަފީޤްގެ ނިއްމަތީގައި އޭނާގެ ނިއް ޖައްސައިލީ ކަރުނަ އަޅާ ހާލުއެވެ.
ޝަފީޤްގެ ނޭވާ ކުރުވިތަން ފެނިފައި ރަނާ ރާއިފް ކޮނޑުގައި ބޯ އަޅައިލިއެވެ. އޭނާގެ ގިސްލުމުގެ އަޑު ބައްޕައަށް ފޮރުވަން މަސައްކަތް ކުރިއެވެ. އުސްމާނު ރަހުމާގެ ފަހަތުގައި ހުއްޓުނެވެ. އޭރު ރަހުމާ ކަޅި ނުޖަހައިލައި ހުރެ ބަލަން ހުރީ އޭނާގެ އެންމެ ލޯބިވާ ފިރިމީހާއަށެވެ. ފުން ނޭވާއެއް ނެގުމަށްފަހު އޭނާ ޝަފީޤަށް ޝަހާދަތް ލައިދެން އުޅުނެވެ.
” أَشْهَدُ أَنْ لَا إِلٰهَ إِلَّا اللّٰهُ وَأَشْهَدُ أَنَّ مُحَمَّدًا رَسُولُ اللّٰهِ“
ރަހުމާގެ އަޑުދޮށުން ޝަފީޤް އެ ބަސްތައް ކިޔައިލީ އޭނާގެ އެންމެ ފަހު ނޭވާއާ އެކުއެވެ. އެއާއެކު އެ ހަށިގަނޑުން އެކީ އެއްކޮށް ވާގި ނެތުނެވެ. ރަހުމާގެ އަތުގައި ހިފައިގެން އޮތް އޭނާގެ އަތުގެ ބާރު އެކީ އެއްކޮށް ގެއްލިއްޖެވެ. ފްލެޓް ލައިންވެގެން މެޝިންތަކުގެ ބީޕް އަޑުން މުޅި ކޮޓަރި ގުގުމާލިއެވެ.
” اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ” އުސްމާނުގެ ބަހާއެއްކޮށް އެ ކޮޓަރިއަށް ހަމަހިމޭންކަމެއް ވެރިވިއެވެ.
***
ދުވަހަކީ ހުކުރު ދުވަސްކަމުން ރޫޔާ އުޅުނީ މެންދުރު ކެއުން ތައްޔާރުކުރުމަށް މަންމަމެންނަށް އެހީވުމުގައި އެވެ. ހަތުމާއާއި ރަހާ ވެގެން އުޅެމުންދިޔައީ ފޮނި އެއްޗެހި ތައްޔާރުކުރުމުގައެވެ. ހަލީމާ އުޅުނީ ކުކުޅު ރިހަ ކައްކަންށެވެ. ރޫޔާ ހަވާލުވީ ފަނި ގިރަންށެވެ. އެހެނަސް ފަނި ގިރާ ނިމޭ ވަރު ނުވެގެން މިއަދު އޭނާ އެ އުޅެނީ އޭނާއަށް އެހީވާން އިސްނަގައިގެން އުޅުނު ކުއްޖެއްގެ ސަބަބުންނެވެ.
“މާއްކޮ..ދޮންތަ ބުނި ގޮތަށް…ހަ ސަމުސާ ހަކުރު ޖަގަށް އަޅާނީ؟ ހައެއް އެއީ ކިހާވަރެއް؟” ރޫޔާ މާއިޝާ އަތަށް ސަމުސަލެއް ލައި ދިނެވެ. ޖަވާބުގައި މާއިޝާގެ އަތުގެ ހަ އިނގިލި ދައްކާލިއެވެ.
“ވަރަށް ރަނގަޅު” ރޫޔާގެ ތަރުޚީބާއެކު މާއިޝާ އުޅުނީ ޖަގަށް ހަކުރު އަޅަންށެވެ.
އެވަގުތު މޭރޫޔާގެ ފޯނަށް މެސެޖެއް އައެވެ. ނޯޓިފިކޭޝަންގެ އަޑު އިވިފައި ރޫޔާ އެ ފޯނު ނަގައި، ލިބުނު މެސެޖު ކިޔައިލިއެވެ. އެ ސިކުންތުކޮޅުގައި އޭނާގެ މޭ ފިނި ވިއެވެ
” اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ” މަޑުމަޑުން ރޫޔާ އެ ބަސްތައް ބޭރު ކޮށްލިއަޑު ހަލީމާއަށް އިވުނެވެ. ކުކުޅު ކޮށަން ނެގި ވަޅި ތިރިކޮށްލުމަށްފަހު އޭނާ ރޫޔާއަށް ބޯ އަނބުރައިލިއެވެ.
“ކާކު ނިޔާވި؟” އެ ސުވާލާއެކު ހަތުމާއާއި ރަހާގެ މަސައްކަތަށްވެސް ހުއްޓުމެއް އައެވެ. އެ އެންމެންގެ ނަޒަރުގައި ގައިދުވެފައި ހުރީ ރޫޔާއެވެ.
“ރަޒާންގެ ބައްޕަ. މެލޭޝިޔާގަ… މީގެ އިރުކޮޅެއް ކުރިންނޯ ނިޔާވި”
“އަޅޭ.. اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ” ރަހާވެސް އެ ހިތާމާގައި ބައިވެރިވެލިއެވެ.
“އަޞްރު ނަމާދަށްފަހުއޯ ވަޅުލަނީ.” ރޫޔާ ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާ ރަޒާނަށް ގުޅަން ކިތައްމެ ބޭނުންވިޔަސް ނުގުޅައި ހުރީ ރަޒާން ގުޅާނެކަމުގެ ސާބިތުކަން އޮތީމައެވެ.
***
މައްޔިތާގެ މޫނު ބަލަން ހާއްސަކޮށްފައިވާ ކޮޓަރީގެ އެތެރެ ފެންނަގޮތަށް، އެކޮޓަރިއަށް ނުވަދެ ބޭރުގައި މަޑުކޮށްލައިގެން ހުރި ރަޒާންގެ ނަޒަރު ހުއްޓިފައިހުރީ، އެ ކޮޓަރީގެ މޭޒުމަތީގައި އޮތް، ހިނަވައި ކަފުންކޮށްފައި އޮތް އޭނާގެ ބައްޕަގެ ފުރާނަނެތް ހަށިގަނޑަށެވެ. އެ ޒުވާންމޫނު މަތިން ހިތާމަވެރިކަމެއްގެ އަސަރު ފެންނަން ނެތަސް، އެ ހިތްވަނީ ބައްޕަގެ އަލްވަދާޢުއާއެކު ކުދި ކުދިވެފައެވެ. ލޮލުން ކަރުނަ އަޅާ ނުރޮއެ ހުރީ، އެނާގެ ކޮނޑުގައި އެޅުވިފައިވާ ޒިންމާގެ ސަބަބުންނެވެ. ގެއްލިގެން ދިޔައީ ހަމައެކަނި އެނާގެ ބައްޕައެއް ނޫނެވެ. އެ އާއިލާގެ ތަނބެވެ. ދޫކޮށްލައިފާ އެދިޔައީ އެތަކެއް ޒިންމާތަކެވެ.
އެ ޒިންމާތަކާއި ޢާއިލާއާ ހަވާލުވާން ހުރި މީހަކު ޚުދު އޭނައެވެ. އޭނާއަށް އެނޫން އިތުރުގޮތެއް ނެތެވެ.
___
އަޞްރު ނަމާދުކޮށް ނިމުމާއެކު ފިރިހެންވެރިން އަވަހަށް އުޅުނީ ސަފުގެ ކުރިއަށް މައްޔިތާގެ ސަންދޯއް ގެންނަންށެވެ. އިމާމު މީހާގެ ކުރިއަށް ސަންދޯއް ގެނެސް ބެހެއްޓުމާއެކު، އިނގެރޭސި ބަހުން އިމާމު މިހާ ކަށުނަމާދު ފަށަން އުޅޭކަން އިއުލާން ކުރިއެވެ.
އިމާމް މީހާގެ ފުރަތަމަ ތަކުބީރާއެކު ފެށިގެން ދިޔައީ އެ މައްޔިތާގެ މައްޗަށް އަދާކުރެވޭނެ އެންމެ މުހިންމު ވާޖިބެވެ. ފުރަތަމަ ސަފުގެ މެދުގައި ކޮނޑާއި ކޮނޑު ޖައްސައިގެން ރަޒާން، ރާއިފް އަދި އުސްމާނުވެސް އެ ވާޖިބު އަދާކުރުމުގައި ބައިިވެރިވަމުން ދިޔައެވެ. ދެވަނަ ތަކުބީރާއެކު ރަސޫލާ ﷺ ގެ މައްޗަށް ޞަލާވާތް ކީއެވެ. ތިންވަނަ ތަކުބީރާއެކު އެ ބައްޕަގެ މައްޗަށް އެތަކެއް ދުޢާއެއްކުރެވުނެއެވެ. ބައްޕަގެ މައްޗަށް ފާފަ ފުއްސެވުން އެދިއެވެ. ބައްޕަގެ ފުރާނައަށް ރަޙުމަތް ލެއްވުން އެދިއެވެ. އަދި ކައްވަޅުގެ ޢަޒާބުންނާއި ނަރަކާގެ ޢަޒާބުން ސަލާމަތްކޮށް، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދިއެވެ. ދަރިއަކު ބަފައެއްގެ މައްޗަށް ކުރެވޭނެ ހުރިހާ ހެޔޮދުޢާއެއް ކުރިއެވެ.
***
ބައްޕަ ވަޅުލައި ނިންމުމަށްފަހު އެ ޢާއިލާ ގެއަށް އަނބުރާ ކުރި ދަތުރުވެގެން ދިޔައީ ރަޒާންގެ ހަޔާތުގައި އެންމެ އުނދަގޫ ދަތުރަކަށެވެ. އޭނާ ކާރު ދުއްވަން އިން ކަމަކު، އޭނާގެ ސިކުނޑީގައި އެނބުރެމުންދިޔައީ ބައްޕަގެ ޚިޔާލުތަކެވެ. އެ ބައްޕަ ދިން ނަސޭހަތްތަކާއި ހިތްވަރުތަކެވެ. ހޭދަވި ވަގުތުތަކާއި ގެއްލުނު ވަގުތުތަކެވެ. ވިސްނުން ފުން ވާވަރަކަށް އެނާގެ ހިތް ބޭގަރާރުވަމުންދިޔައެވެ.
ކާރުގެ ލޯގަނޑަށް އޭނާ ބަލައިލީ، އެ ކާރު ފަހަތު ސީޓުގައި ތިބި އޭނާގެ ދެ ކޮއްކޮއާއި މަންމަގެ ހާލަތު ހޯދަންށެވެ. ފަހަތު ސީޓުގެ ވާތް ފަޅީގައި އިށީނދެއިން ރަނާ އިނީ ކާރު ދޮރުގައި އުޅަނބޮށި ވިއްދައިގެން، ބޭރު ބަލަންށެވެ. މަޑުނެގިފައި އިން އިރު ދޭތެރެއަކުން، އެ މައުސޫމު ދެލޮލުން، ކޯތާފަތް މައްޗަށް ކަރުނަ ނީރާލަމުން ދިޔައެވެ.
އޭނާގެ ނަޒަރު ދެން ބަދަލުކޮށްލީ ރާއިފްގެ ކޮނޑުގައި ބޯއަޅައިގެން އޮތް އޭނާގެ މަންމައަށެވެ. އަތުގައި އޮތް ޓިޝޫއިން އިރުއިރުކޮޅާ ނޭފަތް ފޮހެމުންދިޔައެވެ. ރުއިމުގެ ސަބަބުން އެ މަންމަގެ ދެލޯ ވަނީ ރަތްވެފައެވެ. ރޮވެންވެގެން ދެލޯ ފެންކަޅިވާ ކޮންމެ ފަހަރަކު ދެލޯ މަރައިލައި ތަގުޅިކޮށްލަނީ ދަރިންނަށް އެ ކަރުނަތައް ފޮރުވަންވެގެންނެވެ.
ރާއިފްވެސް ހުރީ އެ ދެމެއިންގެ ދެމެދުގައި މަޑުނެގިފައެވެ. ކާރުގެ ކުރިއަށް އޭނާގެ ނަޒަރު ހުއްޓިހުރިކަމަކު އެ ހިތް އަދިވެސް ބައްޕަގެ ވަކިވުން އެކީ އެއްކޮށް ޤަބޫލުކުރަން ދައްޗެވެ. މިއީ ހުވަފެނަކަށްވުމަށް އެދި އެތަކެއް ދުޢާއެއް ކުރެވުނެވެ. އެހެނަސް ކިތައްމެ ދުޢާއެއް ކުރެވުނަސް، ވީ ކަމެއް ބަދަލެއް ނުވާނެއެވެ.
އެޕާޓުމެންޓުގެ ޕާކިން އޭރިޔާގައި ކާރު ޕާކު ކުރުމަށްފަހު ރަޒާން އެކާރުން ފޭބިއެވެ. އަވަހަށް ގޮސް ކާރުގެ ފަހަތު ދޮރު ހުޅުވައިދިނުމާއެކު ރަހުމާއާއި ރާއިފް ރަނާ ނުކުތެވެ. ޕަސެންޖަރ ސީޓުން ފޭބި އުސްމާނު އަވަހަށް ރަހާ އަތުލަފިކޮށްލައިގެން އެޕާޓުމެންޓުގެ އިމާރަތްތެރެއަށް ވަދެގެންދިޔައެވެ. ފަހަތުން ރަޒާންމެންވެސް އައެވެ.
އެޕާޓުމެންޓަށް ވަދެވުމާއެކު ރަނާ އާއި ރާއިފް ދިޔައީ އެދެމީހުންގެ ކޮޓަރިއަށެވެ. އުސްމާނުވެސް ގޮއްސަ އިށީނދެލީ ސޯފާގައެވެ. ރަހުމާ އެއްޗެކޭ ނުބުނެ ވަދުނީ ބަދިގެއަށެވެ.
ރަޒާން ފުންނޭވާއެއް ދޫކޮށްލުމަށްފަހު މަންމަގެ ފަހަތުން އެ ބަދިގެއަށްވަދުނެވެ. ރަހުމާގެ އަމަލުތައް ބަލަން އޭނާ ދޮރުމަތީ މަޑުކޮށްލިއެވެ. ރަހުމާ ރަޒާނަށް ސަމާލުކަން ނުދީ އުޅުނީ ކޮންމެވެސް އެއްޗެއް ކައްކަންށެވެ. އަމިއްލަ ހިތާމައަށް ބެލުމެއްނެތި ދަރިންނަށް ކާއެއްޗެއް ތައްޔާރުކުރަން އުޅުނީ ދެލޮލުން ކަރުނަ އޮހޭ ހާލުގައެވެ. އަތް ތުރުތުރު އަޅާ ހާލުއެވެ.
“މަންމާ…ހިނގާ ކޮޓަރިއަށް” ރަޒާނަށް އެންމެފަހުން މަންޒަރު ބަލަން ނުހުރެވިގެން ރަހުމާ ގާތަށް ޖެހިލިއެވެ. މަންމަގެ ދެއަތް އޭނާގެ ހިމާޔަތަށް ގެނައެވެ. އަތުލަފިކޮށްގެން އެ މަންމައާއެކު، މަރުހޫމު ބައްޕަގެ ހަނދާނުން ފުރިފައިވާ މަންމައާއި ބައްޕަގެ ކޮޓަރިއަށް ވަދުނެވެ.
ރަހުމާ އެނދުގައި ބޭންދުމަށްފަހު ރަޒާން އަވަސްވެގަތީ އެ ކޮޓަރީގެ ދޮރު ލައްޕަލުމަށްފަހު ތަޅުލަންށެވެ. ތަޅުގެ އަޑު ކިޔުމާއެކު އޭނާގެ މަންމައަށް އެނބުރި ބަލައިލިއެވެ. މަޑު ހިނގުމެއްގައި ގޮސް އެ މަންމަގެ ކުރިމަތީގައި ހުއްޓިފައި، ދެކަކޫ މައްޗަށް ތިރިވިއެވެ. އަތް އުފުލައިލުމަށްފަހު އެ މަންމަގެ މޫނު އެ ދެއަތް ތެރެއަށް ގެނައެވެ. ބޮޑުވައި އިނގިލިން އެ ކޯތާފަތްމަތީގައިވާ ކަރުނަ ރޮނގުތައް ފޮހެލީ އޯގާތެރިކަމާއެކުއެވެ.
“މިހާރަކު އެއް ނެތް ރަނާއެއް ރާއިފް އެއް މަންމަ ކަރުނަ އަޅާ ތަން ބަލާކަށް. މަންމަ ދެން ރޯލާ… އަޅުގަނޑު ހުންނާނަން މަންމައާއެކު. މިއަދު އެއްކަމެއްވެސް ކުރަން އުޅޭނި ކަމެއްނެތް. އަޅުގަނޑު އެހުރިހާ ކަމެއްކުރާނަން.” ރަޒާންގެ ނަޒަރު އެ މަންމަ ވަކި ކުރުމެއް ނެތެވެ.
ރަހުމާ ރަޒާންގެ ބަހަށް ނޭވާއެއް ނަގައިލިއެވެ. ދެލޯ މަރައިލުމަށްފަހު ދެން ލޯ ހުޅުވައިލުމާއެކު ކަރުނަތައް އޮހެގެން ދިޔައެވެ. އެ އަތް އަނގަމަތީ އަތް އަޅައިލީ، އަނގައިން ބޭރުވަމުން އަންނަ ގިސްލުމުގެ އަޑު ވަންހަނާ ކުރަންވެގެންނެވެ. ހުއްޓުމެއްނެތި ރަހުމާ ރޮމުން ދިޔަ ގޮތުން ރަޒާންގެ ދެލޮލުންވެސް ކަރުނަ ފާއްދާލިއެވެ.
އެހެނަސް، މަންމައަށްޓަކައި އަމިއްލަ ނަފްސު ކޮންޓުރޯލް ކުރިއެވެ. ދެކަކޫ މަތިން ތެދުވެ، އެނދުމަތީގައި މަންމަ ކައިރީ އިށީނދެލުމާއެކު ރަހުމާ ރަޒާން ކޮނޑުގައި ބޯ އަޅައިލިއެވެ.
“އަހަރެން ދެން ކިހިނެއް ހަދާނީ؟ މި ހުރިހާ ދުވަހަކު…އަހަރެން…އަހަރެން ހުރިހާ ކަމެއް ކުރަމުން އަންނަނީ ޝަފީޤުގެ ލަފާއާ އެއްގޮތަށް. މަޝްވަރާކޮށްގެން. އެކަކު އަނެކަކަށް ހިއްސާކޮށްގެން…ދެން އަހަރެންގެ ވާހަކަތައް އަޑުއަހާނީ ކާކު؟” ރަޒާންގެ އަތުތެރޭގެ ހިމާޔަތުގައި ހުރެ، ރަހުމާގެ ހިތުގައިވާ ޝަކުވާތައް ހާމަނުކޮށް ނުހުރެވުނެވެ.
“ރަނާ ކިޔަވައިގެން ދަސްވެނިވާ ދުވަހަކު ބައްޕައެއް ނުހުންނާނެ. ރާއިފް ވަޒީފާއަށް ދާ ދުވަހަކު…ދަރިފުޅު ކައިވެނި ކުރާ ދުވަހަކު…ހާދަ ފަޅުވެރިވާނެޔޭ….ޔާﷲ އަޅާގެ ހިތަށް ފިނިކަމެއް ލައްވާނދޭ! ޔާﷲ އަޅާގެ ހިތަށް ކެތްތެރިކަން ދެއްވާނދޭ!”
__
ރަޒާނަށް އެ ކޮޓަރިން ނުކުމެވޭ ގޮތްވީ ބައި ގަޑިއިރެއްވީ ފަހުންނެވެ. ރޮއެރޮއެ ވަރުބަލިވެގެން މަންމައަށް ނިދުމާއެކު، މަންމަ އެނދުމަތީގައި ބޭއްވުމަށްފަހު ގައިގައި ރަޖާއަޅައި އެކޮޓަރީގެ ނިދާ ބޮކި ދިއްލުމަށްފަހު މަޑުން އެކޮޓަރިން ނުކުމެ އެ ދޮރު ލައްޕައިލިއެވެ. އޭނާ ދެން ގޮސް ހުއްޓުނީ ރަނާގެ ކޮޓަރި ދޮރުމަތީގައިއެވެ. އަތް ނަގައި މަޑުމަޑުން އެ ލަކުޑި ދޮރުގައި ޓަކި ދިނެވެ.
ރައްދެއް ނުލިބުން ރަޒާން އެ ދޮރުގެ ތަޅުގައި ހިފައިލިއެވެ. ތަޅުނުލައި ހުރުމުން އެ ދޮރު ފަސޭހަލުން އެތެރެއަށް ހުޅުވުނެވެ. އެ ކޮޓަރީގައިވާ ހަމަހިމޭންކަން އިހުސާސްވެގެން އޭނާ އެކޮޓަރިއަށް ވަދުނެވެ.
އެކޮޓަރީގެ މެދަށްވާގޮތަށް ހުރި އެނދުގައި ނިދިފައި އޮތް ރަނާ ފެނިފައި ރަޒާން ނޭވާއެއް ދޫކޮށްލިއެވެ. މަޑުމަޑުން އެނދުކައިރިއަށް ޖެހިލިވަގުތު އޭނާއަށް ރަނާ މެޔާލައި ބޮޑިކޮށްލައިގެން އޮތް ފޮޓޯ ފެނުނެވެ. އެއީ މި ފަހުން މުބާރާތަކުން ލިބުނު ރަންވަނައެއް ހިފައިގެން ރަނާއާއި ޝަފީޤް ހުއްޓިހުރި ނަގައިފައިވާ ފޮޓޯގަނޑެކެވެ.
ރަޒާން އެ އެނދުގެ އަރިމަތީ އިށީނދެލިއެވެ. އެނާ ރަނާގެ އަތުން އެ ފޮޓޯ ވަކިކުރާކަށް ނޫޅުނެވެ. އޭގެ ބަދަލުގައި، ލޯބިން އެނާގެ ކޮއްކޮގެ ބޮލުގައި ފިރުމާލިއެވެ. އެނދުކޮޅުގައި ފަތްޖަހައިފައިވާ ރަޖާގަނޑު އޭގެ އަސްލަށް ވުޖޫދު ކުރުމަށްފަހު ރަނާގެ ގައިގެ މަތީގައި އަޅާލިއެވެ. ކޮޓަރީގެ ފަނޑު ނިދާ ބޮކި ދިއްލުމަށްފަހު އެކޮޓަރިން ނުކުމެގެން ދިޔައީ ރާއިފްގެ ކޮޓަރިއަށެވެ. އެހެނަސް ރާއިފް އެކަނިވާން ބޭނުންވާ ވާހަކަ ބުނުމުން އިތުރު އެއްޗެކޭ ނުބުނެ އޭނާ ދިޔައީ އުސްމާނުގެ ހާލަތު ބަލައިލަންށެވެ.
***
ސިޓިން ރޫމުގައި ބޭބެއާ އެއްކޮށް ބައްޕަގެ އުފާވެރި ހަނދާންތައް އާ ކުރުމަށްފަހު، ރަޒާން އަނބުރާ އޭނާގެ ކޮޓަރިއަށް ވަދުނީ ރޭގަނޑު ކެއުމަށް އޯޑަރުކުރިކަން ބޭބެއަށް އެންގުމަށްފަހުއެވެ. ދޮރު ތަޅުލުމަށްފަހު އޭނާ އެނދުގައި އިށީނދެލީ ވަރަށްވެސް މޮޅިވެރިކަމާއެކުއެވެ. އެ ހިތުގައި އުފެދި، ބޮޑުވަމުން އަންނަ ނުތަނަވަސްކަން މީހަކާ ހިއްސާ ކުރެވޭ ނަމައެވެ.
އެ ވަގުތު އޭނާގެ ހިތަށް ރޫޔާގެ ނަމާ އެއްކޮށް ކުޑަ އަރާމެއް ލިބުނުހެން ހީވިއެވެ. އަވަސް އަވަހަށް ފަޓުލޫނު ޖީބުން ފޯނު ނަގައި، ރޫޔާގެ ނަމްބަރު ހޯދައިލިއެވެ. މިނެޓެއް ސިކުންތެއް ބޭކާރުކުރުމެއް ނެތި އެ ނަމްބަރަށް ގުޅިއެވެ.
ތިންވަނަ ރިންގާއެކު އެކޮޅުން އިވުނު އަޑާއެކު އެ ބަރު ހިތަށް އިތުރު ލުއިކަމެއް ލިބުނުއެވެ.
“ރަޒާން؟ އޯކޭތަ؟” ރޫޔާގެ އޯގާތެރި އަޑުން އޭނާގެ ދެލޯ ފެން ކަޅިވިއެވެ. އަވަސް އަވަހަށް އޭނާގެ ދެލޯ ދެމެދު ނޭފަތް ދަނޑީގައި ހިފައިލީ މީހާ ހަމައަކަށް އަޅަންށެވެ. އެހެނަސް ރޫޔާގެ ސުވާލުން އޭނާ ސިއްރުން ބިނާކުރަމުންދިޔަ ފާރު ފުނޑުވެއްޖެއެވެ. ބައްޕަ ނިޔާވި ފަހުން މީހަކު އޭނާގެ ހާލު އެހީ އަދި ކިރިޔާއެވެ. ކިތަންމެ ނުރޯން ހުއްޓަސް އޭނާގެ ދެލޮލުން ކަރުނަތައް އޮހެގެންދިޔައެވެ. އެ ކަރުނަތަކުގެ މައްޗަށް ގަދަވާކަށް ހިތްވަރެއް ރަޒާންގެ ގަޔަކުއެއް ނެތެވެ.
“ރޫޔާ…އަހަރެން ދެން ކިހިނެއް ހަދަނީ؟”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Alheyyyy next avahah upload kohdhehcheyy plzzzzz….
Can’t wait 😭😭😭😭😭😭
I am crazyyyy😭😭😭😭😭😭😭😭😭
When next?.
VARAFURIHAM mibai