Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މި ލޯތްބާއި ތި ވަޢުދު (10)

Thea reminisces
Thea reminisces Level 110 Stories
June 7, 2026 10 Mins Read
2 Comments

“ރޫޔާ…އަހަރެން ދެން ކިހިނެއް ހަދަނީ؟”

ރަޒާންގެ ކުރެހިފައިވާ އަޑު އިވުނު ރޫޔާގެ ހިތަށް ތަދުވީ އިންތިހާއަށެވެ. އެ އަޑުގައިވާ ހިތާމަތަކާއި ތަދުތަކުން ރޫޔާގެ ދެލޯވެސް ފެންކަޅިވިއެވެ. އެހެނަސް ރޫޔާ އޭނާގެ ނަފްސަށްވުރެ ރަޒާން އިސްކުރަން މަޖުބޫރުކުރިއެވެ.
“ރަޒާން…އަހަރެން މިހުރީ އަޑުއަހަން…”

ރޫޔާގެ އަޑުގައިވާ ސާބިތުކަން އިހުސާސްކުރެވި ރަޒާނަކަށް އެހިތުގައިވާ އުދާސްތައް ނުފޮރުވައެއް ނުހުރެވުނެވެ. ކޯތާފަތްމަތިން ދަތުރުކުރަމުންދިޔަ ކަރުނައާއި އެކު އޭނާއަށް ރޮވެން ފެށުނެވެ.
“އަހަރެން ހަމަ…އަސްލަށްވެސް ބޯ ގޮވާއެބަ…ހުރިހާ އެންމެން… ޑިޕެންޑުވެގެން އެހުރީ އަހަންނަށް. މަންމަ، ރަނާ، ރާއިފް… އަހަންނަށް ކިހިނެތް އެހުރިހާ އެންމެން ބޭނުންވާ ކަންތައްތައް ކުރާނީ؟ އެމީހުންގެ މައްސަލަތަކަށް ހައްލު ހޯދާނީ؟ ނުވިތާކަށް…ބައްޕަގެ ވިޔަފާރީއާ ހަވާލުވާންވީވެސް އަހަރެން… އެހުރިހާ އެންމެންގެ އެކްސްޕެކްޓޭޝަންތައް ފުރިހަމަ ކުރާނީ ކިހިނެއް؟ ބައްޕަގެ ޒިންމާތަކާ ހަވާލުވެ ހުރީ އަހަރެން….އަހަންނަށް މިކަންވާނެތަ؟” ރަޒާންގެ ވެނީ އަޑުން ރޫޔާ އަށް ނުރޮވި ހުރެވުނީ ކިރިޔާއެވެ. ހާއްސަކޮށް، މިއީ އޭނާގެ ހަޔާތުގައި އަލަށް ފިރިހެނަކު ރޯ އަޑު އިވުނު ފަހަރުވެފައި، އެ ރޯން ހުރި ފިރިހެނަކީ، އޭނާ އެންމެ ލޯބިވާ ރަޒާނަށް ވުމުން މާ ބޮޑަށް އަސަރުކުރިއެވެ.

“ރަޒާން…އަހަންނެއް ނުބުނާން ހުއްޓާލާކަށޭވެސް. އެކަމަކު އަޑުއަހާ. ރަޒާން ތީ ވަކީލެއްނު. އެތަކެއް ކޭސްތަކެއް ޑީލް ކުރި، ފަސޭހަ އުނދަގޫ..ބައެއް ފަހަރު އެ ކޭސްތަކުން ބަލިވެފައި އަނެއްބާ ކޭސްތަކުން މޮޅުވެފައި…. ހަޔާތުގައި ދިމާވާ ކޮންމެ ސުވާލަކަށް ޖަވާބު ހޯދުމަކީ މުސްތަޙީލު ކަމެއް. ހަމަ އެގޮތަށް މީހުން ރަޒާނަށް ކުރާ އުންމީދުތައް އަބަދު ފުރިހަމައެއް ނުވާނެ.”

ރޫޔާ ނޭވާއެއް ދޫކޮށްލިއެވެ. “އެއީ ދިރިއުޅުމަކީ.. ތެދެއް. ރަޒާންގެ ބައްޕަ ހަވާލުވެ ހުރި ހުރިހާ ކަމެއް އަދާކުރަން ހުރި މީހަކީ މިއަދު ރަޒާން. ރަޒާންގެ ބައްޕައަށް އެކަން ކުރެވުނު އިރު ކީއްވެ ރަޒާނަށް އެކަން ނުވާންވި؟ އަމިއްލަ ނަފްސަށް އިތުބާރުކޮށްބަލަ…”
ރަޒާން ލޯ މަތީ އަތް އަޅައިލީ ރޫޔާގެ ޖުމުލަތަކަށް ވިސްނައިލަމުންނެވެ. މަޑުމަޑުން ނަމަވެސް އެ ހިތަށް ކުޑަވަރެއްގެ ލުއިކަމެއް ލިބެމުން ދިޔައެވެ.
“އެކަމަކު…އަހަރެން ނިންމާ ނިންމުން ތަކުން ގެއްލުމެއް ލިބިއްޖެނަމަ؟”
” ދެން އެ ގެއްލުން ލިބުނީމަ އެއާ މެދު ވިސްނާނީ..”
“އަހަރެން ބައްޕަހާ ރަނގަޅަށް ޑެސިޝަންއެއް ނުނެގުނީއްޔޯ؟”
“ރަޒާން ތީ ރަޒާންގެ ބައްޕައެއް ނޫނެއްނު. ބައްޕަގެ ޑެސިޝަނަށްވުރެ ރަނގަޅު ޑެސިޝަނެއް ނެގިއްޖިއްޔާ؟ ރަޒާން..މިކަން ކިރިޔާވެސް ކުރެވޭނެ މީހަކީ ރަޒާން. އެ ހިތްވަރާއި އަޒުމް އެބަހުރި ރަޒާން ގައިގައި”

ރަޒާން އަތުގެ ނޫފުށުން އޭނާގެ ލޮލުން ފޭބި ކަރުނަތައް ފޮހެލިއެވެ. އެނދުގައި އޮށޯވެލުމަށްފަހު އޭނާ ސީލިންގަށް ބަލަން ހުރިއެވެ.
“ތެންކްސް.”
“ވެލްކަމް…ދެން ބުނެބަލަ…ކައިގެންތަ ތިހުރީ؟”
***

އޭގެ ދެތިން ދުވަސް ފަހެވެ.

ވަގުތަކީ މެންދުރުގެ އެންމެ ހޫނުގަދަ ގަޑިއެވެ. އޮފް ދުވަހެއްކަމުން ރޫޔާ އުޅުނީ އޭނާގެ އުނުއަންނައުނު ދޮންނަންވެގެންނެވެ. ހަމަހިމޭންވެފައިވާ އެ ގޭގެ ބަދިގެ ބިއްދޮށުގައި ހުރި ކުޑަ ކޮޓަރީގައި ހުރި މެޝިނަށް ހެދުންކޮޅު އެޅުމަށްފަހު ދޮންނަން ޖައްސައިލިއެވެ. އަދި އެ ކޮޓަރިން ނުކުމެ، ބަދިގެ ކަޑަތުކޮށްގެން ސިޓިން ރޫމަށް ނުކުންނަން ދިޔައެވެ.
ފޯނު ހިފައިގެން ސޯފާގައި އިށީންނަން އުޅުނު ވަގުތު އެގޭ ދޮރު މައްޗަށް މީހަކު އެރިއެވެ. އެގޭ ތެރެއަށް ނުވަދެ، މަޑުކޮށްލައިގެން ހުރެ އެމީހާ ރޫޔާއަށް ބަލަން ހުރީ ރޫޔާ ރޭކާލަނެ އިރަކަށް އިންތިޒާރުކުރަމުންނެވެ.
މީހަކު މާ ވަރަކަށް ބަލާ ހެން ހީވެގެން އޭނާ އިސްއުފުލައިލައި ދޮރާ ދިމާލަށް ބަލައިލިއެވެ. ދޮރު މަތީ ހުއްޓިހުރި ޝަފަޤްފެނި އޭނާ އުފަލުން ދެފައި މައްޗަށް ތެދުވިއެވެ. އެހެނަސް ޝަފަޤްގެ މޫނު މަތިން އެއްވެސް އަސަރެއް ފެންނަން ނެތުމާއެކު އޭނާ ނެގި މަޑުވިއެވެ. ކަޅި އެއްލިތަނުން، ޝަފަޤްގެ އަތު ތެރޭ އޮތް ބޭސް ސިޓީ ފެނުނެވެ. ވީ ގޮތް އޭނާއަށް ފަހުމުވީ ދެނެވެ.
ޝަފަޤް އެގޭ ތެރެއަށް ވަދެ ރޫޔާގެ ކުރިމަތީގައި ހުއްޓުނެވެ. އޭނާގެ އަތު ތެރޭ އޮތް ބޭސް ސިޓީއަށް ނަޒަރު ހިންގައިލިއެވެ. އޭނާ ދެވަނަ ސިކުންތުގައި ރޫޔާގެ ގައިގައި އޮޅުލައިގަތުނެވެ. އޭނާގެ މަންމަ ކުރިމަތީގައި ހިފެހެއްޓި ކަރުނަތައް ދޫކޮށްލީ ރޫޔާގެ ކޮނޑުގައި ބޯ އަޅައިގެންނެވެ.

“ޝަފް…ހިނގާ އަހަރެންގެ ކޮޓަރިއަށް” ހަލީމާމެންނަށް ޝަފަޤް ރޯ މަންޒަރު ދައްކަން ބޭނުންނުވާތީ ރޫޔާ އަވަސްއަވަހަށް އޭނާ ގޮވައިގެން ސިޑި ގިރާ ކުރުމަށްފަހު ކޮޓަރިއަށް ވަދުނެވެ. އެ ކޮޓަރި ދޮރު ލައްޕައިލުމަށްފަހު ޝަފަޤް އެނދުގައި ބޭންދިއެވެ. އަދި އަވަހަށް އެނާގެ ނިދާ އެނދުކައިރީ ހުރި ކުޑަ ކަބަޑު މަތިން ފެން ޖަގުނަގައި، ސާފު ބިއްލޫރިތަށްޓަކަށް ފެންފޮދު އެޅުމަށްފަހު އެ ތަށި ޝަފަޤަށް ދިއްކޮށްލިއެވެ.
ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެމުން ޝަފަޤް އެ ފެންތަށި ޤަބޫލުކުރިއެވެ. ބިސްމި ކިޔައި ކޯވަރެއް ބޯލުމަށްފަހު އެ ތަށި އުނގުމަށްޗަށް ތިރިކޮށްލިއެވެ.
“އަހަރެން މިކަން ކުރިއަށް ފާހަގަ ކުރެވުނު ނަމަ….މަންމަ….މަންމައަކަށް އެވަރެއް ނުވާނެ” ކުރެހިފައިވާ އަޑަކުން ޝަފަޤް ބުނެލީ އަތުގައި އޮތް ފެންތައްޓަށް ބަލަން ހުރެއެވެ.
“އަހަރެން މީ ކިހާ ގޯސް ދަރިއެއް…އަހަންނަކަށް ނޭނގުނު އަހަރެން މަންމަ ބަލިވެ ވޭނުގައި އުޅޭތަނެއްވެސް”

“ޝަފް…ބަލާބަލަ…” ރޫޔާ ޝަފަޤްގެ ކުރިމަތީގައި ދެކަކޫ ޖަހައި އިށީނދެލިއެވެ. ދެލޮލުން ކަރުނަ ގިނަވެފައި ހުރެ، އޭނާގެ ދެއަތް އުފުލައި، އިނގިލިތަކުން އެކުވެރިޔާގެ ކަރުނަތައް ފޮހެލައިދިނީ ލޯބިންނެވެ.

“ޝަފް..ބަލާބަލަ…އެކަކުވެސް ނުބުނާނެ ޝަފްއަކީ ގޯސް ދަރިއެކޭ. އެހެން ވިސްނައިގެންވެސް ނުވާނެ… ޝަފް އަކީ ތިބުނާހެން ގޯސް މީހެއްނަމަ މަންމަ ބަލި ވާހަކަ އަޑު އިވުނުހާ އަވަހަކަށް ރަށަކަށް ނާންނާނެދޯ؟ މަންމަގެ ގިނަ ކަންތައްތަކުގައިވެސް ޚަރަދުކުރަނީ ޝަފް…އެހެންވީމާ އެގޮތަށް ވިސްނައިގެންވެސް ނުވާނެ.” ރޫޔާ އުޅުނީ ފުރަތަމަ ވިސްނައިދޭންށެވެ.
“ޝަފްގެ މަންމަގެ ބަލި އަދި ކޮންޓްރޯލް ކުރެވޭނެ. އަވަހަށް ގޮސް އުޅޭ އެންޑޯ އަކަށް ދައްކަން. އަދި އިރާދަކުރެއްވިއްޔާ ވަގުތު އެބައޮތް.” ޝަފަޤްގެ ނަޒަރު އޭނާއަށް ހުއްޓުވުމާއެކު ރޫޔާ ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.
ޝަފަޤް ރޫޔާއަށް ބަލަން ހުރެފައި ބޯ ޖަހައިލިއެވެ. “މާދަން މިއުޅެނީ މަންމަ ގޮވައިގެން ދާން… ހިތަށް އެރީ ރޫ ކައިރީ ބުނާނީއޭ…..” ޝަފަޤް ތަށީގައި ހުރި ފެންފޮދު ހުސްކޮށްލުމަށްފަހު އެ ތަށި އަނބުރާ ކަބަޑު މަތީ ބެހެއްޓިއެވެ.
“ރަޒާން ކިހިނެއްތަ؟ ވަސީމް ބުނި ރަޒާން އަދިވެސް މެލޭގައޭ” ޝަފަޤް އަހާލިއެވެ.
“ހޫމް…..ބުނި ރާއްޖެއަށް އަންނާނަމޭ މާދަން ނޫން އަނެއް ދުވަހު….ބޯޑް މީޓިން އެބައޮތޯ ދެން އަންނަ ހަފްތާގައި” ރޫޔާ ނޭވާއެއް ދޫކޮށްލަމުން ދެކަކޫ މަތިން ތެދުވެ އެނދުގައި އިށީނދެލިއެވެ.
“ދެން އޭގެ މާނައަކީ އޭނާ ލޯޔަރުކަން ދޫކޮށްލަނީތަ؟”
“ހޫމް..އިތުރު ގޮތެއް ނެތޯ ބުނި”
“އަޅޭ…ދެޓްސް..ސޭޓް”
___

ހުޅުމާލޭގައި ހުރި ‘ރަންމުތް ހޯލްޓިންގްސް’ ގެ ބޮޑު އިމާރާތުގެ ދިހަ ވަނަ ފަންގިފިލާގެ ހޯލަށް، ލިފްޓުން ނުކުތް ރަޒާންގެ ނަޒަރު ހުއްޓުނީ އެ ހޯލުގެ ކޮޅުގައި ހުރި ދޮރުގައި ހަރުކޮށްފައި އޮތް ނަމްބޯޑަށެވެ.
‘މުޙައްމަދު ޝަފީޤް- އެކްޒެކިއުޓިވް ޗެއަރމަން އެންޑް ސީ.އީ.އޯ’

އޭނާގެ ފަހަތުގައި ހުއްޓިހުރި އުސްމާން އެނާގެ ކޮނޑުގައި ހިތްވަރު ދިނުމުގެ ގޮތުން ޖަހައިލިއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު އަވަސް ފިޔަވަޅުތަކާއެކު ދެމީހުން އެ ދޮރު ހުޅުވައިލުމަށްފަހު އެ އޮފީހަށް ވަދުނެވެ.
އެ އޮފީހަށް ވަދެވުމާއެކު ރަޒާނަށް ދެލޯ ހަނިކޮށްލެވުނީ އެ އޮފީހުގެ ތެރެއަށް އެޅިފައިހުރި ގަދަ އަވީގެ ސަބަބުންނެވެ. އެ ޒަމާނީ އޮފީހުގެ ހުރިހާ ދިމާލަކުންވެސް ފެނިގެން ދަނީ މުއްސަނދިކަމެވެ. އޮފުއަރާ ސަންގުމަރުމަރުހިލައިގެ ތަޅުންގަނޑާއި، ތަޅުންގަނޑުން ފެށިގެން ސީލިންގާއި ހަމައަށް އަންނަ ބިއްލޫރި ފާރެވެ. އެ އޮފީހުގެ މެދުގައި ސޯފާތަކާއި ގޮނޑިތަކާއި ޒަމާނީ ކޮފީ މޭޒުތައް އަތުރައިފައިހުރީ އެ އޮފީހަށް އަންނަ މެހެމާނުންނަށް ހާއްސަކޮށްގެންނެވެ. އެ އޮފީހުގެ ކޮޅުގައި ޑެސްކްޓޮޕެއް ބަހައްޓާފައި އިން އޮފީސް މޭޒުގެ އިތުރުން ފާރާއި އިން ވެގެން ބޮޑު ފޮތްކަބަޑެއް ހުއްޓެވެ. އެ މޭޒުމަތީ ކުޑަ ފޮޓޯ ފްރޭމެއް ފެނިފައި ރަޒާން އެ ފްރޭމް އަތަށް ނެގިއެވެ.

އެ ފްރޭމަށް ލައްވައިފައި އިން ފޮޓޯ ފެނިފައި ރަޒާން ނޭވާ ހުއްޓުނެވެ. އެއީ އެނާ ލޯ ސްކޫލުން ދަސްވެނިވި ދުވަހު، އޭނާއާއި އޭނާގެ ޢާއިލާގެ އިތުރުން އުސްމާނާއި އެއްކޮށް ނަގައިފައި އިން ފޮޓޯގަނޑެކެވެ. އިރުކޮޅެއް ވަންދެން އެ ފޮޓޯއަށް ބަލަން ހުރެފައި އަނބުރާ މޭޒުމަތީގައި އެ ފްރޭމް ބެހެއްޓީ އިތުރު ބަހެއް ނުބުނެއެވެ.

“މިއޮތީ ބޯޑް މެމްބަރުންގެ ފައިލް. ކިޔާލަބަލަ” އުސްމާން އެ މޭޒުގެ ކުރިމަތީގައި މަޑުކޮށްލުމަށްފަހު ފައިލެއް އެ މޭޒުމަތީގައި ބޭއްވިއެވެ. ރަޒާން އެއްޗެކޭ ނުބުނެ މޭޒު ދަށަށް ވައްދައިފައި އިން ގޮނޑި ބޭރަށް ނެރެ، އެ ގޮނޑީގައި އިށީނދެލިއެވެ. އަދި މޭޒާއި ކައިރިވެލުމަށްފަހު އެ ފައިލް ހުޅުވައިލިއެވެ.
“ކޮން އިރަކު މީޓިން އޮތީ؟” އެ ފައިލްގައި ހުރި ކަރުދާސްތައް ކިޔަމުން އޭނާ އަހައިލިއެވެ.
“މިއަދު. ދެ ގަޑިއިރު ފަހުން…” އުސްމާން އަތުގައި އަޅައިފައި އޮތް ގަޑިއަށް ބަލައިލިއެވެ.
“އުފް…..އެހާ ވަގުތެއްވެސް ނެތް ދޯ. އެހެން ވީމާ އެ މީޓިންއަށް ތައްޔާރުވާން އުޅެމާ”
***

އޭގެ ގަޑިއިރެއް ފަހެއެވެ.

އެހެން ފައިލެއް ހުޅުވައިގެން، އެ ފައިލްގައި ހުރި ކަރުދާސްތައް ކިޔަން އިން ރަޒާން އިނީ ނިއްކުރި މަސާޖުކުރަންށެވެ. ދޭތެރެއަކުން އޭނާ އެ ފައިލުގައިވާ ކަރުދާސްތަކުން ނަޒަރު ވަކިކޮށް، ބޮޑު ބިއްލޫރި ފާރަށް ނަޒަރު ހިންގައިލިއެވެ. ބޭރުން ރީތިކޮށް އިންޑިޔާ ކަނޑު ހާމަކޮށް ފެންނަން އޮތެވެ. އޭނާ އެ ފައިލް މޭޒުމައްޗަށް ދޫކޮށްލުމަށްފަހު، ގޮނޑިން ތެދުވެ އެ ފާރާ ދިމާލަށް ހިނގައިގަތެވެ. އެ ފާރު ކުރިމަތީ ހުއްޓިފައި ދެ ޖީބަށް އަތް ޖަހައިލައިގެން ފެންނަމުންދާ މަންޒަރުތަކަށް ސަމާލުކަން ދިނެވެ. ބަރުވެފައިވާ އެނާގެ ބޮލަށް މަޑުމަޑުން ނަމަވެސް ލުއިކަމެއް ލިބެން ފަށައިފިއެވެ.

ޖީބުގައި އޮތް ފޯނު ރިންގުވާ އަޑަށް އެ ފޯނު ނަގައި އެ ކޯލް ޤަބޫލުކޮށް ކަންފަތާ ކައިރިކޮށްލިއެވެ. ގުޅީ ކާކުކަން އެނގިހުރެ އޭނާ އެއްވެސް އެއްޗެކޭ ނުބުނެ ހުރީ އެކޮޅުން ގުޅި މީހާގެ އަޑަށް އިންތިޒާރުކުރާތީއެވެ.
“ހަލޯ؟” ރޫޔާގެ އަޑާއެކު ރަޒާންގެ ބޮލުގެ ރިހުން އެކީ އެއްކޮށް ފިލިފަދައެވެ. އޭނާ އެއްޗެކޭ ނުބުނެ އަދި މަޑުކޮށްލީ ރޫޔާ ހަދާނެ އެއްޗެއް ބަލަން ވެގެންނެވެ.
“ރަޒާން..ރަޒާން؟” ރަޒާންގެ ފަރާތުން އަޑެއް ނީވެގެން ރޫޔާ ފޯނު ކަންފަތާ ދުރުކޮށްލުމަށްފަހު ސްކްރީނަށް ބަލައިލިއެވެ.
“ސިގްނަލް ގޯސްވީކަންނޭނގެ..ރަޒާން…ޒާން…”
“ޒާންއޭ؟” އޭނާއަށް ރޫޔާ ދިން ވަނަން އިވިފައި މަޑަކުންނެއް ނުހުރެވުނެވެ. ދިމާކުރާ ރާގަކަށް އެހެން ބުނެލީ ރޫޔާގެ މޫނަށް އަރައިގެންދާ ކުލަވަރުތައް ޚިޔާލުގައި ތަސްވީރުކުރަމުންނެވެ.
“ރަޒާން..” ރޫޔާގެ އަޑުންވެސް އޭނާ ރަކިވެއްޖެކަން ރަޒާނަށް ޔަޤީންވިއެވެ.
“ލައްބަ…ނޫރުލް ޢައިން”
“ނޫރުލް…ޢައިން؟؟” ރޫޔާ އެނަން ތަކުރާރުކޮށްލިއެވެ.
“ހޫމް..މި ދެލޮލުގެ ނޫރެއްނު ތީ” ރަޒާން އެހެން ބުނެލީ ނުލާހިކު ފަސޭހަލާއެކުއެވެ. އެނާގެ ބަހާއެކު ރޫޔާގެ ރަކި ހުނުމުގެ އަޑު އިވުނެވެ.
“ޕިސްޕިސް…ހެވޭ…ކީއްކުރަނީ ތި؟” މަޢުޟޫ ބަދަލުކޮށްލުމުގެ ނިޔަތުގައި ރޫޔާ އެހެން ވާހަކައެއް ފެށިއެވެ.
“ރޫޔާ މަތިން ހަނދާން ކުރަން މި އިނީ”
“ރަޒާން! ހަމަ ސީރިއަސްކޮށޭ މި އެހީ..”
“އަހަރެންވެސް ހަމަ ސީރިއަސްކޮށޭ މި ޖަވާބު ދިނީ”
ރޫޔާ ފުންނޭވާއެއް ނެގި އަޑު އޭނާއަށް އިވުނެވެ. އޭނާއަށް ބޭ އިޚްތިޔާރުގައި ހެވުނެވެ. ކުރިމަތިން ފެންނަމުންދާ ކަނޑަށް ނަޒަރު ހުއްޓިލައިގެން އޭނާ މަޑުކޮށްގެން ހުރީ ރޫޔާގެ ރައްދަކަށެވެ.
“އޯކޭ…އަހަރެން މަތިން ހަނދާން ކުރުމުގެ އިތުރުން ކޮންކަމެއް ކުރަނީ ތި؟”
އެއާއެކު ރަޒާން ނޭވާއެއް ދޫކޮށްލިއެވެ. ބިއްލޫރި ފާރުން ދުރަށް ޖެހިލުމަށްފަހު އަނބުރާ ބޮޑު ގޮނޑީގައި އިށީނދެލިއެވެ.
“މީޓިންއަށް ރެޑީވަނީ…ބުނީމެއްނު…”
“އޯހް….އަހަރެންގެ އެހީ ބޭނުންތަ އެއްވެސް ކަމަކަށް؟” ރޫޔާއަށް ކުރެވޭނެ އިތުރުކަމެއް ނެތްކަން އެނގިހުރެ އޭނާ އެހިއެވެ.
“ހޫމް…އެހެން ނަމަކުން ގޮވާބަލަ، ޒާން…ރަޒާން ނޫން އެހެން ނަމަކުން”
“ރަޒާން…!”
“ޓްރައި އެގޭން….ނޫރުލް ޢައިން” ރަޒާންގެ ދުލުން ބޭރުވި ނަމާއެކު ރޫޔާގެ ހުނުމުގެ އިވުނެވެ.

___

އެ އިމާރާތުގެ މީޑިން ރޫމްގައިވާ ބޮޑު މަހޮގަނީ ލަކުޑިން ހަދައިފައިވާ ދިގު މޭޒު ވަށައިގެން ނުވަ ގޮނޑި ހުއްޓެވެ. އޭގެ ތެރެއިން އަށް ގޮނޑީގައި މީހުން އިށީނދެ އެތިބީ މި ބައްދަލުވުން ފެށޭނެ އިރަކަށް އިންތިޒާރުކުރަމުންނެވެ.

ރަޒާނާއި އުސްމާނު އެ ކޮޓަރިއަށް ވަދެގެން އައުމާއެކު އެ އެންމެން ތެދުވެ އެ ދެމީހުންނާއި ސަލާމްކޮށް ތަޢުޒިޔާ ބަދަލުކުރިއެވެ. ރަޒާން ގޮސް މޭޒުގެ އެއްކޮޅުގައި ހުރި ޕޯޑިއަމް ކައިރީ ހުރި ގޮނޑީގައި އިށީނދުމާއެކު މަޖިލީސް ފެށިގެން ދިޔައެވެ.
އެ ހަތަރެސްކަން މޭޒުގެ ކަނާތް ފަރާތުގެ މެދުގައި އިން ގޮނޑީގައި އިށީނދެއިން، ކުރީގެ ޑެޕިއުޓީ ފައިނޭންސް މިނިސްޓަރު އަދި އެ ކުންފުނީގެ ސީނިއާ އިންޑިޕެންޑެންޓް ޑިރެކްޓަރ މުޙައްމަދު ރަޝީދު ގޮނޑިން ތެދުވިއެވެ. މަޑު ހިނގުމެއްގައި ގޮސް ޕޯޑިއަމް ކައިރީ ހުއްޓުމަށްފަހު އޭނާ މައިކް އޮންކޮށްލިއެވެ. ޢުމުރުން ފަންސާހުގެ ފަހު އަހަރުތައް ގުނަމުންދާ މުޙައްމަދު ރަޒާނަށް ނަޒަރު ހިންގައިލުމަށްފަހު، އެ ބައްދަލުވުމުގެ ބައިވެރިންނާ މުޚާތަބު ކުރަން ފެށިއެވެ.
“މިއީ ރަންމުތް ހޯލްޑިންގްސްގެ ބޯޑުގެ ކުއްލި ބައްދަލުވުމެއް. މި ބައްދަލުވުމުގައި ބޯޑުގެ ހުރިހާ އެންމެން ވަނީ ހާޒިރު ވެފައި. މިއަދުގެ ބައްދަލުވުމުގެ އެޖެންޑާ އަކީ..ރަންމުތް ހޯލްޑިންގްސްގެ ބާނީ އަދި ކުރީގެ އެގްޒެކެޓިވް ޗެއަރމަން އަދި ސީ.އީ.އޯ އަލްމަރްޙޫމް މުޙައްމަދު ޝަފީޤް އަވަހާރަވުމާ ގުޅިގެން، އެ މަޤާމް ފުރުއްވުމަށް މީހަކު އައްޔަން ކުރުން… މި ފުރުސަތުގައި އަޅުގަނޑު އަހުމަދު ރަޒާން ބިން މުޙައްމަދު ޝަފީޤަށް ބޯޑާ މުޚާތަބު ކުރުމަށް ދަޢުވަތު އަރުވަން”

މުޙައްމަދު ޕޯޑިއަމާ ދުރަށް ޖެހިލުމާއެކު ރަޒާން އިށީނދެއިން ގޮނޑިން ތެދުވެލިއެވެ. ލައިގެން ހުރި ކޯޓުގެ ގޮށް ރަނގަޅުކޮށްލުމަށްފަހު އޭނާ ޕޯޑިއަމް ކައިރީ ހުއްޓުނީ އެއްވެސް ނުތަނަވަސްކަމެއް، ޖެހިލުންވުމެއް ނެތިއެވެ.
“ޝުކުރިއްޔާ ސީނިއާ ޑިރެކްޓަރ..މިއީ އާދައިގެ ބައްދަލުވުމެއް ކަމަށް އަޅުގަނޑެއް ނުދެކެން. ހަމަ އެބީދައިން ތިބޭފުޅުންވެސް ނުދޭކޭނެކަން ޔަޤީން. އަޅުގަނޑުގެ ބައްޕަ، މި ކުންފުނީގެ ބިންގާ އެޅީ ބައްޕަ އަށް ވާރުތަވި މަސްދޯންޏަކުން….ބައްޕަގެ ހިތްވަރާއި މިންނަތުން، އެ މަސްދޯނި ވިޔަފާރި ބަދަލުވެގެންދިޔައީ އަހަރެމެން މިހާރު މި ދެކެމުން އަންނަ ކުންފުންޏަށް. ތި ބޭފުޅުންގެ އެހީއާއި ވެދުމުން މު ކުންފުނި ވެގެން ދިޔައީ ރާއްޖޭގައި އެންމެ ނަން ހިނގޭ އެއް ކުންފުންޏަކަށް. ތި ބޭފުޅުންނަކީ ހަމައެކަނި ބައްޕައާއެކު މަސައްކަތް ކުރެއްވި ބޭފުޅުންނެއް ނޫން. ބައްޕައަކީ އެކުވެރިއެއްކަމަށް ދެކި، ބައްޕަ ދެކެ ލޯބިވި ބޭފުޅުން. ޚުދު އަޅުގަނޑުވެސް….”

ރަޒާން އެހިސާބުން މަޑު ޖެހިލިއެވެ. ފަހަރަކު މީހަކަށް ނަޒަރު ހިންގައިލުމަށްފަހު އޭނާގެ ކުރިއަށް ގެންދިޔައެވެ.
“ބައްޕަ ނިޔާވުމުގެ ކުރިން އަޅުގަނޑު ބައްޕައަށް ވަޢުދުވިން ބައްޕަ ދޫކޮށްފައި ދިޔަ މި އަގުހުރި ތަރިކަ ރަނގަޅަށް ބަލަން..އަޅުގަނޑުގެ ބޮޑުބޭބެއާއެކު…” ކައިރީގައި ހުރި އުސްމާނަށް އިޝާރަތްކޮށްލުމަށްފަހު ރަޒާން ބުނެލިއެވެ.
“މިއަދު އަޅުގަނޑު ތިހުރިހާ ބޭފުޅުންގެ ފަރާތުން އެދެނީ މި ވަޢުދު ފުއްދުމުގައި އަޅުގަނޑަށް އެހީތެރިވުމަށް.”

ރަޒާން ކޮނޑު ސީދާކޮށްލުމަށްފަހު ނޭވާއެއް ދޫކޮށްލިއެވެ.
“އަޅުގަނޑު ހުށަހަޅަނީ ގުޅިފައިވާ ލީޑަރޝިޕެއް..އެގްޒެކެޓިވް ޗެއަރމަންގެ މަޤާމާ އަޅުގަނޑު ހަވާލުވާނަން. ބޯޑުގެ ލީޑަރޝިޕް.. ގްރޫޕްގެ ސްޓްރެޓެޖީ…ގަވަރނަންސް އަދި ސްޓޭކްހޯލްޑަރުންނާ އޮންނަ ގުޅުންތަކުގެ ޒިންމާ އުފުލުމަށް. ދެން މި ކުންފުނީގެ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ދެނެވަޑައިގަންނަވާ އަޅުގަނޑުގެ ބޮޑުބޭބެ، އުސްމާން ބިން ޢަބްދުﷲ، ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް އައްޔަންކުރެވޭނެެ. ފުރިހަމަ އެގްޒެކެޓިވް ބާރުތަކާއެކު ދުވަހުން ދުވަހަށް ހިންގަންޖެހޭ ކަންކަން ބަލަހައްޓަވާނީ އެބޭފުޅާ. އަޅުގަނޑުގެ ބައްޕަ އިސްކޮށް ހުންނަވައިގެން ކަންކަން ކުރެއްވި ފަދައިން، އަޅުގަނޑުމެން ދެމީހުން އިސްކޮށް ތިބެގެން ކުރިއަށް ގެންދާނަން”

ރަޒާން އެހެން ބުނުމަށްފަހު ޕޯޑިއަމާ ދުރަށް ޖެހިލިއެވެ. މަޑު ހިނގުމެއްގައި ގޮސް އިށީނީ މޭޒު ކޮޅުގައި ހުރި އޭނާގެ ބައްޕަ ދުނިޔޭގައި ހުރި އިރު އިށީނދެ އިންނެވި ގޮނޑީގައި އެވެ. ހަށިގަނޑު ތެދުކޮށްލުމަށްފަހު ބައިވެރިންނަށް ބަލަން ހުރީ އެއްވެސް ނުތަނަވަސްކަމެއް ނެތިއެވެ.

މުޙައްމަދު ރަޝީދު ބޯ ޖަހައިލުމަށްފަހު ބޯޑުގެ މެމްބަރުންނަށް އިޝާރަތް ކުރިއެވެ. “މަޝްވަރާ ކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވައިލެވިފައި”

ރަޒާންގެ މޫނަށް ބަލަން ހުރެފައި އެންމެ ފުރަތަމަ ވާހަކަ ދެއްކީ ބޯޑުގައި ޢާއިލާ ތަމްސީލުކުރަން ހަމަޖެހިފައިވާ ޝަފީޤާއި އުސްމާނުގެ ބޮޑުބޭބެގެ ދަރިފުޅު ޔޫސުފް ޝަރީފެއެވެ.
“އަޅުގަނޑަކީ ރަޒާން ކުޑައިރުއްސުރެ ދަންނަ މީހެއް. ވަރަށް ރަނގަޅު..އިތުބާރުކުރެވޭ..ބުއްދި ރޯފިލައި…އަޅުގަނޑުގެ ބޮޑުބޭބެ ކުންފުނި ހިންގުމަށް އުސްމާނާއި ރަޒާނަށް ހަވާލުކުރީ، އެ ޒިންމާ ރަނގަޅަށް އަދާކުރެވޭނެ މީހުންނަކީ އެދެމީހުންކަމަށްވަތީކަމަށް އަޅުގަނޑު ޤަބޫލު ކުރަނީ. އެހެންވީމާ އަޅުގަނޑާއި، އަޅުގަނޑު ތަމްސީލުކުރާ ޢާއިލާއިންވެސް މިކަމަކަށް ދެކޮޅު ހަދާކަށް ނެތިން”
“މާކެޓިންނާ މެދު ވިސްނައިފިނަމަ…މިއީ އަސްލު ބުއްދިވެރިކަމެއް.” އިވިގެން ދިޔައީ ސިންގަޕޫރުގައި ފަތުރުވެރިކަމުގައި މަސައްކަތްކުރަމުންދާ ކަރީމް އިބްރާހިމްގެ އަޑެވެ.
“ކުއްލިއަކަށް ލީޑަރޝިޕް ގެއްލިގެން ދިއުމަކީ..އިންވެސްޓަރުންނާއި. ލޯނު ދޫކުރާ ފަރާތްތަކުންނާއި. ރިސޯޓްތަކުގައި އަޅުގަނޑުމެންނާއެކު މަސައްކަތްކުރަމުންދާ ޕާޓްނަރުންނަށް ދެވޭ ނުބައި މެސެޖެއް. އުސްމާނަކީ އަހަރެމެން ހުރިހާ އެންމެންގެ ޤަދަރާއި އިޚްތިރާމް ލިބިފައިވާ މީހެއް. ރަޒާންގެ މަސައްކަތަކީ އެ ޤަދަރާއި އިޚްތިރާމް ދެމެހެއްޓުން. ބޯޑުން މިކަމާ އެއްބަސްވާނަމަ، ވީހާވެސް އަވަހަކަށް އަހަރެމެން އެބަ ޖެހޭ ޕްރެސް ރިލީޒެއް….ނޫނީ ސްޓޭކްހޯލްޓަރުންނަށް ކޮންޓެކްޓް ކޮށްގެން ޕާރފެކްޓް އިމޭޖެއް ދައްކަން.”

“ބަޓް ހައު ޑަޒް އަ ޕާރފެކްޓް އިމޭޖް ލުކްސް ލައިކް؟” އަންހެނެއްގެ ސާފު ތޫނު އަޑާއެކު އެންމެން މޭޒުގެ ވާތް ފަޅީގައި އިން މެދު ޢުމުރުގެ އަންހެނާއަށް ބަލައިލިއެވެ.
“ރަޒާން… ތިއީ އުމުރުން އެންމެ އަށާވީސް އަހަރުގެ ޒުވާނެއް” ކުރީގެ ޕްރޮސެކިއުޓަރ، މަރިޔަމް ނަޖްދާގެ ނަޒަރު ހުރީ ސީދާ ރަޒާނަށް ހުއްޓިފައެވެ.

“ތަޢުލީމީ ގޮތުން ކިޔެވީ ވަކީލަކަށް ވާން. ކޯޕަރޭޓް އެގްޒެކެޓިވްއަކަށް ވާކަށް ނޫން. ދުވަހަކުވެސް ކުންފުނީގެ ޑިވިޝަނެއް ހިންގައިފައެއް ނެތް، ބަޖެޓެއް ބަލަހައްޓާފައެއް ނެތް. ބޯޑަކަށް ޖަވާބުދާރީވެފައެއްވެސް ނެތް. ރަޒާންގެ ބައްޕަ އަކީ މި ކުންފުނީގެ ބާނީ ކަމުގައިވާތީ އެގްޒެކެޓިވްގެ މަޤާމައި ސީއީއޯގެ މަޤާމް އަދާކުރީ…އެހެންވީމާ ރަޒާން ބުނެބަލަ…ރަޒާންގެ ޢާއިލީ ނަމާއި، ބައްޕަގެ މަރުމަތީ ވީ ވަޢުދު ފިޔަވައި، ކޮން އިތުރު އެއްޗެއް ގެންނަން ތި އުޅެނީ ޗެއަރމަންޝިޕަށް؟”

ނަޖްދާގެ ސުވާލުން އެ ކޮޓަރިއަށް ނުތަނަވަސް ހިމޭންކަމެއް ވެރިވިއެވެ. އެންމެން ނޭވާ ހިފަހައްޓައިލައިގެން ހުރީ ރަޒާންގެ ޖަވާބަކަށެވެ.
ނަޖްދާގެ ބަހާ މެދު ވިސްނުމަށްފަހު ރަޒާން ހިނިތުންވެލިއެވެ. ހަށިގަނޑު އިތުރަށް ތެދުކޮށްލުމަށްފަހު ނަޖްދާއަށް ރަނގަޅަށް ބަލައިލީ ޖެހިލުމެއް ނެތިއެވެ.

“ތެދެއް ތިބުނީ… އަޅުގަނޑަކީ އަދި މިދާއިރާގައި އެހާ ތަޖުރިބާ ހުރި މީހެއް ނޫން. އަޅުގަނޑަކީ މި މަޤާމަށް ނާޤާބިލު މީހެއްކަމަށް ތި ބޭފުޅުން ޤަބޫލުކުރާނަމަ، މި ބައްދަލުވުމުން އަޅުގަނޑު ބޭރުކުރުމުގެ ހައްޤު ތިޔަ ބޭފުޅުންނަށް ލިބިގެންވޭ. އެކަމަކު އަޅުގަނޑު މިއުޅެނީކީ އަޅުގަނޑު ބައްޕައަކަށް ވާކަށް ނޫން. ބައްޕަގެ ދަރިއަކަށްވާން. ބައްޕަ ޤަބޫލުކުރި އަޅުގަނޑުގެ ގައިގައި އެހުނަރާއި ޤާބިލްކަން ހުރިކަން.”
އޭނާ ކުޑަކޮށް ކުރިއަށް ޖެހިލުމަށްފަހު އުސްމާނަށް އިޝާރަތްކުރިއެވެ.

“ވިޔަފާރީ ހިންގަނީ އަޅުގަނޑުގެ ބޮޑުބޭބެ. އަޅުގަނޑުގެ މަސްޢޫލިއްޔަތު އޮންނާނީ ގަވަރނަންސް އަށާއި، ހިއްސާދާރުންނާ ބޯޑާ އޮންނަ ގުޅުމަށާއި، ގާނޫނީ އަދި ރެގިއުލޭޓަރީ ކަންކަމަށް. އަޅުގަނޑު މި ހުށަހަޅަނީ ބާރަ މަސްދުވަހުގެ ރިވިއުއެއް. އަޅުގަނޑު މި ބޯޑަށް ތަރުތީބުކުރެވިފައިވާ ލީޑަރޝިޕް ޑިވެލޮޕްމަންޓް ޕްލޭނެއް ހުށަހަޅާނަން، ކޮންމެ ކުއާޓަރެއްގެ ކުރިއެރުން ރިޕޯޓް ކުރާނަން. އަޅުގަނޑު މިއުޅެނީ އަޅުގަނޑުގެ އަބުރު ރައްކާ ކުރާކަށް ނޫން. ބައްޕަ ދޫކޮށްފައި ދިޔަ ތަރިކަ ރައްކާކުރަން”

އެ މޭޒުގެ ކޮޅުގައި ހުރި ގޮނޑީގައި އިށީނދެއިން ރަޒާނަށް ބަލަން ހުރި ޝަފީޤްގެ ވިޔަފާރީ ޕާރޓްނާ އަދި ގާތް އެކުވެރިޔާ އާދަމް ނަސީރު ރަޒާނަށް ލުއި ހިނިތުންވުމެއް ދިނެވެ. ބައްޕަ ނިޔާވި ދުވަހުއްސުރެ ރަޒާނަށް އެ ކުންފުނީގެ ޚަބަރުދަބަރު ކިޔައިދީ، މި ބައްދަލުވުމަށް ތައްޔާރުކޮށްދިން އެކަކަކީ އޭނާއެވެ. ލޭގެ ގުޅުމެއްނެތަސް އާދަމަކީ ރަޒާނަށް ބޮޑުބޭބެއެއްފަދަ މީހެކެވެ.
“އެންމެންނަށްވެސް އެނގޭނެ އަހަންނާ ޝަފީޤުގެ އެކުވެރިކަން. ޝަފީޤުގެ ދަރިންނަކީ ހަމަ އަހަރެންގެވެސް ދަރިން… ޝަފީޤް ނިޔާވި ދުވަހު އަހަރެންނެތަސް، ޝަފީޤްގެ ތަޞައްވުރަށް އިތުބާރުކުރަން. ޝަފީޤް ޤަބޫލުކުރޭ ރަޒާނަށް މި ކުންފުނި އިތުރު ހަރުފަތަކަށް ގެންދެވޭނެކަމަށް. އެހެންވީމާ އަހަރެން ނެތިން ކޮންމެހެން މިކަމަށް ދެކޮޅު ހަދާކަށް…” އާދަމުގެ ބަސް އިވިފައި ރަޒާން ބޯ ޖަހައިލިއެވެ.

***
“ދެން ޝަފް ހަމަ އަސްލަށްވެސް ޖޮބް ދޫކޮށްލީތަ؟” ރޫޔާ ދެއަތް އުރައިލަމުން އަހައިލިއެވެ.

“ހޫމް. މިކޮޅުގައި ހުރެގެންވެސް ކޮންމެވެސް ކަމެއް ކުރެވޭނެއެއްނު. ޝާއިފްވެސް ހުރޭ ދެކުދިން…ކިހިނެއް ދޮންބެ ދައްތައަށް އެ ދެކުދިން ބަލަމުން މަންމައާއި ބައްޕަ ބަލާނީ؟” ޝަފަޤް ރޫޔާގެ އެނދުމަތީގައި އޮތް ބާލީހުގައި ބައްދައިގަނެގެން ހުރެ ބުނެލިއެވެ. ހަތަރުވަރަކަށް ދުވަސްކުރިން އޭނާއާއި ރަޝްދާ މާލެ ގޮސް، ރަޝްދާ ޑޮކްޓަރަށް ދައްކާ ނިންމައިގެން ރަށަށް އައީ އިއްޔެވެ.
“އެހެންވިއްޔާ އަންނަންވީނު އަހަންނާއެކު ޓިއުޝަން ޖަހައިދޭން އުޅެން..މިހާރުވެސް މިއުޅެނީ ކުދިން ގިނަކަމުން” ޝެހެނާ އުނގުމަތީގައި އިން ޒާޝާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
“އޯކޭ…އަހަރެން ނަގާނަން ސައިންސް މާއްދާގެ ކުދިންތައް…ޝެހޭ ތީ ބިޒްނަސް ސްޓްރީމް ކިޔެވި ކުއްޖެއްނު…ދެން ހުރި ކުދި ބެޗްތައް އަހަރެމެން ދެމީހުންނަށް ބަހައިލެވޭނެ އެއްނު”
“މައިގެ ޚަބަރެއް ވިތަ؟” ރޫޔާ ޝަފަޤް އަތަށް ކުޅިކަޖާ ތަށި ހަވާލުކުރަމުން އަހާލިއެވެ.
“ހޫމް…ދިމާވި…މަޑުކުރޭ” ޝަފަޤް އޭނާގެ ފޯނު ނަގައި މައިރާއަށް ގުޅައިލިއެވެ. މައިރާ ފޯނު ނެގުމާއެކު އޭނާ ވީޑިޔޯއަށް ޖައްސައިލިއެވެ.
“ހޭއި…. ” ޝަފަޤް އެ ފޯނަށް ހަނާ އަޅައިލިއެވެ.
“ކޮން މަޖިލީހެއް މީ؟” މައިރާވެސް ފޯނު ވީޑިޔޯއަށް ޖައްސައިލަމުން އަހައިލިއެވެ.
“މި ދައްކަނީ ޝަފްގެ ވާހަކަ…ޝެހޭ އެންމެފަހުން ޝަފް އައްޔަން ކޮށްފި” ރޫޔާ އަނގަޔަށް ކުޅިކާޖާ ފޮއްޗެއް ލަމުން ބުނެލިއެވެ.
“ތެދެއް…އަހަރެން ގޭގައި އިންނާނެ ހުސް ދެކޮޓަރި…އެއް ކޮޓަރި އަހަރެން ޓިއުޝަން ޖަހަން…އަނެއް ކޮޓަރި ޝަފް އަށް..ދެން ޖެހޭނީ ބޯޑަކާއި ދެތިން ގޮނޑިއެއް ގަންނަން..” ޝެހެނާ ބުންޏެވެ.
“އެހެންވީމާ ރަނގަޅަކަށްނު….އެކަމަކު ރޫ ހާދަ ހަމަޖެހިލައިފައި ތި ހުންނަނީ” މައިރާ ދިމާކުރާ ރާގަކަށް ބުނެލިއެވެ.
“ކަމެއް ވީތަ؟” ރޫޔާ ވާނުވާ ނޭނގިހުރެ އަހައިލިއެވެ.
“ނޫނޭ…ހަޔާތުގެ ލޯބިވާ ޕްރެސް ކޮންފެރެންސެއް ދޭން އުޅޭ އިރު އެހާ ހަމަޖެހިލައިގެން ހުރި މަ ދޯ” މައިރާގެ ބަހާއެކު އެކޮޓަރީގައި ތިބި ތިން މީހުން އެކަކު އަނެކަކަށް ބަލައިލިއެވެ.
“ކޮން ޕްރެސް ކޮންފެރެންސެއް؟” ގޮނޑިން ތެދުވެ ރޫޔާ ޝަފަޤްގެ ކައިރީ ހުއްޓުނެވެ.
“ޔޫ ޑޮންޓް ނޯ؟ އެ ކުންފުނީގެ އެގްޒެކިއުޓިވް ޗެއަރމަން އަކީ ރަޒާނޭ މިހާރު”
“ކީކޭ؟”

“ހުވާ؟”
“ސީރިއަސްލީ؟” ތިން މީހުންގެ އަޑު އައީ އެއްފަހަރާއެވެ. އެކަކު އަނެކަކަށް ކަޅި އެއްލުމަށްފަހު ތިން މީހުން ދުއްވައިގަތީ ކޮޓަރިން ނިކުންނަންށެވެ.

އަވަސް ފިޔަވަޅުތަކުން ސިޑި ކަޑަތުކުރުމަށްފަހު ގޭގެ ސިޓިންރޫމަށް ވަދުނެވެ. ސޯފާ މަތީގައި އޮތް ރިމޯޓު ނަގައި، ރޫޔާ އޭގެ ފިއްތަކަށް އޮއްބައިގެން އުޅުނީ ޓީވީއިން ދިވެހި ޗެނެލަކަށް ބަދަލުކުރަންށެވެ.
އޭނާ ހޯދަން އުޅުނު ޗެނަލް ޓީވީ ސްކްރީނަށް އެރުމާއެކު ރިމޯޓް ތިރިކޮށްލިއެވެ. ޓީވީއިން ދައްކަމުންދާ ކުއްލި ޕްރެސް ކޮންފަރެންސްގެ ކުޑަ މަޢުލޫމާތުގެ ބެނާއެއް ސްކްރީނަށް އަރުވައިފައި އިނެވެ.
‘ރަންމުތް ހޯލްޑިންގ ގެ ހާއްސަ ޕްރެސް ކޮންފެރެންސް’

“އެއީ ރަޒާން ބައްޕަގެ ކޮމްޕެނީ ދޯ” ރޫޔާގެ ފަހަތުގައި ޝެހެނާއާއި ޝަފަޤް ހުއްޓެމުން އަހައިލިއެވެ.

“ރޫ…ރަޒާން އެއްވެސް އެއްޗެކޭ ބުނިތަ ކުރީދުވަހުގެ ބޯޑް މީޓިންނަށް ފަހު؟” ޝެހެނާ އުރުގައި އިން ޒާޝާ ސޯފާމަތީ ބަހައްޓަމުން އަހައިލިއެވެ.
“ނޫން…މިދެދުވަހު އެހާ ވާހަކައެއް ނުދައްކަން..ވަރަށް ބިޒީއޭ ބުނީމަ…ނޭހުނު މީޓިން ދިޔައީ ކިހިނަކުންހެއްޔޭވެސް…” ރޫޔާ ދެއަތް އުރައިލަމުން ބުނެލިއެވެ.
“އަހަރެންގެ ފްރެންޑެއް އަހަރެން ކައިރީވެސް ބުނީ ރަޒާން ޗެއަރމަންނަށް ވީ ވާހަކަ….އަހަރެން ހީކުރީ ރޫ އަށް އެނގޭކަމަށް” މައިރާގެ އަޑުން ރޫޔާ ފުންނޭވާއެއް ދޫކޮށްލިއެވެ.

“އަޅުގަނޑު ވަރަށް ޝަރަފާއެކު ސްޓޭޖަށް ވަޑައިގަތުމަށް އެދި މި ދަންނަވަނީ ރަންމުތް ހޯލްޑިންގް ގެ އަލަށް އައްޔަން ކުރެވުނު އެގްޒެކިއުޓިވް ޗެއަރމަން އަހުމަދު ރަޒާން ބިން މުހައްމަދު ޝަފީޤް އަދި އަލަށް އައްޔަން ކުރެވުނު ޗީފް އެގްޒެކިއުޓިވް އޮފިސަރ އިބްރާހިމް އުސްމާން” ޕޯޑިއަމްގައި ވާހަކަ ދައްކަން ހުރި މިހާ އެހެން ބުނި އަޑާއެކު ތިން އެކުވެރިން ޓީވީއަށް ސަމާލުކަން ދިނެވެ.

“އޮހް..އެހުރީ އޭނާ” ޕްރެސް ކޮންފެރެންސް އޮތް ހޯލަށް ވަދެގެން އައި ރަޒާނާއި އުސްމާނުގެ އިތުރުން ދެތިން މީހަކު ޓީވީން ފެނިފައި ޝެހެނާ ބުނެލިއެވެ.

ރޫޔާއަށް ރަޒާން ފެނުމާއެކު ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. ރަޒާން ލައިގެން ހުރި ކޯޓާއި ފަޓުލޫނުން އެ ފިރިހެންވަންތަކަމަށް އިތުރުކަމެއް ލިބިގެންވެއެވެ. އެ ހިނގާލުމުގައި މީހާގެ އަބުއިކަން ފާޅުވަމުންދިޔައެވެ.
“ޝަފް…އަވަސް..ރޫގެ މޫނު މަށަށް ދައްކަބަލަ” މައިރާ އެހެން ބުނުމާއެކު ޝަފަޤް ފޯނު ތެދުކޮށްލީ ރޫޔާ މޫނު ފެންނާނެ ގޮތަށެވެ.
“ބުނެބަލަ ލަދުގަނެފާ އެރޭ…
ދެލޯ ފޮރުވީ ހީލީމާ ހޭ” މައިރާ ކިޔަން ފެށި ލަވައާއެކު ރޫޔާ މޫނު މަތީގައި އަތް އަޅައިލިއެވެ.
“މޫނު ކަލާގެ ފެނޭތޯ މިރޭ…
މިތާ މިހިރީ ފެނިދާނެ ހޭ” ޝަފަޤްވެސް މައިރާގެ ދަށުން އެ ލަވަގެ ދެން އޮތް ބައި ކިޔައިލިއެވެ.
“ޝަފް….ކަލޭވެސް؟؟” ރޫޔާ ހެމުން ހެމުން ބޯ ހުރައިލިއެވެ. ޝެހެނާ އެ ދެމީހުންނާ ބައިވެރިވުމުގެ ކުރިން ރޫޔާ އަވަހަށް ޝެހެނާއަށް ބަލައިލިއެވެ. “ޝެހޭ…ޕްލީޒް…”
ޝެހެނާ ރޫޔާގެ ބަހަށް އަޅައިނުލާ މައިރާއާއި ޝަފަޤާ އެއްކޮށް ދެން އޮތް ބައި ކިޔަން ފެށިއެވެ.
“އިސްޖެހި ލަދުގަނެފާ މިރޭ..
ހުރީމަ މިތާ ދެރަވާނަންހޭ..
ދުރަށް އެކީ ޖެހިލާށޭ މިރޭ..
އެދޭ ގޮތަކީ ކެރިދާނެހޭ…”
ތިން މީހުން އެކީ އެއްކޮށް އެ ކަޑި ކިޔާ ނިމުމާއެކު ރޫޔާ ސޯފާ މަތީގައި އޮތް ކުޑަ ބާލީސް އެ ދެމީހުންނާ ދިމާލަށް އެއްލައިލިއެވެ.

“ދެންވެސް މަޑުން ހުރޭ… ” ރޫޔާ ސޯފާގައި އިށީންނަމުން ބުނެލިއެވެ.
“ނޫނޭ..ދެކޯތާފަތަށް އެރި ޖަންބުކުލަ ފެނިފައި އަހަރެމެންނަށް ނުހުރެވުނީ އެއްޗެކޭ ނުކިޔާ…” ޝަފަޤް ލާނެއްގޮތަކަށް އެއްލޯމަރައިލުމަށްފަހު ރޫޔާ ކައިރީގައި ސޯފާ މަތީ އިށީނދެލިއެވެ.
އޭނާގެ ތިން އެކުވެރިން ކުރާ ސަމާސާތަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ރޫޔާގެ ނަޒަރާއި ކަންފަތް ހުރީ ޓީވީގައި ވާހަކަ ދައްކަން ހުރި ރަޒާނަށެވެ. ނޫސްވެރިން ކުރަމުންދިޔަ ސުވާލުތަކަށް ޖެހިލުމެއްނެތި ޔަޤީންކަމާއެކު ޖަވާބު ދެމުން ދިޔަ ރަޒާންގެ ކޮންމެ ޖުމުލައާއެކު ރޫޔާގެ ހިނިތުންވުން ފުން ވަމުންދިޔައީ ފަޚުރުވެރިކަމާއެކު އެވެ.
އަތުގައި އޮތް ފޯނު ހުޅުވައިލުމަށްފަހު ރޫޔާ ރަޒާނަށް ކުޑަ މެސެޖެއް ފޮނުވައިލިއެވެ. ފޯނު އަނބުރާ ސޯފާ މަތީ ބާއްވައިލުމަށްފަހު ރޫޔާ އަނެއްކާވެސް ޓީވީއަށް ސަމާލުކަން ދިނީ، ކޮންމެހެން ރަޒާން އެވަގުތު އެ މެސެޖު ކިޔާނެކަމަށް ހީވެގެންނެއް ނޫނެވެ.
އެހެނަސް، ނޫސްވެރިޔަކު ކުރަމުންދިޔަ ސުވާލު އަޑުއަހަމުން ރަޒާން އޭނާގެ ފޯނަށް ބަލައިލިތަން އެ ތިން އެކުވެރިންނަށްވެސް ފެނުނެވެ. އެ ފޯނަށް ލިބުނު މެސެޖުކިޔާލުމާއެކު މޫނުމައްޗަށް ވެރިވި ކުޑަ ލުއި ހިނިތުންވުން ފެނި ޝަފަޤާއި ޝެހެނާ ހަޅޭއްލަވައިގަތުނީ އެކީ އެކުގައިއެވެ.
“ޔަޤީން ރޫގެ މެސެޖު ފެނިގެން…ޔަޤީން” ޝަފަޤް ރޫޔާ ގައިގައި އޮޅުލައިގަތުމުން ތަޅުވައިލިއެވެ.
“މަވެސް….”
“ދެންމެ ރޫ ފޮނުވި މެސެޖަށްތަ އޭނާ ފޯނު ބެލީ؟” މައިރާގެ އަޑު ޝަފަޤްގެ ފޯނުން އިވުނެވެ.
“ހޫމް…ރޫ ކޮންމެވެސް މެސެޖެއްކުރީ” ޝެހެނާ ބުނެލިއެވެ.
“ދެންވެސް ދިމާކުރުން ހުއްޓާފައި އަޑުއަހާބަލަ” ރޫޔާ އެހެން ބުނުމާއެކު ދިމާކުރުން އިތުރަށް ގަދަވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Thea reminisces
Follow Me Written By

Thea reminisces

Level 110 Stories

Currently a uni student who decided to fill her free time writing stories. Be ready to dive into thea's world of imagination and drama. Have a happy reading

Other Articles

Previous

ގޮތް ހުސްވެފައި ހުރީމޭ.. 21

Next

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 19)

Next
June 7, 2026

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 19)

Previews
June 7, 2026

ގޮތް ހުސްވެފައި ހުރީމޭ.. 21

2 Comments!

  1. Anonymous says:
    June 7, 2026 at 6:14 am

    Please next avahah up kohdhehcheyy…
    Vrh shaugu veri kamaai eku kiyey vhk eh mee …
    When next??

    1. Thea reminisces Thea reminisces says:
      June 7, 2026 at 6:40 pm

      By this Tuesday or Wednesday

Comments are closed.

Next Episodeމި ލޯތްބާއި ތި ވަޢުދު (8)←


All Right Reserved!