Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މި ލޯތްބާއި ތި ވަޢުދު (8)

Thea reminisces
Thea reminisces Level 210 Stories
May 31, 2026 9 Mins Read
2 Comments

ރަޒާންގެ ކޯލު ކެނޑުމާއެކު ރޫޔާ ކަންފަތުން އެ ފޯނު ތިރިކޮށްލިއެވެ. ވިސްނުމެއްގައި ގެއްލިހުރެ، ރޭގަނޑުގެ އަނދިރި އުޑުގައި ވެރިކަންކުރަމުންދާ ސާދަވިލޭރޭގެ ވަށްހަނދަށް ބަލައިލިއެވެ. ޖެހެމުންދިޔަ ފިނި ރޯޅިތަކާއެކު އޭނާގެ އިސްތަށިގަނޑު ވިހުރެމުންދިޔައެވެ. މަޑުނެގިފައި އިން ރޫޔާ ވިސްނަމުން ދިޔައީ ދެންމެ އޭނާ ރަޒާން ކައިރި ދެއްކި ވާހަކައާ މެދުއެވެ.

ގެވެށި އަނިޔާގެ ކުށުގެ ސަބަބުން އޭނާގެ އުފަން ބައްޕަ އިސްމާޢިލް ޖަލަށް ދިޔައީ އެނާގެ ޢުމުރުން އަށް އަހަރުގައެވެ. ހަލީމާއަށް ދިން އަނިޔާގެ ބޮޑުކަމުން އެ ބައްޕައަށް ލިބުނީ ދިހަ އަހަރުގެ ބޮޑު ހުކުމެކެވެ. އޭނާގެ ހަޔާތުގެ އެތައްކަމެއް ނުފެނި، އެތަކެއް ވާހަކަ ނުދެއްކި، އެނާގެ ކާމިޔާބީތައް ދުށުމުން އެ ބައްޕަ މަހުރޫމުވިއެވެ. ޖަލު މުއްދަތު ހަމަކުރުމަށްފަހު، އެ ބައްޕަ ޖަލުން ނިކުތުމުގެ ކުރިން ރޫޔާއަށް ޖެހުނީ ރާއްޖެ ދޫކޮށް ބެލެރަސްއަށް ކިޔަވަންދާންށެވެ. އެ ދެބެއިން ގެއްލުނު ވަގުތުގެ ބަދަލު ނުހޯދިއެވެ. މިހާރުވެސް، އޭނާ ސްޕެޝަލިސްޓަކަށްވާންވެގެން ބޭރަށް ކިޔަވަންދާން ޖެހިލުންވަނީވެސް، ގެއްލިފައިވާ ވަގުތުތައް އިތުރުކުރަން ބޭނުންނުވާތީއެވެ.

އަނެއްކާވެސް ފޯނުގެ ރިންގުވާހެން ހީވުމާއެކު އޭނާ އަތުގެ އޮތް ފޯނަށް ބަލައިލިއެވެ. ބައްޕަގެ ނަން ފެނިފައި އޭނާ ހިނިތުންވެލުނީ ބޭ އިޚްތިޔާރުގައެވެ. އަވަސްއަވަހަށް އެ ފޯނު ނަގައި ކަންފަތުގައި ޖަހައިލިއެވެ.
“ބައްޕަ ތީ ޖާދޫގަރެއްތަ؟ ބައްޕަ މަތިން ހަނދާންކުރަން ހުއްޓާ ތިގުޅީ” ސަމާސާ ކުރާ ރާގަކަށް ރޫޔާ އަހައިލިއެވެ. އެކޮޅުން ހޭ އަޑު އިވިފައި ރޫޔާގެ ހިނިތުންވުން އިތުރަށް ފުންވިއެވެ.
“ނޫނޭ. އެކަމަކު ވެދާނެ ދޯ. ދަރިފުޅު ރަނގަޅުތަ؟” އިސްމާޢިލް ލޯބިން އަހައިލިއެވެ.
“ލައްބަ. ބައްޕަ ރަނގަޅުތަ؟ ކައިފިންތަ؟” ރޫޔާވެސް އުޅުނީ އިސްމާޢިލްގެ ވާނުވާ ހޯދަންށެވެ.
“އާނ. ބައްޕަ ނުކައި ހުރިއްޔާ ދަރިފުޅު ދެރަވާނެކަން އެނގޭތީ ދެން ނުކައެއް ނުހުރެވޭނު.” އިސްމާޢިލްގެ އަނގަޔަށް ފޯއް ފޮއްޗެއްލަމުން ބުނެލިއެވެ. އެނާގެ ހުރި ހަމައެކަނި ދަރިޔަކީވެސް، ހަމައެކަނި ޢާއިލާއަކީވެސް ރޫޔާއެވެ. އެހެންކަމުން، ރޫޔާ ދެރަވާ ވަރުގެ ކަމެއްކުރާކަށް އިސްމާޢިލަކަށް ކުޅަދާނައެއްނޫނެވެ.
“މަންމަ ބުނި ދަރިފުޅު ކޮންމެވެސް ފިރިހެން ކުއްޖަކާ ވާހަކަ ދައްކާ ވާހަކަ…ބައްޕަ ކައިރީ ނުވެސް ބުނެ” އިސްމާޢިލްގެ ޝަކުވާ އިވިފައި ރޫޔާ އިސްދަށަށް ޖަހައިލީ ލަދުންނެވެ. ރަޒާންގެ ވާހަކަތައް ބައްޕައަށް ކިޔައިދެން އޭނާ ހިތުލައިގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެކަމަކު އެ ދުވަސް އެހާ އަވަހަށް އަންނާނެކަމަކަށް އޭނާ ހިޔެއް ނުކުރިއެވެ.
“ރަޒާން ދޯ. އަދި އަޅުގަނޑަށް ފެނިފައި ހުރި ގޮތުން ރަނގަޅު ކުއްޖެއް އޭނާއަކީ. ނަމާދުވެސް ކުރޭ. ދެން ބުނި…އެނާ ބޭނުމެއްނުވޭ އެހާ ގިނަ ދުވަސްވަންދެން ކައިވެނި ނުކޮށް ހުންނާކަށެއް. މިޒަމާނުގައި އެހެން ބުނާނީ އަސްލު ވަރަށް މަދު މީހުންދޯ. އެހެންވީމާ އަޅުގަނޑަށް ޤަބޫލުކުރެވޭ އޭނާއަކީ ރަނގަޅު ކުއްޖެއްކަމަށް” އުޑުމަތީގައިވާ ހަނދުން ނަޒަރު ވަކި ކޮށްލުމެއްނެތި ރޫޔާ ކިޔައިދިނެވެ.
“ތެދެއް، އެކަމަކުވެސް ދަރިފުޅު ބަލައިގެން އުޅެއްޗޭ. ދަރިފުޅު ބޭނުންނަމަ އެ ސޮރުގެ ފޮޓޯއެއް ބައްޕައަށް ފޮނުވަބަލަ”
***

ޖެހިގެން އައި ދުވަހު ރޫޔާ ސިއްހީ މަރުކަޒަށް ދިޔައީ ރަޒާން ފޮނުވި މެސެޖާމެދު ވިސްނަމުންނެވެ. ރަޒާން މެލޭޝިޔާއަށް ދާންވެގެން ފުރި ވާހަކަ މެސެޖުގެ ޒަރިއްޔާއިން އޭނާއަށް އެންގުމަށްފަހު ޚަބަރެއް ނުވެއެވެ.

އޯ.ޕޯ.ޑީ ފެށުމާއެކު ރޫޔާ އުޅުނީ ބަލި މީހުން ބެލުމުގައެވެ. އިރުކޮޅެއްނުވެ، ރަޝްދާ އެކޮޓަރިއަށް ވަދުނީ، އެނާގެ ނަމްބަރު އެރީމައެވެ.
ރަޝްދާ ފެނުމާއެކު ރޫޔާއަށް އެނާ އައި މަޤްސަދު އިނގުނެވެ. ރަޝްދާ ގޮނޑީގައި އިށީނދެލުމަށްފަހު ރޫޔާއަށް ޓެސްޓު ނަތީޖާ އޮތް ސިޓީ އުރަ  ހަވާލުކުރިއެވެ. އެ ސިޓީ އުރައިން ގަނޑު ނެގުމަށްފަހު އޭނާ ރަނގަޅަށް ކިޔަމުންދިޔައެވެ. ކިޔަމުންދާ ކޮންމެ ބަހަކާއެއްކޮށް އޭނާގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން ފުންވަމުންދިޔައެވެ.

މަޑުމަޑުން އެ ކަރުދާސްގަނޑު މޭޒުމަތީގައި އޭނާ ބާއްވައިލީ، ޚަބަރު ދޭނެ ގޮތަކާމެދު ވިސްނަމުންނެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ ރަޝްދާއަށް ބަލައިލިއެވެ.

“މިހާރު ކިހިނެތްވަނީ؟ ބޯ އަނބުރާފަތަ ހުންނަނީ؟”

“އަދިވެސް ވަރުބަލިވެފައި ހުންނަނީ” ރަޝްދާގެ ޖަވާބުން ރޫޔާ މަޑުމަޑުން ބޯ ޖަހައިލިއެވެ. މޭޒުމަތީގައި އޮތް ކަރުދާހަށް ނަޒަރު ހިންގައިލުމަށްފަހު އަނެއްކާވެސް ރޫޔާ ރަޝްދާއަށް ބަލައިލިއެވެ. ރަޝްދާވެސް އިނީ ރޫޔާ ބުނާނެ އެއްޗަކަށް އިންތިޒާރުކުރަމުން، އޭނަ އަށް ބަލައިގެންނެވެ.
“ދައްތަގެ ލޭގައި ހަކުރު ހުރި މިންވަރު މަތި. ވަރަށް މަތި. ލޭގެ ޕްރެޝަރ ވެސް” ރޫޔާ ނަޒަރުން ރަޝްދާ ވަކިކުރުމެއްނެތި ބުނެލިއެވެ.
“ދައްތައަށް ހަކުރު ބަލި ޖެހިފައި ހުރީ” އެ ޖުމުލައާއެކު މުޅި ކޮޓަރިއަށް ހަމަ ހިމޭންކަން ވެރިވިއެވެ. އެއްވެސް ބަހެއް ނުބުނެ ރޫޔާ ރަޝްދާއަށް ބަލަން ހުރީ ރަޝްދާ އެއްޗެކޭ ބުނަންދެންނެވެ.
“ދައްތައަށްވެސް ހީވި ތިހެން” ރަޝްދާ އެހެން ބުނެލީ އެނާގެ އަތަށް ނަޒަރު ހުއްޓައިގެންނެވެ.
“ތެދަށް ބުނާނަމަ، މިކަމެއްވެގެން އުޅޭތާ އިރެއްވެއްޖެ”

ރޫޔާގެ ބަހަށް ރަޝްދާ އިސްއުފުލާ ބަލާލިއެވެ. މިފަހަރު އެމޫނުމަތީން ބިރުވެރިކަމާއި ހާސްކަން ފެންނަން ހުއްޓެވެ.
“ތިޔަ ބުނީ؟”
ރޫޔާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޯގާތެރިކަމާއެކު ރަޝްދާއަށް ބަލައިލީ، އެ ހިތުގައި ހަމްދަރުދީ އުފެދިފައިވާ ހާލުގައެވެ.
“ކިޑްނީއަށް ގެއްލުންވަމުންދާ ކަމުގެ ޢަލާމަތްތައް ފެންނަން އެބަހުރި ޓެސްޓުން” އެ ޖުމްލައިން ރަޝްދާއަށް ކުރި އަސަރު ނުހަނު ބޮޑެވެ.
“އަހަރެންގެ ކިޑްނީ؟” ޤަބޫލުކުރަން ދަތިވެފައި ހުރެ ރޫޔާ ގާތު ސުވާލުކުރެވުނީވެސް ޔަޤީންކުރަންވެގެންނެވެ. ރޫޔާ އެ ސުވާލަށް ބޯ ޖަހައިލިއެވެ.
“ދައްތައަށްވެސް އެނގޭދޯ ކިޑްނީއަކީ ލޭ ސާފްކޮށްދީ، ލޭގައި ހުންނަ ބޭނުން ނުވާ މާއްދާތައް ނައްތާލާ، ފިލްޓަރ ގުނަވަނެއްކަން. ލޭގެ ހަކުރު މަތިވުމުގެ ސަބަބުން ކިޑްނީގެ މަސައްކަތަށް އަސަރުކޮށް، ރަނގަޅަށް ފިލްޓަރު ނުކުރުވެނީ. ރަނގަޅަށް ކިޑްނީ މަސައްކަތް ކުރާނަމަ، ކުޑަކަމުދާ ތަކެތީގައި ޕްރޮޓީނެއް ނުހުންނާނެ. ކިޑްނީ ރަނގަޅަށް މަސައްކަތް ނުކުރާތީވެ، ކުޑަ ކަމުދާ ތަކެތީގައި ޕްރޮޓިން ހުންނާނެ. ދައްތަގެ ކުޑަކަމުދާ ޓެސްޓުން، ކުޑަކަމުދާ ތަކެތީގައި ޕްރޮޓީން ހުރި ވަރު މަތި. އެހެންވެ އެ ގުނަވަން ރަނގަޅަށް މަސައްކަތް ނުކުރަތީވެ ލޭގައި މި ބުނާ ބޭނުންނުވާ މާއްދާތައް ގިނަވެ، ލޭ މައްޗަށްގޮސް. ވަރުބަލިވެ، ތަންތަން ދުޅަވަނީ.” ރޫޔާގެ ތަފްސީލާއެކު އަނެއްކާވެސް އެކޮޓަރިއަށް މަޑުމޮޅިކަމެއްވެރިވިއެވެ. އެނާ ދިން މަޢުލޫމާތާމެދު ވިސްނަން ރަޝްދާއަށް ފުރުސަތު ދިނެވެ.
“އެއީ ނުރައްކާތެރި ކަމެއްތަ؟” އެ ސުވާލާއެކު ރޫޔާ ހަށިގަނޑު ތެދުކޮށްލުމަށް ފަހު ބޯ ޖަހައިލިއެވެ. “ފަރުވާ ނުކޮށް ލަސް ކުރާނަމަ ސީރިއަސް ވެދާނެ”
“އޮޕަރޭޝަން ކުރަން ޖެހޭތަ؟”
“ނޫން. މިހާރަކު ނޫން”
“އަހަރެން މަރުވާނެތަ؟” ރަޝްދާގެ ސާދާ ސުވާލުން ރޫޔާގެ ހިތަށްވެސް ތަދުވިއެވެ.
“އަދި އެ ހިސާބަކަށް ނުދޭ. އަލްޙަމްދުﷲ. އެކަމަކު ފަރުވާ ވަގުތުން ފަނައި، މި ކަން ރަނގަޅަށް ކޮންޓްރޯލް ކުރަން ޖެހޭ”
ރޫޔާގެ ބަހާ އެއްކޮށް ރަޝްދާ ދުރަށް ނަޒަރު ހިންގައިލިއެވެ. އެ ދެލޯ ފެންކަޅިވެފައި ހުރިތަން ރޫޔާއަށް ރަނގަޅަށްވެސް ފެނުނެވެ.
“ދައްތަ ހީކުރީ ދައްތަ މުސްކުޅިވާތީ ކަމަށް މިހެން މިވަނީ. އެކަމަކު ހިޔެއް ނުކުރަން މިހާ ގޯސް ވެދާނެ ކަމަކަށް.” ކައިރީގައި ހުރި ޓިޝޫ ފޮށިން ޓިޝުލެއް ނަގައި ރޫޔާ ދިއްކޮށްލުމުން، އެ ޓިޝުލުން ރަޝްފާގެ ލޮލަށް ޖަމާވި ކަރުނަތައް ފޮހެލިއެވެ.
“ޝަފަޤް ކައިރީ ނުބުނަންތަ ބަލި ވާހަކައެއް؟”
“އަހަރެން ބޭނުން ނުވީ އެއްވެސް މީހެއް ގާތު އަހަރެންގެ ހާލު ކިޔައިދީ، މީހަކަށް އުނދަގޫ ކުރާކަށް.” ރަޝްދާ ބޯހުރައިލިތަން ފެނިފައި ރޫޔާ ދެލޯ މަރައިލިއެވެ. ރަޝްދާ މިކަން ސިއްރުކޮށްގެން އުޅުނީ އޭނަގެ އަމިއްލަ ނަފްސަށްޓަކައެއް ނޫނެވެ. ދަރިންނަށްޓަކައެވެ. ދަރިންނަށްޓަކައި މައިން ވާ ޤުރުބާނީއެކެވެ. ދަރިންގެ މުސްތަޤުބަލަށްޓަކައި އަޅާނުލާ ދޫކޮށްލި އާލާމަތްތަކެވެ. އެ ދަރިންގެ އުފަލަށްޓަކައި ފަސްކުރި ކުރުމެވެ. އެ ދަރިންގެ ދިރިއުޅުމަށްޓަކައި ހިމޭނުން ހުރެ އުފުލި ވޭނާ ތަދެވެ.
“ދައްތާ.. އެދެމީހުންނަށް މިކަން އެނގެންޖެހޭ. މިއީ އެހާ ކުޑަކަމެއްނޫން”
ރަޝްދާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ދެލޯ ބޮޑުކޮށްލުމަށްފަހު އާދޭހާއެކު ރޫޔާއަށް ބަލައިލިއެވެ. “ނޫން…އަހަރެންގެ ސަބަބުން އެ ދެކުދިން ހުރިހާ ކަމެއް ދޫކޮށްލަން އަހަންނެއް ބޭނުމެއް ނޫން” ކުރަކި އަޑަކުން ރަޝްދާ ބުނެލިއެވެ. “ހާއްސަކޮށް، ޝަފަޤް..އަހަންނަށް އެނގޭ އޭނާ އެ ވަޒީފާއަށް ކުރި މަސައްކަތާއި އުންމީދު. ހަމައެކަނި އަހަރެން ބަލިވީމައޭ ކިޔައިފައި ވަޒީފާއާއި ހުރިހާ ކަމެއް ދޫކޮށްލައި، އަހަރެންގެ ބަލަން އަންނާކަށެއް ބޭނުމެއްނޫން”
ރޫޔާ ހަމަ ހިމޭންވިއެވެ. ރަޝްދާ ބުންޏަކަސް ހަޤީޤަތްވާނީ ހަޤީގަތަށެވެ. އޭނާއަށްވެސް ޝަފަޤް ރަނގަޅަށް އެނގެއެވެ. ޝަފަޤަށް، އޭނާގެ މަންމަގެ ހާލަތު އެނގޭ ހިސާބުން، މަސައްކަތާއި ދިރިއުޅުން ދޫކޮށްލުމަށްފަހު މަންމަގެ ޚިދުމަތަށް އަންނާނެކަން ޔަޤީނެވެ.

“ފަހަރެއްގައި މާލެއިން ފަރުވާ ހޯދަން ޖެހިދާނެ. ކިޑްނީގެ ހާލަތު ގޯސްވެއްޖެނަމަ، ކުރިމަގުގައި ޑަޔަލިސިސް ހަދަންވެސް ޖެހިދާނެ” އެއާއެކު ޜަޝްދާގެ މޫނުމަތިން ކުލަ ފަނޑުވިއެވެ. “އަދި އެހިސާބަކަށް ނުދޭ” ރަޝްދާ ބޯ ގޯސްނުވަނީސް އަވަސްއަވަހަށް ރޫޔާ އެ ޖުމުލަ އިތުރުކޮށްލިއެވެ.

***

ކުއަލަ ލަމްޕޫރ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާރމިނަލް އެކަކުން ނުކުމެގެން އައި ރަޒާން ނަޒަރު ހިންގައިލީ ރާއިފް ފެނޭތޯއެވެ. ކަޅުކުލައިގެ ގަމީހަކާއި ކަޅު ކުލައިގެ ފަޓުލޫނުން ރަޒާންގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. ގަމީހުގެ އަތުކުރިވަނީ އުޅަނބޮށްޓާ ހަމައަށް އޮޅާލެވިފައެވެ. އެ މަސް ހަރުލައިފައި ހުރި މުލައްދަނޑީގެ ބާރުވެރިކަން ބަލާލި ކޮންމެ މީހަކުވެސް ހެކިވާނެއެވެ.

މަގަށް ނުކުވެމާއެކު، ޖެހިގެން އަންނަ ވައިރޯޅިން އެ ބޯ އިސްތަށިގަނޑު އިތުރަށް ހޭވިގެން ދިޔައެވެ. މޫނު މައްޗަށް ވެއްޓުނު އިސްތަށިކޮޅުތައް، އަތުން އަނބުރާ ބޯމައްޗަށް ގެންދަމުން، އޭނާގެ ޖީބުން ފޯނު ނެގިއެވެ. އެ ވަގުތު މީހަކު އޭނާއަށް ހަނާ އަޅާ ހެން ހީވުމާއެކު އިސް އުފުލައިލާ ބަލާލިއެވެ. އޭރު ރާއިފް އޭނާއާ އަރާހަމަކުރަނީއެވެ.
“ދޮންބޭ” ރާއިފް އެދިޔަ ގޮތަށްގޮސް ރަޒާންގެ ގައިގައި އޮޅުލައިގަތެވެ. “މި ދޯ..އަހަރެމެންނަށް ދޭން ބުނި ހަދިޔާއަކީ. މަންމަމެން އެންމެން ހީކުރީ ދޮންބެ ބަނބުކެޔޮ ޑަބިޔާ އެހެންނޫނީ ކޮންމެވެސް އެއްޗެއް ފޮނުވީކަމަށް” ރަޒާންގެ ކޮނޑުގައި ޖަހައިލަމުން ރާއިފް ބުނެލިއެވެ. “އެހެންވީމާ ތި މުހިންމުވީ ދޮންބެއަށްވުރެ ބަނބުކެޔޮ ޑަބިޔާތާ” ރަޒާން ރާއިފްގެ ބޯ ހާވަލަމުން ބުނެލިއެވެ. ރަޒާންގެ އެ އަމަލުން ރާއިފް މޫނު ކުނިކޮށްލިއެވެ. އެހެނަސް މާގިނައިރު ނުވެ އަނެއްކާވެސް އެމޫނު މައްޗަށް އުފާވެރިކަން އައެވެ.
“ދެންވެސް ހިނގާބަލަ ދާން” ރަޒާން އެހެން ބުނުމުން ރާއިފް ކާރުގެ ޑްރައިވަރަށް ހަނާއެޅިއެވެ.
***
“ޝަފީޤް. އޮރެންޖު ފަނިތަށްޓެއް ގެންނަންތަ؟” ބަދިގެއިން ނުކުމެގެންއައި ރަހުމާއަށް، ސޯފާގައި އިށީނދެއިދެ، ފޯނުން ޚަބަރު ކިޔަން އިން ޝަފީޤް ފެނިފައި އަހާލިއެވެ. ރަހުމާގެ އަޑަށް އެދިމާއަށް ޝަފީޤު ބޯ އަނބުރާލުމަށްފަހު ލުއި ހިނިތުންވުމަކާއެކު ބޯ ޖަހައިލިއެވެ.
“ތިއްތި އަދިވެސް ނާދޭތަ؟” ޝަފީޤް ކައިރީގައި ސޯފާގައި އޮށޯވެ އޮތް ރަނާ ފޫހި ރާގަކަށް އަހާލިއެވެ.
“ރަނާ ފޫހިވީތަ؟” އެ ދަރިފުޅުގެ ބޮލުގައި ޝަފީޤް ފިރުމައިލިއެވެ.
“ހޫމް. ދޮންބެ ބުނި ހަދިޔާ މިއަދު ލިބޭނެޔޯ. ނުވެސް ބުނޭ ކޮން ހަދިޔާއެއް ކަމެއްވެސް. އަޅުގަނޑު މިހުރީ ކުޅިކާޖާ ނުލާހިކު ކާ ހިތުން” ތުން ދަމާލަމުން ރަނާ ބުނެލިއެވެ.
“ހައްދަވައިގެން ރަނގަޅު އެއްޗެއް ނުކާތި،” އެ ދެބެއިންގެ ކުރިމަތީގައިހުރި ސޯފާގައި، ކޮފީ ތައްޓެއް ހިފައިގެން އިށީނނަމުން އުސްމާނު ބުނެލިއެވެ.
“ބޮޑުދޮންބޭ…އަޅުގަނޑު ހެލްތީ އެއްޗެހިވެސް ކަމޭ.” ތުން އޫކުރަމުން ރަނާ ބުންޏެވެ.
“ނޫނޭ. ބޮޑުދޮންބެއަކަށް ނުފެނޭ ތިކަމެއް” އުސްމާނު ލޯބިން ރަނާއާ ސަމާސާ ކުރަންފެށިއެވެ.

އެސަކަރާތުގައި އެ ތިން މީހުން ތިއްބައި، އެ އެޕާޓުމެންޓުގެ ބޮޑު ދޮރު ހުޅުވައިލައިގެން ވަދެގެން އައި ރާއިފް، އުސްމާނުއަށް ފެނުނެވެ. އެކަމަކު ރާއިފްގެ އަތުން ހަދިޔާ ފޮށިގަނޑު ނެތުމުން، އެނާ ދެ ބޮމަ ގޮށްޖަހައިލީ ވާނުވާގައި ހުރެފައެވެ.
“ހަދިޔާ ބަލާ ދިޔަ މީހާ އަތަކުއެއް ނެތް ހަދިޔާއެއް” އުސްމާނު އެހެން ބުނުމުން ރަނާވެސް ދޮރާ ދިމާލަށް ބަލައިލިއެވެ. ރާއިފްގެ ލާނެއް ހިނިތުންވުން ފެނިފައި ރަނާ ސުވާލުކުރީ ލިބެން އުޅޭ ހަދިޔާގެ ބޮޑު ކަން ނޭނގޭ ހާލުއެވެ.
“ތިއްތިބޭ، ކޮބާ ހަދިޔާ؟” ރަނާގެ އެ ސުވާލާއެކު ރާއިފް ދޮރުގެ އަނެއް ފަރާތުގައި ހުރި މީހާ ކައިރީ ވަންނަން ދަޢުވަތު ދިނެވެ.
“ދޮންބޭ؟؟!!” އެ އެޕާޓުމެންޓަށް ވަދެގެން އައި ރަޒާން ފެނިފައި، ކެންގަރޫއެއްހެން ފުންމައިގަނެ ރަނާ ހަޅޭއްލަވަމުން، ދުވެފައި ގޮސް ރަޒާންގެ ގައިގައި އޮޅުލައިގަތެވެ.
“މަންމާ! ބައްޕާ! ދޮންބެ އަތުވެއްޖެ!!” ރަޒާންގެ ކަރުގައި އެލިގެން ހުރެ، ރަނާ ފުންމަމުން އެންމެންނަށް އިވޭވަރަށް ބުންޏެވެ. ރަނާގެ އަޑަށް ރަހުމާވެސް ބަދިގެ ދޮރާށިން ސިޓިން ރޫމަށް ބޯ ދިއްކޮށްލިއެވެ.
ހުރި ހަމައެކަނި އަންހެން ކޮއްކޮ އުޅޭގޮތް ފެނިފައި ރަޒާންގެ ގާތަށް ހިނިވެސްއައެވެ. އެއް އަތުން ރަނާގެ ބޯ ހާވައިލަމުން، އޭނާ ދެން ތިބި މީހުންނަށް ބަލައިލިއެވެ.
“ބައްޕާ..ބޮޑުދޮންބޭ” ލުއި ހިނިތުންވުމަކާއެކު ރަޒާން އެ ދެމީހުންގެ ގާތަށް ހިނގައިގަތެވެ. އުސްމާނުވެސް އިށީނދެގެން އިން ސޯފާއިން ތެދުވެގަނެފައި، ރަޒާންގެ ގައިގައި ބައްދައިގަތުނެވެ. ރަޒާންވެސް އެ ބައްދައިގަތުން ބަލައިގަތުނެވެ. ބޮޑުދޮންބެގެ ކޮނޑުގައި ޖަހައިލަމުން އޭނާ ދުރަށް ޖެހިލައި ޝަފީޤަށް ބަލައިލިއެވެ.
“އެވަރުންވެސް ނާންނާށޭ ބުނީމަ ތިއައީ” އެ ބައްޕަގެ އަޑުގައި ނުރުހުންތެރިކަން ހުރިއެއްކަމަކު، އެ މޫނު މަތިންވެސް ފެންނަނީ އުޖާލާކަމެވެ. ގެން ގުޅޭ އަސާގަނޑުގެ އެހީގައި ކޮޅަށް ތެދުވުމަށްފަހު އެ ދަރިފުޅު ގަޔާ ކައިރިކޮށްލިއެވެ. ޝަފީޤްގެ ބަލީގެ ސަބަބުން ޒަޚަމްވެފައިވާ އެ ހިތަށް، އެ ދަރިފުޅު ފެނުމާއެކު އަރާމެއް ލިބުން ފަދައެވެ. ހިތުން ޙަމްދު ކުރެވުނީ އެ ދަރިފުޅަށް އޭނާ ކުރިމައްޗަށް އައުމުގެ ފުރުސަތު ތަޤުދީރު ނިޔާކުރީމައެވެ.
“ދެންވެސް ބުނެބަލަ ވަރަށް އުފާވެއްޖޭ ދޮށީދަރި ފެނުނީމަ” ރަޒާން އެ ބައްޕައާ ދުރަށްޖެހިލަމުން ބުންޏެވެ.
“ހޫމް…ވަރަށް އުފާވެއްޖެ ދަރިފުޅު އައިމަ”
“ދަރިފުޅާ” ބަދިގެއިން ނުކުތް ރަހުމާވެސް އައިސް ރަޒާންގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. “ނުވެސް ބުނެ”
“ބުނީމަ ސަޕްރައިޒަކަށް ނުވާނެ އެއްނު…ކޮންޗެއް ތި ކައްކަނީ؟” ރަޒާން އެ މަންމަގެ ބޮލުގައި ފިރުމައިލަމުން އަހައިލިއެވެ.
“އަދި ނުވިސްނަން ކައްކާނެ އެއްޗަކަށް…ދަރިފުޅު އައީމަ ދެން މި ވިސްނަނީ ބިރިޔާނީ ހަދަން” ރަހުމާ ރަޒާން ކައިރިން ދުރަށް ޖެހިލުމުން ރަނާ އަނެއްކާވެސް ރަޒާންގެ އަތުގައި  އޮޅުލައިގަތުނެވެ.
“ކުޅިކާޖާއަށްވުރެ ވެސް މޮޅު ހަދިޔާއެއް މިލިބުނީ” ރަނާ ހުރީ ރަނގަޅަށްވެސް ފޮނިވެފައެވެ. ރަޒާންގެ މުލައްދަނޑިން އޭނާ ދޫކުރާކަށް ނޫޅުނެވެ.

ބައްޕަމެންނާ އިރުކޮޅެއްވަންދެން ވާހަކަ ދައްކަން ހުރެފައި، ރަޒާން އެ އެޕާޓުމެންގެ ދެވަނަ ބުރިއަށް އެރީ، އޭނާއަށް ހާއްސަކޮށްފައިވާ ކޮޓަރިއަށް ދާންވެގެންނެވެ. ކޮޓަރިއަށްވަދެ، ދޮރު ތަޅުލުމަށްފަހު އެނދުގައި އިށީނދެލިއެވެ. ރޫޔާ ރޭގައި ދެއްކި ބަހުގައި ހިފައި، އެނާ މެލެޝިޔާއަށް އައީ އިތުރު ދެވަނަ ޚިޔާލެއް ނުކޮށެވެ. އެނދުގައި އޮށޯ ވެލުމަށްފަހު، ޖީބުގައި އޮތް ފޯނު ނެގިއެވެ. ލޮކް ސްކްރީނު ހުޅުވުމާއެކު އެ ސްކްރީނުން ފާޅުވީ، ވަސީމްގެ ޕަޓީގައި ނެގި ރޫޔާއާއި ރަޒާންގެ ފޮޓޯގަނޑެކެވެ.

ރޫޔާގެ ރަކި މޫނު ފެނިފައި ރަޒާންގެ ހިތަށް ފިނިކަމެއް ލިބުނެވެ. އެ ލަދުވެތި ހިނިތުންވުމުގެ ސަބަބުން ހަނި ވެފައިވާ ދެލޮލާއި، ކޯތާފަތަށް ލޭ އެރުމުގެ ސަބަބުން އަރައިފައިވާ ޖަންބުކުލައިން ރޫޔާގެ ބުރޫސޫރައަށް އިތުރު ރީތިކަމެއް ގެނެސްދޭފަދައެވެ. ފޯނުން އެއްވެސްކަމެއް ނުކޮށް، އެ ފޮޓޯއަށް ބަލަން އޭނާއަށް އެތައްއިރެއް ވަންދެން އިނދެވޭނެއެވެ. އެހެނަސް އޭނާ ކުރަން ޖެހޭ ކަމެއް އޮތުމާއެކު އޭނާ ވައިބަރ ހުޅުވައިލިއެވެ.
ފުންނޭވާއެއް ލުމަށްފަހު، ރަޒާން އަވަހަށް ރޫޔާއަށް ގުޅަން އުޅުނެވެ. ފޯނު ދެތިން ފަހަރު ރިންގު ވުމަށްފަހު އެކޮޅުން ފޯނު ނެގިއެވެ.
“ރަޒާން؟” ރޫޔާގެ އަޑުގައި ކުޑަވަރެއްގެ ހާސްކަމެއް ހުއްޓެވެ. “މެލޭއަށް ދެވުނީތަ؟”
“ހޫމް. ގެއަށް އައީ ހަމަ މީގެ އިރުކޮޅެއް ކުރިން.” ރަޒާން އެ ކޯލް ސްޕީކަރަށް ލުމަށްފަހު އެނދުން ތެދުވެ، ގަމީހުގެ ގޮށްތައް ނައްޓަންފެށިއެވެ.
“ބައްޕަ އޯކޭތަ؟ ރެސްޓުކުރިންތަ؟ ކައިފިންތަ؟ އަނެއްކާ ދަތުރު ވަރުބަލި ނުވޭތަ؟” ފުލުފުލަށް އައި ރޫޔާގެ ސުވާލުތަކުން ރަޒާނަށް ހީލެވުނެވެ.
“ބައްޕަ އޯކޭ އަދި. ރެސްޓެއް ނުކުރަން. އަދި އެއް ނުކަން. ދަތުރު ވަރުބަލިވެފަ މިހުރީ. ރޫޔާ އާ ހެދި؟” އެ ކަސްރަތީ  ހަށިގަނޑުން، ލައިގެން ހުރި ގަމީސް ވަކިކޮށްލުމަށްފަހު އަނެއްކާވެސް ރަޒާން އެނދުގައި އޮށޯވެލިއެވެ.
“އޭނ؟ އަހަރެން ކިހިނެއް ހެދީ؟” ރޫޔާގެ އަޑު އައީ ރަޒާން ހީކުރި ވަރަށްވުރެ ސީރިއަސް ކޮށެވެ. މިފަހަރު ރަޒާނަށް ރަނގަޅަށް ހެވުނެވެ.
“ރޫޔާގެ މަތިން ހަނދާންވާ ވަރުން. މިހާރު ހިތަށް އަރާ ފޮށްޓަކަށް ލާފަ މަށާއެކު ގެނެވުނު ނަމައޭ” ރަޒާންގެ ޖުމުލައާ އެކު ރޫޔާ ޕިސްޕިސް ލައްވަން ފެށިއެވެ. އެނދުމަތީގައި އޮތް ފޯނު ނަގައި ރަޒާން އެ ކޯލް ވީޑިޔޯ ކޯލަށް ބަދަލުކުރިއެވެ. އެއާއެކު ފޯނުގެ ސްކްރީނަށް ރޫޔާގެ ސޫރަ އަރައިގެން ދިޔައެވެ. ހާވައިލައިފައި އޮތް އިސްތަށިގަނޑާއި، ލައިގެން ހުރި ޖޯޒީ ޓީޝާޓުގައި ހުރި ރޫތައް ފެނިފައި އެނާ ދެންމެ ހޭލިކަން ރަޒާނަށް އެނގުނެވެ.
“އިމިގްރޭޝަނުން ހުއްޓުވާނެ. އެމީހުން ހީކުރާނެ ރަޒާނަކީ ޓްރެފިކަރ އެއްކަމަށް” ރޫޔާ މޫނުމައްޗަށް ވެއްޓުނު އިސްތަށިކޮޅު ބޯ މައްޗަށް އެއްލައިލަމުން ބުނެލިއެވެ.
“ދޮގެއް ނޫން. ދެން އޮތީ އެންމެ ގޮތެއްކަންނޭނގެ އަހަރެން ދާހާ ތަނަކަށް ރޫޔާ ގެންދަން” ބޯ ދަށަށް އެއް އަތް ލަމުން ރަޒާން ބުނެލިއެވެ.
“އެ ކޮން ގޮތެއް؟” އެނދު ކައިރީ ހުރި ކަބަޑުމަތިން ފެން ފުޅި ނެގުމަށްފަހު ކޯ ވަރެއް ބޯލަމުން ރޫޔާ އަހައިލިއެވެ.
“ރޫޔާ އަހަރެންގެ އަނބިމިހާއަށް ވުން” ފެން ބޯން ހުރި ރޫޔާ ވަގުތުން ކޮށި އެރިއެވެ. އަވަހަށް ފޯނު ތިރިކޮށްލުމަށްފަހު އޭނާ އުޅުނީ، އަމިއްލަ ނަފްސު ހަމައަކަށް އެޅުވުމަށެވެ.
“ރަޒާން!!”
“ލައްބަ ރޫޔާ” ރަޒާން ރޫޔާއަށް އިޖާބަ ދިނީވެސް ވަރަށް ލޯބިންނެވެ.
“ތިދެން މީހުން…އަޅޭ…ދެން ކީކޭ ބުނާނި؟” ރޫޔާއަށް ރަޒާންގެ ބަހަށް ރައްދު ދޭނެ ގޮތެއްވެސް ނޭނގުނެވެ.
“މިހެން. އަހަރެންވެސް ބޭނުން ރަޒާންގެ ވައިފްއަށް ވާން. ކިހާ ފަސޭހަ؟” ރޫޔާގެ މޫނަށް އެރި ލަދު ހިނިތުންވުމާއި ކޮލަށް އެރި ރަތްކަން ފެނި ރަޒާންގެ ހިނިތުންވުން ފުޅާވިއެވެ.
“ސާބަސް.” ރޫޔާ ފޯނު ސްކްރީނުން ރަޒާނަށް ދެލޯ އަޅައިލިއެއް ކަމަކު، އެ އަޑުގައި ނުރުހުމެއް ނެތެވެ.
“ބޭނުމެއް ނުވޭތަ؟” ރަޒާން ދިމާކުރާ ރާގަކަށް ސުވާލުކުރިއެވެ.
ރޫޔާ ރަޒާންގެ ސުވާލަށް ޖަވާބު ދިނުމެއްނެތި ފޯނަށް ބަލަން އިނީ ހިނިއައިސްފައެވެ. އެހެން ހުރެފައި އޭނާ ބޯ ހުރައިލިއެވެ.
“ޑިއުޓީއިން އައިސް ނިދީތަ؟” ރަޒާން މަޢުޟޫ ބަދަލުކޮށްލިއެވެ. އެ ސުވާލުގެ އިޖާބައަކަށް އޭނާއަށް ލިބުނީ ބޯޖަހައިލުމެކެވެ.
***

“ބައްޕައާއެކު ރާޒުވާ ގަނޑެއް ކުޅެން ބޭނުންތަ؟” އެ ސުވާލު ރަޒާނަށް އައީ، އޭނާ މެލެޝިޔާއަށް އާދެވުނުތާ ދެތިން ދުވަސްފަހުން، އެއް ރޭ ކައި ނިމިގެން، އޭނާ ބެލްކަނީގައި މަޑުކޮށްލައިގެން ހުއްޓައެވެ. އޭނާގެ ފަހަތުން، އަސާއެއްގެ އެހީގައި ބެލްކަންޏަށް ނުކުމެގެން އާ ޝަފީޤް، ގަނޑަކަށް ދަޢުވަތު ދިނީ، އެ ދެބެއިންގެ މާޒީގެ ހަނދާންތައް އާކުރުމުގެ ނިޔަތުގައެވެ.
އަތުގައި އޮތް ފޯނު ޖީބަށް ލުމަށްފަހު، ބައްޕަ އަތުލަފިކޮށްގެން ދެމީހުން ވަދުނީ ޝަފީޤުގެ ކުޑަ އޮފީހަށެވެ. ދޮރު ހުޅުވައިލުމާއެކު ފެނިގެން ދަނީ ކުޑަ ވަރެއްގެ ސޯފާއަކާއި އޮފީސް މޭޒެކެވެ. އެ ކޮޓަރިއަށް ވަދެވުމާއެކު، ފާރުކައިރީ އަތުރައިފައި ހުރި ފޮތް ކަބަޑުތަކުން، ޝަފީޤަކީ ކިޔުންތެރިއެއްކަން ހާމަވެގެން ދެއެވެ. އެ ކޮޓަރީގެ ކުޑަ ދޮރު ކައިރީ ކުޑަ މޭޒާއި ދެ ގޮނޑި ބަހައްޓައިފައި ވެއެވެ. އެ މޭޒުމަތީގައި ރާޒުވާ ބޯޑަކާއި، އެ ބޯޑުމަތީގައި ރީތިކޮށް އަތުރައިފައިވާ ކުޅިތަކެއް ވެއެވެ.
ޝަފީޤު ގޮނޑީގައި އިށީނުމުން ރަޒާންވެސް، ބައްޕަ ކުރިމައްޗަށްވާ ގޮތަށް ގޮނޑީގައި އިށީނދެލިއެވެ. ހަމަ ހިމޭންކަންމަތީ އެ ކުޅިގަނޑު ފެށިގެން ދިޔައިރު، އެ ކޮޓަރީގައި ގުގުމަމުން ދާ އަޑަކީ ގަޑީގެ ސިކުންތު ކަށިން ގޮވަމުން ދާ އަޑެވެ.
ޝަފީޤުގެ ބޮޑުބޯ ގޮޅިއަކަށް ޖައްސާލިއިރު އޭނާގެ އަތް ކުޑަކޮށް ތުރުތުރުލި ތަން ރަޒާނަށް ފެނުނެވެ. އެހެންވެސް އެއްޗެކޭ ނުބުނީ ބައްޕަ ދޭނެ ރައްދު އެނގޭތީއެވެ.
“ދަރިފުޅުގެ ރިޔާ އެ އޮތީ ހާމައަށް” ޝަފީޤް ބޯޑަށް އިޝާރަތް ކުރަމުން ބުންޏެވެ. “ތދަރިފުޅު ތި ވިސްނަނީ ލޯޔަރެއް ހެން. ކޮންޓްރޯލު ކުރުމުގެ ބަދަލުގައި ހޯދަން ތި އުޅެނީ ލޫޕްހޯލެއް” ޝަފީޤްގެ ބަހަށް، ރަޒާން އިސްއުފުލާ ބަލައެއް ނުލިއެވެ.
އޭނާގެ ރިޔާ ސަލާމަތް ކުރުމަށްޓަކައި އަސް ޖައްސާލިއެވެ. “އަހަރެން މި ވިސްނަނީ ނަތީޖާއާ މެދު.”
ޝަފީޤުގެ މޫނު މައްޗަށް ހިނިތުންވުމެއް އެރިއެއް ކަމަކު، އޭނާގެ ލޮލަކަށް އެ ހިނިތުންވުމެއް ނުފޯރައެވެ.
“ބައްޕަ ބަލި ކިހިނެއްތަ؟ ޑޮކްޓަރ ބުނީ ކީކޭ؟”
“ޑޮކްޓަރ ބުނަނީ އަރާމު ކުރާށޭ. އަރާމު ކުރެވޭނެ ފަހުން. އަހަރެމެން މިގޮތަށް އެންމެފަހުން ކުޅުނީ ކޮން އިރަކު؟” ފަރުވާކުޑަ ގޮތަކަށް ޝަފީޤް އަތް ފޮޅައިލިއެވެ.

ބައްޕަގެ ބަހަށް ރަޒާން ނޭވާއެއް ދޫކޮށްލެވުނެވެ. ތެދެކެވެ. އެދެބެއިން މިގޮތަށް ވަގުތު ހޭދަނުކުރާތާ އެތައް ދުވަސްތަކެއްވެއްޖެއެވެ.
“ރަޒާން،” ޝަފީޤުގެ އަޑު މަޑުވިއެވެ. އެ މަޑުމޮޅިވެރި އަޑި އިވިފައި ރަޒާން އިސްއުފުލައި، އެނާގެ ބައްޕައަށް ބަލާލިއެވެ. އެ ދުވަސްވީ، ބަލި ބައްޕަގެ މޫނު މަތިން ފެންނަނީ ވަރުބަލިކަމެވެ. ކުރިއަށް ވުރެ ބޮޑަށް ހިކިވެފައިވާ ހަށިގަނޑެކެވެ. އެ ބައްޕައަކީ ބޯޑްރޫމްތަކުގައި ނިންމުންތަކާ ބެހޭގޮތުން ބަހުސްކުރި އަދި ބޮޑު ވިޔަފާރީ އެމްޕަޔަރެއް ބިނާކުރި މީހެކޭ މިހާރަކު ނުބުނެވޭނެއެވެ.

“ބައްޕައެއް އަބަދަކު ނުހުންނާނެ ދުނިޔޭގައެއް” ޝަފީޤް ބުނެލިއެވެ. “ރަންމުތް ހޯލްޑިންގސް ފެށިގެން ދިޔައީ ކުޑަ ކުޑަ ދޯންޏަކުން. އެ ކުޑަ ވިޔާފާރީ ބޮޑު އެމްޕަޔަރަކަށް ބަދަލުވީ މި ބައްޕަގެ ލޭ އޮހޮރުވައިގެން. ދަރިފުޅަށް ހީވެނީ އެއީ ހަމައެކަނި ވިޔާފާރިއެދޯ. އެކަމަކު ބައްޕައަށް އެ ވިޔަފާރީވެފައިވަނީ ބައްޕަގެ މުޅި ހަޔާތަށް”

“ބައްޕަގެ އެގްޒެކެޓިވުން އެބަތިބި. ބޯޑެއް އެބަތިބި..”
“ބައްޕަ ބޭނުންވަނީ ރަޒާން އެވިޔަފާރިއާ ހަވާލުވާން. ބައްޕަ ބޭނުމެއް ނޫން، އެ އަގުހުރި ތަރިކައަކީ ހަމައެކަނި ވިޔަފާރީއެއްކަމަށް ބަލައި، ހިތުހުރިހާ ގޮތަކަށް ހަދާ މީހުންގެ އަތަށް ހަވާލުކުރަން. ބައްޕަ ބޭނުންވަނީ އޭގެ މުހިންމުކަން އިހުސާސްވާ މީހަކާ ހަވާލުކުރަން”

ވެރިވީ ހަމަހިމޭންކަމެވެ. ބަހެއް ނަޒަރެއް ބަދަލު ނުކުރެވުނީ، އެ ބައްޕަ ބުނި ބަހުގެ ބަރުކަން އިހުސާސްކުރެވިގެންނެވެ. އެނާއަށް ހުރެވުނީ ރާޒުވާ ފިލާގަނޑަށް ބަލަހައްޓައިގެންނެވެ. ހުރިހާ ގޮތަކުންވެސް އެނާގެ ކޮންޓްރޯލް މަޑުމަޑުން ގެއްލެމުންދާ ކަމުގެ އިހުސާސްކުރެވުނެވެ.
“ބައްޕަ ބޮޑުބޯ ޤުރުބާން ކޮށްލިދޯ” ރާޒުވާ ބޯޑަށް ބަލަން ހުރި އިރު، ކުރިން ފާހަގަނުކުރެވުނު ކަމެއް، އޭނާ ވިސްނަމުން ދިޔަ ވަރަކަށް ފެންނަމުން ދިޔައެވެ. “އަޅުގަނޑު ހީކުރީ ބައްޕައަށް ހެދުނު ގޯހެއްކަމަށް”
ރަޒާންގެ ފާހަގަވުންތައް ހާމަކުރުމާއެކު ޝަފީޤަށް ހިނިތުންވެލުނެވެ. “އެއްވެސް ވަކީލެއް ޤަބޫލެއް ނުކުރާނެ އިއްތިފާގެއް” ކުޑަކޮށް ހަށިގަނޑު ތެދުކޮށްލަމުން ޝަފީޤް ބުންޏެވެ. އޭރުވެސް އޭނާގެ ނޭވާލުން ކުރުވެފައިކަން ރަޒާނަށް ފާހަގަކުރެވުނެވެ.
“ދަރިފުޅަށް ބައްޕަގެ ރޭވުންތައް ރީތިކޮށް ފެނި ވިސްނޭ ބައްޕަ ހަދަން އުޅޭގޮތް. އެކަމަކު އެއަށް އިތުބާރު ނުކުރެވޭތީ މައްސަލައަކީ. ކަމަކަށް ކުރިމަތިލަނީ އޭގެ ހެކި ލިބިގެން. ވަކީލަކަށްވެ ހުރެ ކްލައިންޓުން ދިފާޢުކުރުމުގައި އެ ވެދާނެ ރަނގަޅު ސިފައަކަށް. އެކަމަކު ވިޔަފާރީގައި؟ އެއީ ބަލިފަޔެއް. ހެކި އަތަށް ލިބެން ވާއިރަށް އޮންނާނީ ހުރިހާ ކަމެއްވެ ނިމިފަ”

އޭނާ ރަޒާންގެ މަންތިރި އަތުލައިގަތުނެވެ.
“އަޅުގަނޑަކީ ވަކީލެއް”
“ތެދެއް. އެކަމަކު ތީ އަހަރެންގެ ދަރިފުޅުވެސްމެ” ޝަފީޤު އޭނާގެ ބޮނދު ކުރިއަށް ޖެއްސިއެވެ. “ޗެކްމޭޓް”

ރަޒާން އެ ފިލާއަށް ބަލައިލިއެވެ. އޭނާގެ ބައްޕަގެ ބޮނދު އޮތީ ހާމައަށެވެ. އޭނާގެ އަމިއްލަ ކުޅިތައް ހުރީ އެކި ތަންތަނަށް ބެހިފައެވެ. އެއާއެކު ބައްޕަގެ ރޭވުންތައް އޭނާއަށް ސާފުވިއެވެ.

އެ ގަނޑުގެ ފުރަތަމަ ހަރަކާތާ އެކު ފެށިގެން ދިޔައީ ބައްޕަގެ ރޭވުމެވެ. އެ ރޭވުމުގެ ތެރެއިން ބޮޑުބޯ ގުރުބާން ކޮށް، ރިޔާ ހާމަކޮށް ދޫކޮށްލިކަންވެސް އޭނާއަށް ވިސްނުނެވެ. އޭނާ ވަކި ކަމަކާ ވިސްނަން އިން އިރު، އެ ބައްޕަ ވިސްނީ އެ ގަނޑުގެ ހުރިހާ ކަމަކަށެވެ.

“އަޅުގަނޑު ވިސްނާނަން އެކަމާ މެދު” މިފަހަރު ރަޒާން އެ ބައްޕަގެ އެދުމަށް ދެކޮޅު ހަދާކަށް ނެތެވެ.
ރަޒާންގެ ބަސް އިވިފައި ޝަފީޤަށް ހީނުލައެއް ނުހުރެވުނެވެ. އެ ދަރިއާ މެދު ފަޚުރުވެރިވާ ހާލު ދެލޮލުން ކަރުނަ ފާއްދަލިއެވެ. “އެހެން ވީމާ އަލުން ގަނޑެއް ފަށަން އުޅެމާ”

***

“ރަޒާން…ރަޒާން.. ދަރިފުޅާ ބައްޕައަށް ކޮންމެވެސް ގޮތެއް ވެއްޖެ” ރަހުމާގެ ހަޅޭކުގެ އަޑާއެކު، ކޮޓަރި އެނދުމަތީ ނިދާފަ އޮތް ރަޒާނަށް ހޭލެވުނެވެ. ދޮރު ދޭތެރެއިން ވަދެގެން އައި މަންމަގެ ބަސްތައް ފަހުމުވާން އިރުކޮޅެއް ނެގިއެވެ. އެއާއެކު އެ މޫނުމަތިން ނިދީގެ އަސަރު ފިލައިފިއެވެ. އެނދުން ތެދުވެ، ދުވެފައި ކޮޓަރިން ނުކުމެ ސިޓިން ރޫމަށް ނުކުމެވުމާއެކު ފެނުނު މަންޒަރުން އޭނާ ނޭވާ ހުއްޓުނެވެ. ސޯފާ މަތީ ހޭނެތިފައި އޮތް ޝަފީޤުއަށް ގޮވަމުން ރަހުމާ ރޮމުން ދިޔައެވެ.
“ރަޒާން..އެނާ ނޭވާއެއް ނެތޭ!!”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Thea reminisces
Follow Me Written By

Thea reminisces

Level 210 Stories

Currently a uni student who decided to fill her free time writing stories. Be ready to dive into thea's world of imagination and drama. Have a happy reading

Other Articles

Previous

އާއެކޭ ލޯބިވޭ… ސާޅީސް ފަސްވަނަބައި (މަންމަގެ ނަސޭހަތުން އަލިވި ހަޔާތް)

Next

ތިޔަ ނަން މި ހިތުގާ 20

Next
June 1, 2026

ތިޔަ ނަން މި ހިތުގާ 20

Previews
May 31, 2026

އާއެކޭ ލޯބިވޭ… ސާޅީސް ފަސްވަނަބައި (މަންމަގެ ނަސޭހަތުން އަލިވި ހަޔާތް)

2 Comments!

  1. VISNAA says:
    June 1, 2026 at 9:39 am

    varareethi

  2. Lulu says:
    June 1, 2026 at 8:43 pm

    Nice

Comments are closed.

Next Episodeމި ލޯތްބާއި ތި ވަޢުދު (14)←


All Right Reserved!